Hijra (Part 22)
“ކޮން ރޭވުމެއް؟” ޔޫނުސްއަށް އަހާލެވުނެވެ. ނާސިފް ޔޫނުސްއަށް ބަލަހައްޓައިގެން އިނދެފައި ދެ ފަރާތަށް ނަޒަރު ހިންގާލަމުން ޔޫނުސްއާއި ކައިރިވެލުމަށް ގުދުވެލިއެވެ.
“ނަވާޒްމެން އެ މީހުންނާއި ދެކޮޅަށް ޚަބަރު ކިޔާ އެންމެނަށް ފައިސާ ދީގެން އެމީހުން ކިޔުނު އެއްޗެއް ބަދަލު އެބަ ކުރުވާ. ވަރަށް ފަހަކާއި ޖެހެންދެން ސަރުކާރުގެ ޗެނަލުން އެކަނި ނަވާޒްމެނާއި ދެކޮޅަށް ޚަބަރު ކިޔަމުން އައީ. އެހެންވެ ޢާއްމުންނަށް ހީވަމުން ދަނީ ސަރުކާރުގެ ޗެނަލުން ޤަސްދުގައި ނަވާޒްމެނަށް ދޮގު ތުޚުމަތުތަކެއް ކުރަނީހެން. އަހަރެން ބޭރުގަ ހުއްޓާ ބައްޕަވެސް އެތައް ފަހަރަކު އެމީހުން ފައިސާ ދީގެން ޚަބަރުތައް ބަދަލުކޮށްފި. އަހަންނަށް މިކަން އެނގުނު ދުވަހު ބައްޕަ ކައިރި ބުނިން ބަދަލު ނުކުރާށޭ. ނަސީބަކުން ބައްޕަ އަހަރެންގެ ބަސް ޤަބޫލުކުރި. އެކަމަކު އިހަކަށް ދުވަހު ކޮންމެވެސް ނޭނގޭ ނަންބަރަކުން ބައްޕައަށް ގުޅާފަ ޚަބަރު ބަދަލު ނުކޮށްފިއްޔާ އަހަރުމެންގެ މުޅި ގެ އަންދާލާނެ ކަމަށްބުނެ އިންޒާރުދިނީ. ބައްޕަ އެ ވާހަކަ އަހަރެން ކައިރި ނުވެސް ބުނެ އެ މީހުންނާއި ދެކޮޅަށް ލިޔުނު އެއްމެ ޚަބަރުވެސް ބަދަލުކޮށްލީ.” ނާސިފް މަޑު އަޑަކުން ކިޔައިދިނެވެ. ވާހަކަ ނިމުނުއިރު ޔޫނުސް އިނީ ހިސާބަކަށް ދެލޯ ބޮޑުވެފައެވެ. އޭނަ އިރުކޮޅަކު އިނދެފައި ވާހަކަ ދެއްކިއެވެ.
“އަ…..އަހަންނަށް ވަރަށް ކުރިން އިވުނު އެހެން ޗެނަލަކަށް ފައިސާދިން ވާހަކަ. އަހަންނަށް ހީވި އެ ކަންތައް އަދިވެސް ކުރިއަށް ދާހެން. އެކަމަކު ނަވާޒްގެ ނުބައި ޚަބަރެއް ފެތުރިގެން ދާއިރަށް ޕާޓީގެ ކޮންމެވެސް އިސް ވެރިޔަކު އަހަރުމެން ކައިރިއަށް އައިސް ބުނާނެ ނަވާޒްއާއިމެދު ވަރަށް ބޮޑު ނާއިންސާފުތަކެއްވަމުން އެބަދެއޭ. ދެން ނަވާޒް ވެސް އައިއްސަ ވަރަށް ދެރަވެފަހުރެ އެކަހަލަ ވާހަކަތައް ދައްކާނީ. ގޯޑް! އަހަންނަށް ކީއްވެތަ އެ ވާހަކަތައް ޤަބޫލު ކުރެވުނީ؟” ޔޫނުސް ވަރަށް ނުރުހުންވެފައި މޭޒުމަތީގައި ގޮށްމުށުން ޖަހަމުން ބުނެލިއެވެ. އޭނަ ނަފްރަތު ކުރާ މީހެއްގެ ވާހަކައެއް ނޭނގިވެސް އަޑުއެހުނުކަމުގެ މޮޔަހީވިއެވެ.
“އެއްޚިޔާލެއްގެ މީހުންނާއެކީ އުޅެންޏާ ޤަސްދެއް ނެތިވެސް އެ މީހުން ވިސްނާ ގޮތަށް ވިސްނެން ފަށާފާނެ. ޔޫނުސްއަށް ވެސް ހީވިދޯ ސަރުކާރުގެ ޗެނަލުން ހަދަހަދައިގެން ހެން ޚަބަރު ކިޔަނީ؟” ނާސިފް އަހާލިއެވެ.
“އާނ…..ޙަޤީޤަތުގަ އަހަންނަށް އިތުބާރެއް ނުކުރެވޭ އެކަކަށްވެސް. ހުރިހާ ޗެނަލަކުން ވެސް ކޮންމެވެސް އެއްދުވަސްވަރެއްގަ ދޮގު ޚަބަރެއް ފެތުރިފައިވާ ވާހަކަ އިވިފައިވާނެ.” ޔޫނުސް ބުނެލިއެވެ. ނާސިފް ހޫންލައްވާލިއެވެ. ޔޫނުސް ފުން ނޭވައެއް ދޫކޮށްލުމަށްފަހު ދެމީހުންގެ މެދަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަން ނަގާލީ ޔޫނުސްއެވެ.
