Hiyaa (Part 21)
ކައިވެނީގެ ދުވަސް ގާތްވަމުން ދިޔަދިޔަހެން އަނެއްކާވެސް ޔުނާގެ މަޑުމޮޅިކަން ޒިހާނަށް ފާހަގަވާން ފެށިއެވެ. އެކަމާމެދު ހިތް ދެރަވިއެއްކަމަކު އެކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަމެއްވެސް ނުވިސްނުނެވެ.
ޔުނާ ދެރަވަނީ ކައިވެނީގެ ސަބަބުން ކަމަށް ހިތް ބުނާ ކޮންމެ ފަހަރަކު އޭނަގެ މޭގައި ރިހުމެއް އުފެދެއެވެ. އޭގެއިން ކޮންމެ ފަހަރަކު އަނެއްކާވެސް ޔުނާގެ ޚިޔާލު ބަދަލުވީތޯ ސުވާލުކުރަން ޒިހާން އެތައް ފަހަރަކު ޤަޞްދުކުރެވުނެވެ. އެހެނަސް ޔުނާގެ ނިންމުން ބަދަލު ނުވާނެކަން ދަނެގެން ޒިހާން އެންމެ ފަހުން ދޮންތައާއި ވާހަކަ ދައްކަން ނިންމިއެވެ. ޔުނާއަށް މި އައި ބަދަލުގެ ފަހަތުގައިވި ސަބަބު ދޮންތައަށް އެނގިދާނެކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ.
“ދޮންތާ…..އިއްޔެ ޔުނާއާއެކީ ދޮންތަ ރެސްޓޯރެންޓަށް ގޮއްސަ ޔުނާ ދެރަވާ ކަހަލަ ވާހަކައެއް ދެކެވުނުތަ؟” އޭގެ އަނެއްދުވަހުގެ ހެނދުނު ޒިހާނަށް ޒައިނާއާއި ސުވާލުކޮށްލެވުނެވެ.
“ނޫނޭ….އަހަރުމެން ދެމެދުގައެއް ނުދެކެވޭ. އެދުވަހު ދޮންތަ މަންހަލް ގޮވައިގެން ފާޚާނާއަށް ގޮއްސަ އަނބުރާ އައިއިރު ޔުނާ ހަމަ އިނީ މޭޒު ދޮށުގަ ރޮވިފަ. ދޮންތަ ކިހިނެއްވީހޭ އެހީމަ ގަދަކަމުން ހީލާފަ ބުނީ ކަމެއް ނުވެއޭ. ކިޔައިނުދޭން އުޅުނީމަ ދޮންތަ ވެސް ދޫދިނީ. ހީވަނީ ދޮންބެގެ ހަނދާނެއް އާވީހެން. ވަރަށް އެކަނިދޯ އަސްލު ޔުނާ އުޅެފަ ހުންނާނީ ދޮންބެ ނިޔާވިފަހުން؟ ވީ ނީޑް ޓު ހެލްޕް ހާރ.” ޒައިނާ ކިޔައިދިނެވެ.
ދޮންތަގެ އެ ބަސްތައް އިވުމާއި އެކުހެން ޒިހާނަށް ހުއްޓުމެއްނެތި އެ ވީ ގޮތާއި މެދު ވިސްނެން ފެށިއެވެ. ޔުނާގެ އެ ހިތާމައިގެ ފަހަތުގައި ވާނީ ހަމައެކަނި ދޮންބެއެއް ނޫންކަން ޒިހާނަށް މާ ރަނގަޅަށް ވެސް އެނގެއެވެ. ޔުނާ އަދިވެސް އޭނަ ކުރިން ގެންގުޅުނު ލޯބިވެރިޔާ މަތިން ހަނދާން ވަނީތޯ ޒިހާންގެ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު އޭނަގެ ހިތް ދެރަވިއެވެ. އެހެނަސް މިފަހަރު ޔުނާއާއި ދުރަށް ދާން އޭނަ ޤަޞްދެއް ނުކުރިއެވެ. އޭގެ ބަދަލުގައި ޔުނާގެ އެ ކުރީގެ ލޯބިވެރިޔާގެ ފަރާތުން ނުލިބުނު ލޯބި ޔުނާއަށް ހޯދައިދޭން ޒިހާން ޢަޒުމް ކަނޑައެޅިއެވެ. އޭނަ އެންމެ ކުރީއްސުރެ ވެސް ޔުނާއާއިމެދު އަޅާލާން ނިންމައިގެން ހުރި ވަރަށްވުރެ ދެގުނައަށް ލޯތްބާއި އަޅާލުން ޔުނާއަށް ދޭން ޒިހާން ނިންމިއެވެ.
**
ކައިވެނީގެ ދުވަސް ޖެހުމުގެ ކުރީ ރޭ ޔުނާއަށް އެއްގޮތަކަށް ވެސް ނިދޭ ގޮތެއްނުވިއެވެ. ލޫލޫގެ ދެ ބަޔަށް ހުރި އެނދުގެ ތިރީ ބައިގައި އޮތްއިރު އޭނަގެ ހިތް ބާރަށް ތެޅެމުން ދިޔައީ ކުރެވެމުން ދިޔަ ޚިޔާލުތަކެއްގެ ސަބަބުންނެވެ. ޖިނާހުގެ ރުޅިވެރި ނަޒަރާއި ބުނެލި ބަސްތަކާއި އެކީ އެ ހިތުގައި އުފެދުނު ނުތަނަވަސްކަމަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. އަދިވެސް ހިތުތެރޭގައިވީ އެދުވަހުވެސް އެ ހިތަށް ވެރިވި ސުވާލެވެ.
