Hadhiya (Part 12)
އޭނަ ތައުބާވިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނައަށް މި ލިބުނީ ހާދަ ގިނަ ރިޒްޤެކެވެ. އޭނަ މި ހުރިހާ ދުވަހު ވެސް ފަސްދިނީ ހަމަ މި ކަލާނގެއަށްތޯ ހިތަށްއެރި ވަގުތު އޭނައަށް އިތުރަށް ރޮވުނެވެ. އޭނައަކީ ދުވަހަކުވެސް އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހެއްކަމުގައި ނުލެއްވުމަށް އެދި އެވަގުތު ހިތާހިތުން ދުޢާކުރެވުނެވެ.
އެދުވަސްފަހުން މިރްޒާން ކެތްތެރިކަމެއްނެތި އޭނަގެ ކައިވެނީގެ ވާހަކަ ދެކެވޭނެ ދުވަހެއްގެ އިންތިޒާރު ފެށިއެވެ. އަމްނާ ވެސް އެދުވަހަށްޓަކައި ކެތްމަދުވެފައިވިކަން އޭނައަށް އެނގުންވީ، ދުރުން ހިނގާފައި ދާއިރު އޭނައާއި އަމްނާގެ ހަތަރުކަޅި ބަދަލުވާ ކޮންމެ ފަހަރަކު އެ މޫނުމަތިން ލަދުރަކި ހިނިތުންވުންތައް ފެންނަމުން ދިޔަ ގޮތުންނެވެ. އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު މިރްޒާނަށް ވެސް އަމިއްލަ ނަފްސާ ހީލެވެނީ ލަދުން ކަހަލަ ގޮތަކަށެވެ. އެ ޖަޒުބާތުތަކުގެ މަސްތުގައި އޭނަ ފެތެމުން ދިޔައެއްކަމަކު ދޭތެރެދޭތެރެއިން އޭނަގެ މަންމައާއި ބައްޕަގެ ހަނދާންތަކުން އޭނަގެ ސިކުނޑި އިންޒާރުތައް ވެސް ދެމުން ދިޔައެވެ. މަންމައާއި ބައްޕަގެ ގޮތް ދޫނުކުރާ ގޮތްގަނޑު ރަނގަޅަށް އެނގޭތީ އެދެމީހުން މި ކައިވެންޏަށް އެއްބަސް ނުވާނެކަން މިރްޒާނަށް ޔަޤީންވިއެވެ. އޭނަ އެ ވާހަކަ އެންމެ ފަހު ވަގުތާއި ޖެހެންދެން ނުބުނެ ހުރީ އެހެންވެއެވެ.
އޭނައާއި އަމްނާގެ ކައިވެނީގެ ވާހަކަ އޭނަގެ ޢާއިލާއަށް އަންގަން މިރްޒާން ފޯނު ނެގީ، އަހަރީ ޗުއްޓީ ފެށި އޭނަ ލަންޑަނުން މާލެއަށް ފުރުމަށްޓަކައި ހެދުން ފޮށްޓަށް އަޅަމުން ދިޔަ ވަގުތެވެ. ބައްޕަގެ ނަންބަރަށް ގުޅައި ފޯނު އެނދުމަތީގައި ބާއްވަމުން މިރްޒާން ޕެކްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ބައްޕަ ފޯނު ނެގުމާއެކު މިރްޒާނަށް ވަގުތުން ފޯނު ނަގައި އެނދުމަތީގައި އިށީންނަމުން ކަންފަތުގައި ޖައްސާލެވުނީ ތެޅިތެޅި އޮތް ހިތަކާއެކީގައެވެ.
“ސަލާމް ބައްޕާ….” މިރްޒާނަށް އަވަސްއަވަހަށް އެހެން ބުނަމުން ވާހަކަ ދެކެވެން އުޅުނެވެ. އެހެނަސް ބައްޕަ ބުނެފާނެ އެއްޗަކާމެދު ވިސްނާލެވުމުން އޭނަ ޖެހިލުންވިއެވެ.
“ހާދަ އަވަސްއަރުވާލާފަ؟ ފާޚާނާއަކަށް ދާންޖެހިފަތަ ތިހުރީ؟ ހެހެ….” އެކޮޅުން ބައްޕަ ސަމާސާއެއްކޮށް ހީލުމުން މިރްޒާނަށް ވެސް ހީލެވުނެވެ. ބައްޕަ ރަނގަޅު މޫޑެއްގައި ހުރުމުން އޭނަ ދައްކަން އުޅޭ ވާހަކައާމެދު ރުހިދާނެއޭ ހިނދުކޮޅަކަށް ނަމަވެސް ހިތަށްއެރިއެވެ.
“ބައްޕާ، އަހަރެން މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން. މަންމައާއި މައިސޫން ކައިރިއަށް ގެނެސް ސްޕީކަރަށް ލެވިދާނެތަ؟” މިރްޒާން އެދުނެވެ. އެއާއެކު ލަތީފް އާނއެކޭ ބުނެ އެކޮޅުން ހާފިޒާއަށާއި މައިސޫނަށް ގޮވާލި އަޑު އިވުނެވެ. އޭގެ އިރުކޮޅެއްފަހުން އެދެމީހުން ވެސް އައިސް އޭނަގެ ޙާލު އަހުވާލު އަހަން ފެށުމުން މިރްޒާން ހެވިފައިހުރެ ‘އަލްޙަމްދުލި ﷲ’ ކިޔަމުން އޭނަ ރަނގަޅުކަމަށް ބުނަމުން ދިޔައެވެ.
“މިއްޒޭ ވެސް ހާދަ ބަދަލުވެއްޖެއޭ މިއަހަރު ތިކޮޅަށް ދިޔަފަހުން. ތިކަހަލަ ބަސްތައް ބޭނުންކޮށް ހަދަނީ ތުނބުޅި ދިގު މީހުންނެއްނު؟ އެހެންޏާ ފަހެ މިއްޒޭ ހީވަނީ ޢަރަބި ޤައުމަކަށް ގޮސްގެން އުޅޭހެން ވިއްޔާ.” މައިސޫން އެހެން ބުނެލުމުން މަންމައާއި ބައްޕަވެސް އާނއެކޭ ބުނަން ފެށި ހިނދު މިރްޒާންގެ ހިތަށް އުދަގޫވިއެވެ. އޭނަގެ ޢާއިލާގެ އެންމެން ދީނާއި ކިހާ ދުރުކަން އިޙްސާސް ކުރެވުމުންނެވެ. އެހެނަސް އޭނަ ތައުބާވިފަހުން އެއްވެސް ކަމަކަށް އުއްމީދު ކަނޑާލުމަކީ އޭނަގެ ގޮތް ކަމަށްނުވާތީ މިރްޒާން ހިނިތުންވެވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
“އާނދޯ؟ އެކަމަކު އަސްލު މިގޮތް މާ ސަޅިއޭ ބްރޯ. އުފާވެރި ކަމެއް ދިމާވިޔަސް އަދި ހިތާމަވެރި ކަމެއް ދިމާވިޔަސް އަހަރުމެން މުސްލިމުން ކިޔަން ޖެހެނީ އެއްބަސްތަކެއް. ﷲ ގެ ނިންމެވުންތަކާމެދު ރަނގަޅަށް ވިސްނައި އަހަރުމެން ޖެހެނީ އެކަލާނގެއަށް ޙަމްދުކުރަން. ކިހާ ސަޅި؟” މިރްޒާން އޭނަގެ ބޭބެއަށާއި މަންމައާއި ބައްޕައަށް ވިސްނައިދެވޭތޯ ބެލިއެވެ. އެމީހުން ދީނާއި ގުޅޭ ގޮތުން އިތުރު ސުވާލުތަކެއް ކުރާނެކަމަށް އޭނައަށް އުއްމީދުކުރެވުނެވެ. އެހެނަސް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދެން ވާހަކަ ދެއްކި އޭނަގެ މަންމަ ވާހަކަ އޮޅުވާލިއެވެ.
