Hijra (Part 37)
“އެތާ އެއްވެސް މީހަކު ނުހުންނާނެ ދޯ ފަލަކް؟” މިސްބާޙް ޝައްކު ފިލުވާލުމުގެ ގޮތުން އަހާލިއެވެ. ތިން އަންހެން ކުދިން އެކީގައި ހޫންލައްވާލިއެވެ. މިސްބާޙް ދެންވެސް ޖެހިލުންވުމަކާއެކީ އެ ކޮޓަރިއާއި ދިމާލަށް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިސްބާޙް އެންމެ ފަހަކަށް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިލިއެވެ. އެއަށްފަހު އެ ދޮރުގެ ތަޅު އަނބުރާލަމުން ދޮރު ހުޅުވައި ކޮޓަރި ތެރެއަށްވަނެވެ. އެއާއެކު އެނދުމަތީގައި އިން އަފްރީން އިސްއުފުލާލިއެވެ. މިސްބާޙާއި އަފްރީންގެ ހަތަރުކަޅި ހަމަވީ ވަގުތު ދެމީހުން ވެސް ގަނޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި މިސްބާޙްގެ ފުރަގަހުން ކޮޓަރީގެ ދޮރު ބާރަށް ލެއްޕި ތަޅުލެވިގެން ދިޔައެވެ. އެ އަޑަށް ހަމަހޭވެރިކަމެއް ލިބިގެން ދިޔަ މިސްބާޙް ފަސްއެނބުރި ބަލާލި ވަގުތު އަފްރީން އަވަސްއަވަހަށް އެނދުން ފޭބިއެވެ. އަވަސްވެފައިވާ ހިތަކާއެކީ އޭނަ ވެސް ދޮރާއި ދިމާލަށް ދާން އުޅުނު ވަގުތު ބޭރުން އިވުނު ފިރިހެނެއްގެ ހުނުމުގެ އަޑަށް އަފްރީންގެ ފައިގައި ތަޅު އެޅުވުނު ފަދައެވެ.
ކައިރިވަމުން ދިޔަ ހުނުމުގެ އަޑުއަހަން މިސްބާޙަށް ހުރެވުނީ ދެ ބުމަ ކައިރިކޮށްގެންނެވެ. އެއީ ސިނާންގެ އަޑުކަން ނަގައިގަނެވުމުން އޭނަގެ ނިތުން ރޫފިލައިދިޔައެވެ. މީގެ ދުވަސްތަކެއް ކުރިން ކަންތައްވެގެން ދިޔަގޮތް ލޯކުރިމަތިން ސިފަވެގެން ދިޔުމުން މިސްބާޙަށް މިވީގޮތް ނަގައިގަނެވުނެވެ. އެއާއެކު އޭނަގެ ހިތް މާޔޫސްވިއެވެ. އޭނަގެ ކޮއްކޮ މިހާ ފާޅުކަން ބޮޑު ގޮތަކަށް އޭނައަށް ދޮގުހަދައި އޮޅުވާލިކަން އެނގުންވުމުންނެވެ.
“ހެހެހެ……މިސްބާ! މިއީ އަހަރުމެން އިންތިޒާރުކުރަމުން އައި ރެއަކީ. މިސްބާ މިހާތަނަށް ޖެއްސި ހުރިހާ އެކްޓެއްގެ ފައިނަލް އެޕިސޯޑް މިއީ. އެ ކިޔެވި ކިޔެވުމާ، ދިގުދިގު ލެކްޗާރތައް ބެލުމާ، ޤުރުއާނާއިބެހޭ ސްޕީޗްތައް ދިނުމާ……އެ ހުރިހާ ކަމެއްގެ އަގު މިރޭ މިސްބާއަށް ލިބެން ތި އުޅެނީ. އެންޖޯއި ބްރޯ!” ސިނާން ދެއްކި ވާހަކަތަކަކުން މިސްބާޙަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. ސިނާން އޭނަ އިސްލާޙުވިފަހުން ކުރި ކަންތައްތަކުގެ ވާހަކަ ދެއްކުމުން އޭނަ އޮޅުން އެރިއެވެ. ސިނާން އެގޮތަށް ވާހަކަ ދައްކަންވީ ސަބަބެއް އެންމެ ފުރަތަމަ އޭނައަށް ނޭނގުނެވެ. އެހެނަސް މާގިނައިރެއް ނުވެ އެއީ ކީއްވެކަން ވިސްނުމުން އޭނައަށް ކުއްލިއަކަށް އަފްރީނާއި ދިމާލަށް ބަލާލެވުނެވެ. އަފްރީން ނުރުހުންވެފައިވާ މޫނަކާއެކީ ދެއަތް އުރައި އިސްޖަހައިގެން ހުރިގޮތުން ސިނާން އެދެއްކީ އޭނައަށް އާ ވާހަކައެއް ނޫންހެން މިސްބާޙަށް ހީވިއެވެ. އެއީ ކީއްވެ ހެއްޔެވެ؟ ސިނާން އަފްރީންގެ ސިކުނޑިވެސް ދޮވުނީހެއްޔެވެ؟ މިސްބާޙް ފުން ވިސްނުމެއްގެ ތެރޭގައި ހުއްޓާ އަނެއްކާވެސް ދޮރާއި ދިމާލަށް ބަލާލެވުނީ ސިނާންގެ އަޑު އިވުމުންނެވެ.
