Hijra (Part 16)
ތަފްޞީލު ނިމުނުއިރު ނަސްރާއަށް އެނގުނު ގޮތުގައި އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ފުރަތަމަ ފަހަރަކީ މިއީއެއްނޫނެވެ. އެ ވާހަކަ އިވިފައި ނަސްރާ އުނދުން ނިއްވާލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޔޫނުސް އެކަހަލަ ނޫހަކަށް މަސައްކަތްކޮށްދެނީ ކީއްވެބާއޭ ނަސްރާގެ ހިތަށްއެރިއެވެ.
މާ ގިނައިރެއްނުވެ ނަސްރާ ޝައުޤުވެރިވީ ޞުރުޙީގެ ތަފްޞީލު ކިޔަން ފެށިއެވެ. ތަފްޞީލު ނިމުނުއިރު ނަސްރާއަށް އެނގުނު ގޮތުގައި އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ފުރަތަމަ ފަހަރަކީ މިއީއެއްނޫނެވެ. އެ ވާހަކަ އިވިފައި ނަސްރާ އުނދުން ނިއްވާލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޔޫނުސް އެކަހަލަ ނޫހަކަށް މަސައްކަތްކޮށްދެނީ ކީއްވެބާއޭ ނަސްރާގެ ހިތަށްއެރިއެވެ. ޔޫނުސްއަކީ އެހާ ގިނަގިނައިން ދޮގު ހަދާ މީހެއްކަމަށް ނަސްރާއަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. މި ރޭޑިޔޯ ޗެނަލުން އަނެއްކާ “އެޗް.އެން ނިއުސް” އަށް ދޮގު ތުޚުމަތުތަކެއް ކުރަނީބާއޭ ނަސްރާގެ ހިތް ސުވާލު ކުރިއެވެ. އެ ވާހަކަ ޔޫނުސްގާތު އަހާނީއޭ ހިތަށްއެރި ވަގުތު ޔޫނުސް ބަދިގޭގެ ދޮރުމައްޗަށް އަރައި ނަސްރާއަށް ގޮވާލިއެވެ. ނަސްރާއަށް ކުޑަ ސިހުމަކާއެކީ ފަސްއެނބުރި ބަލާލެވުނެވެ. ޔޫނުސް ހިނިތުންވުމަކާއެކީ ބަދިގެއަށް ވަންނަމުން އަވަހަށް ކާން އައުމަށް އެދުނީ ތިމަންނަ މި އުޅެނީ ވަރަށް ބަނޑުހައިވެގެން ކަމަށް ބުނަމުންނެވެ.
ކާމޭޒު ދޮށުގައި އިށީނދެ ނަސްރާއާއި ޔޫނުސް ހިމޭންކަމާއެކީ ކަމުން ދިޔައިރު އާދައިގެ މަތިން ޔޫނުސް ނަސްރާއާއި ހިނިތުންވަމުން ދިޔައެވެ. ނަސްރާ ޖެހުނީ ގަދަކަމުން އޭނަގެ މޫނުމައްޗަށް ހިނިތުންވުންތަކެއް ފަތުރާށެވެ. ދެންމެ ޚަބަރުން އިވުނު ވާހަކަ އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައީ އޭނައަށް އެކަން ހަނދާން ނައްތާލެވޭނެ ވަރަކަށް ނޫނެވެ. އެންމެ ފަހަކަށް ނަސްރާ ޔޫނުސްއާއި ސުވާލުކުރަން ނިންމިއެވެ.
“ޔޫނުސް.” ނަސްރާ ޔޫނުސްއަށް ބަލާލަމުން ގޮވާލިއެވެ. ޔޫނުސް ހޫންލައްވާލަމުން އޭނައަށް ބަލާލިއެވެ.
“އަމް…..މިއަދު ޚަބަރުން އިވުނު އެޗް.އެން ނިއުސް އިން…..ކޮންމެވެސް……ދޮގު ޚަބަރެއް ފެތުރި ވާހަކަ. އެއީ ދޮގެއްދޯ؟ އޭރު ރޭޑިޔޯއިން ކިޔުނު ޚަބަރެއް އެއީ.” ނަސްރާ ޖެހިލުންވުމަކާއެކީ ސީރިއަސް ނުވާން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނަ އެ ވާހަކަ ބުނަމުން ދިޔައިރު ޔޫނުސްގެ މޫނުމަތުގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. އެ ވާހަކަ ބުނެ ނިމުނުއިރު އެ މޫނުމައްޗަށް މުޅިން ވެސް ރުޅިވެރިކަން ވެރިވިއެވެ. އޭނަ ނުރުހުންވެފައި ކަހަލަ ގޮތަކަށް މޫނު އަނބުރައި ކުރިމައްޗަށް ނަޒަރު ހުއްޓާލުމުން ނަސްރާގެ މެއަށް ފިނިވިއެވެ. އޭނައަށް ދެންމެ ދެކެވުނު ވާހަކައަކާމެދު ހިތާމަ ކުރެވުނެވެ. އެއަށްވުރެ ބޮޑަށް ހިތާމަ ކުރެވުނީ ޔޫނުސް ކައި ނުވެސް ނިމެނީސް ގޮނޑިން ތެދުވެ ކާގެއިން ނިކުމެގެން ދިޔުމުންނެވެ. ނަސްރާ ދެރަވިއެވެ. ފުރަތަމަ ފަހަރަށް ޔޫނުސް އޭނައަށް ރުޅިވިހެން ހީވީތީވެއެވެ. އޭނައަށް ވެސް ދެކެވޭނީ އެކަހަލަ ވާހަކަތަކެވެ. ތިމާ މަސައްކަތް ކުރާ ކުންފުންޏަކީ ފަސާދަ އުފައްދާ ތަނެކޭ ބުނުމުން ނުރުހުން ނުވާނީ ކާކު ހެއްޔެވެ؟ ނަމަވެސް އެ ތަނަކީ ހަމަ ޙަޤީޤަތުގައި ވެސް މައްސަލަތައް ގިނަ ކުރުވާ ތަނަކަށް ވަންޏާ ޔޫނުސް ވެސް އަދި އެހެން މީހަކުވެސް އެ ތަނެއްގައި މަސައްކަތް ކޮށްގެނެއް ނުވާނެއެވެ. ޚުދު ޔޫނުސްގެ ވެސް ޚިޔާލު ހުންނާނީ މިހެންކަން ނަސްރާއަށް ޔަޤީން ކުރެވެއެވެ. ވީއިރު ޔޫނުސް ޙަޤީޤަތް ފާޅުނުކޮށް ދިޔައީ ކީއްވެބާއޭ ނަސްރާގެ ހިތަށްއެރިއެވެ. އޭނައަށް ޔޫނުސް ނިކުމެގެން ދިޔަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮއްލެވުނެވެ.
ކާމޭޒު ދޮށުގައި ދެކެވުނު ވާހަކައަށްފަހު އެދުވަހު ޔޫނުސްއާއި ނަސްރާގެ ދެމެދަށް ހިމޭންކަމެއް ވެރިވެފައިވިއެވެ. ނަސްރާ ޔޫނުސްއާއި ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު ޔޫނުސްގެ ބުމަގޮށްޖެހިފައިވި ގޮތުން ނަސްރާއަށް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އެރޭ ދެމީހުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރީވެސް ހިމޭންކަމާއެކީގައެވެ. އެހެން ކާގަޑިތަކާ ޚިލާފަށް ޔޫނުސް މިފަހަރު އޭނައަށް ބަލާވެސް ނުލައި ކަމުން ދިޔަ ގޮތުން ނަސްރާ އިތުރަށް ހިތްދަތިވިއެވެ. އޭނަ ވެފައިހުރި ދެރައެއްގެ ސަބަބުން އެރޭ ބައްޕަމެންގެ ގެއަށް ކާއެއްޗެހި ހިފައިގެން ދާންވެސް ހަނދާން ނެތުނެވެ. ބައްޕަމެންނަށް ވީ ކާއެއްޗެހި ހިފައިގެން އެގެއަށް ދިޔައީ ޔޫނުސްކަން ނަސްރާއަށް އެނގުނީ އޭނަ ސިޓިންގް ރޫމުގައި އިންދާ ހުސް ތަށިތައްހުރި ކޮތަޅަކާއެކީ ޔޫނުސް ގެއަށް ވަދެގެން އައުމުންނެވެ.
ނަސްރާ އެންމެ ފަހަކަށް ހިތްވަރުކޮށްފައި ޔޫނުސްގާތު އޭނައަށް ރުޅިތޯ އަހާލީ ދެމީހުން އެކީގައި އެނދަށް އަރަން އުޅުނު ވަގުތެވެ. ޔޫނުސް ނަސްރާއަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ބޯހޫރުވާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެއަށްފަހު އޭނަ އެއްވެސް އެއްޗެކޭ ނުބުނެ އެނދަށް އަރައި އޮށޯވެ ދެލޯ މަރާލިއެވެ. ނަސްރާއަށް ޔޫނުސްގެ ޖަވާބު ޤަބޫލު ކުރެވުނީ ދެލޯ މެރުމަށްފަހު ވެސް އެ މޫނުމަތިން ޔޫނުސް ވަނީ ފިކުރެއްގައިކަން އެނގުންވީތީވެއެވެ. ޔޫނުސްއަށް މިއަދު އޭނައާއި ވާހަކަ ނުދެކެވުނީ އެ ފިކުރުގެ ސަބަބުން ކަމަށްވެސް ވެދާނެ ކަމަށް ނަސްރާގެ ހިތް ބުންޏެވެ. ނަމަވެސް ޔޫނުސްއަށް މާ ބޮޑަށް ވިސްނެނީ ކޮންކަމަކާމެދު ކަމެއް ނަސްރާއަކަށް ނުވިސްނުނެވެ. އޭނަ ފުން ނޭވައެއް ދޫކޮއްލަމުން ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ އެނދަށް އަރައި އޮށޯވެ ނިދޭތޯ ބެލިއެވެ.
