“އަހަރެން ޒިވްއާއެކީ ދާކަށް ބޭނުމެއް ނޫން. އަހަރެން ލޯބިވާ އަންހެން ކުއްޖަކު ހުރޭ.”
ދާނިޝްގެ އެ ބަސްތަކުން ހިލްޔާގެ މެއަށް ލޮޅުމެއް އައެވެ. އެ ފަހު ޖުމްލައަކީ އޭނައަށް އަމާޒުވި ބަސްތަކެއް ހެން ހީވީ ކީއްވެ ކަމެއް ނޭނގުނެވެ.
ހިލްޔާ އަމިއްލަ ޚިޔާލަކަށް ގެއްލުނު ވަގުތު އެ ވީޑިއޯ ނިމުމަކަށް އައެވެ. އެއާއި ބެހޭގޮތުން ހިލްޔާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެލީ ވާހަކަ ދެއްކިއެވެ.
“ޑޭން ކުޅުނު ޑްރާމާއެއްގެ ސީންއެއްހެން ހީވަނީ އައި ސްވެއާރ! އައި ސްޓިލް ކާންޓް ބިލީވް ހީ ސްޓޮޕްޑް އެކްޓިންގް!!!” އެލީ މޫނުގައި ދެއަތް އަޅައި ރޮއިގަންނަ ކަމަށް ހެދެމުން ސޯފާއަށް ވެއްޓިގަތެވެ. އެއާއިއެކު ހަމްރާ ކަޅި މައްޗަށް ހިންގާލިއެވެ.
“އަގް! ގެޓް އޯވާރ އިޓް އެލީ! މިހާރު އެއީ އެކްޓަރެއް ނޫން. އެލީ ލައިކް ވިޔަސް ނުވިޔަސް.” ހަމްރާ ބުންޏެވެ. އެއާއިއެކު އެލީ ދެފައި ތަޅުވައި ގަތުމުން އެ ސޯފާގައި އިން ހިލްޔާގެ ގައިގައި ނުޖެހި ހުރީ ވެސް ކިރިޔާއެވެ. އެހެނަސް ހިލްޔާ އިނީ އެކަން ފާހަގަވާ ވަރަށްވުރެ ފުން ވިސްނުމެއްގައެވެ.
“ކީއްވެ ފިލްމު ކުޅުން ހުއްޓާލީ؟” ހިލްޔާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެފައި ދޮންތައަށް ބަލާލަމުން އެހިއެވެ. އެލީ ވީ ޖަވާބު ދެވޭ ފަދަ ޙާލެއްގައި ނޫންކަން ދަނެގެންނެވެ.
“ކީއްވެކަމެއް ސާފުކޮށް ނުބުނޭ އެއްވެސް އިންޓަވިއުއެއްގަ. ބައްޕަ ބުނި އަޑު އެހިން ދާނިޝް މަންމައަށްޓަކައޭ އެކަން ހުއްޓާލީ.” ހަމްރާ ބުންޏެވެ. އިވުނު ޖުމްލައިން ހިލްޔާގެ ލޮލަށް ސިފަވެގެން ދިޔައީ އުސްތާޒާ އަސްމާއެވެ. އެއާއިއެކު ކަންވެފައިވާނެ ގޮތް އެނގުންވިއެވެ.
އުސްތާޒާ އަސްމާ ގެ ދަރިފުޅަކީ ދީނާއި ދުރުވިޔަސް ގޯސް ކުއްޖެއް ނޫންކަމަށް އުސްތާޒާ ބުނި ގޮތް ހަނދާނަށް އައެވެ. ދާނިޝް މިއަދު އުޅޭ ގޮތުންނާއި، ކަންތައް ކޮށްފައިވާ ގޮތުން އެކަން އެނގެއެވެ. މަންމަ ދުނިޔޭގައި ހުރިއިރު ނުކުރެވުނަސް، މަންމަ ދުނިޔެ ދޫކުރުމުން މަންމަގެ ޙައްޤުގައި އެހާ ބޮޑު ކަމެއް ދޫ ކުރެވޭނީ ހެޔޮ ހިތެއްގެ ވެރިޔަކަށެވެ. ދާނިޝްއަކީ މަންމައަށް އިޙްތިރާމް ކުރާ، މަންމަ ދެކެ ލޯބިވާ މީހަކަށް ނުވިނަމަ އެފަދަ ނިންމުމެއް ނުނިންމީހެވެ.
ހިލްޔާ އެރޭ ކޮޓަރިއަށް ނިދަން ދިޔައިރު ދާނިޝް އާއި ބެހޭ އިތުރު ކުދި ކުދި މަޢުލޫމާތުތައް ވެސް ހަމްރާއާއި އެލީގެ ފަރާތުން ލިބިފައިވިއެވެ. ޒިވް އަކީ ދާނިޝްގެ ކުރީގެ ލޯބިވެރިޔާކަމާއި، ލޯބިވެރިޔާއާއި ދާނިޝް ވަކިވެފައިވަނީ 2 މަހެއްހާ ދުވަހުގެ ގުޅުމަކަށް ފަހު ކަމެވެ. ވަކިވީ ސަބަބެއް ނޭނގުނަސް ވަކިވާން އިސްނެގީ ދާނިޝް ކަން ތުންތުންމަތިން އިވިފައިވާ ވާހަކަ އެނގުނެވެ. އެލީ ދެއްކި ވީޑިއޯއިން ވެސް ޒިވް އަކީ ދާނިޝް ހިތްހަމަޖެހޭ ޒާތުގެ ކުއްޖެއް ނޫންކަން ހިލްޔާއަށް އެނގުނެވެ.
އެކަން ހިތަށް ވެރިވާ ކޮންމެ ފަހަރަކު ދާނިޝްއަށް ކަމުދަނީ ކޮންކަހަލަ ކުއްޖެއްތޯ ހިތަށްއަރަމުން ދިޔައެވެ. ދާނިޝް ‘ލޯބިވާ ކުއްޖަކީ’ ކާކުތޯ ތަކުރާރުކޮށް ހިތް ސުވާލު ކުރަމުން ދިޔައެވެ. ދޮންތަމެންނާއި އެ ސުވާލު ކުރެވެން ވެސް ކުރެވުނެވެ. އެހެނަސް އެމީހުންނަށް ވެސް އެ ސުވާލުގެ ޖަވާބެއް ނޭނގެއެވެ. އެއީ ދާނިޝް އޮޅުމަކުން ވެސް އެއްވެސް އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކައެއް ނޫންކަމަށް އެމީހުން ބުނެފައިވެއެވެ.
