Hadhiya (Part 2)
“މުޙްސިން.” ކަރުނައެއް އޭނަގެ ލޮލުން ފައިބައިގެން އައި ވަގުތު ވައި އަޑުން އޭނަގެ އަނގައިން ނިކުތް ނަމަކީ އެއީއެވެ. އޭގެ ދެވަނަ ސިކުންތުގައި މިރްޒާން އެ ޓީޝާޓް މެއާއި ލައި ބޮނޑި ކޮށްލުމާއެކު އޭނަގެ ގިސްލުމުގެ އަޑު އެކޮޓަރީގައި ހަރުލިއެވެ.
**
ޑިޕާރޗާރގެ ގޮނޑިއެއްގައި ފޯނާއި ކުޅެން އިން މާޝާގެ މޫނުމަތިން އަދިވެސް ފެންނަމުން ދިޔައީ ބަނަކަމެވެ. ދޮންބެ ދެއްކި ވާހަކައިން އަދިވެސް އޭނަގެ މޫޑު ޚަރާބުވެފައިވިއެވެ. އޭގެ ސަބަބުން ފޯނުން އޭނައަށް މެސެޖު ކުރަމުން ދިޔަ ލޯބިވެރިޔާއަށް ވެސް އޭނައަށް ޖަވާބު ދެވެމުން ދިޔައީ ނުރުހުންތެރިކަމާއި އެކީގައެވެ. ލިއާމް ލޯބި ރުޅީތޯ އަހައި ސުވާލުކުރަން ފެށުމުން ވީ ފޫއްސާއެކީ މާޝާއަށް ފޯނު ލޮކްކޮށްލެވުނެވެ. އެވަގުތު އޭނަ އެއްވެސް މީހަކާއި ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. މިއީ އަބަދުވެސް ދޮންބެ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން އޭނައަށް ވާގޮތެވެ. ދޮންބެ އެފަދަ ‘ވަޢުޟެއް’ ދިނުމުން އޭނަގެ މޫޑު ރަނގަޅުވާން ފުދޭވަރެއްގެ ވަގުތެއް ނަގާނެއެވެ. ދޮންބެގެ ބަދަލުގައި އޭނަ ބޮޑުވެގެން އައިއިރު އޭނަގެ ބޭބެ މައިސޫން މިކޮޅުގައި ހުރިނަމަ ކިހާ ރަނގަޅުވީހޭ މާޝާގެ ހިތަށް ބައެއްފަހަރު އަރައެވެ. މާޝާ ހަނދާން ހުންނަން ފެށީއްސުރެވެސް އޭނަގެ އެންމެ ދޮށީ ބޭބެ ކަމަށްވާ މައިސޫން އުޅެނީ ބޭބެގެ ޢާއިލާއާއެކީ މެލޭޝިޔާގައެވެ. ބޭބެ އެހާ ގިނައިން ރާއްޖެއަށް ނާންނާތީވެއާއި ބޭބެ ޢާއްމު ގޮތެއްގައި ގުޅާވެސް ނަހަދާތީ މާޝާއަށް ބޭބެއާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭނގެއެވެ. އެހެނަސް އެ ބޭބެ ފެނިފައި ހުރި މަދުދުވަސްތަކުގައި އެނގޭކަމަކީ ދޮންބެއަށްވުރެ ބޭބެ ‘ކޫލް’ ކަމެވެ. ދޮންބެ ހަދާހެން ބޭބެ އޭނަގެ ދިރިއުޅުމުގެ ކަންތަކާ ބެހި ނަހަދާނެއެވެ. އޭނަ ދެންމެ ލިއާމްގެ ވާހަކަ ޙިއްޞާކުރީ ބޭބެއާއި ކަމަށްވިނަމަ ބޭބެ، ދޮންބެ ފަދައިން އެއްޗެހި ނުކިޔުނީސްކަން މާޝާއަށް ޔަޤީން ކުރެވުނެވެ. އޭގެ ބަދަލުގައި އެކަމަށްޓަކައި އޭނައަށް ބޭބެ ތަޢުރީފުކުރީހޭ މާޝާގެ ހިތަށްއެރިއެވެ.
ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން މާޝާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އަނެއްކާވެސް އޭނަގެ މާޔޫސްކަމަށް ޙައްލެއް ގެނެވޭތޯ އޭނަ އިއާރފޯން ނަގަން އުޅުނު ވަގުތު މާލެއިން މުލަކަށް ފުރަން އޮތް ފްލައިޓުން ދަތުރު ކުރާ ފަސިންޖަރުން ކުރިއަށް އައުމަށް އެންގުނެވެ. އެއާއެކު އެތާތިބި އެހެން ފަސިންޖަރުންނާއެކީ މާޝާވެސް އޭނަގެ އަތުގައި އޮތް ބޯޑިންގް ޕާސްއާއެކީ ކިއުގެ ތެރެއަށް ވަނެވެ. މާޝާ ބޯޑިންގް ޕާސް ދެއްކުމަށްފަހު ޑިޕާރޗާރއިން ނިކުތުމުން އޭނަގެ ފަހަތުން އެހެން އެތައް ބަޔަކު އެމީހުންގެ ބޯޑިންގް ޕާސް ދެއްކުމަށްފަހު ކުރިއަށް ދަމުން ދިޔައެވެ. އެ ކިއުގައި ހުރި އެންމެ ފަހު މީހާ ޑިޕާރޗާރއިން ނިކުތް ވަގުތަކީ ޒުވާނަކު ދުވެފައި އައިސް ޑިޕާރޗާރގެ ތެރެއަށް ވަން ވަގުތެވެ. އޭނަގެ އެއްކޮނޑުގައި އެޅުވިފައި އޮތް އޭނަގެ ބެކްޕެކްގެ އަޅުވާތަނުގައި އެއްއަތުން ހިފަހައްޓައިގެން ހުރެ ވަކި ހިސާބަކުން ދެފައި ޖައްސައި ފަރިތަކަމާއެކީ އޮމާން ޓައިލްސްމަތިން ކައްސަމުން ގޮސް ކައުންޓަރާއި ހަމަކުރިއެވެ. އެއަށްފަހު ބޯޑިން ޕާސް ދެއްކުމަށްފަހު ދެންވެސް ދިގު ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަތެވެ.