އޭގެ އަނެއްދުވަހު އަފްރީން ސްކޫލަށް ދިޔައިރު އެދުވަހުވެސް ސިނާން ސްކޫލަކަށް ނާދެއެވެ. އަފްރީން އޭނަގެ ހިތުގައި ހިނގަމުން ދިޔަ ޖަޒުބާތުތަކާމެދު އަޅާނުލުމަށްޓަކައި ކިޔެވުމަށް ފަރުވާތެރިކަން ބަހައްޓަން ފެށިއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް އަފްރީން ކުލާހުގައި ދެވޭ މަސައްކަތްތައް ކުލާހުގައި ނިންމަމުން ދިޔައެވެ. އެންމެ މިނެޓަކަށް ވެސް ހުހަށް ނުހުރެވޭތޯ ބެލިއެވެ. އިންޓަވަލް ގަޑީގައި ވެސް ޕާސްޓް ޕޭޕަރުތައް ހަދަން ނިންމައިފިއެވެ. ކޮންމެއަކަސް އިންޓަވަލް ގަޑިއަށް ބެލް ޖެހިތަނާ ކުލާހުގެ ދޮރުމައްޗަށް ސިނާން އައިސް ހުއްޓުނެވެ. އަފްރީންއަށް އެތަން ފެނުނީ އޭނައާއެކީ ގޮނޑިން ތެދުވެ ހުރި ނައުފާ ދެއްކުމުންނެވެ. ސިނާން ހިނިތުންވުމަކާއެކީ އޭނައަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި މިއަދު އަފްރީންއަކަށް ހިނިތުންވާކަށް ނޭނގުނެވެ. އެކަން ސިނާންއަށް ފާހަގަވީހެނެއް ހިއެއްނުވެއެވެ. އޭނަ ފުރިހަމަ ހިނިތުންވުމެއްގައި ހުރެ އައިސް އަފްރީންގެ ކުރިމަތީގައި މަޑުކޮށްލައިފިއެވެ.
“ހާއި…..މިއަދު ކިހިނެއްވެފަތަ އަފޫ ތިހިރީ؟ އަނެއްކާވެސް ކްލާސް ޓެސްޓަކުން އަހަންނަށްވުރެ ދަށުން ލިބުނީތަ؟” ސިނާން ބުނެލިއެވެ. އަފްރީންއަށް ނޭނގި އޭނައަށް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ ނޫނެކޭ ބުނަމުން ބޯހޫރުވާލިއެވެ. އަފްރީން ހިނިތުންވީތަން ފެނިފައި އޭނަ ކައިރީގައި ހުރި ނައުފާ ވެސް ހިނިތުންވެލިއެވެ. އަދި ތިމަންނަ ދަނީއޭ ކިޔައި ކުލާހުން ނިކުންނަން ދިޔައެވެ. މާ ގިނައިރެއްނުވެ މުޅި ކުލާސް ހުސްވިއެވެ. ކުލާހުގައި މުދައްރިސަކު ވެސް ނެތެއެވެ. އަފްރީން އުޅުނީ ކެންޓީނަށްދާން ކަމަށްވިޔަސް އޭނަ ޚިޔާލު ބަދަލުކޮށްލަމުން ގޮނޑީގައި އިށީނެވެ. އަފްރީން އޭނަގެ ކަބަޑުން ޕާސްޓް ޕޭޕަރު ފައިލެއް ނަގައި ހުޅުވާލި ވަގުތު ސިނާން އައިސް އޭނަގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެއެވެ. އަފްރީންގެ ހިތް އުފާވި ވަގުތު ހަމަ އެ ހިތް ދުރުވުމަށް ވެސް އަންގާލައިފިއެވެ. ކުއްލިއަކަށް މިތަނުގައި ތިންވަނަ މީހަކު ނެތްކަން އަފްރީންއަށް މާ ބޮޑަށް އިޙްޞާސް ކުރެވުނެވެ.
“އައި ނޯ އަފޫ. ރޭގަ ނުގުޅީތީ އަޕްސެޓްވެފަދޯ ތިހިރީ؟ ރޭގަ ކުޑަކަމެއްގަ ބިޒީކޮށް އަހަރެން އުޅުނީ. މިރޭ ގުޅާނަން. އައި ޕްރޯމިސް.” ސިނާން އެހެން ބުނެލަމުން މޭޒުމަތީގައި އޮތް އަފްރީންގެ އަތްމަތީގައި އަތް އެޅިއެވެ. އަފްރީން އަތް ދަމައިގަންނަން ބޭނުންވިއެވެ. ނަމަވެސް އެހެން ހަދާކަށް ނުކެރުނެވެ. އޭނައާއި ސިނާންގެ ގުޅުމުގައި ކޫރުމެއް އެޅޭކަށް އޭނަ ނޭދުނެވެ.
މުޅި އިންޓަވަލް ގަޑި ނިމެންދެން ސިނާން އަފްރީންގެ ކައިރީގައި އޭނައާއި ވާހަކަ ދައްކަން އިނެވެ. ކުރީކޮޅު އަފްރީންގެ ހިތަށް އުދަގޫވަމުން ދިޔައެއްކަމަކު 5 މިނެޓް ފަހުން އެކަމާމެދު ހަނދާން ނެތުނެވެ. ނަމަވެސް އިންޓަވަލް ގަޑި ނިމުމަށްފަހު ސިނާން އޭނައާއި ދުރަށް ދިޔުމުން އަނެއްކާވެސް އޭނަގެ އަމިއްލަ ހިތް އޭނަގެ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ.
އެދުވަހު ނަސްރާ ސްކޫލުން ގެއަށް ދިޔައިރު ޔޫނުސްއެއް ނެތެވެ. ޔޫނުސްއަށް އާދެވޭނީ ލަހުން ކަމަށްބުނެ އޭނަ ނަސްރާއަށް މެސެޖެއް ފޮނުވާފައި އޮތެވެ. ނަސްރާ އެއަކަށް މާ ބޮޑު ފަރުވާލެއްނުދީ ކޮޓަރިއަށްވަދެ ހެދުން ބަދަލުކޮށްލިއެވެ. މިއަދަކީ ބުރާސްފަތި ދުވަހަށްވުމުން ނަސްރާ ގޭގެ ތެރެ ސާފުކުރަން ނިންމިއެވެ. ބުރުހުން ގޭގެ ތެރޭގެ ކުނި ކަހަމުން ދަނިކޮށް ނަސްރާ ގޭގެ ފޮތް ހަރުގަނޑު ހުންނަ ކޮޓަރިއާއި ހަމަވިއެވެ. އޭނަ އެތާނގެ ދޮރު ހުޅުވާލަމުން އެތެރެ ބަލާލިއެވެ. އެތާތެރޭގައި ފޮށިތައް އެހެން މިހެން ހުރި ގޮތުން ނަސްރާއަކަށް ކަމަކު ނުދިޔައެވެ. މިއަދު އެތަންވެސް ސާފުކުރާނީއޭ ހިތައި ނަސްރާ ގޭގެ ތެރެއިން އެއްވި ކުނިތައް އަތްގަނޑަށް އަރުވާލުމަށްފަހު އެ ކޮޓަރިއަށްވަނެވެ.
