Hiyaa (Part 2)
“އާނ މަންމާ މިރޭ ތަންކޮޅެއް ބިޒީ. ސީ ރެސްކިއު ޓްރެއިނިންގްއެއް މިރޭ އޮތީ.” ފެހި ޔުނިފޯމުގައި އެ ޕިކަޕް ދުއްވަން އިން ޒުވާނާ އެ ވާހަކަ ބުނެލީ ކަންފަތުގައި ބްލޫޓޫތް އަޅުވައިގެން ހުރެއެވެ. އެ ވެހިކަލް ދުއްވަމުން ދަނިކޮށް އޭނަ އޭތި މަޑުކޮށްލަން މަޖުބޫރުކުރުވީ މަގުގެ މެދުން އޭނައަށް ފެނުނު ކުޑައެވެ. ކާރުގެ ބިއްލޫރިގަނޑުގައި މަދުމަދުން ޖެހެމުން ދިޔަ ކުދި ވާރޭ ތިކިތަކުގެ ތެރެއިން އެ ކުޑައަށް ބަލަން އިނދެފައި ޒުވާނާ ޕިކަޕުގެ ދޮރު ހުޅުވައި ޕިކަޕުން ފޭބިއެވެ.
“ޕިކަޕްގެ ދޮރު ލެއްޕުނު އަޑުތަ އެއީ؟ ހާދަ އަވަހަކަށޭ ޖެޓީއަށް ތި ދެވުނީ….ފޯނު ކަނޑާލަންވީދޯ؟” ބްލޫޓޫތްއިން އޭނަގެ މަންމަ އެހެން ބުނެލިއިރު ޒުވާނާ ޕިކަޕުގެ ކުރިމައްޗަށް ގޮސް އެ ކުޑަ ނަގައި ވަށައި ނަޒަރެއް ދިނީ އޭތި އައީ ކޮންތަނަކުންތޯ ނަގައިގަތުމަށެވެ.
“ނޫނޭ މަންމާ އަދި ނުދެވޭ. މަގުގެ މެދުން ކުޑައެއް ފެނިގެން މި މަޑުކޮށްލީ. މީތި ވައްތަރު އަހަންނަށް ބޭރު ޤައުމަކުން ފެނުނު އެއްޗަކާ.” ޒުވާނާ އެހެން ބުނެލީ ޢާއްމުކޮށް ފެންނަ ކުޑަތަކަށްވުރެ ފުޅާކޮށް އޮތް އެ ކުޑަ ނަގައި އެއަށް ފުން ނަޒަރެއް ދީގެން ހުރެއެވެ.
“ހެހެ…..ބޭރު ޤައުމަކުން ފެނުނު ކުޑައެއް ކުއްލިއަކަށް ހުޅުމާލެއިން ކީއްވެތަ ފެންނަންވީ؟ ރާއްޖެއަށް ވެސް ކުޑަތައް ގެންނަނީ ބޭރުން ވީމަ ހަމަ އެކަހަލަ ކުޑައެއް އޮވެދާނެއެއްނު؟ ދަރިފުޅުވެސް ދައްކާ ވާހަކަ!” އޭނަގެ އެ ވާހަކަ އޭނަގެ މަންމައަށް ސަމާސާއަކަށްވިއެވެ. މަންމަގެ އުފާވެރި އަޑު އިވުމުން ޒުވާނާ ހިނިތުންވެލިއެވެ.
“އާނދޯ މަންމާ؟ އެއީ ހީއެއް ކަމަށްވާނީ. ހީވަނީ އެނގިއްޖެހެން މީތި އައީ ކޮން ދިމާލަކުންކަން. މީތި ޙަވާލުކޮށްލަން މިދަނީ. އަދި ޓްރެއިނިންގް ނިންމާލާފަ ގެއަށް ގޮއްސަ މަންމައަށް ގުޅާލާނަން އިނގޭ އިން ޝާ ﷲ!” ޒުވާނާ އެ ކުޑަ ލައްޕާލަމުން ހިނގައިގަތީ މަގުގެ ވާތް ފަރާތާއި ދިމާލަށެވެ. އެ ހިސާބުގަނޑުން ފެންނަމުން ދިޔަ މިސްކިތާއި ފިހާރަތަކުގެ ދޭތެރެއިން މީހުން އުޅޭ ޢިމާރާތަކަށް ފާހަގަވީ އެ ފަރާތުގައި ނުހަނު ޝާހީކޮށް ހެދިފައިވި ‘ގްރޭންޑް ޕާރލް’ ނަމަކަށް ކިޔާ 8 ފަންގިފިލާގެ ޢިމާރާތް ކަމަށްވުމުންނެވެ.
“އޯކޭ ދަރިފުޅު. ބަލައިގެން އުޅެއްޗޭ. މަންމަގެ ދުޢާތައް އަބަދުވެސް ވާނެ ދަރިފުޅާއެކީގަ.” މަންމަ އެހެން ބުނެލިއިރު ޒުވާނާއަށް މަގުގެ އަނެއް ފަޅިއަށް ދެވުނީއެވެ.
“ލައްބަ މަންމާ. ލަވް ޔޫ!” ޒުވާނާ ހިނިތުންވުމަކާއެކީ އެހެން ބުނެލުމުން އޭނަގެ މަންމަ ވެސް ލުއި ހީލުމަކާއެކީ ފޯނު ކަނޑާލިއެވެ. އެއާއެކު ޒުވާނާގެ ހުރިހާ ސަމާލުކަމެއް އޭނަ އަމާޒުކޮށްގެން ހުރި ޢިމާރާތަށް ހުއްޓުނެވެ. ޢިމާރާތާއި ގާތްވަމުން ދިޔަދިޔަހެން ޢިމާރާތުގެ ގޭޓު ކައިރީގައި ގޮނޑި އަޅައިގެން އިށީނދެ އިން ސެކިއުރިޓީ ބޭބެއަކު ފެނިފައި އޭނަ ސަލާމް ގޮވާލިއެވެ. އެއާއެކު އެ ބޭބެ އޭނައަށް ބަލާލަމުން ސަލާމުގެ ޖަވާބުދީ ކިހިނެއްވީތޯ ސުވާލުކުރީ ކޮޅަށް ތެދުވެލަމުންނެވެ.
