“އެއީ ދޮންތަ ކުރިކަމެއް…”
ލީނާގެ އެ ބަސްތަކާއިއެކީ އަނަސްއަށް ކާރު އަނބުރައިލެވުނީ ކުއްލި ގޮތަކަށެވެ. އެހިނދު ލީނާއަށް ވެސް ހަޅޭއްލެވޭ ގޮތްވިއެވެ. އެ ކާރު މަގުގެ އެއްފަރާތެއްގައި ހިސާބަކަށް ހުރަހަށް އޮތް އިރު އެ ފުޅާ މަގުގެ ބާކީ ބައިން ކާރުތައް ދުއްވަމުން ދިޔައެވެ.
“ކީއްވެ؟” ދޮންތައަށް ބަލަން ވެސް ނުކެރިފައި އިނދެ އަނަސްއަށް އަހައިލެވުނެވެ. އެހިނދު އަނަސްގެ ނޭވާ ކުރުވެ، ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. މި ހުރިހާ ދުވަހު އޭނައަށް ހީވެފައި އޮތް ބިރު ޙަޤީޤަތަކަށްވުމުންނެވެ. މިއީ އޭނައާއި ޒުހާގެ ގުޅުމަށް ވެސް ކިހާ ބޮޑު އަސަރެއް ކުރާނެ ކަމެއްކަން އެނގޭތީވެއެވެ. އަދި އަމުދުން އޭނަގެ ދޮންތަގެ ބޮލުގައި އެޅިފައިވި ފާފައިގެ ބޮޑުކަމުން ބިރުގަތެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ލީނާ ފުން ނޭވައެއް ދޫކުރިއެވެ.
“އަނަސްއަށް އެއްވެސް ވާހަކައެއް ނުފޮރުވާނަން. މިއަދު އަނެއްހެން ދޮންތަގެ ޢާއިލާއަށް ހުރި މީހަކީ ތިއީ. ސަބަބު ކިޔައިދިނީމަ އަނަސްއަށް ވެސް އަންޑަސްޓޭންޑް ވާނެހެން ދޮންތައަށް ހީވަނީ. އެ ފަލަކީ ދޮންތައާއިމެދު ވަރަށް ގޯސްކޮށް ކަންތައްކޮށްފަ ހުރި އަންހެނެއް. ދޮންތައާއި ދިމާލަށް ވަނަމުން ގޮވައި ދޮންތައަށް އަނިޔާކޮށްފަ ހުރި އަންހެނެއް. ދޮންތަ ނިޒާމްބެ ކަހަލަ މީހަކާއި އިނީމަ ދޮންތައަށް ޙަސަދަވެރިވެގެން އެ ކަންތައް ކުރީ. އެއީ ވަރަށް ކުރިން ހިނގާފައިވާ ކަންތައް. ވީމަ އަނަސްއަށް ނޭނގޭނެ. އަނަސް ކުޑަވީމަ އޭރު ދޮންތަ އެކަހަލަ ވާހަކަތައް އަނަސްއަށް ކިޔައިނުދީ ހުރީ. ކިތަންމެ ކުރިން ހިނގި ކަމަކަށް ވިޔަސް އައިމް ސްޓިލް ޓްރޯމަޓައިޒްޑް ބާއި އިޓް. އެހެންވީމަ އެކަހަލަ ކަމެއް ކުރެވުނީ. އައިމް ނޮޓް ޕްރައުޑް އޮފް އިޓް.”
“ލީނާ، އަނަސްގެ ގޮތް ދަނެގެން ހުރިހާ ޙަމްދަރުދީއެއް އޭނައަށް އަމާޒުވާ ފަދައަކުން ވާހަކަތައް އަމުނައިލިއެވެ. އަނަސްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، ހިމޭންވެގެން ދިޔުމުން، ލީނާއަށް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް….
“އެކަމަކު ދޮންތާ….ކިތަންމެ ޓްރޯމަޓައިޒް ވިޔަސް އެހެން މީހެއްގެ ޙައްޤަކަށް އަރައިގަންނާކަށް ނުވާނެއެއްނޫންތަ؟ ދޮންތަ ﷲ އަށް ބިރުވެތި ނުވަންތަ؟”
ހިމޭން އަޑަކުން އަނަސް ކޮށްލި ސުވާލުތަކުން ލީނާގެ އަނގަ ނުބައިވިއެވެ. ލީނާއަށް ގިނައިން އުޅެވިފައިވީ އަނަސް އާއި ދުރުގައި ކަމަށްވުމުން އަނަސް ދީންވެރިވެފައިވާ މިންވަރު މީގެ ކުރިން ލީނާއަށް އެނގިފައެއް ނުވެއެވެ.
