Hijra (Part 45)
“މަންމާ ޕްލީޒް. މި ޙާލަތުގަ އަހަރެން ސިނާނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބަދަލުގަ އޭނައާއެކީގަ ހުރިއްޔާ އޭނަ އިސްލާޙުވުމުގެ ފުރުޞަތު މާ ބޮޑު. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ދެމެދުގަ ބަދަލު ހިފުމުގެ މުބާރާތެއް ފެށެން. އެއަށްވުރެ މާ ރަނގަޅުވާނެ އަހަރެން މަޢާފުކޮށްފިއްޔާ.” މިސްބާޙް ބޯހޫރުވަމުން އިސްޖަހާލިއެވެ. ޒާހިޔާ ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީ އޭނަގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެދެމައިންނަށް ނޭނގުނު ކަމަކީ އެ ކޮޓަރީގެ ބޭރުގައި ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ވަޙީދު ހުރިކަމެވެ. އޭނަ ސީރިއަސް މޫނަކާއެކީ އިރުކޮޅެއް ވަންދެން ހުރިތާ ހުރެފައި ގެއިން ނިކުންނަން ހިނގައިގަތެވެ.
މިސްބާޙް ދެއްކި ވާހަކަތައް އިވިފައި ވަޙީދުގެ ހީ ޔަޤީނަކަށް ބަދަލުވިއެއްކަމަކު އޭނަ ސިނާނާއި ހަމައަށް ދިޔުމުގެ ކުރިން އަދިވެސް އިތުރަށް ހޯދަން ބޭނުންވިއެވެ. ކަން ހިނގިގޮތް ޒާހިޔާއާއި މިސްބާޙްގެ ނަޒަރިއްޔާތު ފިޔަވައި އެހެން މީހުންގެ ނަޒަރިއްޔާތުތަކުން ވެސް ދެނެގަންނަން ބޭނުންވިއެވެ. އެހެންކަމުން އޭނަ އެރޭ ޖަލްސާއަށް ގޮސް ވާހަކަ ދެއްކީ ކާކުތޯ ހޯދުމަށްޓަކައި ރަށުގެ އެކި މީހުންނާއި ސުވާލުކުރަމުން ދިޔައެވެ. ލިބުނު ޖަވާބުތަކުން އޭނައަށް އެންމެ ފަހަކަށް ޝަރީފްގެ ފިހާރައަށް ދެވުނެވެ. ކަން ދިމާ ކުރި ގޮތުން ޝަރީފް ހުރީ ފިހާރައަށް އަލަށް ގެނެވޭ އެއްޗެހި ލައި އެއެއްޗެއްސަށް އަގު ހެދުމަށްޓަކައި ހަދާފައި ހުންނަ އޮފީހުގައެވެ. ވަޙީދު އެ އޮފީހަށް ގޮސް މޭޒުދޮށުގައި އިން ޝަރީފަށް އަދަބުވެރިކަމާއެކީ ތަޢާރަފުވެ ސަލާމްކޮށްލިއެވެ. ވަޙީދަކީ މުޅި ޤައުމުން ވެސް ހޮވާލެވޭފަދަ މަޝްހޫރު ވިޔަފާރިވެރިއަކަށްވީތީ ޝަރީފް ވަގުތުން ކޮޅަށް ތެދުވެ ހެވިފައި ހުރެ ވާހަކަ ދެއްކިއެވެ. އެހެނަސް ދުރުދުރުން ވާހަކަ ދައްކަމުން ގޮސް ވަޙީދު ފެށި ވާހަކައިން ޝަރީފްގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. ވަޙީދު އެއީ ޙަޤީޤަތުގަ މިސްބާޙްގެ ކަމެއްނޫންދޯއޭ ބުނެލި ތަނާހެން ޝަރީފް ވާހަކަ ދެއްކިއެވެ.
“އަޅުގަނޑަށް އެނގޭ މިސްބާޙަކީ ތި ބޭފުޅާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްކަން. އެކަމަކު އޭގެ ސަބަބުން އަޅުގަނޑެއް ނުބުނާނަން އޭނަ ރަނގަޅެކޭ. ކުއްޖަކު ނުބައި ކަމެއް ކުރީމަ އަޅުގަނޑުމެން ނުވާނެދޯ އެ މީހުންނަށް އެގޮތަށް ކަންތައް ކުރުމަށް ހިތްވަރުދޭން؟” ޝަރީފް ސީރިއަސް ނަޒަރެއްގައި ހުރެ މަޑުމައިތިރި އަޑަކުން ބުންޏެވެ.
