Hijra (Part 35)
“ދެން އެހާ ކުރީގެ ހަނދާނެއް ނުވެސް ހުންނާނެތާދޯ؟ އެކަމަކު އަހަރެން ހަނދާން އެބަހުރި. ޔޫ ވާ މައި ޗައިލްޑްހުޑް ކްރަޝް!” އަޙްސަން ހެވިފައިހުރެ ބުނެލިއެވެ. އޭނަގެ ފުރިހަމަ ހިނިތުންވުން ފެނިފައި އަފްރީން އުނދަގުލެއްވެގެން އުޅޭ ފަދައަކުން ދުރުބަލަން ފެށިއެވެ. އެތެރެއަށް ދާންވީއޭ ހިތަށްއެރިއެއްކަމަކު އިސާހިތަކު ބައްޕަ އައިސްދާނެއޭ ހިތް ބުންޏެވެ. އަފްރީނަށް މަގުގެ ވާތް ފަރާތަށް ބަލާލެވުނީ ޖިޕެއްގެ ނިޝާނެއް ފެނޭތޯއެވެ. އޭނައަށް ނޭނގި ހުއްޓާ އަޙްސަން ލަސް ފިޔަވަޅުތަކެއްގައި އޭނަ ގާތަށް އަންނަން ފެށިއެވެ. އަޙްސަން އަފްރީނާއި އެއްފިޔަވަޅު ދުރުގައި ހުރެ އަފްރީންގެ ކޮނޑުގައި އަތް އަޅާލަން އުޅުނު ވަގުތު އޭނަގެ މުލައްދަނޑީގައި މީހަކު ބާރަށް ހިފަހައްޓާލިއެވެ. އަޙްސަން ނުރުހުންތެރިކަން ވެރިވެގެން ދިޔަ މޫނަކާއެކީ އެއްފަހަރު އޭނަގެ މުލައްދަނޑީ ހިފަހައްޓައިގެން ހުރި އަތަށް އަނެއްފަހަރު އެ އަތުގެ ވެރިޔާއަށް ބަލާލިއެވެ. އޭނަގެ ކުރިމަތީގައި ހުރީ ރުޅިން ރަތްވެފައިހުރި މިސްބާޙެވެ.
“އަމިއްލައަށް ދާނީތަ؟ ނޫނީ ގެއަށް ލައިދޭންވީތަ؟” މިސްބާޙް ދެދަތްޕިލަ ޖައްސައިގެން ހުރެ ބުނެލިއެވެ. އޭނަގެ އަޑަށް އަފްރީނަށް ސިހުންވެފައި އެފަރާތަށް ބަލާލެވުނެވެ. އަފްރީނަށް ހީކުރެވުނީ މިސްބާޙް ވާހަކަ ދެއްކީ އޭނައާއި ކަމަށެވެ. އެހެނަސް އެއީ ކުށްހީއެއްކަން އެނގުނީ މިސްބާޙް އަޙްސަނާއި ދިމާލަށް ބަލަހައްޓައިގެން ހުރިތަން ފެނުމުންނެވެ. އެ ދެމީހުންގެ މޫނުމަތީގައިވެސް ވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އަޙްސަން ކުއްލިއަކަށް އޭނަގެ އަތް ދަމައިގަތް ގޮތުން އަފްރީން ސިހުންވިއެވެ.
“ކަލެއަށް ކޮންކަމެއް؟ އަހަރެން މި ވާހަކަ ދައްކަނީ އަހަރެންގެ ދުވަސްވީ އެކުވެރިޔަކާ.” އަޙްސަން ބުމަގޮށްޖެހިފައިހުރެ މިސްބާޙާއި ދިމާލަށް ބުނެލިއެވެ.
“ވާހަކަ ދެއްކިޔަސް ގަޔަށް އަތްލާކަށް ނުޖެހޭނެ!” މިސްބާޙް އިހުނަށްވުރެ ހަރުއަޑަކުން ބުންޏެވެ. އަޙްސަންގެ މޫނުމައްޗަށް ވެރިވީ އޭނަގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވުނުފަދަ އަސަރެކެވެ. އޭނަ އަފްރީނާއި ދިމާލަށް ބަލާލިއެވެ.
“އަފް….އަފޫ ބަލާލަބަލަ. އަހަރެން އަފޫ ގަޔަށް އަތްލިންތަ؟” އަޙްސަން މައުސޫމް މޫނަކާއެކީ ސުވާލުކުރިއެވެ. އަފްރީންގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. ދެންމެ މިވީގޮތެއް އޭނައަށް ނަގައިގަނެވުނީ އަދި ކިރިޔާއެވެ. މިސްބާޙް ދެންމެ އަޙްސަންގެ އަތުގައި ހިފައިގެން ހުރިތަން ސިފަވުމުން މިސްބާޙް އެ ބުނަނީ ތެދެއްކަން އަފްރީނަށް ޔަޤީންކުރެވުނެވެ.
“ގަޔަށް އަތްނުލިޔަސް މާ ރަނގަޅު ގޮތަކަށްނޫން އަޙްސަން ވާހަކަ ދެއްކީ.” އަފްރީން ސާބިތުކަމާއެކީ ބުނެލިއެވެ. އަޙްސަންގެ ދެ ބުމަ ކައިރިވިއެވެ.
