Hijra (Part 24)
އެއްރެއަކު ވީޑިޔޯއެއްގެ ބަދަލުގައި ނަސްރާގެ އެކުވެރިޔަކު އައީ އެފަދަ މަންޒަރުތައް ސިފަ ކުރެވިފައިވި ވާހަކައެއް ހިފައިގެންނެވެ. ނަސްރާގެ އެއް އެކުވެރިޔަކު އެ ވާހަކަ ކިޔަމުން ދިޔައިރު ނަސްރާއާއި އޭނަގެ އަނެއް ދެ އެކުވެރިން ޝައުޤުވެރިކަމާއެކީ އަޑުއަހަން ތިއްބެވެ. އޭގެ އަނެއްދުވަހު ނަސްރާ އޭގެ 10 ވަރަކަށް ފޮތް ގަނެލިއެވެ.
ލޮލުން ބަލާ މަންޒަރަކުން އޭނަގެ އުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ނަސްރާ ހީކުރިއެވެ. ނަމަވެސް އެ ވެގެން ދިޔައީ ކުށްހީއަކަށެވެ. ހުތުރު މަންޒަރުތަކާއި ވާހަކަތަކަށް ދެވިހިފިފަހުން ނަސްރާއަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގަން އުނދަގޫވިއެވެ. އޭނައަށް އޭނަގެ ފިރިހެން އެކުވެރިންނާއި އާދަޔާ ޚިލާފަށް ކައިރިވެވުނެވެ. ބޭއިޚްތިޔާރުގައި އެއްވެސް ކަމަކާނުލާ އެ މީހުންގެ އަތުގައި ހިފުން ފަދަ ކަންތައް ކުރެވުނެވެ. ނޭނގުމެއްގެ ތެރެއިން އޭގެއިން ކޮންމެ މީހަކަށް ވެސް ނަސްރާގެ ހިތުގައި އެމީހަކަށްޓަކައި އިޙްޞާސްތަކެއް ވާހެން ހީވާފަދަ ގޮތަކަށް އުޅެވުނެވެ. ނަތީޖާއެއްގެ ގޮތުން އެ ހަތަރު މީހުން ވެސް ވަކިވަކިން ނަސްރާއަށް ލޯބި ހުށަހަޅައިފިއެވެ. ނަސްރާ އޭގެއިން އެންމެ ރީތި ފިރިހެން ކުއްޖާގެ “ލޯބި” ޤަބޫލު ކުރިއެވެ. އޭނަ އެކުއްޖާއާއި ރައްޓެހިވިތާ އެއްމަސް ދުވަސްވީ ދުވަހު ނަސްރާއަށް އަނެއްކާވެސް އޭނަ ހިތާމަކުރަންޖެހޭ ފަދަ ކަމެއް ކުރެވުނެވެ.
ނަސްރާ ލަންޑަނަށް އައިތާ އެއްއަހަރު ވީއިރު އޭނަވަނީ މުޅިން އެހެން މީހަކަށް ބަދަލުވެފައެވެ. އޭނަ އުޅޭ އެޕާޓްމެންޓަށް ފިރިހެނަކު ނާންނަ ދުވަހެއް މަދެވެ. ކުރީކޮޅު ނަސްރާ އޭނައަށް ކުރެވެމުން ދިޔަ ކަންތަކާމެދު ދެރަވެ އުޅުނެއްކަމަކު ފަހުން ނަސްރާގެ ހިތަކަށް އެއްވެސް އެއްޗެކޭ ނާރައެވެ. އޭނަ ލަންޑަނަށް އައީ ކީއްކުރަންކަން ވެސް އޭނަ ހަނދާން ނައްތާލާފައި ވީފަދައެވެ. އޭނަ ޔުނިވާރސިޓީއަށް ދާ ދުވަސްތަކަށްވުރެ ނުދާ ދުވަސްތައް ގިނައެވެ. ޝަރީފް ނުވަތަ އަފްރާޒް ގުޅާ ކޮންމެ ފަހަރަކު ނަސްރާ ހުރިހާ ކަމެއް ރަނގަޅުކަމަށްބުނެ ފޯނު ކަނޑާލައެވެ. ސްކޮލާޝިޕްގެ ދަށުން ޗުއްޓީއަށް ރަށަށް ދިޔުމުގެ ފުރުޞަތު ލިބުނެއްކަމަކު ނަސްރާ އެއަށް ފުރަގަސްދިނެވެ. ރަށަށް ދިޔައިއްޔާ އޭނަ ބޭނުންވާ ކަންތައް ނުކޮށް އޭނައަށް ކެތްކުރެވޭނެހެން ވެސް ނަސްރާއަށް ހީނުވާތީވެއެވެ. ވަގުތީ އުފާތައް ހޯދުމުގައި ޙަޔާތް ވޭތުކޮށްލުމަކީ އޭނަގެ މަޤްޞަދަކަށްވެފައިވި ފަދައެވެ. އޭނައަށް މިއަދު ކުރެވެމުން ދިޔަ ކަންތައްތަކުގެ ސަބަބުން އޭނަގެ މާދަމައަށްވާނީ ކިހިނެއްކަމާމެދު ނަސްރާ ވިސްނާކަށްވެސް ނުއުޅުނެވެ.
