Hiyaa (Part 25)
އެ ސުވާލުގެ ޖަވާބު ހޯދުމަށް ޒިހާން ސަރައްކާލިގެ ތެރެއިން ނިކުންނަން އުޅުނު ވަގުތަކީ ނުހަނު ބާރަށް ހިނގާފައި އައި ޔުނާ އޭނަގެ މޭގައި ގޮސް ޖެހުނު ވަގުތެވެ. އިސާހިތަކު އެކަހަލަ ކަމަކަށް ވިސްނައިގެން ނެތް ޒިހާންގެ އަތުން އުއްބައްތި ފޮށި ވެއްޓުނުއިރު ޔުނާގެ އަތުން ފޯނުވެސް ކައްސައިގެން ގޮސް ބިންމަތީގައި ޖެހުނު އަޑު އިވުނެވެ. އެހެނަސް އެވަގުތު ޔުނާއަށް އެކަމަށް ސަމާލުކަން ދިނުމެއްނެތި ޒިހާންގެ ގައިގައި ބައްދާލެވުނީ އިންތިހާއަށް ނުތަނަވަސްވެފައިވި ހިތެއްގެ ސަބަބުންނެވެ. އެއާއިއެކު ޒިހާންގެ ވެސް މުޅި ވުޖޫދު ހުއްޓުމަކަށް އައިހެން އެވަގުތު އޭނައަށް ހީވިއެވެ.
ޒިހާން ލަސްލަހުން އޭނަގެ އަތް ހިއްލާލަމުން ޔުނާގެ ހިމަ ހަށިގަނޑުގައި އޭނަގެ ބާރުގަދަ ދެއަތުން ވަށައިލިއެވެ. ޔުނާއާއި އޭނައާއި ދެމެދުގައިވި ކައިރިކަން އިޙްސާސް ކުރެވުނު ހިނދު ޒިހާނަށް ދެލޯ މަރައިލެވުނީ އެ އިޙްސާސަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދިނުމަށެވެ. އެ ހިނދު އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވީ ޚުދު ޒިހާން ވެސް ބިރުގަންނަހާ ވަރަށެވެ. އެ ހިތަށް އެފަދަ އަސަރެއް ކުރިކަމާއިމެދު ޒިހާން ޙައިރާނެއްވެސް ނުވެއެވެ. ޔުނާގެ މިފަދަ ބީހުމަކަށް އޭނަ އިންތިޒާރު ކުރާތާ އެތައް އަހަރެއް ވަނީ ވޭތުވެފައެވެ. މިފަދަ ދުވަހެއްގެ ހުވަފެންތައް ދެކެފައިވާ ޢަދަދެއްވެސް އޭނައަށް ނޭނގެއެވެ.
މި ހުރިހާ ކަމެއްގެ ސަބަބުން ޒިހާނަށް ރަނގަޅަށް ވިސްނޭ ގޮތެއްވެސް ނުވިއެވެ. ޔުނާ އެހާ ކުއްލި ގޮތަކަށް އޭނަގެ ގައިގައި ބައްދާލަންވީ ކީއްވެކަމާއިމެދު ވެސް ވިސްނައިގަތުމަށް ޒިހާން ނުކުޅެދުނެވެ. ޔުނާގާތު އެ ސުވާލުކުރަން ހިތަށް އެރިއެއްކަމަކު އެ ޚިޔާލު ބަދަލުކޮށްލަމުން ޔުނާގެ ބޯމަތީގައި ދަތްދޮޅި ޖައްސައިލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
ޒިހާންގެ ތަނަވަސް މޭމައްޗާއި އެ ބާރުގަދަ އަތާއި ދަތްދޮޅީގެ އިޙްސާސްކުރެވުމުން ޚުދު ޔުނާއަށް ވެސް ކުރެވެމުން ދިޔައީ ޒިހާނަށް ކުރިފަދަ އަސަރެކެވެ. ހިތުގެ ތެޅުން އަވަސްވީ ހިނދު ނޭވާލާން ވެސް ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. ޒިހާންގެ ހަށިގަނޑުގެ ހޫނުކަން އޭނަގެ ހަށިގަނޑާއި އެކީ މޭތެރޭގައިވި ހިތަށްވެސް އިޙްސާސް ކުރެވެމުން ދިޔަހެން ޔުނާއަށް ހީވިއެވެ. އެތައް ދުވަހެއް ވަންދެން ޙަޤީޤީ ލޯތްބަކުން މަޙްރޫމްވެފައިވި ހިތް ޒިހާންގެ އޯގާތެރިކަމުގެ ސަބަބުން ވިރެން ފެށި ފަދައެވެ. ޒިހާން ފަދައިން ޔުނާ ވެސް އެ ވަގުތުކޮޅުގެ ތެރެއަށް ގެއްލޭ ގޮތްވީ އެހެންވެއެވެ. ނޭނގި ނަމަވެސް އެ ވަގުތުކޮޅު އެގޮތުގައި ދެމިގެންދާން ޔުނާގެ ހިތް އެދުނެވެ.
