Hijra (Part 42)
ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިސްބާޙް މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް “ބައްޕަ”އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނަ ފޯނުގައި ހިފަހައްޓައިގެން ހުރި ދެއަތް ފިނިވިއެވެ. ފޯނަށް ޖަވާބުދޭން ނުދޭން ހުރެހުރެފައި ސިނާން ތުރުތުރު އަޅަމުން ދިޔަ އިނގިލިން ކޯލު ރިސީވް ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހަ……..ހެލޯ.” ސިނާން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.
“އެއާރޕޯޓުގަތަ ތިހިރީ؟” އެކޮޅުން ވަޙީދުގެ ހަރުކަށި އަޑު އިވުނެވެ.
“ލައްބަ.” ސިނާން ޖަވާބުދިނެވެ.
“ފްލައިޓަށް އަރާފަ ގުޅާތި. މިސްބާޙް ބަލަން ދިޔައިންތަ؟” ވަޙީދު ކުރި ސުވާލުން ސިނާންގެ ހިތް ރޫރޫއެޅިއެވެ. އޭނަ ނޫނެކޭ ބުނަން ބޭނުންވިއެވެ. އެހެނަސް އެ ޖަވާބު ދީފިނަމަ ކަންތައް ވާނެ ގޮތާއިމެދު ވިސްނާލުމުން ދޮގު ހަދާނީއޭ ހިތް ބުންޏެވެ. ބައްޕައަށް ދޮގު ހެދުމަކީ އޭނަ ޢާއްމު ގޮތެއްގައި ކުރާ ކަމަކަށް ވިޔަސް މިހާ ފާޅުކަން ބޮޑުގޮތެއްގައި އެންމެނަށް އެނގިފައިވާ މައްސަލައަކާއިމެދު ދޮގު ހަދަން އޭނަ ޖެހިލުންވިއެވެ. ނިކަން އަވަހަށް ޙަޤީޤަތް އެންމެންގެ ކުރިމައްޗަށް އައިސްދާނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. ސިނާން ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ވަޙީދު ރުޅި އަޑަކުން ހޫންލައްވާލިއެވެ. ސިނާނަށް ވަގުތުން ވާހަކަ ދެއްކުނެވެ.
“އަޅުގަނޑު ދިޔައިން. ދިޔައިރު މިސްބާޙް ހޭނާރާ. ޒާހިޔައްތަ ބުނީ އެކްސިޑެންޓެއްވިއްޔޭ.” ސިނާން އޭނައަށް ހީވި ގޮތް ކިޔައިދިނެވެ.
“ތިއީ ތެދެއްތަ އަނެއްކާ؟ ވަރަށް ހިއެއްނުވޭ. ފޮޓޯތަކުން މިސްބާޙްގެ މޫނުގެ އެކި ތަންތަން ނޫފަން ގަނެފައި ހުރި ގޮތުން ހީވަނީ މާރާމާރީއެއްގެ ތެރެއިން ނިކުތީހެން. އޭނަގެ ބައްޕައަށް ވެސް ގުޅާގުޅާ ފޯނެއް ނުނަގާ. އޭނަ އެބައުޅޭ މާލެތެރޭގަ. އަމީން ވެސް އުޅެނީ ފައިސާއާހެދި މޮޔަވެގެން. މިސްބާޙް އުޅޭތަން އޭނައަށް ބެލޭނަމަ މީހަކު އައިސް ޖަލްސާއެއްގެ މެދުގަ ލަދުގަންނަން ޖެހޭ ވާހަކަތައް ދައްކާކަށް ނުޖެހުނީސް. ސިނާނަށް އެނގޭތަ އެރޭ މިސްބާޙް ހުރިތަނެއް؟” ވަޙީދު ނުރުހިފައިހުރެ ސުވާލުކުރިއެވެ.
“ން….ނޭނގެ ބައްޕާ. ނޭނގޭ.” ސިނާން ތެޅިތެޅި އޮތް ހިތަކާއެކީ ބުނެލިއެވެ.
“އެންމެ ރަނގަޅު. ފްލައިޓަށް އަރާފަ ގުޅާތި. ބާއްވާ.” ވަޙީދު އަނެއްކާވެސް ހަނދާންކޮށްދީފައި ފޯނު ކަނޑާލިއެވެ. ސިނާނަށް ދެލޯ މަރާލަމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެހެނަސް އެއިން އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކިތަންމެ ބޭނުމެއްނުވިޔަސް ހުރިހާ ކަމެއް ގޯހުންގޯހަށް ދާނެ ގޮތްތައް އޭނައަށް ޚިޔާލު ކުރެވެމުން ދިޔައެވެ.
