Hiyaa (Part 24)
“ހަމަ ބުނަންވީ؟” ޒިހާން އަހައިލިއެވެ.
“ހުމް ބުނަންވީ…..” ޔުނާ އެހެން ބުނެލިއިރު އޭނަގެ މެއަށް ފިނިވިއެވެ. އިވެން މިއުޅެނީ ކޮންކަހަލަ ވާހަކައެއްކަމުގެ ހިލަމެއް އެވަގުތު ވުމުންނެވެ. އޭނައަށް އިތުރަށް ނުވިސްނެނީސް ޒިހާންގެ އަޑު ޔުނާއަށް އިވުނެވެ.
“އައި ލަވް ޔޫ، ޔުނާ.” ޒިހާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލިއެވެ. އެއާއެކު ޔުނާގެ އަތްފައި ފިނިވެ ހުއްޓުން އަރާ ގޮތްވިއެވެ.
ޒިހާންގެ އެ ބަސްތަކަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑު ފިޔަވައި އެހެން އަޑެއް ނުއިވެއެވެ. ޔުނާއާއި ހަތަރުކަޅި ބައްދަލުވެފައިވި ޒިހާންގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. މިއީ އޭނަގެ ހުވަފެނުން މި މަންޒަރު ފެނިފައިވާ ގޮތްކަން ޔަޤީންވިއެވެ. އެ ހުވަފެން އޭނަގެ ލޯ ކުރިމަތިން ޙަޤީޤަތަކަށް ބަދަލުވަނީތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އެހެންކަމަށްވާނަމަ ޔުނާ ދެން ބުނާނެ ބަސްތަކުން އޭނަގެ ހިތަށް އުފަލެއް ލިބިދާނެ ހެއްޔެވެ؟ ޒިހާން ވިސްނުމެއްގައި ވަނިކޮށް ޔުނާ ވާހަކަ ދެއްކިއެވެ.
“އައިމް ސޮރީ، ޒިހާން….” ޔުނާއަށް ޖެހިލުންވުމަކާއިއެކީ ބުނެލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ޒިހާންގެ ހިތް އުފާކޮށްލަދޭން ޒިހާން އަޑުއަހަން ބޭނުންވާ ބަސްތައް ބުނެލަން ޔުނާގެ ހިތް އެދުނެވެ. އެހެނަސް އޭނަ ޒިހާނަށް ދޮގު ހަދަން ބޭނުމެއް ނުވިއެވެ. ޒިހާނަށް އޮޅުވާލަންވެސް ބޭނުމެއް ނުވީއެވެ.
ޔުނާގެ އެ ބަސްތައް އިވިފައި ޒިހާން ލުއި ހީލުމަކާއިއެކީ ޔުނާގެ މޫނުން ނަޒަރު ވަކިކޮށްލަމުން އިސްޖަހައިލިއެވެ. އެ ހިނދު އެ ލޯމަތިން ހިތާމަވެރިކަން ފާޅުވަމުން ދިޔަ ގޮތުން ޔުނާގެ ހިތަށް އުދަގުލެއްވިއެވެ.
“ސޮރީ ބުނަން ޖެހޭ ކަހަލަ ޙާލަތެއް ނޫންދޯ މިއީ ޔުނާ؟ ލޯބިވެއޭ ނުވަތަ ލޯބިނުވެއޭ ބުނަންވާނީ….ލޯބިނުވެއޭ ބުންޏަސް އަހަރެން….އޯކޭ ވާނެ.” ޒިހާން އެ ފަހު ބަސްތައް ބުނެލީ ފަނޑުވަމުން ދިޔަ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުންނެވެ.
“ސޮރީއޭ މި ބުނީ އަހަންނަށް ޒިހާންދެކެ ލޯބިނުވެވޭނެތީ….ހަމަ ގައިމުވެސް ޒިހާން ތި ލޯބިވާ ވަރަށް އަހަންނަށް ޒިހާން ދެކެ ލޯބިވެވޭނެހެން ހިއެއްނުވޭ. ކީއްކުރަން އެތައް އަހަރެއް ވަންދެން އަހަންނަށްޓަކައި އިންތިޒާރުކުރީ؟ ޒިހާން ވެސް ޒިހާންދެކެ ލޯބިވާނެ ފަދަ ރަނގަޅު ކުއްޖެއް ހޯދައިގެން އެކުއްޖާއާއި އިންނަމަ ކިހާ ރަނގަޅުވީސް؟” ޔުނާ ޝަކުވާގެ ރާގަކަށް ސުވާލުކުރިއެވެ.
