“اللّهُمَّ مَغْفِرَتُكَ أَوْسَعُ مِنْ ذُنُوْبِي, وَرَحْمَتُكَ أَرْجَى عِنْدِي مِنْ عَمَلِيْ”
“ޔާ ﷲ! އިބަރަސްކަލާނގެ ގެ ފާފަފުއްސެވުން މިއަޅާގެ ފާފަތަކަށް ވުރެ ތަނަވަސްކަން ބޮޑުވެގެންވެއެވެ. އަދި މި އަޅާގެ ޢަމަލުތަކަށްވުރެ ބޮޑަށް މިއަޅާ އިބަރަސްކަލާނގެ ގެ ރަޙްމަތާއިމެދު އުއްމީދު ކުރަމެވެ.”
ހިލްޔާއަށް ކުރިން އެނގިފައި ނުވާ އެ ދުޢާ ކިޔާލެވުނު ހިނދު، ހިތަށް އާ އުއްމީދެއް ވެރިވެގެން ދިޔައެވެ. އާނއެކެވެ. އޭނަގެ ފާފަތަކަށްވުރެ ﷲ ގެ ފުއްސެވުން ތަނަވަހެވެ. އަދި އޭނަ އުއްމީދު ކުރަންވީ އޭނަގެ ހެޔޮ ޢަމަލުތައް ގިނަވުމަށް ވުރެ ﷲ ގެ ރަޙްމަތަށެވެ. އެހެނީ ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ކުރިޔަސް ސުވަރުގެއަށް ވަދެވޭނީ ﷲ ގެ ރަޙްމަތުންނެވެ.
ހިލްޔާއަށް ދެންވެސް ގަނޑު ތިރި ކޮށްލަމުން މީތި އޭނައަށް ދޭނީ ކާކު ކަމާއިމެދު ވިސްނާލެވުނެވެ. އެހެނަސް ވިސްނާވިސްނާ އެކަން އެގޮތަށް ކުރާނެ މީހަކު ސިކުނޑިއަށް ނައެވެ.
އެރެއަށްފަހު ކޮންމެ ދުވަހަކުހެން ޑިއުޓީ ތެރެއިން އެހެން ނޫނީ ޑިއުޓީ ގަޑީގައި ހިލްޔާއަށް އޭނަގެ މޭޒުމަތިން ސިޓީ އުރައެއް ފެނެއެވެ. ކޮންމެ ފަހަރަކު އޭގެ ބޭރުގައި އިނގިރޭސި ބޮޑު އަކުރުން ‘ފޯ ހިލްޔާ’ އޭ ލިޔެވިފައިވެއެވެ. އަދި އެ ސިޓީ އުރައިން ނަގާ ގަނޑުގައި އޮންނަނީ ކޮންމެވެސް ޤުރުއާނުން ނޫނީ ޙަދީޘަކުން ނެގިފައިވާ ދުޢާއެކެވެ. އެހެންނޫނީ ޤުރުއާނުގެ އާޔަތެކެވެ.
“رَبَّنَا ظَلَمْنَا أَنْفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ”
“އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ، އަޅަމެންވާނީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
“ކަލޭގެފާނު ވިދާޅުވާށެވެ! އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.”
“رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ”
“އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އިބަރަސްކަލާނގެއީ ރަޙްމަތް ލައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ.”
“رَبَّنَا اغْفِرْلِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ”
“އަޅަމެންގެ ވެރިރަސްކަލާކޮ! ހިސާބު ޤާއިމްވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނުންނަށް ފާފަފުއްސަވާނދޭވެ!”
ހިލްޔާއަށް ފުރަތަމަ ފެނުނު ދުޢާ ފިޔަވައި ދެން ފެނުނުހާ ދުޢާތަކަކީ ހިލްޔާއަށް އާ ދުޢާތަކަކަށް ނުވިއެވެ. އެހެނަސް ބީރައްޓެއްސަކު ފޮނުވަމުން ދިޔަ ސިޓީތަކުން ފެންނަމުން ދިޔަ އެ ދުޢާތަކުގެ އަސަރު ހިތަށް ކުރިއެވެ. ލަސްލަހުން ނަމަވެސް އެ ހިތުގައި އުއްމީދު އާލާވާން ފެށިއެވެ. ވަކިން ޚާއްސަކޮށް އެ ދުޢާތައް ބަންގިއާއި ގަމަތާއި ދެމެދު ކުރުމަށް އާދަ ކުރަން ފެށުމުން އެއީ އިޖާބަވާނެ ދުޢާތަކެއް ކަން ޔަޤީނާއި ގާތްވާން ފެށިއެވެ. އޭނަގެ ފާފަތައް ﷲ ފުއްސަވާނެ ކަމުގެ އުއްމީދު އާލާވާން ފެށިއެވެ. ފާފަތަކުގެ ޢަޒާބު އޭނައަށް ދެއްވުމުގެ ބަދަލުގައި، ﷲ އަކީ އޭނައަށް ރަޙްމަތް ލައްވާ ރަސްކަލާނގެ ކަން ހަނދާން ބަހައްޓަން ފަސޭހަވަމުން ދިޔައެވެ. އެހެންކަމަށް ވާނަމަ އޭނައަށް މި ކުރިމަތިވާ ދަތިތަކުގެ ފަހަތުގައި ވެސް ރަޙްމަތެއް ވާނެކަން ޤަބޫލު ކުރެވެން ފެށިއެވެ. އެ ޤަބޫލު ކުރެވުމާއިއެކު ހިލްޔާގެ ހިތާމަތައް ލުއި ވާން ފެށިއެވެ.
އެ ކުދި ސިޓީތައް ލިބެން ފެށިތާ ހަފްތާއެއް ވީއިރު ހިލްޔާގެ މޫނުމަތި ވެސް ހިސާބަކަށް އުޖާލާވެގެން ދިޔަކަން ޚުދު އޭނައަށް ވެސް ފާހަގަވިއެވެ. އެހާ ހިސާބަށް އައިއިރު ލޮލުގެ ދުޅަކަން ކުޑަވެ، ލޮލަށް ތަދު ވެސް ނުވެއެވެ. މާޒީއާއި މެދު ހަނދާންކޮށް ރޮވޭ މިންވަރު ބޮޑު ތަނުން މަދުވެގެން ދިޔުމުންނެވެ. އެކަމަށްޓަކައި ހިލްޔާއަށް ހިތާހިތުން ޙަމްދު ކުރެވުނެވެ.
