Hijra (Part 13)
މެންދުރުގެ ވަގުތެއްގައި ނަސްރާ އާދައިގެ ހިނގުމެއްގައި ގެއަށް ދިޔައެވެ. އޭނަ ވަރުބަލި ގޮތަކަށް ގޭގެ ފެންޑާއަށް ވަދެގެން ގޮސް ގޭގެ ދޮރު ހުޅުވާލަން އުޅުނެވެ. ނަމަވެސް ގޭގެ ދޮރުވަނީ ތަޅުލެވިފައެވެ. ނަސްރާ ޙައިރާންވިއެވެ. އެހެނީ ޔޫނުސް މިއަދު އޮފީހަށް ދިޔައިރު އޭނަ ގާތު ބުނެފައިވަނީ ގޭގެ ދޮރުގެ އަނެއް ތަޅުދަނޑި ނުގެންދިޔަޔަސް ރަނގަޅުވާނެ ކަމަށެވެ. އެއީ ޔޫނުސް އޭނައަށްވުރެ ކުރިން ގެއަށް އައިސްދާނެތީވެއެވެ. އެހެނަސް ދޮރު މި ހުރީ ތަޅުލެވިފައެވެ. ޔޫނުސް އަދި ނާންނަނީބާއޭ ނަސްރާގެ ހިތަށްއެރިއެވެ. ނޫނީ އޮޅުމަކުން ވެސް ޔޫނުސްއަށް ގޭގެ ދޮރު ތަޅުލައިގެން ހުރެވިދާނެއެވެ. އެހެން ހިތައި ނަސްރާ އެ ދޮރުގައި ޓަކި ދިނެވެ. އިރުކޮޅަކު ހުރުމަށްފަހު އޭނަ ދެވަނަ ފަހަރަށް ޓަކިދޭން އުޅުނުތަނާ ދޮރުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ދޮރު ހުޅުވުމާއެކު ދޮރުމަތިން ފެނުނު ޔޫނުސް ނަސްރާގެ އަތުގައި ހިފައި އެތެރެއަށް ދަމާލިއެވެ. ނަސްރާއަށް ގެއަށް ވަދެވުނުތަނާ ޔޫނުސް ގޭގެ ދޮރު ލައްޕާލަމުން ނަސްރާ އޭނަގެ އަތުތެރެއަށް ގެނެސް ބައްދާލިއެވެ. ޔޫނުސްގެ ކޮނޑުގައި ދަތްދޮޅި ޖައްސާލެވުނު ވަގުތު ނަސްރާގެ ދެލޯ ބޮޑުވެފައިވިއެވެ. އޭނައަށް މިވީ އެއްޗެއް ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ. މި ހުރެވުނީ ކޮންތާކުކަން ނަގައިގަނެވުނަސް ޔޫނުސްއަށް ކުއްލިއަކަށް މިވީ ގޮތެއް ނަގައިގަންނަން ނަސްރާއަކަށް ނޭނގުނެވެ. ޔޫނުސް އޭނަ މަތިން މާ ބޮޑަށް ހަނދާންވީ ބާއޭ ނަސްރާގެ ހިތަށްއެރިއެވެ. ނަމަވެސް އެ ޚިޔާލުވެގެން ދިޔައީ ނަސްރާއަށް ހިތާހިތުން ހީލެވުނު ޚިޔާލަކަށެވެ. މީހަކު މާ ބޮޑަށް ހަނދާންވާން އޭނައަކީ ކާކު ހެއްޔެވެ؟ އަދި ޔޫނުސް ހަނދާންވާން އޭނައަކީ ކާކު ހެއްޔެވެ؟ އޭނައަކީ ޔޫނުސްގެ އަންހެނުން ކަމުގައި ވިޔަސް ޔޫނުސް ހަނދާން ކުރާކަށް އަދި މާ ރީތި “ހަނދާނެއް” ނެތެވެ. ކޮންމެ ގޮތެއްވިޔަސް ޔޫނުސް އޭނަ އިތުރަށް ބައްދާލިހެން ހީވި ވަގުތު ނަސްރާއަށް ބޭއިޚްތިޔާރުގައި އޭނަގެ ދެއަތުން ޔޫނުސްގެ ގައިގައި ވަށާލެވުނެވެ. ނަސްރާ ހިސާބަކަށް ޙައިރާންވިއެވެ. އެހެނީ މިއީ އޭނަ ފިރިހެނަކާ ކައިރިވި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މިވަގުތު އިޙްޞާސް ކުރެވެމުން ދިޔައީ އެހެން ގޮތަކަށެވެ.
ދެލޯ މެރިފައި ހުރި ޔޫނުސް ބޭނުންވީ މިވަގުތުކޮޅު މިގޮތަށް ދެމިގެންދާށެވެ. ދުނިޔޭގައި އޭނައާއި ނަސްރާ ފިޔަވައި އެހެން މީހެއް އަދި އެއްޗެއްވާކަން ވެސް ޔޫނުސް ހަނދާން ކުރާކަށް ބޭނުމެއް ނުވެއެވެ. މީގެ ވަގުތުކޮޅެއް ކުރިން ޔޫނުސް ހުރީ ނަސްރާ ގެއަށް އަންނަން ވާއިރަށް އޭނައާއި ވާހަކަ ދައްކަން ފަށާނެ ގޮތަކާއިމެދު ވިސްނާށެވެ. ނަމަވެސް އެންމެ ފަހު ވަގުތުގައި އޭނަގެ ޚިޔާލު ބަދަލުކޮށްލީ ކީއްވެކަމެއް ޚުދު ޔޫނުސްއަކަށް ވެސް ނޭނގެއެވެ. ނަމަވެސް ޚިޔާލު ބަދަލުކުރެވުނީތީ އޭނައަށް ހިތާހިތުން އުފާ ކުރެވުނެވެ.
ނަސްރާއާއި ޔޫނުސް ތިބިގޮތަށް ތިއްބާ މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އެއާއެކު ދެމީހުންގެ ވެސް ލޯ ހުޅުވުނެވެ. އެއަށްފަހު ދެމީހުންވެސް ހިތާއި ދެކޮޅަށް އެކަކު އަނެކަކާއި ދުރުވެލައިފިއެވެ. ނަސްރާ ޔޫނުސްއަށް ބަލަން ނުކެރިފައި އިސްޖެހިފައި ހުރިއިރު ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެންމެ އިވުނު ޓަކީގެ އަޑު މަތިން ޔޫނުސް ހަނދާން ނެތެން އުޅުނު ވަގުތު އަނެއްކާވެސް ޓަކީގެ އަޑު އިވުނެވެ.
“އައްސަލާމްޢަލައިކުމް.” ބޭރުން އިވުނީ ޒަޔާންގެ އަޑެވެ.
“ވަޢަލައިކުމުއްސަލާމް.” ޔޫނުސްއަށް ޖަވާބު ދެވުނު ހިސާބަކަށް ޙައިރާންވެހުރެއެވެ. އެއީ މި ގަޑިއަކީ ޒަޔާން ޢާއްމު ގޮތެއްގައި އައިސް އުޅޭ ގަޑިއަކަށް ނުވާތީވެއެވެ. އޭނަ އިރުކޮޅަކު ހުރެފައި ދޮރު ހުޅުވާލިއެވެ. ކުރިމަތިން ފެނުނީ ޒަޔާން އެކަންޏެއް ނޫނެވެ. އޭނަގެ ކުރިމަތީގައި ރުޅި މޫނު ހަދައިގެން ހުރި އަބާންވެސް ހުއްޓެވެ. އަބާންގެ އަތުގައި ފެހި ކުލައިގެ މަޑިއެއް އޮތެވެ.
