Hiyaa (Part 13)
އެވަގުތަކީ ޖެހެން ފެށި ބާރު ވައިރޯޅިއާއެކީ ލޮލަށް އުދަގޫވުމުން ޒިހާން އޭނައާއި ދިމާލަށް ފަސްއެނބުރެން ފެށި ވަގުތެވެ. އެ ހިނދު ހިތަށްވެރިވި ހާސްކަމާއެކީ ޔުނާ ފަޔަށް ލެވުނުހާ ބާރަކަށް އަނެއްފަރާތަށް އެނބުރި ހިނގައިގަންނަން އުޅުނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް އޭނަގެ ބޯ ނުހަނު ބާރަށް ގޮސް އެތާހުރި ފާރުގައި ޖެހުމުން ޔުނާއަށް ވޭނީ އާހެއްގެ އަޑު ލައްވާލެވުނެވެ.
ޔުނާގެ ބޯ ފާރުގައި ޖެހުނު އަޑާއެކީ ޔުނާ ބޮލުގައި އެއްއަތް އަޅާލި ގޮތުން ޒިހާން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ޔުނާއާއި ދިމާލަށް ހިނގައިގަނެވުނީ ޔުނާ އެތާނގައި ހުންނަންޖެހޭ ސަބަބަކާއިމެދު ވިސްނާލުމެއްވެސް ނެތިއެވެ.
“އެއީ ކިހިނެއް އެވީ؟ ދައްކަބަލަ ބަލާލަން…..ތަދުވޭތަ؟” ޒިހާން އެ ދިޔަ ގޮތަށް ގޮސް ޔުނާގެ ދެކޮނޑުގައި ހިފައި އޭނައާއި ވީ ފަރާތަށް އަނބުރައިލިއެވެ. އެއަށްފަހު އެއްއަތް ހިއްލާލަމުން އެއަތުގެ ބޮޑުވާ އިނގިލިން ޔުނާގެ ނިއްކުރީގެ އެއްފަރާތުގައި ދުޅަވާން ފަށާފައިވި ތަނުގައި ފިރުމާލިއެވެ.
އެ އިޙްސާސް ކުރެވިގެން ދިޔަ ޔުނާ ހިނދުކޮޅަކަށް ނަމަވެސް އޭނަގެ ބޮލަށް ވަމުން ދިޔަ ތަދުގެ މަތިން ހަނދާން ނެތޭ ގޮތްވިއެވެ. އިސްއުފުލާލަމުން ޒިހާނަށް ނަޒަރު ހުއްޓާލި ވަގުތު އެ މޫނުމަތިން އޭނައަށްޓަކައި ފެނުނު ކަންބޮޑުވުމުން ޔުނާއަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބުނެވެ.
އެ ވަގުތުކޮޅަކީ ޒިހާނަށް ވެސް ޔުނާއަށް ބަލައިލެވުނު ވަގުތެވެ. ސިކުންތުކޮޅެއް ވަންދެން ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންގެ ވެސް މެއަށް ފިނިވެގެން ދިޔައެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ހަމަހޭވެރިކަމެއް ލިބުނު ޒިހާން ކުއްލި ގޮތަކަށް އޭނަގެ އަތް ޔުނާގެ ބޮލުން ދުރުކޮށްލަމުން ޔުނާގެ ކޮނޑުން ވެސް ދޫކޮށްލިއެވެ.
“ސް….ސޮރީ…” ޒިހާނަށް ބުނެލެވުނެވެ. އެއަށްފަހު އިރުކޮޅަކަށް ވެސް މަޑުކުރުމެއްނެތި އެތެރެއަށް ދާން ހިނގައިގަތުމުން ޔުނާ ހިސާބަކަށް ދެރަވާ ގޮތްވިއެވެ. އެއީ ޒިހާން ދެރަވީމަކަމެއް ނޫނީ ޒިހާން އޭނައާއި އަޅާނުލާ ދުރަށް ދިޔަމަކަމެއް ޔުނާއަށް ނޭނގުނެވެ.
