Asr (Part 17)
އެއަށްފަހު ތުން ފިއްތާލަމުން އަނެއްއަތުން ދޮރުގެ ތަޅު އަނބުރައި އެ ދޮރު ހުޅުވިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނަ ހުއްޓުން އެރިއެވެ. ޝަފަޤް ހުރީ އޭނައަށް ފުރަގަސްވާ ގޮތަށް ޤިބްލައަށް ކުރިމަތިލައިގެން ހަޝަމް ބަނދެ ނަމާދު ކުރާށެވެ. ޝަފަޤްގެ މޫނުގެ ބަދަލުގައި އޭނަގެ ހުދުކުލައިގެ ބޮޑު ދޮޅި ފެންނަމުން ދިޔައިރު ވިސާމްގެ މޫނުމައްޗަށް ވެރިވެފައިވީ ޙައިރާންކަމެވެ. ޝަފަޤް މި ގަޑީގައި ކުއްލިއަކަށް އެ ކުރަނީ ކޮން ނަމާދެއްތޯ އޭނަގެ ހިތަށްއެރިއެވެ. އަޖާއިބެއްފަދަ ކުއްޖެކެވެ. ކޮންމެ ގޮތެއްވިޔަސް ޝަފަޤް އެ ރޮނީ ދެންމެ ވީ ކަންތައްތަކެއްގެ ސަބަބުންކަން ވިސާމަށް ޔަޤީން ކުރެވުނެވެ. އޭނަގެ ލޯބި ނުލިބުމުން ޝަފަޤް މިހާ ދެރަވެދާނެ ކަމަށް އޭނަ ހިއެއްނުކުރެއެވެ. އެހެނީ ފެށުނީއްސުރެވެސް ޝަފަޤް އޭނައަށް އެނގިފައިވަނީ އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް ބާރު ފޯރުވަން ދަންނަ ކުއްޖެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ވިސާމްގެ ހިތަށް ވެރިވީ ވަގުތު ޝަފަޤް އޭނަގެ ރޮވިފައިވާ ވައި އަޑުން ﷲ އަކްބަރު ކިޔައި ރުކޫޢަށް ދިޔައެވެ. އެ މަންޒަރު ބަލަން ހުރެފައި ވިސާމް ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ދާން ހިނގައިގަތީ މިވަގުތު ޝަފަޤްގެ ހިތްހަމަ ޖައްސައިދޭން އޭނައަށް ވަކި ކަމެއް ނުކުރެވޭނެތީވެއެވެ. އެހެނަސް އޭނަ ގެއިން ނިކުމެގެން ދިޔައީ އަނެއްކާވެސް ގެއަށް އައިސް ޝަފަޤްގެ ހިތްހަމަޖައްސައިދޭނެ ގޮތަކާއިމެދު ވިސްނަމުންނެވެ.
ވިސާމް ގެއިން ނިކުމެގެން ދިޔައިރު ވެސް ޝަފަޤްގެ ދެ ރަކުޢަތުގެ ނަމާދު ނުނިމެއެވެ. އެވަގުތު އޭނަ އޮތީ ނަމާދުގެ އެންމެ ފަހު ސަޖިދައިގައެވެ. ވިސާމަށް ހީވީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. އެ ސަޖިދައިގައި އޮވެވެސް އޭނައަށް ބާރަށް ރޮވެމުން ދިޔައީ ވަކި ވިސާމްގެ ލޯބި ނުލިބިގެންނެއްނޫނެވެ. އޭނައަށް ރޮވެމުން ދިޔައީ ވިސާމަށް ހެޔޮ ގޮތް ދެއްކުމަށްޓަކައި އޭނަ ކުރާހާ މަސައްކަތެއް ބޭކާރުވާފަދަ އިޙްޞާޞެއް މިއަދު ކުރެވުމުންނެވެ. އޭނަ ބޭނުންވީ ވިސާމަށްޓަކައި މުސްލިމެއްގެ ރަނގަޅު ނަމޫނާއެއް ދައްކައި އެންމެ ފުރަތަމަ ކަމަކަށް އޭނަގެ ހިތް މަޑު ކުރާށެވެ. ދީނުގެ އެއްވެސް ވާހަކައެއް ދެއްކެވުމުގެ ކުރިން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވެސް އެކަލޭގެފާނުގެ އަޚްލާޤުން އެކަލޭގެފާނުގެ ވަށައިގެންވި އެންމެންގެ ހިތްތަކުން ޖާގަ ހޯއްދެވިގޮތަށް އޭނަގެ އަޚްލާޤުން ވިސާމްގެ ހިތުން ޖާގަ ހޯދާށެވެ. އެހެނަސް މިއަދު ވިސާމްގެ ފަރާތުން އިވުނު ޖަވާބުން އޭނައަށް އެންމެ ފުރިހަމަ އަނތްބަކަށް ނުވެވުނު ކަމަށް ޝަފަޤަށް ނިންމުނެވެ. ފުރިހަމަ އަނތްބަކަށް ވެވުނު ނަމަ މިއަދު ވިސާމް އޭނަދެކެ ލޯބިވީސް ނޫންހެއްޔެވެ؟ އެ ސުވާލާއެކު ޝަފަޤްގެ ހިތް ނާއުއްމީދީ ޚިޔާލުތަކުން ފުރިގެން ދިޔައެވެ. ދެން އޭނަ ވިސާމާއި ދީނާއިބެހޭ ވާހަކައެއް ދައްކާނީ ކޮން ދުލަކުންތޯ ހިތަށްއެރިއެވެ. އަމިއްލަ އުޅުމުން ދީން ނުދެއްކޭ މީހަކު ދީނާއިބެހޭ ވާހަކައެއް ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ ހަމަ މިއާއެކު އޭނަ ކުރާ މަސައްކަތުގައި އެއްވެސް ބަރަކާތެއްނެތި އޭނަގެ އިޚްލާޞްތެރިކަމެއް ނެތުމުން ކަމަށް ނިންމުނެވެ. މާ ގިނައިރެއްނުވެ ﷲ އޭނައާމެދު ރުހިވޮޑިގެންވޭތޯ ހިތަށް ވެރިވުމުން ޝަފަޤަށް އިތުރަށް ރޮވެންފެށިއެވެ. އޭނަ ހަމަ ވަގުތުން އެ ސަޖިދައިގައި އޮވެ ﷲ ގެ ލޯބިފުޅަށް އެދި ދުޢާ ދެންނެވިއެވެ. އަދި ﷲ ރުހިވޮޑިގެންވާ އަޅަކު ކަމުގައި އޭނަ ލެއްވުމަށްއެދި ދުޢާ ކުރިއެވެ. އެއަށްފަހު ޝަފަޤް ސަޖިދައިން ތެދުވެލީ ﷲ އަކީ އެކަލާނގެ އަޅުންގެ ދުޢާތައް އިޖާބަ ކުރައްވާ ރަސްކަލާނގެކަން ހަނދާން ކުރަމުންނެވެ. އަދި އޭނަ ފަދައިން ހިދާޔަތަށް އެދޭ އަޅުންނަށް ހިދާޔަތް ދައްކަވަނީ ވެސް އެކަލާނގެކަން ހަނދާން ކުރަމުންނެވެ. ޝަފަޤް ސަލާމް ދިނުމަށްފަހު ދޮޅި ނަގާލަމުން ވަގުތުން ދިޔައީ ވިސާމް ހުރިތޯ ބަލާލުމަށެވެ. ކާ މޭޒުމަތީގައި ކާ އެއްޗެހި ހުސްނުވެ ހުރި ތަށިތައް ފެނިފައި އޭނަގެ ހިތް ދެރަވާ ގޮތްވިއެވެ. ވިސާމް ނުކައި ދިޔައީކަން އެނގުންވުމުން އޭނައަށް މިއަދު ވެސް މި ދެއްކުނީ ހާދަ ނުބައި މިސާލެކޭ ހިތަށްއެރިއެވެ. އެކީގައި ކާން ހުރެފައި މީހަކު އެހެން ދޭ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން ޝަފަޤް އަމިއްލަ ނަފްސަށް ނުރުހުންވެހުރެ ކާ މޭޒުމަތި ސާފުކުރަން ފެށިއެވެ. ސާފުކޮށް ނިންމުމަށްފަހު ޝަފަޤް އަނެއްކާވެސް ކޮޓަރިއަށް ދިޔައީ ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔަވާށެވެ. ކޮންމެ ނަމާދަކަށްފަހު ޤުރުއާން ކިޔެވުމަކީ އޭނަ އަބަދުވެސް ކުރާ ކަމަކަށްވާތީވެއެވެ. އޭނަ މިއަދު ފަތިހު ކިޔަވައި ނިމުނު ހިސާބުން ކިޔަވަން ފެށިތާ މާ ގިނައިރެއް ނުވެ ނަޖުމް ސޫރަތް ފެށިގެން ދިޔައެވެ. އެ ސޫރަތަކީ އޭނަ އެ ސޫރަތުގެ ބައެއް އާޔަތްތަކުގެ މާނަ ދަސްކޮށްފައިވި ސޫރަތަކަށްވުމުން އެ ސޫރަތުގެ ފަހު ކޮޅުން ޝަފަޤް ކިޔެވުން ލަސްކޮށްލީ އެ މާނަތައް ހަނދާނަށް ގެންނަމުން ކިޔެވުމަށެވެ. އެ ސޫރަތުގެ 40 ވަނަ އާޔަތާއި ހަމަވުމުން ޝަފަޤަށް ކިޔެވުން ހުއްޓާލެވުނީ އޭނަގެ ލޯ ކަރުނައިން ފުސްވުމުންނެވެ. އެ އާޔަތަކީ މިވަގުތު އޭނަ އެންމެ އަޑުއަހަން ބޭނުންވެފައިވި ބަސްތައް އެކުލެވޭ އާޔަތެވެ. ﷲ އަކީ ހަމަ ޙަޤީޤަތުގައި ވެސް ހިތްތަކުގެ ތެރޭގައިވި ސިއްރުތައް ދެނެވޮޑިގެންވާ ކަލާނގެކަން އޭނައަށް އެވަގުތު އެނގުންވެގެން ދިޔައެވެ. ހަމަ އެއާއެކު އަނެއްކާވެސް އެ އާޔަތަށް ބަލާލަމުން އޭނައަށް އާ ހިތްވަރެއް ލިބުނެވެ. ﷲ އާއި ގާތްވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށެވެ. އަދި އެކަލާނގެ ދީނާއި އެހެން މީހުން ކައިރި ކުރުމަށް އިތުރު ބާރެއް އެޅުމަށެވެ. އެއާއެކު ވިސާމްގެ ހިތާއި ހަމައަށް ދީން ވާސިލުކުރުމަށް އޭނައަށް ކުރެވިދާނެ ކަންތައްތަކާމެދު އޭނައަށް ވިސްނެން ފެށިއެވެ.