“ބިރުވެތި….ނުވަނީއެއް ނޫނޭ. މި ބުނިހެން ދޮންތަގެ ޓްރޯމާގެ ސަބަބު-“
“ޓްރޯމަޓައިޒް ވިއްޔާ ދޮންތައަށް ނޭނގޭތަ ﷲ އީ ޖައްބާރުވަންތަ އިލާހުކަން؟ ނޭނގޭތަ އަހަރުމެން ކޮންމެ ދަތި އުދަގުލަކުން ސަލާމަތް ކުރައްވަނީ އެކަލާނގެކަން؟ ނޭނގޭތަ މި ދުނިޔެއަށް ނިމުމެއް އައިސް ފުރިހަމަ ޢަދުލުވެރިކަން ޤާއިމްވާނެ ދުވަހެއް އަންނާނެކަން؟ ދޮންތަ ތި ފަދައިން އަމިއްލައަށް ބަދަލު ހިފީމަ އެ ދުވަހަކުން ދޮންތައާއި ވެސް ސުވާލު ވެވޭނެކަން؟”
އަނަސް ހަރުވަމުން ދިޔަ އަޑަކުން ވާހަކަ ދެއްކިއިރު ލީނާއަށް ޝޮކެއްގައި އިނދެވުނެވެ. ދުވަހަކުވެސް އަނަސް އޭނައާއި މި ފަދައިން ވާހަކަ ދައްކާފައި ނުވާތީވެއެވެ. އަދި އަމުދުން އަނަސް ދެއްކި ވާހަކަތަކުގެ ޒާތުން ލީނާގެ ގައިން ހީބިހި ނެގިއެވެ.
ލީނާއަށް ވަކި އެއްޗެކޭ ނުބުނެވި އިންދާ އަނަސް އިތުރަށް ވާހަކަ ދެއްކިއެވެ.
“މިއީ އަހަރެންގެ ކުށް. އަހަންނަށް މި ވާހަކަތައް ދޮންތައަށް ކިޔައިނުދެވި ހުރީ.” އިސްޖެހިފައި އިނދެ އަނަސްއަށް ބުނެވުނެވެ.
ލީނާއަށް އެއަށްވެސް ބުނަންވީ އެއްޗެއް ނޭނގުނެވެ. އެހެނަސް އެ ވަގުތު ހަމަޖެހުމެއް ލިބުނެވެ. އަނަސްގެ އެ ޖުމްލައިން އަނަސް އިތުރަށް އޭނަ ކުށްވެރި ނުކުރާނެހެން ހީވުމުންނެވެ. އެހެނަސް އެ ވީ ކުށްހީއަކަށެވެ.
“ދޮންތަ….ކުށަށް އިޢުތިރާފުވެ، އަދަބު ލިބިގަންނަންވީއެއްނު؟ މި ދުނިޔެ މަތީގަ އަދަބު ލިބި ތައުބާވީމަ ޤިޔާމަތް ދުވަހުން ދޮންތަ ރައްކާތެރިވެގެންދާނެ އިން ޝާ ﷲ.” އަނަސްގެ އެ ޖުމްލަ ނިމުމާއިއެކު ލީނާގެ އަޑު ހަރުވިއެވެ.
“އާރ ޔޫ ނަޓްސް! ދޮންތަ ނުއުޅެން. ޝީ ޑިޒާވްސް އިޓް އަސްލު. ތިއީ ދޮންތަގެ ކޮއްކޮ ވިއްޔާ ޖެހޭނެ މި ޙާލަތުގަ ދޮންތައަށް ސަޕޯޓްކުރަން. މި ހުރިހާ ދުވަސްވަންދެން ދޮންތަ ވެސް އަނަސްއަށް ސަޕޯޓްކުރިކަން ހުރިހާ ކަމެއްގަ. އަނަސް ވެސް މިކަހަލަ ކަމެއް ކުރިނަމަ ދޮންތައަށް ވެވުނު ހެލްޕެއް ވެދޭނަން. އައި ސްވެއާރ އަނަސް….އެއްވެސް މީހެއް ކައިރި އަނަސް މި ވާހަކަ ބުނެގެން ނުވާނެ. ބުނިއްޔާ ތިއީ ދޮންތައާއި ގުޅުމެއް ނެތް ކުއްޖެއްކަމަށް ދޮންތަ ބަލާނީ. ޑޫ ޔޫ އަންޑަސްޓޭންޑް؟” ލީނާ އަނަސްއަށް ބިރުދައްކައިލީ، އަނަސް ކުޑައިރު އެކަން ކުރާ ގޮތަށެވެ. ދޮންތައާއި ދެން ދުވަހަކުވެސް ބައްދަލުނުވާނެ ވާހަކަ އިވުމާއިއެކު އަނަސް ރޮއިގަންނަމުން ލީނާ ގައިގައި އޮޅުލައިގަނެވެ. އަދި ލީނާ ބުނާހާ ގޮތަކަށް ހަދައެވެ.
މިއަދު އަނަސް އެފަދައިން ކަންތައް ނުކުރިޔަސް އެ ވަގުތު ލީނާގެ ބަސްތަކުން އަނަސްއަށް އަސަރެއް ކުރިހެން ލީނާއަށް ހީވިއެވެ. އަނަސް އެ ވަގުތަށް ހިމޭންވެގެން ދިޔުމުންނެވެ. އަދި ވަކި އެއްޗެކޭ ނުބުނެ ކާރު ދުއްވައިލުމުންނެވެ.
އެހެނަސް ލީނާއަށް ނޭނގުނު ކަމަކީ އެ ފަހުން ވެސް ހުއްޓުމެއްނެތި އަނަސްއަށް އެކަމާއިމެދު ވިސްނެމުން ދިޔަ ކަމެވެ. މިއަދު ލީނާގެ އެ ބަސްތަކުން އަނަސްއަށް އަސަރު ކުރީ، ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ﷲ ރުހިވޮޑިގެންވާފަދަ ކަމަކަށް ނުވާތީވެއެވެ. އެހެނަސް ލީނާއަށް ‘ސަޕޯޓް’ ކުރުމުގެ މާނަ އަނަސްގެ ބަސްމޮށުންތެރިކަމުގައި ވަނީ ބަދަލުވެފައެވެ.