“އެމީހުން އެގޮތަށް ބިރު ދެއްކިއަސް އަހަންނަކަށް ހިއެއްނުވޭ އެމީހުން ކަމެއްކުރާނެހެންނެއް. އެ މީހުން ކަމެއްކޮށްފަ ފަޅާ އަރައިފިއްޔާ ނަވާޒްއަކަށް ސަޕޯޓެއް ނުލިބޭނެ.” ޔޫނުސް ބުނެލިއެވެ.
“ފަޅާ އަރައިފިއްޔާ އެޗް.އެން ނިއުސްއިން ވަގުތުން ނަވާޒްގެ ދިފާޢުގަ ރިޕޯޓެއް ލިޔެ ނެރެފާނެ.” ނާސިފް ބުމަގޮށްޖެހިފައި އިނދެ ބުނެލިއެވެ. ނާސިފް އޭނައަށް ބަލަހައްޓައިގެން އިން ގޮތުން އޭނައަކީ ކުށްވެރިއެއްހެން ޔޫނުސްއަށް ހީވިއެވެ. ޔޫނުސް އަމިއްލަ ދިފާޢުގައި އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެއްކަމަކު އެއްޗެކޭ ނުބުނެވުނީ އެއީ މުޅިއަކު ގޯސް ހީވުމެއްވެސް ނޫނޭ ހިތް ބުނީތީވެއެވެ. ޔޫނުސް އެއްޗެކޭ ނުބުނެ އިންދާ ނާސިފް އޭނަ އިށީނދެގެން އިން ގޮނޑިއަށް ލެނގިލަމުން ވާހަކަ ދެއްކިއެވެ.
“ދެން މައްސަލައެއްނެތް. ޔޫނުސް އެމީހުންނަށްޓަކައި މަސައްކަތްކޮށްދީ. އަހަރެން ވެސް ބައްޕަގާތު ބުނަމުން ދާނަން ޚަބަރުތައް ބަދަލު ނުކުރާށޭ. އެ މީހުން އަހަރުމެންނަށް ކަމެއް ނުކުރިއްޔާ ނުކުރާނީ އަހަރުމެންގެ ނޫސް އަދި އެހާ މަޝްހޫރު ނުވާތީ. ހަމައެކަނި މި އަތޮޅުގެ މީހުންނަށް ބެހެވޭ ނޫހެއްގެ ގޮތުގަ އަދި އޭތި އޮތީ. އެކަމަކު ވަރަށް އަވަހަށް މި އުޅެނީ އޮންލައިން ވެސް ކުރަން.” ނާސިފް ބުނެލިއެވެ. ޔޫނުސް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލެވޭތޯ ބެލިއެވެ.
“ވަރަށް ބޮޑަށް މަރުޙަބާ. އަހަރެން މިފްތާޙްބެ ގެ ނޫހަށް ކާމިޔާބު ދުވަސްތަކަކަށް އެދެން. ބޭބެ ކިހިނެއްތަ؟ ބަލަން ނުދެވޭތާ ދުވަސްކޮޅެއްވެއްޖެ.” ޔޫނުސް ބުންޏެވެ.
“އެ އިންޒާރު ލިބުނު ދުވަސްފަހުން ކަންބޮޑުވުމެއްގެ ތެރޭގަ އުޅެނީ. އަހަރެން ޚަބަރު ބަދަލު ނުކުރާށޭ ބުނާ ވަރަކަށް ހާސްވަނީ. ބައްޕައަށް ވެސް މިހާރު އިޙްޞާސް ކުރެވިއްޖެ ދޮގު ޚަބަރު ފެތުރުމަކީ ގޯހެއްކަން. ބައްޕަވެސް ބޭނުމެއްނޫން ދޮގު ހަދާކަށް. އެކަމަކު……” ނާސިފް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލަމުން އިސްޖަހާލިއެވެ. ޔޫނުސްއަށް އޭނައާއި ދިމާލަށް ދެރަ ގޮތަކަށް ބަލަހައްޓައިގެން އިނދެވުނެވެ. ނާސިފް އިރުކޮޅަކު އިނދެފައި ޗޮއްކަނޑާލަމުން އިސްއުފުލާލިއެވެ.
“ދެން ހިނގާބަލަ މި ވާހަކަ ހުއްޓާލަން. އަހަރެން ޔޫނުސްއާއި ބައްދަލު މި ކުރީ ވަކި މި ސީރިއަސް ވާހަކަތައް ދައްކާކަށް ނޫނޭ. ޔޫނުސްއަށް ޙަޔާތުގަ އާދެވުނީ ކިހާ ހިސާބަކަށްތޯ ބަލަން. ޑޫޑް ކިހިނެއްތަ ހުރިހާ ކަމެއް؟ އޭރު ބުނީ މެރީކޮށްފީމޭދޯ؟ ކޮން ކުއްޖަކާތަ މެރީ ކުރީ؟ މި ރަށު ކުއްޖަކާތަ؟” ނާސިފްގެ ވާހަކައިގެ ރާގު ބަދަލުވީ ގޮތުން ޔޫނުސްއަށް ހީލެވުނެވެ.