“ޔުނާ މަތިން ހަނދާން ނުނެތެނީސް އެހެން މީހަކާއި އިންނަމަ އެމީހެއްގެ ޙަޔާތްދޯ ބަރުބާދު ކުރެވޭނީ؟ ވެދާނެ އަހަރެންގެ ތަބީޢަތުގެ ގޮތުން އަހަންނަށް އެ ފުރަތަމަ ލޯބި ހަނދާން ނައްތާނުލެވުނީ ކަމަށްވެސް….ވެދާނެ އަހަރެންގެ މޮޔަކަމުގެ ސަބަބުން ޔުނާ ކަމުދިޔަ ހިސާބުން ވެސް ޔުނާއާއެކީ ދިރިއުޅުމެއް ބިނާކުރަން ޚިޔާލުކުރެވުނީ ކަމަށްވެސް. އެކަމަކު ޔަޤީންވާ ކަމަކީ ޙަޔާތުގަ ދިމާވާ އެއްވެސް ކަމަކީ ބޭކާރު ގޮތުގަ މެދުވެރި ކުރައްވާ ކަމެއް ނޫންކަން. އެ ކުރި ދިގު އިންތިޒާރުގެ ފަހަތުގައި ވެސް ހެވެއްވޭ. ޔުނާ އަހަންނާއި ދުރަށް ދިޔުމުގައި ވެސް ހެވެއްވޭ….އަދި މިއަދު ވެސް ޔުނާ އަހަރެންދެކެ ލޯބި ނުވިޔަސް އަހަންނާއި ކައިރީގައި ތިހިރީ ސަބަބަކާއި ލައިގެން ކަމަށް އަހަރެން ޤަބޫލުކުރަން…..އެއީ އަހަރުމެންނަށް މި ގުޅުމުން ލިބެން އޮތް އުފަލެއް ނޫނީ އެހީއެއް ނޫނީ ޢިބްރަތެއް ކަމަށް ވެސް ވެދާނެ.” ޒިހާން ސާބިތު އަޑަކުން ބުނެލި އެ ވާހަކައާއި މެދު ޔުނާއަށް ވިސްނުނެވެ. އެއީ ކިހާ ބޮޑު ތެދެއްކަން ވެސް އޭނައަށް އެވަގުތު ޔަޤީންކުރެވުނެވެ. ޔުނާ ބުނާނެ އެއްޗެއް ނޭނގިފައި ވަނިކޮށް ޒިހާން ވާހަކަ ދެއްކިއެވެ.
“ކޮންމެ ގޮތެއްވިޔަސް އަހަރެން ޔުނާ ދެކެ ލޯބިވާނަން. ވަކިން ޚާއްޞަކޮށް މިއަދު ޔުނާގެ ފިރިއެއްގެ ގޮތުގަ ޔުނާދެކެ ލޯބިވާކަން ހާމަކޮށްދިނުމަކީ އަހަންނަށް އޮތް ވާޖިބެއް. ޔުނާއަށް މި ލޯބީގެ އަގު ވަޒަން ކުރެވުނަސް ނުކުރެވުނަސް މި ގުޅުން ދަމަހައްޓަން މަސައްކަތް ކުރާނަން އިން ޝާ ﷲ! އެ ހުރިހާ ކަމަކަށްފަހު ވެސް ޔުނާއަށް މި ކައިވެނީގައި ނުއުޅެވޭނެހެން ހީވަންޏާ އަހަރުމެން…..” ޒިހާނަށް ބުނެވުނީ ހަމައެކަނި އެހާވަރަށެވެ. އެހާ ހިސާބަށް ބުނުމަށްފަހު ޒިހާން އޭނައަށް ގަދަކަމުން ހިނިތުންވުމެއް ދައްކާލި ގޮތުން ޔުނާގެ ހިތް ވެސް ދެރަވާ ގޮތްވިއެވެ. އެހެނަސް ޔުނާއަށް އެއްޗެކޭ ނުބުނެވެނީސް ޒިހާން އިތުރަށް ވާހަކަ ދެއްކިއެވެ.
