Hijra (Part 34)
“އޭނަ އައިއްސި.” ޒުވާނާ ބުނެލީ ހަމައެކަނި އެހާވަރަށެވެ.
އަފްރީން ފެންޑާ ތެރެއިން ހިނގާފައި ގޮސް މިސްބާޙްގެ ގޭގެ ލައްޕާލެވިފައިވާ ދޮރާއި ހަމަވުމުން މަޑުކޮށްލިއެވެ. އަދި އިރުކޮޅެއް ވަންދެން ކުރިމަތީގައި ހުރި ރަން ކުލައިގެ އަތްގަނޑެއް ލެވިފައިވާ މުށިކުލައިގެ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މިވަގުތު އޭނަ ސަލާމް ގޮވާލުމުން ވާނެގޮތް އަފްރީން ޚިޔާލަށް ގެނެވޭތޯ މަސައްކަތް ކުރިއެވެ. މިސްބާޙް އެ ދޮރު ހުޅުވާލަމުން ހިނިތުންވުމަކާއެކީ އަންނާށޭ ބުނެލާތަން ސިފަ ކުރެވުމުން ވެސް އަފްރީންގެ ފައިން ވާގި ދޫވާން އުޅުނެވެ. ގެއަށްދާންވީއޭ ހިތަށްއެރިއެއްކަމަކު އޭނަ އަންނާނެކަމަށް ވަޢުދުވީ ހަނދާންވެފައި އަފްރީންގެ ފައި މަސައްކަތް ނުކުރިއެވެ. އެހެން ނޫނަސް އޭނައަކީ ދުވަހަކުވެސް ގްރޫޕް މަސައްކަތެއްގައި ބައިވެރި ނުވެ ހުރި މީހެއްނޫނެވެ. އަފްރީން ވިސްނުމެއްގެ ތެރޭގައި ހުއްޓާ ގޭގެ ތެރެއިން ފިރިހެންވަންތަ އަޑަކުން އަފްރީންއޭ ކިޔާލި އަޑުއިވުނެވެ. އަފްރީން ހިސާބަކަށް ޙައިރާންވެފައި ކަނާތް ފަރާތަށް ބަލާލިއެވެ. އެވަގުތު އެގޭގައި ބޮޑުކޮށް ހުރި ކަޅުކުލައިގެ ކުޑަ ދޮރުން ގޭގެތެރޭގައި ހުރި މިސްބާޙް ހިޔަންޏެއްހެން އަފްރީނަށް ފެނުނެވެ. މިސްބާޙްގެ މޫނު ނުފެނުނެއްކަމަކު ބައްޓަމުން އެއީ ހަމަ މިސްބާޙްކަން އަފްރީނަށް އެނގުނެވެ. މިސްބާޙް ހުރީވެސް އޭނައަށް ބަލަހައްޓައިގެންކަން އަފްރީނަށް ޔަޤީންކުރެވުނެވެ. އޭނައަށް ރަތްވެގެން ދިޔަ މޫނަކާއިއެކީ އިސްޖަހާލެވުނެވެ. ހަމަ އެވަގުތު މިސްބާޙް ގޭގެތެރެއިން ނަޝާއަށް ގޮވާލި އަޑު އިވުނެވެ. އޭގެ އިރުކޮޅެއްފަހުން އަފްރީންގެ ކުރިމަތީގައި ހުރި ދޮރު ހުޅުވިގެން ދިޔައެވެ. އަފްރީން ހީކުރި ގޮތާއި ޚިލާފަށް އެ ދޮރުމައްޗަށް އެރީ ހެވިފައިހުރި ނަޝާއެވެ.
“ހާއި އަފޫ!” ނަޝާ އުޖާލާވި މޫނަކާއެކީ ބުނެލިއެވެ. ނަޝާ ފެނިފައި އަފްރީންގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. ނަޝާއަކީ އޭނަގެ ގާތް އެކުވެރިންގެ ތެރެއިން ކުއްޖެއްނޫނެވެ. ނަޝާއަކީ “ރަސްމީ ގޮތުން” ނައުފާމެންގެ އެކުވެރިއެކެވެ. ކުލާހުގައި ތިބޭ ހުރިހާ ކުދިންގެ ތެރެއިން އެންމެނާއި ވާހަކަ ދައްކާ ހަމައެކަނި މީހަކީ ނަޝާއެވެ. އޭނަ ބައެއްފަހަރު ދައްކާ ވާހަކަތަކުންނާއި އޭނަގެ ބައެއް ޢަމަލުތަކަކުން އަފްރީން އޭނައާއި މެދު ހިތްހަމަނުޖެހެއެވެ. އެހެނަސް ނަޝާ ޝައުޤުވެރިކަމާއެކީ އޭނަ ކައިރިން ޤުރުއާނާއިމެދު އިތުރަށް އުނގެނެން މަސައްކަތް ކުރާތީ އަފްރީން އުފާކުރެއެވެ. ނަޝާ ނަމާދު ގަޑީގައި ސްކޫލްގެ ޕްރޭޔާ ރޫމްއިން ވެސް އަފްރީނަށް ފެންނާތީ ނަޝާއަށްޓަކައި އަފްރީންގެ ހިތުގައި ލޯތްބެއް އުފެދިފައިވިއެވެ. ބޭރުފުށުން ކުރު ޓޮޕްތަކާއި ބާރު ޖިންސާއެކީ ކުރުކޮށް ބުރުގާ އަޅައިގެން ހުއްޓަސް އެތެރެފުށުގައިވާ އެއްޗެއް ހަމަ ނޭނގޭނެތާއޭ އަފްރީންގެ ހިތަށްއަރައެވެ. އޭނަ ނަޝާއަށްޓަކައި ރަނގަޅު އެކުވެރިއަކަށްވެއްޖެނަމަ އެ ކަންތައްތައްވެސް އަދި ފަހުން އިސްލާޙުވާނެ ކަމުގައި އަފްރީންގެ ހިތް ބުނެއެވެ.