**
ފްލައިޓަށް އަރައި އޭނަގެ ސީޓް ނަންބަރު ބެލުމަށްފަހު މާޝާ ގޮސް އިށީނީ ކުޑަދޮރާއި ކައިރިއަށްވާ ގޮތަށްހުރި ސީޓެއްގައެވެ. އިށީނދެ ހަމަޖެހިލަމުން ކުޑަދޮރުން ބޭރު ބަލާލި ވަގުތު ފްލައިޓްގެ ފިޔަގަނޑު ފަނޑު އައްޔެއްގެ ތެރެއިން އޭނައަށް ފެންނަމުން ދިޔައެވެ. އެކި ޚިޔާލުތަކުގައި މާޝާ އެހެން އިންދާ ފްލައިޓް ލަސްލަހުން ފުރެމުން ދިޔައެވެ. ފްލައިޓަށް ގިނައިން އަރަމުން ދިޔައީ ފުވައްމުލަކަށް ދާ މަގުމަތީގައި ފްލައިޓް ޖައްސަން ހަމަޖެހިފައިވި ރަށަކަށް ފައިބަން ދަތުރު ކުރަމުން ދިޔަ ފަތުރުވެރިންނެވެ. ކުޑަދޮރުން ބޭރު ބަލަން އިނދެ މާޝާއަށް ކުރިއަށް ބަލާލެވުނީ ވެސް ބޭރު ޤައުމެއްގެ ދެ އަންހެނުން އިނގިރޭސި ބަހުން ވާހަކަ ދެއްކި އަޑަށެވެ. ހަމަ އެވަގުތު އޭނަގެ ފަހަތުގައި ހުރި ސީޓުގައި އިށީނީ ވެސް ބޭރުގެ އަންހެނަކާއި ފިރިހެނެއްކަން މާޝާއަށް އެނގުނެވެ. ދެންވެސް އޭނަގެ ކައިރީގައި ހުރި ސީޓު ހުހަށްހުރިތަން ފެނިފައި އެތަން އެގޮތަށް ހުރުމަށް އޭނައަށް އެދެވުނެވެ. މާލެއަށް އައި ދަތުރު މަތީގައި ވެސް އޭނަގެ ކައިރީގައި އައިސް އިށީން ދައްތައަކު ހުއްޓުމެއްނެތި އޭނައާއި ވާހަކަ ދެއްކި ގޮތުން ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ.
މާޝާގެ ކައިރީގައި ހުރި ސީޓް ފިޔަވައި އެހެން ހުރިހާ ސީޓެއްފުރި، ސިކުންތުކޮޅެއްވުމުން އޭނަގެ އެދުން ފުރިހަމަވާނެކަމަށް މާޝާ ހީކުރިއެވެ. އޭނަ ފުންނޭވައެއް ދޫކޮށްލަމުން އަނެއްކާވެސް ކުޑަދޮރުން ބޭރު ބަލަން އުޅުނު ވަގުތު މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށިއެވެ. އަޑު އައި ދިމާލަށް މާޝާ ބަލާލި ވަގުތަކީ އެ ފިޔަވަޅުތަކުގެ ވެރިޔާ ބޯޑިންގް ޕާސްއަށް ބަލަހައްޓައިގެން ހުރެ އޭނަ އިން ސީޓުގެ ކައިރިއަށް އައިސް މަޑުކޮށްލި ވަގުތެވެ. އެ ޒުވާނާ ބޯޑިންގް ޕާސްއަށް ބަލަން ހުރެ އިސްއުފުލައި ކުރިމަތިން ފެންނަމުން ދިޔަ ސީޓް ނަންބަރަށް ބަލާލިތަނާހެން އޭނަގެ ނަޒަރު މާޝާއަށް އަމާޒުވިއެވެ. އެއާއެކު މާޝާގެ ކަރުގައި އޭނަގެ ނޭވާ ތާށިވިއެވެ. މީގެ ފަހުން ދުވަހެއްގައި ވެސް އޭނައަށް އެހާ ރީތިވި ޒުވާނަކު އޭނަ ދެކެފައެއް ނުވެއެވެ. ހަތަރެސްކަން ބައްޓަމަކަށްވި އަލި މޫނެއް ލިބިފައިވި އެ ޒުވާނާގެ ކަޅުކުލަގަދަ ފަން އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށައި އެއްފަރާތަކަށް ކަހާލެވިފައެވެ. ކަޅުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރިއިރު ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލެވިފައިވިއެވެ. ގަމީސް އޭނަގެ ހަށިގަނޑަށް ހިފިފައިވި ގޮތުން މާޝާއަށް ވަގުތުން އެ ހަށިގަނޑު ހުންނާނެ ގޮތް ޚިޔާލަށް ގެނެވުނެވެ. ގަދަ ބުމައިގެ ދަށުގައިވި ލޮލުގައިވީ މުށިކުލައެއްކަން ޔަޤީންވީ ވަގުތު މާޝާއަށް އެ ލޮލުން ނަޒަރު ވަކިކޮށްލާކަށް ނޭނގުނެވެ. އެހެންނޫނަސް މާޝާއަކީ އޭނަ ބަލަން ބޭނުންވާ މީހަކަށް ނުބަލައި ހުންނާނެ މީހެއްނޫނެވެ. އޭނައަށް އެވަގުތު އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވުނީ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެވަގުތު އޭނަގެ ލޯބިވެރިޔެއް ހުރިކަމާއި އެ ލޯބިވެރިޔާއަށް ވަޢުދުވެފައިވި ވަފާތެރިކަމުގެ މަތިން ވެސް އޭނަ ހަނދާން ނެތިފައިވި ފަދައެވެ.
މާޝާ އުއްމީދު ކޮށްގެން ހުރީ އެހެން ފިރިހެން ކުދިންނެކޭ އެއްފަދައިން އޭނަ ހިނިތުންވެލުމުން އެ ޒުވާނާ ވެސް ހިނިތުންވާށެވެ. އެއަށްފަހު އެޒުވާނާ އޭނަގެ ކައިރީގައި އިށީނދެ އެދެމީހުންގެ ދެމެދުގައި ގުޅުން ބަދަހިވެގެން ދާނެ ގޮތް މާޝާއަށް ޚިޔާލުކުރެވެމުން ދިޔައީ، ވާނީވެސް އެހެންކަން ހިތާހިތުން ޔަޤީންކުރަމުންނެވެ. މިހާތަނަށް އައިއިރު އޭނައަށް އަބަދުވެސް އޭނަ ބޭނުންވާ ކޮންމެ ކަމެއްހެން ލިބިފައިވެއެވެ. އަދި އަމުދުން އޭނަ ބޭނުންވާ ފިރިހެން ކުއްޖެއްގެ ސަމާލުކަން އޭނައަށް ނުލިބުމަކީ ނާދިރު ކަމެކެވެ. މި ހުރިހާ ކަމަކާ ހެދި މާޝާ އިހުނަށްވުރެ ފުން ހިނިތުންވުމެއް އެ ޒުވާނާއަށް ދައްކާލަމުން ޖެހިލުމެއްނެތި އޭނައަށް ބަލަން އިނެވެ. މާޝާ އޭނަގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރުގެ ސަބަބުން ކަންނޭނގެއެވެ. އޭނައަށް ފާހަގަނުވީ ތަންކޮޅަކީ އޭނަ ފެނުނީއްސުރެ އެ ޒުވާނާގެ ދެބުމަ ކައިރިވެފައިވިކަމެވެ. ހިސާބަކަށް ނުރުހުންވެފައިވި ފަދައަކުންނެވެ. މާޝާއަށް އެކަން ކިރިޔާވެސް ފާހަގަވާން ފެށީ ޒުވާނާ އަނެއްކާވެސް ބޯޑިންގް ޕާސްއަށް ބަލާފައި މާޝާގެ ކައިރީގައި ހުރި ސީޓް ނަންބަރަށް ބަލާލި ގޮތުންނެވެ. އެއަށްފަހު އެޒުވާނާ އެ ސީޓުގެ ކުރީގައި ހުރި ފަތުރުވެރިޔާއަށް ބަލައި ދެއްކި ވާހަކައިން މާޝާގެ ހިނިތުންވުން ފިލައި ދިޔައެވެ.
