Hijra (Part 40)
މިސްބާޙަކީ ގޯސްވެދާނެ ކުއްޖަކަށް ވިޔަސް ތުންތުންމަތިން އެހެން ދެކެވޭ ވާހަކައަކަށް އިތުބާރު ކުރުމަކީ އޭނަ ގެންގުޅޭ އުޞޫލެއް ނޫނެވެ. އަދި އަމުދުން މިސްބާޙް ގޯސް ނުވެވެސް ހިނގައިދާނެކަމަށް ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ ކުރިމަތީގައި އިން ގޮނޑި ބަރިން ގޮނޑިއެއްގައި މާޔޫސްވެފައި އިން ޒާހިޔާއަށް ބަލާލިއެވެ. މިސްބާޙް ހަމައަކަށް އެޅުނު އިރަކުން މިސްބާޙާއި ޒާހިޔާ ކައިރިން ޙަޤީޤަތް އަހާފައި މެނުވީ މިރޭ ހިނގި ކަންތައްތަކުގެ ވާހަކަ ނުޖަހަން ޔޫނުސް ނިންމިއެވެ. އެންމެ އަވަހަށް ޚަބަރު ނުޖެހުނަސް ޔޫނުސްއަށް މިފަހަރު އެއީ މާ ބޮޑު މައްސަލައަކަށް ނުވިއެވެ.
ގަޑިއިރެއްގެ ފަރުވާތަކަށްފަހު މިސްބާޙް އެމަޖެންސީ ރޫމުން ނެރެ ޕްރައިވޭޓް ރޫމަކަށް ގެންދެވުނެވެ. އޭނަ ހޭއަރާނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށް ޑޮކްޓަރުން ބުންޏެވެ. ޕްރައިވޭޓް ރޫމުގެ އެނދުގައި މިސްބާޙް ބޭއްވުނު ވަގުތު ޒާހިޔާ އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އަދި މިސްބާޙްގެ އައިވީ ގުޅާފައި އޮތް އަތް ނޫން އަނެއްއަތުގައި ހިފައި އެއަތް މަތީގައި ބޯއަޅާލިއެވެ. ދުރުގައި ކޮޅަށް ހުރި ޔޫނުސްއަށް މަންޒަރު ބަލަން ހިނދުކޮޅަކަށް ހުރެވުނެވެ. އެއަށްފަހު އޭނަ ޒާހިޔާގާތު ގެއަށް ގޮސް ތާޒާވެލައިގެން އައުމަށް އެދުނެވެ. އަނެއްކާވެސް ރޮވިފައި ހުރި ޒާހިޔާ ޔޫނުސްއަށް ބަލާލަމުން ވަގުތުން އިންކާރު ކުރިއެވެ. އެހެނަސް ޔޫނުސް އެތައް އާދޭހެއް ކުރުމުން ޒާހިޔާ ގެއަށް ދާން އެއްބަސްވީ ލެއިން ތަތްތެޅިފައިވާ ހެދުން ބަދަލު ކުރުމަށާއި މިސްބާޙަށް ބޭނުންވާނެ އަންނައުނާއި އެއްޗެހި ގެނައުމަށެވެ. ޒާހިޔާ ޓެކްސީއެއްގައި ގެއަށް ދިޔަ މަންޒަރު ބަލަން ހުރި ޔޫނުސްގެ ގަމީހުގައި ވެސް ލޭ ހުއްޓެއްކަމަކު އޭނަ ގެއަށްދާން ނިންމީ ފަހުންނެވެ. މިސްބާޙް އެކަނި ބާއްވާފައި ދާކަށް އޭނަ ބޭނުމެއް ނުވިއެވެ. އޭނައަށް މިސްބާޙް އޮތް ކޮޓަރިއަށް ގޮސް ދެލޯ މެރިފައި އޮތް މިސްބާޙަށް ބަލަން ހުރެވުނެވެ. މިސްބާޙަށް މިހެންވީ ކިހިނެއްބާއޭ ސަތޭކަވަނަ ފަހަރަށް ޔޫނުސްގެ ހިތަށް އެރިއެވެ. މިސްބާޙް މިފަދަ ޙާލަކަށް ދޫކޮށްފައި އޭނަގެ ބައްޕަ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ މިހާ ދަން ގަޑިއެއްގައި އަމީން ވަކި ދާނީވެސް ކޮން ތަނަކަށް ހެއްޔެވެ؟ ހަމަ ގައިމުވެސް އެ ވަގުތަކު ސިޔާސީ އެއްވުމެއް ނޯންނާނެއެވެ. ޔޫނުސްގެ ބުމަގޮށްޖެހުނެވެ. ޝަރީފް ބުނިހެން އަމީން އަމިއްލަ ދަރިފުޅު ވީތަނެއް ނުބަލައި ހިންގަން އުޅެނީ ކޮން ޤައުމެއް ހެއްޔެވެ؟ މިސްބާޙަކީ އަމީނަށް ގޯސްކޮށް ހިތާ ކުއްޖެއްހެނެއް ހިއެއްނުވެއެވެ. ޔޫނުސް އެއްދުވަހު އަމީންގެ ގޭގެ ކުރިމަތީގައި ހުރި ފިހާރައިން ނިކުތް ވަގުތު އެގޭގެ ފެންޑާ ތެރޭގައި އޮތް ކާރު ދޮންނަން ހުރި މިސްބާޙް ހެވިފައިހުރެ ސްކޫލްގައި ހިނގި ކަންތައްތަކުގެ ވާހަކަ އަމީނަށް ކިޔައިދެމުން ދިޔައެވެ. ޔޫނުސް ބަލަބަލާ ހުއްޓާ އަމީން އޭނައަށް ފުރަގަސްދީގެން ހުރި މިސްބާޙަށް އަންގާލުމެއްވެސް ނެތި ފޯނެއް އައުމުން ގެއަށް ވަދެގެން ދިޔައެވެ. އިރުކޮޅެއްފަހުން އެކަން އެނގުންވި މިސްބާޙްގެ މޫނުމަތިން ފެނުނު މާޔޫސްކަން ފެނިފައި ޔޫނުސްވެސް ދެރަވިއެވެ. އެދުވަސްމަތިން ހަނދާންވެފައި ޔޫނުސްއަށް އެނދުގެ ކައިރިއަށް ގޮސް މިސްބާޙްގެ ބެންޑޭޖް އޮޅާލެވިފައިވާ ނިއްކުރިން ފެށިގެން ބޮލުގެ އިސްތަށިގަނޑާއި ހަމައަށް ފިރުމާލެވުނެވެ. އަދި ހިތާހިތުން މިސްބާޙަށްޓަކައި ދުޢާ ކުރެވުނެވެ.