މިސްބާޙްގެ ގެއަށް ވަތްއިރު މިސްބާޙާއި ފާރިޝް އެ ގޭގެ ބޮޑު ސިޓިންގް ރޫމުގެ ސޯފާގައި ތިބެ ކިޔަވައިދެވޭނެ ރަނގަޅު ގޮތްތައް ލެޕްޓޮޕުން ސާޗް ކުރަމުން ދިޔައެވެ. ނަޝާ މިހިރީ އަފޫއޭ ބުނުމުން މިސްބާޙް ލުއި ގޮތަކަށް އޭނައަށް ބަލާފައި ލެޕްޓޮޕަށް ނަޒަރު ހުއްޓާލި ގޮތުން އަފްރީން ކިތަންމެ ބޭނުމެއްނުވިޔަސް އޭނަގެ ހިތަށް އުނދަގޫވިއެވެ. އޭނަ އެ އިޙްޞާސްމަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ނަޝާއާއެކީ އެތާ ޖެހިޖެހިގެން ވަކިން ހުރި ދެ ސޯފާގައި އިށީނެވެ. އިށީންތާ މާ ގިނައިރެއްނުވެ މިސްބާޙް ސީރިއަސް ނަޒަރެއްގައި ހުރެ ވާހަކަ ދެއްކިއެވެ. އޭނައަށް ދެންމެ ލިބުނު ޚިޔާލުތައް ޙިއްޞާކުރިއެވެ. މި މަސައްކަތަކީ ފިޒިކްސްގެ ފިލާވަޅެއް ކުލާހަށް ކިޔަވައިދިނުމުގެ މަސައްކަތަށްވުމުން މިސްބާޙް ގިނައިން ކިޔައިދެމުން ދިޔައީ ދަރިވަރުންގެ ސަމާލުކަން ހޯދަން ކުރެވޭނެ ކަންތައްތަކުގެ ވާހަކައެވެ. މިސްބާޙް ވާހަކަ ދައްކަމުން ދިޔައިރު ފާރިޝް އޭނަގެ ޚިޔާލު ފާޅުކުރަމުން ދިޔައެވެ. ނަޝާ ހޫންލައްވަމުން ދިޔައިރު އިސްޖެހިފައި އިން އަފްރީން ބޯޖެހުން ނޫންކަމެއް ނުކުރެއެވެ. 15 މިނެޓްގެ މަޝްވަރާއަށްފަހު މިސްބާޙް ކުރަންޖެހޭ މަސައްކަތް ދެބަޔަކަށް ބަހައި މަސައްކަތްތައް ޙަވާލުކުރިއެވެ. މިސްބާޙް ރޭވި ގޮތުން ޕްރެޒެންޓޭޝަނަކާއި ޕޯސްޓަރެއް ހަދަންޖެހެނީ އަފްރީނާއި ނަޝާއެވެ. މޮޑެލްއެއް ތައްޔާރު ކުރަންޖެހެނީ އޭނައާއި ފާރިޝްއެވެ. އެވާހަކަތައް އަޑު އިވިފައި އަފްރީންގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. މިސްބާޙް ބޭނުންވިނަމަ އޭނައާއި މިސްބާޙް އެއްމަސައްކަތެއް ކުރާގޮތަށް ނިންމުނީހޭ ހިތް ބުންޏެވެ. އޭނަ އެހެން ނެހެދުމުން އަފްރީންގެ ހިތުގައި މިސްބާޙަށްޓަކައި ޤަދަރެއް އުފެދުނެވެ. އެ ޤަދަރު އިތުރުވެގެން ދިޔައީ މިސްބާޙް އޭނައާއި ނަޝާ ގާތު މަތީ ބައިގައި ހުރި ކޮޓަރިއަކަށް ދިޔުމަށް އެންގުމުންނެވެ. މިސްބާޙާއި ފާރިޝް މަސައްކަތް ކުރަން ތިބޭނީ ތިރީ ބައިގައިކަން އެނގުމުން ސިޑިން މައްޗަށް އަރަމުން ދިޔަ އަފްރީންގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. މިސްބާޙަށްޓަކައި ހިތާހިތުން ހެޔޮ ދުޢާ ކުރެވުނެވެ.
