Hijra (Part 41)
“އަހުމަދު މިސްބާޙް އަމީންގެ އިންޓަވިއު.” ޔޫނުސް އޭނަގެ އަތުގައި އޮތް ރެކޯޑަރު ދައްކައި އެހެން ބުނެލަމުން އެއްލޯ މަރާލިއެވެ. ޔޫނުސް ފެނިފައި ޒާހިޔާއަށް ހިނިތުންވެލެވުނު ވަގުތު މިސްބާޙްގެ ނިތަށް ރޫއެރިއެވެ.
“މިއީ ކާކުތަ މަންމާ؟” މިސްބާޙަށް ޒާހިޔާއާއި ދިމާލަށް ބަލާލަމުން އަހާލެވުނެވެ.
“މިއީ ޔޫނުސް. ރޭ މިސްބާޙް ހޮސްޕިޓަލަށް ގެންނަން އެހީވެދިނީ މި ބޭބެ. މިސްބާޙަށްޓަކައި ލޭ ހަދިޔާކޮށްދިނީ ވެސް މި ބޭބެ.” ޒާހިޔާގެ ވާހަކަ ނިމުނުތަނާހެން އެމީހުންގެ ގާތަށް އަންނަމުން ދިޔަ ޔޫނުސް ވާހަކަ ދެއްކިއެވެ.
“ޝްޝްޝް……ތިއީ ދައްކާ ވާހަކަތަކެއްނޫން.” ޔޫނުސް އެނދުގެ ކައިރީގައި ހުއްޓިލަމުން އެހެން ބުނެލި ގޮތުން މިސްބާޙާއި ޒާހިޔާއަށް ވެސް ހީލެވުނެވެ. ޔޫނުސް ވެސް ލުއި ހީލުމަކާއެކީ މިސްބާޙްގެ ކޮނޑުގައި އެއްއަތް އެޅިއެވެ.
“މިހާރު ކިހިނެއްތަ؟” ޔޫނުސް މަޑުމައިތިރި އަޑަކުން އަހާލިއެވެ.
“ރަނގަޅު ފުދޭވަރަކަށް، އަލްޙަމްދުލި ﷲ. ބޭބެ ކެމެރާ ހިފައިގެން ތި އައީ ކީއްކުރަން؟ އަހަރެން ބޭބެ ދުށް ހަނދާނެއްވޭ.” މިސްބާޙް ހިނިތުންވުމަކާއެކީ ބުންޏެވެ. މިސްބާޙް ވާހަކަ ދެއްކިގޮތުން އޭނައަކީ ހީކުރިވަރަށް ވުރެވެސް ރަނގަޅު ކުއްޖެކޭ ޔޫނުސްގެ ހިތަށްއެރިއެވެ.
“ހެހެ……އެއްރަށެއްގަ އުޅެންޏާ މަގުމަތިން ވެސް ފެނިފަ ހުރެދާނެތާ. ދެން ފެންނާނީ ރާއްޖެ ޕްރެސްގައި ހުންނަ ކުދި ކުދި ފޮޓޯތަކުން.” ޔޫނުސް ބުނެލިއެވެ. އެއާއެކު ޒާހިޔާއާއި މިސްބާޙްގެ މޫނުމައްޗަށް ވެސް އުޖާލާކަމެއް ވެރިވިއެވެ.
“ވާވް! މި ދުވަސްކޮޅު އެންމެ މަޝްހޫރު ނޫހުގެ ނޫސްވެރިއަކު އަހަރެންގެ އިންޓަވިއުއެއް ނަގަން އައީ އަހަރެން މާ މަޝްހޫރުވީމަތަ؟” މިސްބާޙް އުފާވާން ނޭނގިފައި ހިސާބަކަށް ޙައިރާންވެހުރެ އަހާލިއެވެ.
“ތިއީ ނޫސްވެރިޔެއްވިއްޔާ ކީއްވެ ރޭގަ ކެމެރާ ހިފައިގެން ނައީ؟” ޔޫނުސްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޒާހިޔާ ސުވާލުކުރިއެވެ.
“އަހަރެން ރޭ އައީ ނޫސްވެރިއެއްގެ ގޮތުގައެއްނޫން. އަހަރެންގެ ކޮއްކޮއެއްގެ ބޭބެއެއްގެ ގޮތުގަ. މިސްބާޙް އޮތްގޮތް ފެނިފަ އަސްލު ފޮޓޯ ނަގަން ހަނދާންވެސް ނެތުނީ……މިސްބާޙް. ތިއީ މަޝްހޫރު ކުއްޖެއް ނޫންތަ؟ މަޝްހޫރުވީމައެއްނު ރޭ ޖަލްސާގަ މީހަކު އައިސް މިސްބާޙްގެ ވާހަކަ ދެއްކީމަ އެ ޚަބަރު ސިކުންތުކޮޅެއްގެ ތެރޭގަ ފެތުރިގެން ދިޔައީ؟” ޔޫނުސްގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. ޔޫނުސްގެ ވާހަކައިން ޒާހިޔާ އިސްޖަހާލިއިރު މިސްބާޙްގެ ހަނދާނަށް އައީ އޭނަގެ ބައްޕަ ދެއްކި ވާހަކައެކެވެ. އޭނަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޔޫނުސްއަށް ބަލާލިއެވެ.
