Hiyaa (Part 3)
ހުޅުވިގެންދިޔަ ހޮސްޕިޓަލުގެ ދޮރުގެ ދޭތެރެއިން ނުހަނު ބާރުމިނެއްގައި ދުއްވެމުން ދިޔަ އެނދެއް ވެއްދިގެން ދިޔައެވެ. އެނދުގެ ވާތްފަރާތުގައި ހިފަހައްޓައިގެން ދުއްވަމުން ދިޔަ ޒިހާންގެ ހިތް މޭފަޅާލާފައި ނިކުމެދާނެހާ ބާރަށް ތެޅެމުން ދިޔައެވެ. އެނދުގައި އޮތް ޔަޒްދާން ބޮލުން ފައިބަމުން ދިޔަ ލެއިން އެނދުގެ ޝީޓުތައް ކަޅިވަމުން ދިޔައެވެ. އެ ލޭގެ އަސަރުތައް ޒިހާންގެ ޔުނިފޯމުންނާއި މޫނުގެ އެއްފަރާތުންނާއި ޔަޒްދާންގެ މޭމަތީގައި އެޅިފައިވި ޒިހާންގެ އަތުން ވެސް ފެންނަމުން ދިޔައެވެ.
އެ އެނދާއި އެކީ ޒިހާނަށް ދެވުނީ ތިއޭޓަރާއި ހަމައަށެވެ. އެހާ ހިސާބުން ނަރުހުންގެ އެދުމާއެކީ އޭނަ އެނދުން ދޫކޮށްލުމުން އެ އެނދު ނަރުހުންނާއި ޑޮކްޓަރުންނާއެކީ ތިއޭޓަރަށް ވެއްދިގެން ދިޔައެވެ. ތިއޭޓަރުގެ ދޮރު ލައްޕާލެވުނު މަންޒަރު ފެނިފައި ޒިހާނަށް ހުރިތާ ހުއްޓިލެވުނެވެ. އަދިވެސް ހަމައަކަށް ނޭޅޭ ހިތުގެ ތެޅުމުގެ ސަބަބުން އަތް ތުރުތުރު އަޅާ ޙާލުގައެވެ. އޭނައާއި އެހާ ގާތްކޮށް އުޅުނު ބޭބެގެ ޙާލާއި މެދު ވިސްނި ފެންކަޅިވެފައިވާ ޙާލުގައެވެ. މިއީ އޭނައަށް އެ ބޭބެ ފެންނާނެ ފަހު ދުވަސްކަމަށް ވެދާނެކަމުގެ އިންޒާރު ސިކުނޑި ދެމުން ދިޔައެއްކަމަކު އެ ބޭބެއަށް އަވަސް ޝިފާއެއް ދެއްވުމަށްއެދި ހިތާހިތުން ދުޢާކުރެވެމުން ދިޔަ ޙާލުގައެވެ.