“އެކްސްކިއުޒް މީ…..ވުޑް ޔޫ މައިންޑް ޗޭންޖިންގް ދަ ސީޓް؟” ޒުވާނާ އޭނަގެ ފިރިހެންވަންތަ އަޑުން އެ ސުވާލުކޮށްލީ ހަމަ އިނގިރޭސިއަކު ވާހަކަ ދައްކާނެ ފަދައިންނެވެ. އެ ވާހަކަ ދެއްކި ގޮތުން ވެސް މާޝާގެ ހިތް ތެޅިލިއެއްކަމަކު ޒުވާނާ ބުނެލި ވާހަކަ ދޭހަ ކުރެވުމުން އެ ހިތް ގެނބެން ފެށިއެވެ. އެ ޒުވާނާ ހަމަ އޭނަ ކައިރީގައި ހުންނަން ބޭނުން ނުވަނީ ހެއްޔެވެ؟ ޒުވާނާ ފުރަތަމަ އެދުނު ފަތުރުވެރިޔާ އެކަމަށް އިންކާރު ކުރުމުން ފަހަތުގައި ހުރި ފަތުރުވެރިޔާ ގާތުން ވެސް ހަމަ އެ އެއްއެދުން އެދުނު ގޮތުން މާޝާއަށް އޭނަގެ ސުވާލުގެ ޖަވާބު ލިބުނެވެ. ހަމަ އެއާއެކު މާޝާއަށް ކުރިމައްޗަށް ނަޒަރު ހުއްޓާލެވުނީ ކުއްލިއަކަށް ގަތް ލަދެއްގެ ސަބަބުންނެވެ. އޭނަގެ ހިނިތުންވުމުގެ މާނަ އެ ޒުވާނާ މާ ނުބައިކޮށް ނެގީ ހެއްޔެވެ؟ އެހެންނޫނީ އެ ޒުވާނާއަށް އޭނަ ހުތުރުވީ ހެއްޔެވެ؟ ހަމަ އެއާއެކު އަތްދަބަސް ތެރެއިން ލޯގަނޑު ނަގައި މޫނު ބަލާލަން މާޝާ ބޭނުންވިއެވެ. އެހެނަސް ކައިރީގައި އެ ޒުވާނާ ހުއްޓާ އެއްވެސް ޙަރަކާތެއް ކުރަން މާޝާ އެވަގުތު ނުކުޅެދުނެވެ. ކީއްވެކަމެއް ޚުދު އޭނައަށް ވެސް ނޭނގުނެވެ. މިއީ ފިރިހެން ކުއްޖެއްގެ ކުރިމަތީގައި އޭނަ މިހާ ޖެހިލުންވި ފުރަތަމަ ފަހަރެވެ.
ޒުވާނާ ދެތިން ފަތުރުވެރިން ކައިރިން އެދުމުން ވެސް އިންކާރު ކުރި ވަގުތަކީ ކެބިން ކްރޫއަކު އައިސް އޭނަ ގާތު މާޝާ ކައިރީގައި ހުރި ސީޓަށް ޢިޝާރާތްކޮށް އިށީންނަން އެންގި ވަގުތެވެ. ޒުވާނާ ދެންވެސް ފްލައިޓްގެ ދެފަރާތަށް ބަލައި ފުން ނޭވައެއް ދޫކޮށްލަމުން މާޝާގެ ކައިރީގައި އިށީނީ އޭނަގެ ބެކްޕެކް ކޮނޑުން ނަގައި ތިރީގައި ބަހައްޓަމުންނެވެ. އެވަގުތު މާޝާގެ އުނގުމަތީގައި ބޭއްވިފައި އޮތް ދެއަތް އާދަޔާ ޚިލާފަށް ފިނިވެ ހިތުގައި ދުވަހަކުވެސް ނުވާފަދަ ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. ހިރިލަން ވެސް ނުކެރިފައި އޭނައަށް އިނދެވެން ފެށި ގޮތުން މާޝާއަށް އަމިއްލަ ނަފްސާއި ދިމާލަށް އެއްޗެހި ގޮވުނެވެ. އޭނައަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ދާދި ދެންމެއަކު އޭނަ ހުރީ އޭނަ ކައިރީގައި މިހިރަ ޒުވާނާއަށް ހިނިތުންވުމެއް ދައްކައިގެންނެވެ. އޭނަ ކުއްލިއަކަށް ޖެހިލުންވާންވީ ކީއްވެ ހެއްޔެވެ؟ ހަމައެކަނި އެ ޒުވާނާ އޭނަ ކައިރީގައި ހުންނަން ބޭނުންނުވާ ކަމުގެ އިޙްޞާޞުން ހެއްޔެވެ؟ އެއީ އެ ޒުވާނާ ޖެއްސި ‘އެކްޓަކަށް’ ވެސް ވެދާނެ ނޫންހެއްޔެވެ؟ ފިރިހެން ކުދިން އެފަދަ އުކުޅުތައް ގެންގުޅެނީ މަދު ފަހަރަކުއެއް ނޫނެވެ.
ހިތަށް ވެރިވެގަތް އެ ޚިޔާލުތަކާއެކީ މާޝާ އަނެއްކާވެސް ލަސްލަހުން ފުން ނޭވައެއް އެތެރެއަށް ލީ ހިތްވަރު ކުރަން އުޅޭ ފަދައަކުންނެވެ. އެ ހިނދު ކެބިން ކްރޫ ދަތުރު މަތީގައި ކަންތައް ކުރަންވާ ގޮތް ކިޔައިދޭން ފެށިއެވެ. މާޝާ ހިނިތުންވުމެއް ވެރިކުރުވަމުން އެއާއި ގުޅުވައިގެން ވާހަކައެއް ދައްކަން ޚިޔާލުކުރިއެވެ. އެހެނަސް އެ ވާހަކަ ކަމުނުދާނެއޭ ހިތް ބުނި ތަނާހެން އެ ޒުވާނާއާއި ކުރެވިދާނެ އެތައް ސުވާލެއް މަސްހުނިވެގެން އޭނަގެ ނުތަނަވަސްވެފައިވި ސިކުނޑިއަށް ވެރިވިއެވެ. އެއްޗެކޭ ނުބުނެވި ގިނައިރު ވާން ފެށުމުން މާޝާ އަމިއްލަ ނަފްސަށް ނުރުހުންވާ ގޮތްވިއެވެ. އެހެންކަމުން ހިތްވަރު ކޮށްފައި ކޮންމެވެސް އެއްޗެކޭ ކިޔަން މާޝާ ނިންމިއެވެ.