“ބޭބޭ، ކާކުތަ އެ ވާހަކަ ޖަލްސާގަ ދެއްކީ؟” މިސްބާޙް އަހާލިއެވެ. ޔޫނުސް ފުން ނޭވައެއް ދޫކޮށްލިއެވެ.
“އަފްރީންގެ ބައްޕަ.” ޔޫނުސް ދިން ޖަވާބުން މިސްބާޙްގެ ދެލޯ ބޮޑުވިއެވެ. އޭނަގެ ހަނދާނަށް އައީ އެރޭ އަފްރީންގެ ބައްޕަ ކޮޓަރިއަށް އައިސް ވާހަކަ ދެއްކި ގޮތެވެ. އަފްރީންގެ ބައްޕަ އޭރުވެސް ރުޅި އައިސްފައި ހުރިކަން އެނގުނެއްކަމަކު ރުޅި އައީ އެހާވަރަކަށްކަން މިސްބާޙް ނުދެނެ ހުއްޓެވެ.
“އަފްރީންގެ ބައްޕަ ގޮއްސަ ބުނީ ތިމަންނަ މިއައީ މިސްބާޙާއިއެކީ އެއްކޮޓަރިއެއްގަ ހުރި އަންހެން ކުއްޖަކު ސަލާމަތް ކޮށްފައޭ. ގާތްގަނޑަކަށް ހުރިހާ ނޫހެއްގަ ވެސް މި ޚަބަރު ޖަހާފައިވަނީ. މީހުން މިސްބާޙާއިމެދު އެކި ވާހަކަތައް އެބަ ދައްކާ.” ޔޫނުސްގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ ޒާހިޔާ ވާހަކަ ދެއްކިއެވެ.
“އެމީހުން ނުޖެހޭނެ ޙަޤީޤަތް ނުބަލާ މަގޭ މިސްބާޙާއިމެދު ވާހަކަ ލިޔާކަށް. މިސްބާޙް ނުކުރޭ އެއްވެސް ކަމެއް!” ޒާހިޔާގެ އަޑު ހަރުވިއެވެ. އެވަގުތު މިސްބާޙް އިނީ އެއްޗެކޭ ބުނަން ބޭނުން ނުވެފައި ދެރަ މޫނަކާއެކީ އިސްޖެހިފައެވެ.
“އެނގޭ. އަފްރީންއަކީ އަހަރެންގެ އަންހެނުންގެ ކޮއްކޮ. އަފްރީންގެ ބައްޕަ ގޭގެ އެންމެނަށް ކިޔައިދިން ފެނުނު މަންޒަރުތައް. ބައްޕަ މިސްބާޙާއިމެދު ގޯސްކޮށް ވާހަކަ ދެއްކިޔަސް އަފްރީން ބުނަނީ މިސްބާޙް އެއްވެސް ކަމެއް ނުކުރެއޭ. އަފްރީން އެހެން ބުނަނީ މީހަކު މަޖުބޫރުކޮށްގެންނޭ ވެސް ބުނެވޭކަށްނެތް. އަފްރީން އަހަރެންގެ އަންހެނުން ކައިރިން މިސްބާޙް ކިހިނެއްތޯ ވެސް އެހި. މިސްބާޙަކީ އަފްރީނަށް ބިރުދައްކާ މީހަކަށްވިނަމަ އަފްރީން މިސްބާޙްގެ ޙާލު ނުބެލީސް ކަންނޭނގެ.” ޔޫނުސް ޒާހިޔާއަށް ބަލަންހުރެ ދައްކަމުން ދިޔަ ވާހަކަ ނިމުނުއިރު މިސްބާޙަށް އިނދެވުނީ ފެންކަޅިވެފައިވާ ދެލޮލާއެކީ ޔޫނުސްއަށް ބަލަހައްޓައިގެންނެވެ. އަފްރީން އޭނަގެ ޙާލު ބަލަން އުޅޭކަން އެނގުމުން ހިތަށް ލިބުނު އުފަލާއެކީ އެ ހިތުގައި ރިހުމެއް ވެސް އުފެދުނެވެ. އަފްރީން މިވަގުތު އޭނަގެ ގާތުގައި ނެތީތީވެއެވެ. އޭނަ އަފްރީން ދެކެން ބޭނުންވިއެވެ. އޭނަ ރަނގަޅުކަމަށް އަފްރީންގާތު އަމިއްލައަށް ބުނަން ބޭނުންވިއެވެ. އެހެނަސް އެއީ ކައިރި މުސްތަޤްބަލެއްގައި ކުރެވޭނެ ކަމެއް ނޫންކަން އެނގުންވުމުން މިސްބާޙްގެ ހިތުގައި ވި ރިހުން ތޫނުވިއެވެ.
