Hijra (Part 27)
“އަދިވެސް އެމީހުންގެ ބިރު ދެއްކުންތަކަށް ނިމުމެއްނާދޭ. ނޫހުގެ އޮފީހުން ވަރަށް ގިނަ އެއްޗެހި މަދު އެބަވޭ ދޭތެރެ ދޭތެރެއިން. އެމީހުން އަމިއްލައަށް ބުނަނީ ތިމަންނަމެންނޭ ވަގަށް ނަގަނީ. ދެން އެއްދުވަހު ސައިޓްވެސް ހެކްކުރަން މަސައްކަތް ކުރި. ކޯޓަށް މައްސަލަ ހުށަހެޅީމަ މާ ބޮޑު ކަމެއްނުވޭ. އަނެއްކޮޅުން މިހާރު ނަވާޒްގެ ނައިބު އަމީން ވެސް މިކޮޅަށް އައިއްސަ އެބަހުރި. އޭނަ އައީ ކުޑަ ކަމަކުއޭ އަހަރެން ނުބުނާނަން.” ނާސިފް ބުންޏެވެ. ޔޫނުސްއަށް އަޑުއަހައިގެން އިނދެވުނީ ބުމަގޮށްޖެހިފައެވެ. އޭނައަށް ކުއްލިއަކަށް މި ހުރެވުނު ތަނަށާއި އަމިއްލަ ނަފްސަށް ވެސް ރުޅި އާދެވުނެވެ. އޭނަ މި މަސައްކަތް ކޮށްދެނީ ހާދަ ދަށު ދަރަޖައިގެ ބަޔަކަށޭ ހިތަށްއެރިއެވެ.
“ހެލޯ ޔޫނުސް؟” ޖަވާބެއް ނުލިބި ގިނަ އިރުވުމުން ނާސިފް ގޮވާލިއެވެ. ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ޔޫނުސް އެއްޗެކޭ ބުނަން އުޅުނުތަނާ އޮފީހުގަ އުޅޭ ޝިފާޒް އޭނަގެ ރޫމަށް އައިސް ވަނެވެ. އެއާއެކު ޔޫނުސް ފަހުން ގުޅާނެކަމަށްބުނެ ފޯނު ކަނޑާލިއެވެ.
އޮފީހުން ގެއަށް ދިޔަ މަގުމަތީގައި ސައިކަލުމަތިން ވެސް ޔޫނުސްއަށް ވިސްނެމުން ދިޔައީ ނާސިފް ބުނި އެއްޗަކާއި މެދުގައެވެ. އަމީން މިކޮޅަށް އައިސްފައިހުރީ ކީއްކުރަންބާއޭ ހިތަށްއެރިއެވެ. ނާސިފް ބުނިހެން އޭނަ އަންނާނީ ބޮޑު ކަމެއްގައެވެ. އެކަހަލަ ބަޔަކަށް މަސައްކަތްކޮށްދީގެން އޭނައަށް މި ކުރެވެނީ ރަނގަޅު ކަމެއްބާއޭ ފުރަތަމަ ފަހަރަށް ޔޫނުސްގެ ހިތް ސުވާލު ކުރިއެވެ.
ޔޫނުސް އެކި ފިކުރުތަކުގައި ހުރެ ސައިކަލު ދުއްވާފައި ގޮސް ގޭގެ ފެންޑާއަށް ވެއްދިއެވެ. ސައިކަލުން ފައިބައިގެން ގޮސް ގޭގެ ދޮރު ހުޅުވާލިތަނާ މީހަކު އޭނަގެ އަތުގައި ހިފައި އެތެރެއަށް ދަމާލިއެވެ. ޔޫނުސްއަށް ނުވެއްޓި ސަލާމަތް ވެވުނީ ކިރިޔާއެވެ. އޭނަ މަޑުޖެހިލީ ވަގުތު މަޑު ދެއަތަކުން އޭނަގެ ގައިގައި ވަށާލެވިފައިވިއެވެ. މިވީގޮތް ނަގައިގަނެވުމުން ޔޫނުސްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ. އޭނަވެސް ނަސްރާގެ ގައިގައި ބާރަށް ބައްދާލި ވަގުތު އެމީހުންގެ ފުރަގަހުގައި ހުރި ދޮރު ލަސްލަހުން ގޮސް ލެއްޕުނެވެ.