ޒާހިޔާ އައުމުން ޔޫނުސް ހިނގާފައި އަމީންގެ ގެއާއި ހަމައަށް ދިޔައެވެ. އަދި އެގޭގެ ފެންޑާ ތެރެއަށް ވައްދާފައި ހުރި އޭނަގެ ސައިކަލަށް އަރައި ގެއަށް ދިޔައެވެ. ގޭގެ ދޮރުގައި ޓަކި ދިނުމުގެ ބަދަލުގައި ޔޫނުސް ޖީބުގައި އޮތް ތަޅުދަނޑި ނެގީ ފޯނުގެ ގަޑިން ދަންވަރު 2:30 ވެފައިހުރި ތަން ފެނިފައެވެ. އޭނައަށް ކަންތައް ކުރެވުނީ ރަނގަޅަށްކަން ޔޫނުސްއަށް އެނގުންވީ ގޭގެ ދޮރު ހުޅުވާލި ވަގުތު ސިޓިންގް ރޫމުގެ ސޯފާގައި ނިދިފައި އޮތް ނަސްރާ ފެނިފައެވެ. ސޯފާއަށް ދެފައި އެރުވުމެއްނެތި ނަސްރާ އޮށޯވެގެން އޮތް ގޮތުން ނަސްރާއަށް ނިދުނީ އޭނަގެ އިންތިޒާރުގައި އޮތްވާކަން ޔޫނުސްއަށް އެނގުންވިއެވެ. ނަސްރާގެ ގާތަށް ހިނގައިގަތް ވަގުތު ޔޫނުސްއަށް ހިނިތުންވެލެވުނީ ކައިވެނީ ފުރަތަމަ ރޭ މަތިން ހަނދާންވުމުންނެވެ. އޭނަ ހަމަ މިފަދަ ވަގުތެއްގައި އަނބުރާ ގެއަށް އައިއިރު ނަސްރާ ހަމަ މިކަހަލަ ގޮތަކަށް ކޮޓަރީގެ އެނދުގައި އޮތްތަން ސިފަވުމުންނެވެ. ޔޫނުސް ހިނދުކޮޅަކަށް މިރޭ ހިނގާ ދިޔަ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނެވެ. އެހެނަސް އެ ހުރިހާ ހަނދާނެއް އަނބުރާ އައީ ނަސްރާ އާއި ކައިރިވާން ވަގުތު އޭނަގެ ގަމީސް ހަޑިވެފައިވިކަން ފާހަގަވުމުންނެވެ. އެހެންކަމުން އޭނަ ފެންވަރައި ހެދުން ބަދަލު ކޮށްގެން އައިސް ނަސްރާ އަތްދަނޑިމައްޗަށް އުފުލައިގެން ކޮޓަރިއަށް ގެންދިޔައެވެ.
އޭގެ އަނެއްދުވަހު ފަތިސް ނަމާދަށް ފޯނުން ބަންގިގޮވާ އަޑަށް އަފްރީން ހޭލެވުނެވެ. ބަންގި ނިމެންދެން އަޑުއަހަން އޮތް އަފްރީންގެ ހަނދާނަށް އަންނަމުން ދިޔައީ ރޭގަ އޭނައާއި މިސްބާޙާއި ދެމެދު ހިނގި ކަންތައްތަކެވެ. ބަންގި ނިމެން ކައިރިވީ ވަގުތު އޭނަގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އެނދުން ތެދުވެގެން ގޮސް މޫނު ދޮވެ ވުޟޫކުރަމުން ދިޔައިރު އޭނައަށް ހުއްޓުމެއްނެތި ރޮވެމުން ދިޔައެވެ. އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. މިސްބާޙަކީ ރަނގަޅު މީހަކަށް ވިޔަސް އަދި ގޯސް މީހަކަށް ވިޔަސް މިސްބާޙާއި ދިމާލަށް އެއްޗެހި ގޮވުމުގެ ޙައްޤެއް އޭނައަކަށް ނޯންނާނެކަމަށް ހިތް ބުނަމުން ދިޔައެވެ. އަފްރީނަށް ނަމާދަށްފަހު އެތައް އިރެއް ވަންދެން ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރެވުނެވެ. އަދި މިސްބާޙްގެ ޙަޤީޤަތް އޭނައަށް ސާފުވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދިވެސް ދުޢާ ދެންނެވުނެވެ. އެ ނަމާދުތަކާއި ދުޢާތަކަށްފަހު ޤުރުއާނުގެ މަދު ޞަފްޙާތަކެއް ކިޔަވާލުމުން އަފްރީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޙަޤީޤަތް އެނގެން ވީ ދުވަހަކުން އޭނައަށް އެނގޭނެކަން ޔަޤީން ކުރަމުން އަފްރީން އޭނަގެ ސްކޫލްގެ މަސައްކަތްތައް ނިންމުމަށް ކިޔަވާ މޭޒުދޮށަށް ދިޔައެވެ. އޭނަގެ ބޮޑު އެސައިންމެންޓްގެ ހަދާފައި އޮތް ބައިވެސް އޭނައަށް އާދެވުނީ ފަލަކްގެ ގޭގައި ބާއްވާފައިކަން އެނގުންވުމުން އަފްރީންގެ ހިތް ގެނބުނެވެ. ފަލަކް ގާތު އޭތި އަނބުރާ ގެނެސްދިނުމަށް އެދުމަށްޓަކައި އަފްރީނަށް ވަގުތުން އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. އެހެނަސް ރޭގަ ހިނގި ކަންތައްތަކުގެ ފަހަތުގައި ފަލަކްގެ ވެސް އަތެއްވާކަން އެނގުންވުމުން އަފްރީނަށް ޚިޔާލު ބަދަލުކޮށްލެވުނެވެ. އެސައިންމެންޓް އަލުން ހަދަން ވިޔަސް ފަލަކަށް ނުގުޅަން އަފްރީން ނިންމިއެވެ. އެއަށްފަހު އޭނަ ކިޔަވާ މޭޒުދޮށަށް ގޮސް އަވަހަށް އެސައިންމެންޓް ހަދަން ފެށިއެވެ. އަފްރީން އެސައިންމެންޓް ހަދައި ނިމުނުއިރު ހެނދުނު 8 ޖަހައިފިއެވެ. އޭތި ހަދައި ނިމުމުން އަފްރީނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ހެނދުނު ސައިބޯން ދާން ހިތަށްއެރިއެއްކަމަކު ހުރިހާ ފިލާވަޅެއް ނިންމާފައި ނޫނީ ނުދާން އަފްރީން ނިންމިއެވެ. ދެން ހަދަން އޮތީ އިސްލާމުން ދިން ފިލާވަޅުކަމުގައި އަފްރީންގެ ނޯޓު ފޮތުގައި ލިޔެފައިވިއެވެ. އިސްލާމުން އެދުވަހު ދިން ވޯކްޝީޓް މުދައްރިސް ގެއަށް ގެންދާ ގޮތަށް ނުދޭތީ ކުދިން އެ ވޯކްޝީޓް ފޮޓޯ ނަގަން އުޅުނެވެ. އޭރު ވަގުތު ކުޑަތަން ވެފައިވީތީ އެ ފޮޓޯ ސާފުކޮށް ރައްކާކުރެވުނީ މިސްބާޙްގެ އައި ޕެޑްގައި އެކަންޏެވެ. އޭނަ ކުލާހުގެ ފޭސްބުކް ގްރޫޕްގައި އޭތި ޕޯސްޓް ކުރާނެ ވާހަކަ ބުނެފައިވެއެވެ. އެކަން ހަނދާންވުމުން އަފްރީން ފޭސްބުކަށްވަނެވެ. ނިއުސް ފީޑުން އެންމެ ފުރަތަމަ ވެސް ފެނުނު ޚަބަރަކުން އަފްރީންގެ ހިތް ހުއްޓުނެވެ. އަމީންގެ ދަރިފުޅު މިސްބާޙް ޒަޚަމްތަކަކާއެކީ ހޮސްޕިޓަލަށް ގެންދެވުނު ވާހަކަ އޮތް ޞުރުޚީއަށް އަފްރީނަށް ވަގުތުން ކްލިކްކޮށްލެވުނެވެ. ޞުރުޚީގެ ދަށުގައި ހުރި ފޮޓޯ ފެނިފައި އަފްރީންގެ ދެލޯ ބޮޑުވިއެވެ. ބަޔަކު މީހުން ދަމަމުން ދިޔަ ހޮސްޕިޓަލްގެ އެނދުމަތީގައި ދެލޯ މެރިފައި އޮތް މިސްބާޙްގެ ގައިގެ އެތަން މިތަނުން އަންނަމުން ދިޔަ ލެއިން އެނދުގެ ތަންތަންގަނޑު ވެސް ވަނީ ރަތްވެފައެވެ. މިސްބާޙްގެ އެއްލޮލާއި ދިމާލުން ނޫފަންގަނެފައިވީތަން ފެނިފައި އަފްރީނަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މިއީ ކިހިނެއްވީ ކަމެއްބާވައޭ ހިތަށް އެރިތަނާހެން އޭނަ ޚަބަރު ކިޔަން ފެށިއެވެ. ހިތް އަވަސްވެފައިވިވަރުން އޭނައަށް ޚަބަރު ރަނގަޅަށް ނުވެސް ކިޔެއެވެ. މިސްބާޙްގެ ޒަޚަމްތަކުގެ ފަހަތުގައި ވި ސަބަބެއް ނޭނގޭ ވާހަކަ އެ ޚަބަރުގައި އޮތުމުން އަފްރީން އޭތި މުޅިން ނުވެސް ކިޔައި އެހެން އޮންލައިން ނޫހަކަށް ދިޔައެވެ. އެއްވެސް ނޫހަކުން ސަބަބު ނުފެނުމުން އަފްރީންގެ ސިކުނޑިއަށް ނުބައި ޚިޔާލުތައް ވެރިވާން ފެށިއެވެ. މިސްބާޙް އޭނަ ދެއްކި ވާހަކަތަކުގެ ހިތާމައިގައި އަމިއްލަ ނަފްސަށް އަނިޔާ ކުރީބާވައޭ ހިތަށްއެރިއެވެ. އެއާއެކު އަފްރީންގެ އެ ހިތަށް ތަދުވިއެވެ. އޭނަ މިސްބާޙް ދެކިލަން ގޮސް މިސްބާޙަށް މަޢާފަށް އެދެން ބޭނުންވިއެވެ. ކޮންމެވެސް ސަބަބަކާހުރެ މިސްބާޙަކީ ގޯސް މީހަކަށް ވެދާނެ ކަމުގެ ޚިޔާލު އަފްރީންގެ ހިތުން ފިލައިފިއެވެ.
މިސްބާޙްގެ ޒަޚަމްތަކުގެ ވާހަކަ އިތުރަށް ކިޔުމުގެ ހިތްވަރެއް ނުލިބުމުން އަފްރީން އޭނަ އެންމެ ފަހަކަށް ހުޅުވާފައި ހުރި ޚަބަރު ކްލޯޒް ކޮށްލަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު ޚަބަރުގެ އެންމެ ފަހަތުގައި ޖަލްސާއެއްގެ ވާހަކަ އޮތުމުން އަފްރީން ޙައިރާންވެފައި އެތަންކޮޅު ކިޔާލިއެވެ. ރޭގަ އޮތް ޖަލްސާއަށް ގޮސް މިސްބާޙްގެ އަތްދަށުން އަންހެން ކުއްޖަކު ސަލާމަތް ކުރިކަމަށް އެންމެން ކުރިމަތީގައި އެ މީހަކު ބުނި ވާހަކަ އޮތުމުން އަފްރީންގެ މެއަށް ފިނިވިއެވެ. އެ ވާހަކަ އެހާ ހާމަކަން ބޮޑުގޮތަކަށް ދައްކާނީ ކާކުބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އަފްރީން ނިތަށް ރޫއަރުވައިގެން ހިސާބަކަށް ކަންބޮޑުވެފައި ވިސްނަން އިންދާ ކުއްލިއަކަށް ބޭރުން ޝަރީފް ހަޅޭއްލަވާހެން އަފްރީނަށް ހީވިއެވެ. ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ އަފްރީނަށް ވަގުތުން ގޮނޑިން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައި ބަލާލެވުނެވެ. އެވަގުތު ގޭގެ ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާގައި ނަސްރާ އިށީނދެގެން އިންއިރު ޝަރީފް ކޮޅަށް ހުރެ ހަރުއަޑުން ވާހަކަ ދައްކަމުން ދިޔައެވެ.
