Hijra (Part 11)
ފޯނަށް ސިނާންގެ ނަން އަރާފައި އޮތްތަން ފެނިފައި އަފްރީންގެ ލޮލުން ނިދިފިލައިފިއެވެ. އޭނަ އޭނަގެ ހުރިހާ ދަތްތައް ފެންނާނެ ވަރަށް ހިނިތުންވެލައިގެން ހުރެ އެނދުން ތެދުވެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއިރު އޭނަ ފަތިސް ނަމާދު މަތިން ހަނދާން ނެތިއްޖެއެވެ
އަފްރީން މޫނުވެސް ނުދޮވެ އެތައް އިރެއް ވަންދެން ސިނާންއާއި ވާހަކަ ދައްކަން އެނދުގައި އިނެވެ. ސިނާން އަފްރީންގެ ރީތިކަމަށް ތަޢުރީފު ކުރަމުން ދިޔައިރު އަފްރީންއަށް ލަދުރަކިކޮށް ހިނިތުންވެވެމުން ދިޔައެވެ. ސިނާން އަފްރީން ހަނދާން ވާ ވާހަކަ ބުނުމުން އަފްރީން ވެސް ސިނާން ހަނދާންވާ މިންވަރު ސިފަކޮށްދެމުން ދިޔައެވެ. ސިނާން އޭނައަށް އެންމެ ފުރަތަމަ އަފްރީން ދެކެ ލޯބިވެވެން ފެށިގޮތް ކިޔައިދިން އިރު އަފްރީންއަށް ހެވިފައި އިނދެވުނެވެ. ސިނާން ވާހަކަ ދައްކަމުން ދިޔައިރު ހަދަންވެފައިވާ ފިލާވަޅުތަކާމެދު އަފްރީންގެ ސިކުނޑި އޭނައަށް ހަނދާން ކޮށްދެމުން ދިޔައެވެ. ނަމަވެސް އެއެއްޗެހި ފަހުންވެސް ހެދިދާނެ ކަމަށް ބުނެ އަފްރީންގެ ހިތް އޭނަގެ ސިކުނޑި މައިތިރިކޮށްލައިފިއެވެ. އަދި ގޭގައި ފިލާވަޅު ނުނިންމުނަސް ކުލާހަށް ގޮއްސަވެސް ނިންމިދާނެ ނޫންހެއްޔެވެ؟
އަފްރީންއާއި ސިނާންގެ ވާހަކަ މެދުކެނޑުނީ އަފްރީންގެ ކޮޓަރީގެ ބޭރުން ސަދަފް އަފްރީންއަށް ގޮވާލި އަޑަށެވެ. ސަދަފްގެ އަޑު ކޮޓަރިއާއި ކައިރިވަމުން ދިޔަ ގޮތުން އަފްރީންއަށް އަވަސްއަވަހަށް ބާއިއޭ ބުނެލަމުން ފޯނު ކަނޑާލެވުނެވެ. އަފްރީންއަށް އޭނަގެ ފޯނު އެނދުމަތީގައި ބޭއްވުނު ވަގުތު ސަދަފް އެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އަފްރީން ގަދަކަމުން އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލެވޭތޯ ބެލިއެވެ. ސަދަފް ވަގުތުން އަހާލީ ފަތިސް ނަމާދު ކުރިތޯއެވެ. އަފްރީންއަށް ބޯހޫރުވާލެވުނީ ވެސް އެ ޙަޤީޤަތެއްނެތް ހިނިތުންވުމާއި އެކީގައެވެ. ސަދަފް އަފްރީންއަށް ފާޑަކަށް ބަލަން ހުރެފައި ސައިބޯން އައުމަށް ބުންޏެވެ. އަފްރީން ބޯޖަހާލުމުން ސަދަފް ކޮޓަރިން ނިކުތެވެ. އަފްރީންއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮއްލެވުނެވެ.
ޔޫނުސް މިސްކިތުން ގެއަށް އައި މަގުމަތީގައި ގެއަށް ގޮސް ނަސްރާއާއެކީ ސައިބޯނީއޭ ހިތަށްއެރިއެވެ. ނަމަވެސް ގޭގެ ދޮރުމައްޗަށް އެރިއިރު ނިދިގަދަވެގެން ގޮސް ޔޫނުސްގެ ދެލޯ މެރެމުން ދިޔައެވެ. ލޯ ހުޅުވައިގެން ހުރެވޭތޯ މަސައްކަތް ކުރަމުން ޔޫނުސް ގެއަށްވަނެވެ. ކޮޓަރިއަށް ދިޔައިރު އޭނައަށް ހިނގެމުން ދިޔައީ މަސްތުވެފައި ހުރި މީހަކު ފަދައިންނެވެ. ޔޫނުސް އެތައް މަސައްކަތަކުން ކޮޓަރީގެ ދޮރާއި ހަމަކޮށްފިއެވެ. ހަމަ އެވަގުތު އެނދު ފެނުނުތަނާހެން އޭނަ އެއާއި ދިމާލަށް ދާން އަވަސްވެގަތެވެ. އެނދުގައި އޭނައަށް ބަލަހައްޓައިގެން ހުރި ނަސްރާ ޔޫނުސްއަށް ނުފެނުނު ފަދައެވެ. ޔޫނުސް ބާރުމިނެއްގައި އެނދާއި ދިމާލަށް އަންނަތަން ފެނިފައި ނަސްރާއަށް ތެޅިގެންފައި އެނދުން ތެދުވެ ދުރުވެވުނެވެ. ނަސްރާގެ ނަސީބު ރަނގަޅުކަމުން ޔޫނުސް އޭނަގެ ގައިގައި ނުޖެހި މުޅި އެނދަށްވާ ގޮތަށް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. ހުޅުވާފައިވާ ލެޕްޓޮޕް އެއްއަތުން ހިފަހައްޓައިގެން މޭމަތީގައި އަނެއްއަތް އަޅައިގެން ނަސްރާއަށް އެނދުގައި އޮތް ޔޫނުސްއާއި ދިމާލަށް ބަލަން ހުރެވުނެވެ. ނަސްރާ ކުރިއަށް ލަސް ފިޔަވަޅުތަކެއް އަޅާލަމުން ޙައިރާންކަމެއްގައި ހުރެ ޔޫނުސްގެ މޫނު ފެނޭތޯ ބެލިއެވެ. ޔޫނުސް އޮތީ ދެލޯ މެރިފައެވެ. ޔޫނުސްއަށް ކުއްލިއަކަށް ކިހިނެއްވީބާއޭ ނަސްރާގެ ހިތަށްއެރިއެވެ. ގެއިން ދިޔައިރު އޭނަ ހުރީ ރަނގަޅަށެވެ. ނަސްރާއަށް ވިސްނަން ހުރެވުނެވެ. ކަންވީގޮތް ނަސްރާއަށް ނަގައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. ޔޫނުސް ރޭ ހަތަރުދަމު ހުރީ ނުނިދައެވެ. އޭނަ ނިދިގަދަ ވާނެ މިންވަރު ނަސްރާއަށް ތަޞައްވުރު ކުރެވުނެވެ. ޔޫނުސްއަށް އޮށޯވެފައި އޮވުނީ ވެސް ބާލީހަކަށް ބޯ ނާރުވައެވެ. ބާލީހެއް އޭނަގެ ބޯ ދަށަށް ލައްވަން ހިތަށްއެރިއްކަމަކު ޔޫނުސް ހޭލެވިދާނެތީ ނަސްރާއަކަށް އެކަން ކުރާކަށް ނުކެރުނެވެ. ނަސްރާ ހިނދުކޮޅަކަށް ޔޫނުސްއަށް ބަލަން ހުރެފައި ލެޕްޓޮޕް ހިފައިގެން ގޮސް ކިޔަވާ މޭޒުދޮށުގައި އިށީނެވެ.