“އަފޫ އަހަރެން…….” އަޙްސަންގެ ވާހަކަ ފުރިހަމައެއްނުވިއެވެ.
“ދާން އުޅޭށޭ!” މިސްބާޙް އަޑުގެ ކޮޅަށް އެހެން ބުނެލި ވަގުތު އަފްރީން ސިއްސައިގެން ދިޔައެވެ. މިސްބާޙްގެ ހަރު އަޑު މުޅި ތަންގަނޑަށް ގުގުމައިގެން ދިޔަހެން ހީވިއެވެ. އެ އަޑަށް މަގުމަތިން ހިނގާފައި ދިޔަ ބަޔަކާއި އެގޭގެ ކުރިމަތީގައި ހުރި ފިހާރައިގެ ތެރޭގައި ތިބި މީހުންގެ ނަޒަރުތައް އެ ދިމާލަށް ހުއްޓުނެވެ. ފިހާރައިގެ ފާރަށް ލެނގި ފޯނު ހިފަހައްޓައިގެން ހުރި ޒުވާނާވެސް ސީދާވެލައިފިއެވެ.
“މިސްބާޙް ކިހިނެއްތަވީ؟” ގޭގެ ދޮރު ހުޅުވާލަމުން ދޮރުމައްޗަށް އެރި ޒާހިޔާ ދުރުގައިހުރެ ސުވާލުކުރިއެވެ. އެއާއެކު ގޭޓު ކައިރީގައި ތިބި ތިން ޒުވާނުންނަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ.
“މާ ބޮޑު ކަމެއްނުވޭ މަންމާ.” މިސްބާޙް ޒާހިޔާއަށް ބަލަހައްޓައިގެން ހުރެ ޖަވާބުދިނެވެ. އަޙްސަން ރުޅިވެރިކަމާއެކީ އެއްފަހަރު މިސްބާޙަށް އަނެއްފަހަރު އަފްރީނަށް ބަލާލަމުން މަގާއި ދިމާލަށް ނަޒަރު ހިންގާލިއެވެ. އޭނައަށް ހުއްޓިފައިވާ ލޯތަށް ފެނިފައި އަޙްސަން ތުންފިއްތާލިއެވެ. އޭނަ ފިހާރައާއި ދިމާލަށް ބަލަން ހުއްޓާ އެތާނގައި އަދިވެސް ފޯނު ހިފަހައްޓައިގެން ޒުވާނާއާއި އޭނަގެ ލޯ ބައްދަލުވިއެވެ. އަޙްސަން ހިނގައިގަތުމަށް ބޮލުން ޢިޝާރާތް ކުރަމުން އަމިއްލައަށް ވެސް ކުރިއަށް ހިނގައިގަތެވެ. މިސްބާޙާއި އަފްރީނަށް އެކުއެކީގައި އަޙްސަނަށް ބަލާލި ވަގުތު އޭނަ އެމީހުންނަށް ފަސްދީފިއެވެ. އަޙްސަންގެ ފަހަތުން ފޯނު ހިފައިގެން ހުރި ޒުވާނާވެސް ދިޔައެވެ. ނަމަވެސް އޭނަ މަގުގެ އަނެއްފަރާތުން ދިޔަގޮތުން އޭނައަކީ އަޙްސަންގެ “އެކުވެރިއެއްކަން” އެކަކަށްވެސް ނަގައިނުގަނެވޭނެއެވެ.
މިސްބާޙް އަޙްސަން ދާތަން ބަލަން ހުރެފައި އަފްރީނާއި ދިމާލަށް ބަލާލިއެވެ.
