Hiyaa (Part 29)
އޭގެ 3 ދުވަސް ފަހުން އައި އަންގާރަ ދުވަހުގެ ހެނދުނު ޔުނާއާއި ޒިހާން ހެދުންތައް ޕެކް ކުރުމުގައި އުޅެއެވެ. ޕެކް ކުރުމުގެ ތެރޭގައި ވެސް އެދެމެދުގައި ކުދިކުދި ސަމާސާތަކެއް ކުރެވި ހީލުންތަކެއް ޙިއްސާ ކުރެވެމުން ދިޔައެވެ.
އެފަދަ ކޮންމެ ވަގުތުކޮޅެއްގައި ޔުނާގެ ހިތް އުފާވެރިކަމުން ފުރިގެންދެއެވެ. ޒިހާން ފިޔަވައި އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިގެން ދެއެވެ. އޭނަ ދުވަހަކުވެސް މީގެ ކުރިން ފިރިހެނަކާއެކީ އުޅެމުން އަމިއްލަ ޝަޚްޞިއްޔަތުގެ އެއްވެސް ބައެއް ފޮރުވުމެއްނެތި އުޅެފައި ނުވާކަން ވެސް އެނގުންވެގެން ދެއެވެ. އެކަން އެނގުންވާ ކޮންމެ ފަހަރަކު ޒިހާނަކީ އޭނައާއި ގުޅޭ ޝަޚްޞިއްޔަތެއްކަން ޔަޤީންކުރެވެއެވެ.
“ސުވާލެއް ކޮށްލަންތަ ޒިހާން؟” ޔުނާ އެނދުމަތީގައި އިނދެ އޭނަގެ ޝޯލްތައް ފަށްޖަހައި ބިންމަތީގައި ބެހެއްޓިފައި ހުރި ފޮށްޓައް އަޅަމުން ސުވާލުކުރިއެވެ.
“އޮފްކޯސް!” ޒިހާން ހެދުން އަލަމާރީގެ ތެރެއިން ގަމީސްތައް ނަގައިގެން އެނދުމަތީގައި ބެހެއްޓިފައި އޮތް ފޮށީގެ ކައިރިއަށް ދަމުން ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ޒިހާން އަހަންނާ ދިމާވުމުގެ ކުރިން އެހެން އަންހެން ކުއްޖަކާ ދިމާވެފަ ހުރިތަ؟ ލައިކް…..އޭޒް އަ ލަވް އިންޓްރެސްޓް. ޖެލަސްވެގެންނެއް ނޫން އިނގޭ މި އަހަނީ. ޖަސްޓް ކިއުރިއަސް…” ޔުނާއަށް އެ ސުވާލު ކޮށްފައި އެ ފަހު ބަސްތައް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ޙަޤީޤަތުގައި އޭނަ އެ ސުވާލުކޮށްލީ ޒިހާންގެ މާޒީ އިތުރަށް ތަފްޞީލުކޮށް ދެނެގަތުމުގެ ނިޔަތުގައެވެ. އެހެނަސް ޒިހާން އެހެން އަންހެން ކުއްޖަކާއި ދިމާވުމުގެ ޚިޔާލުންވެސް ހިތަށްވެގެން ދިޔަ އުދަގޫތަކާއެކީ އެ ބަސްތައް ބުނެލެވުނީއެވެ. އެކަން އެނގުންވުމުން ޔުނާއަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން ބޯހޫރުވާލެވުނެވެ.
“ހެހެ…..ޖެލަސްވިޔަސް އޯކޭއޭ. ޔުނާ އަހަންނާއިމެދު ޖެލަސް ނުވަންޏާ ކާކު ޖެލަސްވާނީ؟ އަސްލު……ތެދުތެދަށް ބުނަންޏާ ޔުނާ ނޫނީ އަހަރެން ޙަޔާތުގެ ބައިވެރިއެއްގެ ގޮތުގަ ޚިޔާލުކުރި އެހެން އަންހެން ކުއްޖެއް ނެތް. ނޭނގެ ކީއްވެކަމެއް….ވެދާނެ ޔުނާ ފުރަތަމަ ފެނުނު ދުވަހު ވެސް ޔުނާގެ ފަރާތުން ފެނުނު ރަނގަޅު ސިފައެއްގެ ސަބަބުން ކަމަށްވެސް. ހަމަ އެދުވަހުން ފެށިގެން ވެސް ޔަޤީންވި ޔުނާ ކަހަލަ ކުއްޖެއްކަން އަހަރެންގެ ޙަޔާތަށް ބޭނުންވަނީ….” ޒިހާން އޭނަގެ ގަމީސްތައް ފޮށީގެ ތެރެއަށް ލަމުން އެ ފަހު ބަސްތައް ބުނަމުން ޔުނާއަށް ބަލައިލިއެވެ. އެހިނދު ޔުނާއަށް ވެސް އިނދެވުނީ ޒިހާނަށް ބަލަހައްޓައިގެންނެވެ.
“އަނެއްކާ ކޮން ސިފައެއް ފެނުނީ؟ އެ ސިފަ މިހާރު އަހަރެންގެ ކިބައިގަ ނެތިއްޔާޔޯ؟” ޔުނާ ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ. ޒިހާނަށް އޭނަ ކަމުނުދާނެތީ ކަންބޮޑުވުމުން ހިސާބަކަށް ޙައިރާންވެސް ވިއެވެ.