ނަސްރާ ކިޔަވާ މޭޒުދޮށުގައި ހުންނަތާ 2 ގަޑިއެއްހާއިރު ފަހުން އޭނަ ބަނޑުހައިވާން ފެށިއެވެ. އޭނައަށް މިހުރެވުނީ ސައިވެސް ނުބޮއިކަން ހަނދާންވީ އެވަގުތެވެ. އޭނަ ލެޕްޓޮޕް ސްކްރީންގެ ކަނުގައި ހުރި ގަޑިއަށް ބަލާލިއިރު ގަޑިން 9:03 ހިނގައިފިއެވެ. ނަސްރާއަށް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ. ޔޫނުސް އަދިވެސް އޮތީ ކުޑަ ތަންކޮޅަކަށް ވެސް ނުޖެހި އޭނަ އެންމެ ފުރަތަމަ ގޮސް އޮށޯވެ އޮތް ގޮތަށެވެ. ޔޫނުސްއަށް ގޮވާލަން ހިތަށް އަރާފަވެސް ނަސްރާ ލެޕްޓޮޕް ލައްޕައި ގޮނޑިން ތެދުވެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ބަދިގެއާއި ދިމާލަށް ހިނގަމުން ދިޔައިރު ނަސްރާ ޚިޔާލުކުރަމުން ދިޔައީ ކޮފީއެއް ބޯށެވެ. ޚިޔާލުގައި އޭނަގެ ލޮލަށް ސިފަވަމުން ދިޔައީ އޭނަގެ އަމިއްލަ ގޭގެ ބަދިގޭގައި ކޮފީއެއް ހަދާތަނެވެ. އެހެންކަމުން ބަދިގެއާއި ހަމައަށް ގޮސް އެތާނގެ ދޮރު ހުޅުވާލި ވަގުތު މުޅިން އެހެން ތަނެއް ފެނުމުން ނަސްރާ ހުއްޓުން އެރިއެވެ. ބަދިގޭގެ ވަށައިގެން ނަސްރާ ނަޒަރު ހިންގާލީ ބީރައްޓެހި ގޮތަކަށެވެ. އެތާނގެ ތެރެއިން ފެނުނު ތަކެތި އޭނައަށް “މަރުޙަބާ” ކިޔުނު ހެނެއް ނަސްރާއަކަށް ހިއެއްނުވިއެވެ. އެހެންވެ ނަސްރާ ފަހަތަށް ޖެހިލަމުން ދޮރު ލައްޕާލިއެވެ.
އެނދުމަތީގައި އޮތް ޔޫނުސް ދެލޯ ތަގުޅިކޮށް ހުޅުވަމުން އަނެއްފަރާތަށް އެނބުރިލައިފިއެވެ. ސީލިންގްއަށް ބަލަހައްޓައިގެން ޔޫނުސް އިރުކޮޅަކު އޮތެވެ. އޮވެއޮވެފައި އޭނައަށް ކުރިމަތީގައި ހުރި ގަޑިއަށް ބަލާލެވުނުއިރު ގަޑިން 9:05 ވެއްޖެއެވެ. ހަމަ އެއާއެކު ރޭ އޭނައަށް މީހަކާ އިނދެވިއްޖެކަމާއި ރޭ ކަންތައް ވީގޮތާއި މިއަދު ފަތިސް ނަމާދަށް ގޮސް ގެއަށް އައިސް ކަންތައް ވީގޮތް އޭނަގެ ހަނދާނަށް އައެވެ. ޔޫނުސްއަށް ލުއްކެއްޖަހައި އެނދުން ތެދުވެވުނެވެ. ކޮޓަރީގެ ވަށައި ހޯދާލެވުނީ ނަސްރާ ފެނޭތޯއެވެ. ނަސްރާ ނުފެނިގެން އުޅެނިކޮށް ކޮޓަރީގެ ބޭރުން ނަސްރާ ކިނބިހިއެއް އަޅާލި އަޑު އިވުނެވެ. އެއަޑު އައީ ކައިރިންކަން ކޮޓަރީގެ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިން ޔޫނުސްއަށް އެނގުނެވެ. ކޮޓަރީގެ ތަޅު އެނބުރުނުތަން ފެނިފައި ޔޫނުސް އަވަސް އަވަހަށް އެނދަށް ރަނގަޅަށް އަރައި ބާލީސްމަތީގައި އޮށޯވެ ދެލޯ މަރާލިއެވެ. ހަމަ އެވަގުތު އޭނަ ހާދަ ފިނޑިއޭ އޭނަގެ ހިތް ބުންޏެވެ. ނަމަވެސް ޔޫނުސް ލޯ ހުޅުވާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.
ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި ނަސްރާ ޔޫނުސްއާއި ދިމާލަށް ބަލާލި ވަގުތު އޭނަގެ ނިތަށް ރޫގިނަވިއެވެ. ޔޫނުސް މިހާރު އޮށޯވެ އެއޮތީ އޭނަ ދިޔައިރު އޮތް ގޮތަކަށް ނޫނެވެ. ނަސްރާ ކޮޓަރިތެރެއަށް އިތުރަށް ވަދެގެން ގޮސް ޔޫނުސްގެ މޫނު ފެންނާނެހެން އެނދުގެ ކައިރީގައި މަޑުކޮށްލިއެވެ. ޔޫނުސް އޮތީ ކިޔަވާ މޭޒާއި ދިމާލަށް މޫނުވާގޮތަށް އޮށޯވެގެންނެވެ. 2 ގަޑިއިރު ވަންދެން ބަންޑުން އޮތް ގޮތަށް އޮވެފައި ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް އައީ ކިހިނެއްހޭ ނަސްރާގެ ހިތަށްއެރިއެވެ. އެވާނީ ދެންމެ ޔޫނުސް ހޭލާފައި އަނެއްކާވެސް ނިދީކަމަށެވެ. ނަމަވެސް ޔޫނުސް ނިދީ ކީއްކުރަން ހެއްޔެވެ؟ އޭނަގެ އަންހެނުން ހުރީ ސައި ނުބޮއިކަން އޭނައަށް ނޭނގެނީ ހެއްޔެވެ؟ ނަސްރާ ހިސާބަކަށް ރުޅިއައެވެ. ނަމަވެސް އެ ރުޅި ފިލައިދިޔައީ ޚުދު އޭނަވެސް އެވަރަށް ނިދި އައިއްސިއްޔާ އޭނައަށް ވާނީ އެހެން ކަމުގައި ސިކުނޑި ބުނުމުންނެވެ. ނަސްރާ ފުން ނޭވައެއް ދޫކޮއްލަމުން ޔޫނުސްއަށް ފަސްދިނީ އޭނައަށް އުދަގޫ ނުކުރަން ނިންމަމުންނެވެ. ނަމަވެސް އޭނަ ގައިގަ އެވަގުތު ވަރުވެސް ދޫވާން އުޅުނުހެން ހީވުމުން ނަސްރާ އަނެއްކާވެސް ފަސްއެނބުރި ޔޫނުސްއަށް ބަލާލިއެވެ. ބަދިގޭގައި އެކި އެއްޗެހި ހުރިތަން ދައްކާލުމަށްފަހު ނިދަން ދިޔުމަށް ޔޫނުސްގާތު އެދެންވީއޭ ނަސްރާގެ ހިތަށްއެރިއެވެ.
އެނދުގައި ދެލޯ މަރައިގެން އޮތް ޔޫނުސްގެ ހިތް އެ ދެލޯ ހުޅުވާލުމަށް އޭނަގާތު އެދުނެވެ. އޭނައަށް މިއަދު ހެނދުނު ނިދުނީ ނަސްރާއަށް ސައިވެސް ނުދީކަން ހަނދާންވުމުން ޔޫނުސް ނަސްރާއަށްޓަކައި ހިސާބަކަށް ޙަމްދަރުދީވިއެވެ. އޭނަގެ އަނތްބަކަށްވީތީ ނަސްރާ މި އުޅެންޖެހެނީ ކޮން ޙާލެއްގައި ހެއްޔެވެ؟ ޔޫނުސް ލޯ ހުޅުވާލަން އުޅުނު ވަގުތު ނަސްރާގެ އަޑު އިވުނެވެ.
“ޔޫނުސް….” ނަސްރާ ނުހަނު ޅަ އަޑަކުން ގޮވާލި އަޑަށް ޔޫނުސްއަށް ހިނިތުންނުވެވުނީ ކިރިޔާއެވެ. ޔޫނުސް އަނެއްކާވެސް ލޯ ނުހުޅުވަން ޚިޔާލު ބަދަލުކޮށްފިއެވެ. އޭނަ ހޭލެއްވުމަށްޓަކައި ނަސްރާ ކުރާނެކަމެއް ބެލުމުގެ ޝައުޤެއް އޭނަގެ ހިތުގައި އުފެދުނެވެ.
ނަސްރާއަށް މަޑުމަޑުން އޭނަގެ ނިތުގައި އެއްއަތުން ޖަހާލެވުނެވެ. އޭނަ ދެންމެ ގޮވާލި އަޑު ކޮޓަރީގެ ފާރަށް އިވުނުހެނެއްވެސް ހިއެއްނުވެއެވެ. ނަސްރާ ނިތުން އަތް ނަގައި ފުން ނޭވައެއް އެތެރެއަށް ދަމާލިއެވެ.
“ޔޫނުސް.” ނަސްރާ މި ފަހަރު ގޮވާލީ އާދައިގެ އަޑަކުންނެވެ. ޔޫނުސްއަށް މިފަހަރު އިވެން ވާނެއެވެ. ނަމަވެސް ޔޫނުސް ދެންވެސް ލޯ ނުހުޅުވައި އޮތުމުން ނަސްރާގެ ހިތްވަރު ހިސާބަކަށް އެލުނެވެ. ނަމަވެސް އޭނަ ހިތްވަރުކޮށްލަމުން ދެލޯ މަރާލިއެވެ.
“ޔޫނުސް!” ނަސްރާ އިހުނަށްވުރެ ބާރަށް ގޮވާލަމުން ދެލޯ ހުޅުވާލިއެވެ. ޔޫނުސް ދެންވެސް އޮތްގޮތަށް އޮތީއެވެ. މިއީ ހާދަ ނިދިގަދަ މީހެކޭ ނަސްރާގެ ހިތަށްއެރިއެވެ. ނަސްރާ އޭނަގެ ސިކުނޑީގައި ޔޫނުސްގެ އަތުގައި ހިފައި ތެދުކޮށްފިއެވެ. ނަމަވެސް އޭނައަށް އެހެން ހަދާކަށް ނުކެރުނެވެ. ބޮޑު ފިރިހެނަކު އޭނައަށް އެގޮތަށް ތެދުކުރެވޭނެ ހެނެއްވެސް ހިއެއްނުވެއެވެ. އެނދުގެ އެފަރާތުގެ އޮތް ބާލީސް ފެނިފައި ބާލީހުން ޔޫނުސްގެ ގައިގައި ޖަހަން ހިތަށްއެރިއެވެ. ނަމަވެސް……އޭނައަށް މިކުރެވެނީ ކޮންކަހަލަ ޚިޔާލުތަކެއް ހެއްޔެވެ؟ އޭނަ މިހުރީ ހިސާބަށްވުރެ ރުޅިއައިސްފައޭ ހިތް ބުނި ވަގުތު ނަސްރާ ފުން ނޭވައެއް ދޫކޮށްލިއެވެ.
ނަސްރާ ފުން ނޭވައެއް ދޫކޮއްލި އަޑަށް އޭނަ ބަލި ޤަބޫލުކުރީބާއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ނަސްރާ އޭނައަށް ގޮވަމުން ދިޔަ ގޮތުން ޔޫނުސްއަށް ހިތާހިތުން ހެވެމުން ދިޔައެވެ. ޔޫނުސް ދެލޯ މަރައިގެން އޮތްވާ ޔޫނުސްއަށް އޭނަގެ ފުރަގަހުން އިވުނީ ނަސްރާ އޭނަގެ އަތްދަބަހުގެ ޒިބު ކަހާލި އަޑެވެ. ޔޫނުސް ކުޑަކޮށް ދެލޯ ހުޅުވާލި ވަގުތު ނަސްރާ އުޅެނީ ކީއްކުރަންބާއޭ އޭނަގެ ހިތަށްއެރިއެވެ.