އާނއެކެވެ. މިއަދުވެސް އަނަސްގެ ދޮންތައަށް އަނަސް އެއްބާރުލުން ދޭން ޖެހޭ ކަމަށް އޭނަ ޤަބޫލުކުރެއެވެ. އެހެނަސް އަނިޔާވެރިވުމުގައެއް ނޫނެވެ. މީހަކަށް އަނިޔާވެރިވުމުގައި އޭނަ ދޮންތައަށް އެހީވެއްޖެނަމަ އެއީ އޭނަ ދޮންތައަށް ދޭ އަނިޔާއެކެވެ. ދޮންތައަށް އެކަން ވިސްނޭނެނަމައޭ އަނަސްގެ ހިތަށް އަރަމުން ދިޔައެވެ.
ދޮންތަގެ ވާހަކަތައް އިވުނީއްސުރެ ބިރުވެރިކަމާއި ނުތަނަވަސްކަން އަނަސްގެ ހިތް ވަށާލާފައިވިއެވެ. އޭނައާއި އެހާ ގާތް ދޮންތަ އަރައިގަތް ފާފައިގެ ބޮޑުކަމުންނެވެ. ނުތަނަވަސްވަމުން ދިޔައީ އެ ދޮންތަގެ ކުށް ދުނިޔެއަށް ފޮރުވުމަށް އޭނަގެ ހިތް އެދެމުން ދިޔައީތީވެއެވެ. އެގޮތަށް އޭނަ ކަންތައް ކޮށްފިނަމަ މުޅި ޢުމުރު ދުވަހު އޭނައަށް އުޅެވޭނީ ދޮގުވެރިއެއްގެ ގޮތުގައި ކަމަށްވީތީވެއެވެ. ވަކިން ޚާއްސަކޮށް ޒުހާއާއި ގުޅުމެއް ދަމަހައްޓަންޏާއެވެ.
ޙަޤީޤަތް ފާޅުކުރުމުން އަނަސްއާއި ޒުހާގެ ގުޅުމަށް އަންނާނެ ބަދަލާއިމެދު ހާސްވެ، ދެރަވެސްވަމުން ދިޔައެވެ. ޒުހާ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ހިތަށް ތަދުވަމުން ދިޔައެވެ. އޭނަގެ ދޮންތަގެ ފަރާތުން ޒުހާގެ ދޮންތައަށް އެހާ ބޮޑު އަނިޔާއެއް ލިބިފައިވަނިކޮށް، އޭނަ ޒުހާއާއި ކުރިމަތިލާނީ ކިހިނެއްތޯ އަމިއްލަ ޒަމީރާއި ސުވާލު ކުރެވެމުން ދިޔައެވެ.
އެދުވަހު ޒުހާ އޭނައަށް ގުޅުމުން ފޯނުވެސް ނަގަން އަނަސް ނުކުޅެދިފައިވީ އެހެންވެއެވެ. ޒުހާގެ ބައްޕަގެ ޙާލަތު ސީރިއަސްވީ ވާހަކަ ބުނެ ޒުހާ މެސެޖުތަކެއް ކުރުމުން ދެރަވިއެއްކަމަކު އެ މެސެޖުތައް ހުޅުވައެއް ނުލެވުނެވެ. ދޮންތަ ގޮވައިގެން އެއާރޕޯޓުން އޭނަ އުޅޭ އެޕާޓްމެންޓަށް އައި ގޮތަށް އަނަސްއަށް ކޮޓަރީގެ ކަނެއްގައި އިށީނދެގެން އިނދެވުނެވެ. އަނަސް ތެދުވުނީ އެ ކޮޓަރި ތެރޭގައި ޢަޞްރު ނަމާދު ކުރުމަށެވެ. އެއަށްފަހު އަނެއްކާވެސް އެ އިންތަނުގައި ގޮސް އިށީނދެވުނެވެ. ހިތަށް ލިބިފައިވި ހިތާމައިގެ ބޮޑުކަމާއި، ލިބިފައިވި ޝޮކުން ދެން ޢަމަލު ކުރަންވީ ގޮތެއް ނޭނގިފައިވާ ޙާލުގައެވެ.
އަނަސްއަށް އެންމެ ފަހުން ފިޔަވަޅެއް އަޅަން މަޖުބޫރު ކުރުވީ ޒުހާ ފޮނުވި މެސެޖެކެވެ. މަޖީދުބެ ދުނިޔެ ދޫކުރި ޚަބަރާއިއެކު އަނަސްގެ ހިތަށް ލިބުނީ އިތުރު ސިހުމަކާއި ހިތާމައެކެވެ. އެހެނަސް އެ ޚަބަރުން އަނަސްގެ ހިތަށް ބަދަލެއް އައެވެ. މަރުގެ ޚަބަރެއް އިވުމުން ކޮންމެ ވަގުތަކު ވެސް އޭނަ މަރުވެދާނެކަން ހަނދާންވުމުން، އޭނަ ﷲ އަށް ޖަވާބުދާރީ ވާންޖެހިދާނެ އެއްވެސް ޙަޤީޤަތެއް ފޮރުވާކަށް ބޭނުމެއް ނުވިއެވެ.