“ޓްރަސްޓް މީ……އެއީ ޔުނާގެ ކިބައިގަ މިހާރުވެސް ހުރި ސިފައެއް. އިހަކަށް ދުވަހުވެސް ޔުނާ އެފަދަ ކަމެއް މީހަކަށް ކޮށްދިން މަންޒަރު އަހަރެން ދުށިން…” ޒިހާން ލުއި ހިނިތުންވުމެއް ހަދިޔާކުރަމުން ބުންޏެވެ.
“ކޮން ކަމެއްތަ؟” ޔުނާ ނުހަނު އެނގެން ބޭނުންވެފައި އެހިއެވެ. އެހެނަސް ޒިހާނަށް ޖަވާބު ދެވުމުގެ ކުރިން ބޭރުން މަންމަ ޒިހާނަށް ގޮވާލި އަޑު އިވުނެވެ. އެއާއިއެކު ޒިހާން އެބަ އަންނަމޭ ބުނެ އޭނަ ކުރަން ހުރި ކަންތައް ހުއްޓާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.
ޒިހާން ދިޔުމުން ވެސް އިރުކޮޅެއް ވަންދެން ޔުނާއަށް ޒިހާން އެ ބުނެލި ވާހަކައާއިމެދު ވިސްނުނެވެ. އެހެނަސް ޕެކިންގްގެ ތެރޭގައި އުޅެމުން ގޮސް ވަކި ހިސާބަކުން އެކަމާއިމެދު ހަނދާންނެތޭ ގޮތްވިއެވެ. ވަކިން ޚާއްޞަކޮށް ޒިހާން އަނބުރާ އައިސް އިތުރު ޕެކިންގްތައް ކުރަންޖެހޭ ވާހަކަ ބުނި ގޮތުންނެވެ. މާލޭގައި އުޅޭ މަންމަގެ އެކުވެރިންނަށް ދޭން ހަދިޔާ ގަންނަން ދާން އުޅޭ ވާހަކަ ބުނެ އެވަގުތު ގެއިން ދިޔަ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން އެރޭ ފުރާ ގަޑި ޖެހުނު އިރު ވެސް ޔުނާ އެ ސުވާލުކުރަން ހަނދާންނެތޭ ގޮތްވިއެވެ. އަދި ދޭތެރެދޭތެރެއިން ހަނދާންވިޔަސް ޒިހާނާއެކީ އޭނަވެސް މަސައްކަތް ބުރަވުމުން އެ ސުވާލުކުރުން ފަސްކުރެވުނީއެވެ.
ދެމަފިރިން މާލެއަށް ފުރުމަށްޓަކައި އެރޭ އެއާރޕޯޓަށް ދިޔައީ 9 ޖަހަން ގާތްވެފައި ވަނިކޮށެވެ. ފުރުވުމަށްޓަކައި ޝަކީލާއާއި ޒައިނާގެ އިތުރުން ލޫލޫއާއި މަންހަލް ވެސް ދިޔައެވެ. ޒިހާނާއި ޔުނާ ޗެކް-އިން ވުމަށްފަހު ވެސް ބޭރަށް އައެވެ. އަދި އެއާރޕޯޓާއި ކައިރި ޞަރަޙައްދެއްގައި ހުރި ރެސްޓޯރެންޓަކަށް ދިޔައީ އެންމެންނާއިއެކު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށެވެ. އެއަށްފަހު ވެސް ޑިޕާރޗާރގެ ގަޑި ޖެހެންދެން ދެމީހުން ޢާއިލާއާއެކީ ވަގުތު ހޭދަކުރިއެވެ.
އެ ގަޑި ޖެހުމުން ޔުނާ ޒިހާނާއެކީ އެއާރޕޯޓަށް ވަންނަން ދިމާކުރި ވަގުތު ޒައިނާ އޭނައަށް ގޮވާލިއެވެ. އެއަށްފަހު ޔުނާ އެހެން މީހުންނާއި ދުރަށް ގެންގޮސް ޔުނާގެ އެއްއަތުގައި ދެ އަތުން ހިފަހައްޓާލިއެވެ.
“އަހަރެން ބުނި ވާހަކަތައް ހަނދާން ބަހައްޓައްޗޭ…..” ޒައިނާ ހިސާބެއްގެ ކަންބޮޑުވުމެއް އެކުލެވިފައިވި މޫނަކާއެކީ ޔުނާގެ އަތަށް ފިތާލަމުން ބުނެލިއެވެ.
“ޑޯންޓް ވޮރީ ޒައިނާ…..ޒިހާނަށް އެއްވެސް ކަމެއް ނުވާނެކަމުގެ ޔަޤީންކަން އަހަރެން ދެން….” ޔުނާ އޭނަގެ ހުހަށް އޮތް އަތް ޒައިނާގެ އަތްމަތީގައި ބާއްވަމުން ބުންޏެވެ.