“ކޮޕީކުރަން ދަންނަ ކުދިން ވެސް އުޅޭ.” ޔޫނުސް ސަމާސާވެރި ރާގަކަށް ބުނެލިއެވެ.
“އަސްލުވެސްތަ؟ މިގޭގަ ނުއުޅޭ.” ނަސްރާ ޔޫނުސްއާއި ދުރުނުވެ ހިނިތުންނުވާން މަސައްކަތް ކުރަމުން ބުނެލިއެވެ. ޔޫނުސްއަށް ހީލެވުނެވެ.
“ކާކު ކައިރިތަ ތިބުނަނީ…..އޭ އަދިވެސް ހުން ނުދަނީތަ؟” ޔޫނުސް ނަސްރާއާއި ދުރުވެލަމުން އޭނަގެ ނިތުގައި އަތުގެ ނުފުށް ޖައްސާލިއެވެ.
“ހޫމް….3 ދުވަސް ވަންދެން ލީވް ނަގައިގެން މިހިރީ. ހިނގާ އަވަހަށް ކާން.” ނަސްރާ އެހެން ބުނެލަމުން ދާން ހިނގައިގަތެވެ.
“ކީއްވެ ނުކައި ހުރީ؟ މިއަދު ފަތިހު ކައްކާފައެއްނު ހުރީ؟” ޔޫނުސް ކުރިއަށް ހިނގައިގަންނަމުން އަހާލިއެވެ.
“ކާހިތެއްނުވީމަ ނުކެއީ.” ނަސްރާ ހިނގަމުން ޔޫނުސްއަށް ލުއިގޮތަކަށް ބަލާލަމުން ބުންޏެވެ.
“އަހަރެން ނެތީމަ ކާހިތެއްނުވަނީ؟” ޔޫނުސް އޭނަގެ ހިނިތުންވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭގެ ޖަވާބަކަށް ނަސްރާ ފަސްއެނބުރި ޔޫނުސްއަށް ބަލާފައި ދޫ ނެރެލިއެވެ. ޔޫނުސް މިފަހަރު ހީލިއިރު އޭނަގެ މޫނު ރަތްވިއެވެ.
ސުފުރާ ދޮށުގައި ނަސްރާއާއެކީ ކާން އިންއިރު ޔޫނުސް އިނީ މިއަދު އޮފީހުގައި އިވުނު ވާހަކަތަކާއިމެދު ހަނދާން ނެތިފައެވެ. ނަމަވެސް ކާގޭގައި ޖައްސާފައި ހުރި ރޭޑިޔޯއިން އެންމެ މަޝްހޫރު ނޫހުގެ ވާހަކަ ދައްކަން ފެށުމުން ޔޫނުސްގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ. ނާސިފް ސީރިއަސްކަމާއެކީ ދެއްކި ހުރިހާ ވާހަކައެއް ހަނދާންވެފައި ޔޫނުސްގެ މޫނުމައްޗަށް ވެސް ސީރިއަސްކަން ވެރިވިއެވެ.
“ވާވް! އެޗް.އެން ނިއުސް ދަށަށް ފޮނުވާލައިފިޔޯ.” ނަސްރާ ހެވިފައި އިނދެ އެހެން ބުނެލީ ޔޫނުސް އެވާހަކަ ސަމާސާއެއްގެ ގޮތުގައި ނަގާނެ ކަމަށެވެ. ނަމަވެސް ޔޫނުސް އޭނައަށް ބަލާފައި ގަދަކަމުން ހިނިތުންވެލީ ގޮތުން ނަސްރާއަށް ބުނެވުނު އެއްޗަކާމެދު ހިތާމަ ކުރެވުނެވެ. އޭނަ ބުނާނެ ވަކި އެއްޗެއް ނޭނގިފައި އިންދާ ޔޫނުސް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“ނަސްރާ…….އަހަންނަށް މި ކުރެވެނީ ރަނގަޅު ކަމެއްތަ؟” ޔޫނުސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ސުވާލުކުރިއެވެ.
“ކޮން ކަމެއް؟” ނަސްރާ މަޑުމައިތިރި ކަމާއެކީ އަހާލިއެވެ.