އިރުކޮޅެއްވީއިރު ވެސް ޔުނާ އޭނައާއި ދުރުނުވުމުން ޒިހާންގެ ހިތަށް ފުން އުފާވެރިކަމެއް ލިބުނެވެ. އެ އުފާވެރިކަމުގެ ތެރެއިން ޒިހާނަށް ހިނިތުންވެލެވުނީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. ޔުނާދެކެ ލޯބިވާ މިންވަރު ހާމަކޮށްދޭން އޭނަގެ ހިތް އެދުނު ވަރުން ލަސްލަހުން ދަތްދޮޅި ހިއްލާލަމުން ޔުނާގެ ބޮލުގައި ތުންފަތް ޖައްސާލެވުނީ ބޮސްދިނުމަށެވެ.
ޒިހާންގެ އެ ޙަރަކާތުގެ އިޙްސާސް ކުރެވުމާއި އެކުހެން ޔުނާއަށް ދެލޯ ހުޅުވައިލެވުނީ ކުއްލި ގޮތަކަށެވެ. ހަމަހޭވެރިކަމެއް ލިބުނު ފަދައަކުން އޭނަގެ ސިކުނޑި އެވަގުތު ހޭލިއެވެ. އިސާހިތަކު އޭނައަށް މި ކައިރި ވެވެނީ އޭނަ ލޯބިވެސް ނުވާ ފިރިހެނަކާއިކަން އެނގުންވި ތަނާހެން ޔުނާއަށް ޒިހާންގެ މޭގައި އަތް އަޅައި ކޮއްޕާލަމުން ދުރުވެލެވުނީ ކުއްލި ގޮތަކަށެވެ.
ޔުނާގެ އެ ޙަރަކާތުން ސިހުމެއް ލިބިގެން ދިޔަ ޒިހާނަށް ލޯ ހުޅުވައިލެވުނެވެ. އެ ހިނދު އެ މޫނުމަތިން ފެނިގެން ދިޔައީ ޙައިރާންކަމާއި ޝަކުވާއެއް އެކުލެވިގެން ދިޔަ އަސަރެކެވެ. އެ މަންޒަރު ފެނިފައި ޔުނާގެ ހިތް ދެރަވީ ވަގުތު އަމިއްލަ ނަފްސަށް ވެސް ރުޅިއައެވެ. އެހެނަސް އެ ޙާލަތް ބަދަލުކުރަން އިތުރު ޙަރަކާތެއް ގެންނަން ޔުނާ ނުކުޅެދުނެވެ. އޭގެ ބަދަލުގައި އޭނައަށް ވާހަކަ ދެކެވުނެވެ.
“އަހަރެން އަދި ތައްޔާރެއްނޫން، ޒިހާން….” ޔުނާއަށް އިސްޖަހައި، އޭނަގެ އަޑު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ބުނެލެވުނެވެ. އޭނަ ދުވަހަކުވެސް ތައްޔާރު ނުވެދާނެއޭ ވެސް ބުނަން އޭނަގެ ހިތް އެދުނެވެ. އެހެނަސް އެހެން ބުނެފިނަމަ ޒިހާން ނުރުހުންވާނެ ވަރާއިމެދު ވިސްނާލެވުނެވެ. އަދި އަމުދުން އެވަގުތު ވެސް ޒިހާން އޭނައަށް އަޑު އުފުލަފާނެކަމަށް ޔުނާއަށް ހީކުރެވުނެވެ. އެހެނަސް……
“އިޓްސް އޯކޭ ޔުނާ…..ކުޑަކޮށް ދެރަވެއްޖެ ޔުނާ އަހަރެން ދުރުކޮށްލީތީ. އެކަމަކު ޔުނާގެ ޙަޤީޤީ އިޙްސާސްތައް ދައްކައިދިނީތީ ވެސް އުފާކުރަން. އެނގޭ ޔުނާ އަހަރެންދެކެ ލޯބި ނުވާ ޙާލުގަ އަހަންނާއި ކައިރިވާން ޔުނާއަށް ދަތިވާނެކަން. ޔުނާ ލައްވާ އެއްވެސް ކަމެއް ގަދަކަމުން ކުރުވާކަށް އަހަރެން ބޭނުމެއްނޫން. އޭގެ ބަދަލުގަ އަހަރެންގެ އެދުމަކީ ޔުނާގެ ލޯބި ޙާޞިލުކުރުން އިން ޝާ ﷲ! އެދުވަހަށް އަހަރެން އިންތިޒާރުކުރާނަން…” ޒިހާން ލުއި ހިނިތުންވުމަކާއި އެކީ ބުނެލިއެވެ. އެހިނދު ޔުނާއަށް އަޖާއިބުވެ އަންތަރީސްވެފައި ޒިހާނަށް ބަލަން ހުރެވުނެވެ.