ސައިޑް ޓޭބްލް މަތީގައި އޮތް އޭނަގެ އަތް ދަބަސް ނަގައި އޭގެތެރެއިން ނަސްރާ އޭނަގެ ކުރީގެ ފޯނު ނެގިއެވެ. އަދި އެ ފޯނުގެ ގެލަރީއަށް ގޮސް އޭގައި ހުރި ވީޑިއޯތައް މިއުޓްކޮށް ބަލަން ފެށިއެވެ. އޭގެ ތެރެއިން އެއްވީޑިއޯ ބަލާފައި ޔޫނުސްއާ ދިމާލަށް ބަލާލަމުން ނަސްރާއަށް ލުއިގޮތަކަށް ހީލެވުނެވެ. ނަސްރާ އޭނަގެ ހުނުން މައިތިރިކުރަމުން އެ ވީޑިއޯ ކްލޯސްކޮށް ފޯނުގެ އަޑު ބާރު ކޮށްލައިފިއެވެ. އެއަށްފަހު ފޯނު ހިފައިގެން އެނދު ވަށައި ގޮސް ޔޫނުސްގެ މޫނު ފެންނާނެހެން މަޑުކޮށްލައިފިއެވެ. އެއަށްފަހު ޔޫނުސް އޮށޯވެ އޮތް ބާލީސް ކައިރީގައި ފޯނު ބާއްވާފައި އެއްކަލަ ވީޑިޔޯ ޕްލޭކޮށްލަމުން ދުރުވެލިއެވެ. އިރުކޮޅެއްފަހުން ބުޅަލެއް ހޭރިގަތް އަޑަށް ޔޫނުސް ހަޅޭކަކާއެކު އެނދުން ކަނޑައިގެން ދިޔައެވެ. ނަސްރާ ސިހުންވި ވަގުތު އޭނަގެ މެއަށް ފިނިވެގެން ދިޔައެވެ. އޭނަގެ ހުރީ ނުހޭންވެގެންކަން އޭނަގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމުން އެނގެއެވެ. ނަމަވެސް ޔޫނުސް ސީރިއަސް ނަޒަރެއްގައި ހުރެ އެއްފަހަރު އޭނަގެ ބާލީސް ކައިރީގައި އޮތް ފޯނަށް އަނެއްފަހަރު ނަސްރާއަށް ބަލާލި ގޮތުން ނަސްރާގެ ހިނިތުންވުން ފިލައި ދިޔައެވެ. ނަސްރާ ހީކުރީ މިއީ ސަމާސާއަކަށްވާނެ ކަމަށެވެ. އެހެނަސް މި ފެންނަ ގޮތުން ޔޫނުސް ނުރުހުންވެއްޖެއެވެ. ނަސްރާއަށް ކުށްވެރިއަކު ފަދައިން އިސްޖަހާލެވުނެވެ. އޭނަ އިސްޖަހާލިތާ މާ ގިނައިރެއްނުވެ ޔޫނުސް ހޭންފެށި އަޑު އިވުނެވެ. ނަސްރާ ޙައިރާންވެހުރެ އިސްއުފުލާލިއެވެ. ޔޫނުސް ދެލޯ މަރައިގެން އިނދެ ހެމުން ދިޔަތަން ފެނިފައި ނަސްރާގެ މޫނުމަތިން ޙައިރާންކަން ގެއްލި ހިނިތުންވުމެއް ފެތުރުނެވެ. ނަސްރާއަށް ވެސް ހެވެން ފެށުނެވެ.
ކުޑަ ވަގުތުކޮޅެއް ވަންދެން ހުނުމަށްފަހު ހުނުން ކޮންޓްރޯލް ކުރަމުން ޔޫނުސް ނަސްރާއަށް ބަލާލިއެވެ. ނަސްރާވެސް އޭނަގެ ނަޒަރު ޔޫނުސްއަށް ހުއްޓާލިއެވެ.
“ސައި ބޮއިފިންތަ؟” ޔޫނުސް އަހާލިއެވެ. ނަސްރާ މަޑުމަޑުން ބޯހޫރުވާލިއެވެ. ޔޫނުސް ދެންވެސް ހެވިފައިހުރެ ހިނގާށޭ ބުނެލަމުން އެނދުން ފޭބިއެވެ. ޔޫނުސް ކޮޓަރިން ނިކުންނަން ދާން ހިނގައިގަތުމުން ވެސް ނަސްރާއަށް އެދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއަށްފަހު އަދިވެސް އެއްފަހަރު ހީލަމުން ޔޫނުސްގެ ފަހަތުން ދިޔައެވެ.
ބަދިގޭގައި ޔޫނުސް ދެމީހުންނަށް ސޭންޑްވިޗާއި ސައި ހަދަމުން ދިޔައިރު ނަސްރާވެސް އަމިއްލައަށް އިސްނަގައިގެން އެހީވަމުން ދިޔައެވެ. ސައި ތައްޔާރު ކުރެވުމުން ދެމީހުން އެކީގައި ކާގެއަށް އެ އެއްޗެހި ގެންގޮސް މޭޒުދޮށުގައި އިށީނެވެ. ޔޫނުސް އެ ހަތަރެސްކަން މޭޒުގެ ކޮޅުގައި އިން އިރު ނަސްރާ އިށީނީ އެ ގޮނޑީގައި ކައިރީގައި ހުރި ގޮނޑިއެއްގައެވެ. ދެމީހުން ވެސް ހިމޭންކަމާއެކީ ސައިބޯން ފެށިއެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް ސިއްރުސިއްރުން ބަލަމުން ދިޔައެވެ. ޔޫނުސް ނަސްރާއަށް ބަލަހައްޓައިގެން ހުއްޓާ ނަސްރާ އިސްއުފުލާލައިފިނަމަ އޭނަ ދުރުބަލަން ފަށައެވެ. ނަސްރާ ވެސް ހަދަނީ އެހެންނެވެ. އެ ދެމެދަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން ޔޫނުސްގެ ހަނދާނަށް އައީ ރޭ އޭނައަށް އެނގުނު ސުންނަތެކެވެ. އެއީ ސުފުރާ ދޮށުގައި އެކީގައި ކާ މީހުންނާއި ވާހަކަ ދައްކަންވާނެކަމެވެ. ހަމަ އެއާއެކު ޔޫނުސް ނަސްރާއަށް ބަލާލިއެވެ. ނަސްރާ ހުރީ ދުރު ބަލާށެވެ. ޔޫނުސް ވާހަކައެއް ދައްކަން ބޭނުންވިއެވެ. ނަމަވެސް ދައްކަންވީ ވާހަކައަކާމެދު އޭނައަށް ނުވިސްނުނެވެ. އިރުކޮޅެއްގެ ވިސްނުމަށްފަހު ޔޫނުސް ކަރުކެހިލިއެވެ. ނަސްރާ އޭނައަށް ބަލާލިއެވެ.