ޒައިނާ އެދުވަހު ކިޔައިދިން ވާހަކަތަކަށްފަހު ޔުނާ ވަނީ ޒިހާން އޭރު އެމްސްޓާޑަމްގައި އުޅުނު ޞަރަޙައްދާއިމެދު ސުވާލުކޮށްފައެވެ. ޔުނާ ނިންމައިގެން ހުރީ ޒިހާނާއެކީ އެ ޞަރަޙައްދާއި ދުރު ހިސާބެއްގައި އުޅުމަށެވެ. އެހެނަސް އޭނަ ޒިހާނަށްޓަކައި އެހެން ކަމެއްވެސް ރާވާފައިވެއެވެ. ޒައިނާއާއި ފަހު ފަހަރަށް ހިނިތުންވެލީ ވަގުތު ޒައިނާ ގާތުވެސް ނުބުނި ކަމުގައި ވިޔަސްމެއެވެ.
ޔުނާ ޒިހާނާއެކީ ޑިޕާރޗާރއަށް ވަންތާ މާގިނައިރެއްނުވެ ފްލައިޓަށް އަރަން ޖެހުނެވެ.
ފްލައިޓަށް އަރައި ޔުނާ އެމީހުންގެ ދެ ސީޓާއި ހަމައަށް ދެވުމާއެކު ކުޑަދޮރާއި ކައިރި ސީޓުގައި އިށީނެވެ. އެވަގުތު ޒިހާން އެ ސީޓުގެ މަތީގައި ހުރި އޯވާރހެޑް ކޮމްޕާޓްމެންޓްގެ ތެރެއަށް ކުދި ދަބަސްތައް ލައި ދޮރު ލައްޕާލަނީއެވެ. ނިދިބަރުވެފައިވާ ލޮލާއެކީ ވެސް އެ މަންޒަރު ފެނުމުން ޔުނާއަށް ޒިހާންގެ ދިގު އިސްކޮޅާއެކު އޭނަގެ ރީތިކަން ފާހަގަވިއެވެ. ފިރިހެނެއްގެ ރީތިކަމާއިމެދު މިހާ އާވާރާވެގެން އޭނައަށް އުޅެވުނު ދުވަސްވަރެއް ޔުނާގެ ހަނދާނުގައެއް ނެތެވެ.
ބުރު ސޫރަ ރީތި ފިރިހެނުން ޔުނާއަށް ފެނިފައިވެއެވެ. ޓީވީއިންނާއި ސްކޫލް ދައުރުގައި އުޅެމުންނާއި ޔުނިވާރސިޓީއިން ވެސްމެއެވެ. އެހެނަސް ޒިހާން އެ ހުރިހާ އެންމެންނަށްވުރެ ތަފާތެވެ. ޒިހާންގެ ރީތީ ހަމައެކަނި ބުރު ސޫރައެއް ނޫނެވެ. ޒިހާންގެ އަޚްލާޤްވެސް ރީއްޗެވެ. އެ ހިތްހެޔޮކަން ވެސް ރީއްޗެވެ. އެ ލޯބި ވާގޮތް ވެސް ރީއްޗެވެ. އެ ހިނިތުންވުން ވެސްމެއެވެ.
ޔުނާގެ ސިކުނޑިއަށް އެ ފަހު ޚިޔާލު ވެރިވީ ޒިހާން އޭނައަށް ބަލައި ފުރިހަމަ ހިނިތުންވުމެއް ދައްކާލުމުންނެވެ. ބަދަލުގައި ޔުނާއަށް ވެސް މެރެން ގާތްވެފައިވި ދެލޮލާއެކީ ހިނިތުންވެލެވުނެވެ.
“ނިދި އައިސްގެންތަ؟” ޒިހާން ޔުނާގެ ކައިރީގައި އިށީންނަމުން އަހާލިއެވެ.
“ހުމް…..ވަރަށް ނުވާކަމެއް މިއީ. އަވަހަށް ނިދި އައުމަކީ…” ޔުނާ ބުންޏެވެ.
“ޔުނާގެ ދޮންބެ ބުނެ އުޅުނޭ ޔުނާ ދަން ވަންދެން ނުނިދާ އިންނަ ވާހަކަ….ދޮންބެ ބުނީ ޔުނާ ކިޔެވުމުގަ ބުރަކޮށް އުޅޭތީވެ ކަންނޭނގެއޯ އެހެންވަނީ. ވަރަށް ޙައިރާންވެސްވި އަސްލު މެރީކޮށްގެން ޔުނާއާއެކީ އުޅެން ފެށިފަހުން ޔުނާ ބައެއް ރޭރޭ އަހަންނަށްވުރެ ވެސް ކުރިން ނިދާތީ. އަނެއްކާ އެކްޓް ޖެއްސީތަ މި ހުރިހާ ދުވަހު؟” ޒިހާން ސުވާލުކުރިއެވެ.