ކައިވެންޏަށްފަހު ހަމަ ޙަޤީޤަތުގައި ވެސް ޒިހާން ބަދަލުވެދާނެ ހެއްޔެވެ؟ އެ ސުވާލާއި މެދު ވިސްނުނު ވަރުން މުސްލިމް ފިރިއެއްގެ ކިބައިގައި ހުންނާނެ ސިފަތައް ނެޓުން ވެސް ހޯދުނެވެ. ހޯދާނެ އެހެން ގޮތެއް ނުވިސްނުމުންނެވެ. އެ ހޯދި ހޯދުމުގައި ވެސް މުސްލިމް ޢިލްމުވެރިން ދެއްވާފައި ހުރި ދަރުސްތަކާއި އެހެނިހެން މުސްލިމުން ލިޔެވިފައިވި ލިޔުންތައް ބަލައިލަން ޔުނާގެ ހިތް ދެކޮޅު ހެދިއެވެ. މުސްލިމުންގެ ޙަޤީޤީ ކުލަ ފެންނާނީ ހުޅަނގުގެ ލިޔުންތަކުންކަމަށް ޖިނާހު ބުނެފައިވާ ބަސްތައް އޭނަގެ ސިކުނޑީގައި ބިންވަޅު ނެގިފައި ވުމުންނެވެ. އިސްލާމް ދީނަކީ އޯގާތެރިކަން އިސްކުރާ ދީނެއްކަމަށް ބައެއް މުސްލިމުން ބުނެ އުޅެނީ އޮޅުމެއްގެ ތެރޭގައި ކަމަށް ޖިނާހު ބުނެފައިވާ ވާހަކަތައް ހިތުގެ އަޑިން ޤަބޫލުކުރެވިފައި ވެއެވެ. ޚުދު ޔުނާ ވެސް ދީނާއިމެދު އުނގެނެން މާ ބޮޑު މަސައްކަތެއް ކޮށްފައި ނެތުމުންނެވެ. ދޮންބެގެ އެތައް ނަޞޭޙަތަކަށް ފަހު ވެސްމެއެވެ.
އެ ހޯދި ހޯދުމުން ފިރިމީހާއަށް ޤުރުއާނުގައި ދެއްވާފައިވާ ނަމަކީ ‘ޤައްވާމް’ ކަމަށް ޔުނާއަށް ހުޅަނގުގެ ލިޔުންތަކުން ވެސް ފެނުނެވެ. އެ ލިޔުންތަކުން ޔުނާއަށް އެ ބަހުގެ މާނަ ދޭހަކުރެވުނީ މުޅިން ގޯހުން ގޯހަށެވެ. އެ ލިޔުންތަކުގައިވާ ގޮތުން އޭގެ މާނައަކީ ކައިވެންޏެއްގައި ހުރިހާ ޙައްޤެއް ވަނީ ފިރިމީހާއަށެވެ. އަދި ގޯސްވިޔަސް ރަނގަޅުވިޔަސް ފިރިމީހާ ބުނާ ކޮންމެ ގޮތަކަށް އަނބިމީހާ ހަދަން ޖެހޭނެއެވެ. އެ ލިޔުންތައް ލިޔެވިފައިވި ގޮތުން އަނބިމީހާ ޖެހޭނީ ފިރިމީހާއަށް އަޅުވެތިވާށެވެ. އިސްލާމް ދީނުގައި އަންހެނުންނަށް އެއްވެސް ޙައްޤެއް ދެވިފައި ނުވާކަން ދޭހަކޮށްދޭން އެމީހުން ބޭނުންކޮށްފައިވި ބަސްތަކަކީ އެއީއެވެ.
ޔުނާއަށް ނޭނގުނު ކަމަކީ ފިރިމީހާއަށް ވަކި ދަރަޖައެއް ދެވިފައިވިޔަސް އެ ދަރަޖައާއެކީ، އަނބިމީހާ ފަދައިން ފިރިމީހާ އަދާކުރަން ޖެހޭ ޒިންމާތަކެއް ވެސް ވާ ކަމެވެ. އަދި އެ ޒިންމާތަކާއިމެދު އަނބިމީހާ ފަދައިން ފިރިމީހާއާއި ވެސް ޤިޔާމަތް ދުވަހު ސުވާލު ވެސް ކުރެވޭނެ ކަމެވެ. ﷲ އަކީ އެއްވެސް އަޅަކަށް އަނިޔާވެރި ވެވޮޑިގެންނުވާ ޙަކީމްވަންތަ ރަސްކަލާނގެއަށްވީތީވެއެވެ.
ނުހަނު ކައިރި މުސްތަޤްބަލެއްގައި ޔުނާއަށް މި ހުރިހާ ކަމެއް ދޭހަކުރެވޭނެކަން އޭނައަށް ރޭކާނުލައެވެ. ފުރިހަމަ ‘ޤައްވާމް’ އެއްގެ ސިފަތައް ލޯކުރިމަތިން ފެނުމުންނެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނުއްސުރެ ޒިހާން ހޭލަމޭލައަށް އުޅެމުން ދިޔައީ ހަވީރާއި ހަމައަށް ކޮޓަރީގެ ކަންތައް ނިންމުމަށާއި، ކައިވެނީގެ ޕާޓީއަށް ގެ ކައިރީގައި އޮތް އަތިރިމަތި ބަޔަކު ލައްވާ ރީތި ކުރުވުމަށެވެ. ކޮޓަރީގައި ކުލައިގެ ވަސް ނުހުންނާނެ ފަދައިން އޭގެ ކުރީ ދުވަހު ޔުނާ އެދުނު ފަދައިން އޭނަ ކުލަ ލައި ނިންމާފައިވެއެވެ. އެދުވަހު އޮތީ ކޮޓަރި ސާފުކުރުމާއި، އަލަށް ގެނައި ބެޑް ރޫމް ސެޓް ރޭވުމެވެ. ކޮޓަރި ސާފުވެ އޮފު ނާރަނީސް ޔުނާއަށް އެ ކޮޓަރި ދައްކަން ޒިހާން މުޅިން ވެސް ދެކޮޅު ހެދިއެވެ. ނަތީޖާއެއްގެ ގޮތުން ޒައިނާމެންގެ އެތައް މަސައްކަތަކަށް ފަހު ވެސް މުޅި އެ ދުވަސް ތެރޭގައި ވެސް ޔުނާއަށް އެތާތެރެ ފެންނަހާއެއް ނުވިއެވެ. ޒައިނާމެންގެ ގޮތް އެނގިގެން ޒިހާން ނަމާދަށް ވެސް ދަމުން ދިޔައީ ކޮޓަރި ތަޅުލާފައި ކަމަށްވުމުންނެވެ.
ޒައިނާއާއި ލޫލޫ ވެގެން ކައިވެންޏާއި ގުޅޭ ގޮތުން އޭނައާއި ޒިހާން އަޅުވައި ކިޔުމުން ވެސް ޔުނާއަށް ހިނިތުންވެވެމުން ދިޔައީ ވަކި ވަރަކަށެވެ. ރޭ ކިޔުނު ލިޔުންތަކުން ފެނުނު ބަސްތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔަ ފަދައެވެ. އަދި އަމުދުން އެއާއިއެކީ ދޮންބެ މަތިން ވެސް ހަނދާންވަމުން ދިޔަދިޔަހެން ޔުނާގެ މެއަށް ބަރުވާން ފެށިހެން އޭނައަށް ހީވިއެވެ. ދޮންބެވެސް ބޭނުންވީހީ އޭނަ ދީންވެރި ފިރިއެއްގެ ‘އަޅުވެތިކަމުގެ’ ދަށަށް ދާންތޯ ހިތާހިތުން ސުވާލުކުރެވެމުން ދިޔައެވެ. ސިކުނޑިއަށް ވެރިވި އެ ޚިޔާލާއި އެކީ ޔުނާއަށް ކިތަންމެ އުދަގޫވިއެއްކަމަކު ޔުނާ އެ ޙަޤީޤަތާއި ކުރިމަތިލާން ނިންމިއެވެ. ދޮންބެ ހުރިނަމަ ދޮންބެ އުފާވާނެ ފަދައިން ގަދަކަމުން ވިޔަސް އޭނަ ފިރިމީހާގެ ޙައްޤުތައް އަދާކޮށްދޭނެއެވެ.
ފިކުރު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން، އެރޭގެ ޢިޝާ ނަމާދަށްފަހު ގެ ކައިރީގައި އޮތް މިސްކިތެއްގައި ބާއްވަން ހަމަޖެހިފައިވި ކައިވެނީގެ ޙަފްލާއަށް ދާންވީ ވަގުތު ވެސް ޔުނާގެ މޫނުމަތި މިލައިގެން ގޮސްފައިވިއެވެ. ބޮލުގައި ލުއި ރިހުމެއްވެސް އުފެދެން ފެށިހެން ހީވިއެއްކަމަކު ޔުނާ ވީހާވެސް ވަރަކުން އެކަމަށް ސަމާލުކަން ނުދެވޭތޯ ބެލިއެވެ. އިރުކޮޅަކުން އެކަން ރަނގަޅުވާނެކަމަށް ނިންމަމުންނެވެ.
**
ރޭގަނޑު 8 ޖަހަން ގާތްވަމުން ދިޔަ ވަގުތު ޒިހާން ހުރީ އެ މިސްކިތުގައެވެ. އޭރު ގާޒީއާއި ކޯޓުގެ ދެ މުވައްޒަފުންގެ އިތުރުން ދެ ހެކިވެރިން ވެސް މިސްކިތަށް އައިސްފައިވިއެވެ. އެމީހުންނާއި ވާހަކަ ދެއްކުމުގެ ތެރެއިން އެއްލި ކަޅިއަކުން މިސްކިތުގެ ދޮރުމަތިން ޔުނާ ފެނިފައި ޒިހާން ހުއްޓުން އަރާ ގޮތްވިއެވެ. ގަދަ ނޫކުލައިގެ ސާދާ ދިގު ހެދުމެއްގައި ހުރި ޔުނާ ފެނުމުން ވެސް ޒިހާން އާޝޯޚުވިއެވެ. އެދުވަހު ފިހާރައިން އޭނައާއެކީ ޚިޔާރު ކުރި ޝޯލް ވަށާލެވިފައިވި ވަށް މޫނު ފެނި ޒިހާނަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކުރަން ދަތިވިއެވެ.
ޔުނާ އޭނައާއި ދިމާލަށް އަންނަން ފެށި ތަނާހެން ޒިހާންގެ ލޮލުން ކަރުނަތައް ނީރާލިއެވެ. މިއީ އެތައް އަހަރެއް ވަންދެން އޭނަ އެތައް ގޮތަކަށް ޚިޔާލުކުރި މަންޒަރެކެވެ. ޙަޤީޤަތަކަށް ވެދާނެކަމާއިމެދު ހިތުތެރޭގައިވި އެތައް ޝައްކުތަކާއި އެކީވެސް ކުރި ދުޢާއެކެވެ. އެ ދުޢާ އޭނަގެ ލޯ ކުރިމަތިން ޙަޤީޤަތެއްގެ ގޮތުގައި ނިއުޅެމުންދާ މަންޒަރަށް ޒިހާނަށް ބަލަން ހުރެވުނީ، އުފާވެރިކަމުގެ ކަރުނަތަކުން ފުރެމުން ދިޔަ ލޮލާއި ހިނިތުންވުމަކާއި އެކީގައެވެ. އެ ހިނިތުންވުން ކުޑަކޮށް ފޭދިގެން ދިޔައީ ޔުނާގެ މޫނުމަތިން ހިތާމަވެރި އަސަރެއް ފެނިގެން ދިޔުމުންނެވެ. އޭނަގެ ހުވަފެންތަކާއި އެ މަންޒަރު ޚިލާފުވި ހަމައެކަނި ތަންކޮޅަކީ އެއީއެވެ. އެހެނަސް ހަމަ އެވަގުތުން އެވަގުތަށް ވެސް ޔުނާގެ ހިތް މި ގުޅުމާއިމެދު އުފާވެރިކަމުން ފުރާލަދޭން ހިތާހިތުން ދުޢާކުރެވުނީ ފުރިހަމަ ޔަޤީންކަމާއި އެކީގައެވެ. އެތައް އަހަރެއް ވަންދެން އެއްވެސް އުއްމިދެއް ނެތި ކުރި ދުޢާއެއް އިޖާބަވުމުން، ދެންމެ އެ ކުރެވުނު ދުޢާ އޭނަ ސަބަބުތަކުގައި ހިފައިފިނަމަ އިޖާބަވާނެކަމާއިމެދު އެ ހިތް ޝައްކެއްވެސް ނުކުރިއެވެ.