އެއާއިއެކު އަނަސްއަށް ކޮޅަށް ތެދުވެވުނެވެ. އަދި އެވަގުތުން އެވަގުތަށް މެލޭޝިޔާއިން ލަންކާއަށް ދާން ޓިކެޓް ނެގުމަށްފަހު ޕެކްކުރަން ފެށިއެވެ. ގެއިން ނިކުންނަން ދިޔަ ވަގުތު ދޮންތަގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ. އިރުކޮޅެއްގެ ތެރޭގައި ލީނާ ދޮރު ހުޅުވިއެވެ.
“މި ދަނީ….ލަންކާއަށް…” އަނަސްއަށް ކުރު ގޮތަކަށް ބުނެވުނެވެ. އެހިނދު ހައިޖާނެއް އުފެދިފައިވި ހިތުތެރެއިން އޭނައަށް ހަޅޭއްލެވެމުން ދިޔައެވެ. ދޮންތަ ހަމަ ކުށަށް އިޢުތިރާފު ނުވާނަންތޯ ބުނަމުންނެވެ. ދޮންތަ އިޢުތިރާފު ނުވިޔަސް ޙަޤީޤަތް ފާޅުވާނެކަމަށް ބުނަމުންނެވެ.
އެހެނަސް އެވަގުތު މީގެއިން އެއްވެސް ވާހަކައެއް އަނަސްގެ ދުލާއި ހަމައަށް ނައެވެ.
“ލަންކާއަށޭ؟ ކީއްކުރަން؟” ލީނާ އެހިއެވެ.
“އަހަރުމެން ހޮޓެލް އޯނާރ މީގެ އިރުކޮޅެއް ކުރިން ނިޔާވެއްޖެ.”
އަނަސް ބުންޏެވެ. އެއާއިއެކު ލީނާ އެ ވާހަކައަށް ބޯޖަހައިލުމުން އަނަސް ކުރިއަށް ހިނގައިގަތެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން އަނަސް އިނީ ލަންކާގެ މަގަކުން ދުއްވަމުން ދިޔަ ޓެކްސީއެއްގައެވެ. ފަތިހުގެ އެ ވަގުތަކީ އެ ޤައުމަށް ވިދާ، ގުގުރާ އަދި ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. އެ މޫސުމުން އެވަގުތު އަނަސްގެ ހިތުގައިވި އިޙްސާސްތައް ސިފަކޮށްދޭ ފަދައެވެ.
އަނަސް އަޅަން މި އުޅޭ ފިޔަވަޅަކީ އޭނަގެ ޙަޔާތުގައި މިވަގުތު އެންމެ ގާތް ދެމީހުން އޭނައާއި ދުރުކޮށްލާނެ ފިޔަވަޅެއްކަން އަނަސްއަށް އެނގެއެވެ. އެއްކޮޅުން އެ ކުރި ކަމެއްގެ އަދަބު ލިބޭނެ އޭނަގެ ލޯބިވާ ދޮންތައެވެ. އަނެއްކޮޅުން ޢާއިލީ މައްސަލަތަކުގެ ސަބަބުން އޭނައަށް ދެން ހަތަރުކަޅި ހަމަނުކުރެވޭނެ ޒުހާއެވެ. ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުން ޙަޤީޤަތް ސިއްރުކުރަން އޭނަގެ ހިތް އެތައް ފަހަރަކު އާދޭސްކުރިއެވެ. އެހެނަސް ﷲ ގެ ޙަޟްރަތުގައި އޭނަ ޖަވާބުދާރީވާނެ ގޮތެއް ނުވިސްނުމުން އެ ނިންމުމާއިގެން ކުރިއަށް ދިޔައެވެ.
ހިތާއި ސިކުނޑީގައި އުފެދިފައިވި ހައިޖާނެއްގެ ބޮޑުކަމުން މަޖީދުމެންގެ ގޭޓު ކައިރިއަށް ޓެކްސީ މަޑުކުރުމާއިއެކު އަނަސް ކާރުން ފޭބީ، ވާރެއަށް ވެސް ބެލުމެއްނެތިއެވެ. ހުޅުވިފައިވި ގޭޓުން އަނަސް ވަދެގެން ދިޔައިރު އަނަސް ފޮށި ބަހައްޓާފައި ދާތީ ފަހަތުން ޓެކްސީ ޑްރައިވަރު ގޮވިއެވެ. އެހެނަސް އަނަސް އެއަށް ވެސް ފަރުވާލެއް ނެތި ކުރިއަށް ދިޔައެވެ. އަދި މައިދޮރާއި ހަމައަށް ގޮސް ބެލް އަޅުވައިލިއެވެ. އެހާ ހިސާބަށް ދެވުނުއިރު އަނަސް ހުރީ ތެމި ފޯވެފައެވެ.
އިރުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވިގެން ދިޔުމުން އެގޭގެ ތެރޭގައި ތިބި މީހުން އަނަސްއަށް ފެނިގެން ދިޔައެވެ. އެހެނަސް އޭނަގެ ސަމާލުކަން ހޯދީ އޭނަ ފެނިފައި ކޮޅަށް ތެދުވުނު ޒުހާއެވެ.
“އަނަސް…” ޒުހާ އެ ނަން ކިޔައިލީ މަޑުން ކަމަށްވިޔަސް އަނަސްއަށް އިވުނެވެ.