އިޞްލާޙުވުމަށާއި އިޞްލާޙު ކުރުވުމަށް ޝަފަޤް ވިސްނަމުން ދިޔައިރު އައިމަން ވިސްނަމުން ދިޔައީ ޙާލަތްތައް ގޯސްކުރާނެ ގޮތްތަކާއި މެދުގައެވެ. އޭނަ ހުދާއާއި ރީތި ބަހުން ވާހަކަ ދައްކަން ފެށިތާ މާ ގިނަ ދުވަހެއްނުވެ އޭނަ ހުދާއާއި ރައްޓެހިވާން އެދުނެވެ. އައިމަން އުއްމީދު ކުރި ގޮތަށް ހުދާ އެ އެދުމަށް އެއްބަސްވީ ދެވަނަ ވިސްނުމެއްނެތިއެވެ. ރައްޓެހިވި ރޭ އައިމަން ހުދާ ގާތު އެއްވެސް މީހަކާ އެވާހަކަ ޙިއްސާ ނުކުރުމަށް އެދުނެވެ. އެއީ ހަމަ އޭނަގެ މަންމައާއި ބެހޭ ގޮތުން ދޮގު ހެދުމަށްފަހު ގައެވެ. ހުދާ އައިމަނާއި އެއްބަސްވެ ރިލޭޝަންޝިޕް ސްޓޭޓަސް ވެސް ބަދަލު ނުކުރާނެކަމަށް ބުންޏެވެ. ޗެޓް ލޮގަށް އެ ވާހަކަ އެރިތަން ބަލަން އައިމަނަށް އިނދެވުނީ އެއްމިޔަކަނުގެ ހިނިތުންވުމެއްގައެވެ. ބައެއް އަންހެން ކުދިންނަކީ އެމީހުންގެ ސިކުނޑި އެއްވެސް ވަރަކަށް ބޭނުން ނުކުރާ ބަޔަކީތާއޭ އޭނަގެ ހިތަށްއެރިއެވެ. ހުދާ އަމިއްލަ އެ އެރެނީ ކިހާފަދަ ބޮޑު އަނދަވަޅަކަށްކަން އޭނައަށް ރޭކާވެސް ނުލައެވެ.
އައިމަން ގާތު އެއްވެސް މީހަކާ ޙިއްސާ ނުކުރާނެ ކަމަށް ވަޢުދުވުމަށްފަހު ވެސް ހުދާއަށް އޭނަގެ އެކުވެރިންނާއި އެ ވާހަކަ ޙިއްޞާ ކުރެވުނެވެ. ކުލާހުގައި އޭނަގެ ދެއެކުވެރިންނާއިއެކީ ހީހީފައި އެ ވާހަކަ ދައްކަމުން ދިޔަ އަޑު އަޒާންގެ ކަންފަތަށް ވެސް ފޯރަން މާ ގިނަ ދުވަހެއް ނުނެގިއެވެ. އައިމަން ހުދާގާތު ލޯބިވާ ވާހަކަ ބުނި ޚަބަރު އިވުމުން އަޒާންގެ ހިތަށްވެރިވި ހިތާމަވެރިކަމަށްވުރެ ސިކުނޑިއަށް ވެރިވި ޙައިރާންކަން ބޮޑެވެ. އޭނަ ހަމަ އެދުވަހު އައިމަނާއި އެ ސުވާލު ކުރިއެވެ.
“އައްމު ކުއްޖަކާ ރައްޓެހިވެގެންތަ ތިއުޅެނީ؟” ސުވާލުކުރަން ކެތްމަދުވެފައި ވިއެއްކަމަކު އަޒާން ދުރުދުރުން ވެސް އެހެން އަހާލީ އެދުވަހު ސްކޫލުން އައިސް ފެންވަރައިގެން އައިމަންގެ ކޮޓަރިއަށް ގޮހެވެ.
“ޔަޕް……ތި ކަހަލަ ގޮތަކަށް.” އައިމަން އެނދުމަތީގައި އިނދެ އޭނަގެ އުނގުގައި ހުރި ލެޕްޓޮޕުން ނަޒަރު ވަކި ކުރުމެއްނެތި ބުނެލިއެވެ. އޭނަގެ އެ ޖަވާބުން އެނދުގެ ކައިރީގައި ކޮޅަށް ހުއްޓިލީ އަޒާންގެ ހިތް ގެނބުނެވެ.
“ހޫ؟” އަޒާން އެހެން އަހާލީ ބުމަގޮށްޖެހިފައިހުރެ ނުތަނަވަސްވެފައިވި ހިތަކާއެކީގައެވެ.
“ހުދާ.” އައިމަން އަޒާނަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު އަޒާން ހުއްޓުން އެރިއެވެ. އޭނަ އިތުރަށް ދެން ސުވާލެއް ކުރަން ބޭނުންވިކަން ވެސް ހަނދާން ނެތުނީ ހުދާއާއެކީ ހޭދަކުރި އުފާވެރި ވަގުތު ކޮޅުތައް އެއްފަހަރާ އޭނަގެ ހަނދާނަށް އައުމުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މި ހިނދުކޮޅަށް އެ ހަނދާންތައް ނިމިގެން ދިޔުމުން އަޒާން ކުއްލިއަކަށް އައިމަނަށް ފަސްދީފައި ދާން ހިނގައިގަތެވެ.
“ޒާން ވެއިޓް!” އައިމަންގެ އަޑަށް ކޮޓަރީގެ ދޮރާއި ހަމަވި އަޒާން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. އެވަގުތު އޭނަގެ ހިތް ތޫނު ރިހުމަކާއެކީ ތެޅެމުން ދިޔައެވެ. އަޒާން ހުރިގޮތަށް ހުއްޓާ އައިމަން އޭނަގެ ލެޕްޓޮޕް ސައިޑް ޓޭބްލް މަތީގައި ބަހައްޓާފައި އެނދުން ފައިބައި ކޮޅަށް ތެދުވިއެވެ.
“ޔޫ ލައިކް ހާރ ޑޯންޓް ޔޫ؟” އައިމަން އަޒާނަށް ބަލަން ހުރެ އަހާލިއެވެ.
“ދެން ތި ސުވާލު ކުރުމުގެ ބޭނުމެއް އެބައޮތްތަ؟” އަޒާން ހުރިގޮތަށް ހުރެ އޭނަގެ މޫނު އައިމަނާއި ވީ ފަރާތަށް އަނބުރާލަމުން އަހާލިއެވެ. އެ ސުވާލުން އައިމަންގެ ދެބުމަ ކައިރިވިއެވެ.