“އަދި އެ ކޮޓަރީގެ ތަޅުގައި އޮތް ޑޫ ނޮޓު ޑިސްޓާބްއޭ ޖަހާފަ ކަރުދާސްކޮޅެއް އެލުވާފަ……އަފްރީން އެހެން ބުންޏަސް އަހަންނަށް ހަމަ ޔަޤީން އޭނަ އަހަރެންގެ ދަރިފުޅަށް ކަމެއްކޮށްފަކަން ހުންނާނީ. އަހަރެން ޝައްކެއްވެސް ނުކުރަން. މާ ގިނައިން ފައިސާ ފެންނަ އެ ޢުމުރުގެ ކުދިންނަށް ހީވާނީ ތިމަންނަމެން ބޭނުންވާހާ ގޮތަކަށް ދުނިޔޭގަ އުޅެވިދާނެހެން!” ޝަރީފް މުޅި ގެއަށް އިވޭވަރަށް ބުނެލިއެވެ. ބައްޕަ ވާހަކަ ދެއްކި ގޮތުން ދުރުގައި ހުރި އަފްރީންގެ ހިތް ރޫރޫއެޅިއެވެ. ނަސްރާއަށް ކޮޅަށް ތެދުވެވުނެވެ.
“ބައްޕާ…..ތަންކޮޅެއް މަޑުން ވާހަކަ ދައްކަބަލަ. މިއީ މާ ބާރަށް ދައްކަންޖެހޭ ޒާތުގެ ވާހަކައެއްނޫން. ބައްޕަ ކީއްވެތަ ރޭގަ ޖަލްސާއަށް ގޮސް އެގޮތަށް ވާހަކަ ދެއްކީ؟ ޔޫނުސް ބުނީ ބައްޕަ ވާހަކަ ދެއްކި ގޮތުން މުޅި ޖަލްސާގެ ހަމަޖެހުން ގެއްލިއްޖެއޭ. އެ ކުރެވުނީ ގޯސްކަމެއް ނޫންތަ ބައްޕާ؟” ނަސްރާ މަޑުމައިތިރި އަޑަކުން ސުވާލުކުރިއެވެ. އެއާއެކު ދުރުގައި ހުރި އަފްރީނަށް ޚަބަރުގައި އޮތް ވާހަކައިގެ މާނަ ނަގައިގަނެވުނެވެ. ބައްޕަ ރޭ ޖިޕް ދުއްވާލިއިރު އެފަދަ ކަމެއް ކޮށްފާނެއޭ އޭނަގެ ހިތަށް ނާރައެވެ.
“މަށަކަށް ހިއެއްނުވޭ މަށަށް ކުރެވުނީ ނުބައި ކަމެއް ހެންނެއް. އެހެން ކަންތައް ކުރީމަ އަމީން ވޯޓުގެ އެދުމަށް ވެސް އޭނަގެ ދަރި މައިތިރި ކުރުވާނެ.” ޝަރީފް ދެންވެސް ހުރީ ރުޅިން ރަތްވެފައެވެ. ޝަރީފް އޭނަގެ ކުށަށް އެއްބަސް ނުވުމުން ނަސްރާއާއެކީ ދުރުގައި ހުރި އަފްރީން ވެސް ނުރުހުންވިއެވެ. ނަސްރާ އުއްމީދެއްނެތް ގޮތަކަށް ޝަރީފަށް ބަލަން ހުރި ވަގުތު އަފްރީނަށް ދޮރުގެ ކަނީގައި ބާރަށް ހިފަހައްޓާލެވުނެވެ.
“ބައްޕާ…..އެކަމަކު މިސްބާޙް ގޯސް ނުވެވެސް ހިނގައިދާނެއެއްނު؟ އަފޫ އެބަ ބުނެއެއްނޫންތަ އޭނަ އެއްވެސް ކަމެއް ނުކުރެއޭ؟ މިސްބާޙަކީ ރަނގަޅު ކުއްޖަކަށްވާނަމަ ހާދަ ބޮޑު ނާއިންސާފެކޭ މިވެގެން ދިޔައީ. ހުރިހާ ނޫހެއްގަ މިސްބާޙްގެ ބޮލުގަ ތުޚުމަތުތައް އެޅުވިފަ. އަޅުގަނޑަށް ހީވަނީ ބައްޕަ ތި ބުނިހެން ބައްޕަ ދެއްކި ވާހަކައިން އަމީން މިސްބާޙް މައިތިރިކުރުވަން އުޅުނީތީވެހެން މިސްބާޙަށް މިއަދު އެ ޙާލު ޖެހުނީ. ރޭ އެގޭގެ ފެންޑާ ތެރެއިން މިސްބާޙް ހޭނެތިފަ އޮތްވާ ޔޫނުސްއަށް ފެނުނީ. މިސްބާޙްގެ މަންމަ ރޮއި އާދޭސްކުރަމުން ދިޔަޔޯ އެހީވެދޭށޭ ކިޔާފަ. އޭރު އަމީން އޭނަގެ ކާރުގަ ކޮންމެވެސް ތަނަކަށް ގޮއްސި. ޔޫނުސް ދިޔަ މިސްބާޙްގެ މަންމައާއެކީ މިސްބާޙް ގޮވައިގެން ހޮސްޕިޓަލަށް. އެކުއްޖާ ލޭ މަދުވެފައިވި ލޭ އަޅަން ވެސް ޖެހުނު. ޔޫނުސް ބުނީ ތިމަންނަ ގެއަށް އައިއިރު ވެސް މިސްބާޙް ހެއެއްނާރައޭ.” ނަސްރާ ދެރަގޮތަކަށް އެ ވާހަކަ ކިޔައިދީ ނިމުނުއިރު ކޮޓަރީގެ ދޮރުމަތީގައި ހުރި އަފްރީން ކޯތާފަތްމައްޗަށް ކަރުނަ ތިތްކެއް ފައިބައިގެން އައެވެ. މިސްބާޙާއިމެދު ކަންތައް ވެފައިވަނީ އޭނަ ހީކުރިވަރަށްވުރެ ވެސް ގޯސްކޮށްހެން ހީވުމުން އަފްރީން މެއަށް ތޫނު ތަދެއްވަނެވެ.