ނަސްރާ އަތުކުރި އޮޅާލަމުން އެންމެ ފުރަތަމަ އެތާހުރި ފޮތް ހަރުގަނޑު ފޮހެން ފެށިއެވެ. މާ ގިނައިރެއްނުވެ އޭގައި ހުރި ފޮތްތަކުގައި ވެސް ހިރަފުސް ހުރިކަން އެނގި ނަސްރާ އެ ފޮތްތައް ހަރުގަނޑުން ނަގަން ފެށިއެވެ. ނަސްރާ އެކި ފޮތްތައް ނަގަމުން ދަނިކޮށް އޭގެ ތެރެއިން އެއްފޮތެއްގެ ތެރެއިން ފޮޓޯގަނޑެއް އުދުހިގެން ގޮސް ބިންމަތީގައި ޖެހުނެވެ. އެއްޗެއް ވެއްޓުނުހެން ހީވުމުން ނަސްރާ އެ އެއްޗެއް ދިޔަ ދިމާލަށް ބަލާލިއެވެ. އޭރު ބިންމަތީގައި ފޮޓޯގަނޑު އޮތީ ބަންޑުންނެވެ. ނަސްރާ އެއީ ކޮން ފޮޓޯގަނޑެއްތޯ ބަލަން ބޭނުންވެފައި އެއާއި ހަމައަށް ގޮސް ގުދުވެ އެ ފޮޓޯގަނޑު ނަގައި ހިންދެމިލަމުން އޭތި ބަލާލިއެވެ. އެ ފޮޓޯގައި ތިބީ ކުޑަ ފިރިހެން ކުއްޖަކާއި ބިޔަ ހަށިގަނޑެއްގެ ވެރި ފިރިހެނެކެވެ. ދެމީހުން ޖެހިޖެހިގެން ތިބިއިރު ފިރިހެން މީހާގެ އަތް ފިރިހެން ކުއްޖާގެ ކޮނޑުން ވައްޓާލެވިފައިވިއެވެ. ފިރިހެން ކުއްޖާ ފުރިހަމަ ހިނިތުންވުމެއްގައި ހުރިއިރު ފިރިހެން މީހާ ހުރީ ލުއި ހިނިތުންވުމެއްގައެވެ. ފިރިހެން ކުއްޖާ ޔުނިފޯމެއްގައި އަތުން ފޮތެއް ހިފައިގެން ބޮލުގައި ކަރުދާހުގެ ތާޖެއް އަޅައިގެން ހުރިގޮތުން މިއީ ރިޕޯޓު ދިން ދުވަހެއްގައި ނެގިފައިވާ ފޮޓޯއެއްހެން ހީވެއެވެ. ނަސްރާ ރަނގަޅަށް އެ ފިރިހެން ކުއްޖާއަށް ބަލާލުމުން އެއީ ޔޫނުސްކަން ނަގައިގަނެވުނެވެ. ނަސްރާއަށް އެކަނި ހުރެ ލުއި ގޮތަކަށް ހީލެވުނެވެ. ޔޫނުސް އޭރު ހާދަ ލޯތްބޭ ހިތަށްއެރިއެވެ. ނަސްރާއަށް ދެން ބަލާލެވުނީ ޔޫނުސްގެ ކައިރީގައި ހުރި ފިރިހެން މީހާށެވެ. އެ މީހާއަކީ ނަސްރާއަށް ފެނިފައި ހުރި މީހެއްހެން އޭނައަށް ހީވިއެވެ. އެއީ ކާކުކަން ހަނދާން ކުރުމަށްޓަކައި ނަސްރާ ސިކުނޑިއަށް ބާރުލިއެވެ. މާ ގިނައިރެއްނުވެ އެއީ ޓީވީއާއި ރޭޑިޔޯއިން އަބަދުވެސް އެމީހެއްގެ ނަން އިވިއިވި ހުންނަ ނަވާޒްކަން ނަސްރާއަށް ނަގައިގަނެވުނެވެ. ނަސްރާގެ ނިތަށް ރޫގިނަވިއެވެ. ޔޫނުސް އެހާ ކުޑައިރު ނަވާޒްގެ ކައިރީގައި ހުއްޓި މިހިރީ ކީއްވެ ހެއްޔެވެ؟ ނަވާޒް ރިޕޯޓު ދިނުމުގެ ޙަފްލާއަށް ޚާއްޞަ މެހުމާނެއްގެ ގޮތުގައި ގޮސްފައި ހުރީ ހެއްޔެވެ؟ ނަމަވެސް އެހެންވާންވީ ސަބަބެއް ނަސްރާއަކަށް ނުވިސްނުނެވެ. ނަވާޒްގެ ޕާޓީ އުފެދި އޭނަ މަޝްހޫރުވެގެން ދިޔައީ މީގެ 5 އަހަރު ކުރިންނެވެ. ވީއިރު ޚާއްސަ މެހުމާނަކަށް އޭރު ނަވާޒްއެއް ނުވާނެއެވެ. ނަވާޒް ޔޫނުސްގެ ކޮނޑަށް އަތް ވައްޓައިގެން ހުރި ގޮތުން އެއީ ޔޫނުސްގެ ވަރަށް ގާތް މީހެއްހެން ހީވިއެވެ. ނަވާޒްއާއި ޔޫނުސްއާ ދެމެދު އޮންނާނެ ގުޅުމަކީ ކޮބައިކަން ނަސްރާގެ ހަވަނަ ޙިއްސު ބުނެލިއެއްކަމަކު އޭނައަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. ނަސްރާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ ގޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ނަސްރާއަށް ތެޅިގެންފައި އެ ފޮޓޯގަނޑު ގޮސް ހަރުގަނޑުގައި ހުރި ފޮތެއްގެ ތެރެއަށް ކޮއްޕާލެވުނެވެ. ނަސްރާ ފަސްއެނބުރި ބަލާލި ވަގުތު ޔޫނުސް އެ ކޮޓަރީގެ ދޮރުމައްޗަށް އަރައިފިއެވެ. އަދި މިތަން ވެސް ސާފު ކުރަނީތޯ އެހިއެވެ. ނަސްރާ އޭނަގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ހޫންލައްވާލިއެވެ. ޔޫނުސް ތިމަންނަ އެބަ އަންނަމޭ ބުނެ ދާން ހިނގައިގަތެވެ. ނަސްރާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮއްލެވުނެވެ. އޭނަ މަސައްކަތަށް އަނބުރާ ދިޔައެއްކަމަކު ދެންވެސް އެ ފޮޓޯގަނޑާއިމެދު ވިސްނުނެވެ. ނަސްރާ ޔޫނުސްގާތު އެއާއިމެދު ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް އޭނަ ޚިޔާލު ބަދަލުކޮއްލީ އޭގެ ޖަވާބަކަށް ޔޫނުސް ވަރަށް ދިގު، ހިތްދަތި ވާހަކައެއް ކިޔައިދޭންޖެހޭނެހެން ހީވީތީވެއެވެ. ޔޫނުސް އަމިއްލައަށް އެ ވާހަކަތައް ކިޔައިދެން ދެން އިންތިޒާރުކުރުން ބުއްދިވެރިވާނެކަމަށް ނަސްރާ ދެކުނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަފްރީންއަށް ތަޖުރިބާ ކުރެވެމުން ދިޔަ އުދަގޫތައް އިތުރުވަމުން ދިޔައެވެ. ފަހަކަށް އައިސް އޭނައަށް އަބަދުވެސް ހުރެވެނީ ދެ ޚިޔާލެއްގެ މަތީގައެވެ. ބައެއް ދުވަސް ދުވަހު ސިނާންއަށް އެއްގޮތަކަށް ވެސް ނުގުޅަން ނިންމައިގެން ހުންނައިރު އަނެއްބައި ދުވަސްދުވަހު އޭނަ މުޅިން ވެސް ހުންނަން ބޭނުންވަނީ ސިނާންއަށް ގުޅައިގެންނެވެ. ސިނާންއާއެކީ ވަގުތު ހޭދަކުރާއިރު އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭހެން އަފްރީންއަށް ހީވެއެވެ. ނަމަވެސް ސިނާންއާއި ވަކިވާއިރަށް އެ ހަމަޖެހުން ގެއްލިދެއެވެ. މިކަން ފާހަގަވުމުން އަފްރީން އަބަދުވެސް ސިނާންއާއެކީ ހުންނަން ބޭނުންވިއެވެ. އެހެނަސް އެއީ ވާނެކަމެއް ނޫންކަން އެނގި އަފްރީން ދެންވެސް ސިނާންއާއި ދުރުވޭތޯ ބެލިއެވެ. ހުކުރު ދުވަހެއްގައި ސިނާން އެތައް ފަހަރަކު ގުޅުމުން ވެސް ފޯނު ނުނަގައި ހުރެފައި އެންމެ ފަހަކަށް އެ ދުވަހުގެ ރޭ ކެތްނުވެގެން އަފްރީންއަށް ފޯނު ނެގުނެވެ. ސިނާން ކިހިނެއްވީތޯ ސުވާލު ކުރުމުން އަފްރީން ސިނާންއަށް ބަހަނާއެއް ދެއްކިއެވެ. އަފްރީން ކިތަންމެ ފޮރުވަން އުޅުނެއްކަމަކު އަފްރީންއަށް އައި ބަދަލުތައް ސިނާންއަށް ފާހަގަ ކުރެވެން ފެށިއެވެ. އޭނަ އެކަމާމެދު ނައުފާއާއި ސުވާލުކުރިކަން އަފްރީންއަށް އެނގުނީ ސިނާން އެއްރެއަކު ގުޅާފައި ދެއްކި ވާހަކައަކުންނެވެ.
“އަފޫ ތިހިރީ ބްރެއިންވޮޝްވެފަ.” އަފްރީން އެރޭ ފޯނު ނަގައި އެއްވެސް ވާހަކައެއް ނުދައްކައި ހުންނަން ފެށުމުން ސިނާން ބުނެލިއެވެ. ސިނާން ދެން ބުނީ ދަރުހުގައި ދެއްކި ވާހަކަތައް ހަނދާން ނައްތާލުމަށެވެ. އަދި ދެމީހުންގެ ގުޅުން ބަރުބާދުކޮށްލަން ނުއުޅުމަށެވެ. އެ ވާހަކަ އަޑުއަހާފައި އަފްރީންއަށް ރޮވެން އުޅުނެވެ. ސިނާން އެ ބުނި ގޮތަށް ކަންތައް ކުރެވޭނެނަމަ އޭނަ އެކަން ކުރިތާ އެތައް ދުވަހެކެވެ. ސިނާން އެ ބުނީ ތެދެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އޭނަގެ ސިކުނޑި ދޮވުނީ ހެއްޔެވެ؟ އޭނަ މޮޔަވަނީ ހެއްޔެވެ؟ އަފްރީންއަށް އެރޭ ފޯނު ބޭއްވުމަށްފަހު ރަނގަޅަށް ރޮވުނެވެ. އޭނަގެ އިޙްޞާސްތައް ޙިއްޞާ ކުރެވޭނެ މީހަކު ހުރިނަމައޭ ހިތަށްއެރިއެވެ. ސިނާންއާއި ޙިއްސާ ކުރިއްޔާ އޭނަ ދޭނެ ޖަވާބު އަފްރީންއަށް އިވިއްޖެއެވެ. ދޮންތައާ ވާހަކަ ދައްކާނީއޭ ހިތް ބުންޏެއްކަމަކު އޭނަގެ ލޯބިވެރިއެއް ހުންނަ ވާހަކަ ދޮންތައަށް އަންގާކަށް އަފްރީންއަކަށް ނުކެރުނެވެ. ބައްޕައާ ދޮންބެ ގާތު ދައްކާކަށް އަމުދުންނެއް ނުކެރޭނެއެވެ. އަފްރީންއަށް މުޅި އެރޭ ހުއްޓުމެއްނެތި ރޯން އެނދުމަތީގައި އިނދެވުނެވެ. ފަތިސް ނަމާދަށް ބަންގި ގޮވީ ވެސް އަފްރީން ރޯން އިންދައެވެ. އަފްރީން އޭނަގެ ކަރުނަތައް ފޮހެމުން އެނދުން ތެދުވެގެން ގޮސް މޫނުދޮވެ ވުޟޫކޮށްލައިގެން ނަމާދަށް މުސައްލަ މައްޗަށް އެރިއެވެ. އާދައިގެ މަތިން ނަމާދު ކުރިއިރު އަފްރީންއަށް ވިސްނެމުން ދިޔައީ ދުނިޔޭގެ އެހެނިހެން ކަންކަމާއި މެދުގައެވެ. ނަމަވެސް ސަލާމް ދީފައި އަވަސްއަވަހަށް ޛިކުރު ތަސްބީޙަ ކިޔައި ނިންމުމަށްފަހު މުސައްލަ އޮޅާލަން އުޅުނު ވަގުތު ނޭނގޭ ސަބަބަކާހުރެ އަފްރީންއަށް މަޑުކޮށްލެވުނެވެ. އެދުވަހު އިވުނު ދަރުހުގައި މައިގަނޑު ގޮތެއްގަ ދެކެވުނު ވާހަކަތަކުގެ މަތިން ހަނދާންވިއެވެ. ﷲ ގެ ލޯބިފުޅުގެ ވާހަކައެވެ. އަހަރުމެންގެ އިޙްޞާސްތައް އެންމެ ބޮޑަށް ދެނެވޮޑިގެންވާނީ ﷲ ކަމުގެ ވާހަކައެވެ. ﷲ އާއި އޭނަގެ އިޙްޞާސްތައް ޙިއްޞާ ކުރަންވީ ކަމުގައި އަފްރީންގެ ހިތް ބުނެލިއެވެ. ﷲ އަކީ ހުރިހާ ކަމެއް އައްސަވާވޮޑިގެންވާ އަދި ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ވެސް އަފްރީންގެ ހިތް އޭނައަށް ހަނދާންކޮށްދިނެވެ. އަފްރީން ޖެހިލުންވުމަކާއެކީ އޭނަގެ ދެއަތް އުފުލާލިއެވެ. އޭނަ އެއްޗެކޭ ކިޔަން އަނގަ ހުޅުވާލިއެއްކަމަކު އަނގަ ލައްޕާލެވުނީ މިއީ ހާދަ މޮޔަކަމެކޭ ސިކުނޑި ބުނީތީވެއެވެ. އަފްރީން ޚިޔާލު ބަދަލުކޮށް އަތް ތިރި ކޮއްލަމުން މުސައްލަ އޮޅާލިއެވެ.