“ސް…ސްކޫލްގެ ކަންތައް ކިހިނެއް؟” ޔޫނުސް ޖެހިލުންވެހުރެ އަހާލިއެވެ.
“ރަނގަޅު.” ނަސްރާ ބުނެލީ ހަމައެކަނި އެހާވަރަށެވެ. ޔޫނުސް އެ ޖަވާބު ތަކުރާރުކޮށް ބޯޖަހާލަމުން ދުރުހޯދަން ފެށިއެވެ. އެތަން ފެނިފައި ޔޫނުސް ދެންމެ އުޅުނީ އޭނައާއެކީ ވާހަކައެއް ފަށަންކަން ނަސްރާއަށް ނަގައިގަނެވުނެވެ. އޭނަ ހާދަ ނުބައެވެ. އޭނަ ޖަވާބު ދިނީ ޔޫނުސްއަށް ވާހަކަ އިތުރަށް ގެންދެވޭނެ ގޮތަކަށް ނޫނެވެ. ނަސްރާ އޭގެ ބަދަލުގައި އަމިއްލައަށް ވާހަކައެއް ފަށަން ނިންމިއެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށް ވިސްނުމަށްފަހު ނަސްރާ ވާހަކަ ދެއްކިއެވެ.
“ރޭ ކީއްވެތަ މާ ލަހުން އާދެވުނީ؟” ނަސްރާ ސުވާލުކުރިއެވެ. އެއާއެކު ޔޫނުސް ނަސްރާއަށް ބަލާލިއެވެ. އެ ސުވާލާމެދު ވިސްނާލުމުން ޔޫނުސްގެ ހިތަށް އުފަލެއް ލިބުނެވެ. އެ ސުވާލަކީ އޭނައަށް ވަރަށް ދިގުކޮށް ޖަވާބު ދެވޭނެ ކަހަލަ ސުވާލަކަށް ވާތީވެއެވެ. ޔޫނުސް އޭނަގެ މޭތެރޭގައި އޮވެ އުފަލުން ފުރެމުން ދިޔަ ހިތް ހަމައަކަށް އެޅޭތޯ ބަލަމުން ޖަވާބުދޭން ފެށިއެވެ.
“ރޭ ވީގޮތަކީ ގޭގަ ހުއްޓާ އަހަންނާއެކީ މަސައްކަތްކުރާ ޝިފާޒް އަހަންނަށް ގުޅީ. ޝިފާޒް ބުނީ އަހަރުމެންގެ ނޫހުގެ ބޮޑު މީހާ، ނަވާޒް އެބަހުއްޓޭ މިކޮޅަށް އައިއްސަ. ނަވާޒް އެދުނިއްޔޭ އަހަރެން ރޭ އޮފީހުގަ އޮތް ޕާޓީއަށް އައުމަށް. އެ ޕާޓީއަކީ ނޫހުގެ އަހަރީ ދުވަހުގެ މުނާސަބަތުގަ ބޭއްވުނު ޕާޓީއެއް. އަހަރެން އެތަނަށް ދިޔަތަނާ ނަވާޒް މީޓިންގްއެއް ބޭއްވި. މީޓިންގް ނިމުނުއިރު 1 ޖަހައިފި. އަހަރުމެން ޕާޓީ ނިންމާލާފަ އޮފީހުން ނިކުންނަން ދިޔަ ވަގުތު އެ ޞަރަޙައްދުން ދެ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގީ. އެހެންވެ ބޮޑަށް ލަސްވީ.” ޔޫނުސް ކިޔައިދިނެވެ.
“އޮވް…ވަރަށް ބޮޑުވަރުވިތަ އެމީހުންނަށް؟” ނަސްރާ އަހާލިއެވެ.
“އެކަކަށް ބޮޑުވަރުވީ. އެމީހާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު. އެކަމަކު މާލެއަށް ގެންދާވަރު ނުވާހެން އަހަންނަށް ހީވަނީ.” ޔޫނުސް ބުނެލިއެވެ. ނަސްރާ ހޫންލައްވާލިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“ތިބުނާ ނަވާޒްއަކީ އެއްކަލަ…..” ނަސްރާގެ ވާހަކަ މެދުކަނޑާލަމުން ޔޫނުސް ނަސްރާގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ.
“މޯލްޑިވިއަން ރީފޯމް ޕާޓީގެ ރައީސް.” ޔޫނުސް އެހެން ބުނެލިއިރު އޭނަގެ ދެބުމަ ކައިރިވެފައިވިއެވެ. ނަސްރާ ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ ބޯޖަހާލިއެވެ. ޔޫނުސް ދެންމެ އެބުނި ޕާޓީއަކީ ނަސްރާގެ ބައްޕަ ޝަރީފް އެންމެ ރުޅި އަންނަ ޕާޓީއެވެ. ގޭގައި ޖައްސާފަ ހުންނަ ޗެނަލުން އަބަދުވެސް އިވޭނީ ޔޫނުސް އެ ބުނާ ރައީސެއްގެ ކޮރަޕްޝަންގެ ޢަމަލުތަކުގެ ވާހަކަތަކެވެ. ޔޫނުސް އޭނައަށް ސަޕޯޓުކުރޭތޯ ނަސްރާ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް ނުކުރީ ޔޫނުސް ނަވާޒްއަށްޓަކައި މަސައްކަތް ކުރާނީ އޭނައަށް ސަޕޯޓުކުރާތީވެއެއްނޫންހޭ ހިތްބުނީތީވެއެވެ.
މުޅި އެދުވަހު ނަސްރާއާއި ޔޫނުސްއާ ދެމެދު މާ ބޮޑު ވާހަކައެއް ނުދެކެވެއެވެ. ދެމީހުން ވެސް ވާހަކަ ދައްކަން ބޭނުންވެއެވެ. ނަމަވެސް ދައްކަންވީ ވާހަކައެއް ނޭނގެއެވެ. މެންދުރުގެ ކެއްކުމުގައި ވެސް ދެމީހުން އެކަކު އަނެކަކަށް އެހީވެދިނެވެ. ސުފުރާ ދޮށުގައި ވާހަކަ ދެއްކުމަށްޓަކައި ޔޫނުސް އެފަހަރު ދެއްކީ އަބާންގެ ވާހަކައެވެ. ނަސްރާ ވެސް ވަރަށް މަޖާވެފައި ސްކޫލްގައި އަބާން އުޅޭ ގޮތް ޔޫނުސްއަށް ކިޔައިދިނެވެ. ހަވީރު ގަޑީގައި ނަސްރާ ސްކޫލަށް ދާންވެފަ އޮތްކަން ހަނދާންވީވެސް އެހެން ޓީޗަރަކު ގުޅާފަ ބުނުމުންނެވެ. ޔޫނުސް ހުރީ ހަވީރު ނަސްރާ ގޮވައިގެން އަތިރިމައްޗަށް ދާށެވެ. ނަމަވެސް އޭނައަށް އެވާހަކަ ބުނެވުމުގެ ކުރިން ނަސްރާ އޭނަ ސްކޫލަށް ދާންޖެހިފަ އޮތް ވާހަކަ ޔޫނުސްގާތު ބުންޏެވެ. ޔޫނުސް ވަކި އިތުރު އެއްޗެކޭ ނުބުނެ އިޒުނަ ދިނެވެ.