“ޔޫންބެ އެގެއަށް ނާންނަތާ އެތައް ދުވަހެއްވެގެން ނޯޓިސްއެއް ދޭންވެގެން މިއައީ.” ޒަޔާން ފާޑަކަށް ހެވިފައި ހުރެ ބުނެލިއެވެ. ޔޫނުސްގެ ނިތުން ރޫ ފިލައިގެން ދިޔަ ވަގުތު އޭނަގެ ފުރަގަހުގައި ހުރި ނަސްރާވެސް އަބާންއަށް ބަލާލިއެވެ. އަބާންގެ އަތުގައި އޮތީ އޭނައަށް ފެނުނު މަޑިއެއްހެން އޭނައަށް ހީވިއެވެ. އެއީ އެދުވަހު އޭނަ އަފްރީންއާއި އެކީގައި ގޭގައި ހުއްޓާ އުޑުން ފެނުނު މަޑިކަން ނަގައިގަންނަން ނަސްރާއަށް ވަގުތުކޮޅެއް ނެގިއެވެ.
“އޮހް…..އަވަހަށްވަދޭ އަބޫ. ކިތައް ދުވަސްވެއްޖެތަ އަނެއްކާ ޔޫންބެއަށް ނާދެވޭތާ؟” ޔޫނުސް އަބާންގެ ކޮނޑުގައި ހިފާލަމުން ވައްދަން އުޅުނެވެ. އަބާން އެއްއަތުން ޔޫނުސްގެ އަތް ފޮޅުވާލިއެވެ.
“ވަންނާކަށް ނޫން މިއައީ. ޔޫންބެ އެގެއަށް ނާންނަތާ ފައިވް ޑޭއިސްވެއްޖެ. ނޯޓުކޮށްފަ ކޮއްކޮ ހުންނާނެ ކަލަންޑާރގަ މިހާރުވެސް. ކޮއްކޮމެންގެއަށް ނައިސް ދެން އެއްދުވަސްވެސްވެއްޖެއްޔާ ނާދެވޭނެ ދެނެއް.” އަބާން އަންގާލިއެވެ. ޔޫނުސް އޭނަގެ ދުވަސް ދިޔައީހެން ހީވާފަދަ ގޮތަކަށް މޫނުގައި ދެއަތް އަޅާލިއެވެ. ނަސްރާއަށް ސިއްރުސިއްރުން ހީލެވުނެވެ.
“ދެން ކިހިނެއްތަ ހަދަންވީ އަބޫ؟” ޔޫނުސް މޫނުން ދެއަތް ނަގަމުން ސުވާލުކުރިއެވެ. އަބާން އެއަށް ޖަވާބުދޭން އުޅެނިކޮށް އޭނައަށް ފުރަގަހުގައި ހުރި ނަސްރާ ފެނުނެވެ.
“ކީއްވެ ނަސްރާ މިސް މިގޭގަ ހުރީ؟” އަބާން ޙައިރާންވެފައި ކަހަލަ ގޮތަކަށް ނަސްރާއަށް ބަލަންހުރެ އަހާލިއެވެ. ޔޫނުސްއަށް ފަސްއެނބުރި ނަސްރާއަށް ބަލާލެވުނު ވަގުތު ބޭރުގައި ހުރި ޒަޔާންއަށް ވެސް ބަލާލެވުނެވެ. ޔޫނުސް އަބާންއަށް ޖަވާބެއް ދޭން އުޅެނިކޮށް ނަސްރާ ވާހަކަ ދެއްކިއެވެ.
“ޔޫންބެ ދިން ދަޢުވަތަކަށް މިސް އައިއްސަ މިހުރީ.” ނަސްރާ ވިސްނާލަމުން ހިނިތުންވުމަކާއެކީ ބުނެލިއެވެ. ނަސްރާގެ ޖަވާބު އަޑުއަހާފައި ޔޫނުސްއަށް ހިނިތުންވެލެވުނެވެ.
“އެހެންތަ؟ ޔޫންބެ ކޮއްކޮއަކަށް އިންވައިޓެއް ނުވެސް ކުރޭ. ނަސްރާ މިސް ޔޫންބެއަށް މާ ގިނަ ހޯމްބޯކުދޭތީދޯ ޔޫންބެއަށް ކޮއްކޮމެންގެއަށް ނާދެވެނީ؟” އަބާން ސުވާލުކުރިއެވެ. އަބާން އެންމެ ފަހަކަށް ކުރި ސުވާލަކުން އެންމެނަށް ހީލެވުނީ ހުނުން ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ. އަބާން އެންމެންގެ މޫނަށް ވަކިވަކިން ބަލާފައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ކޮއްކޮ ޖޯކަކަށް ނޫނޭ އެހެން ބުނީ. ނަސްރާ މިސް ހަމަ އަސްލުވެސް ބައިވަރު ހޯމްބޯކުދެޔޭ ބޮޑު ކުދިން ބުނާ އަޑު އަހަން. އެކަމަކު މިސް، މިއަދު ހަވީރު ޔޫންބެ ކޮއްކޮއާއެކީ ކައިޓް އަރުވަން ފޮނުވިދާނެތަ؟” އަބާން އޭނަގެ ބޮޑު ދެލޮލުން ނަސްރާއަށް ބަލަން ހުރެ އޭނަގެ އަތުގައި އޮތް މަޑި ދައްކާލަމުން އަހާލިއެވެ.
“މާ ޝާ ﷲ. ވަރަށް ރީތި ކައިޓެއް. އަބޫ ހެދި އެއްޗެއްތަ؟” ނަސްރާ އެކުވެރި ގޮތަކަށް ސުވާލުކުރިއެވެ. އަބާން ބޯހޫރުވާލިއެވެ.
“ނޫން ޔޫންބެ ހެދި އެއްޗެއް. ޔޫންބެ ވަރަށް ކްރިއޭޓިވްވާނެ.” އަބާން ބުނެލިއެވެ. ނަސްރާއަށް ޔޫނުސްއާ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ޔޫނުސް ނޫންކަމަށް ހަދާފައި ވައްކަޅިން އޭނައަށް ބަލާލިކަން ނަސްރާއަށް އެނގުނެވެ. އެއަށްފަހު އޭނަ އިސްޖަހާލުމުން ނަސްރާ ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު ކޮއްކޮ މިއަދް….” ނަސްރާގެ ވާހަކަ ޔޫނުސް މެދުކަނޑާލީ އަބޫއޭ ކިޔައި ގޮވާލަމުންނެވެ. އެއާއެކު އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. ޔޫނުސް އަބާންއަށް ބަލަހައްޓައިގެން ހުރެ ކުރުފައި މައްޗަށް ތިރިވިއެވެ.
“އަބޫ މިއަދަކު ޔޫންބެއަށް ނާދެވޭނެ.” އަބާންގެ ދެކޮނޑުގައި ހިފަހައްޓާލަމުން ޔޫނުސް ބުނެލިއެވެ. ޔޫނުސް ބުނި އެއްޗަކުން ނަސްރާގެ ދެބުމަ ކައިރިވއެވެ.