“މި ކުޑަ މިއީ ބޭބެގެ ކުޑައެއްތޯ؟” ޒުވާނާ ކުޑަ ދައްކާލަމުން އެފަދައިން އެ ސުވާލުކޮށްލީ އެތާނގައި އެހެން މީހަކު ފެންނަން ނެތުމުންނެވެ.
“ތި….ނޫނޭ. ތިއީ ދެންމެއަކު މި ޢިމާރާތުން ނިކުތް ކަނބުލޮ އަތުގަ އޮތް ކުޑަ. ކިހިނެއްތޯވީ؟” އެ ބޭބެ ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ.
“މީތި މަގުގެ މެދުގަ އޮންނާތީ ޙަވާލުކޮށްލަން ވެގެން މިއައީ.” ޒުވާނާ ހިނިތުންވުމަކާއެކީ އޭތި ދިއްކޮށްލިއެވެ.
“އެހެންތަ؟ އެ ކަނބުލޮ އަނބުރާ ޢިމާރާތަށް ވަދެގެން ދިޔައީ ކާރުގެ އަނެއްފަރާތުގަ ކުޑަ ބާއްވާފަ. ބޭބެވެސް އިށީނދެގެން އިނީމަ ފާހަގަނުވީ.” އެ ބޭބެ އެހެން ބުނުމުން ޒުވާނާ އެ ކުޑަ ބޭބެގެ އަތަށް ދެމުން އެ ޢިޝާރާތް ކުރި ދިމާލަށް ބަލާލިއެވެ. އެތާނގައި އޮތް ނޫކުލައިގެ ކާރު ފެނިފައި ޒުވާނާގެ ޙަރަކާތްތައް ލަސްވިއެވެ.
“އެއީ ސާރޖެންޓް ޔަޒްދާންގެ ކާރު ދެއްތޯ؟” ކާރުން ނަޒަރު ވަކިކުރުމެއްނެތި ޒުވާނާ މާޔޫސީ ގޮތަކަށް ސުވާލުކޮށްލިއެވެ.
“އާދެ! މިހާރު އެ ކާރު ދުއްވަނީ އެކޮއިގެ ކޮއްކޮ. އެ ކޮއި ދުނިޔެ ދޫކޮށް ދިޔަފަހުން އެ ކަނބުލޮ އެކަނިމާއެކަނި މި ޢިމާރާތުގެ އެންމެ މަތީ ބައިގެ އެއޮތް ބޮޑު އެޕާޓްމެންޓުގަ އުޅެމުން ދަނީ. ވަރަށް ދެރަ ކޮންމެ ގޮތެއްވިޔަސް އެދެބެއިންނަށް ދިމާވި ގޮތް. ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފަ ހުއްޓާ ކުއްލިއަކަށް ޙާލަތު އެ ބަދަލުވީ.” ބޭބެވެސް ދެރަވެލާފައި ކިޔައިދިނެވެ.
“ސާރޖެންޓް ޔަޒްދާންގެ ކޮއްކޮ އުޅެނީ ބޭރުގަ ނޫންތޯ؟” ޒުވާނާ ބޭބެއަށް ބަލާލަމުން ސުވާލުކުރިއެވެ.
“ބޭރުގަ އުޅުނީ…އެކަމަކު އެ ކަނބުލޮގެ ބޭބެ ނިޔާވިތާ ހަފްތާއެއްފަހުން މިކޮޅަށް އަނބުރާ އައީ ހޮޓެލްތައް ހިންގުމުގަ ބޭބެގެ މަޤާމް ފުރުވަންވެގެން. މިހާރު އެ ކަނބުލޮ މިކޮޅުގަ އުޅޭތާ ދެ މަސް ވެދާނެ.” ސެކިއުރިޓީ ބޭބެ ކިޔައިދިނެވެ. ޒުވާނާ އެ ވާހަކަތައް އަޑުއަހަން ހުރެފައި މަޑު އަޑަކުން އެހެންތޯ ބުނެލަމުން ކުރިމަތިން ފެންނަމުން ދިޔަ ޢިމާރާތުގެ އެންމެ މަތީ ބަޔަށް ނަޒަރެއްދިނެވެ. ސިކުންތުކޮޅެއް ވަންދެން ހުރި ގޮތަށް ހުރެފައި ފުން ނޭވައެއް ދޫކޮށްލަމުން ޒުވާނާ ސެކިއުރިޓީ ބޭބެއަށް ބަލައި ހިނިތުންވުމަކާއެކީ އެންމެ ރަނގަޅޭ ބުނެލިއެވެ. އެއަށްފަހު ބޭބެ އޭނައަށް ޝުކުރު އަދާ ކޮށްލުމުން އެ ބޭބެއަށް ފަސް ދީފައި އޭނަގެ ވެހިކަލާއި ދިމާލަށް ދާން ހިނގައިގަތެވެ.
ޒުވާނާ ޕިކަޕަށް އަރައި ދޮރު ލައްޕާލި ވަގުތަކީ ޔުނާ ޢިމާރާތުން ދެވަނަ ފަހަރަށް ނިކުތް ވަގުތެވެ. ޔުނާއަށް ގޭޓާއި ހަމައަށް ދެވި އިސްއުފުލާލެވުނު ވަގުތަކީ އެ ޕިކަޕް ދުއްވާލި ވަގުތެވެ. އެހެންކަމުން އެއީ ވަކި އެތާ މަޑުކުރުމެއްނެތި މަގުން ދުއްވާފައި ދިޔަ އެއްޗެއް ކަމަށް ހީކުރެވުނެވެ. ޔުނާގެ އަވަސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ގޭޓު ކައިރީގައި ހުރި ސެކިއުރިޓީ ބޭބެ ގޮވާލުމުންނެވެ.