“އަހަރެން އަދި މި ޚަބަރާއި ބެހޭގޮތުން އަހަރުމެންގެ ނޫހުގަ އެއްވެސް އެއްޗެއް ނުލިޔަން. ގިނަ މީހުން އަދިވެސް މިސްބާޙްގެ ބޮލުގައި އެޅުވޭ އިލްޒާމްތައް ޤަބޫލު ނުކޮށް ތިބީ އަދި އަހަރުމެންގެ ނޫހުން އެ ވާހަކަ ނުފެންނާތީ. އެއީ މިއަދު އެންމެ ގިނަ މީހުންގެ އިތުބާރު ލިބިފައިވާ ނޫހަކީ އަހަރުމެންގެ ނޫސް ކަމަށްވާތީ. ޢާއްމުގޮތެއްގަ މިކަހަލަ ސިއްރުވެރި ގޮތަކަށް ހިނގާ ކަންތައްތަކުގެ ވާހަކަ އަހަރުމެން ނުލިޔަން. އެކަމަކު މިސްބާޙްގެ ނަމާއި ގުޅުވައިގެން ދެކެވޭ ވާހަކަތައް ހުއްޓުވުމަށްޓަކައި މިކަން ކުރުން މުހިއްމު ކަމުގައި ދެކޭތީ އަހަރެން މިއައީ. މިސްބާޙް…….ބޭބެ މިސްބާޙާއި ސުވާލުކުރާނަން ބޭބެއަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ހަދާފަ. މިސްބާޙް އެ ހުރިހާ ސުވާލަކަށް ތެދުތެދަށް ޖަވާބުދޭންވީ އިނގޭ؟” ޔޫނުސް އޭނަގެ ކަރުގައި އޮތް ކެމެރާ ނަގައި އެނދުމަތީގައި ބާއްވަމުން ރެކޯޑަރު ޖައްސަން ތައްޔާރުވިއެވެ. މިސްބާޙް ޔޫނުސްއަށް ބަލަން އިނދެފައި މަޑުމަޑުން ބޯޖަހާލިއެވެ. ޒާހިޔާއަށް ލިބުނު ހިތްހަމަޖެހުމާއެކީ އަވަސްއަވަހަށް ޔޫނުސްއަށް އެތާ ކައިރީގައި ހުރި ގޮނޑި ދެއްކިއެވެ. ޔޫނުސް އެ ގޮނޑީގައި އިށީނދެ ރެކޯޑަރު ޖައްސާލަމުން މިސްބާޙާއި ދިމާލަށް އޭތި ދިއްކޮށްލިއެވެ.
“މިސްބާޙް……ރޭގެ ޖަލްސާގަ ކޮންމެވެސް މީހަކު މިސްބާޙް އަންހެން ކުއްޖަކާއެކީ ހުރި ވާހަކަ ބުނި. އެއީ ތެދެއްތަ؟” ޔޫނުސް ސުވާލުކުރިއެވެ.
“ތެދެއް.” މިސްބާޙް ސީދަލަށް ޖަވާބުދިނެވެ.
“އެ އަންހެން ކުއްޖާއާއި މިސްބާޙާއި ދެމެދު އޮތީ ކޮން ގުޅުމެއް؟” ޔޫނުސް ހިސާބެއްގެ ޖެހިލުންވުމަކާއެކީ އަހާލިއެވެ. އެ ސުވާލުން މިސްބާޙް ކުޑަކޮށް ހުއްޓުން އެރިއެވެ. އަފްރީނަކީ އޭނަގެ ކާކުތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އިރުކޮޅެއްގެ ވިސްނުމަށްފަހު އޭނަ ފުން ނޭވައެއް ދޫކޮށްލަމުން އެއްދިމާލަކަށް ނަޒަރު ހުއްޓާލިއެވެ.
“އެކުއްޖާއަކީ އަހަންނާ އެކީގަ ކިޔަވާ ކުއްޖެއް. އަހަރެން މިރަށަށް އައީ އަހަރެންގެ އެކުވެރިއެއްގެ އެދުމުގެ މަތިން އެކުއްޖާއަށް ލަނޑެއްދޭންވެގެން. އެކުއްޖާ ބަދުނާމު ކުރަން ވެގެން އަހަރެން އައީ. އެކަމަކު އެކަން ނުކުރެވެނީސް ﷲ ގެ އިރާދަފުޅުން އަހަރެންގެ ލޯ ހުޅުވިއްޖެ. އެނގިއްޖެ އަހަންނާއި އަހަރެންގެ އެކުވެރިޔާ ރޭވި ރޭވުމަކީ ރަނގަޅު ރޭވުމެއް ނޫންކަން. ﷲ ހުރިހާ އިންސާނުން މާތް ކުރައްވާފައިވީއިރު އަހަރެން އިންސާނަކަށް އެހާބޮޑު އަނިޔާއެއް ދީގެން ނުވާނެކަން ވިސްނުނު. އަދި ޚުދު އަހަރެން އެހާ ދަށު ދަރަޖައަކަށް ވެއްޓިގެން ނުވާނެކަން އެނގުންވި. އެއްވެސް މީހެއްގެ ދިރިއުޅުން ބަރުބާދުކޮށްގެން އަހަންނަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެކަން އަހަންނަށް ޔަޤީންވި. އެހެންވެ އަހަރެން އެކުވެރިޔާ ގާތު ބުނިން އެކަން ހުއްޓާލުމަށް. އެކަމަކު އެ އެކުވެރިޔާ އެ ރޭވުން ކުރިއަށް ގެންދިޔަކަމަށް އަހަރެން ނުދެނަހުރިން. އަހަރެންގެ އައި ޕެޑް ނުފެނިގެން ރޭ އޭނައަށް ގުޅީމަ ބުނީ މިވެނި ގެއެއްގައޭ އޮތީ. އަހަރެން އެގެއަށް ދިޔައިމަ އެގޭގަ ހުރި ކުއްޖަކު ބުނީ މިވެނި ކޮޓަރިއެއްގައޭ އޮތީ. އެކުދިން ކޮންމެވެސް މަސައްކަތެއްގަ ތިބޭތީ އަހަރެން ކައިރީގަ ބުނީ އަމިއްލައަށް ނަގާށޭ. އަހަރެން ކޮޓަރިއަށް ދިޔައީ އެތާނގަ އެއްވެސް މީހަކު ހުރިތޯވެސް އަހާފަ. އެމީހުން ބުނީ އެއްވެސް މީހަކު ނެތޭ. އެކަމަކު އަހަރެން އެތަނަށް ދިޔައިރު އެކުއްޖާ އެތާތެރޭ ހުރި. އަހަންނަށް ވަދެވުނުތަނާހެން އަހަރެންގެ ފުރަގަހުން ކޮޓަރީގެ ދޮރު ލެއްޕި ތަޅުލެވިގެން ދިޔަ. އެކުވެރިޔާ ކޮޓަރީގެ ބޭރުން ވާހަކަ ދެއްކި އަޑު އިވިފަ އާދޭސްކުރިން ދޮރު ހުޅުވުމަށް އެދި. އެކަމަކު އެކުވެރިޔާ ދިޔައީ. އެއަށްފަހު ދޮރު ހަލާކުކުރަން ވެސް މަސައްކަތް ކުރިން. އެކަން ވެސް ކާމިޔާބެއްނުވި. އެކުވެރިޔާ ދެއްކި ވާހަކަތަކަކުން ކޮޓަރި ތެރޭގަ ހުރި ކުއްޖާ ވެސް ހީކުރީ އަހަރެން އުޅެނީ ނުބައި ކަމެއް ކުރަން ކަމަށް. ވަރަށް ބޭނުންވި ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދޭން. އެކުއްޖާއަކީ އަހަރެންގެ ހިތުގައި ޙާއްސަ މަޤާމެއް ދެވިފައިވާ ކުއްޖަކަށް ވެސް ވީތީ. އަހަރެން އުޅުނިން ކިޔައިދޭން. އަހަންނަށް ހަމަ ޚިޔާލުކުރެވެމުން ދިޔަ އެކުއްޖާގެ ހިތް ވިރިގެން ދާނެ ފަދަ ގޮތަކަށް އެވާހަކަތައް ކިޔައިދެވޭނެ ގޮތްތައް. އެކަމަކު ވަކި ހިސާބަކުން އެނގިއްޖެ ކިޔައިދިނީމަ އަހަންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭނެކަން. އެ ވަގުތަށްޓަކައި އެންމެ ރަނގަޅުވާނީ އެކުއްޖާ އަހަންނަށް ރުޅިވެގެން ހުރުންކަން ވިސްނިގެން އަހަރެން ދުރަށް ދިޔައިން. އޭގެ އިރުކޮޅެއްފަހުން އެކުއްޖާ އެކުއްޖާގެ ބައްޕައަށް ގުޅައިގެން ބައްޕައާއެކީ ގެއަށް ދިޔައީ.” މިސްބާޙް ކިޔައިދިނެވެ. އޭނައަށް އޭނަގެ ހިތް ބަންޑުން ކޮށްލެވުނީ އޭނަގެ އިޙްޞާސްތަކަށް އޭނައަށް އިތުރަށް ކެތްނުކުރެވޭނެހެން ހީވުމުންނެވެ. އޭނައަކީ ދޮގުވެރިއެއް ނޫންކަން ވަކިން ޚާއްސަކޮށް އަފްރީނަށް އަންގަން އޭނަ ބޭނުންވިއެވެ. އޭނަ ދެންމެ ދެއްކި ވާހަކައިން އަފްރީން ޤަބޫލުކުރާނެ ކަމަށް އޭނައަށް އުއްމީދުކުރެވުނެވެ.
“މިސްބާޙްގެ ވަރަށް ގާތް އެކުވެރިއެއްތަ އެކުއްޖާއާއި ދެކޮޅަށް ރޭވުންތައް ރޭވީ؟ އެ އެކުވެރިޔާ އުޅެނީ މިކޮޅުގަތަ؟” ޔޫނުސް ޝައުޤުވެރިކަމާއެކީ ސުވާލުކުރިއެވެ.
