Hijra (Part 47)
“އެއީ ތެދެއް.” ނަވާޒް އިސްއުފުލައި ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު ޔޫނުސް ގަނޑުވެގެން ދިޔައެވެ. އޭނައަށް އޭނަގެ ކަންފަތަށް އިތުބާރުކުރަން ދަތިވިއެވެ. އަނެއްކާވެސް މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވިއެވެ. މިފަހަރު އެއްފަރާތަކުން މުވައްޒަފަކު ގޮވާލުމުން ވެސް ޔޫނުސްއަކަށް އަޑެއް ނުއިވުނެވެ. އޭނައަށް ނަވާޒް ބުނި އެއްޗެއް ޤަބޫލުކުރަން ނޭނގިފައި އިނދެވުނުއިރު ނަވާޒް އެހެން ބުނީ ކީއްވެތޯ އޭނަގެ ސިކުނޑި ސުވާލުކުރަމުން ދިޔައެވެ.
ޔޫނުސް އަނެއްކާވެސް ބަހެއް ބުނެލަން ނޭނގިފައި އިންތަން ފެނިފައި ނަވާޒް އޭނައަށް އެހީވެދޭން ބޭނުންވިއެވެ. އެހެންކަމުން އޭނަ އިތުރަށް ވާހަކަ ދެއްކިއެވެ.
“އެއީ މީގެ 9 ވަރަކަށް އަހަރު ކުރިން. އަހަރެން ޝަހީމާއާއެކީ އުޅެމުން ދިޔައީ ވަރަށް އުފަލުގަ. އޭރު އަހަރުމެންނަށް ލިބިފައި ހުރި ފިރިހެން ދަރިފުޅަށް 17 އަހަރުވީ. ނޭނގެ ކީކޭ ހިތަށް އަރައިގެން ކަމެއް އަހަރެން ޝަހީމާ ވަރިކުރަން ނިންމީ. ލިބިފައި ހުރި ނިޢުމަތަށް ޝުކުރު ނުކުރެވުނީތީ ކަންނޭނގެ ހީވީ އެހެން މީހަކާ އިނީމަ މާ އުފާވާނެއޭ. އަހަރެން މަޑުމަޑުން ޝަހީމާއާއި އަހަރުމެންގެ ދަރިފުޅާއި ދުރުވާން ފެށިން. އެމީހުންނާއި ދިމާލަށް އެއްވެސް ސަބަބަކާނުލާ އެއްޗެހި ގޮވިން. އަހަރެން ޝަހީމާ ވަރިކުރި ދުވަހު ޝަހީމާއަށާއި ދަރިފުޅަށްވެސް އަނިޔާކުރިން. އެދުވަހު ދަރިފުޅު ބުނަންވެސް ބުނި މިއަށްވުރެ ރީތިކޮށް ވެސް ތިމަންނަމެން ބޭނުންނުވާ ވާހަކަ ބުނެވިދާނެއެއްނޫންހޭ. އަހަރެން އޭގެ ބަދަލުގަ އޭނަ ގެއިން ނެރެލީ. އަދި ޝަހީމާވެސް ގެއިން ނެރެލީ. އެމީހުން އަހަންނާ ވަކިވިތާ މަސްތަކެއްފަހުން އަހަރެން އާސިޔާއާއި އިނީ. އެއަށްފަހު އަހަރެން އެމީހުންނަށް ފައިސާއެއް ވެސް ނުފޮނުވަން. ނޭނގޭ އެމީހުން އުޅެންޖެހުނު ޙާލެއްވެސް. ޝަހީމާއަކީ އެކަނިމާއެކަނި އުޅުނު އަންހެނެއް. އަހަރެންގެ ދަރިފުޅު…..” ނަވާޒްއަށް އޭނަގެ ވާހަކަ އެހާ ހިސާބަށް ގެންދެވުނުއިރު އޭނަގެ އަރުތެރެ ބެދުނެވެ. ނަވާޒް ހިތާމަވެރި ގޮތަކަށް އިސްޖަހާލިތަން ފެނިފައި ޔޫނުސްގެ ހިތަށް އަސަރުކުރީ ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ލޮލުން ކަރުނަ ހިލެން ފެށިހެން ހީވި ވަގުތު ޔޫނުސް އެސްފިޔަ ޖަހަމުން ދުރަށް ނަޒަރު ހިންގާލިއެވެ. އަދި އޭނަ ހިތާމަކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އަމިއްލަ ހިތަށް ވިސްނައިދިނެވެ. ނަވާޒް މިހާރު ވެސް އެ ވާހަކަތައް އެ ދައްކަނީ މީހުންގެ ސަމާލުކަން ހޯދަންކަމަށް ޔޫނުސްއަށް ނިންމުނެވެ. ނަވާޒް އެހާވަރަށް އޭނައާއި އޭނަގެ މަންމައަށް ޙަމްދަރުދީވާނަމަ ކުޑަމިނުން އެމީހުން ބަލާލަން އައީހެވެ.
