Hiyaa (Part 12)
“އެހީވަނީ ޔުނާގެ ފަރާތުން އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއް ލިބިގަންނާކަށް ނޫން. އެހީވެވެނީ ލޯބިވާތީ. ޔުނާ ދަތި ޙާލެއްގައި ވާތަން ދެކެން ބޭނުމެއްނުވާތީ. ޔުނާ އަހަންނާ އެކުގައި ވިޔަސް އަދި އެކުގައި ނުވިޔަސް ޔުނާ ސަލާމަތުން އުފަލުގައި ހުރުން އަހަރެންގެ އެދުމަކީ…..” ޒިހާން ވެސް އިންގޮތަށް އިނދެ ފަހަތް ބެލުމެއްނެތި ބުނެލިއެވެ. އެ ބަސްތަކުން އަނެއްކާވެސް ޔުނާގެ އިޙްސާސްތަކަށް އިންޤިލާބެއްއައެވެ.
ޒިހާންގެ ހިތުގައި އޭނައަށްޓަކައިވާ ޖަޒުބާތުތަކުގެ ފުންކަން އެވަގުތު ޔުނާއަށް އިޙްސާސްކުރެވުނެވެ. އޭނަ މިހާތަނަށް އައިއިރު ގެންގުޅުނު ހަމައެކަނި ލޯބިވެރިޔާ ކަމަށްވާ ޖިނާހު ދުވަހަކުވެސް އޭނަ ގާތު އެފަދަ ބަސްތަކެއް ބުނެފައެއް ނުވެއެވެ. މީހަކު އަނެކެއްދެކެ ވާ ލޯތްބެއްގެ ސަބަބުން ލޯބިވާ ފަރާތަށްޓަކައި އަމިއްލަ އުފާތައް ޤުރުބާން ކުރާ ވާހަކަ އޭނައަށް އިވިފައި ވަނީ ޚިޔާލީ ވާހަކަތަކުންނާއި ފިލްމުތަކުންނެވެ. އެއީ ޙަޤީޤީ ދިރިއުޅުމުގައި ވެދާނެ ކަމެއްކަމަށް ޔުނާ ދުވަހަކުވެސް ޤަބޫލެއް ނުކުރެއެވެ. އެހެނަސް ދެންމެ އެ އިވުނު ބަސްތައް އޭނަގެ އެ ނަޒަރިއްޔާތަށް ލޮޅުމެއް ގެނެސްފިއެވެ.
ޒިހާންގެ ފަހަތުން އެ ޢިމާރާތަށް ވަދެގެން ދިޔައިރު ޔުނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކަކީ އެއީއެވެ. ހިނގަމުން ދިޔައިރު ދޭތެރެދޭތެރެއިން އޭނައަށް ޒިހާނާއި ދިމާލަށް ނަޒަރުތަކެއް ދެވެމުން ދިޔައެވެ. ކާރުން ފޭބިއިރު ކުރީ ސީޓުގައި ބޭއްވިފައި އޮތް ފޯނު ނެގީއްސުރެ ޒިހާން މީހަކަށް ގުޅަން މަސައްކަތް ކުރަމުން ދިޔަތަން ޔުނާއަށް ފެންނަމުން ދިޔައެވެ. އެ މީހަކު ފޯނު ނުނަގައިގެން އެކަމާ ފިކުރު ބޮޑުވަމުން ދިޔަހެން ވެސް ހީވިއެވެ.
ޒިހާން ގޮސް ލިފްޓަށް އެރުމުން ޔުނާވެސް ފަހަތުން ގޮސް ލިފްޓް ތެރެއަށް ވަނެވެ. ޒިހާން 5 އޮތް ފިތަށް އޮބާލުމާއެކު ލިފްޓްގެ ދޮރު ލެއްޕެން ފެށުމުން ޔުނާ ފިނިވާ ގޮތްވިއެވެ. އެހެނަސް ޒިހާންގެ ސަމާލުކަން އޭރުވެސް ވީ އޭނަގެ ފޯނަށެވެ. އެކަމާމެދު ހިސާބަކަށް އޭނަގެ ހިތަށް އުދަގޫވި ގޮތުން އަމިއްލަ ނަފްސަށް ރުޅި އާދެވުނެވެ.
މީހަކަށް އޭނަ ކަމުދާތީ ވަކި އޭނައަށް އެމީހަކު ކަމުދާން ނުޖެހޭނެ ކަމަށް ހިތާހިތުން ކިޔާލެވުނެވެ. އެއީ މީހަކު ކަމުދިޔުމަށް ވަކި ހަރުދަނާ ސަބަބެއްވެސް ނޫންކަން އޭނަ ކިޔަވާފައިވާ ކިޔެވުމުން އޭނައަށް އެނގެއެވެ. ޒިހާންގެ ޝަޚްޞިއްޔަތުގައި އޭނައަށް ކަމުދާ އެހެނިހެން ސިފަތައް ހުރުން ވެސް މުހިއްމެވެ. މިހާރުވެސް ޒިހާންގެ ކިބައިން އެފަދަ ސިފަތަށް ފެނިފައިވިޔަސް އެއީ ޒިހާންގެ ޙަޤީޤީ ޝަޚްޞިއްޔަތުކަން ޔަޤީން ނުކުރެވެނީސް މި ‘ޅަ ފުރާ’ ޖަޒުބާތުތަކުގައި ޖެހިގެން ނުވާނެކަމަށް އޭނަގެ ފިކުރު ބޮޑުކުރާ ސިކުނޑި ބުންޏެވެ.