އެރޭ ޔޫނުސް ރާއްޖެ ޕްރެސްގައި ޝާއިއުކުރި ރިޕޯޓް އޭގެ އަނެއްދުވަހު މުޅި ސޯޝަލް މީޑިޔާއަށް ފެތުރިގެން ދިޔައެވެ. މިސްބާޙްގެ އަސަރުގަދަ އިންޓަވިއު ކިޔާފައި ގިނަ ޢަދަދެއްގެ މީހުންގެ ލޯތަކުން ކަރުނަ ހިލިއްޖެއެވެ. އެ އިންޓަވިއުއިން އެންމެ ބޮޑު އަސަރެއްކުރީ އަފްރީން ނޫން ދެވަނަ މީހަކަށް ނޫނެވެ. އަފްރީނަށް އެ ރިޕޯޓުގެ ވާހަކަ އަޑުއިވުނީ އެދުވަހު ސްކޫލަގައި ހުއްޓާ ކުލާހުގެ ކުދިބަޔަކު އެ ވާހަކަ ދެއްކުމުންނެވެ. ސްކޫލުން ގެއަށް އައި ގޮތަށް އަފްރީން ކެތްމަދުވެފައިވާ ހިތަކާއެކީ ކިޔަވާ މޭޒުދޮށުގައި އިނދެ ލެޕްޓޮޕުން ރިޕޯޓް ކިޔަންފެށިއެވެ. މިސްބާޙް އޭނައާއި އެ “އަންހެން ކުއްޖާ” އާއި ދެމެދު އޮތް ގުޅުން ކިޔައިދީ އޭނަގެ ހިތުގެ ޝުޢޫރުތައް ހާމަކޮށްފައިވި ގޮތުން އަފްރީންގެ ލޯ ކަރުނުން ފުސްވިއެވެ. އެ އަންހެން ކުއްޖާއަށްޓަކައި އޭނަގެ ހިތުގައި ޚާއްޞަ މަޤާމެއް ދެވިފައިވި ވާހަކަ އަފްރީނަށް ކިޔާލެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އެއަށްފަހު މިސްބާޙް އެރޭ އޭނައާއި ދުރަށްދިޔަ ސަބަބުތައް ބުނެދީފައިވި ގޮތުން އަފްރީންގެ ހަނދާނަށް އައީ މިސްބާޙް ގިސްލަމުން ދިޔަ މަންޒަރެވެ. މިސްބާޙަށް އެވަގުތު ކުރެވިފައިވާނެ އިޙްޞާސްތައް ތަޞައްވުރު ކުރެވުމުން އަފްރީންގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އޭނަ މިސްބާޙާއިމެދު ދެކުނީ ހާދަ ނުބައި ކޮށޭ ހިތަށްއެރިއެވެ. ރިޕޯޓުގެ ފަހަތުގައި މިސްބާޙްގެ މަންމަ ދައްކާފައި ހުރި ވާހަކަތަކަކުން އަފްރީންގެ ހިތް ކުދިކުދިވިއެވެ. މިސްބާޙަށް ލިބުނު ޒަޚަމްތަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނަ މިސްބާޙަކީ ކިހާ މައުސޫމް ކުއްޖެއްކަން އޭނަގެ ބައްޕައަށް އެންގިނަމަ ބައްޕަ ޖަލްސާއަށް ގޮސް އެވާހަކަ ނުދެއްކީހެވެ. ބައްޕަ އެ ވާހަކަ ނުދެއްކިނަމަ މިސްބާޙްގެ ބައްޕަ ރުޅިނައީހެވެ. މިސްބާޙްގެ ހިތުގައި އޭނަގެ ބައްޕައަށްޓަކައިވާ އިޙްޞާސްތައް ކިޔުނު ވަގުތު އަފްރީނަށް އިތުރަށް ރޮވުނެވެ. ތިމާ އެހާވަރަށް ލޯބިވާ މީހަކު ތިމާއަށް އަނިޔާކުރުމުން ދެރަވާނެ މިންވަރެއް އަފްރީނަށް އަންދާޒާކުރާކަށް ވެސް ނޭނގެއެވެ. ރިޕޯޓް ކިޔައި ނިމުނުތަނާހެން އަފްރީން މިސްބާޙް ދެކިލަން ދާން އިންތިހާއަށް ބޭނުންވިއެވެ. އޭނަ ކިޔަވާ މޭޒުދޮށުން ތެދުވެލީ މިސްބާޙަށް މަޢާފަށް އެދުމަކީ އޭނަ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއްކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ. ކޮޓަރީގެ ދޮރާއި ހަމައަށް ދިޔައިރު އަފްރީންގެ ޚިޔާލުތަކުން އޭނައަށް މިސްބާޙްގެ ގާތަށް ދެވިއްޖެއެވެ. ދޮރުގެ ތަޅުގައި ހިފާލި ވަގުތު އޭނަ މިސްބާޙްގެ ގައިގައި ބައްދާލިތަން ސިފަކުރެވުމުން އަފްރީންގެ ޙަރަކާތްތައް މަޑުވިއެވެ. އަދި ގެއިން ވެސް ނުނިކުމެވެނީސް މިފަދަ ޚިޔާލުތަކެއް ކުރެވޭނަމަ އެތަނަށް ދިޔުމުން ވާނީ ކިހިނެއްބާއޭ ހިތް ސުވާލުކުރިއެވެ. އެވަގުތު އޭނަގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވުމުން އަފްރީނަށް ދޮރުގެ ތަޅުގައި ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާލެވުނެވެ. އޭނަ މިސްބާޙްގެ ގާތަށްދާން ބޭނުންވަނީ ހަމައެކަނި މަޢާފަށް އެދޭކަށް ނޫންކަން އަފްރީނަށް އެނގުންވިއެވެ. އޭނަ ދެން ދުވަހަކުވެސް މިސްބާޙާއި ވާހަކަ ދެއްކިއްޔާ ގާތްނޫން ގޮތަކަށް ވާހަކަ ދެއްކޭނެހެނެއް