Hijra (Part 2)
އަންހެން ކުއްޖަކު އެކަނި ހުއްޓާ އެންމެ ބަހެއްވެސް ބުނެ ނުލީތީ އަންތަރީސްވިއެވެ. އެޒުވާނާ އެ ކަންތައް ކުރި ގޮތުން ނަސްރާއަށް ލުއިގޮތަކަށް ހިނިތުންވެލެވުނެވެ. އޭނަ ފުން ނޭވައެއް ދޫކޮއްލަމުން ގޭގެ ގޭޓު ލައްޕާލިއެވެ.
ގޭތެރެއަށް ވަދެފައި ނަސްރާއަށް ކުރާނެ ވަކި ކަމެއް ނުވިސްނުނެވެ. އަންނައުނު ފޮށިން ނަގާނީއޭ ހިތަށްއެރިއެއްކަމަކު އެކަން ކުރެވޭ ވަރަށްވުރެ ވަރު ބައްޔެވެ. ބައްޕައާއި އަފްރީން ނާންނަނީސް ނިދާކަށް ބޭނުމެއް ނުވިއެވެ. ނަސްރާ ވަރުބަލި ގޮތަކަށް ސޯފާއަށް ވެއްޓިގަތެވެ. ނިދަން ބޭނުން ނުވިއެއްކަމަކު ދެލޯ މަރާލިތާ މާގިނައިރެއްނުވެ ނަސްރާއަށް ނިދުނެވެ.
ނަސްރާއަށް ހޭލެވުނީ އަފްރީންއާއެކީ ގެއަށް އައި ޝަރީފް އޭނައަށް ގޮވާލުމުންނެވެ. ނަސްރާއަށް ލުއްކެއްޖަހައި ތެދުވެވުނީ އޭނައަށް ނިދުނުކަން ޤަބޫލުނުކުރެވިފައިވާ ޙާލުގައެވެ. ނަސްރާއަށް ވީގޮތުން ޝަރީފާއި އަފްރީންވެސް އޭނައާއި ދިމާލަށް ހޭންފެށިއެވެ. ނަސްރާވެސް ހީލަމުން އެންމެނަށް ކާން ހަދަން އަވަސްވެގަތެވެ.
ސުފުރާ ދޮށުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އަފްރީންއާއި ޝަރީފް ހިމޭންކަމާއެކީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ނަސްރާ އޭނަގެ ދެލޯ ހުޅުވައިގެން ހުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަފްރީން ވެސް އަވަސްއަވަހަށް ކައި ނިންމާލަމުން ކެއި ތަށިވެސް ނުދޮވެ ދިޔައީ ނަސްރާގާތު ދޮވެދިނުމަށް އެދިފައެވެ. ޝަރީފް އެކަން މަނާކުރަން އުޅުމުން ނަސްރާ ހިނިތުންވުމަކާއެކީ އެއީ ކަމެއްނޫނޭ ބުނެލިއެވެ. އަފްރީން ލޯ މައްޗަށް ގެއްލުމާއެކު ނަސްރާ ތަށިތައް ނަގަން ފެށުމުން ޝަރީފް ވާހަކަ ދެއްކިއެވެ.
“ނަސްރާ، މިރޭ އަދި ނަސްރާގެ ކައިވެނީގެ ވާހަކަ ދެކެވުނަސް ބައްޕަމެން ނުއުޅެން އިނގޭ އަވަސްއަރުވާލައިގެން އެކަން ކުރާކަށް. ކުރިއަށް އޮތް ދެ ހަފްތާއަށްފަހު ދެން އޮތީ ރަމަޟާން މަސް. ރަމަޟާން މަހަށްފަހު ދޮންބެވެސް މިކޮޅަށް އައިމަ އެކަންތަކާ އުޅޭނީ. އެންމެ ރަނގަޅުތަ؟” ޝަރީފް ބުނެލިއެވެ. ނަސްރާ ހިނިތުންވުމަކާއެކީ ލުއި ގޮތަކަށް ބޯޖަހާލިއެވެ. އޭނައަށް ހިތާހިތުން ޝުކުރުކޮއްލެވުނީ އޭނަ އެންމެ ބޭނުންވާ ގޮތަށް ކަންތައްވުމުންނެވެ. އޭނަ އަފްރާޒްގާތު ތައްޔާރޭ ބުންޏަސް އޭނަ ޙަޤީޤަތުގައި ތައްޔާރުވާން ވަގުތު ބޭނުންވެއެވެ. ޝަރީފް ދިޔުމުން ނަސްރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ތަށިތައް ދޮވެ ނިންމާލުމަށްފަހު ނިދާލަން ދިޔައެވެ..
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށް ނަސްރާއަށް ހޭލެވުނީ ފަހެއް ޖެހިއިރު ފޯނު އެލާމްވުމުންނެވެ. އޭނަ ނަމާދުކުރަން އުޅެފަވެސް ކޮޓަރިން ނިކުމެގެން ދިޔައީ އަފްރީންއާއި ޝަރީފް ތެދުވުނުތޯ ބެލުމަށެވެ. ނަސްރާ ނިކުތް ވަގުތަކީ ޝަރީފް މިސްކިތަށްދާން ގެއިން ނިކުތް ވަގުތެވެ. ނަސްރާ އެ މަންޒަރު ބަލަން ހުރެފައި ޖެހިގެން ހުރި އަފްރީންގެ ކޮޓަރިއަށް ވަނެވެ. އޭރު އަފްރީން އޮތީ އޭނަގެ ބޮޑު އެނދުގައި ކުރުގެޅިލައިގެން ގަދައަށް ނިދާށެވެ. ނަސްރާ އަފްރީންއަށް ގޮވައި ގަދަކަމުން ތެދުކުރުވިއެވެ. އަދި ފަތިސް ނަމާދުކުރީ އަފްރީން ވުޟޫކޮށްގެން އައުމުން ހަމަ އޭނައާއެކީގައެވެ. އެއަށްފަހު ރެއެކޭވެސް އެއްގޮތަށް ނަމާދުކުރުމާ ބެހޭގޮތުން އަފްރީންއަށް ނަޞޭޙަތްތެރިވިއެވެ. ނަމަވެސް އަފްރީން އޭގެއިން އެއްވެސް ނަޞޭޙަތެއް އަޑުއަހާހެނެއް ހިއެއްނުވެއެވެ. އޭނަގެ ދެލޯ އޭރުވެސް ރަނގަޅަކަށް ނުހުޅުވެއެވެ. އެންމެފަހުން މިކުރެވެނީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމެއްކަން އިޙުޞާސް ކުރެވުމުން ނަސްރާ އަފްރީންގާތު ދެން ދިޔަޔަސް މައްސަލައެއްނެތޭ ބުންޏެވެ. ހަމަ އެއާއެކު އަފްރީން މުސައްލަވެސް އޮތް ގޮތަށް ބާއްވާފައި ދުވެފައި ގޮސް އެނދުމައްޗަށް ބަންޑުންވެގަތެވެ. ނަސްރާއަށް ފުން ނޭވައެއް ދޫކޮއްލަމުން ބޯހޫރުވާލެވުނެވެ. މިއަދަކީ ހުކުރު ދުވަހަށްވުމުން ނަސްރާ ދެން އަފްރީން ތެދުކުރާކަށް ނުއުޅުނެވެ. ނަސްރާ އަފްރީންގެ ދޮޅި ފަށްޖަހައި މުސައްލަ އޮޅާލަމުން އޭނަގެ މުސައްލަވެސް އޮޅާލިއެވެ. ނަސްރާ އޭނަގެ މުސައްލަ ހިފައިގެން އަނެއްކާވެސް އޭނަގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގެ އެނދުކައިރީގައި ހުޅުވާފައި ހުރި ހެދުން ފޮށި ފެނިފައި ނަސްރާ އެންމެ ފުރަތަމަ ކަމަކަށް ބެލީ އޭނަގެ ހެދުންތައް ހަމައަކަށް އެޅޭތޯއެވެ. އޭނަ އެ މަސައްކަތުން ނިމުނުތަނާހެން ޝަރީފް އައިސް ގެއަށް ވަތްއަޑު އިވުނެވެ.