ނަސްރާއަށް ލިބުނު ޗުއްޓީ ތެރޭގައި އޭނައަށް އާ އަވަށްޓެރިން ލިބުނެވެ. އޭނަ އުޅޭ އެޕާޓްމެންޓާއި ދިމާ ކުރިމަތީގައި ހުންނަ އެޕާޓްމެންޓަށް ދިވެހިންގެ ބަޔަކު އައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ މެދު ޢުމުރުގެ އަންހެނަކާއި ޒުވާން ދެ އަންހެން ކުދިންނެވެ. ތިން މީހުން ވެސް ޖިލްބާބާއިއެކީ ބުރުގާ އަޅައިގެން ތިބި ގޮތުން ނަސްރާ ފޫހިވިއެވެ. އޭނަ އެ މީހުންނާއި އެއްވެސް ގުޅުމެއް ނުބާއްވަން ނިންމިއެވެ. ކޮންމެއަކަސް އެ ދެ އަންހެން ކުދިންގެ ތެރެއިން ނަސްރާއާއި އެއް އިސްކޮޅެއްގެ ކުއްޖާ އޭނަ ފެންނައިރަށް ހިނިތުންވެލައެވެ. ނަސްރާ ކުރީކޮޅު ހީކުރީ އޭނައަށް ހީވި ހީވުމެއް ކަމަށެވެ. ނަމަވެސް ދެމީހުން ދިމާވާ ކޮންމެ ފަހަރަކުހެން އެކުއްޖާ ހުރިހާ ދަތްތައް ދައްކައިގެން ހުންނަ ގޮތުން ނަސްރާ ހިސާބަކަށް ޙައިރާންވިއެވެ. މިއީ މޮޔަ ކުއްޖެއްބާއޭ ހިތަށްއެރިއެވެ. އެއްދުވަހު ނަސްރާ އެކުއްޖާއާއެކީ އެމީހުން އުޅޭ ޢިމާރާތުގެ ލިފްޓެއްގައި ހުންނަން ޖެހުނެވެ.
“ތިއީ ދިވެހި ކުއްޖެއްތަ؟” އެކުއްޖާ އުޖާލާވި މޫނަކާއެކީ ނަސްރާގާތު ސުވާލު ކުރިއެވެ. ނަސްރާ އެކުއްޖާއަށް ބަލާލަމުން ހޫންލައްވާލިއެވެ.
“ކީކޭތަ ކިޔަނީ؟” އެކުއްޖާ ބަދަލެއްނުވާ ހިނިތުންވުމެއްގައި ހުރެ އަހާލިއެވެ.
“ނަސްރާ.” ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ނަސްރާ ބުނެލިއެވެ.
“އަހަންނަށް ކިޔަނީ ސަދަފް.” ސަދަފް އެހެން ބުނެލަމުން ސަލާމަށް އަތްދިއްކޮއްލިއެވެ. ނަސްރާ އެއްފަހަރު އެ އަތަށް އަނެއްފަހަރު ސަދަފްއަށް ބަލާލިއެވެ. ހަމަ އެ ސިކުންތުގައި ލިފްޓުގެ ދޮރު ހުޅުވިގެން ދިޔައެވެ. ނަސްރާ ސަދަފްއާއި ސަލާމް ކުރުމެއްނެތި ލިފްޓުން ނިކުތެވެ. ސަދަފްގެ ހިނިތުންވުން ފަނޑުވެގެން ދިޔަދިޔަހެން އޭނަގެ ނަޒަރު ނަސްރާއާއެކީ ދަތުރުކުރިއެވެ. ސަދަފް އިރުކޮޅަކު ހުރެފައި ލިފްޓު ބަންދުވާން އުޅުމުން ލިފްޓުން ނިކުތެވެ. އެވަގުތު ނަސްރާ ގޮސް އޭނަގެ އެޕާޓްމެންޓްގެ ދޮރު ކައިރީގައި ހުރި އިނގިރޭސި ފިރިހެނެއްގެ ގައިގައި ބައްދާލިތަން ސަދަފްއަށް ފެނުނެވެ. އެދެމީހުން ހެވިފައިތިބެ އެކީގައި ދެއްކި ވާހަކައެއް ސަދަފްއަށް ސާފެއްނުވިއެވެ. ނަސްރާ އެޕާޓްމެންޓްގެ ދޮރު ހުޅުވައި އެތަނަށްވަދެ އެ ފިރިހެން މީހާގެ އަތުގައި ހިފައި އެތެރެއަށް ދަމާލި މަންޒަރު ސަދަފްއަށް ބަލަން ހުރެވުނީ ދެ ބުމަ ކައިރިކޮށްގެންނެވެ.