“ޒާން ސީރިއަސްލީ! މި ހުރިހާ ދުވަހު އަހަރެން ހީކުރީ ޒާން އެ ހުދާގަނޑެއްގެ މަތިން ހަނދާން ނެތިއްޖެކަމަށް. އައި ސީރިއަސްލީ ތޯޓް ޔޫ މޫވްޑް އޮން! ވަރަށް ޙައިރާންވި ޒާން އޮފީހުގަ އޭނައަށްޓަކައި އެގޮތަށް ވާހަކަ ދެއްކީމަ ވެސް. އެކަމަކު އަހަރެން ހީކުރީ އެއީ އަޒާން އެހާ ތެދު ހަދަން ބޭނުންވާތީ ތެދު ބުނީކަމަށް. އެހެންވިޔަސް ހުދާއަކީ އަޒާންގެ ނަޒަރުވެސް އަމާޒުވާންވީ ކުއްޖެއްނޫން. ޓު ބީ އޮނެސްޓް ޝީޒް އިއޫ. ޔޫ ޑޯންޓް……” އައިމަންގެ ވާހަކަ މެދުކެނޑިގެން ދިޔައީ އަޒާން ކުއްލިއަކަށް އޭނައާއި ދިމާލަށް އެނބުރި ވާހަކަ ދެއްކުމުންނެވެ.
“ޝީޒް ނޮޓް! އައިމަނަށް އިއޫހެން ހީވާ ކޮންމެ މީހަކީ އެއްވެސް އަގެއްނެތް މީހެއްކަމަށް ހީނުކުރާތި. އައިމަންއަކަށް ނޭނގޭ. އެއްގޮތަކަށް ވެސް ނޭނގޭ……އަހަންނަކީ އައިމަންހެން ކޮންމެ ދުވަހަކަށް އަންހެން ކުއްޖެއް ލިބޭ މީހެއްނޫނޭ އެހާ ފަސޭހައިން އަހަންނަށް ކަމުދިޔަ އެންމެ ކުއްޖެއްގެ މަތިން ހަނދާން ނައްތާލާކަށް. އައިމަންއަކަށް ދުވަހަކުވެސް ނޭނގޭނެ މި އިޙްޞާޞް. މީހަކަށްޓަކައި އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރުމަށްފަހު ވެސް އެ މީހަކު ނުލިބުމުން އެވާ ތަދު. ޔޫ ވިލް ނެވާރ ނޯ! ބިކޯޒް ޔޫ ގެޓް ހޫއެވާރ އެންޑް ވަޓްއެވާރ ޔޫ ވޯންޓް. އައިމަންގެ ސުވަރުގެ ހެން ހީވާ ދިރިއުޅުމަށް މަރުޙަބާ.” އަޒާން ރޫރޫ އަޅާ ހަރުއަޑަކުން އެހެން ބުނެލަމުން ކޮޓަރިން ނިކުތީ އެތާ ހުރެފިނަމަ އޭނައަށް އަތުން ފައިން ގޯހެއް ހެދިދާނެހެން ހީވުމުންނެވެ. އައިމަނަށްޓަކައި އޭނަގެ ހިތުގައިވި ޙަސަދަވެރިކަން މިއަދު އެތައް ގުނައެއް އިތުރުވެފައިވާތީވެއެވެ. އެ ޙަސަދަވެރިކަމުގެ ދިލަކަން ކޮޓަރިތެރޭގައި ހުރި އައިމަނަށް ވެސް އިޙްޞާޞް ކުރެވުނެވެ. އޭނައަށް އަނެއްކާވެސް އޭނަގެ ލޯބިވާ ބޭބެ ދެރަ ކުރެވިއްޖެކަން އެނގުންވުމުން އައިމަންގެ މޫނުމައްޗަށް ވެރިވެފައިވީ ހިތާމަވެރިކަމެވެ. އެއަށްވުރެ ވެސް ބޮޑަށް އޭނަގެ ހިތަށް އަސަރު ކުރަމުން ދިޔައީ އަޒާން އޭނައާއި ދިމާލަށް ބުނެލި ބަސްތަކަކުންނެވެ. މީހަކަށްޓަކައި އިންތިޒާރު ކުރުމަށްފަހު ވެސް އެމީހަކު ނުލިބުމުން ވާ ތަދު އޭނައަށް ނޭނގޭނެކަމަށް ބުނެލި ބުނެލުމެވެ. އެ ބަސްތައް ތަކުރާރުކޮށް ސިކުނޑީގައި ގުގުމަން ފެށުމުން އެ ލޮލަށް ސިފަވާން ފެށި މަންޒަރުތަކާއެކީ އޭނަގެ މޭގައި ރިހުމެއް އުފެދުނެވެ. ހަމަ އެއާއެކު މިއަދު އޭނަ ހުދާއާއި ރައްޓެހިވެފައިވާކަން އެނގުމުން އަޒާނަށް ވެސް މި ތަދު އިޙްޞާޞް ކުރެވޭނެކަން އެނގުންވި ހިނދު އޭނަ އަޒާނަށް ޙަމްދަރުދީވިއެވެ. އޭނަ އިރުކޮޅަކު ވިސްނަން ހުރެފައި ކުއްލިއަކަށް އޭނަގެ ލެޕްޓޮޕް ނަގައި އެނދުގައި އިށީނެވެ. އެއަށްފަހު ފޭސްބުކް ގެ ޓެބް ހުޅުވާލަމުން ހުދާގެ ޗެޓް ލޮގް ހުޅުވިއެވެ.