އެހާ ހިސާބަށް ދިޔުމުން އެ ސިޓީ ފޮނުވާ މީހަކު ދަނެގަންނަން ހިލްޔާ އަދި ބޭނުންވީ މާ ބޮޑަށެވެ. އެމީހަކަށް ފުރިހަމައަށް ޝުކުރު އަދާ ކުރަން ބޭނުންވީތީވެއެވެ. ސިޓީ އުރަތަކުގެ ބޭރުގައި ހުންނަ އަތު ލިޔުމުން އެއީ ފިރިހެނެއްގެ ލިޔުންހެން ބައެއް ފަހަރު ހިލްޔާއަށް ހީވެއެވެ. އޭނައަށް އެފަދަ ‘ހަދިޔާ’އެއް ދޭނެ ފިރިހެނަކަށް ހިލްޔާއަށް ވިސްނުނީ ދާނިޝްއެވެ.
އެހެންކަމުން ފަހުން ފަހުން އައިސް ހިލްޔާއަށް ދާނިޝްއަށް ބެލެން ފެށީ ތަފާތު ނަޒަރަކުންނެވެ. ދާނިޝް އޭނައަށް އެފަދަ ސިޓީތަކެއް ދީފާނެތޯ ހިތާހިތުން ސުވާލު ކުރެވުނެވެ. ދެންޏާ ދޭނީ ކޮން ނިޔަތެއްގައިތޯ ހިތަށްއެރިއެވެ. ފާފަ ފުއްސެވުމަށް އެދި ކުރާ ދުޢާތައް ދާނިޝް އޭނައަށް ދެނީ، އެހެން މީހުން ހީކުރާހެން އޭނަ ބޮޑު ފާފައަކަށް އަރައިގެންފައިވާހެން ދާނިޝްއަށް ހީވާތީ ހެއްޔެވެ؟ އެހެނަސް ކީއްވެ ކަމެއް ނޭނގެއެވެ. ދާނިޝް އޭނައާއިމެދު ދަށްކޮށް ދެކޭ ކަމަށް ޤަބޫލު ކުރަން ހިލްޔާއަށް ދަތިވިއެވެ. ކްލިނިކް ތެރެއިން އޭނައާއި ވާހަކަ ދައްކާއިރު ބަހުރުވައިގައި ވެސް ހުންނަ އިޙްތިރާމުންނެވެ. ކްލިނިކްގެ ތެރެއިން އޭނައާއި ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކުރާ ގޮތުންނެވެ. އެ ހިނިތުންވުން ފެނިފައި ހިލްޔާއަށް ވެސް ހިނިތުންވެލެވެނީ ބޭއިޚްތިޔާރުގައެވެ.
ހިލްޔާއަށް ހީވި ހީވުން ޔަޤީނަކަށް ބަދަލުވެގެން ދިޔައީ، އެ ކުދި ސިޓީ ލިބެން ފެށިތާ ހަފްތާއެއްހާ ދުވަސްފަހުންނެވެ. އެރޭ މެދު ޢުމުރުގެ އަންހެނަކު އައިވީ އަޅައި ނިމެން ގާތްވަމުން ދިޔައީ 10 ޖަހަން ގާތްވަމުން ދިޔަ ވަގުތެވެ. 10 ޖެހިއިރު ހިލްޔާ ވޯޑަށް ގޮސް އެ މީހާގެ ޙާލު ބަލައި އެމީހާ ދޫކޮށްލުމަށް ނަރުސް ކުދިން ގާތު އެދުނެވެ. އެއަށްފަހު އާދައިގެ ހިނގުމެއްގައި ވޯޑުން ނިކުމެގެން ދިޔައީ އަވަހަށް ގެއަށް ގޮސް ފެންވަރާލައިގެން ނިދަން ޚިޔާލު ކުރަމުންނެވެ. އެދުވަސް ވެގެން ގޮސްފައިވީ ފުދޭ ވަރަކަށް ބުރަ ދުވަހަކަށެވެ.
ހިލްޔާ ވޯޑުން ނިކުމެ ލޮބީ އޭރިއާއަށް ދިޔަ ހިނދު ފިޔަވަޅުތައް މަޑުޖައްސާލެވުނީ ދިމާ ކުރިމަތިން ތަންކޮޅެއް ދުރު ހިސާބަކުން ފެނުނު މަންޒަރުންނެވެ. ކޮންސަލްޓޭޝަން ރޫމްތަކުގެ ކޮރިޑޯގެ އެންމެ ކޮޅުން ފެނުނީ ދާނިޝްއެވެ. އެހާ ހިސާބުން ބެލިބެލުމުން ވެސް އެންމެ އެކޮޅުގައި ހުރި ކޮންސަލްޓޭޝަން ރޫމުން ދާނިޝް ނިކުތީކަން ހިލްޔާއަށް އެނގުނެވެ. އެހިނދު ހިލްޔާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލިއެވެ. މިހާރު އޭނަގެ މޭޒުމަތީގައި ސިޓީ އުރައެއް އޮންނާނެތާއޭ ހިތަށްއެރިއެވެ. ސިޓީ ދެނީ ދާނިޝް ކަމަށް ހީވި ހީވުން ޙަޤީޤަތަކަށް ވުމުން ޙައިރާންކަމަށްވުރެ ބޮޑަށް އުފާވެރިކަމުން އެ ހިތް ވަށާލެވިގެން ދިޔައެވެ.
ހިލްޔާއަށް ލަސް ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގެން ފެށީ ބޭއިޚްތިޔާރުގައެވެ. ދާނިޝް ލޮބީ އޭރިއާއާއި ހަމައަށް އަންނަންވާއިރަށް އޭނަ ދާނިޝް އާއި ދިމާކޮށްލަން ބޭނުންވުމުންނެވެ. އެވަގުތަކީ ކްލިނިކަށް އިތުރު ބަލިމީހުން ނާންނަ ގަޑިއަކަށް ވުމުން ލޮބީ އޭރިއާ ވީ މުޅިން ހުހަށެވެ. ރިސެޕްޝަން ކުދިން ވެސް މީގެ އިރުކޮޅެއް ކުރިން ގެއަށް ގޮއްސިއެވެ.
ހިލްޔާ ރާވައިގެން ހުރި ފަދައިން ހިލްޔާއަށް ލޮބީ އޭރިއާގެ މެދާއި ހަމައަށް އާދެވުނު ވަގުތު އާދައިގެ ހިނގުމެއްގައި އައި ދާނިޝް ވެސް އެހާ ހިސާބަށް ފޯރައިފިއެވެ. ދާނިޝް އޭނަ ފެނުމާއިއެކު އާދައިގެ މަތިން ހިނިތުންވެލައިފިއެވެ.
“އަނހަ! ޑޮކްޓަރ ހިލްޔާ….ލޯންގް ޑޭ ދޯ؟” ދާނިޝް ހިލްޔާގެ ކުރިމަތީގައި މަޑުކޮށްލަމުން ބުންޏެވެ. އޭގެ ޖަވާބެއްގެ ގޮތުން ހިލްޔާ ބޯޖަހާލިއެވެ.