“ރަނގަޅަށްވީ އޭނައާއި ދޭތެރޭ. އެއީ ވާންޖެހޭ ގޮތް! ޔޫނުސް ކީއްކުރަން އެކަހަލަ މީހަކަށް އެހީވެދިނީވެސް؟” ޝަރީފް ދެލޯ ހަނިކޮށްފައި އަހާލިއެވެ. ނަސްރާއަށް ޤަބޫލުކުރަން ވެސް ދަތިވެފައިހުރެ ވައި އަޑުން ބައްޕާއޭ ކިޔައި ގޮވާލެވުނެވެ. ޝަރީފް ރުޅިވެރިކަމާއެކީ ނަސްރާއަށް ފަސްދީފައި ދާން ހިނގައިގަތީ އަފްރީންގެ ކޮޓަރި ހުރި ފަރާތް ނޫން އަނެއްފަރާތުގައި ހުރި އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. ޝަރީފް ލޯ މައްޗަށް ގެއްލުމުން ވެސް ނަސްރާއަށް ފަސްއެނބުރި ބަލާލެވުނެވެ. އޭނަ ބަލަބަލާހުއްޓާ ޝަރީފް ގޮސް ކޮޓަރިއަށްވަދެ ބާރަށް ދޮރު ލައްޕާލުމުން ނަސްރާ ސިހިގެން ދިޔައެވެ. މާޔޫސީ ގޮތަކަށް އެދިމާލަށް ބަލަން ހުރެފައި ނަސްރާ އަނެއްފަރާތަށް ބަލާލިއެވެ. އެވަގުތު އެ ފަރާތުގައި ހުރި ކޮޓަރީގެ ދޮރުމަތީގައި ހުރި އަފްރީން ފެނިފައި ނަސްރާގެ މޫނުމައްޗަށް ކަންބޮޑުވުން ވެރިވިއެވެ.
“އަފޫ!” ނަސްރާ އަފްރީނާއި ދިމާލަށް ދިގު ފިޔަވަޅުތަކެއްގައި ދިޔައެވެ. އެވަގުތު އަފްރީން އޭނަގެ ކޯތާފަތުން ކަރުނަ ފޮހެނީއެވެ.
“އަފޫ ރޮނީ ކީއްވެ؟ ދޮންތަ ކައިރި ތެދުތެދަށް ބުނެބަލަ. ބައްޕަ އެ ބުނީ ތެދެއްތަ؟ މިސްބާޙް ކަމެއް ކުރިތަ؟” ނަސްރާ އަފްރީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އަހާލިއެވެ. އަފްރީން ބޯހޫރުވާލިއެވެ.
“ނޫން ދޮންތާ. އޭނަ އެއްވެސް ކަމެއް ނުކުރޭ. އޭނަ ފުރަތަމަ ކައިރިއަށް އައިހެން ހީވި. އެކަމަކު ފަހުން އޭނަ ހުރީ ދުރަށް ގޮއްސަ އެކަނިމާއެކަނި ރޯން. ދޮންތާ……ބަޔަކު މީހުން އެބަ ބުނޭ އަހަރެން ކައިރި އެއީ ވަރަށް ނުބައި މީހެކޭ. އެކަމަކު އެއީ ނުބައި މީހަކަށްވިނަމަ އޭނަ އެހެން ހެދީސްތަ ދޮންތަ؟ އަފޫއަކަށް ވެސް ޔަޤީނެއްނޫން. އެކަމަކު އޭނަ ވަރަށް ރަނގަޅު ދޮންތާ.” އަފްރީނަށް ވާހަކަ ދެކެވުނީ ރޮވިފައި ހުރެއެވެ.
“ހުއްޓާލާ އަފޫ.” ނަސްރާ ޙަމްދަރުދީގެ ނަޒަރަކުން އަފްރީނަށް ބަލަންހުރެ އޭނަގެ ކަރުނަތައް ފޮހެދެމުން ބުންޏެވެ. ނަސްރާ ދެންވެސް އެއްޗެކޭ ބުނަން އުޅުނު ވަގުތު އަފްރީން ވާހަކަ ދެއްކިއެވެ.
“ދޮންތާ މިސްބާޙް މިހާރު ކިހިނެއް؟ ޔޫންބެ ބުނީ ކީކޭ؟” އަފްރީން އަހާލިއެވެ. އޭރު ނަސްރާ ދެއްކި ވާހަކަ އިވިފައި ވިޔަސް އަފްރީން އިތުރަށް އެނގެން ބޭނުންވިއެވެ.
“ޔޫންބެ އެންމެ ފަހަކަށް ހޮސްޕިޓަލަށް ދިޔައީ ރޭގަ. ބުނީ ޑޮކްޓަރުން ބުންޏޭ މިއަދު ހެނދުނުގެ ވަގުތެއްގައޭ މިސްބާޙް ހޭއަރާނީ. ޔޫންބެ ހުރީ މިއަދު ހޮސްޕިޓަލަށްދާން ނިންމައިގެން. މިސްބާޙްގެ އިންޓަވިއުއެއްކޮށް ޙަޤީޤަތުގަ ކަންތައް ހިނގި ގޮތް ލިޔެ ރިޕޯޓެއް ޝާއިއުކުރަންވެގެން.” ނަސްރާ އަފްރީންގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރެ ކިޔައިދިނެވެ. އެ ވާހަކަ އިވިފައި އަފްރީންގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. ނޭނގޭ ސަބަބަކާހުރެ މިސްބާޙަށް ރަނގަޅު ގޮތްތައް މެދުވެރިވާން އަފްރީނަށް އެދެވުނެވެ. އޭނަގެ ސިކުނޑީގެ ކަނަކުން މިސްބާޙަކީ ގޯސް މީހެކޭ ބުނަމުން ދިޔައެއްކަމަކު އޭނަ އެ އަޑަށް ބީރު ކަންފަތެއް ދިނެވެ.