“އަނެއްކާ ތިއުޅެނީ އަހަރުމެންނަށް ކޮންކަހަލަ ޚަބަރެއް ދޭންތަ؟” ހާފިޒާ އަހާލިއެވެ. އެއާއެކު މިރްޒާން އޭނަ މަންމަމެންނަށް ގުޅި ސަބަބު މަތިން ހަނދާންވިއެވެ. ވާހަކައިގެ ޒާތުން އެއީ ވަގުތުން މަންމަމެންގެ މޫޑު ޚަރާބު ކޮށްލާނެ ޚަބަރަކަށް ނުވާނެކަން އެނގުންވުމުން މިރްޒާނަށް ހިނިތުންވެލެވުނެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.
“އަހަރެން މިއުޅެނީ މީހަކާ އިންނަން.” މިރްޒާނަށް އެހެން ބުނެލެވުނީ އޭނަގެ ހިނިތުންވުން ކޮންޓްރޯލް ކުރަން ނުކުޅެދިފައިވާ ޙާލުގައެވެ. އޭނަގެ ވާހަކަ ނިމުމާއެކު އެކޮޅުގައި ތިބި ތިން މީހުން ވެސް ‘އޯ’ އޭ ދިގުކޮށް ކިޔަން ފެށި އަޑަށް މިރްޒާނަށް ހީލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަގެ ސިކުނޑި ހާސްކުރަމުން ދިޔަ ޚިޔާލުތަކުން ދުރުވެވުނެވެ. މާ ގިނައިރެއްނުވެ އޭނަގެ މަންމައާއި ބައްޕަ އެކުއެކީގައި އެތައް ސުވާލެއްކުރަން ފެށިއެވެ. ކީކޭ ކިޔާ ކޮން ރަށެއްގެ ކޮން ކަހަލަ ކުއްޖެއްތޯ އަހަން ފެށިއެވެ. ހަމަ އެދޭތެރެއިން މައިސޫންވެސް އެއީ އިނގިރޭސި ‘ހޮޓް’ ކުއްޖެއްތޯ އެހިއެވެ. މައިސޫންގެ އެ ޖުމްލަ އިވިފައި މިރްޒާންގެ ހިނިތުންވުން ހިސާބަކަށް ފޭދުނެވެ. މި ދިޔަ އަހަރުގެ މެދުތެރެއިން މައިސޫން ވެސް މީހަކާއި އިނދެފައިވިއެއްކަމަކު އަދިވެސް މައިސޫންގެ އެ ގޮތްގަނޑު ބަދަލުވާ ގޮތެއްނުވެއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އޭނަ އަމްނާއާއި ބެހޭގޮތުން އެގޮތަށް ވާހަކަ ނުދައްކަން އެންގުމުން ދުވަސްކޮޅަކަށް އޭނަ ކައިރި އެކަހަލަ ވާހަކަތައް ނުދައްކާ ހުއްޓެވެ. އެހެނަސް މާ ގިނަ ދުވަހެއްނުވެ އަނެއްކާވެސް އަމްނާގެ ނަން ލުމެއްނެތި އެ ޒާތުގެ ވާހަކަތައް އިވެން ފެށިއެވެ. މިރްޒާން ހީކުރީ މައިސޫން މީހަކާއި އިނުމުން އަންހެނުންނަށް އިޙްތިރާމް ކުރުމުގެ ގޮތުން ވެސް އެކަން ހުއްޓާލާނެ ކަމަށެވެ. އެހެނަސް އެހެންނުވިތާއެވެ.
“ދެން ބުނެބަލަ މިރްޒާން!” މިރްޒާން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ލަތީފް ބުނެލި އަޑު އިވުނެވެ. އެއާއެކު މިރްޒާނަށް ވާހަކަ ދެކެވުނެވެ.
“އެއީ….އަހަންނާ އެއްކޮށް ޔުނިވާރސިޓީގަ ކިޔަވަމުންދާ މާލޭ ކުއްޖެއް. ވަރަށް ރަނގަޅު ޢާއިލާއަކަށް އެކުއްޖާ ނިސްބަތްވަނީ. އެކުއްޖާގެ ބައްޕައަކީ ދީނީ ޢިލްމުވެރިއަކަށް ވެފައި ވިޔަފާރި ވެރިއެއްވެސްމެ. ރަނގަޅު އަޚްލާޤެއްގެ ވެރި، ދީންވެރި ކުއްޖެއް އެއީ. އަހަންނާއި އިންނަންވީމަ ވެސް އަހަރެން ކައިރި ނާހާ ބައްޕަ ކައިރި ބުނީ. އެ ބައްޕަ އަހަންނަށް ގުޅާފަ ބުނީ މި ޗުއްޓީ ތެރޭގަ މާލެއަށް ގޮސް ދެޢާއިލާ ބައްދަލުވެ ދެކުދިން ވާހަކަ ދައްކާނީއޭ. އަހަރެން ބުނިން އެންމެ ރަނގަޅޭ.” މިރްޒާން އަމްނާގެ ފަރާތުން ކުރިން ލިބިފައިވި މަޢުލޫމާތުތަކުގެ އަލީގައި ތަފްޞީލުކޮށް ކިޔައިދިނެވެ. އޭނަ އަމްނާގެ ނަން ބުނަން އުޅެފައިވެސް އެ ޚިޔާލު ބަދަލުކޮށްލީ އެ ނަން މައިސޫނަށް އިއްވަން ބޭނުން ނުވުމުންނެވެ. ހަމަ އެއާއެކު އަމްނާގެ ބައްޕަގެ ނަން ވެސް ނުބުނަން ނިންމީ އެ ނަން އިވިއްޖެނަމަ ބައްޕަމެންނަށް އެއީ ކާކުކަން އެނގިދާނެހެން ހީވުމުންނެވެ. ވީހާވެސް ވަރަކަށް އަމްނާގެ ރަނގަޅުކަމުގެ ވާހަކަ ދެއްކީ، އަމްނާއަކީ އެއްވެސް ސަބަބަކާހުރެ ދޫކޮށްލެވޭ ވަރުގެ ކުއްޖެއް ނޫންކަން ސާބިތުކޮށްދިނުމަށެވެ. އޭނަގެ ވާހަކައަށްފަހު ބައްޕަމެން ވަގުތުން އެއްބަސްވާނެ ކަމަށް އޭނައަށް ހީކުރެވުނެވެ. އެހެނަސް……
“ހުމް….ތިއީ ރަނގަޅުކަމަކަށް ވާނެހެން ހީވަނީ ދޯ ހާފިޒާ؟ އަނެއްކާ…..ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއްތަ ތި ކުއްޖާ ޢާއިލާ މީހުންނަކީ؟” ލަތީފް ސީރިއަސްކަމާއެކީ އަހާލި އަޑަށް މިރްޒާންގެ ދެބުމަ ކައިރިވިއެވެ. މީހަކާއި އިންނަން ވާއިރު އެ މީހެއްގެ ޕާޓީ އެނގުން ވާޖިބުތޯ ހިތާހިތުން ރުޅިވެރިކަމާއެކީ އޭނައަށް ސުވާލުކޮށްލެވުނެވެ. އޭނައަށް އޭނަގެ ރުޅިވެރިކަމުގެ ސަބަބުން އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން އިނދެވުނެވެ.
