Hadhiya (Part 37)
“ލައްބަ ކާފާ. މާތް ﷲ އަހަންނަށް މި އިމްތިޙާން ކުރިމަތިކުރެއްވީ އަހަރެންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި ކަމަށްވާނަމަ އަހަރެން ނުގުޑާ ޢަޒުމެއްގައި ހަމައެކަނި އެކަލާނގެއަށްޓަކައި ހެޔޮ ކަންތައް ކުރުމުގައި ދެމިހުންނާނަން. މާތް ﷲ އަހަރެންގެ ކިބައިން ނެންގެވީ އެންމެ ނިޢުމަތެއްކަމަށްވާނަމަ އެހެނިހެން އެތައް ނިޢުމަތެއް އެކަލާނގެ އަހަންނަށް ދެއްވި. އަހަރެން އެއްގޮތަކަށް ވެސް އެކަން ހަނދާން ނައްތައެއް ނުލާނަން.” އައްޒާމް ދައްކަމުން ދިޔަ ވާހަކަތަކުން ދުރުގައިހުރި ޒަމީންގެ ހިތަށް ކުރިން ނުކުރާ ފަދަ އަސަރުތަކެއް ކުރިއެވެ. އައްޒާމް އެ ވާހަކަތައް އެ ދެއްކީ ހާދަ ޔަޤީންކަމާއި އެކީގައޭ އޭނަގެ ހިތަށްއެރިއެވެ. ޒަމީން ދުވަހަކުވެސް އެއްވެސް ‘އާދައިގެ’ މީހަކު އެފަދަ ވާހަކަތައް އެހާ ޔަޤީންކަމާއެކީ ދައްކާ އަޑު އަހާފައެއްނޫނެވެ. އައްޒާމް ފަދަ ވިސްނުން ތޫނު ޒުވާން ކުއްޖެއްގެ ފަރާތުން އަމުދުންނެއްނޫނެވެ. ވީއިރު އައްޒާމްގެ ފަރާތުން މިފެންނަނީ ކޮންފަދަ ސިފައެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އޭނަގެ ދަރިފުޅަކީ ބޮޑެތި ހިތާމަތަކުން ވެސް އަރަގަނެވޭފަދަ ކުއްޖެއްކަން އެނގުންވުމުން ޒަމީން އެވަގުތު ފަޚުރުވެރިވިއެވެ. އެކަމަށްޓަކައި އައްޒާމަށް ހިތްވަރުދީ އުފާ ފާޅުކުރަން ބޭނުންވިއެއްކަމަކު ޒަމީނަށް އައްޒާމްގެ ގާތަށް ދާކަށް އެއްގޮތަކަށް ވެސް ނުކެރުނެވެ. އަނެއްކާވެސް މާޒީގައި ވެދިޔަ ކަންތަކަށްޓަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިކުރަމުން ޒަމީން އައްޒާމަށް ފަސްދީފައި ދިޔައީއެވެ.
އައްޒާމް ހުރީ ކާފައާއި އޭނައަށް ދިމާވި ކަންތަކުގެ ވާހަކަތައް ކިޔައިދިނުމަށްފަހު އެހެން އެއްވެސް މީހަކަށް ކިޔައިނުދޭށެވެ. އިތުރަށް އެ ވާހަކަ ދައްކައިގެން އޭނައަށް އިތުރު ހިތްދަތިކަމެއް ނޫނީ ނުލިބޭކަން ދަނެގެންނެވެ. އެހެނަސް އަނެއްކާވެސް އެ ވާހަކަ ފެންމަތިން ވާންޖެހުނީ އެރޭ އެންމެ އެކީގައި ކެއުމަށް އިންސާފުކުރުމަށް ކާމޭޒުދޮށުގައި އިށީން ވަގުތު މުޅި އެދުވަހު ގެއިން ބޭރުގައި އުޅުނު އޭނަގެ މަންމަ ގެއަށް ވަދެގެން އައުމުންނެވެ. އާޝިޔާ އުޖާލާވި ހިނިތުންވުމަކާއެކީ ‘ހެލޯ އެވްރީވަން’ އޭ ކިޔައި ގެއަށް ވަދެގެން އައީ އެކި ފިހާރަތަކުން ލިބުނު ކޮތަޅުތަކާއި އެކީގައެވެ. އެހުރިހާ ކޮތަޅުތައް ގޮސް ސިޓިންގް ރޫމުގެ ސޯފާގައި ބައިތިއްބަމުން އޭނަވެސް ކާމޭޒު ދޮށަށް ދިޔައީ ތިމަންނަވެސް މިއުޅެނީ ވަރަށް ބަނޑުހައިވެގެން ކަމަށް ބުނަމުންނެވެ. އެންމެންގެ މޫނުމަތީގައިވި ސީރިއަސްކަން އޭނައަށް ސާފުކޮށް ދޭހަކުރެވުނެއްކަމަކު އޭނަ ޒަމީންގެ ކައިރީގައި ހުރި ގޮނޑީގައި ގޮސް އިށީނީ ފުރަތަމަ ނޭނގޭ ކަމަށް ހަދަމުންނެވެ. އެހެނަސް ގޮނޑީގައި އިށީނުމާއެކު ކުރިމަތީގައި ހުރި އައްޒާމަށް ބަލާލަމުން އާޝިޔާ ވާހަކަ ދެއްކިއެވެ.
“އަނހަ އައްޒާމް! އަނބުރާ އައީތަ؟ ހާދަ އަވަހަކަށް؟” އާޝިޔާ އެހެން ބުނެލީ އޭނަގެ މޫނުމައްޗަށް ޙައިރާންކަން ވެރިކުރުވަމުންނެވެ. އެއާއެކު ގަދަކަމުން ވިޔަސް ކާން މަސައްކަތް ކުރަމުން ދިޔަ އައްޒާމްގެ އަރުތެރެ ބެދެން ފެށިއެވެ. އޭނަ އިސްއުފުލައި ބަލާލި ހިނދު ޒަމީނާއި ހާޝިމްވެސް އެއްފަހަރު އައްޒާމަށް އަނެއްފަހަރު އާޝިޔާއަށް ބަލާލިއެވެ.
“ކިހިނެއްވީ އެންމެން ތި ބަލަނީ؟ ކަމެއް ގޯސްކޮށް ހިނގީތަ އަނެއްކާ؟” އާޝިޔާ އެހެން އަހާލި ހިނދު އޭނައަށްވުރެ ބޮޑަށް އައްޒާމާއިމެދު ކަންބޮޑުވާ މީހަކު ނެތްހެން ހީވެދާނެއެވެ. އާޝިޔާގެ އެ ސުވާލުތަކުން އަނެއްކާވެސް ލޮލުން ދިލަނަގަން ފެށި އައްޒާމަށް އިސްޖަހާލެވުނެވެ. އެ މަންޒަރު ފެނުނު ހާޝިމާއި ޒަމީންގެ ތެރެއިން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޒަމީނެވެ.
“އެކުއްޖާ އައްޒާމަށް ދެވުމުން ކުރިން އެހެން ކުއްޖަކާ އިންނަން އެއްބަސްވެފަވަނީ.” ޒަމީން އެހެން ބުނެލީ ބުނަން ބޭނުންނުވެފައި ހުރެއެވެ. ބޭރުފުށުން ކޮންމެ ގޮތެއް ދެއްކިޔަސް އާޝިޔާ އައްޒާމްގެ އެ ކައިވެންޏަށް ކިހާ ނުރުހުންވާކަން އޭނައަށް އެނގޭތީވެއެވެ. މި ޙާލަތުގައި އައްޒާމް އިތުރަށް ދެރަކުރަން އޭނަ ބޭނުންވާނެ މިންވަރުވެސް އެނގޭނެތީވެއެވެ. ޒަމީން ހީކުރި ފަދައިން އޭނައަށް އެ ބަސްތައް ބުނެލެވުމާއެކުހެން އާޝިޔާ އެ މަސައްކަތް ފެށިއެވެ.
“އަޅޭ! ޕިސް ޕިސް ޕިސް….މަންމަ ކުރިންވެސް ބުނީމެއްނު އެ ރަށްފުށުގެ ކުދިންގެ ގޮތޭ އެއީ. އައްޒާމަށްވުރެ ގިނައިން ފައިސާހުރި މީހަކު ފެނުނީމަ އޭނަ އެމީހަކާއެކީ އެ ދިޔައީ. މަންމައަށް އެނގުނޭ ތިކަހަލަ ކަމެއް އޭނަގެ އެފްބީ އައިޑީ ބަލާލީމަވެސް. ކުރިންވެސް އެކިވަރުވަރުގެ މީހުންނާ ރައްޓެހިވެގެން އުޅުނު އަންހެނެއްނު އެއީ؟ ހުވާ ވަރަށް ފޫހިވޭ އޭނަ ޒާމްއަށް ތިހެން ހެދީމަ.” އާޝިޔާގެ އެ ބަސްތަކުން އޭނަ އައްޒާމްގެ ޒަޚަމްތަކުގައި ލޮނުމިރުސް ލާން އުޅުނު ފަދައެވެ. އެކަން ކާމިޔާބުވެސްވިއެވެ. އިސްޖެހިފައި ހުރި އައްޒާމްގެ މޭގައި އުފެދުނު ރިހުމަށް ކެތްނުކުރެވުމުން އޭނަގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. މާޝާގެ ދިފާޢުގައި މިފަހަރުވެސް އެއްޗެކޭ ބުނަން ބޭނުންވިއެއްކަމަކު އޭނަ އެކަމަށް ނުކުޅެދުނެވެ. އެއްޗެކޭ ބުނެވޭވަރަށްވުރެ އޭނަގެ ޙާލަތު ގޯސްވުމުންނެވެ. އައްޒާމަށް ޙަމްދަރުދީ ވަމުން ދިޔަ ޒަމީނާއި ހާޝިމަށް ވެސް ވަކި ވާހަކައެއް ނުދެއްކެނީސް އާޝިޔާ އޭނަގެ ރޭވުން ކުރިއަށް ގެންދިޔައެވެ.