އަފްރީނަކަށް ހިއެއްނުވެއެވެ. މިސްބާޙް އިންޓަވިއުގައި ޖަވާބުތައް ދީފައިވި ގޮތުން މިހާރު މިސްބާޙަކީ ތެދުވެރިއެއްކަން އޭނައަށް ޔަޤީންވެއްޖެއެވެ. މިސްބާޙްގެ ހިތުގައި އޭނައަށްޓަކައި ޖާގައެއް ދެވިފައިވިކަން އެނގުމުން ވެސް އޭނަގެ ހިތުގައި ވެސް މިސްބާޙަށްޓަކައި އިޙްޞާސްތަކެއްވާކަން އޭނަ އަންގަން ބޭނުންނުވެއޭ އޭނައަކަށް ނުބުނެވޭނެއެވެ. މިވަގުތު ވެސް މިސްބާޙް ފެނިއްޖެނަމަ އޭނަ ވިރިގެންދާނެކަން އޭނައަށް ޔަޤީނެވެ. އޭނައަށް މި ޚިޔާލު ކުރެވޭ ގޮތަށް ވާހަކަ ދައްކައިފިނަމަ މިސްބާޙަށް ވެސް ދުރުގައި ހުރެވޭނެހެނެއް ހިއެއްނުވެއެވެ. އެހެންވީމަ އޭނަ ގޮސްގެންނުވާނެ ނޫންހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން އަފްރީންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އޭނަގެ ހިތުގެ ކަނަކުން ނޫނެކޭ ކިޔައި ގޮވާލައިފިއެވެ. އެހެނަސް އަފްރީން ގަދަކަމުން ކަހަލަ ގޮތަކަށް ދޮރުގެ ތަޅުން ދޫކޮށްލިއެވެ. އަދި ހިތާއި ދެކޮޅަށް ރޮމުންރޮމުން ގޮސް އެނދުގައި އިށީނެވެ. މޫނުގައި ދެއަތް އަޅާލަމުން އަފްރީނަށް އިހުނަށްވުރެ ބާރަށް ރޮވުނީ އޭނަ މިސްބާޙް ދެކެން ބޭނުންވިވަރު އޭނަގެ ހިތް އޭނައަށް އެންގުމުންނެވެ. އޭނަ މިސްބާޙް ހަނދާންވާ މިންވަރު މިސްބާޙަށް އެނގޭނެނަމައޭ ހިތަށްއެރިއެވެ. މިސްބާޙްގެ ހަނދާންތަކުން ދުރުނުވެވޭނެހެން ހީވި ވަގުތު އަފްރީން އަވަސްއަވަހަށް އޭނަގެ ކޯތާފަތުން ކަރުނަތައް ފޮހެލިއެވެ. އަދި ދެއަތް އުފުލާލަމުން އަމިއްލަ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވުމަށްއެދި ދުޢާކުރެވުނެވެ. ދުޢާ ކުރަމުން ގޮސް އޭނައަށް ނޭނގުމެއްގެ ތެރެއިން މިސްބާޙަށްޓަކައި ވެސް ދުޢާކުރެވެން ފެށިއެވެ. އަދި ބޭ އިޚްތިޔާރުގައި ހިތާހިތުން އެއްދުވަހު އޭނައާއި މިސްބާޙް ގުޅޭނެ ގޮތެއް ހައްދަވައިދެއްވުމަށްއެދި ދުޢާކުރެވުނެވެ.
ޢާއްމު ގޮތެއްގައި އޮންލައިން ނޫސް ކިޔައި ނުއުޅޭ ވަޙީދަށް މިސްބާޙްގެ އިންޓަވިއު ފެނުނީ، އޭނަ ގެއަށް އައުމުން އޭނަގެ 14 އަހަރުގެ ހަގު ދަރިފުޅު ކަމަށްވާ ރާޔާ އެ ޚަބަރު ދެއްކުމުންނެވެ. ސިޓިންގް ރޫމުގެ ސޯފާގައި ރާޔާގެ ލެޕްޓޮޕުން އެ ރިޕޯޓް ކިޔަން އިން ވަޙީދަށް އިނދެވުނީ ޙައިރާންވެފައެވެ. މިސްބާޙް ވާހަކަ ދައްކާފައި ހުރި ގޮތުން އެއީ އޭނަ ދަންނަ މިސްބާޙެއް ނޫނޭ ހިތަށްއެރިއެވެ. މިސްބާޙަކީ އޭނަ ދަންނަ ގޮތުގައި ލަދުކުޑަ ކަމެއް ކުރުމަށްފަހު އެކަމާމެދު ފަޚުރުވެރިވެފައި ވާހަކަ ދައްކާ ކުއްޖެކެވެ. މިސްބާޙް މާލޭގައި ހުރިއިރު އޭނަ ވަޙީދުގެ ކުރިމަތީގައި ވެސް ޖެހިލުމެއްނެތި އޭނަ އެއްފަހަރާ ރައްޓެހިވެގެން އުޅޭ އަންހެން ކުދިންގެ ވާހަކަ ދައްކައެވެ. ވަޙީދު އެއްޗެހި ގޮވުމުން ވެސް މިސްބާޙްގެ އުޅުމަކަށް ބަދަލެއް ނައެވެ. ދެން މިއަދު މިސްބާޙަށް މިހާ ބޮޑު ބަދަލެއް އައީ ކިހިނެއްބާއޭ ވަޙީދުގެ ހިތް ސުވާލުކުރިއެވެ. ރިޕޯޓު ކިޔަން ފެށިއިރު ވަޙީދަށް އިނދެވުނީ ޙައިރާންކަމެއްގެ ތެރޭގައި ވިޔަސް ރިޕޯޓުގެ ފަހަތުގައި އަމީން ކުރި ކަންތައްތަކުގެ ވާހަކަ ފެނިފައި ވަޙީދުގެ ރުޅިގަދަވިއެވެ. މިސްބާޙް އެހާ ޞާލިޙުވެފައި ވަނިކޮށް އަމީން މިސްބާޙަށް އިތުބާރު ނުކޮށް އޭނައަށް އަނިޔާ ކުރީތީވެއެވެ.
ވަޙީދާއި ރާޔާ ސިޓިންގް ރޫމުގެ ސޯފާގައި ތިއްބާ ސްކޫލުން ގެއަށް އައި ސިނާން ގޭގެ ދޮރު ހުޅުވާލި ވަގުތު ރާޔާއަށް އިސްއުފުލާލެވުނެވެ.