“އަހަރުމެން އަޑުއަހަން ބޭނުންނުވާ ވާހަކައެއް އަހަރުމެންނަށް ނުއިއްވައްޗޭ މިރްޒާން.” ހާފިޒާ އެކޮޅުން އެހެން ބުނެލި އަޑު މިރްޒާނަށް އިވުނީ އިންޒާރެއްގެ ގޮތުންނެވެ. އޭނަ ދެންވެސް ހިމޭންކަމާއެކީ އިނދެފައި ވާހަކަ ދެއްކިއެވެ.
“އަހަރެން ދޮގެއް ނަހަދާނަން މަންމާ. އެއީ އަހަރުމެން ތާޢީދުކުރާ ޕާޓީއަށް ތާޢީދުކުރާ ބައެއްނޫން. އެކުއްޖާގެ ބޮޑުބޭބެއަކީ އަލްއުސްތާޒް ހުސެއިން ޞޮބާޙް. ހަމައެކަނި މި ސަބަބާހެދި އަހަރެން އެހާ ރަނގަޅު ކުއްޖަކު ދޫކޮށްލަންވީތަ މަންމާ؟” މިރްޒާނަށް ވާހަކަ ދެކެވުނީ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އަވަސްއަވަހަށެވެ. އޭނަ ވާހަކަ ނިމުމާއެކު ލަތީފްގެ ހަރުއަޑު އިވިގެން ދިޔައެވެ.
“ސުބުޙާނަ ﷲ! ހާފިޒާ އެބައިވޭތަ މީނަ މި ދައްކާ ވާހަކަ؟ ހަމައެކަނި މި ސަބަބާހެދިއޭ؟! އަހަރުމެންގެ ހުރިހާ ޤަދަރެއް ގުޅިފައިވަނީ އަހަރުމެން މި ތަޢީދުކުރާ ޕާޓީއާކަން މިރްޒާން ހަނދާން ނެތުނީތަ؟” ލަތީފް ރުޅިވެރިކަމާއެކީ އެހެން ބުނެ ނިމުނުތަނާހެން ހާފިޒާ ވާހަކަ ދެއްކިއެވެ.
“ހަނދާން ނެތުނީމަތާ ހިތުން މާ ބޮޑާވެގެން އެއުޅެނީ. ހުނ! މަ ދުވަހަކުވެސް ތި ކައިވެންޏަކަށް ނުރުހޭނަން! އަހަރުމެން ވަނީ މި އަވަށުގަ ހުރިހާ ރައްޔިތުން ކުރިމަތީގަ ހުވާކޮށްފަ އަހަރުމެންގެ ދަރިއަކު ވެސް އެހެން ޕާޓީއެއްގެ މީހަކާ ނުދެވަން. ދެން އަހަރުމެންގެ އެންމެ ދޮންފުތު އަލްއުސްތާޒް ހުސެއިން ޞޮބާޙަށް ބޮޑުބޭބެއޭ ކިޔާ ކުއްޖަކާ އިނދެފިއްޔާ މިރްޒާންގެ މަންމައަށާއި ބައްޕައަށް އޮންނާނީ ރީތި ނަމެއް ލިބިފަ! ކުރިއަށް ދޭ! އަހަރުމެންނާމެދު ވިސްނާނެ ކަމެއްނެތް!” ހާފިޒާ ވެސް އެ ވާހަކަ ދެއްކީ ރުޅިން ރަތްވެފައި އިނދެ ތުރުތުރު އަޅަމުން ދިޔަ އަޑަކުންނެވެ. މަންމަގެ ވާހަކަ ނިމުމާއެކު މިރްޒާން އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކިއެވެ.
“ރީތި ނަމަކާއި ޤަދަރެއް ލިބެނީ މީހުން ބުނާ އެއްޗަކުންތަ މަންމާ؟ ޤަދަރާއި ޢިއްޒަތަކީ ހަމައެކަނި ﷲ ދެއްވާ އެއްޗެއް ނޫންތަ ބައްޕާ؟” އޭނަގެ މަންމަ ބައްޕައަށް ވިސްނޭނެ ފަދައަކުން މިރްޒާން ސުވާލުތައް ކުރިއެވެ. އެ ހިނދު އޭނަ އެހާ އެދިގެން ހުރިކަމަކަށް އޭނަގެ ލޯބިވާ މަންމައާއި ބައްޕަގެ ނަފްރަތު އަމާޒުވުމުން އޭނަގެ ލޮލުން ދިލަނަގަން ފަށާފައިވިއެވެ. އޭނަގެ ސުވާލުތަކަށް މަންމައާއި ބައްޕައަށް އެއްޗެކޭ ނުބުނެވެނީސް ދެން ވާހަކަ ދެއްކީ މައިސޫނެވެ.
“ވެދާނެ ތިހެން ކަމަށްވެސް. އެކަމަކު މިއްޒޭ އެބަޖެހޭ ފިއުޗާރއާމެދު ވެސް ވިސްނަން. މިއްޒޭ ވާންތިއުޅެނީ ޖާނަލިސްޓަކަށް. ވާއިރު އަމިއްލައަށް ނިންމަން އެބަޖެހޭ ކޮން ބަޔަކު ދިފާޢުކޮށްފަކަން މިރްޒާން ޚަބަރުތައް ހުށަހަޅާނީ. ތި ކުއްޖާއާއެކީ އުޅެމުން މިރްޒާން ތާޢީދުކުރާ ޕާޓީއަށް ޚަބަރު ހުށަހަޅަންޏާ ތިކުއްޖާ ނުރުހުންވުން އެކަށީގެންވޭ. ދެން ތި ކުއްޖާ ރުހޭ ޕާޓީއަކަށް މިރްޒާން ސަޕޯޓްކުރަން ފަށައިފިއްޔާ އަހަރުމެން ޕާޓީގެ ފަރާތުން އަހަރުމެންނަށް ލިބެމުންދާ ފައިސާއަށް މެދުކެނޑުމެއް އައުން ވެސް ވަރަށް ގާތް.” މައިސޫން މަޑުމައިތިރި އަޑަކުން ހިތުން ދެއްކީ ވަރަށް ޙިކުމަތްތެރި ވާހަކައެކެވެ. އެހެނަސް އެ ވާހަކަތައް އިވިފައި މިރްޒާންގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އޭނައާއި މައިސޫނަކީ އެމީހުން ތާޢީދުކުރާ ޕާޓީގެ ދިފާޢުގައި ރަށުތެރޭގައި ދޮގު ޚަބަރުތައް ވެސް ފަތުރަމުން އައި ބަޔަކަށްވާތީ ކޮންމެ މަހަކު އެ ޕާޓީގެ އިސް މަޤާމެއްގައި ހުންނަ މީހެއްގެ ފަރާތުން އެ ޢާއިލާއަށް ހާހުން ލާރި ލިބެއެވެ. އެއީ ﷲ ރުހިވޮޑިގެންވާ ފަދައަކުން އެމީހުންނަށް ލިބޭ ލާރިއެއް ނޫންކަން މިރްޒާނަށް އެނގުންވީ އެވަގުތެވެ. އެއާއެކު އޭނައަށް ވާހަކަ ދެކެވުނެވެ.
