Asr (Part 5)
އެއަށްފަހު އޭނަ އަނެއްކާވެސް އޭނަ އޮށޯވެގެން އޮތް ފަތްޖެހި ގޮނޑިއާއި ދިމާލަށް މިޞްރާބުޖެހި ވަގުތު އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ޝަފަޤް އޭނަގެ ޖީބަށް އަތް ކޮއްޕާލަމުން ފޯނު ނަގައި ބަލާލިއެވެ. އެއާއެކު އޭނަގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ.
“އައްސަލާމުޢަލައިކުމް ރަޝީދައްތާ!” ޝަފަޤް އުޖާލާވި މޫނަކާއެކީ ފޯނަށް ޖަވާބުދިނެވެ.
“ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ. ޝަފަޤް ކަނބުލޮ ކިހިނެއްތަ؟” ރަޝީދާ އަހާލި އަޑު އިވުނެވެ. އޭނަ ސުވާލުކުރި ގޮތުން ޝަފަޤަށް ދެލޯ މަރާލެވުނެވެ. ރަޝީދާއަކީ އޭނައަށް ދުވަހަކުވެސް ފެނިފައިވާ އަންހެނެއްނޫނެވެ. ޝަފަޤްގެ ކަންފަތުގައި އެންމެ ފުރަތަމަ ރަޝީދާގެ އަޑު ޖެހުނީ އޭނަ ކޭކު އަޅަން ފެށިތާ އަހަރެއްހާ ދުވަސްފަހުންނެވެ. ރަޝީދާ އޭނައަށް ގުޅީ މީހެއްގެ އަތުން ޝަފަޤްގެ ނަންބަރު ހޯދައިގެން ކަމަށް ރަޝީދާ އޭނަ ގާތު ބުނެފައިވެއެވެ. ރަޝީދާއަށްޓަކައި ޝަފަޤް ކޭކުއަޅާތާ 2 އަހަރު ވެފައިވީއިރު ވެސް އޭނައަށް ރަޝީދާ ފެނިފައި ނުވަނީ، އޭނަ ދުވަހަކުވެސް ރަޝީދާއާއި ހަމައަށް ކޭކު ގެންދަން ނުޖެހޭތީވެއެވެ. ރަޝީދާ އަބަދުވެސް އޯޑަރު ނެގުމަށްޓަކައި ފޮނުވަނީ ނޯކަރެކެވެ. ޝަފަޤްގެ މި “ދައްތަ”އާމެދު އޭނައަށް އެނގެނީ ކިތަންމެ ކުޑަ މިންވަރަކަށް ވިޔަސް އޭނަ އެންމެ ބޮޑަށް ލޯބިވާ އެއްދައްތައަކީ މިއީއެވެ. ނޭނގޭ ސަބަބަކާހުރެ ރަޝީދާއާއި ވާހަކަ ދައްކާ ކޮންމެ ފަހަރަކު އޭނަ އޭނަގެ މަންމަ މަތިން ހަނދާންވެއެވެ.
“ޝަފަޤް؟ ފޯނު ބޭއްވީތަ؟” ޝަފަޤްގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރުވުމުން ރަޝީދާ ސުވާލުކުރިއެވެ. ޝަފަޤް ހޭވެރިކަމެއް ލިބުނު ފަދައަކުން ދެލޯ ހުޅުވައި ބޯހޫރުވާލިއެވެ. އެވަގުތު އޭނަ ފެންކަޅިވެފައިވިއެވެ.
“ނޫން ދައްތާ. ދައްތަ ގުޅީމަ ވަރަށް އުފާވެއްޖެ.” ޝަފަޤް އޭނަގެ އަޑު ހަމައަކަށް އެޅޭތޯ ބަލަމުން ލަސް ހިނގުމެއްގައި ގޮސް ފަތްޖެހި ގޮނޑީގައި އިށީނެވެ.
“ދައްތަ ވެސް ޝަފަޤްއާ ވަރަށް ގުޅާ ހިތްވެގެން މި ގުޅީ. ކަނބުލޮގެ އަތް ކިހިނެއްތަ؟ މައިމޫނާ ބުނީ ބިނދިއްޖެއޭ.” ރަޝީދާ ކަންބޮޑުވުން އެކުލެވިފައިވި އަޑަކުން ވާހަކަ ދެއްކިއެވެ.
“އެހެންނޭ ޑޮކްޓަރުން ބުނުއްވީ. އަތުގަ ބޮޑު ބޭސްގަނޑެއް އަޅައިގެން މިއިނީ. އެހެންވީމަ މިފަހަރު ދައްތަގެ އޯޑަރު ނުނެގުނީ.” ޝަފަޤްގެ ވާހަކަ ނިމުނުތަނާހެން ރަޝީދާ ޗޮއްކަނޑާލިއެވެ.
“އަޅޭ ހާދަ ދެރައޭ. ދެން އެކަމަކު އެއީ މައްސަލައެއް ނޫން. އަދި އެހެން ދުވަހަކުން މިއަށްވުރެ ބޮޑު އޯޑަރެއް ދޭނަން ޝަފަޤްއަށް އިން ޝާ ﷲ……ޝަފަޤް، ޝަފަޤްގެ އެކްސިޑެންޓް ހިނގީ ވިސާމްގެ ކާރުގަ ޖެހިފަދޯ؟ ޚަބަރުގަ އޮތީ އޭނަ ޝަފާޤްއާ ދިމާލަށް ނޫޓުތައް އުކިޔޯ. އެއީ ތެދެއްތަ؟ އޭނަ އެހީވާކަށް ނުއުޅޭތަ ހަމަ އެއްގޮތަކަށްވެސް؟” ރަޝީދާ ސުވާލުކުރިއެވެ.
“އާނ އެއީ ތެދެއް. ވިސާމަކީ އެހެން މީހުނަށް އެހީވާން ބޭނުންވާ ވަރަށްވުރެ މަތީގަ އުޅޭ މީހެއް ކަންނޭނގެ. އަޅުގަނޑު ވަކި ބޭނުމެއްވެސް ނޫން އޭނަގެ އެހީއެއް. އަޅުގަނޑަށް އެހީވާނެ މީހުންވި އިރާދަކުރެއްވީތީ.” ޝަފަޤް ކިޔައިދިނެވެ. އެއަށްފަހު ކުޑަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ރަޝީދާ ފުން ނޭވައެއް ދޫކޮށްލި ގޮތުން ޝަފަޤްގެ ނިތަށް ރޫއެރިއެވެ. އެއީ އޭނަ އުއްމީދު ކުރި ކަހަލަ ރައްދެއް ނޫނެވެ. އޭނަ އުއްމީދުކުރީ މައިމޫނާ ގޮތަށް ރަޝީދާވެސް ވިސާމާއި ދެކޮޅަށް ވާހަކަ ދެއްކުމަށެވެ. އެހެނަސް އެގޮތަށް ނުވުމުން އޭނަ ވިސްނުމެއްގެ ތެރޭގައި އިންދާ ރަޝީދާ ވާހަކަ ދެއްކިއެވެ.
“ﷲ ހިދާޔަތް ދެއްކެވި އަޅަކު މަގުފުރެއްދޭނެ މީހަކު ނުހުންނާނެ. އަދި ﷲ ތެދުމަގުން އެއްކިބާ ކުރައްވައިފި އަޅަކު ހެޔޮ މަގަށް ގެނެވޭނެ މީހަކު ނުހުންނާނެ، ދޯ ޝަފަޤް؟” ރަޝީދާ މާޔޫސްކަމެއް އެކުލެވިފައިވި ގޮތަކަށް ދޯދިނެވެ. އެއާއެކު ރަޝީދާ ދެންމެ ވިސާމާއި ދެކޮޅަށް ވާހަކަ ނުދެއްކީ އެއީ ވަކި ބޭނުންތެރިކަމެއްނޫންހެން ހީވީތީވެ ކަމަށް ޝަފަޤަށް ނިންމުނެވެ.
“ހުމް…..އެކަމަކު އަޅުގަނޑު ނުބުނާނަން އަދި ވިސާމް ބަދަލެއް ނުވާނެއޭ. މީހެއްގެ ޙަޔާތް ބަދަލުވެދާނެ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް. އަޅުގަނޑުމެނަށް ހީވެދާނެ މީހަކު ރަނގަޅު މަގަށް ރުޖޫޢަވުމަށް މާ ލަސްވެއްޖެއޭ. ވަގުތު ފާއިތުވެއްޖެއޭ. އެކަމަކު މީހަކު ދުނިޔޭގަ ހުރިހާ ދުވަހަކު ވަގުތު ފާއިތެއްނުވާނެއެއްނުދޯ؟ ވިސާމް ކަހަލަ މީހަކު ރަނގަޅުވުމަކީ ދުވަހަކުވެސް ނުވާނެ ކަމެއްހެން އަޅުގަނޑުމެންނަށް ހީވިޔަސް ﷲ ހުރިހާ ކަމެއްގެ މައްޗަށް ވެސް ކުޅަދުންވަންތަވެވޮޑިގެންވޭ. ދޯ ދައްތާ؟” ޝަފަޤް ވެސް ދޯ ދިނެވެ. ރަޝީދާގެ ލުއި ހީލުމެއްގެ އަޑު އިވުނެވެ.
“ހަމަ ތެދެއް. ވަރަށް އުފާވޭ ޝަފަޤް ކަހަލަ ކުދިން އުޅޭކަން އެނގުނީމަ. ދައްތަ އެދެނީ ޝަފަޤްއަށް ދެދުނިޔޭގެ ވެސް ބާއްޖަވެރިކަން ލިބުން…….ޝަފަޤް، ދައްތަގެ ފަރާތުން މާދަމާ ހެނދުނު ޝަފަޤްއަށް ލިބޭނެ ކުޑަ ހަދިޔާއެއް. އޭތި ޤަބޫލުކުރާނެ ކަމަށް އުއްމީދުކުރަން.” ރަޝީދާ ބުންޏެވެ.