“ނަވާ…..އަމީން ކަހަލަ މީހުންނަށްޓަކައި މަސައްކަތް ކޮށްދިނުން. އަހަރެން އެއްވެސް ދޮގު ޚަބަރެއް ނުލިޔަން. އެކަމަކު އެމީހުން ވަރަށް ނުބައި ކަންތައް ކުރާކަން އަހަންނަށް އެނގޭ.” ޔޫނުސް ބުނެލިއެވެ. އޭނަ ފުރަތަމަ އުޅުނީ ނަވާޒްއޭ ކިޔައި ވާހަކަ ދައްކާށެވެ. އެހެނަސް ނަސްރާ އޮންނަނީ ނަވާޒްއަށް ބައްޕަ ނޫން އެހެން އެއްޗެކޭ ކިޔުން މަނާކޮށްފައެވެ. ޔޫނުސް އަމީންގެ ވާހަކައަށް ބަދަލުކޮށްލީ ބައްޕައޭ ކިޔައި ވާހަކަ ދައްކަން ބޭނުން ނުވީތީވެއެވެ.
ނަސްރާ މޭޒުމަތީގައި އޮތް ޔޫނުސްގެ އަތްމަތީގައި އެއްއަތް އަޅާލިއެވެ.
“ޔޫނުސް، ޔޫނުސް އަމިއްލައަށް ތި ބުނަނީ އެއީ ގޯސް ކަމެއްހޭ. މާނައަކީ ޔޫނުސްއަށް ވެސް އެބަ އެނގެޔޭ ތި ކުރެވެނީ ރަނގަޅުކަމެއްނޫންކަން. ޔޫނުސް ދޮގެއް ނެހެދިޔަސް ޔޫނުސްގެ ލިޔުންތަކުން ތި ހިތްވަރު ދެވެނީ ރަނގަޅު ބަޔަކަށްނޫން. ޔޫނުސްއަށް މުސާރަދޭ މީހުންނަކީ ކަމުނުދާ ގޮތްގޮތަށް ފައިސާ ހޯދާ މީހުންކަން އެއްފަހަރު ސާބިތުވެސް ވެފައިވި…….އަހަރެން މި ވާހަކަތައް ދައްކަން ހުންނަތާ ބައިވަރު ދުވަސްވެއްޖެ. ޔޫނުސް ދެރަ ނުވާ ކަހަލަ ގޮތަކަށް ބުނަން ނޭނގިގެން ހުރީ. އެކަމަކު މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންތައް ޔޫނުސް.” ނަސްރާ ބުނެލިއެވެ. ޔޫނުސް އިރުކޮޅަކު އިސްޖަހައިގެން އިނދެފައި ތުން ފިއްތާލަމުން ބޯޖަހާލިއެވެ.
އޭގެ ހަފްތާއެއްހާ ދުވަސްފަހުން އަފްރީންގެ ކިޔެވުން ފެށިގެން ދިޔައެވެ. ސްކޫލަށް ގޮސް އޭނަގެ ކުލާހަށް ވަތް ފުރަތަމަ ދުވަހު އަފްރީން ކުލާހުގެ ވަށައި ހޯދާލިއެވެ. ފަހަތު ބަރީގައި ނައުފާގެ ކައިރީގައި ހުސް ގޮނޑިއެއް ހުރިތަން ފެނިފައި އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުރެ އެދިމާލަށް ދިޔައެވެ. ނަމަވެސް އަފްރީންއަށްވުރެ ކުރިން އޭނަގެ ފަހަތުން އައި ފަލަކް ގޮސް އެ ގޮނޑީގައި އިށީނެވެ. ނައުފާ އުފަލުން ހުރެ ފަލަކާއި ވާހަކަ ދައްކަން ފެށިތަން ބަލަން ހުރެފައި އަފްރީން ފަސްއެނބުރި އެހެން ގޮނޑިއެއް ހުރިތޯ ބެލިއެވެ. ފިރިހެން ކުދިންގެ ނުފުރި ހުރި ބަރީގައި ހުރި ގޮނޑިތައް ފިޔަވައި ދެން ހުސް ގޮނޑިއެއް ހުރީ އެންމެ ފުރަތަމަ ބަރީގެ ކޮޅުގައެވެ. އެ ބަރީގައި ތިބީ ކުރިން ވެސް އަފްރީނާއި އެއްކުލާހެއްގައި އުޅުނު އަންހެން ކުދިބަޔެކެވެ. އެހެނަސް އަފްރީން އޭރު އެކުދިންނާއި އެހާ އެކުވެރި ނުވީ އެއީ ކަޓު ކުދިން ކަމުގައި ދެކުނީތީވެއެވެ. އެއީ އެކުދިން އަބަދުވެސް މަޑުމައިތިރިކޮށް ފިރިހެން ކުދިންނާއި ދުރުދުރުން އުޅޭތީވެއެވެ. އެމީހުންނާއި އެކުވެރި ނުވި ސަބަބު ހަނދާންވެފައި އަފްރީންއަށް އިސްޖަހާލެވުނެވެ. އޭނަ އޭރު ހާދަ ގޯހޭ ހިތަށްއެރިއެވެ. ނަމަވެސް ދެން އިތުރަށް ގޯސް ނުވުމަށް އަފްރީން އެކުދިންގެ ގާތަށް ދިޔައެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް އަފްރީން ފެނުމާއެކު އެކުދިން ހިނިތުންވެލިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އެކުދިން އަފްރީނާއި އެކުވެރިވިއެވެ.