“ދޮންބެ ބަލާބަލަ. މިސްބާބެ ދިން އިންޓަވިއުއެއް އެބަހުރި ރާއްޖެ ޕްރެސްގަ. ވަރަށް ޓަޗިންގް.” ރާޔާ ފޯރިއާއެކީ އެއްފަހަރު ސިނާނަށް އަނެއްފަހަރު ލެޕްޓޮޕް ސްކްރީނަށް ބަލަމުން ބުނެލިއެވެ. އެއާއެކު ސިނާންގެ ފިޔަވަޅުތައް މަޑުޖެހި އޭނަގެ ދެލޯ ބޮޑުވިއެވެ. ވަޙީދު ރިޕޯޓް ކިޔައި ނިންމާލަމުން ސިނާނަށް ބަލާލި ވަގުތު ސިނާން ވެސް ހުރީ ވަޙީދަށް ބަލަހައްޓައިގެންނެވެ. ސިނާންގެ ބިރުގެންފައިވާ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ ބައްޕަ ކޮށްލާނެ ސުވާލަކަށް ކެތްމަދުވެގެން ފަދައެވެ. އެހެނަސް ސިނާން ހީކުރި ގޮތާއި ޚިލާފަށް ބައްޕަ އިރުކޮޅެއް ވީއިރުވެސް ސުވާލެއް ނުކުރުމުން ސިނާން ޖެހިލުންވުމަކާއެކީ ގޭގެ ތެރެއަށް ވަދެގެން ދާން ފެށިއެވެ. މާ ދުރަކަށް ނުދެވެނީސް ވަޙީދުގެ އަޑު އިވުނެވެ.
“ސިނާން!” ވަޙީދު ހަރުއަޑުން ގޮވާލި އަޑަށް ސިނާންގެ ފިޔަވަޅުތަކާއެކީ އޭނަގެ ހިތް ވެސް ހުއްޓުނެވެ. އެވަގުތު ރާޔާ މަންޒަރު ނުބަލަންވެގެން އަވަހަށް ސޯފާއިން ތެދުވެގެން ގޮސް އެތާ ހުރި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.
“ލައްބަ.” ސިނާން ހިތްވަރުކޮށްފައި ވަޙީދަށް ބަލާލިއެވެ.
“މިސްބާޙްގެ އެކްސިޑެންޓެއްނޫންވީ. ކީއްވެ ދޮގު ހެދީ؟” ވަޙީދު ބުމަގޮށްޖެހިފައި އިނދެ ސިނާނަށް ބަލާލަމުން އުނގުގައި ހުރި ލެޕްޓޮޕް ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.
“އަމް…….ޒާހިޔައްތަ އަޅުގަނޑު ކައިރީގަ ބުނީ އެކްސިޑެންޓެކޭ.” ސިނާން އޭނަގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.
“ޒާހިޔައްތަ އަމިއްލައަށް ޚަބަރުގަ ބުނެފަ މި އޮތީ މިސްބާޙްގެ ބައްޕަ މިސްބާޙަށް އަނިޔާކުރިއްޔޭ.” ވަޙީދު ޝައްކުގެ ނަޒަރަކުން ސިނާނަށް ބަލަން އިނދެ ބުނެލިއެވެ. އެއާއެކު ސިނާން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭނައަށް މި އިވުނީ އަދި އާ ވާހަކައެކެވެ. ބޮޑުބޭބެ މިސްބާޙަށް އަނިޔާކުރީ ކީއްވެބާއޭ ހިތަށްއެރިއެވެ.
“ޖަވާބެއްދީ!” ވަޙީދު ހަރުއަޑުން ގޮވާލަމުން ކޮޅަށް ތެދުވުމުން ސިނާން ސިހިގެން ދިޔައެވެ.
“ބަ..ބަ……ބައްޕާ. އަ…އަޅުގަނޑު ނުދެނަހުރިން. އަ…….” ސިނާން ޖެހިލުންވުމަކާއެކީ ފެށި ވާހަކަ ފުރިހަމައެއްނުވިއެވެ.
“ކީއްވެ ނުދެނަހުރީ؟ އެރަށުގަ ނޫންތަ މިހާ ދުވަހު ހުރީ؟ ކޮން އެކުވެރިޔެއްގެ ވާހަކަތަ މިސްބާޙް އެ ދައްކަނީ؟ އޭނަ ބުނީ ކޮންމެވެސް އެކުވެރިޔެކޭ ތިމަންނަ އަންހެން ކުއްޖަކާއެކީ ކޮޓަރިއެއްގަ ތަޅުލީ. އެއީ ތެދެއްތަ؟” ވަޙީދު ސުވާލުކުރިއެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ ސިނާންގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. މިސްބާޙް އޭނަގެ ނަން ހާމަނުކުރީ ކީއްވެބާއޭ ހިތަށްއެރިއެވެ. އެހެނަސް އެކަމާމެދު މާ ބޮޑަށް ވިސްނުމެއްނެތި ސިނާން ލިބުނު ކުޑަ ހިތްހަމަޖެހުމާއެކީ ވާހަކަ ދެއްކިއެވެ.
“ނޫން ބައްޕާ އެއީ ހުސް ދޮގު. ބައްޕައަށް އެނގެއެއްނޫންތަ މިސްބާ އުޅޭ ގޮތް؟ އެއްފަހަރާ އެތައް އަންހެން ކުދިންނާ ރައްޓެހިވާ މީހަކު އަންހެން ކުއްޖަކާއެކީ ގަދަކަމުން ކޮޓަރިއެއްގަ ތަޅުލާކަށް ނުޖެހޭނެއެއްނު؟ އަހަރެން އެކޮޅަށް ދިޔަފަހުން އެތައް ރެއަކު ދުށިން އޭނަ އަންހެން ކުދިންނާއި ގައިގޯޅިވެގެން އުޅޭ މަންޒަރު. ބުނަން ވެސް ބުނިން އެއީ ގޯސްކަމެކޭ އެކަމަކު މިސްބާ އަޑެއްނާހާ.” ސިނާން ހިތާމަ ކުރާ ފަދައަކުން އިސްޖަހައި ބޯހޫރުވަމުން ކިޔައިދިނެވެ. ވަޙީދު ދެންވެސް ސިނާނަށް ބަލަން ހުރީ ޝައްކެއްގެ މަތީގައެވެ.
