Hijra (Part 25)
ޤުރުއާނުގައި އާޔަތްތަކާއި ލަފްޒުތައްވެސް އެތުރިފައިވި ގޮތުން އެ ފޮތަކީ ﷲ ނޫން އެހެން ފަރާތަކުން އައި ފޮތަކަށް ނުވާނެކަން ޤަބޫލުކުރެވުނެވެ. ޤިޔާމަތް ދުވަހަށް ޝައްކުކުރަން ނަސްރާ ނުކުޅެދުނީ ނުބައިކަމެއްކުރަން އުޅޭ ވަގުތު ޚުދު އޭނަގެ އަމިއްލަ ނަފްސު އެކަމެއް ނުކުރުމަށް އަންގާ އެންގުމަކީވެސް އެ ދުވަސް އަންނާނެކަމުގެ ހެއްކެއްކަން އެނގުމުންނެވެ.
ސަދަފްމެނާއި އެކީ އުޅެން ފެށިތާ ހަފްތާއެއްހާ ދުވަސްފަހުން ނަސްރާގެ ޙަޔާތުގެ އާ ބާބެއް ފެށިގެން ދިޔައެވެ. ދީނުގައި މިވެނި ކަމެއް އޮންނަނީ މިވެނި ގޮތަކަށޭ ބުނާ އަޑު އިވޭއިރަށް އެކަން ކުރަން ބޭނުންވެއެވެ. މިގޮތުން ނަސްރާ އެކި ކަންތައް ކުރާއިރު ކިޔާ ދުޢާތައް ދަސްކުރިއެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ފޮތަކުން ބަލައިގެން ކިޔަން ފެށިއެވެ. ބުރުގާ އެޅުމަކީ ވެސް ދީނުގައި އޮންނަ ކަމެއްކަން އެނގުންވީ ދުވަހު ނަސްރާ ސަދަފް ކައިރީގައި އެދިގެން އޭނަގެ ބައެއް ހެދުންތައް ހޯދީ ތިމަންނަ އެއްދުވަހު ފައިސާ ދޭނަމޭ ބުނެފައެވެ. ސަދަފް ހިނިތުންވުމަކާއެކީ ބުނިހާވެސް އެއްޗަކީ އެއީ ކަމެއްނޫންކަމުގައެވެ. ބުރުގާއާއެކީ ޖިލްބާބު ލައިގެން މަގަށް ނިކުތް ފުރަތަމަ ދުވަހު އެންމެންގެ ނަޒަރު ނަސްރާއަށް އަމާޒުވަމުން ދިޔައެވެ. ނަމަވެސް އެކަމާމެދު ނަސްރާ ޖެހިލުމެއްނުވެއެވެ. އޭނަ ރުއްސަންޖެހޭ ހަމައެކަނި ފަރާތަކީ ﷲކަން އޭނަ ހަނދާން ހުރީތީވެއެވެ. އެދުވަހު ނަސްރާ ގެއަށް އައުމުން އޭނަ އޭނަގެ އަމިއްލަ އެޕާޓްމެންޓަށް ބަދަލުވުމަށް ސަދަފް އެދުނެވެ. ނަސްރާ އޭނަގެ ހުރިހާ އާ ހެދުންތަކާއެކީ އެ އެޕާޓްމެންޓަށް ބަދަލުވީ ބިރުގެންފައިވާ ހިތަކާއެކީގައެވެ. ބިރުގަތީ އޭނަގެ އަމިއްލަ އަތުން އަނެއްކާވެސް އޭނަގެ އަމިއްލަ ނަފްސު ބަރުބާދުކޮށްލެވިދާނެތީވެއެވެ. އަނެއްކާވެސް އޭނަގެ ވަށައިގެންވި އެއްވެސް އެއްޗެއް ނުފެންނާނެ ފަދަ އަނދިރިގަނޑަކަށް އަނބުރާ ވަދެވިދާނެތީވެއެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ ނަސްރާ ހީކުރި ގޮތަކަށް ވެސް ނޫނެވެ. ނަސްރާ ކޮޓަރީގައި ހުރި ފޮތް ކަބަޑު ހުޅުވާލި ވަގުތު ކަބަޑުގެ ތެރެއިން ބިންމައްޗަށް ވެއްޓުނު ފޮތުގެ ބޭރުގަނޑު ފެނިފައި ނަސްރާއަށް ބޭއިޚްތިޔާރުގައި ދުރަށް ބަލަމުން ދެލޯ މަރާލެވުނެވެ. އޭނައަށް ވީ ގޮތާއިމެދު ނަސްރާ ޙައިރާންވިއެވެ. އޭނަ ދެންވެސް އެއްފަހަރު އެ ފޮތާއި ދިމާލަށް ބަލަން އުޅުމުން ވީ އެކަހަލަ ގޮތެކެވެ. ނަސްރާ އަވަސްއަވަހަށް އެ ފޮތް ނަގައިގެން ގޮސް ޑަސްބިނަށް އަޅާލިއެވެ. ނަސްރާ ހުރީ އޭނަގެ ލެޕްޓޮޕް ދޮށަށް ނުދާށެވެ. އެ ލެޕްޓޮޕް ދޮށުގައި އިން އެންމެ ފަހު ފަހަރު ވީ ގޮތް ހަނދާންވެފައެވެ. ނަމަވެސް އޭނަ ކުރާނެ ކަމެއްނެތި ފޫހިވެގެން ގޮސް ލެޕްޓޮޕް ދޮށުގައި އިށީނެވެ. ޑެސްކްޓޮޕް ބެކްގްރައުންޑްގައި ގަމީހެއްނެތި ހުރި ފިރިހެން ފިލްމީ ތަރި ފެނިފައި ނަސްރާއަށް ތިރި ބެލެން ފެށި ގޮތުން އޭނަ އިތުރަށް ޙައިރާންވިއެވެ. އޭނަ ހަނދާނަށް އައީ އޭނަ އެންމެ ކުޑައިރު ހަމަ މިގޮތަށް ޖެހިލުންވި ހަނދާނެވެ. ނަސްރާގެ ލޮލަށް ކަރުނަތައް ޖަމާވީ އޭނައަށް އާ ފެށުމަކުން ފެށުމުގެ ފުރުޞަތެއް ލިބުނު ކަހަލަ އިޙްޞާޞެއް ކުރެވުމުންނެވެ.