ޒިހާން ކިރިޔާވެސް ހަމައަކަށް އެޅޭ ގޮތްވީ ސިފައިންގޭގައި އުޅޭ އޭނަގެ އެހެން ދެއެކުވެރިން ވެސް އެ ވަގުތު ހޮސްޕިޓަލަށް އައުމުންނެވެ. އެކުވެރިން އައިތާ މާ ގިނައިރެއްނުވެ އޭގެއިން އެއްއެކުވެރިއެއްގެ ފަރާތުން ޔަޒްދާންއަށްޓަކައި ލޭވެސް ހަދިޔާކުރަން ޖެހުނެވެ. ތިން ޒުވާނުން ތިއޭޓަރުގެ ބޭރުގައި މަޑުކޮށްގެން ތިއްބާ ބައި ގަޑިއެއްހާއިރު ފަހުން ތިއޭޓަރުގެ ދޮރު ހުޅުވި ޔަޒްދާން އޮތް އެނދު އައިސީޔޫއާއި ދިމާލަށް ގެންދެވެން ފެށި މަންޒަރު ފެނުނެވެ. އެއާއެކު ޒިހާން ވަގުތުން ގޮނޑިން ތެދުވެގެން ގޮސް ޑޮކްޓަރުގެ ކައިރިން ޔަޒްދާންގެ ޙާލާއި މެދު ސުވާލުކުރިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން މިހެން ބުނަން ޖެހޭތީ އެކަމަކު ލިބިފަ ހުރި އަނިޔާތަކުގެ ސަބަބުން އިންޓާނަލް ބްލީޑިންގްއެއް ނުހުއްޓުވޭ. ޕޭޝަންޓް ދެން ދުނިޔޭގަ އޮންނާނީ މަދު ވަގުތުކޮޅަކަށް. ޕޭޝަންޓާއި ބައްދަލުކުރަން ބޭނުންވާ ބަޔަކު ތިބިއްޔާ ފަހަރަކު މީހަކަށް ބައްދަލުކުރެވިދާނެ.” ޑޮކްޓަރު ބުނެލި ވާހަކަތަކުން ޒިހާނަށް ހުއްޓުން އަރާފައި އިރުކޮޅަކަށް ހުރެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ ޑޮކްޓަރު އޭނައަށް ފަސްދީފައި ދިޔައެވެ. އެ ހިނދު އޭނަގެ ދެ އެކުވެރިން ކުރެ އެކުވެރިއަކު އައިސް އޭނަގެ ކޮނޑުގައި އަތްއަޅާލަމުން ވާހަކަ ދެއްކިއެވެ.
“ޒިހާން ދޭ ޔަޒްދާން ސާރ އާ ބައްދަލުކުރަން. ސާރ އެންމެ ބޭނުންވާނީ ޒިހާންއާ ބައްދަލުކުރަން. އަހަރުމެން އެބަ މަސައްކަތްކުރަން ސާރގެ ކޮއްކޮއާ ކޮންޓެކްޓް ކުރެވޭތޯ. އެކްސިޑެންޓް ވީއިރުއްސުރެ އެކޮޅުން ކޮއްކޮއަށް ގުޅުމުގެ މަސައްކަތް އެބަކުރޭ. އެމަޖެންސީއަށް ދީފަ އޮތް ނަންބަރު ބަދަލުވީކަމަށް ލަފާކުރެވެނީ. އެކްސިޑެންޓް ތެރޭގަ ސާރ ގެ ފޯނު ހަލާކުވީމަ ކޮއްކޮ މިހާރު ގެންގުޅޭ ނަންބަރެއް ނޭނގޭ. އެ ކޮއްކޮގެ އެކުވެރިއަކަށް ގުޅައިގެން ވެސް ޚަބަރު ދެވޭތޯ އަހަރުމެން އެބަބަލަން.” ޒިހާންގެ އެކުވެރިޔާ ބުނެލިއެވެ. އެއާއެކު ޒިހާން އޭނައަށް ބަލައި ބޯޖަހާލަމުން ވީހާވެސް އަވަހަށް ޚަބަރު ދެވޭތޯ ބެލުމަށް އެދުނެވެ. އެކުވެރިޔާ ބޯޖަހައި ޔަޤީންކަން ދިނުމުން ޒިހާން އައިސީޔޫއަށް ދާން މިޞްރާބުޖެހީ ގެނބެމުން ދިޔަ ހިތަކާއި އެކީގައެވެ.