“ހުދާ، ހިނގާ މިކަން ހުއްޓާލަމާ. އަހަރެން އަސްލު ހުދާދެކެ ލޯތްބެއް ނުވޭ. ހުދާއަށް ލަނޑެއްދޭން އަހަރެން ބޭނުންވީ. އަހަންނާ ބެހޭ ގޮތުން ވާހަކަތައް ސްކޫލްގައި ފެތުރީތީ. އަހަންނަށް މަޢާފުކޮށްލަދިނުން އެދެން……ބުނެލަން ބޭނުންވަނީ ހުދާދެކެ އަހަންނަށްވުރެ މާ ބޮޑަށް ލޯބިވާ މީހަކު އެބަހުއްޓޭ. އެ މީހަކު ހުދާގެ ވަރަށް ކައިރީގަ އެބައުޅެއޭ. އޭނަ ހޯދައި އޭނަގެ އެ ލޯބި ޤަބޫލުކުރޭ. އޭނަ ހުދާ ވަރަށް އުފަލުގަ ގެންގުޅޭނެ ހަމަ ޔަޤީނުންވެސް. ވަދާޢު.” އައިމަން އިނގިރޭސި ބަހުން އެ މެސެޖް ލިޔެ އެއްފަހަރު އޭތި ކިޔާލުމަށްފަހު ލަސްލަހުން އޭތި ފޮނުވާލިއެވެ. އެ މެސެޖު ފޮނުވާލުމުން ނޭނގޭ ސަބަބަކާހުރެ އައިމަންގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބުނެވެ. އެއީ މި މެސެޖުން އޭނައަށް އަޒާނަށް އުފަލެއް ހޯދައިދެވޭތީ ކަމަށް އޭނައަށް ނިންމުނެވެ. އިރުކޮޅެއްވަންދެން އެ މެސެޖަށް ބަލަން އިނުމަށްފަހު ހުދާ އޮންލައިންގަ ނެތްކަން އެނގުމުން އައިމަން ފޭސްބުކްއިން ލޮގް އައުޓްވާން އުޅުނެވެ. އެހެނަސް އެވަގުތު ފޭސްބުކްގެ ހޯދާ ގޮޅި ފެނިފައި އައިމަންގެ އަތުގައި ރިހުމެއް އުފެދުނެވެ. އޭނަ ޚިޔާލު ބަދަލުކޮށްލަމުން އެ ހޯދާ ގޮޅިއަށް ކްލިކް ކޮށްލިއެވެ. އެއަށްފަހު ކުޑަ ތުރުތުރެއް އެކުލެވިފައިވި އިނގިލިތަކުން އިނގިރޭސި އަކުރުތައް ލިޔަން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އައިމަނަށް ލިޔެވުނު ނަމަކީ “ޝިޔާ”އެވެ. އައިމަން އެ ނަމަށް ބަލަން އިނދެފައި އެ ނަން ހޯދާލިއެވެ. އެއާއެކު އެ ނަން ކިޔާ އެތައް އަންހެން ކުދިންގެ ޕްރޮފައިލެއް ފެނިގެން ދިޔައެވެ. ނިމުމެއްނެތް ސަހަރާއެއްގެ ތެރެއިން ޖަވާހިރެއް ހޯދަން އުޅޭ މުސާފިރެއް ފަދައިން އައިމަން އެ ހުރިހާ ޕްރޮފައިލްތަކުގެ ތެރެއިން ސްކްރޯލް ކުރަން ފެށީ އޭނަގެ ހިތް އެދޭ ސޫރަ ފެނޭތޯއެވެ.
މިއީ މި ވޭތުވި 2 އަހަރު ތެރޭގައި އައިމަން މިގޮތަށް ކަންތައް ކުރި ކިތައްވަނަ ފަހަރު ކަމެއް ޚުދު އޭނައަކަށް ވެސް ނޭނގެއެވެ. އޭނަ ހޯދަން އުޅޭ އެ ހިނިތުންވުން އޭނައަށް އެންމެ ފުރަތަމަ ފެނިފައިވަނީ މީގެ 2 އަހަރު ކުރިން މާލޭގައި އޮތް ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމެއްގެ ތެރެއިންނެވެ. އެ ޕްރޮގްރާމަށްޓަކައި ރާއްޖޭގެ ކޮންމެ ސްކޫލަކުން ވެސް 3 ދަރިވަރުން ދިޔައިރު އައިމަން ވެސް އޭނަގެ ސްކޫލްގެ ފަރާތުން ދިޔައެވެ. ހަފްތާއެއްހާ ދިގު އެ ޕްރޮގްރާމްގެ ފުރަތަމަ ދުވަހު ބޭއްވި އައިސް-ބްރޭކިންގް ސެޝަންގައި އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނިކޮށް ހުރިހާ ކުދިން 3 ބަޔަކަށް ބަހާލެވިގެން ދިޔައެވެ. އެއަށްފަހު ކޮންމެ ގްރޫޕެއް ވެސް ވަށްބުރަކަށް ރޭވިލުމަށްފަހު ކޮންމެ ގްރޫޕަކުން ވެސް ހުރިހާ ކުދިން ގުޅިއަކުން ކަރުދާސްކޮޅުތައް ނަގަން ޖެހުނެވެ. އެ ކަރުދާސް ކޮޅުތަކުގައި އެ ގްރޫޕެއްގެ ކުދިންގެ ނަންތައް ލިޔެވިފައިވީއިރު ކޮންމެ ކުއްޖަކު ވެސް ޖެހެނީ އެކުއްޖަކަށް ލިބޭ ނަމެއްގެ ވެރިޔާއަކީ އެކުއްޖަކަށް ހީވާ ގޮތުގައި ކޮންކަހަލަ މީހެއްކަން ސިފަކޮށްދޭށެވެ. އައިމަނަށް ލިބުނު ނަމަކީ ޝިޔާއެވެ. ފުރަތަމަ ނަޒަރުން ވެސް އެ ނަން ރީތިވީ ކީއްވެކަމެއް ނޭނގެއެވެ. އޭނައަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބުމުން އައިމަން އެ ނަން ކިޔާލީ ކިޔާ ހިތުންނެވެ. އެއާއެކު އިންސްޓްރަކްޓާރ ވެސް އެ ނަން ކިޔާލުމުން ސީދާ އައިމަންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ކުއްޖަކު ޖޯޝުން ފުރިގެންވި އަޑަކުން މިހިރީއޭ ބުނެލިއެވެ. އައިމަން އެ ދިމާލަށް ބަލާލި ސިކުންތުގައި އޭނަގެ ނޭވާ ކަރުގައި ތާށިވެ ހިތް ހުއްޓުމަކަށް އައެވެ. ކަޅުކުލައިގެ ބުރުގާއަކުން ވަށާލެވިގެންވި އަލިކޮށްހުރި ވަށް މޫނު ފެނިފައި އައިމަނަށް އަނގަ ހުޅުވިފައި އިނދެވުނެވެ. އެ ފުންމިން ނޭނގޭ ޖާދުވީ ދެލޯ ވަނީ ދިގު އެސްފިޔަތަކަކުން ހިޔާ އެޅިފައެވެ. ގަދަ ބުމައިގެ ބައްޓަން ހުރި ގޮތުން އެ މުޅި މޫނުމައްޗަށް ގެނުވީ ދުވަހަކުވެސް ފަހަތަށް ނުޖެހޭނެ ބަޠަލާއެއްގެ މޫނުމަތިން ފެންނާނެފަދަ އަސަރެކެވެ. އައިމަނަށް ބަލަން ހުރިއިރު އެ އޮމާން ތުންފަތްމަތީގައި އެއްމިޔަކަނުގެ ހިނިތުންވުމެއްވިއެވެ. އިންސްޓްރަކްޓާރ އައިމަނަށް ވާހަކަ ދައްކަން ހަނދާން ކޮށްދިނުމުން އޭނައަށް ވާހަކަ ދެކެވުނެވެ.