“ކޮން ނަމެއް ކިޔަނީ؟” މާޝާއަށް އެހެން އަހާލެވުނީ އޭނަ ޤަޞްދުކުރިވަރަށްވުރެ އަވަސްކޮށެވެ. އޭނަ އެހެން ބުނުމާއެކު ޒުވާނާ ކުއްލި ގޮތަކަށް އޭނައަށް ބަލާލި ގޮތުން މާޝާ ކުޑަކޮށް ސިހޭގޮތްވިއެވެ. ނުހަނު ކައިރިން ފެންނަމުން ދިޔަ ޒުވާނާގެ މޫނުމަތިން ދެންވެސް ސީރިއަސްކަން ފެންނަމުން ދިޔަގޮތުން މާޝާ އެ ހުރިތަނަށް ވަޅުލެވެން ބޭނުންވިއެވެ. ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން އޭނަގެ ޚިޔާލުތައް އެވަގުތު ހުންނާނެ ގޮތް މާޝާއަށް އަމިއްލަ އަމިއްލައަށް ނިންމުންނެވެ. ތިމަންނަގެ ނަން އަހަން މީ އަދި ކާކުތޯ އެ ޒުވާނާގެ ހިތަށްއަރާނެއޭ މާޝާގެ ހިތް ބުންޏެވެ. އެއީ ދޮގެއްވެސް ނޫނެވެ. ފްލައިޓެއްގައި ކައިރީގަ އިށީންނަންޖެހޭ ކޮންމެ ދެމީހަކަށް އެކަކު އަނެކެއްގެ ނަން އެނގޭކަށް ނުޖެހެއެވެ. އެހެންނޫނަސް އެއީ ނޭނގޭ މީހަކާއި ކުއްލިއަކަށް ކޮށްލުން ރަނގަޅު ސުވާލެއްވެސް ނޫނެއްނޫން ހެއްޔެވެ؟ އެ ޒުވާނާ މިހާރު އޭނައާއިމެދު ދެކޭނީ ކޮން ގޮތަކަށް ހެއްޔެވެ؟
މާޝާ އިތުރު ޙަރަކާތެއް ކުރަން ނޭނގިފައި އިންދާ އެ ޒުވާނާ އޭނައާއި ނަޒަރު ވަކި ކުރިއެވެ. އަދި އޭނަގެ ބޯޑިންގް ޕާސް އޭނަގެ ދަބަހުގެ އަރިމަތީގައި ހުރި ޖީބަށް ޖަހާލަމުން އަތުގައި އޮތް އޭނަގެ ފޯނު ނަގައި އެއާރޕްލޭން މޯޑަށް ލާން ފެށިއެވެ. ފްލައިޓް ރަންވޭ މަތިން ދުއްވަން ފެށި ވަގުތު މާޝާވެސް އެޒުވާނާއަށް އެއްވެސް ފަރުވާލެއް ނުބަހައްޓާކަން ދެއްކުމަށްޓަކައި ފުން ނޭވައެއް އެތެރެއަށް ލަމުން އޭނަގެ ފޯނާއި ކުޅެން ފެށިއެވެ. ޢާއްމު ގޮތެއްގައި މާޝާ ދަތުރު ކުރާއިރު މި ވަގުތަކީ އޭނަ އަނެއްކޮޅުން ނަގަން ތިބޭނެ ބަޔަކަށް މެސެޖުކޮށް އޭނަ ނައްޓަން އުޅޭ ވާހަކަ އަންގާ ވަގުތެވެ. އެހެނަސް އެ ވަގުތު އޭނަ އެކަން ކުރަން ވެސް ހަނދާން ނެތުނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް އޭނައަށް ލޮލުގެ ކޮޅުން ކައިރީގައި ހުރި ޒުވާނާއަށް ބެލެމުން ދިޔައެވެ. ބަދަލުގައި އެ ޒުވާނާ އޭނައަށް ކުޑަކޮށްވެސް ނުބަލާކަން އެނގުންވާ ކޮންމެ ފަހަރަކު ލަދުވެތިކަމެއް އޭނައަށް އިޙްސާސް ކުރެވެމުން ދިޔައެވެ. ކީއްވެ ހެއްޔެވެ؟ މާޝާއަށް އެ ސުވާލުގެ ޖަވާބު ހޯދަން ދަތިވިއެވެ.
މާޝާގެ މުޅި އެ ދަތުރު ހޭދަވީ އެފަދަ ގޮތެއްގައެވެ. އެ ޒުވާނާ އޭނައަށް ކުޑަވެސް ސަމާލުކަމެއް ނުދިނަސް މާޝާއަށް ސަމާލުކަން ނުދީ ހުންނަން އުނދަގޫވަމުން ދިޔައެވެ. އެ ޒުވާނާއަކީ ކިބުރުވެރި މީހެއްކަމަށް އަމިއްލަ ނަފްސުގާތު ބުނެ އޭނައާއި ބެހޭގޮތުން ނުބައިކޮށް ވިސްނަން މާޝާ މަސައްކަތް ކުރީ އަމިއްލަ ހިތަށް ހިތްހަމަޖެހުމެއް ހޯދައިދެވޭތޯއެވެ. އެކަން ކާމިޔާބު ވެސްވިއެވެ. ފްލައިޓް ފުރަތަމަ ޖައްސަން އޮތް ރަށަށް ޖެއްސުމުން ފްލައިޓުން މީހުން މަދުވާން ފެށިތަނާހެން އެ ޒުވާނާ މާ ދުރުގައި ހުރި ސީޓަކަށް ބަދަލުވުމުން މާޝާއަށް މާ ބޮޑު އަސަރެއް ނުކުރިއެވެ. އެ ޒުވާނާ އޭނައާއި ވާހަކަ ނުދެއްކުމަކީ އެ ޒުވާނާގެ ބަދުނަސީބުކަމަށް މާޝާ އަމިއްލަ ނަފްސުގާތު ބުނެލައިފިއެވެ. މިއަށްފަހު އޭނައަށް އެ ޒުވާނާ ނުވެސް ފެންނާނެ ކަމަށް މާޝާއަށް ނިންމުނެވެ. އޭނައާއި އެ ޒުވާނާއާއި ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެކަމަށް އޭނަ ހީކުރިއެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ ތަޤުދީރުގައިވަނީ މުޅިންވެސް އެހެން ގޮތަކަށް ކަމެވެ.
