ނަފްސީ (ފަސްދޮޅޮސްނުވަވަނަ ބައި)
ނަފްސީ (ފަސްދޮޅޮސްނުވަވަނަ ބައި)
އެލަމަކާއި ނުލާ ހޭލެވުނު ދާނިޝްއަށް އޭނަގެ މޭމަތިން ހޫނު ނޭވާތަކުގެ އިޙްސާސް ކުރެވުނެވެ. ލަސްލަހުން ލޯ ހުޅުވާލެވުމުން ބޭރުގެ ބޮކިތަކުގެ އަލި ފިޔަވައި އެހެން އައްޔެއް ނެތް ކޮޓަރި ފެނިގެން ދިޔައެވެ. އޮވެވުނުތަން ހަނދާންވެ، އަތުތެރޭގައި ނިދިފައި އޮތް ހިލްޔާއަށް ބަލާލެވުމުން ދާނިޝް ގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނިތުންވުން ލޮލާއި ހަމައަށް ވެސް ފޯރީ، ހިތް ލޯބިން ފުރިގެން ބަންޑުންވަމުންދާ ޙާލުގައެވެ.
އެވަގުތު ހިލްޔާ ފެނިފައި ދާނިޝްއަށް ފެނުނީ ހަމައެކަނި ހިލްޔާއެއް ނޫނެވެ. ފެނިގެން ދިޔައީ ﷲ އޭނައަށް ލެއްވި ރަޙްމަތެވެ. ރޭ ހިލްޔާ އޭނައާއި ގާތްވެގެން ދިޔަ ގޮތުން، އޭނަ އެކަނިމާއެކަނި ފާޙިޝް ކަންތަކާއި ދުރުވުމަށް ކުރި ދުވަސްތައް ހަނދާނަށް އައެވެ. އެ އިމްތިޙާންތަކުގެ ތެރެއިން އޭނައަށް އިޙްސާސްވި އެކަނިވެރިކަން ވެސް ހަނދާންވިއެވެ. ﷲ އެ ހުރިހާ ކަމެއް ބައްލަވާވޮޑިގެންވިއެވެ. އެކަލާނގެއީ މުޙްސިނުންގެ ޢަމަލުތައް ބޭކާރު ނުކުރައްވާ ރަސްކަލާނގެއެވެ. އެ ޢަމަލުތަކުގެ ޖަޒާ އެކަލާނގެ އާޚިރަތުގައި އަޅުންނަށް ދެއްވިއެވެ. އަދި ބައެއްފަހަރު ދުނިޔޭގައި ވެސް ދެއްވައެވެ. އެކަން ދާނިޝްއަށް ރޭ ޔަޤީންވެގެން ގޮސްފިއެވެ.
“هَلْ جَزَاءُ الْإِحْسَانِ إِلاَّ الْإِحْسَان
އިޙްސާންތެރިކަމުގެ ޖަޒާއަކީ، އިޙްސާންތެރިކަންކަމުގައި މެނުވީ ވާނެ ހެއްޔެވެ؟”
ހިލްޔާއަށް ބަލަހައްޓައިގެން އޮވެވުނުހެން ދާނިޝްގެ ހަނދާނަށް އައީ އައްރަޙްމާން ސޫރަތުގެ އެ އާޔަތެވެ. އެހިނދު ލޮލުން ކަރުނަތައް ނިރާލީ، ކުރިމަތިން ފެންނަމުން ދިޔަ މި ނިޢުމަތަށްޓަކައި ﷲ އަށް ޝުކުރުވެރިވެވޭ ޙާލުގައެވެ. އެހިނދު ދާނިޝް ލަސްލަހުން ހިލްޔާގެ ބޮލުގައި ބޮސްދިނެވެ.
ބޮސްދީފައި ދާނިޝް ދުރުވެލީ ވަގުތު ހިލްޔާގެ މެރިފައިވާ ލޯ ތަގުޅިވީތަން ދާނިޝްއަށް ފެނުނެވެ. އޭގެ ދެވަނަ ސިކުންތުގައި ހިލްޔާ ލަސްލަހުން ލޯ ހުޅުވާލަމުން ދެންވެސް ދާނިޝްގެ މޭމަތީގައި އޮވެ ދާނިޝްއަށް ބަލާލިއެވެ. ހިލްޔާއާއި ހަތަރަކަޅި ހަމަވުމުން ދާނިޝް ހިނިތުންވެލިއެވެ. އެއާއިއެކު ހިލްޔާ ލަދުރަކި ހިނިތުންވުމަކާއެކީ ދާނިޝްއާއި ދުރުވެލަމުން ޑުވެޓް މޫނުގައި އަޅަމުން އެނދުގައި އޮށޯތެވެ. ހިލްޔާގެ އެ ޙަރަކާތުން ދާނިޝްއަށް ހީލެވުނެވެ.
“ހެހެ….އައްދެ! ހާދަ ލަދުގަންނަ ކުއްޖެކޭ. ރޭ އުޅުނު ގޮތުން ހިއެއް ނުވޭ ތިހާ ލަދުގަންނަ ހެންނެއް. ސްޕްލިޓް ޕާރސަނެލިޓީއެއްތަ އަނެއްކާ؟” ދާނިޝް ހިލްޔާއާއި ދިމާލަށް އެނބުރިލަމުން ދެއްކި ވާހަކައިން ހިލްޔާގެ ހުނުމުގެ އަޑުވެސް އިވެން ފެށިއެވެ. އިސާހިތަކު ހެމުން ހެމުން ހިލްޔާ މޫނުމަތިން ޑުވެޓް ނަގައި ދާނިޝްއަށް ބެލުމުން ދާނިޝްއަށް ވެސް ހެވުނެވެ.