ޒިހާންގެ އެ ވާހަކަތަކުގައި ފިރިމީހާގެ ޙައްޤުތަކުގެ ވާހަކަ ކޮބައިތޯ ޔުނާގެ ހިތަށްއެރިއެވެ. ފިރިމީހާ ކައިރިވާން އުޅުމުން އަނބިމީހާ އެކަމަށް އިންކާރު ކުރުމަކީ ކިހާ ބޮޑު ފާފައެއް ކަމުގެ ދަރުހެއް ދެންމެ ނުއިވުނީ ކީއްވެ ހެއްޔެވެ؟ ޒިހާނަށް އެ ވާހަކަތައް ނޭނގި ހުރުމަކީ ނާދިރުކަމެކެވެ. ވީއިރު ޒިހާން އެ ވާހަކަ ނުދެއްކީ ކީއްވެ ހެއްޔެވެ؟ އަދި އަމުދުން ރުޅި އިސް ނުކުރީ ކީއްވެ ހެއްޔެވެ؟ މިފަދަ ޙާލަތެއްގައި ދީންވެރި ވިޔަސް ނުވިޔަސް ފިރިހެނަކު ރުޅި އިސްކުރުމަކީ ގާތްކަމެއްކަން ޔުނާއަށް އެނގެއެވެ. ވީއިރު ކީއްވެ ހެއްޔެވެ؟
ޔުނާއަށް ނޭނގުނު ކަމަކީ ﷲ އަށް ބިރުވެތިވާ ފިރިހެނަކު އޭނަ ބަލަންޖެހޭ މީހުންނާއި މެދުވެސް ތަޤްވާވެރިވާނެ ކަމެވެ. ރުޅި އަޔަސް އެ ރުޅީގެ މައްޗަށް ބާރުފޯރުވައި އޭނަގެ އިޙްސާސްތައް ހަމައަކަށް އަޅުވަން މަސައްކަތް ކުރާނެކަމެވެ. އަދި އެ ރުޅީގެ ސަބަބުން އެމީހެއްގެ ވަށައިގެން ތިބި މީހުންނަށް ނޭދެވޭ އަސަރު ކުރުވިޔަ ނުދޭނެކަމެވެ.
ޔުނާ ބުނާނެ އެއްޗެއް ނޭނގިފައި ވަނިކޮށް ޒިހާން އިތުރަށް ވާހަކަ ދެއްކިއެވެ.
“އެނީވޭސް…..ކާކުތަ ގުޅީ؟ އޯ ނޯ…..ޑިސްޕްލޭ ހަލާކުވީ ކަންނޭނގެ…” ޒިހާން ޓައިލްސް މަތީގައި އޮތް ފޯނު ނަގައި އޭތި ހުޅުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ކަވަރެއް ލެއްވިފައި ނެތުމުން ފޯނުގެ ސްކްރީންގައި ރޮނގުތައް އެޅިފައިވީއިރު ސްކްރީނަށް މުޅިންހެން ކަޅުކުލަ ވެރިވެފައިވިއެވެ.
“އޮހް! އައިމް ރިއަލީ ސޮރީ…..މިކޮޅުގަ ހުންނާނެތަ ފޯނު ރިޕެއާރ ކުރާ ތަނެއް؟ ރިޕެއާރ ކުރަން އަރާ ވަރު އަހަރެން ޕޭއި ކޮށްދޭނަން….” ޔުނާ ޒިހާންގެ ފޯނަށް ބަލަމުން ކަންބޮޑުވުމަކާއި އެކީ ބުނެލިއެވެ. އޭނަގެ ސަބަބުން ޒިހާންގެ ފޯނު ހަލާކުވީތީ ޒިހާން ކުރި ފުރަތަމަ ސުވާލަށް އޭނައަށް ސަމާލުކަމެއް ނުދެވުނެވެ. އަދި އަމުދުން ދެންމެ ޒިހާންގެ ފޯނަށް ގުޅި ނަންބަރުގެ މަތިން ވެސް އެ ވަގުތު ހަނދާން ނެތޭ ގޮތްވިއެވެ.
“ވޯވް ވޯވް….ޔުނާ ތިއީ އަހަންނަށް ބީރައްޓެއްސެއް ނޫންދޯ ޔުނާގެ އަތުން އަހަރެންގެ އެއްޗެއް ހަލާކުވީމަ ޕޭއި ކުރާކަށް؟ އަހަރެންގެ އެއްޗެއްސަކީ ޔުނާގެ ވެސް އެއްޗެއްސޭ….ސޯ ނޯ ވޮރީސް. ހީވަނީ މީތި އަދި ރަނގަޅު ކުރެވިދާނެހެން. މި ގެ ކައިރީގަ ހުންނަ ކުއްޖާގެ އެކުވެރިއަކަށް އެނގޭނެ މި ކަންތައް. ފަހުން ވާހަކަ ދައްކާލާނަން….މިވަގުތަށް ހިނގާދޯ ފުރަތަމަ ގޭގެ ތެރެ އަލިކޮށްލަން.” ޒިހާން އެހެން ބުނެ ގުދުވެލަމުން ޓައިލްސް މަތީގައި ހުރި އުއްބައްތިތައް ނަގަން ފެށިއެވެ. އެ މަންޒަރު ފެނި ޔުނާ ވެސް ކުރުފައި މައްޗަށް ތިރިވެ ދުރަށް ގޮސްފައިހުރި އުއްބައްތިތައް ނަގަން އެހީވެދިނެވެ.
ސިޓިންގް ރޫމުގެ އެކި ދިމަދިމާލުގައާއި ކާގޭގެ އިތުރުން ބަދިގޭގައި އުއްބައްތިތައް ޖެހީ ދެމީހުން ވެގެންނެވެ. އެކަން ކޮށް ނިމުނުއިރު މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށި އަޑު އިވުނެވެ. އެއާއިއެކު ޒިހާން ވަގުތުން ދިޔައީ ތެތް ހެދުން ބަދަލުކުރާށެވެ. ދިޔުމުގެ ކުރިން އެހެން ކޮޓަރިއެއްގެ އަލަމާރީގައި އަންހެން ހެދުން ވެސް ހުންނާނެ ވާހަކަ ޒިހާން ބުންޏެވެ. އެއްދުވަސްވަރެއްގައި ޒިހާންގެ އެހެން ގެސްޓް ހައުސްއަކަށް ޒިޔާރަތް ކުރި ބަޔަކު ވެސް މިފަދަ ޙާލަތެއްގައި ހެދުން ނެތިގެން އުޅެން ޖެހުމުން ގެސްޓް ހައުސްގައި ހެދުންތައް ބަހައްޓަން ނިންމީ ކަމަށް ވެސް ޒިހާން ކިޔައިދިނެވެ.