ފަތިހު 3:30 ވާން ގާތްވެފައިވަނިކޮށް ފްލައިޓް ޖެއްސުމާއެކު މާޝާ އާދައިގެ މަތިން ފްލައިޓުން ފައިބަން އަވަސްވެގަތެވެ. ފްލައިޓް ފުރަތަމަ ޖެއްސި މަންޒިލަށްފަހު މުޅި ދަތުރު މަތީގައި އޭނަގެ ކަންފަތުގައި ރާގެއް ގުގުމަމުން ދިޔުމުގެ ސަބަބުން އޭނަ ފްލައިޓުން ފެނުނު ޒުވާނާގެ މަތިން ހަނދާންނެތިފައިވިއެވެ. އެހެނަސް ފޯނާއި ކުޅެމުން އެއާރޕޯޓަށް ވަދެގެން ގޮސް ލަގެޖް އަންނަ ބެލްޓާއި ހަމައަށް ގޮސްފައި އޭނައާއި ދިމާ ކުރިމަތިން އެ ޒުވާނާ ފެނުނު ގޮތުން މާޝާ ހުއްޓުން އަރާ ގޮތްވިއެވެ. އޭނަ ބަލާލި ވަގުތަކީ އެ ޒުވާނާގެ މުށިކުލައިގެ ލޯވެސް އޭނައަށް އަމާޒުވި ވަގުތެވެ. ސިކުންތެއްގެ ތެރޭގައި ދެމީހުންގެ ނަޒަރުތައް ވަކިވެގެން ދިޔައެއްކަމަކު ނޭނގޭ ސަބަބަކާހުރެ އެއީ އެއަށްވުރެ ދިގު ވަގުތެއްހެން މާޝާއަށް ހީވިއެވެ. އެހެނަސް އޭނަ އޭނަގެ ފޯނަށް މެސެޖު ކުރަމުން ދިޔަ ލިއާމާއި މެދު ވިސްނަމުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ ބެލިއެވެ.
ކޮންމެއަކަސް ބެލްޓުމަތިން ލަގެޖް އަންނަން ފެށިތާ މާގިނައިރެއްނުވެ ފޯނެއް ރިންގުވާ އަޑަށް މާޝާއާއެކީ އެންމެންގެ ނަޒަރު އެ ޒުވާނާއަށް އަމާޒުވިއެވެ. ޒުވާނާ އޭނަގެ ފޯނު ނަގައި ކަންފަތުގައި ޖައްސާލި ވަގުތު ގިނަ މީހުން އެހެން ދިމަދިމާލަށް ބަލަން ފެށިއެއްކަމަކު މާޝާގެ ލޯ އަމާޒުވެފައިވީ އެ ޒުވާނާއަށެވެ.
“އާދެ ކާފާ މިހާރު މިހިރީ އެއާރޕޯޓުގަ.” ޒުވާނާ އާދައިގެ ރާގަކަށް ފޯނުން ވާހަކަ ދައްކާލަމުން ބުނެލި އަޑު މާޝާއަށް އިވުނެވެ. އެއާއެކު އޭނަގެ ނިތަށް ރޫގިނަވިއެވެ. އެ ޒުވާނާއާއި ބެހޭ ގޮތުން ހިތަށް ވެރިވި އެތައް ސުވާލެއްގެ ސަބަބުންނެވެ. އޭނައަށް އެ ސުވާލުތަކާމެދު ނުވިސްނެނީސް ޒުވާނާ އިތުރަށް ވާހަކަ ދެއްކި އަޑު އިވުނެވެ.
“އާނ އެބަހުރި……މިތާ ތިބި މީހުންނަށްވެސް ބަހާލަންވީދޯ؟ އާނ….އޯކޭ.” ފޯނުން ވާހަކަ ދައްކަމުން އެންމެ ފަހު ބަސްބުނެ އެ ޒުވާނާ ކަންފަތުން ފޯނު ނަގާލަމުން ޙަރަކާތްތައް އަވަސްކޮށްލިއެވެ. އޭނަ ކޮނޑުގައި އޮތް ދަބަސް ނަގައި އެ ދަބަސް ހުޅުވާލަމުން އޭނަ ނެގީ ހުދުކުލައިގެ ކުޑަކުޑަ ޕާރުސަލެކެވެ. އެ ޕާރުސަލުގެ ވަށައިގެން އެޅުވިފައިވީ ރަތްކުލައިގެ ރިބަނެކެވެ. އެ ޕާރުސަލް ފެނިފައި މާޝާގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނެވެ. އެއީ ކޯޗެއްތޯ ހިތަށްއެރިއެވެ. އަދި އަމުދުން އޭގައި ހުރި ކުލައިން އޭނަ ޙައިރާންވާ ގޮތްވިއެވެ. އެހެނީ އޭނަގެ ދޮންބެގެ ގެއްލިފައިވާ ދަރިފުޅު ހޯދަން ކަމަށްބުނެ ދޮންބެ ވެސް ފޮނުވާ ޕާރުސަލްތަކުގައި ހުންނަނީ އެ ދެ ކުލައެވެ. އެ ޒުވާނާ ދޮންބެގެ ދަރިފުޅަށް ވެދާނެއޭ ހިނދުކޮޅަކަށް ނަމަވެސް ހިތަށްއެރިއެވެ. އެހެނަސް ދޮންބެގެ ދަރިފުޅަށްވިނަމަ އެހާ ބޮޑުނުވީހޭ ހިތް ބުންޏެވެ. އެ ޒުވާނާ ވައްތަރީ އޭނައަށްވުރެ ވެސް ދޮށީ ވައްތަރެވެ. މީގެ އިތުރުން އެ ޒުވާނާގެ އަތުން ފެނުނީ ދޮންބެ ފޮނުވާ ޕާރުސަލްތަކަށްވުރެ މާ ކުޑަ ޕާރުސަލެކެވެ. އެ ޒުވާނާގެ ދަބަހުގައި ހަމަ އެކުލައިގެ ކުދިކުދި އެތައް ޕާރުސަލެއްވިއެވެ. އޭނަ އުޖާލާވި ހިނިތުންވުންތަކާއެކީ އެތާތިބި އެންމެންނަށް އެ ޕާރުސަލްތައް ބަހަމުން ދިޔައެވެ. އަދި އައިސްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. މީހުން ކޮންތަނަކަށްތޯ އެހުމުން ބަލާލީމަ އެނގޭނެއޭ ބުނަމުން ދިޔައެވެ. މާޝާގެ ސުވާލުމާކުތަކުގެ ސިލްސިލާއަށް ބޮޅެއް އިތުރުވުމުން އޭނައަށް އޭނަގެ ލަގެޖް މަތިން ވެސް ހަނދާން ނައްތާލާފައި އެ ޒުވާނާއަށް ބަލަން ހުރެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ ޒުވާނާ އެތާ ތިބި އެންމެންނަށް ޕާރުސަލް ބެހުމަށްފަހު އޭނައާއި ދިމާލަށް އަންނަން ފެށިކަން އެނގުންވުމުން މާޝާގެ ހަތަރެސްފައި ފިނިވެ ހިތުގެ ތެޅުން އަވަސްވިއެވެ. ޒުވާނާ އައިސް އޭނަގެ ކުރިމައްޗަށް ހުއްޓިލީ ވަގުތަކީ މާޝާ އޭނަގެ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔަ ވަގުތެވެ. މާޝާ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް އެ ޒުވާނާ އޭނަގެ ދަބަސްތެރެއިން އެހެން ޕާރުސަލެއް ނަގައި ލުއި ހިނިތުންވުމަކާއެކީ މާޝާއަށް ދިއްކޮށްލިއެވެ.