“ނޫން. އެކުވެރިޔާ އުޅެނީ މާލޭގަ. މިކޮޅަށް އައީ ޗުއްޓީއަށް. އޭނަ މިރޭ ފުރާނެ މާލެއަށް.” މިސްބާޙް ޖަވާބު ދިނެވެ. އެއާއެކު އެނދު ކައިރީގައި ކޮޅަށް ހުރި ޒާހިޔާއަށް ސިނާންގެ ނަން ކިޔާލެވެން އުޅުނެވެ. އެހެނަސް މިސްބާޙް މުޅި ނަން އެކީގައި ނުކިޔެނީސް މަންމައަށް ކުއްލިއަކަށް ބަލާލަމުން ބޯހޫރުވާލިއެވެ. އޭނަ މި އިންޓަވިއުއަށް ސިނާންގެ ނަން ގެންނާކަށް ބޭނުމެއް ނުވިއެވެ. ބަދަލު ހިފަން ކިތަންމެ ބޭނުންވިއެއްކަމަކު މަޢާފުކުރުމުގެ ރީތިކަން އޭނަ ސިނާނަށް ދައްކަން ބޭނުންވިއެވެ. ބަދަލު ހިފުމެއްނެތި ވެސް މީހަކަށް ހިމޭންކަމާއެކީ އުޅެވިދާނެކަން އޭނަ ސިނާނަށް އަންގައިދޭން ބޭނުންވިއެވެ. އޭގެ ސަބަބުން އޭނަ އަފްރީންގެ ފަރާތުން ބަދަލު ނުހިފަން ދަސްވާނެކަމުގެ އުއްމީދުގައެވެ.
ޔޫނުސް އެއްފަހަރު މިސްބާޙަށް އަނެއްފަހަރު ޒާހިޔާއަށް ބަލާލަމުން ކަރުކެހިލިއެވެ. އެއާއެކު ދެމީހުން އެކުއެކީގައި އަނެއްކާވެސް ޔޫނުސްއަށް ބަލާލިއެވެ.
“މިސްބާޙަށް ތި އަނިޔާތައް ލިބުނީ ކިހިނެއް؟” ޔޫނުސް އެހިއެވެ. އެ ސުވާލު އަހާފައި މިސްބާޙް އިސްޖަހާލިއެވެ. ޒާހިޔާ ދެރަ މޫނަކާއެކީ މިސްބާޙަށް ބަލަން ހުއްޓެވެ.
“އަހަރެން ރޭ ގެއަށް އައި މަގުމަތީގަ އެކްސިޑެންޓެއް ހިނގީ.” މިސްބާޙް އަވަސްއަވަހަށް އެހެން ބުނެލީ އޭނަގެ ބައްޕަގެ ނުބައި ވާހަކައެއް ދައްކަން ބޭނުން ނުވެގެންނެވެ. މިސްބާޙްގެ ޖަވާބު އިވިފައި ޔޫނުސް އޮޅުން އެރިއިރު ޒާހިޔާ ރުޅިއައެވެ.
“އެކްސިޑެންޓެއް ހިނގީ ގޭގެ ތެރޭގަ އޮތްވާތަ؟ ދޮގު ނަހަދާ މިސްބާޙް! ޔޫނުސް، މިސްބާޙް ރޭ ގެއަށް އައިއިރު ޖަލްސާގަ އިވުނު ވާހަކަތަކަކުން އަމީން ހުރީ ވަރަށް ރުޅި އައިއްސަ. އޭނަ މިސްބާޙް ބުނި އެއްޗެއް އަޑުނާހާ މިސްބާޙަށް އަނިޔާކުރީ. އޭނަ ކުރި ކަންތައް ކިޔައިދޭކަށް ވެސް އަހަންނަކަށް ކުޅަދާނައެއްނޫން. މިސްބާޙް މި ޙާލުގަ ޖައްސާފަ އޭނަ މިހާރު ހުރީ މާލެއަށް ގޮއްސަ. އިންތިޚާބު އިންތިޚާބު އިންތިޚާބު……އަބަދަށް އިންތިޚާބަކާމެދު އޭނައަށް ވިސްނޭނީ!” ޒާހިޔާ ރޮވިފައިވާ އަޑަކުން ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
“މަންމާ……ޑޭޑްގެ ވިސްނުން އެގޮތަށް ހުރުމުގެ އެންމެ ބޮޑު ސަބަބަކީ އަހަރެން. ވެދާނެ ޑޭޑް ބޭނުންވަނީ އަހަންނަށް ވީހާވެސް ތަނަވަސް ދިރިއުޅުމެއް ހޯދައިދޭންކަމަށް. އެކަމުގަ އުޅެމުން ޑޭޑް އަހަންނަށް ލޯބި ދޭންވީކަން ހަނދާން ނެތުނީ ކަމަށްވާނީ. ޙަޤީޤަތުގަ އެހެންވަންޏާ އެކަން ޑޭޑްގެ ސަމާލުކަމަށް ގެނައުމަކީ އަހަރެންގެ ޒިންމާއެއް. އަހަންނަށް ދީނާއި ބެހޭގޮތުން އެނގުނު އެއްޗެއް ޑޭޑްއަށް ބުނެދީ ޑޭޑް އަހަންނާއެކީ ނަމާދަށް ގެނައުމަށް އިހުނަށްވުރެ ބާރުއެޅިނަމަ މިދުވަސް ނުފެނުނީސް. އަހަންނަށް ހަމަ އަހަރެންގެ ޒިންމާ އަދާ ނުކުރެވުނީ. ޙަޔާތުގެ 19 އަހަރު ވޭތުވެދިޔައީ ޑޭޑްއާއި މަންމައަށް ހެޔޮކޮށް ނުހިތާ. އޭގެ ބަދަލު އަހަންނަށް މަންމަމެންނަށް އަދާކޮށް ނުދެވޭނެ އެހާ ފަސޭހައިން މިހާ ކުރު މުއްދަތެއްގަ. އަދި ޑޭޑް ވެސް ބަދަލުވާނެ އިން ޝާ ﷲ. އަދި ޑޭޑް ވެސް އަހަރެން ދެކެ ލޯބިވާނެ. އަހަރެން އިންތިޒާރު ކުރަނީ އެ ދުވަހަށް.” މިސްބާޙްގެ ވާހަކަ ނިމުނުއިރު އޭނަގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެންއައެވެ. ރޮވިފައިހުރި ޒާހިޔާ ނުހުރެވިގެން މިސްބާޙްގެ ގައިގައި ބައްދާލަމުން އޭނަގެ ބޮލުގައި ބޮސްދިނެވެ. އެވަގުތު އެ ދެމީހުންނަށް ވެސް ނޭނގުނުކަމަކީ ޔޫނުސް އިނީ ގަނޑުވެފައި ކަމެވެ. މިސްބާޙް އެންމެ ފަހަކަށް ބުނެލި ޖުމްލަތަކަކުން ޔޫނުސްއަށް ހީވީ މިސްބާޙް އެ ކިޔައިދިނީ އޭނަގެ ޙަޔާތުގެ ވާހަކަ ހެންނެވެ. އޭނަގެ ޙަޔާތުގައި ވެސް ފުރަތަމަ 19 އަހަރު ވޭތުވެދިޔައީ މަންމައާއި ބައްޕައަށް ނުކިޔަމަންތެރިވުމުގައެވެ. އޭނަގެ ވެސް ލޯ ހުޅުވިގެން ދިޔައީ އެ ޢުމުރުގައެވެ. އެހެނަސް މިސްބާޙާއި އޭނަ ހާދަ ތަފާތެވެ. މިސްބާޙް އޭނަގެ ބައްޕަ އޭނަ މަރާލަން އުޅުމުން ވެސް ބައްޕައަށް މަޢާފުކޮށްފިއެވެ. އެހެނަސް ބައްޕަ ހަމައެކަނި އޭނަ ގެއިން ނެރިލުމުން ޔޫނުސްގެ ހިތުގައި ބައްޕައަށްޓަކައި މުޅި ޢުމުރަށް ދެމިގެންދާފަދަ ނަފްރަތެއް އުފެދިއްޖެއެވެ. މިސްބާޙް އެ މަސައްކަތް ކުރަނީ އޭނަގެ ބައްޕަ ދީނާއި އިތުރަށް ކައިރިކުރެވޭތޯއެވެ. ނަމަވެސް ޔޫނުސް އޭނަގެ ބައްޕަގެ އާޚިރަތާއިމެދު އެއްގޮތަކަށްވެސް ނުވިސްނައެވެ. މިސްބާޙް އެ އިންތިޒާރު ކުރަނީ އޭނަގެ ބައްޕަ އޭނަގެ ދެކެ ލޯބިވާނެ ދުވަހަކަށެވެ. އެހެނަސް ޔޫނުސްއަށް އެ ދުވަސް ފެނިފައި ވިޔަސް އޭނަ މި ހުންނަނީ އެ ލޯބި ޤަބޫލުކުރަން ބޭނުންނުވެފައެވެ.
“ދަރިފުޅާ…..މަންމައަށް މަޢާފުކުރޭ. ދަރިފުޅު ނަޞޭޙަތްދޭން އުޅުނީމަ ވެސް މަންމަ ދަރިފުޅަށް މަލާމާތް ކުރީ. ދެން އެހެންނެއް ނަހަދާނަން. ދަރިފުޅު މަންމައަށް ނަޞޭޙަތްދީ. ދަރިފުޅު މަންމައަށްވުރެ މާ ރަނގަޅު. ދަރިފުޅަށް މަންމައަށްވުރެ މާ ބޮޑަށް އެނގޭ. މަންމައަށް ބުނެދީ ދަރިފުޅާ.” ޒާހިޔާ މިސްބާޙްގެ މޫނުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. މަންޒަރު ބަލަން އިން ޔޫނުސްއަށް ވެސް ރޮވެން ކައިރިވިއެވެ. މިސްބާޙާއި މިސްބާޙްގެ މަންމަ ފެނިފައި އޭނަގެ ހަނދާނަށް އައީ އޭނަގެ މަންމައެވެ. އޭނަގެ މަންމަ ވެސް އޭނަދެކެ ހާދަ ލޯތްބެއްވިއެވެ. ބަދަލުގައި އޭނަ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ހިތި ހަނދާނެއް އެއްފަހަރާ އޭނަގެ ސިކުނޑިއަށް ވެރިވާން ފެށުމުން އޭނައަށް އިސްޖަހާލަމުން ދެލޯ މަރާލެވުނެވެ. އެވަގުތު ކަރުނަތަކުން އޭނަގެ އެސްފިޔަތައް ތެމުނެވެ.