“ހުމް….އެންމެ ފަހު ޕޭޝަންޓް ޑިސްޗާޖް ކުރީ ހަމަ ދެންމެ.” ހިލްޔާއަށް ދެންވެސް ނުފިލާ ހިނިތުންވުމަކާއެކީ ވާހަކަ ދެކެވުނެވެ.
“ހޮސްޕިޓަލަކަށް ޓްރާންސްފާރ ކުރަން ޖެހުނު ޕޭޝަންޓެއް ހުރިތަ މިއަދު؟” ދާނިޝް އެހިއެވެ.
“އާނ….ދެމީހުން.” ހިލްޔާ ޖަވާބު ދިނެވެ.
“އޮހް…ކްލިނިކް 24 އަވާރސް ކުރީމަ އެހެންނެއް ނުވާނެ އިން ޝާ ﷲ. ބޮސް އެބަ ޕްލޭން ކުރޭ އެކަހަލަ ގޮތެއް. މޭއިބީ އާފްޓާރ 1 ޔިއާރ.” ދާނިޝް ވާހަކަ ދެއްކިއެވެ.
“އޭރުން ހުންނާނެ ނައިޓް ޑިއުޓީ ވެސް ދޯ؟” ހިލްޔާއަށް އެހެން ބުނެލެވުނު ހިނދު ވީ އުދަގޫ ދެއްކުމަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. ހިލްޔާއަށް ވީ ގޮތުން ދާނިޝްއަށް ހީލެވުނެވެ.
“ހެހެ….އާނ އޭރުން ޑޮކްޓަރ ހިލްޔާއަށް އަބަދު ދޭނީ ރޭގަނޑު ޑިއުޓީ.” ދާނިޝް ހިލްޔާއަށް ވާ ގޮތެއް ބެލުމަށް ބުންޏެވެ.
“ނޯ! ދެޓްސް އަންއެތިކަލް!!” ހިލްޔާ ހިނދުކޮޅަކަށް ވީ ނުރުހުމުގައި ބުންޏެވެ. އެއާއިއެކު އަނެއްކާވެސް ދާނިޝް ހީލުމުން ހިލްޔާއަށް ވެސް ހީލެވުނެވެ. ދެމީހުންގެ ހުނުން މަޑުވުމުން ދެން ވާހަކަ ދެއްކީ ދާނިޝްއެވެ.
“ޖަސްޓް ޖޯކިންގް…ހޭވް އަ ގުޑް ނައިޓް.” ދާނިޝް ހިނިތުންވުމެއްގައި ހުރެ ބުންޏެވެ.
“ގުޑް ނައިޓް.” ހިލްޔާއަށް ވެސް ހިނިތުންވުމަކާއިއެކީ ބުނެވުނެވެ.
އެއަށްފަހު ދާނިޝް ހިލްޔާއަށް ފަސްދީފައި ދާން ހިނގައިގަތުމުން ހިލްޔާގެ ހިތް ދެރަވިއެވެ. އެދެމީހުންގެ ވާހަކަ ދިގު ދެމިގެން ދިޔުމަށް ހިލްޔާގެ ހިތް އެދުނެވެ. ދާނިޝް އާއި އޭނައާއި ދެމެދު އަބަދުވެސް ދެކެވެނީ މިފަދަ ކުރު ވާހަކަތަކެކެވެ. އެހެނަސް އެ ކުދި ކޮންމެ ވަގުތުކޮޅެއްގައި ހިލްޔާއަށް ކުރިން އިޙްސާސް ނުކުރެވޭ އުފަލެއް ލިބެއެވެ. އެއީ ކީއްވެކަމެއް ޔަޤީނެއް ނުކުރެވުނެވެ. ދާނިޝް މިފަހުން އައިސް މާ ސަމާސާވެރިވުމުން ކަމެއް، ނޫނީ އެ ބަލާލުމުގައި ވެސް ހުންނަ އޯގާތެރިކަމުން ކަމެއް، ނޫނީ އެ ރީތި ހިނިތުންވުމެއްގެ ސަބަބުންކަމެއް ނޭނގުނެވެ. ޔަޤީންވިހާ ވެސް ކަމަކީ އެވަގުތު ދާނިޝް ގޮސް އެޑްމިން އޮފީހަށް ވަނުމުން ހިލްޔާގެ ލޯ މައްޗަށް ގެއްލުމުން ހިލްޔާ ދެރަވި ކަމެވެ.
ހިލްޔާ ކޮންސަލްޓޭޝަން ރޫމަށް ދާން ފެށީ ދެރަވެފައި ކަމަށް ވިޔަސް، އޭނައަށް މިރޭ ލިބޭނެ ސިޓީ މޭޒުމަތީގައި ވާނެކަން ހަނދާންވެ، ހިތަށް ޖޯޝެއް ވެރިވިއެވެ. ސިޓީ ހުޅުވުމަށް ކެތްމަދުވުމުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ރޫމަށް ވަދެވުނެވެ. މޭޒު ކައިރިއަށް ގޮސް ބަލާލިއިރު ހިލްޔާ އުއްމީދު ކުރި ފަދައިން ސިޓީ އުރައެއް އޮތެވެ. އޭގެ ބޭރުގައި އެއްކަލަ ލިޔުމުން ‘ފޯ ހިލްޔާ’ ލިޔެވިފައިވިއެވެ. ދާނިޝް އެ ސިޓީ އުރައިގައި އެ ބަސްތައް ލިޔާ މަންޒަރު ސިފަވުމުން ކޯތާފަތާއި ދިމާލުން ހޫނުކަމެއް އިޙްސާސް ކުރެވުނެވެ. އެ އިޙްސާސުން އަރައިގަންނަމުން ހިލްޔާ ގޮނޑީގައި އިށީނދެ، ސިޓީ އުރަ ކަނޑާލިއެވެ. އަދި އޭގެ ތެރޭގައި އޮތް ގަނޑު ނިއުޅާލިއެވެ. އާދައިގެ މަތިން ގަނޑުން ފެނިގެން ދިޔައީ ދުޢާއެކެވެ.
“اللَّهُمَّ إِنِّي عَبْدُكَ ابْنُ عَبْدِكَ ابْنُ أَمَتِكَ نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاءُكَ أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلاءَ حُزْنِي، وذَهَابَ هَمِّي.”
