Hadhiya (Part 33)
“އަދި އެހެންނޫނަސް ﷲ ގެ ދީނަށް އުޅުމުން އަހަރެން އެއްވެސް ކަމަކުން މަޙްރޫމްވީއެއްނޫން. ﷲ ރުހިވޮޑިގެންވާފަދަ ގޮތްގޮތަށް އަހަންނަށް ތި ހުރިހާ ނިޢުމަތްތަކެއް މިހާރު ވެސް ލިބޭ. އަހަންނަށް ﷲ ދެއްވި އަތާއި ފައި ބޭނުންކޮށްގެން އެކަލާނގެ އިރާދަފުޅުން އަހަންނަށް ތަނަވަސް އުޅުމެއް އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން މީރު ކެއިންތަކާއި މީރު ބުއިންތައް މިހާރު ވެސް ކައިބޮއި އުޅެން. އަމިއްލައަށް ފައިސާ އެއްކޮށްގެން ބުރަ މަސައްކަތުން ގަތް ކާރެއްވެސް އެބައޮތް. އަދި އިން ޝާ ﷲ ދުވަސްކޮޅަކުން އެކަލާނގެ ރުހިވޮޑިގެންވާފަދަ ކުއްޖަކާއެކީ އެންމެ ފުރިހަމަ ގޮތުގަ ދިރިއުޅުމެއްވެސް ފަށަން މިއުޅެނީ.” އައްޒާމް އެ ހުރިހާ ވާހަކަތައް ދެއްކީ ހިތުގެ އަޑިން އެ ހުރިހާ ކަމަކަށްޓަކައި ޙަމްދުކުރާ ޙާލުގައެވެ. އައްޒާމް ބުނެލި ފަހު ވާހަކައާއެކީ އާޝިޔާ ދެލޯ ހަނިކޮށްލިއެވެ.
“ކާކާ އިންނަން ތިއުޅެނީ؟” އާޝިޔާ އެހެން އަހާލީ ނުރުހުންތެރިކަމާއި އެކީގައެވެ. އައްޒާމަށް އެ އައިސްފައިވި ބަދަލެއް އައީ އަންހެން ކުއްޖެއްގެ ސަބަބުންހެން އޭނައަށް ހީވި ފަދައެވެ.
“އެއީ މަންމަ ރުހޭނެ ކަހަލަ ކުއްޖެއްހެނެއް ހިއެއްނުވޭ. އެކަމަކު ވެސް އަހަރެން އިންނާނީ އެކުއްޖާއާ. މަންމަ ނުރުހުންވިޔަސް ސަބަބަކާނުލާ ﷲ ގެ ދީންދެކެ ލޯބިވާ ޞާލިޙު ކުއްޖަކާ އިނުމަށް ރޭވުމަށްފަހު ޚިޔާލު ބަދަލުކުރުމަކީ ރަނގަޅުކަމެއްނޫން.” އައްޒާމް އެހެން ބުނެލީ ދެރަވެފައިވި ހިތަކާއި އެކީގައެވެ. މި ހުރިހާ ދުވަހު މަންމައާއި ބައްޕަ އޭނައާއިމެދު ކަންތައް ކޮށްފައިވި ގޮތުން އެމީހުންނަށްޓަކައި އައްޒާމްގެ ހިތުގައި ނަފްރަތެއް ވިޔަސް އެމީހުން އެތައް ދުވަހެއް ފަހުން ފެނުމުން އެމީހުންގެ ކިބައިން ލޯބީގެ ކުޑަ ޢިޝާރާތަކަށް ނަމަވެސް އުއްމީދު ކުރެވުނެވެ. އެހެނަސް މަންމަގެ ބަސްމަގު ހުރި ގޮތުން މަންމަ އައީ ކާފަ ބުނިހެން ވަކި އޭނަ ދެކެ ލޯބިވެގެން ނޫންކަން އެނގުންވުމުން ހިތަށް ތަދުވިއެވެ. އޭނަ ނުހަނު ހިތްއެދިގެން ޙަޔާތަށް ގެންނަން އުޅޭ ކުއްޖާއަށް ވެސް އޭނަގެ މަންމަގެ ރުހުން ނުލިބޭނެކަން އެނގުންވުމުން ވެސްމެއެވެ. އެއަށްވުރެ ބޮޑަށް ދެރަވީ އޭނަގެ މަންމަ ބިރެއްނެތި ދިގުދެމިގެންދާ ޢަޒާބަކާއި ދިމާލަށް ހިނގަމުންދާ މަންޒަރު ފެނުމުންނެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން މަންމައަށް ނަޞޭޙަތެއް ދޭނިއްޔޭ ހިތައި އަނގަ ހުޅުވާލި ވަގުތު މަންމަ ވާހަކަ ދެއްކިއެވެ.
“ކޮން ރަށެއްގެ ކުއްޖެއް؟” އާޝިޔާގެ ސަމާލުކަން ދެންވެސް ހުއްޓިފައިވީ އައްޒާމްގެ ކައިވެންޏަށެވެ. އައްޒާމް އޭނަ ދޭން އުޅުނު ނަޞޭޙަތް ދިރުވާލަމުން ޖަވާބުދިނެވެ.
“މުލަކު ކުއްޖެއް.” އައްޒާމް ބުނެލިއެވެ. އެއާއެކު އާޝިޔާ މޫނު ކުނިކޮށްލިއެވެ.
“އައްޗި!!! ގޮނޑަކުން ކުއްޖެއް ނަގައިގެންތަ އައްޒާމް އިންނަން ތިއުޅެނީ؟! މާލެއިން ވި ނަމަވެސް ތަންކޮޅެއް ރީތިވީސް. މުލަކު ކުއްޖެކޯ! ޒަމީން އަޑު އެބައަހަންތަ މިދެކެވޭ ވާހަކަ؟!” އާޝިޔާ އައްޒާމް އެ އިންނަން އުޅޭ ކުއްޖަކު ދަށްކުރަމުން ވާހަކަ ދެއްކިއެވެ. ޒަމީން ވެސް އެވާހަކަ އިވިފައި ސޯފާއިން ތެދުވެލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އައްޒާމަށާއި ހާޝިމަށް ވެސް އެއްޗެކޭ ނުބުނެވެނީސް ޒަމީން ވާހަކަ ދެއްކިއެވެ.