ރޭގަނޑު ޢިޝާ ނަމާދަށްފަހު ޝަރީފް ގެއަށް އައިތަނާ އަފްރީން ޓިއުޝަންގެ މަތިން ޝަރީފަށް ހަނދާންކޮށްދިނެވެ. ޝަރީފް އަވަހަށް އައުމަށް އެދުނެވެ. އަފްރީން ކޮޓަރިއަށް ގޮސް އޭނަގެ ދަބަސް އެއްކޮނޑުގައި އަޅުވާލަމުން ބައްޕައާއެކީ ގެއިން ނިކުމެގެން ދިޔައެވެ. އަދި ޖިޕަށް އަރައިގެން ދިޔައީ އަފްރީންއަށް ކިޔަވައިދޭ ބޭރު ޓީޗަރަކު ކުއްޔަށް ހިފައިގެން އުޅޭ ގެއަކަށެވެ. އެގެއަށް ދިޔަ މަގުމަތީގައި ޝަރީފް ވާހަކަ ދެއްކިއެވެ.
“އަފޫ….މި ޓިއުޝަން ހަމަ މުހިއްމުތަ؟ ބައްޕައަށް ހީވަނީ އަފޫ ކަހަލަ މޮޅު ކުއްޖަކަށް އަމިއްލައަށް ކިޔަވައިގެން ވެސް ރަނގަޅު ނަތީޖާއެއް ނެރެވިދާނެހެން.” ޝަރީފު ކުރިމައްޗަށް ނަޒަރު ހުއްޓައިގެން ޖިޕު ދުއްވަމުން ބުނެލިއެވެ.
“އާނދޯ؟ އަފޫ ވެސް ވަރަށް ހިތަށްއަރާ. މި ޓިއުޝަން ފީ ގެ ސަބަބުން ބައްޕަ އަތުން އެތައް ލާރިއެއް އެބަދޭ.” އަފްރީން ބުނެލިއެވެ.
“ދެން؟” ޝަރީފް އަފްރީންއަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ޓިއުޝަން ދެވޭ ގެއާއި ހަމައަށް ގޮސް ޖިޕް މަޑުކޮށްލައިފިއެވެ.
“ދެން…..އަފޫ އަދި ވިސްނާފަ ބުނާނަން ބައްޕަ ކައިރި.” އަފްރީން އެހެން ބުނެލަމުން ޖިޕްގެ ދޮރު ހުޅުވާލިއެވެ. ޝަރީފް ހޫންލައްވައި އެއްފަހަރު ބޯޖަހާލުމުން އަފްރީން ޖިޕުން ފައިބައި ދޮރު ލައްޕާލިއެވެ. ޖިޕު އޭނަގެ ކުރިމަތިން ދުއްވާލުމާއެކު އަފްރީން ކުރިމަތީގައި ހުރި ގެއަށް ގޮސްވަނެވެ. އެގޭގެ ފެންޑާ ތެރެއިން ދުވެފައި ގޮސް އަފްރީން އެގޭގެ ހުޅުވާލެވިފައިވާ ދޮރާއި ހަމަކޮށްފިއެވެ. ދޮރުން އެތެރެއަށް ބަލައި ވަކި ހުއްދައެއްނެތި އަފްރީން ވަދެގެން ދިޔައީ ސިޓިންގް ރޫމުގައި ހުރި ދިގު މޭޒުދޮށަށް އެހެން ކުދިން އެއްވަމުން ދިޔައިރު އަދި ހުރިހާ އެންމެން ހަމަނުވާކަން އެނގޭތީވެއެވެ. މާ ގިނައިރެއްނުވެ އެންމެން މޭޒުވަށައި އިށީނދެއްޖެއެވެ. އަފްރީންއަށް ސްކޫލްގައި ވެސް ކިޔަވައިދޭ ބައޮލޮޖީ ޓީޗަރު މޭޒުގެ އެންމެ ކޮޅުގައި އިށީނދެ ކިޔަވައިދޭން ފެށިއެވެ. މި ދިޔަ ބުރާސްފަތި ދުވަހު ކުލާހުގައި ވެސް އިވުނު އެއްޗެހި އަނެއްކާވެސް އިވެން ފެށުމުން އަފްރީން ފޫހިވާން ފެށިއެވެ. ބައްޕަ ބުނީ ތެދެކޭ ހިތަށްއެރިއެވެ. ޓިއުޝަން ކުލާހުން ކެނޑެންވީއެވެ. ބައްޕަގެ ފައިސާ ވެސް ސަލާމަތްވެ ކޮންމެ މަހަކު ބައްޕަ އޭނައަށް ދޭ ފައިސާގެ މިންވަރު ވެސް މަތިވެދާނެއެވެ. އަފްރީން ފޫހި ގޮތަކަށް ބޮލުގައި އެއްއަތް ވިއްދައިގެން ހުރެ ކުރިމަތީގައި އޮތް ފޮތުގައި އެއްޗެއް ކުރަހަން ފެށިއެވެ. އެވަގުތު ގޭގެ ހުޅުވާލެވިފައިވާ ދޮރުގައި މީހަކު ޓަކި ދިން އަޑަށް އެންމެންގެ ނަޒަރު އެ ދިމާލަށް ދަތުރުކުރިއެވެ.