އަނަސްއަށް ބޭއިޚްތިޔާރުގައި ކުރިއަށް ހިނގެން ފެށީ ޒުހާއަށް ބަލަހައްޓައިގެން ހުރެއެވެ. އެވަގުތު އެހެން އެއްވެސް މީހެއް އަނަސްއަށް ނުފެނުނު ފަދައެވެ. ޒުހާއާއި ގާތްވަމުން ދިޔަ ވަރަކަށް އަނަސްގެ މޭގައިވި ރިހުން އިތުރުވިއެވެ. މިއީ އޭނައަށް ޒުހާ ފެންނާނެ ފަހު ފަހަރަށް ވެދާނެ ކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ.
ސިޓިންގް ރޫމުގައި ތިބި މީހުންނާއި ކައިރި ހިސާބަކަށް ހުއްޓިލުމަށްފަހު ވެސް އަނަސްއަށް އެސްފިޔަ ޖަހާލުމެއްނެތި ޒުހާއަށް ބަލަން ހުރެވުނީ އެހެންވެއެވެ. އޭނަގެ ހިތުގައި ޒުހާއަށް ދެވިފައިވާ މަޤާމް ޒުހާއަށް އެނގޭނެތޯ އެވަގުތު އަނަސްގެ ހިތަށްއެރިއެވެ. ދެމީހުން ވާހަކަ ދައްކަން ފެށިތާ މާ ގިނަ ދުވަސްވެފައި ނުވުމުން ޒުހާގެ ހިތުގައި އޭނައަށްޓަކައި އެހާ ފުން އިޙްސާސްތަކެއް ނުވެދާނެއެވެ. އެހެނަސް އޭނަގެ ނަޒަރުގައި ޒުހާއަކީ އޭނަގެ މުސްތަޤްބަލުގެ ޢާއިލާ މެމްބަރެކެވެ. މިރެއަށްފަހު ވިއްސިވިހާލިވެގެންދާނެ ރީތި މުސްތަޤްބަލުގެ ބައެކެވެ. އެ ޚިޔާލު އަނަސްގެ ސިކުނޑިއަށް ވެރިވުމާއިއެކު އަނަސްގެ ލޯ ކަރުނުން ފުސްވިއެވެ. އަދި އެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ.
އަނަސްގެ މޫނުގައި ހުރި ވާރޭ ތިކިތަކުގެ ތެރެއިން ވެސް އެ ކަރުނަ ތިކި ސާފުކޮށް ފާހަގަވީ ޒުހާއަށެވެ. އަނަސް އެހާ ހިތާމަވެރިކޮށް ދައްކަމުން ދިޔައީ ހަމައެކަނި ބައްޕަގެ މަރުގެ ސަބަބުން ނޫންހެން އެވަގުތު ޒުހާއަށް ހީވިއެވެ. ޒުހާ އެއްޗެކޭ އަހަން އުޅުނު ވަގުތު ފަލަކް ވާހަކަ ދެއްކިއެވެ.
“ތިއީ އަނަސް ދޯ؟ ބައްޕަގެ ހޮޓެލް މެނޭޖާރ؟” ފަލަކް އެ ސުވާލު ކުރުމާއިއެކު އަނަސްއަށް ފަލަކާއި ދިމާލަށް ބަލައިލެވުނެވެ. އެއާއިއެކު އެ ސޫރަ ފެނުމާއިއެކު އަނަސްގެ ހިތަށް ލިބުނު ސިހުމާއިއެކު ދެލޯ ބޮޑުވިއެވެ. ޒުހާގެ ދޮންތަގެ ސޫރައަކީ އޭނައަށް އިންޓަރނެޓުންނާއި ދެ ތިން ފަހަރަކު މެލޭޝިޔާގެ ހޮޓެލް ތެރެއިން ވެސް ހަމަ ލޮލަށް ފެނިފައިވާ ސޫރައެކެވެ. ދެ ކޯތާފާތާއި ނިތުގެ އެއްފަރާތުން ރޫ ނެގިފައި ހުރި މަންޒަރު ފެނިފައި އަނަސްގެ ހިތް ރޫރޫ އެޅިއެވެ. އޭނަގެ ދޮންތަ މީހަކަށް ދީފައިވަނީ މިހާ ބޮޑު އަނިޔާއެއްތޯ ހިތަށްއެރިއެވެ.
“އަނަސް….ކަމަކާ ކަންބޮޑުވެފަތަ ތިހިރީ؟” އެ ސުވާލު ކޮށްލީ އަފްޒަލެވެ. އަނަސް ފަލަކަށް ބަލަހައްޓައިގެން ހުރި ގޮތުން ފަލަކަށް އުދަގޫވާހެން ހީވުމުންނެވެ.
“ން…ނޫން. ވާހަކައެއް ބުނަން މި އައީ. އެންމެން ގާތު.” އަނަސް އެންމެންނަށް ވަކިވަކިން ބަލައިލަމުން ބުންޏެވެ.
“ކޮން ވާހަކައެއް އަނަސް ބުނަން ބޭނުމީ؟” ޒުހާއަށް އަހައިލެވުނެވެ. އެއާއިއެކު އެންމެންވެސް އެ ސުވާލުގެ ޖަވާބަށް އިންތިޒާރު ކުރިއެވެ. އަނަސް ޒުހާއަށް ލުއި ނަޒަރެއް ދިނުމަށްފަހު އަފްޒަލަށް ބަލައިލިއެވެ. އިތުރަށް ޒުހާއަށް ބަލައިފިނަމަ އޭނަގެ ޢަޒުމް ގުޑާފާނެހެން ހީވުމުންނެވެ.
“ތިއީ….ޒުހާގެ ދޮންތަގެ ފިރިމީހާތޯ؟” އަނަސް އަފްޒަލް ކުރެން އެހިއެވެ. އަފްޒަލް ބޯޖަހައިލިއެވެ.