“އެއީ ތެދެއްތަ ޒާމް؟ ޑޭޑްމެން ދުވަހަކުވެސް އުއްމީދެއް ނުކުރަން އައްޒާމް ރަށްފުށުގެ ކުއްޖަކާ އިންނާކަށް. ކޮންމެ ކުއްޖަކު ވެސް އިންނަންވާނީ އެކުއްޖެއްގެ ފެންވަރުގެ ކުއްޖަކާ ދޯ ޒާމް؟” ޒަމީން ވެސް އައްޒާމާއި ކުރިމަތިލަމުން ކަންބޮޑުވުން ފާޅުކުރިއެވެ. އައްޒާމް އޭނަގެ މަންމައާއި ބައްޕައަށް ވަކިވަކިން ބަލާފައި އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“އަހަރެން ހީކުރީ ލަންޑަން ކަހަލަ ތަރައްޤީވެފަ އޮތް ޤައުމެއްގަ އުޅެފަ އައިމަ ޑޭޑްމެންގެ ވިސްނުން ތިއަށްވުރެ ތަހުޒީބުވާނެ ކަމަށް. މީހެއްގެ އަގަކީ އެމީހަކު އުފަންވާ ތަނަކަށް ބިނާވާ އެއްޗެއްތަ ޑޭޑް؟ އެހެންނޫނީ އެއީ އެމީހެއްގެ އަތުގަ ހުރި ލާރިއަކާއި މުދަލަށް ބިނާވާ އެއްޗެއްތަ؟ ލާރިއާއި މުދާ ހުރެފަ ދިގު ޢިމާރާތްތަކެއް ހުރި ތަނެއްގަ އުޅުނީމަ އެމީހަކީ މާތް މީހަކަށްވަނީތަ ޑޭޑް؟ އެހެންނެއްނޫން އަހަންނަށް ދަސްވެފަ ހުރީ. އަހަރެން ދަންނަ ގޮތުގަ މީހެއްގެ މާތްކަމަކީ ހަމައެކަނި ﷲ އަށް ތަޤްވާވެރިވާ މިންވަރަށް ބިނާވާ އެއްޗެއް. އެގޮތުން ބަލާއިރު އަހަރެންގެ ނަޒަރުން މާޝާއަކީ އަހަންނަށްވުރެ މާ ޤަދަރުވެރި ކުއްޖެއް.” އައްޒާމް ޖޯޝުން ފުރިގެންވި ހިތަކާއެކީ އެ ވާހަކަ ދައްކާފައި މާޝާ ދިފާޢުކުރިއެވެ. އެއާއެކު އަނެއްކާވެސް އޭނަގެ މޫނުމަތިން އަޖާއިބުގެ އަސަރު ފެނިގެން ދިޔަ ވަގުތު މަންމަ ހުރީ ބުމަގޮށްޖެހިފައެވެ. މާ ގިނައިރެއްނުވެ މަންމަ ވާހަކަ ދެއްކިއެވެ.
“އެނގިދާނެ ތިބުނާ ތަޤްވާވެރިކަމުން ނިކުންނަ ނަތީޖާ! ރަނގަޅަށް ވިއްޔާ އޭނަ މިހާރު ވެސް އުޅޭނީ އެހެން ފިރިހެނަކާ އެކީ އަތު ގުޅާލައިގެން. އަހަރުމެންނަށް ނޭނގެނީއެއްނޫނޭ ތި ރަށްފުށުގެ މީހުން. ލާރި ފެންނަ އިރަށް ނުކުރާ ކަމެއް ނުހުންނާނެ. އެއީ އެހެން ފިރިހެނަކާއެކީ އެއްކޮޓަރިއެއްގަ ބަންދު….” އާޝިޔާއަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އައްޒާމަށް ހަރުއަޑުން މަންމާއޭ ކިޔައި ގޮވާލެވުނެވެ. ސިހުންވެގެން ދިޔަ އާޝިޔާ ދެދަތްޕިލަ ޖައްސަމުން އައްޒާމަށް ނަޒަރު ހުއްޓާލިއެވެ. އެހިނދު އައްޒާމް ހުރީ ރުޅިން ރަތްވެފައިވި ދެލޮލާއެކީ މާ ނޭވާ ލެވިފައެވެ. އޭގެ ދެވަނަ ސިކުންތުގައި އައްޒާމް އޭނަގެ މަންމައަށް ފަސްދީފައި ދާން ހިނގައިގަތީ އިތުރަށް ހުރެފިނަމަ އެ ނުރައްކާތެރި ރުޅީގައި އޭނައަށް އެއްޗެކޭ ނުބުނެވި ނުހުންނާނެކަން ދަނެގެންނެވެ. ބުނެވިއްޖެނަމަ އެއިން އޭނައަށް އިތުރު ގެއްލުމެއްނޫނީ ނުލިބޭނެކަން ޔަޤީންވުމުންނެވެ. އައްޒާމް އޭނަގެ ކޮޓަރިއަށް ދިޔަ މަގުމަތީގައި ހާޝިމާއި ހަމަވި ވަގުތު ހާޝިމް އޭނަގެ ނަމުން ގޮވާލިއެވެ. އެހެނަސް އައްޒާމް ހާޝިމަށް ވެސް ބެލުމެއްނެތި ދިޔައީއެވެ. އައްޒާމް ލޯމައްޗަށް ގެއްލުމުން ހާޝިމަށް އާޝިޔާއާއި ޒަމީނާއި ދިމާލަށް ބަލާލެވުނީ ނުރުހުމުގެ ނަޒަރަކުންނެވެ. އެހެނަސް އޭނަވެސް އިތުރު އެއްޗެކޭ ނުބުނެ އެމީހުންނަށް ފަސްދީފައި އައްޒާމް ދިޔަ ދިމާލަށް ދިޔައެވެ. ހާޝިމް ވެސް ދިޔުމުން އާޝިޔާއާއި ޒަމީންގެ ހަތަރުކަޅި ބައްދަލުވިއެވެ. ޒަމީން ދެބުމަ ކައިރިކޮށްގެން ކަންބޮޑުވެފައިވި ޒާތަކަށް ހުރިއިރު އާޝިޔާ އައި ރުޅީގައި ދަތްކުނޑި ވިކަމުން އެއްފައި ބިންމަތީގައި ޖަހާލިއެވެ.
އެރެއަށްފަހު އާޝިޔާއާއި ޒަމީން އެތައް އަހަރެއް ފަހުން އުޅެން ފެށީ ހާޝިމްގެ ގޭގައި ކަމަށްވިޔަސް އެދެމަފިރިންނާއި ގޭގަ އުޅޭ ދެމީހުންނާއި ގުޅުމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދެމެދުގައި ލެވިފައިވަނީ ނުފެންނަ ބޯ ފާރެކެވެ. އެއްވެސް މީހަކު އެކަކު އަނެކަކާއި އަނގައިން ނުބުނި ތާނގައި ޤަޞްދުން ބޭރުގައި ނޫނީ ބަލާވެސް ނުލައެވެ. އެހެނަސް މިގޮތަށް ކަންތައް އޮންނަން އާޝިޔާގެ ހިތްހަމަ ނުޖެހުނެވެ. އޭނަ މިކޮޅަށް އައީ އައްޒާމަށް ނުރުހުންވެގެން އުޅޭކަށް ނޫނެވެ. އައްޒާމް އޭނައާއެކީ ގެންގޮސް އޭނައަށް ނަޞްރުދޭ މީހަކަށް ހަދާށެވެ. ކަންމިހެން އޮތްއިރު އައްޒާމާއި ދުރުވެގެން ދުވަސްތައް ގުނޭކަށް ނެތެވެ. އާޝިޔާ މިކަމާމެދު ޒަމީންގެ ޚިޔާލެއް ހޯދަން އުޅުމުން އޭނަ ރުޅިއައުން ނޫންކަމެއް ނުވިއެވެ. ޒަމީން ހައްތަހާވެސް އައްޒާމްގެ ކޮޅު ދިފާޢުކުރަން އުޅޭ ވަރުންނެވެ.