“އައިސްދިނުމަކީ ވަރަށް ބޮޑު އެދުމެއް.” ޒުވާނާ ބުނެލިއެވެ. މާޝާ ޒުވާނާއާއި ދިމާލަށް ބަލަން ހުރެފައި އެ ޕާރުސަލަށް ބަލާލިއެވެ. އެއަށްފަހު އަނެއްކާވެސް އިތުރު ޙަރަކާތެއްނުކޮށް އެ ޒުވާނާއަށް ބަލާލިއެވެ. ޒުވާނާ އޭތި ބަލައިގަންނާށޭ ބުނާ ފަދައަކުން ބޯޖަހާލުމުން މާޝާއަށް އެއްޗެކޭ ބުނަން ހިތްވަރެއް ލިބުނެވެ.
“ވަރަށް ވެޑިންގްތަކަށް ގޮސް ނަހަދަން.” މާޝާ އެ ޒުވާނާއަށް ބަލަހައްޓައިގެން ހުރެ އޭނައަށް ހީވި ގޮތެއްގެ މައްޗަށް އެއްޗެކޭ ބުނެލިއެވެ. އެއާއެކު މާޝާއަށް ސިހުމެއް ލިބިގެން ދިޔައީ އެ ޒުވާނާގެ ހުނުމުގެ އަޑަށެވެ. މާޝާ ބަލާލި ވަގުތު އެ ޒުވާނާގެ ފުރިހަމަ ހިނިތުންވުން ފެނިފައި އޭނަގެ ދެފައިން ވާގި ދޫވާން އުޅުނުހެން މާޝާއަށް ހީވިއެވެ. އެކަން ރޭކަނުލި ޒުވާނާ އެ ހިނިތުންވުމުގައި ހުރެ ވާހަކަ ދެއްކިއެވެ.
“މިއީ ކައިވެނީގެ ދަޢުވަތެއްނޫނޭ. ބަލާލީމަ އެނގޭނެ ކޯޗެއްކަން.” ޒުވާނާ އެހެން ބުނެލަމުން އެ ޕާރުސަލް އިތުރަށް ދިއްކޮށްލިއެވެ. މާޝާ އޭނަގެ އަތް ދެއްކުމުން ޒުވާނާ އޭތި އެއަތް މަތީގައި ބެހެއްޓިއެވެ. އެހިނދު މާޝާއަށް ލޮލުގެ ކޮޅުން ބެލްޓުގެ މަތިން އޭނަގެ ދަބަސް ފެނިފައި ތެޅިގަނެވުނެވެ. ޒުވާނާއަށް އެ މަންޒަރު ފެނިފައި މާޝާ ބަލަން ހުރި ދިމާލަށް ބަލާލިއެވެ. ދަބަސް ފެނުމާއެކު ޒުވާނާ ކުޑަކޮށް ދުވެލަމުން ފަރިތަކަމާއެކީ ދަބަސް ނަގައި ބިންމަތީގައި ބެހެއްޓިއެވެ. މާޝާ އެކަމަށްޓަކައި ޝުކުރު އަދާ ކުރަން އުޅުނު ވަގުތު ޒުވާނާއަށް ބެލްޓުގެ ދުރު ހިސާބަކުން އޭނަގެ ދަބަސް ފެނުނެވެ. މާޝާ އެ ދިމާލަށް ބަލާލި ވަގުތަކީ ބެލްޓުގެ މަތީގައި އެންމެ ފަހަކަށް އޮތް އެ ދަބަސް އެތެރެއަށް ވަންނަން ކުޑަ ސިކުންތުކޮޅެއް އޮތް ވަގުތެވެ. ޒުވާނާ ކުއްލިއަކަށް ދުއްވައިގަތް ގޮތުން މާޝާއަށް ކޮންޓްރޯލް ކުރެވިފައިވި ގޮތަކަށް ހެވުނެވެ. މާޝާ ބަލަބަލާ ހުއްޓާ ނުހަނު ބާރަށް ދިޔަ އެ ޒުވާނާ ބެލްޓުގެ އަނެއް ހިސާބާއި ހަމައަށް ދިޔައެވެ. އެތެރެއަށް ދެމެމުން ދިޔަ ދަބަހުގައި ޒުވާނާގެ އަތްލެވެން އުޅުނު ވަގުތު ވަރަށް ބާރަށް އޭނަގެ މޫނު ގޮސް ފާރުގައި ޖެހުނެވެ. މަންޒަރު ބަލަން ހުރި މާޝާއަށް ނޭނގި އޭނައަށް އިހުނަށްވުރެ ބާރަށް ހެވުނެވެ. ހެވުނީ އެ ޒުވާނާއަށް އިވޭވަރަށްކަން އެނގުންވީ ތަނާހެން ހިތުގައި ނެގި ބިރުވެރިކަމުގެ ރާޅު ބާންޏާއެކީ އޭނައަށް އަނގަމަތީގައި އަތް އަޅާލަމުން އެ ޒުވާނާއަށް ބަލާލެވުނެވެ. އެ ޒުވާނާ ވީތަދެއްގެ ސަބަބުން ދެބުމަ ކައިރިކޮށްގެން ހުރެވެސް މާޝާއަށް ބަލާލަމުން ލަދުން ކަހަލަ ގޮތަކަށް ހީލަމުން އިސްޖަހާލިއެވެ. އެއާއެކު މާޝާ ފޮރުވުމެއްނެތި ހިނިތުންވެލަމުން އޭނަގެ ދަބަހާއެކީ ހިނގައިގަތީ އެ ‘ސީރިއަސް’ ވަގުތުގައި އޭނައަށް އިތުރަށް ހެވިދާނެތީވެއެވެ.