ކައިވެނީގެ ޚުޠުބާ ފެށިގެން ދިޔައިރު ޔުނާ އިނީ ޒިހާންގެ ކައިރީގައި އިށީނދެލައިގެންނެވެ. ޔުނާ ހީކޮށްގެން ހުރީ ޚުޠުބާއިން ވެސް އިވެން ފަށާނީ ފިރިމީހާގެ ޙައްޤުތަކުގެ ވާހަކަތައް ކަމަށެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަ އިވެން ފެށުމުން ޔުނާ ހިސާބަކަށް ޙައިރާންވާ ގޮތްވިއެވެ. އަދި އަމުދުން އެމްސްޓާރޑަމްގައި އުޅުނުއިރު އޭނަގެ ނަޞާރާ އެކުވެރިންގެ ކައިވެނީގެ ވަޢުދުތަކުގެ ތެރެއިން އިވިފައިވާ ބައެއް ބަސްތައް ވެސް އިވުމުން ވިސްނުމެއްގެ ތެރޭގައި ޔުނާއަށް އިނދެވުނެވެ. ބަލިމަޑުކަމާއި ފުރިހަމަ ޞިއްޙަތުގައި ވެސް އެކަކު އަނެކަކާއި އެކީވުމަށް ވެވޭ ވަޢުދު ފަދަ ވަޢުދުތައް ވާންޖެހޭކަން އެނގިގެން ދިޔުމުންނެވެ.
އެހެނަސް އެއިން ޔުނާގެ ހިތަށް ފުރިހަމަ ހަމަޖެހުމެއް ލިބޭ ގޮތެއް ނުވިއެވެ. ޚުޠުބާގައި މިފަދަ ވާހަކަތައް ދެކެވުނަސް ޒިހާން ކަންތައް ކުރާނެ ގޮތް ތަފާތު ވެދާނެތާއޭ ހިތަށްއެރިއެވެ. ޒިހާންގެ ރަނގަޅު ސިފަތަކާއިމެދު ވިސްނަން ކިތަންމެ މަސައްކަތް ކުރިއެއްކަމަކު އެރޭ އެކަން ނާދިރުކަމަކަށް ވަމުން ދިޔައެވެ. ޒިހާން އަނބި ޤަބޫލުކުރި ވަގުތު އެތައް ޒާތެއްގެ ޖަޒުބާތެއް އެއްފަހަރާ ޔުނާގެ ހިތަށް ވެރިވީ އެހެންވެއެވެ. އުފާވާންވީ ކަމެއް ނޫނީ ދެރަވާންވީ ކަމެއް ޔަޤީންވެސް ނުކުރެވިފައި އިނދެ އޭނައަށް ދެލޯ މަރައިލެވުނެވެ.
ޔުނާ އެހެން އިންދާ ސިހުންވެގެން ދިޔައީ މީހަކު އޭނަގެ އުނގުމަތީގައި އޮތް އަތުގައި ހިފާލަން އުޅުނުހެން ހީވުމުންނެވެ. ރޭއްސުރެ ސިކުނޑީގައިވި ފިކުރުތަކެއްގެ ސަބަބުން ނުތަނަވަސްވެގެން ދިޔަ ހިތަކާއިއެކީ އޭނަގެ ދެއަތް ވެސް އެ އަތާއި ދުރުކޮށްލެވުނެވެ. އަދި ދެލޯ ބޮޑުކޮށްލަމުން ޔުނާއަށް ކައިރީގައި އިން ޒިހާނަށް ބަލައިލެވުނެވެ. އެ ހިނދު ޒިހާން ފޭދިފައިވި ހިނިތުންވުމަކާއިއެކީ އޭނައަށް ބަލަން އިންތަން ފެނިފައި ޔުނާ ހިސާބަކަށް ދެރަވާ ގޮތްވެސްވިއެވެ.
ޔުނާ ހީކުރީ އެ ޒިހާން ވީ ދެރައާއި އެކީ އެ މޫނުމައްޗަށް ވެރިވާނީ ރުޅިވެރިކަން ކަމަށެވެ. ރޭއްސުރެ ކުރެވެމުން ދިޔަ ޚިޔާލުތަކުގެ ތެރެއިން އޭނައަށް މުޅިންހެން ސިފަކުރެވެމުން ދިޔައީ ރުޅިވެރި ޒިހާނެއް ވިއްޔާއެވެ. އެހެނަސް ޒިހާން ހިތާމަވެރި މޫނަކާއި އެކީ އޭނައަށް ބަލަން އިނދެފައި އިސްޖަހައިލިއެވެ. އެއަށްފަހު ފުން ނޭވައެއް އެތެރެއަށް ލަމުން ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވައި ދެވަނަ ފަހަރަށް ޔުނާއަށް ބަލައިލަމުން ހިނގާށޭ ބުނެލިއެވެ. އެ ހިނދު ހިތަށް ވެރިވި ޙައިރާންކަމާއި އެކީ ޔުނާ އިހުނަށްވުރެ ބޮޑަށް ދެރަވާ ގޮތްވިއެވެ. އެ ވީ ދެރައާއި އެކީ އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ގޮތްވިއެވެ. މިއީ ދުވަހަކުވެސް އޭނަގެ ފިރިއަކާއިމެދު ޢަމަލުކުރަން ޔުނާ ރާވައިގެން ހުރި ގޮތެއް ނޫނެވެ. އެހެނަސް ޙާލަތްތައް އޭނަގެ ވިސްނުން ބަދަލުކުރުވާފައިވި ޚުދު އޭނައަށް ވެސް އޭނަގެ ޢަމަލުތަކުގެ މައްޗަށް ބާރު ފޯރުވޭ ގޮތެއް ނުވެއެވެ.