“ޒުހާގެ ދޮންތައަށް…މިހެން ހެދީ ކާކުކަން އަހަންނަށް އެނގޭ.” އެހާ ހިސާބުން އެއްވެސް މީހެއްގެ ސޫރައަށް ބަލަން އަނަސް ނުކުޅެދުނެވެ. އަނަސް ބުނި ޖުމްލައިގެ މާނަ ފަހުމްވުމާއިއެކު އަފްޒަލަށް ކުއްލި ގޮތަކަށް ކޮޅަށް ތެދުވެވުނެވެ.
“ކާކު؟!” އަފްޒަލަށް އެހެން އަހައިލެވުނީ ބުމަގޮށްޖެހިފައި ހުރެއެވެ.
“އަހަރެންގެ ދޮންތަ. ލީނާ ޝުކޫރު.” އަނަސް އިސްޖެހިފައި ހުރެ އެހެން ބުނުމާއިއެކު އެންމެންގެ ލޯ ބޮޑުވީ ހިނދު އަފްޒަލްގެ މޫނު ރުޅިން ރަތްވިއެވެ.
“އެނގޭ! ތިއީ އަހަރުމެންނަށް ނޭނގޭ ކަމެއް ނޫން. ފުރަތަމަ ދުވަހުވެސް އަހަރެން ޝައްކުކުރިން އެ އަންހެނާއޭ ފަލަކް ގޮވައިގެން ގޮއްސަ ފަލަކް އެ ޙާލުގަ ޖެއްސީ! އެކަމެއްކޮށްފަ އޭނަ ކޮންތާކުތަ ފިލާފަ އޮތީ؟” އަފްޒަލް ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅި އައިސްފައި ހުރެ ވާހަކަ ދެއްކިއެވެ. އެހިނދު ފަލަކް ވެސް އަނަސްއަށް ބަލަން ހުރެ ލަސްލަހުން ތެދުވެލައިފިއެވެ.
“މެލޭޝިޔާގަ. މިކޮޅަށް އަހަރެން އައިއިރު އަހަރެންގެ އެޕާޓްމެންޓްގަ ހުރީ.” އަނަސް ބުންޏެވެ.
“ހަމަ ހުވާ ތީނައަށް ދެވެން އޮތްހާ އަދަބެއް ނެދެވެނީ އަހަރެން ހަމަ ނޭވައެއް ނުލާނަން!”
އަފްޒަލް އެހެން ބުނެ ބާރު ހިނގުމެއްގައި އެތެރެއަށް ދާން ހިނގައިގަތުމުން ފަލަކް އަފްޒަލްގެ ނަމުން ގޮވައި އަފްޒަލްގެ ފަހަތުން ދިޔައެވެ.
ޒުހާ އެއްފަހަރު އެ ދެމީހުންނަށް އަނެއްފަހަރު އަނަސްއަށް ބަލައިލި ހިނދު އަނަސްގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެއާއިއެކު އަނަސް ދެލޮލުގައި އެއްއަތް އަޅައި ލޯ ފޮހެމުން ޒުހާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. ޒުހާއަށް ބޭއިޚްތިޔާރުގައި އަނަސްއަށް ގޮވައިލެވެން އުޅުނެއްކަމަކު އަނަސް ދެންމެ ބުނި ބަސްތައް ކަންފަތުގައި ގުގުމައިލުމުން މަޑުކޮށްލެވުނެވެ. އޭނަގެ ދޮންތައަށް އެހެން ހެދީ އަނަސްގެ ދޮންތަކަން އެނގުންވުމުންނެވެ.
އަނަސްގެ އެ ދޮންތަގެ ވާހަކަ ޒުހާ ކުރިންވެސް އަނަސްގެ ފަރާތުން އަޑުއަހާފައިވެއެވެ. އެ ދޮންތައަކީ މިއަދު އަނަސްގެ ޙަޔާތުގައި ހުރި ހަމައެކަނި ޢާއިލާ ކަމާއި، އެ ދޮންތަދެކެ އަނަސް ލޯބިވާ މިންވަރު އަނަސް ދެއްކި ވާހަކަތަކުން ޒުހާއަށް އެނގެއެވެ. އަނަސްގެ ދޮންތަގެ ފަރާތުން އޭނަގެ ދޮންތައަށް އެހާ ބޮޑު އަނިޔާއެއް ލިބިފައިވާކަން ޤަބޫލުކުރަން ޒުހާއަށް ދަތިވިއެވެ.
އަފްޒަލްގެ އެ ވަރުގަދަ ޢަޒުމާއިއެކު ދެން ދުވަސްތައް ފާއިތުވާން ފެށި ހަލުވިމިނުގައެވެ. އަފްޒަލް އެރޭ އެ ދިޔަ ގޮތަށް ގޮސް ދުބާއި ފުލުހުންނަށް އެ ވާހަކަތައް ރިޕޯޓުކުރިއެވެ. އަދި އެދުވަހު ލީނާ ފަލަކް ގެންދިޔަ ޢިމާރާތް ތަޙުޤީޤު ކުރުމަށް އެންގިއެވެ. އެ ޢިމާރާތުގައިވާ ސީސީޓީވީއިން ލީނާ، ފަލަކް ދިޔަ ދުވަހުގެ ކުރިންވެސް އެތާ ތެރޭގައި ބަޔަކު މީހުންނާއިއެކީ މަސައްކަތް ކުރާ މަންޒަރު ހެއްކެއްގެ ގޮތުގައި ނެގުނެވެ. އަދި ލީނާ ހައްޔަރު ކުރަން ނިންމުނެވެ. އިންޓަރޕޯލް މެދުވެރިވެގެން ލީނާ ހައްޔަރު ކުރެވުނީ މެލޭޝިޔާގައެވެ. އަދި ޝަރީޢަތަށްޓަކައި ދުބާއިއަށް ފުރުވައިލެވުނެވެ.