“ދެންވެސް އެކަނި ބޭރުގަ ނުހުންނަން ދަސްކުރާތި.” މިސްބާޙް ސީރިއަސްކަމާއެކީ ބުނެލިއެވެ. އަފްރީނަށް މިސްބާޙާއި ދިމާލަށް ބަލާލެވުނެވެ. މިސްބާޙްގެ މޫނުމަތީގައިވި އަސަރަކުން އަފްރީން ހުއްޓުން އަރާ ގޮތްވިއެވެ. އެ މޫނުން ފެނުނީ ރުޅިވެރިކަން ކަމެއް ނޫނީ ކަންބޮޑުވުން ކަމެއް އަފްރީނަކަށް ނޭނގުނެވެ. އެނގުނުހާވެސް ކަމަކީ މިސްބާޙް ދެންމެ އެ ބުނެލި ބަސްތަކަކީ މިސްބާޙް އޭނައާމެދު އަޅާލާތީ ބުނި ބަސްތަކެއްކަމެވެ. އެ ޚިޔާލު ހިތަށް ވަނުމުން އަފްރީންގެ ހިތް އުފަލުން ފުރުނެވެ. އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވާން އުޅުނު ވަގުތު ޖިޕެއްގެ އަޑު އިވުނެވެ. އަފްރީން އެ ދިމާލަށް ބަލާލި ބައްޕަގެ ހުދުކުލައިގެ ޖިޕް އެ ގެއާއި ކައިރިވަމުން ދިޔަތަން ފެނުނެވެ. އަފްރީން އަނެއްކާވެސް ފަސްއެނބުރި ބަލާލިއިރު މިސްބާޙް ފެންނާކަށް ނެތެވެ. އޭނައަށް ބޭއިޚްތިޔާރުގައި ފެންޑާއާއި ދިމާލަށް ބަލާލެވުނު ވަގުތު މިސްބާޙް ޒާހިޔާ ގާތު އެއްޗެކޭ ބުނަމުން ގެއާއި ދިމާލަށް ހިނގާފައި ދިޔަތަން ފެނުނެވެ. ޖިޕް އަފްރީންގެ ކުރިމައްޗަށް މަޑުކޮށްލުމުން އަފްރީން ގަދަކަމުން ކަހަލަ ގޮތަކަށް މިސްބާޙާއި ނަޒަރު ވަކި ކުރިއެވެ. އެއަށްފަހު ޖިޕްގެ ވަށައިގެން ގޮސް އެއަށްއެރިއެވެ. ބައްޕަ ލަސްވީތޯ ސުވާލުކުރުމުން އަފްރީން ނޫނެކޭ ބުނީ ދެންމެ ކަންތައް ވީގޮތް ކިޔައިދޭން ބޭނުންނުވެގެނެއްނޫނެވެ. މިސްބާޙަށް މާ ބޮޑަށް ތަޢުރީފު ކުރެވިދާނެތީ އޭނަ ޖެހިލުންވީއެވެ. އަފްރީނަށް ގެއަށް ދިޔަ ދަތުރުމަތީގައި މުޅިން ވެސް އިނދެވުނީ މިސްބާޙްގެ ޚިޔާލުތަކުގައެވެ.
**
ސިނާންގެ ގޭގެ ސިޓިންގް ރޫމުގައި ތިބީ އޭނައާއި އަޙްސަނާއި އޭނަގެ އެހެން އެކުވެރިއެއްކަމަށްވާ ނިހާދެވެ. ސިނާން ސިޓިންގް ރޫމުގެ ދިގު ސޯފާގައި އިނީ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި އޮތް ފޯނުން ޕްލޭއި ކުރެވިފައިވީ މިރޭ މިސްބާޙްގެ ގޭގެ ކުރިމަތީގައި ހިނގި ކަންތައްތަކެވެ. އަޙްސަނާއި ނިހާދު ވަކިން ހުރި ދެ ސޯފާގައި ޖެހިލުންވެފައި ތިބިއިރު ވީޑިޔޯ ބަލަން އިން ސިނާން ހުރީ ރުޅިން ތުރުތުރު އަޅައަޅައެވެ. ވާހަކަ ދެއްކިޔަސް ގަޔަށް އަތްލާކަށް ނުޖެހޭނެއޭ މިސްބާޙް ބުނެލިތަން ފެނިފައި ސިނާން ދަތްކުނޑި ވިކަމުން ދިޔައެވެ. މިސްބާޙް ހަޅޭއްލެވި މަންޒަރު ބެލިއިރު ސިނާން ހީވީ ރުޅިން ގޮސް ފަޅައިގެން ހިނގައިދާނެހެންނެވެ. ވީޑިޔޯ ކުރިއަށް ދަމުން ގޮސް އަޙްސަން ދުރަށް ހިނގައިގަތްތަން ފެނިފައި ސިނާން ކުއްލިއަކަށް ފޯނު ނަގައި ކޮޅަށް ތެދުވެ ބިއްލޫރި މޭޒުމައްޗަށް އެ ފޯނު ޖަހާލިއެވެ. ބިއްލޫރި ތަޅައިގެން ދިޔަ އަޑުފަތްގަނޑަށް އަޙްސަނާއި ނިހާދަށް ތެދުވެވުނެވެ.
“އެ މިސްބާޙް އެއްޗެކޭ ބުނާއިރަށް ކަލޭމެން ޖެހޭތަދާން؟” ސިނާން އޭނަގެ ދެ އެކުވެރިންނަށް ބަލާލަމުން ސުވާލުކުރިއެވެ.
“އެންމެން އަހަރެންނާއި ދިމާލަށް ބަލަން ތިބީ. އެކަހަލަ ވަގުތެއްގަ….” އަޙްސަން ދައްކަން ފެށި ވާހަކަ މެދުކެނޑުނެވެ.
“އަހަރެން ބުނެފަ އޮތީ ކީކޭތަ؟ އޭނަ ހައްލާލައިގެން މީހުން ނުތިބޭ ތަނަކަށް ގެންދާނިއްޔޭ.” ސިނާން ހަރުއަޑުން އެއްޗެހި ގޮވިއެވެ. އަޙްސަނާއި ނިހާދު ކުށްވެރިން ފަދައިން ދުރުހޯދަން ފެށިއެވެ.
“އޭނަ ހައްލާލުމަކީ އެހާ ފަސޭހަކަމެއްނޫން.” އެހެން ބުނެލީ ގޭގެ ހުޅުވާލެވިފައިވާ ދޮރުމައްޗަށް އެރި ނައުފާއެވެ. ސިނާން އެދިމާލަށް ބަލާލިއިރު ނަޝާވެސް ނައުފާގެ ފަހަތުން އައިސް ނައުފާގެ ކައިރީގައި ހުއްޓިލައިފިއެވެ.