އެދުވަސްފަހުން ނަސްރާއަށް ކޮންމެ ދުވަހަކުހެން ސަދަފް އޭނަގެ ދޮރުމަތިން ފެންނަން ފެށިއެވެ. އެއްދުވަހު ސަދަފް ކޮންމެވެސް ބަދިގޭގެ އެއްޗެއް ހޯދަން އައިއްޔާ އަނެއްދުވަހުގެ ރޭ ސަދަފްމެންގެ އެޕާޓްމެންޓަށް ކާން އައުމަށް ނަސްރާއަށް ދަޢުވަތު ލިބެއެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައި ވި ސަބަބެއް ނަސްރާއަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އޭނައަށް ސަދަފްވެގެން ދިޔައީ ބޮޑު އުނދަގުލަކަށެވެ. އޭނަ މީހަކަށް ދަޢުވަތު އަރުވާފައި ވަނިކޮށް ވެސް ހަމަ އެ ގަޑީގައި ސަދަފް އޭނަގެ އެޕާޓްމެންޓަށް އައިސްފައި ހުރެދާނެއެވެ. އެއްދުވަހު ނަސްރާ ކެތްނުވާ ހިސާބަށް ދިޔުމުން އޭނަ ސަދަފްއާއި ދިމާލަށް އެތަކެއްޗެއް ގޮވާލިއެވެ. ނަސްރާ ހުތުރު ބަސްތައް އަޑުހަރުކޮށް ކިޔަމުން ދިޔައިރު އެ ފްލޯގައި އުޅޭ ސަދަފްގެ މަންމައާއި ކޮއްކޮވެސް ނަސްރާގެ އެޕާޓްމެންޓްގެ ހުޅުވާލެވިފައިވާ ދޮރު ކައިރިއަށްއައެވެ. ނަސްރާ އެންމެ ފަހަކަށް ސަދަފްގެ ކޮނޑުގައި އަތް އަޅައި ކޮއްޕާލަމުން ބުނެލީ ދުވަހަކުވެސް ދެން އެތަނަށް ނައުމަށެވެ. ސަދަފް ދެރަ ގޮތަކަށް ނަސްރާއަށް ބަލަހައްޓައިގެން ހުރެފައި އެތަނުން ނިކުމެގެން ދިޔައެވެ. ނަސްރާ ހީކުރި ގޮތާއި ޚިލާފަށް ސަދަފްގެ މަންމައާއި ކޮއްކޮ ވަކި އެއްޗެކޭ ނުބުނެ އޭނައަށް ފަސްދިނެވެ.
5 ވަރަކަށް ދުވަސް ވަންދެން ނަސްރާއަށް މިނިވަންކަމާއެކީ އޭނަ ކުރީގައި އުޅުނު ގޮތަށް އުޅުމުގެ ފުރުޞަތު ލިބުނެވެ. 5 ދުވަސް ވޭތުވެ ދިޔައިރު އޭނައަށް ސަދަފް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮންމެއަކަސް 6 ވަނައަށްވީ ދުވަހު ނަސްރާ ވަރަށް ބޮޑަށް ބަލިވިއެވެ. ވަރަށް ގަދައަށް ހުން އައިސް ބޮލުގައި ރިއްސި ގޮތުން އޭނަ ގައިގައި އެނދުން ވެސް ތެދުވެވޭނެ ވަރެއްނެތެވެ. އެހެންކަމުން އެދުވަހު ހެނދުނުއްސުރެ އޭނައަށް އެއްވެސް އެއްޗެއް ނުވެސް ކެވެއެވެ. މެންދުރުވީއިރު ވެސް ބަލި ރަނގަޅު ނުވުމުން ނަސްރާ ގަދަކަމުން އެނދުން ތެދުވިއެވެ. އެޕާޓްމެންޓްގައި ބޭސް ނެތްކަން އެނގުމުން ނަސްރާ ބޭސް ގަތުމަށްޓަކައި ފައިސާ ހިފައިގެން އެތަނުން ނިކުންނަން ދިޔައެވެ. އެޕާޓްމެންޓުން ނިކުތްއިރުވެސް އޭނަގެ ދެފައި ތުރުތުރު އަޅައެވެ. މާ ދުރަކަށް ނުދެވެނީސް ނަސްރާއަށް ވީނުވީއެއް ނޭނގި އޭނަ ބިންމައްޗަށް ވެއްޓުނެވެ.