“އޭ އަފޫ! އަފޫ ކިހިނެއްތަ؟ ހާދަ ދުވަހެއްވެއްޖެއޭ ދެމީހުން ދިމާ ނުވާތާ. ކުރީކޮޅު އަހަރެން އަފޫ މިސްވި. އެކަމަކު މިހާރު އަހަރެންގެ ގާލްފްރެންޑެއް ހުރޭ. ޓޫ ބޭޑް. އަޑުއެހިން އޭރުއްސުރެ އަފޫގެ ބޯއިފްރެންޑެއް ނެތް ވާހަކަ. އަހަންނަށް އެނގޭ އަފޫ އަދިވެސް އަހަރެން މަތިން ހަނދާންވާކަން. އެކަމަކު ދެރަވާންވީ ސަބަބެއްނެތް. މިރޭ އަފޫ ކައިރިއަށް އައިއްސަ ތިހިރީ އަހަރެންގެ ކަޒިން. އޭނަ އަފޫއަށް……..” ސިނާންގެ ވާހަކަ މެދުކެނޑުނީ ގޮށްމުއްކެވިގެން ދިޔަ މިސްބާޙް ދޮރުގައި ބާރަށް ޖަހާލުމުންނެވެ.
“މި ދޮރު ހުޅުވާ ސިނާން!” މިސްބާޙް ރުޅިވެރިކަމާއެކީ އަޑުގެ ކޮޅަށް ގޮވާލިއެވެ. އެވަގުތު އޭނަގެ ހިތް މޭތެރޭގައި ބާރަށް ތެޅެމުން ދިޔައިރު އޭނައަށް ފުން ނޭވާތަކެއް ލެވެމުން ދިޔައެވެ. އޭނަގެ ރުޅިވެރިކަން އެހާ ހިސާބަށް ދިޔައީ ސިނާން އަފްރީނާއިމެދު ވާހަކަ ދެއްކި ގޮތުންނެވެ. އަފްރީނާއިމެދު އެފަދަ ދަށްގޮތަކަށް ވާހަކަ ދެއްކުމުގެ ޙައްޤު އެކަކަށްވެސް ލިބިގެން ނުވާނެ ކަމަށްބުނެ އޭނަގެ ހިތް ހަޅޭއްލެވިއެވެ. އެހެނަސް މިސްބާޙްގެ ހިތް އޮތްގޮތް ނޭނގޭ އަފްރީން އޭނައާއި ދިމާލަށް ބަލަން ހުރީ ފެންކަޅިވެފައިވާ ދެލޮލާއެކީ ޝައްކުގެ ނަޒަރަކުންނެވެ.
“ހެހެހެހެ…….މިސްބާ! އަދިވެސް އެކްޓް ޖައްސަނީތަ؟ އޮހް……ނޭނގުނީއޭ. އޭރުންތާދޯ އަފޫ ދެންވެސް މިސްބާދެކެ ލޯބިވާނީ؟ މިރޭ އަފޫ މޮޔަވެދާނެ ތި ލޯބީގަ.” ސިނާނަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާ މިސްބާޙް އަނެއްކާވެސް ހަރުއަޑުން ސިނާނަށް ގޮވާލިއެވެ.
“ބްރޯ ދެން އަހަރެން ދަނީ. ޑޫ ނޮޓް ޑިސްޓާބް ސައިންއެއް އަޅުވައިފިން މި ދޮރުގަ. ދަނީ އިނގޭ؟ ބާއި!” ސިނާންގެ އަޑު ފޭދެމުން ދިޔަ ގޮތުން އޭނަ ދަނީކަން މިސްބާޙަށް ޔަޤީން ކުރެވުނެވެ.
“ސިނާން ޑޯންޓް! ސިނާން!” މިސްބާޙް ހަރުއަޑުން ގޮވަމުން ދޮރުގައި ދެތިން ފަހަރަކު ގޮށްމުށުން ޖެހިއެވެ. އެއަށްފަހު އޭނަ ދޮރުގެ ތަޅަށް ބަލާފައި އަނބުރާލަން އުޅުނެވެ. އެކަން ކާމިޔާބު ނުވުމުން އޭތި ހަލާކު ކުރެވޭނެ އެއްޗެއް ފެނޭތޯ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެކަހަލަ އެއްޗެއް ނުފެނުމުން މިސްބާޙް އޭނަގެ ކަނާތް އަތް މުށްކަވައި ތަޅުގައި ބާރަށް ޖަހާލިއެވެ. އަތަށްވެގެން ދިޔަ ތަދާއެކީ މިސްބާޙްގެ އަނގައިން ހަޅޭކެއްގެ އަޑު ނިކުތެވެ. އޭނައަށް ދެލޯ މަރައި ތަގުޅިކޮށްލަމުން ތަދުވި އަތުގައި އަނެއްއަތުން ހިފާލިއެވެ.