“ބައްޕާ، ސައި ހަދައިދެންތަ؟” ކޮޓަރީގެ ދޮރުކައިރީ ހުރެ ގެއަށް ވަންނަމުން އައި ޝަރީފާއި ނަސްރާ ސުވާލުކުރިއެވެ.
“ކޮފީއެއް.” ޝަރީފް ހިނިތުންވުމަކާއެކީ ބުނެލިއެވެ. ނަސްރާވެސް ޝަރީފަށް ހިނިތުންވުމެއް ހަދިޔާކޮއްލަމުން ބަދިގެއަށް މިސްރާބު ޖެހިއެވެ.
ނަސްރާ ކޮފީތަށި ހިފައިގެން ކާގެއަށް ދިޔައިރު ޝަރީފް ލެޕްޓޮޕް ހުޅުވައިގެން ސުފުރާގެ އެންމެ ކޮޅުގައި ހުރި ގޮނޑީގައި އިނެވެ. ނަސްރާ ގޮސް ކޮފީތަށި ސުފުރާ މަތީގައި ބެހެއްޓުމުން ޝަރީފް ނަސްރާއަށް ބަލާލިއެވެ.
“ޝުކުރިއްޔާ…އަނހަ، ޖަޒާކައް ﷲ ޚައިރަން.” ޝަރީފް ހެވިފައިހުރެ ބުނެލިއެވެ. ޝަރީފް އެހެން ބުނެލި ގޮތުން ނަސްރާއަށް ހީލެވުނެވެ.
“ކިހިނެއްވީ؟ ޞާލިޙު ކުދިންނާ ވާހަކަ ދައްކަންވެސްވާނީ ޞާލިޙު ގޮތަކަށްނު؟ އެކަމަކު ދޮންބެ އައިމަ ދެމީހުން ހުސް ޢަރަބިން ވާހަކަ ދައްކަން ނުފަށައްޗޭ އިނގޭ. ބައްޕައާއި އަފޫ ތިބެންވާނީ ވާވަދެފަ އޭރުން.” ޝަރީފް ކޮފީ ތަށި ނަގަމުން ސަމާސާއެއްކޮއްލިއެވެ. ނަސްރާ އެއަށްވެސް ހީލާފައި ދާން އުޅުމުން ޝަރީފް ގޮވާލިއެވެ.
“ނަސްރާ އަދި ކުޑައިރުކޮޅަކު ބައްޕައާ ވާހަކަ ދައްކަން މިތާ ހުރެބަލަ. އަދި އައިފަހުން އެހާ ރަނގަޅަކަށް ވާހަކައެއް ނުދެއްކެއެއްނު؟ ކަމަކުތަ ތި އުޅެނީ؟” ޝަރީފް އަހާލިއެވެ. ނަސްރާ އަނެއްކާވެސް ޝަރީފާއިވީ ފަރާތަށް އެނބުރިލިއެވެ. އަދި ލުއި ހިނިތުންވުމަކާއެކީ ނޫނެކޭ ބުނެލަމުން ޝަރީފްގެ ކައިރީގައި ހުރި ގޮނޑި ދަމައި އޭގައި އިށީނެވެ.
“ކޮބާ؟ މިހާރު ކިޔެވުން ވެސް ނިމުނީދޯ؟ ކޮންތަނަކަށްތަ ވަޒީފާއަށް ދާން ބޭނުންވަނީ؟” ޝަރީފް ސުވާލުކުރިއެވެ.
“އަޅުގަނޑު ބޭނުންވަނީ މި ރަށު ސްކޫލަށްދާން.” ނަސްރާ ޖަވާބުދިނެވެ.
“މި ރަ..ށު…..އާނ ބައްޕަ އަޑުއެހިން ކުރީ ދުވަހު މި ރަށު ސްކޫލަށް އިސްލާމް ޓީޗަރަކު ބޭނުންވާ ވާހަކަ. ހާދަ ރަނގަޅު ވަގުތަކަށޭދޯ ހަމަ އެ މަޤާމަށް ބޭނުންވެފަ އެއޮތީވެސް؟” ޝަރީފް ބުނެލިއެވެ.
“އަލްޙަމްދުލި ﷲ. އެއީ ހަމަ ނަސީބު. ކޮން ގްރޭޑަކަށް ބޭނުންވާ ޓީޗަރެއްތޯ؟” ނަސްރާ އަހާލިއެވެ.
“ގްރޭޑް…ހަތެއްކަށް ކަންނޭނގެ. ނަސްރާއަށް ބެލޭނެތަ އެހާވަރުގެ ކުދިން؟” ޝަރީފް އެކުވެރިއެއް ފަދައިން ނަސްރާއާއި ސުވާލުކުރިއެވެ.