“އަހަރެން އެމީހުންނަށްޓަކައި މިހާ ހިތާމަ ކުރަންޏާ އަހަރެން އަނބުރާ ނުދިޔައީ ކީއްވެހޭދޯ؟ އަހަންނަށް އެ މީހުންގެ އަގު ވަޒަންވީ އަހަންނަށް ލިބުނު އާ ޢާއިލާ އަހަންނަށް ގެއްލުނުފަހުން. އާސިޔާއާއި އަހަރުމެންގެ ދަރިފުޅު ނިޔާވި ފަހުން އަހަންނަށް އެނގުންވީ އަހަންނަށް ފަސްދެވުނީ ކިހާ ބޮޑު ނިޢުމަތަކަށްކަން. އެއަށްފަހު އަހަރެން އަނބުރާ ދާން ބޭނުންވި. އެކަމަކު އަހަންނަށް ނޭނގުނީ އޭރު މާ ލަސްވެއްޖެކަން. އަހަރެންގެ އަލަތު ދަރިފުޅުގެ ހިތުގައި އަހަންނަށްޓަކައި އޮތް ރުޅިވެރިކަން 9 އަހަރު ފަހުން ވެސް ކުޑައެއްނުވޭ. އަހަރެން ބައްދަލުކުރަން ދިޔަ ދުވަހު ދަރިފުޅުގެ ލޮލުން އަހަންނަށްޓަކައި ނަފްރަތު ފެނިފައި ހިތަށް ކެތްނުވާވަރުވި. މާޒީ ބަދަލުކުރެވިދާނެނަމައޭ ހިތަށްއެރި. ބުނަން ބޭނުންވި ދަރިފުޅު ކައިރީގަ ބައްޕައަށް މާޒީ ބަދަލު ނުކުރެވޭނެއޭ. އެކަމަކު ހަމަ ޔަޤީންވި ދަރިފުޅު އަޑެއްނާހާނެކަން……….އެއީ ދަރިފުޅުގެ ކުށެއްނޫން ޙަޤީޤަތުގަ. ދަރިފުޅުގެ ހިތް އެހާ ހަރުވީ ދަރިފުޅުގެ ބައްޕައަށް ކަންތައް ކުރެވުނު ގޮތުން. އެކަމަކު ބައްޕަ ދަރިފުޅުމަތިން ހަނދާންވާ މިންވަރު ދަރިފުޅަށް އެނގޭނެނަމައޭ ހިތަށްއަރާ. ދަރިފުޅު ކައިރީގަ ނެތިގެން ކަރުނައެޅީ ކިތައްރޭ ކަމެއްވެސް ނޭނގޭ…….ކޮންމެ ގޮތެއްވިޔަސް ވަރަށް އުފާވޭ ދަރިފުޅު ކާމިޔާބުވާތަން ފެނިފަ. ފަޚުރުވެރިވެފަ އެންމެން ކައިރީގަ ބުނަން ބޭނުންވޭ އެއީ އަހަރެންގެ ދަރިފުޅޭ. އެކަމަކު ދަރިފުޅު ބައްޕައާއި އެއްވެސް ގުޅުމެއް އޮންނަކަން އެހެން މީހަކަށް އަންގަން ބޭނުންނުވާނެހެން ހީވާތީ ނުބުނަނީ.” ނަވާޒް އޭނަގެ ވާހަކަ ނިންމާލަމުން އިސްއުފުލާލިއިރު އޭނަގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. އެވަގުތު އޭނަގެ ކުރިމަތީގައި އިން ޔޫނުސްގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމާއި ހިތާމަވެރިކަން އެކުލެވޭ އަސަރެކެވެ. ބައްޕައަށް މަޢާފުކުރަންވީ ކަމުގައި ބުނެ ޔޫނުސްގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އެހެނަސް މާ ގިނައިރެއްނުވެ ކުރިން ދުވަހު މިސްބާޙް އޭނަ ކައިރީގައި ދެއްކި ވާހަކައެއް އޭނަގެ ސިކުނޑި ހަނދާންކޮށްދިނެވެ. ނަވާޒްގެ އެހެން ޅަ ކުއްޖަކު ހުންނަ ވާހަކައެވެ. ހަމަ އެއާއެކު ނަވާޒް މިހާރުވެސް ހެދެނީ ކަމުގައި ޔޫނުސްގެ ހިތް ބުންޏެވެ.
މުވައްޒަފަކު އިހުނަށްވުރެ ތަންކޮޅެއް ބާރަށް ޔޫނުސްއަށް ގޮވާލި އަޑަށް އޭނައަށް އެދިމާލަށް ބަލާލެވުނެވެ. އެވަގުތު ކެމެރާގެ ފުރަގަހުގައި ހުރި މާއިޒް އިންޓަވިއު ނިންމާލަންވީކަމަށް ދެއަތުން ޢިޝާރާތް ކުރިއެވެ. އެއާއެކު ޔޫނުސް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފެތުރޭތޯ ބަލަމުން ނަވާޒަށް ބަލާލިއެވެ.
“ވަރަށް……އަސަރުގަދަ ވާހަކައެއް. އަޅުގަނޑުމެން އެދެނީ މަނިކުފާނުގެ އިޙްޞާސްތައް މި ވެބިނާރ މެދުވެރިކޮށް ވިޔަސް މަނިކުފާނުގެ ދަރިފުޅާއި ހަމައަށް ފޯރުން. އަދި މަނިކުފާނަށް ކުރިއަށް އޮތް އިންތިޚާބުން ވެސް ކާމިޔާބީއެއް ލިބުން. ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑުމެންނަށް މި ފުރުޞަތު ދެއްވީތީ.” ޔޫނުސް އެހެން ބުނެލަމުން ސަލާމަށް އަތް ދިއްކޮށް ނަވާޒާއި ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. ޔޫނުސްއަށް މާ ކައިރިއަށް ނާދެވެނީސް ނަވާޒް ވެސް ގަދަކަމުން ހިނިތުންވެލަމުން ތެދުވެގެން ގޮސް ޔޫނުސްގެ ކައިރިއަށް ގޮސް ސަލާމަށް ދިއްކުރެވިފައިވި ޔޫނުސްގެ އަތުގައި ހިފިއެވެ. ރާއްޖެ ޕްރެސްގެ މުވައްޒަފަކު އިންޓަވިއު ނިމުނީ ކަމަށްބުނި ވަގުތުވެސް ޔޫނުސްއާއި ނަވާޒް ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އަދިވެސް ހިތާމަވެރިކޮށް ހުރި ނަވާޒްގެ މޫނު ޔޫނުސްގާތު އެތައް ވާހަކައެއް އެއްފަހަރާ ބުނި ފަދައެވެ. މިހާރު ނަވާޒް ހެދެންވީ ކާކަށްހެއްޔޭ ޔޫނުސްގެ ހިތް ބުންޏެވެ. އެހެނަސް އެއީ އޭނަ ނަވާޒާއިބެހޭ ނުބައި ވާހަކައެއް ލިޔެފާނެތީތާއޭ ޔޫނުސްގެ ހިތަށް އެރި ވަގުތު އޭނައަށް ނަވާޒްގެ އަތުން ދޫކޮށްލެވުނެވެ. ނަވާޒަށް ކުޑަކޮށް ސިހިފައި އޭނަގެ އަތާއި ދުރުވި ޔޫނުސްގެ އަތަށް ބަލާލެވުނެވެ. އެއަށްފަހު އަނެއްކާވެސް ޔޫނުސްއާއި ދިމާލަށް ބަލާލިއެވެ. އޭގެ މާ ގިނައިރެއްނުވެ ޔޫނުސް އޭނައަށް ފަސްދީފައި އެތާ ހުރިހާ އެއްޗެއް ޕެކްކުރަން ތިބި މުވައްޒަފުންގެ ކައިރިއަށް ދިޔައެވެ. އެ މަންޒަރު ފެނިފައި ނަވާޒްގެ މޭގައި ރިހުމެއް އުފެދުނެވެ. ޔޫނުސް ވަރަށް އަވަހަށް އޭނައަށް ނުވެސް ފެންނަ ހިސާބަކަށް ގޮސްދާނެ ކަމަށް ހިތް ބުނި ހިނދު އެ ރިހުން ތޫނުވެ މުޅި މެއަށް ފެތުރެން ފެށިއެވެ. ޔޫނުސް ކައިރި މަޑުކުރާށޭ ބުނަން ހިތަށްއެރިއެވެ. އަންހެނުން ގޮވައިގެން އައިސް ބައްޕަ ކައިރީގައި އުޅެން އައުމަށް އެދެން ބޭނުންވިއެވެ. ޔޫނުސް އެ ޚިޔާލާއި އެއްބަސްވެދާނެއޭ ހިތައި ނަވާޒަށް ކުރިއަށް ފިޔަވަޅެއް އެޅުނެވެ. އެހެނަސް އޭނަގެ ފިޔަވަޅުތައް އިތުރަށް ކުރިއަށް ނުދިޔައީ ޔޫނުސްގެ ގެއަށް ދިޔައިރު ކަންތައް ވީގޮތް ހަނދާންވެފައެވެ. ޔޫނުސް އަނެއްކާވެސް އޭނައާއި ދިމާލަށް އެފަދަ ބަސްތަކެއް ބުނެފިނަމަ މިފަހަރު އޭނައަށް ވާނެ ގޮތެއް ނޭނގެއެވެ. ޔޫނުސް ދެން ހަމަ ދުވަހަކުވެސް ދަރިފުޅެއްގެ ޙައިސިއްޔަތުން އޭނައާއި ވާހަކަ ނުދައްކާނީބާއޭ ނަވާޒްގެ ހިތް ބުންޏެވެ. އެ ސުވާލުގެ ޖަވާބަކަށް ސިކުނޑި އާނއެކޭ ބުނުމުން ނަވާޒް އެ ޖަވާބާއި އެއްބަސްވާން ބޭނުންވިއެވެ. އެ ނޫން ގޮތަކަށް އޭނައަށް ހަމަޖެހުމެއް ލިބެން ނެތްކަން އެނގުންވުމުންނެވެ. ނަވާޒް ފުން ނޭވައެއް ދޫކޮށް ފަޓުލޫނުގެ ޖީބަށް ދެއަތް ޖަހާލަމުން ލަސް ހިނގުމެއްގައި ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ.