ހިލްޔާ ހުނުން މަޑުވުމުން ލަސްލަހުން ދާނިޝްއާއި ދިމާލަށް އެނބުރިލިއެވެ. އެހިނދު ދާނިޝްއަށް ބޭއިޚްތިޔާރުގައި ހިލްޔާގެ މޫނުގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އަދި ބޮޑުވާ އިނގިލިން ލަސްލަހުން އެ ކޯތާފަތުގައި ފިރުމާލެވުނެވެ.
“އައި ލަވް ޔޫ، ހިލްޔާ.” ދާނިޝް އެވަގުތު އެ ވާހަކަތައް ބުނެލީ ހިތުގެ އެންމެ އަޑިންނެވެ. ހިލްޔާއަށް ހިތާހިތުން ހާސްފަހަރު ޝުކުރު އަދާ ކުރެވޭ ޙާލުގައެވެ. ހިލްޔާ އޭނަގެ ޙަޔާތުގެ ބައިވެރިޔަކަށްވީތީވެއެވެ. އޭނައާއި މިހާ ގާތްވެވޭ ވަރަށް ހިލްޔާ އޭނައަށް އިތުބާރު ކުރީތީވެއެވެ.
“އައި ލަވް ޔޫ ޓޫ، ދާނިޝް.” ހިލްޔާ ވެސް އެވަގުތު އެހެން ބުނެލީ، ދާނިޝްއަށްޓަކައި ހިތުގައިވާ ލޯބީގެ ފުންކަން އިޙްސާސް ކުރެވޭ ޙާލުގައެވެ. ދާނިޝް ދެންމެ އޭނަ ގާތު ބުނި ބަސްތައް ޤަބޫލު ކުރެވޭ ޙާލުގައެވެ. އެހެނީ އޭނަގެ ގާތުގައި މިއަދު މިހިރީ އިޚްލާޞްތެރި ބައިވެރިއެއްކަން އެ ބައިވެރިޔާގެ ބަހާއި ޢަމަލުން ވެސް ހިލްޔާއަށް ސާބިތުވެއެވެ.
ދެމަފިރިން އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައިވި ހިމޭންކަމުގެ ވަގުތުކޮޅަށްފަހު އެންމެ ފުރަތަމަ ވާހަކަ ދެއްކީ ހިލްޔާއެވެ.
“ގަޑިން ކިހާއިރެއް؟ ފަތިސްވެއްޖެތަ؟” ހިލްޔާ އެހިއެވެ. އެހިނދު އެ ލޮލުން ހިސާބެއްގެ ކަންބޮޑުވުމެއް ފާޅުވިއެވެ. އެއާއިއެކު ދާނިޝް އޭނައާއިވީ ފަރާތުގެ އަރިމަތީ މޭޒުމަތީގައި އޮތް ފޯނު ނެގިއެވެ.
“3:54..” ފޯނުގެ ސްކްރީން ހިލްޔާއަށް ދައްކާލަމުން ދާނިޝް ބުންޏެވެ.
“ވޮހް! ދެޓް މީންސް އަދި ދަމުނަމާދު ކުރެވޭނެއޭ ދޯ؟ އައި ވޯޒް ސޯ ވޮރީޑް. މެރީކޮށްގެން ދަމުނަމާދަށް ހޭނުލެވޭނެ ކަމަށް ހީކުރީ.” ހިލްޔާ މޫނުމައްޗަށް ވެރިވި އުޖާލާކަމާއި ހިނިތުންވުމަކާއެކީ އެ ވާހަކަ ދެއްކި ގޮތުން ދާނިޝްއަށް ހީލެވުނެވެ.
“ހޭލެވުނީމަ އަވަހަށް ދާންވީ ނަމާދު ކުރަން. އޮތިއްޔާ އޮވެވިދާނެ. އެކަމަކު…..އާރ ޔޫ އޯކޭ؟ އަހަރެން ނަމާދަށް ދިޔަޔަސް މި ގަޑީގަ؟” ހިލްޔާ ނުހަނު ޖޯޝާއިއެކީ ޑުވެޓް ހިފަހައްޓައިގެން ތެދުވެ އެނދުން ފައިބަން އުޅެފައިވެސް ދާނިޝްއަށް ބަލައިލިއެވެ. މިއަދު އޭނައަކީ ހަމައެކަނި އެންމެ މީހެއް ނޫންކަން ހަނދާންވިއެވެ. ނިންމާ ނިންމުންތަކުގައި ހިމަނަންޖެހޭ ބައިވެރިޔަކު އެބަހުއްޓެވެ. މިއީ އޭނަ އަމިއްލައަށް އެދިގެން މި މަޤާމަށް ގެނައި ބައިވެރިޔެކެވެ. އެހެންކަމުން އެ ބައިވެރިޔާގެ އިޙްސާސްތަކަށް ރިޢާޔަތް ކުރަންޖެހެއެވެ.
ހިލްޔާ އެ ސުވާލު ކުރުމުން ދާނިޝްއަށް ހިލްޔާއާއި ދިމާލަށް ބަލަހައްޓައިގެން އޮވެވުނެވެ. ހިލްޔާ އަދި އޭނަގެ ގާތުގައި އޮންނަން އެވަގުތު ދާނިޝްގެ ހިތުގެ ކަނަކުން ގޮވިއެވެ. އެހެން ބުނެފިނަމަ އެއީ ގޯހަކަށް ނުވާނެކަން ދާނިޝްއަށް އެނގެއެވެ. އަދި ހިލްޔާ އޭނަ އެދޭ ގޮތަކަށް ކަންތައް ކޮށްދޭނެކަން ވެސް ޔަޤީންވިއެވެ.
އެހެނަސް އެވަގުތު ވިސްނާލެވުނެވެ. މި ކައިވެންޏަކީ ޢާއިލާއެއްގެ ފެށުމެކެވެ. އެ ޢާއިލާގެ ބިންގާ އެޅިގެންދާނީ ކިހިނެއްކަމުގެ ޒިންމާ މުޅިން ވެސް އޮތީ އޭނަގެ އަތްމަތީގައިކަން އެވަގުތު އެނގުންވިއެވެ. އޭނަ ބޭނުންވަނީ އޭނަގެ ޢާއިލާއަކީ އަޅުކަމަށް ފަރުވާ ކުޑަ ނުވާ ބަޔަކަށްވާން ބޭނުންކަމަށްވާނަމަ ޚުދު އޭނަ ވެސް ފަރުވާކުޑަ ކޮށްގެން ނުވާނެއެވެ. އޭނަ ބޭނުންވަނީ އެ ޢާއިލާއަކީ އާޚިރަތަށްވުރެ ދުނިޔެ އިސް ކުރާ ބަޔަކަށްވުމަށް ނޭދޭ ކަމަށްވާނަމަ ޚުދު އޭނަ ވެސް އާޚިރަތަށްވުރެ ދުނިޔެ އިސްކޮށްގެން ނުވާނެއެވެ. ޢާއިލާއެއްގެ ބިންގާ ފަރުމާވެގެން ދަނީ ކޮންމެ ދުވަހެއްގެ ކުދިކުދި ނިންމުންތަކުންނެވެ.
“ދާނިޝް؟” ދާނިޝް އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ހިލްޔާ ގޮވިއެވެ.
“ހިނގާ! ދެމީހުން އެކީގަ ނަމާދު ކުރާނީ.” ދާނިޝް އެހެން ބުނެލަމުން ތެދުވެލީ ވަގުތު ހިލްޔާގެ މޫނުމައްޗަށް ވެރިވި އުޖާލާވި ހިނިތުންވުމުން ދާނިޝްގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. އޭނައަކީ އޭނައަށް ލިބިފައިވާ މި ޞާލިޙު ބައިވެރިޔާއަށް ރަނގަޅު މިސާލެއްކަމުގައި ލެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ.
ދެމަފިރިން އެކީގައި ފެންވަރާލުމަށްފަހު ނަމާދު ކުރަން ތައްޔާރުވެގެން ދަމުނަމާދު ކުރަން ފެށިއެވެ. އެ ނަމާދުގައި ދާނިޝް ކިޔެވީ އައްރަޙްމާން ސޫރަތެވެ. އެ ސޫރަތަކީ ވެސް ދާނިޝްގެ ހިތުން ޚާއްސަ މަޤާމެއް ދެވިފައިވާ އަދި ހިތުދަސްކޮށްފައިވާ ސޫރަތަކަށް ވާތީވެއެވެ. ޢަރަބި ނޭނގުނަސް ދާނިޝްއަށް އެ ސޫރަތްތަކުގެ ގިނަ އާޔަތުގެ މާނަ އެނގޭތީ ކިޔަވަމުން ދިޔައިރު ދާނިޝްގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ވަކިން ޚާއްސަކޮށް ﷲ ދެއްވާފައިވާ ނިޢުމަތްތަކާއިމެދު ސުވާލު ކުރެވޭ އާޔަތް ތަކުރާރު ކުރެވެމުން ދިޔައީތީވެއެވެ. ދާދި ދެންމެއަކު ހަމަ ﷲ ދެއްވި ނިޢުމަތެއްގެ ސަބަބުން ﷲ އަށް ފަސްދެވެން އޭނައަށް އުޅެވުނީތީވެއެވެ. އޭނަ އެފަދައިން ކަންތައް ކުރުމުން ދުރު ކުރެއްވުމަށް އެދި އެ ނަމާދުތަކުގެ ސަޖިދަތަކުގެ ތެރެއިން ދުޢާ ކުރެވުނެވެ.
އިމާމެއްގެ ގޮތުގައި ހުރި ދާނިޝްގެ ހިތުގައިވާ އީމާންތެރިކަމުގެ އަސަރު ހިލްޔާގެ ހިތަށް ވެސް ކުރިއެވެ. ދާނިޝް ގެ ކިޔެވުން އަސަރު ގަދަވުމުން ހިލްޔާއަށް ވެސް ރޮވޭ ގޮތްވިއެވެ. އަދި ފުރަތަމަ ފަހަރަށް ދަމުނަމާދު އެކަނި ކުރުމުގެ ބަދަލުގައި އިމާމެއްގެ ފަހަތުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބުމުން ހިތްހަމަޖެހުމެއް ލިބުނެވެ.
