Hijra (Part 48)
ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ. އެ މާ ބޮނޑި ޖެހުނު ހިސާބުން ފެށިގެން އޭނަގެ ކޮޓަރިއާއި ހަމައަށް ބިންމަތީގައި ހުރި ލޭ ފެނިފައި ޔޫނުސްގެ ހިތް ހުއްޓުނު ފަދައެވެ. ބައެއް ހިސާބު ގަނޑުގައި ލޭގެ ތިކިތައް ހުރިއިރު އަނެއްބައި ހިސާބުގައި ހުރީ ލޭ ފެތުރިގެން ގޮސްފައެވެ. އިންތިހާ ދަރަޖައިގެ ބިރުވެރިކަމެއް ވަށާލެވިގެން ދިޔަ ހިތަކާއެކީ ޔޫނުސް ނަސްރާގެ ނަން ކިޔާލަން އުޅުމުން އޭނަގެ އަނގައިން ނިކުތީ ހަމައެކަނި ވައިއަޑެކެވެ. ޔޫނުސް ޖެހިލުންވުމަކާއެކީ ކޮޓަރިއާއި ދިމާލަށް ލަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. މިނެޓެއްގެ ތެރޭގައި އޭނައަށް ކޮޓަރިއާއި ހަމައަށް ދެވުނެވެ. ކޮޓަރީގެ ދޮރުވެސް ވަކި ވަރަކަށް ހުޅުވިފައި ހުރިތަން ފެނިފައި ޔޫނުސް ދެލޯމަރާލަމުން އެ ދޮރު ކުއްލި ކޮއްޕާލިއެވެ. އޭނަ ދެ ޚިޔާލެއްގެ މަތީގައި ހުރެ ލޯ ހުޅުވާލި ވަގުތު އޭނައަށް ފެނުނީ އޭނަ އުއްމީދު ކުރިފަދަ މަންޒަރެއްނޫނެވެ. އެފުށްމިފުށަށް ޖެހިފައިވާ ކޮޓަރީގެ ތެރެއިން ވެސް ނަސްރާގެ ނިޝާނެއް ފެންނާކަށް ނެތެވެ. ޔޫނުސްއަށް ދެ ބުމަ ކައިރިކޮށްލަމުން ކޮޓަރި ތެރެއަށް ވަދެވުނެވެ. އަދި ވަށައި ހޯދަމުން އަވަސް ހިނގުމެއްގައި ގޮސް ފާޚާނާގެ ދޮރު ހުޅުވާލެވުނެވެ. އެތަނުން ވެސް ނަސްރާ ނުފެނުމުން ޔޫނުސް ދިގު ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން ދިޔައެވެ.
“ނަސްރާ! އަހަންނާ ސަމާސާކުރަން ނުއުޅެއްޗޭ ނަސްރާ.” ޔޫނުސް ރުޅިވެރިކަމާއި ހިތާމައިގެ އަސަރެއް އެކުލެވޭ އަޑަކުން ގޮވަމުން ކޮޓަރިން ނިކުތެވެ. އޭނަ އެހެން ބުނިއިރު ވެސް މިއީ ނަސްރާގެ “ސަމާސާ”އަކަށް ނުވާނެކަން ޔޫނުސްއަށް ޔަޤީންކުރެވުނެވެ. އެހެނަސް އޭނަ އުއްމީދު ކަނޑާލުމެއްނެތި ގޭގެ އެކި ދޮރުތައް ހުޅުވަމުން އެ ހުރިހާ ތަނަކުން ނަސްރާ ފެނޭތޯ ބަލަމުން ދިޔައެވެ. ބަދިގެއިންނާއި ކާގެއިންނާއި ގޭގެ ފޮތް ހަރުގަނޑު ހުންނަ ކޮޓަރިން ވެސް ނަސްރާ ނުފެނުމުން ޔޫނުސްގެ ހިތް މޭތެރޭގައި އޮވެ ގެނބެން ފެށިއެވެ. އޭނަ ކަރުނައިން ފުރެމުން ދިޔަ ދެލޮލާއެކީ ގޭގެ ދޮންނަ މެޝިން ހުންނަ ތަނަށް ދިޔައެވެ. އެތަނުން ވެސް އޭނަ ދެލޯ ހޯދަމުން ދިޔަ ސޫރަ ނުފެނުމުން ޔޫނުސް އެތާތެރެއިން ގޭގެ ބިއްދޮށަށް ނިކުތެވެ.