ޒިހާން މީހަކަށް ގުޅުމަށް ކުރަމުން ދިޔަ މަސައްކަތަށް ނިމުމެއް އައީ ލިފްޓުގެ ދޮރު ހުޅުވުމުން ދެމީހުންނަށް ވެސް ލިފްޓުން ނިކުމެވުނު ވަގުތު ޒިހާންގެ ފޯނު ރިންގުވާން ފެށުމުންނެވެ. އެ ފޯނުން ޚުދު އޭނަގެ ވެސް ރިންގް ޓޯން އިވުމުން އެއީ ހަމަ އޭނަ އެންމެ ފަހުން ގެންގުޅުނު ކަހަލަ ސެމްސަންގް ފޯނެއްކަން ޔުނާއަށް ފާހަގަވިއެވެ. ޒިހާންގެ އަތުގައި އޮތް އެ ފޯނަށް ނަޒަރެއް ދިން އިރު އެއީ ހަމަ އޭނަގެ ފޯނު ފަދައިން ކަޅުކުލައިގެ ފޯނެއްކަން އެނގުންވިއެވެ.
ފޯނު ރިންގުވާން ފެށިތާ މާ ގިނައިރެއްނުވެ ޒިހާން އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލަން އުޅުނެވެ. އެހެނަސް އެހެން ހެދުމެއްނެތި ފޯނު އަތުގައި ބާއްވަމުން ސްޕީކަރަށްލީ ކަންފަތާއި އޭނަގެ އިސްތަށިގަނޑުވެސް ތެމިފައިވާތީވެކަން ޔުނާއަށް އެނގުނެވެ.
“ސަލާމް ދޮންތާ! ދޮންތަގެ ފްރެންޑެއް އުޅެއެއްނު އަހަރެން އުޅޭ ބިލްޑިންގްގަ؟ ޝާނީދޯ؟ ޝާނީގެ ބޭބެއަށް ގުޅަން އުޅެއުޅެ ނުގުޅޭ. ދޮންތަ ޝާނީއަށް ގުޅާފަ ބުނެދީފާނަންތަ މިރެއަށް އޭނަގެ އެޕާޓްމެންޓްގަ ކުއްޖަކު ބެހެއްޓިދާނެހޭ؟” ޒިހާން އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ވާހަކަ ދެއްކިއިރު ޔުނާއަށް ވެސް މަޑުކޮށްލެވުނެވެ. ހަމަ އެ ވަގުތު އޭނައަށް މާ ބޮޑަށް ފިނިވާން ފެށި ވަގުތު ކިނބިހިއެއް އަޅާލެވުނެވެ. އެއާއެކު ކަރުގައި ރިއްސުމުން އެ ދިމާލުގައި އަތް އަޅާލެވުނެވެ. އޭނަ ހަމައަކަށް އެޅެމުން ކުރިއަށް ބަލާލިއިރު ޒިހާން ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. ހަމަ އެވަގުތު ފޯނުގެ އަނެއްކޮޅުން ޒިހާން ގެ ދޮންތަ ވާހަކަ ދެއްކިއެވެ.
“ޝާނީ އާ އޭނަގެ ބޭބެ ލަންކާއަށް ފުރައިގެން ގޮއްސިއޭ މިދިޔަ ހަފްތާގަ. މިހާރު އެތާނގަ އުޅޭނީ އެ ބޭބެގެ އެކުވެރިއެކޯ. ކިހިނެއްވީ؟ ކޮން ކުއްޖެއް ބަހައްޓަން؟” ޒިހާންގެ ދޮންތަ އަހާލި އަޑު އިވުނެވެ.
“އެއީ ހަމަ މިރޭ އެހީއަކަށް ބޭނުންވެފަ ހުރި ކުއްޖެއް….” ޒިހާން ބުންޏެވެ.
“ކޮން…..އޭ އޭ ތީ އަނެއްކާ ޒިހާން ހިތްކިޔާ ކުއްޖާތަ؟ ޚަބަރުން ފެނުނޭ…..”
“ޝްޝްޝް ދޮންތާ!!” ޒައިނާގެ ވާހަކަ ވަކި ހިސާބަކަށް ދިޔުމާއެކު ހަމަހޭވެރިކަމެއް ލިބުމުން ޒިހާނަށް ގޮވާލެވުނެވެ. މަންޒަރު ބަލައިގެން ހުރި ޔުނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. މޫނު ހިސާބަކަށް ރަތްވެފައިވި ޒިހާން ފަސްއެނބުރި ބަލާލިތަނާހެން އެ ހިނިތުންވުން ފިލައި އެ މޫނުމައްޗަށް ސީރިއަސްކަން ވެރިވީ ވެސް އޭނައަށް އެނގުމެއްނެތިއެވެ.
ޒިހާން ޔުނާއަށް ބަލަން ހުރެފައި އަނެއްކާވެސް އަނެއްފަރާތަށް އެނބުރިލީ ސްޕީކަރު އޮފްކޮށްލަމުންނެވެ. ޒިހާން އޭނަގެ ފޯނު ކަންފަތުގައި ޖައްސާލިތަން ފެނުމުން ޔުނާއަށް އޭނަ ދެން ބުނާނެ އެއްޗަކަށް އިންތިޒާރު ކުރެވުނެވެ.
“އާނ ދެން ތި ވާހަކަ އިހަށް ބާއްވަމާދޯ…….ދޮންތަގެ…..ދޮންތަގެ ރޫމް ދޯ؟ އެ ރޫމްގަ ހުންނާނެ ބައެއް އެއްޗެހިވެސް؟ ގްރޭޓް! ތެންކިއު ދޮންތާ…..ބޭއްވީ!” ޒިހާން އެހެން ބުނެ ފޯނު ކަންފަތުން ވަކިކޮށްލަމުން ޔުނާއާއި ދިމާލަށް އެނބުރިލިއެވެ.
“އަސްލު އުޅުނީ މި ޢިމާރާތުގަ ހުންނަ އެހެން އެޕާޓްމެންޓެއްގަ ޔުނާ ބަހައްޓަން. އެކަމަކު މިވަގުތު އެ މީހުން ނޫޅޭ އެތާނގަ. އެހެންވީމަ މި ވިސްނަނީ އަހަރެންގެ އެޕާޓްމެންޓްގަ ހުހަށް ހުރި ރޫމަކަށް ޔުނާ ގެންދަން. ޔުނާ މިކަމާމެދު ހިތްހަމަޖެހެންޏާ އެއްބަސްވާނީ އިނގޭ؟” ޒިހާން އެހެން ބުނެލި ހިނދު އޭނަގެ އަތް ފައި ފިނިވެ އޭނަގެ މެއަށް ގޮތެއްވިއެވެ. ޔުނާގާތު މިފަދަ އެދުމެއް އެދެވުނު ކަމަށްޓަކައި ވެސް ލަދުގަންނަ ގޮތްވިއެވެ. ދުވަހަކުވެސް ހިލޭ އަންހެން ކުއްޖަކާއެކީ އެއްފުރާޅެއްގެ ދަށުގައި އުޅެން އޭނަ ދަޢުވަތު ދީފައެއްނުވެއެވެ. މިރޭ މި އެޅެމުން ދަނީ ގޯސް ފިޔަވަޅެއް ކަމަށްވެސް ހިތް ބުންޏެވެ. ޚިޔާލު ބަދަލުކުރަން ސިކުނޑި ބުނި ވަގުތު ޔުނާގެ އަޑު އިވުނެވެ.
“އެންމެ ރަނގަޅު ޒިހާން.” ޔުނާއަށް އެ ބަސްތައް ބުނެލެވުނު ހިނދު އޭނަގެ ހިތަށް ވެސް ވެރިވީ ޒިހާންގެ ޚިޔާލުތަކާއި ދާދި އެއްގޮތް ޚިޔާލުތަކެވެ. ޒިހާނަށް މި އިތުބާރުކުރެވެނީ ނުރައްކާތެރި ދަރަޖައަކަށްކަން ޔުނާއަށް އެނގުންވީ އެވަގުތެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އިތުރަށް އިންކާރު ކުރަން ވެސް ބޭނުމެއްނުވިއެވެ. އަދި ބަދަލުގައި ޒިހާންގެ ފަހަތުން ގޮސް އެޕާޓްމެންޓަށްވަނެވެ.
ޔުނާގެ އެޕާޓްމެންޓްހާ ތަނަވަސް ނޫނަސް އެއީ ވެސް ވަކި ކުޑަ ތަނެއް ނޫނެވެ. އެއްފަރާތުން ސިޓިންގް ރޫމެއް ފެންނަމުން ދިޔައިރު ކުރިމަތިން ފެންނަމުން ދިޔައީ ކޮޓަރި ބަރިއަކާއި ހަމައަށް ދެވޭ މަގެކެވެ. އެ މަގުގެ އެންމެ އެކޮޅުން ފެންނަމުން ދިޔައީ ބެލްކަންޏެކެވެ.
ޒިހާން ޔުނާ ގޮވައިގެން ކޮޓަރި ބަރީގެ ވަކި ހިސާބަކަށް ގޮސް މަޑުކޮށްލުމަށް އެންގިއެވެ. އެއަށްފަހު ކޮޓަރި ބަރީގެ އެންމެ އެކޮޅުގައި ހުރި ކޮޓަރިއަށް ވަދެފައި އަނބުރާ އަންނަން ފެށީ ތަޅުދަނޑިއަކާއި އެކީގައެވެ.
“މިއީ ޔުނާ މިރޭ ހުންނާނެ ކޮޓަރި. މި ކޮޓަރި ޢާއްމުކޮށް ބޭނުންކޮށް ހަދާނީ ދޮންތަ. ދޮންތަ މާލެއަށް އަންނަ ދުވަސްދުވަހު. އެންމެ ފަހުން ދޮންތަ މާލެއަށް އައި ފަހަރު އަނބުރާ ދިޔައީ ބައެއް ހެދުންތަކާ އެހެނިހެން އެއްޗެހިވެސް ބަހައްޓާފަ. ދޮންތަ ބުނީ އެތާނގަ ހުރި ހުރިހާ އެއްޗެއް ޔުނާއަށް ބޭނުންކުރެވޭނެއޭ.” ޒިހާން ކިޔައިދިނެވެ.
“ތެންކިއު….” ޔުނާއަށް އެ ބަސް ބުނެލެވުނީ ހިތުގެ އެންމެ ފުން މިނުން ޒިހާނަށާއި އޭނަގެ ދޮންތައަށް ވެސް އަމާޒުވާ ގޮތަށެވެ.