ރީތިވާ މޭޒުދޮށުގައި މޫނު ރީތިކުރަން އިން ހިލްޔާ އެ ޚިޔާލުތަކުގައި އިނދެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އެހިނދު ލޯގަނޑަށް ބަލާ ހިނދު ކިޔާ ދުޢާ ކިޔަން ހަނދާން ނެތިފައިވިކަން އެނގުންވުމާއިއެކު ދުޢާ ކިޔާލެވުނެވެ.
“اللّهُمَّ كَمَا أَحْسَنْتَ خَلْقِي, فَحَسِّنْ خُلُقِي.”
“ޔާ ﷲ! އިބަރަސްކަލާނގެ މިއަޅާގެ ބޭރުފުށުގެ ރީތިކަން ފުރިހަމަ ކުރެއްވި ފަދައިން، މި އަޅާގެ އަޚްލާޤް ވެސް ފުރިހަމަ ކޮށްދެއްވާށި!”
މިފަހުގެ އާދައިގެ މަތިން އެ ދުޢާ ކިޔާލެވުމާއިއެކު ހެން ހިލްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މިއަދު ވެސް އޭނަގެ ނޭފަތުގެ ބައްޓަމާއިމެދު ވިސްނުނެއްކަމަކު އެ މޫނުގައި ހުރި ރީތި ސިފަތަކަށް ބޮޑަށް ސަމާލުކަން ދެވުނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނަގެ ސޫރަ ހައްދަވާފައިވާ ގޮތުގެ ފުރިހަމަކަން ފާހަގަ ކުރެވުނެވެ. އެހެނަސް އެކަމާއިމެދު ފަޚުރުވެރިއެއް ނުވެވެއެވެ. އެހެނީ އެ ރީތިކަން ދެއްވީ ހަމައެކަނި ﷲ ތަޢާލާކަން ހަނދާން ހުރީތީވެއެވެ. އަދި ދުޢާގައި ބަޔާން ކުރެވޭ ފަދައިން، ފުރިހަމަ ރީތިކަމަކީ، ބޭރުފުށް ރީތި ވަރަށް އަޚްލާޤް ވެސް ރީތިވުމެވެ.
އެހެންކަމުން އެވަގުތު އަމިއްލަ ނަފްސާއި ސުވާލު ކުރެވުނީ، އޭނަގެ އަޚްލާޤް ހުރީ ކިހާ ހިސާބެއްގައި ކަމާއި މެދުގައެވެ. އެ އަޚްލާޤް އެވަގުތު އަޅުވައި ކިޔާލެވުނީ ދާނިޝްގެ އަޚްލާޤާއި އެވެ. ދާނިޝް މަތިން ހަނދާންވުމާއިއެކު އޭނަ އަދި ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރި ކަން އެނގުންވިއެވެ.
ދާނިޝް މަތިން ހަނދާންވުމާއިއެކު ހިލްޔާއަށް ބެލްކަނީ ހުރި ދިމާލަށް ނަޒަރެއް ދެވުނެވެ. އާދައިގެ މަތިން ބެލްކަންޏަށް ނިކުމެވޭ ބިއްލޫރި ދޮރު، ފަރުދާއިން ފޮރުވިފައިވިއެވެ. އެ ދިމާލަށް ބަލަން އިނދެފައި ހިލްޔާއަށް ތެދުވެލަމުން އަލަމާރި ކައިރިއަށް ދެވުނީ، އަބާޔާއެއް ނަގައިގެން ލުމަށެވެ. އެވަގުތު ބެލްކަންޏަށް ނިކުންނަން ހިތް އެދުނު ވަރުންނެވެ.
ލައިގެން ހުރި ނިދާ ހެދުމުގެ މަތިން އަބާޔާއެއް ލައިގެން ހިލްޔާ އާދައިގެ ބޮޑު ގޮތަކަށް ޝޯލް އެޅިއެވެ. އެއަށްފަހު ފަރުދާ ކަހާލަމުން ބެލްކަންޏަށް ނިކުމެވޭ ބިއްލޫރި ދޮރު ވެސް ކަހާލިއެވެ. ޖެހިލި ވައިރޯޅިއާއިއެކު ހިލްޔާގެ އަބާޔާއާއި އެކު ޝޯލްގެ ބައެއް ވިހުރިލިއެވެ. އެ ވައިރޯޅީގެ ފިނިކަމާއިއެކު ހިތަށް ވެސް ފިނިކަމެއް ލިބުނީ، ދާނިޝްގެ ކޮޓަރީގެ ބޮކި ދިއްލިފައިވާ މަންޒަރު ފެނުމުންނެވެ.
މީގެ 6 މަސް ކުރިއާއި ޚިލާފަށް، އެ ކޮޓަރީގައި ދިއްލިފައިވަނީ ފަނޑު ބޮތްކެއްގެ ބަދަލުގައި އަލި ބޮތްކެކެވެ. 10 ޖަހަން ގާތްވަމުން ދިޔަ އެވަގުތު ދާނިޝް ކީއްކުރަނީތޯ ހިލްޔާގެ ހިތަށް އެރި ވަގުތު، ކުރިން ވެސް އޭނައަށް މިފަދައިން އެ ބެލްކަންޏަށް ބެލުނު ދުވަސްތައް ހަނދާނަށް އައެވެ. އެ ބެލްކަނީގެ ދޮރުގެ އަނެއްފަރާތުން ބޮކި ދިއްލި ނިވޭ ގޮތަށް ބަލައި އެގޭގައި އުޅޭ ބިރައްޓެހި ޒުވާނާއާއިމެދު ގޮތް ނިންމުނު ގޮތެވެ. ވަކި ހިސާބަކުން އެއްރެއަކު އެ ޒުވާނާ ނުހަނު ދަން ގަޑިއެއްގައި ނަމާދު ކުރަން ހުއްޓާ ފެނި، ހިލްޔާގެ ހިތް އެދިމާލަށް ދެމިގެން ދިޔަ ގޮތެވެ. އަދި އަމުދުން އެއީ އުސްތާޒާ ގެ ދަރިފުޅު ކަން އެނގުންވުމުން އެ ޒުވާނާ އިތުރަށް ކަމުދިޔަ ގޮތެވެ.