ލީނާ ހައްޔަރުކުރަން ފުލުހުން އަނަސްގެ އެޕާޓްމެންޓަށް އައީ އަނަސް ވެސް އެޕާޓްމެންޓުގައި ހުއްޓާއެވެ. ދޮންތަ ވާނުވާއެއް ނޭނގިގެން ފުލުހުންނާއި ސުވާލުކުރުމުން ފުލުހުން ފަލަކްގެ ޙާދިސާގެ ވާހަކަ ބުންޏެވެ. އެ ވާހަކަ ބުނުމުން ދޮންތަ ދެންވެސް އޮޅުމަކަށް ދިޔަ މަންޒަރު އަނަސްއަށް ފެނުނެވެ. އެއީ ދޮންތަ ނިކަން ސިއްރުކޮށްފައިވާ ވާހަކައަކަށްވުމުންނެވެ. ސިއްރު ނުކުރެވެނީ ކާކަށްކަން އެނގުންވުމާއިއެކު ދޮންތަ އޭނައަށް ބަލައިލިއެވެ. އިސާހިތަކު ދޮންތަ ހަޅޭއްލަވައި ގަންނަމުން އަނަސްއާއި ދިމާލަށް ހުތުރު ބަސްތައް ކިޔަން ފެށުމުން އަނަސްގެ ލޯ ކަރުނުން ފުސްވިއެވެ. ހަމައެކަނި ތުންފަތުގެ ޙަރަކާތުން އަނަސް ‘ސޮރީ’ އޭ ބުންޏެއްކަމަކު ލީނާގެ ރުޅިވެރިކަން މައިތިރިއެއް ނުވެއެވެ. ފުލުހުން ހިފަހައްޓައިގެން ގެންދިޔައިރު އެއީ މޮޔަވެގެން އުޅޭ މީހެއްހެން ބަލާ މީހަކަށް ހީވެދާނެއެވެ.
ޝަރީޢަތަށްޓަކައި އަފްޒަލާއި ފަލަކްގެ އިތުރުން ޒުހާއާއި އަނަސް ވެސް ދުބާއިއަށް ފުރިއެވެ. ލީނާގެ ފިރިމީހާ ނިޒާމް ދުބާއިއަށް ނުފުރި ތާނގައި ލީނާގެ ޙާލު ބަލަން ވެސް މަސައްކަތެއް ނުކުރެއެވެ. އަނަސް އެކަމާއިމެދު އިންތިހާއަށް ނުރުހުންވިއެއްކަމަކު ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ. ދޮންތަ މި ޙާލުގައި ޖެއްސީ އޭނައަށް ވުމުންނެވެ.
ލީނާގެ ޝަރީޢަތް ނިމުނީ 5 އަހަރަށް ޖަލަށްލުމަށް ކުރެވުނު ޙުކުމަކާއި އެކީގައެވެ. އަފްޒަލް އެކަމާއިމެދު ޙަމްދުކުރިއެއްކަމަކު ފަލަކް ހުރީ ލީނާގެ ޙާލާއިމެދު ވިސްނި، ޙަމްދަރުދީވެފައެވެ. ލީނާއަށް މަޢާފު ދޭން ފަލަކްގެ ހިތް އެދެމުން ދިޔައެވެ. އެހެނަސް އެކަމަށް ނުކުޅެދުނީ، އަފްޒަލްގެ ނުރުހުންތެރިކަމުގެ ސަބަބުންނެވެ. އަފްޒަލަށް ހަމަޖެހުމެއް ލިބޭނީ، ލީނާއަށް ކޮންމެވެސް އަދަބެއް ލިބިގެންކަން ފަލަކަށް ފަހުމްވެފައިވީތީވެއެވެ.
ޝަރީޢަތް ނިމުމުން އެންމެ ފުރަތަމަ ކޯޓުން ނިކުންނަން ހިނގައިގަތީ އަނަސްއެވެ. އެ މަންޒަރު ފެނިފައި ޒުހާ އަނަސްގެ ފަހަތުން ދިޔައެވެ.
އަނަސް ޙަޤީޤަތް ހާމަކުރި ރޭ ޒުހާ އެއްގޮތަކަށް ވެސް އަނަސްއާއި ވާހަކަ ދައްކަން ނުކުޅެދިފައިވިޔަސް، ފަހުން ފަހުން އައިސް އަނަސްއަށްޓަކައި ހިތުގައި ޙަމްދަރުދީއެއް އުފެދެން ފެށިއެވެ. ފްލައިޓް މަތިންނާއި ޝަރީޢަތުގެ ތެރެއިން ޒުހާއަށް އެތައް ފަހަރަކު އަނަސްއަށް ނަޒަރުތަކެއް ދެވެމުން ދިޔައެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ މީހަކު ހުރިހާ އުފަލެއް ޖަހައިގެންވާ ފަދަ އަސަރެކެވެ. އެ އުފާވެރިކަން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށެވެ. މި ޙާލަތަކީ އަނަސްއަށް ވެސް ކިހާ ދަތި ޙާލަތެއްކަން ޒުހާއަށް އެނގުންވީ އެ ސޫރައިންނެވެ. ލޯބިވާ ދޮންތަގެ ކުށް ހާމަކުރުންވާނީ ކިހާ ދަތި ކަމަކަށް ހެއްޔެވެ؟ އެހެން ވިޔަސް އަނަސް ޙަޤީޤަތް ހާމަ ކޮށްފައިވާނީ ހަމައެކަނި ﷲ ގެ ވަޖުހުފުޅު އަދައިގެންކަން ޒުހާއަށް ޔަޤީންވިއެވެ.