“އެއީ އަނެއްކާ ކޮން ހަދިޔާއެއްބާ؟” ހިސާބެއްގެ ޙައިރާންކަމަކާއެކީ ޝަފަޤް އަހާލިއެވެ.
“މާ ބޮޑު އެއްޗެއްނޫން. ޝަފަޤް ކޭކު އަޅަން ފަސޭހަވާނެހެން ކޭކު އަޅާ މެޝިނަކާ އައިސިންގް ޖަހާ ބައެއް ސިރިންޖުތައް.” ރަޝީދާ ވަރަށް އާދައިގެކޮށް ބުނެލި ވާހަކައިން ޝަފަޤްގެ އަނގަ ހުޅުވުނެވެ.
“ދައްތާ! ދައްތަ ކީއްކުރަންތަ އެ ހުރިހާ އެއްޗެއް ފޮނުވަނީ؟” އަދި ހަދިޔާ ނުލިބެނީސްވެސް ޝަފަޤަށް ހީވީ އޭނަ ދަރަނިވެރިވީހެންނެވެ. ރަޝީދާ މި ނޫނަސް ކޭކު ނަގަން އޭނަގެ ނޯކަރުން ފޮނުވާއިރު ޝަފަޤަށް އެތައް ހަދިޔާއެއް ފޮނުވާފައިވެއެވެ. އެހެނަސް މިއީ މިހާތަނަށް ރަޝީދާ އޭނައަށް ފޮނުވާ އެންމެ ބޮޑު ހަދިޔާއެވެ.
“ޝަފަޤް، ޝަފަޤްއަށް އިޙްޞާޞް ކުރެވޭ ގޮތެއް ދައްތައަކަށް ނޭނގޭ އެކަމަކު ދައްތަގެ ނަޒަރުން ތިއީ މިހާރު ދައްތައާ ދުރު ކުއްޖެއްނޫން. ޝަފަޤްއަށް ފަސޭހައެއް ކޮށްދެވެން އޮތިއްޔާ ދައްތަ އެކަން ކޮށްދޭން ބޭނުން. އެހެންނޫނަސް ޞަދަޤާތެއްގެ ގޮތުގަ ދެވޭ އެއްޗަކީ ގެއްލިގެންދާ އެއްޗެއްނޫނެއްނޫންތަ ޝަފަޤް؟” ރަޝީދާ ޝަފަޤަށް ހަނދާން ކޮށްދިނެވެ. އޭނަގެ ފަހު ޖުމްލައިން ޝަފަޤްގެ ލޮލަށް އަނެއްކާވެސް ކަރުނަތައް ޖަމާވިއެވެ. މަދުން ވިޔަސް ދުނިޔޭގައި ހިތްހެޔޮ ބަޔަކު އުޅޭކަން އެނގުންވުމުންނެވެ.
“އެހެންވީމަ ފޮނުވާނަން އިނގޭ ޝަފަޤް؟” ރަޝީދާ ބުންޏެވެ. ޝަފަޤް ބޯޖަހާލަމުން ހޫންލައްވާލިއެވެ. އެއަށްފަހު ރަޝީދާ ފޯނު ބޭއްވުމުން އޭނަގެ ކަންފަތުން ފޯނު ނަގައި ﷲ އަށް ޙަމްދުކުރިއެވެ.
**
އޭގެ އަނެއްދުވަހުގެ ހަވީރުގެ ވަގުތެއްގައި މިޝްކާ ހަވީރީ ހެދުމެއް ލައިގެން ސިޓިންގް ރޫމުގެ ސޯފާގައި އިނީ އޭނަގެ ބައްޕަގެ އިންތިޒާރުގައެވެ. މިޝްކާ ބިންމަތީގައި ނުޖެހޭ އޭނަގެ ދެފައި ހަލުވަން އިންދާ ވިސާމް ކުޑަ ބޫޓެއް ހިފައިގެން އައިސް މިޝްކާގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވިއެވެ.
“އޮރެންޖް ޑްރެސްއަކާ އެކީ އޮރެންޖް ޝޫސް. ޕާރފެކްޓް!”ވިސާމް މިޝްކާގެ ބޫޓު ލައްވައިދެމުން ބުނެލިއެވެ. އޭނަ މިޝްކާ ތައްޔާރު ކުރުވަމުން ދިޔައީ އޭނަ މިއަދު ހެނދުނު މިޝްކާއާ ވަޢުދުވީ ފަދައިން މިޝްކާ ޕާކަށް ގެންދިޔުމަށެވެ.
“އަވަސް ބައްޕި އަވަސް! މިހާރު ކޮއްކޮގެ ފްރެންޑުން ތިބޭނެ ޕާކްގަ.” މިޝްކާ ޝަކުވާގެ ރާގަކަށް ބުންޏެވެ.
“ނިމުނީއޭ ކޮއްކޯ ނިމުނީ……އާނ ދެން ހިނގާ.” ވިސާމް މިޝްކާގެ ވާތު ފައިގައި ބޫޓު ލައްވައި ނިންމާލަމުން ތެދުވެލިއެވެ. މިޝްކާ ޔެސްއޭ ކިޔައި ސޯފާއިން ތެދުވެ ގެއިން ނިކުންނަން ދިޔައެވެ. ވިސާމް ވެސް އެތާ ސޯފާގެ ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތިން ކާރުގެ ތަޅުދަނޑި ނަގައިގެން ހިނގައިގަތީ އޭނަ ހުރީ ތައްޔާރުވެގެން ކަމަށްވާތީވެއެވެ. އެހެނަސް މިޝްކާއާއެކީ އޭނައަށް ގެއިން ނިކުންނަ ދޮރާއި ހަމައަށް ދެވުނު ތަނާހެން މިޝްކާ ކުއްލި ގޮތަކަށް އެތެރެއަށް ނޭވާއެއް ދަމައި އަނގަމަތީގައި ދެއަތް އަޅާލިއެވެ.
“ކިހިނެއްތަވީ ކޮއްކޯ؟” ވިސާމް ޙައިރާންކަމާއެކީ އަހާލިއެވެ.
“ކޮއްކޮ އެބައަންނަން އެއްޗެއް ހިފައިގެން އިނގޭ ބައްޕި؟” މިޝްކާ ބުނެލިއެވެ. ވިސާމް ބޯޖަހާލުމުން މިޝްކާ ދުވެފައި ގޮސް ބަދިގެއަށްވަނެވެ. އެ މަންޒަރު ފެނިފައި ވިސާމް އިތުރަށް ޙައިރާންވިއެވެ. އޭނަ ބަލަބަލާ ހުއްޓާ މިޝްކާ ބަދިގެއިން ނިކުމެގެން އައީ އެއްކަލަ ނޫކުލައިގެ ތަށްޓާއި އެކީގައެވެ.
“ބައްޕި….މިއީ ޝަފްދައްތިގެ ތަށްޓެއް. މީތި ޝަފްދައްތިއަށް ރިޓާން ކުރަންވާނެދޯ؟ މިއަދު އާންޓީ ބުނީ މިގޮތަށް އެއްވެސް ދައްތިއަކު ނުވަތަ ބޭބެއަކު ތަށްޓަކަށް އަޅައިގެން އެއްޗެއް ދިނިއްޔާ އެ ތަށި ސާފުކޮށްފަ އެ މީހަކަށް ދޭންވާނެއޯ. މިހާރު މީތި މިއޮތީ ސާފުކޮށްފަ. ދެން ޝަފްދައްތިއަށް އަނބުރާ ދޭންވީ. ދޯ ބައްޕި؟” މިޝްކާ ބުންޏެވެ. އޭނަ އެ ދެއްކީ ކޮން “ޝަފްދައްތި”އެއްގެ ވާހަކަކަން ނަގައިގަންނަން ވިސާމަށް އިރުކޮޅެއް ނެގިއެވެ. އެއީ ކާކުކަން އެނގުންވީ ސިކުންތުގައި އޭނަ ވަގުތުން ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެނަސް މިޝްކާއަށް ނުބައި މެސެޖެއް ދެވިދާނެތީ އޭނަ ޖެހިލުންވިއެވެ.
“އަމް….މިޝީ. މިޝީ މިހާރު ތިއުޅެނީ ޕާކަށް ދާކަށެއްނު؟ އެހެންވީމަ މިޝީ ޕާކަށްލާފަ ބައްޕި ގޮއްސަ މީތި ޝަފްދައްތިއަށް ރިޓާން ކޮށްދީފާނަން. އޯކޭއެއްނު؟” ވިސާމް އަހާލިއެވެ. އޭނަ އެއްގޮތަކަށްވެސް ޝަފަޤްގެ ގެއަށް ދާކަށް ބޭނުމެއް ނުވެއެވެ. މިޝްކާއާއެކީ އަމުދުންނެއްނޫނެވެ. އޭނަ މިއަދު ކަންތައް ކުރި ގޮތުގެ ވާހަކަ މިޝްކާއާއި ހަމައަށް ފޯރާކަށް ވިސާމް ނޭދެއެވެ.