“މަންމަ އަޑުއެހީމޭ ކޮންމެވެސް މާޝާ ޢަބްދުއްލަތީފްއޭ ކިޔާ ކުއްޖަކާ މިގެ ކައިރީގަ އުޅޭ ހަމަ އެރަށު ކުއްޖަކާ އިންނަން އުޅޭ ވާހަކަ. އެކަމަކު އެއީ އެހެން މާޝާއެއްކަމަށް ނިންމައިގެން މި އުޅުނީ މިހުރިހާ ދުވަހު. އެކަމަކު މިހާރުތާ މިއެނގުނީ! އެގޭގަ އުޅޭ އަންހެން މީހާ ބުނި އަޑުއިވުނު މާލޭގައޭ އެމީހުން އުޅޭނީ ވެސް އިނދެގެން. ޒާމްއަށް ކެތްވާނެތަ އެ މަންޒަރު ދެކެން؟ އެމީހުން އަތު ގުޅާލައިގެން އެކި ތަންތަނަށް ދާ މަންޒަރާއި ހީ ސަމާސާކުރާ މަންޒަރާއި….އަދި އެމީހުން އައްޒާމް ފެނިފަ އިތުރަށް ދައްކަން ވެސް އުޅޭނެތާ!” އާޝިޔާ ރުޅިވެރިކަމާއެކީ އެ ވާހަކަތައް ދެއްކުމުން ޒަމީން އާޝިޔާއަށް ވައި އަޑުން ގޮވާލީ ނުރުހުންތެރިކަމާއި އެކީގައެވެ. އާޝިޔާގެ އެ ބަސްތަކުން އިތުރަށް ކަރުނަތައް ލޮލުން ފައިބަން ފެށި އައްޒާމް އެއްއަތުން އެ ކަރުނަތައް ފޮހެން ފެށީ ހަލާކުވެފައިވި ހިތަކާއި އެކީގައެވެ. މަންމަ ދެންމެ ބުނި މަންޒަރުތައް ލޮލަށް ސިފަކުރެވުމުން ވެސް އޭނަގެ ހިތަށް ލިބިގެން ދިޔައީ އެހާވެސް ބޮޑެތި އަނިޔާތަކެވެ. މަންމަ ބުނިހެން މާޝާ އޭނަ ނޫން މީހެއްގެ ކައިރީގައި ހުންނަތަން ދެކެން އޭނައަށް ކެތްވާނީ ކިހިނެއްތޯ އައްޒާމަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ.
“އަހަންނަށް ނުގޮވާ ޒަމީން. އަހަރެން މި ބުނަނީ ހަމަ ރަނގަޅަށް! ޒާމް….މަންމައަށް ނުފެނޭ ދެން ޒާމް މިކޮޅުގަ ހުންނާކަށް. މާދަމާ ހެނދުނު މަންމަމެން ފުރާއިރު ޒާމްވެސް މަންމަމެންނާއެކީ ހިނގާ ލަންޑަނަށް.” އާޝިޔާ ބުނެލި ވާހަކައިން ޒަމީނަށާއި ހާޝިމަށް އޭނައަށް ދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. އައްޒާމަށް ދިމާވި ކަމަކީ އާޝިޔާގެ ރޭވުމެއްހެން ޒަމީނަށް ހީވި ވަގުތު ހާޝިމްގެ އަޑުހަރުވިއެވެ.
“ކީކޭ ކިޔަންތަ ތިއުޅެނީ؟ އައްޒާމް ނުދާނެ އެއްވެސް ތަނަކަށް! އައްޒާމް ހުންނާނީ މިތާ! ކަލޭމެން ކަހަލަ މީހުންނާއެކީ އުޅޭކަށް އައްޒާމް ނުއުޅޭ.” ހާޝިމް އަންގާލިއެވެ.
“ބައްޕަ މަޑުކޮށްބަލަ އައްޒާމަށް ޖަވާބެއް ދެވެންދެން. ޒާމްއަކީ ވެސް މިހާރު ކުޑަކުއްޖެއްނޫން. ޒާމްއަށް އެނގޭނެ އޭނައަށް އެންމެ ރަނގަޅުވާނެ ގޮތެއް ޚިޔާރުކުރަން. ބައްޕަ އެއްޗެކޭ ނުބުނެ ޒާމްއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތު ދިނިއްޔާ ރަނގަޅުވާނީ.” އާޝިޔާ ބުންޏެވެ.
“ހީވަނީތަ ދޮގުތަކެއް ހަދައިގެން އައްޒާމް އޮޅުވާލެވިދާނެކަމަށް؟ އަހަރުމެން އެންމެންނަށް ވެސް އެބައިނގޭ ދެންމެ ތި އިވުނު ޒާތުގެ ވާހަކައެއް އާޝިޔާއަށް އިވިފަ ނުވާކަން. ދެން ކީއްކުރަން އައްޒާމް މާލެއިން….” ހާޝިމަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އައްޒާމް ‘ކާފާ’ އޭ ކިޔައި ގޮވާލި އަޑު އިވުނެވެ. އެއާއެކު އެންމެންގެ ނަޒަރު އަނެއްކާވެސް އައްޒާމަށް އަމާޒުވެގެން ދިޔައެވެ.
“މާޝާ މިހާރުވެސް އުޅެމުން ދަނީ މާލޭގަ. އޭނަގެ މަންމަވެސް ބުނީ އެހެން. ކުރީގަ މާޝާ އަހަރެން ގާތު ދައްކާފަ ހުރި ވާހަކަތަކުން ހީވަނީ މާޝާ އިތުރަށް ކިޔަވަން އައީ މާލެއަށްހެން. މާޝާގެ މަންމަ ބުނަންވެސް ބުނި އަހަރެން ކައިރި މާޝާގެ ފަހަތުން ނުދާށޭ މާލެއިން ފެނުނަސް….މަންމަ އެ ބުނަނީ ރަނގަޅަށް. ދެން އެންމެ ރަނގަޅުވާނީ އަހަރެން ވީހާވެސް އަވަހަކަށް މާޝާ ނުފެންނާނެ ހިސާބަކަށް ދިޔުން.” އައްޒާމް ބުނެލި ވާހަކައިން ހާޝިމްގެ ދެލޯ ބޮޑުވެގެން ދިޔައީ މުޅި މޫނުމައްޗަށް ބިރުވެރިކަން ވެރިކުރުވަމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އައްޒާމް ގޮނޑިން ތެދުވެ އެތަނުން ދާން ހިނގައިގަތުމުން ހޭވެރިކަމެއް ލިބުނު ހާޝިމް ތެދުވެ ދަރިފުޅާއޭ ކިޔައި ގޮވާލިއެވެ. އެއާއެކު އައްޒާމް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ބަލާލިއެވެ.
“ތިހެން ނަހަދާ ދަރިފުޅު! ނުފެނޭތަ މިމީހުން ހަދަން އުޅޭ ގޮތެއް؟ މި މީހުން އުޅެނީ ދަރިފުޅު ހިދާޔަތުގެ މަގުން ދުރުކޮށް މަގު ފުރައްދަން. ދަރިފުޅަށް ރަނގަޅީތަ އެގޮތް؟” ހާޝިމަށް އެހެން އަހާލެވުނީ ރޮވިފައިވާ އަޑަކުންނެވެ.
“ނޫން ކާފާ….ރަނގަޅެއްނޫން. އެކަމަކު އަހަރެން ދާން މި ނިންމަނީ މިކޮޅުގަ ދެން އަހަރެން ހުރުމަށްވުރެ ނުހުރުން ބުއްދިވެރިވާނެހެން ހީވާތީ. ކާފަ ކަންބޮޑުނުވުން އެދެން. މިމީހުން އަހަރެން ލައްވާ ގޯސްކަމެއް ކުރުވަން އުޅެންޏާ އަހަރެން މި މީހުން ވެސް ނުފެންނަ ހިސާބަކަށް ދާނަން އިން ޝާ ﷲ! އެކަމަކު އުއްމީދަކީ އަހަރެން ދޭ ނަޞޭޙަތަކުން އެންމެ މީހަކަށް ވިޔަސް ހިދާޔަތް ލިބިގެން ދިޔުން.” އައްޒާމް އެހެން ބުނެ ކާފައަށް ބަލަން ހުރެފައި އޭނަގެ މަންމައާއި ބައްޕައަށް ވަކިވަކިން ނަޒަރު ހިންގާލިއެވެ. ކާފަގެ މޫނުމަތިން ދެންވެސް ހިތާމަވެރިކަން ފެންނަމުން ދިޔައިރު މަންމަ އޭނަ ދެއްކި ވާހަކައަށް ކަޅި މައްޗަށް ހިންގާލަނީއެވެ. އައްޒާމްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލީ އޭނަ ދެއްކި ވާހަކައާމެދު ވިސްނަމުންދާ ފަދަ ގޮތެއް އޭނަގެ ބައްޕަގެ މޫނުމަތިން ފެނުމުންނެވެ. އައްޒާމަށް ހީކުރެވިފައި އޮތީ އޭނަގެ މަންމައާއި ބައްޕަގެ ތެރެއިން ހިދާޔަތް ލިބުން އެންމެ ގާތީ އޭނަގެ މަންމައަށް ކަމަށެވެ. މިހާތަނަށް އައިއިރު އޭނައާއި ވާހަކަ ދައްކައި އޭނައާއި ގުޅުން ބަދަހި ކުރަން މަސައްކަތް ކުރިތަން އޭނައަށް ފެނިފައިވީ އެ މަންމަގެ ފަރާތުން ވިއްޔާއެވެ. މިކޮޅަށް އައިފަހުން ބައްޕަ އަދި އެއްފަހަރުވެސް އޭނައާއި ވާހަކަ ދައްކާފައެއް ނުވެއެވެ. ބައްޕަގެ ހިމޭންކަމުގެ ފަހަތުގައި އޭނައަށް ދޭހަނުކުރެވޭ ސިއްރެއްވާހެން އެވަގުތު އައްޒާމަށް ހީވިއެވެ. އިރުކޮޅެއް ވަންދެން ބައްޕައަށް ބަލަން ހުރެފައި އައްޒާމް އަނެއްކާވެސް އެ އެންމެނަށް ފަސްދިނެވެ. އަދި އޭނަގެ ކޮޓަރިއަށް ގޮސް ކާރުގެ ތަޅުދަނޑި ނެގީ އޭގެ އަނެއްދުވަހު ފުރުމަށްޓަކައި ބައެއް ހެދުންތަކާއި އެހެނިހެން އެއްޗެހި ގަތުމަށެވެ.