“ބޯލްޑް……އެންޑް ބިއުޓިފުލް.” އައިމަން ޝިޔާގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި ބުނެލިއެވެ. އެއާއެކު ޝިޔާ ހީލި މަންޒަރު ފެނިފައި އައިމަންގެ ބޮލަށް އެނބުރުން އަރައި އޭނައަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އޭނައަށް އެދުވަހު ޝިޔާ ސިފަކުރެވުނީ ރަނގަޅަށްކަން މުޅި ޕްރޮގްރާމްގެ ތެރެއިން އައިމަނަށް އެނގުންވިއެވެ. ކޮންމެ ޙަރަކާތެއްގައި ވެސް ޖެހިލުމެއްނެތި ޝިޔާ ބައިވެރިވަމުން ދިޔަ ގޮތުންނާއި ކުރާ ކޮންމެ ކަމެއްގައި ރީތިކަން ވި ގޮތުން އައިމަނަށް އެސްފިޔަ ޖަހާލުމެއްނެތި ޝިޔާއަށް ބަލަން ހުރެވުނެވެ. ހުރިހާ ޙަރަކާތެއް ވެސް ކުރިއަށް ދިޔައީ ފުރަތަމަ ދުވަހު ބެހި ގްރޫޕްތަކުގައި ތިބެގެން ކަމަށްވުމީ އައިމަނަށް ލިބުނު އުފަލެކެވެ. އެ ޕްރޮގްރާމްގެ ތެރެއިން އޭނައަށް ޝިޔާއާއި އެކުވެރިވުމުގެ ފުރުޞަތު ލިބުނީ އެހެންވެއެވެ. ޕްރޮގްރާމް ނިމިގެން އައިމަން ރަށަށް ދިޔައީ ޝިޔާގެ ފޭސްބުކް އައިޑީއާއި ފޯން ނަންބަރު ހޯދައިގެންނެވެ. އެހެންކަމުން އައިމަން ރަށަށް އައުމަށްފަހު ވެސް އެ ދެމީހުންގެ “އެކުވެރިކަން” ކުރިއަށް ދިޔައެވެ. އޭނަ ޝިޔާ ބޭނުންވީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގައެއް ނޫންކަން އައިމަނަށް އެންމެ ފުރަތަމަ ވެސް އެނގުންވިއެވެ. އެހެނަސް ޝިޔާއަށް އޭނަ ކަމުދާކަން ޔަޤީންވަންދެން އޭނަ އެފަދަ ވާހަކައެއް ނުދައްކަން ހުރީއެވެ. އެ އަހަރުގެ ފަހުކޮޅަށް އައިސް ޝިޔާގެ ފަރާތުން އެފަދަ ނިޝާންތައް ފެންނަން ފެށުމުން އައިމަންގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ޝިޔާ އޭނައަށް ދަންވަރު ގަޑީގައި މެސެޖު ކުރުމާއި ފޭސްބުކްގައި ޝިޔާ ޙިއްސާ ކުރަމުން ދިޔަ އެއްޗެހިން ޝިޔާއަށް “ލޯބި” ވެވިއްޖެކަން އައިމަނަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން އައިމަން ވެސް އޭނަގެ ހިތުގެ ޙާލަތު ޝިޔާއަށް އަންގާލަން ނިންމިއެވެ. އެހެނަސް ކަންތައްވެގެން ދިޔައީ އޭނަ ހިވެސް ނުކުރާފަދަ ގޮތަކަށެވެ. އޭނަ އެ ވާހަކަ ބުނުމަށްޓަކައި އޮންލައިން ވި ދުވަހު ޝިޔާއާއި ވާހަކަ ދެކެވޭ ގޮތެއް ނުވިއެވެ. ޝިޔާގެ ފޭސްބުކް އައިޑީ ޑިލީޓް ކުރެވިފައިވީއިރު އޭނަގެ ފޯނަށް ގުޅުމުން އެކޮޅުން އިވެނީ އެ ނަންބަރުގެ ޚިދުމަތް ކަނޑާލެވިފައިވާ ވާހަކައެވެ. ވައިބާރއިން ވެސް ޝިޔާއަށް މެސެޖް ކުރެވޭނެ ގޮތް ބަންދުވެފައިވުމުން އައިމަން ކަންބޮޑުވިއެވެ. ޝިޔާއަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއެރިއެވެ. ޝިޔާ އެ ހުރިހާ އެއްޗަކުން އެއްފަހަރާ ދުރުވާނީ ބޮޑުކަމެއް ދިމާވުމުން ކަމަށް އައިމަނަށް ޔަޤީން ކުރެވުނެވެ. އޭނަ ޝިޔާއަށް އެހީވާން ބޭނުންވިއެވެ. އެހެންކަމުން އޭނަ ހަމަ އެ އަހަރުގެ ޗުއްޓީ ތެރޭގައި މާލެއަށް ދިޔައެވެ. އަދި މާލޭގައި ޝިޔާ އުޅޭގެ ކަމަށް ބުނެ އެއްދުވަހު ޝިޔާ އޭނައަށް ކިޔައިދިން އެޑްރެހަށް ދިޔައެވެ. އެ ޢިމާރާތުގައި އޭރު އުޅެމުން ދިޔަ މީހުންނަށް ޝިޔާއަކީ ކާކުކަން ވެސް އެނގޭ ގޮތެއް ނުވިއެވެ. އައިމަން އުއްމީދު ކަނޑާލުމެއްނެތި އެ ޢިމާރާތުގެ ވެރި ފަރާތާއި ވާހަކަ ދެއްކިއެވެ. އެމީހާ ބުނި ގޮތުގައި އެ ޢާއިލާ މީހުން އެ ގެ ދޫކޮށް ބޭރަށް ފުރައިގެން ދިޔައީ އޭގެ އެއްހަފްތާ ކުރިންނެވެ. އެ ބޭބެ ތާރީޚު ބުނެދިނުމުން ޝިޔާ އޭނައާއި ދުރުވީ އެ ތާރީޚުގައިކަން އޭނައަށް އެނގުންވިއެވެ. އައިމަން އެ ބޭބެ ގާތު އެމީހުން ދިޔައީ ކޮން ޤައުމަކަށްތޯ އަހާލީ ވަރަށް އުއްމީދާއި އެކީގައެވެ. އެހެނަސް އެ ވާހަކަ އެ މީހުން ޙިއްޞާ ނުކުރާކަމަށް ބުނި އަޑު އިވިފައި އައިމަން ގެ ހިތް ދުވަހަކުވެސް ނުގެނބޭހާ އަޑިއަށް ގެނބިގެން ދިޔައެވެ.
އައިމަން މިފަހަރު ވެސް ފުން ނޭވައެއް ދޫކޮށްލަމުން ލެޕްޓޮޕް ލައްޕާލީ މާޔޫސްވެފައިވާ ހިތަކާއެކީގައެވެ. ހަމަ އެއާއެކު އޭނަ އަމިއްލަ ނަފްސަށް ރުޅިވެސް އައެވެ. ނުލިބުނު އަންހެން ކުއްޖެއްގެ މަތިން ހަނދާން ނައްތާނުލެވިގެން އުޅޭ ކަމަށްޓަކައެވެ. މި ވޭތުވެދިޔަ 2 އަހަރުގެ ކޮންމެ ދުވަހެއްގެ ހެނދުނު އޭނަ ހޭލީ ޝިޔާ މަތިން ހަނދާން ނައްތާލުމުގެ ޢަޒުމުގައެވެ. އޭނަ އެތައް އަންހެން ކުދިންނާއި ރައްޓެހިވެ އެތައް ޙަރަކާތެއްގައި ބައިވެރިވީ ކޮންމެވެސް އެއްދުވަހަކުން އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަމާއިއެކީގައެވެ. އެހެނަސް އަދި އަދަށްދާންދެން ވެސް އެކަން ނުކުރެވުނު ގޮތުން އޭނަ އުއްމީދު ކަނޑާލައިފިއެވެ. ހަނދާން ނައްތާނުލެވެނީ ކީއްވެކަން ވެސް އައިމަނަށް މިހާތަނަށް އައިއިރު ސާފެވެ. އޭނަ ރައްޓެހިވާ އެހެން އަންހެން ކުދިން އޭނައަށް ހަނދާން ނައްތާލެވެނީ އޭގެ ތެރެއިން ކޮންމެ ކުއްޖަކު ވެސް ހަނދާން ނައްތާލަން އޭނައަށް ސަބަބެއް އޮންނާތީވެއެވެ. އެއްކުއްޖަކު އަޒާނަށް މަލާމާތް ކުރިއްޔާ އަނެއްކުއްޖަކު މާ ބޮޑާވަނީއެވެ. އެއްކުއްޖަކު އޭނައާއި މާ ތަފާތުވެއްޖެއްޔާ އަނެއްކުއްޖަކާއެކީ އުޅެއުޅެ އޭނަ ފޫހިވަނީއެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ޝިޔާ މަތިން ހަނދާން ނައްތާލަން އޭނައަށް ސަބަބެއް ވިސްނިފައެއްނެތެވެ. ޝިޔާ އަޒާނާއި ދިމާވެއްޖެނަމަ އަޒާނަށް ޤަދަރު ކުރާނެކަން އައިމަނަށް ޔަޤީނެވެ. އެތައް ކަމެއްކުރަން މޮޅުވިޔަސް ޝިޔާ ބޮޑާ ނުވާނެކަން އައިމަނަށް އެނގެއެވެ. އޭނައާއި އެންމެ ގުޅޭ ޝަޚުޞިއްޔަތެއް އޭނަގެ ފެނިފައިވަނީ ޝިޔާގެ ފަރާތުންނެވެ. ޝިޔާ އޭނަ ދޫކޮށް ދިޔައީ އޭނަ އެހެން ހުރިހާ އަންހެން ކުދިން މަތިން ފޫހިވެ ޝިޔާއަށް މުޅި ހިތް ދެވުނު ދުވަސްވަރެއްގައެވެ. އެހެންކަމުން އޭނަ ކޮންމެ ގޮތެއް ހަދާފައިވެސް ޝިޔާއާއި އަދި ބައްދަލުކުރަންޖެހޭ ކަމަށް އައިމަން ޤަބޫލު ކުރެއެވެ. ޝިޔާއާއި ނުގުޅުނަސް ޝިޔާ ހަނދާން ނައްތާލަން ސަބަބެއް ހޯދުމަށެވެ. އެ ސަބަބު ހޯދުމަށްޓަކައި އޭނަ އެހެރީ ކޮންމެފަދަ ކަމެއްކުރަން ވެސް ތައްޔާރަށެވެ.