އޭގެ ދުވަސްތަކެއްފަހުން ސަދަފްއާއި ސަދަފްގެ މަންމަ އަނބުރާ ސަޢޫދީއަށް ދާ ވާހަކަ އިވުމުން ނަސްރާ މާޔޫސްވިއެވެ. ސަދަފް ފުރުމަށްޓަކައި ތައްޔާރުވެގެން ނަސްރާގެ އެޕާޓްމެންޓަށް ދިޔައެވެ. ދެމީހުން އެނދުގައި އިށީނދެގެން ތިބެ އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ނަސްރާ އަޖާއިބުވާފަދަ ސުވާލެއް ސަދަފް ކުރިއެވެ.
“ނަސްރާ……އެނގޭތަ ނަސްރާގެ ދޮންބެ ނަސްރާ މަތިން ވަރަށް ހަނދާންވާކަން؟” ސަދަފް ބުނެލި ވާހަކައިން ނަސްރާގެ ނިތަށް ރޫގިނަވިއެވެ.
“ސަދަފްއަށް ކިހިނެއް އެނގުނީ އަހަރެންގެ ދޮންބެއެއް ހުންނަކަން؟” ނަސްރާ ވެސް ކޮއްލީ ސުވާލެކެވެ. ސަދަފް ތިރި ބަލާލަމުން ލުއި ގޮތަކަށް ހީލިއެވެ.
“އަހަރެން މިއީ އެ ދޮންބެގެ ވައިފް.” ސަދަފް ހިނިތުންވުމެއްގައި އިނދެ ބުނެލިއެވެ. އެ ވާހަކަ އިވިފައި ނަސްރާގެ ދެލޯ ބޮޑުވިއެވެ. އޭނަގެ ހަނދާނަށް އައީ މީގެ މަސްތަކެއް ކުރިން އަފްރާޒް އޭނައަށް ގުޅާފައި ކައިވެންޏެއްގެ ވާހަކަ ދެއްކި ދުވަހެވެ. އޭނަ އެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީ ފޯނު ކަނޑާލީއެވެ. ދޮންބެ އިނީ ސަދަފްއާއިތާއޭ ހިތަށްއެރި ވަގުތު ނަސްރާގެ އަނގައިން ނިކުތް އާހެއްގެ އަޑަކާއެކީ އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ ސަދަފްއަށް ބަލާލަމުން އެއްޗެކޭ ބުނަން އުޅުނުތަނާ ސަދަފް ވާހަކަ ދެއްކިއެވެ.