އައިސީޔޫގެ ދޮރާއި ހަމަވުމާއެކު ޒިހާންގެ ޙަރަކާތްތައް ހުއްޓުނެވެ. ވަށްބޮޅަކަށް ހުރި ކުޑަދޮރުގެ ދޭތެރެއިން މެޝިންތަކާއި ގުޅިފައިވި ޔަޒްދާން ފެނި އޭނަގެ ލޮލުން ދިލަ ނެގި ހިނދު ލޯ ރަތްވިއެވެ. ނުހަނު ހިތްވަރުކޮށްލަމުން އޭނަ އިސްޖަހައި ދޮރު ހުޅުވާލަމުން އައިސީޔޫގެ ތެރެއަށް ވަނެވެ. އޭނަ ވަނުމާއެކުހެން އެ ދޮރާއި އެންމެ ކައިރިއަށް ވާގޮތަށް ހުރި އެނދުގައި އޮތް ޔަޒްދާން އޭނައާއި ދިމާލަށް ލަސްލަހުން މޫނު އަނބުރާލިއެވެ. އިސާހިތަކު އޮކްސިޖަން އެޅިފައިވި އެ މޫނުމަތިން ފެނިގެން ދިޔަ ހިނިތުންވުމުން ޒިހާންގެ ލޯ ކަރުނުން ފުސްވިއެވެ. ބޭބެގެ އެންމެ ފަހު ވަގުތުކޮޅުގައި ވެސް އެ ހިތްހެޔޮކަމަށް ބަދަލެއް ނާންނަކަން އެނގުންވުމުންނެވެ.
“ސާރ….ސާރ ކިހިނެއްތޯ؟” ލަސް ފިޔަވަޅުތަކެއްގައި އެނދުގެ ކައިރިއަށް ދަމުން ޒިހާނަށް އެ ސުވާލު ކޮށްލެވުނީ ތުރުތުރު އަޅާ އަޑަކުންނެވެ. އޭނަ ގޮސް އެނދު ކައިރީގައި މަޑުކޮށްލުމާއެކު ޔަޒްދާން ލުއި ގޮތަކަށް ހީލިއެވެ.
“މިއޮތް ވަގުތުކޮޅުގަވެސް ކޮން ސާރއެއް ތި ކިޔަނީ ޒިހާން؟ ތިއީ އަހަރެންގެ ފިރިހެން ކޮއްކޮއެއް ނެތްތާ ފިރިހެން ކޮއްކޮއެއްނު؟ މި ވަގުތުކޮޅުގަ ކޯރޕްރަލްއެއްގެ ބަދަލުގަ އަހަންނަށް ކޮއްކޮއަކަށް ވެދިނިއްޔާ ވަރަށް އުފާވާނެ…” ޔަޒްދާން އެހެން ބުނެލީ އޭނަގެ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން ނުހަނު އުދަގުލުން ނިކުންނަމުން ދިޔަ އަޑަކުންނެވެ. ޔަޒްދާން ‘ކޮއްކޮ’ އޭ ބުނުމުން ކަމެއް ހަނދާންވުމުން ޒިހާނަށް ވާހަކަ ދެކެވުނެވެ.
“ސާރ…ޔުނާ….ޔުނާއަށް ނޭނގޭ. ޔުނާގެ ނަންބަރު ކިޔައިދިނިއްޔާ އަޅުގަނޑުމެން….” ޒިހާނަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ޔަޒްދާން އޭނަގެ ނަމުން ގޮވާލިއެވެ.
“މިހާ ހިސާބަށް އާދެވިފަ އޮތްވާ ޔުނާއަށް ނޭންގިޔަސް މައްސަލައެއްނެތް. ޔުނާ އެހެން ނޫނަސް މިވަގުތު ހުރީ އޭނަގެ ދޮންބެއަށް ނުރުހުންވެފަ. ހެހެ…..އެކަމަކު ޔުނާ ކައިރި ބުނައްޗޭ ދޮންބެ އަދިވެސް ޔުނާއާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ. މި ދުނިޔެއަށްވުރެ ރީތި މަންޒިލަކުން އިން ޝާ ﷲ….” ޔަޒްދާން އެ ފަހު ޖުމްލަތައް ބުނެލިއިރު އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ ލޮލުގެ ކޮޅުން ކަރުނަތައް ފައިބައިގެން ދިޔަ މަންޒަރު ފެނި ޒިހާންގެ ލޮލަށް ވެސް ތާޒާ ކަރުނަތައް ޖަމާވިއެވެ. އޭނަ ހަމައަކަށް އެޅެމުން އެއްޗެކޭ ބުނަން އުޅުނު ވަގުތު ޔަޒްދާން އިތުރަށް ވެސް ވާހަކަ ދެއްކިއެވެ.