“ދެން ތިހާވަރު ނުވިޔަސް ރަނގަޅުވާނެ.” ދުރުގައި ހުރި އަފްރީން ތުރުތުރުއަޅާ އަޑަކުން ބުނެލިއެވެ. އެ އަޑު އިވުނު މިސްބާޙް އަފްރީނާއި ދިމާލަށް ބަލާލިއެވެ. އަފްރީން ފެންކަޅިވެފައި ހުރި ގޮތުން އޭނަ ދެންމެ ދެންމެ ރޮއިގަންނާނެހެން މިސްބާޙަށް ހީވިއެވެ. އަފްރީން އެވަނީ އޭނަގެ ހިމާޔަތަށް ބޭނުންވެފައި ކަމަށް މިސްބާޙްގެ ހިތް ބުންޏެވެ. އޭނައަށް ވަގުތުން ޚިޔާލު ކުރެވިގެން ދިޔައީ އޭނަ އަވަސް ހިނގުމެއްގައި ގޮސް އަފްރީންގެ ގައިގައި ބައްދާލާ މަންޒަރެވެ. އެވަގުތަށްޓަކައި މިސްބާޙް ހެވާއި ނުބައިގެ މަތިން ހަނދާން ނެތުނުފަދައެވެ. އޭނައަށް އަފްރީނާއި ދިމާލަށް އެނބުރިލެވުނީ އެ މަންޒަރާއި އެއްގޮތަށް ޢަމަލުކުރުމަށެވެ. އެހެނަސް އޭނައަށް ފިޔަވަޅެއް ނޭޅެނީސް އަފްރީން ވާހަކަ ދެއްކިއެވެ.
“ހިއެއްވެސް ނުކުރަން…….ހީ ނުކުރަން އަންހެން ކުއްޖަކު ހައްލާލުމަށްޓަކައި މީހަކު ދީން ބޭނުން ކުރާނެކަމަށް. ކުރީކޮޅު ހިތަށްއެރި. ފަހުން ހިތް ބުނީ މީހަކަށް ހަމަ ހިދާޔަތް ލިބިދާނެއޭ. އެކަމަކު……” އަފްރީންގެ ލޮލުން އޭނަގެ ކޯތާފަތް މައްޗަށް ކަރުނަ ތިތްކެއް ފައިބައިގެން އައެވެ. އެ މަންޒަރު ފެނިފައި މިސްބާޙްގެ މެއަށް ތަދުވިއެވެ. އޭނަގެ ލޮލުން ކަރުނަ ހިލުނީ އޭނައަކީ ދޮގުވެރިއެއްކަމުގައި އަފްރީން ދެކޭކަން އެނގުމުންނެވެ. އޭނަ އަފްރީންގެ ގާތަށް ގޮސް ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދޭން ބޭނުންވިއެވެ. އެ ޚިޔާލު ހިތަށް ވަނުމުން މިސްބާޙް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އޭނަ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އިސްޖެހިފައިހުރި އަފްރީން އޭނައަށް ހުރަސްއެޅިއެވެ.
“އަހަންނަށް…..ދެން ދުވަހަކުވެސް މީހަކަށް އިތުބާރު ކުރެވޭނެހެނެއް ހިއެއްނުވޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ!” އަފްރީން އެންމެ ފަހު ޖުމްލަ އިވޭ ނުއިވޭ އަޑަކުން ބުނެލަމުން އިސްޖަހާލިއެވެ. އެ ޖުމްލަ ނިމުނުއިރު މިސްބާޙްގެ ކުޑަކޮށް ހުޅުވިފައިވާ އަނގަ ލައްޕާލެވުނެވެ. ސިނާންގެ ރޭވުން ކޮންމެވެސް ވަރަކަށް ކާމިޔާބު ވެއްޖެކަން އެނގުންވުމުން އޭނަގެ ބުމަގޮށްޖެހުނެވެ. ސިނާން ބޭނުންވިހެން މިއަދަށްފަހު މީހަކުދެކެ ލޯބިވުމަކީ އަފްރީނަށް ފަސޭހަކަމަކަށް ނުވާނެއެވެ. މިސްބާޙް އެކަން ބަދަލުކުރަން ބޭނުންވިއެވެ. ހުރިހާ ޙަޤީޤަތެއް އަފްރީނަށް ކިޔައިދިނުމުން އެކަން ކުރެވިދާނެކަމަށް އޭނަގެ ހިތް ބުންޏެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާ އަފްރީން އޭނަގެ ނަމުން ގޮވަމުން އިސްއުފުލާލިއެވެ.