“އަހަރުމެން ކައިވެނި ކުރީއްސުރެ ވެސް އަފްރާޒް އަހަންނަށް ވަރަށް ކިޔައިދޭނެ ނަސްރާގެ ވާހަކަތައް. ދެމީހުން ކުޑައިރު އެކީގައި މަހަށްދާ ވާހަކަ ވަރަށް މަޖާވެފައި ކިޔައިދޭނެ. ދެން ފަހުން ފަހުން އައިސް ދެމީހުން ދުރުވީ ގޮތް ވެސް ކިޔައިދިން. ނަސްރާއާއި އެހާ ރުޅިވެރިކޮށް ވާހަކަ ދެއްކުނީތީ ދެރަވާ ވާހަކަ އޭނަ ތަކުރާރުކޮށް ބުނޭ. ބުނާނެ ނަސްރާ ގޯސް ކުއްޖަކަށްވީ ވެސް ތިމަންނަގެ ސަބަބުން ކަންނޭނގެއޭ. އަހަންނާއި މަންމަ ލަންޑަނަށްދާ ވާހަކަ ދެއްކީމަ އޭނަ އަހަރެން ކައިރީގަ ބުނި ނަސްރާވެސް ހުންނަނީ އެތަނުގައޭ. އަހަރެން ބުނިން އަހަރުމެންނާއެކީ އަންނަންވީ ނޫންހޭ. އެކަމަކު އޭނަ ބުނީ ނަސްރާއަށް ތިމަންނަ ފެނިއްޖެއްޔާ ރުޅި އަންނާނެއޭ. ތިމަންނައަށްޓަކައި ނަސްރާގެ ޙާލު ބަލާލަދޭށޭ. އެހެންވެ އަހަރުމެން މިފަހަރު މި ޢިމާރާތުގައި ތިބެން ނިންމީވެސް. މިއީ އަހަރެންގެ ކޮއްކޮ ޢާއްމުގޮތެއްގައި އުޅޭ ޢިމާރާތެއްނޫން. ނަސްރާގެ އުޅުން ހުންނަ ގޮތް ފެނުނީމަ އަފްރާޒްއަށް ކިޔައިނުދީ އަހަންނަށް ނުހުރެވުނު. އެ ވާހަކަތައް ކިޔައިދިން ފުރަތަމަ ދުވަހު އަފްރާޒް ހުރީ ރުޅިން ރަތްވެފަ. އެކަމަކު އަނެއްދުވަހު އަހަރެން ކައިރީގަ ބުނި ނަސްރާއަށް އެހީވެދޭށޭ. ނަސްރާ އެގޮތަށް ކަންތައް ކުރަނީ ނަސްރާއަށް ނޭނގޭތީވެއޭ. އޭނަ ކޮންމެ ދުވަހަކުހެން އަހަންނަށް ގުޅާފަ ނަސްރާގެ ޙާލު ބަލަމުން ދިޔަ. ފަހަކަށް އައިސް ވަރަށް އަހާނެ ނަސްރާ ތިމަންނަގެ ވާހަކަ ދައްކާހޭވެސް. އަހަރެން ނުބުނަން އެދުވަހު ނަސްރާ އަހަރެން ކައިރީގަ ތިމަންނަގެ ޢާއިލާއެއްނޯވެއޭ ބުނި ވާހަކަ. އަހަންނަށް އެނގޭ އެ ވާހަކަ ބުނެފިއްޔާ އަފްރާޒް ދެރަވާނެ މިންވަރު…..” ސަދަފް ކިޔައިދިނެވެ. އެ ވާހަކަ ނިމުނުއިރު ނަސްރާގެ ކޯތާފަތް މައްޗަށް ކަރުނަ ތިތްކެއް ފައިބައިގެން އައެވެ. މުޅި ޢުމުރު ދުވަހު އޭނަގެ ދުޝްމިނެއްގެ ގޮތުގައި ބެލި މީހަކު މިވީ އޭނަދެކެ އެންމެ ލޯބިވާ މީހުންގެ ތެރެއިން އެކަކަށެވެ. އޭނަގެ އަމިއްލަ ޢާއިލާގެ މީހުންގެ ލޯބި އޭނައަށް ނުފެނުނީ އޭނަ އަނދިރިވެފައިވީތީވެހޭ ނަސްރާގެ ހިތަށްއެރިއެވެ. މާޒީގެ އެކި ޞަފްޙާތައް ލޯ ކުރިމަތިން ސިފަވެގެން ދިޔަ ހިނދު އޭނަގެ ޢާއިލާގެ ކޮންމެ މީހަކު އޭނައާއި ދިމާލަށް ބުނި ކޮންމެ ބަހަކީ ވެސް އޭނަގެ ރަނގަޅަކަށްޓަކައި ބުނި ބަހެއްކަން އޭނައަށް އެނގުންވިއެވެ.
ސަދަފް ފުރަން ދިޔުމުން ނަސްރާ އަފްރާޒްއަށް ގުޅިއެވެ. އަފްރާޒް ސަލާމް ގޮވާލި އަޑު އިވުމުން އޭނައަށް ގިސްލެވެން ފެށިއެވެ. އަފްރާޒް ކިހިނެއްވީތޯ ސުވާލުކުރުމުން ނަސްރާ އެތައް ވަރަކުން އަފްރާޒްއަށް މަޢާފަށް އެދުނެވެ. އަފްރާޒްވެސް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ނަސްރާއާއި މިހުރިހާ ދުވަހު ވާހަކަ ދެކެވުނު ގޮތަށްޓަކައި މަޢާފަށް އެދުނެވެ. ދެމީހުންގެ ވާހަކަ ފެށިގެން ދިޔައީ އަސަރުން ފުރިގެންވި ގޮތަކަށް ކަމަށްވިޔަސް އެ ފޯނު ކޯލު ނިމިގެން ދިޔައީ ސަމާސާތަކަކުންނެވެ. އެ ކޯލު ނިމުނުއިރު ނަސްރާގެ ހިތުގައި އޭނަގެ ދޮންބެއަށްޓަކައި ދުވަހަކުވެސް ނުވާފަދަ ކުލުނެއް އުފެދިފައިވިއެވެ. ނަސްރާ އެރޭ ޝަރީފްއަށާއި އަފްރީންއަށް ވެސް ގުޅައި އެމީހުންނާއިވެސް އެތައް ދުވަހަކަށްފަހު ރަނގަޅަށް ވާހަކަ ދެއްކިއެވެ.