“އެކަމަކު ބައްޕި ކޮއްކޮ ބޭނުން ޝަފްދައްތިއަށް ތެންކިއު ބުނަން. އެހާ މީރު ކޭކުކޮޅެއް ދިނީމަ. ދައްތިއަށް ތެންކިއު ބުނަންވާނެ ބައްޕިއާއި ކޮއްކޮވެސް. ބައްޕިއާ އެކީގަ ކޮއްކޮ ދާނަން ޝަފްދައްތި ކައިރިއަށް. ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް ބައްޕި ޕްލީޒް.” މިޝްކާ އެއްއަތުން ވިސާމްގެ އެއްއަތުގައި ހިފައިގެން ހުރެ އާދޭސްކުރިއެވެ. މިޝްކާ ވާހަކަ ދެއްކި ގޮތުން އޭނަ ދެން އަޑެއް ނާހާނެކަން ވިސާމަށް އެނގުންވިއެވެ. އެހެންކަމުން އޭނަ އެންމެފަހުން އެއްބަސްވީ، ޝަފަޤް ކައިރިއަށް ގޮސް ކޮންމެ ގޮތެއްވިޔަސް އޭނައަށް މިޝްކާ ހައްލާލެވިދާނެ ކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ.
**
“އާނއެކޭ! އެ އަންހެނާއަކަށް ނޭނގުނު ތިމަންނަ ތެދުކޮށްލަދޭށޭ ބުނެ ވިސާމްގެ އަތުގަ ހިފާކަށްވެސް! ހޫމް….މަށަކަށް ހިއެއްނުވޭ މި ވިސާމަކާއި ޝަފަޤް ގުޅޭނެހެންނެއް. އެކަމަކު މިއަދު ހެނދުނު ވީ ކަމަކުން އުއްމީދުގެ ހުޅުކޮޅެއް ދިއްލިއްޖެ. ކޮންމެވެސް ގެއެއްގެ ނޯކަރަކު އޭނަގެ މެޑަމް ބުނެގެން ޝަފަޤަށް ދޭން އެތައް ބައިވަރު އަގުހުރި ސާމާނެއް މިގެއަށް ގެނައި. އެ މެޑަމްއަކީ ކާކުތޯ އެހުމުން ނޯކަރު ބުނީ މެޑަމް ބުންޏޯ ނުބުނާށޯ. މަށަށް ހީވަނީ އެ މެޑަމްއަށް ޝަފަޤް ކަމުދިޔައީހެން. އޭނަގެ ފިރިހެން ދަރިއަކާއި ޝަފަޤް ދެވަން ޚިޔާލުކޮށްފިއްޔާ މަށަށް ކިހާ ރަނގަޅު؟” ޒަމީނާ ސިޓިންގް ރޫމުގައި ހުރި ފަތްޖެހި ގޮނޑިއެއްގައި އޮވެ ފޯނުން ވާހަކަ ދައްކަމުން ދިޔައީ އޭނަގެ އެކުވެރިޔަކާއެވެ. ޒަމީނާއަށް މި ނޫނަސް ޝަފަޤަށް ހަދިޔާތައް ގެނެސްދޭ އެ ނޯކަރު ފެނިފައިވެއެވެ. އެހެނަސް މިފަހަރު އޭނަ އެ ނޯކަރު ދެނެގަންނަން ބޭނުންވީ އޭނަ އަގުހުރި އެއްޗެހި ގެންނާތީވެއެވެ. އެ ނޯކަރު މެޑަމްގެ ނަން ނުބުނުމުން ޒަމީނާއަށް ހީކުރެވުނީ ޝަފަޤަށް ވެސް ނޭނގޭނެ ކަމަށެވެ. އޭނަ ޝަފަޤާއި އެ ސުވާލު ނުކުރީ އެހެންވެއެވެ.
ޒަމީނާ އޭނަގެ އެކުވެރިޔާ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން އިންދާ ގޭގެ ކައިރިއަށް ކާރެއް އައިސް މަޑުކޮށްލި އަޑުއިވުނެވެ. އޭނަ ނިތަށް ރޫއަރުވާލަމުން ކޮޅަށް ތެދުވެގެން ގޮސް ކުރިމަތީގައި ހުރި ކުޑަދޮރު ބަރިއާއި ދިމާލަށް ދިޔައެވެ. އޭނަ ލައްޕާލެވިފައިވާ ކުޑަދޮރު ކައިރިއަށް ގޮސް ކުޑަކޮށް ބޯއަރިކޮށްލަމުން ބޭރު ބަލާލިތަނާހެން އޭނަގެ ދެލޯ ބޮޑުވިއެވެ.
“އޭ އަހަރެން ބާއްވަނީ. ކަމެއް ދިމާވެއްޖެ!” ގޭގެ ކުރިމަތީގައި އޮތް ނޫކުލައިގެ ކާރުން ފޭބި ވިސާމް ފެނިފައި ޒަމީނާއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އޭނަ ވަގުތުން ފޯނު ކަނޑާލަމުން ގޭގެ ދޮރު ކައިރިއަށް ގޮސް ހުއްޓިލިއެވެ.
ވިސާމް މިޝްކާގެ އަތުގައި ހިފައިގެން ތިރި ފާރަކުން ވަށާލެވިފައިވި ގޭގެ ކުޑަ ފެންޑާގެ ތެރެއަށްވަނެވެ. މިޝްކާއާއި ވިސާމަށް ވެސް ކުރިއަށް ހިނގާފައި އާދެވުނީ ކުރިމަތިން ފެންނަމުން ދިޔަ “ފަޤީރު” ގޭގެ އެކި ދިމަދިމާލަށް ނަޒަރު ހިންގަމުންނެވެ. އެ ދެމީހުން އެންމެ ފަހަކަށް އައިސް އެގޭގެ ބާވެފައިވާ ވަކަރު ދޮރު ކައިރީގައި މަޑުކޮށްލިއެވެ. ވިސާމް އިތުރު ލަސްތަކެއް ނުކޮށް އެ ދޮރުގައި ޓަކި ދިނެވެ. އެއާއެކު އެ ދޮރު ބާރު އަޑަކާއެކީ ކުއްލިއަކަށް ހުޅުވިގެން ދިޔަ ގޮތުން މިޝްކާއާއި ވިސާމް ވެސް ސިހުންވިއެވެ. އެހެނަސް ދޮރުމަތީގައި ހުރިހާ ދަތްތައް ދައްކައިގެން ހުރި ޒަމީނާ ފެނިފައި އެދެމީހުން ވެސް ހަމަޖެހޭތޯ މަސައްކަތް ކުރިއެވެ.
“ވިސާމް! ދަރިފުޅު ގޮވައިގެން ބުރުޖަހަމުންދޯ ތިދަނީ؟ މިޝްކާ ދަރިފުޅާ ކިހިނެއްތަ؟” ޒަމީނާ ކުޑަކޮށް ގުދުވެލަމުން މިޝްކާގެ ދަތްދޮޅީގައި ހިފާލިއެވެ. އޭނަ ވާހަކަ ދެއްކިގޮތުން ވިސާމަކީ އޭނަގެ ގާތްތިމާގެ މީހެއްހެން އަޑުއަހާ މީހަކަށް ހީވެދާނެއެވެ.
“ކޮއްކޮ ރަނގަޅު. ޝަފްދައްތިއާ ބައްދަލުކޮށްލަން މިއައީ.” ހުރިހާ އެންމެނާއިވެސް ނުހަނު ފަސޭހައިން އެކުވެރިވެގަންނަ މިޝްކާ، ހިނިތުންވުމަކާއެކީ ޖަވާބުދިނެވެ.
“އެހެންތަ؟ ޝަފްދައްތި އުޅެނީ ބަލިވެ. އިއްޔެ…..” ޒަމީނާގެ ވާހަކަ މެދުކެނޑުނެވެ.
“އެހެރީ ޝަފްދައްތި.” ވިސާމް ގޭގެ ތެރެއަށް ނަޒަރު ހުއްޓައިގެން ހުރެ އެހެން ބުނެލުމާއެކު ޒަމީނާއާއި މިޝްކާއަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ. އެވަގުތު އެ މީހުންނާއި މާ ދުރު ނޫން ހިސާބެއްގައި ފެހި ކުލައިގެ ބޮޑު ހައުސް ކޯޓަކާއި ކަޅުކުލައިގެ ބުރުގާއެއްގައި ޝަފަޤް ހުއްޓެވެ. އޭނަ ހުރިގޮތް ފެނިފައި ޒަމީނާގެ މޫޑު ވަގުތުން ޚަރާބުވިއެވެ. މިކަހަލަ ދުވަހެއްގައި ވެސް އޭނައަށް ތަންކޮޅެއް “ރީއްޗަށް” ހެދުން އަޅަން ނޭނގުނީބާއޭ ހިތަށްއެރިއެވެ.
“ދައްތި ދައްތި ކޮއްކޮ މިއައީ ދައްތިއަށްދޭން އެއްޗެއް ހިފައިގެން.” މިޝްކާ އޭނަގެ އަތުގައި އޮތް ފޮތި ކޮތަޅާއެކީ ޝަފަޤާއި ދިމާލަށް ދުއްވައިގަތެވެ. ވިސާމަށް ވަގުތުން ކޮއްކޮ ނުދުވާށޭ ބުނެލެވުނެވެ. އެހެނަސް އެވަގުތު މިޝްކާ ޝަފަޤްގެ ކައިރިއަށް ދެވިއްޖެއެވެ. ޝަފަޤް ކުރުފައިމައްޗަށް ތިރިވުމުން ވިސާމްވެސް ގޭގެ ތެރެއަށްވަދެ ދުރުގައި މަޑުކޮށްލިއެވެ. އެހިނދު ކޮޓަރިއަކުން ނިކުތް ހުދާ ވިސާމް ފެނިފައި ދެލޯ ބޮޑުކޮށްލަމުން ހަޅޭއްލަވައިނުގަތީ ކިރިޔާއެވެ. އޭނަ މައިތިރިވީ ޒަމީނާ އޭނައަށް ލޯ އަޅާލުމުންނެވެ.