“ދެން އެ ވާހަކަ ބާއްވާފަ ހިނގާދޯ؟ ވާރޭ ތެރޭގަ ތެމިލަން ބޭނުންތަ ޔުނާ؟ މިހާ ދުރަށް ދުއްވާފަ އައިއްސަ ޓްރިޕް ސްޕޮއިލް ވެގެން ނުވާނެދޯ؟” ޒިހާން އޭނަގެ ހިނިތުންވުން ފުރިހަމަ ކުރަމުން ބުނެލިއެވެ. އަދި ވަކި އެއްޗެކޭ ނުބުނެ އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ނަގައި ޔުނާގެ އަތްދަބަސް ތެރެއަށް އަޅައިލިއެވެ.
“ޒިހާން…..” ޔުނާ ނުހަނު ޖަޒުބާތާއި އެކީ އިތުރަށް ވާހަކަ ދައްކަން އުޅުނު ތަނާހެން ޒިހާން ހިނގާށޭ ބުނެ އޭނަގެ އަތުގައި ހިފައިގެން ދަމައިގަތެވެ. ޔުނާއަށް އިތުރު އެއްޗެކޭ ނުބުނެވެނީ ޒިހާން އޭނަގެ އަތުގައި ހިފައިގެން ހިނގަމުން ގޮސް ފާލަމެއްހެން ހުރި ފިލަގަނޑު މައްޗަށް ގެންދިޔައެވެ. އިސާހިތަކު ދެމީހުން ވެސް ބޯ ވާރޭތެރޭގައި ތެމި ފޯވެގެން ދިޔައެވެ.
“އާރ ޔޫ އިންސޭން، ޒިހާން؟!” ވާރޭގެ އަޑުގެ މައްޗަށް އޭނަގެ އަޑު އިސްކުރަމުން ޔުނާއަށް އަހައިލެވުނެވެ. އެ ސުވާލުކޮށްލެވުނީ ވަކި ޒިހާން އޭނަ ވާރޭގެ ތެރެއަށް ގެންދިޔައީތީވެއެއް ނޫނެވެ. ދާދި ދެންމެއަކު ޒިހާން އޭނަގެ އަމިއްލަ ހިތް ފަޅައިގެންދާ ޒާތުގެ ވާހަކައެއް ދެއްކުމަށްފަހު ވެސް ފުރިހަމަ ހިނިތުންވުމެއްގައި ހުރި ގޮތުންނެވެ.
“އޫޕްސް! ޔުނާގެ ޕާރމިޝަންއާ ނުލާދޯ މިކަން މި ކުރެވުނީ؟ ބަޓް މިފަހަރު ނޯ ރިގްރެޓްސް އިނގޭ؟ މިއީ ޔުނާ ލައިކްވާ ކަމެއްކަން އަހަންނަށް އެނގޭ….އަދިވެސް ވާރޭ ތެރޭ ހުއްޓިގެން ހުރެ މައްޗަށް ބަލާފަ ދޫ ނެރެންތަ؟” ޒިހާން ސުވާލުކުރިއެވެ. އެ ވާހަކަ އިވިފައި ހަނދާނަށް އައި ފުރާވަރުގެ ދުވަސްތަކާއެކީ ޔުނާ ލަދު ގަންނަ ގޮތްވިއެވެ. އޭނަ ސްކޫލުން ގެއަށްދާ މަގުމަތީގައި އެކަނި ހުރެ އެހެން ހެދި މަންޒަރު ޒިހާނަށް ފެނިފައިވާނެކަން އެނގުންވުމުން ކޯތާފަތް ރަތްވެގެން ދިޔައެވެ.
“އެހެންނެއް ނަހަދަމޭ….މިހާރުއެއް…” ޔުނާ އަމިއްލަ ދިފާޢުގައި ބުނެލިއެވެ.
“އަސްލުވެސް؟ މަޖާކަމެކޭ އެއީ….ބަލާ!” ޒިހާން އެހެން ބުނެ މައްޗަށް ބަލައިލަމުން ދޫނެރެލިއެވެ. ޒިހާން އެހެން ހެދި މަންޒަރު ފެނިފައި ޔުނާއަށް ހީލެވުނެވެ.