**
އެރޭގެ ކެއުމަށް އިންސާފު ކުރުމަށްފަހު ޒަމީން ކޮޓަރިއަށް ވަދެގެން ދިޔައީ އާޝިޔާގެ ފަސްފަހަތުންނެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ޒަމީން އޭރުވެސް ކުރިއަށް ދަމުން ދިޔަ އާޝިޔާއަށް ގޮވާލީ ސީރިއަސްކަން އެކުލެވިފައިވި އަޑަކުންނެވެ.
“ކީކޭ؟” އާޝިޔާ އެހެން ބުނެލީ މާ ބޮޑު ފަރުވާލެއްނެތި ރީތިވާ މޭޒު ކުރިމަތީގައި ހުއްޓިލަމުން އޭނަގެ ކަންފަތުގައި ލާފައި ހުރި އެތި ނައްޓަމުންނެވެ.
“އައްޒާމް ކީއްވެ އޭނަ އިންނަން އުޅޭ ކުއްޖާއާއި ދުރުވީ؟” ޒަމީން އެހެން އަހާލީ ދެލޯ ހަނިކޮށް ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން ކަމެއް ދެނެގަންނަން ބޭނުންވެފައި ހުރެއެވެ.
“ތިވާހަކަ ދެންމެ އިވުނެއްނު ބޭރުން؟ އެ ކުއްޖާ އެހެން މީހަކާ އިންނަން އެއްބަސްވީއެއްނު؟” އާޝިޔާ ޒަމީނަށް ބަލާލަމުން ޙައިރާންކަން އެކުލެވިފައިވި ގޮތަކަށް އެހެން ބުނެލީ ކުޑަވެސް ނުތަނަވަސްކަމެއް ނެތިއެވެ.
“އިވުނު….އެކަމަކު އެއީ ރޭވިގެން ކުރެވުނު ކަމެއްހެން ވަރަށް އެބަ ހީވޭ.” ޒަމީން އަންގާލިއެވެ. މަކަރު ހަދަން އާދަވެފައި ހުރި އާޝިޔާ އެވަގުތު ނުތަނަވަސްވިއެއްކަމަކު އޭނަ އެކަން މޫނުމަތިން ފާޅުވިޔަ ނުދިނެވެ. ބަދަލުގައި އޭނަ އަސަރުން ފުރިގެންވި ގޮތަކަށް ވާހަކަ ދެއްކިއެވެ.
“ޒަމީން…..ސީރިއަސްލީ! ތިއީތަ ޒަމީން އަދިވެސް ހީކުރާ ގޮތް؟ ޒަމީންއަށް ފާހަގަނުވޭ ދޯ އަހަންނަށް ޒާމް ފެންނަން ފެށި ފަހުން އައި ބަދަލުތައް. ދަރިފުޅުދެކެ ލޯބިވަނީ ހަމައެކަނި ޒަމީންކަމަށްތަ ޒަމީން ހީކުރަނީ؟ ތިހެން ހީވަންޏާ ތިއީ ކުށްހީއެއް. އަހަރެން ވެސް ޒާމްދެކެ ވާ ލޯބި މި އިޙްސާސްކުރެވުނީ އޭނަ ބޮޑުވެފަ ހުރި ހަރުދަނާ ޒުވާނެއްގެ ގޮތުގަ ފެނިގެން ދިޔައީމަ. އެއީ އަހަރުމެންގެ ލޯބީގެ ނިޝާން. އަހަރެންގެ ފުރަތަމަ ދަރިފުޅު. ކިހިނެއް އަހަރެން ޒާމްއަށް ދެރަގޮތެއް އެދޭނީ؟” އާޝިޔާ ދެރަގޮތަކަށް ވާހަކަ ދައްކަމުން ގޮސް ޒަމީންގެ ކުރިމަތީގައި ހުއްޓިލިއެވެ. ޒަމީން ދެންވެސް އާޝިޔާއަށް ބަލަހައްޓައިގެން ހުރީ ޝައްކުން ފުރިގެންވި ނަޒަރަކުންނެވެ. ބަލަބަލާހުރެފައި އޭނަ ވާހަކަ ދެއްކިއެވެ.
“ތިވާހަކަތައް އަހަންނަށް ޤަބޫލުކުރެވޭނެނަމައޭ ހިތަށް އެބައަރާ. އެކަމަކު ޒާމްއާމެދު އާޝިޔާ އެންމެ ފަހަކާ ޖެހެންދެން ވެސް ވާހަކަ ދައްކާފަ ހުރިގޮތުން އެކަން ކުރަން އަހަންނަށް ދަތި. އެނީވޭސް…..އުއްމީދަކީ ޒާމްއަށް އާޝިޔާގެ ފަރާތުން މިއިން ކައިރި ދުވަހެއްގައި ނުބައެއް ލިބިފައި ނެތުން. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުލިބުން. ޒާމްއާމެދު ކުރިން ކަންތައް ކުރެވުނު ގޮތަށްޓަކައި އަހަރެން ޙަޤީޤަތުގަ ވެސް ހިތާމަކުރަން. އުއްމީދަކީ އާޝިޔާގެ ހިތުގައި ވެސް ޒާމްއަށްޓަކައި އެފަދަ ލޯތްބެއްވުން. ނުވާނަމަ މި ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާތި. ޒާމްއަށް އާޝިޔާގެ ފަރާތުން އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ލިބިފައިވާކަން އެނގިއްޖެނަމަ އަހަންނަށްވުރެ ނުބައި މީހެއް ނުހުންނާނެ!” ޒަމީން އެ ފަހު ބަސްތައް ރުޅިވެރިކަމާއެކީ ބުނެލީ އިންޒާރެއްގެ ގޮތުގައެވެ. އެ އިންޒާރުން ވެސް އާޝިޔާގެ ހިތަށް ވެރިވި ބިރުވެރިކަން އޭނަ ފޮރުވަން އުޅުނެއްކަމަކު އެކަން ކާމިޔާބުވީ ވަކި ވަރަކަށެވެ. އާޝިޔާއަށް ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ޒަމީނަށް ބަލަހައްޓައިގެން ހުރެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. އޭނަ އެހާ ބޮޑަށް ބިރުގަތީ ޒަމީން އޭނަގެ އެއްވެސް ރޭވުމެއްގައި މިހާތަނަށް އޭނައާއި ދެކޮޅުވެރިވެފައި ނުވާތީވެއެވެ. އަދި ޒަމީން ދުވަހަކުވެސް އޭނައަށް އެފަދަ އިންޒާރެއް ދީފައި ނުވާތީވެސްމެއެވެ. އެ އިންޒާރަށްފަހު ޒަމީން އޭނައަށް ފަސްދީފައި ހިނގައިގަތުމުން އާޝިޔާ އިތުރަށް ނުތަނަވަސްވުން ނޫންކަމެއް ނުވިއެވެ. ޙާލަތް މި އެނބުރެން ފަށަނީ ރަނގަޅަކަށް ނޫންހެން ހީވުމުންނެވެ.
**
އެރޭ އައްޒާމް ފިހާރައަށް ގޮސް ގެއަށް އައީ 9:30 ވާން ގާތްވެފައި ވަނިކޮށެވެ. ފިހާރަތަކަށް ދިޔައިރުވެސް އޭނަ ޚިޔާރުކުރީ އޭނަގެ ގެއާއި ވީހާވެސް ދުރު ފިހާރަތަކެވެ. މަންމަ ދެއްކި ވާހަކަތަކުން މާޝާ އުޅެނީ އޭނަގެ ގެއާއި ނުހަނު ގާތް ޢިމާރާތެއްގައިކަން އިވުމުން އޮޅުމަކުން ވެސް މާޝާގެ ކުރިމައްޗަށް ނުދިޔުމަށެވެ. އެހެނަސް އޭނަގެ ލޯ އެކި ދިމަދިމާލަށް ދަތުރު ކުރަމުން ދިޔައީވެސް މާޝާ ދެކެން އޭނަގެ ހިތް އެދެމުން ދިޔަވަރުންނެވެ. ގެއަށް އައިއިރު އޭނަގެ ހިތުގައި ހައިޖާނެއް އުފެދިފައިވީ އެހެންވެއެވެ. ނަމަވެސް އޭނަ އިތުރަށް އެކަންތަކާއި މެދު ވިސްނުމުގެ ބަދަލުގައި ދަތުރު ހަދަން ފެށިއެވެ. އޭނަގެ ކޮޓަރީގައި ހުރި އެހެން ހުސް ހެދުން ފޮށްޓެއް އެނދުމަތީގައި ބާއްވާފައި ހުޅުވާލަމުން އޭނަ ޕެކްކުރަން ފެށިއެވެ. ޒަމީން ގޮސް އައްޒާމްގެ ކޮޓަރީގެ ހުޅުވިފައި ހުރި ދޮރުމައްޗަށް އެރީ އެވަގުތެވެ. އެ ފަރާތަށް ފަސްދީގެން ހުރި އައްޒާމަށް އެކަން ނޭނގުމުން އޭނަގެ މަސައްކަތާއިގެން އޭނަ ކުރިއަށް ދިޔައެވެ.
“ހުސް ދަތުރު ހަދަން ޖެހޭ ދުވަސްކޮޅެއްދޯ؟” ޒަމީން ކޮޓަރީގެ ތެރެއަށް ވަންނަމުން ހިނިތުންވުމަކާއެކީ އެހެން ބުނެލީ ހިތްވަރު ކުރަމުންނެވެ. އައްޒާމަށް ހިތާމައެއް ލިބިފައިވި މި ވަގުތުގައި އޭނަގެ ހިތްހަމަޖައްސައިދޭން އެދެވުނު ވަރުންނެވެ. އޭނަ ދޯދިނުމާއެކު އައްޒާމް ފަސްއެނބުރި އޭނައަށް ބަލާލިއެވެ. އެ ހިނދު އައްޒާމް ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ. ބައްޕަ އެންމެ ފަހަކަށް އޭނައާއި ހިނިތުންވި ދުވަހެއްގެ މަތިން ހަނދާންވުމުންނެވެ. ފިހާރައަކަށް ގޮސް ހަރެއްގެ މަތީގައި ހުރި ކުޅޭ ކާރެއް ނުނެގިގެން އޭނަ އަތްދިއްކުރަމުން ދަނިކޮށް ފުރަގަހުން އޭނަ އުރާލަމުން މައްޗަށް ނެގީ ބައްޕައެވެ. އައްޒާމް އުފަލާއެކީ އެ ކާރު ނެގުމުން އޭނަ ބިންމައްޗަށް ތިރިކޮށްލެވުމާއެކު ފަހަތަށް ބަލާލިއިރު ހުރީ އެ ހިނިތުންވުމުގައި ހުރި ބައްޕައެވެ. އޭނަ ބައްޕަދެކެ ލޯބިވީ ސަބަބަކާނުލައެއް ނޫންކަން އެވަގުތު އައްޒާމަށް އެނގުންވީ އެފަދަ އެހެން ވަގުތުކޮޅުތަކެއް ވެސް ހަނދާނަށް އައުމުންނެވެ. އެހެނަސް ހަމަ އެ ބައްޕަ އޭނައަށް ދިން އަނިޔާތައް ވެސް ހާދަ ގިނައެވެ. އޭނަ ބޮޑަށް ހަނދާންހުރީ އެ އަނިޔާތަކުގެ މަތިންނެވެ. އޭނަ އެފަދަ މީހަކާއި އަލުން ގުޅުން ބަދަހިކުރާނެ ގޮތެއް އައްޒާމަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެހެންކަމުން އޭނަ އިސްޖަހާލަމުން އަނެއްކާވެސް އަނެއްފަރާތަށް އެނބުރި އޭނަގެ ގަމީސްތައް ފަށްޖަހަން ފެށިއެވެ. އެ ހިނދު ޒަމީންގެ ހިނިތުންވުން ފަނޑުވިއެވެ.