“އާނ އެކަމަކު އަޅުގަނޑަށް މިއަދު އިވުނު ވާހަކައަކުން ހީވަނީ މިސްބާޙެއްނޫންހެން ގޯސްކަމެއްކުރަން އުޅުނީ.” ވަޙީދު ދެބުމަ ކައިރިކޮށްގެން ހުރެ ބުނެލިއެވެ.
“މިސްބާޙް ފެށުނީއްސުރެ ވެސް އަޅުގަނޑު އެރޭ ސަލާމަތް ކުރި އަންހެން ކުއްޖާއާއި ކައިރިވާން މަސައްކަތް ކުރި. އަޅުގަނޑު އަމިއްލަ ލޮލުން ދުށިން.” ޝަރީފް ހިސާބަކަށް ރުޅި އައިސްފައި ހުރެ ބުންޏެވެ. ޝަރީފްގެ ވާހަކައިން ވަޙީދު އޮޅުން އެރިއެވެ. މިއީ އަދި އެހާ ފަސޭހައިން ދެނެގަނެވޭނެ ކަމެއްނޫންކަން އޭނައަށް އެނގުންވިއެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“ޝަރީފަށް އެނގޭތަ އެއީ ކޮން ގެއެއްގެ އަންހެން ކުއްޖެއްކަން؟” ވަޙީދު ސުވާލުކުރިއެވެ. އެއާއެކު ޝަރީފްގެ ހިތް ނުތަނަވަސްވިއެވެ. ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހުރުމަށްފަހު އޭނައަށް ވާހަކަ ދެކެވުނެވެ.
“އަޅުގަނޑަކަށް ނޭނގޭ އެއީ ކޮން ކުއްޖެއްކަމެއް. މި ރަށު ކުއްޖެއްނޫން އެއީ. އެ ކުއްޖާ ބުނެދީގެން އެކުއްޖާ ގެއަށް ގެންދެވުނީވެސް. މިހާރު ހަނދާނެއްނެތް އެގޭގެ އެޑްރެސް.” ޝަރީފް އޭނަގެ މޫނުމަތިން ކަންބޮޑުވުން ފިލުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ދޮގެއް ހެދުނީތީ އޭނަގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އެހެނަސް އޭނަ ދޮގެއް ހެދީ އަމިއްލަ ދަރިފުޅަށްޓަކައިކަމަށްބުނެ ޝަރީފް އަމިއްލަ ނަފްސަށް ބަހަނާއެއް ދެއްކިއެވެ.
“އެކުއްޖާ ނޭނގެންޏާ ޝަރީފަށް ކިހިނެއް އެނގެނީ މިސްބާޙް އެކުއްޖާއާއި ކައިރިވާން އުޅުނުކަން؟” ވަޙީދު ދެންވެސް ނިތަށް ރޫއަރުވައިގެން ހުރެ އަހާލިއެވެ.
“އެކުއްޖާ ދަނީ އަޅުގަނޑުގެ ދަރިފުޅުދާ ސްކޫލަށް. ދަރިފުޅު ބަލައި ދާ ކޮންމެ ފަހަރަކު ފެނޭ މިސްބާޙް އެ އަންހެން ކުއްޖާއާއެކީ ހުންނަތަން.” ޝަރީފް މިފަހަރު އިހުނަށްވުރެ ފަސޭހައިން ޙަޤީޤަތް އޮޅުވިއެވެ. ވަޙީދު ދެންވެސް ޤަބޫލުކުރަން ނޭނގިފައި ހުރެ މަޑުމަޑުން ބޯޖަހާލިއެވެ. އެއަށްފަހު ގަދަކަމުން ހިނިތުންވެލަމުން އެންމެ ރަނގަޅޭ ބުނެ ޝުކުރު އަދާކޮށް ޝަރީފާއި ސަލާމް ކޮށްލަމުން އޮފީހުން ނިކުމެގެން ދިޔައެވެ. އެވަގުތު ޝަރީފްގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ މިސްބާޙަށް ޙައްޤުވާ އަދަބު އޭނައަށް ލިބެން އުޅޭހެން ޝަރީފަށް ހީވުމުންނެވެ. އޭނައަށް ނޭނގުނު ކަމަކީ ވަޙީދު އޭނަ ބުނި ވާހަކަތައް ޤަބޫލު ނުކުރާކަމެވެ. އަދިވެސް އިތުރު ހޯދުންތައް ހޯދަންޖެހޭ ކަމުގައި ވަޙީދު ދެކުނެވެ.