“މިއޮތީ ކަނބުލޮގެ ކުޑަ. މީތި ވަޔާއެކީ މަގުގެ މެދަށް ގޮއްސަ އޮއްވާ މިހެން ދިޔަ ކުއްޖަކު ދެންމެ މީތި ގެނެސްދިނީ.” ބޭބެ އެ ކުޑަ އޭނައަށް ދިއްކޮށްލަމުން ބުނެލިއެވެ.
“އޮހް! ބޭބެ އިހަށް ތި ކުޑަ ބޭބެ އަތުގަ ބާއްވަދެއްޗޭ. އަޅުގަނޑު މިދަނީ ޖަލްސާއަކަށްދާން ލަސްވެގެން. ހިއެއްނުވޭ ދެން ވާރޭ ބޯވެދާނެހެން މިރޭ.” ޔުނާ އެހެން ބުނެލީ މަދު ތަރިތަކެއް ފެންނަމުން ދިޔަ އުޑަށް ނަޒަރެއް ދެމުން ކާރުގެ ދޮރު ހުޅުވަމުންނެވެ. އޭނަ ކާރަށް އަރައި ދޮރު ލައްޕާލީ އެހެންނުވާނެއޭ ބުނެލި ބޭބެގެ ބަސް އަޑުއެހުމެއްނެތިއެވެ. ކާރު ސްޓާޓް ކޮށްލި ވަގުތު ވާރޭ ބޯވިޔަސް އެއީ މައްސަލައަކަށް ނުވާނެކަމަށް ޔުނާ އަމިއްލަ ނަފްސުގާތު ބުނެލިއެވެ. ވާރޭ ބޯވެއްޖެނަމަ ކާރުން ފޭބުމަށްފަހު ދުވެފައި ގޮސް ލޯންޗަށް އެރުމުން ރަނގަޅުވާނެ ކަމަށް ނިންމައި ޔުނާ ކާރު ދުއްވާލިއެވެ. އެހެންނޫނީ މަރީއަށް ގުޅާލުން ވެސް ރަނގަޅުވާނެކަމަށް އޭނަގެ ހިތް ބުންޏެއްކަމަކު އިތުރު ކަމެއް ކުރަން ބުރައަކަށް ޔުނާ އެ ޚިޔާލު ދޫކޮށްލިއެވެ. ހަމަ އެ ހިނދު އަމިއްލަ ނަފްސަށް ނަފްރަތުވެސް ކުރެވުނެވެ. ފަހަކަށް އައިސް އޭނައަށް އަބަދުވެސް މިފަދައިން ނެގޭ ފަރުވާކުޑަ ނިންމުންތަކެއްގެ ސަބަބުންނެވެ. އެހެނަސް އެކަން ބަދަލުކުރަން ފިޔަވަޅެއް އަޅަން ވެސް ޔުނާގެ ސިކުނޑި ދެކޮޅު ހެދިއެވެ.
މިނެޓްތަކެއްގެ ދަތުރަކަށް ފަހު ޖެޓީ ޞަރަޙައްދާއި ގާތް ހިސާބެއްގައި ހުރި ގަރާޖެއްގައި ކާރު ޕާކްކުރުމަށްފަހު ޔުނާ ޖެޓީއަށް ދިޔައީ ފައިމަގުގައެވެ. އެވަގުތު ވެސް ވާރޭ ވެހެމުން ދިޔައެއްކަމަކު ތެމޭވަރެއްނުވެއެވެ. އެ ޞަރަޙައްދުން ވެސް ކުޑައާއި ނުލައި އެކި ދިމަދިމާލަށް ހޭލަމޭލަވަމުން ދިޔަ މީހުން ގިނައެވެ. ޔުނާ އޭނަ ދާން އުޅޭ ޖެޓީއާއި ދިމާކޮށް މަގު ހުރަސްކުރަން އުޅުނު ވަގުތު ޢާއްމުގޮތެއްގައި ނުއިވޭ ޒާތެއްގެ ވެހިކަލްތަކުގެ އަޑު އިވުނެވެ. އޭނަ އެ ދިމާލަށް ބަލާލި ވަގުތު އޭނަ ކުރިމަތިން ހުރަސްކޮށްފައި ދިޔައީ ސިފައިންގެ ޖިޕް ޒާތަށް ހުރި ވެހިކަލަކާއި އޭގެ ފަހަތުން އަންނަމުން ދިޔަ ސިފައިންގެ ކުޑަ ޕިކަޕެކެވެ. އެ ވެހިކަލްތައް އެހާ ގާތުން ފެނި އޭގެ އަޑުތައް އިވިގެން ދިޔުމާއެކު ޔުނާގެ ސިކުނޑި ވަގުތުން ދޮންބެގެ ހަނދާންތަކުން ފުރިގެން ދިޔައެވެ. އެންމެ ފުރަތަމަވެސް ހަނދާންވެގެން ދިޔައީ އޭގެ ވެހިކަލެއްގައި ދަތުރުކުރަމުން ދަނިކޮށް ދޮންބެ ނިޔާވި ޚަބަރު ކަމުގައިވިޔަސް އެހެނިހެން އުފާވެރި ދުވަސްތަކެއް ވެސް ހަނދާނަށްއައެވެ. ފުރަތަމަ ފަހަރަށް އެ ޒާތުގެ ވެހިކަލެއް ދުއްވުމުގެ ފުރުޞަތު ލިބުމުން ދޮންބެ ފަޚުރުވެރިވެފައި އެ ވާހަކަ ދެއްކި ދުވަހެވެ. ދޮންބެ އެ ފެހިކުލައިގެ ޔުނިފޯމް ލައިގެން ހުންނަ ހުރިހާ ވަގުތެއްގައި ވެސް އެ ޔުނިފޯމަށް ކުރާ ޤަދަރެވެ. ޔުނާ ސަމާސާއަކަށް ވެސް ސިފައިންނާއި ބެހޭގޮތުން ގޯސް ވާހަކައެއް ދައްކައިފިނަމަ ދޮންބެ އެ މުޅި ދާއިރާ ދިފާޢުކުރާ ގޮތެވެ. ދޮންބެ ސާރޖެންޓަކަށްވި ދުވަހު ޔުނާ ވެސް ދޮންބެއަށް ކުރުނީސް ސަލާންކޮށް ހެދިހެދުމުން އެދެމެދުގައި ބަދަލުކުރެވުނު ހުނުމެވެ.
