Asr (Part 7)
“ޝަފަޤް!” ޝަފަޤް ނަމުން ގޮވާލި އެ އަޑު އިވިފައި ވިސާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އިސްއުފުލައި އެއީ ކާކުތޯ ބަލާލުމާއެކު އޭނަގެ ދެލޯ ބޮޑުވިއެވެ. މުޅި މީހާ ގަނޑުވިއެވެ. ދެއަތުން ވާގި ދޫވާން އުޅުނުހެން ހީވި ވަގުތު އޭނައަށް ފޮށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ.
ކަޅުކުލައިގެ ބުރުގާއަކާއި ކަޅުކުލައިގެ ޖިލްބާބެއްގައި ހުރި މެދު ޢުމުރުގެ ރަޝީދާ، ޝަފަޤަށް ބަލަން ހުރި އިރު އެ އަލި މޫނުމަތީގައި ލުއި ހިނިތުންވުމެއްވިއެވެ. އެހެނަސް ޝަފަޤާއި އެއްހަމައެއްގައި ހުރި ވިސާމަށް ނަޒަރު ހުއްޓާލި ވަގުތު ރަޝީދާގެ ހިނިތުންވުން ހިސާބަކަށް ފޭދުނެވެ. އެކަން ޝަފަޤަށް ފާހަގަވީހެނެއް ހިއެއްނުވެއެވެ.
“ހެހެ….ވަރަށް އުފާވެއްޖެ ރަޝީދައްތަ ފެނުނީމަ!” ޝަފަޤް ހެވިފައިހުރެ ބުނެލިއެވެ.
“ދައްތަވެސް ވަރަށް އުފާވެއްޖެ ޝަފަޤް ފެނުނީމަ. މިއީތަ ޝަފަޤަށް އެހީވެދިން ފަރާތަކީ؟” ރަޝީދާ ވިސާމާއި ނަޒަރު ވަކިކޮށްލުމެއްނެތި އަހާލިއެވެ. އެވަގުތު ވިސާމް އޭނަގެ ކުޑަކޮށް ހުޅުވާލެވިފައިހުރި އަނގަ ލައްޕާލަމުން ދެބުމަ ކައިރިކޮށްލިއެވެ.
“އާނ ދައްތާ…..ވި….ވިސާމް އެހީވެދިނީ.” ޝަފަޤް ހިސާބެއްގެ ޖެހިލުންވުމަކާއެކީ ޖަވާބުދިނެވެ. ވިސާމަކީ ރަޝީދާ ނަފްރަތު ކުރާ މީހަކަށް ވެއްޖެނަމަ ކޭކުތައް ނުގަނެވެސް ހިނގައިދާނެއޭ ޝަފަޤްގެ ހިތަށްއެރިއެވެ. އެހެނަސް ކަންތައްވީ ޝަފަޤް ހީކުރި ގޮތަކަށް ނޫނެވެ.
“ކުށުގެ އިޙްޞާޞް ކުރެވުނީތަ އަނެއްކާ؟” ރަޝީދާ ދެންވެސް ވިސާމަށް ބަލަންހުރެ އަހާލިއެވެ. އެއަށް ދޭނެ ޖަވާބެއް ޝަފަޤަކަށް ނުވިސްނުނެވެ. އޭނަ އެއްފަހަރު ރަޝީދާއަށް އަނެއްފަހަރު ވިސާމަށް ބަލާލިއެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލައިގެން ތިބި ގޮތުން އެއީ ދެ ބީރައްޓަހިންހެން ހީނުވީ ކީއްވެކަމެއް ޝަފަޤަކަށް ނޭނގުނެވެ. އޭނަ އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓާ ރަޝީދާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ދެން އެންމެ ރަނގަޅު. މިހިރީ ޝަފަޤްގެ ފައިސާ. ދައްތަ ޑްރައިވަރު ކައިރީގަ އެބަ ބުނަން ކޭކުތައް ނަގަން އަންނާށޭ. ޝުކުރިއްޔާ އިނގޭ، ދެމީހުންނަށްވެސް.” ރަޝީދާ އޭނަގެ އަތުގައި އޮތް ވޮލެޓުން ޝަފަޤްގެ އަތަށް ފައިސާ ލައިދެމުން ބުނެލިއެވެ. އެއަށްފަހު ރަޝީދާ ވިސާމަށް ލުއި ނަޒަރެއް ދީފައި ދާން ހިނގައިގަތުމުން ޝަފަޤަށް ވާހަކަ ދެއްކުނެވެ.
“ދައްތަ މަޑުނުކުރާނަންތަ؟” ޝަފަޤް އަހާލިއެވެ.
“ހެހެ….ދައްތަ މިދަނީ އެކުވެރިއެއްގެ ދަރިފުޅު ޚިތާނުކޮށްގެން އެގޭގަ އޮތް ޕާޓީއަށް. މިހާ ގިނަ ކޭކު ގަންނަން ޖެހުނީ އެ ޕާޓީއަށޭ……އަދި ދައްތަ އަންނާނަން އެހެން ދުވަހަކުން ޝަފަޤްއާ ބައްދަލުކޮށްލަން އިން ޝާ ﷲ. މިއަދު ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭނެ ކަންނޭނގެ މިގޭގަ އެހެން މެހުމާނެއްވެސް ހުރީމަ. އެހެންވީމަ އެހެން ދުވަހަކުން. އެންމެ ރަނގަޅުތަ؟” ރަޝީދާ ހިނިތުންވުމަކާއެކީ އަހާލިއެވެ. ޝަފަޤް ހިސާބަކަށް މާޔޫސްވެހުރެ ތުންފިއްތާލަމުން ބޯޖަހާލިއިރު ވިސާމްގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އެމީހުންނަށް ފަސްދީފައި ގޭގެ ކުރިމަތީގައި އޮތް ކާރާއި ދިމާލަށް ރަޝީދާ ހިނގާފައި ގޮސް އެއަށް އެރިތަން ބަލަން ވިސާމް ހުރީ ތުރުތުރު އަޅައަޅައެވެ. ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން ހިތުގައި ރޯވި ނަފްރަތުގެ އަލިފާނާއެކީ އޭނަ އަތުގައި ހުރި ފޮށި ބިމަށް ޖަހާލަން ހިތަށްއެރި ވަގުތު ޝަފަޤް އެ ފޮށީގައި ދަށުން ހިފިއެވެ.