ޒިހާން އޭނަ ބަލަބަލާ ހުއްޓާ ގޮސް ބަދިގެއަށް ވަން މަންޒަރު ފެނުމުން ޒިހާން ދިޔައީ ކާންކަމަށް ޔުނާއަށް ހީކުރެވުނެވެ. އޭނައަށް ދެން މިރޭ ޒިހާން ނުފެންނާނެކަމަށް ހީކުރަމުން ޔުނާވެސް އެތެރެއަށް ވަންތާ މާ ގިނައިރެއް ނުވެ ޒިހާން ބަދިގެއިން ނިކުންނަމުން އައި މަންޒަރު ފެނުނެވެ. އޭރު އޭނަގެ އަތުގައި އައިސް ޕެކެއް އޮތެވެ.
“މީތި އަޅައްޗޭ ދުޅަވެފަ ހުރި ތަނުގަ. ތަދު ކެނޑެންދެން އަޅާތި.” ޒިހާން އޭނައާއި ހަމަކުރަމުން އޭނަގެ އަތަށް އައިސް ޕެކް ދިއްކުރަމުން ބުނެލިއެވެ. ޒިހާން ކިތަންމެ މަސައްކަތް ކުރިއެއްކަމަކު އެ މޫނުމަތިންނާއި އޭނަގެ އަޑުން ޔުނާއަށްޓަކައި އޭނަގެ ހިތުގައިވި ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ. އެކަން އެނގުނު ޔުނާއަށް ޒިހާންގެ ހިތުގައި އޭނައަށްޓަކައިވާ އިޙްސާސްތަކާމެދު އަޖާއިބުވެފައިވާ ޙާލުގައި ޒިހާނަށް ބަލަހައްޓައިގެން ހުރެވުނެވެ.
ޒިހާން ދެންވެސް ޔުނާ ބަލަބަލާ ހުއްޓާ ދެވަނަ ފަހަރަށް އޭނައަށް ފަސްދިނެވެ. މިފަހަރު ޒިހާން ވަނީ އެމީހުން ތިބި ހިސާބުން ކަނާތް ފަރާތުގައި ހުރި ޒިހާންގެ ކޮޓަރިއަށެވެ. ޒިހާން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން ޔުނާއަށް ސިކުންތުކޮޅެއް ވަންދެން އެދޮރަށް ބަލަން ހުރެފައި އޭނަގެ އަތުގައި އޮތް އައިސް ޕެކަށް ބަލައިލެވުނެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އޭނައަށް ލިބުނު ކޮޓަރިއަށް ދާން ހިނގައިގަތެވެ.
**
އޭގެ އަނެއްދުވަހު ޔުނާއަށް ހޭލެވުނީ ވަކި އެލާމަކާއި ނުލައެވެ. ހޭލެވުމަށްފަހު އޭނައަށް އޮވެވުނު ތަން ނަގައިގަންނަން ޔުނާއަށް އިރުކޮޅެއް ނެގިއެވެ. ނަގައިގަނެވުމާއެކު ރޭގެ ހަނދާންތައް އާވެގެން ދިޔުމުން ޔުނާއަށް ލުއްކެއްޖަހައި ތެދުވެވުނެވެ.
އޭނަގެ އެޕާޓްމެންޓް އެނދި މަންޒަރުން ފަށައިގެން ރޭ އޭނަ ޒިހާނާއެކީ މި ގެއަށް އައި ގޮތާއި ހަމައަށް ހަނދާންވެގެން ދިޔުމުން ދިގު ރެއެއްގެ ގޮތުގައި ޔުނާގެ ސިކުނޑީގައި އެރޭ ސިފަވެގެން ދިޔައެވެ.
އެއަށްފަހު އޭނަގެ ހިތަށް ވެރިވީ އެންމެ ސުވާލެކެވެ. އޭނަ ދެން ހަދަންވީ ގޮތަކާއި މެދުގައެވެ. އޭނަގެ ހުރިހާ ލާރިއަކާއި އައިޑީ ކާޑާއި ބޭންކާއި ގުޅުން ހުރި ކާޑުތައް ވެސްވީ ރޭ އަނދާ ހުލިވި އެޕާޓްމެންޓުގައެވެ. ކަން މިހެން އޮތްއިރު އޭނައަށް އެހެން ތަނެއް ކުއްޔަށް ހިފެން ނެތެވެ. އަދި އަމުދުން އޭނަގެ ކާޑުތައް ހެދެން ދެން ވެސް ޔުނާ، ޒިހާނާއެކީ އުޅެން ބޭނުމެއް ނުވިއެވެ. ދޮންބެ ދުނިޔޭގައި ހުރިނަމަ މިކަމާއި ނުރުހުންވާނެތާއޭ ހިތް ބުނަމުން ދިޔައީތީވެއެވެ.