“އާޝިޔާ ދެން އައްޒާމަށް އިތުރަށް ދަތިކުރަން ނަހަދަބަލަ! އޭނަ އެއުޅެނީ މިކޮޅުގަ ދިރިއުޅުމެއް ފަށަން. އަޑުއެހިން މި ހަފްތާ ތެރޭގައޭ ފުރަނީ ވެސް. އެކުއްޖާއާއި އޭނައަށް އިނދެވެންދެން މަޑުކޮށްބަލަ. އޭރުން އެދެމީހުން ވެސް ގޮވައިގެން އަހަރުމެންނަށް ދެވިދާނެއެއްނު؟” އެއްރެއަކު އާޝިޔާ އެ ވާހަކަ ޙިއްސާ ކުރުމުން ޒަމީން އޭނަގެ ޚިޔާލު ފާޅުކުރިއެވެ. އެހެނަސް އާޝިޔާއަށް އެ ވާހަކަތަކަށް ޗޮއްކަނޑާލެވުނެވެ. އޭނައަށް ނޭނގުނަސް އޭނަގެ ހިތުގައި އެ ދީންވެރި އަންހެން ކުއްޖަކަށްޓަކައި ބިރުވެރިކަމެއް އޮތެވެ. އެ އަންހެން ކުއްޖާގެ ސަބަބުން އޭނަގެ ސިކުނޑި ދޮވެވިދާނެހެން އޭނައަށް ހީވެފައިވެއެވެ. އެހެންޏާ ޒަމީން އެ ދިނީ އެމީހުން މިކޮޅަށް އައި ނިޔަތަށް ނުހަނު ބާރުދޭނެ ޚިޔާލެކެވެ. އޭރުން އައްޒާމާއި އޭނަގެ އަންހެނުންގެ ވެސް ވިސްނުން ބަދަލުކުރުމުގެ ފުރުޞަތު އެމީހުންނަށް ލިބޭނެއެވެ. އެހެނަސް އޭގެ އިދިކޮޅަށް ކަންތައް ވެދާނެކަމުގެ ބިރު އާޝިޔާގެ ހިތުގެ އަޑީގައި ހިފާފައިވިއެވެ. އެ ނުތަނަވަސްކަމަށް އޭނައަށް ކެތްނުކުރެވޭވަރު ވުމުން އާޝިޔާ އެންމެ ފަހުން އޭނަ މާލެ އައިތާ 3 ވަނައަށްވީ ދުވަހު އޭނަގެ އެންމެ ގާތް ރަޙްމަތްތެރި ނަޞްރުވެރިޔާއަށް ގުޅަން ޚިޔާލުކުރިއެވެ. އާޝިޔާ އެއްދުވަހުގެ މެންދުރު ވަގުތު އޭނަގެ ކޮޓަރީގެ އެނދުމަތީގައި އިނދެ އޭނަގެ ކޮންޓެކްޓް ލިސްޓަށް ގޮސް ‘އެސް’ އަކުރަކުން ފެށޭ ނަންތަކަށް ދިޔައެވެ. ސްކްރޯލް ކުރަމުން ގޮސް ‘ސޫން’ ގެ ނަމުން ސޭވްކުރެވިފައި އޮތް ނަންބަރު ފެނުމާއެކު އާޝިޔާއަށް މަޑުކޮށްލެވުނެވެ. އެ ނަން ފެނުމުން ވެސް އާޝިޔާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ. އެ ނަންބަރަށް ގުޅާލުމާއެކު ސްކްރީނަށް އެ ނަން ބޮޑުކޮށް އަރައިގެން ދިޔުމުން ވެސް އާޝިޔާ އެ ނަމުން ނަޒަރު ވަތްކެއް ނުކުރެއެވެ. އެ ނަމުގެ ފަހަތުގައި ހިތެއް ޖަހާފައިވި ގޮތުން އެއީ އޭނަގެ ލޯބިވެރިޔާހެން ބަލާ މީހަކަށް ހީވެދާނެއެވެ.
**
މެލޭޝިޔާއަށް ހަވީރުގެ ވަގުތެއްގައި އެ ޤައުމުގެ ވެރި ރަށުގެ މަގެއްގައި ހުރި ޓިކެޓް ވިއްކާ ތަނަކުން ނިކުތީ އިސްކޮޅުން ދިގު ފިރިހެނެކެވެ. ފިރިހެން މީހާގެ ކަޅު ފަން އިސްތަށިގަނޑުގައި އެހާ މަތިނޫން ގޮތަކަށް އެއްފަރާތަކަށް ސްޕައިކެއް ޖެއްސިފައިވީއިރު އޭނަ ހުރީ ގަދަ ނޫކުލައެއްގެ ކޯޓު ފަޓުލޫނުގައެވެ. ލެޕްޓޮޕް ދަބަހެއް އެއްއަތުން ހިފައިގެން ދިޔަ ގޮތުންނާއި އޭނަގެ ޓައީއަށް ދުލެއް ދެވިފައިވި ގޮތުން އޭނަ ހުރީ އޮފީސް ނިންމާފައި ގެއަށްދާ މަގުމަތީގައިކަން އެނގެއެވެ.
ޓިކެޓް ވިއްކާ ތަނުން ނިކުތް ވަގުތު އޭނަގެ ނަޒަރު ހުއްޓިފައިވީ އޭނަ ދެންމެ ގަތް ޓިކެޓާއި ދިމާލަށެވެ. މެލޭޝިއަން އެއާރލައިންސްގެ ޓިކެޓެއްގެ ޕޮކެޓް ތެރެއިން އޭނަ ޓިކެޓް ނަގައި ނިއުޅާލިއެވެ. އެއާއެކު އޭގައި ނަން އޮތްތަނުން ފެނިގެން ދިޔައީ ‘މައިސޫން ލަތީފް’ އެވެ. ދާންއޮތް މަންޒިލެއްގެ ގޮތުގައި ލިޔެވިފައިވީ ‘ލަންޑަން’އެވެ.
މައިސޫން އެ ޓިކެޓާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ އޭނަގެ ކޯޓުގެ އެތެރޭގައި ޖީބުން އޭނަގެ ފޯނު ރިންގުވާ އަޑު އިވުނެވެ. އެއާއެކު މައިސޫން އޭނަގެ ޓިކެޓް އޮތްގޮތަށް ލަންބާލަމުން ޕޮކެޓްގެ ތެރެއަށް އަޅައި ކޯޓުގެ ތެރެއިން އޭނަގެ ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އޮތީ ‘އަމީރާ’ އެވެ. އެ ނަން ފެނުމާއެކު މައިސޫން ފޫހިކަމާއި ނުރުހުންތެރިކަމާއެކީ ކަޅި މައްޗަށް ހިންގާލިއެވެ. އެ ގުޅަނީ އޭނަގެ އަންހެނުންހެން ބަލާ އެއްވެސް މީހަކަށް ހިއެއްނުވާނެއެވެ. މައިސޫން އެ ފޯނަށް ޖަވާބު ދީފައި ކަންފަތުގައި ޖައްސާލިއިރު ވެސް އެމޫނުމަތިން ހިތްހަމަނުޖެހޭ އަސަރުތައް ފާޅުވަމުން ދިޔައެވެ.
“ކީކޭ؟!” މައިސޫން އެންމެ ފުރަތަމަ ވެސް އަހާލީ އެހެންނެވެ.