ޔުނިވާސިޓީގައި ނަސްރާގެ ކިޔެވުން ފެށުނެއްކަމަކު އޭނަގެ ކިޔަވާ ހިތް ކެނޑުނެވެ. އޭނަ ކިޔަވަން ފެށީ މުސްތަޤްބަލުގައި އޭނަ ވާން ބޭނުމީ ކޯޗެއްކަން ނުނިންމައެވެ. އޭނަ އެންމެ ބޮޑަށް ފޫހިވީ ފުރަތަމަ 2 އަހަރު އެއްކޮށް އޭނައަށް ބޭކާރުކޮށްލެވުނީތީވެއެވެ. އޭނަ މިވާހަކަތައް އަފްރާޒްއަށާއި ސަދަފްއަށް ކިޔައިދިނެވެ. ސަދަފް އެދުނީ ނަސްރާ ސަޢޫދީއަށް އައުމަށެވެ. ސަދަފްގެ ބައްޕަގެ އެހީގައި އެތާނގައި އަލުން މަތީ ތަޢުލީމު ޙާޞިލުކުރަން ފެށުމަށެވެ. ނަސްރާއާއި އަފްރާޒް ވެސް އެކަމަށް ކުރީކޮޅު އިންކާރު ކުރިއެވެ. ނަމަވެސް ސަދަފްގެ ބައްޕަވެސް އެކަމަށް ބާރު އެޅުމުން ނަސްރާ އެކޮޅަށްދާން ނިންމިއެވެ.
ސަދަފްގެ ޚިޔާލު ވަރަށް ވެސް މޮޅެވެ. ނަސްރާ ސަޢޫދީއަށް އައިސް އަފްރާޒްއާއި ސަދަފް ކިޔަވާތަން ފެނިފައި ކިޔަވާ ހިތް ޖެހުނެވެ. އޭނަ ބޭނުންވީ އިސްލާމް މުދައްރިސަކަށްވާށެވެ. އޭނައަށް ކުޑައިރު އިސްލާމް ގަޑީގައި ކުރަން ނުކެރުނު ސުވާލުތަކުގެ ޖަވާބުތައް ކިޔަވައިދިނުމުގެ ތެރެއިން ވެސް މުސްތަޤްބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށެވެ. އަދި އިސްލާމް މާއްދާ އިތުރަށް ޝައުޤުވެރި ކުރުމުގެ ނިޔަތުގައިވެސްމެއެވެ.
ނަސްރާ ސަޢޫދީގައި ކިޔަވަން ފެށިތާ ދުވަސްކޮޅެއްފަހުން ސަދަފް މޫނު ބުރުގާ އެޅުމުން ނަސްރާ ވެސް މޫނު ބުރުގާ އަޅަން ބޭނުންވިއެވެ. ނަސްރާގެ ހިތަށް އެގޮތް ރީތިވީ ވަރުންނެވެ. ލަންޑަން ގައި އޭނައަށް ކުރު ހެދުން ލާން ފެށީ އޭނަ ބޭނުންވެގެންނެއްނޫނެވެ. އެ ގޮތް ވަކި އޭނައަށް ރީތިވެގެންނެއް ވެސް ނޫނެވެ. އޭނަ އެ ކަހަލަ ހެދުން ލުމުން އެހެން މީހުނަށް އޭނަ ރީތިވާކަން އެނގުނީތީވެއެވެ. ނަމަވެސް އޭނަ އެހެން މީހުން ރުއްސާކަށް ނުޖެހޭކަން ނަސްރާއަށް މިހާރު ސާފުކޮށް އެނގެއެވެ. އޭނައަށް އޭނަ ބޭނުންވާ ގޮތަކަށް ހެދުން އެޅުމުގެ މިނިވަންކަން އެބައޮތްކަން ދަނެގެން ނަސްރާ މޫނު ބުރުގާ އެޅިއެވެ.
އަފްރާޒްމެނާއިއެކީ އުޅުމުގެ ތެރޭގައި ނަސްރާއަށް ނަމޫނާ ޒަވާޖީ ޙަޔާތެއްގެ މިސާލެއް ލޯކުރިމަތިން ފެންނަމުން ދިޔައެވެ. ދުރުން ބަލާ މީހަކަށް ހީވާނީ އަފްރާޒްއާއި ސަދަފް އަބަދުވެސް ޒުވާބު ކުރަނީ ހެންނެވެ. ނަމަވެސް ދެމީހުން ރުޅިވެގެން ތިބެވެސް އެކަކު އަނެކަކަށް އެހީވެދޭނެއެވެ. އެކަކު އަނެކަކަށް ހަދިޔާތައް ގެނެސްދޭނެއެވެ. ދެމީހުން ރުޅި ރަނގަޅުވުމުން ދެމީހުން އެކީގައި އެކި ތަންތަނަށް ދާނެއެވެ. ސަދަފް ބަލިވެ އިން ދުވަހު އަފްރާޒް ނަސްރާ ހުރިކަން ވެސް ނޭނގި ސަދަފް ދެއަތުން އުރާލިއެވެ.