ނަސްރާއަށް ހޭލެވުނުއިރު އޭނައަށް އޮވެވުނީ މަޑު އެނދެއްގައި ރަޖާ އަޅައިގެންނެވެ. އޭނަ އޮތް އެނދުގެ ކަނާތް ފަރާތުގައި އޭނައަށް ހިނިތުންވުމަކާއެކީ ބަލަހައްޓައިގެން އިނީ ސަދަފްއެވެ. ސަދަފް މިހާރު ކިހިނެއްތޯ ސުވާލުކުރުމުން ނަސްރާ ތެދުވަން އުޅުނެވެ. އެވަގުތު އޭނަގެ މުޅި ގައިގައި ރިއްސަން ފެށުމުން ނަސްރާއަށް އެއީ ފަސޭހަކަމަކަށް ނުވިއެވެ. ސަދަފް އޭނައަށް ތެދުވުމުގައި އެހީވެދިނެވެ. އެއަށްފަހު ތިމަންނަ ސޫޕް ހިފައިގެން އަންނާނަމޭ ބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ސަދަފް އަނބުރާ އައީ ސޫޕް ތަށްޓެއް ތަބަކަށް ލައިގެންނެވެ. ނަސްރާ އަމިއްލައަށް ކާން އުޅުމުން ސަދަފް އެކަމަށް އިންކާރު ކުރިއެވެ. އަތް ތުރުތުރު އެބަ އަޅައެއްނޫންހޭ ބުނެ ސަމުސަލުން ސޫޕް ނަގައި ނަސްރާއަށް ދިއްކޮއްލިއެވެ. ނަސްރާ އިރުކޮޅަކު ހުރެފައި ސަދަފްގެ އަތުން ސޫޕް ބޯންފެށިއެވެ. ބޮމުން ދިޔައިރު ނަސްރާގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ ދުވަސްތަކެއް ކުރިން އޭނަ ސަދަފްއާއި ދިމާލަށް ކިޔުނު އެއްޗެއްސެވެ. ސަދަފްގެ ހިނިތުންވުންތައް ފެނިފައި ސަދަފް އެ ދުވަސްމަތިން ހަނދާން ނެތުނީބާވައޭ ނަސްރާގެ ހިތަށްއެރިއެވެ. ނަމަވެސް އޭނަ ބުނީ ހަނދާން ނެތޭ ވަރުގެ ބަސްތަކެއް ނޫންކަން އެނގުންވުމުން ނަސްރާ އަޖާއިބުވިއެވެ. ސަދަފް އޭނަ މިހާ ރަނގަޅަށް ބަލަމުން ދަނީ ކީއްވެބާއޭ ހިތަށް އަރަމުން ދިޔައެވެ.
އެދުވަހަށްފަހު ނަސްރާއާއި ސަދަފްގެ ދެމެދުގައި އޮތް ގުޅުމަށް ބޮޑު އިންޤިލާބެއްއައެވެ. ކުރިއާއި ޚިލާފަށް ނަސްރާ ސަދަފް ފެންނައިރަށް ހިނިތުންވެލައެވެ. ސަދަފް ދަޢުވަތު ނުދިނަސް ނަސްރާ ސަދަފްމެންގެ އެޕާޓްމެންޓަށް ދަމުން ދިޔައެވެ. ނަސްރާ ސަދަފްމެނަށް ގޭތެރޭގެ އެކި ކަންކަމުގައި އެހީވަމުން ދިޔައީ ސަދަފްއަށް ޝުކުރު އަދާކުރުމުގެ ގޮތުންނާއި މަޢާފަށް އެދުމުގެ ގޮތުންނެވެ. އެ ދެ ކަންތައްތަކަކީ ނަސްރާއަށް ދުލުން އެހާ ފަސޭހައިން ކުރެވޭ ކަންތައްތަކަށް ނުވާތީވެއެވެ.
ސަދަފްމެންނާއި އެކީ ގިނަ ވަގުތު ހޭދަކުރަން ފެށުމުން ނަސްރާއަށް އޭނަގެ ލޯބިވެރިންނަށް ދެވޭ ވަގުތުތައް މަދުވިއެވެ. ސަދަފްއާއި އޭނަގެ 17 އަހަރުގެ ކޮއްކޮއާއެކު އެކިއެކި ޗޮކްލެޓް ފިހާރަތަކަށް ގޮސް ޗޮކްލެޓް ރަހަ ބެލުމަކީ ނަސްރާއަށް މަޖާކަމަކަށްވިއެވެ. ސަދަފްމެން ކުރާ ސަމާސާތަކަށް ނަސްރާއަށް މެދުކެނޑުމެއްނެތި ހެވެމުން ދިޔައެވެ. އެމީހުން އޭނައާއި ވަކިވެގެންދާ ކޮންމެ ފަހަރަކު ނަސްރާގެ ހިތަށް މާޔޫސްކަމެއް ވެރިވެއެވެ. އެއީ ވެސް ދިރިއުޅުމެކޭ ހިތަށްއަރައެވެ. ނަމަވެސް ނަސްރާ އޭނަގެ އެޕާޓްމެންޓަށް ވަންނަތާ މާ ގިނައިރެއްނުވެ އެ ޚިޔާލުމަތިން ހަނދާންނެތި އޭނަގެ އަނދިރި ދިރިއުޅުމަށް އަނބުރާ އާދެވެއެވެ. ޓީވީ ހުޅުވާލާ ގޮތަށް ނަސްރާއަށް މުޅި ދަންވަރު އޭނަގެ ނަޒަރު ޓީވީއަށް ހުއްޓައިގެން އިނދެވެއެވެ. އެހެންނޫނީ އޭނަ އޭރު ރައްޓެހިވެގެން ހުންނަ ލޯބިވެރިޔަކަށް ގުޅާލެވެއެވެ.