ކޯޓުގެ ސިޑިބަރިން ފައިބަމުން ދިޔަ އަނަސްގެ ފަސްފަހަތުން ޒުހާ ދިޔައީ އެހެންވެއެވެ. ދެމީހުންގެ ޢާއިލާތަކުގެ މެދުގައި ކޮންމެ ކަމެއް ހިނގާފައި ވިޔަސް ޒުހާ ބޭނުންވާ ޒާތުގެ ބައިވެރިޔަކީ އަނަސްކަން އެ ވަގުތު ޒުހާއަށް ޔަޤީން ކުރެވިފައިވިއެވެ.
“އަނަސް!”
ޒުހާ ސިޑި ބަރީގެ ފަހު ހަރުފަތްތަކާއި ހަމަވީއިރު އަނަސް ސިޑި ބަރިން ފައިބައިގެން ދާން ފެށުމުން ޒުހާއަށް ގޮވައިލެވުނެވެ.
ޒުހާގެ އަޑު އިވިފައި އަނަސް ފިޔަވަޅުތައް މަޑުޖައްސައިލަމުން ފަސްއެނބުރި ބަލައިލިއެވެ. އެހިނދު ވެސް ޒުހާއަށް އެ މޫނުމަތިން ފެނުނީ ބަޔާންކުރަން ދަތި ރިހުމެކެވެ.
“އަހަންނާއި ބައްދަލުވެސް ނުކޮށްތަ ތި ދަނީ؟” ލަސްލަހުން ސިޑި ބަރިން ފައިބައިގެން ގޮސް އަނަސްއާއި އެއްހަމައެއްގައި މަޑުކޮސްލަމުން ޒުހާ އެހިއެވެ.
“މި ވީ ކަންތަކަށްފަހު ދެމީހުންނަށް ބައްދަލުކުރެވޭތަ؟” އަނަސް ޒުހާއާއިވީ ފަރާތަށް އެނބުރިލަމުން ކޮށްލި ސުވާލުން ޒުހާގެ ލޮލުން ކަރުނަ ހިލުނެވެ.
“އަފްޒަލްބެ އަނަސްގެ ދޮންތައާއިމެދު ކަންތައް ކުރި ގޮތް ދެރަދޯ؟” ޒުހާ އެހިއެވެ. އެއާއިއެކު އަނަސް ބޯހޫރުވައިލިއެވެ.
“ދޮންތައަށް ލިބެންޖެހޭ އަދަބު އަފްޒަލްބެ އެ ހޯދައިދިނީ. އެ އަދަބު ދޮންތައަށް މި ދުނިޔޭގަ ނުލިބެންޏާ އާޚިރަތުގެ ޢަޒާބު އެއަށްވުރެ ބޮޑުވާނެ. އަހަރެން އަފްޒަލްބެ ގާތު އެ ވާހަކަ ބުނީ އަހަރެން އަމިއްލައަށް އަޅަން ޖެހޭ ފިޔަވަޅު ނޭޅިދާނެތީ….ވަރަށް ބޮޑަށް މަޢާފަށް އެދެން އަހަރެންގެ ދޮންތަގެ ސަބަބުން ޒުހާގެ ދޮންތައަށް ޖެހުނު ޙާލަތަށްޓަކައި…”
“އެކަމަށްޓަކައި އަނަސް މަޢާފަށް އެދޭކަށް ނުޖެހެއެއްނު؟ އެއީ އަނަސްގެ ކުށެއް ނޫން. އަނަސްގެ ދޮންތަގެ ކުށެއް. أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ….ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފަޔެއް ނުއުފުލާނެ…” ޒުހާ އެހެން ބުނި ވަގުތު އެމީހުން ދައްކާ ވާހަކަތައް އިވިފައި ސިޑި ބަރިން ފައިބަމުން ދިޔަ އަފްޒަލާއި ފަލަކް މަޑުކޮށްލިއެވެ.
“އެކަމަކު ޒުހާގެ ދޮންތައަށް މަޢާފު ކުރެވޭނެތަ؟ މި ގުޅުމާއިމެދު އަހަރެންގެ ދޮންތަ ދެކޭނީ ކިހިނެއް؟ މިއަދު މަޖީދުބެ ދުނިޔޭގަ ހުރިނަމަ މަޖީދުބެ މި ގުޅުމާއިމެދު ރުހޭނެތަ؟”
“ރުހޭނެ. ބައްޕައަކީ އެހާ ހިތްހަރު މީހެއްނޫން.”
ފަލަކް އެހެން ބުނެލި އަޑަށް ޒުހާއާއި އަނަސްއަށް އެކުއެކީގައި އެ ދިމާލަށް ބަލައިލެވުނެވެ.
ނުނިމޭ