ސެޕްޓެމްބަރު މަސް ފެށި އަފްރީންމެންގެ ސްކޫލްގައި އޯ ލެވެލްގެ ކުރިން އެންމެ ފަހަކަށް ނެގޭނެ އިމްތިޙާން ފެށުނެވެ. އިމްތިޙާނަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރު އަފްރީން އުޅެންޖެހުނު ޙާލުގެ ސަބަބުން އަފްރީން ބޭނުންވި ވަރަކަށް އިމްތިޙާނަށް ތައްޔާރު ނުވެވުނެވެ. ނަމަވެސް އިމްތިޙާންތައް ރަނގަޅަށް ހެދޭނެ ކަމުގެ އުއްމީދު އޮތީ މީގެ ކުރިން އޭނަ އެއްވެސް ވަރަކަށް ދަސްނުކޮށް ދާ އިމްތިޙާންތަކުން ވެސް އޭނައަށް “އޭ” ލިބިފައި ހުންނާތީވެއެވެ. އަފްރީން އިމްތިޙާންތަކުގެ ތެރެއިން ވެސް ދެ ޚިޔާލެއްގެ މަތީގައި ހުރެ ސިނާންއާއި ވާހަކަ ދައްކަމުން ދިޔައެވެ.
އިމްތިޙާންތައް ނިމި އަފްރީންމެން ޕޭޕަރު ބަލަންދާ ދުވަސްޖެހުނެވެ. އަފްރީން ސްކޫލަށް ދިޔައީ އާދައިގެ މަތިން ހުރިހާ އިމްތިޙާނަކުން “އޭ” ނުވަތަ “އޭ ސްޓާރ” ލިބޭނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އޭނައަށް ފުރަތަމަ ޕޭޕަރު ފެނުނު ވަގުތުވެސް ދެލޯ ބޮޑުވިއެވެ. ފުލް މާކްސްގެ ދެބައިކުޅަ އެއްބަޔަށްވެސް ލިބިފައި ނެތީތީވެއެވެ. ޕޭޕަރުތައް ލިބެމުން ދިޔަ ވަރަކަށް އޭނަގެ ހިތް ގެނބެމުން ދިޔައެވެ. އަފްރީންއަށް ހާސްވެފައިވާ ހިތަކާއެކީ ނައުފާގެ ކަލްކިއުލޭޓަރު ނަގައި އޭނަގެ މާކްސްތައް އެއްކުރެވެން ފެށިއެވެ. އަފްރީންއަކީ މީގެ ކުރިން ޕޭޕަރު ބަލަން އައިސް ކަލްކިއުލޭޓަރަކަށް ބޭނުންވާ ކުއްޖެއް ވެސް ނޫނެވެ. ޕޭޕަރުގައި ލިބިފައި ހުންނަ މާކްސްތަކުން އެކަނިވެސް މިއީ ރަނގަޅު ނަތީޖާއެއްކަން ނަގައިގަނެވޭތީވެއެވެ. ނަމަވެސް މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ ކުލާހަށް ވަންނަމުން ދިޔަ މުދައްރިސުން ވެސް އަފްރީންއަށް ބަލަމުން ދިޔައިރު މުދައްރިސުންގެ މޫނުތަކުގައި ވެސް ވީ އެ ސުވާލެވެ. ކުލާހުގައި ތިބި ކުދިން ވެސް އަފްރީންއަށް ބަލަމުން ދިޔައީ ޙައިރާންކަމާއި އެކީގައެވެ. އަފްރީން އެ ނަޒަރުތަކުން ދުރަށްދާން ބޭނުންވިއެވެ. އެންމެ ފަހު ޕޭޕަރުތައް ދައްކައި ނިމުނުތަނާ އަފްރީން ކޮޅަށް ތެދުވެ ކުލާހުން ނިކުމެގެން ދިޔައެވެ. ފަހަތުން ސިނާންއާއި ނައުފާ ގޮވުމުން ވެސް އަފްރީން މަޑެއް ނުކުރިއެވެ.
އަފްރީން ގެއަށް އައިއިރު ޝަރީފް އަފްރީންގެ ނަތީޖާ ބަލަން ބޭނުންވެފައި އޮފީހުން ގެއަށް އައިސް ސިޓިންގް ރޫމުގައި އިނެވެ. އަފްރީން ގޭގެ ހުޅުވިފައިވާ ދޮރުމައްޗަށް އެރިތަނާ ޝަރީފް ހިނިތުންވުމަކާއެކީ ކޮޅަށް ތެދުވެ ކިހިނެއްތޯ ސުވާލުކުރިއެވެ. އަފްރީން ބަނަވެފައިވާ މޫނަކާއެކީ ބާރަށް ހިނގާފައި އައިސް އޭނަގެ އަތުގައި އޮތް ގަނޑުކޮޅު މޭޒުމަތީގައި ބޭއްވުމަށްފަހު ހަމަ އެ ބާރު މިނުގައި ގޮސް ކޮޓަރިއަށް ވަދެ ހަރު އަޑަކާއެކީ ދޮރު ލައްޕާލިއެވެ. އަފްރީން ކަންތައް ކުރި ގޮތުން ޝަރީފްގެ ބުމަގޮށްޖެހުނެވެ. އޭނަ މޭޒުމަތީގައި އޮތް ގަނޑުކޮޅު ނަގައި ބަލާލިއެވެ. އެއާއެކު އަފްރީންހެން ޝަރީފްގެ ވެސް ދެލޯ ބޮޑުވިއެވެ. ކޮންމެ މާއްދާއަކުން މާކްސްތައް އެއްކޮށް ލިބުނު ގްރޭޑް ޖަހާފައި ހުރިއިރު “އޭ” ލިބިފައި ހުރީ އެންމެ މާއްދާއަކުންނެވެ. ޝަރީފަށް އަނެއްކާވެސް އަފްރީންގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. އޭނައަށް މި ނަތީޖާއާމެދު ބުނާނެ އެއްޗެއްވެސް ނޭނގެއެވެ. އަފްރީންއަކީ ދުވަހަކު ވެސް މިހާ ދަށް ނަތީޖާއެއް ގެއަށް ގެނައި ކުއްޖެއްނޫނެވެ. އަފްރީން އުޅެނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން ކަމުގެ އިންޒާރު ޝަރީފްގެ ސިކުނޑި އޭނައަށް ދިނެވެ. އޭނަ ގޮސް އަފްރީންގެ ކޮޓަރީގެ ދޮރު ހުޅުވާލަން އުޅުނެވެ. ދޮރު ތަޅުލެވިފައިވުމުން ޝަރީފް ދޮރުގައި ޓަކިދެމުން އަފްރީންއަށް ގޮވަން ފެށިއެވެ.