“ނޯ! އެއީ ކީއްވެ؟” އަބާންގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ.
“ހޯމްވޯކެއް އެބައޮތް ހަދަންވެފަ.” ޔޫނުސް ހިނިތުންވުމެއްގައި ހުރެ ބުނެލިއެވެ. ޔޫނުސްގެ އެ ވާހަކަ އިވިފައި ބޭރުގައި ހުރި ޒަޔާންއަށް ހިނިތުންވެލެވުނުއިރު ނަސްރާގެ މެއަށް ފިނިވިއެވެ. ޔޫނުސް އެ ދައްކަނީ ކޮންކަހަލަ ހޯމްވޯކެއްގެ ވާހަކަ ހެއްޔެވެ؟ އެންމެ ފުރަތަމަ އެހެން ކަހަލަ ޚިޔާލުތަކެއް ކުރެވުނަސް އެވާނީ އޮފީހުގެ މަސައްކަތަށޭ ފަހުން ނަސްރާގެ ހިތް ބުންޏެވެ.
އަބާން ދެންވެސް ޝަކުވާކުރަން އުޅުމުން ޒަޔާން އޭނައަށް ގޮވާލިއެވެ.
“އަބޫ އާދޭ ދެން މިއަދު. އަބޫވެސް ހޯމްވޯކްތައް ހަދަންވެފަ އެބަހުއްޓެއްނު؟ ހޯމްވޯކް ނިމުނީމަ ބައްޕިއާއެކީ ކައިޓް އަރުވަން ދާނީ. ޗޮކްލެޓްވެސް ގަނެދޭނަން ދާ މަގުމަތީގަ.” ޒަޔާން ބުނެލިއެވެ. އަބާން އޭނަގެ ބައްޕައަށް ބަލާފައި އަނެއްކާވެސް ދެރަ މޫނަކާއެކީ ޔޫނުސްއަށް ބަލާލިއެވެ.
“ޔޫންބެ މިއަންނަ ހުކުރު ދުވަހު އަބޫމެންގެއަށް އަންނާނަން، އިރާދަކުރެއްވިއްޔާ. އެންމެ ރަނގަޅެއްނު؟” ޔޫނުސް ދެންވެސް އަބާންގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ. އަބާން މަޑުމަޑުން ބޯޖަހާލިއެވެ. ޒަޔާން ހިނގާށޭ ބުނެލުމުން ޔޫނުސް އަބާންގެ ކޮނޑުން ދޫކޮށްލިއެވެ. އަބާން ޔޫނުސްމެންނަށް ފަސްދީފައި ދާން ހިނގައިގަތް ވަގުތު ޔޫނުސް އަނެއްކާވެސް ދޮރު ލައްޕާލިއެވެ. އަދި ފަސްއެނބުރި ނަސްރާއަށް ބަލާލިއެވެ. ނަސްރާއަށް އިސްޖަހާލެވުނެވެ.
“ހިނގާ ކައްކަން.” ޔޫނުސް ހިނިތުންވުމަކާއެކީ ބުނެލިއެވެ. ޔޫނުސް އެބުނި އެއްޗަކުން ނަސްރާ ހުއްޓުން އެރިއެވެ. ކުޑައިރުކޮޅެއް ކުރިން ޔޫނުސް ކުރި ކަމަކާއި އޭނަ މިހާރު މި ބުނި އެއްޗަކާއި ނުގުޅުނީތީވެއެވެ. ކޮންމެއަކަސް ނަސްރާ ބޯޖަހާލިއެވެ. އަދި ޔޫނުސް ހިނގައިގަތުމުން އޭނަގެ ފަހަތުން ދިޔައެވެ.
އިއްޔެއާއި ޚިލާފަށް ބަދިގެތެރޭގައި މަސައްކަތް ކުރަމުން ދިޔައިރު ޔޫނުސް ވަރަށް ގިނަގިނައިން އޭނައަށް ބަލަމުން ހިނިތުންވަމުން ދިޔަކަން ނަސްރާއަށް ފާހަގަކުރެވެމުން ދިޔައެވެ. ޔޫނުސްގެ ހިނިތުންވުންތަކަށް ނަސްރާއަށް ގިނަފަހަރު ހިނިތުންނުވެވެނީ ހިތަށް ވެރިވާ ޙައިރާންކަމެއްގެ ބޮޑުކަމުންނެވެ. ޔޫނުސްއަށް މިއަދު މާ ވަރަކަށް ހެވެނީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އޭނަ އެ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް ނުކުރީ އަމިއްލައަށް އެ ވާހަކަ ބުނާނެއޭ ހިތާއެވެ.
ނަސްރާ އޭނައަށް ބަލައިލާ ކޮންމެ ފަހަރަކު ޔޫނުސް ހިނިތުންވުމެއްގައި ހުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަސްރާއާއި އެކުވެރިވެދާނެ އެއްގޮތަކީ މިއީކަމަށް އޭނައަށް ނިންމުނީތީވެއެވެ. ތިބާއާއި ގިނަގިނައިން ހިނިތުންވާ މީހަކާ ތިބާ އެކުވެރިވުމަކީ ގާތްކަމަކަށްވާތީވެއެވެ. ނަސްރާއާއި އެކުވެރި ނުވެ އޭނައަށް ކައިރިވާ ގޮތަށް ނިންމި ޚިޔާލު ޔޫނުސް ބަދަލުކޮށްލައިފިއެވެ. ދެމީހުންނަށް ދެމީހުން ކަމުދިޔަޔަސް އަދި ރަނގަޅަށް ލޯބިވެވެން ޔޫނުސް ބޭނުންވިއެވެ. ޔޫނުސް ދެކޭ ގޮތުގައި ރަނގަޅަށް ލޯބިވެވޭނީ އެކުވެރިވުމަށް ފަހުގައެވެ. އަދި ކައިވެނީގައި ގުޅުން ދެމެހެއްޓޭނީވެސް އެހެންނެވެ. އެހެންކަމުން ޔޫނުސް ގަދަކަމުން ވިޔަސް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރައިގެން ހުރެވޭތޯ ބަލަމުން ދިޔައެވެ. އެ ހިނިތުންވުމާމެދު ނަސްރާ ކުރާ ސުވާލަކުން ވެސް އެ ދެމީހުންގެ އެކުވެރިކަން ފެށިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ކައްކައި ނިމުނުއިރު ވެސް ނަސްރާ އެ ސުވާލެއް ނުކުރި ތާނގައި އެހެން ވާހަކައެއްވެސް ނުދެއްކިއެވެ. ޔޫނުސްއަށް ވެސް މިފަހަރު ސުފުރާ ދޮށުގައި ދައްކާނެ ވާހަކައެއް ނޭނގުނެވެ.