ޚިޔާލުތަކެއްގައި އިނދެއިނދެފައި ޔުނާ އެނދުން ފޭބުމަށްފަހު މޫނު ދޮވެ ތާޒާ ވެލަން ދިޔައެވެ. އެ ވަގުތު ގަޑިން 11 ޖަހާފައިވި ގޮތުން އޭނަ ކޮޓަރިން ނިކުންނަން ވެސް ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. މުޅި ރޭ ނުނިދި އޮވެފައި އޭނައަށް ނިދުނީ ފަތިސް ނަމާދަށް ފަހުއެވެ. އެހެނަސް އެކަން ނޭނގޭ ޒިހާނަށް ފެންނާނީ އޭނަގެ ކަންނެތްކަން ތާއެވެ.
އެކަމާހެދި ޔުނާ އެއްގޮތަކަށް ވެސް ކޮޓަރިން ނުނިކުންނަން ވެސް ހިތަށްއެރިއެވެ. އެހެނަސް އޭނައަކީ ފިނޑިއެއް ނޫންކަމަށާއި އަދި އޭނައަކީ ހަމައެކަނި ޒިހާންގެ މެހުމާނެއްކަމަށް އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުން ޔުނާ ކޮޓަރީގެ ދޮރު ހުޅުވިއެވެ.
ޔުނާ ކޮޓަރިން ނިކުމެ ވަށައި ނަޒަރެއް ދިނީ، ޒިހާން ސިޓިންގް ރޫމުން ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އެއްވެސް ދިމާލަކުން ޒިހާން ފެންނަން ނެތުމުން އޭނަ ޑިއުޓީއަށް ދިޔައީތޯ ޔުނާގެ ހިތަށްއެރިއެވެ.
އަމިއްލަ ޚިޔާލުތަކުގެ ހުއްޓާ ތަންކޮޅެއް އެކޮޅުން ފެންނަމުން ދިޔަ ބަދިގޭގެ ދޮރު ހުޅުވިފައިވިކަން ޔުނާއަށް ފާހަގަވިއެވެ. އެއާއެކު އެ ދިމާލަށް ހިނގައިގަތީ ޒިހާން ހުންނާނީ އެތާނގައިކަމަށް ޔަޤީންކުރަމުންނެވެ. ނަމަވެސް ބަދިގޭގެ ދޮރުމައްޗަށް އެރިއިރު ރެއެކޭ އެއްފަދައިން އެތާނގައި މީހަކު ނެތެވެ. ފަންކާ އެނބުރެމުން ދިޔައިރު ފާރުގައި ހަރުކުރެވިފައިވި ކައުންޓަރު މަތީގައި އެއްޗެހިތައް އެތުރިފައިވި ގޮތުން ޒިހާން އެއްޗެއް ތައްޔާރުކުރަން ފަށާފައި ތަނަކަށް ގޮސްފައިވިކަން ޔުނާއަށް ނަގައިގަނެވުނެވެ.
ޔުނާ އެ ކައުންޓަރު ކައިރިއަށް ގޮސް ހުރިހާ އެއްޗެއްސަށް ނަޒަރެއްދިނެވެ. ވަކިން ހުރި ހުނި ތަށްޓަކާއި މަސްދަޅަކާއެކީ ކަޓިންގް ބޯޑު މަތީގައި ފިޔާ ކޮށަން ފެށިފައިވި ގޮތުން ތައްޔާރު ކުރެވެމުން ދިޔައީ މަސްހުނިކަން ޔުނާއަށް ނަގައިގަނެވުނެވެ. އެއާއެކު ޔުނާ އޭނަ ލައިގެން ހުރި ކުރުތާގެ އަތުކުރި އޮޅާލަމުން އެ ވަޅި ނަގައިގެން އެ މަސައްކަތް ކުރިއަށް ގެންދަން ފެށީ ހިނިތުންވުމަކާއި އެކީގައެވެ. ޒިހާން އޭނައަށް ކޮށްދޭ ކަންތަކުގެ ބަދަލު ދިނުމުގެ ފުރުޞަތެއް އޭނައަށް ލިބުނުހެން ހީވުމުންނެވެ.
