“އިޓްސް އޯކޭ…ހުރިހާ ކަމަކަށް ވެސް ހެޔޮ ހިތުން މަޢާފް ކޮށްފިން މާ ކުރިން ވެސް. އެކަމަކު ދެން އަނެއްކާ ތަން ބަދަލުކުރަން ޚިޔާލު ނުކުރައްޗޭ. މީހަކަށް މަޢާފަށް އެދިފަ އެމީހަކަށް ފިލާނީއެއް ނޫން. މަޢާފަށް އެދެނީ އެމީހަކާއި އަނެއްކާވެސް ކުރިމަތިލާން. އެ ގުޅުން ދަމަހައްޓަން. އެ ނޫންނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވެސް ތައުބާވުމަށްފަހު އަހަރުމެން އެކަލާނގެއާއި އިތުރަށް ގާތްވާން މަސައްކަތް ނުކުރާނަމެއްނު؟”
އަފްޒަލް އެ ބުނި ވާހަކައާއި އެކީ ފަލަކްގެ މެއަށް ފިނިވިއެވެ. މިއީ ހަމައެކަނި މަންމަ އޭނަ ގާތުގައި ދައްކާ ޒާތުގެ ވާހަކަ ފިރިހެނެއްގެ ކިބައިން އިވުނު ފުރަތަމަ ފަހަރެވެ.
“މަޝްވަރާކުރަން ބޭނުންވި ހުރިހާ ވާހަކައެއް ނިމުނިއްޔާ ދަމާ ހިނގާ…”
ފަލަކް އިތުރު އެއްޗެކޭ ނުބުނުމުން އަފްޒަލް ބުންޏެވެ. އަފްޒަލްގެ އަޑަށް ފަލަކް އޭނައަށް ބަލައިލީ ސިހިފައި ކަހަލަ ގޮތަކަށެވެ. އެ ޙަރަކާތުން އޭނަ ދެންމެ ދެއްކި ވާހަކައިން ފަލަކް ފުން ވިސްނުމަކަށް ދިޔަކަން އަފްޒަލަށް އެނގުންވިއެވެ. އެ ވިސްނީ ކޮން ކަމަކާއި މެދުކަން އެނގެން އަފްޒަލް ނުހަނު ބޭނުންވިއެވެ. އެހެނަސް އޭނައާއި ފަލަކް އަދި އެހާ ގާތް ނުވާކަން އެނގުންވުމުން އަފްޒަލް ސުވާލެއް ނުކުރިއެވެ. ބަދަލުގައި ކުޑަކޮށް ބޯޖަހައިލި ފަލަކަށް ލުއި ހިނިތުންވުމެއް ދައްކައިލަމުން ދާން ހިނގައިގަތެވެ.
މިފަހަރުވެސް އަފްޒަލް ކުރީގައި ހުރެގެން ހިނގަމުން ދިޔައިރު ފަލަކް ދިޔައީ އަފްޒަލްގެ ފަސްފަހަތުންނެވެ. ދެމީހުން އެކީގައި ގޮސް ލިފްޓަށް އެރިއިރު އެއްވެސް މީހަކު ނެތެއްކަމަކު އެކި ފްލޯތަކަށް ދަމުން ދިޔަހެން، ތިރީ ފްލޯތަކަށް ދާން ބޭނުންވާ ބައެއް މީހުން ލިފްޓަށް އަރަމުން ދިޔައެވެ. އެކަމަށްޓަކައި އަފްޒަލާއި އެކި ފަލަކަށް ވެސް ޙަމްދު ކުރެވުނެވެ. ދެންމެ ދެކެވުނު ވާހަކަތަކަށްފަހު ދެމީހުން ތަނެއްގައި އެކަނިވާން ދެމީހުން ވެސް ބޭނުންނުވި ފަދައެވެ. ދެމީހުން ވެސް އަމިއްލަ އިޙްސާސްތަކާއިމެދު ބިރުގެންފައިވިއެވެ.
އެކި ފްލޯތަކަށް މީހުން ފައިބަމުން ގޮސް ގްރައުންޑް ފްލޯއަށް ދެވުނުއިރު ލިފްޓުގައި ތިބީ ފަލަކާއި އަފްޒަލްގެ އިތުރުން ބޭރު ފިރިހެނެކެވެ. އެ ފިރިހެން މީހާ ހުރީ ދެމީހުންގެ ދެމެދަށް ވާ ގޮތަށެވެ. ލިފްޓު ހުޅުވުމާއިއެކު އެންމެ ފުރަތަމަ އަވަސް ހިނގުމެއްގައި ލިފްޓުން ނިކުތީ އެ މީހާއެވެ. އެ މީހާ ދިޔަތަނާހެން އާދައިގެ މަތިން އަފްޒަލް އެންމެ ކުރިން ހިނގައިގަންނަން އުޅުނު ވަގުތު ކުރިމަތިން ފެނުނު މަންޒަރުން އަފްޒަލް ހުއްޓުން އަރައި ލޯ ބޮޑުވިއެވެ. އެވަގުތު އިސްއުފުލައިލި ފަލަކަށް ވެސްވީ އެކަހަލަ ގޮތެކެވެ.