ދަމުނަމާދުގެ ހަތަރު ރަކުޢަތް ކުރުމަށްފަހު ދެމީހުން އަވަހަށް ވިތުރި ނަމާދު ކުރީ ފަތިސް ނަމާދު ވަގުތު ގާތްވުމުންނެވެ. އެއަށްފަހު ފަތިސް ނަމާދުގެ ސުންނަތް ވަކިން ކުރުމަށްފަހު ފަތިސް ނަމާދު ވެސް ދެމީހުން އަދާ ކުރީ ޖަމާޢަތުގައެވެ. ނަމާދަށްފަހު ހިލްޔާ ހީކުރީ ދާނިޝް ނަމާދަށްފަހު ކިޔާ ޒިކުރުތަކެއް ކުރުމަށްފަހު ތެދުވެލާނެ ކަމަށެވެ. އެހެންވެއްޖެނަމަ ޚުދު އޭނަ ވެސް ޒިކުރުތައް މަދު ކުރަން ޖެހިދާނެތީ ހިލްޔާ ހުރީ ހިތަށް އުދަގޫވެފައެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ އިތުރުން، ސުންނަތް އަޅުކަންތައް ކުރަން ހިލްޔާ އަމިއްލަ ނަފްސު އާދަ ކޮށްފައިވީ ވަރަށް ވެސް ހިތްވަރުންނެވެ. ޒަވާޖީ ޙަޔާތެއްގެ ނިޢުމަތް ﷲ ދެއްވުމަށްފަހު ﷲ ގެ ހަނދުމައިން އަނެއްކާވެސް ދުރުވެއްޖެނަމަ އަނެއްކާވެސް އަނދިރި ޙަޔާތަކަށް އޭނަ ގޮސްދާނެތީ ހިލްޔާގެ ހިތުގައ ބިރުވެރިކަމެއްވިއެވެ.
އެހެނަސް ހިލްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނީ، ނަމާދަށްފަހު އިރުގަނޑެއްވީއިރު ވެސް އޭނަގެ ކުރިމަތީގައި އިން ދާނިޝް އިންތަނުން ނުތެދުވެ އިން މަންޒަރު ފެނުމުންނެވެ. ދާނިޝް ޒިކުރުތައް ކިޔަނީކަން ހިލްޔާއަށް ޔަޤީންވީ، އަތުގެ އިނގިލިތައް ޙަރަކާތްކުރާ މަންޒަރު ފެނުމުންނެވެ. އެހިނދު ހިތަށް ލިބުނު ފިނިކަމާއިއެކީ ހިލްޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ހިތުގެ އަޑިން ޙަމްދު ކުރެވޭ ޙާލުގައި ޒިކުރުތައް ކިޔެން ފެށިއެވެ.
ހިލްޔާއަށް އިތުރު އުފަލެއް ލިބުނީ، ހެނދުނުގެ ޒިކުރުތަކަށްފަހު ދާނިޝް އޭނައާއި ދިމާލަށް އެނބުރިލަމުން އެދުނު ކަމަކުންނެވެ. ދާނިޝް ބުނި ގޮތުގައި ޔާސީން ސޫރަތް ދާނިޝް ދަސްކޮށްފައިވަނީ ވަރަށް ފަހުންނެވެ. އެހެންކަމުން ކިޔަވާއިރު ކުށެއް ޖެހޭތޯ ބަލައިދިނުމަށް އެދުނެވެ. ހިލްޔާ ދާނިޝްއަށް އެކަމުގައި އެހީތެރިވި ދިނެވެ. އަދި ދާނިޝްގެ ކުށްތައް ރަނގަޅު ކޮށްދެމުން، ބައެއް ބަސްތަކުގެ މާނަތައް ކިޔައިދީ އާޔަތް ހަނދާންކުރަންވީ ގޮތުގެ އުކުޅުތައް ވެސް ކިޔައިދިނެވެ.
އެދުވަހުގެ އިރު އެރީ ދާނިޝް އާއި ހިލްޔާ މިފަދަ ވާހަކަތަކުގައި ތިއްބައެވެ. އިރުއެރިކަން ފޯނަށް އައި ނޮޓިފިކޭޝަނަކުން އެނގުމުން ދާނިޝް ވާހަކަ ދެއްކިއެވެ.
“އަޅެ މިއަދު ހާދަ އަވަހަށޭ އިރު އެރީ ވެސް. ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނު. ހެހެ….” ދާނިޝް އޭނަ ކައިރީގައި ކާޕެޓް މަތީގައި އިން ހިލްޔާއާއި ހީލިއެވެ.