“މިއޮތީ ކޮޓަރީގެ ތަޅުދަނޑި. މީތި ޔުނާ އަތުގަ ބާއްވާ……ހެދުން ބަދަލުކޮށްލައިގެން އަދި ބޭރަށް އައިސް އެތަނުން އެ ފެންނަ ކާގެއަށް ވަންނައްޗޭ. ކޮންމެވެސް އެއްޗެއް ކާލަންވާނެދޯ ނިދުމުގެ ކުރިން؟” ޒިހާން ބުނެލިއެވެ. އެވަގުތު ކެއުމުގެ ވާހަކަ ދެއްކުމުން ވެސް މޭނުބައި ކުރިއެއްކަމަކު ޔުނާ އެ ވާހަކައަށް ބޯޖަހާލިއެވެ. އެއާއެކު ޒިހާން ތުންފިއްތާލަމުން އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ.
ޒިހާން އަނބުރާ ގޮސް އޭނަ އޭރުން ވަން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން ޔުނާއަށް ފުން ނޭވައެއް ދޫކޮށްލެވުނީ، ޒިހާންގެ ޝަޚްޞިއްޔަތާއިމެދު އާޝޯޚުވެފައިވާ ޙާލުގައެވެ. އޭނައަށް ދުވަހަކުވެސް އެފަދަ ޝަޚްޞިއްޔަތެއްގެ ވެރިއަކު ޙަޤީޤީ ދިރިއުޅުމުގައި ފެނިފައި ނުވެއެވެ.
ޚިޔާލުތަކުގައި ހުރެހުރެފައި ޔުނާ އޭނައަށް ދައްކާލެވުނު ކޮޓަރިއަށް ވަނެވެ.
**
ޒިހާން އޭނަގެ ކޮޓަރިއަށްވަދެ ހެދުން ބަދަލުކުރަމުން ދިޔަ ވަގުތުވެސް އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެތައް އަހަރުތަކެއް ވަންދެން އެ ހިތް އެއަށްޓަކައި ބޭޤަރާރުވެފައިވި އުއްމީދެއް ފުރިހަމަވީ ކަހަލަ އިޙްސާސެއް އެ ހިތަށް ކުރެވެމުން ދިޔައީތީވެއެވެ. އެހެނަސް އެ އުއްމީދުވަނީ ފުރިހަމަވެފައި ހެއްޔެވެ؟ ޒިހާނަށް އަމިއްލަ ޒަމީރާއި ސުވާލު ކޮށްލެވުނެވެ. ޔުނާ އޭނައާއި އެއްފުރާޅެއްގެ ދަށަށް އަޔަސް އޭނައަކީ އިއްޔެއެކޭ މިއަދު ވެސް ޔުނާއަށް ބީރައްޓެއްސެކެވެ. މިއަދުވެސް އެ ދެމެދުގައި ވަނީ ބޯމިން ނޭނގޭ ފާރެކެވެ.
އަދި އަމުދުން މިރޭ ކާރު ތެރޭގައި ޔުނާ އޭނައަށް އިއްވާލި ބަސްތަކުން އޭނަގެ ހުވަފެންތައް ވިއްސިވިހާލި ވާން ފަށާފައިވިއެވެ. އެ ބަސްތަކުން ޔުނާ އޭނަ ބޭނުންނުވަނީތާއޭ ހިތް ބުންޏެވެ. އަމިއްލަ އަމިއްލައަށް ނިންމާލެވުނު އެ ނިންމުމާއެކީ މޭގައި ރިހުމެއް އުފެދުނެވެ. އެ ހިނދުކޮޅުއްސުރެ ހިތުގެ ކޮންމެ ތެޅުމަކާއެކީ އެ ރިހުން ވެސް އޭނައަށް އިޙްސާސް ކުރެވެމުން ދިޔައެވެ.
ފޯނު ސްޕީކަރަށް ލެވިފައި ވަނިކޮށް ދޮންތަ އޭނަގެ ‘ހިތްކިޔާ ކުއްޖާ’އޭ ބުނުމުން ގަތް ލަދާއެކީ ޒިހާނަށް ޔުނާއާއި ދިމާލަށް ބަލާލެވުނީ ޔުނާގެ މޫނުމަތިން ކުޑަވެސް ޢިޝާރާތެއް ފެނޭތޯއެވެ. އެހެނަސް އެ މޫނުން ފާޅުވަމުން ދިޔަ ސީރިއަސްކަމުން ޒިހާނަށް ހީވީ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލެވުނު ހެންނެވެ. ސަމާސާއެއް ކުރެވޭ ވަރަށްވުރެ ވެސް ޔުނާ އޭނައާއި ދުރީތާއޭ ޒިހާނަށް ހިތާހިތުން ކިޔާލެވުނެވެ.
ކަޅުކުލައިގެ ކަކުލާއި ހަމައަށް އޮތް ސޯޓެއް ލައިގެން ހުރެ ހުދުކުލައިގެ ޓީޝާޓެއް ބޮލުން ވައްޓާލި ވަގުތުވެސް އޭނަގެ ލޯމަތިން ވަރުބަލިކަމެއް ފެންނަމުން ދިޔަ މައިގަނޑު ސަބަބަކީ އެއީއެވެ. އެ ލޮލުން ކަރުނަތައް ހިލެމުން ދިޔަކަން ވެސް ކައިރިން ބަލާލި މީހަކަށް ފާހަގަވާނެއެވެ.
އޭނަގެ ލޯބީގެ ސިލްސިލާ އަޑުއަހައިފި މީހަކު އޭނަ މި ވާ ލޯތްބަށް ތަޢުރީފު ކުރާނެތާއެވެ. ލޯބިވާ ކުއްޖާ ލޯބި ނުވާ ޙާލުގައިވެސް އެކުއްޖާއަށްޓަކައި ޤުރުބާންވާން ތައްޔާރަށް ހުންނަ ވާހަކައަށް ޖޯޝާއެކީ އަލި އަޅުވާނެތާއެވެ.