ހުޅުވިފައިވާ ލިފްޓު ކުރިމަތީގައި ހުއްޓި އެހެރީ މަޖީދު ނޫން ދެވަނަ މީހެއް ނޫނެވެ. މަޖީދު ޙައިރާންކަމާއިއެކީ އޭނަގެ ކުރިމަތީގައި ހުއްޓުން އަރާފައި ތިބި ދެމީހުންނަށް ވަކިވަކިން ބަލަމުން ދަނިކޮށް ލިފްޓު ގެ ދޮރު ވެސް ލެއްޕެން އުޅުނެވެ. އެހެނަސް މަޖީދު އެ ދެމީހުންނަށް ވުރެ ވެސް ކުރިން ލިފްޓުގެ ދޮރުގެ އެއްފަރާތުގައި ހިފައި ދޮރު މަޑު ކުރުވިއެވެ.
“ފައިބަން ޚިޔާލެއް ނުކުރާނަންތަ؟” މަޖީދު ސީރިއަސްކަމާއިއެކީ އެ ސުވާލު ކޮށްލިއެއްކަމަކު އެ ލޮލުގައި ވިދުވަރެއް ވިއެވެ.
“ބައްޕާ….ޑޯންޓް ޔޫ ޑެއާރ އެޒިއުމް އެނީތިންގް!” ފަލަކް ލިފްޓުން ނިކުމެ އެހެން ބުނެލީ ރުޅިވެރިކަމާއި އެކީގައެވެ. އޭނަ ފިރިހެނަކާއިހެދި އުޅެފާނެކަމަށް އެއްވެސް މީހަކަށް ހީވެސް ކުރުވުމަކީ އޭނަގެ ދަށްވުން ކަމަށް ފަލަކަށް ހީކުރެވިފައިވެއެވެ.
“އެޒިއުމް ވަޓް؟” މަޖީދު އެހެން ބުނެލީ، އަފްޒަލް ވެސް ލިފްޓުން ނިކުތުމުން އެ ދޮރުން ދޫކޮށްލަމުންނެވެ. މަޖީދުގެ އެ ސުވާލުން ފަލަކްގެ ބުމަ އިތުރަށް ގޮށްޖެހުނެވެ.
“މަޖީދުބެ….ފަލަކް މިކޮޅަށް އައީ އަޅުގަނޑު ފެމިނިން ޑިޒައިންސްގެ ޚިދުމަތަކަށް އެދިގެން އުޅޭތީ…” އަފްޒަލް ފަލަކް ދިފާޢުކުރަން މަސައްކަތް ކުރިއެވެ.
“އަސްލުވެސްތަ؟ އެކަމަކު ތިހާވަރަށް ބުނެ ނުދިނަސް ހެވޭ. މަޖީދުބެ ޙަޤީޤަތުގަ މި ޢިމާރާތަށް އައީ ފަލަކްއާ ބައްދަލުކޮށްލަން. ތި ހުރިހާ ވާހަކައެއް ނުދެއްކިޔަސް ފަލަކް މަތީގަ ހުރެފަ ތިރިއަށް އަންނަން މި ނޫން ލިފްޓެއް ނެތްކަން މަޖީދުބެއަށް ވެސް އެނގޭނެތާ….” މަޖީދު އެހެން ބުނެލިއިރު ވެސް އެ މޫނުމަތީގައި ލާނެތް ހިނިތުންވުމެއްވިއެވެ.
މަޖީދު އެ ބުނެލި ވާހަކައާއިއެކީ އަފްޒަލަށް ބަލައިލެވުނީ ފަލަކަށެވެ. އަފްޒަލްގެ މޫނުމަތިން ފެނިގެން ދިޔައީ ސުވާލުގެ ނަޒަރެކެވެ. ފަލަކް އުޅޭތަން ބަދަލު ކުރަނީ ބައްޕައަށް އެންގުމެއް ނެތިތޯ ހިތަށްއެރިއެވެ. އަދި އަމުދުން މިހާތަނަށް އައިއިރު އެ ބައްޕައަށް އެ ޚަބަރު ލިބިފައި ނުވާނީ އެ ދެބަފައިން ކިހާ ހިތާހިތުން ކިޔައިލެވުނެވެ.