“އަހަރެން މީތި ގެންގޮސްދޭނަން. ބާކީ ހުރި އެއްޗެހި ދައްތަގެ ޑްރައިވަރު ގެންދާނެ. ދެން މައްސަލައެއްނެތް ވިސާމް ދިޔަޔަސް.” ޝަފަޤް ކޭކު ފޮށި އެއްއަތުން ހިފައި ވިސާމްގެ އަތާއި ދުރުކުރަމުން ބުނެލިއެވެ. އެއާއެކު ވިސާމް ކުއްލިއަކަށް ގޭގެ ތެރެއަށް ދާން ހިނގައިގަތް ގޮތުން ޝަފަޤްގެ މެއަށް ގޮތެއްވިއެވެ. ވިސާމް ގޮސް އޭނަގެ ކޮޓަރީގެ ދޮރު ހުޅުވި ގޮތުން ވިސާމަށް ކިހިނެއްވީތޯ ޝަފަޤްގެ ހިތް ސުވާލުކުރިއެވެ. އޭނަ ބަލަބަލާ ހުއްޓާ ވިސާމް ނިދިފައި އޮތް މިޝްކާ އުރާލައިގެން އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުތެވެ. ވިސާމްގެ އެއްއަތުގައި މިޝްކާގެ ރަތްކުލައިގެ ދަބަސް އޮތުމުން ވިސާމް ދަނީކަން ޝަފަޤަށް އެނގުންވިއެވެ. ވިސާމަށް ތަން ދައްކައި ޝަފަޤަށް ދޮރުމަތިން ދުރުވެވުނީ ވެސް ކިރިޔާއެވެ. އޭނަ ނުހަނު ބާރު މިނެއްގައި ގެއިން ވެސް ނިކުމެ ޝަފަޤްގެ ލޯމައްޗަށް ގެއްލުނެވެ. އޭގެ މާ ގިނައިރެއްނުވެ ރަޝީދާގެ ކާރުގެ ފުރަގަހުން ވިސާމްގެ ކާރު ބާރު ސްޕީޑެއްގައި ދުއްވާލި މަންޒަރު އޭނައަށް ފެނުނެވެ. ޝަފަޤް ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ އޭނައަށް ހަމަ ހޭވެރިކަމެއް ލިބުނީ ޑްރައިވަރު އައިސް މިއީހޭ އަހާލުމުންނެވެ. އެ ބުނި އެއްޗެއްގެ މާނަ ނަގައިގަންނަން ޝަފަޤަށް ހިނދުކޮޅެއް ނެގިއެވެ. އެއާއެކު އޭނަ ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ފަތުރަމުން އާނއެކޭ ބުނެ އަތުގައި ހުރި ފޮށި ދިއްކޮށްލިއެވެ. އެހެނަސް އޭނައަށް ވިސާމާއިމެދު ވިސްނުން ހުއްޓައެއް ނުލެވުނެވެ.
**
ވިސާމް ގެއަށް ވަދެގެން ދިޔަ ގޮތަށް މިޝްކާ އޭނަގެ ކޮޓަރީގެ އެނދުގައި ބާއްވައި އަމިއްލަ ކޮޓަރިއަށް ގޮސް ބާރަށް ދޮރު ލައްޕާލިއެވެ. އެއަށްފަހު ރީތިވާ މޭޒުދޮށަށް ގޮސް އެ މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް އެއްއަތުން ޖަހައި ފޮޅުވާލިއެވެ. ޓައިލްސް މަތީގައި ޖެހި ސެންޓު ފުޅިތައް ތަޅައިގެން ދިޔަ އަޑު ވިސާމަށް ނުވެސް އިވުނު ފަދައެވެ. އޭނަ އެ ދިމާލަށް ބަލާލުމެއްވެސް ނެތި ރީތިވާ މޭޒުމަތީގައި ދެއަތް ވިއްދައިގެން އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. އެ ހިނދު އޭނަގެ ދެލޯ ރަތްވެފައިވީއިރު ހައިޖާނެއް އުފެދިފައިވި ހިތެއްގެ ސަބަބުން މުޅި މީހާ ރޫރޫއަޅަމުން ދިޔައެވެ. އެ ލޮލަށް ސިފަވަމުން ދިޔައީ ދާދި ދެންމެއަކު ކަންތައް ހިނގި ގޮތެވެ. ރަޝީދާ އޭނައަށް ބަލާލި ގޮތެވެ. ޝަފަޤްގެ އެހީތެރިއަކީ އޭނަތޯ ސުވާލުކުރި ގޮތެވެ. ރަޝީދާ އެސްފިޔަ ޖަހާލުމެއްވެސް ނެތި އޭނައަށް ނަޒަރު ހުއްޓައިގެން ހުރި ގޮތެވެ. އެ ނަޒަރުގައި ވީ ހިތާމަވެރިކަން ކަމެއް ނޫނީ ނުރުހުންތެރިކަން ކަމެއް ވިސާމަކަށް ނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް އެ ނަޒަރު އޭނަގެ ސިކުނޑިއަށް އެއްފަހަރާ އެތައް ހަނދާނެއް