“އެއީ ކީއްވެ؟ އޭނައަކީ އަންހެން ކުއްޖެއްވިއްޔާ ރީތި ފިރިހެން ކުއްޖަކު ދަޢުވަތު ދިނީމަ އަންނާނެއެއްނު؟” ސިނާން ވާހަކަ ދެއްކިއިރު ނައުފާއާއި ނަޝާ ގޭގެތެރެއަށް ވަދެގެން އައިއްސިއެވެ. އަދި ތަޅައިގެން ގޮސްފައިވާ މޭޒާއި ތަންކޮޅެއް ދުރުގައި ހުއްޓިލިއެވެ.
“އަހަރުމެން އޭނަ ހައްލަން މިއުޅެނީ އަދި ރަނގަޅު ގޮތަކަށް ނޫންކަންނޭނގެ. މިއީ މިއަދު އެގޭގަ ދެކެވުނު ވާހަކަތައް.” ނަޝާ އެހެން ބުނެލަމުން އޭނަގެ އަތުގައި އޮތް ފޯނުން ރިކޯޑިންގް ޕްލޭއި ކޮށްލަމުން އަތްމަތީގައި ފޯނު ބާއްވައި ކުރިއަށް ދިއްކޮށްލިއެވެ. ފޯނުން މިއަދު ނަޝާއާއި އަފްރީނާއިމެދު ދެކެވުނު ވާހަކަތައް އިވެން ފެށިއެވެ. އެންމެން ވެސް ކަނުލައި އެއަށް އަޑުއަހަން ތިއްބެވެ. އަފްރީން އަޙްސަންމެންގެ މެސެޖުތަކުގެ ވާހަކަތައް ކިޔައިދިން ގޮތުން ސިނާން އެމީހުންނަށް ލޯއަޅާލިއެވެ. އޭނަ ރިކޯޑިންގް ނިމުނީ ކަމަށް ހީކޮށް އެމީހުންނާއި ދިމާލަށް އަނެއްކާވެސް އެއްޗެހި ގޮވަން އުޅުނު ވަގުތު ދެންވެސް އަފްރީން ވާހަކަ ދެއްކި އަޑު އިވުނެވެ.
“މިސްބާޙް ތަފާތުވަނީ އެހެންވީމަ. ކޮންމެ ކޮންމެ މީހަކަށް ވެސް ތަޢުރީފު ކުރެވިދާނެ. ފޮނިފޮނި ބަސްތައް ބުނެލެވިދާނެ. އަގުބޮޑު ހަދިޔާތަކެއް ދެވިދާނެ. އެކަމަކު ޤަދަރު ކުރުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއްނޫން.” އަފްރީން އެހާ ހިސާބަށް ބުނެލިތަނާހެން ނަޝާ އޭނަގެ އަތުގައި އޮތް ފޯނުން ރެކޯޑިންގް މަޑުޖައްސާލިއެވެ.
“އޭނަ ބޭނުންވަނީ އޭނައަށް ޤަދަރުކުރާ މީހަކު.” ނަޝާ ބުނެލިއެވެ.
“ފޫހިވާ ޒާތެއްގެ ކުއްޖެއް ހުވާ! ދެން މަ ކޮންތަނަކުންތަ އޭނައަށް އެ ޤަދަރެއް ކުރާ މީހަކު ހޯދަނީ؟ މި ދެމީހުންނާމެދު އޭނަ ދެކޭގޮތް މުޅިން ސަކަރާތްވެއްޖެ. މަ އަނބުރާ ދާންޖެހޭ ދުވަސްވެސް ކައިރިވަނީ.” ސިނާން ރުޅިވެރިކަމާއެކީ ހުތުރު ބަހެއް ކިޔާލަމުން ސޯފާގައި އިށީނެވެ. އެއަށްފަހު ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސާލިއެވެ. އެ ހުރިހާ އެންމެންގެ މެދަށް ހިމޭންކަމެއް ވެރިވިއެވެ.
“އަހަރެން ޚިޔާލެއްދެންތަ؟” ހިމޭންކަން ނަގާލީ ދެއަތް އުރާލަމުން ވާހަކަ ދެއްކި ނައުފާއެވެ.
“ކޮން ޚިޔާލެއް؟” ސިނާން އިސްއުފުލާލަމުން އަހާލިއެވެ. ނައުފާ ވަގުތުން އޭނަގެ ޚިޔާލު ކިޔައިދޭންފެށިއެވެ. ސިނާނާއިއެކި ދެންތިބި އެންމެންވެސް ޝައުޤުވެރިކަމާއެކީ ނައުފާގެ ވާހަކަ އަޑުއަހަމުން ދިޔައެވެ. ނައުފާގެ ވާހަކައިގެ މެދުތެރެއިން ސިނާނަށް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ. ވާހަކަ ނިމުނުތަނާހެން އޭނަ ކޮޅަށް ތެދުވެލަމުން އަތްތިލަ ބަޑި ޖަހަން ފެށިއެވެ.