ޒިހާން މިސްކިތަށް ދިޔުމުން ޔުނާ އެ ކޮޓަރީގެ އަލަމާރިން ނެގި އަތްދިގު ނޫކުލައިގެ ކުރުތާއަކާއި ކަޅުކުލައިގެ ހަރުވާޅެއްލިއެވެ. އަދި ހަމަ އެ އަލަމާރިން ނެގި އާދައިގެ ބުރުގާއެއް އަޅައިގެން ނަމާދުކުރިއެވެ. ނަމާދު ކުރުމަށްފަހު ޔުނާ ކުރާނެ ވަކިކަމެއް ނޭނގިފައި ކޮޓަރީގައި އިނދެވުނެވެ. ދޭތެރެ ދޭތެރެއިން ޒިހާންގެ ފޯނަށް ގުޅި ނަންބަރުގެ މަތިން ހަނދާންވަމުން ދިޔައެއްކަމަކު އެކަމާއިމެދު ނުވިސްނަން ޔުނާ ނިންމިއެވެ. އެއީ އޭނައަށް ގުޅި ނަންބަރު ކަމަށް ހީވާ ހީވުމަކީ ޙަޤީޤަތަކަށް ނުވެވެސް ހިނގައިދާނެކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ. މިފަދަ ޚިޔާލުތަކެއްގައި އިނދެފައި ޔުނާ އެންމެ ފަހު ފޯނު ނަގައި ފޭސްބުކަށް ވަދެލައިގެން އިނެވެ.
ފޭސްބުކް ސްކްރޯލް ކުރަމުން ދަނިކޮށް ފެނުނު ޕޯސްޓެއްގެ ޒާތުން ޔުނާގެ ޙަރަކާތްތައް މަޑުވިއެވެ. ސިޔާސީ ކެމްޕެއިނެއްގެ ޕޯސްޓަރުގައި ފެންނަން ހުރީ ޖިނާހު ނޫން އެހެން މީހެއްގެ ސޫރައެއް ނޫނެވެ. ޖިނާހު ކުރިމަތިލާފައިވީ އޭނަގެ ބައްޕަ ލަބީބް ކުރިން ފުރުވަމުން ދިޔަ ގޮނޑިއަށެވެ. މީގެ ހަފްތާތަކެއް ކުރިން ޖިނާހުގެ ބައްޕަ އެ މަޤާމުން އިސްތިއުފާ ދީފައިވާ ވާހަކަ ޔުނާއަށް ޚަބަރެއްގެ ޞުރުޚީއިން ފެނިފައިވެއެވެ. ޖިނާހު މި ކަންތައް ކުރަނީ ހަމަ ޖިނާހު އެންމެ ކުރީއްސުރެ ރާވާފައިވާ ގޮތަށްތާއޭ ޔުނާގެ ހިތަށްއެރިއެވެ.
“އާދެ! އަޅުގަނޑު ދެކޭ ގޮތުގަ ސިވިލް ސާރވެންޓުންނަށް ދޭންޖެހޭ އެލޮވެންސް މިއަށްވުރެ ބޮޑުކުރަން ޖެހޭ….ސިވިލް ސާރވެންޓުންނަކީ އަޅުގަނޑުމެންގެ ޤައުމު ނެގެހެއްޓުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއް. އެހެންވީމަ އެ ބޭފުޅުންނަށް އިނާޔަތްތައް އިތުރު ކުރުމަކީ މުޅި ޤައުމުގެ ކުރިއެރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް. ޝުކުރިއްޔާ!”
އެއްރެއަކު ޖިނާހު ޔުނާއާއެކީ ފެން އަރުވާ ވަޑާމެއްގެ ކައިރިއަށް ގޮސް ޔުނާގެ ކުރިމަތީގައި މައިކެއްގެ ކުރިމަތީގައި ހުންނަ ފަދައަކުން ވާހަކަ ދެއްކިއެވެ. ޖިނާހުގެ ވާހަކަ ނިމުނުތަނާހެން ޔުނާ އަތްތިލަ ބަޑި ޖެހިއެވެ.
“ވާވް! އައި ކޭން އިމޭޖިން ނާހު ޓައިއެއް އަޅައިގެން ސްމާޓްކޮށް ހުންނާނެ ގޮތް! ޔޫ ވިލް ގެޓް ދެއާރ އައިމް ޝުއާރ…..” ޔުނާ ހިނިތުންވުމަކާއިއެކީ އޭނަގެ ލޯބިވެރިޔާއަށް ހިތްވަރުދިނެވެ.