“އިންޓަވިއުގަ ވާހަކަ ދައްކާފަ ހުރި ގޮތުން ވަރަށް ހިއެއްނުވޭ މިހާރު މިސްބާޙަކީ އެކަހަލަ ކުއްޖެއްހެން.” ވަޙީދު ކޮންޓްރޯލް ކުރެވިފައިވާ އަޑަކުން ބުނެލިއެވެ.
“އެއީ އޭނަ ހެދެނީ. އިންތިޚާބު މިހާ ކައިރިވެފަ އޮތްވާ ބޮޑުބޭބެގެ ނަން ހަޑިވާފަދަ ގޮތަކަށް އޭނަ ވާހަކަ ދައްކައިގެންނުވާނެއެއްނުދޯ؟ އެއީ އެހެންވީމަ ކަމަށްވާނީ.” ސިނާން ބުނެލިއެވެ.
“އެކަމަކު މި އިންޓަވިއުއިން ބޮޑުބޭބެގެ ނަން ހަޑިވެއްޖެ. މިސްބާޙް އޭނަގެ ބައްޕަގެ ނަން ހަޑިކުރަން ބޭނުންނުވަންޏާ އޭނަގެ މަންމަ ދެއްކި ވާހަކަތައް ވެސް އިންޓަވިއުއަށް ނާރުވަން މަސައްކަތް ކުރީސް. ތި ދައްކާ ވާހަކަ ތާކުންތާކު ނުޖެހޭ.” ވަޙީދު ބުނެލި ވާހަކައިން ސިނާން އަނެއްކާވެސް ނުތަނަވަސް ވާންފެށިއެވެ. ވަޙީދު އެ މަންޒަރު ފަރުވާތެރިކަމާއެކީ ބެލިއެވެ.
“އާ……އެވާނީ….” ސިނާން އިތުރު ދޮގުތައް ހަދަން އުޅުނު ވަގުތު ވަޙީދު އޭނައަށް ހުރަސްއެޅިއެވެ.
“ހިއެއްނުވޭ ސިނާންގެ ފަރާތުން ޙަޤީޤަތް އެނގޭނެހެނެއް. އަހަރެން އަމިއްލައަށް އެކޮޅަށް ދާންވީހެން ހީވަނީ. އާ ފިހާރަ ހުޅުވުމުގެ ކަންތައް ނިމުނީމަ ދާނީ. އެރަށަށް ގޮއްސަ ހޯދާ ހޯދުމުން ސިނާން ތި ބުނާ އެއްވެސް ވާހަކައަކީ ދޮގެއްކަން ސާބިތުވެއްޖެއްޔާ ދިގުދެމިގެންދާ އަދަބަކަށް ތައްޔާރުވެގެން ހުންނާތި!” ވަޙީދު ސިނާނާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. އެއަށްފަހު ރުޅިވެރިކަމާއެކީ ހިނގާފައި ގޮސް ގެއިން ނިކުމެގެން ދިޔައީ ސިނާންގެ ހިތް ބިރުވެރިކަމުން ވަށާލާފައެވެ.
މިސްބާޙްގެ އިންޓަވިއުގެ ސަބަބުން ބިރުވެރިކަމެއް އިޙްޞާސް ކުރެވުނީ ސިނާނަށް އެކަންޏެއްނޫނެވެ. މޯލްޑިވިއަން ރީފޯމް ޕާޓީއިން މީހުން ހަލުވިކަމާއެކީ ވަކިވާ މަންޒަރު ފެނިފައި އަމީންގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. ކުރާނެ ކަމެއް ނޭނގިގެން އޭނަ އެޗް.އެން ނިއުސްއަށް ގުޅާފައި އެ އިންޓަވިއުގެ ހުރިހާ ވާހަކައެއް ދޮގުކޮށް ރިޕޯޓެއް ލިޔުމަށް އެންގިއެވެ. އަމީންގެ އެދުމަށް އެޗް.އެން ނިއުސްގައި ވަގުތުން ރިޕޯޓެއް ޝާއިއުވެގެން ދިޔައެވެ. އެ ރިޕޯޓުގައިވާ ގޮތުން މިސްބާޙާއި ޒާހިޔާ އެކަހަލަ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި މިސްބާޙަށް ލިބުނު އަނިޔާތަކުގެ ސިއްރަކީ އޭނަގެ އެކުވެރިންގެ ބަޔަކު އޭނައަށް އަނިޔާކުރުމެވެ. މީގެ އިތުރުން އަމީން އޭނަގެ ދަރިފުޅުމަތިން ވަރަށް ހަނދާންވާ ވާހަކައާއި އޭނަ މާލެއަށް އައިސްފައި ހުރީ ވަރަށް މުހިއްމު މަސައްކަތެއްގައި ކަމަށްވެސް އެ ރިޕޯޓުގައި ލިޔެވިފައިވިއެވެ. އެ ރިޕޯޓަކަށް މާ ބޮޑު ތަރުޙީބެއް ނުލިބުނެވެ. ޢާއްމު ގޮތެއްގައި އެޗް.އެން ނިއުސްގެ ހުރިހާ ރިޕޯޓަކަށް ތަޢުރީފުކުރާ މީހުން ވެސް ބުނަމުން ދިޔައީ ދަރިފުޅަށްވުރެ ބޮޑަށް މުހިއްމުވާނީ ކޮން މަސައްކަތެއްތޯއެވެ. އެފަދަ ކޮމެންޓްތައް ފެނިފައި އަމީން އަނބުރާ ރަށަށް ގޮސް އެންމެނަށް ދައްކާލުމަށްޓަކައި މިސްބާޙްގެ ގައިގައި ބައްދާލަން ބޭނުންވެއެވެ. އެހެނަސް އޭނަ އެގޮތަށް ކަންތައް ކުރުމުން އެންމެންގެ ކުރިމަތީގައި މިސްބާޙް އޭނައާއި ދެކޮޅު ހަދާފާނެތީވެސް އަމީން ކަންބޮޑުވިއެވެ. އެހެންކަމުން އޭނަ އޭގެ ބަދަލުގައި މިސްބާޙާއެކީ ތަންކޮޅެއް ކުރިން ނެގިފައިހުރި ފޮޓޯތައް އޭނަގެ ފޭސްބުކް ޕޭޖްގައި ޝެއަރކުރަން ފެށިއެވެ. އޭނައާއި މިސްބާޙް އެއްކުލައެއްގެ ކޯޓު ފަޓުލޫނުގައި ހިނިތުންވެގެން ތިބި ފޮޓޯއެއް ޕޯސްޓްކޮށް އޭގެ މަތީގައި މިސްބާޙް ހަނދާންވާ ވާހަކަ ލިޔުމުން އެ ފޮޓޯއަށް ހާހުން ލައިކްސް ލިބުނެވެ. އެހެނަސް ގިނަބަޔަކު ތިބީ މިސްބާޙަށް ޙަމްދަރުދީ ފާޅުކޮށް އަމީނަށް އެއްޗެހި ގޮވައި ކޮމެންޓްކޮށްފައެވެ.