އެ ދުވަސްތައް ހަނދާންވުމުން ހިލްޔާގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ ބައްޕަ އޭނަ ގާތު ދާނިޝްއާއި އިނުމުގެ ޚިޔާލު ދިނުމުން އޭނަ އެ އެދުމަށް ފަސްދިން ގޮތް ހަނދާންވެފައި ހިނިތުންވުން ފިލައި ދިޔައެވެ. އޭނަ އެ އެދުމަށް އިންކާރު ކުރީ ކީއްވެތޯ އެވަގުތު ހިތަށްއެރިއެވެ. އޭނައަށް ރާފިލް ދާނިޝްއަށްވުރެ ބޮޑަށް ކަމުދިޔައީ ހެއްޔެވެ؟ އެހެނަސް އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ރާފިލްއަށްވުރެ ދާނިޝް ހާސް ބައި ރަނގަޅުކަން މިއަދު އޭނައަށް ސާފުކޮށް އެނގެއެވެ. ވީއިރު ކީއްވެ ހެއްޔެވެ؟ ރާފިލްގެ ރީތިކަމާއި މުއްސަނދިކަމުގެ ސަބަބުން އޭނަ އަނދިރިވީ ހެއްޔެވެ؟
ހިލްޔާއަށް އެ ސުވާލުގެ ޖަވާބުތައް ޔަޤީނެއް ނުކުރެވުނެވެ. ޔަޤީން ކުރެވުނުހާ ވެސް ކަމަކީ އެވަގުތު އޭނަ ދާނިޝް ދެކެން ބޭނުންވެފައިވި ކަމެވެ. ދާނިޝްއާއި އޭނަގެ ގުޅުން ބަދަހިވުމަށް ހިތް އެދެމުން ދިޔަ ކަމެވެ. ދާނިޝްގެ އަޚްލާޤް ހުރި ދަރަޖައަށް އޭނަގެ އަޚްލާޤް ވެސް ގެންނަން ބޭނުންވެފައިވި ކަމެވެ. އެ ޚިޔާލުން ހިލްޔާގެ ހަނދާނަށް އައީ ދާނިޝް އާއި ބެހޭގޮތުން އިވިފައިވާ ރަނގަޅު ވާހަކަތަކެވެ. ދާނިޝް މަންމައަށްޓަކައި ފިލްމު ކުޅުން ދޫކޮށްލި ގޮތެވެ. ގޯސް އަންހެން ކުއްޖަކު އެކީގައި ދިޔުމަށް އެދުމުން އެކަމަށް އިންކާރު ކުރި ގޮތެވެ. އަމިއްލައަށް ބުރަ މަސައްކަތް ކޮށްގެން މޭވާ ގަސްތައް ހައްދައި އެއިން ޞަދަޤާތް ކުރާ ގޮތެވެ. އަދި އަމުދުން ޞަދަޤާތް ކުރުން އެހެން މީހުންނަށް ފަސޭހަ ކޮށްދިނުމަށް އަމިއްލަ އެކުވެރިންނާއި އެކު ޖަމްޢިއްޔާއެއް އުފައްދާފައިވާ ގޮތެވެ.
އެ ޚިޔާލުން ހިލްޔާގެ ހަނދާނަށް އައީ ޚުދު އޭނަގެ އެކުވެރިންނެވެ. އޭނަގެ ޞާލިޙު އެކުވެރިން ކޮބައިތޯ ހިތަށްއެރި ވަގުތު އަތުގައި އޮތް ފޯނު ހިއްލާލަމުން ވައިބާރ ހުޅުވާލެވުނެވެ. ވައިބާރ ގެ ކުރީކޮޅުން އެ އެކުވެރިންގެ ގްރޫޕް ފެންނަން ނެތުމުން އެ ގްރޫޕް ކޮބައިތޯ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު ކުއްލި ގޮތަކަށް ތިރިއަށް ސްކްރޯލް ކޮށްލެވުނީ ޔޫކޭގައި ހުރިއިރު ވަކި ހިސާބަކުން އޭނަ އެ ގްރޫޕް މިއުޓްކޮށްފައިވާ ކަން ހަނދާންވުމުންނެވެ. ގްރޫޕަށް މެސެޖު އަންނަތަން ފެނުނަސް އޭނަ އެ ފަހުން އެއްފަހަރު ވެސް އެ ގްރޫޕް ހުޅުވާފައެއް ނުވެއެވެ. ރާއްޖެ އައި ފަހުން ވައިބާރ އެހާ ގިނައިން ނުހުޅުވޭތީ އެ ގްރޫޕް މަތިން ހަނދާންވެސް ނެތޭ ގޮތްވިއެވެ.
ސްކްރޯލް ކުރަމުން ދަނިކޮށް ‘ޙަލަޤާ ސިސްޓާރސް’ ގްރޫޕް ފެނުމާއިއެކު ހިލްޔާއަށް އެ ގްރޫޕް ހުޅުވާލެވުނެވެ. އަދި އޭނަގެ 3 އެކުވެރިންގެ އެ ގްރޫޕުން ފެންނަން ފެށި މެސެޖުތައް ކިޔަން ފެށިއެވެ. ހުރިހާ މެސެޖުތައް ނޫނަސް ފާހަގަވި މެސެޖުތައް ކިޔަމުން ހިލްޔާ ތިރިއަށް ސްކްރޯލް ކުރަން ފެށިއެވެ.
“އަހަރުމެން ހިނގާ ކޮންމެ ހަފްތާއެއްގަ މިސްކިތެއް ސެލެކްޓް ކޮށްފަ އެ މިސްކިތުގަ ޙަލަޤާ ބާއްވަން.”
“ޔެސް! އެގޮތަށް ޙަލަޤާއަށް އަންނަ ސިސްޓާރސް މި ގްރޫޕަށް އެޑް ކުރަމުން ދާނީ. އޭރުން މޯ ގުޑް ފްރެންޑްސް!!!”