“ސޫން ނިކަން އަވަހަށް ގެއަށް އައިސްދީބަލަ. ލޫލޫ ހުންއައިސްގެން ހޮޑުލަވައިގެން މިއުޅެނީ. އަވަހަށް އާދެބަލަ ލޫލޫ ޑޮކްޓަރަށް ގެންދް….” އަމީރާގެ ވާހަކަ އެކޮޅުން ފުރިހަމަ ނުވަނީސް މައިސޫން ވާހަކަ ދެއްކިއެވެ.
“މަ ކުރިންވެސް ބުނީމެއްނު މަށަށް އަވަހަށް ގެއަށް ނުދެވޭނެއޭ؟ މަ ދާން އެބަޖެހޭ އޮފީސް މީހުންނާއެކީ އޮތް ޑިނާރއަކަށް. އަމީރާއަށް އަމިއްލައަށް ވެސް ތި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިދާނެ ޓެކްސީއެއްގަ. ދެން ކީއްކުރަން އަހަރެން ބިޒީކޮށް އުޅޭއިރު އަހަންނަށް ގުޅާކަށްވީ؟!” މައިސޫން އެހެން އަހާލީ ރުޅިވެރިކަމާއި އެކީގައެވެ. އަމީރާ އެ ދައްކަނީ އޭނަގެ ދަރިއެއްގެ ވާހަކަހެން ވެސް ހީނުވާ ފަދައަކުންނެވެ.
“ތިހެން ނުބުނޭ ސޫން…..އޭރުން މިކް ވެސް ހުންނާނީ ގޭގަ އެކަންޏެއްނު؟ އަދި އެނގެއެއްނު ލޫލޫ ސޫން މަތިން ކިހާ ހަނދާންވާކަން؟ ވަކިން ޚާއްސަކޮށް ބަލިވެ އުޅޭއިރު….” އަމީރާގެ ވާހަކަ މައިސޫނަށް ސާފުވީ އެހާ ހިސާބަށެވެ. އޭގެ ކުރިއަށް ވެސް އަމީރާ ވާހަކަ ދެއްކިއެއްކަމަކު އޭނަގެ ފޯނަށް އެވަގުތު އަންނަން ފެށި އެހެން ކޯލެއްގެ ސަބަބުން ދޭތެރެއިން އަޑެއް ކިޔަން ފެށިއެވެ. މައިސޫން އޭނަގެ ކަންފަތުން ފޯނު ނަގާލަމުން ސްކްރީނަށް ބަލާލިއެވެ. އެ ހިނދު އެއަށް އަރާފަ އޮތް ނަމަކީ ‘އާޝް’ އެވެ. އެ ނަން ފެނުމާއެކު މައިސޫންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ކޯލް ނަގައި އަމީރާގެ ކޯލް ހޯލްޑް ކުރާނީތޯ ނޫނީ ކަނޑާލާނީތޯ ފޯނަށް އަރާފައި އޮތްތަން ފެނިފައި މައިސޫން އަމީރާގެ ފޯނު ކަނޑާލީ ދެވަނަ ވިސްނުމެއްވެސް ނެތިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ‘އާޝް’ ގެ ފޯނަށް ޖަވާބުދާރީވެ ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހާއި ލަވް….ވަޓްސް އަޕް؟” މައިސޫން މަގުގެ އެއްފަރާތުން ހިނގަމުން އެ ސުވާލުކޮށްލީ ހިނިތުންވުމަކާއި އެކީގައެވެ.
“ހާއި…..ކޮންތާކު ތިހިރީ އަމިއްލައަށް؟” އެކޮޅުން ވާހަކަ ދެއްކީ އާޝިޔާ ނޫން ދެވަނަ މީހެއްނޫނެވެ.
“މަގުމަތީގަ. އޮފީހުން ގެއަށް މިދަނީ. އާޝް ކީއްކުރަނީ؟” މައިސޫން ވާހަކަ ދެއްކީ އޭނަ ހުރީ ދާދި ދެންމެއަކު ގަދަ ރުޅިއެއްގައިކަން ވެސް ހަނދާން ނައްތާލަމުންނެވެ.
“ވަކި ކަމެއް ނުކުރަން. މާލެއަށް އައިސްގެން މިއުޅެނީ. މިތާނގަ އުޅޭ މަގޭ ދަރި ގޮވައިގެން އަހަރުމެންގެ ޓީމަށް ލެވޭތޯ ބަލަން. އެކަމަކު އައިއިރު އަހަރެންގެ ބައްޕައޭ ކިޔާ މުސްކުޅިގަނޑު ހުރީ އޭނައަށް ހަދަންވީ އެއްޗެއް ހަދާފަ. މަ ހަމަ އަޖާއިބުވެ އަންތަރީސްވެއްޖެ! އަހަރެން އައްޒާމަށް އޮފާރ ނުކުރާ ކަމެއްނެތް. ފައިސާއާ މުދަލާ ރީތި އަންހެން ކުދިންނާ. އެކަމަކު އެހުރިހާ ކަމަކަށްވުރެ އައްޒާމަށް މުހިއްމުވީ އެ ދީނެއް. މަގޭ ހިތަށް އެބައަރާ ކޮން ސިހުރެއްހޭ އެ ހާޝިމޭ ކިޔާ ޝެއިޚް ހަދައިގެން އުޅެނީ!” އާޝިޔާ އެންމެ ފަހު ޖުމްލަ ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ.
“ހެހެހެ…..ތިއީ ހަމަ ހުސް އެކްޓޭ އާޝިޔާ. ރަނގަޅަށް ވިއްޔާ އެ ޝެއިޚް އޮންނާނީ ބުނެފަ ތިކުއްޖާ ކައިރި އެހެން ހަދާށޭ އެކަހަލަ އެއްޗެއް ބުނީމަ. ދެން އެކުއްޖާވެސް އެހެން ހަދާނީތާ ބިރުގަންނަވާފަ ހުރިއްޔާ. އަދި ތި ކުއްޖާގެ ކޭސް ރަނގަޅަށް އެނގުނީމަ އަހަރުމެން ދެމީހުންނަށް ވެގެން ތިކުއްޖާ ހައްލާލެވޭނެ ރޭވުމެއް ރޭވިދާނެ. ޗިލް އައުޓް! އެހެންނޫނަސް ސިހުރު ހައްދަން އަހަރުމެންނަށްވުރެ މޮޅެއް ނުވާނެދޯ އެއްވެސް ބައެއް؟” މައިސޫން އެ ފަހު ސުވާލު ކޮށްލީ އުޖާލާވި ހިނިތުންވުމަކާއެކީ ރާގަކަށެވެ. އެއާއެކު އާޝިޔާ އެކޮޅުން ހީލި އަޑު އިވުނެވެ.