“އަޅުގެ ވެރި ﷲ އެވެ. މިއީ އިބަ އިލާހުގެ އަޅާއެވެ. މިއީ އިބަ އިލާހުގެ ފިރިހެން އަޅުގެ ދަރިއެވެ. އަދި މިއީ އިބަ އިލާހުގެ އަންހެން އަޅުގެ ދަރިއެވެ. މިއަޅާގެ ނިއްގަނޑުވަނީ އިބަ އިލާހުގެ މުށުތެރޭގައެވެ. އިބަ އިލާހުގެ އަމުރުފުޅުވަނީ މިއަޅާގެ މައްޗަށް އަބަދަށް ދެމިގެންދާނެހެން ތަންފީޒުވެފައެވެ. އިބަ އިލާހު މި އަޅާއަށް މިންވަރު ކުރެއްވި ގޮތަކީ އެންމެ ޢަދުލުވެރިގޮތެވެ. އިބަ އިލާހަށް ނިސްބަތްވާ ހުރިހާ ނަންފުޅަކުން ގޮވައި އަޅު ދަންނަވަމެވެ. އިބަ އިލާހުގެ ފޮތުގައި ބާވައިލެއްވި އިބައިލާހުގެ ހުރިހާ ނަންފުޅަކުން ގޮވައި އަޅު ދަންނަވަމެވެ. އިބަ އިލާހުގެ ޚަލްޤުތަކުންނަށް ދަސްކޮށްދެއްވާފައިވާ އިބަ އިލާހުގެ ކޮންމެ ނަންފުޅަކުން ގޮވައި އަޅު ދަންނަވަމެވެ. އަދި އިބަ އިލާހު ސިއްރު ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އިބަ އިލާހުގެ ނަންފުޅުތަކުން ގޮވައި އަޅު ދަންނަވަމެވެ. ޤުރުއާނަކީ މިއަޅާގެ ހިތުގެ ރަބީޢު (ބަހާރު މޫސުން) ކަމުގައްޔާއި، މިއަޅާގެ މޭގެ އަލިކަން ކަމުގައި ލައްވައިފާނދެއެވެ. ޤުރުއާނަކީ މިއަޅާގެ ހިތާމައިގެ ނިމުން ކަމުގައްޔާއި، މިއަޅާގެ ހިތް ނުތަނަވަސްކަމުގެ ފަރުވާ ކަމުގައި ލައްވައިފާނދޭވެ. އާމީން!”
އެއީ އަނެއްކާވެސް ހިލްޔާއަށް ފުރަތަމަ ފަހަރަށް ފެނުނު ދުޢާއަކަށް ވިއެވެ. ދުޢާގެ ފަހު ބައި ކިޔަމުން ދިޔަދިޔަހެން ހިލްޔާގެ ލޮލުން ކަރުނަ ހިލުނެވެ. އެ ބަސްތަކުގެ ރީތިކަން ހިތަށް އިޙްސާސް ކުރެވުނެވެ. ހަނދާނަށް އައީ ޔޫކޭ އިން ރާއްޖެއަށް އައި ދުވަހެވެ. އެދުވަހު ފެނުނު ރާފިލްގެ ވީޑިއޯއިން އޭނަގެ ހިތް ހިތާމައިން ފުރިގެން ގޮސްފައިވި ގޮތެވެ. އެހެނަސް ފްލައިޓް މަތިން ޤުރުއާން ކިޔަވަން ފެށުމުން އެ ހިތާމައިގެ މަތިން ހަނދާން ނެތުނު ގޮތެވެ.
ހަމަ އެހިނދު ހިލްޔާ މިފަހުން އައިސް ބޮޑަށް ދެރަވި ދުވަސްތަކަކީ ވެސް ޤުރުއާނާއި ހިސާބަކަށް ދުރުވި ދުވަސްތައް ކަން ހިލްޔާއަށް އެނގުންވިއެވެ. ކްލިނިކްގައި ބުރަވުމުގެ ސަބަބުންނެވެ. ހިތާމަތަކާއި ނުތަނަވަސްކަމަށް ނިމުމެއް ގެންނަން ބޭނުންވާ މީހަކު ޤުރުއާނާއި ގާތްވާން ޖެހޭ ކަން އެވަގުތު ޔަޤީން ކުރެވުނެވެ.
ދުޢާގެ ފުރިހަމަ އަސަރު ހިލްޔާގެ ހިތުގެ ފުން މިނަށް ކުރި ހިނދު މި ދުޢާ އޭނައާއި ޙިއްސާ ކުރި މީހަކާއިމެދު ވިސްނާލެވުނެވެ. ދާނިޝްގެ ސޫރަ ލޮލަށް ސިފަވުމާއިއެކު ހިލްޔާ އަވަސްއަވަހަށް އަތުގައި އޮތް ގަނޑު ފަށްޖަހާލަމުން ސިޓީ އުރައަށް އެޅިއެވެ. އަދި މޭޒުމަތީގެ އެއްފަރާތުގައި ހުރި އަތް ދަބަސް ނަގައި އޭނަގެ ކޮނޑުގައި އަޅުވާލަމުން ރޫމުން ނިކުންނަން ދިޔައެވެ.
ހިލްޔާ އަވަސް ފިޔަވަޅުތަކެއްގައި ނިކުންނަން ދިޔައީ މި ގަޑީގައި ދާނިޝް ވެސް ގެއަށް ދާނީ ކަން ހަނދާން ކުރަމުންނެވެ. ދާނިޝް ދިޔުމުގެ ކުރިން ހިލްޔާ ކޮންމެހެން ވެސް މިރޭ ދާނިޝްއާއި ބައްދަލު ކޮށްލަން ބޭނުންވިއެވެ. ވަކިން ޚާއްސަކޮށް ދާނިޝްގެ މި ސިޓީތަކުގެ ބޭނުމަކީ އޭނަގެ ހިތާމަތަކަށް ނިމުމެއް ގެނައުންކަން ވެސް މިރޭ އެނގިގެން ދިޔުމުންނެވެ.
ހިލްޔާއަށް ލޮބީ އޭރިއާއަށް ދެވުނުއިރު ދާނިޝް ސައިން އައުޓް ކޮށްފައި ކްލިނިކުން ނިކުންނަން ދިޔައީއެވެ. ދާނިޝްއަށް ގޮވާލަން އަނގަ ހުޅުވާލެވުނެއްކަމަކު ހިލްޔާގެ އަޑު ނިކުތުމުގެ ކުރިން ދާނިޝް އަނެއްކާވެސް ލޯމައްޗަށް ގެއްލުނެވެ. އެހެންކަމުން ހިލްޔާ ކުޑަކޮށް ދުވެލާފައި ގޮސް ސައިން އައުޓް ކުރިއެވެ. އަދި ކްލިނިކުން ނިކުމެގެން ދިޔައެވެ.
ހިލްޔާއަށް ދާނިޝް ފެނޭ ގޮތްވީ ޕާކިންގް އޭރިއާއިންނެވެ. ޕާކިންގް އޭރިއާއާއި ހަމައަށް ހިލްޔާއަށް ދެވުނުއިރު ދާނިޝް ހިލްޔާގެ ކާރުގެ ކައިރީގައި ބެހެއްޓިފައިވި، ދާނިޝްގެ ސައިކަލަށް އަރަނީއެވެ.