“ހިނގާދޯ ސައިބޯން؟” އަފްރީން އެއްޗެކޭ ނުބުނެ ތިރި ބަލައިގެން ހުންނަން ފެށުމުން ނަސްރާ ބުނެލިއެވެ. އަފްރީން އިސްއުފުލައި އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލިއެވެ. އެއަށްފަހު ބޯޖަހާލަމުން ހިނގާށޭ ބުނެލިއެވެ. ނަސްރާ އަފްރީންގެ ކޮނޑުން ދޫކޮށްލުމުން އަފްރީން ކާގެއާއި ދިމާލަށް ހިނގައިގަތެވެ. އަފްރީން އޭނައަށް ފަސްދީފައިދާތަން ބަލަން ނަސްރާއަށް ހުރެވުނެވެ. މިސްބާޙަކީ ބައްޕަ ބުނާހެން އަފްރީނަށް ބިރުދައްކާ ކުއްޖަކަށްވިނަމަ އަފްރީން އޭނަގެ ޙާލު ބަލަން ބޭނުންނުވީހޭ ނަސްރާގެ ހިތަށްއެރިއެވެ. މިސްބާޙަކީ ގޯސްކަމެއް ކުރަން ބޭނުންވާ ކުއްޖަކަށްވިނަމަ އަފްރީން އެ ސިފަކުރި ގޮތަށް އެފަދަ ޙާލެއްގައި އޭނަ ކަންތައް ނުކުރީހެވެ. މިސްބާޙަކީ ދޮގު އިލްޒާމްތަކެއްގެ ޝިކާރައަކަށްވެފައިވި ކުއްޖެއްކަމަށް ނަސްރާއަށް ހިތާހިތުން ނިންމުނެވެ.
**
ހޮސްޕިޓަލްގެ އެނދުގައި އޮތް މިސްބާޙްގެ މެރިފައިވާ ދެލޯ ތަގުޅިވެގެން ދިޔައެވެ. އޭނަ ދެފަރާތަށް ދެފަރާތަށް މޫނު ހަލުވަން ފެށި ވަގުތު އެ ޕްރައިވޭޓް ރޫމުގައި އެކަކުވެސް ނެތެވެ. އެ އޭސީކޮށްފައިވާ ކޮޓަރީގެ ތެރޭގައި އޮތްވާވެސް މިސްބާޙްގެ ގައިން ދާހިއްލަން ފެށީ މެރިފައިވާ ދެލޮލުގެ ދޭތެރެއިން ފެންނަމުން ދިޔަ ނުސާފު މަންޒަރުތަކާއި ކަންފަތަށް އިވެމުން ދިޔަ އަޑުތަކެއްގެ ސަބަބުންނެވެ. އެންމެ ފުރަތަމަ ވެސް އިވުނީ ދޮރެއް ލެއްޕިގެން ދިޔަ އަޑެވެ. ދެން ކޮންމެވެސް ފިރިހެން ކުއްޖަކު ހޭން ފެށި އަޑެވެ. އެއަށްފަހު އަންހެން ކުއްޖަކު ރޮވިފައިހުރެ އޭނައާއި ދިމާލަށް އެއްޗެހި ގޮވާ މަންޒަރު ސިފަވުމުން ނޭނގޭ ސަބަބަކާހުރެ މިސްބާޙްގެ މެއަށް ތޫނު ތަދެއްވަނެވެ. އޭގެ ދެވަނަ ސިކުންތުގައި މީހަކު އޭނަގެ ކަރުގައި ހިފާލިހެން ހީވި ވަގުތު މިސްބާޙަށް އިހުނަށްވުރެވެސް ބޮޑަށް އެނދުގައި އޮވެ ތެޅިގަނެވުނެވެ. އެނދުމަތީގައި އޮތް ޝީޓާއި އެކީ އޭނަގެ އަތް މުއްކެވިގެން ދިޔައެވެ. އެހެނަސް އޭނަގެ އެ ޙަރަކާތަކުން އޭނަގެ ގައިގެ އެތައް މިތަނަށް ތޫނު ތަދުތަކެއް ވަންނަމުން ދިޔަހެން ހީވިފަދަ އިޙްޞާޞަށް ބަދަލެއް ނައެވެ. އެންމެ ފަހަކަށް އޭނަ ފެންގަނޑަކަށް ގެނބި ނޭވާ ނުލެވޭނެހެން ހީވި ވަގުތު މިސްބާޙް ކުއްލިއަކަށް އެތެރެއަށް ނޭވައެއް ދަމާލަމުން ދެލޯ ބޮޑުކޮށް އެނދުން ތެދުވިއެވެ. އެވަގުތު އޭނަގެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވާ ވަރަށް ތެޅެމުން ދިޔައެވެ. މިސްބާޙް ހުއްޓުން އަރާފައި އިންދާ އެއްފަރާތަކުން އޭނަގެ މަންމަ ކަންބޮޑުވުމަކާއެކީ އޭނައަށް ގޮވާލި އަޑު އިވުނެވެ. އެ ފަރާތަށް ނުބެލިއެއްކަމަކު އެއީ އޭނަގެ މަންމަކަން މިސްބާޙަށް ޔަޤީން ކުރެވުނެވެ. ބަލަން ބޭނުންވިއެވެ. އެހެނަސް އޭނަ ހުރީ ދެންމެ ފެނުނު މަންޒަރުތަކެއްގެ ސަބަބުން ޙަރަކާތެއް ކުރެވޭނެ ވަރަށްވުރެ ބޮޑު ޝޮކެއްގެ ތެރޭގައެވެ. އެ މަންޒަރުތަކުން އޭނައަށް އެ ފެނުނީ ކޮން ބައެއްތޯ މިސްބާޙަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. މިވަގުތު އޭނައަށް އެ މަންޒަރުތައް ސިފަކުރެވެމުން ދިޔައީ ފެނުނު ބިރުވެރި ހުވަފެނެއްގެ ގޮތުގައެވެ. ބިރުވެރި ހުވަފެނެއްގައި އުޅޭނީ ހަމަ ގައިމުވެސް އޭނަގެ ދުޝްމިނުންތާއޭ މިސްބާޙްގެ ހިތް ބުންޏެވެ. އެ “ދުޝްމިނުންތަކުގެ” މޫނު ހަނދާން ކުރެވޭތޯ މިސްބާޙް ސިކުނޑިއަށް ބާރުލުމުން އޭނަގެ ބޮލުގައި ރިއްސިއެވެ. އޭނައަށް ބޭއިޚްތިޔާރުގައި ބޮލުގައި އަތް އަޅާލެވުނެވެ. އެވަގުތު އޭނަގެ ބޮލާއި އަތްތިލައިގައިވެސް ބެންޑޭޖެއް އޮޅާލެވިފައިވިކަން އޭނައަށް އެނގުންވިއެވެ. މިސްބާޙަށް ޙައިރާންކަމާއެކީ އޭނަގެ އަތްތިލައަށް ބަލާލެވުނެވެ. އެވަގުތު ފެންކަޅިވެފައި ހުރި ޒާހިޔާ އައިސް މިސްބާޙްގެ ބުރަކަށީގައި އެއްއަތް އެޅިއެވެ.