“ކީއްތަ ދެން މަ ކުރަންވީ؟ މަ ރަށަށް ދިޔައިއްޔާ ހުރިހާ ކަމެއް ގޯހުންގޯހަށް ދާނީ. މިސްބާޙް ދެކޮޅު ނެހެދިޔަސް އެ ޒާހިޔާއަށް ނުހުރެވޭނެ އެއްޗެކޭ ނުކިޔާ. އެ ނަވާޒް ވެސް ނުއުޅޭ ކަމެއް ކުރާ ހިތުންނެއް. އޭނައަށް ވަރިހަމަ އަހަރުމެންނަށް އިންތިޚާބު ކާމިޔާބު ނުކުރެވުނަސް. އެކަމަކު މަށަކަށް ނުހުރެވޭނެ ކަމެއްނުކޮށް.” އަމީން އޭނަގެ ސިޓިންގް ރޫމުގެ ދެކޮޅުންދެކޮޅަށް ހިނގަމުން ހަރު އަޑުން ވާހަކަ ދެއްކިއިރު އެތާހުރި ސޯފާގައި އޭނަގެ ޕާޓީގައި އިސްކޮށް އުޅޭ އޭނަގެ އެކުވެރިއެއްކަމަށްވާ މުފީދު އިނެވެ.
“ކަމެއް ނުކޮށް ހުންނާކަށް ބޭނުމެއްނުވޭ އަހަރެންވެސް.” މުފީދަށް އެހާ ހިސާބަށް ބުނެލެވުނުތަނާ އަމީން ވާހަކަ ދެއްކިއެވެ.
“މަ ބޭނުންވަނީ އެ ޔޫނުސް މަރާލަން!” އަމީން އޭނަގެ ފިޔަވަޅުތައް މަޑުޖައްސައި މުފީދަށް ބަލަންހުރެ ރުޅިވެރިކަމާއެކީ ބުނެލިއެވެ. މުފީދު ކޮޅަށް ތެދުވިއެވެ.
“އަމީން….މިހާ ނާޒުކު ޙާލަތެއްގަ އަހަރުމެން ވަރަށް ވިސްނައިގެން ފިޔަވަޅު އަޅަންވާނީ. މިހާރު ވެސް އަމީނާއިމެދު ބައިވަރު ވާހަކަތައް އެބަ ދެކެވޭ. އެ ވާހަކަތައް ދެކެވެނީ ޔޫނުސްއާ ހެދި. ދެން ހަމަ މިދުވަސްކޮޅު ޔޫނުސްއަށް ކަމެއްވެއްޖެއޭ ކިޔާފައި އޮތް ޚަބަރެއް ފެތުރިއްޖެއްޔާ ވަރަށް ފަސޭހައިން އެންމެނަށް ނަގައިގަނެވޭނެ އޭގެ ފަހަތުގައިވަނީ އަމީންކަން. އަހަންނަށް ފެންނަނީ މި އަޑުތައް ތަންކޮޅެއް މަޑުވަންދެން އަހަރުމެން މަޑުކުރަން. އެއަށްފަހު ކަމެއްކުރަން. ޕާޓީއަށް މެންބަރުން އިތުރު ކުރެވިދާނެ. އަދި އިންތިޚާބުގެ ކުރިން ދެ މަސް އެބައޮތް.” މުފީދު ބުނެލިއެވެ. އޭނަ ދެއްކި ވާހަކައިން އަމީނަށް ހަމަޖެހުމެއް ލިބުނުކަން އެ މޫނުމަތިން އެނގެއެވެ. އޭނަ މުފީދަށް ބަލަންހުރެ ފުން ނޭވައެއް ދޫކޮށް ހޫންލައްވާލަމުން ބޯޖަހާލިއެވެ.