“ދާނިޝް!” ދާނިޝް ހުރި ދިމާލަށް ދަމުން ހިލްޔާއަށް ގޮވާލެވުނެވެ. އެހިނދު ސައިކަލު ސްޓާޓް ކުރަން އުޅުނު ދާނިޝް ފަސްއެނބުރި ބަލާލިއެވެ.
“ހިލްޔާ؟” ހިލްޔާ އަވަސް ފިޔަވަޅުތަކެއްގައި އަންނަ މަންޒަރު ފެނި، ދާނިޝްއަށް ދެބުމަ ކައިރިކޮށްލަމުން އެ ނަން ކިޔާލެވުނެވެ.
ދާނިޝް ބަލަބަލާ ހުއްޓާ ހިލްޔާ ކާރު އޮތް ފަރާތުން އައިސް ދާނިޝްއަށް ބަލާލިއެވެ. އަދި ނޭވާ ހަމައަކަށް އެޅުވުމަށް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ކިހިނެއްވީ ހިލްޔާ ކަމެއް ދިމާވީތަ؟” ދާނިޝްއަށް ކަންބޮޑުވުމަކާއެކީ އަހާލެވުނެވެ.
“ނޯ އިޓްސް ޖަސްޓް….މިއީ ދާނިޝް އަހަންނަށް ފޮނުވާ އެއްޗެއް ދޯ؟” ހިލްޔާ އަތުގައި އޮތް ސިޓީ އުރަ ދައްކާލަމުން އެހިއެވެ.
މިރޭ ހިލްޔާގެ މޭޒުމަތީގައި އޭނަ ބޭއްވި ސިޓީ އުރަ ހިލްޔާގެ އަތުން ފެނިފައި ދާނިޝްއަށް އެއްފަހަރު އެ ސިޓީ އުރައަށް އަނެއްފަހަރު ހިލްޔާއަށް ބަލާލެވުނެވެ.
“ކޯޓް ރެޑް ހޭންޑެޑް ދޯ މިރޭ؟ ހެހެ….އާނ އަހަރެން ތި ފޮނުވަމުން ދިޔައީ.” ދާނިޝް ބުންޏެވެ. އަނެއްކާވެސް ހިލްޔާ އޭނަގެ ބަސްތަކަށް ހީލުމުން ދާނިޝްގެ ހިތަށް އުފަލެއް ލިބުނެވެ. އޭނަ ހުރީ އެ ސިޓީތައް ފޮނުވަނީ އޭނަ ކަން ހިލްޔާއަށް ކޮންމެހެން އަންގާކަށް ނޫނެވެ. އެ ދުޢާތަކުން ހިލްޔާގެ ހިތަށް ހަމަޖެހުމެއް ލިބެނިކޮށް އޭނައަށް ނިމުނީއެވެ.
“ބުނަން ބޭނުންވީ…..ދިސް އިޒް ވެރީ ހެލްޕްފުލް. މޯ ދޭން ޔޫ ތިންކް. ތެންކިއު. جَزَاكَ الله خَيْرًا!” ހިލްޔާ ބުންޏެވެ.
“اللهُمَّ بَارِك. ތިއީ ކޮންމެހެން އަހަރެންގެ މޮޅުކަމެއް ނޫން. ފާފަ ފުއްސެވުމަށް ދުޢާ ކުރުމަކީ ވަރަށް ގިނަ ނިޢުމަތްތަކަށް މަގުފަހިވާ ސަބަބެއް.” ދާނިޝް ބުނެލިއެވެ.
“އަސްލުވެސް…މިރޭ ޝެއާރ ކުރި ދުޢާ ހޯދީ ކޮން ތަނަކުންތަ؟ އެއީ އަހަންނަށް އާ ދުޢާއެއް.” ހިލްޔާ އަހާލިއެވެ.
“އެއީ ޙަދީޘެއް. އަހަންނަށް ވެސް އެ ދުޢާ ފެނުނީ މަންމަ އެންމެ ފަހުން ލިޔެފަ އޮތް ފޮތުން.” ދާނިޝް ބުންޏެވެ.
“މަންމަ….ޔޫ މީން އުސްތާޒާ އަސްމާ؟!!!” ދާނިޝްގެ މަންމައަކީ ކާކުކަން ހަނދާންވެގެން ދިޔުމާއިއެކު ހިތަށް ވެރިވި ޖޯޝާއިއެކީ ހިލްޔާގެ ދެލޯ ބޮޑުވިއެވެ.
“ހެހެ….ޔެސް އުސްތާޒާ އަސްމާ.”
“އެކަމަކު….އުސްތާޒާ އެންމެ ފަހުން ލިޔުނު ފޮތަކީ ‘ކާމިޔާބު އުޚްތާ’ އެއް ނޫންތަ؟ އެ ފޮތުން ނުދެކެން ތި ދުޢާއެއް.”
“ނޫން މިއީ އެއަށްވުރެ ފަހުން ލިޔެފަ އޮތް ފޮތެއް. މަންމަ ނިޔާވި ފަހުން މަންމަގެ ލެޕްޓޮޕުން ފޮތުގެ ޑޮކިއުމެންޓް އަހަންނަށް ފެނުނީ.” ދާނިޝް ބުންޏެވެ.
“އޯ އެމް ޖީ! އުސްތާޒާގެ އެންމެ އާ ފޮތް ދޯ؟ އަހަރުމެން ގާތު ބުނި ފޮތެއް ލިޔަމުން ދާ ވާހަކަ. ދެން….ދެން ތީތި ޕަބްލިޝް ކުރަން ނުފޮނުވަންތަ ދާނިޝް؟ ޔޫ ޑޯންޓް ނޯ ސޯ މެނީ ޕީޕަލް އާރ ވެއިޓިންގް ފޯ ދެޓް ބުކް!”
“ހިއެއް ނުކުރަން މީހުން ތިހާ އެކްސައިޓްވެގެން އުޅޭކަމެއް އެ ފޮތަށްޓަކައި. ހެހެހެ…..އެކަމަކު ދެން. އެ ފޮތުގަ ވަރަށް ޕާރސަނަލް ވާހަކަ ހުންނާތީ ޕަބްލިޝް ކުރުމާއިމެދު ދެ ޚިޔާލެއްގެ މަތީގަ މި ހުންނަނީ.”