ދަންވަރުގެ އެވަގުތުގައި ފަނޑުއަލިކަމަކާއެކީ ހިމޭންކަމެއް ވެރިވެފައިވި ޓާރމިނަލްގެ ތެރެއަށް މާޝާ ނިކުތީ އޭނައަށް ލިބުނު ކުޑަ ޕާރުސަލް އޭނަގެ އަތްދަބަސް ތެރެއަށް އަޅަމުންނެވެ. އޭތި ފެނިފައިވެސް އޭނަގެ ބައްޕަގެ އެތައް ސުވާލެއް އޭނައަށް ކުރިމަތިވެދާނެތީވެއެވެ. ބައްޕައޭ ހިތަށް އެރުމުން މާޝާއަށް ޓާރމިނަލްގެ ވަށައި ހޯދާލެވުނީ އެއާރޕޯޓަށް އަންނަންވީ ވަގުތު ބައްޕައަށް ނޭންގޭކަން ހަނދާންވުމުންނެވެ. ހިތަށް ނުތަނަވަސްކަމެއް ވެރިވާން އުޅުނުތަނާހެން ދުރުން ބައްޕަގެ އަޑުއިވުނެވެ.
“މާޝާ! ދަރިފުޅު އާދޭ!” އެއަޑަށް މާޝާ ކުރިމައްޗަށް ބަލާލިތަނާހެން އޭނަގެ ބައްޕަ އޭނައާއި ދިމާލަށް އަންނަމުން ދިޔަ މަންޒަރު އޭނައަށް ފެނުނެވެ. ވަޑާންކުރާ ލަތީފްގެ ނަމުން މުޅި އަވަށަށް މަޝްހޫރު 62 އަހަރުގެ ޢަބްދުއްލަތީފަކީ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. ބޮލުގައި އިސްތަށިތައް މަދުވެފައިވީއިރު ނުރަނުވާ އެންމެ އިސްތަށްޓެއްވެސް ނެތެވެ. އެހާ ޢުމުރުން ދުވަސްވެފައިވިއެއްކަމަކު އޭނަގެ މޫނުމަތިން މަދު ރޫތަކެއް ނޫނީ ފެންނާކަށް ނެތެވެ. އޭނަ ހިނގަމުން އައީވެސް ހީވާގި، އަވަސް ހިނގުމެއްގައެވެ. މާޝާއާއި ގާތްވަމުން ދިޔަދިޔަހެން އެމޫނުމަތިން އޭނަގެ ދަރިފުޅަށްޓަކައިވި ކަންބޮޑުވުމާއި އަޅާލުން ފެންނަމުން ދިޔައެވެ. ބަލާ އައުމުގައި އެންމެ މިނެޓެއްވެސް ލަސްވުމުން ލަތީފް ހިތްހަމަނުޖެހިފައިވި ފަދައެވެ. އޭނަ ޓާރމިނަލްގެ އެއްފަރާތުގައި މަޑުކުރުމެއްވެސް ނެތި ޓާރމިނަލްގެ މެދާއި ހަމައަށް ގޮސް މާޝާއާއި ހަމަކުރިއެވެ.
“ވަރަށް ގިނައިރުވެއްޖެދޯ ދަރިފުޅު ހުންނަތާ؟ ބައްޕައަށް ނޭނގުނީއޭ. ދަރިފުޅު ނުވެސް ގުޅާތީ. ދެންމެއަކު ދޮންބެ ގުޅީމަ އެނގުނީވެސް. ވަރަށް ވަރުބަލިވެއްޖެދޯ؟” ލަތީފް އައިސް މާޝާ ދަމަމުން އައި ދަބަސް ހޯދައި އޭނަގެ އަތްދަބަސް ވެސް ހޯދަން އުޅުނެވެ. އެހެނަސް މާޝާ ވަގުތުން އޭނަގެ އަތްދަބަސް ދަމައިގަތީ ނުރުހުންތެރިކަމާއެކީގައެވެ.
“އިޓްސް އޯކޭ ބައްޕާ! ދެން ހިނގާ އަވަހަށް.” މާޝާއަށް އެހެން ބުނެވުނީ މޫނު ހަދައިގެން ހުރެ ހަރު އަޑުންނެވެ. ބައްޕައަށް އޭނަގެ ‘އިޙްސާސްތައް’ އެނގޭނީ ކޮން ދުވަހަކުތޯ ހިތަށްއަރަމުން ދިޔައެވެ.
“ކާކުތަ ދަބަސް ނަގައިދިނީ؟ މިއަދަކީ ފާރޫޤުބެ ޑިއުޓީގަ ވެސް ހުރި ދުވަހެއްނޫން. އެތާ ދެން ހުރި ބޭބެ ނަގައިދިނީތަ؟” ބައްޕަ އޭނަގެ އަތުގައި ހިފައި ހިނގައިގަންނަން އުޅުނެވެ.
“އަހަރެން އަމިއްލައަށް ނެގީ!!” މާޝާ އައި ރުޅިއާއެކީ އިހުނަށްވުރެ ހަރު އަޑުން އެހެން ބުނެ އޭނަގެ އަތް ދަމައިގަންނަން އުޅުނު ވަގުތު އޭނައަށް ލޮލުގެ ކޮޅުން ޓާރމިނަލްއަށް ނިކުތް އެއްކަލަ ޒުވާނާ އޭނައަށް ފެނުނެވެ. އެ ޒުވާނާ އޭނައަށް ބަލަން ހުރިކަން އެނގުންވުމުން އޭނަގެ ޙަރަކާތްތައް މަޑުވިއެވެ. ފުރަތަމަ ސިކުންތުގައި އޭނަ އިންތިހާއަށް ލަދުގަތީ އެހާ ރީތި ފިރިހެން ކުއްޖެއްގެ ކުރިމަތީގައި އޭނަގެ މުސްކުޅި ބައްޕަ އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރުމުންނެވެ. ހަމަ އެއާއެކު ދެންމެ އޭނަ ބައްޕައާއި ވާހަކަ ދެއްކި އަޑު އެ ޒުވާނާއަށް އިވިފައިވާނެތޯ ހިތަށްއެރިއެވެ. އެ ސުވާލަށް ހިތާހިތުން އާނއެކޭ އޭނައަށް ބުނެވުނީ ފްލައިޓް ތެރެއިން ފެނިފައިވި ސީރިއަސް މޫނު އަނެއްކާވެސް އޭނައަށް އަމާޒުވެފައިވިތަން ފެނިފައެވެ. އެވަގުތު މާޝާގެ ހިތަށް ދުވަހަކުވެސް އުނދަގޫ ނުވާވަރަށް އުނދަގޫވިއެވެ. ކީއްވެ ހެއްޔެވެ؟ އެ ޒުވާނާއަކީ އޭނަ ‘އުފާކޮށްދޭން’ ޖެހޭ މީހެއްނޫނެވެ. އެއީ ވަކި ކާކު ހެއްޔެވެ؟ އެއީ ދާދި ދެންމެއަކު އޭނައާއި ދިމާވި މީހެކެވެ. އޭނަގެ ކުރިމަތީގައި ލަދުގަންނަންޖެހޭ މީހަކީ އެ ޒުވާނާއެވެ. އެ ޒުވާނާއަށް ދެންމެ އެއާރޕޯޓު ތެރެއިން ދިމާވެފައިވަނީ ކިހާ ލަދުވެތި ގޮތެއްހެއްޔެވެ؟ އޭނަ މިއަދު ގެއަށްގޮސް އެކަމާމެދު ވިސްނާނެކަން ޔަޤީނެވެ.