“ކީއްވެ ނުބެލެންވީ؟” ނަސްރާ ޒާތަކަށް ހެވިފައި އިނދެ ބުނެލިއެވެ.
“ބައްޕައަށް މިހާރުވެސް ޚިޔާލު އެބަކުރެވޭ ނަސްރާ ކްލާހުގެ މެދުގައި ބޯފަޅައިގެން ދާވަރުވެފަ ހުރިތަން އެމީހުން ކޮންޓްރޯލް ނުކުރެވިގެން.” ޝަރީފް ބުނެލިއެވެ. ނަސްރާއަށް މިފަހަރު ރަނގަޅަށް ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން ނަސްރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. މަންމަ ދުނިޔެ ދޫކޮށް ދިޔުމަށްފަހުވެސް ބައްޕަގެ ސަކަ މިޒާޖު އަދިވެސް ނުގެއްލޭކަން އިޙުޞާސް ކުރެވުމުންނެވެ.
“ހެހެހެހެ….ދެން އެނގިދާނެތާދޯ؟ ކޮންޓްރޯލް ނުކުރެވުނިއްޔާ ވަޒީފާއިން ކެނޑިގެން ގެއަށް އައިސްދާނަން.” ނަސްރާވެސް ޝަރީފްގެ ވާހަކައާއި އެއްބައިވިއެވެ.
“ހެހެ….ސައުދީގަ ދޮންބެމެން ނަސްރާ ރަނގަޅަށް ބެލިތަ؟ ސަދަފްއަކީ ވަރަށް ރަނގަޅު ކުއްޖެއްދޯ؟” ޝަރީފް މައުޟޫއު ބަދަލުކޮށްލިއެވެ.
“އާނ….ސަދަފް ވަރަށް ރަނގަޅު. އެއީ ދޮންބެއަށް ލިބިފަހުރި ނަސީބެއް. އެނގޭތަ؟ ސަދަފް އަޅުގަނޑަށް ސައުދީގެ ބައެއް އެއްޗެހިވެސް ކައްކަން ދަސްކޮއްދިން.” ނަސްރާ އުޖާލާވެފައިވާ މޫނަކާއެކީ ވާހަކަ ދެއްކިއެވެ. އޭނަ ސަދަފްއާ ހަމަ ސަދަފްގެ ނަމުން މުޚާތަބު ކުރަނީ، ނަސްރާގެ ނަޒަރުގައި ސަދަފްއަކީ އޭނަގެ ފަހަރިއަށްވުރެ ބޮޑަށް އޭނަގެ އެކުވެރިއަކަށްވާތީވެއެވެ.
“އެހެންތަ؟ އެހެންވިއްޔާ ވާނެ އިނގޭ އެއްދުވަހު ނަސްރާވެސް މިގޭގަ އޭގެ ޑިޝްއެއް ތައްޔާރުކޮއްލަން؟” ޝަރީފް އެހެން ބުނެލަމުން ހީލިއެވެ. ނަސްރާއަށްވެސް ހީލެވުނެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ޝަރީފް ވާހަކަ ދެއްކިއެވެ.
“ދޮންބެއަށް ލިބިފަ އެވަނީ ވަރަށް ހަމަޖެހޭ ޒަވާޖީ ޙަޔާތެއްދޯ؟” ޝަރީފް ދޯދިނެވެ. ނަސްރާ ތުންފިއްތައިގެން އިނދެ ބޯޖަހާލަމުން ހޫނލައްވާލިއެވެ.
“ނަސްރާވެސް ވާނެ އިނގޭ ހަމަ އެފަދަ ޒަވާޖީ ޙަޔާތެއް ބިނާކުރަން؟” ޝަރީފް ނަސްރާއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ނަސްރާގެ މޫނު މިލައިގެން ދިޔައެވެ. އޭނަ އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި އިސްޖަހާލިއެވެ. ޝަރީފަށް ނަސްރާއަށް އައި ބަދަލުތައް ފާހަނގަ ކުރެވުނެވެ. އޭނަ އެއްޗެކޭ ބުނަން ކަމަށް އަނގަ ހުޅުވާލިތަނާ ނަސްރާ އިސްއުފުލާލަމުން ވާހަކަ ދެއްކިއެވެ.
“ބައްޕާ….ކާކާތަ އަޅުގަނޑުގެ ކައިވެނި ކުރެވޭނީ؟” ނަސްރާ އޭނަގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ.
“ކާކާކަން ނިންމާނީ ހަމަ ނަސްރާ. ބައްޕައާއި ދޮންބެވެގެން ކުއްޖަކު ހޮވައިފިން. އެކުއްޖާއާއި ނަސްރާ ވާހަކަ ދައްކައިގެން ނަސްރާއަށް ކަމުދިޔައިއްޔާ ކައިވެނި ކުރެވޭނީ. އެހެންނޫނީ ބައްޕަމެން ހޯދާނީ އެހެން ކުއްޖަކު. ބައްޕަ އޮފީހުގަ މަސައްކަތް ކުރާ ހަމީދުވެސް ބުނި ނަސްރާއާ އޭނަގެ ދަރިފުޅާމެދު ދެކެނީ ކިހިނެއްހޭ. ދެން ބައްޕަ ބުނިން އެހެންކުއްޖަކާ ވާހަކަ ދައްކައިގެންނޭ މިއުޅެނީ.” ޝަރީފްގެ ވާހަކަ މުޅިންހެން ނުނިމެނީސް ނަސްރާ ވާހަކަ ދެއްކިއެވެ.
“ބައްޕާ…..އެއީ ކޮންމެ މީހަކަށް ވިޔަސް، އޭނައަށް އެނގެންވާނެ…..އަހަންނަކީ ކާކުކަން.” ނަސްރާ އޭނަގެ އެންމެ ފަހު ދެބަސް ބުނެލީ ފުން މާނަތަކެއް އެކުލެވޭ ގޮތަކަށެވެ. ޝަރީފް ފުން ނޭވައެއް ދޫކޮއްލިއެވެ.
“ނަސްރާ ބޭނުންގޮތެއް.” ޝަރީފް ބޯޖަހާލަމުން އެހެން ބުނެލީ ވަރަށް ސީރިއަސްކަމާއިއެކީގައެވެ.
“އައްސަލާމުޢަލައިކުމް.” ބޭރުން އައި ޝަކީލާގެ އަޑަށް ޝަރީފާއި ނަސްރާއާއި ޝަރީފްގެ ނަޒަރުވެސް އަޑުއައި ދިމާލަށް ދަތުރުކުރިއެވެ.