ޔުނާ އެ މަސައްކަތުގައި މަޝްޣޫލުވިތާ މާ ގިނައިރެއްނުވެ އޭނައަށް ނުހަނު ގާތުން ފޯނެއް ރިންގުވާ އަޑު އިވެން ފެށިއެވެ. އެ އަޑު އިވުމުން އެއީ އޭނަގެ ފޯނުކަމަށް ވަގުތުން ސިކުނޑި ބުނީ އެއީ އޭނަގެ ފޯނުގެ ރިންގް ޓޯނަށްވީތީވެއެވެ. ކައުންޓަރު މަތީގައި އޭނަ ހުރިތާ ހުރެ އަތް ފޯރާ ހިސާބުގައި އޮތް ފޯނު ފެނި އެއީ ހަމަ އޭނަގެ ފޯނޭ ހިތަށްއެރިއެވެ. އެހެންކަމުން ޔުނާ އެ ފޯނު ނެގުމުގެ ކުރިން ވެސް އެ ކޯލު ރިސީވް ކުރީ އެ ގަޑީގައި އޭނައަށް އަންނާނީ ޢާއްމުގޮތެއްގައި މުހިއްމު ކޯލުތަކަށްވުމުންނެވެ. ކޯލު ރިސީވްކޮށް ޔުނާ ފޯނު ކަންފަތުގައި ޖައްސާލީ ސްކްރީނަށް ވެސް ރަނގަޅަށް ބެލުމެއް ނެތިއެވެ. އޭނައަށް އެއްޗެކޭ ބުނެވުމުގެ ކުރިން އެކޮޅުން ވާހަކަ ދެއްކި އަޑު އިވުނެވެ.
“އައްސަލާމްޢަލައިކުމް ދަރިފުޅު…..ހޭލައިފިންދޯ؟” އެ ކޮޅުން އޭނަ ނުދަންނަ އަންހެނެއްގެ އަޑު އިވިގެން ދިޔުމުން ޔުނާގެ އަތް ފިނިވި ވަގުތު ލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފޯނު ކަންފަތުން ނަގާލަމުން ސްކްރީނަށް ބަލާލެވުނެވެ. ސްކްރީނުގައި ނަމަކަށް ‘މަންމަ’ އޭ އޮތް މަންޒަރު ފެނި ހިންދިރުވާލެވުނީ މިއީ ކާކުގެ ފޯނެއްކަން ނަގައިގަނެވުމުންނެވެ. އިސާހިތަކު އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސާލަމުން ވާހަކަ ދައްކަން އުޅުނުތަނާ އެކޮޅުން ވާހަކަ ދެއްކިއެވެ.
“ސައިބޮއިފިންތަ ޒިހާން؟” އެ ކޮޅުން އިތުރު ސުވާލެއް އައުމުން ޔުނާ އިތުރަށް ފިނިވުން ނޫންކަމެއް ނުވިއެވެ. މިއީ ޒިހާނެއް ނޫންކަމަށް ބުނަން ބޭނުންވިއެއްކަމަކު ޖެހިލުންވިއެވެ. ޒިހާންގެ ފޯނަށް އަންހެން ކުއްޖަކު ޖަވާބު ދިނުމުން ޒިހާންގެ މަންމައަށް ހީވާނީވެސް ކިހިނެއް ހެއްޔެވެ؟ އެކަމާމެދު ސުވާލުކޮށްފިނަމަ އޭނަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ މި ޙާލަތް ކިޔައިދިނަސް ޒިހާންގެ މަންމައަށް ރަނގަޅަށް ވިސްނޭނެކަމެއް އެނގެނީއެއްނޫނެވެ.