**
“އެ މަންޒަރު ފެނިފައި އަހަރެންވެސް އަހަރެން އުރާލާނެ މީހަކު ބޭނުންވިއެވެ. އަހަރެން ޅަ ކުއްޖަކުހެން ގެންގުޅޭނެ މީހަކު ބޭނުންވިއެވެ. އަހަންނަށް މީހަކު އެ ފަދަ ލޯތްބެއްދޭނެ ދުވަހެއްގެ އިންތިޒާރު ކުރެވުނެވެ. އެކަމަކު އަހަންނަށް އޭގެއިން ކޮންމެ ފަހަރަކު އެކަހަލަ ލޯތްބެއް އަހަންނަށް ޙައްޤުނުވާކަން ހަނދާންވެއެވެ. ޢިއްފަތްތެރިކަމެއްނެތް ކުއްޖަކާ އިންނާނީ ކާކުހޭ ހިތަށްއަރައެވެ. އަހަންނަކީ ދުވަހަކުވެސް އިންނާނެ މީހަކު ވާނެ މީހެއް ނޫން ކަމުގައި ހިތް ބުނަމުން ދިޔައެވެ.
އަހަރެން ޔޫނުސްއާއި ދިމާވި ފުރަތަމަ ދުވަހުވެސް އަހަންނަށް ޔޫނުސް ކަމުދިޔައެވެ. އަހަރެން މުޅި ޢުމުރު ދުވަހު ދިމާވި ހުރިހާ ފިރިހެނުންގެ ތެރެއިން ވެސް އަހަންނާއި ދިމާލަށް ނުބަލަން މަސައްކަތް ކުރި ހަމައެކަނި މީހަކީ ތިއީއެވެ. ޔޫނުސްއާއި އިންނަން ބޭނުންވެގެން ސަދަފްގާތު އެ ވާހަކަ ބުނެލީ އަހަރެންގެ މާޒީގެ މަތިން ހަނދާން ނައްތާލަމުންނެވެ. ސަދަފް ބުނި ގޮތުގައި އަހަރެން ދެކެ ލޯބިވާނެ މީހަކު އަހަރެންގެ މާޒީއާއެކީ އަހަރެން ޤަބޫލުކުރާނެއެވެ.
ޔޫނުސް އަހަރެންގެ ކޮންމެފަދަ ކުށެއްވެސް މަޢާފުކޮށްފާނެ ކަމަށްބުނެ ފޮނުވި ސިޓީ ކިޔާފައި އަހަންނަށް ރޮވުނެވެ. އަހަރެންގެ ޙަޔާތަށް ވެސް ލޯތްބެއް އައިސްދާނެކަމުގެ އުއްމީދު ހިތުގައި އުފެދުނެވެ. ނަމަވެސް މާޒީގައި އަހަންނަށް ކުރެވުނު ކުށްތައް ހަނދާންވެފައި ޔޫނުސްއަށް ވެސް އެ ކުށްތަކަށް މަޢާފު ނުކުރެވޭނެހެން އަހަންނަށް ހީވެއެވެ. މަޢާފު ނުކުރެވުނަސް މައްސަލައެއްނެތެވެ. އެއީ ޙަޤީޤަތުގައި ވެސް މަޢާފު ކުރެވޭވަރުގެ ކުށްތަކެއްނޫނެވެ. ޔޫނުސް އަހަރެންގެ މާޒީގައި ވެފައިވާ ކަމެއް އެނގިފައި ވަރި ނުކުރާނެކަމަށް ބުނެފައި އޮތަސް މި ވާހަކަތައް އެނގިފައި ޔޫނުސް އަހަރެން ދޫކޮއްލަން ބޭނުމިއްޔާ ދޫކޮއްލިޔަސް އަހަރެން ޔޫނުސްއަށް ރުޅި ނުވާނަމެވެ. ޔޫނުސްއާއި އެކީގައި މި ވޭތުވި މަދު ދުވަސްކޮޅަކީ އަހަރެންގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. އަހަންނަށް އެ ދުވަސްތައް ހަނދާން ނައްތާލެވޭނެ ކަމެއްނޭނގެއެވެ. ނަމަވެސް ޔޫނުސް މިރޭވެސް އަހަރެން ދޫކޮއްލަން ހުރިއްޔާ އަހަރެން މިހިރީ ތައްޔާރަށެވެ.
ނަސްރާ”
ސިޓީ ކިޔައި ނިމުނުއިރު ޔޫނުސްއަށް އިނދެވުނީ ގަނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ. ބުމަގޮށްޖެހިފައި ދެލޯ ރަތްވެފައި އިންއިރު މުޅި މީހާ ރޫރޫއަޅަމުން ދިޔައެވެ. ޔޫނުސް އޭނަގެ އަތުގައި އޮތް ގަނޑަށް ބަލަން އިނދެފައި އޭތި ކުރިމަތީގައި ހުރި މޭޒުމަތީގައި ބާއްވަމުން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.