“ޓްރޫ ދެޓް! އައިމް ގްލޭޑް މިސްޓޭކަކުން ވިޔަސް އެ ނިއު ޔިއާރސް ޕާޓީ ތެރެއިން ސޫންއާ ބައްދަލުވި ކަމަށްޓަކައި. އެ އަމްނާއޭ ކިޔާ މީހަކާހެދި ބޯ ގޮވާފަ ހުއްޓާ ސޫންއާ ދިމާވީ. ސޫން އޭނައަށް ހެދިގޮތް އިވިފަ ކިރިޔާވެސް ހިތަށް ހަމަޖެހުމެއް ލިބުނީ. ދެންވީ އޭނައަށް ދެފައި މައްޗަށް ނުތެދުވެވޭ ކަހަލަ މަޅިއެއް ހަދަން!” އާޝިޔާ ނުލަފާ ގޮތަކަށް ބުނެލިއެވެ.
“ތިއީ އަދި މާ ކުޑަ މަޅިއެއްގެ ވާހަކައެއްނު؟ ތިންކް ބިގް! ތިއަށްވުރެ ބޮޑުވަރު ކުރާނަން އަހަރުމެން އޭނައަށް. އޭނައަށް ވެސް އަދި އޭނަގެ ފިރިމީހާއަށް ވެސް!” މައިސޫން އޭނަގެ ފަހު ޖުމްލަ ދަތްކުނޑި ވިކަމުން ބުނެލި ވަގުތު ދެވަނަ ފަހަރަށް އޭނަގެ އަތުގައި އޮތް ޓިކެޓަށް ބަލާލިއެވެ.
އެދުވަހު ރޭވި ނުބައި ރޭވުންތަކެއްގެ ތެރެއިން ފަހުން ވެސް އައްޒާމްގެ ވާހަކަ އާޝިޔާއާއި މައިސޫނާއި މެދު ދެކެވުނެވެ. އެރޭގެ ވަގުތެއްގައި އާޝިޔާ އައްޒާމާއި ބެހޭގޮތުން އޭނައަށް އެނގޭ ހުރިހާ ވާހަކައެއް ކިޔައިދިނުމުން މައިސޫން ވި ވަޢުދުގެ މަތިން އޭނަ ޚިޔާލެއް ދިނެވެ. އެ ޚިޔާލު ކަމުދިޔަވަރުން އާޝިޔާގެ މުޅި މޫނުމަތި އުޖާލާވެގެން ދިޔައެވެ. މައިސޫންގެ ވިސްނުންތޫނު ކަމަށްޓަކައި އޭނައަށް ތަޢުރީފު ކުރިއެވެ. އެއަށްފަހު ކެތްމަދުވެފައިވި ހިތަކާއެކީ އޭނައަށް އެ ރޭވުމުގެ ފިޔަވަޅުތައް އަޅަން ފެށޭނެ ވަގުތެއްގެ އިންތިޒާރުގައި ސިކުންތުތައް ގުނަން ފެށިއެވެ.
އެ ނުލަފާ ރޭވުމުގެ ފުރަތަމަ ފިޔަވަޅު އާޝިޔާ އެޅީ އޭގެ އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. އެދުވަހު އައްޒާމް އިނީ ސިޓިންގް ރޫމުގެ ސޯފާގައި އޭނަގެ ލެޕްޓޮޕް އެތާ ހުރި މޭޒުމަތީގައި ބަހައްޓައިގެން ކޮންމެވެސް މަސައްކަތެއް ކުރާށެވެ. މަސައްކަތުގެ ތެރެއިން ވެސް ދޭތެރެދޭތެރެއިން މާޝާގެ މަތިން ހަނދާންވަމުން ދިޔަގޮތުން އައްޒާމަށް ހިނިތުންވެވެމުން ދިޔައެވެ. މީހަކު އައިސް އެތާ ވަކިން ހުރި ސޯފާގައި އިށީންކަން އައްޒާމަށް އެނގުންވީ އެފަދައިން ހިނިތުންވެވުނު ވަގުތެއްގައެވެ. އޭނައަށް އެ ސޯފާގައި އިން މީހަކަށް ބަލާލެވުނީ ވެސް އެ އުފާވެރި މޫނާއިއެކީގައެވެ. އެހެނަސް އެތާނގައި އޭނައަށް ހިނިތުންވުމެއް ދައްކައިގެން އިން މީހަކު ފެނިފައި އައްޒާމްގެ ހިނިތުންވުން ފަނޑުވިއެވެ.
“ކޮން ކަމަކާ މާ ބޮޑަށް ތި ހެވެނީ؟” އާޝިޔާ އެނގިހުރެ ވެސް ސުވާލުކޮށްލީ އައްޒާމް އޭނައާއި ގާތްކޮށްލަން އުޅޭ ގޮތުންނެވެ. އައްޒާމް އެއަށް ޖަވާބެއްނުދީ މޫނު އަނބުރާލަން ބޭނުންވިއެވެ. އެހެނަސް އޭނަގެ ކުރިމަތީގައި އިނީ އޭނަގެ މަންމަކަމަށްވެފައި އޭނައަކީ އެފަދަ ކިބުރުވެރިކަމެއް އެއްވެސް މީހަކަށް ދައްކާ ޒާތުގެ މީހަކަށް ނުވުމުން އައްޒާމް ޖަވާބު ދިނެވެ.
“އުފާވެރި ކަމެއްގެ މަތިން ހަނދާންވީމަ.” އައްޒާމް ތެދުތެދަށް ބުނެފައި އަނެއްކާވެސް ލެޕްޓޮޕް ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ.
“އެކުއްޖާގެ މަތިން ހަނދާންވެފަދޯ؟” އާޝިޔާ ދޯ ދިނީ ހެވިފައި އިނދެއެވެ. އައްޒާމް ދެންވެސް އޭނަގެ މަންމައަށް ބަލާލަމުން ލުއި ހިނިތުންވުމަކާއެކީ ބޯޖަހާލީ ޙައިރާންވެފައި އިނދެއެވެ. މަންމަ ‘އެކުއްޖާ’އާއި ބެހޭގޮތުން އެހާ ހެވިފައި އިނދެ ވާހަކަ ދެއްކުމުންނެވެ. އިތުރު އެއްޗެކޭ ބުނަން ނޭނގިފައިވަނިކޮށް މަންމަ ދެންވެސް ވާހަކަ ދެއްކިއެވެ.
“އަސްލު…ވަރަށް ބޮޑަށް ސޮރީ އިނގޭ ޒާމް މަންމައަށް އެދުވަހު ވާހަކަ ދެކެވުނު ގޮތަށްޓަކާ. މުލަކު ކުއްޖެކޭ ބުނީމަ ލިބުނު ޝޮކެއްގަ ހަމަ އެހެން ވާހަކަ ދެކެވުނީ. ނައު އައި ފީލް ބޭޑް. އަސްލު ޒާމް ލޯބިވާ ކުއްޖަކާ އިނުން ޒާމްއަށް ވެސް ޙައްޤު. އެހެންވީމަ މަންމަ ނިންމައިފިން ޒާމްގެ ކައިވެންޏަށް ހަމަ ފުލް ސަޕޯޓް ދޭން!” އާޝިޔާ ސީރިއަސް ރާގެއްގައި ވާހަކަ ދައްކަމުން ގޮސް ފަހު ޖުމްލަ ބުނެލީ އަނެއްކާވެސް އުޖާލާވެގެން ދިޔަ މޫނަކާއި އެކީގައެވެ. މަންމަގެ އެ ބަސްތައް އިވިފައި އައްޒާމްގެ ހިތަށްވެރިވި ޙައިރާންކަމުގެ ތެރެއިން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއްވެސް ލިބުނެވެ. ކުޑަމިނުން އޭނަގެ ކައިވެންޏާއި މެދު މަންމަގެ ވިސްނުން ބަދަލުކޮށްދެއްވުމަށް އެދި އޭނަ ދުޢާކުރާތާ ދުވަސްތަކެއްވެއްޖެއެވެ. މިއީ އެ ދުޢާތައް އިޖާބަވިކަމުގެ ނިޝާނެއްހެން ހީވި ވަގުތު އައްޒާމަށް މަންމައަށް ބަލަހައްޓައިގެން އިނދެވުނީ އަޖާއިބުވެފައެވެ.