އެރޭގައި ކަންތައް ހިނގިގޮތް ސާބިތުކުރެވޭނެ ގޮތަކާއިމެދު ވިސްނަމުން ދިޔައީ ވަޙީދު އެކަންޏެއްނޫނެވެ. އަފްރީން ވެސް އޭނައަށް ލިބޭ ހުސް ވަގުތުތަކުގައި މިސްބާޙްގެ މައުސޫމްކަން އެންމެނަށް ޔަޤީންކޮށްދެވޭނެ ފަދަ ގޮތެއް ރޭވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މިގޮތުން އޭނަ އެދުވަސްތަކުގެ މަތިން ހަނދާންކޮށް އޭނައަށް އެއްވެސް ހެއްކެއް ލިބޭނެ ގޮތެއް އޮތްތޯ އަމިއްލަ ނަފްސާއި ސުވާލުކުރެއެވެ. ނައުފާމެންގާތު ބައްޕަކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދިނުމަށް އެދެންވީ ކަމުގައި އަފްރީންގެ ހިތް ބުނެއެވެ. އެހެނަސް ނައުފާމެން އޭނަ ބުނާހާ ގޮތަކަށް ކަންތައް ކުރާނެ ހެއްޔެވެ؟ މިއަދު ވެސް އެމީހުން އޭނައާއި ދެކޮޅަށް ރޭވުމެއް ނުރާވާކަމެއް ނޭނގެއެވެ. މިއަދުވެސް ސިނާނާއި އެމީހުންނާއި މެދުގައި ގުޅުމެއް އޮންނާނެބާވައެވެ. އެ ސުވާލު ހިތަށްވެރިވާ ކޮންމެ ފަހަރަކު އަފްރީންގެ އެ ހިތް ބިރުގަނެއެވެ. އެހެނަސް އޭނަގެ އެހީތެރިއެއް ކަމުގައި ﷲ އަބަދުވެސް ވޮޑިގެންވާކަން ހަނދާން ކުރުމުން އޭނަގެ ހިތް ހަމަޖެހެއެވެ.
އެއްދުވަހު އަފްރީން ފޭސްބުކަށް ވަދެގެން އިންދާ އޭނައަށް ފްރެންޑް ރިކުއެސްޓެއް ލިބުނެވެ. އެއީ ކާކުގެ ރިކުއެސްޓެއްތޯ ބެލިއިރު އޭތި ލިބިފައިވަނީ “ރާޔާ ވަޙީދު” ނަމަކަށް ކުއްޖެއްގެ ފަރާތުންނެވެ. ނަމުގެ ދަށުގައި އެއްވެސް ނަމެއް ނެތުމުން މިއީ އޭނައަށް އެއްގޮތަކަށްވެސް ނޭނގޭނެ ކުއްޖެއްކަން އަފްރީނަށް އެނގުންވިއެވެ. ރާޔާ އިތުރަށް ދެނެގަތުމަށްޓަކައި އޭނަ ރާޔާގެ ޕްރޮފައިލަށް ދިޔައެވެ. ޕްރޮފައިލް ޕިކްޗާރގައި ހުރީ، ރަތް ކުލައިގެ އަތްދިގު ކުރު ހެދުމަކާއި ފަޔާއި ހަމައަށް އޮތް ކަޅުކުލައިގެ ސްކާޓަކާއިއެކީ ރަތްކުލައާއި ކަޅުކުލައިގެ ރޮނގުތައް އެޅިފައިވާ ޝޯލްއެއް އަޅައިގެން ފެންއަރުވާ ވަޑާމެއްގެ ކުރިމަތީގައި ހުއްޓި ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ފުރިހަމަ ހިނިތުންވުން އަފްރީނަށް ކޮންމެވެސް މީހެއްގެ މަތިން ހަނދާން ކޮށްދިނެއްކަމަކު އެއީ ކާކުގެ ހަނދާނެއް ކަމެއް ނޭނގުނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންދާ އަފްރީނަށް މެސެޖެއް ލިބުނެވެ.