“@ހިލްޔާ ވަޓް ޑޫ ޔޫ ތިންކް؟”
“މިސް ޔޫ @ހިލްޔާ ☹. ޔޫ ކޭއަށް ގޮއްސަ މާ ބިޒީ ވީތަ؟”
“ބިޒީވާނެ. ރެޒިޑެންސީއަކީ ވަރަށް ބިޒީ ވާނެ ކަމެކޯ އަޑު އެހިން.”
“@ހިލްޔާ ސިސް އާރ ޔޫ އޯކޭ؟!”
“ހަމަ ރަނގަޅަށް ހިލްޔާ ހެދީ! އެކަހަލަ މީހަކާ އިންނާނެ ކަމެއް ނެތް!!!”
“ޗާޗްއަކަށް ގެންދާނެ މީހަކީ ރަނގަޅު މީހަކަށް ނުވާނެ. މުޝްރިކަކަށް ވުރެ މުއުމިނަކު އަބަދުވެސް ރަނގަޅުވާނެ.”
“މިހާރު މާ ރަނގަޅަށް ވެސް އެބަ އެނގެއެއްނު އޭނަ ގޯސްކަން؟ ހައު ޑެއާރ ހީ ސޭ ދެޓް އެބައުޓް ހިލްޔާ ސިސް.”
“ހިލްޔާ ހިތްވަރު ކުރައްޗޭ. މިއީ އިމްތިޙާނެއް. އެނގޭ މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުންނުވެ ހިނގައިދާނެ ކަން. ސޯ ވީ ވިލް ގިވް ސްޕޭސް.”
“މަރީ އެ ބުނީ ތެދެއް. މިއީ ﷲ ގެ ޙަޟްރަތުގައި ހިލްޔާގެ ދަރަޖަ އުފުލިގެން ދާނެ ފަދަ އިމްތިޙާނެއް. ކެތްތެރިވެ، ﷲ ގެ ނިޢުމަތްތައް ހަނދުމަކޮށް ހިތްވަރު ކުރޭ. އަދި އެކަލާނގެއަށް ރީތިވެގެންވާ ތައުބާއަކުން ތައުބާވޭ. އެކަލާނގެއީ ތައުބާ އަބަދުވެސް ޤަބޫލު ކުރައްވާ ރަސްކަލާނގެ.”
އެންމެ ފަހުން ސާދާ ގެ ފަރާތުން އައިސްފައިވާ އެ މެސެޖު ފެނިފައި ހިލްޔާގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަ މި ހުރިހާ ދުވަސް ވަންދެން ފަސް ދިނީ މި އެކުވެރިންނަށްތޯ ހިތަށްއެރިއެވެ. އޭނަ މި ހުރިހާ ދުވަސް ވަންދެން މި އެކުވެރިންނަށް ފަސް ދިން އިރު ވެސް އެ އެކުވެރިން ދިޔައީ އޭނައަށް ހިތްވަރު ދެމުންނެވެ. ހިލްޔާ އެ ގްރޫޕުން ނިކުމެ، ޗެޓް ލޮގްތައް ބަލާލިއިރު ސާދާއާއި މަރީއާއި ލާނާ ގެ ފަރާތުން ވެސް މެސެޖުތަކާއި މިސް ކޯލުތައް އައިސްފައިވިއެވެ. އަދި އޭގެއިން ކޮންމެ އެކުވެރިއަކު ވަކިން ވެސް އޭނައަށް ހިތްވަރުގެ މެސެޖުތައް ފޮނުވާފައިވިއެވެ. އެ ކޯލުތަކާއި މެސެޖުތައް އައިސްފައިވީ ހިލްޔާ ޔޫކޭއިން ރާއްޖެއަށް އައި ދުވަހު ކަމަށްވުމުން، މިހާތަނަށް އައިއިރު އެ މެސެޖުތައް ނުފެނި، އެހެން މެސެޖުތަކުގެ ތެރެއަށް އެ މެސެޖުތައް ގެއްލިފައިވީއެވެ.
މިފަދަ އެކުވެރިން އޭނައަށް ޙައްޤު ވެސް ވޭތޯ އެވަގުތު ހިތަށްއެރިއެވެ. ހިލްޔާ ފަދަ ފާފަވެރިއަކު މިފަދަ އެކުވެރިން ގެންގުޅެން ވެސް ވާނެ ހެއްޔެވެ؟ އޭނަ މިއަދު ވެސް މިދަނީ އޭނައަށް ކުރެވުނު ފާފަތަކުގެ ހިތި ނަތީޖާ ތަޙައްމަލު ކުރަމުންނެވެ. ވީއިރު އޭނަ އެ އެކުވެރިންނާއިއެކީ އުޅުމުން އެ އެކުވެރިންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެއެއް ނޫން ހެއްޔެވެ؟
ނާއުއްމީދީ އިޙްސާސްތަކުން ހިލްޔާގެ ހިތް ފުރިގެން ދިޔުމުގެ ސަބަބުން އެވަގުތު އެ އެކުވެރިންނަށް މެސެޖު ނުކުރަން ހިތަށްއެރިއެވެ. އެހެނަސް އެ އެކުވެރިން އޭނައާއި މެދު އެހާ ސުވާލު ކޮށްފައި ވަނިކޮށް އެއްޗެކޭ ނުބުނެ ހުންނަން ވެސް ނުކެރުނެވެ. އެހެންކަމުން އަނެއްކާވެސް ގްރޫޕް ހުޅުވާލަމުން ހިލްޔާ މެސެޖެއް ލިޔުނެވެ.