“މިހާރަކު ނުއުޅެން މިތާކުއެއް….ކޮންމެހެން މިކޮޅަށް އައިސް ބައްޕަ ބަހައްޓާ ތަނެއްގަ އުޅެން ޖެހޭނެ ކަމަށް ޤަބޫލެއް ނުކުރަން…” ފަލަކް ސާބިތުކަމާއިއެކީ ބުނެލިއެވެ. އެއަށްފަހު އެތާ ތިބި ދެ މީހުންނަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ އެ ތަނުން ދާން ހިނގައިގަތެވެ.
ފަލަކް ޢިމާރާތުން ނިކުމެ، ލޯމައްޗަށް ގެއްލުމުން އަފްޒަލް، މަޖީދަށް ބަލައިލިއެވެ.
“ފަލަކް މިހާރު އުޅެމުން ދަނީ އަހަރުމެން ގޭގް-“
“އެނގޭ…”
އަފްޒަލަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް، ފަލަކް ނިކުމެގެން ދިޔަ ދޮރަށް ނަޒަރު ހުއްޓައިގެން ހުރި މަޖީދު ބުންޏެވެ. އެ ހިނދު އެ މޫނުމަތީގައި މާނަވީ ހިނިތުންވުމެއްވިއެވެ.
“އެނގިލައްވަންޏާ ކީއްވެތޯ ދެންމެއަކު…” އަފްޒަލް ސުވާލު ކުރީ ހަމައެކަނި އެހާ ވަރަށެވެ. އެއާއިއެކު މަޖީދު ދެންވެސް ދޮރަށް ބަލަން ހުރެ ފުން ނޭވައެއް ދޫކޮށްލިއެވެ.
“ނިކަން މިނިވަންކަމުގަ އުޅެން ބޭނުންވާ ކުއްޖެއް އެއީ. ބައްޕަ ދޭތެރެއަކުން ގުޅައި ޚަބަރެއް ބެލިޔަސް އެ ވެގެން ދާނީ ބައްޕަގެ ނުބައިކަމަށް. އިތުބާރު ނުކުރާ ކަމަށް. މޮޔަ ކުއްޖާއަކަށް ނޭނގޭ ބައްޕަ ކަންބޮޑުވާ ވަރުންކަން ޚަބަރު ބެލެނީ. އަމިއްލައަށް އެ ވާހަކަތައް ކިޔައި ނުދޭނެތީ އެހެން ތަންތަނުން ވެސް އެ ކުއްޖާ އުޅޭ ނުއުޅޭ ގޮތް ބެލެވެނީ އަޅާލެވޭތީކަން….” މަޖީދު ހުރި ގޮތަށް ހުރެ އެހެން ބުނެލިއިރު އެ ލޯމަތިން ވެރިވި ހިތާމަވެރިކަން އަފްޒަލަށް ފާހަގަވިއެވެ. އެއާއިއެކު އަފްޒަލަށް ބުނާނެ ވަކި އެއްޗެއް ނޭނގިފައި ހުރެވުނެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މަޖީދު އަފްޒަލަށް ބަލައިލިއެވެ.
“ބޭބެގެ ފަލަކް ރަނގަޅަށް ބަލައިދެއްޗޭ އަފްޒަލް…” މަޖީދު އަފްޒަލަށް ބަލައިލަމުން ފުން މާނައެއް އެކުލެވޭ ގޮތަށް ބުންޏެވެ. އެ ހިނދު އެ މޫނުމަތީގައިވި ހިނިތުންވުމުން މަޖީދު ދެންމެ އެ ބުނެވެދިޔަ ޒިންމާ އަދާ ކުރުމަށް އޭނައަށް އިތުބާރު ކުރާކަން އަފްޒަލަށް އެނގުންވިއެވެ. އެހިނދު އެ ހިތަށް ސިއްރު އުފަލެއް ލިބުނީ ކީއްވެކަމެއް ޚުދު އޭނައަށް ވެސް ނުވިސްނުނެވެ. އެ ލިބުނު އުފަލާއިއެކީ އޭނަ ވެސް މަޖީދަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
ފަލަކް އެ ދިޔަ ގޮތަށް ދިޔައީ އޭނަ މިހާރު އުޅޭ ގެއަށެވެ. ގެއަށް ވަންނަމުން ދިޔަ ވަގުތު އަފްޒަލްގެ މަންމަ އެއްޗެކޭ ބުނަން އުޅުނު އަޑު އިވުނެއްކަމަކު، އައިސްފައިވި ރުޅި ގަދަވުމުން އެ މަންމައަށް ސަމާލުކަން ނުދީ މައްޗަށް އަރައިގެން ދެވުނެވެ. އެކަމާއިމެދު ހިތާހިތުން އަމިއްލަ ނަފްސަށް އެއްޗެހި ވެސް ގޮވުނެވެ. އެހެނަސް ފަލަކަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ.