“ހެހެ…..ހުމް މެރީކޮށްފިން. މިރަށު ކުއްޖަކާ މެރީކުރީ. ނާސިފް ކޮށްފިންތަ؟” ޔޫނުސް ހިނިތުންވުމަކާއެކީ އަހާލިއެވެ.
“އާނ ކޮށްފިން. އިންޑިޔާއިން ދިމާވި ކުއްޖަކާ. ޔޫނުސްއަށް ކިޔައިދިނަސް ނޭނގޭނެ އެއީ ކޮންކުއްޖެއްކަމެއް. އެކަމަކު ޔޫނުސް މެރީ ކުރި ކުއްޖާ އަހަންނަށް އެނގޭނެހެން ހީވަނީ. މިރަށުގަ އަހަންނަށް ނޭނގޭ ކުއްޖަކު ވަރަށް މަދުވާނެ. ކިޔައިދީބަލަ. އެއީ ކޮން ގެއެއްގެ ކުއްޖެއް؟” ނާސިފް ސުވާލުކުރިއެވެ.
“އަހަރެންގެ ގޭގެ ކުރިމަތީގަ ހުންނަ ގޭގަ އުޅޭ ކުއްޖާ. އެނގޭތަ ޝަރީފް؟” ޔޫނުސް އެހިއެވެ.
“އާނ އެއްކަލަ ސުޕާރމާޓް ހިންގާ ޝަރީފްދޯ؟ ޝަރީފްގެ ކޮން ކުއްޖަކާ އިނީ؟ އަނެއްކާ ނަސްރާއާތަ؟” ނާސިފް ސީރިއަސް ނަޒަރެއްގައި އިނދެ އަހާލިއެވެ. ނާސިފްއަށް ނަސްރާ އެނގުނު ގޮތުން ޔޫނުސް ހިސާބަކަށް ސިހުންވިއެވެ. އޭނަ ކުޑައިރު ނަސްރާ ކަމުދިޔަ ވާހަކަ ނާސިފްއަށް އެއްދުވަސްވަރެއްގައި ވެސް ކިޔައިދީފައެއް ނުވެއެވެ.
“އާނ ނަސްރާއާ. ހާދަ އެނގެއޭ ނާސިފްއަށް.” ޔޫނުސް ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.
“ޔޫނުސްއަށް ނަސްރާ ކަމުގޮސްގެންތަ ނަސްރާއާ އިނީ؟ އެހާ ގޯސް ކުއްޖަކު ޔޫނުސްއަށް ކަމުދިޔައީ ކިހިނެއްތަ؟” ނާސިފް އެހެން ބުނެލުމުން ޔޫނުސްގެ ހިނިތުންވުން ފަނޑުވިއެވެ. ނާސިފް އެހެން ބުނަންވީ ސަބަބެއް އެންމެ ފުރަތަމަ ޔޫނުސްއަކަށް ނޭނގުނެވެ. ނަމަވެސް ކައިވެނި ކުރުމުގެ ކުރިން އޭނައާއި ނަސްރާއާ ދެމެދު ވާހަކަ ދެކެވުނު އެންމެ ފުރަތަމަ ރޭ ހަނދާންވެފައި ޔޫނުސްއަށް އުނދަގުލެއްވިއެވެ. ނަމަވެސް އޭނަ އެކަން ފޮރުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
“އެއީ މިހާރު ގޯސް ކުއްޖެއްނޫން. މޫނު ބުރުގާ އަޅައިގެން ހުންނަނީ.” ޔޫނުސް ބުނެލިއެވެ. އެއާއެކު ނާސިފް ޤަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް ދެ ބުމަ އަރުވާލިއެވެ.
“ނަސްރާ؟ މޫނު ބުރުގާ؟ ހެހެ…..ވަރަށް ނުގުޅޭ ކޮމްބިނޭޝަނެއް. އަހަރެން ކިޔަވަން އުޅުނުއިރު އަހަރުމެން ސްކޫލްގަ ނަސްރާ ކިޔަވަން އުޅުނީ. އޭރު ބުރުގާ ވެސް ނާޅާ ވަރަށް ފެޝަންކޮށް އުޅުނީ. އޭނަ ރައްޓެހިނުވާ ފިރިހެން ކުއްޖަކު މަދުވާނެ މި ރަށުގަ ވެސް….” ނާސިފް ވާހަކަ ދައްކަމުން ދަނިކޮށް ކުއްލިއަކަށް ޔޫނުސްގެ ރުޅިވެރި ނަޒަރު އޭނައަށް އަމާޒުވުމުން ނާސިފް މައިތިރިވިއެވެ. ނާސިފް އިރުކޮޅަކަށް ޔޫނުސްއަށް ބަލަން އިނދެފައި ސޮރީއޭ ބުނެލިއެވެ. އެވަގުތު ވެއިޓަރު އެ މީހުންގެ ކާއެއްޗެހި ގެނެސް މޭޒުމަތީގައި އަތުރަން ފެށިއެވެ. ވެއިޓަރު ދިޔުމުން ނާސިފް އެހެން ވާހަކައެއް ދައްކަން އުޅުމުން ޔޫނުސް ޖަވާބެއް ނުދިނެވެ. ޔޫނުސް ދެން ޖަވާބެއް ނުދޭނެކަން އެނގުމުން ނާސިފް ހިމޭންކަމާއެކީ ކަމުން ދިޔައެވެ.