“މިސްބާޙް……ފަހަރެއްގަ ވެދާނެ މިސްބާޙް ކުރީގަ ރައްޓެހިވީ ކުދިން މިސްބާޙްގެ ޙަރަކާތްތަކަށް ހެއްލިގެން ވަރަށް ކުރު މުއްދަތެއްގެ ތެރޭގަ މި މަޤާމަށް އައިސް ތިބޭކަމަށްވެސް. ވެދާނެ މިރޭ ހިނގާނެ ފަދަ ކަމަކަށްފަހު އެކުދިން މިސްބާޙް ދެކެ އިތުރަށް ލޯބިވާ ކަމަށްވެސް. އެކަމަކު އަހަރެން ތަފާތު. އަހަންނަށް މިސްބާޙް ކަމުދިޔަ. ވަރަށް ޤަދަރުކުރިން މިސްބާޙަށް. އެކަމަކު މިރޭ ކަންތައް މިވީގޮތުން އަހަރެންގެ ހިތުގައި މިސްބާޙަށްޓަކައި އޮތް ހުރިހާ އިޙްތިރާމެއް ނެތިއްޖެ. އަހަރެން ނަފްރަތުކުރަން މިސްބާޙަށް!” އަފްރީން ރޮވިފައިވާ އަޑަކުން އެންމެ ފަހު ޖުމްލަ ބުނެލީ މުޅި ކޮޓަރިއަށް އިވޭނެ ވަރަށެވެ. އެއާއެކު މުޅި ކޮޓަރިއަށް މަރު ހިމޭންކަމެއް ވެރިވިއެވެ. މިސްބާޙް ދެލޯ ބޮޑުވެފައި ބުދެއްހެން އަފްރީނަށް ބަލަން ހުރިއިރު އަފްރީން ދެންވެސް ހުރީ ރޮވިފައި ކަހަލަ ގޮތަކަށެވެ. މިސްބާޙް އެއްވެސް ޙަރަކާތެއް ނުކޮށް ހުންނަން ފެށުމުން ނޭނގޭ ސަބަބަކާހުރެ އަފްރީނަށް ރޮވުނެވެ. އޭނަ މޫނުގައި ދެއަތް އަޅާލަމުން ގިސްލަގިސްލާފައި ރޯން ފެށިއެވެ. އެ މަންޒަރު ފެނުނު މިސްބާޙްގެ މޫނުމައްޗަށް ވެސް ހިތާމައިގެ އަސަރުތައް ވެރިވިއެވެ. ދެންމެ އަފްރީން ދެއްކި ވާހަކަތައް އޭނަގެ ކަންފަތުގައި ގުގުމަން ފެށިއެވެ. އަފްރީން އޭނަގެ ބޮލުގައި އެ އެޅުވީ އޭނަ ދުވަހަކުވެސް ނުކުރާ ކުށެއްގެ އިލްޒާމެވެ. އަންހެން ކުދިންނާއި އޭނަ ރައްޓެހިވެފައިވިޔަސް އޭނަ އަންހެން ކުއްޖަކާއެކީ ކޮޓަރިއެއްގައި އެކަހެރިވި ފުރަތަމަ ފަހަރަކީ މިއީއެވެ. އަފްރީން އޭނައާއިމެދު ދެކެނީ ހާދަ ނުބައިކޮށެވެ. އަފްރީންގެ ހިތުގައި އޭނައަށްޓަކައިވި ހުރިހާ އިޙްތިރާމެއް ނެތިދިޔައީ ނުބައި ނަޒަރިއްޔާތެއްގެ ސަބަބުންނެވެ. އަފްރީން އޭނައަށް ނަފްރަތުކޮށް އަމިއްލަ ނަފްސަށް އެ އަނިޔާދެނީ ޙަޤީޤަތް ނޭނގޭތީވެއެވެ. ޙަޤީޤަތް އޭނައަށް ބުނެދޭންވީއެވެ. އެ ޚިޔާލު ހިތަށް ވަނުމާއެކު މިސްބާޙަށް ލަސް ފިޔަވަޅުތަކެއް ކުރިއަށް އެޅެން ފެށިއެވެ. ފުރަތަމަ ފިޔަވަޅާއިއެކީގައި ވެސް އަފްރީންގެ ގާތަށް ގޮސް ކަންތައްވާނެ ގޮތް އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔަ ފަދައެވެ. ފުރަތަމަ ވެސް ސިފަވެގެން ދިޔައީ އަފްރީން އޭނަގެ އަތުތެރެއަށް ގެނެސް ހުއްޓާލުމަށް ބުނާ މަންޒަރެވެ. އެއަށްފަހު ހުރިހާ ވާހަކައެއް ކިޔަދީފައި އޭނަ ވެސް އަފްރީންދެކެ ވަރަށް ލޯބިވާ ވާހަކަ ބުނާ މަންޒަރެވެ. ނޭނގޭ ސަބަބަކާހުރެ އެ ހިނދުކޮޅަށްޓަކައި އެ މަންޒަރުތަކަކީ މިސްބާޙަށް ނުބައި މަންޒަރުތަކަކަށް ނުވިއެވެ. އޭނަ ޚިޔާލުކުރަމުން ކުރިއަށް ދަމުން ދަނިކޮށް