“ވާހަކައެއް ނުދައްކާނަންތަ ޑޭޑްއާ؟” ޒަމީންގެ އެ ސުވާލު އައްޒާމާއި އެކީ އެ ހިނދު އެ ދޮރުމައްޗަށް އެރި ހާޝިމަށް ވެސް އިވުނެވެ. ހާޝިމް އޭރުވެސް އައްޒާމްގެ ކައިރިއަށް އެ އައީ އެ ދަތުރުގައި ޒަމީންމެންނާއެކީ ނުދިޔުމަށް ނަޞޭޙަތްތެރި ވާށެވެ. އެހެނަސް ފެންނަން ފެށި މަންޒަރަކުން ހާޝިމްގެ ޚިޔާލު ބަދަލުވާން ފެށިއެވެ. އޭނައަށް އައްޒާމް ދޭނެ ޖަވާބެއްގެ އިންތިޒާރު ކުރެވުނީ ޝައުޤުވެރިވެފައި ހުރެއެވެ.
“ދައްކާނެ ވާހަކައެއް ނޭނގޭ.” ޙަރަކާތްތައް ލަސްވެފައި ހުރެ ބައްޕައަށް ބަލާލުމެއްނެތި އައްޒާމް ތެދުތެދަށް ޖަވާބުދިނެވެ. އައްޒާމްގެ އެ ޖަވާބުން ޒަމީން އިތުރަށް މާޔޫސްވިއެވެ. އެހެނަސް އޭނަ އެތަނުން ދާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. ބަދަލުގައި އޭނަ ލަސް ފިޔަވަޅުތަކެއްގައި ގޮސް އައްޒާމްގެ މޫނު ފެންނާނެހެން މަޑުކޮށްލިއެވެ.
“އެނގޭ މިއީ ނުކުރެވޭނެ ކަމެއްކަން އެކަމަކު…..ޑޭޑްއަށް މަޢާފުކޮށްލަދީފާނަންތަ؟” ޒަމީން އަހާލި ވާހަކައިން މިފަހަރު އައްޒާމަށް އޭނައާއި ދިމާލަށް ބަލާލެވުނީ ސިހުމަކާއި އެކީގައެވެ. ދުރުގައި ހުރި ހާޝިމަށް ވެސް މަންޒަރު ބަލަން ހުރެވުނީ އަންތަރީސްވެފައެވެ. އައްޒާމް ބުނާނެ އެއްޗެއް ނޭނގިފައި ވަނިކޮށް ޒަމީން އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ކިހިނެއްދޯ މިކަހަލަ މީހަކަށް މަޢާފު ދެވޭނީ؟ އަސްލު މައްސަލައެއްނެތް އައްޒާމް ފޮގިވް ނުކުރިޔަސް. މިއަދު ޑޭޑް ޒާމްގެ މަޤާމުގަ ހުރިނަމަވެސް މަޢާފެއް ނުކުރާނަން. އަދި އެ އަނިޔާކުރި މީހަކަށް ޙައްޤު އަދަބު ލިބޭތޯ ޔަޤީންވެސް ކުރާނަން. އެކަމަކު މިއަދު މިހެން މި ބުނެލީ ޑޭޑްއަކީ ޒާމްއަށް ނަފްރަތުކުރާ މީހެއްނޫންކަން އަންގަން. ޒާމްއަށް އިތުރު އަނިޔާތައް ކުރަން ބޭނުންވާ މީހެއް ނޫންކަން އަންގަން. ޒާމްއަށް އެއްވެސް މީހަކު ގެއްލުމެއް ދޭން އުޅޭ ނަމަ ޒާމްއަށް ޑޭޑްގެ ފަރާތުން ރައްކާތެރިކަން ލިބޭނެކަން އަންގަން.” ޒަމީން އެ ވާހަކަތައް ބުނެލީ ޖަޒުބާތުން ފުރެމުން ދިޔަ ހިތަކާއެކީގައެވެ. އެ ހިނދުވެސް އައްޒާމަށް އޭނަގެ ބައްޕައަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ބައްޕަގެ އެ ވާހަކަތަކަށް އިތުބާރު ކުރެވިދާނެހޭ ހިތަށްއެރި ވަގުތު ބައްޕަ އެ ސުވާލަށް ޖަވާބު ދިނެވެ.
“ޒާމްއަށް އަދިވެސް ހީވެދާނެ ޑޭޑް މި ވާހަކަތައް ދައްކަނީ ވަކި ބޭނުމަކުހެން. އެކަމަކު ތެދުތެދަށް މި ބުނަނީ ޒާމް. ޑޭޑް އެއްގޮތަކަށް ވެސް ޒާމްއާ ދެކޮޅުވެރިއެއް ނުވާނަން. ޒާމް ތި ތަބާވާ ދީނާއި މެދު ޚިޔާލު ތަފާތު ވިޔަސް ޑޭޑް ޒާމް ލައްވާ ގަދަކަމުން އެއްވެސް ގޯސްކަމެއް ކުރުވަން މަސައްކަތެއް ނުކުރާނަން. ޒާމްގެ ތި ދީނާއި އެއްގޮތަށް އުޅެން ހުރަހެއް އަޅާކަށް ވެސް ނެތިން. ޒާމް ލަންޑަނަށް އަންނާތީ ޑޭޑް އުފާވާ ހަމައެކަނި ސަބަބަކީ އަނެއްކާވެސް ޒާމްއާއެކީ ދުވަސްތައް ހޭދަކުރުމުގެ ފުރުޞަތެއް ލިބުން.” ޒަމީން އޭނަގެ އިޙްސާސްތައް އައްޒާމްގެ ކުރިމަތީގައި ބަންޑުންކުރިއެވެ. އެއަށްފަހު އައްޒާމްގެ ފަރާތުން ކުޑަވެސް ޢިޝާރާތަކަށް ޒަމީނަށް އުއްމީދު ކުރެވުނެވެ. އެހެނަސް އައްޒާމް ހުރިގޮތަށް އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން ޒަމީން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އައްޒާމަށް ފަސްދީފައި ދާން ހިނގައިގަތެވެ. ޒަމީނަށް ހާޝިމް ނުފެނުނީ އޭނަ އިސްވެސް އުފުލާ ނުލުމުންނެވެ. އެހެނަސް މާ ގިނަ ފިޔަވަޅުތަކެއް ނޭޅެނީސް ފަހަތުން އައްޒާމް ‘ޑޭޑް’ އޭ ކިޔާލި އަޑަށް ޒަމީންގެ ޙަރަކާތްތައް ހުއްޓުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އެފަރާތަށް ބަލާލިއެވެ. އެ ހިނދު އައްޒާމް ހިނިތުންވެލީތަން ފެނިފައި ޒަމީންގެ އަނގައިން ނިކުތް އާހުގެ އަޑާއެކީ އޭނައަށް ވެސް ހިނިތުންވެލެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ އައްޒާމް އޭނަގެ ގާތަށް އަންނަން ފެށުމުން ޒަމީނަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އައްޒާމް އައިސް އޭނަގެ ގައިގައި ބައްދާލުމުން ޒަމީނަށް ހުރެވުނީ އަޖާއިބުވެފައެވެ. އައްޒާމަކީ ކޮންކަހަލަ ކުއްޖެއްތޯ ހިތަށްއެރިއެވެ. އޭނައަކީ އައްޒާމް އެތައް ގޮތަކުން އިހާނެތިކޮށް ހިތައި އައްޒާމްގެ ކުޑައިރުގެ ދުވަސްވަރު ބަރުބާދު ކޮށްލި އިންސާނާއެވެ. އައްޒާމް އެފަދަ މީހަކާއިމެދު ވެސް ކަންތައް ކުރަނީ މިހެންތޯ ހިތަށްއެރި ވަގުތު އައްޒާމް އޭނައާއި ދުރުވެލިއެވެ. އެ ހިނދުވެސް އެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ.