އެސަމްބްލީއަށްޓަކައި އެސަމްބްލީ ގްރައުންޑަށް ގޮސް ހުއްސަށް ތިބި ވަގުތުކޮޅުގައި އަފްރީންއަށް މެދުކެނޑުމެއްނެތި އިވެމުން ދިޔައީ ނައުފާމެން މިސްބާޙޭ ކިޔާ އަޑެވެ. މިސްބާޙް އޭނައަށް ފްރެންޑް ރިކުއެސްޓެއް ފޮނުވި ވާހަކަ އަމާނީ ބުނީ ފަޚުރުވެރިވެފައެވެ. ނައުފާ މިސްބާޙްގެ ރީތި ކަމުގެ ވާހަކަ ދައްކަމުން ގޮސް އޭނަ ހުރީ އަހަރުމެން ކުލާހުގައޭ ބުނި އަޑު އިވިފައި އަފްރީންގެ ހިތް ނުތަނަވަސްވިއެވެ. މިސްބާޙަކީ އެރޭ ފެނުނު ޒުވާނާކަން ޔަޤީނާއި ގާތްވީތީވެއެވެ. އޭނައަށް ސަމާލުކަން ދެމުން އަންނަ އެހާ ރީތި ޒުވާނަކާއިއެކީ ގާތުން އުޅެން ޖެހުމުން އޭނައަށް ވާނެގޮތެއް ނޭނގޭތީވެއެވެ. އޭނަގެ ހިތަށް ސާބިތުކަން ދެއްވުމަށް އެދި އަފްރީންއަށް ސިއްރު ސިއްރުން ދުޢާކުރެވުނެވެ.
އެސަމްބްލީ ނިމި އަނބުރާ ކުލާހަށް އައުމުން އަފްރީންމެންގެ ކުލާސް ޓީޗަރު ރަޖިސްޓާރ މާކު ކުރަން ފެށިއެވެ. އެކި ކުދިންގެ ނަންތައް ވަކިވަކިން ކިޔަމުން ގޮސް އެއް ނަމަކަށް މަޑުކުރަން ޖެހުނެވެ.
“އަޙުމަދު މިސްބާޙް އަމީން….” ޓީޗަރު ނަން ކިޔައި ޖަވާބެއް ނުލިބުމުން ކުލާހުގެ ވަށައި ހޯދާލިއެވެ. ކުލާހުގައި ތިބި ކުދިން ވެސް ފިރިހެން ކުދިންގެ ގޮނޑި ބަރިއަށް ނަޒަރު ހިންގައިލިއެވެ.
“މިސްބާޙް…..އެބްޒެންޓް؟” ޓީޗަރު ސުވާލުކުރިއެވެ. ދެ ކުއްޖަކު މަޑުމަޑުން ޔެސްއޭ ބުނެލިތަނާހެން ކުލާހުގެ ދޮރުމައްޗަށް މީހަކު އެރިއެވެ.