މުވައްޒަފުންނަށް އެހީވަމުން ދިޔަ ޔޫނުސްގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އޭނައަށް އިޙްޞާސް ކުރެވެމުން ދިޔައީ އޭނައަކީ ދެފުށް ދެގޮތް މީހެއްހެންނެވެ. އެންމެންގެ ކުރިމަތީގައި އޭނަ ހެދިގެން ހުރީ ނަވާޒަށް ހެޔޮއެދޭ މީހެއްކަމުގައެވެ. އެހެނަސް އެ އެންމެން ގެއްލުމުން އޭނަ ނަވާޒަށް ފަސްދީފިއެވެ. އޭނަ ކަންތައް ކުރީ ނާއިންސާފުންކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެންމެފަހުން އެ ހިތަށް ކެތް ނުކުރެވިގެން ޔޫނުސް ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ނަވާޒް އޭނައަށް ފަސްދީފައި ގޭގެތެރެއަށް ވަންނަމުން ދިޔަ މަންޒަރު ފެނިފައި ޔޫނުސްއަށް ބޭއިޚްތިޔާރުގައި ތެޅިގަނެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު މާއިޒް އޭނަ ކައިރީގައި ހިނގާށޭ ބުނެލިއެވެ. އެހެނަސް އޭނަ ނަވާޒަށް ބަލަން ހުރެ އޭނަ ދާނީ ފަހުން ކަމުގައި ބުނެލިއެވެ. އޭގެ އިރުކޮޅެއްފަހުން އެގޭގެ ތެރެއިން ހުރިހާ މުވައްޒަފުން ހުސްވެ ޔޫނުސްއާއި ނަވާޒް އެކަނިވިއެވެ. ނަވާޒް އޭނައާއި ދުރަށް ހިނގަމުން ދިޔަތަން ބަލަންހުރި ޔޫނުސްގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. އޭނަ ކަންތައް ކުރަން މިއުޅެނީ ރަނގަޅަށްތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. ރަނގަޅު ގޮތަކީ ނަވާޒަށް ރުޅިވުން ހެއްޔެވެ؟ ނުވަތަ މަޢާފުކޮށްލުން ހެއްޔެވެ؟ އަމިއްލަ ބައްޕައަށް ރުޅިވެގެން އޭނައަށް ލިބެން އޮތީ ކޯޗެއްހެއްޔެވެ؟ ފާފަވެރިވުން ނޫންކަމެއްވާނެ ހެއްޔެވެ؟ ނަވާޒަކީ ވެސް ފާފަވެރިއެކެވެ. އެހެނަސް އޭނަ ފާފަވެރިއަކަށް ޤަސްދުގައިވެގެން ނުވާނެއެވެ. ނަސްރާ ބުނިހެން ބައްޕަ ގޯސްވިޔަސް އޭނަ ގޯސްވެގެން ނުވާނެއެވެ. އެހެންނޫނަސް މަޢާފު ކުރުމަކީ ﷲ އަބަދުވެސް ވޮޑިގެންވާކަން ހަނދާންކުރާ މުޙުސިނުންގެ ސިފައެއްކަން ޔޫނުސްގެ ހަނދާނަށް އައި ވަގުތު އޭނައަށް އަނގަ ހުޅުވާލެވުނެވެ.
“ބައްޕާ!” ޔޫނުސް އިސްޖަހައިގެން ހުރެ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެވަގުތު ހިނގަމުން ދިޔަ ނަވާޒްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައީ ކުޑަކުޑަ ޔޫނުސް ބައްޕާއޭ ކިޔައި ގޮވާލާ އަޑެވެ. ލޯ މައްޗަށް ސިފަވަމުން ދިޔައީ ޔޫނުސް ކުޑައިރު އޭނަ ގެއަށް އައިސް ވަންނަތަނާހެން ޔޫނުސް އޭނަގެ ގައިގައި ބައްދާލާ މަންޒަރެވެ. މި ހުރެވުނީ އެ މާޒީގައެއްނޫންކަން އެނގުންވީ ހިނދު ނަވާޒަށް ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު ޔޫނުސް ދުރުގައި އޭނައަށް ބަލަން ހުރިތަން ފެނިފައި ނަވާޒަށް އެދިމާލަށް ދިގު ފިޔަވަޅުތަކެއް އެޅެން ފެށިއެވެ. ޔޫނުސް ބަލަބަލާ ހުއްޓާ ނަވާޒް އައިސް އޭނަގެ ގައިގައި ބާރަށް ބައްދާލައިފިއެވެ.