“ނޫނޭ…..ހަމަ އަސްލުވެސް ނިދި އަންނަނީ މިހާރު. މި ހުރިހާ ރޭރޭ އެކްޓް ޖެއްސިނަމަ މިރޭ ވަކި މިތާނގަ މިހެން ވާކަށް ނުޖެހޭނެދޯ؟ ނޭނގެ ކީއްވެކަމެއް. ވެދާނެ ކައިރީގަ މީހަކު ނިދާތީ ނިދެނީ ކަމަށްވެސް…” ޔުނާ އެ ވާހަކަ ބުނެލީ ސީރިއަސްކަމާއެކީ ކަމަށްވިޔަސް އޭގެ ދެވަނަ ސިކުންތުގައި ދެލޯ ބޮޑުކޮށްލަމުން ޒިހާނަށް ބަލައިލެވުނެވެ. އޭނަ ބުނި ބަސްތަކުގައި ދެ މާނައެއް އެކުލެވިގެން ދިޔަކަން އެނގުންވުމުންނެވެ. ގަތް ލަދާއެކީ ޔުނާގެ ކޯތާފަތް ރަތްވި ހިނދު ޒިހާން ހީލިއެވެ.
“އެހެންވެއްޖެއްޔާ ރަނގަޅުތާ….މިރޭ ވެސް ނިދާލައްޗޭ އިނގޭ. އަހަރެން ނުނިދިޔަސް. އަހަންނަށް ލާހިކެއް ނޫން މި ސީޓުގަ އޮވެގެން ނިދާލާކަށް….ހެހެ….ޔުނާ ބޭނުމިއްޔާ އަހަރެންގެ ކޮނޑުމަތީގަ ނިދާލިޔަސް ހެޔޮ…އިފް ޔޫ…..ލައިކް ޓު.” ޒިހާން ހިނިތުންވުމަކާއެކީ ވާހަކަ ދައްކަމުން ގޮސް ފަހުކޮޅުން ޖެހިލުންވީ ބުނެލެވުނު ވާހަކައަކުންނެވެ. އެ ވާހަކައިން އެންމެ ފަހުން އޭނަ ޔުނާއާއި ކައިރިވާން އުޅުނު ދުވަހު ކަންތައް ވީ ގޮތް ހަނދާންވެފައި އޭނަގެ ހިނިތުންވުން ފޭދުނެވެ.
ޔުނާއަށް އެ މަންޒަރު ސާފުކޮށް ފެނުނެވެ. އެ ހިނދު ކީއްވެކަމެއް ނޭނގެއެވެ. ޒިހާނާއި އޭނައާއި ދެމެދު އޮތް ދުރުމިނާއި މެދު އޭނަ ހިތްހަމަނުޖެހުނެވެ. އަދި އަމުދުން އެ ދުރުކަމުގެ ފަހަތުގައިވި ސަބަބަކީ އޭނަކަން ހަނދާންވި ވަގުތު އަމިއްލަ ނަފްސަށް ނުރުހުންވިއެވެ. އޭނަ އެ ވަގުތު ބޭނުންވަނީ ކޮން ގޮތެއްކަން ޔަޤީންވި ވަގުތު ޔުނާ ދެވަނަ ވިސްނުމެއްނެތި ޒިހާންގެ ކައިރިއަށް ޖެހިލަމުން ޒިހާންގެ ކޮނޑުގައި ބޯ އަޅާލަމުން ޒިހާންގެ މުލައްދަނޑީގައި އެއްއަތުން ހިފައި ދެލޯ މަރާލިއެވެ.
ޔުނާގެ އެ ގާތްކަން އިޙްސާސްވެގެން ދިޔަ ވަގުތު ޒިހާންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ނުހަނު ގާތުން ޔުނާގެ މޫނުގެ ބައެއް ފެންނަމުން ދިޔަ ގޮތުންނާއި ޔުނާގެ އިނގިލިތަކުގެ އިޙްސާސް މުލައްދަނޑިއާއި ދިމާލުން ކުރެވެމުން ދިޔަ ގޮތުން ޒިހާންގެ ނޭވާ ކުރުވާ ގޮތްވިއެވެ. ޒިހާން ވަކި އެއްޗެކޭ ބުނަން ނޭނގިފައި ވަނިކޮށް ޔުނާ ވާހަކަ ދެއްކިއެވެ.
“އަހަންނަށް ވެސް ވަކި ފަސޭހައެއް ނޫނޭ ސީޓުގަ ނިދާކަށް….” ޔުނާ އޮތްގޮތަށް އޮވެ ބުންޏެވެ. އެއާއިއެކު ޒިހާނަށް ހީލެވުނެވެ.
“ކޮންތާކު؟ މާލެއިން ފުވައްމުލަކަށް އައި ދުވަހުވެސް ޔުނާ އިނީ ގަދައަށް ނިދާފަ މިކަހަލަ ސީޓެއްގަ.” ޒިހާން ރާގަކަށް ބުނެލިއެވެ.