“ޕްރެޒެންޓް!” އެހެން ބުނެލި އަޑަށް ކުލާހުގައި ތިބި އެންމެންގެ ނަޒަރު ދޮރާއި ދިމާލަށް ދަތުރުކުރިއެވެ. އެވަގުތު ދޮރުމަތީގައި ހުރީ އެއްކޮނޑުގައި ކަޅުކުލައިގެ ދަބަހެއް އަޅައިގެން ހުރި މިސްބާޙެވެ. ޓައި އަޅައިގެން އަތް ދިގު ޔުނިފޯމުގެ އަތުކުރި އުޅަނބޮށްޓާއި ހަމައަށް އޮޅައިގެން ހުރި ގޮތުން އޭނަ ބައެއް އަންހެން ކުދިންގެ ހިތްތައް އަތުލައިފިއެވެ. އޭނައަށް ބަލަން ތިބި ނައުފާމެންގެ ދަތްތައް ފެންނަމުން ދިޔައެވެ. އަފްރީން ދެއަތް އުރައި ތިރި ބަލައިގެން ހުރީ މައްޗަށް ނުބަލަން ހުވާކޮށްގެން ފަދައެވެ.
މިސްބާޙް ކުލާހުގައި ތިބި ކުދިންނަށް ބެލުމެއްނެތި މުދައްރިސްގެ ގާތަށް ގޮސް ލަހުން އައީތީ އޭނައަށް ލިބުނު ސްލިޕްކޮޅު އެ މުދައްރިސާއި ޙަވާލުކުރިއެވެ. އެއަށްފަހު ފަސްއެނބުރި އޭނަ އިށީންނަންޖެހޭ ތަނާއި ދިމާލަށް ހިނގައިގަތެވެ. އެންމެ ފަހަތުގައި ހުރި ގޮނޑި ބަރީގައި އިށީނުމަށް މިސްބާޙް މިސްރާބު ޖެހީ ފުރަތަމަ ބަރީގެ ކޮޅުގައި އިން އަފްރީންގެ ކައިރިންނެވެ. އަފްރީންގެ ގާތަށް އައި މަގުމަތީގައި އޭނަ ފަޓުލޫނުގެ ޖީބަށް އަތް ކޮއްޕައި ކުޑަ ރަތް ކުލައިގެ ކަރުދާސްކޮޅެއް ނެގިއެވެ. އެއަށްފަހު އެކަކަށްވެސް ފާހަގަ ނުވާނެހެން އަފްރީންގެ މޭޒުމަތީގައި އެ ގަނޑުކޮޅު ބޭއްވުމަށްފަހު އޭނަ ފަހަނަޅައި ދިޔައެވެ. އިސްޖެހިފައި އިން އަފްރީން ކުޑަކޮށް އިސްއުފުލާލި ވަގުތު އޭނައަށް އެ ގަނޑުކޮޅު ފެނުނެވެ. އޭނަ އެ ގަނޑުކޮޅު ނަގައި ބަލާލިއެވެ. އޭގައި އޮތީ “ގުޑް މޯނިންގް، ލަވް” މިހެންނެވެ. މިއީ ދެންމެ މިސްބާޙް ބޭއްވި އެއްޗެއްކަން ޔަޤީންވުމުން އަފްރީންގެ ގާތަށް ރުޅިއައެވެ. އޭނައާއި ދިމާލަށް “ލަވް” އޭ ކިޔަން މިސްބާޙަކީ ކާކު ހެއްޔެވެ؟ މި ނޯޓުކޮޅު ކިޔާފައި އަފްރީން މޮޔަވެގެން ގޮސް އޭނަގެ ގާތަށް ދާނެކަމަށް އޭނަ ހީކުރަނީ ހެއްޔެވެ؟ އަފްރީން ރުޅިން ރަތްވެފައި ހުރެ އެއްއަތުން އެ ގަނޑުކޮޅު ގުޅައަކަށް ލިއެވެ. އެއަށްފަހު ސީދާ އޭނަގެ ކުރިއްމައްޗަށްވާ ގޮތަށް ދުރުގައި ހުރި ޑަސްބިނާއި ދިމާލަށް އޭތި އެއްލާލިއެވެ. އަފްރީންގެ އަމާޒު ރަނގަޅުކަމުން އެ ގަނޑުކޮޅު ޑަސްބިންގައި ޖެހުނެވެ. މި މަންޒަރު އެންމެ ފަހަތު ބަރީގައި ހުރި ގޮނޑިއެއްގައި އޭނަގެ ދަބަސް ބޭއްވި މިސްބާޙަށް ފެނުނެވެ. އަފްރީންގެ އެ ޙަރަކާތުން އޭނަ ޙައިރާންވިކަން އެ މޫނުމަތިން އެނގެއެވެ.