ކޮޓަރިއަށް ވަނުމާއިއެކުހެން ފަލަކް އެންމެ ފުރަތަމަ ވެސް ކުރަން ބޭނުންވި ކަމަކީ ހެދުން ފޮށްޓަށް އަޅައި އެތަނުން ވެސް ފިލައިގެން ދިޔުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނައަށް ރަނގަޅީ އޭނަ އުޅޭތަން ބައްޕައަށް އެނގުމަށްވުރެ ނޭނގުނިއްޔާއެވެ. އެހެންނޫނީ އޭނައާއި ގިނަގިނައިން ދިމާކުރަން އަންނަން ފަށާނެއެވެ. އަދި އެ ތަނެއްގައި ތިބޭ ބަޔަކު މެދުވެރިކޮށް އޭނަ އުޅޭ ނުއުޅޭ ގޮތުގެ ތަފްޞީލު ބަލަން ފަށާނެއެވެ.
އަފްޒަލް އޭނަގެ ބައްޕައާއި މުޚާތަބު ކުރި ގޮތުން އެ ދެމީހުންނަށް އެކަކު އަނެކަކު އެނގޭކަން ފަލަކަށް ޔަޤީން ކުރެވުނެވެ. ހަމަ އެއާއިއެކު ކުރީ ރޭ އަފްޒަލްގެ މަޤާމުވެސް ބައްޕައަށް އެނގުނު ގޮތުން އެ ދެމެދުގައި އޮންނާނީ ކޮންކަހަލަ ގުޅުމެއްކަން ފަލަކަށް ރަނގަޅަށް ދޭހަ ކުރެވުނެވެ.
ކަން މިހެން އޮތްއިރު ބައްޕަ އަފްޒަލް މެދުވެރިކޮށް އޭނައާއި ބެހޭގޮތުން ހޯދަން ފަށައިފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އެ ދެމީހުން ވެގެން އޭނައަށް ނުހަނު މަލާމާތް ކުރާނެތާއެވެ. އަދި އަމުދުން އަފްޒަލާއި އޭނަގެ ގުޅުން އައިސްފައިވާ މި ހިސާބުން އޭނައަށް ހަޖޫޖަހައި ދެއްކޭނެ ބައިވަރު ވާހަކަތައް އަފްޒަލްގެ ދުލުގައި ހުންނާނެތާއެވެ. ދެ ފިރިހެނުން އެކީގައި ތިބެ އޭނަ ދަށްކޮށް ވާހަކަ ދައްކާ ޚިޔާލުން އައި ރުޅިއާއިއެކީ ހިތް ބިރުވެރިކަމަކުން ވެސް ވަށައިލެވިގެން ދިޔައެވެ.
ހެދުންތައް ބިންމަތީގައި ހުޅުވާލެވިފައިވާ ފޮށްޓަށް އަޅަމުން ދަނިކޮށް އެ ޚިޔާލުން މެއަށް އާދަޔާ ޚިލާފަށް ފިނިވެގެން ދިޔުމުން ފަލަކްގެ ޙަރަކާތްތައް ލަސްވެގެން ދިޔައެވެ. މިއީ މާޒީގެ ހިތި ހަނދާންތަކަށްފަހު ފިރިހެނަކަށްޓަކައި ބިރުވެރިކަމެއް އޭނަގެ ހިތުގައި އުފެދުނު ފުރަތަމަ ފަހަރެވެ. އެ ބިރުވެރިކަން އެހާ ބޮޑަށް އިޙްސާސް ކުރެވެނީ މާޒީގައި ފިރިހެނަކު މަންމައަށް ދެމުން ދިޔަ އަނިޔާތައް ހަނދާންވުމުން ކަން ފަލަކަށް ދޭހަ ކުރެވުނެވެ. ދެންމެ ކުރެވުނު ހަނދާންތަކުން އަނެއްކާވެސް އެ ބިރުވެރި މާޒީއަށް ޚިޔާލުތައް ދައުރުވާން ފެށުމުން ފަލަކް ގަދައަށް ބޯހޫރުވައިލިއެވެ.
އެ ހިނދު އޭނަގެ ބައްޕަގެ އިތުރުން އަފްޒަލަށްޓަކައި ރުޅީގެ ގަދަ އަލިފާނެއް ހިތުގައި ރޯވިއެވެ. އޭނަގެ ސިކުނޑީގެ ހަމަޖެހުން ނަގަން އެއީ ވަކި ކާކުތޯ ހިތަށްއެރިއެވެ. އެފަދަ ބާރެއް އަމިއްލަ ނަފްސުގެ މައްޗަށް ފޯރުވުމަށް އަފްޒަލަށް ދެން ފުރުސަތެއް ނުދޭން އެ ވަގުތުން ވަގުތަށް ފަލަކް ހުވާކުރިއެވެ.