ހިނގާފައި ގެއަށް ދިޔަ މަގުމަތީގައި ނާސިފް އެންމެ ފަހަކަށް ނަސްރާއާއިމެދު ބުނި ޖުމްލަ ޔޫނުސްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ނަސްރާ ހަމަ އެހާވެސް ގިނަ މީހުންނާއި ރައްޓެހިވެފައިވާނެ ހެއްޔޭ ޔޫނުސްގެ ހިތަށްއެރިއެވެ. އޭނަ އުޅުނީ ހަމަ އެހާވެސް ގޯސްކޮށް ހެއްޔެވެ؟ ނަސްރާ އެހެން ފިރިހެނެއްގެ ކައިރީގައި ހުންނަތަން ސިކުނޑިއަށް ގެންނަން ވެސް ޔޫނުސްއަށް ދަތިވިއެވެ. ނަމަވެސް އެއީ ވެފައިވާނެ ކަމެކޭ ޔޫނުސްގެ ހިތް ބުނި ހިނދު އެ ހިތް ގެނބެން އުޅުނު ކަހަލަ އިޙްޞާޞެއް ޔޫނުސްއަށް ކުރެވުނެވެ.
އެކިއެކި ފިކުރުތަކުގައި ހުރެ ޔޫނުސް ގޭގެ ފެންޑާއަށް ވަދެގެން ގޮސް އޭނަގެ ޖީބުގައި އޮތް ތަޅުދަނޑިން ގޭގެ ދޮރު ހުޅުވައި ގެއަށްވަނެވެ. ދޮރު ތަޅުލުމަށްފަހު ފަސް އެނބުރިލީ ވަގުތު ސިޓިންގް ރޫމުގެ މެދުގައި ހުރި މޭޒުމަތީގައި އޭނަގެ ލެޕްޓޮޕް ހުރިތަން ފެނިފައި ޔޫނުސްގެ ދެބުމަ ކައިރިވިއެވެ. އޭނަ މިއަދު ލެޕްޓޮޕް ސިޓިންގް ރޫމަށް ގެނައި ހަނދާނެއް ނުވެއެވެ. ޔޫނުސް އެ މޭޒު ކައިރިއަށް ގޮސް ލެޕްޓޮޕް ނަގަން އުޅުނު ވަގުތު ލެޕްޓޮޕް ތެރެއިން ގަނޑެއް ނިކުމެފައި އޮތްތަން ފެނުނެވެ. ޔޫނުސް ވަކިން އިތުރަށް ޙައިރާންވެހުރެ މޭޒުގެ އަނެއްފަރާތަށް ގޮސް ސޯފާގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. އެވަގުތު ކީބޯޑު މަތީގައި އެކީގައި ލަންބާފައި ހުރި އެގްޒާމް ޕެޑެއްގެ ގަނޑުތަކެއް ޔޫނުސްއަށް ފެނުނެވެ. އެ ހުރިހާ ގަނޑެއް ދިވެހި ބަހުން ލިޔެ ފުރާފައިވިކަން ޔޫނުސްއަށް އެނގުނީ ގަނޑުތައް ނަގައި ހުޅުވާލުމުންނެވެ. އެ ލިޔުން ފެނިފައި ޔޫނުސްއަށް ވަގުތުން ސިފަވެގެން ދިޔައީ ނަސްރާ ކިޔަވާ މޭޒުދޮށުގައި ލިޔަން އިންތަނެވެ. ޔޫނުސްއަށް ކެތްމަދުވެފައި އިނދެ ފުރަތަމަ ގަނޑު ހިތުން ކިޔެން ފެށުނެވެ.
“އަހަރެން ޔޫނުސްއަށް ކިޔައިދޭން މިއުޅެނީ އަހަރުމެން އެންމެ ފުރަތަމަ ދުވަހު ބައްދަލުވީއިރު އަހަންނަށް ނުދެކެވުނު ވާހަކަތަކެވެ. ޔޫނުސް އެރޭ ދިން ސިޓީއަށްފަހު އަހަރެން ހުރީ ދުވަހަކުވެސް އެ ވާހަކަތައް ކިޔައި ނުދޭން ނިންމައިގެންނެވެ. އެހެނަސް އެ ވާހަކަތައް ދެއްކުމެއްނެތި ޚުދު އަހަރެންގެ ހިތަށް ވެސް ހަމަޖެހުމެއް ނުލިބޭތީ އެ ވާހަކަތައް ކިޔައިދޭން ނިންމީމެވެ.
ޔޫނުސްއަށް އެނގޭ ހެއްޔެވެ؟ އަނދިރި މާޒީއެއްވަނީ ހަމައެކަނި ޔޫނުސްގެ އެއްނޫނެވެ. އަމިއްލަ ޢާއިލާއަށް ރުޅިވެގެން އުޅުނީ ހަމައެކަނި ޔޫނުސްއެއްނޫނެވެ. އަމިއްލަ މަންމައާއިމެދު އިހާނެތިކޮށް ކަންތައް ކުރީ ހަމައެކަނި ޔޫނުސްއެއްނޫނެވެ…………..”