އަފްރީން ރުއްސުމަކީ ފަސޭހަކަމަކަށް ނުވާނެކަން ފުރަތަމަ ދުވަހުވެސް މިސްބާޙަށް އެނގުންވިއެވެ. ނަމަވެސް އޭނަ ހުރީ ބަލި ޤަބޫލު ކުރާ ގޮތަކަށްނޫނެވެ. އޭނަގެ ޙަޔާތުގައި ދުވަހަކުވެސް އޭނަ ބޭނުންވާ އަންހެން ކުއްޖަކު އޭނައަށް ނުލިބިއެއްނެތެވެ. އޭނައަށް މިހާތަނަށް ފެނުނު ހުރިހާ އަންހެން ކުދިންވެސް ތިބެނީ އޭނަގެ އެންމެ ޢިޝާރާތަކަށް އިންތިޒާރު ކޮއްލަ ކޮއްލައެވެ. ކަން މިހެން އޮތްވާ އޭނައަށް ޙަޔާތުގައި އެއްފަހަރު ވެސް މަސައްކަތް ކޮށްފައި އަންހެން ކުއްޖަކު ނުލިބުނޭ ބުނުމުގެ ޖާގައެއް މިސްބާޙް ދޫކުރާކަށް ބޭނުމެއްނުވިއެވެ. އެ ވާނީ އޭނައަށް ބޮޑު ލަދަކަށެވެ. އެހެންކަމުން މިސްބާޙް އެކި ގޮތްގޮތުން އަފްރީން ރުއްސަން މަސައްކަތް ކުރަމުން ދިޔައެވެ. ސިނާންގެ ޚިޔާލާއި އެއްގޮތަށް މިސްބާޙް އަންނަނީ އޭނަގެ އެންމެ އަގު ބޮޑު އަތުކުރީ ގަޑި އަޅައިގެން އެންމެ ފަހުގެ ލެޕްޓޮޕް ހިފައިގެންނެވެ. ކޮންމެ ދުވަހަކު އައި ޕެޑް ހިފައިގެން އަންނައިރު ކޮންމެ ދުވަހަކަށް އައި ޕެޑްގައި ހުންނަނީ ތަފާތު ކަވަރެކެވެ. ސިނާން ބުނެގެން ވަކި ވައްތަރެއްގެ ސެންޓެއް ޖަހައިގެން ވެސް މިސްބާޙް ސްކޫލަށް އަންނަން ފެށިއެވެ. އެކި ގޮތްގޮތަށް އަފްރީނާއި ހިނިތުންވެ އެއްލޯމަރަމުން ދިޔައެވެ. އަފްރީންގެ މޭޒުގެ ކަބަޑުގައި ސިއްރުން ޗޮކްލެޓާއި މާތަކާއި ނޯޓުކޮޅުތައް ބަހައްޓަން ފެށިއެވެ. އެހެނަސް މީގެއިން އެއްވެސް ކަމަކުން އަފްރީންގެ ކުޑަވެސް ސަމާލުކަމެއް މިސްބާޙަށް ލިބޭގޮތެއް ނުވިއެވެ. އޭނަ ދޭ ކޮންމެ ހަދިޔާއެއް އަނބުރާ އޭނަގެ އަމިއްލަ ކަބަޑަށް އާދެއެވެ. ކޮންމެ ދުވަހަކުހެން އަފްރީން އޭނައަށް ލުއި ގޮތަކަށް ބަލާފައި ދުރުބަލަނީއެވެ. ސިނާނަށް މި ވާހަކަތައް ކިޔައި ދިނުމުން ސިނާން ބުނީ އަފްރީނަށްވުރެ ބޮޑަށް ކިޔެވުމަށް މޮޅުވުމަށެވެ. އެހެންކަމުން މިސްބާޙް އޭނަ ދުވަހަކުވެސް ނުކިޔަވާ ވަރަށް ކިޔަވައި ކްލާސް ޓެސްޓުތަކުން ފުލް މާކްސް ހޯދަން ފެށިއެވެ. އޭނައަށް ނިކަން އުނދަގޫ ޓެސްޓަކުން ފުލް މާކްސް ލިބުނު ދުވަހު މިސްބާޙް ހީކުރީ އަފްރީން އޭނައަށް ފްރެންޑް ރިކުއެސްޓެއް ފޮނުވައި އޭނަގެ މޮޅު ވާހަކައިން އެ ދެމެދުގައި ވާހަކަ ފެށޭނެ ކަމަށެވެ. ނަމަވެސް ކަންތައް އެގޮތަށް ނުވުމުން މިސްބާޙްގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.