“ވަޢަލައިކުމުއްސަލާމް ދައްތާ…” ނަސްރާ ބާރަށް ގޮވާލިއިރު ޝަރީފްވެސް މަޑުމަޑުން ސަލާމުގެ ޖަވާބު ދިނެވެ. ނަސްރާ ޝަރީފަށް ބަލާލީ ތިމަންނަދަނީއޭ ބުނާ ފަދަ ގޮތަކަށެވެ. ޝަރީފް ނަސްރާގާތު ދިޔުމަށް ބޮލުން ޢިޝާރާތް ކުރަމުން އަމިއްލަ މަސައްކަތާއި މަޝްޣޫލުވިއެވެ. ނަސްރާ ތެދުވެގެން ގޮސް ކާގޭގެ ދޮރުން ބޯދިކޮއްލިއިރު ގޭގެ ހުޅުވާލެވިފައިވާ މައިދޮރު ކައިރީގައި ހުރި ޝަކީލާ ފެނުނެވެ. އެއާއެކު ދެމީހުންނަށް ވެސް ހިނިތުންވެލެވުނެވެ.
“ނަސްރާ ދަރިފުޅު ކިހިނެއްތަ؟” ޝަކީލާ ނަސްރާގެ ގާތަށް ގޮސް ނަސްރާގެ ކޯތާފަތުގައި ފިރުމާލަމުން އަހާލިއެވެ.
“އަލްޙަމްދުލި ﷲ، ވަރަށް ރަނގަޅު.” ނަސްރާ ޖަވާބުދިނެވެ.
“ބައްޕަ ކޮބައިތަ؟” ޝަކީލާ ގޭގެތެރެ ހޯދަމުން ކަހަލަ ގޮތަކަށް އަހާލިއެވެ.
“ބައްޕަ އެބަހުރި ކާގޭގަ.” ނަސްރާ ބުނެލިއެވެ.
“އެހެންތަ؟ މީ….ނަސްރާ ތިއުޅެނީ އަދި މިއަދު އެއްވެސް ކަމަކާ ނުއުޅެވިގެންދޯ؟ މިހެން ބުނަން މިޖެހުނީ އަދި އެތާ ކުނިވެސް ނުކަހާ އޮންނާތީ.” ޝަކީލާ ބޭރަށް ޢިޝާރާތް ކޮއްލަމުން ބުނެލިއެވެ.
“އޮހް….އާނ.” މައިދޮރުން ބޭރު ބަލާފައި ނަސްރާއަށް އެއްއަތުން ނިތުގައި ހިފަހައްޓާލެވުނެވެ. އެއީ ވެސް އަދި އޮތްކަމެއްކަން ނަސްރާއަށް އެނގުނީ ބޭރުގައި އޮތް ތަޅުންގަނޑު ހިކި ފަތްތަކުން ފުރިފައި އޮތްތަން ފެނިފައެވެ.
“ހެހެ….ތިހާވަރަށް ކަންބޮޑުނުވޭ. ދައްތަ މިއައީ ނަސްރާއަށް އެހީވާންވެގެންނޭ. މިއަދު ދައްތަ ގޭގަ ކުރަންޖެހޭ ކަމެއްނޯންނާނެ. ހުކުރު ދުވަސްވީމަ އެންމެން ގޭގަ ތިބޭނެ. ހުކުރު ދުވަހަކީ ދައްތަގެވެސް ޗުއްޓީ ދުވަސް.” ޝަކީލާ ބުނެލިއެވެ.
އޭނަ ހުކުރު ދުވަސް އޭނަގެ ޗުއްޓީއެއްގެ ގޮތުގައި ސިފަކުރީ ހަމަ ރަނގަޅަށެވެ. ބަލަންޖެހޭ އެހާ ކުޑަ ދަރިފުޅެއް އޭނަގެ މިހާރަކުއެއްނެތެވެ. އޭނަގެ ދެ ކުދިންވެސް އުޅެނީ މީހުންނާ އިނދެގެންނެވެ. ޗުއްޓީ ނޫން ދުވަސްތަކުގައި އޭނަ ބަލަންޖެހެނީ އޭނަގެ މާމަ ދަރިންނެވެ. އެއީ އެމީހުންގެ މަންމައިން ވަޒީފާއަށް ގޮއްސަ ތިބޭތީވެއެވެ. ނަމަވެސް ހުކުރު ދުވަހު އެންމެން ގޭގަ ތިބުމުން ޝަކީލާގެ ދެ އަންހެން ކުދިން އޭނައަށް އެއްވެސް ކަމެއް ކުރާކަށް ނުޖައްސައެވެ.
“ހެހެހެ….އެހެންވިއްޔާ ހިނގާ. ދެމީހުން އެކީގަ މަސައްކަތް ކުރީމަ އަވަހަށް ނިމިދާނެއެއްނު؟” ނަސްރާ އެހެން ބުނެލަމުން ޝަކީލާއާއެކީ ކުރިއަށް ދާން އުޅެފަވެސް އަނގަމަތީގައި އެއްއަތް އަޅާލަމުން ކުއްލިއަކަށް ހުއްޓިލިއެވެ. އޭނައަށް ހުރެވުނީ އާދައިގެ ބުރުގާއަކާއެކު އާދައިގެ ހެދުމެއް އަޅައިގެންކަން އޭނަ ހަނދާންވީއެވެ. ޝަކީލާ ކިހިނެއްވީހޭ އަހާލުމުން ނަސްރާ ލުއި ހީލުމަކާއެކީ ހެދުން ބަދަލުކޮށްގެން އެބައަންނަމޭ ބުނެލިއެވެ. ޝަކީލާވެސް ލުއި ގޮތަކަށް ހީލާފައި ހޫންލައްވާލަމުން އަނެއްކާވެސް އޭނަގެ މިސްރާބު ހުރި ދިމާލަށް ދިޔައެވެ.