“އާނދޯ؟” ހިލްޔާ ހިނިތުންވުމަކާއެކީ ބުންޏެވެ. މިއަދު ދާނިޝްއަށް އުނގަންނައި ދިނުމަށް ފަތިސް ވަގުތު ހޭދަ ކުރީތީ އަމިއްލަ ހިފްޒަށް ހިލްޔާއަށް ވަގުތެއް ނުދެވެއެވެ. އެކަމާއިމެދު ހިސާބަކަށް މާޔޫސްވިއެއްކަމަކު ހިލްޔާ އުފާކުރިއެވެ. އެހެން މުސްލިމަކަށް އެހީވުމަކީ ﷲ އޭނައަށް އެހީތެރިވެވޮޑިގެންވާނެ ސަބަބެއް ކަން ހަނދާން ހުރީތީވެއެވެ. އަދި އޭނައަށް މި އެހީވެވުނީ އޭނަގެ ލޯބިވާ ފިރިމީހާއަށްކަން ވެސް އެނގުންވީތީވެއެވެ.
“ހިނގާ ދޯ ސައިބޯން ދެން؟ ހިލްޔާ ކޯޗަކާ ސައި ބޯން ބޭނުންވަނީ؟” ދާނިޝް ތެދުވެލަމުން، ކޮޓަރީގައި ހޫނު ކުރާ ޖަގާއި ޖޯޑުތައް ބަހައްޓާފައި ހުރި ކެބިނެޓާއި ދިމާލަށް ދިޔައެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ޟުޙާ ނަމާދު ފަސް ކުރަން ނިންމަމުން ހިލްޔާ ވެސް ތެދުވެ، ފޮށާ ބާލަން ފެށިއެވެ. ދާނިޝް ބޭނުންވަނީ އެގޮތްހެން ހީވުމުންނެވެ.
“މި ގަޑީގަ….އަދި ބޭނުމެއް ނޫން. އެމީހުން ބުފޭ ހުޅުވާނީ ވަކި ގަޑިއެއްގައެއްނު؟ 7 އިން ކަންނޭނގެ ދޯ؟” ހިލްޔާ ފޮށާ ފަށްޖަހަމުން ގޮސް އަލަމާރިއަށް ލަމުން ބުންޏެވެ. އެއަށްފަހު ނަމާދަށް ލީ ގަދަ ނޫކުލައިގެ އަބާޔާ ބޭލުމަށްފަހު އަލަމާރިއަށް ލިއެވެ. އެއާއިއެކު ހިލްޔާއަށް ހުރެވުނީ މުށި ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ހަރުވާޅެއްގައެވެ.
“އައި ތިންކް. އެކަމަކު އެމީހުން ގެނެސްދޭނެ ބްރެކްފާސްޓް ރޫމަށް. އަހަރުމެން ބުނާ ގަޑިއަކަށް. ހިލްޔާ ރޭ މިކޮޅަށް އައިއްސަ ވެސް އެއްޗެއް ނުކައި ހުންނާތީ ކަންބޮޑުވެފަ މި ހުންނަނީ. ބުނެބަލަ ކޯޗެއް ބޯނީ؟ ކޮފީތަ ނޫނީ ސައިތަ؟” ދާނިޝް ފެން ހޫނުކުރާ ޖަގަށް ފެން އެޅުމަށްފަހު ހޫނުކުރަން ޖައްސަމުން އެހިއެވެ.
“ކޮފީއެއް އޯކޭވާނެ…އަހަރެން ދުވަހަކުވެސް މިހާ އާރލީ ކޮށް ބްރެކްފާސްޓް ނުނަގަމޭ. އޭގެ ކުރީ ރޭ އެއްގޮތަކަށް ނުކެޔަސް. ނޯ ވޮރީސް…ބާއި ދަ ވޭ ތި ވާހަކަ ދައްކަނީ ހަމަ ބައްޕަގެ ސްޓައިލަށް މިހާރު.” ހިލްޔާ ގޮސް ރީތިވާ މޭޒުދޮށުގައި އިށީނދެ އިސްތަށިގަނޑުގައިވާ ގޮށް ނައްޓަމުން ހެވިފައި އިނދެއެވެ.
“އޮފްކޯސް! ނަހީދުބެ ގެ ޒިންމާ ބޮލުގަ އަޅުވައިގެން އުޅެންޏާ އެހެންވާންވާނީ ވެސް ދޯ؟ އައި ތިންކް އައިމް ޑުއިންގް އިޓް ރައިޓް! ހެހެ….ހިނގާބަލަ މިގަޑީގަ އަހަންނާ އެކީ ކުޑަ ގޮތެއް ހަދާލަން. މިތާ މެނޫގަ އެބަހުރި ކޭކްސް އާ އެއްޗެހި. ހިލްޔާ ބޭނުން އެއްޗެއް ބުނެބަލަ.” ދާނިޝް ސައިޖޯޑުތަކުގެ ކައިރީގައި ހުރި ސްޓޭންޑަކަށް ބަލަން ހުރެ، ވާތް ފަރާތުން ތަންކޮޅެއް ދުރުން ފެންނަމުން ދިޔަ ރީތިވާ މޭޒުގައި ހުރި ހިލްޔާއަށް ލުއި ނަޒަރުތަކެއް ދެމުން ބުންޏެވެ.
“ޔޫ ނޯ ވަޓް؟ އައި ތިންކް އައި ވޯންޓް ޑެނިޝް.” ހިލްޔާ ބޮލުގައި ފުނާ އަޅަމުން އެހެން ބުނި އަޑަށް ދާނިޝް އެ ދިމާލަށް ބަލާލުމަށްފަހު މެނޫ ހޯދަން ފެށީ ހިލްޔާ އެ ބުނި އެއްޗެއް ފެނޭތޯއެވެ.