**
މެންދުރުގެ ވަގުތެއްގައި ނަސްރާއާއި އޭނަގެ ދެ އެކުވެރިން ސްކޫލުން ނިމިގެން ގެއަށް ހިނގަމުން ދިޔައެވެ. ތިން މީހުންގެ މޫނުމަތިން ވަރުބަލިކަން ފެނުނަސް އެ ތިން މީހުންގެ ވެސް އަނގަ މަޑު ނުޖެހެއެވެ. ނަސްރާއާއި އޭނަގެ ދެ އެކުވެރިން އެކިއެކި ވާހަކައިގައި ތިބެ ހިނގަމުން ގޮސް ނަސްރާގެ އެކުވެރި ސަފާގެ ގެއާއި ހަމަވުމުން އެ ގެ ފަހަނަޅާފައި ނުދެވުނީވެސް ކިރިޔާއެވެ. ސަފާއަށް އެކަން ފާހަނގަ ކުރެވުމުން ތިން މީހުން އެކީގައި ހިނިގަނޑެއް ޖަހާލިއެވެ. ނަސްރާ އޭނަގެ އަނެއް އެކުވެރިޔާ ކަމަށްވާ ޝައިލާއާއެކީވެސް މާ ދުރަކަށް ނުދެވެނީސް ޝައިލާއާއި ވަކިވާން ޖެހުނެވެ. ޝައިލާއަށް އަލްވަދާޢު ކިޔާފައި ނަސްރާ ގޯޅިއަކުން ލަންބާލިއެވެ. ކަނާތް ފަރާތުން ފެންނަން ހުރި ތިން ގޭ ދޫކޮށްފައި ދެވެންހުރި އޭނަގެ ގެ ފެނިފައި ނަސްރާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ދުވަހުގެ ވަގުތުތަކުގެ ތެރެއިން އޭނަ އެންމެ ފޫހިވާ ވަގުތުކޮޅަކީ މިއީއެވެ. އެކުވެރިންނާ ވަކިވެގެން ގޮސް ގެއަށްދާންޖެހޭ ވަގުތެވެ. ނަސްރާ ބަރު ފިޔަވަޅުތަކެއްގައި ދާން ނުދާން ކަމަށް ގޮސް ގޭގެ ގޭޓާއި ހަމައަށް ދިޔައެވެ. އެއާއެކު އޭނައަށް ޅަކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ.
“ގޯޑް ސޭވް މީ!” ނަސްރާ ރުޅިން ރޮވިފައި ކަހަލަ ގޮތަކަށް ދެދަތްޕިލަ ޖައްސައިގެން ހުރެ ކިޔާލިއެވެ. އޭނަ ކުރިމައްޗަށް ބަލާލުމުން މިތަނުން ފިލައިގެން ދާންވީއޭވެސް އޭނަގެ ހިތް ބުންޏެވެ. ނަސްރާ ގެއަށް ނުވަދެ ކުރިއަށް ދެވެން އޮތް މަގަށް ބަލަންވެސް ބެލިއެވެ. ނަމަވެސް އެހެން ގޮތެއް ނެތްކަން އެނގިގެން އޭނަ ދެއަތް މުއްކަވާފައި ހަރު ހިނގުމެއްގައި ގެއަށް ވަދެގެން ދިޔައެވެ. ގޭގެ ހުޅުވައިލެވިފައިވާ މައިދޮރު މައްޗަށް އެރިތަނާ އޭނައަށް ސިޓިންގް ރޫމުގައި ހުރި ފުރޮޅުލީ ގޮނޑިއެއްގެ ކައިރީގައި ދެކަކުލާއި އަތް ބިންމަތީގައި ޖައްސައިގެން ރޯންހުރި އޭނަގެ މަންމަ ނަސްރާއަށް ފެނުނެވެ. ގޭގެ ކޮޓަރިއަކުން އިވެމުން ދިޔަ ޅަކުއްޖާގެ އަޑަށް މަންމަގެ ރުއިމުގެ އަޑު އެއްވުމުން ނަސްރާގެ ރުޅިވީ ގަދައެވެ.
“މަންމާ!” ނަސްރާއަށް ހަރުއަޑުން ގޮވާލެވުނެވެ. ބިންމަތީގައި ތެދުވަން ބޭކާރު މަސައްކަތް ކުރަމުން ދިޔަ އާބިދާ އިސްއުފުލާލިއެވެ.
“ނަ….ނަސްރާ ބަލާބަލަ އަފޫއަށް ވީގޮތެއް. އަފޫ ވަރަށް ގިނައިރުވެއްޖެ ރޯތާ.” އާބިދާ ރޮމުންރޮމުން ބުނެލިއެވެ. ނަސްރާ ހަމަ އޭނަގެ ހަރު ހިނގުމުގައި އާބިދާގެ ގާތަށްއައެވެ.