ނަސްރާ މޫނު ނިވާކޮށްގެން ގޮސް ފެންޑާއަށް ނިކުތްއިރު ޝަކީލާ ހިކި ފަތްތަކުން ކުނިއަތްގަނޑު ފުރާލަނީއެވެ. އޭރުވެސް ކުނިތައް މަދުވީހެނެއް އެތަނަށް ބަލާލުމުން ހިއެއްނުވެއެވެ. ނަސްރާ ފެނުމުން ޝަކީލާ ކުނި އަތްގަނޑު ދިއްކޮށްލަމުން އެ ކުނި އެތާހުރި ގޯނިއަކަށް އަޅައިދިނުމަށް އެދުނެވެ. ނަސްރާ ޝަކީލާ ބުނި ގޮތަށް ގޭގެ ގޭޓު ކައިރީގައި ހުރި ގޯނިއަށް ކުނި އަތްގަނޑު ހުސްކޮއްލިއެވެ. އެއަށްފަހު އަނެއްކާވެސް ޝަކީލާގެ ކައިރީގައި އަތްގަނޑު ބަހައްޓަމުން އޭނަގެ އަތަށް އިލޮށިފަތި ދިނުމަށް އެދުނެވެ. ނަސްރާ ހީކުރި ގޮތާއި ޚިލާފަށް އިލޮށިފަތިން ކުނިކެހުމަކީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. އޭނަ ދުވަހަކުވެސް މިނޫނީ އިލޮށިފައްޗަކުން ކުނިކަހާފައެއް ނުވެއެވެ. ނަސްރާ ނުފަރިތަ ގޮތަކަށް އިލޮށިފަތި ތަޅުންގަނޑު މަތީގައި ހާކަމުން ދިޔަ ގޮތުން ޝަކީލާގެ ގާތަށް ހިނިއައެވެ. އޭނަ ނަސްރާގެ އަތުން އިލޮށިފަތި ހޯދައި އިލޮށިފަތި ހިފަންވީ ގޮތާއި ކުނިކަހަން ވީގޮތް ދައްކައި ކިޔައިދިނެވެ. އޭނަ ކޮންމެ ފަހަރަކު ކުނި އަތްގަނޑު ފުރާފައި އޭތި ގޯންޏަށް ހުސްކޮށްލުމަށް އެދެނީ ނަސްރާގާތުއެވެ. މަސައްކަތުގެ ތެރެއިން ބުޅާ ކުނީގެ ކައިރިއަށް އަންނައިރަށް ޝަކީލާ އެސޮރަށް އިލޮށިފަތިން ބިރުދައްކައި ފައްސާލައެވެ. ޝަކީލާ ބުޅަލަށް ކުދިކިޔަމުން ދިޔަ ގޮތުން ނަސްރާ ހެވެމުންދިޔައެވެ. މިގޮތަށް ދަމުން ގޮސް ޝަކީލާ އެންމެ ފަހުގެ ކުނިތައް އަޅާފައި ކުނިއަތްގަނޑު ނަސްރާއަށް ދިއްކޮއްލިއެވެ.
“މީތި ގޮސް އަޅާލާފަ އާދޭ….ދައްތަ މިދަނީ ނާސްތާ ތައްޔާރުކުރަ….” ޝަކީލާގެ ވާހަކަ ފުރިހަމަ ނުވަނީސް ނަސްރާ ވާހަކަ ދެއްކިއެވެ.
“ނޫން ދައްތާ އަޅުގަނޑު…..” ޝަކީލާވެސް ނަސްރާގެ ވާހަކަ ފުރިހަމަވިޔަކަ ނުދިނެވެ.
“އެއީ ކަމެއްނޫނޭ ނަސްރާ. ނަސްރާވެސް އާދޭ ދައްތައަށް އެހީވެދޭން އިނގޭ.” ޝަކީލާ ނަސްރާއަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮއްލަމުން ދާން ހިނގައިގަތެވެ. ނަސްރާ ޝަކީލާއަށް ބަލަން ހުރެފައި އަތްގަނޑު ހިފައިގެން ގޯނި ކައިރިއަށް ގޮސް އެ ފަތްތައް ގޯނި ތެރެއަށް ހުސްކޮއްލިއެވެ. އެވަގުތު އޭނައަށް ކުޑަ ފިރިހެން ކުއްޖެއްގެ ހުނުމުގެ އަޑު މަގާއި ދިމާލުން އިވުނެވެ. އެ އަޑުގައިވި މައުސޫމްކަމެއްގެ ސަބަބުން އެއީ ކޮން ކުއްޖެއްތޯ ބަލާލުމުގެ ޝައުޤު ނަސްރާގެ ހިތުގައި އުފެދުނެވެ. އެހެންކަމުން ނަސްރާ އޭނަ ހިފަހައްޓައިގެން ހުރި އަތްގަނޑު ބިންމަތީގައި ބަހައްޓާފައި ގޭގެ ގޭޓު ކުރިމަތީގައި ހުއްޓި ވާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ނަސްރާމެންގެ ގެއާއި ޖެހިގެން ހުރި ގޭގެ ކުރިމަތީގައި، ހަތް އަހަރަށްދާ ކުޑަ ފިރިހެން ކުއްޖަކު ފުއްޕާހަމަކާ ކުޅެމުން ދިޔަތަން ނަސްރާއަށް ފެނުނެވެ. އެކުއްޖާ އޭތި މައްޗަށް އުދުއްސައި ހިފަމުން ގޮސް އެންމެ ފަހަކަށް އޭގެ ހައްޔަރުކޮށްފައިވާ ފަށުގައި ހިފައި ވަށްބުރަކަށް ދުވަންފެށިއެވެ.
“އަބާން! ވަދޭ އެތެރެއަށް. ބައްޕިގާތު ބުނާނަން ދެން އެއްވެސް އެއްޗެއް ހޯދައިނުދޭށޭ.” ނަސްރާގެ އަވަށްޓެރި ގެއިން އަންހެނެއްގެ އަޑުއައެވެ. އެވާނީ ހަމަ ޔަޤީނުންވެސް އެކުއްޖާގެ މަންމައަށޭ އެވަގުތު ހެވިފައިހުރި ނަސްރާގެ ހިތަށް އެރިއެވެ. އެ އަންހެން މީހާގެ އަޑާއިއެކު އިލޮށިފަތިން ކުނިކަހާއަޑު އިވުމުން އެމީހަކު ކުނިކަހަން ހުރިކަން ނަސްރާއަށް ސިފަކުރެވުނެވެ. މަގުމަތީގައި ދުވަމުން ދިޔަ ކުއްޖާއަށް އެއަޑު އިވުނުހެނެއް ހިއެއްނުވެއެވެ. އޭނަ ހަމަ އެއްވެސް ފަރުވާލެއްނެތި މިނިވަން ދޫންޏެއްހެން އުދުހެމުން ދިޔައީ ކަހަލައެވެ. ވަގުތަކީ ވަރަށް ހެނދުނުގެ ވަގުތަށްވުމުން މަގުމަތި ހިމޭންކޮށް އޮތީތީ އެކުއްޖާއަށް އެގޮތުންވެސް މާބޮޑު ހުރަހެއްނެތެވެ.