“މާޝާ ﷲ. ކޮއްކޮ ހާދަ ރަނގަޅޭ. ދައްތިގެ ތަށި އަނބުރާ ތި ގެނެސްދިނީ. ޖަޒާކަ ﷲ ޚައިރަން.” ޝަފަޤް އޭނަގެ އަތަށް މިޝްކާ ލައިދިން ތަށި ހިފައިގެން ހުރެ ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“އެ ބުނީ ކީކޭތަ ދައްތި؟” މިޝްކާ ސުވާލުކުރިއެވެ.
“ޖަޒާކަ ﷲ ޚައިރަން. މާނައަކީ މާތް ﷲ ތިބާއަށް ހެޔޮގޮތް މިންވަރުކޮށްދެއްވާށިއޭ. މީހަކު ހެޔޮ ކަމެއް ކޮށްދިނީމަ އެ މީހަކު ކައިރީގަ ބުނާނީ އެހެން.” ޝަފަޤް ކިޔައިދޭ ހިތުން ކިޔައިދިނެވެ. ދުރުގައި ހުރި ވިސާމް ކަޅި މައްޗަށް ހިންގާލިއެވެ.
“އެހެންތަ ދައްތި؟ އެހެންވިއްޔާ ދައްތިއަށް ވެސް ޖަޒާކް…ކަ…..ﷲ ޚައިރްން. ދައްތި ކޮއްކޮއަށް އެހާ މީރު ކޭކުކޮޅެއް ދިނީތީ. ވަރަށް މީރުދޯ އޭތި ބައްޕި؟” މިޝްކާ ވިސާމަށް ބަލާލުމުން ޝަފަޤަށް ވެސް ބަލާލެވުނެވެ. މިޝްކާ ބަލަން ހުންނާތީ ވިސާމް ގަދަކަމުން ހިނިތުންވެލަމުން ބޯޖަހާލިއެވެ. ޝަފަޤަށް އިސްޖަހާލެވުނެވެ.
“ދެން ދައްތިގެ ކޭކު ކިތަންމެ މީރުވިޔަސް މިއަދު ދައްތިއަކަށް ކޭކު އެޅޭކަށްނެތް. ދައްތިގެ އަތް ބިނދިއްޖެ.” ޒަމީނާ މާޔޫސްވާކަމަށް ހެދެމުން ބުނެލިއެވެ. މިޝްކާގެ ދެލޯ ބޮޑުވީ ހިނދު ވިސާމްގެ މެއަށް ވެސް ގޮތެއްވިއެވެ.
“ތެދެއްތަ ދައްތި؟ ކޮބައިތަ؟ ބަލާބަލަ ބައްޕި، ދައްތިގެ އަތުގަ މިހިރީ ބޭސްއަޅާފަ.” ޝަފަޤަށް އިތުރު ޙަރަކާތެއް ނުކުރެވެނީސް އޭނަގެ ބޭސްގަނޑު ފެންނާނެހެން މިޝްކާ އޭނަގެ އަތުކުރި މައްޗަށް ޖައްސާލިއެވެ. ބޭސްގަނޑު ފެނިފައި ވިސާމްގެ ހިތް ނުތަނަވަސްވިއެވެ. އޭނަގެ ސަބަބުން މީހަކަށް މިހާ ބޮޑު އަނިޔާއެއް ލިބުނުކަން މިޝްކާއަށް އެނގިދާނެހެން ހީވީތީވެއެވެ.
“ބައްޕިގެ ކާރުގަ ޖެހި ވެއްޓިފަ ދައްތިއަށް ތިހެންވީ.” ވިސާމަށް އެންމެ ބަހެއްވެސް ބުނެ ނުލެވެނީސް ޒަމީނާ އޭނަގެ ބިރު ޙަޤީޤަތަކަށް ހަދައިފިއެވެ. އޭނައަށް ވަގުތުން ބަލާލެވުނީ މިޝްކާއަށެވެ.
“ތެދެއްތަ ބައްޕި؟ އެއްކަލަ އެކްސިޓެންޓްވީ ޝަފްދައްތިއާ ދޯ؟” މިޝްކާއަށް އެނގުންވީ ވަގުތު އޭނަ އޭނަގެ އަނގަމަތީގައި ދެއަތް އަޅާލިއެވެ.
“އާނ…..އެ އެކްސިޑެންޓްގެ ސަބަބުން ދައްތިއަށް ވަރަށް ބޮޑު އޯޑަރެއްވެސް ގެއްލިއްޖެ. ޝަފްދައްތި ކޭކު އަޅަންޖެހޭ މިއަންނަ ހުކުރު ދުވަހަށް. އެކަމަކު އަތް ބިނދިފަ ހުންނާތީ ނޭޅޭނެ.” ވިސާމްގެ ފަރާތުން ފައިސާ ލިބޭނެކަމުގެ އުއްމީދުގައި ޒަމީނާ އިތުރަށް ވާހަކަ ދެއްކިއެވެ. އެކަން އެނގުނު ޝަފަޤް ނުރުހުންވީ ވަގުތު ވިސާމް އައި ރުޅީގައި އޭނަގެ ގޮށްމުއްކެވުނެވެ. ހަޅޭއްލަވައިގަންނަން ހިތަށްއެރިއެއްކަމަކު މިޝްކާ ހުރީތީ އަމިއްލަ ނަފްސު ހަމައަކަށް އެޅޭތޯ މަސައްކަތް ކުރިއެވެ.
“ސޯ ސޭޑް ދައްތި. އައިމް ވެރީ ސޮރީ. ބައްޕި ވެސް ދައްތިގާތު ސޮރީ ބުނަންވާނެ. ބުނޭ ބައްޕި!” މިޝްކާ ވިސާމަށް ބަލާލަމުން “އަމުރު” ކުރިއެވެ. ވިސާމް ވަގުތުން ރުޅިވެރިކަމާއެކީ ވާހަކަ ދައްކަން ބޭނުންވިއެވެ. އޭނަ ވަކި މަޢާފަށް އެދެން ނުޖެހޭނެކަމަށް ބުނަމުންނެވެ. އޭގައި ޝަފަޤްގެ ވެސް ފަރުވާކުޑަކަން އޮތްކަން ފާހަގަކުރަމުންނެވެ. އެހެނަސް އޭނަ މިޝްކާއަށް ނުބައި މިސާލަކަށް ވާކަށް ބޭނުންވިއެވެ. އޭނަ އެހެން ވާހަކަ ދެއްކިޔަސް މިޝްކާގެ މައުސޫމް ސިކުނޑިއަށް އަބަދުވެސް ވިސްނޭނީ ގޯހެއް ހެދުނިއްޔާ މަޢާފަށް އެދެންޖެހޭނެ ކަމަށްކަން ވިސާމަށް އެނގެއެވެ. އެހެންކަމުން އޭނަ އެންމެފަހުން ފުން ނޭވައެއް ދޫކޮށްލިއެވެ.
“ސޮރީ.” ވިސާމް އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. އޭނަގެ ހިތް އޭރުވެސް ބުނަމުން ދިޔައީ އޭނަ މަޢާފަށް އެދޭކަށް ނުޖެހޭނެ ކަމަށެވެ.
“ޔޭއި. ދައްތި މަޢާފުކޮށްފިންތަ؟” މިޝްކާ ހެވިފައިހުރެ އަހާލިއެވެ. ޝަފަޤް ހިތްހެޔޮ ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. ވިސާމް މަޢާފަށް އެދުނަސް ނޭދުނަސް އޭނައަކީ އޭނައަށް ލިބޭ ގެއްލުމަކާހެދި ދުވަހަކުވެސް މީހަކަށް ރުޅިވެގެން ހުންނާނެ މީހެއްނޫނެވެ.
“ދެން މަޢާފުކޮށްދިނަސް އަހަރުމެންނަށް ވަރަށް ބޮޑު ގެއްލުމެއް. އެ އޯޑަރު ނުލިބުނީމަ މި މަހުގެ ކަރަންޓު ބިލުވެސް ނުދެއްކޭނެ ކަންނޭނގެ.” ޒަމީނާ ދެންވެސް ބަލި ޤަބޫލު ނުކުރިއެވެ. އަނެއްކާވެސް ޝަފަޤް ނުރުހުންވީ ވަގުތު ވިސާމްގެ ރުޅިގަދަވާން އުޅުނެވެ. އެކަކުވެސް އެކައްޗެކޭ ނުބުނެ ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ހިމޭންކަން ނެތި ދިޔައީ ވިސްނުމެއްގެ ތެރޭގައި ހުރި މިޝްކާއަށް ޚިޔާލެއް ލިބުނު ފަދައަކުން އޭނަގެ މޫނުމަތި އުޖާލާވެގެން ދިޔަ ވަގުތެވެ.
“އައިޑިޔާ! ބައްޕި ބައްޕި…..ހިނގާ ބައްޕިއާ ކޮއްކޮވެގެން ޝަފްދައްތިގެ ކޭކުތައް އަޅައިދޭން.” މިޝްކާ ވިސާމްގެ ކައިރިއަށް ގޮސް ބުނެލި ވާހަކައިން އެތާ ތިބި އެންމެން ހުއްޓުން އެރިއެވެ. އެއީ އެއްވެސް މީހެއްގެ ސިކުނޑިއަށް ވެރިވި ކަހަލަ ޚިޔާލެއްނޫނެވެ.
“ކޮއްކޯ….” ވިސާމް އެއްޗެކޭ ބުނަން އުޅުނުތަނާ ޒަމީނާ ވާހަކަ ދެއްކިއެވެ.