“އަހަންނަށް މައްސަލައެއްނެތް އެ ލާރި ދުވަހަކު ނުލިބުނަސް!” މިރްޒާނަށް އެހެން ބުނެލެވުނީ އައި ރުޅީގައި ދަތްކުނޑި ވިކަމުންނެވެ.
“ދެން އަހަރުމެން ބަނޑަށްޖެހުނަސް މިރްޒާނަށް ހެޔޮ ދޯ؟” ހާފިޒާ ރާގަކަށް އަހާލިއެވެ. އެ ހިނދު އަނެއްކާވެސް ހިތަށްވެރިވި މާޔޫސްކަމާއެކީ މިރްޒާނަށް ރައްދު ދެވުނެވެ.
“ވަކި މީހަކު ޙައްޤު ނޫން ގޮތުގައި ދޭ ލާރިއެއް ނުލިބުމުން އަހަރުމެން ބަނޑަށް ޖެހޭނީތަ މަންމާ؟ މަންމައަކީ ވެސް އަދި ބައްޕައަކީ ވެސް އަމިއްލައަށް މަސައްކަތް ކޮށްގެން ލާރި ހޯދާ މީހުން. އަދި މައިސޫނަށް ވެސް އަހަންނަށް ވެސް ނުލިބެނީއެއްނޫން. އަހަރުމެންނަށް ލިބޭ އެއްޗަކުން އަހަރުމެން މަންމަމެންނަށާއި މާޝާ ކޮއްކޮއަށް ޚަރަދު ކުރާނަން. ރިޒުޤު ދެއްވަނީ ހަމައެކަނި ﷲ ނޫންތަ މަންމާ؟ ﷲ ރުހިވޮޑިގެންނުވާ ފަދަ ގޮތަކަށް ލާރި ހޯދައިގެން ދެ ދުނިޔެއިން އަބާއްޖަވެރިވުން ނޫންކަމެއް ނުވާނެ. އެހެނަސް އެކަލާނގެއީ ޝުކުރު ކުރާ އަޅުންނަށް އިތުރުވެސް ކޮށްދެއްވާ ރަސްކަލާނގެ.” މިރްޒާން ދެންވެސް އުއްމީދު ކަނޑާލުމެއްނެތި އޭނަގެ ޢާއިލާއަށް ނަޞޭޙަތްތެރިވިއެވެ.
“ދެން ހެވޭ! އަހަރުމެންނަށް ކޮންމެހެން ދަރުހެއް ދޭނެ ކަމެއްނެތް. ތި ކުއްޖަކާ އިންނަން ބޭނުމިއްޔާ ކަލޭ އިނދޭ. އެކަމަކު ތި ކައިވެންޏަށް ކޮންމެހެން އަހަރުމެންނަށް ދަޢުވަތު ދޭން ހަދާނެކަމެއްނެތް. އަދި ތި ކުއްޖަކު ވެސް މިގެއަށް ގެނެސްގެން ނުވާނެ. ފޯނު ކަނޑާލާ ލަތީފް!” ހާފިޒާ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކީ އެހެން ބުނެލުމާއެކު މިރްޒާން އެއްޗެކޭ ބުނަން އުޅުނު ވަގުތު ފޯނު ކެނޑުނެވެ. އެއާއެކު މިރްޒާންގެ ހިތަށް ލިބުނު ސިހުމާއެކީ އޭނައަށް ފޯނު ކަންފަތުން ވަކިކޮށްލެވުނެވެ. ފޯނުގެ ސްކްރީނަށް އޭނައަށް ބަލާލެވުނީ ހިތާމަވެރިކަމާއި ކަންބޮޑުވުމެއް އެކުލެވިފައިވި މޫނަކާއެކީގައެވެ. އޭނަގެ މަންމަމެންނަށް ވިސްނޭނެނަމައޭ އޭނަގެ ހިތަށްއެރިއެވެ. ވިސްނޭނެނަމަ އޭނަގެ ޙަޔާތުގައި މި އައި ބާބުގައި އޭނަ ހާދަހާ އުފާވީހެވެ. މިފަދަ ޚިޔާލުތައް ސިކުނޑިއަށް ވެރިވާން ފެށުމުން މިރްޒާން ވަގުތުން އެ ޚިޔާލުތަކުން ދުރުވެލީ ދެންމެ ޚުދު އޭނައަށް ބުނެވުނު ބަސްތަކެއްގެ މަތިން ހަނދާން ކޮށްލަމުންނެވެ. ޝުކުރުކުރާ އަޅުންނަށް ﷲ އިތުރު ކޮށްދެއްވާނެކަމަށް އޭނަ ބުނި ބަހެވެ. އެހެންކަމުން މިވަގުތު އޭނަ ހިތްދަތިވިއެއްކަމަކު އޭނަ ޖެހޭނީ އެ އެއްމެ ކަމެއް ރަނގަޅަށް ނުދިޔަޔަސް ﷲ އޭނައަށް ދެއްވާފައިވި ނިޢުމަތްތައް ހަނދުމަކޮށް ޝުކުރުކުރާށެވެ. އޭނަގެ ޙަޔާތުގައި މިވަގުތު ރަނގަޅަށް ހިނގަމުންދާ ހުރިހާ ކަމެއްގެ މަތިން ހަނދާންވެގެން ދިޔުމުން މިރްޒާނަށް ވަގުތުން ހިތުގެ ފުންމިނުން ޙަމްދުކުރެވުނެވެ. އަދި ޙަމްދުގެ އެ ވަގުތުކޮޅުގެ ސަބަބުން ދެންމެ އޭނަ ހިތްދަތި ކުރުވި ޙާލަތްވެސް ﷲ ބަދަލުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރެވުނެވެ.
ގަޑިއިރުތަކެއްގެ ދަތުރަކަށްފަހު މިރްޒާން އިން ފްލައިޓް މާލޭ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ އޭގެ އަނެއްދުވަހުގެ ހަވީރު ވަގުތެވެ. ދިގު ދަތުރުގެ ސަބަބުންނާއި ދަތުރުގެ ބައެއްގައި ނިދާލެވުމުން ފްލައިޓް ޖެއްސި ވަގުތު މަންމަމެންގެ ފަރާތުން އިވިގެން ދިޔަ ހަރުކަށި ބަސްތަކެއްގެ މަތިން އޭނަ ހިސާބަކަށް ހަނދާން ނެތިފައިވިއެވެ. އެހެންކަމުން ފްލައިޓް ޖެއްސި ވަގުތު މިރްޒާންގެ ހިތަށް ވެރިވެފައިވީ އުފާވެރިކަމެކެވެ. ނުހަނު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނަ ހުންނާނީ އޭނަ ހިތްއެދޭ ސޫރައިގެ ކުރިމަތީގައިކަން އެނގުންވުމުންނެވެ. ފްލައިޓުން ފައިބަމުން ފޯނު ޖައްސައި އޭނަ އަމްނާގެ ބައްޕަ ހާޝިމަށް ގުޅާލީ ވެސް ހިނިތުންވުމަކާއެކީގައެވެ. އެކޮޅުން ފޯނު ނަގައި ހާޝިމް ވަގުތުން ސަލާމް ގޮވައި ދަރިފުޅާއޭ ކިޔާލި ގޮތުން މިރްޒާނަށް ބައްޕައެއްގެ ލޯބި އިޙްސާސް ކުރެވުނެވެ. އޭނައަށް މާލެއަށް އާދެވުނު ވާހަކަ މިރްޒާނަށް ބުނެލެވުނީ ވެސް އެކަމާހެދި ހެވިފައި ހުރެއެވެ. އޭނަ އެހެން ބުނުމާއެކު ހާޝިމް ވަގުތުން އަންނަންވީ އެޑްރެސް ކިޔައިދިނެވެ. އަދި އަމްނާ ހުރީ އޭނަގެ އިންތިޒާރުގައި ކަމަށްބުނެ ފޯނު ކަނޑާލިއެވެ. މިރްޒާން މިފަހަރު އޭނަގެ ފޯނު ކަންފަތުން ވަކި ކޮށްލީ ވަގުތު އޭނައަށް ލުއި ގޮތަކަށް ހީލަމުން ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.