“ނަސްރާ!” ޔޫނުސް ވަށައި ނަޒަރު ހިންގަމުން އަޑުގެ ކޮޅަށް ގޮވާލިއިރު އެ އަޑުގައި ވޭނެއް އެކުލެވިގެން ދިޔައެވެ. ޔޫނުސްގެ އަޑު މިސްކިތުން ގެއަށް އަންނަމުން ދިޔަ ޝަރީފާއި ޒަޔާނަށް އިވުނެވެ. ދެމީހުން ކަންބޮޑުވުމަކާއެކީ އެކަކު އަނެކަކަށް ބަލާލަމުން އެ ގެއަށް ވަންނަން ދިޔައެވެ. ގޭގެ ފެންޑާ ތެރޭގައި ހުރި ޔޫނުސްގެ ހެދުން ފޮށި ފެނިފައި ޝަރީފް ޙައިރާންކަމާއެކީ އެ ފޮށި ނަގައިގެން ގޭގެ ދޮރާއި ދިމާލަށް ދިޔައެވެ. ޝަރީފާއި ޒަޔާނަށް އެކުއެކީގައި ގޭގެ ހުޅުވާލެވިފައިވި ދޮރާއި ހަމަވީ ވަގުތު އެ ދެމީހުން ވެސް ޔޫނުސް ފަދައިން ހުއްޓުން އެރިއެވެ.
“ސުބުޙާނަ ﷲ. މިގޭގަ ކޮންކަމެއްތަ ހިނގީ؟ ޔޫނުސް!” ޝަރީފް އަތުގައި ހުރި ފޮށި ބަހައްޓައި އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ޔޫނުސްއަށް ގޮވާލިއެވެ. ޔޫނުސް އިސާހިތަކުން ގޭގެ ތެރެއިން އައިސް އެމީހުންނާއި ދިމާލަށް އަންނަމުން ދިޔަތަން ފެނުނެވެ.
“ބައްޕާ ކޮބައިތަ ނަސްރާ؟” ޔޫނުސް ބިންމަތީގައި ހުރި ލެއަށް ބެލުމެއްނެތި ކުރިއަށް އަންނަމުން ސުވާލުކުރިއެވެ.
“ނަސްރާ ހުރީ މިގޭގައެއްނު؟ ނެތީތަ އޭނަ؟” ޝަރީފް ވެސް ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ ދެލޯ ބޮޑުކޮށްލަމުން ސުވާލުކުރިއެވެ.
“ނެތް. ޒަޔާން ދުށިންތަ ރޭ މިގެއަށް ބަޔަކު އައިތަން؟” ޔޫނުސް އަވަސްއަވަހަށް އަހާލިއެވެ.
“ނުދެކެން އަހަންނެއް. ނަސްރާ ހަމަ އަސްލުވެސް ނެތީތަ؟ ރަނގަޅަށް ހޯދިންތަ؟” ޒަޔާން ގޭގެ ތެރެއަށް ނަޒަރު ހިންގާލަމުން ސުވާލުކުރިއެވެ. ޔޫނުސްއަށް އެއްޗެކޭ ނުބުނެވެނީސް ޝަރީފް ވާހަކަ ދެއްކިއެވެ.
“މިހިރީ މަގޭ ނަސްރާގެ ލޭތަ؟” ޝަރީފް ހިސާބަކަށް ރޮވިފައިހުރެ ބިންމައްޗަށް ޢިޝާރާތް ކުރަމުން އެހިއެވެ. ޔޫނުސް އެ ސުވާލުގެ ޖަވާބަކަށް ދުރަށް ނަޒަރު ހިންގާލިއެވެ. ނަސްރާ ޒަޚަމްވެފައި އޮތްތަން ޚިޔާލުކުރަން ވެސް އޭނައަށް ދައްޗެވެ. އެހެނަސް ކުރިމަތިން މި ފެންނަ ގޮތުން ހީވަނީ ނަސްރާ ދުވަހަކުވެސް އަނިޔާ ނުކުރެވޭ ވަރަށް އަނިޔާ ކުރެވިފައިވާ ހެންނެވެ. އެއަށްވުރެ ވެސް ގޯސް ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ވެރިވާން އުޅުނު ވަގުތު ޝަރީފް ދެންވެސް ވާހަކަ ދެއްކިއެވެ.
“ޕޮލިހަށް ގުޅާ ޔޫނުސް.” ޝަރީފް ބުނެލިއެވެ. އެއާއެކު ޔޫނުސް އޭނަގެ ޖީބުން ފޯނު ނެގިއެވެ. އޭނަ ނަންބަރުތަކަށް ފިތަން އުޅުނު ވަގުތު އޭނަގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ނަންބަރު ފެނިފައި ޔޫނުސްގެ މޫނުމައްޗަށް ޙައިރާންކަމެއް ވެރިވިއެވެ. މި ވާނީ އޭނަގެ އާ މުވައްޒަފަކަށޭ ހިތައި ޔޫނުސް ފޯނު ކަނޑާލިއެވެ. އޭނަ އަނެއްކާވެސް ފުލުހުންނަށް ގުޅަން އުޅުނު ވަގުތު ހަމަ އެ ނަންބަރުން ގުޅަން ފެށުމުން ޔޫނުސްގެ ގާތަށް ރުޅިއައެވެ. ޝަރީފް ކާކުތޯ ސުވާލުކޮށްލިތަނާހެން ޔޫނުސް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“އަހަރެން ފޯނު ކަނޑާލާނީ އަހަރެން ބިޒީކޮށް އުޅޭތީ. ދެންވެސް ދަންނާތި!” ޔޫނުސް ނުރުހުންތެރިކަމާއެކީ އެހެން ބުނެލަމުން ފޯނު ބާއްވަން އުޅުނެވެ. އެހެނަސް އެކޮޅުން ވާހަކަ ދެއްކުމުން އޭނަ ހުއްޓުން އެރިއެވެ.