ހަމަ އެ ހިނދު ކިޔަވާ މޭޒުމަތީގައި އޮތް އަތް ދަބަސް ތެރޭގައި އޮތް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެއާއިއެކު ފަލަކް ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު ތެދުވެގެން އެ މޭޒު ކައިރިއަށް ގޮސް ދަބަހުން ފޯނު ނެގިއެވެ. ފޯނު ހުޅުވައި ބަލައިލިއިރު އައިސްފައިވީ ބައްޕަގެ މެސެޖެކެވެ.
“މިރޭ 8:30 ގަ ޕެރެމައުންޓް ހޮޓެލުން ދިމާކޮށްލަމާދޯ؟”
މެސެޖުގައި އޮތީ އެހެންނެވެ. މެސެޖު ކިޔައިލެވުމާއިއެކު ފަލަކަށް އައި ރުޅީގައި ފޯނުގައި ބާރަށް ހިފަހައްޓައިލެވުނެވެ. އެ މެސެޖަށް ނޫނެކޭ ބުނަން ބޭނުންވިއެއްކަމަކު ބުނެވެން ނެތްކަން އެނގުންވިއެވެ. އޭނަގެ ކުންފުނީގެ ޙިއްސާތަކުގެ ‘ބިރު’ ބައްޕަ ދައްކާނެކަން ރަނގަޅަށް އެނގޭތީވެއެވެ.
އެކަން އެނގި ފަލަކް އެ ވަގުތުވެސް ބައްޕައާއި ބައްދަލުކުރަން ދާން ނިންމިއެއްކަމަކު އެ މެސެޖަށް ޖަވާބެއް ނުފޮނުވައެވެ. ބައްޕަގެ ބާރުގެ ދަށަށް އޭނަ ނުދާކަމުގެ އިޙްސާސް ބައްޕައަށް ކޮށްދިނުމަށެވެ. އެ އިޙްސާސް އަފްޒަލަށް ވެސް ކޮށްދިނުމުގެ އިތުރުން ޚުދު އަމިއްލަ ނަފްސަށް ވެސް އެކަން ވިސްނައިދިނުމަށް ފަލަކް ޢަޒުމް ކަނޑައެޅިއެވެ. ހަމަ އެއާއިއެކު އޭނަ މިވަގުތު ހުރި ގެއިން ބަދަލު ނުވުމަށް ވެސް އެވަގުތު ނިންމުނީ ކުއްލި ނިންމުމެއްގެ ގޮތުގައެވެ.
އާނއެކެވެ. އޭނަ ވަކި އަފްޒަލް އޭނައާއި ބެހޭގޮތުން ދައްކަފާނެ ވާހަކައަކާ ހެދި އޭނަ އުޅޭތަން ބަދަލު ކުރަންވީ ކީއްވެ ހެއްޔެވެ؟ ބައްޕައަށް އޭނަގެ ޚަބަރު ލިބިދާނެތީ ޖެހިލުންވާންވީ ކީއްވެ ހެއްޔެވެ؟ ދެ ފިރިހެނުން ވެގެން އޭނައާއި ބެހޭގޮތުން ކިތަންމެ ގިނަ ވާހަކައެއް ހީހީފައި ދެއްކިޔަސް އަޅާލާންވީ ކީއްވެ ހެއްޔެވެ؟ އެ މީހުން ވާހަކަ ދެއްކުމަކީ އެމީހުންގެ ކަމެއް ނޫން ހެއްޔެވެ؟
ފަލަކަށް ނޭނގުނު ކަމަކީ ނޭނގުމެއްގެ ތެރެއިން ވެސް އެ ވަގުތު އެ ގޭގައި މަޑު ކުރުމަށް އޭނައަށް ޢަޒުމް ކަނޑަ އެޅުމުގެ ފަހަތުގައި ޚުދު އޭނައަށް ވެސް ރޭކާނުލާ އޭނަގެ އަމިއްލަ ރޭވުންތަކެއް ވާކަމެވެ. އަދި އޭނަ އެގޭގައި އަދި ދުވަސްކޮޅަކަށް ހުރުންވެގެންދާނީ އޭނަގެ ޙަޔާތް ބަދަލުކޮށްލާ ތަޤްދީރަށްކަމެވެ.
**
8:30 ވީ ވަގުތު މަޖީދު ޕެރެމައުންޓް ހޮޓެލްގެ 4 ވަނަ ފަންގިފިލާގައިވާ ރެސްޓޯރެންޓެއްގެ މޭޒު ދޮށުގައެވެ. ޢާއްމު ގޮތެއްގައި މަޖީދު މީހަކާއި ބައްދަލު ކުރުމަށް ހިފައި އުޅެނީ ހާމަ ރެސްޓޯރެންޓުތަކަށް ވިޔަސް، ފަލަކާއި ބައްދަލު ކުރަން ޚިޔާލު ކުރަނީ ތިރީ ފަންގިފިލާތަކުގައި ހުންނަ ރެސްޓޯރެންޓުތަކެވެ. ޢިމާރާތެއްގެ އެންމެ މަތީ ފަންގިފިލާއަކަށް ފަލަކް ގޮވައިގެން ގޮސްފިނަމަ ފަލަކް ކުޑައިރު ބިރުން ތުރުތުރު އަޅާތަން އޭނައަށް ނުހަނު ގާތުން ފެނިފައިވާތީވެއެވެ.