ގެނެސްދީފިއެވެ. މަންޒަރުތައް އޭނަގެ ލޯ ކުރިމަތިން ފެނި ގެއްލެމުން ދިޔައިރު އޭނަގެ ނޭވާ ކުރުވެ މޭތެރޭގައި ރިހުމެއް އުފެދި އެ ރިހުން ތޫނުވާން ފެށިއެވެ. ހުރިހާ މަންޒަރަކަށްފަހު އެންމެ ފަހުން އޭނަގެ ކަންފަތުގައި ގުގުމާލީ އަންހެނަކު އޭނަގެ ނަމުން ގޮވައި ހަޅޭއްލެވި އަޑެވެ. އެ ހިނދު ވިސާމް ހުއްޓުން އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެކަން އިޙްޞާޞް ކުރެވުމުން އޭނަ އިސްއުފުލައި އަމިއްލަ ސޫރައަށް ބަލާލިއެވެ. އޭނަގެ ކޯތާފަތްމަތިން ކަރުނައެއް ފެނުމުން ވިސާމް ޙައިރާންވެފައި ކަހަލަ ގޮތަކަށް އެއްއަތުން އެ ކަރުނަ ފޮހެލަމުން އެ އަތަށް ބަލާލިއެވެ. އޭނައަށް ރޮވެނީ ކީއްވެތޯ އޭނައަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އޭނައަކީ މިއަދު ނިކަމެއްޗެއްނޫނެވެ. އޭނަގެ އަތުގައި ފައިސާ އެބަހުއްޓެވެ. އޭނައަކީ މަޝްހޫރުކަން ލިބިފައިވާ މީހެކެވެ. އޭނައަށް މި ދުނިޔެއިން ބޭނުންވާހާ ކަމެއް އޭނަ ބޭނުންވާ ހިނދަކު ލިބިދާނެއެވެ. ވީއިރު އޭނަ އަދިވެސް މާޒީގައި އޭނަ ނިކަމެތިކޮށް އުޅުނު ދުވަސްތައް ހަނދާން ކުރަނީ ކީއްކުރަން ހެއްޔެވެ؟ އެ ހަނދާންތައް އަދިވެސް އޭނަގެ ހިތް ޒަޚަމްކޮށްލުމުގައި ކާމިޔާބު ހޯދަނީ ކީއްވެ ހެއްޔެވެ؟ އޭނައަށް ދުވަހަކުވެސް އެ އަނދިރިގަނޑުން ނުނިކުމެވޭނީ ހެއްޔެވެ؟ އެ ޚިޔާލު ހިތަށް ވަނުމުން ވިސާމް ހިތާހިތުން ހަރުއަޑުން ނޫނެކޭ ކިޔައި ރީތިވާ މޭޒުމައްޗަށް އެތިފަހަރެއް ވިއްލާލިއެވެ. އެއަށްފަހު އޭނަގެ ކޮޓަރިން ނިކުމެގެން ގޮސް އޭނަ މިޔުޒިކު ކުޅޭ ކޮޓަރިއަށް ދިޔައެވެ. އަދި އޭނަގެ ލެޕްޓޮޕް ބޮޑު ސްޕީކަރުތަކާއި ގުޅާލަމުން އިނގިރޭސި ލަވައެއް ޖަހައި ފުލް ވޮލުއިމަށް ލަމުން އެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އެ ލަވައަކީ ވިސާމް ދެކުނު ގޮތުގައި މިވަގުތު އޭނަގެ އިޙްޞާޞްތަކާއި އެންމެ ގުޅޭ ލަވައެވެ. އެ ލަވައިން އަންގަމުން ދިޔައީ މި ދުނިޔޭގައި ގުޅުން ދެމެހެއްޓުމަށް ކިތަންމެ މަސައްކަތް ކުރިޔަސް އެކަން ކާމިޔާބު ނުވާނެކަމަށެވެ. އޭނަ ކުރާ އެއްވެސް ކަމެއް އެއްވެސް މީހަކު ބަލައެއްނުގަންނަ ކަމަށް ބުނެ ލަވަ ކިޔުންތެރިޔާ ޝަކުވާ ކުރަމުން ދިޔައެވެ. އަދި އޭނަ ވަކި އެހެން މީހަކަށް ބޭނުމެއްވެސް ނުވާކަމަށް ކިޔަމުން ދިޔައެވެ. އެ ހުރިހާ ބަސްތައް އަޑުއަހަމުން ދިޔަ ވިސާމް އެ ހުރިހާ ވާހަކައަކާއި އެއްބަސްވީވީހެން އޭނަގެ ހިތުގައި ވަށައިގެންވި އެންމެނަށްޓަކައި ނަފްރަތެއް އުފެދުނެވެ. އޭނަ ހަމަ ޙަޤީޤަތުގައި ވެސް އެންމެ ރަނގަޅުވާނީ އެންމެނާއި ދުރުގައި އުޅުނިއްޔާއޭ އޭނަގެ ސިކުނޑި ބުންޏެވެ. އެހެނަސް އެގޮތަކަށް އޭނަގެ ހިތަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެކަމަށް އޭނަގެ އެ ހިތުގެ ކަނަކުން ގޮވިއެވެ. ވިސާމް އޭނަގެ އަމިއްލަ ހިތުގެ އަޑު ނުއިވޭ ކަމަށް ހެދިއެވެ.
**
“ވިސާމާއި ރަނގަޅަށް ވާހަކަވެސް ނުދައްކާ ކަލޭ އޭނަ ފޮނުވާލީ؟ އެނ؟” މަޣްރިބް ނަމާދަށް ދޮޅި އަޅައިގެން ހުރި ޝަފަޤް ކޮޓަރީގެ ދޮރުގައި ޓަކި ދެވުނު އަޑަށް ދޮރު ހުޅުވާލުމާއެކީ އޭނަގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. އޭނަ ކޯތާފަތްމަތީގައި އެއްއަތް އަޅައިގެން ޒަމީނާއަށް ބަލާލިއިރު ވީ ތަދެއްގެ ބޮޑުކަމުން އޭނަގެ ލޮލުން ކަރުނަ ހިލިފައިވިއެވެ.
“މަށަކަށް ނޭނގޭ މަ ކަލެއަށް ކުރަންވީ ކޮންކަމެއްކަން ވެސް. ރުޅި އަންނަވަރުން ހިތަށްއަރާ މަރާލާނަމޭ! ކަލެއަށް ފިރިހެނަކާއި ކައިރިނުވެވެންވީ ކީއްވެކަމެއް މަށަކަށް ނޭނގޭ. ކަލެއަށް ވެސް ރަނގަޅަކަށް އަހަރެން ކަލެއާއި ވިސާމް ދެވަން އުޅުނީ. އެކަމަކު ނޫން. އެއިންވެސް އަހަންނަށް ފައިދާއެއް ލިބިދާނެތީ ކަލޭ އެގޮތް ބޭނުމެއްނުވީ.” ޒަމީނާ ދެލޯ ބޮޑުކޮށްފައި ވާހަކަ ދެއްކިލެއް އަޑުހަރުކަމުން ޒައިނާއި ހުދާވެސް އެތަނަށް އައިއްސިއެވެ. އެވަގުތު އިސްޖެހިފައި ހުރި ޝަފަޤްގެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބަން ފެށިއެވެ.
“އަދި އެބަ ރޮވެއެއްނޫންތަ؟ އަހަރުމެން ބޭނުމެއްނޫން ތި ކަރުނަތައް ބަލާކަށް. ދޭ! ކަލޭގެ އަޅުކަމުގެ މިޙުރާބަށްދޭ! މިރޭ ދެން ތިތަނުން ނުނިކުންނާތި!” ޒަމީނާ ޝަފަޤްގެ މޭމަތީގައި އެއްއަތް އަޅައި ކޮޓަރި ތެރެއަށް ކޮއްޕާލަމުން ކޮޓަރީގެ ދޮރު ލައްޕައި އެ ދޮރު ތަޅުލިއެވެ. އެ އަޑު އިވިފައި ދޮރަށް ނަޒަރު ހުއްޓައިގެން ހުރި ޝަފަޤްގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ. ޒަމީނާ ހުދާއާއި ޒައިން ގާތު ވެސް މި ދޮރު އެކަކުވެސް ހުޅުވައިގެން ނުވާނެކަމަށް ބުނެ ހިނގާށޭ ބުންޏެވެ. އެމީހުންގެ ފިޔަވަޅުތަކުގެ އަޑު ކެނޑިގެން ދިޔަދިޔަހެން ޝަފަޤަށް ގިސްލެވެން ފެށިއެވެ. އޭނައަށް މޫނުގައި ދެއަތް އަޅާލަމުން ރަނގަޅަށް ރޮވެން ފެށިއެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށީ ޝަފަޤްގެ ރުއިމުގެ އަޑު ކޮޓަރީގައި ހަރުލާފައި ވަނިކޮށެވެ. ބަންގި ނިމެން ކައިރިވަމުން ދިޔަދިޔަހެން ޝަފަޤް އޭނަގެ ކަރުނަތައް ފޮހެލަމުން ހަމައަކަށް އެޅޭތޯ ބެލިއެވެ. އަދި ބަންގި ދުޢާ ކިޔާލަމުން އޭނަ ޢާއްމު ގޮތެއްގައި ނަމާދުކުރާ ތަނުގައި ގޮސް މަޑުކޮށްލަމުން ޙަރަމް ބަނދެލިއެވެ. ނަމާދު ކުރަން ފެށުމާއެކު އޭނައަށް ހިތާހިތުން އޭނަގެ ޙާލަތާއިމެދު ﷲ އަށް ޝަކުވާ ދެންނެވުނެވެ. އޭނަގެ ޙާލަތް ބަދަލުކޮށްދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ. ދާދި ދެންމެއަކު ހިނގި ކަންތައް އޭނަގެ ލޮލަށް ސިފަވަމުން ދިޔައެއްކަމަކު ނަމާދަށް ސަމާލުކަން ދެވޭތޯ ޝަފަޤް މަސައްކަތް ކުރިއެވެ. އޭނަ ފާތިޙާ ސޫރަތަށްފަހު ކިޔަވަން ޚިޔާރު ކުރީ ތަޣާބުން ސޫރަތެވެ. އެ ސޫރަތަކީ އޭނަ އޭގެ މާނަ ދަސްކޮށްފައިވާ ސޫރަތެކެވެ. އެހެންކަމުން އޭނަ ކިޔަވަމުން ދިޔަ ވަރަކަށް އާޔަތްތަކުގެ މާނަ ހަނދާނަށް ގެންނަމުން ދިޔައެވެ. ސޫރަތުގެ ވަކި ހިސާބަކުން ޝަފަޤަށް ހީވީ އެ އާޔަތްތައް މުޚާތަބުވަނީ ޚުދު