“ހުމް ދަންނާނަން. ހެހެހެ……..ލޯބިވާ އަންހެނުން ވީ ތަނެއް ބަލަން ބޭނުންވާ ވަރަށްވުރެ ވެސް ބިޒީތަ؟” އެކޮޅުން އިވުނީ ދަންނަ އަޑެއްހެން ހީވުމުން ޔޫނުސްގެ ދެބުމަ ކައިރިވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެއީ ކާކުކަން ނަގައިގަނެވުމުން އޭނަގެ ނިތުން ރޫ ފިލައިދިޔައެވެ.
“އަމީން.” ޔޫނުސްއަށް ދެދަތްޕިލަ ޖައްސައިގެންހުރެ ކިޔާލެވުނެވެ. ފޯނުގެ އަނެއްކޮޅުން އަމީން ހީގަތްއަޑު އިވުނެވެ.
“ރަނގަޅަށް ތި ބުނެވުނީ.” އަމީން އޭނަގެ ސިޓިންގް ރޫމުގެ ސޯފާއަށް ލެނގިގެން އިނދެ ބުނެލިއެވެ.
“ނަސްރާ ކޮބާ؟” ޔޫނުސް ރުޅިވެރިކަމާއެކީ ތުރުތުރު އަޅާ އަޑަކުން ސުވާލުކުރިއެވެ. އޭނަގެ އެ ސުވާލާއެކީ ޒަޔާނާއި ޝަރީފް އެ ވާހަކައަށް ހުރިހާ ސަމާލުކަމެއްދިނެވެ.
“ހާދަ އަވަހަކަށް ނަސްރާ ހޯދަން ތިއުޅެނީ؟ ފުރަތަމަ މި ޙާދިސާއާބެހޭ ކުއްލި ޚަބަރެއް ލިޔެލަންވީއެއްނު؟” އަމީން ލާނެތް ރާގަކަށް ވާހަކަ ދެއްކުމުން ޔޫނުސްގެ ރުޅިވީ ގަދައެވެ.
“ކޮބައިހޭ އޭނަ؟ ކަލޭ ބޭނުންވަނީ ކޯޗެއް؟ ފައިސާތަ؟ ޢަދަދެއް ބުނެފިއްޔާ ދީފާނަން.” ޔޫނުސް ބުމަގޮށްޖެހިފައިހުރެ ބުނެލިއެވެ. އެއާއެކު އަމީން ކުއްލިއަކަށް ސީދާވެލިއެވެ.
“ކަލެއަށް ހީވަނީ މަ މީ ފައިސާ ނުލިބިގެން އުޅޭ ސަލާންޖަހާ މީހެއްހެންތަ؟ މަ ނުއުޅެން ކަލޭގެ ފައިސާ ނުލިބިގެން. އަޑުއަހާ! ކަލޭގެ އަންހެނުން ކަލެއަށް ދެން ދުވަހަކުވެސް ނުފެންނާނެ. އޭނަ އެބަހުރި ދުނިޔޭގަ. އެކަމަކު މިއަދުން ފެށިގެން އޭނަ ހުންނާނީ އަހަރެންގެ ހައްޔަރުގަ. ކަލޭ އަހަންނާއި އަހަރެންގެ ޕާޓީއާ ދެކޮޅަށް ލިޔަން ދެން ޚިޔާލުވެސް ނުކުރާތި. އޭގެ ބަދަލު ލިބޭނީ ކަލޭގެ އަންހެނުންނަށް. ޕޮލިހަށް ގުޅަން މަސައްކަތް ކުރިޔަސް ކަލޭގެ އަންހެނުންނަށް އެކަން ފެންނާނެ.” އަމީން ބުނެލިއެވެ.
“އަހަރެން މި ކަމުގެ ވާހަކަ މުޅި ދުނިޔެއަށް އަންގައިފިއްޔާ ކަލޭ ޖެހޭނީ ނަސްރާ ދޫކުރަން.” ޔޫނުސްވެސް އޭނަގެ ހިތަށްވެރިވި ބިރުވެރިކަން ފިލުވާލަމުން ބިރެއް ދައްކާލިއެވެ.