މަންމަ ނިޔާވި ދުވަސްފަހުން ފަލަކް ހިތް ބިރުގެންފައިވާ ކުއްޖަކަށް ބަދަލުވެގެން ދިޔަ މަންޒަރަކީ މަޖީދަށް ބަލަން ފަސޭހަވި މަންޒަރެއް ނޫނެވެ. ބޮޑުވަމުން ދިޔަދިޔަހެން ފަލަކް އޭނައާއި ވެސް ދުރުވަމުން ދިޔަ ގޮތާއި ފަލަކް ހުރިހާ އެންމެނާއި ކަހަލަ ގޮތަކަށް ދުރުވެ، ބަސްމަދުވެ، ކިޔެވުން ވެސް ދޫކޮށްލި ދުވަސްވަރު މަޖީދު ފަލަކާއިއެކީ ވީ ވަރަކުން ހުއްޓެވެ.
ދުވަސްވަރަކީ އޭނަގެ މަޑުމަޑުން ކުރިއަރަން ފެށި ވިޔަފާރިއަށް އޭނަގެ ސަމާލުކަން އެންމެ ބޮޑަށް ބޭނުންވި ދުވަސްވަރު ކަމަށްވުމުން، ފަލަކް ބެލެހެއްޓުމަށް ފަލަކާއިއެކީ އަންހެނަކު ބަހައްޓަން މަޖީދަށް މަޖުބޫރުވިއެވެ. އެކަމުގެ ސަބަބުން ފަލަކަށް އޭނަގެ ދުރުކަން އިޙްސާސް ކުރެވޭނެކަން އެނގުނެއްކަމަކު އެ ދުވަސްވަރު މަޖީދުގެ ނަޒަރުން އެހެން ގޮތެއްނެތެވެ. ވިޔަފާރި ވެސް އޭނަ ކުރި އަރުވަމުން ގެންދިޔައީ ހިތުން ފަލަކްގެ ޙައްޤުގައެވެ. ފަލަކްގެ މަންމައާއިއެކީ ފެށި އެ ވިޔަފާރި ގެއްލުވައި ނުލައި ކުރިއަށް ގެންދިޔައީ އެ ލޯބީގެ ހަނދާނުގައެވެ.
އެހެނަސް ފަލަކަށް އޭނަގެ ބުރަ މަސައްކަތް އެ ނަޒަރިއްޔާތުން ނުއެއް ފެނެވެ. ފަލަކަށް ފެނުނުހާ ވެސް ކަމަކީ އޭނަގެ ދުރުކަމެވެ. އެކަމަށްޓަކައި މަޖީދު ފަލަކަށް ނަފްރަތެއް ނުކުރެވެއެވެ. ނަފްރަތު ކުރެވެނީ އަމިއްލަ ނަފްސަށެވެ. އަމިއްލަ އަތުން އަމިއްލަ ދަރިފުޅު ހަލާކު ކޮށްލެވުނު އިޙްސާސް ކުރެވޭތީވެއެވެ. އަދި އަމުދުން އެ ދަރިފުޅު އޭނައާއި ދުރުވުމުން ލަންކާގައި އުޅެމުން ދިޔަ ރަނގަޅު އަންހެނަކާއި ދިމާވެ އެ އަންހެން މީހާއާއި ކައިވެނި ކުރީ ހިތުގައި އުފެދުނު އެކަނިވެރިކަމާއި މާޔޫސްކަން ފިލާތޯ ބެލުމަށެވެ. އެހެނަސް އެ ޒަވާޖީ ޙަޔާތުން އޭނައަށް ފަލަކްގެ ހުސްކަން ފުރުވައެއް ނުލެވެއެވެ. އެ ކައިވެނިން ލިބުނު އަންހެން ކުއްޖާއާއި ފަލަކް އެކުވެރިވުމުން ލިބުނު އުފަލަކީ އެ ކައިވެނިން އޭނައަށް ލިބުނު އެންމެ ބޮޑު އުފަލޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ކައިރިވަމުން ދިޔަ ޓަކުންޓިކުންގެ އަޑުން މަޖީދަށް ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނީ ކުއްލި ގޮތަކަށެވެ. އެއާއިއެކު އޭނަ ބަލަހައްޓައިގެން ހުރި ފަލަކްގެ ކުޑައިރުގެ ފޮޓޯއިން ފުރުވިފައިވާ ވޯލްޕޭޕާރ ފޮރުވައިލުމުގެ ގޮތުން ފޯނު ބަންޑުން މޭޒުމަތީގައި ބާއްވައިލެވުނެވެ. އެ ވަގުތު އަތްދިގު ނޫކުލައިގެ މައްޗަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން އައި ފަލަކް ގޮސް މަޖީދުގެ ކުރިމައްޗަށް ވާ ގޮތަށް އިށީނެވެ.