“ދަރިފުޅު މަންމައަށް އެކުއްޖާގެ ފޮޓޯއެއް ވިޔަސް ދައްކާލަބަލަ. މް….މާޝާ ދޯ ކިޔަނީ؟ މަންމަ އެ ކުއްޖާއާއި ވާހަކަ ދައްކަން ބޭނުން.” އާޝިޔާ ކެތްތެރިކަން ކުޑަވެގެން އުޅޭ ފަދައަކުން ބުނެލިއެވެ. އެއާއެކު ވީ އުފަލާއެކީ އައްޒާމަށް ހީލެވުނެވެ. އިސާހިތަކު މާޝާވެސް މިކަމާމެދު އުފާވާނެ މިންވަރު އިޙްސާސް ކުރެވުމުން އައްޒާމް މަންމަގެ އެދުން ފުއްދަން ނިންމިއެވެ.
“ފޮޓޯއެއް ނުދެއްކިދާނެ. ވަރަށް ތަންތަނަށް ފޮޓޯލާ ކުއްޖެއްނޫން އެއީ. އަހަރެން ވައިބާރ ކޮށްލާނަން އެކުއްޖާގެ ނަންބަރާއި އެފްބީ އައިޑީ މަންމައަށް. އޯކޭތަ؟” އައްޒާމް އަހާލިއެވެ.
“މާ ބޮޑަށްވެސް އޯކޭއެއްނު؟ ފޮނުވާ އަވަހަށް!” އާޝިޔާ ފޯރިއާއެކީ ބުނެލިއެވެ. އެއާއެކު އައްޒާމް އަނެއްކާވެސް ހީލަމުން ލެޕްޓޮޕުން އޭނަ ބުނި ކަންތައް ކުރަން ފެށިއެވެ. މި ގޮތުން ޑެސްކްޓޮޕް ވައިބާރ މެދުވެރިކޮށް މާޝާގެ ފޭސްބުކް އައިޑީއާއި ނަންބަރު ފޮނުވާލިއެވެ. ހަމަ އޭރު އެތާނގައި ވައިބާރ ބަލަން އިން އާޝިޔާއަށް އެ މެސެޖުތައް ލިބުނު އަޑު އައްޒާމަށް އިވުނެވެ. އޭނަގެ މަންމަ ތޭންކްސްއޭ ކިޔާފައި އެތަނުން ދިޔަ ވަގުތު އައްޒާމަށް ބޯޖަހާލެވުނީ، އޭނައަށް ދެންމެ އެ އެޅުނީ ކިހާ ކަތި ފިޔަވަޅެއްކަން ނޭނގިއެވެ.
އާޝިޔާ ވަގުތުން އޭނަގެ ފޯނާއެކީ ވަނީ އޭނަގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލެވުމާއެކު އާޝިޔާ މާޝާގެ ނަންބަރަށް ބަލާލުމެއް ވެސް ނެތި މާޝާގެ ފޭސްބުކް ޕްރޮފައިލަށް ދެވޭ ލިންކަށް ފިތާލިއެވެ. އޭނަގެ ބޭނުމަކަށް ވެފައިވީ އެ ޕްރޮފައިލް މެދުވެރިވެގެން ވެސް އޭނައަށް މާޝާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދައި އޭނަ މާލޭގައި ހުއްޓަސް އެކޮޅުން އޭނަގެ ރޭވުމަށް އެހީތެރިވެދޭނެ މީހަކާއި ދިމާކުރުމެވެ. މާޝާގެ ޓައިމްލައިނަށް ވަނުމާއެކު ފެންނަން ފެށި ދީނީ ޕޯސްޓްތަކުގެ ސަބަބުން އާޝިޔާ ސްކްރޯލްކުރަން ފެށީ ރުޅިވެރިކަމާއި އެކީގައެވެ. އެ ޕޯސްޓްތަކަށް ނިމުމެއް ނާންނާނެހެން ހީވި ވަގުތު ކުއްލިއަކަށް އޭނައަށް ލޯބީގެ އިމޯޓިކޯންތައް މާ ގިނައިން ފެންނަން ފެށުމުން އޭނަގެ ޙަރަކާތްތައް ލަސްވިއެވެ. ރަނގަޅަށް ބަލާލިއިރު ‘ލިއައްޓޭ ލިއާމް’ ގެ ނަމުން އޮތް ފިރިހެން ކުއްޖަކު މާޝާ ޓެގްކޮށްފައިހުރި ލޯބީގެ ސްޓޭޓަސްތައް އޭނައަށް ސާފުވާން ފެށިއެވެ. އެ ސްޓޭޓަސްތައް ކިޔެން ފެށި ހިނދު އާޝިޔާގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަ ލިއާމްގެ ޕްރޮފައިލަށް ގޮސް އޭނައާއި ވާހަކަ ދެއްކޭނެ ޗެޓް ލޮގެއް ހުޅުވާލިއެވެ. އެއަށްފަހު ‘ޔޫ ދެއާރ’ އޭ ލިޔެ ސުވާލެއް ކުރިއެވެ. މާ ގިނައިރެއްނުވެ ލިއާމް ‘ޔެސް’ އޭ ބުނެ ޖަވާބެއް ފޮނުވުމާއެކުހެން އާޝިޔާ މެސެންޖާއިން ލިއާމަށް ގުޅަން ފެށިއެވެ. ދެ ތިން ރިންގަކަށްފަހު ލިއާމްގެ އަޑުއިވުނެވެ.
“ހެލޯ ހޫ އިޒް ދިސް؟” ލިއާމް އަހާލި އަޑު އިވުނެވެ. އެއާއެކު އާޝިޔާ ވާހަކަ ދެއްކިއެވެ.
“މީ އައިޓީ އައްޒާމްގެ މަންމަ. އިތުރު ސުވާލުތަކެއްނުކޮށް މި ސުވާލުތަކަށް ޖަވާބު ދިނުން އެދެން. ތިއީ މާޝާގެ ބޯއިފްރެންޑްތަ؟” އާޝިޔާ ސުވާލުކުރިއެވެ. އެ ސުވާލަށްފަހު އިރުކޮޅެއް ވަންދެން ލިއާމްގެ އަޑު ނުއިވި ދިޔައެވެ. އޭނަ ރުޅި އައީކަން އާޝިޔާއަށް އެނގުންވީ އޭނަ ވާހަކަ ދެއްކުމުންނެވެ.