“ވަރަށް ރަނގަޅު ޚިޔާލެއް މިޝްކާ. މިޝްކާއާއި މިޝްކާގެ ބައްޕިއަށް މިގެއަށް އައިއްސަ އެކަން ކުރެވިދާނެ. މިހާރު އެބަހުރި ކޭކު ގިރާ މެޝިންވެސް މިގޭގަ.” ޒަމީނާ އަވަސްއަވަހަށް ބުންޏެވެ. އޭނަ ބޭނުންވީ ކޮންމެ ގޮތެއް ހަދާފައިވެސް ވިސާމާއި ގުޅުން ބަދަހިކުރާށެވެ. ވިސާމް މިގެއަށް ގެނައުމުން ވިސާމާއި ޝަފަޤާއި ދެމެދު ލޯބީގެ ވާހަކައެއް އުފެދިދާނެކަމަށް ޒަމީނާގެ ހިތް ބުންޏެވެ. އޭރުން އޭނަ އަބަދުވެސް އިންތިޒާރު ކުރަމުން އައި ޝަފަޤްގެ ކައިވެނިވެގެން ދާނެކަމަށް އޭނައަށް އުއްމީދު ކުރެވުނެވެ. އޭނައަށް ނޭނގުނު ކަމަކީ ވިސާމާއި ޝަފަޤްގެ ދެމެދުގައި އޮތީ އެއަށްވުރެ ފުން ނަފްރަތެއްކަމެވެ.
“ވާވް! ވަރަށް މަޖާވާނެ ބައްޕި! ޕްލީޒް ނޫނެކޭ ނުބުނައްޗޭ. ޕްލީޒް ޕްލީޒް ޕްލީޒް ޕްލީޒް……” މިޝްކާ އޭނަގެ އެންމެ ފަހު ބަސް ދިގުކޮށްލަމުން ވިސާމްގެ އެއްއަތުގައި ދެއަތުން ހިފާލިއެވެ. ވިސާމަށް އޭނަގެ ދަރިފުޅާއާއި ދިމާލަށް ބަލަން ހުރެވުނެވެ. މިޝްކާގެ ކުރިމަތީގައި އޭނަ އަބަދުވެސް މިހާ ބަލިކަށިވަނީ ކީއްވެބާއޭ އޭނަގެ ހިތަށްއަރައެވެ. ނޭނގޭ ސަބަބަކާހުރެ މިޝްކާގެ ލޮލުން ފެންނަމުން ދިޔަ ޖޯޝު ގެއްލޭކަށް ވިސާމްގެ ހިތް ނޭދުނެވެ. އެ ލޯބިލޯބި ހިނިތުންވުން ގެއްލުވާލާކަށް ބޭނުމެއްނުވިއެވެ.
“އެންމެ ރަނގަޅު.” ވިސާމަށް އެހެން ބުނެލެވުނީ އޭނަގެ އަމިއްލަ އިޚްތިޔާރަކާ ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިޝްކާ ފުންމައިގަތްތަން ފެނިފައި ވިސާމަށް ހީވީ އެތާނގައި ދެން އެހެން މީހަކު ނުވެސް ނެތްހެންނެވެ. މީގެ އިރުކޮޅެއްކުރިން އޭނަގެ ގާތަށް އައި ގަދަ ރުޅީގެ މަތިން ހަނދާން ނެތި އޭނަގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.
“ޝަފްދައްތި ބައްޕި ބުނީ އެންމެ ރަނގަޅޭ. ކޮން ދުވަހަކުތަ އަންނަންވީ؟” މިޝްކާ ފޯރިއާއެކީ އެވަގުތު ކޮޅަށް ހުރި ޝަފަޤާއި ސުވާލުކުރިއެވެ. ޝަފަޤް ހުރީ ވިސާމް އެގެއަށް އަންނަ ޚިޔާލާއިމެދު ހިތްހަމަ ނުޖެހިފައެވެ. އެހެނަސް އޭނަ އިންކާރު ކުރާ ހިތްނުވީ އޭނަވެސް މިޝްކާ ދެރަކުރަން ބޭނުމެއްނުވީތީވެއެވެ. އެހެންނޫނަސް އޭނައަށް ވިސާމް މަސައްކަތް ކުރާއިރު ކޮޓަރީގަ ހުރެވިދާނެއެއްނޫންހޭ ހިތައި ޝަފަޤް މިޝްކާއާއި ހިނިތުންވެލިއެވެ. އަދި ހުކުރު ދުވަހު ކަމަށް ބުނެލިއެވެ. މިޝްކާ އަނެއްކާވެސް ކުޑަކޮށް ދުވެފައި ވިސާމް ކައިރިއަށް ގޮސް ހުކުރު ދުވަހޭ ބުންޏެވެ. ވިސާމް ހިނިތުންވުމަކާއެކީ ހޫންލައްވާލަމުން ބޯޖަހާލިއެވެ. އެއަށްފަހު މިޝްކާ އުރާލީ ހިތް އެކަމަށް އެދުނު ވަރުންނެވެ.
“ހުކުރު ދުވަހު އަންނާނަން އިނގޭ ޝަފްދައްތި؟ މްމްމްމަހް!” ވިސާމް ގެއިން ނިކުންނަން ހިނގައިގަތުމުން މިޝްކާ ވައިގެ ތެރެއިން ދޮނެއް ފޮނުވާލިއެވެ. މިޝްކާގެ އެ ޙަރަކާތުން ޝަފަޤަށް ހީލެވުނެވެ. އޭނަ ބަލަން ހުއްޓާ ވިސާމް ގޮސް މިޝްކާއާއެކީ ކާރަށް އެރިއެވެ. ކާރު ދުއްވާލުމާއެކު ޒަމީނާ ޝަފަޤްގެ ކުރިމައްޗަށް އެރިއެވެ. ޝަފަޤްގެ ހިނިތުންވުން ފަނޑުވިއެވެ.
“ހީވޭތަ ކަމެއްހެން؟ އަނެއްކާވެސް މިއޮތީ ފުރުޞަތެއް އަހަރުމެންގެ މުށުތެރޭގަ. މިފަހަރު ޝަފަޤް ބޭނުންވިޔަސް ނުވިޔަސް ވިސާމާއި ކައިރި ވެވޭނެ ކަންނޭނގެ، ދޯ؟” ޒަމީނާ ނުލަފާ ހިނިތުންވުމަކާއެކީ އެހެން ބުނެލުމުން ޝަފަޤްގެ މޭނުބައި ކުރިއެވެ. އޭނަ އެއްގޮތަކަށް ވެސް ވިސާމާއި ކައިރިވާކަށް ބޭނުމެއްނޫނެވެ. ވިސާމްގެ ކުރިމައްޗަށް ދާކަށް ވެސް އޭނަ ޚިޔާލެއް ނުކުރެއެވެ. ކޮންމެއަކަސް އޭނަ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން އަންނަނީ މިޝްކާއާއެކީ ވަގުތުތައް ހޭދަކުރުމަށެވެ. މިޝްކާގެ ނަން ހިތަށް ވަނުމުން ޝަފަޤަށް ލުއި ހިނިތުންވުމަކާއެކީ އިސްޖަހާލެވުނެވެ. ޒަމީނާ ޝަފަޤްގެ އެ ޙަރަކާތުގެ ނުބައި މާނައެއް ނަގައި ގޭގެ ތެރެއަށް ވަންނަން ދިޔައެވެ. އެ ހިނދު ހުދާ ތޫލި އަޑެއް ލައްވައި ފުންމަމުން ސޭމް އެބައާދެއޭ ކިޔަން ފެށިއެވެ. ޒަމީނާ އޭނަގާތު މައިތިރިވުމަށް އެންގިއެވެ. އަދި މިއަދު އޭނަ ގެނެސްދިން ޔުނިފޯމް ހެޔޮވަރުތޯ ބަލަން އެދުނެވެ.
**
ބުރާސްފަތި ދުވަހުގެ ރޭ 8:11 ވީ ވަގުތު އައިމަނާއި އަޒާން ހުދުކުލައިގެ ގަމީހާއި ކަޅުކުލައިގެ ފަޓުލޫނުގައި ބެގީކޮށްގެން ޓައި އަޅައިގެން އެމީހުންގެ ދެ ބުރިއަށް ނަގާލެވިފައިވާ ތަނަވަސް ގެއިން ނިކުތެވެ. ދެމީހުން އެއް ޔުނިފޯމެއްގައި އެއްހަމައެއްގައި ހިނގަމުން އައިއިރުވެސް އެދެމީހުންގެ ދެމެދުގައި އެތައް ތަފާތެއްވިއެވެ. އައިމަންގެ ބޯ އިސްތަށިގަނޑު އެއްފަރާތަކަށް ކަހާލެވިފައިވީއިރު އަޒާންގެ ތުނިކޮށް ކޮށާލެވިފައިވި އިސްތަށިގަނޑުވަނީ ކުރިމައްޗަށް ވައްޓާލެވިފައެވެ. އައިމަން އޭނަގެ އަތްދިގު ޔުނިފޯމްގެ އަތުކުރި އޮޅާލައިގެން ހުރިއިރު އަޒާން ހުރީ އަތުކުރީގެ ގޮށް އަޅުވައިގެންނެވެ. އައިމަން އޭނަގެ ފޯނާއި ކުޅެން ކުޅެމުން އައިއިރު އަޒާންގެ ދެއަތްވަނީ އޭނަގެ ފަޓުލޫނުގެ ޖީބަށް ޖަހާލެވިފައެވެ. ހިނގަމުން އައިއިރު އަޒާން ގޭގެ ފެންޑާގެ އެއްފަރާތެއްގައި ހުރި ޖަނބުރޯލު ގަހުން ފެށިގެން އުޑާއި ހަމައަށް ވަރަށް ފުން ނަޒަރަކުން ބަލަމުން ދިޔައެވެ. އޭނަ އުޑުގައި ހުރި ހަނދާއި ތަރިތަކަށް ބަލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅެނިކޮށް އައިމަން ހެލޯއޭ ކިޔާލި އަޑަށް އޭނަ ސިހިގެން ދިޔައެވެ.