“އައްސަލާމްޢަލައިކުމް! އެންމެން ކިހިނެއް؟”
ހިލްޔާ އެ މެސެޖު ފޮނުވާލީ ޖެހިލުންވުމަކާއި އެކީގައެވެ. އެކުވެރިން އެއަށް ޖަވާބު ދޭނެ ގޮތެއް ނުވިސްނުނެވެ. ހިލްޔާގެ ހިތް އާދަވެފައިވަނީ ވޭތުވެ ދިޔަ މަސްތަކުގެ ތެރޭގައި އޭނަ ގެންގުޅުނު އެކުވެރިންގެ ޒާތަށެވެ. ކުދިކުދި ކަންކަމާ ވެސް ރުޅި އިސްކޮށް މައްސަލަ ޖައްސާ އެކުވެރިންނެވެ. ކޮންމެ ޙާލަތެއްގެ ވެސް އެންމެ ގޯސް ކަންތަކަށް އަލި އަޅުވާ އެކުވެރިންނެވެ. އޭނަގެ މި އެކުވެރިން ވެސް ޖަވާބު ދޭނީ ރުޅިވެރިކަމާއި އެކީގައި ކަމަށް ހީކުރެވުނީ އެހެން ވެއެވެ. މި ހުރިހާ ދުވަހު ވާހަކަ ނުދައްކާ ހުރި މީހަކަށް އެމީހުން ސަމާލުކަން ދޭންވީ ވެސް ކީއްކުރަން ހެއްޔެވެ؟
ހިލްޔާ މެސެޖު ފޮނުވުމުން ޖަވާބެއް ނުލިބުމުން ހިލްޔާއަށް ހީކުރެވުނީ އެކަހަލަ ގޮތެކެވެ. އެހެނަސް އެވަގުތު އޭގެއިން އެކުވެރިޔަކު އެވަގުތު އޮންލައިންގައި ނެތް ކަން ވެސް އެނގުނެވެ. މަރީ އާއި ސާދާ ގެ ކުދިން ތިބެއެވެ. އެހެންކަމުން އެމީހުންނަކީ ދުވަހުގެ ވަރުބަލި ކަމުގެ ސަބަބުން އަބަދުވެސް އަވަހަށް ނިދާ މީހުންނެވެ. ލާނާ ވެސް އަވަހަށް ނިދާލަނީ ނުނިދައިފިނަމަ ފަތިސް ނަމާދަސް ހޭނުލެވޭ ކަމަށް ބުނަމުންނެވެ.
އެކަން ހަނދާންވެފައި ޚުދު އަމިއްލައަށް ވެސް އަވަހަށް ނިދުމަށް ހިލްޔާއަށް ހިތްވަރެއް ލިބުނެވެ. ނިދުމުގެ ކުރިން ސަޖްދާ ސޫރަތާއި މުލްކް ސޫރަތް ކިޔަވަން ވެސް އެރޭ ހަނދާންވެގެން ދިޔައެވެ. ރަނގަޅު އެކުވެރިން ގެންގުޅުމުގެ ފައިދާއަކީ މިއީއޭ ހިލްޔާގެ ހިތަށް އެރިއެވެ.
**
“مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا. وَقَدْ خَلَقَكُمْ أَطْوَارًا. أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقًا . وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًا وَجَعَلَ ٱلشَّمْسَ سِرَاجًا. وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًا . ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا. وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًا. لِّتَسْلُكُوا۟ مِنْهَا سُبُلًا فِجَاجًا.”
އެރޭގެ އެވަގުތުގައި ކުރަމުން ދިޔަ 2 ރަކުޢަތް ނަމާދުގެ ތެރެއިން ދާނިޝް ކިޔަވަމުން ދިޔައީ ނޫޙު ސޫރަތެވެ. އާޔަތްތަކެއް ހިތު ދަސްވުމުން ނަމާދުގެ ތެރެއިން އެ އާޔަތްތައް ކިޔެވުމަކީ ދާނިޝްގެ މިފަހުގެ އާދައެކެވެ. ހިތުދަސް ކުރެވޭ އާޔަތްތައް ނަމާދުގައި ކިޔެވުމުން ނަމާދަށް އިތުރު ދިރުމެއް އަންނަ ކަހަލަ އިޙްސާސެއް ކުރެވެއެވެ. އެއިން ލިބެނީ ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭ ފަދަ ލައްޒަތެކެވެ. ވަކިން ޚާއްސަކޮށް އޭނަގެ މީގެ ދުވަސްކޮޅެއް ކުރިން ނަމާދުގައި ކިޔަވަމުން ދިޔައީ ހަމައެކަނި ކައުޘަރު ސޫރަތާއި އިޚްލާޞް ސޫރަތްކަން ހަނދާންވުމުން ހިތަށް ޝުކުރުވެރިކަމެއް ވެރިވެއެވެ. އޭނަގެ ހިދާޔަތް މިހާ ހިސާބަށް އިތުރު ކުރެއްވީ ހަމައެކަނި އޭނަގެ ވެރި ރައްބު ކަން ހަނދާންކޮށް ގިނަ ފަހަރު ރޮވި ވެސް ދެއެވެ.
ދެ ރަކުޢަތް ނަމާދުގެ ތެރެއިން ފުރަތަމަ ފަހަރަށް ނޫޙު ސޫރަތުގެ އެއްވެސް ބައެއް ހަނދާން ނުނެތި ކިޔަވާލެވުމުން ދާނިޝްއަށް އެކަނި އިނދެވެސް ހިނިތުންވެލެވުނެވެ. އެވަގުތު އިތުރަށް ނަމާދު ކުރަން ހިތަށްއެރިއެއްކަމަކު، ނިދާލަން ނިންމީ ދަމު ނަމާދަށް ކޮންމެހެން ވެސް ހޭލަން ޢަޒުމް ކަނޑައަޅަމުންނެވެ. ނަމާދު ކުރަން އިށީނދެގެން އިން ތަނުން ތެދުވެލަމުން ދާނިޝް ނިދަން ތައްޔާރު ވާން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު ހިލްޔާގެ ނަން ހިތަށް ވެރިވުމުން ބެލަކަންޏަށް ނިކުމެވޭ ދޮރާއި ދިމާލަށް ދާނިޝްއަށް ބަލާލެވުނެވެ. އެއާއިއެކު އެ ދިމާލަށް ހިނގައިގަނެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ދާނިޝް ހުރީ ބެލްކަނީގެ ރެއިލިންގްގެ މެދުން ހުހަށް ހުރި ބައިގައި އަތް އަޅުވައި، ހިލްޔާގެ ބެލްކަންޏަށް ނަޒަރު ހުއްޓައިގެންނެވެ. ބަންދު ކުރެވިފައިވާ އެ ބެލްކަނީގެ ދޮރާއި، ދެމިފައިވާ ފަރުދާ ފެނިފައި، މިއީ ބެލްކަންޏަށް ވެސް ނުނިކުންނަ ކުއްޖަކީތޯ ހިތަށްއެރިއެވެ. ވޭތުވެ ދިޔަ ހަފްތާގައި ދާނިޝް މިފަދައިން ނިކުތް އެއްވެސް ދުވަހެއްގައި ހިލްޔާ ބެލްކަނީގައި ހުރި ތަން ފެނިފައެއް ނުވެއެވެ.