އެއްދުވަހު ސަދަފްގެ އެދުމަށް ނަސްރާ ކެފޭއެއްގެ މޭޒުދޮށުން ސަދަފްއާއި ބައްދަލުކުރިއެވެ. ދެމީހުން ހެވިފައި ތިބެ އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ވަކި ހިސާބަކުން އެ ދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. ނަސްރާ ދައްކާނެ ވަކި ވާހަކައެއް ނޭނގިފައި އިނދެ އޭނަގެ ކުރިމަތީގައި އިން އައިސްކްރީމް ތަށިން އައިސްކްރީމް ބޮމުން ދިޔައިރު ސަދަފް އޭނަގެ ކުރިމަތީގައި ހުރި ކޮފީ ތަށިން ބޮމުން ދިޔައެވެ. ސަދަފްގެ ސީރިއަސް ނަޒަރުތައް ދޭތެރެދޭތެރެއިން ނަސްރާއަށް އަމާޒުވަމުން ދިޔަކަމެއް ނަސްރާ ނުދެނެހުއްޓެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ސަދަފް ކަރުކެހިލިއެވެ. ނަސްރާ ސަދަފްއަށް ބަލާލިއެވެ.
“ސޯ….މިހާރު ޗުއްޓީ ނިމެން ކިތައް ދުވަސްތަ ބާކީ އޮތީ؟” ސަދަފް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރަމުން އަހާލިއެވެ. އެ ސުވާލު އިވިފައި ނަސްރާގެ މޫނުގެ ކުލަވަރު އޮއްސުނެވެ.
“އަމް….ބަލާލަންޖެހޭނީ.” ނަސްރާ ޖެހިލުންވުމަކާއެކީ ބުނެލިއެވެ. އޭނައަށް ދެން ކިޔެވުން ފެށޭ ދުވަހެއް ނޭނގެއެވެ. ބަލާކަށްވެސް ބޭނުމެއްނުވެއެވެ.
“ޗުއްޓީގަ ޢާއިލާއާއި ބައްދަލުކުރަން ރަށަށް ނުދިޔައީ ކީއްވެ؟ އަހަރެންވެސް މިދަނީ ކިޔަވަމުން. ސަޢޫދީގަ. އެތާ މަންމައާއި ބައްޕައާއި އަހަރެން އުޅެނީ. އަހަރެންގެ ކޮއްކޮ މިތާނގައި ކިޔަވަމުން ދާތީ ޗުއްޓީއެއް ލިބޭ ކޮންމެ ފަހަރަކު މަންމައާއި އަހަރެން ކޮއްކޮއާ ބައްދަލުކުރަން މިކޮޅަށް އަންނަނީ. ކީއްވެ ނަސްރާ ނުދިޔައީ؟” ސަދަފް އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ.
“އަހަރެންގެ ޢާއިލާއެއް ނޯވޭ.” ނަސްރާ އެއްދިމާލަކަށް ބަލައިގެން އިނދެ ފަސޭހަކަމާއެކީ ދޮގެއްހަދާލިއެވެ. ނަސްރާގެ އެ ޖަވާބު އިވުމުން ސަދަފް އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ އިނެވެ. އެއަށްފަހު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ނަސްރާގެ އެޕާޓްމެންޓަށް ވަރަށް މީހުން ވަންނަތަން ފެނޭ. އެއީ ކޮން ބައެއް؟” ސަދަފް އަހާލިއެވެ.
“އެއީ…..އަހަރެންގެ އެކުވެރިން.” ނަސްރާގެ މޫނުމައްޗަށް ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވިއެވެ.
“އެކުވެރިން ކީއްވެތަ ނަސްރާގެ އުނަގަނޑުގައި އަތްއަޅުގައިގެން ތިބެންވީ؟” ސަދަފް ނޭނގޭ ކަމަށް ހަދާފައި ރާގަކަށް ސުވާލުކުރިއެވެ. އެކަން ނަސްރާއަށް އެނގުނެވެ.
“ސަދަފްއަށް ހުރިހާ ކަމެއް އެނގެންޏާ ސުވާލު ނުކުރީމަ ނިމުނީއެއްނު؟” ނަސްރާގެ އަޑުގައި ނުރުހުންތެރިކަމެއް އެކުލެވިގެން ދިޔައެވެ. ސަދަފް ނަސްރާއަށް ބަލަން އިނދެފައި މޭޒުމަތީގައި އޮތް ނަސްރާގެ އަތްމަތީގައި އެއްއަތް އަޅާލިއެވެ.