“އެކަމަކު އުސްތާޒާ ފޮތެއް ނުލިޔާނެ ދޯ ޕަބްލިޝް ނުކޮށް ބާއްވަން. ޕަބްލިޝް ކުރިއްޔާ އެއިން އެހެން މީހުންނަށް ފައިދާ ކުރީމަ އުސްތާޒާއަށް ޘަވާބު ވެސް ލިބޭނެއެއް ނޫންތަ؟”
ހިލްޔާ އެ ބުނެލި ބަސްތަކުން ދާނިޝް ހިނދުކޮޅަކަށް ހިމޭންވާ ގޮތްވިއެވެ. ހިލްޔާ އެންމެ ފަހުން ބުނެލި ބަސްތަކަކީ ޚުދު އޭނައަށް ވެސް ކުރެވިފައިވާ ޚިޔާލެކެވެ. އެހެނަސް މަންމަގެ އެ ފޮތުގައި އޭނަ މާޒީގައި އުޅުނު ގޮތް ކޮންމެވެސް ވަރަކަށް އެނގިގެން ދާތީ ދާނިޝް ޖެހިލުންވެފައިވީއެވެ. ހިލްޔާ އެ ބުނެލި ބަސްތަކާއެކީ އެ ޖެހިލުންވުމުން އަރައިގަންނަން ހިތްވަރެއް ލިބުނެވެ. މިއަދު އޭނައަކީ ވެސް ދީނާއި އެއްގޮތަށް އުޅެން މަސައްކަތް ކުރާ މީހެއްކަން ޢާއްމުންނަށް ވެސް އެނގޭނެތާއޭ ހިތަށްއެރިއެވެ.
“އެބަ ވިސްނަން ތިކަމާ.” ދާނިޝް ލުއި ގޮތަކަށް ބޯޖަހާލަމުން ބުންޏެވެ.
“އިސްތިޚާރާ ކޮށްފަ ނިންމުމެއް ނިންމާ. އޭރުން ރީގްރެޓް ނުވާނެ އިން ޝާ ﷲ.” ހިލްޔާއަށް ބުނެވުނެވެ. ދާނިޝް ކޮންމެ ގޮތެއް ނިންމިޔަސް އެ ނިންމުމަކީ ދާނިޝްއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށްވުމަށް ހިތް އެދުނެވެ.
“އިން ޝާ ﷲ.” ދާނިޝްއަށް ލުއި ހިނިތުންވުމަކާއިއެކީ ހިލްޔާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މިއީ ހަމަ އޭނަގެ ޙަޔާތުގެ ބައިވެރިޔާކަމަށް ހިތާހިތުން ބުނެވުނެވެ. ހެޔޮ ކަންތައް ކުރުމަށް އޭނައަށް ހިތްވަރު ދޭ ބައިވެރިޔާއެވެ. ދީން ދެކެ ލޯބިވާ ބައިވެރިޔާއެވެ. އޭނަގެ ނިޔާވެފައިވާ މަންމަގެ ރީތި ހަނދާންތައް އާ ކޮށްދޭނެ ބައިވެރިޔާއެވެ.
ދާނިޝް އޭނައަށް ބަލަހައްޓައިގެން އިންނަން ފެށި ގޮތުން ހިލްޔާއަށް ހިސާބަކަށް އުދަގޫވިއެވެ. އެހެންކަމުން ‘ދެން ދިޔައީ’ އޭ ބުނެ ވަގުތުން އަނެއްފަރާތަށް އެނބުރިލެވުނެވެ. ދާނިޝް އަނެއްކާވެސް ‘ގުޑް ނައިޓް’ އޭ ބުންޏެއްކަމަކު ހިލްޔާ ފަހަތް ބެލުމެއް ނެތި ކާރަށް އަރައި ދޮރު ލައްޕާލިއެވެ. އެހެނަސް އަނެއްކާވެސް ކުޑަދޮރުން ބޭރަށް ނަޒަރެއް ދެވުނީ ދާނިޝްއަށް އަނެއްކާވެސް ބަލާލުމަށް ހިތް އެދުމުންނެވެ. ކަޅު ކުރެވިފައިވާ ކުޑަ ދޮރުގެ ސަބަބުން ދާނިޝްއަށް އޭނަ ނުފެންނާނެކަން ހިލްޔާއަށް އެނގުނެވެ.
ހިލްޔާ ބަލަބަލާ އިންދާ ދާނިޝް ލަސްލަހުން ސައިކަލު ފަހަތަށް ޖައްސާލިއެވެ. އަދި ސައިކަލު ސްޓާޓް ކޮށްލަމުން މަގާއި ދިމާލަށް އަނބުރާލަމުން ދުއްވާލިއެވެ. އެހިނދު ހިލްޔާއަށް އަމިއްލަ ނަފްސާއިމެދު ކަމެއް ފާހަގަވިއެވެ. ދާނިޝް ކިތަންމެ އާދައިގެ ސައިކަލެއް ދުއްވާފައި ދިޔައިރު އޭނައަށް އިނދެވުނީ ކާރެއްގައި ވިޔަސް، އެވަގުތު ދާނިޝް އާއިމެދު ދަށްކޮށް ނުދެކެވުނެވެ. ދާނިޝްއަށްޓަކައި ހިތުގައިވީ އިޙްތިރާމާއި ޤަދަރެކެވެ. މިއީ ހަމަ ގައިމުވެސް މީގެ މަސްތަކެއް ކުރިން އޭނަގެ ވިސްނުން ހުންނާނެ ގޮތެއް ނޫނެވެ.
އެއީ ކީއްވެ ހެއްޔެވެ؟ އޭނަ ހިތް ތިރިވީ ހެއްޔެވެ؟ އެހެންނޫނީ ދާނިޝް ބަދަލުވީ ހެއްޔެވެ؟ އެހެންނޫނީ ދާނިޝް އޭނައަށް ނޭނގޭ ދުޢާއެއް ދަސްކޮށްދީފައިވުމުން ނޭނގި ދާނިޝް ކަމުދަނީ ހެއްޔެވެ؟
ހިލްޔާއަށް އޭގެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް ޔަޤީނެއް ނުކުރެވުނެވެ. އެހެންކަމުން އެކަމާއިމެދު އިތުރަށް ނުވިސްނަން ނިންމަމުން ހިލްޔާ ކާރު ސްޓާޓް ކުރިއެވެ.
އެރޭ ހިލްޔާ ގެއަށް ދިޔައިރު ދޮންތަ ސިޓިންގް ރޫމުގެ ސޯފާގައި އިނެވެ. ޓީވީއިން ދީނީ ޕްރޮގްރާމެއް ޖައްސައިގެން ދޮންތަ އެ ގަޑީގައި އެތާ އިންނާތީ ހިލްޔާ ހިސާބަކަށް ޙައިރާންވިއެވެ.