“ކާކު ބުނީ ނިދާފައޭ؟ ދެލޯ މަރައިގެން ހޭލާ ނޯވެވޭނެތަ މީހަކަށް؟”
“ހޭލާތަ އޮތީ އެރޭ؟”
“ހުމް….އަޑުއެހީމޭ އެރޭ ޒިހާން ފޯނުން ދެއްކި ވާހަކަތައް. ކޮންމެހެން ދޮންބެ މި ކައިވެންޏަށް އެދިއެދި ހުރި ވާހަކަ އަހަރެން ގާތު ނުބުނާށޭ ޒިހާންގެ މަންމަގާތު ބުނި އަޑު އެހިން…” ޔުނާގެ ވާހަކަ އެހާ ހިސާބަށް ދިޔައިރު އޭނަ ނިދީގެ ތެރެއަށް ގެނބެމުން ދިޔައެވެ. ޔުނާގެ ވާހަކަތައް އިވުނު ޒިހާން ފުން ނޭވައެއް ދޫކޮށްލިއެވެ. އެދުވަހު އޭނައަށް ކުރެވެމުން ދިޔަ ނާއުއްމީދީ ޚިޔާލުތައް ހަނދާންވުމުން ވެސް މާޔޫސްވާ ގޮތްވިއެވެ. ޒިހާން ވަކި އެއްޗެކޭ ނުބުނެ އިންދާ ޔުނާ މިފަހަރުވެސް އިތުރަށް ވާހަކަ ދެއްކިއެވެ.
“އަސްލު އެރޭވެސް އެނގުނު ޒިހާނަކީ ރަނގަޅު މީހެއްކަން. އެރޭވެސް ޒިހާނާއި އިނުމާއިމެދު ހިތްހަމަޖެހުނު. ހިތަށްއެރި މިއީ ބާއޭ އިސްތިޚާރާ ނަމާދުގެ ޖަވާބު….އެކަމަކު ޔަޤީނެއްނުވި…” ޔުނާ ނިދިބަރުވެފައިވާ އަޑަކާއެކީ ކިޔައިދިނެވެ.
“ހެހެ…..އިސްތިޚާރާ ނަމާދުގެ ޖަވާބު ލިބޭނީ އެންމެ ކަމަކުންނެއް ނޫނޭ. ޔުނާ އަހަންނާއި އިނުމަކީ ދެމީހުންނަށް އެންމެ ރަނގަޅުގޮތް ކަމަށްވާނަމަ މި ކައިވެނީގެ ތެރެއިން އެތައް ކަމަކުން އަހަރުމެން ދެމީހުންނަށް ވެސް އެ ޖަވާބު ލިބެމުން ދާނެ. އަހަރުމެން ދެމީހުންނަށް ވެސް ޔަޤީންވަންދެން ޢިޝާރާތްތައް ފެންނަމުން ދާނެ. މިހާތަނަށް އައިއިރު ދެމީހުން އެކުވެރިވުމަށް މަގުފަހި ވެގެން ދިޔުމާއި، ދެމީހުންގެ ދެމެދުގަ އޮތް ނުތަނަވަސްކަން ނެތި ދިޔުމާއި، ދެމީހުންނަށް ވެސް އެކަކު އަނެކެއްގެ ފަރާތުން ރައްކާތެރިކަން އިޙްސާސްވުމާއި، އެކަކު އަނެކެއްގެ ކައިރީގައި ވަކި ފިކުރެއްނެތި ނިދާލެވުމާ….މިއީ ހައްތަހާވެސް އެ އިސްތިޚާރާގެ ޖަވާބުތަކެއް ނޫންތަ ޔުނާ؟” ޒިހާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެ ދެމީހުންގެ ގުޅުން ގޮސްފައިވާ ހިސާބާއިމެދު ހަނދާންކުރަމުން ވާހަކަ ދެއްކިއެވެ. އޭނަ ކުރި ސުވާލަށް އިރުކޮޅެއްވުމުން ވެސް ޖަވާބެއް ނުލިބުމުން ޒިހާން ޔުނާއާއި ދިމާލަށް ބަލައިލިއެވެ. އެ ހިނދު ޔުނާ އޭނަގެ ކޮނޑުމަތީގައި ފުން ނިންޖެއްގެ ތެރޭ އޮތް މަންޒަރު ފެނި ޒިހާނަށް ހިނިތުންވެލެވުނެވެ. އެއަށްފަހު ޒިހާން ވެސް ޔުނާގެ ބޯމަތީގައި ބޯ އަޅާލަމުން ދެލޯ މަރާލިއެވެ. ފްލައިޓް މައްޗަށް އަރައިގެން ދިޔަތާ މާ ގިނައިރެއް ނުވެ ދެމީހުންނަށް ވެސް އެ ތިބި ގޮތަށް ތިބެވުނީ ފުން ނިންޖެއްގެ ތެރޭގައެވެ.
ޒިހާނާއި ޔުނާ ތިބި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ އެރޭ 11:30 ވާން ގާތްވެފައި ވަނިކޮށެވެ. މާލެއާއި ހަމައަށް ގޮސް ޕެރެމައުންޓް ހޮޓެލްގެ ކޮޓަރިއަކަށް ވަދެވުމާއެކުހެން ވެސް ޔުނާ ނިދަން އޮށޯތުމަށް އަވަސްވިއެވެ. އޭގެ އަނެއްދުވަހުގެ ހެނދުނު ފުރުމުގެ ކުރިން ހޮޓެލްގެ ކަންތައް މިހާރު ބަލަހައްޓަމުންދާ ޔޫސުފްއާއި ވެސް ވާހަކަ ދައްކާލަން ރާވާފައި އޮތުމުންނެވެ.