އެހެނަސް ބަލާ މީހަކަށް ނޭނގެނީ އެފަދަ ޙާލަތެއްގައި އޭނައަށް ހުރެވޭއިރު އޭނައަށް ކުރެވެމުންދާ އިޙްސާސްތަކެވެ. އޭނަގެ ހިތުގައި އަޅަމުން ދިޔަ ވޭނެވެ. ބޭރުފުށުން އެކަކަށް ނުފެނުނަސް އޭނައަށް ވެސް ތަދުވެއެވެ. ދުވަސްވީ ލޯބި ނުލިބޭނެހެން ހީވާ ހީވުމުން އޭނަ ވަރުބަލިވެއެވެ. މުސްތަޤްބަލުގައި އޭނަގެ ހިތުގެވެރިޔާ ނުފެންނަ ޙާލުގައި ޚަބަރެއްވެސް ނުލިބިދާނެކަމުގެ ނުތަނަވަސްކަމުން ހިތްވަށާލައެވެ.
އެވަގުތު އޭނަގެ ހިތް ޙިޞާރުވެފައިވީ އެފަދަ ޖަޒުބާތުތަކުންނެވެ. އޭނަ ޖެހޭނީ ޔުނާ މަތިން ހަނދާން ނައްތާލަން ކަމަށް އޭނަގެ ޒަމީރު ބުނަމުން ދިޔައެވެ. އެ ޚިޔާލުން ވެސް އޭނަ ހިތް ދަތިވެ ލޮލުން ދިލަ ނެގިއެއްކަމަކު ޒިހާން އެއީ ނުވާ ކަންތަކަށް ހެދިއެވެ. އެއަށްފަހު ރީތިވާ މޭޒުގައި އަތް ވިއްދައިގެން ހުރެ މޫނުބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން އޭނައަށް ހުރެވުނީ ޙަޤީޤަތާއި ކުރިމަތިލާން އަމިއްލަ ނަފްސުގާތު ބުނަން އުޅޭ ފަދައަކުންނެވެ.
އޭނަ ޒަމާންތަކެއް ވަންދެން ހިތުތެރޭގައި ރައްކާކުރި އިޙްސާސްތައް މިފަދަ ގޮތަކަށް ހަނދާން ނައްތާލަން ޖެހިދާނެކަމަށް ޒިހާން ހިއެއް ނުކުރެއެވެ. އެހެނަސް ތަޤްދީރުގައި ލިޔެވިފައިވީ މިހެންތާއެވެ. އެ ޚިޔާލުން ތަޤްދީރާއި މެދުވެސް އޭނަގެ ހިތުގައި ޝަކުވާ އުފެދުނެއްކަމަކު އޭނަގެ ހިތް ވަގުތުން ﷲ މަތިން ހަނދާންކުރިއެވެ.
އޭނައާއި ޔުނާގެ ވެސް ތަޤްދީރު ލިޔުއްވާފައިވަނީ ދެމީހުންނަށް ވެސް އެންމެ ރަނގަޅުވާނެ ގޮތް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ އެކަލާނގެ އަޅުތަކުންދެކެ ލޯބިވެވޮޑިގެންވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
އެހެންކަމުން އެކަލާނގެއަށްޓަކައި އޭނަގެ ހިތުގައި ޝަކުވާތަކެއް އޮވެގެން ނުވާނެތާއެވެ. އޭނައަށް ނޭނގުނަސް ޚުދު މި ވަގުތުކޮޅަކީ ވެސް ރަޙްމަތެއް ކަމުގައި ވެދާނެތާއެވެ.
ހިތަށް ވެރިވި އެ ޚިޔާލުތަކާއެކީ ޒިހާން ކޮޓަރިން ނިކުމެގެން ދިޔައީ ފުން ނޭވައެއް ދޫކޮށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުންނެވެ. އަދި ކާގެއާއި ދިމާލަށް މިޞްރާބުޖެހީ އޭނަ ޔުނާއަށްޓަކައި ކަމެއް ކޮށްދިނަސް ކޮށްދޭނީ ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމުގެ އުއްމީދުގައި ކަމަށް ނިންމަމުންނެވެ.
**
ހެދުން ބަދަލުކުރުމަށްފަހު މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ކުރުތާއަކާއި ހަރުވާޅަކާއެކީ ޔުނާ ބޮލުގައި އެޅީ އާދައިގެ ކަޅުކުލައިގެ ބުރުގާއެކެވެ. ރީތިވާ މޭޒުގެ މޫނުބަލާ ލޯގަނޑު އަމިއްލަ ސޫރައަށް ބަލަން ހުރެ ޔުނާ އޭނަގެ ދެކޮނޑުމަތިން ބުރުގާގެ ވެއްޓިފައި އޮތް ބައި އަރުވާލިއެވެ. އެއަށްފަހު ބުރުގާގެ ދެކަންގަނޑު އެއްކުރަމުން ގޮށެއް ޖަހަން ފެށިއެވެ.