“ވީ ނީޑް ޓު ޓޯކް.” ރާޔާ ފޮނުވި މެސެޖުގައި އޮތީ ހަމައެކަނި އެހެންނެވެ. އަފްރީނަށް ޙައިރާންވެފައި އެ މެސެޖަށް ބަލަން އިނދެވުނެވެ.
**
ނަސްރާގެ ޚިޔާލާއި އެއްގޮތަށް ޔޫނުސް ރާއްޖެ ޕްރެސްގެ އެހެނިހެން މުވައްޒަފުންނާއެކީ ވެބިނާރއެއް ބޭއްވުމަށްޓަކައި ސިޔާސީ ލީޑަރުންގެ އިޒުނަ ހޯދޭތޯ މަސައްކަތް ކުރިއެވެ. ވައިބާރ މެދުވެރިކޮށް އޭނަގެ ބައިވެރިން އެންމެ ފުރަތަމަ ވެސް ނަވާޒްގެ އިޒުނަ ހޯދުމުގެ ވާހަކަ ދެއްކުމުން ޔޫނުސް ވީ ފޫއްސާއެކީ އެ އިންޓަވިއު ބާއްވާނީ އެންމެ ފަހުން ކަމުގައި ބުނެލިއެވެ. އޭގެ ބަދަލުގައި އެވަގުތު އެރަށަށް އައިސްފައި ހުރި ސިޔާސީ ލީޑަރަކު އިންޓަވިއު ކުރުމުގެ ޚިޔާލު ޔޫނުސް ދިނެވެ. ބައެއް މީހުން އެކަމާ ނުރުހުން ފާޅުކުރިއެއްކަމަކު އެ ބައްދަލުވުން ނިމުނީ ޔޫނުސްގެ ޚިޔާލަށް އެންމެން އެއްބަސްވުމަށްފަހުގައެވެ.
ޔޫނުސް ހީކުރިވަރަށްވުރެ ވެސް ފަސޭހައިން އޭރު އެރަށަށް އައިސްފައި ހުރި ސިޔާސީ ލީޑަރެއް ކަމަށްވާ ސުހެއިލް ޙަސަން ވެބިނާރއަށް އައުމަށް އެއްބަސްވިއެވެ. އެއްބަސްވީ ވެސް ނުހަނު ކުޑަ އަގަކަށެވެ. ޔޫނުސް ވީ އުފަލާއެކީ އޭނަގެ ބައިވެރިންނަށް އެ ވާހަކަ އެންގިއެވެ. ވެބިނާރއެއް ބާއްވަން ނިންމީއްސުރެ ރާއްޖެ ޕްރެސްގެ މުވައްޒަފުން ސޯޝަލް މީޑިޔާ މެދުވެރިކޮށް އެއާއިބެހޭ މަޢުލޫމާތުތައް ޢާއްމުންނާއި ޙިއްޞާކުރަން ފެށިއެވެ. ފުރަތަމަ އިންޓަވިއު ނުވެސް ބޭއްވެނީސް އެ އިންޓަވިއުތައް ބޭއްވުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔައެވެ. މިފަދަ ގޮތަކަށް ސިޔާސީ ލީޑަރުން އިންޓަވިއު ކުރުމަކީ އާ ކަމަކަށްވާތީވެއެވެ. އަދި ބައެއްމީހުން ޔޫނުސް ޕްރެޒެންޓަރެއްގެ ގޮތުގައި ދެކެން ބޭނުންވާކަން ވެސް ކޮމެންޓްތަކުން އެނގެމުން ދިޔައެވެ.