“އުނހު. ދުލެއް ނުކުރާނަން. އަހަރެން ހައްޔަރު ކުރަން އައުމުގެ ކުރިން ނަސްރާއަށް ހިރިވެސް ނުލެވޭވަރު ކުރާނަން. ތި ގޭތެރޭގަ ތި ހުރި ލެއަކީ އަހަންނަށާއި އަހަރެން މި ވަޒީފާ ޙަވާލުކުރި މީހުންނަށް ކުރެވިދާނެ ކަންތައްތަކުގެ ކުޑަ މިސާލެއް. ނަސްރާ މަރާއި ގާތްކޮށްފަ މިހާރު ސަލާމަތްކޮށްފަ އެ އޮތީ.” އަމީން ބުނެލި ވާހަކައިން ޔޫނުސްއަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީހެންނެވެ. ނަސްރާ މިހާރު އޮންނާނީ ކޮން ޙާލެއްގަތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނު ވަގުތު އޭނަގެ ލޯ ކަރުނުން ފުސްވިއެވެ. އެ މަންޒަރު ފެނިފައި ޝަރީފް ކިހިނެއްވީތޯ އަހާލިއެވެ. އެހެނަސް ޔޫނުސްއަށް ޖަވާބު ދެވޭ ގޮތެއްނުވިއެވެ. އޭނައަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.
ޔޫނުސްގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން އޭނަ ބަލިކަށިވެއްޖެކަން އެނގުންވި އަމީންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އަނެއްކާވެސް ސޯފާއަށް ލެނގިލިއެވެ.
“އެހެންވީމަ…..އަހަރެން މި ބުނި ވާހަކަތައް ހަނދާން ބަހައްޓާނެކަމަށް އުއްމީދުކުރަން. ހެހެ…….ދެން އަންހެން ކުއްޖެއްވީމަ އެހެނިހެން ބާވަތްތަކުގެ އަނިޔާވެސް ދެވިދާނެދޯ؟ ނަސްރާގެ ވަށައިގެން ތިބެނީވެސް ފިރިހެނުން. އެ މީހުން ކަމެއް ނުކުރިޔަސް ނަސްރާއަކީ ނުލާހިކު ރީތި ކުއްޖެއްވީމަ އަހަންނަށް ވެސް ކައިރިވެވިދާނެ ކަންނޭނގެ.” އަމީން އެހެން ބުނެލިތަނާހެން ޔޫނުސް ހަޅޭއްލެވިއެވެ.
“އޭނަ ގައިގަ އަތް ނުލާތި!” ޔޫނުސް ރޫރޫއަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. އަމީން ހިނިގަނޑެއް ޖަހައި ބާއިއޭ ބުނެލަމުން ފޯނު ކަނޑާލީ ޔޫނުސް އެއްޗެކޭ ބުނަން އުޅުނު ވަގުތެވެ. އޭނަ ފޯނުގެ ސްކްރީނަށް ބަލާލަމުން މާ ބޮޑު ވިސްނުމެއްނެތި ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ޝަރީފް އޭނައަށް ގޮވަމުން ގޭގެ ތެރެއަށް ވަނެވެ. އެހެނަސް ޔޫނުސް ޝަރީފަށް ފަރުވާލެއްނެތި ކޮޓަރިއަށް ގޮސް އޭނަގެ ސައިކަލުގެ ތަޅުދަނޑި ފެނޭތޯ ހޯދިއެވެ.
“ޔޫނުސް ކާކުތަ ދެންމެ ގުޅީ؟” ޝަރީފް ކޮޓަރީގެ ދޮރުމަތީގައި ހުރެ ސުވާލުކުރިއެވެ.
“އަމީން. އޭނަ ނަސްރާ ހައްޔަރުކޮށްގެން އުޅެނީ.” ޔޫނުސް އެތާ ވެއްޓިފައި އޮތް ސައިޑް ޓޭބްލް ތެދުކޮށް އޭގެ ވަތްގަނޑު ހުޅުވަމުން ބުނެލިއެވެ.
“ކޮން އަމީނެއް؟ އެ އެމް.އާރް.ޕީ ގެ؟” ޝަރީފް ރުޅިވެރިކަން ވެރިވެގެން ދިޔަ އަޑަކުން އަހާލިއެވެ.
“އާނ……..އަހަރެން ޕާޓީއާމެދު ގޯސް ވާހަކައެއް ލިޔެފިއްޔާ ނަސްރާއަށް އޭގެ އަނިޔާ ލިބޭނެއޭ އޭނަ ބުނީ.” ޔޫނުސް ކިޔަވާ މޭޒުދޮށަށް ދަމުން ބުނެލިއެވެ.