އޭނައަށް ހެންނެވެ. އެއްއާޔަތެއްގައި ﷲ އަންގަވާފައިވަނީ އެކަލާނގެ އިޒުނަފުޅާއިނުލާ އެއްވެސް މުޞީބާތެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ﷲ އަށް އީމާންވާ މީހުންގެ ހިތްތަކަށް ﷲ ހިދާޔަތް ދައްކަވާނެ ކަމަށެވެ. އެ އާޔަތް ކިޔަވައި ނިމުނުތަނާހެން ޝަފަޤް ހުއްޓުން އެރިއެވެ. އޭނަގެ ލޮލަށް އަނެއްކާވެސް ކަރުނަތައް ޖަމާވާން ފެށިއެވެ. އެ އާޔަތުން ﷲ އޭނަގެ ދުޢާ އިޖާބަކުރެއްވި ކަހަލަ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ. އޭނަ ދެންނެވީ އޭނަގެ ޙާލަތް ބަދަލުކޮށްދެއްވުމަށެވެ. ﷲ އަށް އީމާންވާ މީހުންގެ ހިތްތަކަށް ހިދާޔަތް ދައްކަވާނެ ވާހަކަ ﷲ އެ ވަނީ އަންގަވާފައެވެ. މި ޙާލަތަށް ކެތްކުރެވޭނެފަދަ ހިތްވަރެއް ﷲ އޭނައަށް ދެއްވާނެކަން ޝަފަޤަށް ޔަޤީން ކުރެވުނެވެ. ހަމަ އެއާއެކު އޭނައަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އެހެންނޫނަސް އޭނައަށް މި ކުރިމަތިވަނީ ހުރިހާ އަޅުންދެކެ ވެސް ލޯބިވެވޮޑިގެންވާ ރަސްކަލާނގެ ގެ ރޭއްވެވުމުގެ ބައެއްކަން ހަނދާނަށް އައުމުން އޭނަ ދެރަވާންޖެހޭ ސަބަބެއް ނެތްކަމަށް ޝަފަޤްގެ ހިތް ބުންޏެވެ. އަދި ﷲ އިމްތިޙާން ކުރައްވާނީ ﷲ ލޯބިވެވޮޑިގެންވާ އަޅުންކަން ހަނދާނަށް އައުމުން ޝަފަޤްގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އޭނަ ނަމާދުކޮށް ނިމުނީ އޭނައަށް މިހާރު ލިބިފައިވާ ނިޢުމަތްތަކަށް ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ. އަދި ކުރިއަށް އޮތްތާނގައި ﷲ އޭނައަށް ރަނގަޅު ގޮތް މެދުވެރިކޮށް ދެއްވާނެކަމުގެ އުއްމީދުގައެވެ. އެކަލާނގެ އޭނަގެ އެއް ދުޢާ އިޖާބަކުރެއްވި ފަދައިން އޭނަގެ ހުރިހާ ދުޢާތައް އިޖާބަ ކުރައްވާނެކަމުގެ ޔަޤީންކަމާއި އެކީގައެވެ.
**
“ބައްޕި ކީއްވެތަ މިރޭ ސްމައިލް ނުކުރަނީ؟ ސްމައިލް!” ސިޓިންގް ރޫމުގެ ސޯފާގައި ކަކޫ މައްޗަށް ހުރެ މިޝްކާ ސޯފާގައި އިށީނގެން އިން ވިސާމްގެ ދެކޮލުގައި ހިފައި ދެކޮޅަށް ދަމާލިއެވެ. ވިސާމް ހިސާބަކަށް ނުރުހުންވެފައި ހުރެ މިޝްކާއަށް ބަލާލިއެވެ. އޭނަ މިރޭ ބޭނުންވަނީ މުޅިން އެކަނިވާށެވެ. މިޝްކާގެ ވާހަކަތައް އަޑުއެހުމުގެ ޝައުޤުވެރިކަމެއްވެސް މިރޭ އޭނަގެ ހިތުގައި ނެތެވެ. އެހެނަސް އޭނަ ފަހުން ހިތާމަ ކުރަންޖެހޭ ފަދަ ކަމެއް ކުރެވިދާނެތީ ވިސާމް ގަދަކަމުން ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.
“ކޮއްކޮ ދެން ހިނގާދޯ ނިދަން؟ ބަލާބަލަ 11 އޯކްލޮކް އެ ވަނީ.” ސިޓިންގް ރޫމުގެ ފާރުގައި ހުރި ގަޑިއަށް ޢިޝާރާތް ކުރަމުން ވިސާމް ބުނެލިއެވެ.
“ދެން ނޫން ބައްޕި ކޮއްކޮ ނިދިނާދޭ! ސިންޑްރެއްލާ ވެސް ގެއަށްދަނީ 12 އޯކްލޮކްއިން. ޕްލީޒް ބައްޕި ކޮއްކޮ ހުންނާނީ މިތާ.” މިޝްކާ އާދޭހާއެކީ ބުނެލިއެވެ. ވިސާމަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ކިތަންމެ ބޭނުންވިޔަސް މިޝްކާ ނިދި ނާންނާނެކަން ޚުދު އޭނައަށް ވެސް އެނގެއެވެ. ހަވީރު ނިދި ގޮތަށް މިޝްކާ ހޭލާފައިވަނީ 8 ޖަހަން ގާތްވެފައި ވަނިކޮށެވެ.