“އޮފްކޯސް! އަހަންނަށް މިކަން ނުލިބިއެއް ނުދާނެއެއްނު؟ ބައްޕަ ބުނި އަހަރެން ކިޔަވައި ނިމޭއިރު އިންތިޚާބަކާއި ނުޖެހުނަސް ބައްޕަ ގޮނޑިން ފައިބާނެ ވާހަކަ. އޭރުން އަހަންނަށް ވަގުތުން އެ ގޮނޑިއަށް ކުރިމަތިލެވޭނެ. ބައްޕަ ދެކެ ވާ ލޯބީގަ އެ ދާއިރާގެ މީހުން އަހަރެން ހޮވާނެ….” ޖިނާހު ވާހަކަ ދައްކަމުން ގޮސް ޔުނާގެ ކައިރީގައި ގާގަނޑުމަތީގައި އިށީނެވެ. ޖިނާހު ދެއްކި ވާހަކައިން ޔުނާގެ ހިނިތުންވުން ފަނޑުވިއެވެ.
“ބަޓް ދެޓްސް ނޮޓް ފެއާރދޯ ޑާރލިންގް…..އެގޮތަށް ހޮވުމަށްވުރެ އަމިއްލަ މަސައްކަތުން ކްރެޑިބިލިޓީ ހޯދައިގެން ހޮވުނީމަ މާ އުފާވާނެއެއްނު؟ އަދި ނާހުއެއްނު ބުނީ ތިމަންނަ ބޭނުންވެއޭ މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެންނަ މެންބަރަށް ވާން؟ ތިކަހަލަ ގޮތަކަށް ސްޓާޓް ކުރީމަ ވެސް ކޮރަޕްޝަންއަށް ދޯ ވާނީ؟” ޔުނާ ބުންޏެވެ.
“އޯ ޕްލީސް ޔުނާ! ދިސް އިޒް ހައު އިޓް ވޯކްސް އިން ޕޮލިޓިކްސް….ހަމައެކަނި ޕޮލިޓިކްސްއެއް ނޫން. ކޮންމެ ދާއިރާއަކަށް ވިޔަސް ބަލާ. ތިހާވަރަށް އޮނެސްޓްވެފަ ފެއާރވެގެން ކުރިއެރުމެއް ނުލިބޭނެ މި ޒަމާނުގަ. ރާއްޖޭގެ މުޖުތަމަޢު އޮތީ ބަދަލުކުރެވޭ ވަރަށްވުރެ ގޯސް ދަރަޖައެއްގަ ހުރިހާ ގޮތަކުން ވެސް. ދެޓް އައިޑިއަލް ވޯލްޑް އިޒް ގޯން. އެހެން ނޫނަސް އަހަރެން ތި ބަދަލެއް ގެންނަން އެއްބަސްވީ އޭރު ޔުނާ ކިޔުނު ވަރުން. ދެޓް ވޯޒް ނެވާރ މައި ގޯލް…އަހަރެން ބޭނުންވަނީ އަހަރެން ރާއްޖޭގަ ހުރި އެންމެ ޔަންގް އަދި އެންމެ އެލޮކުއެންޓް ޕާރލަމެންޓް މެމްބާރއަށް ވާން. އަދި އެ މަޤާމުން ލިބޭ ލާރި ހޯދަން. ބަދަލެއް ގެނަޔަސް ނުގެނަޔަސް ޔުނާ ޕްރައުޑް ނުވާނެތަ ޔުނާގެ ފިއުޗާރ ހަޒްބެންޑް އެހާ ޤަދަރުވެރި ޖޮބެއްގަ ހުރެފަ ގިނައިން ލާރި ލިބުނީމަ؟ ވާނެ އައި އެމް ޝުއާރ!”
އެރޭ ޖިނާހު އޭނަގާތު އެހެން ބުނެ އަމިއްލަ އަމިއްލައަށް އެ ނިންމުން ނިންމާފައިވެއެވެ. އެހެނަސް އެރޭ އެ ބަސްތައް އިވުނު ވަގުތު ވެސް ޔުނާއަށް އެ ވާހަކަތަކާއި އެއްބަހެއް ނުވެވުނެވެ. އޭނަގެ ފިރިމީހާއަށް ކިތަންމެ ލާރިއެއް ލިބުނަސް އެމީހަކީ ހަމައެކަނި ޤަދަރާއި ލާރިއަށްޓަކައި އުޅޭ މީހަކަށްވާނަމަ ޔުނާ އުފާވާނެ ކަމާއިމެދު ޔުނާއަށް ޝައްކު ކުރެވުނެވެ. އެހެނީ ޔުނާއަކީ އެންމެ ކުރީއްސުރެ ވެސް އޭނަގެ ސަބަބުން އޭނަގެ ވަށައިގެންވި މީހުންނަށް ހެޔޮކަމެއް ކޮށްދިނުމުގެ ރޫޙު ހިތުގައި ހުރި މީހެކެވެ. ޔުނާ އެ ކިޔަވަމުންދާ ދާއިރާ ޚިޔާރުކުރީ ވެސް އޭނަގެ ސަބަބުން އެންމެ މީހެއްގެ ޙަޔާތްވެސް އިހުނަށްވުރެ އުޖާލާވާތަން ފެނިއްޖެނަމަ އޭނައަށް ހިތްހަމަޖެހުމެއް ލިބޭނެކަން ދަނެގެންނެވެ. ޖިނާހުގެ އެފަދަ ނަޒަރިއްޔާތެއް ނެތްކަން އެނގުނު އެ ފުރަތަމަ ރޭ ޔުނާގެ ހިތް ގެނބިގެން ދިޔައެވެ.