“އައި….ޑޯންޓް ތިންކް މި މެނޫގަ ޑެނިޝް ހުރިހެނެއް. ރެޑިލީ އެވެއިލެބަލް ނޫނީ ކަންނޭނގެ. އޯޑަރެއް ދޭންވީތަ؟” ދާނިޝް އެހެން ބުނަމުން ހިލްޔާއަށް ބަލާލި ހިނދު އޭނައާއި ދިމާލަށް ހިލްޔާ ހިނގާފައި އަންނަނީއެވެ.
“އެކަމަކު އަހަންނަށް ހީވަނީ ރެޑިލީ އެވެއިލެބަލްހެން ޑެނިޝް. ފޯ މީ.” ހިލްޔާ އޭނައާއި އިހުނަށްވުރެ ގާތަށް ޖެހިލަމުން ލާނެތް ހިނިތުންވުމަކާއެކީ ބުނި އެ ބަސް ދަނެގަންނަން ދާނިޝްއަށް ވަގުތުކޮޅެއް ނެގިއެވެ. ނަގައިގަނެވުމާއިއެކު ދާނިޝްގެ މޫނުމައްޗަށް ވެރިވީ ޤަބޫލު ކުރަން ދަތިވި ހިނިތުންވުމެކެވެ. އޭގެ ދެވަނަ ސިކުންތުގައި ދާނިޝް ކުއްލި ގޮތަކަށް ހިލްޔާ އުފުލާލި ހިނދު ހިލްޔާގެ އަނގައިން ތޫލި އަޑެއް ނިކުތެވެ. އެހިނދު ދާނިޝް ލަސްލަހުން ހިލްޔާ އެ ދިގު ކެބިނެޓް މަތީގައި ބަހައްޓަމުން ހިލްޔާއާއި ހަތަރުކަޅި ހަމަ ކުރިއެވެ.
“އަދި އެއްފަހަރު ބުނެބަލަ. ކޯޗެއް ބޭނުންވަނީ؟” ދާނިޝް ނުފިލާ ހިނިތުންވުމަކާއެކީ އެހުމުން ހިލްޔާއަށް ރަތްވެގެން ދިޔަ ކޯތާފަތާއިއެކީ ހެވުން ނޫންކަމެއް ނުކުރެވުނެވެ. ދާނިޝް އެހާ ކައިރީގައި ހުރުމުން އިތުރަށް އެ ސަމާސާ ކުރާކަށް ނުކެރުނެވެ. ހިލްޔާއަށް ވަމުން ދިޔަ ގޮތުން ދާނިޝްއަށް ހެވޭ ގޮތްވިއެވެ.
“ހެހެހެ….ހިއެއް ނުކުރަން އަހަރެންގެ މި ދީންވެރި ޞާލިޙު ވައިފްއަށް މިކަހަލަ ސަމާސާ ކުރަން އެނގޭނެ ކަމަށް.” ދާނިޝް ދެންވެސް ހިލްޔާއާއި ދުރުނުވެ ބުންޏެވެ.
“އަހަރެން ހިއެއް ނުކުރަން ސެލެބްރިޓީއެއް ގޮތުގަ އުޅުނު އަހަރެންގެ ހަޒްބެންޑަށް އެ ޖޯކު ގެޓުވާން އެހާއިރު ނަގާނެ ކަމަށް.” ހިލްޔާ ބުންޏެވެ.
“ބަލަ ސެލެބްރިޓީއަކަށް ވިޔަސް އަދި ކިރިޔާއޭ މިކަހަލަ ސީންއެއް މި ކުޅެނީ. ދެން ވާނީ އެހެންނެއްނު؟ ހެހެހެހެ…..އޮހް އެންޑް ބާއި ދަ ވޭ. ރޭގަ އަހަރެން ހިލްޔާ ވަރަށް ބޮޑަށް ޖަޖް ކޮށްފިން އިނގޭ.” ދާނިޝް ހިލްޔާގެ ދެކޮޅުން ކެބިނެޓްގައި އަތް ވިއްދާލަމުން ބުންޏެވެ.
“އަސްލުވެސް؟ އަނެއްކާ ކީކޭ ހިތަށް އަރުވާފަ ޖަޖް ކުރީ؟” ހިލްޔާ ކެބިނެޓް މަތީގައި އިނދެ ފާރަށް ލެނގިލަމުން އެހެން އެހިއިރު ހިނިތުންވުން ފޭދުނެވެ.
“ހިތަށްއެރީ…” ދާނިޝް އެހެން ބުނެ ހިލްޔާގެ ކަންފަތް ދޮށުގައި ސިއްރުން ކިޔައިދޭން ފެށިއެވެ. އެއާއިއެކު އިވެން ފެށި ތަޢުރީފުތަކުން ގަތް ލަދާއިއެކީ ހިލްޔާއަށް ހެމުންހެމުން ގޮސް ދާނިޝްގެ ކޮނޑު ބޯ އަޅާލެވުނެވެ.