އެދުވަހުގެ ޢަސްރު ނަމާދަށްފަހު ގެއަށް ދިޔަ މަގުމަތީގައި ޔޫނުސްއަށް ވިސްނެމުން ދިޔައީ ގެއަށް ގޮސް ނަސްރާއާއެކީ ކުރާނެ ކަމަކާއި މެދުގައެވެ. އޭނަ މިއަދު އަބާންގެ ދަޢުވަތު ޤަބޫލު ނުކުރީވެސް ނަސްރާއާއެކީ ވަކިން ވަގުތު ހޭދަކުރަން ބޭނުންވެގެންނެވެ. އޭނަ ވީހާވެސް އަވަހަކަށް ނަސްރާއާއެކީ އޭނަ އެންމެ ބޮޑަށް ވަގުތު ހޭދަކުރަން ބޭނުންވާ ކުއްޖާ ކަމުގައި ހަދަން ބޭނުންވިއެވެ. މިއަދު ޔޫނުސްއަށް އޮފީހުގައި އުޅޭ ކުދިންނާއި ވާހަކަ ދެއްކޭ ވަރަށް ވެސް ނަސްރާއަކާ ވާހަކައެއް ނުދެކެވެއެވެ. ލަސްލަހުން އެކަން ބަދަލުވާނެކަން ޔޫނުސްއަށް އެނގުނަސް އޭނަ އަވަހަށް މިކަން ބަދަލުވުމަށް އެދެނީ، އެއީ ނަސްރާގެ ޙައްޤުގައި ވަރަށް ބޮޑު ނާއިންސާފެއްކަމުގައި އޭނަ ދެކޭތީވެއެވެ.
ގެއަށް ވަތްވަގުތު ނަސްރާ ގޮވައިގެން އަތިރިމައްޗަށް ދާނީއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ނަމަވެސް އަތިރިމައްޗަށް ގޮއްސަވެސް އެއްވެސް ވާހަކައެއް ނުދައްކައި ދެމީހުންނަށް ތިބެވިދާނެއޭ އޭގެ ދެވަނަ ސިކުންތުގައި ޔޫނުސްގެ ހިތް ބުންޏެވެ. ޔޫނުސް ބިމަ ބަލަހައްޓައިގެން ހުރެ ގެއަށްވަދެ ދޮރު ލައްޕާލިއެވެ. އަދި ދެންވެސް ވިސްނުމެއްގައި ހުރެ ކުރިއަށް ހިނގަން ފެށިއެވެ. އޭނަ ކުރިމައްޗަށް ބަލާލި ވަގުތު އޭނައަށް ކޮޓަރީގެ ދޮރާއި ހަމަ ކުރެވިއްޖެއެވެ. ކުރިމަތިން އޭނައަށް ނަޒަރު ހުއްޓާލެވުނީ އެ ގޭގައި އޮންނަ ހަނި މަގުގެ ވާތް ފަރާތުގައި ކޮޓަރި ފަހަނަޅައި ދެވެން ހުރި ދޮރާއި ދިމާލަށެވެ. އެއާއެކު ޔޫނުސްއަށް މޮޅު ޚިޔާލެއް ލިބުނެވެ. އޭނަ އެއްފަހަރު އޭނަ ކައިރީގައި ހުރި ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާފައި ކުރިމަތިން ފެންނަމުން ދިޔަ ދޮރާއި ދިމާލަށް ބަލާލައިފިއެވެ. އެއަށްފަހު އެ ދޮރާއި ދިމާލަށް ގޮސް ދޮރު ހުޅުވާލައިފިއެވެ. އެއީ އެގޭގެ ފޮތް ހަރުގަނޑު ހުންނަ ކޮޓަރިއެވެ. އެ ކޮޓަރީގައި ފޮތްތައް ހުރީ ހަމައެކަނި މެދުގައި ހުރި ފާރުކައިރީގައި ހުރި ހަރުގަނޑުގައެއް ނޫނެވެ. އެ ކޮޓަރީގެ އެތަން މިތަނުގައި ހުރި އެކިއެކި ފޮށިތަކަކީ ވެސް ފޮތްތަކަކުން ފުރިގެންވާ ފޮށިގަނޑުތަކެވެ. ޔޫނުސް އެންމެ ފުރަތަމަ ފޮތް ހަރުގަނޑާއި ދިމާލަށް ދާން އުޅެފައިވެސް ކައިރީގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި ހުރި ފަންސުރު ކުލަތަކެއް އޭނަގެ ލޮލުގައި އެޅިއެވެ. ޔޫނުސް އެ ފޮށިގަނޑު ކައިރިއަށް ގޮސް އޭގައި ހުރި އެއްޗެއް ބެލުމަށްޓަކައި ކުރުފައިމައްޗަށް ތިރިވިއެވެ. އޭނަ މަތިން ފެންނަމުން ދިޔަ ކުލަތައް އެއްފަރާތް ކޮށްލުމުން ފެނިގެން ދިޔައީ މޮނީޓަރު ފޮތްތަކެވެ. މިއީ ކޮން ފޮތްތަކެއްކަން ނަގައިގަންނަން ޔޫނުސްއަށް މާ ގިނައިރެއް ނުނެގިއެވެ. އެންމެ މަތިން ފެންނަމުން ދިޔަ ފޮތުގައި އޭނަގެ ނަން ކާޑެއް ހަރުކުރެވިފައި އޮތްއިރު އޭގައި އޮތީ “ގްރޭޑް 3” ލއެވެ. ޔޫނުސް ހެވިފައި ހުރެ އެ ފޮތް ހުޅުވައި ބަލާލިއެވެ. މިއީ ނަސްރާއާއި ޙިއްސާކުރަން ރަނގަޅު އެއްޗެއް ކަމުގައި ޔޫނުސްގެ ހިތް ބުންޏެވެ.
ނަސްރާ ކޮޓަރީގެ ކިޔަވާ މޭޒުދޮށުގައި ލެޕްޓޮޕުން ސްކޫލްގެ މަސައްކަތެއްކުރަން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އޭނަ އެދިމާލަށް ބަލާލިއިރު ދޮރުމަތީގައި ފުރިހަމަ ހިނިތުންވުމެއްގައި ޔޫނުސް ހުއްޓެވެ.
“ނަސްރާ ބިޒީތަ؟” ޔޫނުސް އަހާލިއެވެ.
“ނޫން އެހާ ބިޒީއެއްނޫން.” ނަސްރާ ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ ލެޕްޓޮޕް ލައްޕާލަމުން ބުނެލިއެވެ.
“އާދެބަލަ.” ޔޫނުސް ދެންވެސް ހެވިފައިހުރެ އެއްއަތުން އައުމަށް ޢިޝާރާތް ކުރަމުން ކޮޓަރިން ނިކުތެވެ. ނަސްރާ ވާނުވާއެއް ނޭނގިފައި ކޮޓަރިން ނިކުންނަން ދިޔައެވެ.
ޔޫނުސްގެ ފަހަތުން ދިޔަ ނަސްރާއަށް ވަދެވުނީ ފޮތާއި ފޮށިތަކުން ފުރިފައިވި ކޮޓަރިއަކަށެވެ. ނަސްރާ ވަށައި ހޯދަމުން އެ ކޮޓަރިއަށް ވަތްއިރު ޔޫނުސް އެއްކަލަ ފޮށިގަނޑުގެ ކައިރީގައި ބިންމަތީގައި އިށީނެވެ. އަދި ނަސްރާއަށް ގޮވާލަމުން އައުމަށް އެދުނެވެ. ޔޫނުސް އެ ފޮށިތެރެއިން ފޮތެއް ނެގި ވަގުތު ނަސްރާ ގޮސް އޭނަގެ ކައިރީގައި ބިމުގައި އިށީނެވެ.