“ދެން އެބައިނގެއެއްނޫންތަ އަހަރެން އަންނާނެކަން؟ މަންމަ ޖެހޭތަ ނުވާ ވަރަކުން ތެދުވެގެން ދާން؟ އެހެން ނޫނަސް އެހެރީ ކޮޓަރީގެ ދޮރު ހުޅުވާފަ. މަންމަ ގޮނޑި ދުއްވާފަ ހަމަ އެކޮޓަރިއަށް ދިޔައިމަ ނިމުނީއެއްނު؟” ނަސްރާގެ އަޑު ހަރުކަމުން މުޅި ގޭގައި އޭނަގެ އަޑު ގުގުމަމުން ދިޔައެވެ. އޭނަ ވާހަކަ ދައްކަމުން ދިޔައީ އަދިވެސް ރޮމުން ދިޔަ އާބިދާ، ކައިރީގައި ހުރި ސޯފާއަކަށް އުނދަގުލާއެކީ އަރުވަމުންނެވެ.
“ޝަކިއްތަ ދިޔައީ ގޮނޑީގެ ބުރަކި ޖައްސާފަ. މަންމައަކަށް ނޭނގުނު އޭތި ނައްޓާކަށް.” އާބިދާ ސޯފާގައި އިނދެ ދެންވެސް ރޮމުން ވާހަކަ ދެއްކިއެވެ. ނަސްރާ ރުޅިވެރި ގޮތަކަށް އާބިދާއަށް ބަލަންހުރެ މޫނު އަނބުރާލަމުން އަފްރީންގެ ރުއިމުގެ އަންނަމުން ދިޔަ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.
“ނަސްރާ މަޑުކޮއްބަލަ. މަންމަ މި ގޮނޑިއަށް ބަދަލުކޮއްދީ. އޭރުން އަފޫ ފެންވަރުވައި ނިމުނީމަ އޭނަ ރީތިކޮއްދޭން މަންމަ އަންނާން. އޭރު….” އާބިދާ އޭނަގެ ކަރުނަތައް ފޮހެމުން ދައްކަން ފެށި ވާހަކަ ކުއްލިއަކަށް ފަސްއެނބުރިލީ ނަސްރާ މެދުކަނޑާލިއެވެ.
“އުނހު އުނހު……މަންމަ ކީއްވެގެންތަ އެބުރަ އުފުލަންވީ؟ އަހަރެން މިހިރީއެއްނު؟ މިގޭގެ ނޯކަރު!” ނަސްރާ އޭނަގެ ވާހަކަ ފެށީ މަޑުމައިތިރިކޮށް ކަމަށްވިޔަސް އޭނަ އެވާހަކަ ނިންމާލީ ރުޅިވެރިކޮށެވެ. އާބިދާ ބޯހޫރުވާލަމުން އެއްޗެކޭ ބުނަން އުޅުނު ވަގުތު ނަސްރާ އޭނަގެ ކޮނޑުގައި އޮތް ދަބަސް ބިމަށް ޖަހާލަމުން ގޮސް އަފްރީން ހުރި ކޮޓަރިއަށް ވަދެ ބާރަށް ދޮރުލައްޕާލިއެވެ. މަންޒަރު ބަލަހައްޓައިގެން އިން އާބިދާއަށް އަނެއްކާވެސް ރޮވެން ފެށިއެވެ.
އާބިދާއަށް ރަޙިމުގެ ކެންސަރު ޖެހިގެން އުޅޭތާ މިއީ ހަވަނަ މައްސަރެވެ. މީގެ ހަ މަސްކުރިން މި ޚަބަރު މުޅި ޢާއިލާއަށް ވެސް ލިބިގެން ދިޔައީ ބޮޑު ސިހުމެއްގެ ގޮތުގައެވެ. އޭރު ޢާއިލާއަށް ކުރިމަތިވެފައިވި ފައިސާގެ ދަތިކަމުން ޝަރީފް ހުރީ އެހެންނޫނަސް ފިކުރު ބޮޑުވެފައެވެ. އާބިދާއަށް އެކަށީގެންވާ ފަރުވާއެއް ހޯދައި ނުދެވިދާނެތީ ޝަރީފް އިތުރަށް ކަންބޮޑުވިއެވެ. އާބިދާ ފުރަތަމަ ފަހަރަށް އިންޑިޔާއަށް ގެންދިޔައީވެސް ޝަކީލާމެންގެ ޢާއިލާގެ އެހީއާއެކީގައެވެ. ވަކި މުއްދަތަކަށްފަހު އަނެއްކާވެސް އާބިދާ ފަރުވާއަށް ގެންދަންޖެހޭނެކަން އެނގުމުން އަފްރާޒްވެސް ވަޒީފާއަކަށް ދާން ނިންމިއެވެ. ޝަރީފް އެކަމަށް އިންކާރު ކުރުމުން ވެސް އަފްރާޒް މިއަދު ގްރޭޑް އެގާރައިގައި ބުރަކޮށް ކިޔަވަމުން ވެސް އެ ވަޒީފާ އަދާކުރެއެވެ. އާބިދާއަށް ކަމެއްކޮއްނުދީ ދުރުދުރުން މަންޒަރު ބަލަން ހުރި މީހަކަށް ނަސްރާވިއެވެ. އާބިދާއަށް އެބަލީގައި ކޮޅަށް ހުރެވުނު ދުވަސްކޮޅު އަފްރީންގެ ހުރިހާ ކަމެއްކުރީ އާބިދާ އެކަނިމާ އެކަންޏެވެ. އޭރު ނަސްރާގެ އޮތް ހަމައެކަނި ކަމަކީ އާބިދާއަށް ބޭސް