“ބެލްޖިއަން….ޑާރކް ޗޮކްލެޓް…އައިސްކްރީމް!!!” ހިލްޔާއަށް ހެވުނު ވަރުން ދާނިޝްއާއި ދުރުވެލީ ހިނދު އެހެން ބުނެވުނީ ވެސް ވަރަށް މަސައްކަތުންނެވެ. އެހިނދު ދާނިޝް ވެސް އެ ހީލުމުގައި ބައިވެރިވިއެވެ.
“އޯކޭއޭ. ހޯދައިދޭނަން އިން ޝާ ﷲ. އެކަމަކު މިހާރެއް ނޫން. މި ގަޑީގަ ލައިޓް ބްރެކްފާސްޓެއް ހަދާލަމާދޯ؟ އަހަރެން ޓޯސްޓް ހޯދާނަން. އަހަރެން ހަދައިދިނީމަ ކާންވާނެ.” ދާނިޝް ހިލްޔާއާއި ދުރުވެލަމުން ދެފަހަރަކު ބުމަ އަރުވާލިއެވެ.
“އޯކޭ…ޓްރައި ކުރާނީ ދެން.” ހިލްޔާ އެންމެ ފަހުން ބުންޏެވެ.
“ދެޓްސް މޯ ލައިކް އިޓް.” ދާނިޝް އެހެން ބުނެ ހިލްޔާގެ ބޮލުގައި ފިރުމާލިއެވެ. އެއަށްފަހު އަނެއްކާވެސް ޖޯޑުތައް ހުރި ދިމާލަށް ދިޔައެވެ.
ދާނިޝްގެ އެ ލުއި ޙަރަކާތުން ހިލްޔާއަށް ޚުދު އަމިއްލަ މިޒާޖަށް އައި ބަދަލު ފަހުމްވިއެވެ. އޭނައަށް ކުރެވޭ ސަމާސާތަކުގެ ސަބަބުން ދާނިޝްއާއި އެއްވަރަށް ޚުދު އޭނަ ވެސް ޙައިރާންވެފައިވެއެވެ. އެހެނަސް އެވަގުތު އެ ޙައިރާންކަން ފިލިއެވެ. އޭނައަށް މިހާ ފަސޭހައިން ސަމާސާ ކުރެވި، ހެވެނީ ދާނިޝްއާއި އެކީ އުޅޭއިރު އިޙްސާސް ކުރެވިފައިވާ ރައްކާތެރިކަމުގެ ސަބަބުން ކަން އެވަގުތު އެނގުންވުމުންނެވެ. އޭނަ ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ އެއްޗެކޭ ބުންޏަސް ދާނިޝް ލޯބިން ނޫނީ އޭނަ ބަލައިނުގަނެ ނުހުންނާނެކަން ޔަޤީންވެފައިވާތީވެއެވެ. އަދި ކޮންމެ ޙާލެއްގައި ވެސް ދާނިޝް އޭނައާއި މެދު އަޅާލާނެކަން ވެސް ޔަޤީންވެފައިވީތީވެއެވެ. އެވަގުތު ވެސް ދާނިޝް އޭނައަށްޓަކައި ކޮފީ ހަދަމުން ދިޔަ ގޮތުން ހިލްޔާއަށް ކުރެވުނީ އެ އިޙްސާސެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ފިރިހެނުން އަންހެނުންގެ ރައްކާތެރިންގެ ގޮތުގައި ސިފަ ކުރައްވާފައިވާ ސަބަބު އެވަގުތު އެނގުންވިއެވެ. އަންހެނަކަށް އަންހެނެއްގެ ޒިންމާ ފުރިހަމައަށް އަދާ ކުރެވޭނީ އެ ރައްކާތެރިކަން އިޙްސާސް ކުރެވުމުންނެވެ.
ހިލްޔާއަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދާނިޝް ދެކެ ލޯބިވުމަށް ދެވެމުން ދިޔައީ އެހެންވެއެވެ. ދާނިޝްއާއި އެކީ ހުންނައިރު އޭނަ ފިކުރު ކުރަންޖެހޭ އެހެން އެއްވެސް ކަމެއް އޮތް ކަމަށް ޤަބޫލު ނުކުރެވުނީތީވެއެވެ. އެކަމާއިމެދު ހިލްޔާއަށް ދާނިޝްއަށް ބަލަހައްޓައިގެން އިނދެ ހިނިތުންވެލެވުނެވެ.
**
ހެނދުނުގެ ނާސްތާއަކަށް އެދުވަހު ރާފިލް ގޮސް ގޭގެ ކާމޭޒުދޮށުގައި އިށީނީ ހިތާއި ދެކޮޅަށެވެ. ކުރިމަތީގައި އިން އޭނަގެ ބައްޕަ ނަސީމަށް އެއްގޮތަކަށް ވެސް ބަލަން ބޭނުން ނުވުމުން ރާފިލް އޭނަގެ ތަށީގެ ކައިރީގައި ބެހެއްޓިފައިވާ ކޮފީ ޖޯޑުން ކޯވަރެއް ދަމާލިއެވެ. އަދި ދެންވެސް ނަސީމަށް ސަމާލުކަން ނުދިނުމަށްޓަކައި ފޯނަށް ބަލަން ފެށިއެވެ.