ނަޝާއާއެކީ މިސްބާޙް ބުނި ކޮޓަރިއަށް ވަތްއިރު ވެސް އަފްރީނަށް ހުރެވުނީ މިސްބާޙްގެ ޚިޔާލުތަކުގައެވެ. އޭނައަށް އެ ޚިޔާލުތަކުން ނިކުމެވުނީ ނަޝާ ކޮޓަރީގެ ބޮޑުކަމުގެ ވާހަކަ ދައްކަން ފެށުމުންނެވެ. އަފްރީނަށް ވެސް ކޮޓަރީގެ ވަށައި ނަޒަރު ހިންގާލެވުނެވެ. އެއީ ބޮޑު ކޮޓަރިއަކަށް ވިޔަސް އެ ކޮޓަރީގައި މާ ގިނަ އެއްޗެއް ނެތެވެ. ބޮޑު އެނދަކާއި ހެދުން އަލަމާރިއަކާއި ކިޔަވާ މޭޒެއް ފިޔަވައި އެހެން އެއްޗެއް ނެތެވެ. ކޮޓަރިތެރެ ހިސާބަކަށް ފަޅުވުމުން މިއީ މީހަކު ނުއުޅޭ ކޮޓަރިއެއްކަން ނަޝާއާއި އަފްރީނަށް އެނގުންވިއެވެ. ނަޝާ ހޫނުވެގެން އުޅެނިކޮށް އެއްލި ކަޅިއަކުން ކިޔަވާ މޭޒުމަތީގައި އޮތް އޭސީ ރިމޯޓް ފެނިފައި ވަގުތުން އޭސީ ޖައްސާލިއެވެ. އެއަށްފަހު މަސައްކަތް އަވަހަށް ފަށައިގަތުމަށް އަފްރީނަށް އެންގިއެވެ. އަފްރީނަކީ އެހާ ރީތިކޮށް ކުރަހާ ކުއްޖަކަށް ނުވުމުން އޭނަ ނިންމީ ޕްރެޒެންޓޭޝަން ތައްޔާރު ކުރާށެވެ. ނަޝާ ނިންމީ ޕޯސްޓަރު ހަދާށެވެ. އަފްރީން އޭނަގެ ލެޕްޓޮޕް ހިފައިގެން ކިޔަވާ މޭޒުދޮށަށް ގޮސް މަސައްކަތް ފެށިއިރު ނަޝާ އޭނަ ގެނައި ބްރިސިލް ބޯޑު ބިންމައްޗަށް ފަތުރާލަމުން އޭގައި ފަންސުރުން ކުރަހަން ފެށިއެވެ. ދެކުދިން މަސައްކަތް ކުރިތާ އިރުކޮޅެއްފަހުން ނަޝާ އަފްރީނަށް ގޮވާލިއެވެ. އަފްރީން ލެޕްޓޮޕުން ނަޒަރު ވަކި ނުކޮށް ހޫންލައްވާލިއެވެ.
“އަފޫއަށް ހީވާގޮތުގަ ކީއްވެތަ މިސްބާޙް އަހަރުމެން މި ބަޔަށް ފޮނުވީ؟” ނަޝާ ނޭނގިގެން ކަހަލަ ގޮތަކަށް އަހާލިއެވެ. އަފްރީން ނަޝާއަށް ބަލާލިއެވެ.
“އެއީ އަންހެން ކުދިންނާއެކީ މަސައްކަތް ނުކުރަންވެގެން ކަންނޭނގެ.” އަފްރީން އޭނަގެ ހިނިތުންވުން ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން ބުންޏެވެ.
“އޮހް…….އޭނަ ހާދަ ޑީސެންޓޭދޯ؟ އެކަހަލަ ހޮޓް އަދި ޑީސެންޓް ކުއްޖަކު އަހަރެން ނުދެކެން.” ނަޝާ އޭނަގެ މަސައްކަތަށް މަޝްޣޫލުވެ އިނދެ ބުނެލިއެވެ. އެވާހަކަ އިވިފައި އަފްރީނަށް އުނދަގޫތަކެއްވިއެވެ. ނަޝާ މިސްބާޙާއިމެދު ވާހަކަ ދެއްކިގޮތް އަފްރީނަށް ކަމަކު ނުދިޔައެވެ. އޭނަގެ ހިތުގައި ރުޅިވެރިކަމެއް އުފެދެން ފެށި ވަގުތު އޭނައަށް މިވަނީ ކިހިނެއްބާއޭ އެ ހިތް ބުންޏެވެ. މިސްބާޙަކީ އޭނައާއިބެހޭ މީހެއްވެސް ނޫނެވެ. ދެން އޭނަ ނުރުހުންވަނީ ކީއްވެހެއްޔެވެ؟
“އަފޫ މިސްބާޙް ލައިކްވޭދޯ؟” ނަޝާ ހިނިތުންވުމަކާއެކީ އަފްރީނަށް ބަލާލަމުން އަހާލިއެވެ. ނަޝާ ކުއްލިއަކަށް ކޮއްލި ސުވާލުން އަފްރީން ސިހުންވިއެވެ. ނަޝާއަށް އެނގުނީ ކިހިނެއްބާވައެވެ. އޭނަގެ މޫނުމަތީގެ ކުލަވަރުން މުޅި ދުނިޔެއަށް އެކަން އެނގުނީ ހެއްޔެވެ؟ އެނގިފައިވާނަމަ މިހާރު މިސްބާޙަށްވެސް އެނގިދާނެއޭ ހިތް ބުނި ވަގުތު އަފްރީންގެ މެއަށް ފިނިވިއެވެ. އޭނަ ވަގުތުން ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެނަސް ދޮގު ހަދާކަށް ބޭނުމެއް ނުވިއެވެ. އޭނައަށް އެއްވެސް އެއްޗެކޭ ނުބުނެވެނީސް ނަޝާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ޔޫ ލަވް ހިމް، ރައިޓް؟” ނަޝާ ހަމަ އެ ހިނިތުންވުމުގައި އިނދެ ބުނެލިއެވެ. އަފްރީން އަވަސްއަވަހަށް ބޯހޫރުވާލަމުން ވާހަކަ ދެއްކިއެވެ.