“މިއީ އަހަރެން ގްރޭޑް 3 ގެ ފޮތްތައް.” ޔޫނުސް އޭނަގެ އަތުގައި އޮތް ފޮތް ހުޅުވާލަމުން ބުނެލިއެވެ. ނަސްރާ ޝައުޤުވެރިވީ ވަރުން އެހެންހޭ ކިޔައި ވަކި މާ ބޮޑު ވިސްނުމެއްނެތި ޔޫނުސްއާ ކައިރިއަށް ޖެހިލަމުން އެ ފޮތަށް ބަލާލިއެވެ. މި ހުރިވުނީ މާ ކައިރީގައޭ ހިތް ބުންޏެއްކަމަކު ދުރުވާންވީ ސަބަބެއްނެތްކަމަށް ނަސްރާގެ ސިކުނޑި ބުންޏެވެ. އެހެންކަމުން އޭޏަ ދުރުނުވާން ނިންމިއެވެ.
“އީ.އެސް ފޮތުގަ ނުހުންނާނެ ކަންނޭނގެ އެހާ ގިނަ ކުށްތަކެއް. އަހަރެން ވަރަށް ކިޔަވާ ހިތުން ކިޔެވި މާއްދާއެއް މިއީ.” ޔޫނުސް އޭނަގެ އަތްމަތީގައި އޮތް ފޮތަށް ބަލަހައްޓައިގެން ހުރެފައި ނަސްރާއަށް ބަލާލިއެވެ. އެހިނދު ނަސްރާ ނުހަނު ކައިރިން ފެނިފައި އޭނަ ހުއްޓުން އެރިއެވެ. ނަމަވެސް އޭނަ އިރުކޮޅަކު ހުރެފައި ދުރުވުމުގެ ބަދަލުގައި ހިނިތުންވެލައިފިއެވެ. އޭރު ނަސްރާ ހުރީ ފޮތަށް ބަލަހައްޓައިގެންނެވެ.
“ހާދަ ރީއްޗަށޭ ކުލަވެސް ޖައްސާފަ މިހުރީ. އެހެން ފޮތް ނަގާބަލަ.” ނަސްރާ އެހެން ބުނެލަމުން ކުރިމަތީގައި ހުރި ބޮޑު ފޮށީގެ ތެރެއަށް އަތް ބާނައިގެން އަތުގައި ޖެހުނު ފޮތެއް ނެގިއެވެ. މިފަހަރު ނެގުނީ ޔޫނުސް ގްރޭޑް 3 ގައި ގެންގުޅުނު އިނގިރޭސި ފޮތެވެ. ނަސްރާ އޭތި ހުޅުވާލިއެވެ. ގަނޑުތައް އުކަމުން ގޮސް ނަސްރާ ކުއްލިއަކަށް އޭނަގެ އަތް މަޑު ޖައްސާލިއިރު އޭނަގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
“މައި ފޭވަރިޓް ފުޑް. މައި ފޭވަރިޓް ފުޑް އިޒް ރިހާކުރު. ރިހާކުރުސް ކަލާރ އިޒް ބްލެކް. ރިހާކުރު ޓޭސްޓްސް ޓޭސްޓީ. ރިހާކުރު އިޒް މޭޑް އަޕް އޮފް….” ނަސްރާ ހެވިފައިހުރެ އަޑު ހަރުކޮށް އޭތި ކިޔަން ފެށުމުން ޔޫނުސް ފޮތް ޖަހައިގަންނަން އުޅުނެވެ. ނަމަވެސް ނަސްރާ ޔޫނުސްގެ އަތާއި އެ ފޮތް ދުރުކުރަމުން ކިޔަމުން ކުރިއަށް ދިޔައެވެ.
“އަޅެ މި ތަންކޮޅު ނުލިޔެ މިއޮތީ ކީއްވެތަ؟ ރިހާކުރު އިޒް މޭޑް އަޕް އޮފް؟” ނަސްރާ ހެމުންހެމުން ސުވާލުކުރިއެވެ. އޭރުވެސް ޔޫނުސް އެފޮތް ނަސްރާގެ އަތުން ޖަހައިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ.
“ދެން މީހަކަށް ނޭނގެންޏާ ނުލިޔެވޭނެތާދޯ؟” ޔޫނުސް ރާގަކަށް ބުނެލިއެވެ. ނަސްރާއަށް އިތުރަށް ހެވުނެވެ. ޔޫނުސްއަށް އެ މަންޒަރު ބަލަހައްޓައިގެން ހުރެވުނެވެ. ނަސްރާގެ އެ ހުނުން ދެމިގެން ދާނެ ގޮތެއް ހެދުމަށް އޭނަގެ ހިތުގައި ޝައުޤުވެރިކަމެއް އުފެދުނެވެ.
“އަދި ދިވެހި ފޮތުގަ ހުންނަ އެއްޗެހި މާ މަޖާވާނެ.” ޔޫނުސް ފޮށީގެ ތެރެ ބަލައި ދިވެހި ފޮތް ހޯދަމުން ބުނެލިއެވެ. ޔޫނުސް އެހެން ބުނުމުން ނަސްރާ ދެންވެސް ހެވިފައިހުރެ އޭނަގެ އަތުގައި އޮތް ފޮތް ލައްޕާލިއެވެ. އަދި ޔޫނުސް އެހެން ފޮތެއް ނަގާނެ އިރަކަށް އިންތިޒާރު ކުރިއެވެ. އޭނަ ބަލަބަލާ އިންދާ ޔޫނުސް ފޮށީގެ ތެރެއިން އެހެން ފޮތެއް ނަގައި ހުޅުވާލިއެވެ. އަދި އޭގެ ގަނޑުތައް އުކަން ފެށިއެވެ.