“އެއީ ވަރެއްގެ އަންހެނެއް!” މިސްބާޙް އޭނަގެ ކޮޓަރީގައި ދެކޮޅަށް ހިނގަމުން ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ އެހެން ބުނެލީ ހަރު އަޑުންނެވެ.
“އޭނަ ހަމަ އެކްޓު ޖައްސަނީ. ރަނގަޅަށްވިއްޔާ އޭނަ މިހާރު މިސްބާއާ އިނުމުގެ ހުވަފެންތަކެއްވެސް ދެކެމުންދާނެ. މާދަމައިން ފެށިގެން އޭނައާއި ވާހަކަ ދައްކާ.” ފޯނުގެ އަނެއްކޮޅުގައި ހުރި ސިނާން ބުނެލިއެވެ.
“މަށަކަށް ނޭނގެ ދައްކާނެ ވާހަކައެއްވެސް. އަހަންނަށް ހީވަނީ ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނަ ދުރުބަލަން ފަށާފާނެހެން.” މިސްބާޙް އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ.
“ދައްކާނެ ވާހަކައެއް ނޭނގެއޭ؟ ތިއީ މިސްބާތަ؟ މިސްބާއަށް އަންހެން ކުއްޖަކާ ދައްކާނެ ވާހަކައެއް ނޭނގެންޏާ ކާކަށް އެނގޭނީ؟” ސިނާން ބުނެލިއެވެ. ސިނާންގެ އެ ވާހަކަ އަޑު އިވިފައި މިސްބާޙްގެ ފިޔަވަޅުތައް މަޑުޖެހި އޭނަ ހިމޭންވިއެވެ. އޭނައަށް ދައްކާނެ ވާހަކައެއް ނޭނގެއޭ ބުނެވުނު ގޮތާއިމެދު ވެސް އޭނަ ޙައިރާންވިއެވެ. ސިނާން އެ ބުނީ ތެދެކެވެ. އޭނައަކީ މިސްބާޙެވެ. މިސްބާޙަށް ހައްލާލަން ނޭނގޭނެ އަންހެން ކުއްޖެއް ހުރުމަކީ ނާދިރު ކަމެކެވެ. ސިކުނޑިއަށް ވެރިވި ޚިޔާލުތަކަކުން އޭނައަށް އާ ހިތްވަރެއް ލިބުނެވެ. އޭނަ ފުން ނޭވައެއް ދޫކޮށް ސިނާންގާތު ތި ބުނީ ރަނގަޅަށޭ ބުނެލިއެވެ.
އެރެއިން ފެށިގެން އަނެއްދުވަހުގެ ހެނދުނާއި ހަމައަށް ވެސް މިސްބާޙް ވިސްނަމުން ދިޔައީ އަފްރީނާއި ވާހަކަ ފަށާނެ ގޮތަކާއި މެދުގައެވެ. އެކި މީހުން ދައްކާ ވާހަކަތަކުގެ އަޑާއި އިސްލާމް ގަޑީގައި އަފްރީން ފޯރިއާއެކީ ޖަވާބު ދޭ ގޮތުން އޭނަ ދީނަށް ޝައުޤުވެރިކަން ހުންނަކަން މިސްބާޙަށް އެނގެއެވެ. ދީނާއިމެދު އަފްރީނާއި ސުވާލު ކުރަންވީކަމަށް ސިކުނޑި ބުނި ވަގުތު މިސްބާޙްގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
އެދުވަހުގެ އިންޓަވަލް ގަޑީގައި އާދައިގެ މަތިން އަފްރީން އިނީ ކުލާހުގައި އެދުވަހު ދެވުނު ފިލާވަޅުތައް ހަދާށެވެ. އިންޓަވަލްގައި ވެސް އެހާ ގިނަ ވަގުތު ބޭކާރު ކުރުމަކީ އަފްރީން އެދޭ ގޮތަކަށް ނުވާތީވެއެވެ. ހުރިހާ ފިލާވަޅުތައް ހަދައި ނިމުމުން އަފްރީން ޓެކްސްޓް ފޮތެއް ނަގައި