“އިޓްސް ނޮޓް ލަވް. މީހަކު ދެން ކަމުދާއިރަށް އޭގެ މާނައަކީ ލޯބިވުމެއްނޫން. އޭނައާނުލާ ނުއުޅެވޭވަރު ވުމެއްނޫން. އަހަންނަށް ހަމަ މިގޮތަށް ކަމުގޮސްދާނެ މިސްބާޙް ކަހަލަ އެހެން މީހަކުވެސް.” އަފްރީން ބުނެލިއެވެ.
“އޯކޭ އޯކޭ…….އެކަމަކު މިސްބާޙްހާ ރީތި ދެވަނަ މީހަކު ހޯދުމަކީ ވާނެކަމެއްނޫންދޯ؟” ނަޝާ ހެވިފައި އިނދެ ދޯދިނެވެ. އަފްރީނަށް ލުއި ހިނިތުންވުމަކާއެކީ އިސްޖަހާލެވުނެވެ.
“ރީތި މީހަކު ލިބިދާނެ. އެކަމަކު އަޚްލާޤެއް ހުރި މީހަކު ހޯދުމަކީ ދަތިކަމެއް. އަހަރެން ދަންނަ ގިނަ ފިރިހެން ކުދިންނަކީ އަބަދު އަންހެން ކުދިންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ މީހުން. އެމީހުންނަށް ހީވާ ކަހަލަ އެ މީހުންނަށް ދެއްވާފައިވާ ސޫރައާއި ވާހަކަ ދެއްކުމުގެ ހުނަރުން އެމީހުން ބޭނުންހާ ކަމެއް ކުރެވޭނެއޭ. އިހަކަށް ދުވަހުވެސް ފޭސްބުކްއިން އަހަރެން ނުވެސް ދަންނަ ދެ މީހަކު ފްރެންޑް ރިކުއެސްޓް ވެސް ނުފޮނުވާ މެސެޖްތަކެއް ފޮނުވަނީ. އެކަކު ބުނީ ތި ނަމުން ވެސް ހީވަނީ ތިއީ މުޅި މި ދުނިޔޭގައި ހުރި އެންމެ ރީތި ކުއްޖާހެންނޭ. ސީރިއަސްލީ! އެ މެސެޖު ކިޔާފަ އަހަރެން ވީ އައި ލަވް ޔޫއޭ ބުނަންތަ؟ އަހް! ވާ ފޫއްސެއް ބުނެދޭކަށްވެސް ނޭނގޭ. އަހަރެން ރިޕްލައި ނުކުރީމަ ވެސް ދެމީހުން އެކި ގޮތްގޮތަށް މެސެޖު އެބަ ފޮނުވާ.” އަފްރީން ރުޅި މޫނަކާއެކީ ކިޔައިދިނެވެ. އަފްރީން ވާހަކަ ދެއްކިގޮތުން ނަޝާއަށް ހެވުނެވެ. ނަޝާ ބަލަން އިންދާ އަފްރީން އަނެއްކާވެސް ލެޕްޓޮޕާއި ދިމާލަށް އެނބުރިލިއެވެ. ނަޝާ އޭނަގެ ހުނުން މަޑުކޮށްލަމުން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އަފްރީން ވާހަކަ ދެއްކިއެވެ.
“މިސްބާޙް ތަފާތުވަނީ އެހެންވީމަ. ކޮންމެ ކޮންމެ މީހަކަށް ވެސް ތަޢުރީފު ކުރެވިދާނެ. ފޮނިފޮނި ބަސްތައް ބުނެލެވިދާނެ. އަގުބޮޑު ހަދިޔާތަކެއް ދެވިދާނެ. އެކަމަކު ޤަދަރު ކުރުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްނޫން.” އަފްރީން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އެއަށްފަހު ނަޝާއަށް ބަލާލިއެވެ. ނަޝާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލުމުން އަފްރީން އޭނަގެ މަސައްކަތަށް އަނބުރާ ދިޔައެވެ. ދެވަނަ ފަހަރަކު ނަޝާއަށް ނުބެލި އަފްރީނަށް ނޭނގުނުކަމަކީ ނަޝާގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިކަމެވެ. އޭނަ އަފްރީނަށް ބަލަން އިނދެ ބްރިސިލް ބޯޑު މަތީގައި ބަންޑުން އޮތް އޭނަގެ ފޯނު ނަގައި ސްކްރީނަށް ބަލާލިއެވެ. އަދި 2 މިނެޓްވެ ތިން މިނެޓަށްވާން އުޅުނު ރެކޯޑިންގް މަޑުޖައްސާލިއެވެ.