“ޔޫންބެ ބަލާ!” ނަސްރާ ދާން ޚިޔާލުކޮއްލި ވަގުތު އަބާންގެ އަޑަށް ނަސްރާއަށް މަޑުކޮއްލެވުނެވެ. އަބާން އޭނަގެ ފުއްޕާހަން ތިރިން މައްޗަށް ހަލުވަމުން ބަލަހައްޓައިގެން ހުރީ އަބާންގެ ގެއާއި ސީދާ ކުރިމައްޗަށް ހުރި ގެއަށެވެ. ނަސްރާއަށް އެގެއާއި ދިމާލަށް ބޭއިޚްތިޔާރުގައި ބަލާލެވުނެވެ. އެވަގުތު ނަސްރާ ހިސާބަކަށް ހުއްޓުން އެރިއެވެ. އެތާހުރި އާދައިގެ ކުޑަކުޑަ ގޭގެ ވަށައިގެން ހުރި ތިރި ފާރަށް ދެއަތް އަރުވައިގެން އެހެރީ ނުހަނު ރީތި ޒުވާނެކެވެ. އެއީ ރޭގަ ނަސްރާއަށް ފެނުނު ޒުވާނާހެން އޭނައަށް ހީވިއެވެ. އެޒުވާނާ ހުރީ އޭނަގެ ޖާދުވީ ހިނިތުންވުމާއެކީ އަބާންއަށް ބަލަހައްޓައިގެންނެވެ. އެ ހިނިތުންވުން ފެނިފައި ނަސްރާއަށް ނޭނގޭ އުދަގޫތަކެއްވިއެވެ.
އާޗާ! ކޮއްކޮއަށް ކާކު ދިން އެއްޗެއް؟” އެޒުވާނާގެ ބަރު އަޑުގައި ޖޯޝެއް އެކުލެވިގެންވިޔަސް މަޑުމައިތިރިކަމެއްވިއެވެ. އެ އަޑު އިވުމުން އެއީ ރޭ ނަސްރާމެންގެ ގެއަށް އައި ޒުވާނާކަން ނަސްރާއަށް ޔަޤީންކުރެވުނެވެ.
“ބައްޕި…” އަބާން އެ ފުއްޕާހަމުގެ ފަށް ހަލުވަމުން މަޖާވެލާފައި ބުނެލިއެވެ.
“ރޭއްސުރެ އެއާއިގެން އެއުޅެނީ. ކުޅޭހިތުން ނުވެސް ނިދޭ.” ނަސްރާއަށް އަނެއްކާވެސް އަބާންގެ ގެއިން އޭނަގެ މަންމަގެ އަޑު، ފަނޑު ގޮތަކަށް އިވުނެވެ. އެޒުވާނާ އެއަޑުއަހާފައި ދެލޯ މަރާލަމުން ހީލިއެވެ. އޭނަ ހުނުމުގެ ތެރެއިން ގޮސް ދެލޯ ހުޅުވާލިއިރު ބަލަހައްޓައިގެން ހުރެވުނީ ސީދާ ނަސްރާއާއި ދިމާލަށެވެ. ނަސްރާއަށް ހިނދުކޮޅަކަށް ހީވީ ހުވަފެނެއްގައި ހުރެވުނީހެންނެވެ. އޭނައަށް ދުރުބަލާކަށް ނޭނގުނެވެ. އެޒުވާނާވެސް ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް ހުރީއެވެ. ނަމަވެސް އެ ހުވަފެން މާގިނައިރެއްނުވެ ވިއްސިވިހާލިވެގެން ދިޔައީ އަބާންގެ ފުއްޕާހަން ފެޅުނު އަޑަށެވެ. އެއާއެކު ދެމީހުންގެ ނަޒަރުވެސް ވަކިވެގެން ރޯންފެށި އަބާންއަށް އަމާޒުވިއެވެ.
“ނަސްރާ!” ގޭގެތެރެއިން ޝަކީލާ ގޮވާލިއަޑަށް ނަސްރާއަށް މަންޒަރު ބަލާކަށް ނުހުރެވުނެވެ. ނަސްރާ ލައްބައޭ ކިޔައި ފަސްއެނބުރިލީއިރު އޭނައަށް ލޮލުގެ ކޮޅުން އެއްކަލަ ޒުވާނާ ގެއިން ނިކުންނަން ދިޔަތަން ފެނުނެވެ. ނަމަވެސް ނަސްރާ މަޑުކުރާކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭނަ ގެއަށް ވަންނަން ދިޔައެވެ..
ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި ނަސްރާއަށް އެހީވެދިނުމަށްފަހު، ނަސްރާގެ އެދުމުގެ މަތިން ޝަކީލާ ގެއަށް ދިޔައެވެ. ނަސްރާ ތައްޔާރުކުރެވުނު ތަކެތި ސުފުރާ މައްޗަށް އަރުވަން ހުއްޓާ އަފްރީން އާފުރަމުން ކާގޭގެ ތެރެއަށްވަނެވެ. އޭނަ ހުރީ އެނދުން ތެދުވުނު ގޮތަށް ބޯހޭވިފައި، އަތްކުރު ޓީޝާޓަކާއި ބޮޑު ހަރުވާޅެއްގައެވެ.
“އައްދެ! ހާދަ އަވަހަކަށް ތި ހޭފުޅުލެއްވީ؟” ނަސްރާ އަހާލިއެވެ. އޭރު އަފްރީން ދެލޯ މެރިފައި ކަހަލަ ގޮތަކަށް ގޮސް ސުފުރާ ދޮށުގައި ހުރި ގޮނޑިއެއް ދަމައިގެން އިށީންނަނީއެވެ.
“މަޖުބޫރީ ދޮންތާ….މަޖުބޫރީ!” އަފްރީން ޑްރާމާއެއް ކުޅޭ ފަދައަކުން މޭޒުމަތީގައި ބޯއަޅައި މޭޒުމަތީގައި ގޮށްމުށުން ޖަހަމުން އެހެން ބުނެފައި ރޮނީކަމަށް ހެދުނެވެ.