“ދެން އެންމެ ރަނގަޅު. ކޮއްކޮ ކީއްކުރަންތަ ބޭނުންވަނީ؟ ޓީވީއަށް ކާރޓޫނެއް އަޅުވަދޭންވީދޯ؟” ވިސާމް އޭނަ އެއްވެސް ކަމެއްކުރަން ނުޖެހޭނެ ފަދަ ކަމެއް ޚިޔާރު ކުރެވޭތޯ ބެލިއެވެ.
“ނޫން ބައްޕި ކޮއްކޮ ބޭނުންވަނީ މިއަދު ޝަފްދައްތިއާއެކީ ކޮއްކޮ ޑްރޯ ކުރި އެއްޗެހި ބައްޕިއަށް ދައްކަން. މަޑުކުރޭ އިނގޭ.” މިޝްކާ އެހެން ބުނެލުމުން އޭނަ ބަލިވީ ކަހަލަ އިޙްޞާޞަކާއެކީ ވިސާމަށް ދެލޯ މަރައި އޭނަގެ މޫނުމަތީގައި އެއްއަތް އަޅާލެވުނެވެ. އޭނަ އެހެން އިންދާ މިޝްކާ ސޯފާއިން ފައިބައިގެން ގޮސް އެތާ ވަކިން ހުރި ސޯފާއެއްގައި އޮތް އޭނަގެ ދަބަސް ނަގައިގެން އައިސް އަނެއްކާވެސް ވިސާމްގެ ކައިރިއަށް އަރައި އިށީނެވެ. އެއަށްފަހު ދަބަހުގެ ޒިބު ކަހައި އޭގެ ތެރެއިން ލަންބާފައި އޮތް ހުދުކުލައިގެ ބޮޑު ގަނޑެއް ނެގިއެވެ.
“ބަލާބަލަ ބައްޕި! މިއީ މިޝީގެ ފެމިލީ.” މިޝްކާ އެހެން ބުނި އަޑަށް ވިސާމް އޭނަގެ ލޯ މަތިން އަތް ނަގައި ލޯ ހުޅުވާލިއެވެ. އެވަގުތު މިޝްކާ އިނީ ލަންބާފައި އޮތް އެ ގަނޑު ހުޅުވާލައިގެންނެވެ. އެ ގަނޑުގައި ކުރަހާފައިވި އެއްޗެއް ފެނިފައި ވިސާމްގެ ދެބުމަ ކައިރިވިއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ މިޝްކާ އޭނަގެ ޢާއިލާއަކަށް ކުރަހާނީ ހަމައެކަނި މިޝްކާއާއި އޭނަގެ ބައްޕަ ކަމަށެވެ. އެހެނަސް އެ ތަސްވީރުގައި މިޝްކާ މެދުގައި ހުރިއިރު އޭނަގެ ވާތް ފަރާތުގައި ބައްޕައެއް ހުރިއިރު ކަނާތް ފަރާތުގައި މަންމައެއް ހުއްޓެވެ. އެ “މަންމަ”ގެ އިސްތަށިގަނޑު ބުޅިކޮށް ކުރަހާފައިހުރިތަން ފެނިފައި ވިސާމްގެ މެއަށް ނުބައި ގޮތެއްވިއެވެ.
“ކާކުތަ ބުނީ މިޝީގެ މަންމަ ހުންނަނީ މިހެންނޭ؟” ވިސާމަށް އަވަސްއަވަހަށް އަހާލެވުނެވެ.
“ޝަފްދައްތި! ކޮއްކޮ އެންމެ ފުރަތަމަ ކުރެހީ ހަމައެކަނި ކޮއްކޮއާއި ބައްޕި. އެކަމަކު ޝަފްދައްތި ބުނީ މަންމި ވެސް ކުރެހީމަ ނޫންހޭ ފެމިލީއަކަށް ވާނީ. ދެން ކޮއްކޮ ބުނިން ކޮއްކޮއަކަށް ނޭނގޭ ކޮއްކޮގެ މަންމި ހުންނަ ގޮތެއް. ދެން ދައްތި ބުނީ ކޮއްކޮއާއި ވަރަށް ވައްތަރޭ ކޮއްކޮގެ މަންމި. ކޮއްކޮ އެހިން ދައްތި ކައިރިން ދައްތިއަށް ކޮއްކޮގެ މަންމި އެނގޭހޭ. ބައްޕި ބުންޏޭ ކޮއްކޮގެ މަންމި ވަރަށް އަވަހަށް އަންނާނެއޭ. ބުނީމަ ބައިވަރު އިރު ވަންދެން އެއްޗެކޭ ނުބުނެ ހުރެފަ ދައްތި ބުނީ ޢާއްމު ގޮތެއްގަ ގާލްސްމެން އެކުދިންގެ މަންމައާއޭ ވައްތަރުވާނީ. އެހެންވެ ކޮއްކޮ މިހެން ކުރެހީ.” މިޝްކާގެ ވާހަކަ ނިމުނުއިރު ވިސާމަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިޝްކާގެ ވާހަކައިގެ މެދުތެރެއިން އޭނައަށް ހީވީ މިޝްކާއަށް އާ މަންމައެއް ހޯދުމަށް އޭނަ ރޭވި ރޭވުން މުޅިން ނާކާމިޔާބުވީ ކަމަށެވެ. އެހެނަސް ޝަފަޤަށް އެއްޗެއް ވިސްނިގެން ވާހަކަ ބަދަލުކޮށްލީ ގޮތުން އޭނައަށް ހިތާހިތުން ޝަފަޤަށް ތަޢުރީފު ކުރެވުނެވެ.