“އަހަރެން ޗުއްޓީ ހޭދަކުރި ގޮތް. ޗުއްޓީގައި އަހަރެން ވަރަށް މަޖާކުރީމެވެ. އަހަރެން އަހަރެންގެ އެކުވެރިންނާއެކީ ފުޓުބޯޅަ ކުޅުނީއެވެ. އެއަށްފަހު…..އަހަރެން އަހަރެންގެ މަންމައާއި ބައްޕައާއެކީ ދަތުރު ދިޔައީއެވެ….” ޔޫނުސް ފޮތުގައިވި އެއްޗެއް ކިޔަން ފެށީ ނުހަނު ފޯރިއާއެކީ ކަމަށްވިޔަސް އެންމެ ފަހު ޖުމްލަ ބުނެލީއިރު އޭނަގެ މޫނުމަތީގެ ކުލަވަރު އޮއްސެމުން ދިޔައެވެ. ފޮތަށް ބަލަންހުރި ނަސްރާއަށް ޔޫނުސްގެ އަޑު ފޭދެމުން ދިޔަކަން ފާހަގަކުރެވި ޔޫނުސްއަށް ބަލާލެވުނެވެ. އެވަގުތު ޔޫނުސްގެ މޫނުމަތީގެ އުޖާލާކަން ގެއްލިއްޖެއެވެ. ޔޫނުސް އިސްޖަހާލި ވަގުތު އޭނަ އޭނަގެ އަތުގައި އޮތް ފޮތްވެސް ލައްޕާލިއެވެ. ޔޫނުސް އެ ފޮތް ބިންމަތީގައި ބާއްވާފައި ނަސްރާއަށް ބަލާލުމެއްނެތި ކޮޅަށް ތެދުވިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަސްރާއަށް ކަންބޮޑުވުމަކާއެކީ އެ މަންޒަރު ބަލަން އިނދެވުނެވެ. ދެންމެ ޔޫނުސްގެ އަޑު ފޭދުނުއިރު އޭނަ ކިޔަކިޔާހުރި ޖުމްލައާމެދު ވިސްނާލެވުނެވެ. މަންމައާއި ބައްޕައޭ ކިޔުނު ހަނދާންވުމުން ނަސްރާގެ ދެބުމަ ކައިރިވިއެވެ. އެއީ އަދި އޭނައަށް ވިސްނާނުލެވި އޮތް ތަންކޮޅެކެވެ. ޔޫނުސްގެ ޢާއިލާ ކޮބައިހެއްޔެވެ؟ ޔޫނުސްއަކީ މުޅި ޢުމުރު އެކަނިވެރިކަމުގައި އުޅުނު މީހެއްކަމުގައި ނުވާނެއެވެ. ބައްޕަ ވެސް ޔޫނުސްގެ ޢާއިލާގެ ވާހަކައެއް އޭނައަށް ކިޔައި ދީފައިނުވާކަން ނަސްރާއަށް ފާހަގަވީ އަދި ކިރިޔާއެވެ. ދެންމެ ޔޫނުސްއަށް ވީ ގޮތުން ހީވަނީ އޭނަގެ މަންމައާއި ބައްޕަ ދުނިޔެ ދޫކޮށް ގޮސްފައިވީ ހެންނެވެ. ނަސްރާގެ ހިތަށް ތަދުވިއެވެ. އޭނަގެ އަމިއްލަ މަންމަ މަތިން ހަނދާން ވުމުންނެވެ. އޭނައަށް ގެއްލިފައިވަނީ ހަމައެކަނި އޭނަގެ މަންމައެވެ. ނަމަވެސް މިފެންނަ ގޮތުން ހީވަނީ ޔޫނުސްއަށް އޭނަގެ މަންމައާއި ބައްޕަވެސް ގެއްލިފައިވާ ހެންނެވެ. ނަސްރާއަށް ބިމަށް ބަލަހައްޓައިގެން އިނދެ އަނެއްކާވެސް ޔޫނުސް ނިކުތް ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެއަށްފަހު ކޮޅަށް ތެދުވެވުނެވެ.
ކޮޓަރިއާއި ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔަ ނަސްރާގެ ފިޔަވަޅުތައް މަޑުޖެހުނީ ގިސްލުމެއްގެ އަޑު އިވުނުހެން ހީވުމުންނެވެ. އޭރު އޭނައަށް ހުރެވުނީ ހުޅުވާލެވިފައިވާ ކޮޓަރީގެ ދޮރު ކައރީގައެވެ. ނަސްރާ ލަސްލަހުން ކޮޓަރިތެރެ ފެންނާނެހެން ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ. އޭރު އެނދުމަތީގައި ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސައިގެން އިން ޔޫނުސް، ނަސްރާއަށް ފެނުނެވެ. ޔޫނުސްގެ ދެކޮނޑު ތުރުތުރު އަޅަމުން ދިޔަގޮތުން އޭނަ ރޮނީކަން ނަސްރާއަށް ނަގައިގަނެވުނެވެ. ނަސްރާ އެ މަންޒަރު ބަލަންހުރެ އެސްފިޔަ ޖަހާލި ވަގުތު އޭނަގެ ދެލޯ ތެމުނެވެ. އޭނަގެ މޭގައި ރިހުމެއް އުފެދި މުޅި މޭތެރެއަށް އެ ރިހުން ފެތުރެން ފެށިއެވެ. ޔޫނުސްއަށް އޭނަގެ ޢާއިލާ ގެއްލިފައިވަނީ ކިހިނެއްތޯ ނަސްރާގެ ހިތް ސުވާލު ކުރިއެވެ. ކޮންމެ ގޮތަކަށް ވިޔަސް އެކަން ވެފައިވަނީ ވަރަށް ހިތްދަތިކޮށްކަން ނަސްރާއަށް ޔަޤީން ކުރެވުނެވެ. އެހެނީ އޭނަ ދުވަހަކުވެސް ފިރިހެނަކު މިހާވަރަށް ރޯތަނެއް ނުދެކެއެވެ. ޔޫނުސްއަށް ހަމަޖެހުމެއް ގެނެސްދޭން ނަސްރާ ބޭނުންވިއެއްކަމަކު ބުނެލާނެ ބަސްތަކެއް ނަސްރާއަކަށް ނޭނގުނެވެ. އަދި އަމުދުން ޔޫނުސްގެ ޢާއިލާ ދުނިޔެ ދޫކޮށްފައިވާކަމަށް އޭނައަށް ހީވާހީވުމަކީ ޙަޤީޤަތަކަށް ނުވެވެސް ހިނގައިދާނެއޭ ނަސްރާގެ ހިތަށްއެރިއެވެ. ކުރާނެ ވަކި ކަމެއް ނޭނގުމުން ނަސްރާ ޔޫނުސްއަށް ބަލަން ހުރެފައި ދިޔުމަށްޓަކައި ޔޫނުސްއަށް ފަސްދީފިއެވެ. ދުރަށް ދިޔުމުގެ ކުރިން ނަސްރާއަށް އަދިވެސް އެއްފަހަރު ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު ޔޫނުސް އޭނަގެ ކޯތާފަތުން ކަރުނަ ފޮހެނީއެވެ. ކަރުނަ ފޮހެލުމަށްފަހު ވެސް ޔޫނުސް އޭނަގެ މޫނުގައި ދެއަތް އަޅާލިއެވެ. ހިނދުކޮޅަކަށްފަހު އަނެއްކާވެސް ޔޫނުސްގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. ނަސްރާއަށް ދެރަ ގޮތަކަށް އެ ދިމާލަށް ބަލަން ހުރެފައި ދުރު ބެލެން ފެށިއެވެ. އެވަގުތު އޭނަ ދުރުބަލަންވީ ކީއްވެހޭ ބުނެ އޭނަގެ ހިތުގެ ކަނަކުން ގޮވާލިއެވެ. މިއަދު އޭނަ ޔޫނުސްއާ ދުރަށް ގޮއްސިއްޔާ އޭނަ މިގޭގައި ހުރުމެކޭ ނެތުމެކޭ އެއްކަމެއް ނޫން ހެއްޔެވެ؟ ޔޫނުސް އޭނައާއި އިނުމުގެ ކުރިންވެސް ޔޫނުސް ހިތާމަ ކުރީހީ މިގޮތަށެވެ. އޭނައާއި އިނުމަށްފަހު……އޭނަ އެހެން ވިޔަކަ ނުދޭނެއެވެ. ނަސްރާގެ ހިތަށް ސާބިތުކަމެއް ލިބުނެވެ. އެވަގުތު އޭނަ ޔޫނުސްއަށް ބަލާލިއެވެ. އަދި ފުން ނޭވައެއް އެތެރެއަށް ދަމަމުން ކޮޓަރިއަށް ވަނެވެ. ނަސްރާ ކޮޓަރިއަށް ވަދެ އާދައިގެ ހިނގުމެއްގައި ޔޫނުސް ކައިރިއަށް ގޮސް އޭނަގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ކުރުފައިމައްޗަށް ތިރިވިއެވެ.