ޔޫނުސް އިންޓަވިއުއެއް ހުށަހަޅަން ނުހަނު މޮޅުވާނެ ކަމަށް ޢާއްމުން ބުނަމުން ދިޔައެއްކަމަކު ޙަޤީޤަތަކީ އެއީއެއްނޫނެވެ. ހުށަހެޅުމުގެ ޚިޔާލުން ވެސް އޭނަ ނުތަނަވަސްވަމުން ދިޔައެވެ. ވެބިނާރ ފަށައިގަންނާނެ ގޮތް އޭނަ ގަނޑެއްގައި ލިޔެ ސިއްރުސިއްރުން އަމިއްލަ ނަފްސަށް ކިޔައިދެމުން ދިޔައެވެ. ނަސްރާއަށް ވެސް “ފިލައިގެން” އޭނަ ފަރިތަކުރަމުން ދިޔައީ، އޭނަގެ ނަޒަރުން އޭނައަށް އެ ލިޔުން ކިޔެމުން ދިޔައީ އެންމެ ކަމުދާ ގޮތަށް ކަމުގައި ނުވާތީވެއެވެ.
“ތިގޮތައްތަ ހުށަހަޅަން އުޅެނީ؟” އެއްރެއެއްގެ ދަން ގަޑިއެއްގައި ޔޫނުސް އޭނަގެ ގަނޑުތައް ހިފައިގެން ސިޓިންގް ރޫމުގެ ސޯފާގައި ކިޔަން އިންދާ ފުރަގަހުން އިވުނު ނަސްރާގެ އަޑަށް އޭނަ ސިއްސައިގެން ދިޔައެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު ސޯފާގެ ކައިރީގައި ހުރި ނަސްރާއަށް ހެވެން ފެށިއެވެ. ޔޫނުސްއަށް ވެސް ރަތްވެގެން ދިޔަ މޫނަކާއެކީ އިސްޖަހާލަމުން އަމިއްލަ ނަފްސަށް މަލާމާތް ކުރާ ފަދައަކުން ލުއި ގޮތަކަށް ހީލިއެވެ. އޭނަ މާޔޫސީ ގޮތަކަށް އަތުގައި އޮތް ގަނޑާއި ދިމާލަށް ނަޒަރު ހުއްޓާލި ގޮތުން ނަސްރާގެ ހުނުން މަޑުވިއެވެ. މިއީ ސަމާސާކުރަންވީ ވަގުތެއްނޫންކަން ނަސްރާއަށް އެނގުންވިއެވެ. އޭނަ ޔޫނުސްއަށް ބަލަން ހުރެފައި ގޮސް ޔޫނުސްގެ ކައިރީގައި އިށީނެވެ. އަދި އޭނައަށް އެ ގަނޑު ދެއްކުމަށް އެދުނެވެ. ޔޫނުސް ނަސްރާއަށް ބަލާފައި ގަނޑު ނަސްރާގެ އަތަށް ލައިދިނުމުން އޭނަ އޭތި ކިޔަން ފެށިއެވެ. އަދި މިއަށްވުރެ ރީތި ގޮތަކަށް ވެސް ފެށިދާނެއެއްނޫންހެއްޔޭ ނަސްރާ ބުންޏެވެ. އިސްޖަހައިގެން ހުރި ޔޫނުސްއަށް ކުއްލިއަކަށް ނަސްރާއާއި ދިމާލަށް ބަލާލެވުނެވެ. ނަސްރާ ޔޫނުސްއަށް އޭނަގެ ޚިޔާލު ކިޔައިދިނެވެ. ޔޫނުސްއަށް ނަސްރާ ކިޔައިދިން ތަޢާރަފު މާ ކަމުދިޔައެވެ. އެހެން ކަމުން އޭނަ މޭޒުމަތީގައި އޮތް ގަލަމާއި ކްލިޕް ބޯޑް ނަގައި އާ ތަޢާރަފެއް ލިޔަން ފެށިއެވެ. އޭނަ ލިޔެ ނިމުނުތަނާހެން އޭތި ކިޔުމަށް ނަސްރާ އެދުނެވެ. ޔޫނުސް ވަގުތުން އިންކާރު ކުރިއެވެ. އެހެނަސް ނަސްރާ ގޮތްދޫނުކުރުމުން އޭނަ ޖެހުނީ ކިޔާށެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ނަސްރާ އޭނަ ހުށަހެޅި ގޮތާއިމެދު މަލާމާތެއް