“ހާދަ ނުގަޑިއެއްގަ ދޮންތާ؟ ނުނިދަނީތަ މިރޭ؟” ހިލްޔާ އޭނަގެ ބޫޓު ހަރުގަނޑުގައި ބެހެއްޓުމަށްފަހު ސޯފާތަކާއި ދިމާލަށް ދަމުން އެހިއެވެ.
“ނިންޖެއް ނާދޭ.” ހަމްރާ ޓީވީގެ އަޑު މަޑު ކުރަމުން ސޯފާއިން އެއްފައި ބާލަމުން ސީދާ ވެލިއެވެ.
“ކިހިނެއްވީ؟ މާޒިން ކޮއްކޮއަށް ކަމެއްވީތަ؟” ހިލްޔާ ހިސާބެއްގެ ކަންބޮޑުވުމަކާއެކީ އެތާ ވަކިން ހުރި ސޯފާގައި އިށީނެވެ.
“ނޫން…..އަސްލު، ހިލްޔާގެ އިންތިޒާރުގަ މިއިނީ. ކުޑަ ވާހަކައެއް ދައްކާލަންވެފަ އެބަ އޮތް.” ހަމްރާ ބުންޏެވެ.
“ކޮން ވާހަކައެއް؟” ހިލްޔާއަށް އަހާލެވުނެވެ. އެއާއިއެކު ހަމްރާ ފުން ނޭވައެއް ދޫކޮށްލިއެވެ.
“ސްކޫލްގަ އެކީގަ ވޯކްކުރާ ކޮންމެވެސް ފިރިހެނެއް، ދޮންތައަށް ޕްރޮޕޯޒް ކުރީ.” ހަމްރާ ބުނެލި ވާހަކައާއިއެކު ހިލްޔާގެ ހުރިހާ ހިއްސެއް ހޭލިއެވެ.
“ހޫ ހޫ؟ ކޮންތާކު އުޅޭ ކޮން ރަށެއްގެ ކާކު؟” ހިލްޔާ ނުހަނު ފޯރީގައި ހިސާބެއްގެ ހިނިތުންވުމަކާއެކީ އެހިއެވެ. ފުރިހަމައަށް ހިނިތުންވެވޭނީ އެ ފިރިހެނަކީ ދޮންތައަށް ރަނގަޅުވާނެ މީހެއްތޯ ޔަޤީންވުމުންނެވެ.
“މަމްނޫން. ދާލު އަތޮޅު މީހެއް. ސްކޫލްގެ އިސްލާމް ޑިޕާޓްމެންޓް ގެ އެޗް އޯ ޑީ. ދޮންތައާއި އެއް އޭޖެއް. ޑިވޯސްޑް އެކަމަކު ކުއްޖަކު ނުހުރޭ. ފެށުނީއްސުރެ ވެސް އޭނަ ދޮންތައަށް ސަމާލުކަން ދޭކަން އެނގޭ. އައި ވޯޒް އިގްނޯރިންގް ހަމަ. މުޅި ޢުމުރު ދުވަހު ވެސް އިތުރު ކައިވެންޏެއްގެ ޚިޔާލު ނުކުރަން ނިންމައިގެން ހުރީ. އަދި އަމުދުން ސްކޫލް ތެރެއިން މީހަކާ އެކީ އެކަހަލަ ގުޅުމެއް ބާއްވަން ބޭނުމެއް ނުވި. އެކަމަކު….ހީ އިޒް ވަން ކައިންޑް މޭން. އަބަދުވެސް އެހެން މީހުންނާ ވަރަށް ރީތި ބަހުން ވާހަކަ ދައްކާނީ. އަހަންނަށް ވެސް ކަންތައް ފަސޭހަ ކޮށްދޭން ވަރަށް މަސައްކަތް ކުރޭ. އޭނަގެ ހިތުގަ އެއްވެސް އިޙްސާސެއް ވާކަމެއް އެހެން މީހަކަށް ނާންގާ. އެހެން އަންހެނުންނާއި ގާތްވެގެން ވެސް ނުއުޅޭނެ. ހީ އިޒް ޑީސެންޓް. އައި ތިންކް އައި ލައިކް ހިމް. ދެން އިހަކަށް ދުވަހު އޭނަގެ ފްރެންޑެއް ތްރޫކޮށް ދޮންތަ ކައިރިން އެހީ ކައިވެންޏެއްގެ ޚިޔާލެއް ނުކުރަންހޭ. މަމްނޫން އެހިއޭ. ދޮންތަ ބުނިން ވިސްނަންށޭ ޖެހޭނީ. ދެން އޭގެ ހަފްތާއެއްހާ ދުވަސް ފަހުން ދޮންތައަށް މަމްނޫން މެސެޖް ކޮށްފަ ބުނީ ދޮންތަގެ ބައްޕަ ނަންބަރު ފޮނުވިދާނެހޭ. މުހިއްމު ވާހަކައެއް ދައްކަންވެގެންނޭ. ދޮންތަ ޖަވާބެއް ނުދެން…އޭރުއްސުރެ ދެން ހަމަޖެހުން ގެއްލިފަ މި އިންނަނީ….” ހަމްރާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދިން ދިންހެން ހިލްޔާއަށް ހިނިތުންވުމެއްގައި އިނދެވުނެވެ. އެވަގުތު ދާނިޝް މަތިން ހަނދާންވަމުން ދިޔައީ ކީއްވެ ކަމެއް ނޭނގުނެވެ.
“ދޮންތަ…ބޭނުންވޭތަ އޭނައާއި މެރީ ކުރަން؟” ހިލްޔާއަށް އަހާލެވުނެވެ. މި ޙާލަތުގައި އެންމެ މުހިއްމީ ދޮންތަގެ އިޙްސާސްތަކާއިމެދު ދޮންތަ ޔަޤީންވުންކަމަށް ޤަބޫލު ކުރެވުމުންނެވެ.
“ނޭނގެ. ލައިކް ވޭ މަމްނޫން ދެކެ. އެކަމަކު ބިރުގަންނަނީ މާޒީ ތަކުރާރު ވެދާނެތީ. ދޮންތަ ކުރިން ވެސް މެރީ ކުރީ މީހެއްގެ ދީންވެރި ކަމަށް ބަލާފަ. އެކަމަކު އޭނަ ވެގެން ދިޔައީ އަނިޔާވެރިޔަކަށް. ރަނގަޅު މީހަކު ޚިޔާރު ކުރުމަށް ދޮންތައަށް އަމިއްލަ ނަފްސަށް އިތުބާރެއް ނުކުރެވޭ.” ހަމްރާ ދެންވެސް ކަންބޮޑުވުމެއްގައި އިނދެ ވާހަކަ ދެއްކިއެވެ.