“އެކްސްކިއުޒް މީ، ސާރ.” ދޮރުމަތީގައި ހުރެ އެހެން ބުނެލީ ސިނާން ނޫން ދެވަނަ މީހެއްނޫނެވެ. ސިނާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަފްރީންގެ މޫނުމައްޗަށް ލަސްލަހުން ހިނިތުންވުމެއް ވެރިވިއެވެ. ޓީޗަރު އިނގިރޭސި ބަހުން ވަންނާށޭ ބުނުމުން ސިނާން އެއްކޮނޑުގައި އޮތް ދަބަހުގައި އެއްއަތުން ހިފަހައްޓައިގެން އޭނައާއި ދިމާލަށް އަންނަން ފެށިއެވެ. އަފްރީންއަށް ވަގުތުން ވިސްނެންފެށީ އޭނަ އަމިއްލައަށް މިރޭ ހެދުން އެޅިފައިހުރި ގޮތާއި މެދުގައެވެ. އޮރެންޖް ކުލައިގެ ގަމީހަކާއި ޖިންސަކާއެކު މުށިކުލައިގެ ޝޯލްއެއް އަޅައިގެން ހުރިކަން އެނގުމުން އަފްރީން ހިސާބަކަށް ދެރަވިއެވެ. މިއަށްވުރެ ތަންކޮޅެއް ރީތި ހެދުމެއް ލައިގެން އާދެވުނު ނަމައެވެ. އަލަމާރީގެ ކަނެއްގައި އޮތް ރަތްކުލައިގެ ޓޮޕް މާ ރަނގަޅުވީހެވެ. އަފްރީން އޭނަގެ މާޔޫސްކަން ނުދެއްކުމަށްޓަކައި އޭނަގެ ހިނިތުންވުން ފުންކޮށްފިއެވެ. ސިނާން އައިސް އިށީނީ އޭނަގެ ކައިރީގައި ހުއްސަ ހުރި ގޮނޑީގައެވެ. އޭނަ އަފްރީންއަށް ހާއިއޭ ބުނެލުމުން އަފްރީން ވެސް އިންތިހާއަށް އުފާވެފައިހުރެ ހާއިއޭ ބުނެލިއެވެ. މިރޭ އޭނަ ކައިރީގައި ހުންނަ ކުއްޖާ ނާންނަކަން ނަސީބޭ އަފްރީންގެ ހިތަށްއެރިއެވެ. ޓީޗަރު އަނެއްކާވެސް ކިޔަވައިދޭން ފަށައިފިއެވެ. ނަމަވެސް އަފްރީންއަކަށް އެއަޑެއް ނުއިވޭ ފަދައެވެ. އޭނަގެ ނަޒަރު ފޮތައް ހުއްޓިފައިވިޔަސް އޭނަގެ ސަމާލުކަން ދެވިފައިވީ ކައިރީގައި އިން ސިނާންއަށެވެ. ސިނާން އޭނަގެ ދަބަހުން ފޮތަކާއި ފަންސުރެއް ނަގައިގެން އެއްޗެއް ކުރަހަން ފަށައިފިއެވެ. އަފްރީން ވައްކަޅިން އެފޮތަށް ބެލިއެވެ. އެގްޒާމް ޕެޑްގެ ތެރޭގައި އޮތް އޭފޯ ސައިޒް ގަނޑުގައި ސިނާން ކުރަހަން ފެށީ ކޯޗެއްކަން އަދިއެއް ނަގައިގަންނާކަށް ނޭނގެއެވެ. އަފްރީން އެއަށް ބަލަހައްޓައިގެން ހުއްޓާ ޓީޗަރު އޭނައަށް ގޮވާލައިފިއެވެ. އަދި އެކޮޅަށް ސަމާލުކަން ދިނުމަށް އެންގިއެވެ.
ކުލާސް ކުރިއަށް ދިޔައިރު އަފްރީންއަށް އެއްފަހަރު އޭނަގެ ފޮތައް އަނެއްފަހަރު ސިނާން ކުރަހަމުން ދިޔަ އެއްޗަކަށް ބެލެމުން ދިޔައެވެ. ސިނާން ކުރަހަމުން ދިޔައީ އަންހެން ކުއްޖެއްގެ ތަސްވީރެއްކަން އެނގުނެވެ. އަފްރީން އެއަށް ބަލަހައްޓައިގެން ހުއްޓާ އަނެއްކާވެސް ޓީޗަރު އޭނައަށް ގޮވާލައިފިއެވެ. އެއާއެކު ސިނާން އޭނަގެ ދަބަހުން މޮނީޓަރު ފޮތެއް ނަގައި އަފްރީންއަށް އޭނަގެ ފޮތް ނުފެންނާނެހެން އެދެމެދުގައި މޮނީޓަރު ފޮތް ކޮޅަށް ބެހެއްޓިއެވެ. އެއަށްފަހު އެންމެނަށް އިވޭވަރަށް އަފްރީން ގާތު އަޑުއެހުމަށް ބުންޏެވެ. އެ މަންޒަރު ފެނިފައި އެތާތިބި ހުރިހާ ކުދިންނާއެކު ޓީޗަރަށްވެސް ހެވުނެވެ. އަފްރީން ވެސް ސިނާންއަށް ރުޅި މޫނެއް ދައްކާލަމުން ލަދުރަކި ގޮތަކަށް ހީލިއެވެ.
ޓިއުޝަން ނިންމާފައި ހުރިހާ ކުދިން އެއްޗެހި ދަބަހަށް އަޅަން ފެށުމުން އަފްރީން އަވަސްއަވަހަށް ސިނާންގެ މޮނީޓަރު ފޮތް ނަގައި އޭނަ ކުރެހީ ކޯޗެއްތޯ ބަލަން ބޭނުންވިއެވެ. ސިނާން އޭގެ ކުރިން އޭނަގެ ދަބަސް ކޮނޑުގައި އަޅުވައި އެ މޮނީޓަރު ފޮތާއެކު އޭނަގެ އެގްޒާމް ޕެޑް ވެސް އަތުން ހިފައިގެން އެ ގެއިން ނިކުންނަން ދުއްވައިގަތެވެ. އަފްރީން ހިސާބަކަށް ރުޅި އައިސްފައިހުރެ އަވަހަށް އޭނަގެ ފޮތްތައް ދަބަހަށް އަޅައި ދަބަސް ކޮނޑުގައި އަޅުވާލަމުން ގޭގެ ފެންޑާއަށް ނިކުތެވެ. ނިކުތްއިރު ސިނާން ފެންނާކަށް ނެތެވެ. އޭނައަށް ފެންނަމުން ދިޔައީ އެގެއިން ނިކުންނަމުން ދިޔަ ކުދިން ސައިކަލުތަކަށް އަރަމުން ގެއަށްދާ މަންޒަރެވެ. ސިނާން ދިޔައީބާވައޭ އަފްރީންގެ ހިތަށްއެރިއެވެ. އަފްރީން ހުރިގޮތަށް ހުއްޓާ ސިހުންވީ ފުރަގަހުން މީހަކު އޭނަގެ ދަބަހަށް ދަމާލުމުންނެވެ. އޭނަ ނުވެއްޓި ސަލާމަތްވީ ކިރިޔާއެވެ. އަފްރީން އެނބުރިލަން އުޅުނުތަނާ އެ މީހަކު އޭނަގެ ދަބަހެއްގެ ޒިބު ކަހާލި އަޑު އިވުނެވެ. އަދި އެއްޗެއް އަޅާލަމުން ޒިބު ބަންދުކޮށްލިކަން ވެސް އަފްރީންއަށް އެނގުނެވެ. އަފްރީންއަށް ފަސްއެނބުރި ބަލާލެވުމުގެ ކުރިން ސިނާން އޭނަގެ ކުރިމައްޗަށް އައިއްސިއެވެ. އަދި އެއްލޯ މަރާލަމުން ފަހަތަށް ފިޔަވަޅުތަކެއް އަޅަމުން ގެއިން ނިކުމެގެން ދިޔައެވެ. ސިނާން އޭނަގެ ދަބަހަށް އެޅީ ކޯޗެއްކަން ބަލަން ބޭނުންވެފައި އަފްރީން ކޮނޑުން ދަބަސް ނަގަން އުޅުނެވެ. ނަމަވެސް އެވަގުތު ބައްޕަގެ ޖިޕް އެގޭގެ ކުރިމައްޗަށް މަޑުކޮށް ހަރުގޮނު އަޅާލިއެވެ. އަފްރީން އެއާއި ދިމާލަށް ދުވެފައި ގޮސް އެއަށް އެރިއެވެ.