ޚިޔާލަށް ވެރިވެގެން ދިޔަ އެ ހަނދާންތަކާއެކީ ޔުނާއަށް ނޭނގި އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ޚިޔާލުތަކަށް ގެއްލިފައިވުމުގެ ސަބަބުން އެ ކުޑަ ޕިކަޕު އޭނަ ހުރަސްކޮށް ދިޔައިރު އޭތި ދުއްވަން އިން ޒުވާނާގެ ނަޒަރު އޭނައަށް އަމާޒުވިކަން ވެސް އޭނައަށް ރޭކާނުލިއެވެ. އޭނައަށް އެ ވަގުތުކޮޅަށް އަނބުރާ އާދެވުނީ އޭނަގެ ލޮލުން ފައިބައިގެން އައި ކަރުނަތައް ކޯތާފަތުން އިޙްސާސްކުރެވިގެން ދިޔުމުންނެވެ. ހަމަ އެއާއެކު ޔުނާ އަވަސްއަވަހަށް އޭނަގެ ކަރުނަތައް ފޮހެލަމުން އެތެރެއަށް ފުން ނޭވައެއްލިއެވެ. އެއަށްފަހު އަނެއްކާވެސް މަގު ހުރަސްކޮށްފައި ޖެޓީއާއި ދިމާލަށް މިޞްރާބުޖެހިއެވެ. ޖެޓީ ނަންބަރު 5 ގައި ރޭވިފައި ހުރި ލޯންޗުތަކުގެ ތެރެއިން 3 ވަނަ ލޯންޗުގެ ކުރިމަތިން ‘ފަހިމަގު’ ނޫކުލައިން ލިޔެވިފައި އޮތް މަންޒަރު ފެނިފައި ޔުނާ އެއާއި ދިމާލަށް ދިޔައެވެ. އެ ލޯންޗަކީ ދޮންބެގެ އެކުވެރި ހަސަންބެ ގެންގުޅޭ ލޯންޗަކަށްވުމުން ޔުނާ ދިޔައިރު ވެސް އޭނަގެ އިންތިޒާރުގައި ހަސަންބެ ހިނިތުންވުމެއްގައި ހުއްޓެވެ. ޢާއްމުގޮތެއްގައި އޭނަ ނޫނީ ދޮންބެ އެ ލޯންޗު ހިފައިފިނަމަ ހަސަންބެ ދޮންބެ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އެ ދަތުރަކަށްޓަކައި މުޅި ލޯންޗު ހުސްކޮށްދޭނެއެވެ. އެހެންކަމުން ޔުނާ އެ ލޯންޗަށް އަރައި ހަމަޖެހިލިއިރު ލޯންޗުގައި އެކަކު ވެސް ނެތެވެ. އެހެނަސް ލޯންޗު ސްޓާޓްވި ހިނދު ޔުނާ ލައިފް ޖެކެޓް އަޅަމުން ދިޔަ ވަގުތު ލޯންޗަށް އެހެން މީހަކު އަރައި ވާހަކަ ދެއްކި އަޑު އިވުނެވެ.
“ޔުނާ މޭމް!” ލައިފް ޖެކެޓްގެ ބެލްޓް އަޅުވާލަމުން ޔުނާއަށް އިސްއުފުލާލެވުނީ މަރީގެ އަޑަށެވެ. މަރީ ފެނުމާއެކު އޭނައަށް ވާހަކަ ދެކެވުނެވެ.
“މަރީ….ކީއްތިކުރަނީ މި ގަޑީގަ މިކޮޅު؟ މޭމް ހީކުރީ މަރީ މިވަގުތު ހުންނާނީ ޕާޓީގަ ކަމަށް…..” ޔުނާ ދެބުމަ ކައިރިކޮށްލަމުން ބުނެލީ ޙައިރާންކަމާއި އެކީގައެވެ. މަރީ އޭރުވެސް ހުރީ އޭނައަށް ކުރިން ވެސް ފެނުނުއިރު ލައިގެން ހުރި ޔުނިފޯމުގައެވެ.
“އަ..އާދެ މޭމް! އެކޮޅުގަ ހުރެފަ މޭމް އަންނަންވާއިރަށް މިކޮޅަށް މިއައީ ކަމެއް ހަނދާންވެގެން. ލޯންޗުގައި ދަތުރުކުރާއިރު މޭމް އަބަދުވެސް ބޭސް ގުޅައެއް ކަމެއްނޫންތޯ؟” މަރީ އެހެން ބުނެލީ އޭނަގެ ދަބަހުން ބޭސް ގުޅައެއް އޮތް ކުޑަ ޕެކެޓަކާއި ފެންފުޅިއެއް ނަގަމުންނެވެ.
“އޮހް! އެއީ ތަންކޮޅެއް ކުރިން އެގޮތަށް ބޯ އަނބުރައި ކަންތައްވީ. އެންމެ ފަހުން ވެސް ދޮންބެއާއެކީ ލޯންޗުން ދަތުރުކުރިއިރު ގޮތެއްނުވޭ، ދޯ ހަސަންބޭ؟” ޔުނާ އެހެން ބުނެލަމުން ހަސަންބެއަށް ދޯދިނެވެ. އެވަގުތު މަރީ އެ ބޭސް ގުޅަ ޕެކެޓުން ނަގައި ފެންފުޅި އޭނައަށް ދިއްކޮށްލީއެވެ.