“ދެން ޔުނާ ހަދާ!” ޒިހާން ހެވިފައިހުރެ ބުންޏެވެ.
“ނޯ ވޭއި!” ޔުނާ ކުރިއަށް ހިނގައިގަންނަމުން ބުނެލިއެވެ.
“ދެން އެހެން ކަމަކުނުދާނެއޭ!” ޒިހާން ސަމާސާ ރާގަކަށް ބުނަމުން ޔުނާގެ ފަހަތުން ހިނގައިގަތެވެ.
“ނޫން!”
“ޔުނާ ވަރަށް ކިއުޓްއޭ އެހެން ހަދާއިރު..”
“ނޯ.”
“ނަސީބެއްދޯ ވާރޭވެހޭ ގަޑީގައި އެހާ ގިނައިން ދޫނިތައް މަތިން ނުދާކަން؟” ޒިހާން ބުންޏެވެ. އެ ބަސްތަކަށްފަހު ވޭތުވި ހިމޭންކަމުގެ ވަގުތުކޮޅަށްފަހު ދެމީހުން އެކަކު އަނެކަކަށް ބަލައިލި ތަނާހެން އެކުއެކީގައި ހެވެން ފެށިއެވެ.
ދާދި ދެންމެއަކު އެ ދެ ހިތަށް ލިބުނު އުދާސްކަން އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ފިލައިގެން ދިޔަ ފަދައެވެ. އެއީ އަދި ނުގުޅޭ ދެ ހިތް ކަމަށްވިޔަސް އެ ދެހިތުގެ ޒާތް ދެމީހުންނަށް ވެސް އެނގޭ ފަދައެވެ. ނޭނގިނަމަވެސް އެކަކު އަނެކެއްގެ ހިތް އުފާކޮށްދޭން ދެމީހުންނަށް ވެސް އެނގޭ ފަދައެވެ.
ދެމީހުން ވެސް ތެމިފައި ތިބުމުން ގެއަށް ދާން ކާރަށް ނޭރޭނެތީ ޒިހާން އެހެން ޚިޔާލެއް ފާޅުކުރިއެވެ. އެތާ ކައިރި ހިސާބެއްގައި އޭނަގެ ކުންފުނިން ހަދާފައި ހުރި ގެސްޓް ހައުސްއަކަށް ދިޔުމުގެ ޚިޔާލެވެ. ޔުނާ އެ ވާހަކައާއި އެއްބަސްވީ ދެވަނަ ވިސްނުމެއް ނެތިއެވެ. ޒިހާނާއި އެކީ އެކަހެރިވުމުގެ ޚިޔާލާއިމެދު އޭނަ ލަސްލަހުން ހަމަޖެހެމުން ދިޔައެވެ. އެއީ ޒިހާން އޭނަގެ އެދުމާއި ދެކޮޅަށް ކައިރި ނުވާނެކަން ޔަޤީންވާތީވެކަމެއް ނޫނީ އޭނަ ޒިހާނާއި ކައިރިވާން ބޭނުންވާތީވެ ކަމެއް ޔުނާއަށް ނޭނގުނެވެ. އެނގުނުހާ ވެސް ކަމަކީ ޒިހާނާއިއެކީ ވަގުތު ހޭދަކުރެވޭތީ އޭނަގެ ހިތް އުފާވެފައިވިކަމެވެ.
މިނެޓްތަކެއް ވަންދެން ހިނގުމަށްފަހު ޔުނާއާއި ޒިހާނަށް ތިބެވުނީ ދެ ފަންގިފިލާގެ ބޮޑު ގެއެއްގެ ކުރިމަތީގައެވެ. އެ ގޭގައި ދެފަރާތަށް ހުޅުވޭ މުށިކުލައިގެ ދޮރެއް ލެވިފައިވީއިރު ގޭގެ ފާރުތަކުގައި ދަވާދު ލެވިފައިވީ ހުދުކުލައިންނެވެ. މަތިން ފެންނަމުން ދިޔަ ބެލްކަނީގައި ރޮނގުތަކުގެ ޑިޒައިނެއްވީއިރު އެ ރޮނގުތަކުގައި ނޫކުލައެއް ޖެއްސިފައިވިއެވެ. ގޭގެ ވަށައިގެން ރޭވިފައި ހުރި ފާރުގައިވެސްވީ ފަދައިންނެވެ.