“މިހާރު ކިހިނެއްތަ ދަރިފުޅާ؟” ޒާހިޔާ މިސްބާޙްގެ ބުރަކަށީގައި ފިރުމަމުން ކުރެހިފައިވާ އަޑަކުން ސުވާލުކުރިއެވެ. ޒާހިޔާ “ދަރިފުޅާ” އޭ ކިޔާލި ވަގުތު މިސްބާޙްގެ ކަންފަތުގައި އެ ބަސް ގުގުމަން ފެށިއެވެ. އެއީ އޭނަގެ “ހުވަފެނުން” އިވުނު އަޑަކަށް ނުވިޔަސް މިސްބާޙްގެ ސިކުނޑީގައި އެ ހުވަފެނުގެ މަންޒަރަކާއި އެ އަޑު ގުޅިގެން ދިޔައެވެ. މީހަކު އޭނަގެ އަތުގައި ހިފައި އަތްތިލައިގައި ނުހަނު ފުންކޮށް ވަޅި އެޅި ވަގުތު ޒާހިޔާ ދަރިފުޅާއޭ ކިޔައި ބާރަށް ގޮވާލި އަޑު ކަންފަތަށް އިވުނުހެން ހީވިއެވެ. ކޮންމެވެސް ސަބަބަކާހުރެ އެއީ ހުވަފެނެއްނޫންހެން މިސްބާޙަށް ހީވާން ފަށައިފިއެވެ. އޭނައަށް ފެނުނު މަންޒަރުތައް ސާފުވާން ފެށިއެވެ. އެންމެ ފުރަތަމަ ވެސް ބައްޕަގެ ރުޅިވެރި މޫނު ސިފަވެގެން ދިޔުމުން މިސްބާޙްގެ ހިތް ރޫރޫއެޅިއެވެ. މާ ގިނައިރެއްނުވެ “ހުވަފެނުގެ” ހުރިހާ މަންޒަރެއް ސާފުވެ ސިނާނާއި އަފްރީންގެ ނަންވެސް ހިތަށް ވަނުމުން މިސްބާޙްގެ ލޯ ކަރުނުން ފުސްވިއެވެ. އޭނައަށް ދުޝްމިނުންނަށްވެގެން މިދިޔައީ އޭނަ އެންމެ ލޯބިވާ މީހުންނެވެ. އޭނައަށް އެކި ގޮތްގޮތަށް އަނިޔާ ދީފައި މިވަނީ އޭނަ އެބަޔަކަށްޓަކައި އެންމެ ހެޔޮއެދޭ މީހުންނެވެ. އެ އެންމެން އޭނައަށް ނަފްރަތުކުރާކަން އެނގުންވީ ހިނދު މިސްބާޙްގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. މޭތެރޭގައި ފެތުރެމުން ދިޔަ ތަދަށް ކެތްނުކުރެވިގެން މިސްބާޙްގެ އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ނިކުތެވެ. އޭނަ ރަނގަޅަށް ރޯންފެށި ވަގުތު ޒާހިޔާ މިސްބާޙްގެ ނަމުން ގޮވަމުން މިސްބާޙްގެ މޫނުގައި ދެއަތުން ހިފައި އޭނައާއިވީ ފަރާތަށް އަނބުރާލިއެވެ.
“މިސްބާ…..ކިހިނެއްތަވީ؟” މިސްބާޙް ރޯންވީ އެތައް ސަބަބެއް ހުރިކަން އެނގިހުއްޓެއްކަމަކު ޒާހިޔާއަށް ކޮށްލެވުނީ އެ ސުވާލެވެ.
“މަ….މަންމާ. އަ…ހަރެން ވަރަށް ގޯސް، ދޯ؟” މިސްބާޙް މޭމަތީގައި އެއްއަތް އަޅާލަމުން ޒާހިޔާއަށް ބަލާލިއެވެ. ޒާހިޔާ ތުންފިއްތާލަމުން ބޯހޫރުވާލިތަނާހެން މިސްބާޙް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ނޫން މަންމާ. އެންމެން އަހަރެންދެކެ ރުޅި އަންނާނީ އަހަރެން ގޯސްވީމަތާ.” މިސްބާޙް އިސްޖަހާލަމުން އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ބުނެލިއެވެ.
“މިސްބާ ބުނެބަލަ. މިސްބާ ގޯސްކަމެއް ކުރިންތަ؟” ޒާހިޔާ އޭނަގެ އިޙްޞާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން މިސްބާޙްގެ އިސްތަށިގަނޑުގައި ފިރުމަމުން ސުވާލުކުރިއެވެ.
“ނޫން މަންމާ. ޑޭޑްއަށް ހީވަނީ ރަނގަޅަކަށް ނޫން. އަހަރެން ހަމަ އަސްލުވެސް އެއްވެސް ކަމެއް ނުކުރަން. މީގެ އަހަރުތަކެއް ކުރިން އެފަދަ ޙާލަތެއްގަ ހުރިނަމަ ގޯހެއް ހެދުނީސް. އެކަމަކު މިފަހަރު އަހަރެން ނުކުރަން އެއްވެސް ކަމެއް. އަހަރެން ބޭނުންވި ކައިރިވާން. ވަރަށް ބޭނުންވި. ކައިރިވާން ފިޔަވަޅުތަކެއްވެސް އެޅިން. އެކަމަކު އަހަންނަށް ނުކެރުން.” މިސްބާޙް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެ ވާހަކަ ކިޔައިދީ ނިމުނުއިރު އަނެއްކާވެސް އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ޒާހިޔާ ސުވާލެއްކޮށްލަން އުޅުނު ވަގުތު މިސްބާޙް އޭނައަށް ހުރަސްއެޅިއެވެ.