އަމްނާގެ ޢާއިލާ އުޅޭ ގެ ކަމަށްވާ ‘މޫންލައިޓް’ ނަމަކަށް ކިޔާ 7 ބުރީގެ ޢިމާރާތާއި ހަމައަށް ދިޔައިރު ހާޝިމް ވަޢުދުވީ ފަދައިން އޭނަ ޢިމާރާތުގެ މައިދޮރު ކައިރީގައި ހުއްޓެވެ. މިރްޒާން ޓެކްސީއިން ފޭބި ތަނާހެން ދިގު ތުނބުޅިއެއްގެ ވެރި މެދު ޢުމުރުގެ ފިރިހެނަކު ފުރިހަމަ ހިނިތުންވުމަކާއެކީ އައިސް އޭނައާއި ސަލާމް ކުރުމަށް އަތްދިއްކޮށްލިއެވެ.
“އައްސަލާމުޢަލައިކުމް! މިރްޒާން ދޯ؟ މިއީ އަމްނާގެ ބައްޕަ ހާޝިމް.” ހާޝިމް އެހެން ބުނެލުމުން މިރްޒާން ހިނިތުންވުމަކާއެކީ ހާޝިމްގެ އަތުގައި ހިފައި ސަލާމްކުރީ ހިސާބެއްގެ ޖެހިލުންވުމަކާއެކީގައެވެ. އެވަގުތު ޓެކްސީ ޑްރައިވަރު މިރްޒާންގެ ދަބަސް ޑިކީއިން ނަގާފައި ޕޭވްމެންޓް މަތީގައި ބެހެއްޓުމުން ހާޝިމް އެ ދަބަސް ނެގުމަށް އެ ޢިމާރާތުގެ ސެކިއުރިޓީ ގާޑް ގާތު އެންގިއެވެ. ގާޑު ބޭބެ ހާޝިމް ބުނި ގޮތަށް ހެދި ވަގުތު ހާޝިމް މިރްޒާނާއެކީ ޢިމާރާތުގެ ތެރެއަށް ވަންނަން ދިޔައެވެ.
“އަހަރުމެން އުޅެނީ މި ޢިމާރާތުގެ އެންމެ މަތީ ބައިގަ. ދެން ހުރި ބައިތަކަކީ ކުއްޔަށްދޭ ބައިތައް.” ހާޝިމް މިރްޒާނާއެކީ ލިފްޓާއި ދިމާލަށް ދަމުން ނުފިލާ ހިނިތުންވުމަކާއެކީ ކިޔައިދިނެވެ. މިރްޒާން ހަމަ އެފަދަ ހިނިތުންވުމެއްގައި ހުރެ ބޯޖަހާލުމުން ހާޝިމް އިތުރަށް ވާހަކަ ދެއްކިއެވެ.
“ޙަޤީޤަތުގަ ވަރަށް އުފާވެފަ ބޭބެ މިހިރީ އަމްނާ ތިކަހަލަ ކުއްޖަކު ޚިޔާރު ކުރީމަ. މިޒަމާނުގެ ގިނަ ކުދިންނަށް ނުކެރޭނެ އަންހެން ކުއްޖާގެ ބައްޕައާ ސީދާ ވާހަކަ ދައްކާކަށް. ބައްޕަ ގުޅީމަ ވެސް ފޯނު ނުނަގާ އަންހެން ކުއްޖާ މެދުވެރިވެގެން ހުރިހާ ކަމެއް ހަމަޖައްސަން އުޅޭނީ. މައިންބަފައިންނަށް ނާންގާ ރައްޓެހިވެލާފަ އިންނަންވީމަ އަންގާލާނީ. ބޭބެއަށް އެފަދަ ހިތި ތަޖުރިބާއެއް ކުރިން ކުރެވިފަ ހުރީ. އެކަމަކު މިފަހަރު ބޭބެގެ ހަގު ދަރިފުޅު ޚިޔާރުކުރީ ބޭބެ ވަރަށް ހިތްހަމަޖެހޭ ކުއްޖެއްކަމަށް ޤަބޫލުކުރެވޭ.” ހާޝިމް ލިފްޓަށް އަރަމުން ބުނެލިއެވެ. މިރްޒާނަށް އެ ތަޢުރީފަށް ވެސް ހިނިތުންވުން ނޫންކަމެއް ނުކުރެވުނެވެ. ޚުދު އޭނަ ވެސް ޙަޔާތުގައި މީހަކާ އިނުމަށްޓަކައި އޭނަ މިފަދައިން އަންހެން ކުއްޖާގެ ބައްޕައާއި ބައްދަލުކުރާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. އެހެނަސް އޭނަ އިޚްލާޞްތެރިކަމާއެކީ ވި ތައުބާއިން އޭނަގެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަސަރުކޮށްފިތާއޭ ހިތް ބުންޏެވެ. ތައުބާވުމުގެ ކުރިން އޭނަ އަންހެން ކުއްޖާގެ ބައްޕަގެ މާ ބޮޑު މެދުވެރިވުމެއްނެތި އިންނަން ޚިޔާލުކުރަމުން ދިޔައީ އޭނަގެ ފިނޑިކަމުންނޭ ހިތަށްއެރިއެވެ. އެއާއެކު އޭނަގެ ހިތަށް މިއަދު ލިބިފައިވި ސާބިތުކަމަށްޓަކައި އޭނައަށް ޙަމްދުކުރެވުނެވެ.
ޢިމާރާތުގެ 7 ވަނަ ފަންގިފިލާއަށް ދެވުނު ވަގުތު މިރްޒާންގެ ހަތަރެސްފައި ފިނިވެ އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. ހާޝިމާއެކީ ހިނގާފައި ގޮސް އެ ފަންގިފިލާގައި ހުރި އެޕާޓްމެންޓްގެ ދޮރާއި ހަމަވި ވަގުތު މިރްޒާންގެ ނޭވާވެސް ކުރުވެފައިވިއެވެ. ހާޝިމް ޓަކި ޖަހާލިތާ މާ ގިނައިރެއްނުވެ އެ ދޮރު ހުޅުވިގެން ދިޔުމާއެކު މިރްޒާންގެ ނޭވާ ހުއްޓުނެވެ. ނުހަނު ގާތުން އޭނަގެ ކުރިމަތިން އަމްނާ ފެނިގެން ދިޔުމުން އޭނަގެ ލޮލަށް ފިނިކަމެއް ލިބުނެވެ. މާ ގިނައިރެއް ނުވެ އަމްނާ ރަތްވެގެން ދިޔަ މޫނަކާއެކީ އިސްޖަހާލުމުން މިރްޒާނަށް ވެސް ލުއި ހިނިތުންވުމަކާއެކީ އިސްޖަހާލެވުނީ ބޭއިޚްތިޔާރުގައެވެ.