“ކޮބާ އަފްރީން ޓިއުޝަން ކެންސަލްކޮށްލަންވީތަ؟” ޖިޕް ދުއްވާލިތާ އިރުކޮޅެއްފަހުން ޝަރީފް އަހާލިއެވެ. އެއާއެކު އަފްރީން ސިހުންވިއެވެ. އޭނަ ނޫނޭ ކިޔައި ހަޅޭއްލަވަން ބޭނުންވިއެވެ. އެހެނަސް ބައްޕަގެ އިތުރު ސުވާލުތައް ކުރިމަތިވެދާނެތީ އަފްރީން އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އެޅޭތޯ ބެލިއެވެ.
“ނޫން ބައްޕާ. އަސްލު…..އަފޫ ކިތަންމެ މޮޅުވިޔަސް އަފޫއަކަށް ރަނގަޅަށް ޓައިމް މެނޭޖެއް ނުކުރެވޭ. ޓިއުޝަނަށް ދިޔައިމަ އަފޫއަށް ރިވައިސް ނުކުރެވި ހުންނަ ފިލާވަޅުތައްވެސް ރިވައިސް ކުރެވޭ. އެހެންވީމަ….” އަފްރީން އެ ބުނެލީ ޙަޤީޤަތް ކަމަށްވިޔަސް އެއީ މުޅިއަކު ޙަޤީޤަތެއް ނޫނެވެ. އޭނަ ވަގުތު ރަނގަޅަށް ބޭނުންކުރަން މަސައްކަތްކޮށްފިނަމަ ކުރެވޭނެކަން ޚުދު އޭނައަށް ވެސް އެނގެއެވެ. ދޮގެއް ހެދުނީތީ އަފްރީންއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނަމަވެސް އެވަގުތު މި ޓިއުޝަން ހަމަ އަސްލުވެސް ކިހާ މުހިއްމުހޭ އޭނަގެ ހިތުގެ ކަނަކުން ގޮވާލިއެވެ. ރަނގަޅު ނަތީޖާއަކަށްޓަކައި އޭނަ އުފަލުގައި ހުރުން މުހިއްމެވެ. އުފަލުގައި ހުރެވޭނީ އޭނަ ސިނާންއާއެކީ ހުރުމުންނެވެ. އަފްރީންގެ ނަފްސަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ.
“އެހެންވީމަ ކެންސަލް ނުކުރާނީދޯ؟” ޝަރީފް ބުނެލިއެވެ. އަފްރީން ހޫންލައްވާލަމުން ބޯޖަހާލިއެވެ.
ގެއަށް ވަދެވުނުތަނާ އަފްރީން ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އަދި ދަބަހާއިއެކީ އޭނަގެ އެނދަށް އަރައި ދަބަހުގެ މެދު ބައިގެ ޒިބު ކަހާލިއެވެ. އަފްރީން ހީކުރިގޮތަށް ސިނާން އެ އެޅި އެއްޗެއް އެޅީ އެ ބަޔަށެވެ. ދަބަހުގެ އެބައިގައި ފަތްޖަހާފަ އޮތް އޭފޯ ސައިޒް ގަނޑެއް އޮތެވެ. އަފްރީން ކެތްމަދުވެފައިހުރެ އެ ގަނޑު ނަގައި ނިއުޅާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އޭނަ ޓިއުޝަން ކުލާހުގެ މޭޒުދޮށުގައި ހުރިއިރު ނެގި ފޮޓޯއެއް ފަދައެވެ. އެ ތަސްވީރުގައި އެއްފަރާތަކުން އޭނަގެ މޫނު ފެންނަމުން ދިޔައިރު އޭނަ ހުރީ ހިނިތުންވެފައެވެ. އެ ތަސްވީރު ފޮޓޯއަކާއި ތަފާތުވީ އޭގައި ކުލައަކަށް އަޅިކުލައާއި ހުދު ކުލަ ހުރުމުންނެވެ. އެ ތަސްވީރުގެ ދަށުގައި ނުހަނު ރީތި ލިޔުމަކުން ލިޔެވިފައި އޮތީ “ބިއުޓިފުލް ލަވް” އެވެ. އެ ބަސްތައް ފެނިފައި އަފްރީންއަށް އޭނަގެ ރީތިކަން އިޙްޞާސް ކުރެވުނެވެ. އަފްރީން އެ ގަނޑު މޭގައި ޖައްސާ ބާރުކޮށްލިއެވެ. އެ ސިނާންގަނޑު އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ކުރި ކަމަކީ މިއީތާއެވެ. ސިނާން ހާދަ ހުނަރުވެރިއެވެ. އޭނަ ހާދަ ތަފާތެވެ. ސިނާންއަކީ އަފްރީން ކުރީގަ ރައްޓެހިވެގެން އުޅުނުފަދަ ފިރިހެން ކުއްޖެއްނަމަ މުޅި އެ ވަގުތު އޮލަ ވާހަކައެއް އަޅުވާލަން އުޅުނީހެވެ. ނުވަތަ ޓެކްސްޓްކުރަމުން ދިޔައީހެވެ. ނަމަވެސް ސިނާން ތަފާތެވެ. ސިނާން އޭނަގެ “ސޯލްމޭޓް”އަށްވުން ވަރަށް ގާތްކަމަށް އަފްރީންގެ ހިތް ބުންޏެވެ. އެ ހިތް ވަގުތުން ސިނާންއާއެކީ މުޅި ޢުމުރު ހޭދަ ކުރާނެ ގޮތް އަފްރީންގެ ލޮލަށް ސިފަކޮށްދޭން ފެށިއެވެ.
ނުނިމޭ