“ދަރިފުޅާ…….އާދޭސް މި ކުރަނީ ބައްޕައަށް މަޢާފުކޮށްދީ. ބައްޕަ ޤަބޫލުކުރަން ބައްޕައަށް ކަންތައް ކުރެވުނީ ގޯސްކޮށްކަން. ބައްޕަ ދެން އެހެން ނަހަދާނަން ދަރިފުޅަށް. ދަރިފުޅު ބައްޕަ ކައިރިއަށް އާދޭ.” ނަވާޒްގެ ތުރުތުރު އަޅާ އަޑު ނުހަނު ކައިރިން އިވުމުން ޔޫނުސްގެ ހިތް އާދަޔާ ޚިލާފަށް ދެރަވިއެވެ. ހަމަ އެވަގުތުގައި އެ ހިތް އުފާވެސް ކުރަމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ މުޅި ޢުމުރު ދުވަހު މި ވަގުތުކޮޅަށްޓަކައި އިންތިޒާރު ކުރިހެން ޔޫނުސްއަށް ހީވިއެވެ. ބައްޕައެއްގެ ލޯބި އެތައް އަހަރެއް ފަހުން އިޙްޞާސް ކުރެވުމުން އޭނަގެ ހިތުގައި ނުތެޅި އޮތް ބައެއް ތެޅެން ފެށި ފަދައެވެ. ޔޫނުސް ޙައިރާންވިއެވެ. އޭނަ ކުޑައިރު ހީކުރަމުން ދިޔައީ އޭނަ ބޮޑުވީ ދުވަހަކުން މަންމައަށާއި ބައްޕައަކަށް ވެސް ބޭނުންނުވާނެ ކަމަށެވެ. އެހެނަސް މިއަދު އޭނައަށް 26 އަހަރުވެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުނު ފަހުން ވެސް އޭނަ ބައްޕަ ކައިރީގައި ހުންނަން ބޭނުން އެބަވެއެވެ. ޔޫނުސްއަށް ޖެހިލުންވުމަކާއެކީ އޭނަގެ ދެއަތް އުފުލައި ބައްޕަގެ ގައިގައި ބައްދާލެވުނެވެ. އެއާއެކު ބައްޕަ ގިސްލަން ފެށި އަޑު އިވިފައި ޔޫނުސްގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވިއެވެ. އޭނަ ދުވަހަކުވެސް ބައްޕަ ރުއި އަޑު އަހާފައެއްނުވެއެވެ. އޭނައަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އެހެންވެ ކަންނޭނގެއެވެ. ބައްޕަ ބާރަށް ރޯން ފެށުމުން ޔޫނުސްއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނައަށް އޭނަގެ ބައްޕަ ހާދަ ދެރަ ކުރެވިއްޖެއެވެ. ކުޑައިރު އޭނަ ރޮއްވާލީ މަންމައެވެ. މިއަދު އޭނައަށް މި ރޮއްވާލެވެނީ އޭނަގެ ބައްޕައެވެ. އޭނަ މަންމައާއިމެދު ކަންތައް ކުރީ މީހަކަށް ކަންތައް ކުރެވޭނެ އެންމެ ގޯސްކޮށެވެ. އޭނަ އޭނަގެ ބައްޕައާއިމެދުވެސް އެގޮތަށް ކަންތައް ކުރާނީ ހެއްޔެވެ؟ އެހާ ހިސާބަށް ނުދިޔަޔަސް މިހާރު ވެސް އޭނައަށް ބައްޕަގެ ހިތަށް އެތައް ޒަޚަމްތަކެއް ދެވިއްޖެއެވެ. އޭނަ ބައްޕައަށް ރުޅިވަނީ ވެސް ވަކި ކޮން ޙައިސިއްޔަތަކުން ހެއްޔެވެ؟ ބައްޕަ މާޒީގައި ގޯސްކޮށް ކަންތައް ކޮށްފައިވިއްޔާ އޭނަ ގޯސްކޮށް ކަންތައް ކޮށްފައި ނުވަނީ ހެއްޔެވެ؟ ނޫނެކެވެ. އޭނަ އޭނަގެ ބައްޕައަށްވުރެ ވެސް ނުބައެވެ. އެހެން މީހުން އޭނައަށް މަޢާފުކުރުމަށް އޭނަ އެދޭއިރު އޭނައަށް އޭނަދެކެ ލޯބިވާ ބައްޕައަށް މަޢާފު ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ މަޢާފުކުރުމުން ޘަވާބު ލިބެން އޮތީ ހަމަ އޭނައަށެވެ.
“ބައްޕާ…..އަހަރެން ބައްޕައަށް މަޢާފުކޮށްފިން. ބައްޕަވެސް އަހަންނަށް މަޢާފުކޮށްދީ. އެހާ ގިނަ ދުވަސް ވަންދެން ބައްޕައާއި ރުޅިވެގެން އަހަންނަށް ހުރެވުނުކަމަށްޓަކައި. ބައްޕައާއި ދިމާލަށް އެއްޗެހި ގޮވުނު ކަމަށްޓަކައި. ބައްޕަ އަހަންނަށްޓަކައި ކޮށްދިން ކަންތައްތައްވެސް މަދެއްނޫން. އެ ކަންތައްތަކުގެ މަތިން ހަނދާން ނެތުނީތީ މިހާ ދުވަސްވަންދެން ބައްޕައާއި ދުރުގަ ހުރެވުނީ. އަހަންނަށް މަންމައާއި މެދުގަ ވަރަށް ދެރަކޮށް ކަންތައް ކުރެވިފަވަނީ. އެގޮތަށް ބައްޕައާއި ދޭތެރޭ ކަންތައް ކުރާކަށް ބޭނުމެއްނޫން. އެގޮތަށް ކަންތައް ކުރިއްޔާ އަހަރެންގެ ތައުބާއަކީ ޤަބޫލުކުރެވިގެންވާ އެއްޗަކަށްނުވާނެ. ބައްޕަ ބުނޭ އަހަރެން ބައްޕައަށްޓަކައި ކޮށްދޭންވީ ކީއްކަން. މިހުރިހާ އަހަރުތަކެއްގެ ބަދަލުދޭން ބޭނުން އަހަރެން.” ޔޫނުސްގެ ވާހަކަ ނިމުނުއިރު އޭނަގެ އަޑު ކުރެހުނެވެ. ނަވާޒް ލުއި ހީލުމަކާއެކީ ޔޫނުސްއާއި ދުރުވެލަމުން އެއްއަތުން އޭނަގެ ކަރުނަތައް ފޮހެލިއެވެ.