އަފްރީންމެންގެ މަސައްކަތް އެއްކޮށް ނިމުނީ އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މުޅި ދުވަސްތެރޭގައި ދެ ފަހަރަކު ނޫނީ އަފްރީންމެނަށް މިސްބާޙް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަފްރީންމެން މުޅިންހެން ތިބީ އެކޮޓަރީގައެވެ. ނަމާދު ވަގުތުތަކުގައި އަފްރީން ނަޝާއާއެކީ އެކޮޓަރީގައި ހުރި ފާޚާނާއިން ވުޟޫކޮށްގެން ނަމާދުކުރިއެވެ. މެންދުރު ވަގުތު އެ މީހުން ތިރިއަށް އައީ މިސްބާޙް ނަޝާއަށް މެސެޖެއްކޮށްފައި ކާން އައުމަށް ބުނުމުންނެވެ. އަފްރީންމެން ކެއިއިރު މިސްބާޙްމެން ނުކައެވެ. އެމީހުން މަސައްކަތުގައި ތިބެފައި ކާމޭޒުދޮށަށް އައީ އަފްރީންމެން ދިޔުމުންނެވެ. ހަވީރުގެ ސައި ގަޑީގައިވެސް ވީ އެކަހަލަ ގޮތެކެވެ. ރޭގަނޑު ކާގަޑި ޖެހުނު ވަގުތު އެންމެން ގެއަށްދާން ތައްޔާރުވަމުން ދިޔައެވެ. ނަޝާ އޭނަގެ އެއްޗެހި ދަބަހަށް އަޅަން ފެށީ އޭނަގެ މަންމައަށް ގުޅާފައެވެ. ދަބަސް ކޮނޑުގައި އެޅުވި ވަގުތު މަންމަ މިސްބާޙްގެ ގޭގެ ބޭރުގައި ހުރި ކަމަށްބުނެ ގުޅައިފިއެވެ. ނަޝާ އަވަސްއަވަހަށް ކޮޓަރިން ނިކުމެގެން ދިޔައިރު އަފްރީންވެސް އޭނަގެ ދަބަސް ކޮނޑުގައި އަޅުވަމުން ނިކުތެވެ. އަފްރީން ސިޓިންގް ރޫމަށް ނިކުތް ވަގުތު ނަޝާ އެގެއިން ނިކުންނަން ދަނީއެވެ. ނަޝާގެ ކުރިން މިސްބާޙަށް އަލްވަދާޢު ކިޔުނު ފާރިޝް އެގެއިން ނިކުމެގެން ދިޔައެވެ. ނަޝާ ވެސް ދުވުމެއްގައި ދޮރާއި ހަމައަށް ދިޔައިރު ދޮރުގެ ކައިރީގައި ހުރި މިސްބާޙާއި ދިމާލަށް ބާއިއޭ ބުނެލިއެވެ. ނަޝާ ގެއިން ނިކުމެގެން ދިޔައިރުވެސް މިސްބާޙް ވަކި އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. އޭނަ ގޭގެ ތެރެއަށް އެނބުރިލަމުން އިސްއުފުލާލި ވަގުތު ސިޑިބަރީގެ ކައިރީގައި ހުރި އަފްރީން ފެނުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިތާ ސިކުންތުކޮޅަކަށްފަހު ދެމީހުން ވެސް ދުރުބަލަން ފެށިއެވެ.
“ހުރިހާ ކުދިން ދިޔައީތަ މިސްބާޙް؟” ގޭގެ ވާތް ފަރާތުގައި ހުރި ކޮޓަރިއަކުން ނިކުމެގެން އަންނަމުން ޒާހިޔާ ސުވާލުކުރިއެވެ. މިސްބާޙާއި އަފްރީނަށް އެކުއެކީގައި އެ ދިމާލަށް ބަލާލެވުނެވެ. މިސްބާޙަށް ވަކި އެއްޗެކޭ ނުބުނެވެނީސް ސިޓިންގް ރޫމުގެ ސޯފާ ކައިރިއަށް މަޑުކޮށްލި ޒާހިޔާއަށް އަފްރީން ފެނުނެވެ.
“އަފްރީން އެކަނިތަ ހުރީ؟ އަދިވެސް ބަލާ ނާދޭ؟” ޒާހިޔާ ހިތްހެޔޮ ރާގަކަށް ސުވާލު ކުރިއެވެ.
“ލައްބަ…….ބައްޕައަށް ގުޅީމަ ބައްޕަ ބުނީ ތަންކޮޅެއް ލަހުންނޭ އާދެވޭނީ.” އަފްރީން ހިރިލަން ވެސް ނުކެރި ހުރެ މިސްބާޙަށް ނުބަލަން މަސައްކަތް ކުރަމުން ބުންޏެވެ.
“އެހެންތަ؟ އެހެންވިއްޔާ މިސްބާޙާއެކީ ކައިގެންނެއްނު ދާންވީ؟” ޒާހިޔާ އެހެން ބުނެލި ތަނާހެން މިސްބާޙާއި އަފްރީނަށް އެކުއެކީގައި ހަރުއަޑުން ނޫނެކޭ ބުނެލެވުނެވެ. ޙައިރާންވެގެން ދިޔަ ޒާހިޔާ އެއްފަހަރު މިސްބާޙަށް އަނެއްފަހަރު އަފްރީނަށް ބަލާލިއެވެ. މިސްބާޙް ދުރުބަލަން ފެށިއިރު އަފްރީން ހިނިތުންނުވާން މަސައްކަތް ކުރަމުން އިސްޖަހާލިއެވެ.