“ޔޫނުސް.” ނަސްރާގެ އަޑަށް ޔޫނުސްގެ ގިސްލުމަށް ހުއްޓުމެއްއައެވެ. ނަސްރާ ބަލަބަލާ ހުއްޓާ ޔޫނުސް މަޑުމަޑުން އޭނަގެ މޫނުން ދެއަތް ނަގާލިއެވެ. އެވަގުތު ޔޫނުސްގެ ދުޅަވެފައިވާ ދެލޯ ފެނިފައި ނަސްރާގެ ހިތް ވިރިގެންދާން އުޅުނުހެން ހީވިއެވެ. ރުއިން ހުއްޓުނެއްކަމަކު ޔޫނުސްގެ މޫނުމަތިން ދެންވެސް ފެންނަމުން ދިޔައީ ނިމުމެއް ނުވާ ވޭނެކެވެ. ނަސްރާގެ ލޮލަށް ކަރުނަތައް ޖަމާވެ އޭނަގެ އަރުތެރެ ބެދުނެވެ. އޭނަ ޔޫނުސްއާއެކީ އެބަހުރިކަން ނަސްރާ އަންގަން ބޭނުންވިއެވެ. ދުލުން އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އެހެންކަމުން ނަސްރާ ޖެހިލުންވުމަކާއެކީ އޭނަގެ ދެއަތް އުފުލައި ޔޫނުސްގެ އެއްއަތުގައި ދެއަތުން ހިފެހެއްޓިއެވެ.
ކުޑަކޮށް ސިހުންވި ޔޫނުސް އެއްފަހަރު ނަސްރާ ހިފަހައްޓާލި އަތަށް އަނެއްފަހަރު ނަސްރާއަށް ބަލާލިއެވެ. ނަސްރާ ހުރީ އިސްޖަހައި ދެލޯ މަރައިގެންނެވެ. ނަސްރާ އެ މަސައްކަތް ކުރަނީ އޭނައަށް ހަމަޖެހުމެއް ގެނެސްދޭންކަން ނަގައިގަނެވުނު ވަގުތު ޔޫނުސްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަސްރާއަށް އޭނަގެ އަތުގައި ހިފަހައްޓާލެވޭނީ ވެސް ކިހާ ހިތްވަރެއް ކޮށްގެންކަން އިޙްޞާސް ކުރެވުމުން ޔޫނުސް ހިނދުކޮޅަކަށް އޭނަ ދެންމެ ރޯން ހުރި ސަބަބުވެސް ހަނދާން ނެތުނެވެ. އޭނަ ކިތަންމެ ވޭނެއް ތަޙައްމަލުކުރަން ޖެހުނަސް އެކަނިވެރިކަމުގައި ތަޙައްމަލުކުރަން ނުޖެހޭނެކަން އެނގުންވި ވަގުތު އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. ޔޫނުސް ނަސްރާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން އެއަތް މައްޗަށް ނެގިއެވެ. ޔޫނުސްގެ އަތުން ދޫކޮށްލުމެއްނެތި ހުރި ނަސްރާގެ ލޯ ހުޅުވުނެވެ. ނަސްރާއަށް ވީނުވީއެއް ނޭނގި މާ ގިނައިރެއްނުވެ އޭނައަށް އަނެއްކާވެސް ހުރެވުނީ ޔޫނުސްގެ އަތުތެރޭގައެވެ.
އެރޭ 8:00 ޖެހި ވަގުތު އަފްރީން އިނީ އޭނަގެ ކިޔަވާ މޭޒުދޮށުގައި ފިލާވަޅެއް ހަދާށެވެ. ހިސާބުގެ ފިލާވަޅު ހަދަމުން ގޮސް އެއްސުވާލު ހަދަން ނޭނގުމުން އަފްރީން ފޫހިވާން ފަށައިފިއެވެ. އޭނަ ފޮތް ލައްޕާލަމުން އެއްފަރާތް ކޮށްލިއެވެ. އަދި ކިޔަވާ މޭޒުގެ ކަނެއްގައި ހުރި ލެޕްޓޮޕް ނަގައި ފޭސްބުކަށް ވަދެލައިފިއެވެ. ފޭސްބުކަށް ވަތްއިރު އެތައް ނޮޓިފިކޭޝަނެއް ލިބިފައި ހުއްޓެވެ. އޭނަގެ ޕްރޮފައިލް ޕިކްޗާރއަށް 100 އަށްވުރެ ގިނަ ލައިކްސް ލިބިފައި ހުއްޓެވެ. އަފްރީން އެ ފޮޓޯ ހުޅުވާލިއެވެ. އަދި އޭގެ ދަށުގައި ހުރި ކޮމެންޓްތައް ކިޔަން ފެށިއެވެ. ގިނަ ކޮމެންޓްތައް ކޮށްފައި ހުރި ފިރިހެން ކުދިންނެވެ. އެމީހުން އަފްރީންއަށް ތަޢުރީފުކޮށްފައި ހުރިއިރު އަފްރީންއަށް ފޮނިވެފައި އެ ތަޢުރީފުތައް ކިޔަން އިނދެވުނެވެ. އެ ފިރިހެން ކުދިންގެ ތެރޭގައި ނައުފާއާއި އޭނަގެ އެހެން އެކުވެރިންގެ ލޯބިވެރިންވެސް ހިމެނެއެވެ. ނަމަވެސް މިއީ އެމީހުން އަފްރީންގެ އެކުވެރިންނަށް ބޭވަފާތެރިވީ ކަމެއްގެ ނިޝާނެއްގެ ގޮތުގައި ނުބެލެވޭނެއެވެ. ނައުފާމެން ވެސް އެ މީހުންގެ ލޯބިވެރިން ނޫން އެހެން ފިރިހެން ކުދިންގެ ފޮޓޯތަކަށް ކޮމެންޓްކޮށް ހަދައެވެ. ޚުދު އަފްރީންވެސް އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ ނޫން އެހެން ފިރިހެން ކުދިންގެ ފޮޓޯތަކަށް ކޮމެންޓް ކުރެއެވެ. އަދި އޭނަ ރައްޓެހިވެގެން ހުންނަ ކުއްޖާވެސް އެހެން އަންހެން ކުދިންގެ ފޮޓޯތައް “ލައިކް”ވާކަން އަފްރީންއަށް އެނގެއެވެ. އެހެނަސް މިއީ މާ ބޮޑު ކަންތައްތަކެއްނޫނެވެ. ސިނާން އެހެން އަންހެން ކުދިންގެ ފޮޓޯތަކަށް ކޮމެންޓް ކުރިޔަސް ސިނާން “ލޯބި” ވަނީ އޭނަ ދެކެއެވެ.
އަފްރީން ކިޔަވާ މޭޒު ދޮށުގައި އިންދާ ކައިރީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ސިނާންގެ ނަން ފެނިފައި އަފްރީން ރޫޙަށް ޖޯޝެއް އައެވެ. އޭނަ އުފަލުން ހުރެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ސިނާންއާއި ވާހަކަ ދައްކަން ފެށިތާން މާ ގިނައިރެއްނުވެ އަފްރީން ގޮނޑިން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ. އަދި އެއަށްފަހު ސިނާންއާއި ވާހަކަ ދައްކަމުން ގޮސް އެނދުގައި އޮށޯތީ އެދެމެދުގައި ދެކެވޭނެ ވާހަކަ ކުރެއްނުވާނެކަން ދަނެގެންނެވެ.