“މަށަކީ އޭނަގެ ބޯއިފްރެންޑެއް އެހެން ފްރެންޑެއްނޫން!!! އެ އައްޒާމަކާ ޖެހިގެން އޭނަ މަ ދޫކޮށްލާފަ ދިޔައީ.” ލިއާމް ރުޅިވެރިކަމާއެކީ ބުންޏެވެ. އެއިން އާޝިޔާއަށް ލިބުނު ޙައިރާންކަމާއެކީ އޭނައަށް ހިނިތުންވެސް ވެލެވުނެވެ.
“އެހެންތަ؟ ދެޓްސް ވެރީ ސޭޑް….ލިއާމް ބޭނުންވޭތަ މާޝާ އަނބުރާ ލިއާމްގެ ކައިރިއަށް އަންނަން؟” އާޝިޔާ ސުވާލުކުރިއެވެ.
“މަށަށް ވަރިހަމަ އޭނަ ދުވަހަކު މަގޭ ކައިރިއަށް ނަޔަސް! މަ ބޭނުމީ އޭނަ އެކުރަން އުޅޭ ކައިވެންޏެއް ހުއްޓުވަން!” ލިއާމް އެ ވާހަކަ ބުނެލީ އޭނަ އެ ވާހަކަ ދައްކަނީ އައްޒާމްގެ މަންމައާއިހެން ވެސް ހީނުވާ ފަދައަކުންނެވެ. އެ ވާހަކަ އިވުނީ އެހެން ފިރިހެން ކުއްޖެއްގެ މަންމައަކަށްނަމަ ދަރިފުޅުގެ ކައިވެންޏާއިމެދު އެފަދަ ގޮތަކަށް ވާހަކަ ދެކެވުމުން އެ މަންމަ ރުޅި އައީހެވެ. އެހެނަސް ލިއާމް އެހެން ބުނުމާއެކުހެން އާޝިޔާއަށް ލުއި ގޮތަކަށް ހީލެވުނީ ބޮޑު ކާމިޔާބީއެއް ލިބިގެން އުޅޭ ފަދައަކުންނެވެ.
“ތިހެންވެއްޖެއްޔާ ލިއާމްގެ ތި އެދުން ފުރިހަމަވެއްޖެކަމަށް ބަލާ. ލިއާމް ކޮށްދޭންވީ ހަމަ ކުޑަކުޑަ ކަމެއް. އެހެން ހުރިހާ ކަމެއް ހަމަޖައްސާނީ މިކޮޅުން، އައްޒާމްގެ މަންމަ.” އާޝިޔާ ސާބިތު ކަމާއެކީ ބުނެލީ ނުލަފާ ވިދުވަރެއް ފެނިގެން ދިޔަ ދެލޮލާއި އެކީގައެވެ.
އޭގެ އަނެއްދުވަހުގެ ހެނދުނު މާޝާ ރީތިވާ މޭޒު ކުރިމަތީގައި އޭނަގެ ބޮލުގައި ފުނާ އަޅަން ހުއްޓާ އެ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލިއިރު ސްކްރީނަށް އަރާފައި އޮތީ މާލޭގެ ނަންބަރެކެވެ. ފޯނު ނަގައި މީ ކޮން ނަންބަރެއްތޯ އަމިއްލަ ހިތާއި ސުވާލުކޮށްލި ތަނާހެން އެއީ އޭނަ އެޕްލައި ކުރި ޔުނިވާރސިޓީގެ ނަންބަރުކަން އޭނައަށް އެނގުންވިއެވެ. އޭނައަށް ކޯސް ލިބުނުކަން އޭނައަށް ކުރިންވަނީ އެންގިފައެވެ. ވީއިރު އެމީހުން އޭނައަށް އަނެއްކާ ގުޅަނީ ކީއްވެތޯ ހިތް ސުވާލުކުރިއެވެ. ދެބުމަ ކައިރިކޮށްގެން ހުރެ މާޝާ ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ސަލާމް ގޮވާލިއެވެ.
“ވަޢަލައިކުމުއްސަލާމް…..މާޝާ ޢަބްދުއްލަތީފް ދެއްތޮ؟” އެކޮޅުން އަންހެން ކުއްޖަކު ސުވާލުކުރި އަޑު އިވުނެވެ. މާޝާ އާދެއޭ ބުނެލުމުން އެކޮޅުން ވާހަކަ ދެއްކިއެވެ.
“ކޯސް ފެށުމުގެ ކުރިން ކޯހުގައި ބައިވެރިވި ކުދިންނާ ކުޑަ އިންޓަވިއުއެއް ކުރަންޖެހޭތީ އަންނަ ހުކުރު ދުވަހު ހެނދުނު 9:00 ޖަހާއިރު މާޝާ މާލޭގެ ކެމްޕަހަށް އައިސްދިނުން އެދެން.” އެކޮޅުން އިވުނު ވާހަކައިން މާޝާގެ ނިތަށް ރޫގިނަވިއެވެ. ކޯހަކަށްޓަކައި އިންޓަވިއު ކުރާ ވާހަކައަކީ އޭނައަށް އާ ވާހަކައެކެވެ. އަދި އަމުދުން އެއީ ކޯހަށް ހޮވުމަށް ފަހުގައެވެ. އަދި އެއީވެސް ހުކުރު ދުވަހެއްގައެވެ. މާޝާއަށް އޯކޭއޭ ބުނެލެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައިހުރެއެވެ. އެކޮޅުން ފޯނު ކަނޑާލުމުން މާޝާ އޭނަގެ ކަންފަތުން ފޯނު ވަކިކޮށްލިއިރުވެސް އޭނަގެ ޙައިރާންކަމަށް ބަދަލެއްނާދެއެވެ. އޭގެ ސިކުންތުކޮޅެއްފަހުން މާޝާ މަންމައަށް ގޮވަމުން ކާގެއަށް ދިޔައެވެ. އެ ހިނދު ލަތީފާއި ހާފިޒާ ވެސް ތިބީ ހެނދުނުގެ ސައިބޯށެވެ. މާޝާގެ އަޑަށް ލަތީފް ބަލާލަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. މާޝާ ވަގުތުން ދެންމެ އައި ފޯނު ކޯލުގެ ވާހަކަ ކިޔައިދިނެވެ.
“ހާދަ އެހެން ކަހަލަ ކަމެކޭތީ. އިންޓަވިއުއެއް އޮތިއްޔާ އެމީހުން ކުރިން ބުނަންވާނެއެއްނު؟ ވަރަށް ހީވޭ ތިއީ ނޯންނާނެ އެއްޗެއްހެން. އެކުއްޖާ އޮޅުނީ ކަންނޭނގެ. ހުކުރު ދުވަހަކު ނޯންނާނެ އެއްވެސް ކަމެއް.” ހާފިޒާ ހިސާބެއްގެ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
“އާނއެކޭ މަންމާ. ވަރަށް ހިއެއްނުވޭ. ދޮންބެއަށް ގުޅާފަ ބުނަންވީދޯ އެތަނަށް ގޮސް ޔަޤީންކޮށްދޭށޭ؟” މާޝާ ސުވާލުކުރިއެވެ. އެއާއެކު ހާފިޒާ އާނއެކޭ ބުނެލި ތަނާހެން ލަތީފް ވާހަކަ ދެއްކިއެވެ.