ގެންގޮސް ދިނުމެވެ. އެއަށްފަހު އޭނަ ކޮޓަރިއަށް ވަންނަ ގޮތަށް ނުވެސް ނިކުމެވެ. ނަމަވެސް ބަލި ބޮޑުވެގެން ގޮސް އާބިދާ ފުރޮޅުލީ ގޮނޑިއެއްގައި ހުންނަން ޖެހުނު ދުވަހަށްފަހު ހުރިހާ ކަމެއް އެފުށްމިފުށައް ޖެހުނެވެ. ގޭގެ ހުރިހާ ކަމަކާއި އަފްރީންގެ ހުރިހާ ކަމަކާ ނަސްރާ ޙަވާލުވާން ޖެހުނެވެ. ކުރީކޮޅު ނަސްރާ ނުރުހިފައިހުރެ ނަމަވެސް ޝަކުވާނުކޮށް އެކަންތައް ކޮށްހެދިއެވެ. ނަމަވެސް ނަސްރާ ރުޅިގަދަވެގެންދިޔައީ ގޭގެ ކަންތަކާއި ސްކޫލްގެ މަސައްކަތްތައް ނިންމުމަށްފަހު އޭނައަށް ރޭގަނޑުވެސް އެކުވެރިންނާއި ގުޅައި އަނގަތަޅާނެ ވަގުތެއް ނުލިބޭތީވެއެވެ. އޭނައަށް ފިހާރަތަކުން ރީތި ހެދުންތައް ފެނިގެން ދޮންބެއާއި ބައްޕަގާތު ގަނެދިނުމަށް އެދުމުން އެކަމަށް އިންކާރުކުރަން ފެށުމުންނެވެ. އޭނައަށް މޯބައިލް ފޯނެއް ނުލިބިފައި ވަނިކޮށް އޭނަގެ ދެއެކުވެރިންނަށްވެސް މޯބައިލް ފޯނު ލިބުމުންނެވެ. ނަސްރާގެ ދެއެކުވެރިންނަކީ ވެސް ނިކަން ތަނަވަސް ދެޢާއިލާއަކަށް ނިސްބަތްވާ ދެކުދިންނެވެ. ނަސްރާ ކިތަންމެ ބޭނުމެއް ނުވިއަސް އޭނަ ސަފާއަށާއި ޝައިލާއަށް ހަސަދަވެރިވެއެވެ. އެމީހުންގެ އަތުގައި އަޅާފަ ހުންނަ ރީތި ޑިޒައިންތަކުގެ ރިހި ފަށްތަކާއި، ޝައިލާގެ ބޮލަށް އަރުވާފަ ހުންނަ ތަފާތު ވައްތަރުގެ ދަތިތައް ފެނިފައެވެ. ނަސްރާ ޙަސަދަވެރިވާ ކޮންމެ ފަހަރަކު އޭނަ ރުޅިވެސް ގަދަވެއެވެ. ރުޅިއަންނަނީ އޭނަގެ މަންމަ ދެކެއެވެ. އޭނަގެ ޢާއިލާ އެހާ ތަނަވަހެއްނޫނީ މަންމައާ ހެދިއޭ ނަސްރާގެ ހިތަށްއަރައެވެ. އޭނައަށް އޭނަ ބޭނުންވާހާ އެއްޗެއް ނުލިބެނީ މަންމައަށް ކުރަންޖެހޭ ހޭދައެއްގެ ބޮޑުކަމުންކަމަށް ނަސްރާ ޤަބޫލުކުރެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހުރިހާ ރުޅިއެއް ބޭލެނީ މަންމައަށެވެ.
އާދައިގެ މަތިން ނަސްރާ އަމިއްލައަށް ވެސް ފެންވެރުމުގެ ކުރިން އަފްރީން ފެންވަރުވައި ރީތި ކޮއްލިއެވެ. ބަދިގެއަށް ގޮސް ބެލިއިރު އެދުވަހަށް ވާވަރަށް ކައްކާފަ ހުރުމުން ނަސްރާ އުފާވިއެވެ. ނަސްރާއަށް ކުޑަވެސް ލުއެއްލިބެނީ މިކަހަލަ ދުވަސްދުވަހުއެވެ. ޝަކީލާ އެގެއަށް އައިސް ކައްކައިދީފައި ދާ ދުވަސްދުވަހެވެ. ނަސްރާ ހިސާބަކަށް ހިތްހަމަޖެހިފައިހުރެ އަފްރީން ގެންގޮސް އޭނައަށް ކާންދީފައި ފެންވަރަން ދިޔައެވެ. ނަސްރާ ފެންވަރައިގެން ނިކުތްއިރު އަފްރީން އޮތީ ނިދިފައެވެ. ނަސްރާ ރީތިވެލައިގެން ކޮޓަރިން ނިކުތް ވަގުތަކީ އަފްރާޒް ސްކޫލުން ނިމިގެން ގޭގެ މައިދޮރުން އައިސް ވަތްވަގުތެވެ.
“ކޮބާ މަންމާ ކިހިނެއް؟” އަފްރާޒް ބޫޓު ބާލާފައި ގެއަށް ވަދެގެން އައީ ހިނިތުންވުމަކާއެކީގައެވެ. އަފްރާޒް ސޯފާގައި އިން އާބިދާގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވިތަން ފެނިފައި ނަސްރާއަށް ކަޅި މައްޗަށް ހިންގާލެވުނެވެ. އެ އައީ މަންމަގެ ދޮންފުތޭ ހިތަށްއެރިއެވެ.