އޭނަގެ ފައި ބިންމަތީގައި ތަތްލީހެން ހީވީ ވަކި ހިސާބަކުން ކުރެވެން ފެށި ޚިޔާލުތަކަކުންނެވެ. އެއާއެކު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އޭނަ މި ފިޔަވަޅުތައް އަޅަނީ ހަމައެކަނި އަފްރީނަށް ޙަޤީޤަތް ހާމަކުރުމަށްޓަކައި ނޫންކަމަށް އޭނަގެ ސިކުނޑި އަންގައިފިއެވެ. އޭނައާއި ދެ ފިޔަވަޅު ދުރުގައި މޫނު ފޮރުވައިގެން ހުރި އަފްރީނަށް ބަލަން މިސްބާޙަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އަފްރީނާއި ވީހާވެސް ދުރަކަށް ދާންވީ ކަމަށް ހިތުގެ ކަނަކުން ގޮވާލި އިރު ހިތުގެ އަނެއްފަޅިން ގޮވަމުން ދިޔައީ ކުރިއަށް ދިޔުމަށެވެ. ކުރިއަށްދާން އޭނަ ވަރަށް ބޮޑަށް ބޭނުންވިއެވެ. އޭނަ ހުރިތާހުރެ އަތް ދިއްކޮށްލިޔަސް އޭނައަށް އަފްރީންގެ ގައިގައި އަތްލެވޭނެކަމަށް އޭނަގެ ސިކުނޑި ބުންޏެވެ. އެގޮތަށް ކަންތައް ކުރުމަށް އެދެވުނު ވަރުން މިސްބާޙްގެ އަތުގައި ރިއްސާލިއެވެ. ހައިޖާނެއް އުފެދިފައިވާ ހިތް އަތްލާންވީކަމަށް ބުނެލި ވަގުތު އޭނައަށް އޭނަގެ ކަނާތް އަތް ވަކި ހިސާބަކަށް އުފުލާލެވުނެވެ. އެވަގުތު އެ އަތުގައި ތުރުތުރެއް އެކުލެވިގެންވިއެވެ. އޭނަ ހަމަ މިގޮތަށް ކަންތައް ކުރާނީތޯ ހިތް ސުވާލު ކުރި ވަގުތު އޭނަގެ ހަނދާނަށް އައީ އޭނަ އެންމެ ފަހަކަށް ތަރުޖަމާ ބެލި ސޫރަތެވެ. ޔޫސުފް ސޫރަތުގައި ވެސް މިފަދަ ޙާލަތެއް ސިފަކުރައްވާފައިވިކަން މިސްބާޙް ހަނދާންވިއެވެ. އެ ސޫރަތުގެ އާޔަތެއްގައި ނުބައި ކަންތައް ކުރާ މީހުން ކާމިޔާބު ނުވާނެކަމަށް އޮތް ވާހަކަ ހަނދާނަށް އައުމުން މިސްބާޙަށް އޭނަ އުފުލާލަން އުޅުނު އަތް މުށްކަވާލެވުނެވެ. އޭނަ އަފްރީނާއި ދިމާލަށް ބަލާލިއެވެ. އެވަގުތުވެސް އަފްރީން ހުރީ މޫނުގައި ދެއަތް އަޅައިގެންނެވެ. ދެންވެސް ކުރިއަށް ފިޔަވަޅެއް އަޅަން ބޭނުންވިއެއްކަމަކު މިސްބާޙް ގަދަކަމުން އަފްރީނަށް ފަސްދިނެވެ. އެއަށްފަހު އޭނަ ހިނގައިގަތީ އެނދުގެ އަނެއްފަރާތަށެވެ. ހިނގަމުން ދިޔައިރު އޭނަގެ ދެލޯ ފެންކަޅިވީ އޭނަ ދެންމެ ކުރަން އުޅުނު ކަމަކާމެދު ވިސްނާލެވުމުންނެވެ. އޭނަ ﷲ ވޮޑިގެންވާކަން ހަނދާން ނައްތާލީ ކޮން އިރަކު ހެއްޔެވެ؟ ﷲ ވޮޑިގެންވާއިރު އޭނަ އެހާ ލަދުކުޑަކަމެއް ކުރަން އުޅުނީވެސް ކީއްވެ ހެއްޔެވެ؟ އަފްރީން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ހެއްޔެވެ؟ އޭނަ ހިތުން އޭނަ ދެންމެ އެކަން ކުރަން އުޅުނީ އަފްރީންދެކެ ލޯބިވާކަން އެންގުމަށްޓަކައި ހެއްޔެވެ؟ ނޫނެކެވެ. އެއީ ލޯބީގެ ނިޝާނަކަށް ނުވާނެއެވެ. އޭނަ އެކަން ކުރިނަމަ އެ ވެގެން ދިޔައީހީ އޭނަ އޭނަގެ އަމިއްލަ އެދުންދެކެ ވާ ލޯތްބެއްގެ ނިޝާނަކަށެވެ.