“ކީކޭ؟! މަގޭ ދަރިފުޅު! ކޮންތާކުތަ އޭނަ ނަސްރާ ބަހައްޓައިގެން އުޅެނީ؟” ޝަރީފް އެހެން ބުނެލި ވަގުތު ޔޫނުސް ކިޔަވާ މޭޒުގެ ދަށުގައި އޮތް ތަޅުދަނޑިއެއް ނަގައި ސީދާވެލައިފިއެވެ.
“ނޭނގެ. އަހަރެން މިދަނީ ހޯދަން. ބައްޕަ ޕޮލިހަށް ނުގުޅާތި. ގުޅިއްޔާ ނަސްރާއަށް މާ ރަނގަޅެއް ނުވާނެ.” ޔޫނުސް ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. ޝަރީފް ތިމަންނަ ވެސް އެބަ އަންނަމޭ ބުނެ ޔޫނުސްގެ ފަހަތުން ދިޔައެވެ.
ޔޫނުސް އޭނަގެ ސައިކަލުގައި ގެއިން ނައްޓާލިތާ މާ ގިނައިރެއްނުވެ ޝަރީފް ވެސް އޭނަގެ ޖިޕުގައި ނަސްރާ ހޯދަން ދިޔައެވެ. ޝަރީފް ގެއަށް ގޮސް އަފްރީނަށް ޚަބަރު ދިނުމުން އޭނައަށް ވަގުތުން ރޮވުނެވެ. އޭނަ ރޮވިފައިހުރެ އޭނަވެސް ދޮންތަ ބަލައި ދާނެކަމަށް ޝަރީފްގާތު ބުންޏެވެ. އެހެނަސް ޝަރީފް އެކަމަށް އިންކާރު ކުރުމުން އަފްރީނަށް ގޭގައިހުރެ ދުޢާކުރުން ނޫންކަމެއް ނުކުރެވުނެވެ.
ޔޫނުސްއާއި ޝަރީފް މުޅި އަތޮޅު ވަށައި ދުއްވަމުން އެކި ފަޅު ގެ ތަކަށް ވަންނަމުން ދިޔައެވެ. ޒަޔާން ވެސް އެހީވުމުގެ ގޮތުން ރޭގައި ކަންތައް ވީ ގޮތާއިމެދު އަވަށްޓެރިންނާއި ސުވާލުކޮށް ސާފުކުރެވޭތޯ ބެލިއެވެ. އެހެނަސް އޭގެއިން އެކަކަށް ވެސް ރޭގަ ކަމެއްވީކަމެއް އެނގޭކަމަކަށް ނުވިއެވެ. އޭނަގެ ރޭވުން ކާމިޔާބު ނުވުމުން ޒަޔާން ޔޫނުސްއަށް ޙަމްދަރުދީވިއެވެ. އަދި ޔޫނުސް ހޯދާ ހޯދުމުން ނަސްރާ ސަލާމަތްކޮށްދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ. ނަމަވެސް ޔޫނުސްއަށް ހޯދަމުން ގޮސް އަތޮޅުގެ މެދާއި ހަމައަށް ދެވުނު އިރުވެސް އޭނައަކަށް ނަސްރާ ފެންނަ ގޮތެއް ނުވިއެވެ. މެންދުރު ނަމާދަށް ބަންގި ގޮވީވެސް ޔޫނުސް ހޯދަމުން ދަނިކޮށެވެ. ކައިރިން ފެނުނު މިސްކިތެއްގައި މެންދުރު ނަމާދު ކުރުމަށްފަހު ޔޫނުސްއަށް އެތައް އިރެއްވަންދެން ރޮއިރޮއިފައި ދުޢާކުރެވުނެވެ. ނަސްރާ އޭނައަށް ފެންނާނެ ގޮތެއް ހައްދަވައިދެއްވުމަށާއި، އޭނައަށް ނަސްރާއާއި ހަމައަށް ނުދެވުނަސް ނަސްރާ ރައްކާތެރިކޮށްދެއްވުމަށް އެދިއެވެ. ދުޢާ ކުރުމަށްފަހު ޔޫނުސް އަނެއްކާވެސް ހޯދަންފެށީ އޭނަ ބަނޑުހައިވާކަން ހަނދާން ނައްތާލަމުންނެވެ. ސައިކަލުން އެކި ޞަރަޙައްދުތަކަށް ގޮސް މަޑުކޮށްލަމުން ޔޫނުސް ހިނގާފައި އެކި ގެ ތަކަށް ގޮސް ސުވާލުތައް ކުރަމުން ދިޔައެވެ. ބަޔަކު މީހުން ޒަޚަމްވެފައިވާ ކުއްޖަކު ގޮވައިގެން ދިޔަތަން ދުއްތޯ އަހައި އަހައި އެންމެން ވެސް ބޯހޫރުވަމުން ދިޔައެވެ. ދެރަވަމުން ދިޔަ ހިތަކާއެކީ ޔޫނުސް ހޮސްޕިޓަލަށްވެސް ދިޔައެވެ. އެތަނުން ވެސް ހަމަ އެއް ޖަވާބެއް ލިބުމުން އޭނަގެ ހުރިހާ ހިތްވަރެއް އެލުނުފަދައެވެ. އޭނަ ހޮސްޕިޓަލުން ނިކުމެ ސައިކަލަށް އެރި ވަގުތު އޭނަގެ ކޯތާފަތް މައްޗަށް ކަރުނައެއް ފައިބައިގެން އައެވެ. އޭނަ އޭތި އަވަސްއަވަހަށް ފޮހެލަމުން ސައިކަލު ދުއްވާލީ އޭނަ ނަސްރާ އެފަދަ ޙާލަކަށް ދޫކޮށް ބަލި ޤަބޫލުކޮށްގެން ނުވާނެކަން ހިތަށް ވިސްނައިދީގެންނެވެ.