އެރޭވެސް ވަރަށް ދަން ވަންދެން ޔޫނުސްއާއި ނަސްރާ ތިބީ އެމީހުންގެ ލެޕްޓޮޕަށް ބަލަހައްޓައިގެން މަސައްކަތުގައެވެ. ދަންވަރު 12 ޖެހިއިރު ވަރުބަލިކަމާއެކީ ނަސްރާ ލެޕްޓޮޕް ލައްޕާލިއެވެ. އަދި ކޮޓަރިން ބޭރަށް ދިޔައީ ޔޫނުސް ކޮބައިތޯ ބެލުމަށެވެ. މެންދުރު ގޮތަށް ހަވީރުވެސް ޔޫނުސް ކުޑަ އިރުކޮޅަކަށް އޭނަ ބައްދާލައިގެން ހުރެފައި އޭނަ ގައިން ދޫކޮށްލީއެވެ. އެއަށްފަހު ޔޫނުސް ހުރީ ރަނގަޅު މޫޑެއްގައެވެ. ރޭގަނޑު ކެއުމަށް އިންސާފު ކުރިއިރު ޔޫނުސް ވާހަކައެއް ނުދެއްކިއެއްކަމަކު އެ މޫނުމަތިން ހިނިތުންވުމެއް ފެނިފައި ނަސްރާގެ ހިތްހަމަޖެހުނެވެ. އޭނައަށް ކުރެވުނު ކުޑަ ކަމަކުން ވެސް ޔޫނުސްގެ ހިތާމައަށް ލުއެއް ހޯދައިދެވުނުހެން ހީވުމުންނެވެ.
ނަސްރާ ގޮސް ބަލާލިއިރު ޔޫނުސް ހުރީ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެގެންނެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ލެޕްޓޮޕް ހުއްޓެއްކަމަކު ޔޫނުސްގެ ދެލޯ މެރެމުން ދިޔައެވެ.
“ޔޫނުސް.” ނަސްރާ ގޮވާލީ ނިދިގެން ގޮސް ޔޫނުސްގެ ބޯޖެހުނު ވަގުތެވެ. ޔޫނުސް ސިހުންވެފައި ވަށައި ހޯދަމުން ނަސްރާއަށް ނަޒަރު ހުއްޓާލިއެވެ.
“ޔޫނުސް……އަހަރެން މިދަނީ ނިދަން.” ނަސްރާ ބުނެލިއެވެ. އޭނަ ފުރަތަމަ ޔޫނުސްގާތު ބުނަން އުޅުނީ ނިދަން އައުމަށެވެ. އެހެނަސް ކޮންމެވެސް ސަބަބަކާހުރެ އެހެން ބުނާކަށް ނުކެރުނެވެ. އޭނަ އަމިއްލައަށް ނިދަން ދާ ވާހަކަ ބުނުމުން ޔޫނުސް އިރުކޮޅަކުން ނިދަން އަންނާނެކަން ނަސްރާއަށް އެނގެއެވެ. ނަސްރާ ޔޫނުސްއަށް ބަލަން ހުއްޓާ ޔޫނުސް ބޯޖަހާލިއެވެ. ނަސްރާ އިސްޖަހާލަމުން އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ނިދަން ތައްޔާރުވެ އާދައިގެ މަތިން ކަޅު ހެދުމެއް ލައިގެން އެނދުގައި އޮށޯތް ނަސްރާއަށް ނުނިދެނީސް ޔޫނުސް ކޮޓަރިއަށް ވަދެގެން އައެވެ. ޔޫނުސް ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ކޮޓަރީގައި ފަނޑު ބޮތްކެއް ދިއްލާލަމުން އައިސް އެނދުގައި އޮށޯތްއިރު ވެސް ނަސްރާއަކަށް ނުނިދެއެވެ. ޔޫނުސް އޮށޯތްތާ އިރުގަނޑެއްފަހުން ނަސްރާ އޭނަގެ ލޯ ހުޅުވާލިއެވެ. ޔޫނުސް އޭނައާއި ދިމާލަށް މޫނުވާ ގޮތަށް އޮތްތަން ފެނިފައި ނަސްރާއަށް ނޭނގޭ އުފަލެއް ލިބުނެވެ. ޔޫނުސް ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ގަދައަށް ނިދިފައިކަން ނަސްރާއަށް އެނގުނެވެ. ފުރަތަމަ ފަހަރަށް ޔޫނުސްއާއި ދިމާލަށް ބަލަހައްޓައިގެން އޮންނަން ނަސްރާއަށް ކެރުނެވެ. ޔޫނުސް ނިދަން އޮތް މަންޒަރުވެގެން ދިޔައީ ނަސްރާ ބަލާބަލާ ފޫހިނުވާނެ ފަދަ މަންޒަރެކެވެ. އޭނައަށް ދިރިއުޅުމުގެ ކުރިއަށް އޮތްތަނުގައި މި މަންޒަރު ބޭނުން ވަރަކަށް ފެންނާނެކަން އެނގުންވުމުން ނަސްރާއަށް ހިނިތުންވެލަމުން ހިތާހިތުން ޙަމްދުކުރެވުނެވެ. ނަސްރާ ޔޫނުސްއަށް ބަލަން އޮވެ ޔޫނުސްއާ އެކީ ވޭތުވި ވަގުތުތައް ހަނދާނަށް ގެންނަމުން ދިޔައެވެ. އެ ހަނދާންތަކުގެ ތެރެއިން މިއަދު ޔޫނުސް ރުއިތަން ނަސްރާގެ ލޮލަށް ސިފަވެގެން ދިޔުމުން އޭނަގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ޔޫނުސް ރޯންވީ ސަބަބު އެނގެން ނަސްރާ ބޭނުންވިއެވެ. އޭނަ އެކަމާމެދު ޔޫނުސްއާ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް މިއަދު އަދި އޭނައަކީ ޔޫނުސްގެ އަންހެނުންނަށް ވިޔަސް ޔޫނުސްގެ ބީރައްޓެއްސެކެވެ. އެއްވެސް މީހަކު ބީރައްޓެއްސަކާ އެމީހުންގެ ހިތާމަތައް ޙިއްޞާ ނުކުރާނެއެއްނޫން ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު ޔޫނުސްއާ އެކުވެރިވުމަށް ނަސްރާގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. ޔޫނުސްވެސް އޭނައާ އެކުވެރިވާން މަސައްކަތް ކުރާކަން މިއަދު އޭނަގެ ފަރާތުން ފެނުނު ޢަމަލުތަކުން އެނގެއެވެ. ޔޫނުސް އޭނައާއި ދިމަލަށް އަޅާ ކޮންމެ ފިޔަވަޅަކަށް ޔޫނުސްއާއި ދިމާލަށް އޭނަވެސް ފިޔަވަޅެއް އެޅުމަށް ނަސްރާ އަމިއްލަ ނަފްސާއި ވަޢުދުވިއެވެ.
ނުނިމޭ