ނުކުރެއެވެ. އޭގެ ބަދަލުގައި ހުށަހެޅުމުގައި ހުރި ނޭދެވޭ ކަންތައް ފާހަގަކޮށްދީ އެކަންތައް ރަނގަޅު ކުރވޭނެ ގޮތްތައް ކިޔައިދިނެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ނަސްރާއާއެކީ ފަރިތަކުރަން ޔޫނުސްއަށް ފަސޭހަވިއެވެ. މާ ގިނައިރެއްނުވެ ޔޫނުސްއަށް ޚުދު އޭނައަށް ވެސް ކަމުދާފަދަ ގޮތަކަށް ތަޢާރަފު ކިޔެން ފެށިއެވެ. އޭނަ އެންމެ ފަހު ފަހަރަށް ތަޢާރަފު ކިޔައި ނިމުނުތަނާހެން ނަސްރާ އަތްތިލަ ބަޑިޖެހިއެވެ. ނަސްރާގެ އެ ޙަރަކާތުން ޔޫނުސްއަށް އަމިއްލަ ނަފްސާއިމެދު ފަޚުރުވެރިވެވުނެވެ. ތަޢާރަފު ފަރިތަކުރުމަށްފަހު ޔޫނުސް ނަސްރާއާއެކީ ސިޔާސީ ލީޑަރާއި ކުރާނެ ސުވާލުތައް ތައްޔާރު ކުރިއެވެ. އެއަށްފަހު ނަސްރާއަކީ ސިޔާސީ ލީޑަރެއް ކަމުގައި ދެކިގެން ޔޫނުސް އެ ސުވާލުތައް ނަސްރާއާއި ކުރިއެވެ. ނަސްރާ ދެމުން ދިޔަ ސަމާސާވެރި ޖަވާބުތަކަކުން ޔޫނުސްއަށް ހެވެމުން ދިޔައެވެ. ދެމީހުން ހުނުމުގައި ތިއްބާ ޔޫނުސްއަށް ނަސްރާ ވަރުބަލިވެފައިހުރި މިންވަރު އެނގުންވުމުން އޭނަ ނަސްރާގާތު ނިދަން ދިޔަޔަސް މައްސަލައެއްނެތް ކަމުގައި ބުންޏެވެ. ނަސްރާ ޔޫނުސްގާތު ވެސް އަވަހަށް އަންނާށޭ ބުނަމުން ކޮޓަރިއަށް ދިޔައެވެ. ޔޫނުސް އަދިވެސް އެއްފަހަރު އޭނަ ތައްޔާރު ކުރި ސުވާލުތައް މުރާޖަޢާކުރުމަށްފަހު ނިދަން ދިޔައެވެ. އޭނަ ނިދަން ތައްޔާރުވެގެން އެނދަށް އެރިއިރު ނަސްރާ އޮތީ ގަދަ ނިދީގައެވެ. ނަސްރާއަށް ބަލަން އިނދެ ޔޫނުސްއަށް ހީލެވުނީ ނަސްރާ ކުރި ސަމާސާތައް ހަނދާންވެފައެވެ. އެ ހަނދާންތައް އާވުމުގެ ތެރެއިން މިހާތަނަށް ނަސްރާ އޭނައަށްޓަކައި ކޮށްދީފައިވާ ކަންތައްތައްވެސް ސިކުނޑިއަށް ވެރިވުމުން ޔޫނުސްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އޭނައަށް ބީރައްޓެއްސެއް ކަމުގައިވީ މީހަކު މިއަދު އޭނައަށް އިންތިހާއަށް މުހިއްމު މީހަކަށްވީ ގޮތުން ޔޫނުސްގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. އޭނައަށް ހިތާހިތުން ނަސްރާއަށްޓަކައި ހުރިހާ ހެވެއް އެދެވުނެވެ. ނަސްރާ އޭނަގެ ޙަޔާތުގައިވި ކަމަށްޓަކައި ޝުކުރުކުރެވުނެވެ. ޔޫނުސް ނަސްރާގެ މޫނުން ނަޒަރު ވަކި ކުރުމެއްނެތި އޮށޯތެވެ. އެއަށްފަހު ނަސްރާގެ ކައިރިއަށް ޖެހިލަމުން އޭނަގެ ގައިގައި ބައްދާލިއެވެ.