**
އޭގެ އަނެއްދުވަހު ފަތިސް ނަމާދަށްފަހު ޔުނާ ހޮޓެލް ރޫމްގައި ހުރެ ކޮފީ ތަށްޓެއް ބޮމުން ފޯނުން އޮންލައިން ނޫސްތަކުގެ ވިޔަފާރި ކޮލަމްތައް ކިޔަމުން ދިޔައެވެ. ޔޫސުފް ހޮޓެލްގެ ކަންތަކާއި ޙަވާލުވި ފަހުން ހޮޓެލްގެ ވަރަށް ގިނަ އާ ކަންތައްތަކާއެކީ ގިނަ ޢަދަދެއްގެ ޕްރޮމޯޝަންތަކެއްވެސް ވެސް ހިންގާފައިވާކަން އެ ކޮލަމްތަކުން ޔުނާއަށް އެނގުނެވެ. އަދި ހޮޓެލަށް ލިބޭ ފައިދާތައް ދެގުނަވެފައިވާ ކަމަށް ބުނެފައިވާ ޔޫސުފްގެ ބަސްދީގަތުމެއް ވެސް ޔުނާއަށް ލިޔުމަކުން ފެނުނެވެ.
އެކަން ޤަބޫލުކުރަން ޔުނާއަށް ދަތިވިއެވެ. ހޮޓެލްގައި އެއްވެސް އާ ޚިދުމަތެއް ފަށާފައި މީހުން އެ ޚިދުމަތް ބަލައިގަތުމާއިމެދު ވެސް ވަގުތުކޮޅެއް ހިނގާނެތީވެއެވެ. އަދި އެތައް އާ ކަމެއް އެއްފަހަރާ ފަށަމުން ޕްރޮމޯޝަންތައް ހިންގުމަކީ ވިޔަފާރީގެ ރައުސްމާލަށް އަސަރު ކުރާނެ ކަންތަކަށް ވީތީވެއެވެ. އަދި އަމުދުން މި ވޭތުވެ ދިޔަ ދުވަސްކޮޅުގައި ހޮޓެލްގެ މާރކެޓިންގް ވެސް އެހާ ވަރަށް ޖެއްސިފައި ނެތްއިރު އެހާ ކުރު މުއްދަތެއްގެ ތެރޭގައި ހޮޓެލްގެ ސާފު ފައިދާ ދެގުނަ ވާނެ ގޮތެއް ޔުނާއަށް ދޭހައެއް ނުކުރެވުނެވެ.
ޔުނާ އެ ރޫމުގެ ކިޔަވާ މޭޒު ދޮށުގައި އެ ވިސްނުމުގައި އިންދާ ޒިހާން ފަތިސް ނަމާދަށްފަހު އަނބުރާ އައެވެ. ޒިހާން އައިސް ވަގުތުން އަވަސްވެގަތީ މަންމަގެ އެކުވެރިންނަށްޓަކައި ގެނައި ފޮށިތައް އެ ގޭގެއަށް ގެންދިޔުމަށެވެ. ހޮޓެލްގެ މުވައްޒަފެއްގެ އެހީއާއެކީ ފޮށިތައް ބޭރުކުރަމުން ތިމަންނަ ގަޑިއިރެއްހާއިރު ތެރޭގައި އަންނާނަމޭ ބުނެ ޒިހާން ދިޔައެވެ. ޒިހާން ދިޔުމުން ޔުނާ އަވަސްވެގަތީ ފުރުމަށްޓަކައި ފެންވަރައި ތާޒާ ވެލުމަށެވެ. ހޮޓެލްގެ އިދާރީ ބައިތައް ހުޅުވުމާއިމެދު ބައިގަޑިއިރެއްހާއިރު އޮތުމާއި އެކީގައިވެސްމެއެވެ.
ޔުނާ ފެންވަރައިގެން ފުރަން ދިޔުމަށްޓަކައި މުޅިންހެން ތައްޔާރުވެ ނިމުނުއިރު ގަޑިން 8 ޖަހައި ބޮޑުވެފައިވެއެވެ. ހޮޓެލްގެ އިދާރީ ބަޔަށް ދިޔުމުގެ ކުރިން ޔޫސުފް ހުރިތޯ ޔަޤީންކޮށްލުމުގެ ގޮތުން ޔުނާ މަރީގެ ކެބިންއަށް ގުޅާލިއެވެ.
“ހެލޯ މަރީ. މިއީ ޔުނާ މޭމްއޭ…..ޔޫސުފް ސާރ މިއަދު ދުރުވެލެއްވިތަ؟” ޔުނާ ސުވާލުކުރިއެވެ.
“އަ….އާދެ ޔު…ޔުނާ މޭމް. ޔުނާ މޭމް މިކޮޅުގަތޯ؟” މަރީގެ އަޑުން އެއްކަލަ ނުތަނަވަސްކަން ފާހަގަވުމުން ޔުނާގެ ދެބުމަ ކައިރިވިއެވެ. މިއީ މަރީގެ ޝަޚްޞިއްޔަތަށް އައި ދާއިމީ ބަދަލެއްތޯ ޔުނާގެ ހިތަށްއެރިއެވެ.
“އާނ ހޮޓެލްގަ މިވަގުތު މިހިރީ….މިދަނީ ޔޫސުފް ސާރއާއި ބައްދަލުކޮށްލަން. ބޭއްވް….”