މިފަދަ ޚިޔާލުތަކެއްގެ ސަބަބުން އަމިއްލަ ނަފްސަށާއި ވަށައިގެން ތިބި އެންމެންނަށް މާޝާގެ ރުޅި އަމާޒުވިއެއްކަމަކު، ނުބައެއް ހެދިފައިވަނީ އޭނައަށްކަން ޚުދު އޭނަގެ އަމިއްލަ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. ބައްޕައާއި އެފަދަ ގޮތަކަށް ވާހަކަ ދައްކައިގެން އޭނައަށް ކުރެވުނީ ރަނގަޅުކަމެއް ނޫންކަން އޭނައަށް އިޙްސާސް ކުރެވުނީ އެ ޒުވާނާގެ އެ ނަޒަރުންނެވެ. ބައްޕަ އޭނައާއެކީ ކުރިއަށް ހިނގައިގަތުމުން އެ ޒުވާނާއަށް ވެސް އޭނަގެ އިޙްސާސްތައް ނޭނގޭނެކަމަށްބުނެ މާޝާ ހިތް އަމިއްލަ ދިފާޢުގައި ވެސް ހަޅޭއްލެވިއެވެ. އެ ޒުވާނާގެ ތިބޭނީ ހަމަ ޔަޤީނުންވެސް މައްޗަށް ކިޔަވައިގެން، މަތީ ވަޒީފާތަކުގައި އުޅޭ މަންމައަކާއި ބައްޕައެއްކަމަށް މާޝާގެ ހިތް ބުންޏެވެ. ހަމަ އެވަގުތު އޭނައަށް އަނެއްކާވެސް ދުރު ހިސާބަކުން މުސްކުޅި ބޭބެއެއްގެ އަޑު އިވުނެވެ.
“އައްޒާމް!” އެ ނަމުން ގޮވާލެވުނު އަޑަށް މާޝާއަށް ވާތް ފަރާތަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު ޓާރމިނަލްގެ އެ ފަރާތުގައި ހުރީ އޭނަގެ ބައްޕައާއި އެއްޒާތެއްގެ ހަށިގަނޑެއް ހުރި މުސްކުޅި ބޭބެއެކެވެ. ލައިގެން ހުރީ ހުދުކުލައިގެ ކުރުތާއަކާއި ތަނބިކަށްޓާއި ހަމައަށް ކުރުކުރެވިފައިވި ހުދުކުލައިގެ ހަރުވާޅެކެވެ. އެ ބޭބެގެ ވެސް ތުނި އިސްތަށިގަނޑު ނުރަވެފައިވީއިރު ހިސާބަކަށް ދިގު ކުރެވިފައިވި ތުނބުޅިވެސް ވަނީ ނުރަވެފައެވެ. ބަލާބެލުމަށް މާޝާގެ ބައްޕައަށްވުރެ ބަލި ގޮތެއް އެ ބޭބެގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެހެނަސް އެ މޫނުމަތިން ފެންނަމުން ދިޔައީ އުޖާލާވި، ހިތްހެޔޮ ހިނިތުންވުމެކެވެ.
“ކާފާ!” އެހެން ބުނެލި އަޑަށް މާޝާއަށް އަނެއްކާވެސް ބަލާލެވުނީ އެއްކަލަ ޒުވާނާއާއި ދިމާލަށެވެ. އޭނަ ދެވަނަ ވިސްނުމެއްނެތި ހިނިތުންވުމެއްގައި ހުރެ ދުވެފައި އޭނަގެ ކާފަ ކައިރިއަށް ގޮސް ބައްދާލިއެވެ. އެ ހިނދު މާޝާގެ ހަރުވެފައިވި ހިތް މަޑު ކަފަކޮޅަކަށް ބަދަލުވާން ނެގީ ސިކުންތުކޮޅެކެވެ. ބޭއިޚްތިޔާރުގައި އޭނަގެ ދެބުމަ ކައިރިވީ މިއީ ދުވަހަކުވެސް އޭނައަށް ހަމަލޮލުން ފެނިފައިވި މަންޒަރަކަށް ނުވާތީވެއެވެ. ޒުވާން ކުއްޖަކު އެހާ އުޖާލާވި މޫނަކާއެކީ އޭނަގެ ކާފައާއި މުޚާތަބު ކުރާ މަންޒަރެވެ.
އައްޒާމާއި އޭނަގެ ކާފަ ތިބި ހިސާބާއި ދުރަށް ބައްޕަ އޭނަ ގެންދިޔައެއްކަމަކު މާޝާއަށް އެސްފިޔަ ޖަހާލުމެއްނެތި އެމީހުންނާއި ދިމާލަށް ބަލަން ހުރެވުނެވެ. އައްޒާމްގެ ކާފަ ކުޑަކޮށް ކޮރުޖަހަމުން ހިނގަން ފެށުމުން އެ ކާފަ އަތުލަފިކޮށްގެން އައްޒާމް ގެންދަން ފެށީވެސް މާޝާ ބަލަން ހުއްޓައެވެ. އެވެސްވެގެން ދިޔައީ މާޝާ އަޖާއިބު ކުރުވި މަންޒަރަކަށެވެ. މާޝާގެ ބައްޕަ އޭނަގެ އަތުން ދޫކޮށް އެމީހުންގެ ކާރު އޮތް ހިސާބަށް މަޑުކޮށްލި ވަގުތަކީ އައްޒާމް އޭނަގެ ކާފައާއެކީ ޓާރމިނަލްގެ ކައިރީގައި އޮތް ކާރަކަށް އެރި ވަގުތެވެ. އެ ކާރު ދުއްވާލި ވަގުތު މާޝާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“އައްޒާމް…” މާޝާއަށް ވައި އަޑުން އެ ނަން ކިޔާލެވުނުތަނާހެން އޭނަގެ ހިނިތުންވުން ފުންވިއެވެ.
ނުނިމޭ