ނަސްރާ އިނީ ކޮޓަރީގެ އެނދުގައި އިށީނދެގެންނެވެ. އޭނަ ގެއިން ބޭރަށްދާން ލައި އުޅޭ ކަހަލަ ހެދުމެއްގައި މޫނު ނިވާނުކޮށް އިންއިރު އެނދުގެ ކައިރީގައި ހެދުން ފޮށްޓެއް ހުއްޓެވެ. ނަސްރާ ހުރީ ޔޫނުސް މިވަގުތު ވެސް އައިސް ގެއިން ނެރެފިއްޔާ އެފަދަ ޙާލަތަކަށް ތައްޔާރުވެގެންނެވެ. ވާނީވެސް އެހެންނޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ. ޔޫނުސް އޭނައަށް ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުންނަތަން ސިފަކުރެވުމުން ވެސް ނަސްރާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ ޖެހޭނީ ހަމަ ޔޫނުސް މަތިން ހަނދާން ނައްތާލަން ހެއްޔެވެ؟ އޭނަ ޖެހޭނީ އެހެން ދުވަހަކު ޔޫނުސް މަގުމަތިން ފެނުނަސް އެއީ ނުދަންނަ މީހެއްކަމަށް ހަދަން ހެއްޔެވެ؟ އޭނައަށް އެގޮތަށް ކަންތައް ކުރެވޭނެ ކަމާއިމެދު ވެސް ނަސްރާއަށް ޝައްކު ކުރެވުނެވެ. އޭނަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.
ނަސްރާ އޭނަގެ ދެއަތުން ލޯ ފޮހެމުން މައްޗަށް ނަޒަރު ހިންގާލި ވަގުތު އޭނަގެ ހިތް ހުއްޓުމަކަށްއައެވެ. ކޮޓަރީގެ ދޮރުމަތީގައި ހުރީ ޔޫނުސް ނޫން ދެވަނަ މީހެއްނޫނެވެ. ނަސްރާއަށް އޭނައަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ކޮޅަށް ތެދުވެވުނެވެ. ޔޫނުސްގެ މޫނުމަތީގައިވީ ރުޅިވެރިކަން ކަމެއް ނުވަތަ ހިތާމަވެރިކަން ކަމެއް ނަސްރާއަށް ނަގައިގަންނާކަށް ނޭނގުނެވެ. ކޮންމެ ގޮތެއްވިޔަސް ޔޫނުސް އެ އައީ ސިޓީ ކިޔާފައިކަން ނަސްރާއަށް ޔަޤީން ކުރެވުނެވެ. ޔޫނުސް ބުނެލާނެ ބަސްތަކަށް ހިތްވަރު ކުރުމުގެ ގޮތުން އޭނަ ދެއަތް މުއްކަވާލިއެވެ. ނަސްރާ ބަލަބަލާ ހުއްޓާ ޔޫނުސް ލަސް ފިޔަވަޅުތަކެއް އޭނައާއި ދިމާލަށް އަޅަމުން ވާހަކަ ދެއްކިއެވެ.
“އަހަރެން އިނީ ކުރު ހެދުން ލައިއުޅުނު ނަސްރާއާއިއެއްނޫން. އަހަރެން ނުދަންނަން ހުތުރު މަންޒަރުތައް ބަލައި އުޅުނު ނަސްރާއެއް. ނުދަންނަން ހިލޭ ފިރިހެނުންނާއިއެކީ ރޭތައް ހޭދަކުރާ ނަސްރާއެއް. އަހަރެން ލޯބިވީ އަހަރެން ބަލާލުމުން ވެސް ބެލުން ތިރިކުރި ނަސްރާދެކެ. އަހަރެންގެ ހިތް ލެނބުނީ އެ ލަދުވެތި ނަސްރާއަށް. އެ ނަސްރާ މިއަދު އަހަރެންގެ ކުރިމަތީގަ ހުރީ. ދެން ކީއްވެގެންތަ ހީވަނީ އަހަރެން ނަސްރާ ދޫކޮށްލާނެހެން؟” ޔޫނުސްގެ ވާހަކަ އިވޭނުއިވޭ އަޑަކުން ނިމުނުއިރު އޭނަ ހުރީ ނަސްރާގެ ކޮނޑުގައި ހިފަހައްޓައިގެންނެވެ. ޔޫނުސްގެ ވާހަކަތައް އިވިފައި ނަސްރާއަށް އަނގަމަތީގައި ދެއަތް އަޅާލަމުން ބާރަށް ރޮއިގަނެވުނެވެ. އުފާވެރިކަމުން ފުރި ބަންޑުންވަމުން ދިޔަ ހިތް ފަދައިން މުޅި މީހާވެސް ވިރިގެން ހިނގައިދާނެހެން ނަސްރާއަށް ހީވިއެވެ. ނަސްރާގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވި ވަގުތު ޔޫނުސްގެ ދެއަތުގެ ހިމާޔަތް އޭނައަށް ލިބުނެވެ. ޔޫނުސްގެ މޭމަތީގައި ބޯ އަޅައިގެން ހުރެވެސް ނަސްރާއަށް ހުއްޓުމެއްނެތި ރޮވުނެވެ.
އެރޭ ވެގެން ދިޔައީ ޔޫނުސްއާއި ނަސްރާގެ ޒަވާޖީ ޙަޔާތުގެ އާ ފެށުމަކަށެވެ. ދެމީހުން ދުވަހަކުވެސް ކައިރި ނުވާވަރަށް އެރޭ ކައިރިވެވުނެވެ. އެރެއަށްފަހު އެ ދެމީހުންގެ ދެމެދުގައި އެއްވެސް ޖެހިލުންވުމެއް ނޯވެއެވެ. ދެމީހުންގެ ދެމެދުގައި ދުވަހަކުވެސް ނުކުރެވޭ ފަދަ ސަމާސާތަކާއި ޢިޝާރާތްތަކެއް ކުރެވެން ފެށިއެވެ. ބޭނުންވާހާ ވާހަކައެއް ލަސްތަކެއް ނުކޮށް އެކަކު އަނެކަކާ ޙިއްޞާ ކުރެވެން ފެށިއެވެ. ދެ މީހުންނަށް ވެސް އިޙްޞާސް ކުރެވުނީ އެދެމީހުންގެ ޒަވާޖީ ޙަޔާތް ފެށިގެން ދިޔައީ އެރޭ ހެންނެވެ.