ކޮޓަރީގެ އެނދުމަތީގައި އިން އަފްރީންގެ ހިތް ހިތާމައާއެކު ބިރުވެރިކަމުންވެސް ފުރިފައިވިއެވެ. ހިތާމަ ކުރަނީ މިއަދު ފެނުނު ޕޭޕަރުތަކުގެ ސަބަބުންނެވެ. އިންތިހާއަށް ބިރުގަންނަމުން ދިޔައީ މީގެ ދެ ހަފްތާ ފަހުން ފެށެން އޮތް އޯ ލެވެލް އިމްތިޙާނާއި މެދުގައެވެ. މި ހުރިހާ ދުވަހު އޭނައަށް އޯ ލެވެލް ޓޮޕް ޓެން ގެ އެއްވަނަ ލިބޭނެ ކަމުގެ އުއްމީދު އަފްރީންގެ ހިތުގައިވިއެވެ. ނަމަވެސް މިހާރު ޓޮޕް ޓެންއަށް ދެވޭނެ ކަމުގެ ވެސް ޔަޤީންކަމެއްނެތެވެ. ކޮޓަރީގެ ބޭރުން ބައްޕަ ގޮވާ އަޑު އިވުމުން އަފްރީންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ބައްޕަ އޭނަގެ ފަރާތުން ހާދަ އުއްމީދެއް ކުރާނެއޭ ހިތަށްއެރިއެވެ. އެ އުއްމީދުތައް ފުރިހަމަ ނުކުރެވިދާނެއޭ ހިތަށްއެރި ވަގުތު އަފްރީންގެ ލޮލުން ކަރުނަ ފައިބައިގެން އައެވެ. އޭނަ ބައްޕައަށާއި އޭނަގެ މުދައްރިސުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މިއީ އޭނައެއް ނޫނެވެ. މިއަދު އޭނަ މިވަނީ އެހެން މީހަކަށްވެފައޭ ހިތަށްއެރިއެވެ. އެހެނަސް އޭނައަށް މިހެންނެއް ކުރިއަކަށް ނުދެވޭނެއެވެ. އޭނަ ޖެހޭނީ މި ޙާލަތް ބަދަލުކުރެވޭތޯ ބަލާށެވެ. އަދި ހުރިހާ ކަމެއް ނުނިމެއެވެ. ކުއްލިއަކަށް އަފްރީންގެ ހިތުގައި ކިޔެވުމަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅުނެވެ. އަފްރީން ޝަރީފްގެ އަޑަށް ފަރުވާލެއްނުދީ އޭނަގެ ޔުނިފޯމްވެސް ބަދަލުނުކޮށް ކިޔަވާ މޭޒުދޮށުގައި އިށީނެވެ. މާ ގިނައިރެއްނުވެ ޝަރީފްގެ އަޑު ކެނޑުމުން ޝަރީފް ގޮއްސިކަން އަފްރީންއަށް އެނގުނެވެ. އަފްރީން މޭޒުގެ ވަތްގަނޑު ހުޅުވާލަމުން ވަތްގަނޑުގައި އޮތް އޭފޯ ރީމުން އޭފޯ ސައިޒް ގަނޑެއް ނެގިއެވެ. އަދި ކުލަކުލައިގެ ގަލަން ތަކުން އޭނަ ކުރިއަށް އޮތް ދެ ހަފްތާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރާނެ ގޮތުގެ ތާވަލެއް ތައްޔާރު ކޮށްލިއެވެ. ތާވަލު ނިންމުމަށްފަހު އެއަށް ބަލާލި ވަގުތު އަފްރީން އެއާމެދު ހިތްހަމަޖެހުނެވެ. އެއާއި އެއްގޮތަށް ކަންތައް ކޮށްފިއްޔާ އޭނައަށް އަދިވެސް އެއްވަނަ ލިބުމުގެ ފުރުޞަތު އެބައޮތް ކަމާމެދު އަފްރީންގެ ސިކުނޑި އެއްބަސްވިއެވެ. އޭނަ އެ ތާވަލު ކިޔަވާ މޭޒުގެ ކުރިމައްޗަށްވާ ގޮތަށް ފާރުގައި ތަތްކޮއްލިއެވެ. އެއަށްފަހު ފެންވަރާލަން ދިޔައެވެ.
އަފްރީން ފެންވަރައި ތާޒާވެ ކިޔަވަން ތައްޔާރުވެގެން ގޮސް ކިޔަވާ މޭޒުދޮށުގައި އިށީނެވެ. މާ ގިނައިރެއްނުވެ ކައިރީގައި އޮތް ފޯނަށް މެސެޖެއް އައި އަޑަށް އަފްރީން އޭގެ ސްކްރީނަށް ބަލާލިއެވެ. އެއީ ސިނާންގެ މެސެޖެކެވެ. އޭގައި އޮތީ އަފްރީން ރަނގަޅުތޯއެވެ. އަފްރީން އެއަކަށް ޖަވާބެއްދޭކަށް ބޭނުމެއް ނުވިއެވެ. އޭނައަށް މިވަގުތު އެއަށްވުރެ މުހިއްމީ އޭނަގެ މުސްތަޤްބަލް ސަލާމަތް ކުރުމެވެ. އަފްރީން ފޯނު ދުރުގައި ބާއްވާފައި މޭޒުގެ ކަނެއްގައި އޮތް ފޮތެއް ނަގައި އެ ކިޔަން ފެށިއެވެ. މާ ދުރަށް ނުކިޔެނީސް އަފްރީންގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ސިނާންގެ ނަން ފެނުމުން ވެސް މިފަހަރު އަފްރީން ނަގާ ހިތެއްނުވިއެވެ. އޭނަ ފޯނު ބިޒީކޮށްލަމުން ކިޔެވުމަށް އަނބުރާ ދިޔައެވެ. ދެވަނަ ފަހަރު ސިނާން ގުޅުމުން ވެސް އަފްރީން ހެދީ އެހެންނެވެ. ތިންވަނަ ފަހަރު ގުޅުމުން އަފްރީން އައި ރުޅީގައި ފޯނު ނިވާލަން އުޅުނެވެ. ނަމަވެސް ސިނާންއަށް އޭނަ ބޭނުންވާ ގޮތް ސާފުކޮށް އަންގާލަން ބޭނުންވިއެވެ.
“ސިނާން ޑޯންޓް ޑިސްޓާބް މީ އޯކޭ؟” ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން އަފްރީންއަށް އެހެން ބުނެލެވުނީ ނުރުހުމުގެ ރާގަކަށެވެ. އެއާއެކު އޭނައަށް ބުނެވުނު އެއްޗަކާމެދު ހިތާމަ ކުރެވުނެވެ. އޭނަގެ ނަތީޖާ ދަށްވީ ވަކި ސިނާންއަކާހެދި ނޫނެއްނޫންހެއްޔޭ ހިތް ބުންޏެވެ.
“އަފޫ….” ސިނާން ގޮވާލި ގޮތުން އަފްރީން އިތުރަށް ދެރަވިއެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“ސިނާން…..އަހަރެން ބޭނުން ވަގުތު…އަހަރެން ކިޔަވަން ބޭނުން. ޕްލީޒް، އޯ ލެވެލްސް ނިމެންދެން ސިނާންއަށް އަހަންނަށް ނުގުޅައި ހުރެވިދާނެތަ؟ ދިސް އިޒް ނޮޓް އަ ބްރޭކް އަޕް. ޓެސްޓަށްފަހު ސިނާން……އަހަރެން ސިނާންއަށް ގުޅާނަން.” އަފްރީން ކެނޑިކެނޑިގެން ބުނެލައިފިއެވެ. ދިގު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ސިނާން އޯކޭއޭ ބުނެލަމުން ފޯނު ބޭއްވިއެވެ. އަފްރީންއަށް ފޯނު ކަންފަތުން ވަކިކޮށްލަމުން ދެލޯ މަރާލެވުނެވެ. ދެލޯ ހުޅުވާލި ވަގުތު ކުރިމަތިން ފޮތް ފެނުމުން އަފްރީން އަނެއްކާވެސް ކިޔެވުމަށް ސަމާލުކަން ދިނެވެ.
އެދުވަހަށްފަހު އަފްރީން އޭނަގެ ހުރިހާ ވަގުތެއް ހޭދަކުރީ އޭނަގެ ފޮތްތަކާ އެކީގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކާން ސުފުރާ ދޮށަށް އޭނަ ދަނީ ވެސް ފޮތް ހިފައިގެންނެވެ. އޭނަ އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ނުއުޅެއެވެ. ޝަރީފްގެ އެދުމަށް ނަސްރާ އަފްރީންއާއި ވާހަކަ ދައްކަން އުޅުމުން ވެސް އަފްރީން އެ ފުރުޞަތެއް ނުދެއެވެ. ކޮންމެއަކަސް އެއްރެއަކު ނަސްރާ އެ ގެއަށް ދިޔައިރު އަފްރީން އިނީ ސިޓިންގް ރޫމުގެ ސޯފާގައި ޓީވީ ބަލާށެވެ. އޭނަ ބަލަން އިނީ ކޮންމެވެސް އިނގިރޭސި ފިލްމެކެވެ. ނަސްރާ ވެސް އަފްރީންގެ ކައިރީގައި އިށީނެވެ. އަފްރީން ހީކުރި ގޮތާއި ޚިލާފަށް ނަސްރާ އެއާއިމެދު ލެކްޗަރެއްދޭކަށް ނުއުޅުނެވެ. އަފްރީން އެއްފަހަރު ޓީވީއަށް އަނެއްފަހަރު ނަސްރާއަށް ބަލަމުން ދަނިކޮށް ޝަރީފް އަފްރީންއަށް ގޮވާލި އަޑު އިވިގެން އަފްރީން ސޯފާއިން ތެދުވެގެން ދިޔައެވެ.