އަފްރީންގެ ގާތަށް ނުދިޔުމަށް ހިތްވަރުލިބޭ ފަދަ ޚިޔާލުތަކަކުން މިސްބާޙްގެ ސިކުނޑި ފުރުނެއްކަމަކު އޭނައަށް އަފްރީނާއި ދުރަށް ފިޔަވަޅުތައް އެޅެމުން ދިޔައީ ނުހަނު އުނދަގުލުންނެވެ. އޭނަގެ ފައި ރިއްސަމުން ދިޔައީ އެ ދެފައި އެހެން ދިމާލަކަށްދާން އުޅުމުން މިސްބާޙް އެ ފަޔަށް ބާރު ހިންގަން އުޅޭ ފަދައަކުންނެވެ. ކޮންމެއަކަސް މިސްބާޙަށް ކާމިޔާބު ކަމާއެކީ ފަހަތް ބެލުމެއްނެތި އެނދުގެ އަނެއްފަރާތަށް ދެވުނެވެ. އޭނަ އެނދުގެ ކައިރީގައި ބިންމަތީގައި އިށީނީ އަފްރީނަށް ފުރަގަސްދެމުންނެވެ. އޭނަގެ ދެލޯ އަފްރީން ދެކެން އެދުނު ވަގުތު އޭނަ ދެލޯ މަރާލީ ލޯ ނުހުޅުވަން ހުވާކޮށްގެންނެވެ. އަމިއްލަ ނަފްސާއި ވަޢުދުވި ގޮތަށް ނުހުރެވިދާނެހެން ހީވި ވަގުތު މިސްބާޙަށް ރޮވެން ފެށިއެވެ. އޭނަގެ ބަލިކަށިކަން އިޙްޞާސް ކުރެވިފައެވެ. އޭނަ ވީހާވެސް އަވަހަކަށް މިތަނުން ނިކުމެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ހިތާހިތުން އޭނަ ދުޢާކުރީ އޭނައަށް އަބަދުވެސް އެހީވެދެއްވާނެ ފަރާތަކީ ﷲ ކަން ހަނދާންކުރަމުންނެވެ.
މިސްބާޙްގެ ގިސްލުމުގެ އަޑަށް އަފްރީނަށް މޫނުން ދެއަތް ނަގާލެވުނެވެ. އޭނައަށް ޙައިރާންކަމާއެކީ އެ އަޑު އަންނަމުން ދިޔަ ދިމާލަށް ބަލާލެވުނެވެ. އޭނައަށް ފުރަގަސްދީގެން މިސްބާޙް ދުރުގައި ރޯން އިންތަން ފެނިފައި އަފްރީނަށް ދެރަވާކަށް ނޭނގުނެވެ. މިވީގޮތެއް ނަގައިގަންނާކަށް އޭނައަށް ނޭނގުނެވެ. މިސްބާޙް އޭނައާއި ދުރަށް ދިޔައީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެ ސުވާލާއިމެދު އިރުކޮޅެއް ވަންދެން ވިސްނުމަށްފަހު އަފްރީނަށް ޖަވާބެއް ލިބުނެވެ. އެ ވާނީ މިސްބާޙް އަދިވެސް “އެކްޓު” ޖައްސަނީ ކަމަށޭ އޭނަގެ ހިތް ބުންޏެވެ. މިހާއިރު ވަންދެން ވެސް މިސްބާޙް ހެދިގެން ހުރީ އޭނަ މިތާ ހުންނަން ބޭނުން ނުވާކަމަށެވެ. އެއީ އޭނަ ރަނގަޅުވެއްޖެކަން އަފްރީނަށް ޔަޤީން ކޮށްދީ އަފްރީން އަމިއްލައަށް އޭނައަށް ދަޢުވަތު ދޭ ގޮތަށް ކަންތައް ކުރުމަށްޓަކައިކަމަށް އަފްރީންގެ ހިތް ބުންޏެވެ. މިސްބާޙް ކަމެއްކުރަން ނުއުޅުނުނަމަ އެންމެ ފުރަތަމަ އޭނައާއި ދިމާލަށް ފިޔަވަޅުތައް އެޅިހެން އޭނައަށް ހީނުވީހެވެ. މިސްބާޙް އެހާ ދުރުގައި ހުންނަން ބޭނުންވަންޏާ އޭނަ މިވަގުތު މިތަނުން “ސަލާމަތް”ވުމަށްޓަކައި މީހަކަށް ގުޅާލަންވީ ނޫންހެއްޔެވެ؟ އެ ސުވާލު ހިތަށް ވަނުމުން އަފްރީނަށް ޚިޔާލެއް ލިބުނެވެ. ޚުދު އޭނަ މީހަކަށް ގުޅާލަންވީ ނޫން ހެއްޔެވެ؟ އަފްރީނަށް ވަގުތުން އޭނަގެ ހެދުމުގެ އެއްފަރާތެއްގައި ހުރި ޖީބުން އޭނަގެ ފޯނު ނެގުނެވެ. އެވަގުތު އެ ފޯނު އޮތީ ނިވިފައެވެ. އަފްރީން ފޯނު ޖައްސާލުމަށް އެއްފަރާތެއްގައި ހުރި ބަޓަނަށް ފިތާލީ ފޯނުގައި ކުޑަ ޗާޖުކޮޅެއްވެސް ހުންނާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާ ކުރަމުންނެވެ. ފޯނު ދިއްލި ސޭމްސަންގްގެ އަކުރު ފެނިގެން ދިޔުމުން އަފްރީނަށް ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބުނެވެ.