ބެލްކަނީގެ އަނެއްފަރާތުން ދިއްލިފައިވާ އަލި ބޮކި ނިވިގެން ދިޔުމުން، ހިލްޔާ ނިދީތޯ ހިތަށްއެރިއެވެ. އެއާއިއެކު ހާދަ ބަސްއަހާ ކުއްޖެކޭ ހިތާހިތުން ކިޔާލެވުމުން ދާނިޝްއަށް އަމިއްލަ އަމިއްލައަށް ހީލެވުނެވެ. އޭގެ އަނެއްދުވަހު ހިލްޔާއާއި މިކަމާއި ބެހޭ ގޮތުން ސަމާސާއެއް ކޮށްލަން ހިތް އެދުނެވެ. ހިލްޔާ ހެއްވާލުމުގެ ނިޔަތުގައެވެ. ހިލްޔާ އުފަލުގައި ހުރި ތަން ފެންނަ ކޮންމެ ފަހަރަކު އޭނަގެ ހިތް ވެސް އުފަލުން ފުރިގެން ދާތީވެއެވެ.
އެވަގުތު އެދުވަހު އޭނައާއި ހިލްޔާއާއި ދެމެދު ހިނގި ކަންތައް ދާނިޝްގެ ލޮލަށް ސިފަވާން ފެށިއެވެ. އޭނަ ކްލިނިކަށް ވަދެގެން ދިޔައިރު ހިލްޔާ ބީރައްޓެހި ގޮތަކަށް އޭނައަށް ބަލަހައްޓައިގެން ހުރި ގޮތެވެ. ހިލްޔާއަށް އޭނަ ނޭނގުނީތޯ އެހުމުން ހިލްޔާ ޖެހިލުންވުމަކާއިއެކީ އޭނަގެ ނަން ކިޔާލި ގޮތެވެ. އެއަށްފަހު އެދެމެދުގައި ޙިއްސާ ކުރެވުނު ހީލުންތަކެވެ.
އެވަގުތުކޮޅުތައް ހަނދާންވި ވަގުތު ވެސް ދާނިޝްއަށް ހިނިތުންވުމެއްގައި ހުރެވުނެވެ. އޭނައަށް ވާނެ ނަމަ އޭނަ މިރެއިން މިރެއަށް ވެސް ހިލްޔާ ކުރެން ކައިވެންޏަށް އެދުނީހެވެ. އަދި ހިލްޔާއާއި ކައިވެނި ކޮށްގެން އޭނަގެ ގާތަށް ގެނައީހެވެ. އެހެނަސް އެއީ ހިލްޔާ އެންމެ ބޭނުންވާނެ ގޮތްކަމެއް ދާނިޝްއަށް ޔަޤީނެއް ނޫނެވެ. އަދި އަމުދުން ހިލްޔާގެ ޙާލަތު އަދިވެސް މުޅިން ރަނގަޅެއް ނުވާނެކަން ދާނިޝްއަށް ޔަޤީނާއި ގާތް ކުރެވުނެވެ. ޚުދު އޭނަ ކިތަންމެ މަސައްކަތް ކުރިޔަސް ކްލިނިކް ތެރެއިން ވެސް ހިލްޔާ އަޑުއަހަން ބޭނުންނުވާ ބަސްތައް ހިލްޔާއަށް އިވޭނެކަން ދާނިޝްއަށް ޔަޤީނާއި ގާތް ކުރެވެއެވެ. މިވަގުތަށް އެމީހުންނާއި ހިލްޔާ ދުރު ކުރެވުނަސް އޭނައަށް އެފަދައިން ކަން ކުރެވޭނީ ކިހާ ދުވަހެއް ވަންދެން ކަމެއް ދާނިޝްއަށް ޔަޤީނެއް ނުކުރެވުނެވެ.
އެ ބިރުވެރިކަން ހިތަށް ވެރިވުމާއިއެކު ހިލްޔާއަށްޓަކައި ދާނިޝްއަށް ދުޢާ ކުރެވުނެވެ. ހިތްދަތިކަމާއި ހިތާމައިން ހިލްޔާ ދުރު ކުރެއްވުމަށް އެދިއެވެ. އަދި ހިލްޔާއާއި އޭނަގެ ގުޅުން ފަސޭހަ ކޮށްދެއްވައި، އެ ގުޅުމަކީ ދެމީހުންނަށް ވެސް ބަރަކާތް އިތުރުވާ ގުޅުމެއްކަމަށް ލެއްވުމަށް އެދިއެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު ހިލްޔާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ، އޭނަގެ އެކުވެރިންގެ ގްރޫޕަށް އައިސްފައިވާ މެސެޖުތައް ފެނުމުންނެވެ. ހުރިހާ އެންމެން ނުހަނު އުފަލާއިއެކީ ސަލާމަށް ޖަވާބު ދީ އޭނަ މަތިން ހަނދާންވީ މިންވަރު ހާމަ ކޮށްފައިވެއެވެ. އެ މެސެޖުތަކަށް ހިލްޔާ ރިޕްލައިއެއް ކުރުމުން ވަގުތުން ފެށުނީ އެންމެން ދިމާކޮށްލުމާއި ގުޅޭ ވާހަކައެކެވެ. އެ ވާހަކައިގެ ތެރެއިން ނިންމުނީ އަންނަ ހުކުރު ދުވަހު މާލޭގެ ހޮޓަލެއްގެ މަތީގައި ހުންނަ ރެސްޓޯރެންޓަކުން ބައްދަލު ކުރުމުގެ ވާހަކައިންނެވެ.