މުޅި އެ ދުވަހު އަފްރީންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. ނަމަވެސް އެ މަންޒަރު ދެކޭކަށް ގޭގައި އެކަކު ވެސް ނެތެވެ. މެންދުރު ގަޑީގައި ޝަރީފް ވެސް ގެއަށް ކާކަށް ނާދެއެވެ. ދުވަހަކީ ނަސްރާވެސް ސްކޫލްގައި އަވަދިނެތި އުޅެމުން ދިޔަ ދުވަހަކަށްވުމުން އޭނައަށް ވެސް މެންދުރު އަފްރީން ކައިރިއަށް ދެވޭ ގޮތެއްނުވިއެވެ. އަފްރީނަށް އެދުވަހު ފިލާވަޅުތައް ވެސް ހަދަން އިނދެވުނީ ރޮވިފައެވެ. އޭނަ ބުނި ބަސްތަކުން މިސްބާޙް ދެރަވާނެ މިންވަރު މެދުކެނޑުމެއްނެތި އިޙްޞާސް ކުރެވެމުން ދިޔައީތީވެއެވެ. އޭނައަށް މިސްބާޙް ފެންނާނެނަމައޭ ހިތަށްއެރީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. އެހެން ހިތަށްއަރާ ކޮންމެފަހަރަކު މިސްބާޙްވެސް އޭނަ ދެކެން ބޭނުންވާނެތޯ ހިތް ސުވާލުކުރެއެވެ.
އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނަސްރާ އަފްރީންގެ ކޮޓަރިއަށް ވަތްއިރު އަފްރީން އޭނަގެ ފޮތްތައް ދަބަހަށް އަޅަނީއެވެ. އަފްރީން އޭނައަށް ފުރަގަސްދީގެން ހުރުމުން ނަސްރާ އެ ކޮޓަރީގެ ހުޅުވާލެވިފައިވާ ދޮރުގައި ޓަކި ދިނެވެ. އަފްރީން ފަސްއެނބުރި ބަލާލިއިރު އޭނަގެ ދުޅަވެފައިވާ ދެލޯ ފެނިފައި ނަސްރާގެ ހިތަށް ތަދުވިއެވެ. އޭނަ ހީކުރި ގޮތަށް އިންޓަވިއުގައި މިސްބާޙް ބުނެލި ބަސްތައް އަފްރީންގެ ހިތާއި ކުޅެލިތާއޭ ހިތް ބުންޏެވެ. އޭނަ ވަނީ މިވާހަކަ އަފްރާޒާއިވެސް ޙިއްސާ ކޮށްފައެވެ. އަފްރާޒް ބުނި ގޮތުގައި ނަސްރާއާއި އޭނަ ވެގެން މި މަޢުޟޫއަށް އަފްރީނާއި ވާހަކަ ދެއްކުން މުހިއްމެވެ. އަފްރީން އޭނަގެ އިޙްޞާސްތައް އެކަކާވެސް ޙިއްޞާނުކޮށް ހުރެހުރެފައި ގޯސް ފިޔަވަޅެއް އަޅާފާނެތީ އަފްރާޒާއި ނަސްރާ ވެސް ކަންބޮޑުވިއެވެ. އެހެންކަމުން އެދެބެއިން މިރޭ އަފްރީނާއި ވާހަކަ ދައްކަން ނިންމިއެވެ.
“އަފޫ……މިހާރު ދޮންބެ އޮންލައިން ވާނެ. ލެޕްޓޮޕް ހިފައިގެން އާދެބަލަ ސިޓިންގް ރޫމަށް.” ނަސްރާ ބުނެލިއެވެ. އަފްރީން ވަގުތުން ނޫނެކޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އޭގެ ސަބަބު ދޮންތައަށް ކިޔައިދޭން ބޭނުމެއް ނުވީތީ އަފްރީން މަޑުމަޑުން ބޯޖަހާލިއެވެ.
**
“ސަލާމް.” ލެޕްޓޮޕް ސްކްރީނުން ފެންނަމުން ދިޔަ އަފްރާޒް އުޖާލާވި ހިނިތުންވުމަކާއެކީ ސަލާން ގޮވާލިއެވެ.
“ވަޢަލައިކުމުއްސަލާމް.” ސޯފާގައި އިން ނަސްރާވެސް ޖަވާބު ދިނީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް އަފްރީން ޖަވާބު ދިނީ ބަނަވެފައިވާ މޫނަކާއެކީ އެއްދިމާލަކަށް ބަލަން އިނދެއެވެ. އެކަން ފާހަގަވުމުން އަފްރާޒްގެ ހިނިތުންވުން ފަނޑުވިއެވެ. އަފްރާޒަށް ވީގޮތް ފެނިފައި ނަސްރާއާށް އަފްރީނާއި ދިމާލަށް ބަލާލެވުނެވެ. އެއާއެކު އޭނަގެ ހިނިތުންވުންވެސް ފިލައިދިޔައެވެ.
“އަފޫ ކިހިނެއްތަ؟” އަފްރާޒް އޭނަގެ އަޑުގައި ޖޯޝެއް އެކުލެވޭތޯ މަސައްކަތް ކުރަމުން ސުވާލުކުރިއެވެ.
“ރަނގަޅު.” އަފްރީން ދޮންބެއަށް ބަލާލަމުން ކުރު ޖަވާބެއްދިނެވެ.
“މިރޭ މި އޮންލައިން ވީ ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެގެންނޭ. އަފޫގެ އެރޭންޖްޑް މެރިއޭޖެއްގެ ވާހަކަ ދައްކަން.” އަފްރާޒް ސަމާސާވެރި ރާގަކަށް ވާހަކަ ދެއްކީ އަފްރީން ހެއްވާލުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވެސްވިއެވެ. އަފްރީންގެ ލުއި ހީލުމަކާއެކީ އިސްޖަހާލިއެވެ. އޭނަ އިސްއުފުލާލިއިރު އެ މޫނުމަތީގައިވި ހިތާމަވެރިކަން ފެނިފައި އަފްރާޒާއި ނަސްރާގެ ހިތަށް ވެސް އަސަރުކުރިއެވެ.