“ބައްޕަ ޙަޤީޤަތުގަ ބޭނުމެއްނުވޭ ޔޫނުސްގެ ފަރާތުން އިތުރު އެއްޗެއް. ކުރިން ހިތަށްއެރި ޔޫނުސް ބައްޕައަށް މަޢާފު ކުރާ ދުވަހަކުން ޔޫނުސްގާތު މާލެއަށް އައިސް ބައްޕައާއެކީ އުޅޭށޭ ބުނާނީއޭ. ދެންމެއަކުވެސް ހިތަށްއެރި އެހެން. އެކަމަކު މިހާރު ބައްޕައަށްޓަކައި ދަރިފުޅުގެ ހިތް ސާފުކަން އެނގުނީމަ ދެން އިތުރުކަމެއް ބޭނުމެއްނުވޭ. ބައްޕަ އަންނާނަން ދޭތެރެދޭތެރެއިން ދަރިފުޅާ ބައްދަލުކުރަން.” ނަވާޒް ހިނިތުންވުމަކާއެކީ ޔޫނުސްގެ ކޮނޑުގައި އެއްއަތް އަޅައިގެން ހުރެ ބުނެލިއެވެ.
“އެންމެ ރަނގަޅު. އެކަމަކު އަހަރެން މާލޭގަ އަދި ހުންނަން އެބަޖެހޭ 3 ދުވަސްވަންދެން. އެ 3 ދުވަހަށް އަހަރެން އުޅޭނީ މިގޭގަ. އެޓޭކަށް ތައްޔާރުވެގެން ހުންނައްޗޭ.” ޔޫނުސް ނުހަނު ސީރިއަސްކަމާއެކީ ބުނެލި ވާހަކައިން އެންމެ ފުރަތަމަ ނަވާޒްގެ ހިނިތުންވުން ފޭދުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ޔޫނުސްގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލީތަން ފެނިފައި މާޒީގެ ހަނދާނެއް އޭނަގެ ސިކުނޑިއަށް ވެރިވިއެވެ. ޔޫނުސް ކުޑައިރުއްސުރެ ފުރާވަރަށް އެޅެންދެން ވެސް ކުޅޭ ބަޑިއެއް ގެންގުޅުނެވެ. އޭނަ ކުޑައިރުއްސުރެ ވެސް މަސައްކަތް ކުރަމުން ދިޔައީ ނަވާޒްގެ ގަޔަށް “ވަޒަނެއް” އަރާތޯއެވެ. އެހެނަސް އަދި އަދަށްދާންދެން ވެސް އޭނައަށް އެކަން ކުރެވިފައެއްނުވެއެވެ. ނަވާޒް ކުޑަކޮށް ހީލަމުން ތުންފިއްތައި ސާބިތުކަމާއެކީ އެއްފަހަރު ބޯޖަހާލިއެވެ.
ބައްޕައަށް މަޢާފު ކުރުމުން ޔޫނުސްއަށް ލިބުނީ ބަޔާންކުރަންދަތި ހިތްހަމަ ޖެހުމެކެވެ. ބައްޕަގެ ފަރާތުން އޭނައަށް ލިބެމުން ދިޔައީ އޭނަ އުއްމީދުވެސް ނުކުރާފަދަ ލޯތްބެކެވެ. އޭނަ ބައްޕަގެ ގެއަށް ބަދަލުވީފަހުން އޭނައަށް މީރު އެއްޗެއް ނޫނީ އެގޭގައި ނުކައްކައެވެ. ބައްޕަ ވީހާވެސް ވަރަކަށް އޭނައާއެކީ ވަގުތު ހޭދަކުރަން މަސައްކަތް ކުރެއެވެ. އެކީގައި އެ ހޭދަކުރެވޭ ވަގުތުތަކުގައި ދެކެވޭ ވާހަކަތަކަކުން ޔޫނުސްގެ ހިތުގައި ކޮންމެ ފަހަރަކު ބައްޕައަށްޓަކައިވާ ލޯބި އިތުރުވެގެންދެއެވެ. ބައްޕަ ދުވަހަކުވެސް ނޭނގޭ ވަރަށް އެނގެމުން ދިޔަވަރަކަށް ޔޫނުސްގެ ހިތުގައި ބައްޕައަށްޓަކައި ކުލުނެއް އުފެދެމުން ދިޔައެވެ. އެއްދުވަހު ނަވާޒް ކޮޓަރީގައި ނެތް ވަގުތެއްގައި ނަވާޒްގެ ހުޅުވާލެވިފައި ލެޕްޓޮޕްގައި ހުރި ސްކްރީން ސޭވާރ ފެނިފައި ޔޫނުސްއަށް ޤަބޫލު ނުކުރެވިގެން ކައިރިއަށް ގޮސް ބަލާލެވުނެވެ. ފެނި ގެއްލެމުން ދިޔަ ހުރިހާ ފޮޓޯތަކަކީ އޭނަ އޭނަގެ ބައްޕައާއެކީ ކުޑައިރު ނަގާފައިވާ ފޮޓޯތަކެވެ. އެ ފޮޓޯތައް ފެނިފައި ޔޫނުސްގެ ހަނދާނަށް ވަގުތުން އައީ މިސްބާޙް ދެއްކި ވާހަކައެވެ. ބައްޕަގެ “އަނެއް ދަރިފުޅަކީ” އޭނަ ނޫން ދެވަނަ މީހެއްނޫނެވެ. އެ ފޮޓޯތައް ލެޕްޓޮޕްގައި ހުރުމުން ބައްޕަ އޭނަ މަތިން ހަނދާންވި މިންވަރު ތަޞައްވުރު ކުރެވުނެވެ. އެއަށްވުރެ ބޮޑަށް ތަޞައްވުރު ކުރެވުނީ އެދުވަހު ލެޕްޓޮޕް ހުޅުވާލުމުން ފެނުނު އެއްޗެހިންނެވެ. ކްރޯމްއިން ހުޅުވާލެވިފައިވާ އެއް ޓެބްގައި ހުސްވެސް ހުރީ ރާއްޖެ ޕްރެސްގައި އޭނަ ލިޔެފައި ހުރި ރިޕޯޓުތައް ހުރި ޕޭޖެކެވެ. ދެން ހުރި ޓެބްގައި ހޮޓްމެއިލް ހުޅުވާލެވިފައިވީއިރު 100 އަށްވުރެ ގިނަ ޑްރާފްޓް ހުރިތަން ފެނިފައި އޭނަ ޑްރާފްޓްސްއަށް ދިޔައެވެ. އެ ހުރިހާ ޑްރާފްޓަކީ ވެސް އޭނައަށް ފޮނުވަންވެފައި ނުފޮނުވައި ހުރި ޑްރާފްޓްތަކެވެ. ޔޫނުސް އެ ޑްރާފްޓްތައް ކިޔަން ފެށިތާ މާ ގިނައިރެއްނުވެ އޭނަގެ ދެލޯ ކަރުނުން ފުސްވިއެވެ. ބައްޕަ އޭނައަށްޓަކައި ލިޔެފައިވާ ހުރިހާ “ސިޓީ”އެއްގައި އޭނަދެކެ ލޯބިވާ ވާހަކައާއި އޭނަ ހަނދާންވާ ވާހަކަ ލިޔެވިފައިވިއެވެ. އެ ސިޓީގައި ރާއްޖެ ޕްރެސްގެ ކާމިޔާބީއަށްޓަކައި އޭނައަށް މަރުޙަބާ ކިޔާފައި އޮތިއްޔާ އަނެއް ސިޓީގައި ދުޝްމިނުންގެ ރޭވުންތަކަށް ސަމާލުވުމަށް އަންގާފައިވެއެވެ. އެ ހުރިހާ ސިޓީއެއް ކިޔާފައި އޭނަގެ ބައްޕަ އޭނައަށް ހެޔޮ އެދޭ މިންވަރު ޔޫނުސްއަށް އެނގުންވިއެވެ. އޭނަ މިހުރިހާ ދުވަހު ބައްޕައަށް ގެއްލުންވާން އެދެމުން ދިޔައީ އޭނަގެ ނުބައި ކަމުންނޭ ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ އޭގެ ބަދަލުގައި ބައްޕައަށް އިތުރަށް ލޯބިދޭން ބޭނުންވިއެވެ. އެކަމަށްޓަކައި އޭނަ ބައްޕަ ގޮވައިގެން މިސްކިތަށް ދާން ފެށިއެވެ. މީގެ ކުރިންވެސް ނަވާޒް ނަމާދު ކުރިއެވެ. އެހެނަސް އޭނަ ނަމާދު ކުރަމުން ދިޔައީ ނަމާދު ވަގުތު ނިމެން ކައިރިވެފައި ވަނިކޮށް ގޭގައެވެ. ނަވާޒް މަސައްކަތް އެބަހުރިކަމަށްބުނެ ބަހަނާ ދައްކަން އުޅުމުން ވެސް ޔޫނުސް އޭނަ ހައްލާލައިގެން މިސްކިތަށް ގެންދިޔައެވެ. ޖަމާޢަތުގައި ނަމާދުކޮށް ނިމުމުން ޔޫނުސް އޭނައަށް ދީނާއިބެހޭ ގޮތުން ދަސްވެފައިވާ ވާހަކަތައް ނަވާޒްއަށް ކިޔައިދެއެވެ. ޔޫނުސް ކިޔައިދޭތީ ނަވާޒް ހުރިހާ ވާހަކައެއް ވަރަށް ޝައުޤުވެރިކަމާއެކީ އަޑުއަހަމުން ދިޔައެވެ. އެއްރެއަކު މަޣުރިބު ނަމާދަށް ފަހު ޔޫނުސް މައިންބަފައިންނަށް ކަމޭހިތުމާއި ބެހޭ އާޔަތެއް ނަވާޒަށް ކިޔައިދިނެވެ. އެރޭ ޢިޝާ ނަމާދުގައި އެ އާޔަތްތައް ކިޔެވިގެން ދިޔުމުން ދެމީހުންނަށް ވެސް ރޮވުނެވެ. އެ ނަމާދަށްފަހު ގެއަށް ގޮސް ޔޫނުސް ރޮވިފައި ހުރެ ޝަހީމާއާއި މެދު ކަންތައްވީގޮތް ނަވާޒަށް ކިޔައިދިނެވެ. ޔޫނުސް ހީކުރި ގޮތާއި ޚިލާފަށް ނަވާޒް އެކުށުގެ ޒިންމާވެސް އެޅީ އަމިއްލަ ބޮލުގައެވެ. އެކަން އެގޮތަށްވީ އޭނައަށް ބައްޕައެއްގެ ވާޖިބު އަދާ ނުކުރެވުނީތީވެ ކަމުގައި އޭނަ ބުންޏެވެ. ޔޫނުސްއަށް އެރޭވެސް ޖަޒުބާތުން ފުރިގެން ދިޔަ ހިތަކާއެކީ ބައްޕަގެ ގައިގައި ބައްދާލެވުނެވެ.
މާލޭގެ މަގުތަކުން މަޝްހޫރު ދެމޫނެއް ދުވަހަކުވެސް ނުފެންނަހާ ގާތުން ފެންނަމުން ދިޔައީތީ ގިނަ މީހުންގެ ނަޒަރުތައް އެ ދެމޫނަށް އަމާޒުވަމުން ދިޔައެވެ. އެހާ މަޝްހޫރު ނުވާ ނޫސްތަކުން މި ވާހަކަ ޚަބަރެއްގެ ގޮތުގައި ވެސް ގެނެސްފައިވެއެވެ. އެމީހުންގެ މަޤްޞަދަކަށްވެފައިވީ މިހާރު ޔޫނުސް ވެސް ނަވާޒަށް ހެއްލި ދެން ދޮގު ޚަބަރުތައް ލިޔަން ފަށާފާނެކަމުގެ ޝައްކު މީހުންގެ ހިތްތަކުގައި އުފެއްދުމެވެ. އެހެނަސް އެއިން ޔޫނުސްއާއި ނަވާޒަށް ވެސް އަސަރު ކުރިކަމަކަށް ނުވެއެވެ. އެހެން މީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެ ދެމީހުންނަކީ ތެދުވެރިންކަން ﷲ މޮޅަށް ދެނެވޮޑިގެންވާނެކަން އެމީހުނަށް އެނގޭތީވެއެވެ.
ނަވާޒަށް މާ ބޮޑު އަސަރެއް ނުކުރިއެއްކަމަކު އެ ދުވަހު ނަވާޒް ދިން އިންޓަވިއުއަށްފަހު މީހުން ދައްކަމުން ދިޔަ ވާހަކަތައް އިވެމުން ދިޔަ އަމީން ހުރީ ސިކުނޑި ސުމަކަށްދާން ކައިރިވެފައެވެ. އޭނަ އެ ރުޅި ބޭލުމަށްޓަކައި ނަވާޒަށް ގުޅަން މަސައްކަތް ކޮށްކޮށް އެކަން 2 ދުވަސް ވަންދެން ކާމިޔާބެއް ނުކުރެވުނެވެ. ކޮންމެ ފަހަރަކު ނަވާޒް އޭނަގެ ފޯނު ބިޒީކޮށްލައެވެ. ތިންވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ނަވާޒާއި ގުޅުމުން އަމީން ހަޅޭއްލަވަން ފެށިއެވެ.