“ޖަސްޓް ވާވް ނައު! ވާވް!” ސިނާން ހެވިފައިހުރެ ނައުފާއަށް ތަޢުރީފުކުރިއެވެ. ނައުފާ ފޮނިގޮތަކަށް ކޮނޑު އަރުވާލިއެވެ.
“އައި ނޯ އައިމް އޯސަމް. ދެން ތިހާވަރު ނުވިޔަސް ހެޔޮ. އަހަރެން ބޭނުންވަނީ އެ އަފްރީން މިސްބާޙާއި ދުރުވާން. ހިތުން އެބައުޅޭ މިސްބާޙްގެ ލޯބިވެރިޔާ ކަމަށް ހެދިގެން. އެ އަފްރީން ކަރުނަ އަޅާތަން ބަލަން ބޭނުންވެގެން ހުންނަތާ އެތައް ދުވަހެއްވެއްޖެ. އޭނައަށް ލިބިފައިހުރި މޮޅުކަމަށްޓަކައި މާ ފޮނިވެގެން އޭނަ އެއުޅެނީ. ނަސީބެއް މިހާ ދުވަސް ވަންދެން ސިނާން އަހަރެންގެ ކްލޯޒް ފްރެންޑެއްގެ ގޮތުގަ ހުރިކަން. އަސްލުވެސް ވަރަށް އުފާވި ސިނާން މަސައްކަތް ކުރަނީ އަހަރެން ވެސް ބޭނުންވާފަދަ ކަމަކަށްޓަކައިކަން އެނގުނު ދުވަހު.” ނައުފާ ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ހެހެހެ…….އަހަރެން ވެސް އުފާވޭ ތިކަހަލަ ބްރިލިއެންޓް ކުއްޖަކު އަހަންނާ އެކީ ހުރީތީ. ހާސްނުވޭ. ތި މާސްޓާރ ޕްލޭން ކާމިޔާބު ކުރެވޭނެކަން ޔަޤީން.” ސިނާންގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
އެ ދުވަސްފަހުން ސިނާން މިސްބާޙްގެ ގެއަށް ގިނަގިނައިން އަންނަން ފެށިއެވެ. މިސްބާޙާއި ދުވަހަކުވެސް ވާހަކަ ނުދައްކާ ވަރަށް ދައްކަން ފެށިއެވެ. މިސްބާޙް އެކަމާމެދު ސުވާލުކުރުމުން ސިނާން ބުނީ އޭނަގެ ހުރިހާ އެސައިންމެންޓެއް ނިމުނީކަމަށެވެ. މިސްބާޙް އަދި އެއް އެސައިންމެންޓް ނުނިމި އޮތެއްކަމަކު އޭނަ ސިނާން އަންނައިރަށް ސިނާނާއިއެކީ ވަގުތު ހޭދަ ކުރެއެވެ. ސިނާނާއެކީ ސައިކަލުންނާއި ކާރުން ރަށު ވަށައި ދުއްވައި ހެދިއެވެ. ކާރު ދުއްވަން ދިޔަ ފުރަތަމަ ދުވަހު ސިނާން ކާރަށް އެރީ ސީޑީއަކާއިއެކީގައެވެ. މިސްބާޙް ކާރު ދުއްވަން ފެށި ފަހުން ސިނާން އޭނައަށް އެންގުމެއްނެތި އެ ސީޑީ އަޅުވާލިއެވެ. އޭގެ އިރުކޮޅެއްފަހުން އިނގިރޭސި ލޯބީގެ ލަވައެއް ކިޔަން ފެށުމުން މިސްބާޙަށް އެހެން ކަހަލަ ގޮތެއްވިއެވެ. ލަވަ އަޑުއެހުމަކީ ރަނގަޅު ކަމެއްނޫންކަން އެނގުނުފަހުން އޭނަ ލަވައެއް އަޑުއަހާފައެއް ނުވެއެވެ. އަޑުއަހާ ހިތެއް ނުވެސްވަނީއެވެ. ޤުރުއާނުގެ އާޔަތްތަކުގެ ފުންކަން އޭނަގެ ހިތަށް އެނގުނު ފަހުން އޭނައަށް ލަވަތަކުގެ ބަސްތައް ތިލައެވެ. އެހެންކަމުން އެއްވެސް ލަވައަކުން އޭނަގެ ހިތަށް ފުރިހަމަ ހަމަޖެހުމެއް ލިބޭގޮތެއް ނުވެއެވެ. މި ވަގުތު ވެސް އިވެމުން ދިޔަ ލަވައިން އިވެމުން ދިޔައީ ފިރިހެން ކުއްޖަކު އޭނަގެ ހިތުގައި އަންހެން ކުއްޖާއަށްޓަކައިވާ ލޯބި ކިޔައިދޭ ގޮތެވެ. އެ ލޯތްބާއި ނުލާ ނުއުޅެވޭނެ ކަމަށާއި އެ އަންހެން ކުއްޖާ ޙަޔާތުގައި ނުވިނަމަ މުޅި ޙަޔާތުގެ މާނައެއް ނޯންނާނެ ކަމުގައި ބުނަމުން ދިޔަ ވާހަކަ އަޑުއަހަން މިސްބާޙަށް އިނދެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. ޙަޔާތުގެ މަޤްޞަދަކީ އަންހެން ކުއްޖަކާއެކީގައި ވުން ކަމުގައި ވަންޏާ މީހަކަށް ދުވަހަކުވެސް އުފަލެއް ނުލިބޭނެއެވެ. އަދި އެހެން މީހަކަށް ޙަޤީޤީ އުފަލެއް ހޯދައިދޭކަށްވެސް ނޭނގޭނެއެވެ. ﷲ އަށްވުރެ ބޮޑަށް އެހެން މީހެއް އަދި އެއްޗެއްދެކެ ލޯބިވުމަކީ އަމިއްލަ ހިތަށް ދެވޭނެ އެންމެ ބޮޑު ގެއްލުމެވެ. މިސްބާޙް ފުން ވިސްނުމެއްގެ ތެރޭގައި އިންދާ ސިނާން ވާހަކަ ދެއްކިއެވެ.