“ކޮން ކަމެއްތަ މަޖުބޫރުވެގެން ތިއުޅެނީ؟” ނަސްރާ ކުރަން އުޅުނު ސުވާލު ކާގެއަށް ވަދެގެން އައި ޝަރީފް އަހާލިއެވެ. ނަސްރާވެސް ތެދެއްހޭ އަހާލިއެވެ.
“ސްކޫލުންދޭ ހޯމްވޯކްތަކާ އެސައިންމެންޓަކާ އެހުރިހާ ހާއްޔެއް ހަދަންޖެހިފަ ހުރީތީ މިހާ އަވަހަށް ހޭލަން މި ޖެހުނީ. މިއަދު އެހުރިހާ އެއްޗެއް ނެހެދިއްޔާ ނެހެދޭނެ. މާދަމާ އެބައޮތް ގްރޫޕް ވޯކަކަށްދާންޖެހިފަ.” އަފްރީން އަނެއްކާވެސް މޭޒުމަތީގައި ބޯއަޅައި ރޯންފެށިއެވެ. ސުފުރާދޮށުގައި އިށީން ޝަރީފް ޒާތަކަށް ހެވިފައިހުރިއިރު ނަސްރާ ކަޅި މައްޗަށް ހިންގާލަމުން ބޯހޫރުވާލިއެވެ.
“ތިހެންވިއްޔާ ކީއްވެ ރޭގަ ދޮންބެ މެރިއޭޖެއް ކޮއްދެންހޭ އެހީމަ ނޫނެކޭ ބުނީ؟ ސްކޫލުން ކެނޑިގެން މެރީކޮއްލީމަ އެނިމުނީއެއްނު؟” ޝަރީފް އޭނަގެ އަތުކުރި އޮޅަމުން ލާނެތް ގޮތަކަށް ބުނެލިއެވެ. އަފްރީން ގިސްލަމުން ކަހަލަ ގޮތަކަށް ބޯ ނަގައި ގޮނޑީގައި ދެފައި ވަށްކޮށްގެން އިށީނެވެ.
“އެކަމަކު ކިޔެވީމަ މޮޅުވެވެން އޮތީވެސް…..ބަޓް އައި ހޭޓް ގްރޫޕް ވޯކްސް. ދާހިތެއްނުވެސްވޭ. އަފޫގެ ފައިވާންވެސް އޮތީ ހަލާކުވެފަ. ބައްޕާ އަފް…..އެއީ ދޮގު ދޮންތާ!” އަފްރީން ދެރަގޮތަކަށް ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް އުޖާލާވެގެން ދިޔަ މޫނަކާއެކީ ނަސްރާއަށް ބަލާލިއެވެ. އިށީންނަން އުޅުނު ނަސްރާ ޙައިރާންކަން އެކުލެވިގެންވި ގޮތަކަށް އަފްރީންއަށް ބަލާލިއެވެ.
“ދޮންތަ އަފޫއަށްދޭން ހަދިޔާ ގެނައިންދޯ؟” އަފްރީން އޭނަގެ ހުރިހާ ދަތްތައް ފެންނާނެހެން ހެވިފައި އިނދެ އަހާލިއެވެ. ނަސްރާގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ފެތުރުނެވެ. އޭނަ މަޑުމަޑުން ބޯޖަހާލިއެވެ.
“ހިނގާ އަފޫއަށް ދައްކަން.” އަފްރީން ފޯރިއާއެކީ ގޮނޑިން ތެދުވަން އުޅުނެވެ.
“އަނހަ! ސައިބޮއިގެންދޭ.” އަފްރީން އެއްފައި ބިމުގައި ޖައްސައި އަނެއްފައި ގޮނޑިން ނުނެގިގެން އުޅެނީސް ޝަރީފް ބުނެލިއެވެ.
“ބައްޕާ ޕުލީސް!” އަފްރީން އަނގަ ވަށްކޮއްފައި ދިގުކޮށް ބުނެލިއެވެ. ޝަރީފް ދެންވެސް ހުރީ ސީރިއަސް ގޮތަކަށް ބަލަހައްޓައިގެންނެވެ.
“ބައްޕާ….ޕްލީސް.” ނަސްރާ އެހެން ބުނެލީ އެއީ މައްސަލައެއްނޫނޭ ޢިޝާރާތް ކުރާކަހަލަ ގޮތަކަށެވެ. ޝަރީފް ނަސްރާއަށް ބަލަހައްޓައިގެން ހުރެ ބޯޖަހާލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. ނަސްރާ ހިނިތުންވެލަމުން އަފްރީން ގާތު އައުމަށް ބޮލުން ޢިޝާރާތް ކުރިއެވެ.
ނަސްރާ އޭނަގެ އެނދުގައި އިނދެ ކުރިމަތީގައި ހުރި ކަރުދާސް ފޮށިގަނޑު ކަޓަރުން ކަނޑާލިއިރު އަފްރީން އޭނަގެ ކައިރީގައި އިށީނދެގެން ކެތްމަދުވެފައި އިނެވެ. ނަސްރާ އެފޮށި ހުޅުވާލަމުން އެންމެ ފުރަތަމަ ނެގީ ސެންޓު ފުޅިއެކެވެ. އަފްރީން އަތްތިލަ ބަޑި ޖަހާފައި އޭތި ހޯދައި ވަގުތުން ވަސްބަލާލިއެވެ. ދެން ނަސްރާ ނެގީ އައި ލައިނާއެކެވެ. އޭތިވެސް ފެނިފައި އަފްރީން އޭތި ނަސްރާ އަތުން ޖަހައިގަނެގެން އޭގެ ބޭރު ބަލައި އޭގެ މަތި ނަގައި ތުނޑު ބަލާލިއެވެ. ސެންޓުފުޅިގޮތަށް އޭތިވެސް އެނދުމަތީގައި ބާއްވާފައި ނަސްރާ ދެން ނަގާނެ އެއްޗަކަށް އަފްރީން އިންތިޒާރުކުރިއެވެ. ނަމަވެސް ނަސްރާ ފޮށިތެރެއިން ތިންވަނައަށް ނެގި އެއްޗަކުން އަފްރީންގެ ހިނިތުންވުން ގެއްލުނެވެ. އެއީ ދިގުކޮށް އޮތް ކަޅުކުލައިގެ ހެދުމެކެވެ..
“ވަޓްސް ދެޓް؟ ދޮންތަ ހެދުމެއް އޮޅިގެން މި ފޮށިތެރެއަށް އެޅުނީދޯ؟” ހިސާބަކަށް ހެވިފައި އިނދެ އަފްރީން ބުނެލިއެވެ.