ދުރުގައި އިން މިސްބާޙަށް އަފްރީންގެ ފޯނު ހުޅުވިގެން ދިޔަ އަޑު އިވިފައި ލޯ ހުޅުވާލެވުނެވެ. އަފްރީން އުޅެނީ މީހަކަށް ގުޅަންކަން މިސްބާޙަށް އެނގުނެވެ. އެއާއެކު އޭނައަށް ވެސް އޭނަގެ ޖިންސްގެ ޖީބު ހުރި ދިމާލުގައި އަތް ޖައްސާލެވުނީ އޭނަގެ ފޯނު އޮތްތޯ ބެލުމަށެވެ. އެހެނަސް އޭނައަށް އާދެވުނީ އޭނަގެ ފޯނު ބާއްވާފައިކަން އެނގުންވުމުން މިސްބާޙް މާޔޫސްވިއެވެ. ފޯނު އޮތަސް އޭނަ ގުޅާނީ ކާކަށްތޯ ހިތަށްއެރިއެވެ. އޭނަގެ ބައްޕަ މިހާރު ހުންނާނީ ޕޯޑިއަމަކަށް އަރާފައެވެ. މިރޭ އޮތީ ފުދޭވަރަކަށް ބޮޑު ޖަލްސާއަކަށްވުމުން މަންމަވެސް ހުންނާނީ އެތަނުގައެވެ. ފޯނެއް އަޔަސް މަންމަ ފޯނު ކަނޑާލާނެކަން ޔަޤީނެވެ. އޭނަ ދެން ގުޅަން ހުރި މީހަކީ އޭނަގެ ކޮއްކޮއެއްގެ ސިފައިގައި ހުރި ދުޝްމިނެއްކަމަށްވާ ސިނާނެވެ. މިސްބާޙަށް އަނެއްކާވެސް އޭނަގެ ދުޅަވެފައިވާ ދެލޯ މަރާލެވުނެވެ. އަފްރީން މީހަކަށް ގުޅައިގެން ދެމީހުން ވެސް މިތަނުން ސަލާމަތް ކޮށްދޭނެ އިރެއްގެ އިންތިޒާރު މިސްބާޙް ކުރަން ފެށިއެވެ.
އަފްރީންގެ ނަސީބު ރަނގަޅުކަމުން އޭނަ ފޯނު ޖައްސާލި ވަގުތު ބައްޕަ އޭނަގެ ފޯނަށް ސަތޭކަ ރުފިޔާ ފޮނުވައިފިއެވެ. އޭނަ ބައްޕަ ގާތު ފޯނަށް ލާރި އަޅައިދިނުމަށް އެދުނީ މިއަދު ހަވީރެވެ. އެންމެ މުނާސަބު ވަގުތު ލާރި ލިބުމުން އަފްރީނަށް ހިތާހިތުން ޙަމްދުކުރެވުނެވެ. އޭނަ ވަގުތުން ބައްޕަގެ ނަންބަރަށް ގުޅައި ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ އަފޫ…..ކިހިނެއްވީ؟ ބަލާ އަންނަންވީތަ ފަލަކްމެން ގެއަށް؟” ޝަރީފް ކޮށްލި ސުވާލުން އަފްރީން ހުއްޓުން އެރިއެވެ. ބައްޕައަށް އެނގުނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ އޭނައަށް މިގެއަށް ޙަޤީޤަތުގައި އައީ ކީއްކުރަންކަން ހަނދާންވިއެވެ. އޭނައަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
“އާނ ބައްޕާ. ވަރަށް އަވަހަށް އާދޭ. އަފޫ މިހިރީ……..އޮޅުމަކުން ކޮޓަރިއެއްގަ ތަޅުލެވިފަ. ފަލަކް ގޭގަ ނެތް ކަންނޭނގެ. ބައްޕަ މިގެއަށް ވަދެގެން އައިއްސަ އެންމެ ފުރަތަމަ ފެންނަ ކޮޓަރީގެ ދޮރު ހުޅުވާލައްޗޭ.” އަފްރީން އަވަސްއަވަހަށް ކަންތައް ވީ ގޮތުގެ އެއްބައި ކިޔައިދިނެވެ.
“ސުބްޙާނަ ﷲ. ތިއީ ކިހިނެއްވީ ކަމެއް؟” ޝަރީފް ކަންބޮޑުވުމަކާއެކީ ސުވާލުކޮށްލި އަޑު އިވުމުން އަފްރީނަށް ދެލޯ މަރާލެވުނެވެ.
“ބައްޕާ އަވަހަށް އާދޭ.” އަފްރީން އިތުރު ވާހަކަ ނުދައްކަންވެގެން އަނެއްކާވެސް ބުނެލިއެވެ. ޝަރީފް މިއަންނަނީއޭ ބުނެލަމުން ފޯނު ކަނޑާލއެވެ. އަފްރީނަށް ފޯނު ކަންފަތުން ނަގާލަމުން މިސްބާޙާއި ދިމާލަށް ބަލާލެވުނެވެ. މިސްބާޙް އަދިވެސް އެންމެ އިންޗަކުން ވެސް ދުރުނުވެ އިން ތާނގައި އިނެވެ. ނޫންކަމަށް ހެދެން ހާދަ މޮޅު މީހެކެވެ. މިސްބާޙް އެ އިނީ އޭނަ އަމިއްލައަށް އެތަނަށް ގޮސް ކިހިނެއްވީތޯ ސުވާލުކުރުމުގެ އިންތިޒާރުގައި ހެއްޔެވެ؟ އެއީ މިސްބާޙްގެ ހުވަފެނަކުން ވެސްވާނެ ކަމެއްނޫނެވެ. އަފްރީންގެ ހިތް މިސްބާޙަށްޓަކައި ނަފްރަތުން ފުރިގެން ދިޔައެވެ. އެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ފިރިހެން ކުއްޖަކަށް މިފަދަ ޙާލަތެއްގައި އެހާ ދުރުގައި ހުރުމަކީ ކިހާ އުނދަގޫ ކަމެއްކަން އަފްރީނަށް އެއްގޮތަކަށްވެސް ނޭނގެއެވެ.