ހާސްވެގެން ދިޔަ ސިކުނޑިއަކާއެކީ ޔުނާއަށް ބަދިގޭގެ ދޮރާއި ދިމާލަށް ބަލަމުން ބޯދިއްކުރެވުނީ ޒިހާންގެ ހިލަމެއްވޭތޯއެވެ. ޒިހާން އެއްގޮތަކަށް ވެސް ފެންނަ ގޮތެއް ނުވުމުން ޔުނާ އެންމެ ފަހުން ބަދިގެއިން ނިކުންނަން އެދިމާލަށް އެނބުރިލިއެވެ. އެހެނަސް އޭނައަށް ފިޔަވަޅެއް ނޭޅެނީސް އެކޮޅުން މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލަމުން ދެކެވެން ފެށި ވާހަކަތަކުން އޭނަ ހުއްޓުން އެރިއެވެ.
“ޒިހާން……މަންމައަށް އެބަ އިނގޭ ތިހިރީ ވަރަށް ދެރަވެފަ ކަން. އެހެންވެދޯ އެއްޗެކޭ ނުކިޔާ ތިހިރީ؟” އެކޮޅުން މިފަހަރު އިވުނު ސުވާލުން ޔުނާއަށް އެސްފިޔަ ޖަހާލެވުނެވެ.
“ދޮންތަ ކިޔައިދީފިއޭ މަންމައަށް ހުރިހާ ވާހަކައެއް. އެނގޭ ޒިހާން ދެރަވާނެކަން އެކުއްޖާ ދިން ޖަވާބުން. އެކަމަކު ދަރިފުޅު އަބަދުވެސް ހަނދާން ބަހައްޓައްޗޭ. އެއްވެސް ކަމެއް ދެރަ ގޮތަކަށް ނުވާނެ. އެކުއްޖާ ދަރިފުޅަށް ނުލިބުނިއްޔާ ނުލިބޭނީ އެންމެ ރަނގަޅަކަށް. ލިބުނިއްޔާ އެއީ ދެން ދަރިފުޅު ބޭނުންވާ ގޮތްދޯ؟ އެކުއްޖާ ދަރިފުޅާއި އިންނަން އެއްބަސްވިއްޔާ މަންމަ ވެސް ލޯބިވާނަން އެކުއްޖެއްދެކެ. އެނގޭ ދަރިފުޅު ގޯސް ކުއްޖަކު ޚިޔާރު ނުކުރާނެކަން….” ޒިހާންގެ މަންމަ ބުންޏެވެ.
އެ އިވުނު ވާހަކަތަކުން ޔުނާގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވެގެން ދިޔައެވެ. ހިނދުކޮޅަކަށް ނަމަވެސް އެކޮޅުން އިވެމުން ދިޔައީ އޭނަގެ އުފަން މަންމަހާ އޯގާތެރި މަންމައެއްހެން ހީވިއެވެ. އެ އޯގާތެރިކަން އޭނައަށް މުޅިން އިޙްސާސް ކުރެވޭނެ މަގެއް ފަހިވާ ފިޔަވަޅެއް އަޅަން އޭނަގެ ހިތް އެދުނެވެ. އެވަގުތު ޔުނާގެ ހަނދާނަށް އަންނަމުން ދިޔައީ އޭނަ ޖިނާހުގެ ޢާއިލާ މީހުންނާއި ދެކެ ފަރިތަވާން ބޭނުންވެފައިވި މިންވަރާއި އޭނައަށް އެ ފުރުޞަތު ޖިނާހު ހޯދައި ނުދިން ގޮތެވެ. ކައިވެނީގެ ވާހަކައާއި ހަމައަށް ދިޔައިރުވެސް ޖިނާހުގެ މަންމައާއި ބައްޕަ އެހާ ރަނގަޅަކަށް އެނގިފައިނުވެއެވެ. އެނގޭހާ ވެސް ކަމަކީ އެއީ ސިޔާސީ ދާއިރާގައި ނުފޫޒުގަދަ ދެމީހުން ކަމެވެ.