“މި ޙާލަތުގައި އިތުބާރު ކުރަންވީ އަމިއްލަ ނަފްސަކަށް ނޫން ދޮންތާ. ވަކީލުކުރަންވީ ﷲ އަށް. އިސްތިޚާރާ ކޮށްފަ އޭނައަށް ބައްޕަ ނަންބަރު ފޮނުވާލަން އަހަންނަށް ފެންނަނީ. ބައްޕަ ގާތު ދައްކާނެ ވާހަކައެއް ވެސް އެނގިދާނެތާ. ތި ދެއްކި ވާހަކަތަކުން ހީވޭ އެއީ ރަނގަޅު މީހެއްހެން. އެންޑް ރިމެމްބާރ ދޮންތާ. ދޮންތައަށް މާޒީގަ ފެނިފައި ތި ވަނީ ދީންވެރި ފިރިހެނެއްގެ ގޯސް މިސާލެއް. ވަރަށް ރަނގަޅު، ހިތްހެޔޮ އަދި އޯގާތެރި ދީންވެރި ފިރިހެނުން ވެސް އުޅޭ. ޙަޤީޤީ ދީންވެރި ފިރިހެނުންނަކީ އެއީ. ބިލީވް މީ ދޮންތާ.” ހިލްޔާއަށް ބުނެވުނެވެ.
އޭނައަށް އެ ބަސްތައް ބުނެވުނު ގޮތާއިމެދު ޚުދު ހިލްޔާ ވެސް ޙައިރާންވާ ގޮތްވިއެވެ. މީގެ މަސްތަކެއް ކުރިން އޭނަ ވެސް ގެންގުޅުނީ ދޮންތަ ގެންގުޅުނު ފަދަ ނަޒަރިއްޔާތެކެވެ. އެ ނަޒަރިއްޔާތު ބަދަލުވީ ކީއްވެކަން އެވަގުތު ލޮލަށް ސިފަވަމުން ދިޔަ ސޫރައިން ޔަޤީންވިއެވެ. އެވަގުތު ނޭނގިވެސް ހިނިތުންވުމެއްގައި އިނދެވުނީ އެ ޚިޔާލުގެ ސަބަބުންނެވެ.
**
އެރޭ ދާނިޝް ގޮސް ގެއަށް ވަންއިރު ނަހީދުބެ ގެ ކޯލެއް އަންނަން ފެށިއެވެ. ސްކްރީނުން ނަހީދުބެ ގެ ނަން ފެނުމާއިއެކު ދާނިޝް ކޯލު ރިސީވްކޮށް ފޯނު ކަންފަތުގައި ޖެއްސިއެވެ.
“އައްސަލާމްޢަލައިކުމް ބޭބޭ.” ދާނިޝް ކޮޓަރިއާއި ދިމާލަށް ދަމުން ސަލާމް ގޮވިއެވެ.
“ވަޢަލައިކުމުއްސަލާމް. ގޭގަ ދޯ ދާނިޝް؟ ކްލިނިކަށް އާ މެނޭޖަރަކު ފައިނަލް ވެވުނީމަ ދާނިޝްއަށް މި ގުޅާލެވުނީ.” ނަހީދުބެ ބުންޏެވެ.
“ހެހެ….ކުޑައިރު ކެޔޮޅަކަށް އުޅުނު ކުއްޖާތަ ހޮވުނީ؟” ދާނިޝް ކޮޓަރިއަށް ވަންނަމުން އެހިއެވެ.
“އާނ….ދާނިޝް ބުނިގޮތަށް ވީ. އެންމެންގެ ސްކޯ ފައިނަލް ކުރީމަ ވެސް އެކުއްޖާ ހޮވުނީ. ދިރުނބާކޮޅަށް ރަނގަޅު ކުއްޖަކު މި އަރުވަނީ.” ނަހީދުބެ އެހެން ބުނުމުން ދާނިޝްއަށް އިތުރަށް ހީލެވުނެވެ. އެހިނދު ކޮޓަރިއަށް ވަދެވިއްޖެއެވެ. ދާނިޝް އިތުރު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ނަހީދުބެ އިތުރަށް ވާހަކަ ދެއްކިއެވެ.
“ދެރައީ އެކުއްޖާ ކުޑަކޮށް ޓްރެއިން ކުރަން ދާނިޝްއަށް ނުހުރެވޭނެތީ. ޕެކް ކުރަން ފަށައިފިން ދޯ އަންނަ ހުކުރު ދުވަހު ފުރަން؟” ނަހީދުބެ އެހިއެވެ. އެހެން އެހިއިރު ބޭއިޚްތިޔާރުގައި ބެލްކަންޏަށް ނިކުމެވޭ ދޮރާއި ހަމައަށް ގޮސް ފަރުދާ ކަހާލެވުނެވެ.
“ނޫނޭ. އަދި ދާކަށް ނެތިން. އަދި ވަން މޯ މަންތް.” ދާނިޝް ބެލްކަންޏަށް ނިކުމެވޭ ދޮރު ހުޅުވަމުން ބުންޏެވެ.
“އަޅޭ ދާނިޝް. ތިއީ މިދިޔަ ހަފްތާގަ ފުރަން އުޅުނު ކުއްޖާ އޭ! މިހާރު ޕެއިޑް ލީވް ވެސް ނިމިފައެއްނު ހުންނާނީ؟” ނަހީދުބެ ކަންބޮޑުވުން ފާޅު ކުރިއެވެ. އެހިނދު ދާނިޝް ބެލްކަންޏަށް ނިކުމެ ރެއިލިންގްގައި އަތް އެޅުވިއެވެ.
“ހުމް….ނިމިފަ ހުރީ. އެކަމަކު އަދި މިކޮޅުގަ ހުރެ ކުރުން މުހިއްމު ކަމެއް އެބަ އޮތް ނޫންތަ ބޭބޭ؟” ދާނިޝް ހިލްޔާގެ ބެލްކަންޏަށް ނަޒަރު ހުއްޓައިގެން ހުރެ ރާގަކަށް ބުންޏެވެ.
“ހާހް! މިއީ ދޯ މި ވާ ގޮތް؟ ކޮންމެހެން ކްލިނިކަށް އޮތް ލޯޔަލްޓީއަކުންނެއް ނޫން؟ ބޭބެއަށް ފެންނަނީ ދެން ދާނިޝް މިކޮޅުގަ މަޑުކޮށްލަން.” ނަހީދުބެ ބުންޏެވެ.
“މަޑު ކުރެވޭކަށް ނެތް ބޭބޭ. ދާން ޖެހޭ. އެކަމަކު ދެން ދަންޏާ ދާން ބޭނުންވަނީ ހިލްޔާ ގޮވައިގެން.” ދާނިޝް އެހެން ބުނި ހިނދު އެއްކަލަ ލޮބުވެތި ނަޒަރު އެ ލޯމައްޗަށް ވެރިވިއެވެ.
ނުނިމޭ