އިރުއޮއްސެމުން ދިޔަ ވަގުތު ޔޫނުސް އޭނަގެ ގެ ކައިރިއަށް ސައިކަލު މަޑުކޮށްލީ ވަގުތަކީ މަގުގެ އަނެއްފަރާތުން އަންނަމުން ދިޔަ ޝަރީފްގެ ޖިޕްވެސް އެގޭގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތެވެ. ޝަރީފް ޖިޕުން ފައިބައި ވަގުތުން ސުވާލުކުރީ އެއްވެސް ޚަބަރެއްވިތޯއެވެ. ޔޫނުސް ސައިކަލުމަތީގައި އިނދެ މާޔޫސީ ގޮތަކަށް ބޯހޫރުވާލިއެވެ. އެއާއެކު ޝަރީފްގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
“އަހަރެންގެ ކަނބުލޮ……….ނޭނގޭ އެމީހުން ގެންދިޔައީ ކޮންތަނަކަށް ކަމެއްވެސް.” ޝަރީފް ރޮވިފައިވާ އަޑަކުން ބުނެލިއެވެ.
“އަހަރެން ހީކުރީ މި އަތޮޅުން ފެންނާނެ ކަމަށް. ރޭގަ ހިއެއްނުވޭ އެހެން އަތޮޅަކަށް ގެންދެވޭވަރުގެ ވަގުތެއް އެމީހުންނަށް ލިބޭނެހެނެއް.” ޔޫނުސް ވާހަކަ ދައްކައި ނިމުނުތަނާހެން ޝަރީފް އެއްޗެހި ގޮވިއެވެ.
“ކަލޭ ވާހަކަ ނުދައްކާ ހުރޭ! ކަލެއާއިހެދި ނަސްރާ ގެއްލުނީ. ކަލޭ އެ ނޫހެއް ނުހިންގާނަމަ މިއަދު ނަސްރާ ހުންނާނީ ސަލާމަތުން. މަށަށް ހީވަނީ ކަލެއާއި ނަވާޒް ގުޅިގެންހެން މިކަން ކުރަނީދޯ؟ ނަވާޒްއަކީ ބައްޕައެއްނު؟ ބައްޕަ އުޅޭ ގޮތަށްނޫންތަ ދަރިވެސް އުޅޭނީ.” ޝަރީފް ކުއްލިއަކަށް އައި ރުޅީގައި ދެއްކި ވާހަކަތަކުން ޔޫނުސްގެ ހިތަށް އުނދަގޫވިއެވެ. ޝަރީފް އޭނަގެ ބައްޕައާއިމެދު ވާހަކަ ދެއްކިގޮތުން ރުޅި އައި ވަގުތު ނަސްރާ ގެއްލުމުގެ ޒިންމާ އޭނަގެ ބޮލުގައި އެޅުވިގެން ދިޔުމުން ދެރަވެސްވިއެވެ. އޭނަ ނަސްރާއަށް ގެއްލުމެއްވާން އެދޭނީ ކީއްވެ ހެއްޔެވެ؟ ނަސްރާއާއި ނުލާ އޭނަގެ ޙަޔާތް ވޭތުކުރާނެ ގޮތް ޚިޔާލަށް ގެންނަންވެސް ޔޫނުސްއަށް ފަސޭހައެއްނޫނެވެ. ނަސްރާއަކީ އޭނަގެ އެހީތެރިޔާއެވެ. އޭނަގެ ގާތް އެކުވެރިޔާއެވެ. އޭނަގެ ލޯބިވެރިޔާއެވެ. އޭނަގެ އެކަނިވެރިކަން ފިލުވައިދިން ބައިވެރިޔާއެވެ. ވީއިރު ނަސްރާއަށް ލިބޭނެ ގެއްލުމެއްވާނީ އޭނައަށް ވެސް ލިބޭނެ ގެއްލުމަކަށްނޫން ހެއްޔެވެ؟ ނަސްރާގެ ހުރިހާ ހަނދާނެއް އެއްފަހަރާ ސިކުނޑިއަށް ވެރިވާން ފެށުމުން ޔޫނުސްއަށް ރޮވެން އުޅުނެވެ. ނަމަވެސް އެވަގުތު މަޣުރިބު ނަމާދަށް ބަންގި ގޮވަން ފެށުމުން ޔޫނުސް ދުރަށް ނަޒަރު ހިންގައި އޭނަގެ ނޭވާ އެތެރެއަށް ދަމާލިއެވެ. ޝަރީފް ޗޮއްކަނޑާފައި އޭނަގެ ޖިޕަށް އަރައި ޖިޕް ގެއަށް ވައްދަން ދިޔަ ވަގުތު ޔޫނުސް އޭނަގެ ސައިކަލުން ފައިބައި ސައިކަލު ގެއަށް ވައްދަން ފެށިއެވެ.