“އަ….އަޅުގަނޑުވެސް މިދަނީ!”
މަރީ ކުއްލިއަކަށް އަވަސްއަވަހަށް ބުނެލި ގޮތުން މަރީއާއިމެދު ޔުނާގެ ހިތުގައި ހުރި ޝައްކުތައް ގިނަވުން ނޫންކަމެއް ނުވިއެވެ. މަރީ އެހެން ބުނެ ކުއްލި ގޮތަކަށް ފޯނު ކަނޑާލުމުން ޔުނާ ވިސްނުމެއްގައި ހުރެ ހޮޓެލް ރޫމުން ނިކުތެވެ. އަދި ލިފްޓަށް އަރަން ދިޔައީ ހޮޓެލްގެ އެންމެ މަތީ ބައިގައި ހުރި އިދާރީ ބަޔަށް ދިޔުމަށެވެ.
ލިފްޓުން ނިކުމެގެން ގޮސް ޔުނާ ސީއީއޯގެ ކެބިންއަށް ދާން މިޞްރާބުޖެހި ވަގުތު މަރީ ދުވެފައި ގޮސް އެ ކެބިންއަށް ވަން މަންޒަރު ޔުނާއަށް ފެނުނެވެ. އެކަމާއިމެދު ވެސް އިތުރަށް ވިސްނަމުން ޔުނާ ގޮސް ކެބިންގެ ދޮރުގައި ޓަކި ދިނެވެ. އެއާއިއެކު މަރީ ލަސްލަހުން ދޮރު ހުޅުވާލުމުން ޔުނާ ކެބިންގެ ތެރެއަށް ވަނެވެ. އެއާއިއެކު ޔުނާ ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ. ކެބިންއަށް ގެނެސްފައިވާ ބޮޑެތި ބަދަލުތައް ފެނިފައެވެ. ކެބިންގެ ހުދު ފާރުތަކުގައި އަޅިކުލައެއް ޖެއްސިފައިވީއިރު ކުރިމަތިން ފެންނަމުން ދިޔަ މޭޒާއި ގޮނޑިވެސް ބަދަލުކުރެވިފައިވިއެވެ. ވަށައިގެން ނަޒަރު ހިންގަމުން ދިޔަދިޔަހެން އެ މޭޒުގެ ކުރިމައްޗަށްވާ ގޮތަށް ހަރުކުރެވިފައިވި ޓީވީއިން ބަލަން ހެޔޮ ނުވާ ވަރުގެ ލަވައެއް އެޅުވިފައިވިތަން ޔުނާއަށް ފެނުނެވެ.
ލަވައިގެ އަޑު މުޅިންހެން ކެނޑިފައިވިއެއްކަމަކު އެއާއި، މުޅި ކެބިންއަށް އައިސްފައިވި ބަދަލުތަކުން ޔުނާގެ ހިތް ގެނބިގެން ދިޔައެވެ. އެތަނުން ދޮންބެގެ ހުރިހާ ހަނދާނެއް ގެއްލިގެން ގޮސްފައިވިހެން ހީވުމުންނެވެ.
“ހާދަ ގިނަ ބަދަލުތަކޭ ކެބިންއަށް ގެނެއްސަ މިހިރީ….” ޔުނާ ކިތަންމެ ބޭނުމެއްނުވިޔަސް އޭނަގެ ދޮންބެއާއި ދާދި އެއް ޢުމުރެއްގެ ޔޫސުފްގެ ކުރިމަތީގައި އިށީން ވަގުތު އެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވިއެވެ.
“ރަނގަޅެއްނު ބަދަލު އައިމަ؟ ތަންކޮޅެއް އޯލްޑް ފެޝަން ގޮތެއްދޯ ކުރިން މިތާ ހުރީ. ތަންކޮޅެއް އަޕް ޓު ޑޭޓް ކޮށްލީ ހަމަ…” ޔޫސުފް އޭނަގެ ގޮނޑިއަށް ލެނގިލައިގެން ބުންޏެވެ. ޔޫސުފްގެ އަޑުގައި އެކުލެވިގެން ދިޔަ ކިބުރުވެރިކަމުން ޔުނާ ހިސާބަކަށް ޙައިރާންވި ހިނދު އިތުރަށް ނުރުހުންވިއެވެ. ޙައިރާންވީ ދޮންބެ ހުރިއިރު ޔޫސުފްގެ މި ސިފަ ފެނިފައި ނެތުމުންނެވެ.
“އޯލްޑް ފެޝަންޑްކަމެއް ނޫންކަމެއް ނޭނގޭ. ދޮންބެ މި ކެބިން ފަރުމާ ކޮށްފަ ހުރީ މަސައްކަތަށް އެންމެ ރަނގަޅަށް ސަމާލުކަން ދެވޭނެ ފަދަ ގޮތަކަށް. ޓީވީއިން ފެންނަ ލަވަތައް ބަލައިގެން ނޫން ކަންނޭނގެ ދެއްތޯ ހޮޓެލްގެ ކުރިއެރުމަށްޓަކައި މަސައްކަތް ކުރާނީ؟” ޔުނާ ޔޫސުފްއަށް ގޮންޖަހާލުމުގެ ގޮތުން ބުނެލިއެވެ. އެއާއިއެކު ޔޫސުފް މަލާމާތުގެ ޒާތަށް ހީލިއެވެ.