ޝަރީފް ބުނި ކަމެއް ކުރުމަށްފަހު އަފްރީން ސިޓިންގް ރޫމަށް ދިޔަ މަގުމަތީގައި ޤުރުއާނުގެ އަޑު އިވިފައި އަފްރީން ފޫހިވިއެވެ. އެއަށްވުރެ ބޮޑަށް ފޫހިވީ ދޮންތަ ސިޓިންގް ރޫމުގެ ސޯފާގައި އިނދެ ޓީވީއިން އަބަދު ޤުރުއާން ޖަހާފައި ހުންނަ ޗެނަލެއް ޖައްސައިގެން އިންތަން ފެނުމުންނެވެ. އަފްރީން ތުން ދިގުވެފައި ހުރެ ބަރު ފިޔަވަޅުތަކެއްގައި ސިޓިންގް ރޫމަށްއައެވެ. އޭނަ ސިކުނޑި ހަމަޖެއްސުމަށްޓަކައި ކަނޑައަޅާފައި އޮންނަ ހަމައެކަނި ވަގުތަކީ މިއީއެވެ. ދޮންތަ އެ ނަގަނީ އެ ވަގުތުކޮޅެވެ. އަފްރީން ނުރުހުންވެފައިހުރެ ގޮސް ނަސްރާގެ ކައިރިއަށް ސޯފާއަށް ވެއްޓިގަތެވެ. ނަސްރާ އަފްރީންއަށް ބަލާވެސް ނުލިއެވެ. އަފްރީން ނަސްރާއަށް ބަލަން އިނދެފައި ޓީވީއަށް ނަޒަރު ހުއްޓާލީ ބިސްމި ކިޔާ އަޑަށެވެ. މި ފެށެން އުޅެނީ ޔޫސުފް ސޫރަތްކަން ސްކްރީނުގެ ތިރިއަށް އަރާފައި އޮތެވެ. ސޫރަތް ފެށި ޓީވީގެ ސްކްރީނުން ފުރަތަމަ އާޔަތާއިއެކު އޭގެ އިނގިރޭސި މާނަ ވެސް އެރިއެވެ. އަފްރީންއަށް އެ މާނަ ކިޔެން ފެށިއެވެ. އެއާއެކު މިއީ ވަރަށް ފަސޭހަ ތަރުޖަމާއެއްކަން އަފްރީންއަށް ނަގައިގަނެވުނެވެ. ތިންވަނަ އާޔަތާއި ހަމަވުމުން މި ސޫރަތުގައި ވާހަކައެއް ވާނެކަން އަފްރީންއަށް އެނގުނެވެ. އަފްރީން ހިސާބަކަށް ޝައުޤުވެރިވިއެވެ. ވާހަކަ ފެށިގެން ދިޔުމުން އަފްރީންގެ ހުރިހާ އެ ވާހަކައަށް ދެވުނެވެ. ވާހަކައިގެ ވަކި ހިސާބަކުން އަފްރީންއަށް ހީވަމުން ދިޔައީ އޭނަ ހުރީ ވާހަކައިގެ ތެރޭގައި ހެންނެވެ. އޭނައަށް މި ހުރެވުނީ ގޭގެ ސިޓިންގް ރޫމުގައި ޤުރުއާން އަޑުއަހަންކަން އެނގުންވީ ވާހަކަ ނިމި ސޫރަތް އިތުރަށް ކުރިއަށް ދިޔުމުންނެވެ. އަފްރީންއަށް ކުރިމަތީގައި ހުރި ސިޓިންގް ރޫމުގެ ގަޑިއަށް ބަލާލެވުނެވެ. އޭރު 10 ޖަހައިފިއެވެ. އޭނައަށް ޤުރުއާން އަޑުއެހޭތާ ބައިގަޑިއިރަށްވުރެ ގިނައިރު ވެއްޖެކަން އަފްރީންއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނަ ކައިރީގައި ދޮންތަ އިންތޯ ބެލިއިރު ދޮންތައެއް ވެސް ނެތެވެ. ދޮންތަ ވެސް ލަސްވެގެން ދިޔައީކަން އަފްރީންއަށް އެނގުނެވެ.
އޭގެ އަނެއް ރޭ ވެސް ނަސްރާ އަފްރީން “ސިކުނޑި ހަމަޖައްސާ” ގަޑީގައި އެ ގެއަށް ގޮސް އަފްރީންއަށް ވުރެ ކުރިން ގޮސް ޓީވީ ހުޅުވައި އެއްކަލަ ޗެނަލް ޖައްސާލިއެވެ. އަފްރީން އެރޭ ވެސް ފޫހިވިއެވެ. އޭނަ ކޮޓަރިއަށް ދާން އުޅެފަވެސް ނޭނގޭ ސަބަބަކާހުރެ ކަހަފް ސޫރަތް ފެށުމުން އެ އަޑުއަހަން ބޭނުންވިއެވެ. ކޮންމެ ހުކުރު ދުވަހަކު ދޮންތަ ބުނެގެން އޭނަ އަވަސް އަރުވާލައިގެން ކިޔަވާލާ ސޫރަތުން ބުނަނީ ކީކޭކަން ދެނެގަންނާނީއޭ ހިތައި އަފްރީން ނަސްރާގެ ކައިރީގައި އިށީނެވެ. ކަހަފް ސޫރަތުގެ ވަކި ހިސާބަކުން ކޮންމެވެސް ޒުވާނުންނެއްގެ ވާހަކަ ފެށުނެވެ. ނަމަވެސް ތަރުޖަމާ ކިޔަމުން ދިޔައިރު އެ ވާހަކައިގެ މަންޒަރުތައް ސިފަކޮށްގަންނަން މިފަހަރު އަފްރީންއަށް ދަތިވިއެވެ. މި ވާހަކައަކީ ވަރަށް ގިނަ އަހަރު ވަންދެން ނިދާފައި ތިބި ބައެއްގެ ވާހަކަކަން އަފްރީންއަށް އެނގުނެވެ. ވާހަކަ ނިމި ދިޔުމުން އަފްރީންގެ ޝައުޤުވެރިކަން ނެތެން އުޅެނިކޮށް އަނެއްކާވެސް އެހެން ވާހަކައެއް ފެށުނެވެ. އެ ވާހަކަ ނިމުމުން ވަރަށް ގިނައިރު ވަންދެން ވާހަކައެއް ނެތި ދިޔުމުން އަފްރީން ދާން އުޅުނު ވަގުތު އަނެއްކާވެސް ވާހަކައެއް ފެށުނެވެ. އަފްރީންއަށް އެރޭ ކަހަފް ސޫރަތް ނިމެންދެން އަޑު އެހުނެވެ.
ނަސްރާ ރޭގަނޑުގައި ޝަރީފްގެ ގެއަށް އަންނަތާ ހަފްތާއެއްވި ފަހުން އަފްރީން ޤުރުއާން އަޑު އަހަން ފެށީ އަހާ ހިތުންނެވެ. ޤުރުއާނުގައި ދެކެވިފައިވަނީ ކޮން ވާހަކަތަކެއްކަން ދެނެގަންނަން އަފްރީން ބޭނުންވިއެވެ. ފަހަކަށް އައިސް ނަސްރާ އެ ގެއަށް ނަޔަސް އަފްރީން ކިޔެވުމުގެ ތެރެއިން ފޫހިވާ ކޮންމެ ވަގުތަކު ޓީވީ ހުޅުވައި އެ ޗެނަލް ޖައްސާލައެވެ. ސުވަރުގޭގެ ވާހަކަތައް އިވޭ ކޮންމެ ފަހަރަކު އަފްރީންގެ ހަނދާނަށް އަންނަނީ އޭނައަށް ސުވަރުގެއަށް ނުވަދެވޭނެ ސަބަބުތަކެވެ. ނަރަކައިގެ ވާހަކަ އަންނަ ކޮންމެ ފަހަރަކު އަފްރީންގެ ހިތަށް ބިރުވެރިކަމެއް ވަދެއެވެ. އަދި އޭނަ ނަރަކަވެރިއަކަށްވާނީ މިވެނި ކަންތައްތަކެއްގެ ސަބަބުންކަމަށް އަފްރީންގެ ސިކުނޑި ބުނެއެވެ. އަފްރީންގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވެގެން ދަނީ ތައުބާވުމުގެ ވާހަކަ އައުމުންނެވެ. އެ ވާހަކަ އައުމުން އަފްރީން ތައުބާވާން ބޭނުންވެއެވެ. އޭނަ ނަރަކަވެރިއަކަށްވާން ބޭނުން ނުވާތީވެއެވެ. އަދި ސުވަރުގެއަށްދާން ބޭނުންވާތީވެއެވެ.
އޯ ލެވެލް އިމްތިޙާންތައް އަފްރީންއަށް ފެށިގެން ދިޔައީ އޮމާންކަމާއެކީގައެވެ. އޭނައަށް ހުރިހާ ޕޭޕަރެއްހެން ފަސޭހައިން ހެދެމުން ދިޔައެވެ. ނަމަވެސް ސްކޫލްގެ އިމްތިޙާން ވެސް ހެދިއިރު ފަސޭހަހެން ހީވީތީ މި އިމްތިޙާނުން ވަކި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އަފްރީންއަށް ޔަޤީނެއް ނުކުރެވެއެވެ. އޭނަ ކުޑަކޮށް ކަންބޮޑު ވިޔަސް އެހެން ކަމަކާމެދު ނުވިސްނޭ ވަރަކަށް ހާހެއްނުވެއެވެ.
އިމްތިޙާންތަކަށް ސްކޫލަށް ދިޔުމުން އަފްރީންއަށް ސިނާން ފެނެއެވެ. އެންމެ ފުރަތަމަ އިމްތިޙާނަށް ދިޔައިރު ވެސް ސިނާން ދުރުގައި ހުރެ ހިނިތުންވެލީ ގޮތުން އަފްރީން އޭނަ ގާތަށްދާން ބޭނުންވިއެވެ. ނަމަވެސް ދާން ނުކުޅެދުނީ މިއީ އޭނަ ނުބައި މީހަކަށްވުމުގެ ސަބަބަކަށް ވެދާނެއޭ ހިތް ބުނީތީވެއެވެ. އޭނަ ނުބައި މީހަކަށް ވާކަށް މިހާރަކު ބޭނުމެއްނޫނެވެ. އެހެނަސް ސިނާން އެއްކޮއް ދޫކޮއްލުމުގެ ހިތްވަރެއް ވެސް އަފްރީންގެ ގައަކު ނެތެވެ. ބައެއް ދުވަސްދުވަހު ސިނާންއާ އަނެއްކާވެސް ގުޅޭނެ ދުވަހަކަށް އަފްރީންއަށް ކެތްކުރެވެނީއެއްވެސް ނޫނެވެ.