އެދުވަސް ހަނދާންވެގެން ދިޔުމުން ނޭނގޭ ސަބަބަކާއިހުރެ ޔުނާގެ ހިތަށް އުފަލެއް ލިބުނެވެ. މިއަދު އޭނައަށް ޖިނާހާއި ދުރުގައި ހުރެވުމުންނެވެ. އަދި އަމުދުން މިއަދު އޭނަގެ ފިރިމީހާގެ މަޤާމުގައި ހުރީ އޭނައާއި ދާދި އެއް ނަޒަރިއްޔާތެއްގެ ވެރިއެއްހެން ހީވުމުން ހިތުގައިވި އުފާވެރިކަން ދެގުނަވިއެވެ.
އިސާހިތަކު ޔުނާ ޒިހާނާއި ސުވާލުކުރަން ބޭނުންވިއެވެ. ޒިހާން އެ ކުރިއަރަމުންދާ ދާއިރާ ޚިޔާރުކުރީ ކީއްވެކަމާއި މެދުގައެވެ. ޖިނާހާއި ޒިހާން އެހާ ގިނައިން އަޅާ ކިޔުމަކީ ނަފްސާނީ ގޮތުން އެންމެ ދުޅަހެޔޮ ގޮތެއް ނޫންކަން ޔުނާއަށް އެވަގުތު ވެސް އެނގުނެވެ. އެހެން ހަދަމުން ދާނަމަ އޭނައަށް އަބަދުވެސް ހުރެވޭނީ ދެމީހުންގެ ޚިޔާލުތަކެއްގެ ތެރޭގައެވެ. ކޮންމެ ގޮތެއްވިޔަސް ޒިހާނާއި އެ ސުވާލުކޮށްލަން ހިތް އެދުނު ވަރުން އެ ސުވާލު އޭނަ އެފަދައިން ކުރާ އެންމެ ފަހު ސުވާލަށް ހަދަން ޔުނާ ނިންމިއެވެ.
ޒިހާންގެ ޚިޔާލުތަކެއްގެ ތެރޭގައި ވަނިކޮށް ޔުނާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ނުދަންނަ ކުރު ނަންބަރެއް ފެނިފައި އިރުކޮޅެއް ވަންދެން ޔުނާއަށް އިނދެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކޯލު ރިސީވްކޮށްލީ މިއީ ހޮޓެލުން އޭނައަށް އަންނަ ކޯލެއް ކަމަށް ހީކޮށްގެނެވެ.
“ހެލޯ….” ފޯނު ކަންފަތުގައި ޖައްސާލަމުން ޔުނާ ޖަވާބުދިނެވެ.
“ސަލާމް ދަރިފުޅު….ކޮބައިތަ ޒިހާން؟ ކޮންތާކު ތިތިބީ؟ ޒިހާންގެ ފޯނަށް ގުޅާ ގުޅާ ފޯނު ނުނަގައިގެން ދަރިފުޅަށް މި ގުޅީ…” އެކޮޅުން އިވުނީ ޒިހާންގެ މަންމަ ޝަކީލާގެ އަޑެވެ. އެ އަޑުގައި ކަންބޮޑުވުމެއް އެކުލެވިގެން ދިޔައެވެ.
“އޮހް މަންމާ! ޒިހާންއާ އަހަރެން މިތިބީ ޒިހާންގެ ކޮންމެވެސް ގެސްޓް ހައުސްއެއްގަ. ޒިހާންގެ ފޯނު ވެއްޓިފަ ހަލާކުވީމަ ނުގުޅެނީ. ޒިހާން މިހާރު ހުރީ މިސްކިތަށް ގޮއްސަ މަންމާ. މިހާރު އަންނާނެ ކަންނޭނގެ….” ޔުނާ ކިޔައިދިނެވެ. ޝަކީލާއަށް ‘މަންމަ’ ގެ ނަމުން ޔުނާއަށް މުޚާތަބު ކުރެވެމުން ދިޔައީ ވަކި ޖެހިލުންވުމެއް ވެސް ނެތިއެވެ. ޝަކީލާގެ ހިތްހެޔޮކަމުގެ ސަބަބުން ޔުނާ ޚުދު އޭނަގެ އަމިއްލަ މަންމަ މަތިން ހަނދާންވަމުން ދިޔައެވެ.
“އަލްޙަމްދުލި ﷲ! ތި ދެކުދިންނަށް ގޮތެއްވިއްޔޭ ހިތާ ހާދަ ކަންބޮޑުވިއޭ….ހެހެ….ދެން މިރޭ ތިގޭގަތަ ދެކުދިން ތިބޭނީ؟” މަންމަ އެހެން ބުނީ ހިނިތުންވުމަކާއި އެކީކަން އަޑުން ވެސް ޔުނާއަށް ނަގައިގަނެވުނެވެ.
“ން…ނޭނގެ މަންމާ….ޒިހާނަށް އެނގޭނީ.” ޔުނާއަށް ޖެހިލުންވުމަކާއިއެކީ ބުނެލެވުނެވެ.