“ވަރަށް އުފާވެއްޖެ ޑޭޑް. ޑޭޑްއަށް ކުށެއްގެ އިޙްސާސެއް ކުރެވުނީމަ. އެއީ ވަކި އަހަންނަށް ބަދަލު ހިފުނުހެން ހީވާތީވެއެއްނޫން. އެކަމަކު އަމިއްލައަށް ކުރެވުނު ކުށަކަށް ހިތުގެ އަޑިން އިޢުތިރާފުވުމަކީ ހިދާޔަތާއި ދިމާލަށް އެޅޭ ފިޔަވަޅަކަށްވާތީ. ޑޭޑްއަށް ކިތަންމެ ގިނަ ކުށްތައް ކުރެވިފައިވިޔަސް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލައްޗޭ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ. އަހަންނަށް ޔަޤީން ޑޭޑް. ޑޭޑްއަށް ﷲ ގެ ދީން ފަހުމްވީ ދުވަހަކު ޑޭޑް އެއަށް ފަސްނުދޭނެ އިން ޝާ ﷲ. މިއަދު އަހަންނާ ޑޭޑްގެ ޚިޔާލު ތަފާތުވުމެއް އޮތީ ޑޭޑްއަށް ނޭނގޭ ބައެއް ކަންތައް އަހަންނަށް އެނގޭތީ. އަހަރެން ކިޔައިދޭނަން ޑޭޑް. ކިޔައިދޭނަން ކީއްވެކަން އަހަރެން މި ދީނަށް ތަބާވަނީ. އެންޑް އައި ޕްރޯމިސް ޔޫ. ޑޭޑްއަށް ﷲ ގެ އިރާދަފުޅުން ހިދާޔަތް ލިބުނު ދުވަހަކުން ޑޭޑް ވެސް އަހަރެން ފަދައިން މި ދީނާއި ދެކޮޅުވުމުގެ ބަދަލުގަ މި ދީން ދިފާޢުކުރާނެ އިން ޝާ ﷲ.” އައްޒާމް އޭނަގެ ހިތަށް ވެރިވެފައި ހިތިކަމުގެ މަތިން ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލަމުން، އުފާވެރިކަމާއެކީ ވާހަކަ ދެއްކީ އެހެން މީހަކަށް ނުވިސްނުނަސް އޭނަގެ ބައްޕައަށް ވިސްނިދާނެހެން ހީވި ވަރުންނެވެ. އޭނަ ދެއްކި ވާހަކަތަކަށް ޒަމީން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހަމަ ޙަޤީޤަތުގައި ވެސް އެ ދީނެއް އެނގުމުން އޭނައަށް އެހާ ބޮޑު ބަދަލެއް އައިސްދާނެކަމާމެދު ޒަމީނަށް ޝައްކުކުރެވުނެވެ. އެހެނަސް އެ ސުވާލު ދުލާއި ހަމައަށް ނުގެނެސް އޭނަ ހިނިތުންވެލީ އެ ވަގުތުކޮޅުގައި އައްޒާމްގެ ހިނިތުންވުން ދެމިހުންނަން އެދެވުނު ވަރުންނެވެ. އައްޒާމް އޭނައަށް ބަލަން ހުރެފައި ދެވަނަ ފަހަރަށް ވެސް އޭނަގެ ގައިގައި ބައްދާލުމުން އޭނަގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބުނެވެ. އެ މަންޒަރު ބަލަން ހުރި ހާޝިމަށް ވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.
އޭގެ އަނެއްދުވަހު އައްޒާމް ޒަމީންމެންނާއެކީ ފުރަން ދިޔައިރު ވެސް ހާޝިމަށް ހުރެވުނީ އެ ހިނިތުންވުމުގައެވެ. އައްޒާމާއި ޒަމީނާއި ދެމެދު އޮތް ގާތްކަން އެނގުންވުމުން އޭނަ ހިތްހަމަޖެހިފައިވުމުންނެވެ. އާޝިޔާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ޒަމީންގެ ބުނިހެން އޭނަގެ ފަރާތުން އައްޒާމަށް ރައްކާތެރިކަން ލިބޭނެކަން ޔަޤީން ކުރެވުމުންނެވެ. އައްޒާމް ފުރައިގެން ދިޔައީ ކާފަގެ ފޯނަށް ވައިބާރ އަޅައިދީފައި އެއްފަހަރު އޭނަގެ ވައިބާރ ނަންބަރުން ކާފައަށް ގުޅާފައެވެ. އެއަށްފަހު ފޯނުން ވައިފައި ޖައްސައި ވައިބާރއިން އޭނަގެ ނަންބަރަށް ގުޅަން ދަސްވެސް ކޮށްދީފައެވެ. އައްޒާމް ފުރަން ދިޔައީ ކާފައަށް ގުޅާނެކަމަށް ބުނަމުންނެވެ. އަދި އެއްމަސް ފަހުން އަނބުރާ އަންނާނެ ވާހަކަ ވެސް ބުނަމުންނެވެ. އެހެނަސް ކާފައާއި ގުޅުން ބޭއްވުމުގެ އެ ހުރިހާ ރޭވުމެއް ފޭލްކުރަން އޭނަގެ މަންމަ ރާވައިގެން ހުރިކަން އައްޒާމް ނުދެނެ ހުއްޓެވެ. އައްޒާމް އެ ހުރިހާ ކަމެއް ކޮށްނިމުނުތާ މާ ގިނައިރެއްނުވެ އާޝިޔާ އައްޒާމްގެ ފޯނުގެ ސިމް ބަދަލުކުރިއެވެ. އެއަށްފަހު އެ ފޯނުގެ ވައިބާރއަށް އެ ނަންބަރު ރަޖިސްޓާރ ކުރީ އައްޒާމާއި އޭނަގެ ކާފަ ދުރުކުރުމުގެ އިތުރުން މާޝާއަށް ވެސް ހުރިހާ ކަމެއް ފަޅާއަރާ ދުވަހަކުން އޭނައަށް އައްޒާމަށް ނުގުޅޭނެ ފަދައަކުންނެވެ. އައްޒާމަށް އޭނަގެ ފޯނަށް ބަދަލެއް ގެނެވިފައިވިކަން ނޭނގުނީ ފްލައިޓަށް އެރެންދެން ވެސް އޭނަ ފޯނަށް ނަޒަރުވެސް ހިންގާނުލުމުންނެވެ. ފޯނު ބެލުމުން މާޝާގެ ހަނދާންތައް އާވާނެކަން ދަނެގެން އެކަމުން ދުރުވުމަށެވެ. މާޝާގެ ނަން ހިތަށް ވެރިވާ ކޮންމެ ފަހަރަކު އައްޒާމްގެ ހިތުގައި ރިހުމެއް އުފެދެއެވެ. މާޝާ މިހާރު ހުންނާނީ ކާކާއެކީތޯ ހިތަށްއަރާ ކޮންމެ ފަހަރަކު އިތުރަށް ދެރަވެއެވެ. އެހެނަސް ހިނދުހިނދުކޮޅާ ބައްޕައާއި ވާހަކަ ދައްކަމުން އޭނަ ހިތްހަމަޖެއްސޭތޯ ބަލަމުން ދިޔައެވެ. އެހެން ހެދި ނަމަވެސް ހިތުގެ ކަނެއްގައި އަބަދުވެސް މާޝާގެ ނަންވިއެވެ.
މާޝާގެ ޙާލަކީ ވެސް އެއީއެވެ. އައްޒާމާއި އޭނަގެ ކައިވެނި ހަމަޖެހުނުކަމުގެ ދަޅަ އޭނައަށް ދައްކާލެވުނު ދުވަހުއްސުރެ އޭނައަށް ހުރެވެނީ އަބަދުމެ ހިނިތުންވުމެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަން އެންމެ ފުރަތަމަ ފާހަގަވާން ފެށީ އޭނަގެ ބޮޑުބޭބެއަށާއި ބޮޑުބޭބެގެ ޢާއިލާ މީހުންނަށެވެ. އެމީހުންގެ ފަރާތުން ނުހަނު އަވަހަށް މިރްޒާނާއި ހަމައަށް ވެސް އެ ވާހަކަ ފޯރިއެވެ. މިގޮތުން މާޝާ އެފަދައިން ހިނިތުންވާންފެށިތާ ތިންވަނައަށްވީ ދުވަހު މާޝާ މިރްޒާންގެ ގެއަށް ޒިޔާރަތް ކުރުމުން މިރްޒާން ދިމާކުރިއެވެ. އެއީ ކޮން ކުއްޖެއްތޯ އަހަމުންނެވެ. މާޝާ އޭނަގެ ކައިވެނި ހަމަޖެހުނު ވާހަކަ ދޮންބެއަށް އެންގީ އެދުވަހުއެވެ. އޭނަ ހުރީ އެދުވަހު ބައްޕަމެން އޭނައާއި ގުޅައިގެން ވެސް ބައްޕަމެންގެ ހާޒިރީގައި އޭނަ ލައްވާ އައްޒާމާއި ވާހަކަ ދައްކުވާނެކަމަށް އުއްމީދުކޮށްގެނެވެ. 3 ދުވަސްފަހުން އައްޒާމް އަނެއްކާވެސް ބައްޕަމެންނާއި ބައްދަލުކުރާނެ ވާހަކަ ބައްޕަ ބުނިވިއްޔާއެވެ. އެހެނަސް އޭނަ ދޮންބެ ގާތު ބައްޕަމެންނާއި ވީޑިޔޯ ކޯލްއެއް ޖެއްސުމަށް އެންގީ އެ ވާހަކަ ކިޔައިދިނުމެއް ނެތިއެވެ. މިރްޒާން ސިޓިންގް ރޫމަށް އޭނަގެ ލެޕްޓޮޕް ގެންދަމުން އެކަން ކުރީ ވެސް މާޝާއާއި ދިމާކުރަމުންނެވެ. އެވަގުތު މުޙްސިން ހުރީ ސްކޫލަށް ގޮސްފައި ކަމަށްވުމުން އެ ދިމާކުރުންތަކަށް ހުއްޓުމެއްވެސްނައެވެ. ނަތީޖާއެއްގެ ގޮތުން ލަތީފްމެންނަށް މާޝާއާއި މިރްޒާން ފެނުނު ވަގުތުވެސް އެދެމީހުންނަށް ތިބެވުނީ ހެވިފައެވެ.
“ހާދަ ހެވިފަ ތިތިބީ؟ މާޝާ ކީއްވެތަ ދަރިފުޅުގެ މޫނު އެހާ ރަތީ؟” ލަތީފް އެހެން އަހާލީ ސީރިއަސްކަމާއި އެކީގައެވެ.
“މޫނު ރަތްވާނެއެއްނު ދޮންބެއަށް ފޮރުވައިގެން ކަމެއްކުރަން އުޅެންޏާ. މާޝާއަށް ކަމުދާ ކުއްޖަކު ފެނިގެންނޯ އުޅެނީ.” މިރްޒާން އޭނައަށް އެނގޭ ވަރަކުން ކިޔައިދިނެވެ. މިރްޒާން ފެށުނީއްސުރެ ދިމާކުރަމުން ދިޔައީ އެ ޒާތަށް ދުރުދުރުން ކަމަށްވިޔަސް މާޝާ އެވަގުތު ވެސް ލަދުގަތެވެ.
“ހެހެ….ލިއާމް ވާހަކަދޯ؟ ލިއާމް މިއަދު އައޭ މިގެއަށް މާޝާއާ ބައްދަލުކުރަން. އޭރުވެސް މިގޮތަށް ގުޅާލެވުނުނަމަދޯ؟” ބައްޕަ ކިޔުނު ނަމެއް އިވިފައި މާޝާގެ ހުއްޓުން އެރި ވަގުތު އޭނަގެ ހިނިތުންވުން ފޭދިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި މާޝާއަށް ވާހަކަ ދެކެވުނެވެ.