“އެކަމަކު މިހާ މުހިއްމު ޕާޓީއަކަށް ދާންއުޅޭއިރު ސޭފް ސައިޑްގަ ހުރުން މުހިއްމު ދޯ މޭމް؟” މަރީ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވަމުން ބުނެލިއެވެ. އެއާއެކު ޔުނާ މަރީއަށް ބަލަން ހުރެފައި ލުއި ގޮތަކަށް ހީލިއެވެ.
“އާނދޯ މަރީ؟ މަރީ އަސްލު މިކަން ކުރާކަށް ނުވެސް ޖެހޭ. ތިއީ ޕާރސަނަލް އެސިސްޓެންޓެއް ނޫންވިއްޔާ. ހެހެ…..އެނީވޭސް ތޭންކްސް.” ޔުނާ މަރީގެ އަތުން ބޭސް ގުޅައާއި ފެންފުޅި ހޯދަމުން ބުނެލިއެވެ. އެއަށްފަހު ވަކި ދެވަނަ ވިސްނުމަކާއި ނުލައި އެ ބޭސް ގުޅަ ދިރުވާލީ މަރީއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. އެ ބޭސްގުޅަ ދިރުވާލި ހިނދު ލީ ރަހައިންނާއި ނޭފަތުން އެރި ވަހުން އެއީ އެހެން ޒާތެއްގެ ބޭހެއްކަމަށް ހީކުރެވުނެވެ. އެ ހީވި ހީވުމާއެކު މަރީއަށް ބަލާލެވުނެއްކަމަކު އެ ސުވާލު ނުކުރެވުނީ މަރީ އޭނަގެ ކޮނޑުގައި އަތް އަޅައި ނުހަނު ކަންބޮޑުވުމާއެކީ މޭމް ރަނގަޅުތޯ ސުވާލުކުރުމުންނެވެ. އެއާއެކު ޔުނާއަށް އާނއެކޭ ބުނެ ބޯޖަހަމުން ފުން ނޭވައެއް އެތެރެއަށް ލެވުނެވެ. ހަމައަކަށް އެޅުނުހެން ހީވުމުން ޔުނާ އޭނަ ދެންމެ ކުރަން އުޅުނު މުހިއްމު ސުވާލު މަތިން ހަނދާން ނައްތާލެވުނެވެ. ހަމަ އެވަގުތު މަރީ ހަސަންބެ ގާތު އަވަހަށް ނައްޓާށޭ ބުނެލުމުން ޔުނާ އިތުރަށް ވާހަކައެއް ނުދައްކަން ނިންމިއެވެ.
ދިހަ ވަރަކަށް މިނެޓްގެ ތެރޭގައި ޔުނާ ދަތުރު ކުރަމުން ދިޔަ ލޯންޗު 3 ފަންގިފިލާގެ ވެރި ‘ޕެރެމައުންޓް ވިލާ’ އާއި ހަމައަށް ދިޔައެވެ. ޔޮޓަށް އެރުމާއިއެކުހެން ޔުނާ މަރީގެ އިރުޝާދާއިއެކީ މިޞްރާބު ޖެހީ ޔޮޓުގެ ދެވަނަ ފަންގިފިލާގައި ހުންނަ ހޯލަށް ދިޔުމަށެވެ. ޕާޓީއަށްޓަކައި ޒީނަތްތެރިކޮށް ދިއްލަވާރު ކުރެވިފައިވި ހޯލަށް ވަދެވުމުން އެއީ ފުން ކަނޑެއްގައި އޮތް އުޅަނދެއްކަން ވެސް މީހަކު ހަނދާން ނެތިދާނެއެވެ. ހޮޓެލްގައި ހުރި ހޯލާއި ދާދި އެއްވަރުގެ އެ ހޯލުގައި ރޭވިފައި ހުރި މޭޒުތަކުގައާއި ހޯލުގެ އެކި ދިމަދިމާލުގައި ކުޑަ ދޮރުތަކުގެ ކައިރީގައި ކޮޅަށް ތިބި މީހުންގެ މޫނުތަކުން ފެންނަމުން ދިޔައީ ހިނިތުންވުންތަކެވެ. ޔުނާ ވަދެގެން ދިޔައިރު ހަމަ އެރޭ ހޮޓެލްގައި ވެސް ވީ ފަދައިން އެންމެން އޭނައާއި ހިނިތުންވުންތައް ބަދަލުކޮށް މަރުޙަބާ ކިޔަމުން ދިޔައެވެ. އެވަގުތު ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ހަށިގަނޑުން ވަރުދޫވަމުން ދިޔަ ކަހަލަ އިޙްސާސެއް އޭނައަށް ކުރެވެމުން ދިޔައެވެ. ދެލޯ ފުސްވެ ދެލޯ މެރެން އުޅުނުހެން ހީވަމުން ދިޔައިރު އޭނަގެ ލޯ ދުޅަކަމަށް ދައްކަމުން ދިޔަކަން ވެސް އެނގުންވީ އޭނައާއި ބައްދަލުވަމުން ދިޔަމީހުން ކުރަމުން ދިޔަ ސުވާލުތަކުންނެވެ. އެހެނަސް ޔުނާ ހިތްވަރާއެކީ އެހުރިހާ ކަމަކީ ނުވާކަމަކަށް ހަދައި މަރީ ބުނި މުހިއްމު ކްލައިންޓުންނާއި ބައްދަލުކޮށް ހެދިއެވެ. އޭނަ އެންމެ ފަހުން ބައްދަލުކުރި ކްލައިންޓަކީ އޭނައާއެކީ ބޭރަށް ކިޔަވަން ދިޔަ އަންހެން ކުއްޖެއްގެ ބައްޕައެވެ. އެ މެދު ޢުމުރުގެ ފިރިހެން މީހާ އޭނަގެ ދަރިފުޅުގެ ވާހަކަ ދައްކަން ފެށިތަނާހެން ޒުވާން އަންހެން ކުއްޖަކު އެތަނަށްއައެވެ.