“ދެން ބަލާބަލަ ބައްޕި މިއީ ޝަފްދައްތިއާ ކޮއްކޮ ވެގެން ކުރެހި ގާރޑެންއެއް. ރީތި ދޯ؟ ޝަފްދައްތި ވަރަށް މޮޅު ކުރަހަން. ވަރަށް މޮޅު ވާހަކަ ކިޔައިދޭންވެސް. މީތި ކުރަހާފަ ދައްތި ކިޔައިދިނީ ދެ ގާރޑެންއެއްގެ ވެރިއެއްގެ ވާހަކަ. ކޮއްކޮ މިހާރު ހަނދާނެއްނެތް އެއިން ވީ އެއްޗެއް އެކަމަކު އޭތި ވަރަށް ރީތި. ދެން ޝަފްދައްތިއާއި ކޮއްކޮ ރެޑް ރައިޑިންގް ހުޑް ޑްރާމާ ކުޅުނީ. ހެހެހެހެ……ވަރަށް މަޖާކޮށް ދައްތި ވުލްފްގެ އަޑަށް އަޑު ބަދަލުކޮށްގެން ވާހަކަ ދެއްކީ. އަދި ޑްރާމާ ނިމުނީމަވެސް ދައްތި ވުލްފް ކަމަށް ހެދިގެން ކޮއްކޮ ފަހާ އައީ. ވަރަށް މަޖާ!” މިޝްކާ އުޖާލާވި ހިނިތުންވުމަކާއެކީ ވިސާމަށް ހުރިހާ ވާހަކައެއް ކިޔައިދިން އިރު ވިސާމަށް އިނދެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ޝަފަޤަކީ އޭނަ ހީކުރި ކަހަލަ ކުއްޖަކަށް ނުވެ ހިނގައިދާނެބާވައޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އޭނަ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު މިޝްކާ ދެންވެސް ވާހަކަ ދެއްކިއެވެ.
“ބައްޕި އަދި އަހަރުމެން ދާނަން ދޯ ޝަފްދައްތިގެ ގެއަށް؟” މިޝްކާ ސުވާލުކުރިއެވެ.
“ނޫން ކޮއްކޯ ދެން ކީއްކުރަންތަ ދަނީ؟ މިހާރު ކޭކު އަޅައި ނިމިއްޖެ.” ވިސާމް ބުންޏެވެ.
“އެކަމަކު…..ކޮއްކޮ ބޭނުން ޝަފްދައްތިއާ މީޓްކުރަން. އެ ދައްތި ވަރަށް ރަނގަޅު……ކޮއްކޮގެ މަންމިވެސް އެހާ ރަނގަޅުވާނެދޯ ބައްޕި؟” މިޝްކާގެ ފަހު ސުވާލާއެކީ ވިސާމް ހުއްޓުން އެރިއެވެ. ސުވާލުވެސް ނުކޮށް އޭނަ ބޭނުންވި ޖަވާބު އޭނައަށް ލިބުނު ކަހަލަ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ. މީގެ ކުރިން ދުވަހަކުވެސް އެއްވެސް “ދައްތިއެއް” މިޝްކާއަށް މިހާ ބޮޑަށް ކަމުގޮސްފައެއްނެތެވެ. އޭނަ އިންތިޒާރު ކުރަމުން އައީ މިޝްކާ ދެންމެ ބުނިފަދަ ޖުމްލައެއް ބުނާނެ ދުވަހަކަށެވެ. މިޝްކާގެ އާ މަންމަ މި ފެނުނީތާއޭ ވިސާމްގެ ހިތަށްއެރިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނަ ޖެހޭނީ ޝަފަޤާއި އިންނަންކަން އެނގުންވުމުން އޭނަގެ މޫޑު ޚަރާބުވިއެވެ.
“ބުނެބަލަ ބައްޕި! ކޮއްކޮގެ މަންމިވެސް ވަރަށް ރަނގަޅުވާނެދޯ؟” މިޝްކާ އަނެއްކާވެސް ސުވާލުކުރުމުން ވިސާމަށް ހަމަހޭވެރިކަމެއް ލިބުނެވެ. މިޝްކާ ޖަވާބަކަށް އިންތިޒާރުކޮށްގެން އިންތަން ފެނިފައި ވިސާމް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލިއެވެ.
“އާނ ކޮއްކޯ. ކޮއްކޮގެ މަންމިއަކީ މުޅި މި ދުނިޔެއިން ވެސް އެންމެ ބެސްޓް މަންމިއަށްވާނީ. ބަލާތި….ދެން ހިނގާ އަވަހަށް ބްރަޝްކޮށްގެން ފްރެޝްވެލަންދޯ؟ ނުނިދިޔަސް ހިނގާ ދެން ކޮޓަރިއަށް. ބައްޕިއާއެކީ އެއްކަލަ ޕަޒްލް ހަދާނީ ދޯ؟” ވިސާމް އެހެން ބުނެލަމުން ކޮޅަށް ތެދުވެ މިޝްކާ އުރާލަން އުޅުނެވެ. އެހެނަސް މިޝްކާ ދެކޮޅު ހެދިއެވެ.