ރާފިލް އެދުވަހު ނާސްތާއަށް އެ މޭޒުދޮށަށް ދިޔައީ، ނަސީމް ގެ ދަޢުވަތަކަށް ވިޔަސް، ނާސްތާ ފެށިގެން ދިޔައިރު ވެސް ނަސީމް ވާހަކައެއް ނުދައްކައެވެ. ހިލްޔާ އާއި ރާފިލްގެ ގުޅުން ރޫޅުނު ގޮތަށްފަހު ރާފިލްއާއި ނަސީމްގެ ގުޅުމަށް ވަނީ ކިލަނބުކަމެއް އައިސްފައެވެ. ރާފިލްގެ ސަބަބުން އަނެއްކާވެސް ނަސީމްގެ ނަމަށް ހުތުރެއް އައުމުންނެވެ. އަދި އަމުދުން އެ ނަހީދު ޖެހިލުމެއް ވެސް ނެތި އެ ވިޔަފާރީގެ 40 އިންސައްތަ ދީފައި ނަސީމާއި ގުޅުން ކަނޑާލި ގޮތުންނެވެ. ނަހީދަކީ ފުދޭވަރަކަށް ކުލިން ލާރި ލިބޭ މީހަކަށްވުމުން އެ އަޑިގަނޑުން އަރައިގަތުމަކީ ނަހީދަށް މާ ބޮޑުކަމެއް ނޫންކަން ނަސީމަށް އެނގެއެވެ. ކަން މިހެން އޮތްއިރު ދެން ނަހީދު އޭނައާއި ވިޔަފާރީގެ ގޮތުން ގުޅެން ނުވެސް ވިސްނާނެކަން އެނގުމުން ނަސީމް އެ ރުޅިވެސް ބޭލީ ރާފިލްއަށެވެ.
އެ ފަހުން ރާފިލް އުޅެނީ ނަސީމާއި ދުރުންނެވެ. ކިބުރުވެރިކަމުގެ ސަބަބުން ނަސީމަކީ ބައްޕަ ވިޔަސް އެއްކޮށް ގުޅުން ކަނޑާލަން ވެސް ރާފިލް ބޭނުންވެއެވެ. އެހެނަސް އެހެން ހެދޭކަށް ނެތެވެ. އެއަށްވުރެ ބޮޑަށް އޭނަ ނަސީމްގެ ފައިސާ ބޭނުމެވެ. އެ ގޭގައި އުޅޭ ހަމައެކަނި ސަބަބަކީ އެއީއެވެ. އަދި ހިލްޔާއާއި ކައިވެނި ރޫޅުމުގެ ސަބަބަކީ ހިލްޔާކަމަށް އަޑު އެރުވި އެއް ސަބަބަކީ ވެސް ބައްޕަ އޭނައަށް ދޭ ފައިސާއިން މަދު ކުރި ބައި އަނބުރާ ދޭނެ ގޮތެއް ވުމަށް އެދިއެވެ. އެހެނަސް އަދާއި ޖެހެންދެން ވެސް އެކަން އެގޮތަކަށް ނުވެއެވެ. އެކަމާއިމެދު ރާފިލް ހުންނަނީ އިތުރަށް ނުރުހުންވެފައެވެ.
ދެމެދަށް ވެރިވެފައިވި ބީރައްޓެހި ހިމޭންކަމަށްފަހު ނަސީމް ވާހަކަ ދެއްކީ ނަސީމްގެ ނާސްތާ ނިންމުމަށްފަހުއެވެ.
“ކުޑަ ކަމަކު ރާފިލްއަށް މި ގޮވާލީ. ޓާސްކެއް ޙަވާލުކުރަން. މި ޓާސްކް ރަނގަޅަށް ކުރެވިއްޖެއްޔާ ޕޮކެޓް މަނީ ކުރިއަށްވުރެ އިތުރު ކޮށްދޭނަން.” ނަސީމް ކުއްލިއަކަށް ބުނެލި ވާހަކައިން ރާފިލްއަށް އިސްއުފުލާލެވުނެވެ.
“ކޮން ޓާސްކެއް؟” ރާފިލްއަށް ވަގުތުން އަހާލެވުނެވެ. ލިބެން އުޅޭ ފައިސާ އެވަގުތު ވެސް އޭނައަށް ސިފަކުރެވިގެން ދިޔައެވެ.
“ޗައިނާއަށް ގޮސްދޭންވީ.” ނަސީމް ބުނެލި އެ ވާހަކައިން، ރާފިލްގެ ދެބުމަ ކައިރިވިއެވެ.
ނުނިމޭ

April 11, 2026 @ 6:19 pm
Allahumma barik 💕 kiyaa hithun indha e nimuny. Cant wait for the next episode. Kon irakun kiyaalan libeynee?
April 17, 2026 @ 5:51 am
Alhamdhulillah! Next part Saturday ga In Sha Allah <3
April 12, 2026 @ 4:42 pm
When next..
Mi haaru hus Friday ga tha nerenee??
April 17, 2026 @ 5:55 am
Next part Saturday ga In Sha Allah. Aan Anonymous hafthaa aku eh faharu mivaguthah up kureveny. mi haftha ga Saturday ah mi las kolly mi hafthaa varah bodah bura veema. Mi aharu Jana anekka ves kiyavan feshyma mihaaru thankolheh lasvany. Ekamaku In Sha Allah eba balan vaahaka nimumuge kurin anekka ves haftha aku dhe faharu up kureveytho. Will keep you informed In Sha Allah.