“ކާކު ވާހަކަތަ ބައްޕާ؟” މާޝާއަށް އެހެން އަހާލެވުނީ ސީރިއަސްކަމާއި އެކީގައެވެ. އެ ހިނދު މިރްޒާނަށް ވެސް ދެބުމަ ކައިރިކޮށްލަމުން މާޝާއަށް ބަލާލެވުނެވެ.
“ލިއާމް….ލިއާމްއާ ނޫންތަ މާޝާ އިންނަން އެއްބަސްވީ؟” ލަތީފް ޙައިރާންވެފައި އިނދެ އަހާލިއެވެ. އެ ހިނދު ނޭނގޭ ބިރުވެރިކަމެއް މާޝާގެ ހިތް ވަށާލިއެވެ.
“ލް….ލިއާމްއެއް ނޫން ބައްޕާ. އައްޒާމްއާ އިންނަން އަހަރެން އެއްބަސްވީ.” މާޝާ ސާފުކޮށް އެ ނަން ކިޔަމުން ބުނެލިއެވެ.
“ކީކޭ؟ އައްޒާމޭ؟! އައްޒާމް އެދުވަހު ދަރިފުޅާ އިންނަން މިގެއަށް އައީ ލިއާމްއަށްވުރެ ފަހުން. ލިއާމް މިގޭގަ ހުއްޓާ ދަރިފުޅު އޭނައާމެދު ދެކޭ ގޮތް އެހީމަ ދަރިފުޅު އޭނަގެ ނަންވެސް ނާހާ އޭނައަށް އާނބަސްދިނީ. މިހިރީ އޭނަގެ މަންމައޭ ކިޔާފަ. ދެން ފަހުން އައްޒާމްވެސް އައީ ދަރިފުޅާއި އިންނަން އެދެން. އެކަމަކު އޭރު ދަރިފުޅުގެ ޚިޔާލެއް ހޯދަން ބައްޕަ ގުޅީމަ ދަރިފުޅު ފޯނެއް ނުނަގާ. އައްޒާމް ވެސް އެތައް ފަހަރަކު ގުޅީމަ ދަރިފުޅު ފޯނު ބިޒީކުރީ. ދެން އެހެންވެ ބައްޕަމެން އައްޒާމަށް އިންކާރުކޮށް އައްޒާމް ފޮނުވާލީ.” ބައްޕަ ކިޔައިދިން ވާހަކަތަކުން މާޝާއަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީހެންނެވެ. ކުރުވެގެން ދިޔަ ނޭވައާއެކީ ހުޅުވިގެން ދިޔަ އަނގަމަތީގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ބައްޕަގެ ފަހު ޖުމްލައިން ބުނި ބަސްތަކުން އައްޒާމަށް އެ ޙާލަތުގައި ވާނެ ގޮތް ޚިޔާލަށް ގެނެވުމުން ހިތަށް ތަދުވާން އުޅުނު ވަގުތު މާޝާއަށް ރުޅިވެރިކަން އިސްކުރެވުނެވެ.
“އަހަރެން ނޫނެކޭ ނުބުނަން އައްޒާމަށް ބައްޕާ. އަހަރެން އާނއެކޭ ބުނީ އައްޒާމަށް. އެދުވަހު އައްޒާމްގެ މަންމަ ކައިރި ހުރެ އެ ވާހަކަ ބުނީވެސް. އަހަރެން އައްޒާމް ގުޅީމަ ފޯނު ބިޒީއެއް ނުކުރަން އެއްވެސް ދުވަހަކު. އެދުވަހު އަހަރެންގެ ފޯނު ގެއްލުނީމަ ކަންދިމާވި ގޮތް ތީ. ބައްޕަ……ބައްޕަ ކީއްވެ އައްޒާމް ފޮނުވާލީ؟” މާޝާގެ ހިތަށް ކޮށްފައިވި އަސަރެއްގެ ސަބަބުން އޭނައަށް ކުރީކޮޅު ވާހަކަ ދެކެވުނީ ހިސާބެއްގެ ހަރުއަޑުން ކަމަށްވިޔަސް އޭނަ ފަހު ސުވާލުކޮށްލީ މަޑުމައިތިރި އަޑަކުންނެވެ. މާޝާއަށް އަންނަމުން ދިޔަ ބަދަލުތައް ގާތުން ފެންނަމުން ދިޔަ މިރްޒާން ވަކި އެއްޗެކޭ ނުބުނެ މަންޒަރު ބަލަން ހުއްޓެވެ.
“އައްޒާމަކީ އެހެން ނޫނަސް އެހާ ރަނގަޅު ކުއްޖެއް ނޫންކަމަށް ބައްޕަމެންނަށް އިވިފަ އޮތީ ދަރިފުޅު. ލިއާމް ބުނީ އޭނަ ޞާލިޙުވެގެން އުޅެނީ އޭނަގެ ކާފަގެ މުދާގަނޑު ހޯދަންވެގެންނޭ. އަދި އޭނަގެ މަންމައާއި ބައްޕައަކީ ދީނަށް ހަޖޫޖަހާ ދެމީހުންކަމަށް އައްޒާމްވެސް އެއްބަސްވި. އެކަހަލަ މީހަކާއެކީ މާޝާ ކިހިނެއް ޒަވާޖީ ޙަޔާތެއް ފަށާނީ؟” ލަތީފް ސުވާލުކުރުމާއެކު މާޝާ ޖަވާބުދިނެވެ.
“ބައްޕަ އައްޒާމް ދޮގުވެރިއެއްގެ ގޮތުގަ ނިންމާފަ ލިއާމަށްތަ ތި އިތުބާރު ކުރަނީ؟ ބައްޕައަށް އެބަ އިނގޭތަ ތި ލިއާމަކީ ކާކުކަން ވެސް؟ އެއީ އަހަރެން ކުރީގަ ރައްޓެހިވެގެން އުޅުނު ހީލަތްތެރި މުށްބާރު ކުރާ މީހެއް. އަމިއްލަ އެދުމުން ފޯވެފައި ހުރި މީހެއް. ހެޔޮވެސް ނުވާނެ އޭނައަށް އިތުބާރުކޮށްގެން އެހެން މީހަކަށް ގޮތެއް ނިންމަން. އަދި އައްޒާމަށް އަމުދުންނެއްނޫން. އައްޒާމް ބުނިއްޔާ ވެދާނެ އޭނަގެ މަންމައާއި ބައްޕައަކީ ދީނާއި ދުރު ބަޔަކަށް. އެކަމަކު އަހަންނަށް ޔަޤީން އައްޒާމް އަހަންނާ އިނިއްޔާ އައްޒާމް އަހަންނަށް އެމީހުންގެ އުދަގޫ ފޯރުވިޔަ ނުދޭނެކަން. އެހާވެސް ހަރުދަނާ މީހެއް އެއީ. އައްޒާމް އަހަންނާ ރައްޓެހިނުވެ މާލެއަށް ދިޔައީ ވެސް އަހަންނާއި އިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކެއްވާން ބައްޕާ. ޚުދު އަހަރެން ވެސް ހުރިހާ އިމްތިޙާންތައް އަވަހަށް ނިންމައި މިކޮޅަށް އައިއްސަ މިހިރީ އެ ކައިވެނީގެ އުއްމީދުގަ. އައްޒާމް ވަރަށް ދެރަވާނެ ކަންތައް މިވީ ގޮތުން. ޕްލީޒް ބައްޕާ. އައްޒާމަށް ގުޅާފަ ބުނޭ އަހަރެން އައްޒާމާއި އިންނަން ބޭނުމޭ.” މާޝާ ވާހަކަ ދެއްކީ ކަންބޮޑުވުމަކާއި އާދޭހެއް އެކުލެވިފައިވާ ފަދައަކުންނެވެ. މާޝާގެ އެ އެދުމަށް ލަތީފް އެއްޗެކޭ ބުނަން އުޅުނު ވަގުތު މިރްޒާން ވާހަކަ ދެއްކިއެވެ.
“މާޝާ އެ ބުނީ ރަނގަޅަށް ބައްޕާ. އައްޒާމަކީ އަހަރެންވެސް ވަރަށް ގާތްކޮށް ދަންނަ ކުއްޖެއް. ހިއެއްނުވޭ އައްޒާމް ތި ސިފަކުރާހާ ގޯސްވެދާނެހެން. އައްޒާމްގެ މަންމައާއި ބައްޕަ ކޮންމެ ގޮތަކަށް އުޅުނަސް އައްޒާމަކީ ރަނގަޅު ކުއްޖެއްނޫންތަ ބައްޕާ؟ އެހާވަރުން ނުފުދޭތަ؟” މިރްޒާން ސުވާލުކުރުމުން މާޝާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އައްޒާމްގެ ހިތަށް ވެސް އެ ސުވާލުއަރާނެއޭ ހިތް ބުނުމުންނެވެ.