“ތިބުނަނީ އަހަރެން މި ގޮނޑީގަ ހުރެގެން ހޮޓެލް ކުރިއަށް ނާރާނެއޭތަ؟ ޚަބަރުތަކުން ފެނިފަ ކަންނޭނގެ ހުންނާނީ އަހަރެން މި މަޤާމަށް އައިފަހުން ހޮޓެލަށް އައި ބަދަލުތައް.” ޔޫސުފް އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“އާދެ ފެނިފަ ހުރީ. އެއާއިމެދު ސުވާލުކުރަންވެގެން މި އައީ ވެސް. ކިހިނެއްތޯ އެހާ ގިނަ އިންވެސްޓްމެންޓްތައް އެއްފަހަރާ ކުރައްވައިގެން ސާފު ފައިދާ މިހާ ކުރު މުއްދަތެއްގެ ތެރޭގަ ދެގުނަ ވާނީ؟ އެއީ ނުބައި ބަސްދީގަތުމެއްތޯ ނޫހަކަށް ދެއްވާފަ ހުރީ؟” ޔުނާ ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ.
“ނޫނޭ….އެއީ ހަމަ ޙަޤީޤަތް. ޤަބޫލު ނުކުރެވެންޏާ އެ ފިގާރސްތަކުގެ ޑޮކިއުމެންޓް މިއަދު ވެސް ޔުނާއަށް ދައްކައި ދީފާނަން. މި ކާމިޔާބީގެ ސިއްރަކީ ކޮބައިކަން ބުނެދޭންވެސް ނޭނގޭ. ޔުނާއާއި ޚިލާފަށް އަހަރެންގެ ކަނެކްޝަންތައް ހުންނާތީ ކަންނޭނގެ މިހާ ބާރު މިނެއްގަ ހޮޓެލް ކުރިއަރަމުން މިދަނީ….” ޔޫސުފް ބޮޑާކަން އެކުލެވިގެންވި ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ކޮން ކަނެކްޝަންތަކެއް؟” ޙައިރާންކަމާއެކީ ޔުނާއަށް އަހާލެވުނެވެ.
**
ޒިހާން އޭނަ ބަހަމުން ދިޔަ ފޮށީގެ ތެރެއިން އެންމެ ފަހު ފޮށި މަންމަގެ އެކުވެރިޔާއާއި ޙަވާލުކުރުމަށްފަހު ޢިމާރާތުގެ ސިޑިން ފައިބަމުން ދިޔަ ވަގުތު އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ޖިންސްގެ ޖީބުން ފޯނު ނަގައި ބަލާލިއިރު ފޯނުގެ ސްކްރީނުން ފެނުނީ އޭނައާއި އެކީ މަސައްކަތް ކުރާ ޝިއުސްގެ ނަމެވެ. އެއާއެކު ވަކި ދެވަނަ ވިސްނުމެއްނެތި ޒިހާން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ ޒިހާން…..ސޮރީ ޗުއްޓީގަ އުޅޭއިރު މިގޮތަށް ގުޅާލެވުނީތީ. މުހިއްމު ވާހަކައެއް ބުނަން މި ގުޅާލީ. ޓައިމްއެއް އެބައޮތްތަ؟” އެކޮޅުން އަހައިލި އަޑު އިވުނެވެ.
“ޓައިމްއެއް ނެތް. އެކަމަކު މުހިއްމު ކަމެއް ވިއްޔާ ބުނެލާ. ޗުއްޓީގަ ހުއްޓަސް އަހަންނަށް އެހީއެއް ވެވޭނެ ކޭސްއެއް ވިއްޔާ މަ އެކަމާ އުޅޭނެކަން އެނގެއެއްނު؟” ޒިހާން ބުންޏެވެ.
“އާނ….އެކަމަކު ޒިހާންގެ އެހީއެއް ހޯދާކަށް ނޫން މިގުޅީ. ޖަސްޓް ޓު ލެޓް ޔޫ ނޯ ސަމްތިންގް. މާލޭގަ އެބައުޅޭ އިލީގަލްކޮށް އެކި ޤައުމުތަކުން ރާއްޖެއަށް ހަތިޔާރު އެތެރެ ކުރާ މީހަކު….”
“ވަޓް؟!” އިވުނު ވާހަކައިން ސިޑީގެ އެންމެ ފަހު ހަރުފަތްތައް ގިރާކުރަމުން ދިޔަ ޒިހާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“ޔެސް…..އެމީހަކީ ކާކުކަން އަދި ޔަޤީނެއް ނުވޭ. އެނގެނީ ޒިހާންގެ ވައިފް ހިންގާ ހޮޓެލްގަ މަސައްކަތް ކުރާ މީހެއްކަން.” ޝިއުސް ބުނެލިއެވެ. އެހިނދު ޔުނާގެ ސޫރަ ލޮލަށް ސިފަވީ ވަގުތު އަތުން ވާގި ދޫވާން އުޅުނުހެން ހީވުމުން ޒިހާނަށް ފޯނުގައި ބާރަށް ހިފަހައްޓާލެވުނެވެ.
ނުނިމޭ