“އާނ ހެލޯ މޯމް. އަހަރުމެން ސައިކަލުގަ ސްކޫލަށް ދާންވީތަ؟ ޕޭރެންޓުން ވެސް ދާންޖެހޭ އެ މީޓިންއަށް. އެކަމަކު މިހާރު ވަރަށް ލަސްއެބަވޭ.” އަޒާން ބަލާލިއިރު އައިމަން ހުރީ ފޯނު ކަންފަތުގައި ޖައްސައިގެންނެވެ.
“އެބަ އަންނަންދޯ މޯމް؟ އޯކޭ.” އައިމަން ފޯނު ކަންފަތުން ނަގާލިއެވެ. އެއަށްފަހު އަޒާނަށް ބަލާލިއެވެ.
“މޯމް ބުނީ އެބަ އަންނަމޭ ކާރުގަ. ކާރުގައޭ ތިން މީހުން ދާނީ. ޑޭމް! އަހަރެން ހުރީ ސައިކަލު ދުއްވާ ހިތުން.” އައިމަން ގޮސް ފެންޑާގައި ޕާކު ކުރެވިފައިހުރި ކަޅުކުލައިގެ ސައިކަލުގެ މަޑީގައި އެއްފަރާތަކަށް އިށީނެވެ.
“ހޫމް……ދުއްވާފަ ދަނިކޮށް ފުލުހުންނާ ދިމާވެއްޖެއްޔާ ވަރަށް މަޖާވާނެ.” އަޒާން އައިމަން ކުރިމަތީގައި ހުއްޓިލަމުން ރާގަކަށް ބުނެލިއެވެ. އައިމަން ޗޮއްކަނޑާލަމުން އެއްޗެކޭ ބުނަން އުޅުނުތަނާ އެގޭގެ ގޭޓުން ފެންޑާ ތެރެއަށް ހުދުކުލައިގެ ކާރެއް ވަދެގެންއައެވެ. ދެބެއިން އެއާއި ދިމާލަށް ބަލަބަލާ ތިއްބާ އެ ކާރު އެ މީހުންގެ ކުރިމައްޗަށް ވާ ގޮތަށް ޖަނބުރޯލު ގަސް ކައިރީގައި ޕާކު ކުރެވިގެންދިޔައެވެ. އޭގެ މާގިނައިރެއްނުވެ އެ ކާރުން ފޭބީ ހަފްސާއެވެ. ހަފްސާއަށް ބަލާފައި އޭނައަކީ 17 އަހަރުގެ ދެ ފިރިހެން ކުދިންގެ މަންމައެކޭ އެކަކު ވެސް ނުބުނާނެއެވެ. އޭނަ ލައިގެން ހުރީ ރަތް ކުލައިގެ ގަޔަށް ބާރު އަތްކުރު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެކެވެ. ކޮނޑާއި ހަމައަށް އޮތް ފަންކޮށްފައިވާ އިސްތަށިގަނޑު ވަނީ ކަޅު ކުރެވިފައެވެ. އޭނަގެ ކޮނޑުގައި އަތް ދަބަހެއް އެޅުވިފައި އޮތްއިރު އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ.
“ހާދަ ހޭންޑްސަމް ކުއްޖަކު އެބަފެނެއޭ. އައްމު ޚާލިދުތަ މިއީ އަނެއްކާ.” ހަފްސާ ކާރުގެ ދޮރު ތަޅުލަމުން ހިނިތުންވުމަކާއެކީ އޭނަގެ ދެކުދިންނާއި ދިމާލަށް އެނބުރިލިއެވެ. އޭނަ ބުނި ވާހަކައިން އައިމަނަށް ހީލެވުނުއިރު އަޒާންގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ފަނޑުވިއެވެ. ހަފްސާއަށް އެކަން ފާހަގަ ކުރެވުނީ ކަންނޭނގެއެވެ.
“ޒާން ވެސް ވަކި ގޯހެއްނޫން އިނގޭ. ހަމަ ބެސްޓް.” ހަފްސާ އެމީހުންގެ ކައިރިއަށް އަންނަމުން ބުންޏެވެ. އަޒާނަށް ދުރުބެލެން ފެށީ ދެންމެ އޭނަގެ މަންމަ ބުނީ ތެދެއްކަން އޭނައަށް ޤަބޫލު ނުކުރެވުނީތީވެއެވެ. މިއީ އެއްގޮތަކަށް ވެސް އޭނައަށް އާ ކަމެއްނޫނެވެ. މަންމަ ތަޢުރީފު ކުރާއިރު “ޒާން ވެސް” އަންނާނީ އަބަދުވެސް ފަހުންނެވެ. އޭނަ އެކަމާމެދު އަޅާނުލަން ކިތަންމެ މަސައްކަތް ކުރިޔަސް އޭނަގެ މަންމަގެ ސަބަބުން އޭނަ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރުކުރެއެވެ. މަންމައަށް އެކަން އެނގޭނެނަމައޭ އޭނަގެ ހިތަށްއަރައެވެ.
“މޯމް ކީއްވެތަ ކާރު ތި ވައްދާލީ؟ ކާރުގައެއްނޫންތަ އަހަރުމެން ދަނީ؟” އައިމަން އަހާލިއެވެ. ހަފްސާ ދެލޯ ތަގުޅި ކޮށްލިއެވެ.
“މްމްމް ނޫން. މޯމްގެ ޚިޔާލު ބަދަލުވެއްޖެ. ވަރަށް ޓަޔަޑްވެފަ މިހިރީ. މޯމްއަކަށް ނުދެވޭނެ. ދެކުދިން ދޭ ސައިކަލުގަ ބޭނުމިއްޔާ. އެހެންނޫނީ މޯމް ކާރުގެ ޑްރަ…” ހަފްސާގެ ވާހަކަ މެދުކެނޑުނެވެ.
“ޔެސް މޯމް! ސައިކަލުގަ ދާން ބޭނުންވަނީ، ދޯ ޒާން؟” އައިމަން ނުހަނު ފޯރިއާއެކީ ދޯދިނެވެ.
“ބަޓް މޯމް. އަހަރުމެން އަތުގަ ލައިސަނެއްނެތް. ކުރީ ރޭ ވެސް ފުލުހުންނާ ދިމާވެގެން އެމީހުން އަހަރުމެން ފައިން ކޮށްފި.” އަޒާންގެ ވާހަކަ ނިމުނުތަނާހެން އައިމަން އަނެއްކާވެސް ޗޮއްކަނޑާލިއެވެ. ހަފްސާގެ މޫނުމަތިން ވެސް ފާޅުވީ އައިމަންގެ މޫނުމަތިން ފެނުނު ފަދަ ކުލަވަރެކެވެ.
“ޒާން….މިރޭ ފުލުހުންނެއްނެތް މަގުމަތީގަ. އެހެންވީމަ ދިޔަޔަސް އޯކޭވާނެ. ދިރިއުޅުމުގަ މަޖާކޮށްލަން ލިބޭނީ މަދު ދުވަސްކޮޅެއް. މޯމްގެ ޢުމުރަށް އައިސް 12 ގަޑިއިރު ވަންދެން ރުޅިގަދަ މީހުންނާއެކީ އޮފީހެއްގައި މަސައްކަތް ކުރަން ޖެހުނީމައެއް މަޖަލެއް ނުކުރެވޭނެ.” ހަފްސާ ބުނެލި ވާހަކައިން އަޒާނަށް ހުރެވުނީ އަޖާއިބުވެ އަންތަރީސްވެފައެވެ.
“އެގްޒެކްޓްލީ މޯމް! ވީ ވާރ ބޯން ޓު އެންޖޯއި.” އައިމަން އެހެން ބުނެލުމުން ހަފްސާ ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. އަޒާންގެ މޫނުމަތިން ފެންނަމުން ދިޔައީ އޭނަ ހިތްހަމަ ނުޖެހިގެން އުޅޭފަދަ އަސަރެކެވެ. ނޭނގޭ ސަބަބަކާހުރެ އައިމަން ދެންމެ އެ ބުނި ބަސްތަކަކީ ރަނގަޅު ބަސްތަކެއް ނޫންހެން އޭނައަށް ހީވިއެވެ. ކޮންމެއަކަސް އޭނަ އޭނަގެ ސިކުނޑިއަށް ވެރިވާ ގިނަ ވާހަކަތައް ފަދައިން އެ ވާހަކަ ވެސް ދުލާއި ހަމައަކަށް ނުގެނައެވެ. އަދި މަންމަގެ “ނަޞޭޙަތް” އަޑުއަހައިގެން އައިމަނާއިއެކީ ސައިކަލުގައި ސްކޫލަށް ދިޔައެވެ.
**
“ނިއު ސްކޫލް ޔިއާރ ރިޒޮލިއުޝަންސް. އަހަރެންގެ ފަހަތުން ކިޔާ. ވަން، އަހަރެން ފޮތުގެ ތެރެއަށް އެހާ ވަރަށް ނުވަންނާނަން. ޓޫ، އަހަރެން މީހުން ކުރިމަތީގަ ނާވަސް ނުވާނަން. ތްރީ، އަހަރެން އާ އެކުވެރިން ހޯދާނަން. ފޯރ، އަހަރެން ގާލްފްރެންޑެއް ހޯދާނަން.” އައިމަން އަޒާނާއި އެކީ ސްކޫލްގެ ގޭޓުން ވަންނަމުން ވާހަކަ ދެއްކިއެވެ. އައިމަން ބުނި އެއްވެސް ކަމެއް އޭނައަށް ކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެއް ކަމަކު އަޒާން ކޮންމެ ނުކުތާއަކަށް ބޯޖަހަމުން ދިޔައެވެ. އޭނަ އައިމަނާއެކީ ސްކޫލްގެ ގޭޓުން ވަތް ވަގުތު އެތައް ދަރިވަރުންނާއި ބެލެވެރިންނެއް ފެނިފައި އޭނަގެ ދެ އަތް ފިނިވިއެވެ. އެހެންކަމުން އޭނަ އަނެއްކާވެސް ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލިއެވެ. އަދި ވަށައިގެން ފެންނަމުން ދިޔަ އެކި މީހުންނަށް ބަލަމުން އޭނަ އެ މީހުންނަށް ބިރުގަންނަންވީ ސަބަބެއް ނެތްކަމަށް އަމިއްލަ ނަފްސުގާތު ބުނަން ފެށިއެވެ.