“ޒިހާން…..ޔުނާ ރަނގަޅަށް ބަލައިދެއްޗޭ. މިރޭ މި ދިމާވި ޙާދިސާއަކީ ބަޔަކު މީހުން ރާވައިގެން ކުރިކަމެއްހެން ވަރަށް ހީވޭ. އެ މީހުން އެ ޙަސަދަވެރިކަމުގަ ޔުނާއަށް ވެސް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުހީވޭ. ޔުނާ އެމީހުންގެ ކިބައިން ސަލާމަތް ކޮށްދެއްޗޭ. ޔުނާއަށް އެއްވެސް އަނިޔާއެއް ލިބިދިޔަ ނުދެއްޗޭ. ޔުނާ ރައްކާތެރިކޮށްދެއްޗޭ!” ޔަޒްދާން އޭނައަށް ބަލައި ތަކުރާރުކޮށް އެދެން ފެށުމުން ޒިހާން ޔަޒްދާންގެ އަތް މަތީގައި އަތް އަޅައި ބޯޖަހާލީ އޭނަ އެކަން ކޮށްދޭނެކަމުގެ ޔަޤީންކަން ދިނުމަށެވެ. އެ ލިބުނު ޔަޤީންކަމާއެކީ ޔަޒްދާން ސިކުންތުކޮޅެއް ވަންދެން ޒިހާނަށް ބަލަން އޮވެފައި ވާހަކަ ދެއްކިއެވެ.
“އަހަންނަށް މަޢާފުވެސް ކޮށްދެއްޗޭ ޒިހާން. ޒިހާންގެ ވާހަކަ ޔުނާއާއި ހަމައަށް ނުގެނެވެނީސް މި ދުވަސްޖެހުނީތީ.” ޔަޒްދާން މާޔޫސީ ގޮތަކަށް އެހެން ބުނެލުމާއެކު ޒިހާން ބޯހޫރުވާލިއެވެ.
“އެއީ އެއްވެސް މައްސަލައެއްނޫން. ތަޤުދީރުގަ އޮތް ގޮތަކަށް ދެއްތޯ ހުރިހާ ކަމެއްވެސް ވާނީ؟” ޒިހާން ހިނިތުންވާން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ތެދެއް….އެކަމަކު ޒިހާން ޔުނާއާއެކީ ވުމަކީ އަދިވެސް އަހަރެންގެ ވަރަށް ބޮޑު އެދުމެއް. އަހަރެން ނެތް ދުނިޔޭގަ ޔުނާއާއެކީ ވެދެއްޗޭ.”
ރޭގަނޑުގެ އަނދިރިކަން ވެރިވެފައިވި ކަނޑު ކަފަމުން ބާރު ސްޕީޑެއްގައި ދުއްވަމުން ދިޔަ ސިފައިންގެ ލޯންޗުގައި އިން ޒިހާންގެ ކަންފަތުގައި އެ ބަސްތައް ގުގުމާލިއެވެ. އެދުވަހު ޔަޒްދާން އޭނަގާތު އެދުނުހާ ކަންތަކުގެ ތެރެއިން އެއްބަސްވި ކަމުގެ ޢިޝާރާތެއްހާ މިންވަރުވެސް އޭނައަށް ނުދެއްކުނު ހަމައެކަނި ކަމަކީ އެއީއެވެ. އެއީ އޭނަގެ ހިތުގެ އެންމެ ބޮޑު އެދުން ކަމަށްވިޔަސްމެއެވެ.