“އޯއެމްޖީ ޔުނާ އިޒް ދެޓް ޔޫ؟!” އެ އަންހެން ކުއްޖާ ނުހަނު އުޖާލާވެގެން ދިޔަ މޫނަކާއެކީ ތޫލި އަޑަކުން ބުނެލި އަޑަށް ޔުނާ އިތުރަށް ވަރުބަލިވާ ގޮތްވިއެވެ. އޭނަ ހުރީ އެ ޒާތުގެ ވާހަކައެއް ދައްކާ ކަހަލަ ޙާލަތެއްގައެއްނޫނެވެ.
“ޒުހާ….” ޔުނާއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. އޭގެ ދެވަނަ ސިކުންތުގައި ޒުހާ އޭނަގެ އަތުގައި ހިފައި ދަމައިގަންނަމުން ވާހަކަ ދައްކަން އައިސްބަލާށޭ ބުނެ ކުޑަދޮރެއްގެ ކައިރިއަށް އޭނަ ގެންދިޔައެވެ. ޒުހާގެ އެ ޙަރަކާތުން ނުރުހުންވީ ވަރުން ޔުނާގެ ދެބުމަ ކައިރިވިއެވެ. އަދި އަމުދުން އޭނަގެ މި އެކުވެރިޔާ ދައްކާނެ ޒާތުގެ ވާހަކަތައް އެނގޭތީ އޭނަ އެ އެކުވެރިޔާގެ ކުރިމަތީގައި މަޑުކުރަން ވެސް ބޭނުމެއްނުވިއެވެ. އެހެނަސް އޭނަ ކެތްކޮށްގެން ހުރެ ޒުހާގެ ސަޅިބައިސާގެ އަޑު އަހަން ހުރީ ރުޅި އިސްނުކުރުމަށް އޭނަގެ ދޮންބެ ދީފައިވި އެތައް ނަޞޭޙަތެއްގެ މަތިން ހަނދާންކުރަމުންނެވެ. ޒުހާއަށް ވުރެ ގިނަ ކާމިޔާބީތައް އޭނައަށް ލިބިފައިވާތީ ޒުހާ އަބަދުވެސް އޭނައަށް ޙަސަދަވެރިވާކަމީ ޔުނާއަށް ސިއްރެއްނޫނެވެ. ޒުހާ އޭނަގެ ވާހަކަ ތަކުން އަބަދުވެސް އޭނަ ދަށްކުރަން އުޅޭ ސަބަބަކީ އެއީކަން ވެސް ޔުނާއަށް އެނގެއެވެ. ވާހަކަ އަޅުވަމުން ގޮސް ހަމަ ކުއްލި ގޮތަކަށް އޭނަ މީހަކާއި ‘އެންގޭޖް’ވި ވާހަކަ ބުނުމުގެ ފަހަތުގައިވެސް ވީ އެ ސަބަބުކަން އޭނައަށް އެނގެއެވެ.
“ބަލާބަލަ ލިއުޝާން އަހަރެންގެ އަތުގަ އަޅާދިން ރިންގްވެސް. ޔަޤީން މީގެ އަގު 200 ޑޮލަރަށްވުރެ ކުޑައެއްނުވާނެ. ނެކްސްޓް މަންތްގަ އަހަރުމެން ވެޑިންގް އޮތީ. ޔުނާ އަންނަންވާނެ އިނގޭ ވެޑިންގްއަށް……ޔުނާ ވެސް ކިހާ ރަނގަޅު ޖިނާހުއާ ބްރޭކް އަޕް ނުކޮށް ހުރިނަމަ. އެހެންވެގެންނޭ އަހަރެން ބުނީ އަހަރެން ހެދިގޮތަށް ޑިގްރީ ނިންމާލާފަ މެރީކުރަން ކިޔާށޭ. ޔުނާ އެހެން ހެދިނަމަ ތި ބުރުގާގެ މައްސަލަ ވެސް ނުޖެހުނީހެއްނު؟ ދޮންބެވެސް ދެން މާ އެކްސްޓްރީމްއީ ދޯ؟” ޒުހާ ދޯދިނެވެ. އެއާއެކު ޔުނާގެ ހިތަށް އުދަގޫވިއެވެ. އެތައް ދުވަހެއް ފަހުން ޖިނާހުގެ އަޑު އިވުމުންނެވެ. އަދި ހަމަ އެއާއެކު އޭނަގެ ދޮންބެއާއިމެދު އެފަދައިން މުޚާތަބު ކުރެވުމުންނެވެ.