“ނޫން އަފޫ، މިއީ ދޮންތަ އަފޫއަށް ދޭންވެގެން ގެނައި އެއްޗެއް. ކިހާ ރީތިދޯ މީތި؟” ނަސްރާ ކޮޅަށް ތެދުވެ އެ ދިގު ހެދުން އަފްރީންއަށް ރަނގަޅަށް ދައްކާލިއެވެ. އޭގެ މެދުން ރޮނގަކަށް އެކިކުލަކުލައިގެ އެހުން ޖަރީކުރެވިފައިވެއެވެ.
“ޔޫ ހޭވް ގޮޓް ޓު ބީ ކިޑިން މީ. ދޮންތައަށް އެނގެއެއްނު ތިއީ އަފޫ ލައިއުޅޭ ކަހަލަ އެއްޗެއްވެސް ނޫންކަން؟ ކޮބައިތަ އަފޫ ގެނެސްދޭން ބުނި އެއްޗިސް؟ މަސްކަރަ، ލިޕް ގްލޮސް، ނެއިލް ޕޮލިޝް، އެނ؟” އަފްރީން ކޮޅަށް ތެދުވެ ވާހަކަ ދައްކަމުން ގޮސް ކުރުފައިމައްޗަށް ތިރިވެ ފޮށިތެރެ ހާވަމުން ނަސްރާއަށް ބަލާލިއެވެ. އެ ފޮށިތެރޭގައި ހުސްވެސް ހުރީ އެކިކުލަކުލައިގެ ދިގު ހެދުންތަކާއި ޝޯލްތަކާއި ބުރުގާތަކެވެ. ނަސްރާ އިރުކޮޅަކު ހުރުމަށްފަހު ސީރިއަސްކަމާއެކީ ވާހަކަ ދެއްކިއެވެ.
“އަފޫއަށް ދޭން ދޮންތަ އެއެއްޗެހި ނުގެނައީ އަފޫ އެއެއްޗެހި ބޭނުންކުރުމުގެ ނިޔަތް ރަނގަޅެއް ނޫންކަން ދޮންތައަށް އެނގޭތީ.” ނަސްރާ ބުނެލިއެވެ.
“އައިމް ސޮރީ ވަޓް؟” އަފްރީން ނިތަށް ރޫއަރުވާލަމުން އަހާލިއެވެ. ނަސްރާ އޭނަ ހިފަހައްޓައިގެން ހުރި ހެދުން އެނދުމަތީގައި ބާއްވަމުން ދެއަތް އުރާލިއެވެ.
“އަފޫ ސްކޫލަށްވެސް ދަނީ އެހުރިހާ މޭކަޕެއް ކޮށްގެން އެހެންނު؟” ނަސްރާ ނުރުހިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.
“އޮބްވިއަސްލީ ޔެސް. އަހަރެން ސްކޫލަށްދާން ނޫނީ ގެއިން ބޭރަކަށް ނުނިކުންނަން، ދެން އަހަރެން ސްކޫލަށްދާން މޭކަޕް ނުކުރަންޏާ ކޮންއިރަކު ކުރާނީ؟” އަފްރީން ދެކޮނޑު އަރުވާލަމުން އަހާލިއެވެ.
“ސްކޫލުން އެކަން މަނާކޮށްފަ އޮންނާނީ ކަމަކުއެއްނު؟” ނަސްރާގެ ޖުމްލަ ފުރިހަމަވީތަނާ އަފްރީން ވާހަކަ ދެއްކިއެވެ.
“އޯ..ކަމް…އޮން! ދޮންތައަށް ކުރިންވެސް އެނގޭ އެކަން އޮންނަނީ މަނާކޮށްފަކަން އެކަމަކު ދޮންތަ އަމިއްލައަށް ނޫންތަ އަހަންނަށް ގުޅާފަ މޭކަޕްކުރަންވީ ގޮތް ކިޔައިދެނީ؟” އަފްރީންގެ ހިސާބަކަށް ރުޅިއައިސްފައި ހުރެ ބުނެލިއެވެ. އަފްރީންގެ ފަހު ވާހަކައިން ނަސްރާ ހުއްޓުން އެރިއެވެ. އޭނައަށް އިރުކޮޅަކަށް އިސްޖަހާލެވުނެވެ. ނަމަވެސް ނަސްރާ އިސްއުފުލާލަމުން ހިތްވަރުކޮށްފައި ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.
“މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް މިހާރު އަފްރީން ތިހިރީ ހެޔޮ ނުބައި އަމިއްލައަށް ވިސްނޭވަރުވެފަ. ނުވިސްނެންޏާ މިބުނަނީ…ހަމައެކަނި ސްކޫލަކަށް ނޫން. ގެއިން ބޭރަށް ނިކުންނައިރު ވެސް އެހާ ދެއްކުންތެރިކަން ބޮޑުކޮށްގެން ދިޔުމަކީ ރަނގަޅުކަމެއްނޫން.” ނަސްރާގެ ވާހަކަ ނިމުނުތަނާހެން މިފަހަރުވެސް އަފްރީން ވާހަކަ ފެށިއެވެ.
“ގޯޑް ސީރިއަސްލީ ވަޓް އާރ ވީ ޓޯކިން އެބައުޓް؟” އަފްރީންގެ ރުޅި ގަދަވީ ވަރުން އޭނަގެ މޫނު ރަތްވިއެވެ. އަފްރީންގެ އެޖުމްލައަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އަފްރީން އާއި ނަސްރާ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ އެހެން މީހަކަށް ނޭނގޭ ފަދަ ގޮތަކަށް އެދެމެދުގައި މުޢާމަލާތެއް ހިނގާފަދަ ގޮތަކަށެވެ. އިރުކޮޅެއްފަހުން އަފްރީން މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.
“ޔޫ ހޭވް ޗޭންޖްޑް، ދޮންތާ.” އަފްރީން ބުނެލިއެވެ. ނަސްރާއަށް އަފްރީންގެ އެވާހަކައަށް އެއްޗެކޭ ނުބުނެވެނީސް އަފްރީން އޭނައަށް ފަސްދީފައި އިސްތަށިގަނޑުގައި ގޮށެއް ޖަހަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަސްރާ ފުން ނޭވައެއް ދޫކޮއްލަމުން އެނދުގައި އިށީނެވެ
ނުނިމޭ