“އަފޫ…….ސީރިއަސްކޮށް ދޮންބެގާތު ބުނެބަލަ. އަފޫއަށް ކުއްޖަކު ކަމުދޭތަ؟ ކަމުދަންޏާ އެކުއްޖާއާ އަފޫ މެރިކޮށްދީފާނަން. އެހެރީއެއްނު ދޮންތަ ވެސް ދޮންތަގެ ޕްރިންސް ޗާމިންއާ މެރީކޮށްގެން؟” އަފްރާޒް ވީހާވެސް އަފްރީނާއި ގުޅޭ ފަދަ ގޮތަކަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
“ޕްރިންސް ޗާމިންގްއެއް ނޫން ބޭނުންވަނީ. ބޭނުންވަނީ އަހަންނަށް ﷲ މަތިން ހަނދާންކޮށްދޭނެ މީހަކު.” އަފްރީން އޭނަގެ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އެހެން ބުނެލީ އޭނައަށް މިހާރު ވިސްނޭކަން ދޮންބެއަށް އެންގުމަށްޓަކައެވެ. އަފްރީން ދިން ޖަވާބުން އޭނަ ހީކުރި ގޮތަށް ދޮންބެގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
“މާޝާ ﷲ. އެކަހަލަ ކުއްޖަކާ އަފްރީން ދިމާވެފަވޭތަ؟” އަފްރާޒް ސުވާލުކުރިއެވެ. އެއާއެކު އަފްރީން ހުއްޓުންއެރިއެވެ. އޭނަ ޙަޤީޤަތް ފޮރުވަން ބޭނުންވިއެވެ. އެހެނަސް ދޮގު ހަދާކަށް ބޭނުމެއްނުވިއެވެ.
“ހޫމް. އެނގޭ އެކަހަލަ ކުއްޖަކު.” އަފްރީން އިސްޖަހައިގެން އިނދެ ބުނެލިއެވެ.
“ކޮން ކުއްޖެއް؟” އަފްރާޒް ކެތްމަދުވިއެއްކަމަކު އޭނަ އެކަން ފާޅުނުކުރެވެވޭތޯ އުޅުނެވެ.
“މިސްބާޙް.” އަފްރީން ދެލޯ މަރައިގެން އިނދެ އެ ނަން ކިޔާލީ މީހަކު ކަމުދިޔުމަކީ ގޯހެއްނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. އޭނަ ދެލޯ ހުޅުވާލިއިރު އޭނަ ހީކުރި ގޮތާއި ޚިލާފަށް ދޮންބެ ހުރީ ޙައިރާންވެފައެއްނޫނެވެ.
“އޭނަ އެ އިންޓަވިއުގައި ބުނެފަ އެވަނީ ތެދުތަ އަފްރީން؟” އަފްރާޒް އަހާލިއެވެ.
“އާނ ދޮންބެ އޭނަ ވަރަށް ރަނގަޅު. އޭނަ ކުރީގަ އުޅުނީ އަހަރެންގެ ސަމާލުކަން ހޯދަންވެގެން. އަހަރެން ކުރީގަ……ރައް…ޓެހިވީ ކުއްޖެއްގެ އެދުމުގެ މަތިން އޭނަ އުޅުނީ އަހަރެން އިންސަލްޓްކުރަން. އެކަމަކު ފަހުންފަހުން އައިއްސަ އޭނަ ވަރަށް ރަނގަޅު. ކުރީކޮޅު އޭނަ އަހަންނަށް ދަޢުވަތު ދިން އޭނަގެ ސައިކަލުގެ ފަހަތަށް އަރަން. އެކަމަކު ފަހުން އޭނަގެ މަންމަ އޭނަ ކައިރި އަހަރެން ގޮވައިގެން ސައިކަލުގަ ގެއަށް ގެންދާށޭ ބުނީމަވެސް އޭނަ އިންކާރުކުރީ. އޭނަގެ މަންމަވެސް ބުނި އޭނަ ވަރަށް ބަދަލުވެއްޖެއޭ.” އަފްރީނަށް އެ ވާހަކަތައް ކިޔައިދެވުނުލެއް އޮމާންކަމުން ޚުދު އަފްރީން ވެސް ޙައިރާންވިއެވެ.
“އަފްރީން އޭނައާއި ކައިރިވާން އުޅުނިންތަ؟” އަފްރާޒް ކުރި ސުވާލުން އަފްރީންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވެ އޭނައަށް އިސްޖަހާލެވުނެވެ.
“ނޫން ދޮންބެ. އަހަރެން މިހާރު އެކަހަލަ އެއްވެސް ކަމެއް ނުކުރަން. އަދި އަމުދުން ކައިރިވާން އުޅުނަސް މިސްބާޙް އެކަން އެހެން ވިޔަދޭނެހެނެއް އަހަންނަށް ހިއެއްނުވޭ. އޭގެ އެންމެ ބޮޑު ހެއްކަކީ އެރޭ އޭނަ އަހަންނާއި ދުރަށް ދިޔަ ގޮތް.” އަފްރީން އިސްއުފުލާލި ވަގުތު އޭނަގެ ކޯތާފަތްމައްޗަށް ކަރުނަ ފައިބައިގެން އައެވެ. އަފްރީން އަވަސްއަވަހަށް އެ ކަރުނަތައް ފޮހެލިއެވެ. އަފްރާޒް މަންޒަރު ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.
“ދޮންބެއަށް ވެސް އަސްލު އެހެންވެ ހީވަނީ މިސްބާޙަކީ ރަނގަޅު ކުއްޖެއްހެން.” އަފްރާޒް ބުންޏެވެ. އެއާއެކު އަފްރީން ބޯޖަހަން ފެށިއެވެ.
“ހަމަ އަސްލުވެސް ވަރަށް ރަނގަޅު.” އަފްރީނަށް އެހެން ބުނެލެވުނީ އިޚްތިޔާރަކާނުލައެވެ.
“އެއްވެސް ރަނގަޅެއްނޫން!” ސިޓިންގް ރޫމުގެ ވާތްފަރާތުން އައި ޝަރީފްގެ އަޑަށް އަފްރީނާއި ނަސްރާއަށް އެދިމާލަށް ބަލާލެވުނެވެ.
ނުނިމޭ