“ބޭބޭ……ކިހިނެއްތަވީ ބޭބެއަށް؟” މިސްބާޙްގެ އަޑަށް ޔޫނުސް އިސްއުފުލާލިއިރު އޭނަގެ ދެލޯ ވަނީ ރަތްވެފައެވެ. ޒާހިޔާއާއި މިސްބާޙް ޔޫނުސްއަށް ބަލަން ތިބީ ކަންބޮޑުވުމަކާއެކީގައެވެ.
“އަމް……މިހާ ހިސާބުން އިންޓަވިއު ނިމުނީ. އިރާދަކުރެއްވިއްޔާ މިރޭ މި އިންޓަވިއުގެ ރިޕޯޓެއް ނޫހުގަ ޝާއިއުކުރާނަން. އޭރުން ހުރިހާ ކަމެއް އެންމެނަށް ސާފުވާނެ.” ޔޫނުސް އޭނަގެ ރެކޯޑަރު ނިވާލަމުން ބުނެލިއެވެ. ދެންވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ.
“މަޑުކޮށްބަލަ ބޭބޭ. ބޭބެއަށް ކަމެއްވެއްޖެހެން ހީވަނީ.” ޔޫނުސް ކޮޅަށް ތެދުވުމުން މިސްބާޙް ހާސްކަމަކާއެކީ ބުނެލިއެވެ.
“އެ ވާނީ ދަރިފުޅު ދެއްކި ވާހަކައިން އަސަރުކުރީކަމަށް.” ޒާހިޔާ ހިތާމަވެރި ހިނިތުންވުމެއްގައި ހުރެ ބުންޏެވެ. ޔޫނުސްގެ މޫނުމައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ހޫންލައްވާލަމުން ބޯޖަހާލިއެވެ.
އެދުވަހު ގެއަށް ގޮސް ޔޫނުސްއަށް ރަނގަޅަށް ރޮވުނެވެ. މާޒީގެ އެކި މަންޒަރުތައް އިއްޔެ ވީކަމެއްހެން އޭނަގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އަމިއްލަ އަތުން އޭނަގެ މަންމައަށް ކުރި ކަންތައް ހަނދާންވެފައި އޭނައަށް އޭނަގެ ތުރުތުރު އަޅަމުން ދިޔަ އަތަށް ބަލާލެވުނެވެ. އޭނަ އޭނައަށް ނުވިނަމައޭ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. ޔޫނުސް ސިޓިންގް ރޫމުގެ ދިގު ސޯފާއަށް ލެނގިގެން ބިންމަތީގައި ރޯން އިންތަން ފެނިފައި ނަސްރާ ގޮސް އޭނަ ކައިރީގައި އިށީނެވެ. އަދި ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޔޫނުސް މިއަދު މިސްބާޙް ދެއްކި ވާހަކަތައް ނަސްރާއާއި ޙިއްސާކުރިއެވެ.
“ނަސްރާ…….ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް އަހަންނަކީ ވަރަށް ނުބައި މީހެއް. އަހަރެން….އަހަރެންގެ މަންމައަށް އެތައް އަނިޔާއެއްކުރިން. އަހަރެން އެތައް ދުވަހު މަންމަ ރޮއްވާލިން. އަހަރެންގެ ދެއަތުން މަންމަ މަރާލީވެސް. މަންމަ އަހަންނަށް މަޢާފުކުރާނެތަ ނަސްރާ؟” ޔޫނުސް ކަރުނުން ފުރިގެންވި ދެލޮލުން ނަސްރާއަށް ބަލަން އިނދެ ނާއުއްމީދީ ގޮތަކަށް ސުވާލުކުރިއެވެ. ނަސްރާ ޔޫނުސްގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި އޭނަގެ އެއްއަތުގައި ދެއަތުން ހިފަހައްޓާލިއެވެ.
“މާޒީގަ ވެފަ އޮތް ކަމެއް ބަދަލެއް ނުކުރެވޭނެ. އެކަމަކު މިއަދު ކަންވާނެ ގޮތް ޔޫނުސްއަށް ބަދަލުކުރެވިދާނެ. ޔޫނުސްގެ ބައްޕަ އަދިވެސް ދުނިޔޭގަ އެބަހުރި. ބައްޕަ ކައިރިއަށް ގޮސް ބައްޕައާއި ލޯބިން ވާހަކަ ދައްކަންވީ. މިހުރިހާ ދުވަހު ވާހަކަ ދެކެވުނު ގޮތާމެދު ބައްޕައަށް މަޢާފަށް އެދެންވީ.” ނަސްރާ ބުނެލިއެވެ. ޔޫނުސް ނަސްރާއަށް ބަލަން އިނދެފައި ވިސްނުމެއްގެ ތެރެއަށް ގެއްލިގެން ދާ ފަދަ ގޮތަކަށް ބިމަށް ނަޒަރު ހުއްޓާލިއެވެ. އަދި އިރުކޮޅެއްފަހުން ބޯޖަހާލިއެވެ.