ދުވަސްތައް އޮމާންކަމާއެކީ ފާއިތުވަމުން ގޮސް އަފްރީންގެ ފައިގައި ހުރި ޕްލާސްޓަރު ނަގާ ދުވަސް ޖެހުނެވެ. ޕްލާސްޓަރު ނެގި ދުވަހު ޝަރީފް ސަމާސާއަކަށް ދާން ބޭނުންވަނީ ކޮންތަނަކަށްތޯ އަފްރީން ކުރެން ސުވާލުކުރިއެވެ. އެހެނީ އަފްރީން ހުރީ އެކި ތަންތަނަށް ދަތުރު ކުރުމަށްޓަކައި މި ހަ މަހުގެ ޗުއްޓީ ނުލިބިގެންނެވެ. ނަމަވެސް އޭނަ މިހާރު މާ ބޮޑަށް ތަނަކަށް ދާހިތެއްނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނަވަނީ އެހެން ކަމަކަށް “ދެވިހިފާފައެވެ.” އަފްރީން މިހާރު ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ ޤުރުއާނުގެ އާޔަތްތަކާމެދު މަޢުލޫމާތުތައް ހޯދައި އެއާއިމެދު ވިސްނައި ފިކުރު ކުރުމުގައެވެ. އެ އާޔަތްތަކުން އުނގެނެވޭ އެއްޗެއްގެ ފުރިހަމަކަމުން އަފްރީންއަށް ކެތްނުވެގެން އޭނައަށް ޝަރީފްއާއިވެސް އެ ވާހަކަތައް ޙިއްޞާ ކުރެވެއެވެ. އަފްރީންއަކީ ޢާއްމު ގޮތެއްގައި އޭނަގެ ބައްޕައާއެކީ ވަގުތު ހޭދަކުރާ ކުއްޖެއްނޫނެވެ. ނަމަވެސް މިކަމާއިހެދި އެދެމެދުގައި އޮތް ގުޅުން ވެސް ބަދަހިވަމުން ދިޔައެވެ.
އެއްރެއަކު ނަސްރާއާއި ޔޫނުސް ދަމުނަމާދު ގޭގައި އެކީގައި ކުރިއެވެ. ޔޫނުސް އިމާމުވެ ނަމާދު ކުރިއިރު އޭނަ އެކި ބައިބަޔަށް ބަހައިގެން ކިޔަވަމުން ދިޔައީ ފުރުޤާން ސޫރަތެވެ. އެ ސޫރަތުގެ އެންމެ ފަހު އާޔަތްތަކުގެ ތެރެއިން އާޔަތަކާއި ހަމަވުމުން ކައިރީގައި އިން ނަސްރާ ރޯން ފެށިކަން ޔޫނުސްއަށް އެނގުނެވެ. އާޔަތުގައި ދެކެވޭ ވާހަކައެއް އެނގޭތޯ ޔޫނުސް ކިޔެވޭ އެއްޗަކަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. އޭނައަށް ޢަރަބި އެނގޭ މިންވަރުން ޔޫނުސްއަށް އެނގުނުހާ ވެސް އެއްޗަކީ އެ އާޔަތުގައި ހަމަ ޔަޤީނުންވެސް ޤާތިލުގެ ވާހަކައާއި ޢަޒާބުގެ ވާހަކަ އައިސްފައިވިކަމެވެ. އެއާއެކު ޔޫނުސްއަށް ވެސް ރޮވެން ފެށިއެވެ. އެ ދެކެވެނީ ޤާތިލަށް ލިބޭ ޢަޒާބުގެ ބޮޑުކަމުގެ ވާހަކައޭ ހިތާއެވެ. ސަލާން ދިނުމަށްފަހު ޔޫނުސް ނަސްރާ ގާތު ސުވާލެއް ކުރަން އުޅުނުތަނާ ނަސްރާ ތެދުވެގެން ގޮސް ސައިޑް ޓޭބްލް މަތީގައި އޮތް ޚަތިމް ނަގައިގެން އައިސް ދެންމެ ކިޔެވި އާޔަތްތައް ދައްކައި އެ އާޔަތްތަކުން ބުނާ އެއްޗެއް ކިޔައިދިނެވެ. އެ ވާހަކަތައް އިވިފައި ޔޫނުސްއަށް ނަމާދުގައި ރޮވުނު ވަރަށްވުރެ ވެސް ބޮޑަށް ރޮވުނެވެ. އެ އާޔަތްތަކުގައި އޭނަ ހިވެސް ނުކުރާހާފަދަ ރަޙުމަތެއްވުމުން އޭނަގެ ހިތަށް ކެތްނުކުރެވުނީއެވެ.