“އާނދޯ އަސްލު؟ އެކަމަކު އެދުވަހު މާޝާ ލިއާމް ހުއްޓާ އެއްބަސްވީމަ ވީގޮތް މީ. މިހެންވީމަ ކުއްޖަކާ ބައްދަލުކޮށްފަ ނޫނީ އިންނަން އެއްބަސްނުވާންވީ. ބައްޕަގެ މައްސަލައެއްނެތް މާޝާއާއި ދޮންބެވެގެން އައްޒާމަށް ގުޅައިގެން މިކަން ހަމަޖެއްސިޔަސް. ބައްޕަ ލިއާމަށް އަންގާލާނަން މިކޮޅުން.” ލަތީފް ބުނެލިއެވެ. މާޝާ އަވަސްއަވަހަށް އެންމެ ރަނގަޅޭ ބުނެ ލެޕްޓޮޕުން އެ ފޯނު ކަނޑާލެވުނީ ބޭއިޚްތިޔާރުގައެވެ. އަދި ދޮންބެ ގާތު އައްޒާމަށް ގުޅާލުމަށް އެދެވުނެވެ. އައްޒާމްގެ ނަންބަރަށް ކުރިން ވެސް މިރްޒާން ގުޅާފައިވުމުން ވަރަށް އަވަހަށް އޭނައަށް ވައިބާރއިން އެ ނަންބަރު ހޯދާލެވުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ނަންބަރު ހުރީ ގުޅޭ ގޮތަކަށް ނޫނެވެ. އެހެންކަމުން މިރްޒާން އޭނަގެ ފޯނުން ވެސް އެ ނަންބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ގުޅޭ ގޮތެއްނުވިއެވެ. މުޙްސިން ސްކޫލުން ގެއަށް އައީ މިރްޒާން އެ މަސައްކަތުގައި ވަނިކޮށެވެ. މުޙްސިން ކިހިނެއްވީތޯ ސުވާލުކުރުމުން މިރްޒާން ފޮރުވުމެއްނެތި ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
“ސުބްޙާނަ ﷲ! ތިއީ އެއްކަލަ މަޝްހޫރު އައްޒާމްތަ؟ އެހެންވެއްޖެއްޔާ އައްޒާމް ވަރަށް ވަރަށް ދެރަވާނެ ތިހެންވީމަ. ކުރީ ދުވަހު ފިހާރައެއްގެ ތެރެއިން ދިމާވީމަ ވެސް ވަރަށް އުފަލުން ބުނީ ތިމަންނަ މިއުޅެނީ މީހަކާއި އިންނަންވެގެންނޭ. އަވަހަށް އޭނައަށް ކޮންމެވެސް ގޮތަކަށް އަންގާލަބަލަ!” މުޙްސިން އެދުނެވެ. މުޙްސިނަށް އައްޒާމް އެނގެނީ ކިހިނެއްތޯ މިރްޒާނާއި މާޝާގެ ހިތް ވެސް ސުވާލުކުރިއެއްކަމަކު އެދެމީހުން ވެސް އެވަގުތު އެހެން ނޭހިއެވެ. ބަދަލުގައި އައްޒާމްގެ ފޭސްބުކް ޕްރޮފައިލްއަށް ވެސް މެސެޖެއް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެމީހުން ބަލާލިއިރު އެ ޕްރޮފައިލް ވެސް ވަނީ ހެކް ކުރެވިފައެވެ. ޕްރޮފައިލް ފޮޓޯގައި ވެސް ނުބައި ޒާތުގެ ފޮޓޯއެއް ޖަހާފައި ހުރިއިރު އެ ޕްރޮފައިލްގައި ފަހަކަށް ލިޔެވިފައިވި ޕޯސްޓްތައް ވެސް އެފަދައެވެ. ޕްރޮފައިލް ހެކްކުރެވިފައިކަން ޔަޤީންވުމުން މުޙްސިން އެހެން ޚިޔާލެއް ދިނެވެ. އައްޒާމްގެ ގެއަށް ދިޔުމުގެ ޚިޔާލެވެ. މިރްޒާން އައްޒާމްގެ ގެ އެނގޭތޯ ސުވާލުކުރުމުން މުޙްސިން ތެދުތެދަށް ޖަވާބުދިނެވެ. އެއާއެކު މުޙްސިން ވެސް އެމީހުންނާއެކީ އެގެއަށް ދިޔުމަށްޓަކައި ތައްޔާރުވީ ބިރުގެންފައިވި ހިތަކާއި އެކީގައެވެ. އައްޒާމްގެ މަންމަވެސް މިކޮޅުގަ ހުރި ވާހަކަ މާޝާ ދައްތަގެ ފަރާތުން ދެންމެ އިވުމުންނެވެ. އެހެނަސް ކޮންމެވެސް ގޮތަކަށް އޭނަގެ ބޮޑުދައިތައަށް ފިލަން ނިންމަމުން ވެސް މުޙްސިން އެ ދަތުރުގައި ދިޔައީ، އޭނަގެ ބޭބެ އައްޒާމަށް އުފާވެރިކަމެއް ހޯދައިދޭން އޭނައަށް ވެވެން އޮތްހާ ކަމެއް ކުރުމަށެވެ.
މިރްޒާން އޭނަގެ ކާރުގައި މުޙްސިނާއި މާޝާ ގޮވައިގެން މާލެ ދިޔައީ ބާރު ސްޕީޑެއްގައެވެ. މުޙްސިން ކިޔައިދިން ގޮތަށް މަގުތައް ކަނޑައްތު ކުރަމުން ދިޔަ ހިނދު މުޙްސިން ވާހަކަ ދެއްކިއެވެ.
“މީގެ މަސްތަކެއް ކުރިން އަހަރެން އުޅުނީ އެގޭގަ. ވަރަށް ރަނގަޅު ބޭބެއަކާއި އައްޒާމާއެކީ އެގޭގަ އުޅުނީ…..މާ ފަހުން އެނގުނީ އެ ބޭބެއަކީ އަހަރެންގެ ކާފަކަން.” މުޙްސިން ބުނެލި ވާހަކައިން މިރްޒާނަށް އޭނައަށް ނަޒަރެއް ދެވުނީ ކުއްލިއަކަށެވެ.
“ކާފައަށް އެނގޭތަ ތިކަން؟” މިރްޒާން އެއްފަހަރު މުޙްސިނަށް އަނެއްފަހަރު ކުރިއަށް ބަލަމުން ސުވާލުކުރިއެވެ.
“ނޭނގޭނެ. ބައްޕަ ގޮއްސަ އަންގަދެއްޗޭ ކާފައަށް. އަހަރެން ނުފައިބާނަން. އައްޒާމްގެ މަންމަމެން ތިއްބާ އަހަރެން ފޭބުން ރަނގަޅެއްނޫން.” މުޙްސިން ބުނެލިއެވެ. އެ ވާހަކަ އަޑުއަހަން ކާރުގެ ފަހަތު ސީޓުގައި އިން މާޝާގެ ނިތަށް ރޫގިނަވިއެވެ.
“ކިހިނެއްވީ؟ އެމީހުންތަ މަންމައަށް އަނިޔާ ކުރީ؟ އާޝިޔާމެން؟” މިރްޒާން ހިސާބެއްގެ ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ. މުޙްސިނަށް އިތުރަށް ފޮރުވުމެއްނެތި އާނއެކޭ ބުނެލެވުނީ ބައްޕަ ދަނީ އެމީހުންނާއި ކުރިމަތިލާންހެން ހީވުމުންނެވެ. އޭނަ އާނއެކޭ ބުނެލި ވަގުތު ވެސް ބައްޕަގެ ދަތްކުނޑި ވިކުނެވެ. މިއީ މިރްޒާންގެ ޙަޔާތުގައި ވެސް އޭނަ ދުވަހަކު ނުދެކޭ ބަޔަކަށް ރުޅިއައި ފުރަތަމަ ފަހަރެވެ. މާޝާގެ ހިތަށް އެއްފަހަރާ އެތައް ސުވާލެއް ވެރިވިއެއްކަމަކު އޭނައަށް ސުވާލެއް ނުކުރެވުނީ ވެސް ދޮންބެގެ އެ ރުޅީގެ ސަބަބުންނެވެ.
އެހެނަސް ހާޝިމްގެ ގެއަށް ގޮސް ކަންތައްވެގެން ދިޔައީ 3 މީހުންކުރެ އެއްވެސް މީހަކު އުއްމީދު ކުރި ގޮތަކަށް ނޫނެވެ. މުޙްސިންގެ އެދުމުގެ މަތިން މިރްޒާން އެގެއަށް ވަންނަން ދިޔައީ މުޙްސިން ކާރުގައި ބައިންދާފައެވެ. މިރްޒާނާއި މާޝާ ގޮސް އެ އެޕާޓްމެންޓްގެ ބެލް އަޅުވާލުމުން ހާޝިމް ދޮރު ހުޅުވިއެވެ.
“ކޮބައިތަ އެމީހުން؟! ކޮންތާކު ފިލައިގެން އެމީހުން އުޅެނީ؟” ހާޝިމަށް އެއްޗެކޭ ނުބުނެވެނީސް މިރްޒާން އެގޭގެތެރެއަށް ވަންނަމުން އެ ސުވާލުތައް ކޮށްލީ ރުޅިވެރިކަމާއެކީގައެވެ. އެ ހިނދު މާޝާއަށް އެއްޗެކޭ ބުނަން ބޭނުންވެފައި ހުރެވެސް ނުބުނެ ހުރެވުނީ ދޮންބެ އައީ އޭނަގެ ސަބަބަށްވުރެ މާ ބޮޑު ސަބަބަކަށްޓަކައިހެން ހީވުމުންނެވެ.
“ކޮން ބައެއްތަ މިރްޒާން؟ ކޮންތާކު ފިލައިގެން އުޅެނީ؟” ހާޝިމް ވެސް މިރްޒާން ދިޔަ ދިމާލަށް ދަމުން ޙައިރާންކަމާއެކީ ސުވާލުކުރިއެވެ.
“އަމްނާގެ އެ ބުނާ ތުއްތައަކާ ތުއްތަބެއެއް! އެމީހުންނޭ އަމްނާ ގެއްލުވާލީ!!!” މިރްޒާންގެ ރުޅި ގަދަވެގެން ދިޔަދިޔަހެން އޭނަގެ އަޑުވެސް ހަރުވިއެވެ. އޭނަ އިއްވާލި ވާހަކައިން ހާޝިމްގެ ދެލޯ ބޮޑުވިއެވެ.
“ކް…ކީކޭތަ މިރްޒާން ތި ކިޔަނީ. އަމްނާއަށް އެ ސިޙުރެއް ހެދީ މިރްޒާންގެ ބޭބެއެއް ނޫންތަ؟!” ހާޝިމް އެހެން އަހާލީ ވެސް ނުރުހުންވެފައި ހުރެއެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް އޭނަގެ ހިތުގައި ވެސް އާޝިޔާއަށްޓަކައި ލޯތްބެއްވެއެވެ. އެހެނަސް…
“އެންމެ ފުރަތަމަ ސިޙުރު ހެދީ އޭނަ. އެކަމަކު މިހާރު އަމްނާ އަހަރުމެންނާ ދުރުގަ އުޅޭ ސަބަބަކީ އެ އާޝިޔާމެން. ކޮބައިތަ އެމީހުން؟!!” މިރްޒާން ދެންވެސް އެސުވާލު ކޮށްލީ ހަރުއަޑުންނެވެ. އެ ހިނދު އެ ބަސްތައް އިވުނު މާޝާގެ ހިތްވެސް ރޫރޫއަޅައިގެން ދިޔައެވެ.