“ނޫން ބައްޕި އަދި މަޑުކުރޭ. އަދި ބައްޕިއަށް ދޭން އެއްޗެއް އެބައޮތް. މިއީ ޝަފްދައްތި ދިން އެއްޗެއް. ބުނީ މީތި ބައްޕި އަތަށް ދޭށޭ.” މިޝްކާ އޭނަގެ ދަބަސް ތެރެއިން ކުޑަ ސިޓީ އުރައެއް ނަގައި ވިސާމަށް ދިއްކޮށްލިއެވެ. އޭތި ފެނިފައި ވިސާމްގެ ނިތަށް ރޫ ގިނަވިއެވެ. އޭނަ އޭތި ހޯދައި އޭގެ ބޭރު ބަލާލިއިރު އޭގައި އިނގިރޭސި ބަހުން އޭނަގެ ނަން ލިޔެވިފައިވިއެވެ. މިއީ އަނެއްކާ ކޯޗެއްތޯ އޭނަގެ ހިތް ސުވާލުކުރިއެވެ. އޭތި ބަލާލަން ޚިޔާލުކޮށްލި ތަނާހެން އޭނައަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ. އަންހެން ކުއްޖަކު ސިޓީ އުރައަކަށް އަޅާފައި އޭނަ ކަހަލަ މީހަކަށް ދޭނީ ލޯބީގެ ސިޓީއެއްނޫން ދެން ކޯޗެއްހެއްޔެވެ؟ ޝަފަޤް އޭނައަށްޓަކައި ސިޓީއެއް ލިޔާ މަންޒަރު ލޮލަށް ސިފަވުމުން ވިސާމަށް ފުން ނޭވައެއް ދޫކޮށް ބޯހޫރުވާލެވުނެވެ. އޭނަ ޝަފަޤްގެ ފަރާތުން ޙަޤީޤަތުގައި މިފަދަ ކަމަކަށް އުއްމީދެއް ނުކުރެއެވެ. އެހެނަސް އަންހެން ކުދިން ވާނީ ހަމަ އަންހެން ކުދިންނަށްތާއޭ އޭނަގެ ހިތް ބުންޏެވެ. ކޮންމެއަކަސް ޝަފަޤަށް މުޅިން ފޫހިވާކަށް އޭނަ ނުނިންމައެވެ. ޝަފަޤް މިޝްކާގެ މަންމައަކަށްވުމަށް ރަނގަޅުވާނެ ކަމަށް އޭނައަށް މިހާރު ޤަބޫލު ކުރެވެއެވެ. މި ސިޓީއަށް ޖަވާބު ދޭނީތޯ ނުވަތަ ނުދޭނީތޯ އަދި ވިސްނާފައި ނިންމަން ޚިޔާލުކުރަމުން ވިސާމް އޭތި އެތާހުރި މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު މިޝްކާގާތު ހިނގާށޭ ބުނެލަމުން އޭނަ އުރާލިއެވެ.
މިޝްކާ ނިދަން ތައްޔާރު ކުރުމަށްފަހު ވިސާމް ގަޑިއެއްހާއިރު ވަންދެން އޭނައާއެކީ ކުޅެން ހުންނަންޖެހުނެވެ. އޭގެ މާގިނައިރެއްނުވެ މިޝްކާގެ ދެލޯ މެރެން ފެށުމުން ވިސާމް އޭނަ ދެއަތް މައްޗަށް އުފުލައިގެން ގޮސް އެނދުގައި ބާއްވައި ރަޖާ އަޅާލަދިނެވެ. މިޝްކާ ނިދީކަން ޔަޤީންވުމުން ވިސާމް އާދައިގެ މަތިން އޭނަގެ ނިތަށް ބޮސްދީފައި ބޮލުގައި ފިރުމާލިއެވެ. އެއަށްފަހު ދެންވެސް މިޝްކާއަށް ބަލަމުން ބަލަމުން ގޮސް ކޮޓަރިން ނިކުމެ ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލިއެވެ. ވިސާމް ދެން މިޞްރާބުޖެހީ އޭނަގެ އަމިއްލަ ކޮޓަރިއާއި ދިމާލަށެވެ. އެހެނަސް އޭނަގެ ލޮލުގައި ކުޑަވެސް ނިންޖެއް ނެތްކަން އެނގުންވުމުން އޭނަ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. މިވަގުތު އޭނަ އެއްވެސް މަސައްކަތެއްވެސް ކުރާ ހިތެއް ނުވުމުން ވިސާމް ފިލްމެއް ބަލާލަން ނިންމިއެވެ. އެހެންކަމުން އޭނަ ސިޓިންގް ރޫމަށް ގޮސް އެތާހުރި ރެކްގެ ތެރެއިން އޭނަ އެންމެ ފަހުން ގަތް ފިލްމުގެ ސީޑީ ނަގައި ޑީވީޑީ ޕްލޭޔަރަށް ލައްވާލިއެވެ. އެއަށްފަހު ޓީވީ ހުޅުވާލަމުން ގޮސް ސޯފާއަށް ވެއްޓިގަތެވެ. ފިލްމު ފެށެން އުޅުނު ވަގުތު އޭނައަށް އެއްލި ކަޅިއަކުން އެތާ މޭޒުމަތީގައި އޮތް ސިޓީ އުރަ ފެނުނެވެ. އޭނަ ހުރީ އޭގެ މަތިން ހަނދާން ނެތިފައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ ކުއްލިއަކަށް އެ “ސިޓީ” ކިޔާލަން ބޭނުންވިއެވެ. އޭނަ ވަގުތުން ފިލްމު މަޑު ޖައްސާލަމުން އެ ސިޓީ އުރަ ނަގައި އޭތި ހުޅުވާލިއެވެ. އަދި ކެތްމަދުވެފައިވާ ހިތަކާއެކީ އެ އުރައިގެ ތެރެއަށް އަތް ކޮއްޕައި އޭގެ ތެރޭގައި ހުރި އެއްޗެއް ނެގިއެވެ.
ނުނިމޭ