“އޭ މި ލަވަ ސަޅިވާނެ ދޯ މިސްބާއާ އަފްރީންގެ ވެޑިންގަ ޖަހަން؟” ސިނާން ހެވިފައި އިނދެ ސުވާލު ކުރިއެވެ.
“ނޫން. ވަރަށް ހަޑި މި ލަވަ. ލަވައެއް ނުޖަހާނެ އަހަރުމެން ވެޑިންގަ އިން ޝާ ﷲ. އަހަންނަށް ވަރަށް ފޫހި މިހާރު ހުރިހާ ލަވަތައްވެސް.” މިސްބާޙް ލުއިގޮތަކަށް ސިނާނަށް ބަލައި ލަވަ ނިއްވާލަމުން ބުނެލިއެވެ. ސިނާންގެ ހިނިތުންވުން ފަނޑުވެގެން ގޮސް އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އޭނަ ހީކުރީ ލޯބީގެ ލަވައެއް ޖެހުމުން މިސްބާޙް އަފްރީންގެ ޚިޔާލުތަކަށް ގެއްލޭނެ ކަމަށެވެ. އެހެނަސް ކަންތައް މިވީ އެހެންނެއްނޫނެވެ. މިސްބާޙް ކުޑަކޮށް ވެސް “ހުވަފެން ދެކެން” ފެށިހެނެއް ހިއެއްނުވެއެވެ. ސިނާނަށް ވަގުތުން ވިސްނެންފެށީ ދެން ހަދާނެ ގޮތަކާއިމެދުގައެވެ.
އެރޭވެސް ސިނާންގެ އެދުމަށް މިސްބާޙް އޭނައާއެކީ ކާރު ދުއްވަން ދިޔައެވެ. ދުއްވަން ފެށިތާ މާ ގިނައިރެއް ނުވެ ސިނާން އާ ސީޑީއެއް ލައްވާލިއެވެ. މި ފަހަރު ކިޔަން ފެށީ ލޯބީގެ ލަވައަކަށްވުރެ ފޯރިގަދަ ލަވައެކެވެ. އަންހެނަކު ކިޔާފައިވާ އެ ލަވައިގައި ނުސީދާ ގޮތަކަށް ހުސް ދެކެވިފައިވީ ހާމަކަން ބޮޑު ގޮތެއްގައި ދައްކަން ނުޖެހޭ ވާހަކަތަކެކެވެ. ލަވައިގައި އަސްލު ދެކެވެމުން ދިޔައީ ކޮން ވާހަކައެއްކަން އެނގުންވީ ހިނދު މިސްބާޙަށް ކުއްލިއަކަށް ކާރުގެ ބުރަކި ޖައްސާލެވުނެވެ. އެ މަގުގައި އެހެން ދުއްވާ އެއްޗެއް ނެތީ އެ ދެމީހުންގެ ނަސީބަކަށެވެ. މިސްބާޙް ވަގުތުން ލަވަ ނިއްވާލިއެވެ. އަދި ހިސާބަކަށް ނުރުހިފައި އިނދެ ސިނާން ގާތު މިއީ ގޯހެއް ކަމުގައި ބުނެލިއެވެ. ސިނާން އިރުކޮޅަކު އިނދެފައި އޯކޭއޭ ބުނެލަމުން ހިމޭންވެލިއެވެ. އެއަށްފަހު މިސްބާޙް ކާރު ދުއްވާލުމުން ސިނާން ދެން ލަވަ ޖަހާކަށް ނުއުޅުނެވެ.