“ބަލަ މިއީ ނުބަލާ ތިބެންވީ ދުވަހެއްނޫނޭ. މިއަދު ނުބެލިއްޔާ މުޅި ޢުމުރު ދުވަހު ހިތާމަކުރަން ޖެހިދާނެ.” ހާޝިމް ސަމާސާވެރި ރާގަކަށް އެހެން ބުނެލުމުން އަމްނާއާއި މިރްޒާނަށް ވެސް ހީލެވުނު ވަގުތު ގޭގެ ތެރެއިން އެހެން އަންހެނެއްގެ އަޑު އިވުނެވެ.
“އެއްކަލަ ހާޝިމް ބޭރުގަ ވާހަކަ ފެށީދޯ؟ ތި ދެކުދިން އެތެރެއަށް ގެނެސްބަލަ ފުރަތަމަ!” ހިނގާފައި އައިސް އެމީހުންނާއި ހަމަކޮށްލި ބުރުގާ އަޅައިގެން ހުރި މެދުޢުމުރުގެ އަންހެން މީހާ ސީރިއަސްކަމާއެކީ އެހެން ބުނެ މިރްޒާނަށް ބަލާލަމުން ހިތްހެޔޮ ގޮތަކަށް ހިނިތުންވެލިއެވެ. އެންމެން އެކީގައި އެތެރެއަށް ވަން ވަގުތު އެއީ އަމްނާގެ މަންމަ ޙަމީދާ ކަމަށް ހާޝިމް ބުންޏެވެ. އެންމެން އެކީގައި ގޮސް ތަނަވަސް ސިޓިންގް ރޫމުގެ ސޯފާތަކުގައި އިށީން ވަގުތުވެސް ހާޝިމާއި ޙަމީދާގެ ވާހަކައިން ތަނުގެ ފަޅު ފިލަމުން ދިޔައެވެ. މިރްޒާނާއި އަމްނާ އެކަކު އަނެކަކާ ސީދާ ކުރިމައްޗަށްވާ ގޮތަށް އިށީނެއްކަމަކު ވާހަކައެއް ފަށަން ނޭނގިފައި އެމީހުންނަށް ތިބެވުނެވެ. މިރްޒާނަށް ދައްކާނެ ވާހަކައެއް ނޭނގުނު ވަގުތު އަމްނާ ވެސްވީ އެފަދަ ޙާލެއްގައިކަން އެ މޫނުމަތީގެ ކުލަވަރުން މިރްޒާނަށް ނަގައިގަނެވުނެވެ.
“ދެން ވާހަކަ ދައްކަބަލަ….އަމްނާ ފަށާ! ތިއީއެއްނު ވާހަކަ މެޝިން؟” ޙަމީދާ ހާޝިމާއި ވާހަކަ ދެއްކުމުގެ ތެރޭގައި ވާހަކަ ދައްކަން ޖެހޭ ދެމީހުން ނުދައްކާކަން އެނގުމުން ބުނެލިއެވެ. އޭނަ ބުނެލި ފަހު ޖުމްލައިން އެތާ ތިބި އެންމެންނަށް ހެވުނެވެ. އެ ހުނުން ހުއްޓިގެން ދިޔަ ވަގުތު އަމްނާ މިރްޒާނަށް ބަލާލިއެވެ.
“މިޒް…މިރްޒާންގެ މަންމައާއި ބައްޕަ ކޮބާ؟” އަމްނާ އެ ސުވާލު ކޮށްލީ މަޑުމައިތިރި އަޑަކުން މިރްޒާނަށް ބަލަމުން ނުބަލަމުންނެވެ. އެ ސުވާލާއެކީ މިރްޒާންގެ ހިނިތުންވުން ވަގުތުން ފިލައިދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ޢާއިލާ މީހުން އިއްޔެ ދެއްކި ވާހަކަތައް ހަނދާނަށް އައުމުން އޭނަ ތަބީޢަތު ގޯސްވިއެވެ.
“މިރްޒާން އައީ ސީދާ ލަންޑަނުން އައި ގޮތަށް އެއާރޕޯޓުންނޭ. އެމީހުން އަންނާނީ އަދި ތަންކޮޅެއް ފަހުންދޯ؟ ކޮން އިރެއްގަ އެމީހުން މިކޮޅަށް އަންނަނީ؟” ހާޝިމް އޭނައަށް ހީވެފައި އޮތް ގޮތެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކިއެވެ. އެއާއެކު މިރްޒާން އިތުރަށް މާޔޫސްވިއެވެ. އަމްނާގެ ބައްޕައަށް ހީކުރެވިފައި އޮތް ގޮތް ޙަޤީޤަތަކަށްވިނަމައޭ އޭނަގެ ހިތަށް ހިނދުކޮޅަކަށް އެރިއެވެ. އެހެނަސް އޭނަ ހިތްވަރާއެކީ ޙަޤީޤަތާއި ކުރިމަތިލާން ޢަޒުމް ކަނޑައެޅިއެވެ. އެ ޢަޒުމާއިއެކީ އޭނައާއި އަމްނާގެ ޢާއިލާއާއި ދެމެދު އެއްވެސް ސިއްރުތަކެއް ނުބާއްވަން އޭނަ ނިންމިއެވެ. އޭނަ ބައެއް ކަންތައް ހާމަކުރުމުން އޭނައާއި އަމްނާ ނުގުޅިދާނެކަމަށް އޭނަގެ ސިކުނޑި އިންޒާރު ދިނެއްކަމަކު އޭނައާއި އަމްނާގެ ގުޅުން ސިއްރުތަކެއްގެ މަތީގައި ބިނާވެގެން ދާން އޭނަގެ ހިތް ނޭދުނެވެ.