ޒިހާން ފަދައިން ކޮޓަރި ތެރޭގައި އެކަނިވެގެން ދިޔުމާއެކު ޔުނާގެ ސިކުނޑިވެސް އެތައް ޚިޔާލަކުން ފުރިގެންވިއެވެ. އެ ޚިޔާލުތައް ވަނީ މިރޭ އޭނައަށް ފެނުނު އަލިފާނުގެ ޙާދިސާގެ މަންޒަރުތަކާއި ޒިހާންގެ ސޫރައާއި އެއްވެފައެވެ.
ކުރީ ކޮޅު ޔުނާއަށް މުޅިންހެން ވިސްނެން ފެށީ އެ ޙާދިސާއާއި މެދުގައެވެ. އެ ހުޅުގަނޑު ރޯކުރީ ކާކުތޯ ހާސްފަހަރު ޔުނާގެ ހިތް ސުވާލުކުރިއެވެ. އެ ސުވާލާއިމެދު ވިސްނެމުން ދިޔަ ވަރަކަށް އޭނަގެ ސިކުނޑި ހާސްވެ ނޭވާވެސް ކުރުވާން އުޅޭހެން ހީވާ ހިސާބަށް ދިޔުމުން، ޔުނާ ފުން ނޭވާތަކެއް ލައި އެ ޚިޔާލުން ދުރުވެވޭތޯ މަސައްކަތްކުރިއެވެ. ނުކޮށްފިނަމަ އޭނަގެ ޙާލަތު ގޯސްވާނެކަން ދަނެގެންނެވެ. ޒިހާންގެ ޚިޔާލުތަކުގެ ތެރެއަށް މުޅިން ގެނބިގެން ދިޔައީ އެ ޙާލަތަށް ނުދިޔުމަށް ކުރެވުނު މަސައްކަތުގެ ސަބަބުންނެވެ.
ކޮޓަރީގެ އަލަމާރި ހުޅުވުމާއެކު ހެދުންތައް ފެނިފައި މިއީ ޒިހާންގެ ދޮންތަގެ ހެދުންތޯ ހިތަށްއެރިއެވެ. އެއާއެކު ސުވާލުތަކެއްގެ ސިލްސިލާއެއް އޭނަގެ ސިކުނޑީގައި އުފެދެން ފެށިއެވެ. ޒިހާންގެ ޢާއިލާގައި ތިބޭނީ ކިތައް މީހުން ހެއްޔެވެ؟ ދޮންތައާއެކީ ބޭބެއަކާއި ކޮއްކޮއެއް ވެސް ހުންނާނެ ހެއްޔެވެ؟ ޒިހާން އުޅެމުން ދާނީ ލޯބިވާ މަންމައަކާއި ބައްޕައާވެސް އެކީގައި ހެއްޔެވެ؟ ޒިހާންގެ ދޮންތައާއި ޒިހާނާއި ދެމެދު އޮންނަނީ ގާތް ގުޅުމެއްތާއެވެ. އިވުނު ބަސްތަކުން އޭނަގެ ވާހަކަ ޒިހާންގެ ކަންފަތަށް ފޯރައިފިކަން ވެސް މިހާރު ޔުނާއަށް ޔަޤީންވެއްޖެއެވެ.
ޒިހާނަށް އޭނަ ހަމަ އެހާވެސް ޚާއްޞަވީތޯ ޔުނާގެ ހިތަށްއެރިއެވެ. އޭނައާއި ވާހަކަ ދެއްކުމެއްވެސް ނެތި އޭނަދެކެ ލޯބިވާން ޒިހާނަށް އޭނަގެ ކިބައިން ފެނުނީ ފަހެ ކޮންކަމެއް ހެއްޔެވެ؟ އޭނަ ހުރީ ޒިހާންގެ އެދުން އިންކާރު ކުރަން ނިންމައިގެން ކަމަށްވިޔަސް ނޭނގޭ ސަބަބަކާހުރެ ދެމީހުން ގުޅުނު ދުވަހަކުން އެ ސުވާލު ކުރާނީއޭ ޔުނާގެ ހިތް ބުންޏެވެ. ހަމަ އެއާއެކު އެވަގުތު އޭނަގެ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރާކަން އެނގި އޭނަ ވަރުބަލިވެފައިވި މިންވަރު ވެސް އިޙްސާސް ކުރެވުނެވެ. ނިދާލަން ހިތަށްއެރިއެއްކަމަކު ޒިހާން ބުނި ވާހަކައެއްގެ މަތިން ހަނދާންކުރަމުން އޭނައަށް ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ.
ސިކުންތުކޮޅެއް ވަންދެން ވިސްނުމަށްފަހު ޔުނާ އެންމެ ފަހުން ބޭރަށް ދާން ނިންމިއެވެ. ކާން ބޭނުންވުމަށްވުރެ ޒިހާން އޭނައަށްޓަކައި ތައްޔާރުކޮށްފައިވި އެއްޗެއް ދެކިލުމުގެ ބޭނުމުގައެވެ. އެހެންނޫނީ ޒިހާން ދެކިލުމުގެ ބޭނުމުގައެވެ.