އެރޭގެ ފަހުން ވެސް މިސްބާޙަށް ސިނާންގެ ފަރާތުން އެކިއެކި ފާޚިޝް ޢަމަލުތައް ފެންނަމުން ދިޔައެވެ. އޭނަގެ ގެއަށް އަންނައިރު ހުތުރު މަންޒަރުތައް ހުންނަ ފޮތްތަކާއި ފިލްމުތައް ހިފައިގެން އައިސް ސިނާން އޭނައަށް ދެއްކުމުން މިސްބާޙަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވެނީ ކިރިޔާއެވެ. މިސްބާޙް އަޖާއިބުވިއެވެ. ސިނާނަށް ކުއްލިއަކަށް ކިހިނެއްވީބާއޭ ހިތަށްއެރިއެވެ. އެހެނަސް ސިނާނަށް އަދި ނުވިސްނެނީއޭ މިސްބާޙްގެ ހިތް ބުންޏެވެ. މީގެ ދުވަސްތަކެއްކުރިން ޚުދު އޭނަވެސް ވީ އެފަދަ އަނދިރިގަނޑެއްގެ ތެރޭގައެވެ. އެ އަނދިރިގަނޑުން އޭނައަށް ނިކުމެވުނީ އޭނަ އުނގެނެމުން ދިޔަ އެއްޗަކާމެދު ވިސްނަން ފެށި ފަހުންނެވެ. ސިނާނަށް ވެސް ވިސްނައިދޭނީއޭ ހިތައި މިސްބާޙް އެއްރެއަކު ސިނާން އޭނަގެ ގެއަށް ގެނެސް ޤުރުއާނުގައިވާ ވާހަކައެއް ކިޔައިދޭން ނިންމިއެވެ. ސޫރަތުލް ޤަޞަސްގައިވާ މޫސާ ޢަލައިހިއްސަލާމްގެ ވާހަކަ ފެށިއިރު ވެސް ސިނާން އިނީ ފޫހިވެފައެވެ. ވާހަކައިގެ މެދުތެރެއިން ސިނާން އާފުރަން ފެށުމުން މިސްބާޙްގެ ހިތްވަރު އެލޭ ގޮތްވިއެވެ. އެހެނަސް އޭނަ ސިނާން ޝައުޤުވެރިވާފަދަ ގޮތަކަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. މިސްބާޙް ކިތަންމެ ބޭނުންވިއެއްކަމަކު ވާހަކަ ނުނިމެނީސް ސިނާން ތިމަންނަ ނިދި އައިއްސިއޭ ބުނެ ގެއަށް ދިޔައެވެ. ސިނާން ދިޔަތަން މިސްބާޙަށް ބަލަން އިނދެވުނީ ދެރަވެފައެވެ. ސިނާން ދުވަހަކުވެސް ރަނގަޅު ނުވާނެ ކަމުގައި ހިތުގެ ކަނަކުން ގޮވާލިއެވެ. ނަމަވެސް އޭނަ ކެތްތެރިކަމާއެކީ ލޯބިން ހެޔޮ ނަޞޭޙަތެއް ދެމުން ގެންދިޔައިއްޔާ އެއްދުވަހު ސިނާން އަޑުއަހާފާނެ ކަމަށް އަމިއްލަ ހިތަށް ވިސްނައި ދެމުން މިސްބާޙް އެރޭ ނިދާލިއެވެ.
ސިނާނަށް އެއްވެސް ވަރަކަށް ރުޅިވެރިކަން ނުދެއްކުމުގެ ޢަޒުމުގައި ހުރި މިސްބާޙްގެ ކެތްތެރިކަން ކޮޅުންލީ އެއްދުވަހު ސިނާން އޭނަގެ ޕްރޮފައިލަށް ވަދެ ކޮށްފައި ހުރި ކަމެއް ފެނުމުންނެވެ. ސިނާން އޮތީ އޭނަގެ ނަމުގައި އަފްރީންދެކެ ވަރަށް ލޯބިވާކަމަށް ބުނެ ވަރަށް ހުތުރު ވާހަކަތައް ސިފަ ކުރެވިފައިވި މެސެޖެއް އަފްރީނަށް ފޮނުވާފައެވެ.
“ވަޓް އިޒް ދިސް ސިނާން!” ސިނާން އޭނަގެ ކޮޓަރިއަށް ވަތްތަނާހެން މިސްބާޙަށް ކިޔަވާ މޭޒުދޮށުން ތެދުވެ ހަޅޭއްލަވައިގަނެވުނެވެ.
“ޔޫ އާރ ވެލްކަމް ބްރޯ. މިހާރު އަފްރީންއަށް އެނގޭނެ ބްރޯ އަފްރީންދެކެ ލޯބިވާވަރު.” ސިނާން ހެވިފައިހުރެ ބުންޏެވެ.
“ލޯބިވާ ވާހަކަ ނުބުނެ ހުރީ ސަބަބަކާ ލައިގެން. އެހެން ނޫނަސް ލޯބިވާ ވާހަކަ ބުނެވޭނެ މިއަށްވުރެ ރީތި ގޮތްތައް ހުރޭ. ސިނާން……ސީރިއަސްލީ، ކޮންމެ ކަމަކަށް ވެސް ވަގުތަކާއި ތަނެއް އޮންނާނެއެއްނު؟” މިސްބާޙަށް ދެންވެސް ވާހަކަ ދެއްކުނީ ހަރު އަޑުންނެވެ. ސިނާން އަނގަޔަށް ގޮތެއް ހަދާލަމުން ދެކޮނޑު އަރުވާލިއެވެ. މިސްބާޙް އަނެއްކާވެސް އެއްޗެކޭ ބުނަން އުޅުނު ވަގުތު ބޭރުން ޒާހިޔާ ސިނާނަށް ގޮވާލިއެވެ. ސިނާން މިސްބާޙަށް ހިނިތުންވުމެއް ދައްކާލަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. މިސްބާޙް އޭނަގެ ނިތުގައި އެއްއަތުން ޖަހާލަމުން އެ އަތް ލަސްލަހުން މޫނުގައި ހާކަމުން ތިރިއަށް ގެނައެވެ. އަދި ޖެހިލުންވުމަކާއެކީ ކިޔަވާ މޭޒުމަތީގައި ހުރި ލެޕްޓޮޕް ސްކްރީނަށް ބަލާލިއެވެ. އެއާއެކު އޭނަ ރޯން ބޭނުންވިއެވެ. އޭނަ ކިތަންމެ ޤަބޫލުކުރަން ބޭނުމެއް ނުވިޔަސް އެ މެސެޖު އެ އޮތީ އަފްރީނަށް ފޮނުވިފައެވެ. އެ މެސެޖު އަނެއްކާވެސް ކިޔާފައި އޭނައަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. މިހާރު އަފްރީން އޭނައާއިމެދު ދެކޭނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ.