“އަދި މި ގެ އެއްކޮށް ނުނިމި މިހިރީ….މިތާ ގޭޓަކާއެކީ ފާރުމަތީގަ ފެންސެއް ހަރުކުރަން ރާވާފަ އޮތީ. އިން ކޭސް ޔޫ ވާރ ވަންޑަރިންގް ހެހެ….އެބަ އަންނަން އިނގޭ އެހެރަ ގޭގަ ހުރި ކުއްޖާ އަތުން މިގޭގެ ތަޅުދަނޑި ހިފައިގެން.” ޒިހާން ބުނެލިއެވެ. ޔުނާ ބޯޖަހާލުމުން ޒިހާން އޭނައަށް ފަސްދީފައި ގެސްޓް ހައުސްގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ގެއަށް ދިޔައެވެ. ވަގުތަކީ އިރުއޮއްސެމުން ދިޔަ ވަގުތަށްވެފައި ވާރޭ ވެސް ތުނިވެފައިވި ގޮތުން މާޙައުލަށް ވެރިވެފައިވީ ލޯބިން ގުޅޭ އަލަތު ދެމަފިރިންނަށް އެންމެ މުނާސަބު ގޮތަކަށެވެ.
ނޭނގޭ ސަބަބަކާއިހުރެ އެވަގުތު ޔުނާއަށް އޭނައާއި ޒިހާން އެފަދަ ޖޯޑެއްގެ ގޮތުގައި ސިފަކުރެވުނެވެ. ލޯބިން ގުޅިގެން އުޅޭ ދެމަފިރިންގެ ގޮތުގައި އޭނައާއި ޒިހާން ސިފަކުރެވުނެވެ. އެކަމާއިމެދު ޚުދު އޭނަ ވެސް ޙައިރާންވިއެވެ. އަދި އެ ދެމީހުން ކައިވެނި ކުރިތާ 24 ގަޑިއިރު ވެސް ނުވެއެވެ. ވީއިރު އޭނަގެ ހިތުގައި ޒިހާނަށްޓަކައި ޖަޒުބާތުތަކެއް ވާނީ ކިހިނެއް ހެއްޔެވެ؟
ކޮންމެ ގޮތެއްވިޔަސް ޒިހާން އެ ގެސްޓް ހައުސްގެ ކުރިމަތީގައި ހުރި ގެއަށް ގޮސް ސަލާމް ގޮވާލި މަންޒަރު ބަލަން ޔުނާއަށް ހުރެވުނީ އެސްފިޔަ ޖަހާލުމެއް ނެތިއެވެ. އެގޭގެ ތެރެއިން ޒިހާނަށްޓަކައި މަސައްކަތް ކޮށްދޭ ކުއްޖަކު ނިކުތުމުން ޒިހާން އެ ކުއްޖާއާއި ވާހަކަ ހިތްހެޔޮ ރާގުން ޔުނާއަށް ނޭނގުމެއްގެ ތެރޭ ހިނިތުންވުމެއްގައި ހުރެވުނެވެ. ޒިހާން އޭނަ ކައިރިއަށް އަނބުރައި އަންނަން ފެށުމުން ޔުނާގެ އެ ހިނިތުންވުން ފުންވިއެވެ.
ޒިހާން އެގޭގެ ދޮރު ހުޅުވައިލަމުން އެތެރެއަށް ވަންއިރު ގޭގެ ތެރެއަށް ވެރިވެފައި އޮތީ އަނދިރި ކަމެކެވެ.