“މާ ގިނަ ވަގުތެއް ނެތް. ބުނަން ބޭނުންވާ ވާހަކައެއް ވަރަށް އަވަހަށް ބުނެދީ…” ފަލަކް ގޮނޑި ކުރިއަށް ޖައްސަމުން މަޖީދަށް ވަކި ބަލައިލުމެއް ވެސް ނެތި ބުންޏެވެ.
“އަޅެ ރިޕްލައި ކުރިނަމަ ތަންކޮޅެއް އަވަސްވީހެއްނު؟ ފަލަކް ނާންނާނެކަމަށް މިހާރު ބައްޕަ ހަމައެކަނި ބައްޕައަށްޓަކައި އޯޑަރު ދީފިން. މިހާރު އަންނާނެ އިރުކޮޅަކުން…” މަޖީދު ބުންޏެވެ. އެއާއިއެކު މަޖީދު ބޭނުންވި ފަދައިން އަމިއްލަ ނަފްސަށް ނުރުހުންވާފަދަ އަސަރެއް ފަލަކްގެ މޫނުމަތިން ފާޅުވިއެވެ. ޒާތަކަށް އަމިއްލަ ނަފްސަށް ކުދި ކިޔައިލި ގޮތުން މަޖީދަށް ސިފަވެގެން ދިޔައީ ކުޑައިރުގެ ފަލަކެވެ. އެ ހިނދު އެ ހިތް ލޯބިން ފުރިގެން އައެވެ.
“އާނ ދެން މައްސަލައެއް ނެތް. ކާކަށް ނޫން މި އައީ. ބައްޕަ ބުނަން ބޭނުންވަނީ ކީކޭ؟” ފަލަކް އަނެއްކާވެސް މަޢުޟޫއަށް ދިޔައެވެ. އެއާއިއެކު މަޖީދު ފުން ނޭވައެއް ދޫކޮށްލިއެވެ.
“އެންމެ ރަނގަޅު. ފަލަކް ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭނަން….މި ސުވާލު ހަމަ ނުކޮށް ނުހުރެވިގެން ބައްޕަ ފަލަކްއާ ބައްދަލުކުރަން ބޭނުންވީ….ފަލަކް މިއަދު އެންމެ މަތީ ފަންގިފިލާގަ ހުރި ބެލްކަންޏަކަށް ދިޔަ ވާހަކަ އިވުނު. މިހާރު ބިރު ނުގަންނަނީތަ އެކަހަލަ ތަންތަނަށް؟”
މަޖީދު ކޮށްލި ސުވާލާއިއެކީ ފަލަކް ޖަވާބުދޭން އުޅުނެއްކަމަކު ހުއްޓުން އެރިއެވެ. ފަލަކް އަހަން ބޭނުންވީ އެ ދައްކަނީ ކޮން ވާހަކައެއްތޯއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މިއަދު އޭނަ 16 ބުރީގެ އެންމެ މަތީ ބައިގެ ބެލްކަންޏަކަށް ނިކުތްކަން ހަނދާންވިއެވެ. އެއާއިއެކު ދެންމެ ބައްޕަ އެ ކޮށްލި ސުވާލުގެ މުހިއްމުކަން އެނގުންވިއެވެ. އެ ހިނދު ކަމަކާއިމެދު ހާސްވާން އުޅުނެއްކަމަކު ފަލަކް ނޫންކަމަށް ހެދިއެވެ.
“ހަހް! ކަން ނުބަލާ ބައްޕައިންނަށް އެމީހުންގެ ދަރިން ގޮސްފައިވާ ހިސާބު ނޭނގޭނެތާ! އިހަކަށް ދުވަހުވެސް އަހަރެން އެކަނިމާއެކަނި ފަޅު ޢިމާރާތެއްގެ އެންމެ މަތީ ބަޔަށް ގޮސް ހުއްޓި ހުރިން. އަދި ނުވިތާކަށް އަހަރެން ގެއެއްގެ ގޮތުގަ އުޅެމުން ދަނީ ވެސް އުސް ޢިމާރާތްތައް ހުންނަ ރަށެއްގެ އެންމެ އުސް ޢިމާރާތުގެ މަތީ ބައެއްގަ….އަހަރެން ވެސް އަހަރެންގެ ނަފްސާނީ ބަލިމަޑުކަމަށް ފަރުވާ ހޯދީމޭ….ބައްޕަ ނެތަސް…” ފަލަކް ސާބިތުކަން ދައްކަން މަސައްކަތް ކުރަމުން ބުންޏެވެ. އޭނަގެ ވާހަކައަކީ މުޅި ޙަޤީޤަތް ނޫންކަން އެނގޭ ޙާލުގައެވެ.