“ބައްޕައާއި ވާހަކަ ދައްކާނެ ހިތްވަރެއް ލިބުނު ދުވަހަކުން ދައްކާނީ އިރާދަކުރެއްވިއްޔާ.” ޔޫނުސް އިންގޮތަށް އިނދެ ބުނެލިއެވެ. ހެޔޮކަމެއް ކުރުމުގައި ލަސްކުރާކަށް ނުވާނެކަމަށް ނަސްރާ ބުނަން ބޭނުންވިއެވެ. އެހެނަސް އޭނަ ޔޫނުސްއަށް ވަގުތު ދޭން ބޭނުންވިއެވެ. ޔޫނުސް ނަވާޒްއަށް ބައްޕަގެ ނަމުން މުޚާތަބު ކުރުމަކީ ވެސް ނަސްރާގެ ނަޒަރުން އޭނައަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ.
**
އެރޭގެ 8:30 ވީ ވަގުތު ޑިޕާރޗާރގެ ގޮނޑިއެއްގައި ގޮސް ސިނާން އިށީނެވެ. އޭނަ ފޯނާއި ކުޅެމުން އެއްފައި ތަޅުވަމުން ދިޔަ ގޮތުންނާއި އޭނަގެ މޫނުމަތީގައިވި ކުލަވަރުން އޭނަ އިނީ ކަންބޮޑުވުމެއްގައި ކަން ހާމަވެއެވެ. ޙަޤީޤަތަކީ އެއީއެވެ. އިއްޔެ ރޭ މިސްބާޙްގެ ޚަބަރު މުޅި ޤައުމަށް ފެތުރުނު ފަހުން އޭނައަށް ހުރެވެނީ ހާސްކަމެއްގެ ތެރޭގައެވެ. މިސްބާޙް ޒަޚަމްވެފައިވިތަން ފެނިފައި އޭނަ ވެސް ދެރަވިއެވެ. މިސްބާޙް ބަލަން ގޮސް އޭނައަށް ވީ ކިހިނެއްކަން ސާފުކުރަން ވެސް ސިނާން ބޭނުންވިއެވެ. އެހެނަސް އޭނައަށް ނުކެރުނީ މިސްބާޙް ހޭއެރި އިރަކުން މިސްބާޙް އެންމެނަށް އަންގާފާނެތީވެއެވެ. ނަމާދު ނުކުރިއެއްކަމަކު އެރޭ ހިނގި ކަންތައްތަކުގައި އޭނަގެ އަތެއްވާކަން މިސްބާޙް ހަނދާން ނުހުންނާނެ ގޮތެއް ހައްދަވައިދެއްވުމަށްއެދި އޭނައަށް ދުޢާ ކުރެވެމުން ދިޔައެވެ. މިސްބާޙް އޭނަގެ ވާހަކަ ދެއްކުމުން އެވާހަކަ އޭނަގެ ބައްޕަގެ ކަންފަތަށް ފޯރާފާނެތީ އޭނަ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އޭނަގެ ބައްޕައާއި ބޮޑުބޭބެއަކީ ދެބެއިން ކަމަށްވިޔަސް އެދެމީހުންގެ ދެމެދުގައި އުޑާއި ބިމާ ދެމެދުގައިވާހާ ތަފާތުތައް ވެއެވެ. އޭނަގެ ބައްޕައަކީ ބޮޑުބޭބެ ކަހަލަ ދޮގުވެރިއެއްނޫނެވެ. ބައްޕައަކީ އިންސާފަށް ލޯބިކުރާ ހަރުދަނާ ޝަޚުޞިއްޔަތެއްގެ ވެރިއެކެވެ. ގިނަ މީހުން އޭނަގެ ބައްޕައަށް ޤަދަރުކުރަނީ ބައްޕަގެ އެ ސިފައިގެ ސަބަބުން ކަމަށްވިޔަސް ސިނާން އޭނަގެ ބައްޕައަށް ސިހުންވާ ސަބަބަކީ އެއީއެވެ. ވަޙީދުގެ ކުރިމައްޗަށް މައްސަލައެއް ގެނެސްފިނަމަ ރަނގަޅަށް ކަންތައް ހިނގި ގޮތް ބަލާފައި ނޫނީ އޭނަ ނިންމުމެއް ނުނިންމާނެއެވެ. މިސްބާޙްގެ ޚަބަރުތައް ފެނިފައި ވެސް ވަޙީދު ސިނާނަށް ގުޅައި ކަންވީ ގޮތާއިމެދު ސުވާލުކުރިއެވެ. ސިނާން ޖަވާބުގައި އޭނައަށް ނޭނގޭ ކަމަށް ބުނުމުން ވަޙީދު ވަގުތުން އެދުނީ މިސްބާޙާއި ބައްދަލުކުރަން ދިޔުމަށެވެ. އޭނަ ފެނިފައި މިސްބާޙް އޭނަ ކުރި ކަންތައްތަކުގެ މަތިން ހަނދާންވެދާނެތީ ސިނާން ނުދިޔައެވެ. މުޅި ދުވަހު ސިނާނަށް ހުރެވުނީ ދެ ޚިޔާލެއްގެ މަތީގައެވެ. އޭނަ ނުގޮސް ހުއްޓާ ބައްޕަ ގުޅާފާނެތީ ހިތަށް ބިރުވެރިކަމެއް ވަންނަމުން ދިޔައެވެ. މިވަގުތު ވީއިރު ވެސް ބައްޕަ ނުގުޅީތީ ސިނާނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިސްބާޙް މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް “ބައްޕަ”އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ.
ނުނިމޭ