“ރަނގަޅު ހަމަ. ދަރިފުޅާ…މަންމަ މި ގޮނޑިއަށް ބަދަލުކޮއްދީ….މަންމަ އަދި ނަމާދު…” އާބިދާގެ ވާހަކަ ފުރިހަމަ ނުވަނީސް އަފްރާޒް ވާހަކަ ދެއްކިއެވެ.
“މަންމަ އަދި ނަމާދު ނުކުރަން؟ ނަސްރާ!” އަފްރާޒް އާބިދާއާއި ސުވާލުކޮށްފައި ނަސްރާއަށް ގޮވާލިއެވެ. އޭނަ ގޮވާލި ވަގުތަކީ ނަސްރާ ދާންއުޅުނު ވަގުތެވެ. ނަސްރާ ނުބަލަން އުޅެފަވެސް ނުރުހިފައިހުރެ އަފްރާޒްއަށް ބަލާލިއެވެ. އަފްރާޒްވެސް ހުރީ ރުޅިވެރި މޫނަކާއެކީ ނަސްރާއަށް ބަލަހައްޓައިގެންނެވެ.
“ކީއްވެ މަންމަ ނަމާދަށް ނުގެންދިޔައީ؟ އަމިއްލައަށް ނަމާދު ނުކުރިއަސް އެއީ އެހެންމީހުން ކުރާކަމެއްކަން އެނގެއެއްނު؟” އަފްރާޒް ދެފައިމައްޗަށް ތެދުވެ އާބިދާ ކައިރީގައި ހުރި ގޮނޑިއަށް ބަދަލުވުމަށް އެހީވެދެމުން ވާހަކަ ދެއްކިއެވެ.
“އަހަރެން ކައިރީގަ ނުބުނޭ ގެންދާށެކޭ.” ނަސްރާ ދެއަތް މެއާއި ދިމާލުން ހުރަސްކޮއްލަމުން ބުނެލިއެވެ.
“ހުރިހާ ކަމަކު ބުނަންތަ ޖެހެނީ ނަސްރާ ކައިރި؟” އަފްރާޒް އާބިދާ ގޮނޑީގައި ބައިންދަމުން ނަސްރާއާއި ކުރިމަތިލިއެވެ.
“އަހަރެން ކުރަންޖެހޭ ކަންތައް މަދީއެއްނޫން. އަދި ގެއަށް އައިފަހުން މިއުޅެނީ ނޭވާ ނުލެވިގެން.” ނަސްރާގެ އަޑު ގަދަވިއެވެ.
“ވާހަކަ ދައްކާގޮތުން ހީވަނީ ދުނިޔޭގަ ލެއްވިހާ ޒިންމާއެއް ނަސްރާގެ ބޮލުގަހެން އެޅުވިފަވަނީ.” އަފްރާޒްގެ އަޑުވެސް ހަރުވިއެވެ. އެވަގުތު އޭނަގެ ފަހަތުގައި ހުރި އާބިދާ އަފްރާޒްއަށް ވައިއަޑުން ގޮވާލިއެވެ. ނަމަވެސް އަފްރާޒް އެއަޑު އިވުނުކަމަށް ނެހެދިއެވެ.
“އަހަރެން އަދި މިހިރީ ގެއަށް އައިފަހުން ނުވެސް ކައި…..” ނަސްރާގެ ވާހަކަ އަފްރާޒް މެދުކަނޑާލިއެވެ.
“މަންމައަށް ވެސް ކާންނުދީ ތިހިރީ. އެންމެ ކުޑަމިނުން އަހާލިންތަ މަންމަ ހުރީ ކައިގެންހޭ؟ ނާހާނެ….އެންމެ ބޮޑަށް ލޯބިވަނީ އަމިއްލަ ނަފްސުދެކެވިއްޔާ.” އަފްރާޒް އެހެން ބުނެލުމުން ނަސްރާ ދެލޯ ހަނިކޮށްފައި އެއަށްވެސް ރަނގަޅު ރައްދެއްދޭން އުޅުމުން އާބިދާ ވާހަކަ ދެއްކިއެވެ.
“އަފްރާޒް…..މަންމަ މިހިރީ ކައިގެން. ޝަކިއްތަ ދިޔައީ މަންމައަށް ކާންދީފައި. އާދޭސްކުރަން….އެއްދުވަހު ވިޔަސް ދެކުދިން ޒުވާބުނުކުރޭ.” އާބިދާ އޭނަގެ ފުރަގަސްދީގެން ހުރި އަފްރާޒްގެ އަތުގައި ހިފާލަމުން ރޮވިފައިކަހަލަ ގޮތަކަށް ބުނެލިއެވެ. އަފްރާޒްއާއި ނަސްރާ ދެންވެސް އެކަކު އަނެކަކަށް ރުޅިވެރިކަމާއެކީ ބަލަހައްޓައިގެން ތިބީއެވެ. އިރުކޮޅެއްފަހުން ނަސްރާ އަފްރާޒްއަށް ލޯއަޅާފައި މޫނުއަނބުރާލަމުން އެތަނުން ދުރަށް ހިނގައިގަތެވެ
ނުނިމޭ