“ހެހެ……ކިހިނެއްތަވީ؟ ދެކުދިން އެކަކު އަނެކަކަށް ރުޅިއަންނަނީތަ؟” ޒާހިޔާ ހެވިފައިހުރެ ސުވާލުކުރިއެވެ. ޖަވާބަކަށް އެ ސުވާލު އަމާޒުވީ ދެމީހުންވެސް ވަކި އެއްޗެކޭ ނުބުންޏެވެ. އެހެންކަމުން ޒާހިޔާއަށް ހީވީ އޭނައަށް ހީކުރެވުނީ ރަނގަޅަށް ކަމަށެވެ. އޭނަ ޗޮއްކަނޑާލިއެވެ.
“ރުޅިވާކަށް ނުވާނެ. މިސްބާޙް އަފްރީނަށް މަޢާފަށް އެދޭތި އިނގޭ؟ މަންމައަށް ހަމަ ޔަޤީން މިސްބާޙް ކުރިކަމަކުންކަން މައްސަލަޖެހޭނީ. މަޢާފަށް އެދިފަ އަފްރީން ގެއަށް ގެންގޮސްދީ.” ޒާހިޔާގެ ވާހަކައިގެ މެދުތެރެއިން އަފްރީނަށް ހިތާހިތުން ހެވުނެއްކަމަކު އެ ވާހަކަ ނިމުނު ޖުމްލައަކުން އޭނަގެ މޫނުމައްޗަށް އަނެއްކާވެސް ކަންބޮޑުވުން ވެރިވިއެވެ. މިސްބާޙަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އޭނަ ވަގުތު ވާހަކަ ދެއްކިއެވެ.
“މަންމާ ބައްޕަ ހުރީ ކާރުގަ ގޮއްސައެއްނު މިރޭގަ އޮތް އެއްވުމަށް؟” މިސްބާޙް އަވަސްއަވަހަށް ބުންޏެވެ.
“މިސްބާޙްގެ ސައިކަލު އެބަހުއްޓެއްނު؟” ޒާހިޔާ ބުނެލިއެވެ.
“ސައިކަލުގަ އަހަރެން ނުދާނަން އަފްރީން ގޮވައިގެން.” މިސްބާޙް އަންގާލިއެވެ.
“އެއީ ކީއްވެ؟” ޒާހިޔާ އެހިއެވެ.
“އެއީ ހަމަ އެހެންވީމަ.” މިސްބާޙް ސީރިއަސް ނަޒަރެއްގައި ހުރެ އެހެން ބުނެލަމުން އޭނަގެ ކޮޓަރިއަށްދާން ހިނގައިގަތް ވަގުތު އަފްރީނަށް އޭނަގެ ހިނިތުންވުން ފޮރުވުމަށްޓަކައި އަނގަމަތީގައި އެއްއަތް އަޅާލަން ޖެހުނެވެ. މިސްބާޙް ހުރީ ރުޅިން ކަމަށް ހީކުރެވުނު ޒާހިޔާ މިސްބާޙަށް ގޮވާލިއެވެ. އެހެނަސް މިސްބާޙް ފަސްއެނބުރި ބަލާލުމެއްނެތި ކޮޓަރިއަށްވަދެ ދޮރު ލައްޕާލީ އަފްރީންގެ ކުރިމަތީގައި ހުންނަން ބޭނުން ނުވެގެންނެވެ. ޒާހިޔާ އެ ދޮރާއި ދިމާލަށް ބަލަން ހުރެފައި އަފްރީނަށް ބަލާލިއިރު އަފްރީން އޭނަގެ ހިނިތުންވުން ފޮރުވައިފިއެވެ.
“އަފްރީން ދެރަ ނުވައްޗޭ އޭނަ ކުރާ ކަންތައްތަކާމެދު. ބައެއްފަހަރު އޭނަ ވަރަށް ރުޅިގަދަވާނެ. އެކަމަކު ފަހަކަށް އައިސް އޭނަ ހަމަ ވަރަށް ރަނގަޅު. އަހަރުމެން ބުނާހާ ގޮތްގޮތަށް ކަންތައް ކުރާނެ.” ޒާހިޔާ ދެރަގޮތަކަށް އަފްރީންގާތު ބުނެލިއެވެ.
“އެއީ މައްސަލައެއްނޫނޭ ދައްތާ. މިސްބާޙް އަހަންނަކަށް ރުޅިއެއްނުވޭ. އަސްލު އެގޮތަށް ފިރިހެން ކުއްޖެއްގެ ފަހަތުގަ ސައިކަލުގަ އިންނަން އަހަރެން ވަރަށް ހިތްހަމަނުޖެހޭ. މިސްބާޙް ވެސް އެފަދަ ކަމެއްކުރަން ޖެހިލުންވަނީ ކަންނޭނގެ.” އަފްރީން ބުންޏެވެ.
“ހޫމް…..މިސްބާޙް ހަމަ އަސްލުވެސް ފަހަކަށް އައިސް ވަރަށް ބަދަލުވެއްޖެ……ކޮންމެ ގޮތެއްވިޔަސް ދެން އަފްރީން މިތާ އިށީނދޭ ބައްޕަ އަންނަންދެން.” ޒާހިޔާ އެހެން ބުނެލިތަނާހެން އަފްރީން ވާހަކަ ދެއްކިއެވެ.
“ނޫން ދައްތާ އަޅުގަނޑު ދާނީ ބޭރަށް. އަޅުގަނޑުގެ ފޯނުގެ ޗާޖު ހުސްވެފަވަނީ. ބައްޕަ މިގެއަށް އައިއްސަ ގުޅިޔަސް ނޭނގޭނެ. އެހެންވީމަ…..” އަފްރީންގެ ވާހަކަ ފުރިހަމަ ނުވަނީސް ޒާހިޔާ އެންމެ ރަނގަޅޭ ބުނެލިއެވެ.