“ހާދަ ލަދުގެންފަ ތި ބުނެލީ؟ ތިއީ މިހާރު ލަދުގަންނަންވީ ކަންތަކެއް ނޫނޭ ދަރިފުޅު. ދެކުދިން ވަކިން ވީހާވެސް ގިނަ ވަގުތު ހޭދަކުރަން ވާނެ….ހަމަ ރަނގަޅަށް ތިހެދީ….ހެހެ….ދަރިފުޅު ޒިހާން އުފާކޮށްދެއްޗޭ….” މަންމަ އެ ފަހު ބަސްތައް ބުނެލީ ބަދަލުވެގެން ދިޔަ ރާގަކުންނެވެ. އެއީ މުޅިން ތަފާތު ވާހަކައެއްކަން ޔުނާއަށް ނަގައިގަނެވުނަސް ކުރިން ދެކެވުނު ވާހަކައާއި އެކީ އެ ބަސްތައް އިވިގެން ދިޔުމުން ޔުނާ އިތުރަށް ލަދުގަންނަ ގޮތްވިއެވެ. އެހެނަސް ދެން އިވެން ފެށި ބަސްތަކުން ޔުނާއަށް އޭނަގެ ހުރިހާ ސަމާލުކަމެއް އެއަށް ދެވުނެވެ.
“ޒިހާން ކުޑައިރުއްސުރެ ވަރަށް ހިތާމަވެރި ދުވަސްތަކެއް ކަނޑައްތުކޮށްފަ ހުރީ ދަރިފުޅު…..ބޭރުފުށުން ކިތަންމެ ހިތްވަރުގަދަ ޝަޚްޞިއްޔަތެއް ޔުނާއަށް ފެނުނަސް ވަރަށް ގިނަ ހިތާމަތަކެއް އެ ހިތުތެރޭގައިވޭ….މުޅި ޢާއިލާ އެކީގަ ތަޙައްމަލުކުރި ހިތި މާޒީގެ އަސަރު އެންމެ ބޮޑަށް ކުރީ ޒިހާނަށް. ޒިހާން އެ ޢުމުރުގައި ވެސް މި މަންމައަށްޓަކައި ކޮޅަށް ތެދުވަން މަސައްކަތް ކުރީތީ ޒިހާނާއި ދިމާވި ކަންތައް އެއީ. ބޮޑުވުމަށްފަހު ވެސް ސިފައިންގެއަށް ވަންނަން ނިންމީވެސް އެ މާޒީއާއި ގުޅުން ހުރި ކަމަކާއިހެދި…ޒިހާން އެ ހަނދާންތަކާ ދުރުކޮށްދީ ޔުނާ. އެ ހިތާމަތަކާއިއެކީ ޒިހާން އެކަނިވިޔަ ނުދީ. މިއަދު ވެސް އެ މާޒީގެ ހިޔަނި ޒިހާނަށް އެޅިއްޖެއްޔާ ޒިހާންގެ ޙާލަތު ގޯސްވެދާނެކަމުގެ ބިރު ހީވޭ. ޒިހާން ވަރަށް ނުވިސްނާނެ އަމިއްލަ ނަފްސާއިމެދު. އަބަދުވެސް އަމިއްލަ އުފަލަށްވުރެ ޒިހާން ލޯބިވާ މީހުންގެ އުފާ ޒިހާން އިސްކުރާނީ….މިގޮތަށް އުޅުމުގެ ތެރޭގަ ވެސް ޒިހާނަށް އަމިއްލަ ނަފްސަށް އަނިޔާއެއް ދެވިދާނެތީވެސް މަންމަ ނުތަނަވަސްވޭ…” މަންމަގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު މަންމަގެ އަޑު ރޮވިފައިވާ އަޑަކަށް ބަދަލުވިކަން ޔުނާއަށް ފާހަގަވިއެވެ. މަންމަގެ އެ ވާހަކަތަކުން އެދުވަހު ހަވީރު އޭނައަށް ހީވީ ރަނގަޅަށްތާއޭ ޔުނާގެ ހިތް ބުންޏެވެ. ޒިހާން އެ ދަނީ އޭނަގެ ހިތާމަތައް ހިތުތެރޭގައި ފޮރުވަމުންނެވެ. އެހެނަސް އެއީ ކޮން ހިތާމަތަކެއް ހެއްޔެވެ؟ ޒިހާންގެ ބައްޕަގެ ސަބަބުން ޢާއިލާއަށް އައި ބަދަލުތަކާއި އެކީ ކުރި ނޭދެވޭ އަސަރެއްތޯ ޔުނާގެ ހިތް ސުވާލުކުރިއެވެ.
ޔުނާ އެ ސުވާލުކުރަން އުޅުނު ވަގުތަކީ އެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑު އިވުނު ވަގުތެވެ. އޭގެ ދެވަނަ ސިކުންތުގައި ޒިހާން ވަދެލަންތޯ އަހައިލި އަޑަށް ޔުނާއަށް އެނދުން ތެދުވެލެވުނެވެ.
“މަންމާ ޒިހާން އައިއްސި އިނގޭ؟ ވާހަކަ ދައްކާލައްޗޭ…” ޔުނާ އެހެން ބުނެ ފޯނު ސްޕީކަރަށް ލަމުން ގޮސް ދޮރު ހުޅުވާލިއެވެ.
“ކާކާ ތި ވާހަކަ ދައްކަނީ؟” ޒިހާން ޔުނާ ފެނިފައި ސުވާލުކުރިއެވެ.
“އެ ވާހަކަ ދައްކަނީ ތި ދެކުދިންގެ މަންމައާ….ހާދަ ރޭވުމެއް ރާވައިގެންނޭދޯ ގެއިން ނިކުމެގެން ތި ދިޔައީ؟” ޝަކީލާގެ އަޑު މިފަހަރު ޔުނާއާއެކީ ޒިހާނަށް ވެސް އިވުނެވެ.