**
އޭގެ އިރުކޮޅެއް ފަހުން ޔުނާއާއި ޒިހާން ތިބީ ކައިވެނި ޕާޓީ ބާއްވަން ހަމަޖެހިފައިވި އަތިރިމަތީގައެވެ. އަންހެނުންނާއި ފިރިހެނުން ވަކިން ބޭއްވުނު އެ ޕާޓީއަށް އައީ ޒިހާންގެ ގާތް އެކުވެރިންނާއި ޢާއިލާ މީހުންނެވެ. އޭގެއިން އެއްވެސް މީހަކު ޔުނާއަށް އެނގޭ ގޮތެއް ނުވިއެއްކަމަކު އަންހެނުންގެ ބަޔަށް އައި ހުރިހާ އެންމެންނަށް ޒައިނާ ޔުނާ ތަޢާރަފު ކޮށްދިނެވެ. އެއާއިއެކު އެ ހުރިހާ އެންމެންގެ ހިތްހެޔޮކަމާއި ގާތްކަން ޔުނާއަށް އިޙްސާސް ކުރެވުނެވެ.
އެކި މީހުންނާއި ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިން ޔުނާ އޭނަގެ ނުތަނަވަސްކަމުގެ މަތިން ހަނދާން ނެތޭ ގޮތްވިއެވެ. އެހެނަސް މީހުން މަދުވެގެން ދިޔަދިޔަހެން އޭނަގެ ބޮލުގެ ރިހުން ވެސް ގަދަވެފައިވިކަން ޔުނާއަށް އެނގުންވިއެވެ. އިށީނދެގެން އިން ޕްލާސްޓިކް އުނދޯއްޔަށް އޭނަ ލެނގިލައިގެން އޮތްވާ ޒައިނާ އޭނަގެ ޙާލު ބެލުމުން ބޮލުގައި ރިއްސާ ވާހަކަ ޔުނާއަށް ބުނެވުނެވެ.
“އަސްލުވެސްތަ؟ ގެއަށް ދާން ބޭނުން؟” ޒައިނާ ކަންބޮޑުވުމަކާއި އެކީ ސުވާލުކުރިއެވެ.
“ނޫނޭ ދެން އަނެއްހެން އޯކޭ. އަދި 10 މިނިޓްސް ވަރަކަށް ފަހުން ދޯ ނިމެން އޮތީ. އެހާއިރު ވަންދެން މިތާ އިށީނދެގެން އިނީމަ ވެސް ރަނގަޅު ވެދާނެހެން ހީވަނީ.” ޔުނާ ހިނިތުންވުމެއް ދައްކާލަމުން އެހެން ބުނެލީ ޒައިނާގެ ހިތްހަމަޖައްސާލުމަށެވެ. ބޮލުގައި ރިއްސާ ގޮތުން އޭގެ އަނެއްދުވަހު ހެނދުނާއި ހަމައަށް ވެސް ރަނގަޅުވެދާނެ ކަމާއި މެދު ޔުނާ ޝައްކުކުރިއެވެ.
“އެކަމަކު ތިހެން އިންނާކަށް ނުވާނެއެއްނު؟ މަޑުކުރޭ އިނގޭ ޒިހާން ގޮވައިގެން އެބަ އަންނަން. ދެމީހުން އެކީ ގެއަށް ގޮއްސަ ބޭސްކާލާނީދޯ؟” ޒައިނާ އެހެން ބުނެ ޔުނާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ ޒިހާން ހުރި ދިމާލަށް ދާން ދުއްވައިގަތެވެ. އެ މަންޒަރު ބަލަން އިނދެފައި ޔުނާއަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން މޫނުގައި ދެއަތް އަޅާލެވުނެވެ.
**
ޒިހާން އެ ޕާޓީއަށް އައިސް ހުރި އޭނަގެ ފަހު އެކުވެރިޔާއާއި ވާހަކަ ދެއްކުމަށްފަހު ފޮނުވާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އޭނަ ހުސްވާ ކޮންމެ ވަގުތެއް ފަދައިން އެ ހިސާބާއި ތަންކޮޅެއް ދުރު ހިސާބެއްގައި ބެހެއްޓިފައި ހުރި އުނދޯއްޔަށް ނަޒަރެއް ދިނެވެ.
މުޅި ޕާޓީގެ ތެރެއިން ވެސް ޒިހާނަށް ވިސްނެމުން ދިޔައީ ޔުނާއާއި މެދުގައެވެ. މިސްކިތުގައި އެ ހިނގި ކުޑަ ޙަރަކާތުގެ ސަބަބުން ހިތް ދެރަވެފައިވިއެއްކަމަކު ބޮޑަށް އިޙްސާސް ކުރެވެމުން ދިޔައީ ޔުނާއަށްޓަކައިވި ކަންބޮޑުވުމުކެވެ. އޭނަ އަތުގައި ހިފާލަން އުޅުމުން ޔުނާގެ އަތް ދުރުކުރަން މަޖުބޫރުވާނެ ސަބަބުތަކާއިމެދު ޒިހާނަށް އެތައް އިރެއް ވަންދެން ވިސްނުނެވެ. ޔުނާއަކީ މިފަދަ ރެއަކަށް ޖެހިލުންވާނެ ފަދަ އަންހެން ކުއްޖެއް ނޫންކަން ޒިހާނަށް މާ ރަނގަޅަށް ވެސް އެނގެއެވެ. އެއީ ޔުނާ އޭނަދެކެ ލޯބިނުވާތީ ވީގޮތެއްތޯ ޒިހާނަށް ހިތާހިތުން ސުވާލުކުރެވުނެވެ. އެހެންނޫނީ ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ނުނެތޭތީ ވީގޮތެއްތޯ ހިތަށްއެރިއެވެ. ކައިވެނި ކޮށްގެން އުފަލުގައި އުޅެވޭނެފަދަ ‘މެންޓަލް ސްޓޭޓް’ އެއް ނެތް ވާހަކަ ޔުނާ ބުނި ބުނުމުގެ މާނައަކީ މިއީތޯ ހިތް ބުނަމުން ދިޔައެވެ.