“ބައްޕައަށް ހީވަނީ ތި އިންޓަވިއު ނެތަސް ދެން މާޝާ މާލެއަށް ފުރަންވީހެން. ދެން މާޝާގެ ކިޔެވުން ފެށެން އޮތީ އެންމެ ދެ ހަފްތާ. ބޮޑުބޭބެވެސް މިހާރު މިކޮޅުގަ އެބަހުއްޓެއްނު؟ ބޮޑުބޭބެވެސް ފުރާ ކަންނޭނގެ ހުކުރު ދުވަހު. ބޮޑުބޭބެއާއެކީ މާޝާއަށް ފުރައިގެން ދެވިދާނެއެއްނު އެދުވަހަކު؟ ކީކޭ މާޝާ ބުނަނީ؟” ލަތީފް އަހާލިއެވެ. އެއާއެކު މާޝާއަށް ވެސް އެ ސުވާލުތަކާމެދު ވިސްނެން ފެށިއެވެ. އެ ހިނދު އޭނަގެ މަންމަ ވާހަކަ ދެއްކިއެވެ.
“އާނދޯ؟ ރަނގަޅަށް ލަތީފް ތިބުނީ. ކިޔެވުން ފެށުމުގެ ކުރިން އާ މާޙައުލަށް ފަރިތަވެސް ވާންވާނެ. މަންމައަށް ވެސް ފެންނަނީ މާޝާ ދާން.” ހާފިޒާ ޚިޔާލު ފާޅުކުރިއެވެ. މާޝާ އެދެމީހުންނަށް ވަކިވަކިން ބަލާފައި އެންމެފަހުން ބޯޖަހާލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. އެހެނަސް އޭނަގެ ހިތްހަމަނުޖެހިފައިވީ އޭނަ އުއްމީދުކުރި ގޮތަށް ކަންތައް ނުވުމުންނެވެ. އޭނަ ހީކުރީ އޭނަގެ އިމްތިޙާންތައް ނިމޭތާ މާ ގިނަ ދުވަހެއްނުވެ އައްޒާމް އޭނަ ކައިރިއަށް އަންނާނެ ކަމަށެވެ. އެހެނަސް އިމްތިޙާންތައް ނިމި އޭނަ ކޯސް ފަށަން އުޅޭއިރު ވެސް އައްޒާމްގެ ޚަބަރެއް ނުވުމުން މާޝާގެ ހިތްދެރަވިއެވެ. އެ ވަގުތު ހިނދުކޮޅަކަށް ނަމަވެސް މަންމަމެން ކައިރި އައްޒާމްގެ ވާހަކަ ދައްކާނީއޭ ހިތަށްއެރިއެވެ. ނަމަވެސް ގަތް ލަދެއްގެ ސަބަބުން އެހެން ހަދަން ނުކެރުނެވެ. އޭނަ މާލެއަށް ގޮސް ދޮންބެއާއި ދިމާވުމުން ދޮންބެއާއި އެ ވާހަކަ ޙިއްސާ ކުރާނީކަމަށް ހިތާހިތުން ކިޔަމުން މާޝާ މަންމަމެންނަށް ފަސްދިނެވެ. އަދި ހިތްހަމަޖައްސާލީ އޭނަ ދޮންބެގާތު އެ ވާހަކަ ދެއްކުމުން ނުހަނު އަވަހަށް އޭނައާއި އައްޒާމް ގުޅިދާނެކަމަށް ހީކުރަމުންނެވެ.
މާޝާއާއި އައްޒާމް ދެ މަންޒިލަކަށް ފުރުމަށްޓަކައި ދަތުރު ހެދުމުގެ މަސައްކަތް ފެށިއިރު މިރްޒާނާއި މުޙްސިން ވެސް ދަތުރު ހަދަމުން ދިޔައެވެ. މިރްޒާންގެ މުސާރައާއި މުޙްސިންގެ ބުރަ މަސައްކަތުން އެއްކުރި ފައިސާއިން އެހާތަނަށް އައިއިރު ސިންގަޕޫރަށް ދެމީހުންނަށް ދެވޭވަރަށް ވުރެ ވެސް ގިނައިން ލާރި ރައްކާ ކުރެވުނެވެ. އެއީ ފައިސާ ރައްކާކުރި އިރު ވެސް އެމީހުން އެހީއަކަށް ބޭނުންވާ މީހަކު ފެނިއްޖެނަމަ ނުދީ ދޫކޮށްލާފައި ނުވާތީ އެ މުދަލުގައި ލެއްވި ބަރަކާތެއް ކަންނޭނގެއެވެ. އެކަން ދެމީހުންނަށް ވެސް އިޙްސާސް ކުރެވުމުން ބައްޕައާއި ދަރިފުޅު ޞަދަޤާތް ކުރުމުގައި އެކަކު އަނެކަކާއި ކުރިއަރައި ދާން މަސައްކަތް ކުރަމުން ދިޔައީ ނުހަނު ޖޯޝާއި އެކީގައެވެ. އެ ހަފްތާގެ ބުރާސްފަތި ދުވަހު ވެސް ދެމީހުންގެ ދަތުރަށްޓަކައި ބޭނުންވާނެ އެއްޗެހި ގަންނަން ތައްޔާރުވެގެން ނިކުންނަން ދިޔަ ވަގުތު ވެސް ދެކެވެމުން ދިޔައީ އެ ވާހަކައެވެ. މުޙްސިން މިރްޒާނާއެކީ ނިކުންނަން އުޅެފައިވެސް ކޮޓަރީގައި އޭނަގެ ފޯނު ބާއްވާފައި އާދެވުމުން ކޮޓަރިއަށް އަނބުރާ ދިޔައެވެ. މުޙްސިން އެތެރެއަށް ދިޔުމުން މިރްޒާން ދެންވެސް ބޭރަށްދާން މިޞްރާބު ޖެހީ ޕާކިން އޭރިއާގައި އޮތް ކާރު ނެރޭށެވެ. އޭނަ އެޕާޓްމެންޓްގެ މައިދޮރާއި ހަމަވީ ވަގުތު ބެލް އަޅުވާލެވުނު އަޑު އިވުނެވެ. މިރްޒާން ހިސާބެއްގެ ޙައިރާންކަމާއެކީ ގޮސް ދޮރު ހުޅުވާލިއިރު ދޮރު މަތީގައި ހުރީ ޕޯސްޓުން އައިސްފައިހުރި މީހެކެވެ. އެމީހާގެ އަތުގައި މުށިކުލައިގެ ގަނޑުން ގަނޑު ލެވިފައިވި ޕާރުސަލެއްވީއިރު އޭގެ މަތީގައި ސްޓިކާރއެއް ތަތްކުރެވިފައިވިއެވެ. ޕޯސްޓުން އައި މީހާ އެއާއެކީ މިރްޒާން ސޮއި ކުރަންވީ ގަނޑެއް ދިއްކޮށްލިއެވެ. މިރްޒާން އެ ގަނޑުގައި ސޮއި ކުރުމަށްފަހު ޕާރުސަލް ހޯދައި ޝުކުރު އަދާކުރިއެވެ. އެމީހާ ދިޔުމުން މިރްޒާން އެ ޕާރުސަލަށް ބަލާލި ހިނދު އޭނަގެ ނިތަށް ރޫގިނަވިއެވެ.
ނުނިމޭ