“އެހެންޏާ ނޫން….އަލަތު ދެމަފިރިން ވިއްޔާ އުޅެވޭނީ މިހެންނެއްނު؟” ޒިހާން ސަމާސާވެރި ރާގަކަށް އެހެން ބުނެ ޔުނާއަށް ބަލައިލަމުން އަނގައަށް ގޮތެއް ހަދައިލިއެވެ. އެއާއިއެކު ޔުނާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ހަމަ އެއާއިއެކު ހިނދުކޮޅަކަށް ހުއްޓުން ވެސް އެރިއެވެ. ދެމީހުންގެ ދެމެދުގައި އެފަދަ ގުޅުމެއް ނެތްއިރު ޒިހާން އެހާ ބޮޑަށް މަތި އޮމާންކުރަނީ ކީއްވެތޯ ހިތަށްއެރިއެވެ.
“އާނ އާނ…..ދެން އެހެންވެއްޖެއްޔާ ބާއްވާ. މަންމަ ނުއުޅެން ތި ދެކުދިންގެ ރޭގަނޑު ޚަރާބުކުރާކަށް. ބޭއްވީ….” ޝަކީލާ ބުނެލިއެވެ.
“އާނއެކޭ މަންމާ ދެމީހުން ނުލާހިކު ބިޒީކޮށް މިއުޅެނީ. ބައްވަނީ އިނގޭ. ލަވް ޔޫ ލޯޑްސް!” ޒިހާން ބުނެލިއެވެ. ޝަކީލާ ވެސް އެފަދަ ބަސްތަކެއް ބުނެލުމުން ޒިހާން ޔުނާގެ އަތްމަތީގައި އޮތް ފޯނުން އެކޯލު ކަނޑައިލިއެވެ. އެއަށްފަހު ޔުނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޔުނާވެސް ހިނިތުންވެލިއެއްކަމަކު ސުވާލެއްކުރެވުނެވެ.
“ކީއްވެ ދޮގު ހެދީ؟” ޔުނާއަށް އަހައިލެވުނެވެ.
“ކޮން ދޮގެއް؟” ޒިހާން އަހައިލިއެވެ.
“އަހަރުމެން ދެމީހުން އެހާ ކްލޯޒްއެއްނޫންދޯ؟”
“ޓްރޫ….ކްލޯޒް ވާހަކައެއް ނުބުނަންދޯ؟ އަލަތު ދެމަފިރިން ކަންކުރާ ގޮތަކީ މިއީއޭ ބުނީ. އަދި ދެމީހުން ބިޒީ ވާހަކަ ބުނީ. ބިޒީ ވާންވެގެންނޭ މިއުޅެނީ މިގޭގެ ތެރެ ބަލައިލުމުގަ. ހެހެ….މަންމަ ވަރަށް ކަންބޮޑުވާނެ އަހަންނާއި ޔުނާ ދުރުކަން އެނގިއްޖެއްޔާ. މަންމަ ވަރަށް ބޮޑަށް ވިސްނާނެ އަހަންނާއި ދޭތެރޭ. ވިސްނަމުން ގޮއްސަ ލޭގެ ޕްރެޝަރު މަތިވެ ހޮސްޕިޓަލުގަ ބާއްވާ ހިސާބަށް ވެސް ދާނެ. އެހެންވެ އެގޮތަށް ވާހަކަ ދެއްކީ…ޙަޤީޤަތް ފޮރުވީތީ ޔުނާ ހިތްހަމަނުޖެހުނިއްޔާ މަޢާފަށް އެދެން.” ޒިހާން ކިޔައިދިނެވެ. ހަމަ އެއާއެކު ޒިހާން އެހެން މީހުންގެ އުފާތައް އިސްކުރާ މިންވަރު އެވަގުތު ޔުނާއަށް އިޙްސާސް ކުރެވުނެވެ. ޒިހާން އޭނައަށް ވެސް މާޔޫސީ ގޮތަކަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އެއީ އެއްވެސް މައްސަލައެއް ނޫންކަމަށް ޔުނާއަށް ބުނެވުނެވެ.
ހަމަ އެހިނދު ޔުނާގެ ހިތުގައި ޢަޒުމެއް ކަނޑަ އެޅުނެވެ. ޒިހާންގެ ހިތުގެ އެންމެ އަޑީގައިވި ހިތާމަތަކުގެ ފުނަށް ގޮސް ޒިހާނަށް އެހީވުމުގެ އެދުމެވެ. އެ ޢަޒުމް އެ ހިތުގައި އުފެދުނު ވަގުތު ޔުނާގެ ގައިން ހީބިހި ނެގިއެވެ. ވޭތުވެދިޔަ ދެ މަސްތެރޭގައި ޚުދު އޭނަ ވެސް ނަފްސާނީ ގޮތުން ދަށް ޙާލަތަކަށް ދިޔުމުން އެހެން މީހަކާއިމެދު ވިސްނާނެހާ ހިތްވަރެއްވެސް އޭނައަށް ލިބިފައެއްނެތެވެ. ވީއިރު އޭނަ އަދިވެސް އެ އަޑިގަނޑުން މުޅިން އަރައިނުގަނެވެނީސް މިއަދު މިވީ ކިހިނެއްތޯ ހިތަށްއެރިއެވެ.
ނުނިމޭ