ދޮރާއި ހަމައަށް ދެވުނު ވަގުތު ސިކުނޑިއަށް ވެރިވި އެ ޚިޔާލުން ޔުނާއަށް ދެލޯ މަރައި ތަގުޅިކޮށްލަމުން އޭނަގެ ބޮލުގެ އެއްފަރާތުގައި އެއްއަތުން ޖަހާލެވުނެވެ. މާ ލަސްނުވަނީސް އޭނަގެ މި ޚިޔާލުތައް ކޮންޓްރޯލްކުރަން ޖެހޭ ކަމަށް އަމިއްލަ ނަފްސުގާތު ބުނަމުން ޔުނާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
ކޮޓަރިން ނިކުމެވުމާއެކު ޔުނާއަށް ބަލާލެވުނީ ކޮޓަރި ބަރީގެ އެންމެ އެފަރާތުން ފެންނަމުން ދިޔަ ބެލްކަންޏާއި ދިމާލަށެވެ. ބެލްކަންޏަށް ނިކުމެވޭ ބިއްލޫރި ދޮރު އެއްފަރާތަކަށް ކަހާލެވިފައިވީއިރު ވަޔާއެކީ ހުދުކުލައިގެ ދޮރުފޮތި ވިހުރެމުން ދިޔައެވެ. ކާގެއަށްފަހު އެތަނަށް ދާން ނިންމަމުން ޔުނާ ގޮސް ވަނީ އޭރު ޒިހާން އޭނައަށް ދެއްކި ކޮޓަރިއަށެވެ.
އެއީ 4 މީހުންނަށް އިށީނދެވޭ ވަށްކޮށް ހުރި ވަކަރު ކާމޭޒެއް އެއްފަރާތުގައި ބެހެއްޓިފައިވި ބަދިގެއެކެވެ. ޔުނާ އުއްމީދުކޮށްގެން ހުރީ އޭނައަށް އެތަނުން ޒިހާން ފެނުމަށެވެ. އެހެނަސް އެތަނަށް ވަންއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެކަމާމެދު ހިސާބަކަށް މާޔޫސްވެ ޙައިރާންވެސްވިއެވެ. ޒިހާން އޭނައާއިމެދު ފަރުވާކުޑަ ކުރީތޯ ހިތަށްއެރި ވަގުތު ހިތް ގެނބިގެން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ކާ މޭޒަށް ނަޒަރެއް ދެވުނެވެ.
އެ މޭޒުމަތީގައި މަތި އެޅިފައިވި ކާ ތަށްޓަކާއި ކޮފީ މަގަކާއެކީ ފެން ތަށްޓަކާއި ބޭސް ކާޑެއްވެސް ބޭއްވިފައިވިއެވެ. އެހުރިހާ އެއްޗެއް ނުހަނު ރީއްޗަށް އެތުރިފައިވި ތަން ފެނިފައި ޔުނާއަށް ހިނިތުންވެލެވުނެވެ. ޒިހާން ނެތަސް ޒިހާން ހުރިކަމުގެ އިޙްސާސްކުރުވަން އޭނައަށް އެނގޭތާއޭ ޔުނާގެ ހިތަށްއެރިއެވެ.
ޔުނާ ލަސް ހިނގުމެއްގައި ގޮސް ކާ މޭޒުދޮށުގައި އިށީނދެ ހުރިހާ އެއްޗަކަށް ނަޒަރެއް ދިނެވެ. އަދި އެންމެ ކައިރިން ފެންނަމުން ދިޔަ ކާތަށި މަތީގައި އެޅިފައިވި މަތި ނަގާލީ ވަކި އޭގައި ހުންނާނީ ބަތް ނޫނީ ރޮށިކަމަށް ނިންމަމުންނެވެ. އޭނަ ހުރީ އެފަދަ ބޮޑު އެއްޗެއް ކެވޭ ކަހަލަ ޙާލަތެއްގައެއް ނޫނެވެ.
އެހެނަސް މަތި ހިއްލާލުމާއެކު ތަށީގައި އޮތް ކުޑަ ސޭންޑްވިޗެއް ފެނިފައި ޔުނާ ހުއްޓުން އަރާ ގޮތްވިއެވެ. އޭނަ ޢާއްމު ގޮތެއްގައި މިހާ ދަންވާފަހުން އެއްޗެއް ކެޔަސް ކާނީ މިފަދަ ކުޑަ އެއްޗެކެވެ. ޒިހާނަށް ހަމަ ޙަޤީޤަތުގައި ވެސް އޭނަ ވަރަށް ރަނގަޅަށް އެނގެނީތާއޭ ހިތަށްއެރިއެވެ. އެކަމާމެދު ވެސް ޒިހާނާއި ސުވާލުކުރަން ނިންމަމުން ޔުނާ އެ ސޭންޑްވިޗް ނަގައި ކާންފެށީ ކުއްލިއަކަށް ކާ ހިތްވެސް ވުމުންނެވެ. ކަމުން ދިޔަ ވަރަކަށް ޒިހާން ސޭންޑްވިޗް ހަދަން ވެސް ވަކި ދެރައެއް ނޫނޭ ހިތަށްއެރިއެވެ.