“އޭ އައްމު!” ކަނާތް ފަރާތުން ފިރިހެން ކުއްޖަކު ގޮވާލި އަޑަށް އައިމަނާއި އަޒާނަށް އެކުއެކީގައި އެ ދިމާލަށް ބަލާލެވުނެވެ.
“ފައިސަލް! ހާދަ ދުވަހެއް ކޮށްލާފަ؟” ފައިސަލް އެމީހުންނާއި އަރާ ހަމަވި ވަގުތު އައިމަން ހެވިފައި ހުރެ ވާހަކަ ދެއްކިއެވެ. އައިމަންގެ ސުވާލަށް ފައިސަލް ދެއްކި ވާހަކައަކަށް އަޒާނަށް ސަމާލުކަން ނުދެވުނެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ އައިމަންގެ އެކުވެރިން ގިނަކަމާމެދު ޙައިރާންވެފައެވެ. ފައިސަލަކީ އެރޭ އައިމަނާއެކީ ކާން އައި 10 އެކުވެރިންގެ ތެރެއިން މީހެއްނޫނެވެ. އައިމަން އެހާ ގިނަ އެކުވެރިން ހޯދަނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއަރައެވެ. އެއީ އައިމަން ކުރާ ކަމަކުން އޭނައަށް ލިބޭ އެކުވެރިން ހެއްޔެވެ؟ އެހެންނޫނީ އައިމަންގެ މަޝްހޫރުކަމުގެ ސަބަބުން މީހުން އޭނައާއި ގުޅުން ބާއްވަން މަސައްކަތް ކުރަނީ ހެއްޔެވެ؟ އަޒާނަކަށް ޔަޤީނެއް ނުކުރެވުނެވެ. ކޮންމެއަކަސް އޭނަ އައިމަންގެ އެކުވެރިންގެ ތެރެއިން ނަމަވެސް އެކުވެރިން ހޯދަން ބޭނުންވިއެވެ. އެގޮތަށް އެކުވެރިން ހޯދަން ތަންކޮޅެއް ފަސޭހަވެސްވާނެތާއޭ އޭނަގެ ހިތް ބުންޏެވެ. އެ ޚިޔާލު ހިތަށް ވަނުމުން އޭނަ ހިނިތުންވުމަކާއެކީ އެއްޗެކޭ ބުނަން އުޅުނުތަނާހެން އޭނައަށް ހުރަސް އެޅުނެވެ.
“އޭ ޒާން އަހަރެން މިދަނީ ފައިސަލްއާއެކީ އެކޮޅަށް އިނގޭ؟ މީޓިންގް ފެށޭނެ ކަންނޭނގެ އިރުކޮޅަކުން. ޒާން ވެސް ދޭ މީޓިންގް އޮންނަ އޭރިއާއަށް. އެންޑް…..މޭކް ފްރެންޑްސް.” އައިމަން އެންމެ ފަހު ދެ ބަސް ބުނެލީ މަޑުމައިތިރި އަޑަކުން ހަނދާން ކޮށްދިނުމެއްގެ ގޮތުންނެވެ. އަޒާން އައިމަން ބުނި ގޮތަށް އެކުވެރިޔަކު ލިބޭތޯ ފައިސަލާއި ދިމާލަށް ބަލާލިއެވެ. އެހެނަސް ފައިސަލް އަޒާން ފެނިފައި ވެސް ނުފެނޭ ކަމަށް ހަދައި އައިމަން ގާތު އައުމަށް އެދުނެވެ. އައިމަން އަޒާންގާތު ބާއިއޭ ބުނެލަމުން ދާން ހިނގައިގަތެވެ. އަޒާނަށް މަންޒަރު ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އިސްޖަހާލަމުން އޭނަ ސްކޫލްގެ ތެރެއަށްދާން ހިނގައިގަތީ، ކުރިއަށް އޮތް ދެ އަހަރަކީ ވެސް އޭނައަށް ވަކި ތަފާތު އަހަރުތަކަށް ނުވާނެއޭ ހިތާހިތުން ކިޔަމުންނެވެ. އޭނަ މި ދެ އަހަރު ދުވަސްވެސް ހޭދަކުރަން ޖެހޭނީ އެކަނިވެރިކަމުގައި ކަމަށް ޔަޤީންކުރަމުންނެވެ. އަޒާނަށް މާ ދުރަށް ނުދެވެނީސް އޭނަގެ ފިޔަވަޅުތައް މަޑުޖެހުނީ ސްކޫލްގެ ކުރިމައްޗަށް އައިސް މަޑުކޮށްލި ބަހެއްގެ އަޑަށެވެ. އަޒާން ބޭއިޚްތިޔާރުގައި ފަހަތަށް ބަލާލި ވަގުތު ބަހުން ކުދިންނާއި ބެލެނިވެރިން ފައިބަމުން ދިޔަތަން އޭނައަށް ފެނުނެވެ. ބަހުން ފުރަތަމަ ފޭބި ބެލެނިވެރިޔާގެ ފަހަތުން އަންނަމުން ދިޔަ އަންހެން ކުއްޖަކު ފެނިފައި އަޒާންގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަމިއްލަ ފިޔަވަޅުތަކަށް ބަލަމުން ބަހުން ދެވަނައަށް ފޭބީ ހުދާ ނޫން ދެވަނަ ކުއްޖެއް ނޫންކަން އަޒާނަށް ދުރުގައި ހުރެވެސް އެނގުނެވެ.
ހުދާއަކީ އަޒާނަށް މިހާތަނަށް ފެނުނު ހުރިހާ އަންހެން ކުދިންގެ ތެރެއިން އޭނައަށް އެންމެ ބޮޑަށް ކަމުދިޔަ އަންހެން ކުއްޖާއެވެ. ހުދާ ނޫން އެހެން އަންހެން ކުދިންގެ ރީތިކަން އޭނައަށް ފާހަގަވެފައިވިޔަސް އޭނަގެ ހިތުގައި ހުދާއަށް ދެވިފައިވަނީ ޚާއްޞަ މަޤާމެކެވެ. އެއީ ކީއްވެކަމެއް ޚުދު އަޒާނަކަށް ވެސް ޔަޤީނެއްނުކުރެވެއެވެ. އެއީ ގްރޭޑް 8 ގައި އޭނަ ހުދާއާއެކީ ކިޔެވުމުގައި އެހާ ގިނަ ވަގުތު ހޭދަކުރީތީވެ ކަމަށްވެސް ވެދާނެއެވެ. އޭނައަށް ހުދާ ފުރަތަމަ ފެނިފައި ވެސް ވަނީ އެ އަހަރުގައެވެ. އެ އަހަރު ތެރޭގައި ހުދާ ވެސް ފާހަގަވެގެން ދިޔައީ އަޒާންހެން ހުރިހާ އެއްޗެއް “ތަފްޞީލުކޮށް” ދެނެގަންނަން މަސައްކަތް ކުރާ ކުއްޖެއްގެ ގޮތުގައެވެ. ހުދާ އޭނައާއެކީ ހޭދަކުރި ވަގުތުތަކުގައި ހުދާ ވެސް އޭނަ ޝައުޤުވެރިވާފަދަ “ފުން” ސުވާލުތައްކޮށް ހަދައެވެ. އޭނަ އެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ ޖޯޝާއިއެކީގައެވެ. އޭނަ ކަހަލަ ކުއްޖަކު ހުރިކަން އެނގުމުން އަޒާންގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އެހެނަސް އެ އުފާވެރިކަން މާ ގިނަ ދުވަހަކަށް ދެމިއެއް ނުދިޔައެވެ. ޖެހިގެން އައި އަހަރު ހުދާ މުޅިން އެހެން މީހަކަށް ބަދަލުވިއެވެ. ކިޔެވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ހުދާ ރައްޓެހިވާނެ ކުދިން ހޯދުމުގައި މަޝްޣޫލުވިއެވެ. އެކްސްޓްރާ ކުލާސްތަކަށް އައުމުގެ ބަދަލުގައި އެކުވެރިންނާއެކީ ވަގުތުތައް ބޭކާރުކުރަން ފެށިއެވެ. ފިލާވަޅުތައް އަމިއްލައަށް ނިންމުމުގެ ބަދަލުގައި އެހެން މީހުންގެ ފޮތްތައް ބަލައިގެން ފިލާވަޅުތައް ނިންމަން ފެށިއެވެ. އަޒާން އެންމެ ބޮޑަށް ދެރަވީ ހުދާ ކިޔެވުމާއި ދުރުވީވީހެން އޭނައާއި ވެސް ދުރުވީ ގޮތުންނެވެ. އެހެންނޫންނަމަ ގިނަ ޒަމާންތަކަށް މީހުން ހަނދާން ހުންނާނެ ފަދަ ލޯބީގެ ވާހަކައެއް އޭނައާއި ހުދާއާއި ދެމެދުގައި އުފެދޭނެ ކަމަށް އޭނަ ހީކުރިއެވެ. އޭނަގެ ރީތި ހުވަފެން ވިއްސިވިހާލިވީ ކީއްވެކަމެއް އަޒާނަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އަޒާންގެ މައުސޫމް ހިތަށް ނޭނގުނު ކަމަކީ ހުދާ ކިޔަވަން މަސައްކަތް ކުރީ ވަކި އާ އެއްޗެއް ދެނެގަންނަން ނޫންކަމެވެ. އޭނަ ކިޔެވުމުގެ ތެރެއިން ވެސް ހޯދަން އުޅުނީ މީހުންގެ ސަމާލުކަން ކަމެވެ. ހުދާ ކޮންމެ ކަމަކާމެދު ރަނގަޅަށް ދެނެގަންނަން އުޅުނީ އޭނައަށް ކިހާ އެނގޭކަން އެހެން މީހުންނަށް ދެއްކުމަށްޓަކައި ކަމެވެ. އަދި އޭނަ ފަހުން ކިޔެވުމާއި ދުރުވީ މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ކިޔެވުމަށްވުރެ ފަސޭހަ ގޮތްތައް އޭނައަށް ފެނުމުން ކަމެވެ.