އެހެނަސް ޒިހާން ހާދަ ތަފާތެވެ. އޭނައާއި ކައިވެނި ކުރެވޭނެ ކަމުގެ ޔަޤީންކަން ނެތްއިރު ވެސް ޒިހާން ވަނީ އޭނަގެ ވާހަކަ ޢާއިލާއާއި ހަމައަށް ގެންގޮސްދީފައެވެ. އެކަމުން އެކަނިވެސް ޒިހާން އޭނަދެކެ ވާ ލޯބީގެ ޤަދަރުވެރިކަން އޭނައަށް އެނގުންވިއެވެ.
“ދެން އެކުއްޖާ ނޫނެކޭ ބުންޏަސް ކީއްތަ ދަރިފުޅު؟ މަންމަ ދަރިފުޅަށްޓަކައި އެއަށްވުރެ ރަނގަޅު އަދި ރީތި ކުއްޖަކު ހޯދަދީފާނަން. ޢާއްމު ގޮތެއްގަ މާލޭ ކުދިންނަށްވުރެ މި ރަށު ކުދިން ރީތި ވާހަކަ ވެސް ދޮންތަ ބުނެ އުޅެއެއްނު؟ ހެހެ…..” އެކޮޅުން މަންމަ ކުރި ސަމާސާ ޔުނާއަށް ކަމުދާ ގޮތެއްނުވިއެވެ. ހީލުމުގެ ބަދަލުގައި ދެބުމަ ކައިރިކޮށްލެވުނީ ޚުދު އޭނައަށް ވެސް ނޭނގިއެވެ.
“ޔުނާ…..” ކުއްލިއަކަށް އިވިގެން ދިޔަ ޒިހާންގެ އަޑަށް ޔުނާއަށް އިސްއުފުލާލެވުނެވެ. އިސާހިތަކު ބަދިގޭގެ ދޮރު މަތީގައި ހުރި ޒިހާން ފެނުމުން ތެޅިގަނެވުމާއެކު އަތުގައި އޮތް ފޯނު ވެއްޓެން ވެސް އުޅުނެވެ. ނަސީބަކުން ތުރުތުރު އަޅަމުން ދިޔަ ދެއަތުން ފޯނު މާ ތިރިއަށް ނުދަނީސް ފޯނުގައި ބާރަށް ހިފަހައްޓާލެވުނެވެ. ޔުނާއަށްވީ ގޮތް ފެނި އޭނަގެ ދެލޯ ބޮޑުވެފައިވި ގޮތުން ޒިހާނަށް ހީލެވުނެވެ. އެވަގުތު ޔުނާގެ އަތް ޖެހި ސްޕީކަރަށް ލެވުނު ފޯނުން ޒިހާންގެ މަންމަގެ އަޑު އިވުނެވެ.
“ކޮން ދުވަހަކު ރަށަށް އަންނަނީ ޒިހާން؟ އަދި އެއްހަފްތާ ފަހުންދޯ؟” އެ ސުވާލުކޮށްލިއިރު ޒިހާން ޔުނާގެ ކައިރިއަށް ގޮސް އެއްއަތް ދިއްކޮށްލީއެވެ. ޔުނާ ވަގުތުން އޭނަގެ އަތުގައި އޮތް ފޯނު ޒިހާންގެ އަތަށް ލައިދިނެވެ. އަދި ވަގުތުން އެތަނުން ދާން ބޭނުންވިއެއްކަމަކު މަޑުކޮށްލެވުނީ ޒިހާން ދެންމެ ކަންތައް ވީ ގޮތާއިމެދު ހަދާނީ ކިހިނެއްކަން ދެނެގަންނާށެވެ.
“އާނ މަންމާ. އަންނަ އަންގާރަ ދުވަހުގެ ރޭ ފުރުން އޮތީ އިން ޝާ ﷲ!” ޒިހާން އެއްވެސް ކަމެއް ނުވާ ފަދައަކުން ވާހަކަ ދެއްކި ގޮތުން ޔުނާއަށް ޙައިރާންކަމާއެކީ ޒިހާނަށް ބަލައިލެވުނެވެ.