ސިނާނާއި އޭނަގެ އެކުވެރިން ފަލަކްމެންގެ ގޭގެ ސިޓިންގް ރޫމުގައި ތިއްބާ ގޭގެ ކުރިމައްޗަށް ޖިޕެއް މަޑުކޮށްލި އަޑުއިވުނެވެ. އެ އަޑު އިވުމުން އެންމެން ހިމޭންވިއެވެ. ފަލަކް ގޮސް ގޭގެ ހުޅުވާލެވިފައިވާ ދޮރުމައްޗަށް އެރިތަނާ ޖިޕުން ފައިބައިގެން ގޭގެ ފެންޑާއަށް ވަތް ޝަރީފް އޭނައަށް ފެނުނެވެ. އެއާއެކު އޭނަ ތެޅިގަންނަމުން އެތެރެއަށް ދިޔުމަށް އެންމެނަށް ޢިޝާރާތް ކުރިއެވެ. ސޯފާތަކުގައި ތިބި މީހުންނަށް ސަބަބު ނޭނގުނެއްކަމަކު އެ މީހުން އެންމެން އަވަސް އަރުވާލާފައި ގޮސް އެކި ކޮޓަރިތަކަށް ވަނެވެ. ފަލަކް ގޮސް އަމާނީ ވަތް ކޮޓަރިއަށް ވަދެ ދޮރުލައްޕާލި ވަގުތު ޝަރީފް އެ ގޭގެ ދޮރުމައްޗަށް އެރިއެވެ. ޝަރީފް ގޭގެ ވަށައި ހޯދާލަމުން ސަލާމް ގޮވާލިއެވެ. އެ އަޑަށް ކޮޓަރީގެ އެނދުމަތީގައި އިން އަފްރީނަށް ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. މިސްބާޙަށް ވެސް ބަލާލެވުނީ އެ ދިމާލަށެވެ.
“ބައްޕާ….ބައްޕާ. ބައްޕާ!” އަފްރީން ބާރުވަމުން ދިޔަ އަޑަކުން ބައްޕައަށް ގޮވަމުން ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ދޮރުގައި އެއްއަތުން ތަޅަން ފެށިއެވެ. ބޭރުގައި ހުރި ޝަރީފަށް އެ އަޑު އިވުމުން އޭނަ ވަގުތުން އެ ދިމާލަށް ދިޔައެވެ. ދޮރާއި ހަމަވެ ތަޅު އަނބުރާލަން އުޅުނު ވަގުތު ތަޅުގައި އެޅުވިފައި އޮތް “ޑޫ ނޮޓް ޑިސްޓާބް” ގެ ނިޝާން ފެނިފައި ޝަރީފްގެ ނިތަށް ރޫގިނަވިއެވެ. ސިކުނޑިއަށް ގޯސް ޚިޔާލުތަކެއް ވެރިވިއެއްކަމަކު ފަހުން ހިތަށް އެރީ މިއީ އަފްރީންމެންގެ މަސައްކަތަށް ހުރަސް އެޅިދާނެތީ އަޅުވާފައި އޮތް ނިޝާނެއް ކަމަށެވެ. ޝަރީފް ތަޅު އަނބުރާލަމުން ދޮރު ހުޅުވާލިތަނާހެން އަފްރީން ވައިއަޑުން ބައްޕާއޭ ކިޔައި ޝަރީފްގެ ގައިގައި އޮޅުލައިގަތެވެ. އަފްރީންގެ ދެއަތް ފިނިވެފައިވި ގޮތުން އޭނަ ބިރުގެންފައިވިކަން ޝަރީފަށް އެނގުނެވެ. މިތާނގައި ބަންދުވީ ކިހިނެއްތޯ ޝަރީފް ސުވާލުކުރަން އުޅުނު ވަގުތު ބިންމަތިން ތެދުވެލީ މިސްބާޙް ޝަރީފަށް ފެނުނެވެ. މިސްބާޙް ކޮޓަރީގެ ދޮރާއި ދިމާލަށް އެނބުރިލީ ވަގުތު ޝަރީފްގެ މޫނުމައްޗަށް އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަން ވެރިވިއެވެ. ޝަރީފްގެ ސިކުނޑި ވަގުތުން ކަންތައްވީ ގޮތް އަމިއްލަ އަމިއްލައަށް ނިންމައިފިއެވެ. އޭނަ އަފްރީން ގަޔާއި ދުރުކޮށްލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް މިސްބާޙްގެ ކުރިމަތީގައި މަޑުކޮށްލިއެވެ. މިސްބާޙް ޝަރީފަށް ބަލާލީތަނާހެން އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ.
ނުނިމޭ