“ފޯނެއް ނުނަގާ! ޖަލްސާއަކަށް ނާދޭ! އެއްވުމަކަށް ނާދޭ! ނަވާޒްއަށް މިކަން ނުކުރެވެންޏާ އަހަންނަށް ތި މަޤާމް ދޭންވީއެއްނު؟” އަމީން އާދައިގެ މަތިން ސިޓިންގް ރޫމުގައި ދެކޮޅުން ދެކޮޅަށް ހިނގަން ހުރެ ބުނެލިއެވެ.
“އަމީން، އަހަރުމެން އިންތިޚާބުން ކާމިޔާބުވާން އޮތިއްޔާ ކާމިޔާބުވާނެ އިރާދަކުރެއްވިއްޔާ. އަހަރެން ބޭނުމެއްނޫން ދޮގު ހަދައިގެން ކާމިޔާބީއެއް ހޯދާކަށް. އެއަށްވުރެ މާ ރަނގަޅުވާނެ ނުހޮވުނަސް.” ނަވާޒް ސިޓިންގް ރޫމުގެ ސޯފާގައި ހަމަޖެހިގެން އިނދެ ބުނެލިއެވެ.
“ކީކޭ؟؟!!” އަމީން އަޑުގެ ކޮޅަށް ގޮވާލިއެވެ.
“އަމީން ކުޑަކޮށް ހަމަޖެހިބަލަ……..އާނ ބުނޭ ޔޫނުސްކައިރި މި އަންނަނީއޭ.” ނަވާޒް ފޯނުން ވާހަކަ ދައްކަން ހުރެ ގޭގެ ދޮރުމައްޗަށް އޭނަގެ ޑްރައިވަރު އައުމުން ވާހަކަ ދެއްކިއެވެ. އެ އަޑު އިވުމުން ފޯނުގެ އަނެއްކޮޅުގައި ހުރި އަމީންގެ ދެލޯ ހަނިވިއެވެ.
“އާނ އަމީން. އަހަރެން ކުޑަކަމެއްގަ ބިޒީކޮށް މިއުޅެނީ. ފަހުން ގުޅާނަން އިރާދަކުރެއްވިއްޔާ.” ނަވާޒް އެހެން ބުނެ އަމީނަށް އެއްޗެކޭ ބުނެލާނެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލިއެވެ. އަމީނަށް އޭނަގެ ފޯނު ކަންފަތުން ނަގާލަމުން އައި ރުޅީގައި ފޯނު ބިމަށް ޖަހާލެވުނެވެ.
އެރޭ ޔޫނުސް އޭނައަށް ދަޢުވަތު ލިބުނު ޝޯއަށް ދިޔައީ ނަވާޒް ހަދިޔާކުރި ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެންނެވެ. ޝޯގައި ޔޫނުސްއާއި އެކިއެކި ޒާތީ ސުވާލުތައް ކުރެވުނެވެ. އޭނަގެ އަންހެނުންނާއިމެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރެވުމުން ޔޫނުސް ފަށުވި ޢިބާރާތްތަކުން އޭނަ ނަސްރާދެކެ ވާ ލޯބި ހާމަ ކުރިއެވެ. އެވަގުތު ޝަރީފްމެނާއިއެކީ އެގޭގައި ޓީވީ ބަލަން އިން ނަސްރާގެ މޫނު ރަތްވިއެވެ. އަފްރީން ދިމާކުރުމުން އޭނަ އިތުރަށް ލަދުގަތެވެ. ޝޯ ނިމުމުން ޔޫނުސް އެންމެ ފުރަތަމަ ގުޅީ ނަސްރާއަށެވެ.
“ކިހިނެއްތަ ލޯބިވާ؟” ޔޫނުސް ސްޓޫޑިޔޯގެ ބޭރުގައި ފާރަށް ލެނގި ފޯނު ކަންފަތުގައި ޖައްސައިގެންހުރެ ހިނިތުންވުމަކާއެކީ އަހާލިއެވެ.
“ހާދަ ލޯބިވެގެން އުޅޭ ރެއެކޭ.” ނަސްރާ އޭނައާއި ޔޫނުސްގެ ކޮޓަރިއަށް ވަންނަމުން ރަތްވެފައިވާ މޫނަކާއެކީ ބުނެލިއެވެ. ޔޫނުސްއަށް ހީލެވުނެވެ.
“އެބައަންނަން……މާދަމާ ފަތިހު އިން ޝާ ﷲ. ގޭގަ ހުންނައްޗޭ.” ޔޫނުސް ބުނެލިއެވެ.
“އުނހު ނުހުންނާނަން. ޖައްވަށް އަހަރެން ދާނީ މާދަމާ ފަތިހު.” ނަސްރާ ހިނިތުންނުވާން މަސައްކަތް ކުރަމުން ބުންޏެވެ. ޔޫނުސްއަށް އިހުނަށްވުރެ ބާރަށް ހީލެވުނެވެ. އެވަގުތު މަގުގެ ކަނާތް ފަރާތުން އޭނައާއި ދިމާލަށް އަންނަމުން ދިޔަ ބައްޕަގެ ހުދުކުލައިގެ ކާރު ފެނިފައި ޔޫނުސް ސީދާވެލިއެވެ.
“ނަސްރާ ބާއްވަނީ އިނގޭ؟ ގޭގެ ދޮރު ތަޅުލަން ހަނދާން ކުރާތި.” ޔޫނުސް ކާރާއި ދިމާލަށް ދަމުން ބުނެލިއެވެ. ނަސްރާ އާނއެކޭ ބުނުމުން ޔޫނުސް ފޯނު ކަންފަތުން ނަގައި ކާރަށް އެރިއެވެ. ކާރު ދުއްވާލި ވަގުތު ޔޫނުސްއާއެކީ ފާރަށް ލެނގި ފޯނަށް ބަލަހައްޓައިގެން ހުރި ޒުވާނަކު ސީދާވެލައިފިއެވެ. ކޮނޑާއި ހަމައަށް އިސްތަށިގަނޑު ދިގުކޮށްފައި އޮތް އެޒުވާނާގެ ޑައިކޮށްފައިވާ އިސްތަށިގަނޑު އައްސާލެވިފައިވީއިރު އެ ހިކި ޒުވާނާ ލައިގެން ހުރީ ބޮޑު ކަޅުކުލައިގެ ޓީޝާޓަކާއި ކަކުލާއި ހަމައަށް އޮތް ހުދުކުލައިގެ ސޯޓެކެވެ. ޒުވާނާ އޭނަގެ ފޯނުން ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“އޭނަގެ އަންހެނުން……ހީވަނީ ގޭގަ އެކަނިހެން އުޅެނީ.” ޒުވާނާ މަޢުލޫމާތު ދޭ ފަދައަކުން ކިޔައިދިނެވެ. އޭގެ މާ ގިނައިރެއްނުވެ ޒުވާނާ ފޯނު ކަންފަތުން ނަގާލަމުން ޕޭވްމެންޓް މަތިން މަގުގެ އަނެއްކޮޅަށް ހިނގަން ފެށިއެވެ.