“ނަސްރާ……ކޮން ކަމެއްތަ ނަސްރާއަށް ތިގޮތަށް އުޅެން ޖެއްސީ؟ ހަމަ ގައިމުވެސް ނަސްރާއަކީ އަބަދު ތިގޮތަށް އުޅުނު ކުއްޖަކަށް ނުވާނެ. ނަސްރާ ބޭނުންވަނީ ހަމަ ތި ގޮތަށް އުޅެންތަ؟ ތި ގޮތަށް ދިރިއުޅުމުގެ އެއްވެސް މާނައެއް އެބައޮތްތަ؟ ކުރިއަށް އޮތް ތަނުގަ ވާނެ ގޮތާއިމެދު ވިސްނާލިންތަ؟ ތިކަން ކުރަމުން ނަސްރާއަށް އެބަ ކިޔެވޭތަ؟ މަދު އަހަރުތަކަށްފަހު ނަސްރާ މިތަނުން ދާންޖެހޭނެ. ރަށަށް ގޮއްސަ ކިހިނެއްތަ ހަދާނީ؟ ވިސްނާލަބަލަ!” ސަދަފް އޭނަގެ ފަހުބަސް ބުނެލީ ކަންބޮޑުވުން އެކުލެވިފައިވި ދެލޮލާއެކީ އަޑަށް ބާރުލަމުންނެވެ. އެ އަޑަށް އިސްޖެހިފައި އިން ނަސްރާ ކުޑަކޮށް ސިހުންވިއެވެ. އޭނަގެ ސިކުނޑި ސަދަފްގެ އަމުރަށް ކިޔަމަންވެ ވިސްނަން ފެށިއެވެ. ހަމަ އަސްލުވެސް އޭނަ ރަށަށް ގޮސް ހަދާނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. ބައްޕައަށް އޭނަ ކުރި ކަންތައް އެނގޭ ދުވަހަކުން އޭނަ ގެއަށް ވައްދާނެ ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނައަށް ދެން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ވަގުތު މިއޮތީ ފާއިތުވެފައެވެ. އޭނަ ދެން އިސްލާޙު ވިޔަސް ނުވިޔަސް ވާނީ އެކައްޗެކޭ ހިތަށްއެރިއެވެ. ބައްޕަ ކޮންމެ ގޮތެއްވިޔަސް އޭނައަށް ރުޅި އަންނާނެއޭ ހިތް ބުންޏެވެ. ނަސްރާ ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ސަދަފް އޭނަގެ ނަމުން ގޮވާލިއެވެ. ނަސްރާއަށް އަނެއްކާވެސް އޭނައާއި ދިމާލަށް ބަލާލެވުނެވެ.
“ނަސްރާ ބޭނުންވަނީ ނަރަކައަށްދާންތަ؟” ސަދަފް އެ ސުވާލުކުރުމުން ނަސްރާގެ މެއަށް ފިނިވިއެވެ. ނަރަކައަކީ ވާ ތަނެއްކަން އޭނައަށް ދުވަހަކުވެސް ރަނގަޅަށް ޤަބޫލު ނުކުރެވުނެއްކަމަކު ސަދަފް އެހެން ބުނިއިރު ނޭނގޭ ސަބަބަކާހުރެ އެއީ ޙަޤީޤަތެއްކަމަށް ނަސްރާގެ ހިތް ބުންޏެވެ.
އެރޭ ގެއަށް ގޮސް ޓީވީއަށް އާ ފިލްމެއް އަޅުވާލަން ވެސް ނަސްރާއަކަށް ނުކެރުނެވެ. އެނދުމަތީގައި ދެފައި ވަށްކޮށްގެން އިނދެ ނަސްރާއަށް އޭނަގެ ޙަޔާތާއިމެދު ފުރަތަމަ ފަހަރަށް ފުންކޮށް ވިސްނުނެވެ. ސަދަފް އެ ބުނިހެން އޭނަ ދާން ބޭނުންވަނީ ހަމަ ނަރަކައަށް ހެއްޔެވެ؟ ނަރަކައަކީ ވާ ތަނެއްކަން އޭނައަށް ޔަޤީން ނުކުރެވުނަސް މަރަކީ ވާ އެއްޗެކެވެ. މަރުވީ ދުވަހަކުން ވާނީ ކިހިނެއްހެއްޔެވެ؟ މަރުވުމުން ޙަޔާތް އެއްކޮށް ނުނިމޭނެއޭ މީހުން ބުނާ އަޑު އޭނަ އަހައެވެ. އެއީ ޙަޤީޤަތަކަށްވާނަމަ އޭނައަށްވާނީ ކިހިނެއްހެއްޔެވެ؟ އެ ސުވާލު ހިތަށްވަނުމުން ނަސްރާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ވަގުތު މުޅި މީހާ ފިނިވިއެވެ. އެއްލި ކަޅިއަކުން އެނދުމަތީގައި އޮތް ވާހަކައިގެ ބޭރުގައި ހުރި ތަސްވީރު ފެނިފައި ނަސްރާއަށް ތެޅިގަންނަމުން އޭތި އަތުން ޖަހައި ބިމަށް ވައްޓާލެވުނެވެ. އެއަށްފަހު އޭނަ އެނދުގައި އޮށޯވެ ބޮލާއިއެކީގައި ރަޖާ އެޅީ މުޅި ދުނިޔެއަށް ފިލަން ބޭނުންވެގެން ފަދައެވެ. ބިރުވެރި ޚިޔާލުތަކެއްގައި ތެޅިތެޅި އޮތް ހިތަކާއެކީ ނަސްރާ އޮތްވާ އޭނައަށް ނިދުނެވެ.
އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ ނަސްރާ ގޮސް ސަދަފްމެންގެ އެޕާޓްމެންޓްގެ ދޮރުގައި ޓަކި ދިނެވެ. ސަދަފް ދޮރު ހުޅުވާލުމުން ނަސްރާ ފެންކަޅިވެފައިވާ ދެލޮލާއެކީ އޭނައަށް އެހީވެދިނުމަށް އެދުނެވެ. ސަދަފް ވީ އުފަލާއެކީ އޭނައަށް ހިނިތުންވެލެވުނެވެ. ސަދަފް އެންމެ ފުރަތަމަ ކަމަކަށް ނަސްރާ ލައްވައި އެޕާޓްމެންޓްތެރެ “ސާފު”ކުރުވިއެވެ. ނަސްރާ ގަނެފައި ހުރި ވާހަކަތައް ފޮށްޓަކަށް އެއްކުރުވައި އެ ފޮށި އެޕާޓްމެންޓުން ބޭރުކުރުވިއެވެ. އަދި ލެޕްޓޮޕްގައި ހުރި ހުރިހާ ހުތުރު މަންޒަރުތައް ހުރި ފިލްމުތައް ޑިލީޓް ކުރުވިއެވެ. އެކަންތައް ކުރަމުން ދަނިކޮށް ނަސްރާއަށް އޭނަގެ ލޯބިވެރިޔާގެ ފޯނު އައުމުން ސިމްވެސް ބަދަލުކުރަން ސަދަފް އެންގިއެވެ. ނަސްރާ ސަދަފް ބުނިހާ ގޮތަކަށް ކަންތައް ކުރީ އޭނަގެ ހިތަށް ވެރިވެފައިވި ބިރުވެރިކަން ގޮސްދާނެ ކަމުގެ އުއްމީދުގައެވެ. އެކަން ކާމިޔާބު ވެސްވިއެވެ. ހުރިހާ ކަމެއްކޮށް ނިމުމުން ނަސްރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެއަށްފަހު ސަދަފް ނަސްރާ ގޮވައިގެން އެމީހުންގެ އެޕާޓްމެންޓަށް ގެންގޮސް ނަމާދުގައި ކިޔާ ތަކެތި ދަސްކުރުވިއެވެ.
އެ ދުވަސްފަހުން ނަސްރާ އޭނަކުރާ ނުބައި ކަންތައްތަކުން ދުވަސްކޮޅަކަށް ދުރުވިއެވެ. ނަމާދުކުރާ ގޮތް ދަސްވީފަހުން އޭނަ ނަމާދުކުރަން ފެށިއެވެ. ނަމާދު ކުރާއިރު ކުރިމަތިލައިގެން މިތިބެނީ ﷲއާއި ކަމަށް ސަދަފް ނަސްރާ ގާތު ބުނެފައިވެއެވެ. ނަމަވެސް ނަމާދުގައި ނަސްރާއަށް އެކަން ހަނދާން ބަހައްޓަން އުނދަގޫވިއެވެ. އެކަމާމެދު ޝައްކުވެސް ކުރެވުނެވެ. އެހެންކަމުން ނަމާދުގެ މާ ބޮޑު މާނައެއް ނަސްރާއަށް ނުފެނުނެވެ. ނަތީޖާއެއްގެ ގޮތުން އޭނައަށް ވަރަށް އަވަސްއަވަހަށް ނަމާދު ކުރެވެން ފެށިއެވެ. ކޮންމެއަކަސް އޭނައަށް މިހާރު އެހާ ބޮޑު ގޯސްކަމެއް ނުކުރެވޭތީ އޭނައަކީ މިހާރު ރަނގަޅު މީހެކޭ ނަސްރާގެ ހިތް ބުނަމުން ދިޔައެވެ.
އެއްރެއެއްގެ ޢިޝާ ނަމާދަށްފަހު ނަސްރާ އޭނަގެ ލެޕްޓޮޕް ދޮށުގައި އިށީނދެ ފޭސްބުކަށް ވަދެލިއެވެ. ނިއުސް ފީޑް ސްކްރޯލް ކުރަމުން ދަނިކޮށް އޭނައަށް ކޮންމެވެސް އިނގިރޭސި ލޯބީގެ ވާހަކައެއްގެ އިޝްތިހާރެއް ފެނުނެވެ. ނަސްރާ ވަގުތުން ގޫގުލްއަށް ގޮސް އޭތި ޑައުންލޯޑް ކޮށްލިއެވެ. އެ ވާހަކަ ކިޔަމުން ދަނިކޮށް އޭނަ ކުރީގައި ކިޔައި އުޅުނު ކަހަލަ ވާހަކަތަކުން “ފެންނަ” ކަހަލަ މަންޒަރަކާއި ހަމަވުމުން ނަސްރާއަށް އޭތި ކްލޯޒްކޮށްލެވެން އުޅުނެވެ. ނަމަވެސް އެންމެ މަންޒަރަކުން މާ ބޮޑު އަސަރެއް ނުކުރާނެއެއްނޫންހޭ ހިތައި އޭނަ އޭތި ކިޔާލިއެވެ. އެއަށްފަހު ނަސްރާއަށް އެ ވާހަކައަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. އޭނަ ބޭނުންވީ އެފަދަ އެހެން މަންޒަރެއް ސިފަކުރެވިފައިވިތަން ކިޔާށެވެ. އެހެން ޓެބަކުން އެކަހަލަ ވާހަކައެއް ހުޅުވާލެވުނީ އޭނަ މިހާރު ރަނގަޅަށް އުޅޭތާ ކިހާ ދުވަސްވެއްޖެހޭ ހިތް ބުނީތީވެއެވެ. އޭނަ އެ ވާހަކަ ކިޔަން ފެށިތާ މާ ގިނައިރެއްނުވެ އެ ސިފަކުރެވިފައިވާ ފަދަ މަންޒަރެއް ނަސްރާ ބަލަން ބޭނުންވިއެވެ. މިނެޓްތަކެއްފަހުން ނަސްރާ ހުރީ އޭނަގެ ލެޕްޓޮޕް ސްކްރީނުން ނަޒަރު ވަކިކުރަން ނޭނގިފައެވެ. އޭގެ ގަޑިއިރެއްފަހުން އެ ބަލައި ނިމުނުތަނާހެން ނަސްރާގެ ގިސްލުމުގެ އަޑު އެޕާޓްމެންޓްގައި ހަރުލިއެވެ. އޭނައަށް އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއްނެތް ކަހަލަ އިޙްޞާޞެއް ނަސްރާއަށް ކުރެވުނެވެ. ރޮމުން ރޮމުން ގޮސް ކުރިމަތީގައި ހުރި ލެޕްޓޮޕް ފެނުމާއެކު އޭނައަށް ރުޅިވެރިކަމާއެކީ އޭތި ދުރަށް ކޮއްޕާލެވުނެވެ. އެވަގުތު ސަދަފް އެޕާޓްމެންޓްގެ ދޮރު ހުޅުވައި ވަދެގެން އަންނަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ނަސްރާ ކައިރިއަށް އައިސް މަޑުކޮއްލި ވަގުތު ލެޕްޓޮޕުން ވަދެވިފައިވި ސައިޓް ފެނިފައި ސަދަފް ގިސްލަމުން ދިޔަ ނަސްރާގެ ގައިގައި ބައްދާލިއެވެ.
ސަދަފްގެ އެދުމަށް ނަސްރާ އެރެއިން ފެށިގެން އެމީހުންގެ އެޕާޓްމެންޓްގައި އުޅެން ފެށިއެވެ. ގޭތެރޭގެ މަސައްކަތްތަކުން ހުސްވަގުތު ލިބޭ ގަޑިތަކުގައި ސަދަފް ނަސްރާއަށް ދީނުގެ އެކިއެކި ވާހަކަތައް ކިޔައިދެމުން ދިޔައެވެ. ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ދީނުގެ ވާހަކައެއް ދެކެވެމުން ދިޔައިރު މި ދެކެވެނީ މުހިއްމު ވާހަކައެއްކަމުގައި ދެކިގެން ނަސްރާ އަޑުއެހިއެވެ. ކުޑައިރުއްސުރެ އިސްލާމް މާއްދާ ކިޔަވަމުން އައިއިރު ކުރަން ނުކެރުނު ސުވާލުތައް އޭނަ ސަދަފްއާއި ކުރިއެވެ. އޭގެއިން ކޮންމެ ސުވާލަކަށް ލިބުނު ޖަވާބުތަކަކުން ނަސްރާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނައަށް މިހާ ދުވަހު އުޅެވުނީ މިހާ ފުރިހަމަ ދީނެއްގައިކަން އޭނައަށް ނޭނގުނީ ކީއްވެބާއޭ ނަސްރާގެ ހިތަށްއެރިއެވެ. ދީނާއިމެދު އުނގެނެން ފެށުމުން އޭނަ ދުވަހަކުވެސް ނުވިސްނާ ގޮތްގޮތަށް ވިސްނަން އޭނައަށް ދަސްވިއެވެ. އޭނަ މި ދުނިޔެއަށް އައި ދުވަސް ކަނޑައެޅީ އޭނައެއްނޫނެވެ. އޭނަ މި ދުނިޔެއިން ދާ ދުވަސްވެސް ކަނޑައަޅާނީ އޭނައެއްނޫނެވެ. އޭނަގެ އަމިއްލަ ނަފްސު އުފެއްދީ އޭނައެއްނޫނެވެ. އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް އޭނަގެ ހުރިހާ ބާރެއް ނުވެސް އޮވެއެވެ. އޭނަގެ ހިތުގެ ތެޅުން އޭނައަށް ނުވެސް އެނގި ހުއްޓިދާނެއެވެ. އެ ހުރިހާ ކަމެއްގެ މައްޗަށް ފުރިހަމަ ކުޅަދުންވަންތަކަމެއް ލިބިގެންވަނީ ހަމައެކަނި ﷲއަށްކަން ނަސްރާއަށް ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ. ޤުރުއާނުގައި އާޔަތްތަކާއި ލަފްޒުތައްވެސް އެތުރިފައިވި ގޮތުން އެ ފޮތަކީ ﷲ ނޫން އެހެން ފަރާތަކުން އައި ފޮތަކަށް ނުވާނެކަން ޤަބޫލުކުރެވުނެވެ. ޤިޔާމަތް ދުވަހަށް ޝައްކުކުރަން ނަސްރާ ނުކުޅެދުނީ ނުބައިކަމެއްކުރަން އުޅޭ ވަގުތު ޚުދު އޭނަގެ އަމިއްލަ ނަފްސު އެކަމެއް ނުކުރުމަށް އަންގާ އެންގުމަކީވެސް އެ ދުވަސް އަންނާނެކަމުގެ ހެއްކެއްކަން އެނގުމުންނެވެ.
ނުނިމޭ