އަފްރީން ގޭގެ ފެންޑާއަށް ނިކުމެ ލަސް ހިނގުމެއްގައި ގޮސް ހުޅުވާލެވިފައިވާ ގޭޓުގެ މެދާއި ހިސާބުގައި މަޑުކޮށްލިއެވެ. މަގުގެ ދެކޮޅަށް ނަޒަރު ހިންގާލި ވަގުތު އެ ހިމޭން މަގުމަތިން މާ ގިނަ ބަޔަކު ނުފެނެއެވެ. ދުރު ހިސާބަކުން އިވެމުން ދިޔަ ކޮންމެވެސް އެއްޕާޓީއެއްގެ ލަވައެއްގެ އަޑު ފިޔަވައި އެ ތަންގަނޑުން އެހެން އަޑެއް ނުއިވެއެވެ. އަފްރީން ކުރިމައްޗަށް ބަލާލިއިރު އެތާހުރި ފިހާރަ ފެނުނެވެ. އެ ކުޑަ ފިހާރައިގެ ކުރިމަތީގައި ނޫކުލައިގެ ސައިކަލެއް ހުރިއިރު ފިހާރައިގެ ފާރަށް ލެނގިލައިގެން ޒުވާނަކު ދެއަތުން ފޯނު ހިފަހައްޓައިގެން ހުއްޓެވެ. ކުރިމަތިން މަންޒަރު ފެންނަމުން ދިޔަ އަފްރީނަށް ނޭނގުނު ކަމަކީ އެ ޒުވާނާ އޭނަގެ ފޯނުން އަފްރީން ވީޑިޔޯ ކުރަމުން ދިޔަކަމެވެ.
އަފްރީން ދެއަތް އުރައިގެން އިސްޖެހިފައި ހުއްޓާ އެހެން ޒުވާނަކު އަފްރީންގެ ކަނާތް ފަރާތުން އޭނައާއި ދިމާލަށް އަންނަން ފެށިއެވެ. ބޯ ފަން އިސްތަށިގަނޑެއްގެ ވެރި އެ ޒުވާނާގެ ގައިގެ ކުލަ އަލިވެފައި ކަސްރަތީ ހަށިގަނޑެއްވުމުން މިސްބާޙާއި ވައްތަރުވިއެވެ. ޒުވާނާ އަތް ދިގު ކަޅުކުލައިގެ ޓީޝަޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ގޮތުން އަންހެން ކުދިންގެ ހިތް ދަމައިގަންނަ ގޮތެއްވިއެވެ. އެ ޒުވާނާ އެއްއަތުން ފޯނާއި ކުޅެމުން ގޮސް ގޭޓާއި ހަމަވީތަނާހެން ފިޔަވަޅުތައް މަޑުޖައްސާލިއެވެ.
“އެނގޭތަ އޯލް އިން ވަން ސުޕަރމާޓް ހުރިތަނެއް؟” ޒުވާނާ އަފްރީނަށް ނަޒަރު ހުއްޓާލަމުން ސުވާލުކުރިއެވެ. އަފްރީނަށް ސިހިފައި އެ ޒުވާނާއާއި ދިމާލަށް ބަލާލެވުނެވެ. ކައިރީގައި ހުރި ނުހަނު ރީތި ޒުވާނަކު ފެނިފައި އަފްރީން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނައާއި ދެންމެއަކު ސުވާލެއް ކުރެވުނުކަން ހަނދާން ނެތުނެވެ. އެހެނަސް އަފްރީން އޭނަގެ އަމިއްލަ ނަފްސު އަމިއްލަ ބާރުގެ ދަށަށް ގެންނަމުން ވާހަކަ ދެއްކިއެވެ.
“އަމް…….އެކޮޅުން އެ ފެންނަނީއެއްނު ޕާކެއް؟ އެ ޕާކު ހުރި ގޯޅިން އަޅައިގެން ދަނިކޮށް ފެންނާނެ.” އަފްރީން ވާތް ފަރާތަށް ޢިޝާރާތްކޮށްލަމުން ބައްޕަގެ ފިހާރަ ހުރިތަން ކިޔައިދިނެވެ. އެއަށްފަހު އަފްރީން އެ ޒުވާނާއަށް ބަލާލި ވަގުތު ޒުވާނާ ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް އޭނައަށް ބަލަން ހުރިގޮތުން އަފްރީނަށް އުނދަގޫވިއެވެ. އޭނަ އިސްޖަހާލަން އުޅުނު ވަގުތު ޒުވާނާ ހީލުމުން އަފްރީނަށް ޙައިރާންކަމާއެކީ އަނެއްކާވެސް ޒުވާނާއާއި ދިމާލަށް ބަލާލެވުނެވެ.
“އަފޫ! ނޭނގުނީތަ މިއީ ކާކުކަން؟” ޒުވާނާ އުޖާލާވި މޫނަކާއެކީ މޭމަތީގައި އެއްއަތް އަޅާލަމުން ސުވާލުކުރިއެވެ. އަފްރީންގެ ނިތަށް ރޫގިނަވިއެވެ.