އެރޭ ދަންގަޑިއެއްގައި ފުރުމަށްޓަކައި ޔޫނުސް އެއާރޕޯޓަށް ދިޔައީ ނަސްރާއަށްދޭން ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ހިފައިގެންނެވެ. ޔޫނުސް ފުރުވަން އައި ނަވާޒަށް މެދުކެނޑުމެއްނެތި ޔޫނުސްގެ ފަރާތުން އިވެމުން ދިޔައީ ނަސްރާގެ ރަނގަޅުކަމުގެ ވާހަކައެވެ. ނަވާޒަށް މަޢާފަށް އެދެން ވެސް ހިތްވަރު ދިނީ ނަސްރާ ކަމަށާއި، އޭނައަށް ދީން އުނގަންނައި ދިނީ ނަސްރާ ކަމަށާއި، ނަސްރާ ވަރަށް މޮޅު ވާހަކަ ޔޫނުސް ފޫހިކަމެއްނެތި ދައްކަމުން ދިޔަ ގޮތުން ނަވާޒަށް ހެވުނެވެ. ތިއުޅެނީ ކެތްމަދުވެގެން ކަމަށްބުނެ ނަވާޒް ޔޫނުސްއާއި ދިމާކުރިއެވެ.
ޗެކް އިން ކުރަން ދާން އުޅުނު ވަގުތު ޔޫނުސް ނަވާޒްގެ ގައިގައި ބައްދާލަމުން ބައްޕަ ނުދާނަންތޯ ސުވާލުކުރިއެވެ. ޖަވާބުގައި ނަވާޒް ބުނީ އޭނަ މި ހަފްތާތެރޭގައި ޑޮކްޓަރަކަށް ދައްކަން ލަންކާއަށް ދާންޖެހޭ ވާހަކައެވެ. ޔޫނުސް ކިހިނެއްވީތޯ އެހިއެވެ.
“އެއީ މާ ބޮޑުކަމެއްނޫން. މޭމައްޗަށް ތަދުވެގެން އުޅޭތާ ދުވަސްކޮޅެއްވެގެން އުޅޭތީ މި ދަނީ. ޔޫނުސް އައިފަހުން ޙަޤީޤަތުގަ ވަރަށް ރަނގަޅު. އަނބުރާ އައިސްދާނަން ހަފްތާއެއްހާ ދުވަސްފަހުން އިރާދަކުރެއްވިއްޔާ. އައިސް ޔޫނުސްއާއި ނަސްރާއާ ބައްދަލުކުރަން ދާން ނިންމައިގެން މިހިރީ. ދެން ދޭ. މި މާ ބޮނޑި ނުމިލަނީސް ނަސްރާއާއި ހަމައަށް ގެންދެވޭތޯ އުޅެބަލަ.” ނަވާޒް ޔޫނުސް ދެއަތުން ހިފައިގެން ހުރި މާ ބޮނޑިއަށް ޢިޝާރާތްކޮށް ސަމާސާ ރާގަކަށް ވާހަކަ ނިންމާލަމުން ޔޫނުސްގެ ކޮނޑުގައި ލުއި ގޮތަކަށް ޖަހާލިއެވެ. ޔޫނުސްއަށް ހީލަމުން ބޯޖަހާލެވުނެވެ. އަދި ހިތާހިތުން ބައްޕައަށްޓަކައި ދުޢާކުރެވުނެވެ.
ޔޫނުސްއަށް އެރޭ ފްލައިޓް ތެރޭގައި ނުވެސް ނިދެއެވެ. ނަސްރާ ދެކޭ ހިތުން އޭނަވަނީ ކެތްމަދުވެފައެވެ. މިއަދު އޭނައާއި ނަސްރާގެ ދެމެދުގައި ޒުވާބުކުރަންވީ އެއްވެސް ސަބަބެއްނެތެވެ. އޭނަ އަނބުރާ މިދަނީ ނަސްރާ އޭނައަށް ނަޞޭޙަތްތެރިވަމުން އައި ކަންތައް ކޮށްފައެވެ. އޭނަ ބައްޕައަށް މަޢާފު ކުރި ވާހަކަ އެނގުނު ފަހުން ނަސްރާއާއި އޭނައާއި ދެމެދު އެއްވެސް ކަހަލަ ނުރުހުންތެރިކަމެއް ނޯވެއެވެ. މިއަދު އޭނައާއި ނަސްރާއާއި ދެމެދުގައިވި ހުރިހާ ހުރަހެއް ނެތި ގޮއްސިހެން ޔޫނުސްއަށް ހީވެއެވެ. އޭނަ ދެންވެސް ނަސްރާ ރަނގަޅު ނަޞޭޙަތެއް ދިނިއްޔާ އޭގައި ވަގުތުން ހިފަން އަމިއްލަ ނަފްސާއި ވަޢުދުވިއެވެ.
ޔޫނުސް އިން ފްލައިޓް ޖެއްސީ ފަތިސް ނަމާދު ވަގުތުގައި ކަމަށްވުމުން އޭނަ އެއާޕޯޓުގައި ނަމާދުކޮށްލިއެވެ. އެއާރޕޯޓުން ނިކުމެ އޭނަ ޓެކްސީއެއް ހޯދައި އެ ޓެކްސީއަށް އެރިއިރު އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނައަށް އެއްފަހަރު އޭނަގެ އަތުގައި އޮތް މާ ބޮނޑިއަށް އަނެއްފަހަރު ކުރިމަތިން ފެންނަމުން ދިޔަ މަގަށް ބެލެމުން ދިޔައެވެ. އެންމެ ފަހުން ޔޫނުސް ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދިޔަ ވަގުތު ކޮޅު ޖެހުނެވެ. އޭނަ އިން ޓެކްސީ އޭނަގެ ގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތު ޔޫނުސް އިސާހިތަކު ކާރުގެ ދޮރު ހުޅުވައި ކާރުން ފޭބިއެވެ. ކާރުގެ ޑިކީއިން އޭނަގެ ފޮށި ނަގަން ދިޔަ ޑްރައިވަރަށް ވެސް ސަމާލުކަމެއް ދިނުމެއްނެތި ޔޫނުސް ފުރިހަމަ ހިނިތުންވުމަކާއެކީ ގެއަށް ވަންނަން ދިޔައެވެ. އެހެނަސް ގޭގެ ފެންޑާއަށް ވަދެވުނު ވަގުތު ފެނުނު މަންޒަރަކުން އެ ހިނިތުންވުން ފަނޑުވިއެވެ. ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ.
ނުނިމޭ