“އަދި މިގޭގެ ބައެއް ބައިތަކުގަ ކަރަންޓުވެސް ނުލާ ހުންނާނީ. އުއްބައްތި ޖަހަން ޖެހޭނީ….ޔުނާ އަހަރެންގެ ފޯނު ނަގާދީބަލަ….ފްލޭޝްލައިޓް ދިއްލައިގެން އެތާ ތެރެއަށް ގޮއްސަ އުއްބައްތިއާއި ލައިޓަރު ހިފައިގެން އަހަރެން އަންނާނަން…” ޒިހާން އެދުނެވެ. އެއާއެކު ޔުނާ ހޫންލައްވާލަމުން އޭނަގެ ދަބަސް ހުޅުވައި އަތުގައި ޖެހުނު ދެ ފޯނުންކުރެ އެއްފޯނު ނަގައި ޒިހާނަށް ދިއްކޮށްލީ ވަކި ކާކުގެ ފޯނެއްތޯ ޔަޤީންކުރުމެއް ނެތިއެވެ. ފޯނު ހުޅުވައިލުމާއެކު ޒިހާނަށް އެއީ ޔުނާގެ ފޯނުކަން ޔަޤީންކުރެވުނެއްކަމަކު އެވަގުތު ފޯނު ބަދަލުކުރުން މުހިއްމުކަމެއް ކަމުގައި ނުދެކި ޒިހާން ފްލޭޝްލައިޓް ދިއްލާލަމުން އެތެރެއިން ފެންނަމުން ދިޔަ އަނދިރި ސަރައްކާލިއާއި ދިމާލަށް ހިނގައިގަތެވެ.
ޒިހާން ލޯމައްޗަށް ގެއްލުނު ވަގުތު ޔުނާ ގޭގެ ވަށައިގެން ނަޒަރެއް ދިނެވެ. ފެންލައިޓްތަކުން އަންނަމުން ދިޔަ އަލިން އެތާތެރެ ކިރިޔާ ފެންނަހާވަރު ވަނީއެވެ. ފަނޑު އަލީގެ ތެރެއިން ފެނުނު ސޯފާގައި އިށީންނަން ޔުނާ ޚިޔާލުކުރި ވަގުތަކީ ޔުނާގެ ދަބަސް ތެރެއިން ފޯނެއް ރިންގުވާ އަޑު އިވެން ފެށި ވަގުތެވެ. ފޯނުގެ ރިންގްޓޯން އިވިފައި އެއީ ޒިހާންގެ ފޯނުކަން ޔުނާއަށް ޔަޤީންކުރެވުނެވެ. ޔުނާއަށް ވަގުތުން ދަބަހުގެ ތެރެއިން އެ ފޯނު ނެގުނީ އޭތި ޒިހާނާއި ޙަވާލުކުރުމުގެ ނިޔަތުގައެވެ. އެހެނަސް ފޯނު ނެގި ވަގުތު ސްކްރީނުން ފެނުނު ދިގު ނަންބަރުން ޔުނާއަށް އެ ނަންބަރަށް ރަނގަޅު ނަޒަރެއް ދެވުނެވެ.
ނަންބަރުގެ ކުރީ ކޮޅުގައި އޮތް ތިން ނަންބަރުން އެއީ އެމްސްޓާރޑަމްގެ ނަންބަރެއްކަން ޔުނާއަށް ޔަޤީންކުރެވުނެވެ. ހަމަ އެއާއިއެކު މިއީ އޭނަ ދަންނަ ނަންބަރެއްހެން ހީވި ހީވުމާއިއެކު ޔުނާގެ ހަނދާނަށް އައީ މާލޭގައި އޭނަ ހުއްޓާ އޭނައަށް ގުޅައިލި މީހާ މަތިންނެވެ. އެ މީހާގެ އަޑު ހަނދާންވުމުން ވެސް ޔުނާގެ ގައިން ހީބިހި ނަގައި މުޅި މީހާ ފިނިވެގެން ދިޔައެވެ. އެމީހާ އޭނައަށް ކުރިހާ ކަންތައް ހަނދާންވެ ބިރުގަތް އެ ވަގުތު ކޮޅުގައި ޔުނާ ވަގުތުން ބޭނުންވީ ޒިހާންގެ ގާތުގައި ވުމަށެވެ.
“ޒިހާން…..” ޔުނާއަށް ގޮވައިލެވުނެވެ. ޒިހާންގެ ކައިރީގައި ހުންނަން ބޭނުންވުމާއިއެކު މި ނަންބަރާއިމެދު ޒިހާނާއި ސުވާލުކުރަން ވެސް ބޭނުންވިއެވެ. އެމީހާއާއި ޒިހާނާއި ގުޅުމެއް އޮވެދާނެކަމުގެ ޚިޔާލުން ވެސް އޭނަގެ މޭގައި ވަރުބަލި ކަމެއް އުފެދުނެވެ. އެހެންނޫނީ ފުލުހުންގެ ތަޙުޤީޤުގެ ތެރެއިން އެއީ ކޮން ނަންބަރެއްކަން ޒިހާނަށް އެނގުނީތޯ ހިތް ސުވާލުކުރިއެވެ.