ޙަޤީޤަތަކީ އެތައް ތެރަޕީތަކަށް ދިޔުމަށްފަހު ވެސް އުސް ޢިމާރާތްތަކުން ތިރި ބެލުމުން އޭނައަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާކަމެވެ. ނުތަނަވަސްކަމުން ހިތް ވަށާލެވި އަތް ފައި ފިނިވެގެންދާ ޙާލަތެއް ނޫންނަމަ އަމިއްލައަށް މަރުވާން ޚިޔާލު ކުރެވެއެވެ. ޙަޤީޤަތަކީ ދުބާއީގައި ހުންނަ އޭނަގެ ގޭގެ ދޮރުތަކުން އޭނަ ބޭރަށް ނަޒަރު ނުހިންގާކަމެވެ. އަދި ގިނަ ވަގުތު އެ ދޮރުތައް ހުންނަނީ ފަރުދާތަކުން ފޮރުވިފައިކަމެވެ.
އެހެނަސް ބައްޕަ އެ ސުވާލު ކުރި ފަދައިން މިއަދު ހެނދުނު އެ ވީ ގޮތެއް އޭނައަށް ނުވިސްނުނެވެ. އެ ހާމަ ފަންގިފިލާއަށް ނިކުތް ވަގުތު ފަލަކްގެ މެއަށް ފިނިވި ހަނދާނެއްވިއެއްކަމަކު ދެން ލޮލަށް ސިފަވެގެން ދިޔައީ އަފްޒަލްގެ ސޫރައެވެ. އެއަށްފަހު އަފްޒަލްގެ އަޑެވެ. ދެން ހަނދާންވެގެން ދިޔައީ އޭނަ އަފްޒަލްގެ ވާހަކައަށް ގެއްލި، ހުރެވުނު ތަން ވެސް ހަނދާން ނެތުނު ގޮތެވެ. ދެމީހުން އެކީގައި ގޮސް ރެއިލިންގް ކައިރިއަށް މަޑުކޮށްލި ވަގުތުން، ތިރިން ފެންނަމުން ދިޔަ މަގު ފެނި، ފަލަކް މާޒީގެ ހަނދާންތަކަށް ދާން އުޅުނެވެ. އެހެނަސް ހަމަ އެ ވަގުތު އަފްޒަލް އޭނަ ހުރީ ސައިބޮއިގެންތޯ ސުވާލު ކުރުމުން އެ ޚިޔާލުތަކުން ދުރުވެވުނީއެވެ. ވެއްޓެން އުޅެނިކޮށް އޭނަގެ އަތުގައި ހިފައި ސަލާމަތް ކުރި ފަދައަކުންނެވެ. އެ ޚިޔާލު ކުރެވުމުން ފަލަކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
“ތިއީ ހަމަ މުޅި ޙަޤީޤަތްތަ؟ އެތާ ހުރި މީހެއްގެ ސަބަބުންނެއް ނޫންތަ ފަލަކަށް ރަނގަޅަށް ހުރެވުނީ؟” މަޖީދު ސުވާލުކުރިއެވެ. މަޖީދަށް ފަލަކްގެ މިހާރުގެ ނަފްސާނީ ޙާލަތުގެ ތަފްޞީލުވެސް އެނގޭތީވެއެވެ.
“ނޫން. އެއީ ހަމަ ފަރުވާގެ ސަބަބުން ލިބުނު ކުރިއެރުމެއް…” އެ ބަސްތައް ބުނެލި ހިނދު ފަލަކަށް ބައްޕައާއި ހަތަރުކަޅި ހަމަ ނުކުރެވުނެވެ. އެއީ ދޮގެއްކަން ޔަޤީނާއި ގާތްވީތީވެއެވެ.
ފަލަކް ޙަޤީޤަތް ފޮރުވަނީކަން ޔަޤީންވުމުން މަޖީދު ފުން ނޭވައެއް ދޫކޮށް ގޮނޑިއަށް ލެނގިލިއެވެ. އެހިނދު ފަލަކް އޭނަގެ ކުރިމަތީގައި ހުރި ތަށްޓަށް ފެން އަޅަން ފެށީއެވެ.
“އެންމެ ރަނގަޅު. އެހެންވެއްޖެއްޔާ….ނުހަނު ރަނގަޅަށް ފަރުވާ ހޯދިއްޖެއްޔާ…އަފްޒަލްއާ އިންނަންވީއެއްނު؟” މަޖީދު އެ ބުނެލި ބަސްތަކާއިއެކީ ފެން ބޯން އުޅުނު ފަލަކް ކޮށި އަރާ ގޮތްވިއެވެ.
ނުނިމޭ