ވެބިނާރ ބާއްވަން ހަމަޖެހިފައި އޮތް ރޭ ޔޫނުސްއާއި އެ އަތޮޅުގައި އުޅޭ ރާއްޖެ ޕްރެސްގެ އެހެނިހެން 5 މުވައްޒަފުން ސުހެއިލް ކުއްޔަށް އުޅެމުން ދިޔަ ގެއަށް ކާރެއްގައި ދިޔައެވެ. އެގޭގެ ބޮޑު ސިޓިންގް ރޫމުގައި ބޭއްވިގެން ދިޔަ އިންޓަވިއު 20000 އަށްވުރެ ގިނަ މީހުން ސައިޓް މެދުވެރިކޮށް ވަގުތުން ބަލަމުން ދިޔައެވެ. ޔޫނުސް ސުހެއިލާއި ވާހަކަ ދައްކަމުން ދިޔައީ މާތް ބަހުން ކަމަށްވިޔަސް އޭނަގެ ވާހަކައިގައި އެކުވެރި ގޮތެއްވިއެވެ. ގިނަ ޢަދަދެއްގެ ބަޔަކު އިންޓަވިއު ބަލަމުން ދިޔައިރުވެސް އެކަމަށް ތަޢުރީފު ކުރިއެވެ. ޔޫނުސް ކުރަމުން ދިޔަ ސުވާލުތަކަކީ ގިނަ މީހުން ޖަވާބު ބޭނުންވެގެން ތިބި ސުވާލުތަކެއްކަމަށް އެންމެން ވެސް ޤަބޫލުކުރިއެވެ. ކޮންމެ ސިޔާސީ ލީޑަރެއް ފަދައިން ސުހެއިލް ވެސް ހުރިހާ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ އޭނައަކީ އެންމެ ހެޔޮ މީހާހެން އެންމެނަށް ހީވާ ފަދައަކުންނެވެ. ޔޫނުސް އޭގެއިން އެއްވެސް ވާހަކައަކީ ދޮގަކަށް ވެދާނެ ކަމަކަށް ޢިޝާރާތެއް ނުކުރެއެވެ. އޭނަ އިންޓަވިއު ނިންމާލީ ވެސް ސުހެއިލަށް އިންތިޚާބުން ކާމިޔާބީއަކަށް އެދެމުންނެވެ. ވެބިނާރ ނިމުނުތަނާހެން ސައިޓްއިން އެ އިންޓަވިއު ފޮނުވާފައި ހުރި ގޮޅީގެ ދަށަށް އެތައް ބައެއްގެ ކޮމެންޓްތައް އަންނަން ފެށިއެވެ. ޔޫނުސްއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔަ ވާހަކަ އެ ވެބިނާރއަށްޓަކައި މަސައްކަތް ކުރި ފައިޒާން ގެއަށް ދިޔަ މަގުމަތީގައި ބުންޏެވެ. ޔޫނުސް ކާރުގެ ކުރީ ސީޓުގައި އިނދެ ފަހަތް ބެލިއިރު ފައިޒާން އުނގުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނަގެ ދެފަރާތުގައި ތިބި ދެ އެކުވެރިންނަށް ކޮމެންޓްތައް ދައްކާފައި ހެމުން ދިޔައެވެ. މި ވެބިނާރ މިހާ ކާމިޔާބުވީ ވެސް އަންހެން ކުދިން ޔޫނުސް ބަލަން ބޭނުންވާތީވެކަމަށް ފައިޒާން ބުންޏެވެ. ޔޫނުސް ކަޅިމައްޗަށް ހިންގާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އޭނަ އެ ކޮމެންޓްތައް ބަލާހިތެއް ނުވެއެވެ. އެއީ އޭނައަށް އާ ކަމެއް ނޫނެވެ. އޭނަދެކެ ޙަޤީޤަތުގައި ލޯބިވާ މީހުންނަކީ އެއީއެއްނޫންކަން އޭނައަށް މިހާރު ސާފުކޮށް އެނގެއެވެ. އެހެންކަމުން އެ މީހުންގެ ޚިޔާލުތައް ދެނެގަތުން އޭނައަށް މާ މުހިއްމެއްނޫނެވެ. އޭނަ ބޭނުންވަނީ ނަސްރާ އޭނަ ހުށަހެޅިގޮތާއިމެދު ދެކޭ ގޮތް ދެނެގަންނާށެވެ.
ނުނިމޭ