“ލައްބަ ޔުނާ….މިހިރީއޭ…..މިކޮޅުން ލައިޓަރެއް ނުފެނުނު. ހީވަނީ ސިޓިންގް ރޫމުގެ މޭޒުމަތީގަހެން އޭތި ބޭއްވިފަ އޮތީ…” އަނދިރިކޮށް އޮތް ސަރައްކާލީގެ ތެރެއިން ޒިހާންގެ އަޑު ގާތްވަމުން ދިޔަދިޔަހެން ޔުނާ ވަގުތުން އަތުގައި އޮތް ފޯނާއި އެކީ އެދިމާލަށް ހިނގައިގަތެވެ. އެހެން އެއްވެސް ކަމަކަށްވުރެ ޒިހާންގެ ކައިރީގައި ވުމަށް އެވަގުތު އޭނަގެ ހިތް ކެތްމަދުވުމުންނެވެ. އެ ނުބައި މީހަކު އޭނައާއި ދެކޮޅަށް ރޭވި ހުރިހާ މަޅިއަކުން އޭނަ މިހާތަނަށް ރައްކާތެރިކޮށްދިނީ ޒިހާނަށް ވުމުންނެވެ.
އުއްބައްތި ފޮށްޓެއް ހިފައިގެން ސަރައްކާލީގެ ތެރެއިން އަންނަމުން ދިޔަ ޒިހާނަށް އޭނަގެ ފޯނު ރިންގުވާ އަޑު އިވުނެވެ. އޭނައަށް އެފަރާތަށް ދެވެމުން ދިޔައީ ބަދިގޭގައި ޔުނާގެ ފޯނު ބާއްވާފައިކަން އެނގުންވީ ވެސް އެވަގުތެވެ. ބަދިގޭގެ އެފަރާތުގެ ދޮރު ހުޅުވާލުމުން އެ އައްޔާއި ސިޓިންގް ރޫމުގެ އަލީގެ އެހީގައި އޭނައަށް ކުރިއަށް ދެވޭނެތީވެއެވެ. ޔުނާ އޭނައަށް ގޮވަނީ އޭނަގެ ފޯނު ރިންގުވާތީތޯ ހިތަށްއެރިއެވެ. އެހެނަސް އެ އަޑުގައި ބިރުވެރިކަމެއްވީ ކީއްވެތޯ ވެސް ހިތް ސުވާލުކުރިއެވެ.
އެ ސުވާލުގެ ޖަވާބު ހޯދުމަށް ޒިހާން ސަރައްކާލިގެ ތެރެއިން ނިކުންނަން އުޅުނު ވަގުތަކީ ނުހަނު ބާރަށް ހިނގާފައި އައި ޔުނާ އޭނަގެ މޭގައި ގޮސް ޖެހުނު ވަގުތެވެ. އިސާހިތަކު އެކަހަލަ ކަމަކަށް ވިސްނައިގެން ނެތް ޒިހާންގެ އަތުން އުއްބައްތި ފޮށި ވެއްޓުނުއިރު ޔުނާގެ އަތުން ފޯނުވެސް ކައްސައިގެން ގޮސް ބިންމަތީގައި ޖެހުނު އަޑު އިވުނެވެ. އެހެނަސް އެވަގުތު ޔުނާއަށް އެކަމަށް ސަމާލުކަން ދިނުމެއްނެތި ޒިހާންގެ ގައިގައި ބައްދާލެވުނީ އިންތިހާއަށް ނުތަނަވަސްވެފައިވި ހިތެއްގެ ސަބަބުންނެވެ. އެއާއިއެކު ޒިހާންގެ ވެސް މުޅި ވުޖޫދު ހުއްޓުމަކަށް އައިހެން އެވަގުތު އޭނައަށް ހީވިއެވެ.
ނުނިމޭ