މީގެއިން ކޮންމެ ޚިޔާލަކީ ޒިހާނަށް ސިކުނޑިއަށް ގެންނަން ވެސް ދަތި ޚިޔާލުތަކަށްވިއެވެ. އެހެނަސް ޒިހާން އެއިން ރެކުމެއްނެތި ޙަޤީޤަތާއި ކުރިމަތިލާން ނިންމިއެވެ. ޔުނާއަކީ މިހާރު އޭނަގެ ޒިންމާއަކަށް ވުމުންނެވެ. ޔުނާއަށް ބޭނުންވާނެ ކަންތައް ހޯދައިދީ ޚަރަދު ބެލެހެއްޓުމުގެ އިތުރުން، ޔުނާގެ އިޙްސާސްތަކާއިމެދު އަޅާލުމަކީ ވެސް އޭނަގެ ޒިންމާއެކެވެ. ޔުނާގެ ކޮންމެ ކަންބޮޑުވުމުކީ އޭނަގެ ވެސް ކަންބޮޑުވުމެކެވެ. ޔުނާގެ ކޮންމެ ހިތާމަވެރިކަމަކީ އޭނަގެ ވެސް ހިތާމަވެރިކަމެކެވެ. އެ އިޙްސާސްތަކުން އަރައިގަންނަން ޔުނާއަށް އެހީވުމަކީ އޭނަގެ ޒިންމާއެއްކަމަށް ޒިހާން ދެކުނެވެ. އެ ޒިންމާތައް ނުހަނު ލޯތްބާއިއެކީ އަދާކުރަން ޒިހާން އެވަގުތު ވެސް ޢަޒުމް ކަނޑައެޅިއެވެ.
ޒިހާން އެހެން ހުއްޓާ ޒައިނާ އައިސް ދިން ޚަބަރާއި އެކީ ޒިހާން މަޑުވެސް ކުރުމެއްނެތި ޔުނާއާއި ދިމާލަށް ދެވެން ފެށިއެވެ. އަދި އެ ދިޔަ ދިޔުމުގައި އެވަގުތު ވެސް ޔުނާގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެވިދާނެ ކަމަކާއިމެދު ޒިހާން ވިސްނަން ފެށިއެވެ.
**
ޔުނާ ދެލޯ މަރައިގެން އުނދޯއްޔަށް ލެނގިލައިގެން އޮތްވާ ދެލޯ ހުޅުވާލެވުނީ އުނދޯލީގެ ކައިރިން މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށުމުންނެވެ. ޔުނާ ދެލޯ ހުޅުވާލަމުން ކަނާތް ފަރާތަށް ނަޒަރު ހިންގާލިއިރު ޒިހާން އަންނަމުން ދިޔަ މަންޒަރު ފެނި، ވަގުތުން ދެލޯ ހުޅުވައި ސީދާވެލެވުނެވެ. ޒިހާން ފެނުނު ފަޅި ސިކުންތުގައި އެ މޫނުމަތިން ހިނިތުންވުމެއް ފެނުނުހެން ހީވެފައި ޔުނާ ދެވަނަ ފަހަރަށް އެ މޫނަށް ބަލައިލަން އިސްއުފުލާލެވުނެވެ. އެ ހިނދު ޒިހާން ގޮސް އުނދޯލީގެ ކައިރީގައި މަޑުކޮށްލަމުން ޖިންސްގެ ޖީބަށް އަތް ޖަހާލީއެވެ. ޒިހާން މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްގައި ހުރިއިރު އާދައިގެ މަތިން ގަމީހުގެ އަތުކުރި އޮޅާލެވިފައިވިއެވެ. މިއާއި އެކީ ކުރުކޮށް ކޮށާލެވިފައިވި އިސްތަށިގަނޑު އޮމާންކުރެވިފައިވި ގޮތުންނާއި، އެ ހިނިތުންވުން ވަށައިގެން ތިބި އުއްބައްތީގެ އަލީގެ ތެރެއިން ގޮތުން ޔުނާއަށް ހިތާހިތުން ރީއްޗޭ ކިޔައިލެވުނެވެ. ނޭނގޭ ސަބަބަކާއިހުރެ އެރޭ ޔުނާއަށް ޒިހާން ރީތިވީ ބިރުވެރި ދަރަޖައަކަށެވެ. ކައިވެންޏަށްފަހު ދެމީހުންގެ ދެމެދުގައި ލޯބި ލައްވާނެ ވާހަކަ މި ވޭތުވި ދެދުވަސް ތެރޭގައި ޒިހާންގެ މަންމަ ތަކުރާރުކޮށް ބުނި ބުނުމުގެ މާނައަކީ މިއީތޯ ޔުނާގެ ހިތަށްއެރިއެވެ.
“ބޮލުގަ ރިއްސައިގެން؟” ޔުނާއަށް ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނީ ޒިހާން އެ ސުވާލުކޮށްލުމުންނެވެ. އޭނަ އުޅެނީ ބޮލުގައި ރިއްސައިގެންކަން ހަނދާންވާ ގޮތްވީ ވެސް އެ ސުވާލާއިމެދު ވިސްނާލުމުންނެވެ.
“ހްމް….” ޔުނާއަށް ޖެހިލުންވުމަކާއި އެކީ ބުނެލެވުނެވެ. ބޮލުގެ ރިހުމާއި އެކީ އޭނަގެ ހުރިހާ ނުތަނަވަސްކަމެއްގެ މަތިން ހަނދާންވެގެން ދިޔައެވެ. އިސާހިތަކު ޒިހާން އޭނަގެ ޙައްޤުތަކުގެ ވާހަކަތައް ކިޔައިދީ ގަދަކަމުން ޔުނާގެ އަތުގައި ހިފައި ދަމައިގަންނަ މަންޒަރު ޔުނާއަށް ސިފަކުރެވުނެވެ. މިސްކިތުގައި އޭނައަށް ހެދުނީ ގޯހެއްކަމަށް ބުނެ ފާފަ ލިބޭނެ ވާހަކަ ޒިހާން ބުނާނެ ކަމަށް ޔުނާއަށް ހީކުރެވުނެވެ. އެހެނަސް….