އައިމަން ވިސްނުމެއްގެ ތެރޭގައި އިންދާ ސައިޑް ޓޭބްލް މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. އައިމަން އެއަށް އަތްދިއްކޮށްލަމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ ޑޭޑް.” އައިމަން ބުނެލިއެވެ.
“އައްމު ކޮބާ ޗުއްޓީ ދުވަސްވަރު ޖެހެނީއެއްނު؟ ކޮންތަނަކަށް ދާން ބޭނުންވަނީ؟” އެކޮޅުން ވާހަކަ ދެއްކީ ރިސޯޓެއްގައި ހުރި ޚާލިދެވެ. ބައްޕަ ބޭނުންވަނީ ދަތިވުމުގެ ކުރިން ޓިކެޓް ނަގަންކަން އައިމަނަށް އެނގުންވިއެވެ.
“އަ…..އަދިއެއް ނުވިސްނަން ޑޭޑް.” އައިމަން ދެލޯ މަރާލަމުން އެހެން ބުނެލީ އެވަގުތު އޭނަގެ ހިތް ޝިޔާ ހުންނަ ތަނަކަށޭ ބުނީތީވެއެވެ.
“އެހެންވީމަ ތަންކޮޅެއް އަވަހަށް ވިސްނާފަ ޑޭޑްއަށް އަންގާ އިނގޭ. މި ވީކް ތެރޭގަ އެކަން ނިމެންވާނެ.” ޚާލިދު ބުނެލިއެވެ. އައިމަން އޯކޭއޭ ބުނެލުމުން ޚާލިދު ވެސް އޯކޭއޭ ބުނެފައި ފޯނު ކަނޑާލިއެވެ. އައިމަން އޭނަގެ ފޯނު އެނދުމަތީގައި ބާއްވާފައި އަނެއްކާވެސް ލެޕްޓޮޕް ހުޅުވާލީ އޭނައަށް ދެވުނު ޤައުމުތައް ބެލުމަށްޓަކައި އޭނަ ލެޕްޓޮޕްގައި ހަދާފައި ހުންނަ ޗާޓެއް ބަލާލުމަށެވެ. އޭނަ ކްރޯމްގެ ވިންޑޯ މިނިމައިޒް ކޮށްލަން އުޅުނު ވަގުތު ފެނުނު ނަމަކުން އޭނަގެ ދެލޯ ބޮޑުވިއެވެ.
“އައިޝަތު ޝިޔާ ފަހުމީ.” އައިމަނަށް އިން ގޮތަށް އިނދެ އެ ނަން ކިޔާލެވުނީ ވައި އަޑުންނެވެ. ހަމަ އެއާއެކު އޭނައަށް ލުއި އާހެއްގެ އަޑަކާއެކީ ހިނިތުންވެލެވުނެވެ. އައިމަން ވަގުތުން އެ ނަމަށް ކްލިކްކޮށްލިއެވެ. އެ ޕްރޮފައިލް ލޯޑްވަމުން ދިޔައިރު އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. މާ ގިނައިރެއްނުވެ އެ ޕްރޮފައިލް ލޯޑުވުމުން އައިމަން ދެލޯ ދިއްކޮށްފައި އެ ބަލަން ފެށިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ޝިޔާ ޕްރޮފައިލް ޕިކްޗާރއަށް އެއްވެސް ފޮޓޯއެއް ލާފައިނެތެވެ. ކަވާރ ފޮޓޯގައި ވެސް ހުރީ ހުސް ކަޅުކުލައެވެ. އޭނަ ކުޑަކޮށް ސްކްރޯލް ކޮށްލުމުން ހުރިހާ ޕޯސްޓެއް ނިމުނު ގޮތުން މި އައިޑީ ހެދިފައިވަނީ ވަރަށް ފަހަކަށްކަން އޭނައަށް އެނގުންވިއެވެ. އޭނަ އަނެއްކާވެސް މައްޗަށް ސްކްރޯލް ކޮށްލަމުން ޝިޔާގެ ޕޯސްޓްތައް ކިޔަން ފެށިއެވެ. އެންމެ ފުރަތަމަ ވެސް އޮތީ ކުރީގެ ލަވަކިޔުންތެރިއެއް ކަމަށްވާ މެހެނާޒަށް ޚާއްޞަ ކުރެވިފައިވާ ޕޭޖެއްގެ ޕޯސްޓެއް ޙިއްޞާކޮށްފައެވެ. މެހެނާޒްގެ ނަން ފެނިފައި އައިމަންގެ ހަނދާނަށް ވަގުތުން އައީ އޭނަގެ ތިއްތިބެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެ ޕޯސްޓް ކިޔަން ފެށިއެވެ. އޭގައި އޮތީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މެހެނާޒް ދުނިޔެ ދޫކުރުމުގެ 3 ދުވަސްކުރިން ކުޑަ ކުދިންގެ ހިޔާއަކަށް ޒިޔާރަތްކޮށް އެތާ ތިބި ކުދިންނަށް ޞަދަޤާތް ކުރި ވާހަކައެވެ. އައިމަން އޭނައަށް އެ އާ ޚަބަރު ކިޔާފައި ޝިޔާ އެ ޕޯސްޓްގެ މަތީގައި ލިޔެފައި އޮތް އެއްޗެއް ކިޔާލިއެވެ.
“މޭއި ﷲ ފޮގިވް އޯލް އޮފް ހާރ ސިންސް އެންޑް ގްރާންޓް ހާރ ޖަންނަތުލް ފިރްދައުސް. އާމީން!” ޝިޔާ އޮތީ އެ ދުޢާ ލިޔެފައި އޭގެ ފަހަތުގައި މުގުރިފައި ހުރި ހިތެއްޖަހާފައެވެ. އައިމަނަށް އެއާއި ދިމާލަށް ބަލަން އިނދެވުނީ ބުމަގޮށްޖެހިފައެވެ.
ނުނިމޭ