މިއަދު ދެން ކުރިއަށް އޮތް ގަޑީގައި ކިޔަވައިދޭނެ ފިލާވަޅު ހޯދަން ފެށިއެވެ. އަފްރީން އޭނަގެ އަތްމަތީގައި ފޮތް ބާއްވައިގެން ފޮތުގެ ގަނޑުތައް އުކަމުން ދަނިކޮށް ކުލާހަށް މީހަކު ވަންހެން ހީވެ އޭނައަށް ދޮރާއި ދިމާލަށް ބަލާލެވުނެވެ. ހަމަ އެއާއެކު ދޮރުމައްޗަށް އެރި މިސްބާޙާއި އޭނަގެ ހަތަރުކަޅި ހަމަވުމުން އަފްރީން ސިހުންވެފައި ކަހަލަ ގޮތަކަށް ފޮތަށް ނަޒަރު ހުއްޓާލިއެވެ. މިސްބާޙް އަފްރީނަށް ބަލަމުން އޭނަ ހުންނަ ގޮނޑިއާއި ދިމާލަށް ދިޔައެވެ. އެވަގުތު އަފްރީނަށް އިނދެވުނީ ހިތް ނުތަނަވަސްވެފައެވެ. އެވަގުތު އޭނައާއި މިސްބާޙް ފިޔަވައި ކުލާހުގައި އެކަކުވެސް ނެތްކަން އެނގުންވީ ހިނދު އެ ހިތް ބިރުގަތެވެ. އަފްރީން ދެލޯ މަރައި ހަމައަށް ނޭވާ ލެވޭތޯ ބަލަމުން ބިރުގަންނަންވީ ސަބަބެއް ނެތްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ. މިސްބާޙް އޭނައަށް “ދައްކާ” ބައެއް ޙަރަކާތްތަކަކީ އަފްރީންގެ ހިތުގެ ތެޅުން އަވަސްކުރުވާ ޙަރަކާތްތަކަކަށް ވިޔަސް މިސްބާޙަކީ އެހާ ރަނގަޅު މީހެއްނޫންކަން އޭނަ ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިސްބާޙަކީ ހެޔޮ ވިސްނޭ މީހަކަށްވިނަމަ އޭނަގެ އެހާ ގިނަ ވަގުތު އަންހެން ކުއްޖަކު ރުއްސުމަށް ހުސްކޮށްނުލީހެވެ. މިސްބާޙް އޭނައަށް އެ “ދަޢުވަތު” ދޭ ކަންތައް ކުރާކަށް އަފްރީން އެއްގޮތަކަށް ވެސް ބޭނުމެއްނުވެއެވެ. މީގެ މަސްތަކެއް ކުރިން އޭނަ ވި އަނދިރިގަނޑަށް އަނބުރާ ދާކަށް އޭނަ އެއްވެސް ޙާލެއްގައި ނޭދެއެވެ. އޭނަގެ ހިތަކީ ﷲ ގެ ހަނދުމައިން ދުރުގައިވާ އެއްޗަކަށް އަނެއްކާވެސް ހަދާކަށް އޭނަ ބޭނުމެއްނުވެއެވެ. އަފްރީނަށް އޭނަގެ ހިތަށް ޘާބިތުކަން ދެއްވުމަށް އެދި ތަކުރާރުކޮށް ސިއްރުސިއްރުން ދުޢާކުރެވެން ފެށިއެވެ.
އަފްރީން މަޑުމަޑުން ދުޢާކޮށްކޮށް އިންދާ މިސްބާޙް ލޮގް ފޮތަކާއެކީ އޭނަ ގާތަށް އައިސް އެ ފޮތް އަފްރީންގެ ހުސް މޭޒުމަތީގައި ބޭއްވިއެވެ.
“މި ސުވާލު ހަދަން އެނގޭތަ؟ މިއީ އިއްޔެގަ މެތްސް އެކްސްޓްރާގަ ދިން ސުވާލެއް.” މިސްބާޙް އޭނަގެ ފޮތުގައި އެންމެ ފަހަކަށް ލިޔެފައި އޮތް އަލްޖެބްރާ ސުވާލު ދައްކަމުން ބުނެލިއެވެ. އަފްރީން އެއްފަހަރު އެއަށް އަނެއްފަހަރު މިސްބާޙަށް ބަލާލިއެވެ.
ނުނިމޭ