**
އެދުވަހު ހެނދުނުއްސުރެ އަފްރީން އުޅުނީ ޝަކީލާމެން ގެއިން އައި އެގޭގަ އުޅޭ ކުޑަ ދެކުދިންނާއި އެކީގައެވެ. ޗުއްޓީ ދުވަސްކޮޅު ވުމުން އެކުދިން ފޫހި ފިލުވާލުމަށްޓަކައި އަފްރީން ކައިރިއަށް އައީއެވެ. އަފްރީން މުޅި ދުވަހު އެކުދިންނާއެކީ ކުޅެކުޅެފައި ރޭގަނޑުވީއިރު އޭނައަށް ހުރެވުނީ ވަރުބަލިވެފައެވެ. ރޭގަނޑު ކައިގެން އެކުދިން ދިޔަތަނާހެން އަފްރީން ނިދަން ބޭނުންވިއެވެ. އެހެނަސް އޭނައާއި ބައްދަލުކުރަން އެރޭ އާ މެހުމާނެއް އައެވެ.
“ނަޝާ!” ދޮރުމަތީގައި ހުރި ނަޝާ ފެނުމާއެކު އަފްރީންގެ މޫނުމައްޗަށް ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެއް ވެރިވިއެވެ. ނަޝާވެސް އަފޫއޭ ކިޔައި ގޮވާލީ ލުއި ހިނިތުންވުމަކާއެކީގައެވެ. އަފްރީން ނަޝާ ގެއަށް ވައްދައި އޭނަ ސިޓިންގް ރޫމުގެ ސޯފާގައި ބޭންދިއެވެ. އަދި ދެމީހުންނަށް ކޮފީ ހަދައިގެން ގެނެސް ސޯފާގައި އިށީނދެ ނަޝާއާއެކީ ކޮފީ ބޯމުން ވާހަކަ ދައްކަން ފެށިއެވެ. ސްކޫލްގެ ވާހަކައިން ފެށުނު ވާހަކަ މެދުކަނޑާލަމުން ނަޝާ ކުއްލިއަކަށް ސީރިއަސްވެލިއެވެ.
“އަފޫ އަހަރެން މިއައީ އަފޫގާތު ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެގެން.” ނަޝާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.
“ކޮން ވާހަކައެއް؟” އަފްރީންގެ ހިނިތުންވުން ވެސް ފަނޑުވިއެވެ.
“އަފޫ ދެނަހުރިންތަ ސިނާން މިކޮޅުގަ އެބަހުރިކަން؟” ނަޝާ ބުނެލިއެވެ. ސިނާންގެ ނަން އިވުމުން އަފްރީން ހުއްޓުން އެރިއެވެ. ކޮންމެ ފަހަރެކޭވެސް އެއްފަދައިން ސިނާންގެ ހުރިހާ ހަނދާނެއް އެއްފަހަރާ ސިކުނޑިއަށް ވެރިވާން އުޅުނު ވަގުތު އަފްރީނަށް ބޯހޫރުވާލެވުނެވެ. އޭނަގެ އެ ޙަރަކާތުން ނަޝާއަށް އޭނަގެ ޖަވާބުވެސް ލިބުނެވެ.
“އޭނަ އެބަހުރި. އޭނަ އައީ ބޮޑު ރޭވުމަކާއެކު. އަފޫ ބަދުނާމު ކުރުމުގެ ރޭވުން. އޭނަ ހުރީ އަދިވެސް އަފޫއަށް ވަރަށް ރުޅި އައިސްފަ. އެންމެން ކުރިމަތީގަ އަފޫ ތިމަންނަ ދޫކޮށްފަ ދިޔައިއްޔޭ ކިޔާފަ. ރެއާއި ދުވާލު އޭނަ އެކި ރޭވުންތައް ރާވަނީ އޭނަގެ އެކުވެރިންނާއެކު. އެ އެކުވެރިންގެ ތެރޭގަ ހިމެނޭ……..މިސްބާޙް ވެސް.” ނަޝާ އެންމެ ފަހަކަށް ބުނެލި ނަމުން އަފްރީނަށް ދެލޯ ބޮޑުކޮށްލަމުން ނަޝާއާއި ދިމާލަށް ބަލާލެވުނެވެ.
ނުނިމޭ