“އަސްލު ޔުނާ ދޮންބެއަށް ވިސްނައިދޭން މަސައްކަތް ކުރިނަމަ މިހެން ނުވީސް. ޖިނާހުވެސް މިހާރު މޫވް އޮންވެގެން އެހެން މީހަކާއި ރައްޓެހިވި ވާހަކަ އަޑުއެހިން. އަޑުއެހީއެއްވެސް ނޫން. ސްނެޕްއިން ފެނުނީ އޭނަގެ ނިއު ޑޭޓް….” ޒުހާ ދިން ޚަބަރަކުން ޔުނާއަށް އޭނައާއި ދިމާލަށް ބަލާލެވުނީ ކުއްލި ގޮތަކަށެވެ. ޖިނާހު އެހެން އަންހެން ކުއްޖަކާއެކީ ހުންނަތަން ސިފަކުރަން ވެސް ޔުނާއަށް ދަތިވިއެވެ. އެއީ އޭނައާއެކީ އެހާ ގިނަ ދުވަސްވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާއަށްވީތީވެއެވެ. ޖިނާހު މިހާ އަވަހަށް އޭނަ މަތިން ހަނދާން ނައްތާލާނެކަމަށް ޔުނާ ހިއެއްނުކުރެއެވެ. އޭނަ އެ ހަނދާންތަކުން ދުރުވާން އަދި ގާތްވެސް ނުވާތީވެއެވެ. ޖިނާހު އޭނަދެކެވީ ހަމަ އެހާ ބަލިކަށި ލޯތްބެއްތޯ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނު ވަގުތު ޒުހާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އިޓްސް ނޮޓް ހިޒް ފޯލްޓް……ޔުނާ ދޯ މަތިން ބައިން ޖެހިގެން އޭނައާ ބްރޭކް އަޕްކުރީ. އޭނަ ވެސް ޖެހޭނެތާ ދިރިއުޅުމާއިގެން ކުރިއަށް ދާން. އަޑުއެހިން އޭނަ ޔުނާއާއި ވަކި ނުވާން އާދޭސްކުރި ވާހަކަ. ކީއްވެ އޭނަގެ ބަސް ޤަބޫލުނުކުރީ؟ އަދި އެ ވެސް އެ ދޮންބެއަކު ވަޅުލައި ފަސްދާނުލެވި ނިމުނުފަހުން. ޔުނާ ޖިނާހުއާއެކީ އުޅުނުނަމަ އެ ދޮންބެ ޤަބުރުން ނިކުމެގެން ނައީސް ޔުނާ ހުއްޓު…..” ޒުހާ އެހާ ހިސާބަށް ބުނެލިތަނާހެން ޔުނާއަށް ކެތް ނުކުރެވުމުން އޭނައަށް ސާބިތު އަޑަކުން ހުއްޓާލާށޭ ބުނެވުނެވެ. އެހިނދު އެތާ ކައިރީގައި ތިބި ބައެއް މީހުން ނަޒަރުތައް ވެސް އެމީހުންނަށް އަމާޒުވިއެވެ. އެހެނަސް ޔުނާއަށް އެކަން ފާހަގަވެސް ނުވި ފަދައެވެ. ކަރުނަތައް ޖަމާވެފައިވި ދެލޮލާއެކީ ޒުހާއަށް ބަލަން ހުރިއިރު އެމޫނުމަތިން ފާޅުވަމުން ދިޔައީ ރުޅިވެރިކަމާއި ހިތާމަ އެކުލެވޭ ފަދަ އަސަރެކެވެ. އިތުރު އެއްޗެކޭ ބުނެފިނަމަ އޭނަގެ ޖަޒުބާތުތައް ކޮންޓްރޯލުން ދޫވާނެކަން ދަނެގެން ޔުނާ އެތަނުން ދާން ދިގު ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.
މަރީ ގޮވުމުން ވެސް ޔުނާ މަޑުކުރުމެއްނެތި ސިޑިއާއި ދިމާލަށް މިޞްރާބު ޖެހީ ޔޮޓުގެ އެންމެ މަތީގެ ޑެކްއަށް ދިޔުމަށެވެ. އެވަގުތު މުޅިން ހުސްކޮށް އޮތް އެ ޑެކްއަށް ޔުނާއަށް ދެވުނުއިރު ވައި ބާރު ވެފައިވިއެވެ. އެހެނަސް ޔުނާ އެއަށް ފަރުވާލެއްނެތި ގޮސް އޭނަ ޔޮޓަށް އައި ދިމާލަށް ވާ ގޮތަށް ޑެކްގެ ރެއިލިންގްގައި ހިފަހައްޓާލިއެވެ. ހަމަ އެވަގުތު އޭނަގެ ލޮލަށް ޖަމާވެފައިވި ކަރުނަތައް ފައިބައިގެން ދިޔަދިޔަހެން ނުހަނު ބޯކޮށް ވާރޭވެސް އޮއްސިގަތެވެ. އެއާއެކު ޔުނާއަށް ގިސްލައިގަންނަމުން ރޮއިގަނެވުނީ އޭނަގެ ދިރިއުޅުން ބޮއްސުންލައިގެން ގޮސްފައިވި ކަހަލަ އިޙްސާސެއް ކުރެވުމުންނެވެ. މިހާތަނަށް އައިއިރު އޭނަ ނިންމާ ކޮންމެ ނިންމުމަކާއިމެދު ޔުނާގެ ހިތުގައި ހާދަ ބޮޑު ޔަޤީންކަމެއްވިއެވެ. އެހެނަސް އެންމެ ފަހުން އޭނައަށް ހީވި އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރަން އުޅުމުން އޭނައަށް ވަނީ އޭނަގެ އެންމެ ލޯބިވާ ދެމީހުން ގެއްލިފައެވެ. އޭގެ ސަބަބުން އޭނަ ވަނީ ކިތަންމެ ކުދިކުދި ނިންމުންތައް ނިންމަންވެސް ނާޤާބިލުވެފައެވެ. ކޮންމެ ދުވަހަކީ ކާމިޔާބު ދުވަހެއްގެ ގޮތުގައި ދުވަސްތައް ގުނަމުން ދަނިކޮށް އޭނަ ވަނީ ކުދި ކަންތަކުގައި ވެސް ނާކާމިޔާބުވާން ފަށާފައެވެ. އެވަގުތު އޭނަގެ ލޯ ފުސްވަމުން ދިޔަ ގޮތުންނާއި ލޯމެރެން ފެށި ގޮތުން މިއީ ވެސް އޭނަގެ ފަރުވާކުޑަ ކަމުން ވާކަމެއް ކަމަށް ނިންމައި އަމިއްލަ ނަފްސަށް މަލާމާތް ކުރެވެން ފެށިއެވެ. އޭނަގެ ދިރިއުޅުމުގެ ލަގަނުން އެއްކޮށް އަތް ދޫކޮށްލަން ނިންމީ އޭނަގެ އެކަނިވެރިކަން އިޙްސާސްކުރެވޭ ޙާލުގައެވެ. ޔުނާއަށް ނޭނގުނު ކަމަކީ އެ ލަގަނުގައި ހިފާނެ މީހަކު އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ އަނދިރި ކަނޑު ކަފަމުން ހުދުކުލައިގެ ފޮނުއަރުވަމުން އެދިމާލަށް އަންނަމުން ދިޔަ އުޅަނދުގައި ހުރިކަމެވެ.