ހިލްޔާ އެ ވާހަކައަށް އެއްބަސްވާން ޖެހިލުންވިއެވެ. އޭނަ ބޭރު ތެރޭގައި އުޅުން ރަނގަޅުތޯ ހިތަށްއެރިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ ހިތުގައި އޮތް ބިރުވެރިކަމުން އަރައިގަނެވުނީ، މީހުން މިހާރު ރާފިލް ދެއްކި ވާހަކަތަކުގެ މަތިން ހަނދާން ނެތިދާނެކަމަށް ހިތް ބުނުމުންނެވެ. ކްލިނިކްގެ ތެރެއިން ވެސް އެއްވެސް އެއްވެސް ކަމެއް ދިމާވެފައި ނުވާތީ މިހާރު ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ހިލްޔާއަށް ނިންމުނެވެ. އަދި އަމުދުން ރޭ ދާނިޝް ވަނީ ހިލްޔާ ކްލިނިކް ގެ ވައިބާރ ގްރޫޕަށް އެޑް ކޮށްފައެވެ. އޭނަ އެޑްވުމާއިއެކު ކްލިނިކްގެ ހުރިހާ މުވައްޒަފުންހެން އޭނައަށް މަރުޙަބާ ކިޔުނެވެ. ވީއިރު އޭނަގެ މާޒީގެ ވާހަކަތައް ދެން މީހުން ފެންމަތި ކުރާނެ ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބަކަށް ނޫނެކޭ ހިލްޔާއަށް ބުނެވުނީ އަމިއްލައަށެވެ. ޙަޔާތުގެ އިމްތިޙާނެއް އަބަދު ދެމިގެން ނުދާނެއޭ ހިތަށްއެރިއެވެ. ﷲ ގެ ރަޙްމަތް އެއަށްވުރެ ބޮޑުކަމަށް ހިތް ބުންޏެވެ.
އެހެނަސް ހިލްޔާއަށް ނޭނގުނު ކަމަކީ އަދިވެސް އެ ހިތް ހަމަޖެހުން ހޯދަމުން ދިޔައީ މީހުންގެ ރުހުމަށް ބުރަވެގެން ކަމެވެ. މީހުން އޭނައާއިމެދު ގޯސް ވާހަކަ ނުދައްކާނަމަ ހުރިހާ ކަމެއް ޙައްލުވީ ކަމަށް ނިންމިއްޖެއެވެ. ޙަޤީޤީ ކާމިޔާބީއަކީ މީހުން ކޮންމެ ގޮތަކަށް ކަން ކުރިޔަސް، ﷲ ގެ ހަނދުމައިން ހިތަށް ހަމަޖެހުން ލިބުމެވެ. އެ ފިލާވަޅު ހިލްޔާއަށް ދަސްވުމަށް މި އިމްތިޙާން ކުރިއަށް ދިޔުން މުހިއްމެވެ.
އެ އިމްތިޙާނުގެ ހިތްދަތި އަސަރުތައް އަނބުރާ ހިލްޔާގެ ޙަޔާތަށް އައީ، މޫނުމައްޗަށް ވީއްލާލެވުނު އެތިފަހަރެއް ފަދައިންނެވެ. އިމްތިޙާން ނިމުނީކަމަށް ހިލްޔާއަށް ހީކުރެވުނީ، ކްލިނިކް ގައި މަސައްކަތް ކުރަން ފެށިތާ ހަފްތާއެއްހާ ދުވަސް ވީއިރު ވެސް އެއްވެސް މީހެއްގެ ނުރުހުމުގެ ނަޒަރެއް އަދި ބަހެއް އޭނައަށް އަމާޒު ނުވާތީވެއެވެ.
އެފަދަ ބަސްތަކާއި ނަޒަރުތައް ހިލްޔާއަށް ދެން ލިބުނީ، ހިލްޔާ ހީވެސް ނުކުރާ ދިމާލަކުންނެވެ. ހިލްޔާ އެކުވެރިންނާއި ބައްދަލު ކުރަން ދިޔައީ، އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ހީވެސް ކުރުމެއް ނެތިއެވެ. ހޮޓަލެއްގެ ޓެރެސްގެ ކެފޭއެއްގައި ހިލްޔާ އެކުވެރިންނާއިއެކީ އުފާވެރި، އުއްމީދީ ވާހަކަތައް ދައްކަން ތިއްބާ، މަރީގެ ފަހަރިއެއް ކަމަށްވާ ވަރުދާ އެ މޭޒު ދޮށަށް އައެވެ. ވަރުދާއަކީ ކުރިން ވެސް ދޭތެރެއަކުން ހިލްޔާމެންނާއި ބައްދަލުކޮށް ހަދާ އަންހެނެކެވެ. ދީނާއި އެހާ ގާތް ނުވިޔަސްމެއެވެ. ވަރުދާ ދީނާއި ގާތްވެ، އެމީހުންގެ ޙަލަޤާތަކަށް އައުމަކީ ހިލްޔާއާއި ހިލްޔާގެ އެކުވެރިންގެ އަބަދުގެ ވެސް އެދުމެކެވެ. އެހެނަސް މިހާތަނަށް އައިއިރު އެ މީހުން ދިން ހުރިހާ ދަޢުވަތަކަށް ވަރުދާ އިންކާރު ކޮށްފައިވެއެވެ.
އެދުވަހު ވަރުދާ އައުމުން ހިލްޔާ އެ މޭޒުދޮށުގައި އިށީނުމަށް ވަރުދާ ގާތު އެދުނީ އުއްމީދީ ހިނިތުންވުމަކާއި އެކީގައެވެ. އޭނައާއި އޭނަގެ އެކުވެރިން ދައްކަމުން ދިޔަ ދީނުގެ ވާހަކަތަކުގައި ވަރުދާ ބައިވެރި ކުރުމަށެވެ. އެހެނަސް ވަރުދާ ފެށީ މުޅިން އެހެން ވާހަކައެކެވެ.
“ހިލްޔާ ސުވާލެއް ކޮށްލަންތަ؟” ހިލްޔާ ޤުރުއާނުގެ އާޔަތެއްގެ ވާހަކަ ދައްކަމުން ދަނިކޮށް މެދުކަނޑާލަމުން ވަރުދާ އެހިއެވެ.
“ލައްބަ.” ހިލްޔާ ހިނިތުންވުމަކާއެކީ ބުންޏެވެ. އާޔަތެއްގެ ވާހަކަ ދައްކަން ހުއްޓާ މެދުކަނޑާލަމުން ވީ ނުރުހުން ފޮރުވަމުންނެވެ.