އެރޭގެ މަޣުރިބު ނަމާދަށްފަހު ގެއަށް އައިސް ޔޫނުސް ގޭގެ ތަޅުންމަތިން ސާފުކުރަމުން ދިޔައިރު އޭނަގެ ހިތް ހުއްޓުމެއްނެތި ނަސްރާ މިހާރު ކޮބައިތޯ ސުވާލުކުރަމުން ދިޔައެވެ. ހިތަށް ވެރިވެފައިވި ހިތާމައާއި ބިރުވެރިކަމުގެ އިތުރުން އެ ހިތަށް ޙައިރާންކަންވެސް ވެރިވަމުން ދިޔައެވެ. ނަސްރާއަށް މި ހުރިހާ ޒަޚަމްތަކެއް ލިބުނުއިރު ނަސްރާގެ ހަޅޭކުގެ އަޑުވެސް އެކަކަށް ވެސް ނީވުނީތޯ ޔޫނުސްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވެމުން ދިޔައެވެ. ނަމަވެސް އެ ސުވާލު މާ މުހިއްމު އެއްޗަކަށް ނުވިއެވެ. އެ ސުވާލަށް ޖަވާބު ލިބުނަސް އޭތި ނަސްރާއާއި ހަމައަށް ދިޔުމަށް އޭނައަށް އެހީއަކަށް ނުވާނެހެން ޔޫނުސްއަށް ހީވީތީވެއެވެ. ސިޓިންގް ރޫމު ސާފު ކުރުމަށްފަހު ކޮޓަރި ހަމައަކަށް އެޅުވުމުގެ ތެރޭގައި ނަސްރާގެ ހެދުންތައް ފެނިފައި ޔޫނުސްއަށް ފޮނި ޚިޔާލުތަކުގެ ފުން ކަނޑަކަށް ފޭބުނެވެ. އޭނައަށް ބިންމަތިން ނެގި ނަސްރާގެ ނޫކުލައިގެ ހަރުވާޅު ހެދުން ނަގައި ބައްދާލެވުނީ ހިތް އެކަމަށް އެދުނު ވަރުންނެވެ. އޭނަ ނަސްރާއާއި އެކީގައި ހުންނަން ބޭނުންވި މިންވަރު އިޙްޞާސް ކުރެވުމުން ޔޫނުސްއަށް އާ ހިތްވަރެއް ލިބުނެވެ. އޭނަ ޢިޝާ ނަމާދަށްފަހު އަނެއްކާވެސް ނަސްރާ ހޯދަން ދިޔައެވެ.
އެރޭގެ ވަގުތެއްގައި މިސްބާޙް އޭނަގެ ގޭގެ ގޭޓު ކައިރީގައި އުޑުގައިވާ ފުރިހަމަ ހަނދާއި ތަރިތަކަށް ބަލަން ހުއްޓެވެ. ސްކޫލުން ކެނޑުނުފަހުން ކުރާނެ މާ ބޮޑު މަސައްކަތެއް ނޯންނާތީ އޭނަ ކޮންމެ ރެއަކު ކުރާ ކަމަކީ މިއީއެވެ. ހަނދުގެ ރީތިކަމާއިމެދު ވިސްނަމުން ގޮސް އޭނައަށް އަފްރީންގެ ޚިޔާލުތަކަށް ދެވުނީ ނޭނގުމެއްގެ ތެރެއިންނެވެ. އޭނައަށް ހުރެވުނީ އަފްރީންގެ ޚިޔާލުގައިކަން އެނގުންވީ ވެސް އެ ހިމޭން މަގުން ސައިކަލެއް ދުއްވާފައި އަންނަ އަޑު އިވުމުންނެވެ. އެއާއެކު މިސްބާޙް އޭނަގެ ވިސްނުން އޭނަގެ ބާރުގެ ދަށަށް ގެނެސް ވާތް ފަރާތަށް ނަޒަރު ހިންގާލިއެވެ. އެ އަނދިރި މަގުން ސައިކަލުގެ ހެޑްލައިޓް އޭނައަށް ފެނުނެވެ. މިސްބާޙްމެންގެ ގެއާއި ކައިރިވީވީހެން އެ ސައިކަލުގެ ދުވެލި މަޑުވަމުން ދިޔައެވެ.