ޔުނާ އެ ވާރޭ ތެރޭގައި ހުރިތާ ހުއްޓާ ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި ޒުވާނަކު ސިޑިން އަރައިގެން އައިސް ޑެކްގެ މައްޗަށް އެރިއެވެ. އަދި އާދައިގެ ފިޔަވަޅުތަކެއްގެ ޔުނާގެ ފުރަގަހުން ޔުނާއާއި ދިމާލަށް ދާންފެށިއެވެ. އެ ފިޔަވަޅުތަކުގެ އަޑު ޔުނާއަށް އިވުނެއްކަމަކު ދެލޮލަށް ބަރުވުމުގެ ސަބަބުން ފަސްއެނބުރި ބަލާލާނެހާ ހިތްވަރެއްވެސް އޭނަގެ ނެތެވެ. ލޮލަށް ބަރުވެ ނިދިއަންނަ ގޮތްވީތީ ޔުނާ ޙައިރާންވެސްވިއެވެ. އޭނައަށް ރޮވޭ ރެއަކު ލޮލުގައި ރިއްސާވަރުން ލޯ މަރާލުމަކީ ވެސް އޭނައަށް ދަތިކަމަކަށް ވާތީވެއެވެ. މިރޭ މިވަނީ ކިހިނެއްތޯ ހިތަށްއެރި ވަގުތު އޭނަގެ ހޭ ހުއްޓެއްކަމަކު ދެލޯ މެރި އޭނަ ވެއްޓެން ދިޔައެވެ. ހަމަ އެވަގުތު އޭނަގެ ފަހަތުން އައި ޒުވާނާ އޭނަގެ ގައިގައި ހިފަހައްޓާލަމުން އަތްދަނޑިމައްޗަށް އުފުލާލިއެވެ. އެ ޒުވާނާ އުޅެނީ ޔުނާއަށް އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަން ކަމަށް މީހަކަށް ހީވެދާނެއެވެ. ދެ ހޭ ދޭތެރޭގައި އޮތް ޔުނާއަށް ވެސް އިޙްސާސް ކުރެވުނީ އެފަދަ ގޮތެކެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އެ ޒުވާނާ ކުއްލި ގޮތަކަށް ޔުނާގެ ހަށިގަނޑު އެ އަނދިރި ކަނޑާއި ދިމާލަށް ދޫކޮށްލިއެވެ. ކުއްލިއަކަށް ވެއްޓެން ފެށިހެން ހީވެ މޭގަނޑު އަތަށް އައި ޔުނާއަށް ދެލޯ ހުޅުވާލުމާއެކު އަވަސް މަންޒަރުތައް ފެންނަން ފެށުމުން ހަޅޭކެއް ލައްވާލެވެން އުޅުނެވެ. އެހެނަސް އޭގެ ކުރިން ފެންތައް ބުރައިގެން ދިޔަ އަޑާއެކީ ޔުނާ ކަނޑު އަޑީގައިވިއެވެ.
ކަނޑު އަޑީގައިވި ފުރަތަމަ ސިކުންތުކޮޅުގެ ތެރޭގައި ޔުނާ މައްޗަށް އެރޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ގައިގެ ވަރުދޫވެފައިވުމުން އެކަން ވެގެން ދިޔައީ މުސްތަޙީލުކަމަކަށެވެ. އެންމެފަހުން އެއްކޮށް ވަރުބަލިވުމުން ޔުނާ އޭނަގެ ޙަރަކާތްތައް މަޑުކޮށްލީ އޭނަ މަރުވާނީކަމަށް ނިންމަމުންނެވެ. މެރިފައިވި ލޮލުގެ ސަބަބުން ފެންނަމުން ދިޔަ އަނދިރިކަމުންނާއި އޭނައަށް ނޭނގި އޭނަ ނޭވާ ހުއްޓިފައިވި ގޮތުން އޭނަ މަރުވީތޯ ވެސް ހިތާހިތުން ސުވާލުކޮށްލެވުނެވެ. އޭނަ މަރުވީ ކަމަށްވާނަމަ މިގޮތް ހާދަ ފަސޭހައޭ ހިތަށްއެރިއެވެ. ގަޔަށް ވަމުން ދިޔަ ފިންޏާއި މޭގައިވި ލުއި ރިހުން ފިޔަވައި އޭނަގެ އެއްވެސް ޝަކުވާއެއްނެތެވެ. އެއްވެސް ކަމަކާމެދު ފިކުރުކުރަން ނުޖެހޭނެ މި ޢާލަމުގައި އޭނައަށް އޮވެވިއްޖެނަމަ އޭނަގެ ހަމަޖެހުން ގެއްލިފައިވި ހިތަށް ރާހަތެއް ލިބޭނެކަމަށް ނިންމުނެވެ. ދޮންބެ އޭނަ ގާތު ދެއްކިހާ ޢަޒާބުގެ ވާހަކަތައް އޭނަގެ ހަނދާނަށް އަންނަމުން ނުދިޔަނަމަ އޭނަ މި ނިންމުން ނިންމިތާ ކިތަންމެ ދުވަހެކެވެ. ދުނިޔޭގައި އުޅުމުގެ ހުރިހާ އެދުމެއް އޭނަގެ ހިތުން ފިލައިގެން ދިޔަ ވަގުތަކީ އޭނަ އޮތް ހިސާބާއި ދާދި ގާތުން ލޯންޗެއްގެ އަޑު އޭނައަށް އިވުނު ވަގުތެވެ. އޭގެ ދެވަނަ ސިކުންތުގައި އެއަށްވުރެ ވެސް ގާތުން މީހަކު ކަނޑަށް ފުންމާލި އަޑުއިވުނެވެ. އެއީ ކޮން އަޑެއްކަމާއިމެދު ވިސްނަން ބޭނުންނުވެފައި ޔުނާ ވަނިކޮށް ބާރުގަދަ އަތަކުން އޭނަގެ އުނަގަނޑުގައި ވަށާލި އިޙްސާސެއް އޭނައަށް ކުރެވުނެވެ. އޭނަގެ ދިރިއުޅުމުން އުއްމީދު ކަނޑާލާކަށް އަދި ނުވެއޭ ބުނަން އުޅޭ ފަދައަކުންނެވެ.
ނުނިމޭ