ނުހަނު އުފަލާއެކީ ސޭންޑްވިޗާއެކީ ކޮފީ މަގުވެސް ހުސްކޮށްލަމުން ޔުނާ ބޭސް ކެއެވެ. ބޭސް ކެއި ވަގުތުވެސް އޭނަ އެހާރުއްސުރެ ރަނގަޅުވާން ފެށިހެން ހީވި ވަގުތު ޔުނާގެ ޙަރަކާތްތައް ލަސްވިއެވެ. ޒިހާން އޭނައަށްޓަކައި ހަމައެކަނި މިރޭ ވެސް ކޮށްދިންހާ ކަންތައް ހިތަށް ގެނެވުމުންނެވެ. އަދި އޭގެ ބަދަލުގައި އޭނައަށް ޒިހާނަށްޓަކައި އެއްވެސް ކަމެއް ކޮށްނުދެވޭކަން އެނގުންވުމާއި އެކީގައިވެސްމެއެވެ. ހަމަ އެއާއެކު އޭނައަށް ޒިހާނަށްޓަކައި ކޮށްދެވޭނެ ކަމަކާއިމެދު ޔުނާއަށް ވިސްނެން ފެށިއެވެ. ޒިހާންގެ އެ އެދުން ޤަބޫލުނުކުރިޔަސް ޒިހާންގެ އިޙްސާންތެރިކަމުގެ ބަދަލު އޭނަ ދޭންޖެހޭނެކަމަށް ޔުނާގެ ޒަމީރު ބުންޏެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލާއެކީ ޔުނާ ކާމޭޒުދޮށުން ތެދުވެ ކާގެއިން ނިކުތީ ހަމަ އެވަގުތުން ވަގުތަށް ވެސް އޭނައަށް ކޮށްދެވިދާނެކަމަކާމެދު ޒިހާނާއި ސުވާލުކޮށް އެކަމެއް ކޮށްދޭށެވެ. ކާގެއިން ނިކުމެވުމާއެކު ކޮޓަރި ބަރީގެ އެންމެ އެފަރާތަށް ނަޒަރު ހުއްޓެވުމާއެކު އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައި އޭނައަށް ފަސްދީގެން ހުރި ޒިހާން ފެނުމުންނެވެ.
ސިކުންތުކޮޅެއް ވަންދެން ޒިހާނަށް ބަލަން ހުރެހުރެފައި ޔުނާއަށް އެ ދިމާލަށް ހިނގައިގަނެވުނީ އޭނަ އެ ދިމާލަށް ދަނީ ކީއްވެކަމާމެދު ޔަޤީންކުރަން ނުކުޅެދިފައިވާ ޙާލުގައެވެ. އޭނަ ދަނީ ޒިހާން ކައިރިން އޭނަ ބޭނުންވި ކަމާމެދު ސުވާލުކުރަން ކަމެއް ނޫނީ ޒިހާންގެ ކައިރީގައި ހުރުމުގެ އެދުމުގައި ކަމެއް ޔަޤީނެއް ނުކުރެވުނެވެ.
ޔުނާ އެންމެ ފަހުން ގޮސް ބެލްކަންޏަށް ނިކުމެ މާ ދުރަށް ނުގޮސް ބިއްލޫރި ދޮރު ހުރި ފަރާތް ނޫން ދެން ހުރި ފަރާތުގެ ފާރު ކައިރީގައި މަޑުކޮށްލީ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުންނެވެ. ޖެހެމުން ދިޔަ ވައިރޯޅިއާއެކީ އޭނަ ހީކަރުވަން ވެސް ފެށުމާއި އެކީގައެވެ.
ޢާއްމު ގޮތެއްގައި އޭނަ ހީކަރުވާނަމަ އޭނައަށް އެހެންކަމަކާމެދު ވިސްނަން ދަތިވެއެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ފަހަތުން ވިޔަސް ޒިހާނަށް ބަލަހައްޓައިގެން ހުރުމުގައި އޭނަގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޒިހާން ލައިގެން ހުރި އަތްކުރު ޓީޝާޓުގެ ބޮޑުބައި އޭނަގެ ގަޔަށް ހިފިފައިވި ގޮތުންނާއި ޖެހެމުން ދިޔަ ވައިރޯޅިއާއެކީ ޒިހާންގެ ކުރު އިސްތަށިތައް ވިހުރެމުން ދިޔަ މަންޒަރު ޔުނާއަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަން ހުރެވުނެވެ. އޭނަ އެހެން ހުރިކަން ޒިހާނަށް އެނގިއްޖެނަމަ ޒިހާން އުފާވާނެތޯ ހިތަށްއެރިއެވެ. އުފާވިޔަސް އުފާނުވިޔަސް އެކަން ޒިހާނަށް އެނގޭކަށް ޔުނާ ބޭނުމެއްނުވެއެވެ. އެއީ ޒިހާން ދެރަވެދާނެތީވެކަމެއް އެހެން ނޫނީ ޒިހާން އޭނައާއިމެދު ދެކެފާނެ ގޮތަކާއިމެދު ލަދުވެތިވީމަކަމެއް ޔުނާއަށް ޔަޤީނެއް ނުކުރެވެއެވެ. މިރޭ އޭނަގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ޔަޤީން ނޫން ޚިޔާލުތައް ގިނަކަން އޭނައަށް ފާހަގަވީ އެވަގުތެވެ. އެއާއެކު އޭނަގެ އިޙްސާސްތައް މިދަނީ އޭނަ ބޭނުންނުވާ މިޞްރާބަކަށް ކަން ވެސް އެނގުންވިއެވެ.
އެވަގުތަކީ ޖެހެން ފެށި ބާރު ވައިރޯޅިއާއެކީ ލޮލަށް އުދަގޫވުމުން ޒިހާން އޭނައާއި ދިމާލަށް ފަސްއެނބުރެން ފެށި ވަގުތެވެ. އެ ހިނދު ހިތަށްވެރިވި ހާސްކަމާއެކީ ޔުނާ ފަޔަށް ލެވުނުހާ ބާރަކަށް އަނެއްފަރާތަށް އެނބުރި ހިނގައިގަންނަން އުޅުނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް އޭނަގެ ބޯ ނުހަނު ބާރަށް ގޮސް އެތާހުރި ފާރުގައި ޖެހުމުން ޔުނާއަށް ވޭނީ އާހެއްގެ އަޑު ލައްވާލެވުނެވެ.
ނުނިމޭ