**
“މަންމާ ކޮބައިތަ އަފްރީން؟” ކޮޓަރިން ނިކުތް މިސްބާޙް ސިޓިންގް ރޫމުގެ ސޯފާގައި އިން ޒާހިޔާ ގާތު ސުވާލު ކުރިއެވެ.
“އޭނަ ހުރީ ބޭރުގަ އޭނަގެ ބައްޕައަށް އިންތިޒާރު ކޮށްގެން.” ޒާހިޔާ މިސްބާޙަށް ބަލާލަމުން ޖަވާބުދިނެވެ.
“ބޭރުގައޭ؟ އަންހެން ކުއްޖަކު އެގޮތަށް ބޭރުގަ ހުންނާކަށް ނުވާނެއެއްނު؟” މިސްބާޙް ކަންބޮޑުވުމަކާއެކީ އެހެން ބުނެލި ގޮތުން ޒާހިޔާއަށް ދެބުމަ އަރުވާލެވުނެވެ. މިސްބާޙް އިތުރު އެއްޗެކޭ ނުބުނެ ގޭގެ ދޮރާއި ދިމާލަށް ދިޔައެވެ.
**
“އަހަރެން މިއީ އަޙްސަން. އެފް ބީއިން މެސެޖް ކުރީމެއްނު؟” އަޙްސަން އުއްމީދީ ގޮތަކަށް އަފްރީނަށް ބަލަން ހުރެ ބުންޏެވެ. އެއާއެކު އަފްރީންގެ ހަނދާނަށް އައީ އަޙްސަންގެ ޕްރޮފައިލްގަ ހުރި ފޮޓޯއެވެ. އެއަށްފަހު އަޙްސަން ފޮނުވި މެސެޖްތަކެއް ހަނދާންވުމުން އަފްރީން ވަގުތުން ފޫހިވިއެވެ. އެ މެސެޖު ފޮނުވި މީހަކީ މިއީތައޭ ހިތަށްއެރިއެވެ. އަފްރީން ފޫހިވިއެއްކަމަކު އަޙްސަނަށް އޭނަ އެނގުނީ ކިހިނެއްތޯ ހިތް ސުވާލުކުރިއެވެ. އަފްރީން އޭނަގެ ޕްރޮފައިލަށް އެއްވެސް ފޮޓޯއެއް ލާފައެއް ނުހުންނާނެއެވެ. ސިކުނޑިއަށް ވެރިވެގެން ދިޔަ ސުވާލުތަކަކުން އަފްރީން އެއްޗެކޭ ބުނަން އުޅުނު ވަގުތު އަޙްސަން ހީލިއެވެ.
“ކިހިނެއްހޭދޯ އަހަންނަށް އަފޫ އެނގުނީ؟ އަސްލު އަހަރެން އަފޫއާ އެންމެ ފުރަތަމަ ދިމާވީ އެފް ބީއިންނެއްނޫން. އަހަރެން މިއީ ކުޑައިރު އަފޫއާއެކީ އެއް ޤުރުއާން ކުލާހަކަށް ދިޔަ ކުއްޖެއް. ހަނދާންވޭތަ؟” އަޙްސަން ހިނިތުންވުމެއްގައި ހުރެ އަހާލިއެވެ. އަފްރީނަށް ޙައިރާންކަމާއެކީ ދުރު ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ކުޑައިރު ޤުރުއާން ކުލާހަކަށް ގޮސްފައިވެއެވެ. އެހެނަސް އަޙްސަންއޭ ކިޔާ މީހެއްގެ ވާހަކަ އޭނައަށް އަޑުއިވުނު ހަނދާނެއްވެސް އަފްރީން ނުވެއެވެ. އަޙްސަން އަނެއްކާވެސް ހީލުމުން އަފްރީނަށް އޭނައާއި ދިމާލަށް ބަލާލެވުނެވެ.
“ދެން އެހާ ކުރީގެ ހަނދާނެއް ނުވެސް ހުންނާނެތާދޯ؟ އެކަމަކު އަހަރެން ހަނދާން އެބަހުރި. ޔޫ ވާ މައި ޗައިލްޑްހުޑް ކްރަޝް!” އަޙްސަން ހެވިފައިހުރެ ބުނެލިއެވެ. އޭނަގެ ފުރިހަމަ ހިނިތުންވުން ފެނިފައި އަފްރީން އުނދަގުލެއްވެގެން އުޅޭ ފަދައަކުން ދުރުބަލަން ފެށިއެވެ. އެތެރެއަށް ދާންވީއޭ ހިތަށްއެރިއެއްކަމަކު އިސާހިތަކު ބައްޕަ އައިސްދާނެއޭ ހިތް ބުންޏެވެ. އަފްރީނަށް މަގުގެ ވާތް ފަރާތަށް ބަލާލެވުނީ ޖިޕެއްގެ ނިޝާނެއް ފެނޭތޯއެވެ. އޭނައަށް ނޭނގި ހުއްޓާ އަޙްސަން ލަސް ފިޔަވަޅުތަކެއްގައި އޭނަ ގާތަށް އަންނަން ފެށިއެވެ. އަޙްސަން އަފްރީނާއި އެއްފިޔަވަޅު ދުރުގައި ހުރެ އަފްރީންގެ ކޮނޑުގައި އަތް އަޅާލަން އުޅުނު ވަގުތު އޭނަގެ މުލައްދަނޑީގައި މީހަކު ބާރަށް ހިފަހައްޓާލިއެވެ.
ނުނިމޭ