“ހަމަޖެހިބަލަ މިރްޒާން. އެމީހުން ނެތޭ މިކޮޅުގައެއް!” ހާޝިމް އަންގާލި ވާހަކަ މިރްޒާންގެ ނޭވާ ހުއްޓުމަކަށް އައެވެ. އިރުކޮޅެއް ވަންދެން އޭނައަށް ހާޝިމަށް ހިމޭންކަމާއެކީ ބަލަން ހުރެވުނެވެ.
“އެމީހުން ގޮއްސި އަނބުރާ ލަންޑަނަށް. އިހަކަށް ދުވަހު. އައްޒާމްވެސް ގޮވައިގެން އެމީހުން ދިޔައީ. މާޝާ ދަރިފުޅު…..ކިހިނެއް ދަރިފުޅު ހެދީ އައްޒާމަށް؟ އައްޒާމް ހާދަ ރުއޭ ދަރިފުޅު އޭނައަށް ނޫނެކޭ ބުނީމަ. އެކަމާހެދި ބޮޑަށް އައްޒާމް އެމީހުންނާއެކީ ދިޔައީވެސް. މި މާޙައުލާ ދުރަށްދާން އޭނަ ބޭނުންވީ. އެހެންނޫންނަމަ އޭނަ އެ ޒާތުގެ ދެމީހުންނާއެކީ އުޅެން އެއްގޮތަކަށް ވެސް ނުދާނެ!” ހާޝިމް މާޝާއަށް ބަލަން ހުރެ ދެއްކި ވާހަކައިން މާޝާ ފެންކަޅިވާ ގޮތްވިއެވެ. އޭނަ އެއްޗެކޭ ބުނަން ބޭނުންވިއެވެ. އޭނަ އައްޒާމަށް ނޫނެކޭ ނުބުނާ ވާހަކައެވެ. ދުވަހަކުވެސް އޭނަ އައްޒާމަށް އިންކާރު ނުކުރާނެ ވާހަކައެވެ. އެހެނަސް އޭގެ ކުރިން އަނެއްކާވެސް މިރްޒާން ވާހަކަ ދެއްކިއެވެ.
“ބައްޕަ ކީއްވެތަ އެމީހުން މިކޮޅުގަ ތިބިއިރު އަހަރެން ކައިރި ނުބުނީ؟ މުޙްސިން ވެސް ހުންނަނީ އެމީހުންނާހެދި ސިހި ބިރުގެންފަ!” މިރްޒާން މިފަހަރު ބުނެލި ނަމަކުން ހާޝިމް ހުއްޓުން އަރާ ގޮތްވިއެވެ. އޭނައަށް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެކެވުނެވެ.
“މުޙްސިން….މުޙްސިން މިކޮޅުގަ ހުރީތަ؟” ހާޝިމަށް އެހެން އަހާލެވުނީ ތުރުތުރުއަޅާ އަޑަކުންނެވެ. އެ ހިނދު އޭނައަށް ޙަޤީޤަތެއް ހާމަކުރެވިއްޖެކަން އެނގުންވި މިރްޒާން ހިމޭންވާ ގޮތްވިއެވެ. އޭނަ ފުން ނޭވައެއް ދޫކޮށްލަމުން ބޯޖަހާލިއެވެ. އެއާއެކު ހާޝިމް ރޮވިފައިވާ އަޑަކުން މުޙްސިން އޭނަ ކައިރިއަށް ގެނެސްދިނުމަށް އެދެން ފެށިއެވެ. މިރްޒާން ވަކި އިންކާރު ކުރުމެއްނެތި އަމިއްލައަށް ގޮސް މުޙްސިން ގޮވައިގެން އެ އެޕާޓްމެންޓަށް ދިޔައެވެ. މުޙްސިން ފެނުމާއެކު ހާޝިމް ޙައިރާންކަމާއެކީ އޭނައަށް ގޮވާލީ ހަސަންގެ ނަމުންނެވެ. އެހެނަސް މުޙްސިން ބޯހޫރުވާލަމުން މުޙްސިންއޭ ބުނެލުމުން ހާޝިމް އުފަލާއެކީ ގޮސް މުޙްސިންގެ ގައިގައި ބައްދާލިއެވެ. އިސާހިތަކު އެ މާޙައުލަށް އުފާވެރިކަން ވެރިވެގެން ދިޔައީ ހާޝިމަށް އުފާވެރިކަމުގެ ކަރުނަތަކާއެކީ ގިސްލެވެން ފެށުމުންނެވެ. މިރްޒާނާއި މާޝާގެ ހިތަށް އެވަގުތު ވެރިވެފައިވި ހަލަބޮލިކަމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އެވަގުތުކޮޅުން ލިއްބައިދިނެވެ. އިރުކޮޅެއް ވަންދެން ގިސްލުމަށްފަހު ހާޝިމް މުޙްސިނާއި ދުރުވެލަމުން އެތައް ޝަކުވާއެއް ކުރިއެވެ. ކާފައަށް ދޮގުހެދީ ކީއްވެތޯ އަހަމުންނެވެ. ކާފައާއި ދުރަށް ދިޔައީ ކީއްވެތޯ އަހަމުންނެވެ. މުޙްސިން އެ ހުރިހާ ސުވާލަކަށް ޖަވާބު ދިނެވެ. އެންމެން އެކީގައި ސިޓިންގް ރޫމުގެ ސޯފާގައި އިށީނުމުން މުޙްސިން ތަފްޞީލުކޮށް އާޝިޔާމެން އޭނަގެ މަންމައަށް ހެދިގޮތް އޭނައަށް އެނގޭ ވަރަކުން ކިޔައިދިނެވެ.
“އެ ކޮންފަރެންސްގެ ތެރެއިން އެމީހުން މަންމަ ރަހީނުކުރީ. އަހަންނަށް މިކަން އެނގުނީ އޭގެ ދުވަސްކޮޅެއް ފަހުން އޭގެއިން މީހަކު އަމްނާއޭ ކިޔައި ވާހަކަ ދައްކާ އަޑުއިވިފަ. މަންމަ އެމީހުން ބަހައްޓާފަ ހުރީ ކޮންމެވެސް ޢިމާރާތެއްގެ ތިރީ ބައިގަ. އޭގެއިން މީހަކު ދެއްކި އަޑުއިވުނު ގޮތުގަ މަންމައަށް އެމީހުން ކާންވެސް ނުދޭ. އެކަމަކު ﷲ ގެ އިރާދަފުޅުން މަންމަ ސަލާމަތްވިކަން އަހަންނަށް އެނގުނީވެސް އެމީހާ ފަހަތުން ދާން އަހަރެން ކުރި މަސައްކަތުގެ ތެރޭގަ. އައްޒާމްގެ މަންމައާއި ބައްޕަގެ އިތުރުން ވެސް އެމީހުންނާއެކީ މަސައްކަތް ކުރާ ފިރިހެނެއް އެބައުޅޭ. ނޭނގެ އޭނައަށް ކިޔާ ނަމެއް. އެނގޭހާ ވެސް ކަމަކީ މި އެންމެންގެ ބޭނުމަކީ އެކައްޗެއްކަން. މަންމަ ދީނާއި އެއްކޮޅަށް ވާހަކަ ދައްކާތީ މަންމަ ނެތިކޮށްލުން….އަހަންނަށް ބިރުހީވޭ އެމީހުން އައްޒާމްވެސް ގެންދިޔައީ އެފަދަ ކަމަކުހެން. ކާފަ އައްޒާމަށް ގުޅަން މަސައްކަތް ކުރިންތަ؟” މުޙްސިން ސުވާލުކުރިއެވެ.
“އަދި މަސައްކަތެއް ނުކުރަން. މިހާ ހިސާބަށް އައިއިރު މުޅިންވެސް އެކޮޅުން ޒަމީން މެދުވެރިވެގެން އައްޒާމާއި ވާހަކަ ދައްކަމުން މިދަނީ. އާޝިޔާ ކޮންމެ ގޮތަކަށްވިޔަސް ޒަމީން ފުދޭވަރަކަށް ރަނގަޅު. އައްޒާމް ޒަމީންއާއެކީ ދިޔައީވެސް އޭނައަށް ހެޔޮވިސްނުން ކޮންމެވެސް ދުވަހަކުން ލިބޭނެ ކަމުގެ އުއްމީދުގަ. ކާފަގެ އުއްމީދަކީވެސް އެއީ. އައްޒާމް ބުނި ތިމަންނަ އެއްމަސް ފަހުން މިކޮޅަށް އަންނާނަމޭ. އެހެންވީމަ މާޝާ ދަރިފުޅު ދެރަނުވައްޗޭ.” ވާހަކަ ދައްކަމުން ގޮސް ދެރަވެފައި ހުރި މާޝާއަށް ބަލާލަމުން ހާޝިމް ޚަބަރެއް ދިނީ މާޝާގެ ހިތްހަމަޖައްސާލުމަށެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެ ވާހަކަ އިވިފައި މާޝާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ވާހަކަވެސް ދެކެވުނެވެ.
“އެކަމަކު ބޭބެ ދެން އައްޒާމް ގުޅި ފަހަރަކު އަންގަދެއްޗޭ އަހަރެން އޭނައަށް ނޫނެކޭ ނުބުނާ ވާހަކަ. އައްޒާމް ވަރަށް ދެރަވާނެ އެހެންނޫނީ.” މާޝާ އެދުނެވެ. ހާޝިމް އެ ވާހަކައަށް ބޯޖަހާލިއެވެ. ހަމަ އެހިނދު މާޝާއަށް މެސެންޖާއިން މެސެޖެއް އައި އަޑު އިވުނެވެ. މާޝާ ފޯނަށް ބަލާލި ހިނދު ހާޝިމްމެން އަމްނާގެ ވާހަކަ ދައްކަން ފެށީއެވެ. އަމްނާ ހުންނާނީ ކޮންތާކު ކަމާމެދު ވާހަކަ ދެކެވެން ފެށިއެވެ. މާޝާއަށް އެ ވާހަކަތަކަށް ވަކި ވަރަކަށް ސަމާލުކަން ދެވުނީ އޭނައަށް އައި މެސެޖު ފެނިފައެވެ. އެއީ މަންހާގެ ފަރާތުން އައި މެސެޖެކެވެ. މަންހާ ވަނީ ވީހާވެސް އަވަހަކަށް އޭނައަށް ގުޅާލުމަށް އެދިފައެވެ.
ނުނިމޭ