“މަންމައާއި ބައްޕަ ނާންނާނެ.” މިރްޒާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އެއާއެކު އެތާތިބި އެންމެންގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. ހާޝިމް އެއީ ކީއްވެތޯ ސުވާލުކުރުމުން މިރްޒާން އެންމެ ކޮޅުން ކިޔައިދޭން ފެށިއެވެ. އޭނަގެ މައިންބަފައިންގެ ސިޔާސީ ފިކުރާއި އެ ފިކުރުގައި މަންމަމެން ހިފަހައްޓައިގެން ތިބޭ މިންވަރެވެ. އަދި ޚުދު އޭނަ ވެސް އޭނަގެ ބޭބެއާއެކީ ސިޔާސީ މަސައްކަތުގައި އުޅުނު ވާހަކައެވެ. އެހެނަސް ތައުބާވި އޭނައަށް އެ ދޮގުތައް ފެތުރުމުން ނޭނގުމެއްގެ ތެރެއިން ވެސް ދުރުހެލިވެވުނު ވާހަކައެވެ. އަދި މި ކައިވެނީގެ ވާހަކަ މަންމަމެންނަށް ކިޔައިދިނުމަށްފަހު އޭނަ މަންމަމެންނަށް ވިސްނައިދޭން މަސައްކަތް ކުރުމުން ކަންދިމާވި ގޮތުގެ ވާހަކައެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަމުން ދިޔަ އަމްނާގެ ޢާއިލާގެ މޫނުމަތިން އެކި ކުލަވަރުތައް އަރާ ފައިބަމުން ދިޔައެވެ. މިރްޒާން އޭނަގެ ވާހަކަ ނިންމާލުމުން ވެސް އެންމެން ހިމޭންކަމާއެކީ އޭނައަށް ސީރިއަސް ނަޒަރެއް ދީގެން ތިބެން ފެށުމުން އޭނަގެ ހިތް ނުތަނަވަސްވާ ގޮތްވިއެވެ. އޭނަގެ މަންމަމެން ފަދައިން އަމްނާގެ މަންމައާއި ބައްޕަ އެމީހުންގެ ސިޔާސީ ފިކުރަށްޓަކައި ތެދުވެ ވާހަކަ ދައްކަން ފަށާފާނެތީ ބިރުގަތެވެ. އެ ބިރުވެރިކަން ދެގުނަވީ މިކަމާމެދު ޚުދު އަމްނާގެ ޚިޔާލުވެސް ހުރީ ކިހާ ހިސާބެއްގައި ކަން އެއްގޮތަކަށް ވެސް ނޭނގުމުންނެވެ. މިރްޒާންގެ ސިކުނޑި ހާސްވާން ފެށި ވަގުތު ހާޝިމް ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. އެއަށްފަހު ހާޝިމް ވާހަކަ ދެއްކިއެވެ.
“ސުބްޙާނަ ﷲ! ސިޔާސީ ކަންތައްތަކުގެ ސަބަބުން އަހަރުމެންގެ އެއްބައިވަންތަކަން ގެއްލި އަހަރުމެން ބަލިކަށިވެފައިވި މިންވަރު މިއިން މި އެނގެނީ. ވަރަށް ދެރަވެއްޖެ ތި ވާހަކަތައް އަޑުއަހާފަ. އެކަމަކު މިރްޒާނަށް އެނގެންޖެހޭ ޙަޤީޤަތެއް އެބައޮތް. އެއީ އަމްނާއާއި އަމްނާގެ މަންމައާއި ބައްޕައަކީ އެއްދުވަސްވަރެއްގައި ވެސް ތި ހަޑީގެ ތެރެއަށް އަތްބޭނި ބައެއްނޫންކަން. އަމްނާގެ މަންމަގެ ބޭބެއަކީ މިނިސްޓަރަކަށް ވިޔަސް އަހަރުމެން އެއްގޮތަކަށް ވެސް ތި ކަންތައްތަކުގެ ތެރޭގަ ނޫޅެން. އަހަރުމެންގެ ޢާއިލާއިން ކިރިޔާވެސް ތިކަމާ އުޅޭނީ އަމްނާގެ ތުއްތައާއި ތުއްތަގެ ފިރިމީހާ. އެކަމާމެދުގައާއި އެހެން ކަންތައްތަކާމެދުވެސް އެމީހުންނާ އަހަރުމެންގެ ޚިޔާލު ތަފާތުވާތީ އެމީހުން އުޅެނީ ވެސް އަހަރުމެންނާ މުޅިން ވަކިން. މިރްޒާންގެ މަންމައާއި ބައްޕަ ހަމައެކަނި ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން އަމްނާއާއި ނުއިންނާށޭ ބުންޏަސް ބޭބެއަށް ހީވަނީ ރަނގަޅުވާނީ އިނުންހެން.” ހާޝިމް ބުންޏެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ މިރްޒާނަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނައަށް ހިނިތުންވެލެވުނު ވަގުތު ޙަމީދާ ވާހަކަ ދެއްކިއެވެ.
“ތެދެއް ހާޝިމް އެބުނީ. ކައިވެނީގެ ސަބަބުން މިރްޒާންގެ މަންމައާއި ބައްޕަގެ ނަޒަރިއްޔާތު ބަދަލުވެއްޖެއްޔާ ރަނގަޅެއްނު؟ ސިޔާސީ ކަންކަމަކީ އެއްގޮތަކަށް ވެސް އަހަރުމެންގެ ގުޅުންތަކަށް އަސަރުކުރަންޖެހޭ ކަންތައްތަކެއްނޫން.” ޙަމީދާ އޭނަ ދެކޭ ގޮތް ކިޔައިދީ ނިމުނުތަނާހެން އަމްނާ ވެސް ވާހަކަ ދެއްކިއެވެ.
“އަދި އެހެން ނޫނަސް އަހަރުމެން އެކަކު އަނެކެއްދެކެ ލޯބިވާންޖެހެނީ ވަކި ކުލައެއްގެ ސަބަބުންނެއްނޫން. ލޯތްބާއި ނަފްރަތު ބިނާވާންޖެހެނީ ހަމައެކަނި ﷲ އަށްޓަކައި. އެކަމަކު ބައެއްމީހުންނަށް އެކަން ދޭހަ ނުކުރެވެނީ. މިރްޒާން…..އަހަރެން ބޭނުން މިރްޒާންގެ މަންމައާއި ބައްޕައަށް ވިސްނައިދޭ މީހަކީ އަހަންނަށްވާން. އަހަރެން އެމީހުން ކައިރިއަށް ގެންގޮސްދީ. އޭރުން……” އަމްނާގެ ވާހަކަ މެދުކެނޑުނީ މިރްޒާން ވާހަކަ ދެއްކުމުންނެވެ.
“ނޫން އަމްނާ. މިވަގުތު އަމްނާ އެގެއަށް ގެންދިޔުމަކީ އެންމެ ރަނގަޅު ގޮތަކަށްނުވާނެ. މަންމަ އޮތީ ވަރަށް ހަރުކަށިކޮށް އަންގާފަ އެކުއްޖަކު ނުގެންނަން. އަހަރެންގެ ސަބަބުން އަމްނާއަށް އެހެން މީހެއްގެ އަތުން އަނިޔާއެއް ލިބިއްޖެއްޔާ އަހަންނަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއްނުކުރެވޭނެ…….އަހަރުމެން މެރީ ކުރުމަށްފަހު ފުރަތަމަ އަހަރު އަހަރުމެން ތިބެންޖެހެނީ ލަންޑަންގަ. ކިޔެވުން ނިންމާ އެ އަހަރު ތެރޭގަ އަހަރެން މާލެއިން އެޕާޓްމެންޓެއް ގަނެވޭނެ ވަރަށް ސޭވްކުރާނީ. އެ ލިބޭ އެއްޗަކުން ތަނެއް ހޯދައިގެން އަހަރުމެން އުޅޭނީ މިކޮޅުގަ. މަންމަމެން ދެއްކި ވާހަކަތަކަށްފަހު އަހަރެން ޚިޔާލުކުރި ގޮތަކީ މިއީ.” މިރްޒާން އެހެން ބުނުމާއެކު އަމްނާ އެއްޗެކޭ ބުނަން އުޅުމުން ހާޝިމް ވާހަކަ ދެއްކިއެވެ.