“މަންމާ ޑޭޑް ކޮބައިތަ؟” މިސްބާޙް ޒާހިޔާއަށް ބަލާލަމުން އަހާލިއެވެ. ޒާހިޔާގެ މޫނުމައްޗަށް ވަގުތުން ރުޅިވެރިކަން ވެރިވިއެވެ.
“އޭނަ ވީތަނެއް ބަލާނެކަމެއްނެތް! އޭނައެއްނު މިސްބާޙަށް މި ޙާލު ޖެއްސީ؟ ރޭގަ ފިލައިގެން ދިޔަ ގޮތަށް އޭނަ ފުރައިގެން ގޮއްސި. މެސެޖެއް ފޮނުވާފަ އޮތް މިއަދު ފަތިހު ތިމަންނަ މިހިރީ މާލޭގައޭ ކިޔާފަ. ކީއްކުރަން އޭނަ އަންގަނީވެސް ވީތަނެއް. ބޭނުންވި ވަގުތަކު އޭނައެއްނެތް. ހިތަށްއަރާ އޭނަގެ ހުރިހާ ވާހަކައެއް އެންމެނަށް ކިޔައިދީފާނަމޭ. އެކަމަކު މީހުން އޮޅުވާލަން އޭނައަށް ވެސް އެނގޭނެވިއްޔަ. ފުލުހުންނަށް ގުޅިޔަސް ވާނެ މާ ބޮޑު ކަމެއް ނޯންނާނެހެން ހީވާތީ ނުގުޅާ މިހިރީ. އޭނަ……” ޒާހިޔާ ރުޅިވެރިކަމާއެކީ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނެވެ.
“ޑޭޑް އަހަރެންގެ ޙާލު ނުބަލާތަ؟” މިސްބާޙް ކަރުނުން ފުރިގެންވި ދެލޮލުން ޒާހިޔާއަށް ބަލަން އިނދެ ތުރުތުރު އަޅާ އަޑަކުން އަހާލިއެވެ. ޒާހިޔާ ފުން ނޭވައެއް ދޫކޮށްލިއެވެ.
“ދަރިފުޅާ އެކަހަލަ ހިތް ހަރު މީހުންނަށް ވިސްނޭނީ ހަމައެކަނި އަމިއްލަ ނަފްސާމެދު.” ޒާހިޔާ ދެރަ ގޮތަކަށް މިސްބާޙަށް ބަލަން ހުރެ ބުނެލިއެވެ. އޭނަގެ ޖަވާބުން މިސްބާޙްގެ ހިތް ކުދިކުދިވިއެވެ. އޭނަ މިހާ ދުވަހު އެތައް ބުރަ މަސައްކަތަކުން ބައްޕައަށް ހެޔޮ ނަޞޭޙަތްދޭން ކުރިހާ މަސައްކަތް ފެނަށް ދިޔަހެން ހީވުމުން އޭނަގެ ހުރިހާ ހިތްވަރެއް އެލުނެވެ. ބައްޕަ އިސްލާޙުވާ ދުވަހަކުން އޭނަ ދަސްކުރި ކަންތައް ބައްޕައަށް ކިޔައިދީ ބައްޕައާއެކީ ނަމާދަށް ދެވޭނެ ދުވަހެއްގެ ހުވަފެންތައް އޭނަ ހާދަވަރަކަށް ދުށްޓެވެ. އެ ހުވަފެން ދުވަހަކުވެސް ޙަޤީޤަތަކަށް ނުވާނެހެން ހީވިވަގުތު މިސްބާޙަށް ދެލޯ މަރާލެވުނެވެ. ޒާހިޔާ މިސްބާޙްގެ ނަމުން ގޮވާލަމުން އެއްޗެކޭ ބުނަން އުޅުނު ވަގުތު އަނެއްކާވެސް އޭނައަށް ހުރަސްއެޅުނެވެ.
“ސިނާން އައިތަ އަހަރެން ބަލަން؟” މިސްބާޙް ދެލޯ މަރައިގެން އިނދެ ސުވާލުކުރިއެވެ.
“ނޫން ނާދޭ. އޭނަ މިރޭ ފުރަނީއެއްނު؟ މިއަދު ބިޒީވީމަ ނާދެވުނީ ކަމަށްވާނީ.” ޒާހިޔާ އެންމެ ފަހު ވާހަކަ ބުނެލީ މިސްބާޙް ހިތްހަމަޖައްސާލުމުގެ ގޮތުންނެވެ. އެހެނަސް ސިނާން ނައުމުގެ ސަބަބަކަށް އޭނަ ދެއްކި އުޒުރަކީ ބަލައިގަނެވޭނެ އެއްޗެއް ނޫންކަން ޚުދު ޒާހިޔާއަށް ވެސް ޤަބޫލު ކުރެވުނެވެ. މިސްބާޙް އޭނަގެ ދެލޯ މަތިން ދެ އިނގިލި ހިންގާލިތަން ފެނިފައި ޒާހިޔާގެ ހިތް ދެރަވިއެވެ. އޭނަ ބުނާނެ ވަކި އެއްޗެއް ނޭގިފައި މިސްބާޙްގެ ގައިގައި ބައްދާލިއެވެ. ދެމައިން ހިމޭންކަމާއެކީ އިރުކޮޅެއް ވަންދެން ތިބި ގޮތަށް ތިއްބެވެ. އޭނަދެކެ ލޯބިވާ އެއް އިންސާނަކު އެބަ ހުރިކަން އެނގުންވުމުން މިސްބާޙްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަ ހުރިހާ ހިތި ހަނދާނެއްގެ މަތިން ހަނދާން ނައްތާލަން އުޅުނު ވަގުތު ރޫމުގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ޒާހިޔާއާއި މިސްބާޙަށް އެކުއެކީގައި އެދިމާލަށް ބަލާލެވުނެވެ. އެވަގުތު ދޮރުމަތީގައި ހުރީ ކަރުގައި ކެމެރާއެއް އަޅުވައި އަތުން ރެކޯޑަރެއް ހިފައިގެން ހެވިފައި ހުރި ޔޫނުސްއެވެ.
“އަހުމަދު މިސްބާޙް އަމީންގެ އިންޓަވިއު.” ޔޫނުސް އޭނަގެ އަތުގައި އޮތް ރެކޯޑަރު ދައްކައި އެހެން ބުނެލަމުން އެއްލޯ މަރާލިއެވެ.
ނުނިމޭ