“ހިނގާދޯ އެތާ ރާޅު ބީއްސާ ހިސާބުގަ ކުޑަކޮށް ވޯކެއް ޖައްސާލަން؟ ޔުނާ ވަރަށް ލައިކްވާ ކަމެއްތަ އެއީ؟ ވޯކެއް ޖައްސާ ނިމޭއިރު ބޮލުގެ ރިހުންވެސް ރަނގަޅުވެދާނެދޯ؟ ހިނގާ….” ޒިހާން ބުނެލިއެވެ. ޒިހާން އެ ދެއްކި ވާހަކައިން ޔުނާއަށް ލިބުނު ޙައިރާންކަމާއެކީ ދެބުމަ ކައިރި ކޮށްގެން ހުރެ އޭނައަށް ޒިހާނާއި ދިމާލަށް ބަލައިލެވުނެވެ. ޒިހާން މިސްކިތުގައި އޭނަ ހެދި ގޮތުގެ ވާހަކަ ނުދައްކާނީތޯ ހިތަށްއެރިއެވެ. އެ ސުވާލު ހަމަ ނުކުރާނީތޯ ހިތަށްއެރިއެވެ. ޤަބޫލުކުރަން ދަތިވެފައި ޔުނާ އިންދާ ޒިހާން މިފަހަރު އޭނަގެ އަތުގައި ހިފުމުގެ ބަދަލުގައި އޭނައާއި ދިމާލަށް އެއްއަތް ދިއްކޮށްލިއެވެ. މިފަހަރު ޔުނާގެ އަތުގައި ހިފާނީ ޔުނާގެ ވެސް އިޒުނައާއި އެކީގައޭ ބުނަން އުޅުނު ފަދައަކުންނެވެ. ޔުނާ އަޖައިބުވީވަރުން ޙަރަކާތެއް ވެސް ގެންނަން ނޭނގިފައި އިނދެވުނެވެ.
ޔުނާ އެއްފަހަރު އެއަތަށް އަނެއްފަހަރު ޒިހާނަށް ބަލަން އިންދާ އަނެއްކާވެސް ޒިހާންގެ ހިނިތުންވުން ފޭދެން ފެށިކަން ޔުނާއަށް ފާހަގަވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޒިހާންގެ އަތަށް ބަލައިލިއިރު އެ އަތް ތިރިކުރެވެން އުޅުނުހެން ހީވުމާއެކު ޔުނާއަށް ތެޅިގެންފައި އެއަތް މަތީގައި އަތް ބާއްވާލެވުނެވެ. ޔުނާއަށް އެވަގުތު އެނގުނުހާ ވެސް ކަމަކީ އޭނަ ޒިހާން ދެރަކުރަން ބޭނުންނުވި ކަމެވެ. އެއީ އޭނަގެ އަމިއްލަ އެދުމެއްކަމެއް ނޫނީ ދޮންބެ އެދޭނީ އެފަދަ ގޮތެއްކަމަށް ވުމުން ކަމެއް ޔަޤީންކުރަން ޔުނާއަށް ދަތިވިއެވެ.
ކޮންމެ ގޮތެއްވިޔަސް ޔުނާ އޭނަގެ އަތް ޒިހާންގެ އަތްމަތީގައި ބޭއްވުމުން ޒިހާންގެ ހިނިތުންވުން އަނެއްކާވެސް ފުރިހަމަވުމުން ޔުނާގެ ހިތް ވެސް އުފާވިއެވެ. ޒިހާން އޭނަގެ އަތުގައި ހިފާލަމުން ޔުނާގެ ތުންފަތްމައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
ޒިހާން ޔުނާގެ އަތުގައި ހިފައިގެން ގޮސް ވަކި ހިސާބެއްގައި މަޑުކޮށްލަމުން އޭނަގެ ބޫޓު ބޭލީ، މަޖާވާނީ މިހެން ހެދީމަ ނޫންތޯ ބުނަމުންނެވެ. އެ މަންޒަރު ބަލަން ހުރެފައި ޔުނާ ވެސް ލުއި ހީލުމަކާއެކީ އޭނަގެ ފައިވާނާއެކީ އިސްޓާކީން ވެސް ބޭލިއެވެ. ޔުނާ އެކަމުން ނިމުނުތަނާހެން ޒިހާން އަނެއްކާވެސް އޭނަގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. މިފަހަރު ޔުނާ ވަކި ދެވަނަ ވިސްނުމެއްނެތި އެ އަތުގައި ހިފާލިއެވެ. އެއާއެކު ޒިހާން ބާރަށް ހިނގާށޭ ބުނެ ދުއްވައިގަތް ގޮތުން ޔުނާއަށް ވެސް ދުއްވައިގަންނަމުން އިހުނަށްވުރެ ބޮޑަށް ހީލެވުނެވެ.
ރާޅު ބީއްސާ ހިސާބުގައި ދެމީހުން ހިނގަން ފެށުމުން އަނެއްކާވެސް އެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. އުއްބައްތީގެ އަލިތަކަށްވުރެ އެ ހިސާބުގައި ރަސްކަން ކުރަމުން ދިޔައީ 14 ވިލޭރޭގެ ހަނދުވަރުގެ އަލިކަމެވެ. އުޑުމަތިން ފެންނަމުން ދިޔަ ހަނދާއި ތަރިތަކުގެ މަންޒަރާއެކީ އިވެމުން ދިޔަ ރާޅުތަކުގެ އަޑާއެކީ އެ ރާޅުތައް ފައިގައި ބީހެމުން ދިޔަ ގޮތުން އާދަޔާ ޚިލާފު ހަމަޖެހުމެއް ޔުނާއަށް ލިބުނެވެ. އެވަގުތު ޒިހާން ބުނި ފަދައިން ބޮލުގައިވި ރިހުމަށް ވެސް ލުޔެއް ލިބިފައިވިހެން ޔުނާއަށް ހީވިއެވެ. ހަމަ އެހިނދު ވެސް ޒިހާންގެ ފަރާތުން ފެންނަމުން ދިޔަ ސިފަތަކުން އޭރުވެސް ޔުނާ ޙައިރާންވެފައިވިއެވެ. ޖިނާހު ބުނިހެން ކަންތައް ނުވިތާއޭ ހިތަށްއެރި ހިނދު ޒިހާންގެ އަޑު އިވުނެވެ.