“ބޭބޭ!” ގޭގެ ފެންޑާއިން ނިކުމެފައިވާ އަލީގެ ތެރެއިން ޔޫނުސް ފެނުމާއެކު މިސްބާޙަށް ޙައިރާންކަމާއެކީ ގޮވާލެވުނެވެ. ޔޫނުސް އައިސް މިސްބާޙްގެ ކުރިމަތީގައި ސައިކަލު މަޑުކޮށްލިއެވެ. މިސްބާޙް އޭނަގެ ފުރިހަމަ ހިނިތުންވުން ޔޫނުސްއަށް ދައްކާލިއެވެ.
“ބޭބެގެ ޝޯ ބެލިން އަހަރެން. ވަރަށް ކޫލް. އަސްލު އެ ވާހަކަ ބުނަން ބޭބެ ކައިރިއަށް ދާންވެގެންނޭ މި ހުންނަނީ. ފަސްކުރަމުން ކުރަމުން ގޮސް ރޭގަނޑު މިވީ. ކިހިނެއްތަ ބޭބެ؟” މިސްބާޙް އުޖާލާވި މޫނަކާއެކީ ސުވާލުކުރިއެވެ. އެހެނަސް ޔޫނުސް ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިނދެފައި އިސްޖަހާލި ގޮތުން މިސްބާޙްގެ މޫނުމަތިން އެ އުޖާލާކަން ގެއްލުނެވެ. ޔޫނުސްއަށް ބަލަން ހުއްޓާ މިއަދު މެންދުރު ފުދޭވަރަކަށް ބާރު ސްޕީޑެއްގައި ޔޫނުސް ސައިކަލު ދުއްވާފައި ދިޔަ ހަނދާނެއް މިސްބާޙްގެ ސިކުނޑިއަށް ވެރިވިއެވެ.
“ބޭބޭ……ކީއްވެތަ މިއަދު ބޭބެ އެހާ ބާރަށް ސައިކަލު ދުއްވާފަ ދިޔައީ؟ މިއަދު މެންދުރު؟” މިސްބާޙް އަހާލިއެވެ.
“ބޭބެގެ ވައިފް ކިޑްނެޕްވެއްޖެ.” ޔޫނުސް މިސްބާޙަށް ބަލާލަމުން ބުނެލިއެވެ.
“ވަޓް؟! އަހަރެން ނުދެކެން ޚަބަރެއްވެސް. އެއްވެސް ނޫހަކުން ނުދެކެން. ކޮން އިރަކުތަވީ؟” މިސްބާޙް ހާސްކަން އެކުލެވިފައިވި ގޮތަކަށް އެހިއެވެ.
“މިއީ އެކަކަށްވެސް ސާފުނުވާ ޚަބަރެއް. ބޭބެއަކަށްވެސް ސާފެއްނުވޭ………..މިސްބާޙްގެ ޑޭޑް ރަށުގަ އެބައުޅޭތަ؟” ޔޫނުސް ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ.
“ނޫން ޑޭޑް ހުރީ މާލޭގަ. ކިހިނެއްވީ؟ މިއީ އަނެއްކާ……..ޑޭޑްގެ ކަމެއްދޯ؟” މިސްބާޙް ކުއްލިއަކަށް އެނގުންވީ ފަދައިން ދެލޯ ބޮޑުކޮށްލަމުން އަހާލިއެވެ. މިސްބާޙް އެހެން ބުނުމުން ޔޫނުސްގެ ހަނދާނަށް އައީ އަމީންގެ ހިނިގަނޑެވެ. އެއާއެކު އެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އޭނަ އެކަން މިސްބާޙަށް ދައްކާކަށް ބޭނުމެއްނުވިއެވެ. އޭނަގެ ފަރާތުން މި ޚަބަރު މިސްބާޙަށް ލިބުނުކަން އަމީނަށް އެނގިއްޖެނަމަ އަމީން އޭނަގެ ބިރު ޙަޤީޤަތަކަށް ހަދާފާނެކަމުގެ ބިރުހީވިއެވެ. އެހެންކަމުން ޔޫނުސް އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ސައިކަލު ދުއްވާލިއެވެ. މިސްބާޙަށް ކަންބޮޑުވުމެއްގައި ސައިކަލު ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ.
ނުނިމޭ