“ގެއަށް އަންނަ ވާހަކަ ބުނާއިރަށް ވާހަކަ ދެއްކިއްޖެދޯ؟ ހެހެ…..ރަށަށް އައިމަ ވެސް ކުޑަކޮށް ސިކުނޑި ހަމަޖެހިގެން ދާނެ. އަވަހަށް އާދޭ. މަންމަމެން މިތިބީ އިންތިޒާރުގަ.” މަންމަ ވާހަކަ ދެއްކިއިރު ޒިހާން ޔުނާއަށް ދެމުން ދިޔަ ނަޒަރުތަކުން ޔުނާ އެ ހުރި ދިމާލުން ވަޅުލެވެން ބޭނުންވިއެވެ. ގޯސްކަމެއް ކުރަމުން ދަނިކޮށް މީހަކަށް ފެނުނު ބަސްނާހާ ކުޑަ ކުއްޖަކަށް ކުރެވޭނެ އިޙްސާސެއް އޭނައަށް ކުރެވެމުން ދިޔައެވެ.
“ލައްބަ މަންމާ….އިން ޝާ ﷲ ދެން ވަރަށް އަވަހަށް ދިމާވާނެ. ދެން ބޭއްވީ އިނގޭ. ކުޑަކޮށް ބިޒީކޮށް މިއުޅެނީ.” ޒިހާން ބުނެލިއެވެ. އެކޮޅުން މަންމަ އެންމެ ރަނގަޅޭ ބުނަމުން ފޯނު ކަނޑާލިއެވެ. އެއާއެކު ޒިހާން އެއްފަހަރު ފޯނަށް އަނެއްފަހަރު ޔުނާއަށް ބަލާލަމުން ދެބުމަ އަރުވާލީ ވީގޮތް ބުނެދޭށޭ ބުނަން އުޅުނު ފަދައަކުންނެވެ.
“އަމް…..އަހަންނަށް އޮޅިގެން ފޯނު ނެގުނީ އައި ސްވެއާރ! ތި ފޯނާ އަހަރެންގެ ފޯނާ ވައްތަރުވީމަ އޮޅުނީ…” ޔުނާ އަވަސްއަވަހަށް ބުނެލިއެވެ. އެހިނދު އޭނަގެ އަޑުގައި ނުތަނަވަސްކަމެއްވި ގޮތުން ޔުނާއަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. ޔުނާ އެބުނަނީ ތެދަށް ވިޔަސް އޭނައަށް ބުނެވުނު ގޮތުން ޒިހާނަށް އިތުބާރު ނުކުރެވޭނެކަން އޭނައަށް ޔަޤީނާއި ގާތްކުރެވުނެވެ.
“އައި ސީ….މަންމަ ބުނީ ކީކޭ؟” ޝައްކުގެ ނަޒަރަކާއެކީ ޒިހާން އޭނަގެ ދެއަތް މެއާއި ދިމާލުން ހުރަސްކޮށް އެހެން ބުނެލި ގޮތުން ޔުނާ އިތުރަށް ކަންބޮޑުވާ ގޮތްވިއެވެ. ޒިހާން ލައްވާ ނުބައި ހީކުރުމެއް ހީކުރުވާކަށް އޭނަ ބޭނުމެއް ނުވިއެވެ. އެހެނަސް…..
“މަންމަ ބުނީ….ޒިހާން ޚިޔާރުކުރީ ރަނގަޅު ކުއްޖެކޭ.” ހުރިހާ ވާހަކަތަކެއްގެ ތެރެއިން ވެސް ޔުނާއަށް ބުނެލެވުނީ އެ ބަސްތަކެވެ. އެކަމާމެދު ޚުދު އޭނައަށް ވެސް ލިބުނު ޝޮކުގައި ދެލޯ ބޮޑުކޮށްލެވުނެވެ. އާދައިގެ ގޮތަކަށް އޭނައަށް އެ ވާހަކަ ބުނެވުނުނަމަ ވެސް ރަނގަޅުވީހެވެ. އެހެނަސް އެވަގުތު އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔަގޮތުން އޭނަގެ ނުތަނަވަސްކަން މޫނުމަތިން ފާޅުވަމުން ދިޔައެވެ.