އެދުވަހަށްފަހު ޔޫނުސް ވެސް ޤުރުއާނުގެ އާޔަތްތަކުން ބުނާ އެއްޗެއް ރަނގަޅަށް ދެނެގަންނަން ބޭނުންވިއެވެ. އޭނަ ނެޓުން ސާޗްކޮށް އެފަދަ މަޢުލޫމާތު ލިބޭނެ ސައިޓްތައް ހޯދައި ފޮތްތައް ޑައުންލޯޑް ކުރިއެވެ. ޔޫނުސް އޭނައަށް ހުސް ވަގުތު ލިބޭ ވަގުތުތަކުގައި ހީވާގިކަމާއެކީ ފޮތްތައް ކިޔައި ނުކުތާތައް ނަގަމުން ދިޔަ މަންޒަރު ފެނިފައި ނަސްރާއަށް ހިނިތުންވެލެވެއެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ އޭނަ އެގޮތަށް އުޅުނު ދުވަސްވަރެވެ. ފަހަކަށް އައިސް އޭނަ އެފަދަ ކަންތައް ކުރުމަށް ޖޯޝެއް ނުހުރެއެވެ. އެ ޖޯޝު އަނބުރާ އަންނާނެނަމައޭ ނަސްރާގެ ހިތަށްއަރައެވެ. ޔޫނުސްގެ އެހީއިން ނަސްރާގެ އެ އެދުން ފުރިހަމަވިއެވެ. އެއީ ޚުދު ޔޫނުސްއަށް ވެސް އެކަން ނޭނގިއެވެ. ޔޫނުސް އޭނަ އުނގެނެމުން ދިޔަ އެއްޗެހި ފޯރިއާއެކީ ނަސްރާއާއި ޙިއްޞާކުރަމުން ދިޔައެވެ. ކުރީކޮޅު ޔޫނުސް ކިޔައިދިނީ ނަސްރާއަށް އެނގޭ ވާހަކަތަކެވެ. ނަމަވެސް ފަހުން ޔޫނުސް ނަސްރާއަށްވުރެ ވެސް މަޢުލޫމާތު މުއްސަނދިވިއެވެ. ނަސްރާއަށް މާނަ ރަނގަޅަށް ނޭނގޭ އާޔަތްތައް ޔޫނުސް ކިޔައިދިނުމުން އޭނައަށް ހީވީ އޭނަ އަލަށް ޤުރުއާނަށް ތަޢާރަފުވީހެންނެވެ. ކިތަންމެ އަވަދިނެތި އުޅުނަސް ދުވަހުގެ ކޮންމެވެސް ވަގުތެއް ޤުރުއާނަށް ހުސްކުރަން ނަސްރާއަށް ޢަޒުމް ކަނޑައެޅުނެވެ.
ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް އާ އަހަރެއް ފެށިގެން ދިޔައެވެ. އަފްރީންއަށް ޖެނުއަރީގައި އޭނަގެ އޯ ލެވެލް އިމްތިޙާނުގެ ނަތީޖާ ލިބުނެވެ. 5 އޭ ސްޓާރ އާއި 2 އޭ ފެނިފައި އަފްރީން ފަޚުރުވެރިވާކަށް ބޭނުމެއްނުވިއެވެ. ކާމިޔާބު ލިބުން ވަނީ އޭނަގެ އަތުގައެއްނޫންކަން އެނގޭތީވެއެވެ. އޭނަ ކިތަންމެ މަސައްކަތް ކުރިޔަސް ކާމިޔާބު ނުލިބި ހިނގައިދާނެކަން އޭނައަށް އެނގެއެވެ. އަދި މި ދުނިޔޭގައި ކާމިޔާބެއް ލިބުނަސް އެކަމަކުން އޭނަގެ ދެން އޮތް ޙަޔާތަކަށް ވަކި އިތުރެއް ނުވާނެކަން ހަނދާން ހުރީތީވެއެވެ.
އޭގެ މަސްތަކެއްފަހުން އަފްރީންގެ މަތީ ސާނަވީ ތަޢުލީމު ފެށުމަށް އޭނަ ތައްޔާރީތަކެއްވަމުން ދިޔައެވެ. އޮރިއެންޓޭޝަން އޮތް ރޭ އަފްރީން އޭނަގެ އާ ޔުނިފޯމްގައި އޭނަގެ އާ ސްކޫލަށް ދިޔައެވެ. ޖިޕުން ފައިބައިގެން ގޮސް ސްކޫލްގެ ގޭޓުން އަފްރީން ވަދެގެން ދިޔައީ ބީރައްޓެހި ގޮތަކަށެވެ. އޭނައަށް ވަށައި ހޯދެމުން ދިޔައީ އެނގޭ މީހަކު ފެނޭތޯއެވެ.
“އަފޫ…..” ވަރަށް ކައިރިން އިވުނު ފިރިހެން އަޑަކާއެކީ މީހަކު އޭނަގެ އަތުގައި ހިފާލިހެން ހީވި ވަގުތު އަފްރީންއަށް ތެޅިގަންނަމުން އޭނަގެ އަތް ދަމައިގަނެވުނެވެ.
ނުނިމޭ