އެންމެ ފަހު އިމްތިޙާން އޮތް ދުވަހުގެ ރޭ ސިނާން އަފްރީންއަށް ގުޅިއެވެ. އަދި އޭނަ އަފްރީން މަތިން ހަނދާންވި މިންވަރު ފަށުވި ބަސްތަކުން އަންގަން ފެށިއެވެ. އަފްރީންއަށް ވެސް އޭނަ ސިނާން މަތިން ހަނދާންވި މިންވަރު ސިފަކޮށްދެވެން ފެށީ ކޮންޓްރޯލް ނުކުރެވުނު އިޙްޞާސްތަކެއްގެ ސަބަބުންނެވެ. އޭނަ އަސްލުވެސް ސިނާން ކިހާ ވަރަކަށް ހަނދާންވިކަން އެނގުންވީ ސިނާންގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. އަފްރީން އެރޭ ވަރަށް ގިނައިރު ވަންދެން ސިނާންއާއި ވާހަކަ ދައްކަން އިނީ މިއީ އެހާ ނުބައި ކަމަކަށް ނުވާނެކަމަށް އޭނަގެ ހިތަށް ވިސްނައިދީގެންނެވެ. ދެކެވުނު އެކިއެކި ވާހަކަތަކުގެ ތެރެއިން ސިނާން އޭނަގެ ގޭގައި އޮތް ބާބަކިއުއަކަށް ދަޢުވަތު އެރުވުމުން ވެސް އަފްރީންއަށް ވަގުތުން އެއްބަސްވެވުނީ މިއީ އޭނައާއި ސިނާންއާއި ދެމީހުން އެކަހެރިކޮށް ބާއްވާނެ ކަމެއް ނޫންކަމަށް އަމިއްލަ ނަފްސު ގާތު ބުނަމުންނެވެ.
ޝަރީފް އޭނަގެ ޖިޕުގައި އަފްރީން ގޮވައިގެން އެއްރެއެއްގައި 8:30 ވީ ވަގުތު ސިނާންމެންގެ ގެއަށް ގެންދިޔައީ ސިނާންގެ ޢާއިލާ މީހުން ޝަރީފްއަށް އެނގޭތީވެއެވެ. އެ މީހުންނަކީ ވަރަށް ޤަދަރުވެރި އުޅުމެއް އުޅޭ ބައެއްހެން ޝަރީފަށް ހީވާތީވެއެވެ. ކޮންމެއަކަސް އަފްރީން ކާރުން ފައިބަން އުޅުނު ވަގުތު ޝަރީފް ކަންބޮޑުވިއެވެ. އަދި އަފްރީންގާތު 9:30 ވާއިރު ބަލައި އަންނާނަމޭ ބުނެލެވުނެވެ. އަފްރީން އެއަށް އެއްބަސް ނުވިއެވެ. އަދި 10 ޖަހާއިރު ހޯދަން އައުމަށް ބުނެލީ މިއީ މުޅި ކުލާސް ކުދިން އެކީގައި ބާއްވާ ބާބަކިއުއެއް ކަމަށް ބުނަމުންނެވެ. ޝަރީފް ޖެހުނީ އެއަށް އެއްބަސްވާށެވެ. އަފްރީން ކާރުން ފައިބައިގެން ގޮސް އެގޭގެ ގޭޓުން ވަންނަން ދިޔައިރު އަފްރީން އޭނަގެ ކުލާހުގައި އުޅޭ އަންހެން ކުދިބަޔަކާ ދިމާވިތަން ފެނިފައި ޝަރީފަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަ ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ޖިޕު ދުއްވާލިއެވެ.
އަފްރީންގެ އެކުވެރިން އޭނަ ގޮވައިގެން ދިޔައީ އެގޭގެ ބޮޑު ބަދިގެއަށެވެ. ބަދިގެއަށް ގޮސް ވަންއިރު ސިނާންއާއި ނައުފާއާއި އެހެނިހެން އެންމެން ވެސް ބާބަކިއުއަށް އެއްޗެހި ތައްޔާރުކުރަމުން ދިޔައެވެ. އަފްރީން ފެނުމާއެކު އެންމެން އެކީގައި އޭނައަށް ހާއިއޭ ބުނެލައިފިއެވެ. އަފްރީން ވެސް ފުރިހަމަ ހިނިތުންވުމެއްގައި ހުރެ ހާއިއޭ ބުނެލީ ވަގުތު ސިނާން އާދައިގެ ހިނގުމެއްގައި އަފްރީންގެ ގާތަށް އައިސް އޭނަގެ ގައިގައި ބައްދާލިއެވެ. އަފްރީންގެ ދެލޯ ބޮޑުވި ވަގުތު އޭނަގެ ހިތް ގޯހޭ ކިޔައި ހަޅޭއްލަވައިގަތެވެ. އަފްރީންއަށް ވަގުތުން ސިނާން ކޮއްޕާލަމުން ދުރަށް ޖެހިލެވުނެވެ.
“ވަޓް؟ ގޭގަ އަހަރުމެން ފިޔަވައި އެހެން މީހަކު ނެތޭ. މޯމް އެންޑް ޑޭޑް ތިބީ އެހެން ރަށަކަށް ގޮއްސަ.” ސިނާން އެހެން ބުނެލީ ލާނެތް ހިނިތުންވުމެއްގައި ހުރެއެވެ. އަފްރީންއަށް ސިނާންއަށް ބަލަހައްޓައިގެން ހުރެވުނީ ޤަބޫލުވެސް ނުކުރެވިފައެވެ. އޭނަ އިތުރަށް މޭނުބައި ކުރީ ފަހަތުގައި ތިބި އޭނަގެ އެކުވެރިން ހޭން ފެށުމުންނެވެ. އޭނައަށް މި ވަދެވިގެން އުޅެނީ އޭނަގެ ދުޝްމިނުންގެ ތެރެއަށްހެން އަފްރީންއަށް ހީވިއެވެ.
“އަފޫ ޗިލް. އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް. އެނގެއެއްނު އަހަރެން އެކަހަލަ ކަމެއް ނުކުރާނެކަން؟” ސިނާން އޭނަގެ ޖީބަށް އަތްޖަހައިގެން ހުރެ ބުނެލިއެވެ. ސިނާން އެންމެ ފަހަކަށް ކުރި ސުވާލަށް ދޭނެ ޖަވާބަކާމެދު ޔަޤީން ނުވިއެއްކަމަކު އަފްރީން ހިނިތުންވާން މަސައްކަތް ކުރަމުން ބޯޖަހާލިއެވެ.
ހުރިހާ އެކުވެރިން ވެގެން ބާބަކިއުއަށް ބޭނުންވާނެ އެއްޗެހި ހިފައިގެން ދިޔައީ ސިނާންގެ ގޭގެ ބިއްދޮށުން ގޮސް ދެވެން އޮތް އަތިރިމައްޗަށެވެ. ބާބަކިއު ގްރިލް ކައިރިއަށް ދެތިން ބަޔަކު އެއްވެ ހުޅުޖަހަން ތައްޔާރު ވަމުން ދިޔައިރު އަފްރީން މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔައެވެ. އޭނަ ދުރުގައި ދެއަތް އުރައިގެން ހުއްޓާ ގްރިލްއިން ކުއްލިއަކަށް އަލިފާން ގަނޑު އަރައިގެން އައިތަން ފެނިފައި އަފްރީން ސިއްސައިގެން ދިޔައެވެ. އޭނަގެ ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔައެވެ. ނަމަވެސް ގްރިލްގެ ކައިރީގައި ތިބި މީހުން އަލިފާންގަނޑު މައިތިރިކުރަމުން ހީ ސަމާސާކުރަމުން ދިޔައެވެ. އެމީހުންނަށް އޭގެ ކައިރީގައި އެހެން ތިބެވެނީ ކިހިނެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އަލިފާނަކީ އޭނަ އަބަދުވެސް ބިރުގަންނަ އެއްޗެކެވެ. އަލިފާންގަނޑަކަށް ބަލަން ދުރުގައި ހުންނައިރު ވެސް އަލިފާންކޮޅެއް އައިސް އޭނަ ގައިގައި ޖެހިދާނެތީ އަފްރީންގެ ހިތް އޮންނަނީ ތެޅިތެޅިއެވެ. ކަން މިހެން އޮތްއިރު އާޚިރަތުގައި ކަންތައްވާނީ ކިހިނެއްބާއޭ އަފްރީންގެ ހިތް ސުވާލުކުރިއެވެ. ޤުރުއާނުގައި ނަރަކަ ސިފަކުރައްވާފައިވާ ހުރިހާ ގޮތްތަކެއް އަފްރީންގެ ހަނދާނަށް އަންނަން ފެށިއެވެ. ކުޑަ ހިނދުކޮޅަކަށް ވެސް އޭނައަށް އެތާ މަޑުކުރެވޭނީ ކިހިނެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އަފްރީން ނުތަނަވަސްވީ ވަރުން އޭނަގެ ނިތުން ދާ ތިކިތައް ހިއްލަން ފެށިއެވެ. އޭނަ ގްރިލްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ދުރުން ހެވިފައި ހުރި ސިނާން ތަށިތަކާއެކީ އަތިރިމައްޗަށް އައިތަން ފެނުނެވެ. ސިނާން ހިނިތުންވުމަކާއެކީ އެހެން މީހުންނާ ވާހަކަ ދައްކަމުން ދިޔަތަން ބަލަން ހުރި އަފްރީންއަށް ސިނާންއާއި މެދު ވިސްނެން ފެށިއެވެ. އޭނައަށް ސިނާންއާއެކީ މި ކުރެވެނީ ނުބައި ކަމަކަށްވާނަމަ ސިނާންއަށް ވެސް އޭގެ ޢަޛާބު ލިބޭނެއެވެ. ސިނާން އޭނަ ގާތު ދަރުސް މަތިން ހަނދާން ނައްތާލުމަށް އެންގީ ސިނާންއަށް މިކަން ނޭނގޭތީވެ ކަމަށްވެދާނެއެވެ. ނަމަވެސް އޭނައަށް އެނގިހުރެ ވެސް ސިނާންއާއެކީ ހުރެގެން އޭނައަށް ސިނާންދެކެ ވެވޭނީ ލޯތްބެއް ހެއްޔެވެ؟ އަފްރީންގެ ހިތަށް އެ ސުވާލު ވެރިވީ ވަގުތު ދުރުގައި ހުރި ސިނާން އޭނައަށް ބަލާލިއެވެ. އަދި އަފޫއޭ ކިޔާލަމުން އޭނަ ގާތަށް އަންނަން ފެށިއެވެ.