“އެއީ ރަނގަޅަށް މިރްޒާން އެ ބުނީ ދަރިފުޅު. ދެކުދިން އިނދެގެން ހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ އެ މަންމަމެންނަށް ޒިޔާރާތް ކުރާނީ. އެކަމަކު މިރްޒާން ވީހާވެސް ވަރަކަށް މަންމައާއި ބައްޕައާ ގުޅުން ދެމެހެއްޓޭތޯ މަސައްކަތް ކުރާތި. މިއަދުވެސް މިރްޒާން ރަށަށް ދާންވީ. އަހަރުމެން މިކޮޅުގަ ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސާނަން. ގެއަށް ގޮސް އިސްތިޚާރާ ނަމާދުކޮށް ދެންވެސް މަންމަމެންނަށް ވިސްނައިދެވޭތޯ ބަލާ. އިން ޝާ ﷲ ހުރިހާ ކަމެއް ރަނގަޅުވާނެ.” ހާޝިމް އެހެން ބުނެ އޭނަ އިން ސޯފާއާއި ޖެހިގެން ހުރި ސޯފާގައި އިން މިރްޒާންގެ ކޮނޑުގައި އަތް އަޅާލީ މިރްޒާނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. މިރްޒާނަށް ތުން ފިއްތާލަމުން ބޯޖަހާލެވުނީ އޭނައަށް އެ ލިބުނީ ރަނގަޅު ނަޞޭޙަތެއްކަން އެނގުންވުމުންނެވެ. ކޮންމެ ގޮތެއްވިޔަސް އޭނައާއި އޭނަގެ މައިންބަފައިންނާ ދެމެދު އޮތް ގުޅުން ހީނަރުވެގެން ދިޔުމަކީ ރަނގަޅު ގޮތެއްނޫނެވެ. އެހެންކަމުން މިރްޒާން ހަމަ އެދުވަހު ރަށަށްދާން ނިންމިއެވެ.
އެރޭގެ ވަގުތެއްގައި ފުރައިގެން ގޮސް އަނެއްދުވަހުގެ ހެނދުނު ވަގުތު ގޭގެ ތެރެއަށް ވަދެގެން ދިޔައިރު އޭނައަކީ އެގެއަށް ބީރައްޓެއްސެއްހެން މިރްޒާނަށް ހީވިއެވެ. ހެނދުނު ގޭގެ މަގުމަތީގައި ކުނިކަހަން ހުރި މަންމައަށް އޭނަ ފެނުމުން މަންމަ އޭނައަށް ބަލާފައި ދުރަށް ނަޒަރު ހިންގާލުމުން މިރްޒާންގެ ހިތް މާޔޫސްވިއެވެ. ގޭގެ ތެރެއަށް ވަދެގެން ގޮސް ބައްޕަ ފެނުމުން އޭނަ ގަދަކަމުން ހިނިތުންވެލަމުން މާޝާ ކޮއްކޮ ކޮބައިތޯ އެހިއެވެ. އެހެނަސް ނޫހެއް ކިޔަން އިން ބައްޕަވެސް އޭނައަށް ޖަވާބެއް ނުދިނެވެ. މައިސޫނާއި މައިސޫންގެ އަންހެނުންވެސް ހަމަ އެފަދައެވެ. މިރްޒާންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ އޭނައަށް އެ އަހަރު ތެރޭގައި ލިބުނު ކޮއްކޮ ފުރަތަމަ ފަހަރަށް ހަމަ ލޮލަށް ފެނުނު ވަގުތެވެ. ގޭގެތެރެއިން ހިނގާފައި ދަނިކޮށް ކޮޓަރިއެއްގެ ހުޅުވިފައިވި ދޮރުގެ ދޭތެރެއިން އޭނަގެ ޅަ ކޮއްކޮ ނިދިފައި އޮތްވާ ފެނިފައި މިރްޒާންގެ ހިތް ލޯބިން ފުރިގެން އައެވެ. އޭނަ ވަގުތުން އެ ކޮއްކޮ ކައިރިއަށް ގޮސް ބޮސްދީ، ލޯބިކުރިއެވެ.
ރަށަށް ކުރި އެއްހަފްތާގެ އެ ދަތުރުގައި މިރްޒާން ހިނިތުންވާންވީ ސަބަބަކަށްވީ ހަމައެކަނި އެ ކޮއްކޮއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެން އެއްވެސް މީހަކު އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް އޭނައާއި ވާހަކައެއް ނުދެއްކި ތާނގައި ބަލާވެސް ނުލައެވެ. އޭނައަށް އެކަމާމެދު ހިތާމަ ކުރެވުނެއްކަމަކު ހަދާނެ އިތުރު ގޮތެއް ނޭނގުނެވެ. ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބިގެން ދިޔައީ އޭނަ މާލެއަށް އަނބުރާ ފުރަން އޮތް ދުވަހު ހެނދުނު ސައިބޯން އިންދާ ބައްޕަ ވާހަކަ ދެއްކުމުންނެވެ.
“މިހާރު އަނބުރާ ތި ދަނީ އޭނައާއި އިންނަންތަ؟” ލަތީފް ހިމޭންކަމާއެކީ އެހިއެވެ. މިރްޒާން ކުޑަ ސިހުމަކާއެކީ ބައްޕައަށް ބަލާލަމުން ބޯޖަހާލިއެވެ. އެވަގުތު އެތާނގައި ލަތީފާއި މިރްޒާން ފިޔަވައި އެހެން މީހެއް ނެތެވެ.
“ތި އިންނަ ކުއްޖާއަށް ހުރިހާކަމެއް ފުރިހަމަ ކޮށްދޭތި. އެއްވެސް ކަމެއް އުނިވިޔަ ނުދޭތި. އަހަރުމެންނާ ދެކޮޅަށް ތިކަން ކުރިޔަސް މިރްޒާންގެ ޒިންމާދާރުކަން ދައްކަދޭތި. ބޭބެ އުޅޭހެން އަބަދުއަބަދު އަންހެނުންގެ ޝަކުވާ ލިބޭފަދަ މީހަކަށް ނުވާތި. ހިއެއްނުވޭ މިރްޒާން އިންނަން ތިއުޅެނީ ވެސް ބޭބެ އިން ފަދަ އަމިއްލަ އެދުން ބޮޑު ކުއްޖަކާ ހެންނެއް. އެހެންވީމަ މި ޢާއިލާގެ ކުއްޖެއްގެ ގޮތުގަ ފުރިހަމަ މިސާލެއް ދައްކަދޭތި.” ލަތީފް މިރްޒާނަށް ބަލަން އިނދެ ނަޞޭޙަތްތެރިވިއެވެ. ބައްޕަގެ އެ ނަޞޭޙަތް އިވިގެން ދިޔުމުން މިރްޒާންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. އެހެންމީހަކަށް ނުވިސްނުނަސް ބައްޕައަށް ކޮންމެވެސް ވަރަކަށް ވިސްނުނުހެން ހީވި ވަގުތު އޭނައަށް އުފާވެރި ދިރިއުޅުމެއް ލިބުމަށް ދެން އެއްވެސް ހުރަހެއްނެތް ހެން މިރްޒާނަށް ހީވިއެވެ. ބައްޕަ އެތަނުން ތެދުވެގެން ދާން ފެށުމުން މިރްޒާން ބައްޕައަށް ގޮވާލިއެވެ. އަދި ބައްޕަ މަޑުކޮށްލުމުން ތެދުވެގެން ގޮސް ބައްޕަގެ ގައިގައި ބައްދާލިއެވެ. މިރްޒާނަށް ނޭނގުނު ކަމަކީ އެވަގުތު އޭނައަށް ޙަސަދަވެރި ލޮލެއް އަމާޒުވެފައިވިކަމެވެ.
ނުނިމޭ