ހުދާގެ އުޅުން ގޯސްވަމުން އައިތަން އަޒާނަށް އަމިއްލަ ލޮލުން ފެނިފައިވިޔަސް އޭނަގެ ހިތުގައި ހުދާއަށްޓަކައި އަދިވެސް ޖާގައެއް ދެވިފައިވެއެވެ. އެއީ “އޭނަ ކަހަލަ” ޝަޚުޞިއްޔަތެއް އޭނައަށް އެއްއިރެއްގައި ވެސް ފެނިފައި ވަނީ ހުދާގެ ފަރާތުން ކަމަށްވާތީވެސް ވެދާނެއެވެ. އޭނަގެ ހިތް ޤަބޫލުކުރަން ބޭނުންވަނީ އޭނައަށް އެންމެ ފުރަތަމަ ފެނުނު ހުދާ އަދިވެސް ފެންނާނެ ކަމަށެވެ. އެދުވަހަކުން އޭނައަށް އޭނަގެ ހިތަށް އުނދަގޫ ކުރަމުން އަންނަ ސުވާލުތައް ހުދާއާއި ޙިއްޞާ ކުރެވޭނެ ކަމަށް އޭނަގެ ހިތް ބުނެއެވެ. އަދި އެދުވަހަކުން އޭނަ ހުދާއާއި އެކީގައިވުމުން އެ ސުވާލުތަކުގެ ޖަވާބުތައް ހޯދުމުގެ ހިތްވަރެއް އޭނައަށް ލިބިފައިވާނެކަމަށް އޭނަ ޤަބޫލުކުރެއެވެ.
އަޒާން ޚިޔާލުތަކެއްގެ ތެރޭގައި ހުއްޓާ މުޅި ސްކޫލަށް އިވޭ ގޮތަށް ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން މީޓިންގް އޭރިއާއަށް އައުމަށް އެންގުނެވެ. އަޒާން ގަދަކަމުން ކަހަލަ ގޮތަކަށް ހުދާއާއި ނަޒަރު ވަކި ކޮށްލަމުން ދާން ހިނގައިގަތެވެ.
**
ހުކުރު ދުވަހު ހެނދުނު ހެނދުނާ ވިސާމަށް ހޭލެވުނީ މިޝްކާ ބައްޕިއޭ ކިޔައި ގޮވަމުން އޭނަގެ ކޮޓަރިއަށް ވަދެގެން އައިސް އޭނަގެ އެނދަށް އެރުމުންނެވެ. ވިސާމް ގަދަކަމުން ލޯ ހުޅުވާލަމުން ކިހިނެއްވީތޯ ސުވާލުކުރުމާއެކު މިޝްކާ މިއަދު ކޭކު އަޅަން ޝަފްދައްތިގެ ގެއަށް ދާންޖެހޭކަން ހަނދާން ކޮށްދިނެވެ. އެއާއެކު ވިސާމް ވީ ފޫއްސާއެކީ ފުން ނޭވައެއް ދޫކޮށްލެވުނެވެ. ފުރަތަމަ ސިކުންތުގައި ނުދާނީއޭ އޭނަގެ ހިތަށްއެރިއެވެ. ޝަފަޤް ހަނދާންވުމުން އައި ރުޅިއާއެކީ އޭނައަކީ ވަކި ފަޤީރު އަންހެން ކުއްޖެއްގެ ނޯކަރެއް ނޫންކަމަށް އޭނަގެ ކިބުރުވެރިކަމުން ފުރިފައިވި ހިތް ބުންޏެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު މަޖުބޫރުކުރުވީ އޭނަގެ އަތަށް ދަމަމުން ދިޔަ އޭނަގެ ދަރިފުޅަށްޓަކައެވެ. އޭނަ ލުއްކެއްޖަހައި ތެދުވެ ރުޅިވެރިކަމާއި ލޯތްބެއް އުފެދޭ ކަހަލަ ގޮތަކަށް ކަރުގެ ބުޑުން އަޑެއް ލައްވަމުން މިޝްކާގެ ގައިގައި ބައްދާލިއެވެ. މިޝްކާގެ އުފާވެރި ހީލުމުގެ އަޑު މުޅި ކޮޓަރީގައި ހަރުލިއެވެ.
**
“ރަޝީދައްތާ އެހެންވީމަ މިއަދު ހަވީރު މީހަކު ފޮނުވައްޗޭ އޯޑަރު ނަގަން. ހަނދާން ކޮށްލަދޭންވެގެން މި ގުޅާލީ.” ޝަފަޤް ކަންފަތުގައި ފޯނު ޖައްސައިގެން ހުރެ ބަދިގެއަށް ގޮސް އޭނަގެ އަތުގައި އޮތް ގަނޑެއް އެތާހުރި ކަބަޑުމަތީގައި ބޭއްވިއެވެ. އެ ގަނޑުގައި ލިޔެވިފައިވީ އޭނަ ކޭކު އަޅާއިރު ކަންތައް ކުރާ ގޮތެވެ. އޭނަ މި ގަނޑު ލިޔުނީ އޭނަ ވިސާމާއި އިތުރަށް ވާހަކަ ދައްކަން ނުޖެހޭނެ ގޮތަށް ކަންތައް ކުރުމަށެވެ. އެހެނަސް އޭނަ ލިޔަން ޖެހުނީ ވާތް އަތުން ކަމަށްވުމުން އޭނަގެ ލިޔުން ހުރީ އެހާ ރީއްޗަށް ނޫނެވެ. ކޮންމެއަކަސް ވިސާމަށް އެ ލިޔުން ކިޔަން އެނގޭނެ ކަމަށް ޝަފަޤް ހިތާހިތުން އެއްބަސްވިއެވެ.
“އެންމެ ރަނގަޅު ޝަފަޤް. މީހަކު ފޮނުވާނަން އިން ޝާ ﷲ. ޝަފަޤް……ސް…ސުވާލެއްކޮށްލަންތަ ދައްތަ؟” ރަޝީދާ ހިސާބެއްގެ ޖެހިލުންވުމަކާއެކީ އަހާލިއެވެ. އެކަން ފާހަގަވުމުން ޝަފަޤް ޙައިރާންވެހުރެ ހޫންލައްވާލިއެވެ.
“ޝަފަޤްއަށް އެހީވަނީ ކާކުތަ؟” ރަޝީދާ އެހިއެވެ. ޝަފަޤަށް އިރުކޮޅަކު ހުރެފައި ހީލެވުނެވެ.
“ހެހެ….ދައްތަ ބިރުގަންނަނީތަ އެހެން މީހަކު އެޅީމަ ކޭކު ނުބައިވެދާނެތީ؟ ހާސްނުވޭ ދައްތާ. އަހަރެން އަހަރެންގެ ރެސިޕީ އެމީހަކަށް ދީގެން ކޭކު އަޅުވާނީ އިން ޝާ ﷲ.” ޝަފަޤް ބުނެލިއެވެ.
“ނޫނޭ ޝަފަޤް. ދައްތަ ކައިރި ބުނެވިދާނެތަ ކާކުކަން ޝަފަޤްއަށް އެހީވަނީ؟ ނަން ބުނެވިދާނެތަ؟” ރަޝީދާ އެހިއެވެ. ޝަފަޤް ވިސާމްގެ ނަން ބުނަން ޖެހިލުންވިއެވެ. އެކަހަލަ މީހަކާއި އޭނަ ގުޅުން ބާއްވާކަން އެކަކަށްވެސް އެނގެން އޭނަ ނޭދޭވަރު އޭނައަށް އެނގުންވީ އެވަގުތެވެ. ނަމަވެސް އޭނަ ދޮގު ހަދާކަށް ބޭނުމެއްނުވިއެވެ.
“ދައްތާ އެއީ……ވިސް..” ޝަފަޤަށް އެހާ ހިސާބަށް ބުނެލެވުނުތަނާ މީހަކު ގޭގެ ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އޭނައަށް ވަގުތުން އެދިމާލަށް ބަލާލެވުނެވެ.
“ދައްތާ މިވަގުތު ބާއްވަނީ އިނގޭ؟ ހަނދާންކޮށް މީހަކު ފޮނުވާތި އިން ޝާ ﷲ.” ޝަފަޤް އަވަސްއަވަހަށް ބުނެލަމުން ފޯނު ކަންފަތުން ނަގައި ބަދިގެއިން ނިކުތެވެ. އެވަގުތަކީ ޒަމީނާ ޒައިން ޓިއުޝަނަށް ލާން ގޮސްފައި އަދި ހުދާ ގަދަ ނިދީގައި އޮތް ވަގުތު ކަމަށްވުމުން ޝަފަޤް ފިޔަވައި ގޭގެތެރެއިން އެހެން މީހަކު ނުފެނެއެވެ. އޭނަ އަވަސް ހިނގުމެއްގައި ގޮސް ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ފުން ނޭވައެއް ދޫކޮށްލަމުން ދޮރު ހުޅުވާލިއެވެ.
ނުނިމޭ