“އަހަރެން އަބަދުވެސް މިކަހަލަ ރޭރޭ މިގޮތަށް ހިނގާލާ ހިތްވޭ. ސަޅިކަމެއްދޯ؟” ޒިހާން ދޯދިނެވެ. ޔުނާ ބަލައިލިއިރު ޒިހާން ހުރީ އުޑަށް ނަޒަރު ހުއްޓައިގެންނެވެ.
“ހްމް….” ޔުނާ ވެސް އުޑަށް ބަލައިލަމުން ބުނެލިއެވެ. ޔުނާގެ ފަރާތުން ކުރިން ވެސް ލިބުނު ފަދަ ޖަވާބެއް ލިބުމުން ޒިހާނަށް ޔުނާއާއި ދިމާލަށް ބަލައިލެވުނެވެ. އެ ހިނދު އަނެއްކާވެސް އެ މޫނުމަތިން ހިނިތުންވުން ފިލާފައިވި މަންޒަރު ފެނިފައި އެ ހިނިތުންވުން އަނބުރާ ގެންނަން ޒިހާން ބޭނުންވިއެވެ.
“ޔުނާ ބަލާ….” ޒިހާން އެހެން ބުނެ ޔުނާއަށްވުރެ ކުރިއަށް ދިޔައެވެ. އަދި ރާޅު ކަނޑުގެ ތެރެއަށް ގެނބުނު ވަގުތު ރާޅު ބީއްސާ ހިސާބުގައި މަޑުކޮށްލިއެވެ. ޔުނާއަށް ފަސްދީގެން ޒިހާން ހުއްޓިގެން ހުރި ގޮތުން ޔުނާއަށް ދެބުމަ ކައިރި ކޮށްގެން ބަލަހައްޓައިގެން ހުރެވުނެވެ. ޔުނާ ބަލަބަލާ ހުއްޓާ ރާޅު ޒިހާނާއި ދިމާލަށް އަންނަން ފެށުމުން ޒިހާން ލޮނުގަނޑުގައި ނުޖެހެން އެއްފަރާތަކަށް ހިނގަން ފެށިއެވެ. އެ ފުރަތަމަ ރާޅު އައީ ލަސް ގޮތަކަށް ކަމަށްވުމުން އެ ފުރަތަމަ ފަހަރު އެކަން ކުރަން ފަސޭހަވިއެވެ. ދެވަނަ ފަހަރަށް ވެސް ރާޅު އަންނަން ވާއިރަށް ޒިހާން އެހާ ހިސާބުގައި މަޑުކޮށްލިއެވެ. މިފަހަރު ރާޅު ތަންކޮޅެއް ބާރަށް އައުމުން އެއިން ރެކުމުގެ ތެރޭގައި ޒިހާން ނުވެއްޓުނީ ކިރިޔާއެވެ. އެއާއެކު ފަހަތުން ޔުނާގެ ހީލުމުގެ އަޑު އިވުމުން ޒިހާނަށް ވެސް ހީލުމަކާއެކީ ފަހަތް ބަލައިލެވުނެވެ.
“ހެހެ….އެހާ ފަސޭހަކަމެއް ނޫނޭ….ޔުނާ ޓްރައިކޮށްލަން ބޭނުން؟” ޔުނާ ހިނިތުންވީތީ އުފާވެފައިހުރެ ޒިހާން ސުވާލުކުރިއެވެ. ޔުނާ ސިކުންތުކޮޅެއް ވަންދެން ވިސްނަން ހުރެފައި ވަކި ޖަވާބެއް ނުދީ ރާޅު ކަނޑުގެ ތެރެއަށް ގެނބުނު ވަގުތު ރާޅު ބީއްސާ ހިސާބުގައި މަޑުކޮށްލިއެވެ. އެއަށްފަހު ރާޅު އަންނަން ފެށުމުން ޒިހާން ހެދި ފަދައިން އެއްފަރާތަކަށް ހިނގަން ފެށިއެވެ. ދެވަނަ ފަހަރަށް އައި ރާޅު ތަންކޮޅެއް ބާރަށް އައުމުން ޔުނާއަށް ތޫލި އަޑެއް ވެސް ލައްވާލެވުނެވެ. އެއާއެކު އަނެއްކާވެސް ޔުނާއާއި ޒިހާނަށް އެކުއެކީގައި ހީލެވުނެވެ.
ދެމީހުން އެކީގައި އެ ކުޅިވަރު ކުޅެން ފެށުމުން މުޅި އެ ހިސާބުގައި ދެމީހުންގެ ހުނުމުގެ އަޑު ގުގުމަމުން ދިޔައެވެ. އެ ހުނުމުގެ ތެރެއިން ޔުނާ އޭނަގެ ހުރިހާ ނުތަނަވަސްކަމަކާއި ބޮލުގެ ރިހުމުގެ މަތިން ވެސް ހަނދާން ނެތޭ ގޮތްވިއެވެ. ޒިހާނަކީ އޭނަގެ ފިރިމީހާއަށްވުރެ ވެސް ބޮޑަށް އޭނައަށް ހެޔޮއެދޭ ގާތް އެކުވެރިއެއްގެ ގޮތުގައި ފެންނަން ފެށިއެވެ. އެއީ އެދެމީހުން ގާތްވުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަން ޔުނާއަށް ރޭކާވެސް ނުލައެވެ.
ނުނިމޭ