“މިތާ ދެން ތިބި ކުދިން ވެސް މިކަން އެނގެން ބޭނުންވާނެހެން ހީވަނީ އެހެންވީމަ މި ސުވާލު ކުރަނީ. ނަސީމްގެ ދަރި ރާފިލް ހިލްޔާއާއި ބެހޭ ގޮތުން ދެއްކީ ތެދު ވާހަކައެއްތަ؟”
ވަރުދާ އެ ކޮށްލި ސުވާލާއި އެކު ހިލްޔާގެ މޫނުމަތި މިލައިގެން ދާން ނެގީ ސިކުންތުކޮޅެކެވެ. ބޯ މައްޗަށް ކަޅު ވިލާގަނޑެއް ވެރިވި އިޙްސާސާއިއެކު އާދައިގެ މަތިން އެ ވާހަކައިން ހިލްޔާގެ މެއަށް ބުރަވެގެން ދިޔައެވެ.
“ދައްތާ! ތިއީ ކޮންކަހަލަ ވާހަކައެއް؟” ވަރުދާ ގެ ކައިރީގައި އިން މަރީ ސިއްރުން ވަރުދާގެ އަތުގައި ހިފާލީ، އެ ވާހަކަ ބަދަލު ކުރާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް….
“ރަނގަޅު ވާހަކައެއް ނޫންތަ؟ އޭރުންނެއްނު އަހަރުމެންނަށް ވެސް އެނގޭނީ ހިލްޔާއާއިމެދު ދެކެންވީ ގޮތް؟ އޭރުންނެއްނު އެ ފާފައިން ދުރުވާން އަހަރުމެންނަށް ހިލްޔާއަށް ނަސޭޙަތްތެރި ވެވޭނީ ވެސް. ބޭރުގަ އުޅޭއިރު ފިރިހެނުންގެ ކޮޓަރިތަކަށް ވަނުމަކީ މިހާރު ހަމަ ވަރަށް ގިނަ އަންހެން ކުދިންނަށް ކުރެވޭ ކަމެއް. އެ ފާފައިން އަރައިގަތުމަކީ ވެސް އުދަގޫކަމެއް. ހިލްޔާއަށް އަހަރުމެންނަށް ނަސޭޙަތްތެރި ވެވޭނީ އޭރުންނެއް ނޫންތަ؟” ވަރުދާ ވާހަކަ ދެއްކިއެވެ.
އެހާ ހިސާބަށް ދިޔައިރު ހިލްޔާ އިނީ ގަބުވެފައެވެ. ހިތާމައާއި، ނުރުހުންތެރިކަމާއި ރުޅިވެރިކަމުން ހިތާއި ސިކުނޑި ފުރިގެން ދިޔުމުން، ރޮއިގަންނަންވީ ކަމެއް، ރައްދު ދޭންވީ ކަމެއް ނޫނީ ހަޅޭއްލަވަންވީ ކަމެއް ޔަޤީނެއް ނުކުރެވުނެވެ. ހިލްޔާގެ އެކުވެރިން ވެސް ނުރުހުންވެފައި ތިއްބެވެ. އެމީހުންގެ ތެރެއިން ލާނާ އެންމެ ފުރަތަމަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޓެރެސްއަށް ވަދެވޭ ދޮރާއި ދިމާލުން މީހެއްގެ އަޑު އިވުނެވެ.
“ނަސޭޙަތެއް ބޭނުންވަނީ އަހަރުމެންނަށް ހެން ހިއެއް ނުވޭތަ؟” އިވިގެން ދިޔަ ނުހަނު ފިރިހެންވަންތަ، މަޑުމައިތިރި އަޑުން އެންމެންނާއިއެކީ ހިލްޔާއަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ. އެހިނދު އެތާ ހުއްޓި ހުރީ ދާނިޝް ނޫން ދެވަނަ މީހެއް ނޫނެވެ. ދާނިޝްގެ އަޑު މަޑުމައިތިރިއެއް ކަމަކު އެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވަމުން ދިޔައެވެ.
“މިއީ ކޮން ސޮރެއް؟” ވަރުދާ އެއްފަހަރު ދާނިޝްއަށް އަނެއްފަހަރު މަރީމެންނަށް ބަލަމުން އެހިއެވެ. މަރީ މެން ނޭނގޭ ކަމަށް ބުނެ ކޮނޑު އަރުވާލުމުން ވަރުދާ އަނެއްކާވެސް ދާނިޝްއަށް ބެލިއެވެ.
“އަޅުގަނޑަކީ ތި ބޭފުޅުންނަށް ބީރައްޓެއްސެއް. އެކަމަކު ދެންމެ އިވުނު ވާހަކަތަކުން ހިތަށް އުދަގޫވީމަ މި ވާހަކަ ދެކެވެނީ. މުއުމިން އަންހެނެއްގެ ބޮލުގަ ތިފަދަ އިލްޒާމެއް އެޅުވުމަކީ ކިހާ ބޮޑު ފާފައެއްކަން އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ނުވިސްނޭ. ވިސްނޭނެނަމަ އެފަދަ ވާހަކައެއް ދެއްކުމުގެ ކުރިން އެތައް ހާސް ފަހަރު ފިކުރު ކުރެވުނީސް. އެފަދަ އިލްޒާމެއް މީހެއްގެ ބޮލުގަ އަޅުވާފަ އޭގެ މައްޗަށް ހެކިވެރިން ނުގެނެވޭނަމަ ﷲ ގެ ޙަޟްރަތުގަ ދޮގުވެރިންނަކީ އަހަރުމެން. ފާފަވެރިންނަކީ އަހަރުމެން. ކަން މިހެން އޮތްއިރު އަހަރުމެން އެ ކުއްޖަކާއި ދެކޮޅަށް އަހަރުމެން ވާހަކަ ދެއްކި ކުއްޖަކީ ﷲ ގެ ޙަޟްރަތުގަ އެތައް ދަރަޖައެއް މަތިވެފައިވާ ކުއްޖަކަށް ވެދާނެ.”
ދާނިޝް ވާހަކަ ދެއްކި ދެއްކިހެން ދާނިޝްއަށް ބަލަހައްޓައިގެން އިން ހިލްޔާގެ ލޮލަށް ޖަމާވި ކަރުނަތަކުގެ ތެރެއިން ކަރުނައެއް ކޯތާފަތަށް ފައިބައިގެން އައެވެ.
ނުނިމޭ