“އެއްކަލަ ކުއްޖާ އަލިފާނަށް ބިރުގެންފަތަ މިހިރީ؟” ސިނާން ހިނިތުންވުމެއްގައި ހުރެ އަފްރީންގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. އަފްރީން ސިނާންއަށް ބަލަން ހުރެފައި އިސްޖަހާލި ވަގުތު އޭނަގެ އަރުތެރެ ބެދުނެވެ. އަފްރީންއަށް ވީގޮތް ފެނިފައި ސިނާންގެ ހިނިތުންވުން ފަނޑުވިއެވެ.
“ވަޓްސް ރޯންގް؟ އޭރު ކުރެވުނު ކަމަކާހެދި އަދިވެސް ރުޅި އައިސްފަތަ ތިހިރީ؟ އޯކޭ…..ސޮރީ.” ސިނާން އޭނަގެ ދެކަންފަތުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ. އަފްރީން އިސްއުފުލާލި ވަގުތު އެ ދެލޮލުން ކަރުނަ ފެނިފައި ސިނާންއަށް މަޑުމަޑުން އޭނަގެ އަތް ތިރިކޮއްލެވުނެވެ. ސިނާން ދެންވެސް ކަންބޮޑުވުމަކާއެކީ އެއްޗެކޭ ބުނަން އުޅުނު ވަގުތު އަފްރީން ވާހަކަ ދެއްކިއެވެ.
“ސިނާން……އައި….” އަފްރީންއަށް ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ. ސިނާން އަފްރީންގެ ވާހަކަ ކުރިއަށް ގެންދާނެ އިރަކަށް އިންތިޒާރު ކުރިއެވެ.
“ސިނާން……އައި ވޯންޓް ޓު ބްރޭކް އަޕް.” އަފްރީންއަށް އެހެން ބުނެލެވުނީ އިވޭ ނުއިވޭ އަޑަކުންނެވެ.
“ވަޓް؟!” ސިނާން އެހެން އެހިލެއް ބާރުކަމުން ފުރަގަހުގައި ތިބި އެންމެންގެ ނަޒަރު އެ ދެމީހުންނަށް އަމާޒުވިއެވެ. ސިނާން ދެ ބުމަ ކައިރިކޮށްގެން ބަލަހައްޓައިގެން ހުރިގޮތުން އަފްރީންގެ ހިތް ނުތަނަވަސްވިއެވެ. ނަމަވެސް އޭނަ ފުން ނޭވައެއް އެތެރެއަށް ދަމަމުން ވާހަކަ ދެއްކިއެވެ.
“އަހަރެން ބޭނުމީ ސިނާންއާއި ވަކިވާން. މިއަދަށްފަހު އަހަންނަށް ނުގުޅާތި.” އަފްރީން އޭނަގެ ލޮލަށް އައި ކަރުނަތައް ހިންދަން އެސްފިޔަ ޖަހަމުން ބުނެލިއެވެ.
“ބަޓް ވާއި؟ މިއީ އެއްކަލަ ދަރުހުގެ މައްސަލަތަ އަނެއްކާ؟” ސިނާން ރުޅިވެރި އަޑަކުން އަހާލިއެވެ.
“ވެދާނެ. ކޮންމެ ސަބަބެއް އޮތަސް އަހަރެން ބޭނުމީ ސިނާންއާއި ވަކިވާން.” އަފްރީން ބުނެލިއެވެ.
“އޯ ކަމް އޯން އަފޫ. އައި ނޯ ޔޫ ލަވް މީ!” ސިނާން މޭމަތީގައި އެއްއަތް އަޅާލަމުން ހަރު އަޑުން އަންގާލިއެވެ. އަފްރީން ހުއްޓުން އެރިއެވެ. ސިނާންއަށް ބަލަހައްޓައިގެން ހުއްޓާ އޭނަގެ ކޯތާފަތް ތެމުމުން އަފްރީންއަށް ކަމަކު ނުދިޔައެވެ. އޭނަގެ ހިތް މޭތެރޭގައި އޮވެ ރޫރޫއަޅަމުން ދިޔަކަން އޭނަ އެކަކަށްވެސް އަންގާކަށް ބޭނުމެއް ނުވިއެވެ. ސިނާންއަށް އަމުދުންނެއްނޫނެވެ. އަފްރީން ކުއްލިއަކަށް ސިނާންއަށް ފަސްދީފައި ދުރަށް ދާން ހިނގައިގަތެވެ.
“އަފޫ!” ސިނާން ބާރަށް ގޮވާލަމުން އަފްރީން ފަހަތުން އަންނަން ފެށިއެވެ. އަފްރީންއަށް އެކަން އެނގި އޭނަ ފަސްއެނބުރި ބަލާލިއެވެ.
“ސިނާން ޕްލީޒް! ޕްލީޒް އަހަރެން ދޫކޮއްލާ.” އަފްރީންއަށް އެހެން ބުނެލެވުނީ ރޮވިފައިވާ އަޑަކުންނެވެ. ސިނާން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން އަފްރީންއަށް ނަޒަރު ހުއްޓާލިއެވެ. އަފްރީންއަށް ވެސް އިރުކޮޅެއް ވަންދެން ސިނާންއަށް ބަލަން ހުރެވުނެވެ. ސިނާންގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެފައި ވިތަން ފެނިފައި އަފްރީންގެ ހިތަށް ތަދުވިއެވެ. ސިނާން ވައި އަޑަކުން އަފޫއޭ ކިޔާލުމުން އަފްރީންއަށް ރޮވެން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އޭނަ ސިނާންއަށް އަނެއްކާވެސް ފަސްދީފައި ދާން ހިނގައިގަތެވެ. ސިނާން މިފަހަރު ހުރިތާ ހުރީއެވެ.
އަފްރީން ހިނގަމުން ގޮސް ތާރު މަގަށް ނިކުތްއިރު އޭނައަށް ރަނގަޅަށް ރޮވިއްޖެއެވެ. އޭނަގެ މެއަށް ދުވަހަކުވެސް ތަދު ނުވާވަރަށް ތަދުވިއެވެ. ސިނާންއާއި ދުރަށް އާދެވުނެއްކަމަކު ސިނާންގެ މޫނުމަތިން އެންމެ ފަހަކަށް ފެނުނު ކުލަވަރު އަފްރީންގެ ލޮލަށް ސިފަވަމުން ދިޔައެވެ. ތާރު މަގުގެ އެއްފަރާތުން ހިނގާފައި ދިޔައިރު އޭނަ ގިސްލަމުން ލޯ ފޮހެމުން ދިޔަ ގޮތުން މަގުން ހިނގާފައި ދާ މީހުންނާއި ކައިރީގައި ހުރި ގެތަކުގައި ތިބި މީހުންގެ ނަޒަރުތައް ވެސް އަފްރީންއަށް އަމާޒުވަމުން ދިޔައެވެ. ނަމަވެސް އަފްރީންއަށް އެ މީހުން ނުވެސް ފެންނަ ފަދައެވެ. އަފްރީންއަށް އޭނައަށް ހިނގޭ ނުހިނގޭ ދިމާލެއް ވެސް ނޭނގެއެވެ. އަފްރީންއަށް ނޭނގި އޭނައަށް ތާރު މަގުގެ މެދާއި ހިސާބުން ކުރިއަށް ހިނގެން ފެށިއެވެ. ސައިކަލުން ދަމުން ދިޔަ ބަޔަކު އަފްރީންއަށް ގޮވައިވެސް ހެދިއެވެ. އަފްރީންއަކަށް އެ އަޑެއްވެސް ނުއިވުނު ފަދައެވެ. އޭނައަށް ހަމަހޭވެރިކަމެއް ލިބުނީ ވަރަށް ބާރު ސްޕީޑެއްގައި އަންނަމުން ދިޔަ ކާރެއްގެ އަޑަށެވެ. އަފްރީން ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ކާރުގެ ހެޑްލައިޓްތައް ފެނުނެވެ. އަފްރީން އޭނަގެ މޫނާއި ދިމާލުން ދެއަތް ހުރަސްކޮއްލިއިރު ބުރަކި ޖައްސަމުން އައި ކާރު އަފްރީންގެ ގައިގައި ޖެހި އޭނަ މަގުގެ އެއްފަރާތަށް އެއްލިގެން ދިޔައެވެ. އަފްރީން ބިމުގައި ޖެހި އެނބުރެމުން އެނބުރެމުން ގޮސް މަޑުވި ވަގުތު އޭނަގެ ހެއެއްނެތެވެ. އެވަގުތު އެތާ ތަންކޮޅެއް ދުރުގައި އަފްރީންގެ ގައިގައި ޖެހުނު ކާރު މަޑުވެއްޖެއެވެ. އަފްރީންގެ ވަށައިގެން މީހުން އެއްވެގަތް ހިނދު އެ ކާރުގެ ދޮރު ހުޅުވުނެވެ. އެ ހުޅުވުނު ދޮރުން ނިކުމެ ބިމުގައި ދެ ފައި ޖައްސާލަމުން ކާރުގެ ދޮރު ލައްޕާލީ ނަވާޒްއެވެ.
ނުނިމޭ