ޔުނާއަށް ފަރުވާތެރިކަމާއެކީ ބަލަންހުރި ޒިހާންގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ޙައިރާންކަން އެކުލެވިގެންވި ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި ގަތް ލަދާއެކީ ޔުނާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާ ފަޔަށް ލެވުނުހާ ބާރަކަށް ޒިހާނަށް ފަސްދީފައި އެތަނުން ދާން ހިނގައިގަތެވެ. އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ޔުނާ ބަދިގެއިން ނިކުމެގެން ދިޔަ ގޮތުން ޒިހާނަށް ދެންވެސް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އޭނައަށް މި ހީވާ ހީވުމަކީ ރަނގަޅު ހިއެއްތޯ ހިތް ސުވާލުކުރި ވަގުތު ވެސް އެ ހިތަށް ފިނިކަމެއް ލިބުނުހެން ޒިހާނަށް ހީވިއެވެ.
އަވަސް ފިޔަވަޅުތަކެއްގައި ބަދިގެއިން ނިކުމެގެން ދިޔަ ޔުނާ އެ ދިޔަ ގޮތަށް ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލަމުން ގޮސް އެނދުގައި އިށީނެވެ. އެއަށްފަހު ދެލޯ މަރައި ތަގުޅި ކޮށްލަމުން ދެއަތުން މޫނު ފޮރުވާލީ ދެންމެ ޒިހާން އޭނައަށް ދިން ނަޒަރު ލޯމައްޗަށް ސިފަވަމުން ދިޔަ ގޮތުންނެވެ.
“ކަމް ޓު ޔުއާރ ސެންސެސް ޔުނާ!” ޔުނާއަށް އަމިއްލަ އަމިއްލައަށް ބުނެލެވުނެވެ. އަނެއްކާ އޭނަގެ ހިތުގައި ވެސް ޒިހާނަށްޓަކައި އިޙްސާސްތަކެއް އުފެދެން ފެށީތޯ ހިތަށްއެރިއެވެ. އެހެނަސް އެކަން ޤަބޫލުކުރަން ދަތިވިއެވެ. ނޫނެކެވެ. އޭނައަށް ލޯބިވެވުނީއެއް ނޫނެވެ. އެއީ މިއަދު އޭނަގެ މޫޑު ހުރި ގޮތުން ކަންތައްވީ ގޮތް ކަމަށްވެސް ވެދާނެއެވެ.
އޭނަ މި އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަން އެބަޖެހެއެވެ. ފިރިހެނަކާއެކީ ލޯބީގެ ގުޅުމެއް ބޭއްވުމުގެ ޚިޔާލުން ވެސް އޭނަގެ ސިކުނޑި ވަރުބަލިވެއެވެ. އޭނަ އެންމެ ފަހުން އެފަދައިން އެންމެ ގިނަ ދުވަސްވަންދެން އުޅުނު ގުޅުން ނިމިގެން ދިޔަ ގޮތުންނެވެ. އަދި އަމުދުން އޭނަގެ ލޯބިވެރިޔާ އޭނަ ހަނދާން ނައްތާލި ގޮތް އަވަސް ވެސްވުމުންނެވެ. ފިރިހެނަކާއެކީ ކިތަންމެ ގިނަ ދުވަހެއް ހޭދަކުރުމަށްފަހު ވެސް އެމީހެއްގެ ހިތް ނޭނގިދާނެކަމުގެ ބިރު ޔުނާއަށް ހީވެފައިވެއެވެ. ޒިހާނާއި ވެސް ދުރުވާން ބޭނުންވާ މައިގަނޑު ސަބަބަކީ އެއީއެވެ.
އެހެނަސް ޔުނާއަށް ނޭނގުނު ކަމަކީ ޒިހާނަކީ އިޚްލާޞްތެރި ހިތެއްގެ ވެރިއެއްކަމެވެ. އޭނަގެ ކުރީގެ ލޯބިވެރިޔާ ފަދައިން ދެ ފުށް ދެގޮތް ފިރިހެނެއް ނޫންކަމެވެ. އަދި ނުހަނު އަވަހަށް އޭނައަށް އެކަން އިޙްސާސް ވެސް ކުރެވެން އުޅުނު ކަމެވެ.
ނުނިމޭ