އާނއެކެވެ. ޔުނާއަކީ އޭނަގެ ހިތުން ޖާގަ ދެވިފައިވާ ކުއްޖެކެވެ. އެއީ ކިހިނެއް ކޮންއިރަކު ވީކަމެއްކަމެއްވެސް މިހާރު ޒިހާންގެ ހަނދާނުގައެއްނެތެވެ. އެނގޭހާވެސް ކަމަކީ ފުރާވަރުގައި ސްކޫލް ތެރެއިން ފެނުނު އެ އުޖާލާވި ހިނިތުންވުމުގެ ވެރި އަންހެން ކުއްޖާ ފެނި އޭނަ ހުއްޓުންއެރިކަމެވެ. އެ ފަހުން އެކުއްޖާއާއިމެދު އިތުރަށް އެނގެމުން ދިޔަ ވަރަކަށް އޭނަގެ ހިތް ކިޔަމުން ދިޔަކަމެވެ. އެ ތޫނުފިލިކަމާއި ހުނަރުވެރިކަމާއި ހިތްހެޔޮކަމުގެ ވާހަކަތައް އިވި އޭނަގެ ހިތުގައި އުފެދެމުން ދިޔަ އިޙްސާސްތައް ވަރުގަދަވަމުން ދިޔައެވެ. އެހެނަސް މި އިޙްސާސްތަކުގެ ވާހަކަ އޭނަ އެއްވެސް މީހަކާއި ޙިއްސާއެއް ނުކުރެއެވެ. އޭނައާއެކީ އޭރު އުޅުނު އެކުވެރިން ފަދައިން އޭނައަށް ކަމުދިޔަ އެ އަންހެން ކުއްޖާއަށް ލޯބި ހުށަހަޅައި ރައްޓެހިވާކަށް ވެސް ނުއުޅުނެވެ. އެއީ ދެ ސަބަބަކާއި ހެދިއެވެ. އެފަދަ ކަމެއް ކުރަން އޭނަ ޖެހިލުންވާތީވެއާއެކު އެފަދަ ކަމެއް ކުރުމުން އޭނަގެ މަންމަ ނުރުހުންވާނެކަން އެނގޭތީވެއެވެ. މަންމަ އޭނައަށްޓަކައި ވެފައިވާ ޤުރުބާނީތަކެއްގެ ސަބަބުން އޭނަ މަންމައަށް ނާންގާވެސް އެ މަންމަ ނުރުހުންވާފަދަ ކަމެއްކުރަން ބޭނުމެއްނުވީއެވެ. އަދި އަމުދުން ޚުދު އޭނަގެ ވެސް ޚިޔާލުތައް ހުރީ އޭނަގެ ޢުމުރުގައި ޢާއްމުކޮށް އުޅޭ ފުރާވަރުގެ ފިރިހެން ކުދިންނާއި ތަފާތު ގޮތަކަށެވެ. އޭނަގެ ޚިޔާލުތައް ޒީނަތްތެރިވެފައިވީ އޭނަ ލޯބިވި އެ އަންހެން ކުއްޖާއާއި ރައްޓެހިވުމުގެ މަންޒަރުތަކުންނެއް ނޫނެވެ. އެ އަންހެން ކުއްޖާއަށްޓަކައި އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެ އެ އަންހެން ކުއްޖާއާއެކީ މުޅި ދިރިއުޅުން ހޭދަކުރާ މަންޒަރުތަކުންނެވެ.
އެހާ ޅަ ޢުމުރެއްގައި ވެސް އޭނަގެ ހިތުގައި އުފެދިފައިވި އިޙްސާސްތަކާއިމެދު އޭނަ ގެންގުޅުނު ދުރު ވިސްނުމުގެ ސަބަބުން ކަންނޭނގެއެވެ. އޭނަގެ އަމިއްލަ މުސްތަޤްބަލަށްޓަކައި އޭނަ އަޅާ ކޮންމެ ފިޔަވަޅަކާއެކީ ޔުނާ ވެސް އެ މުސްތަޤްބަލުގައިވާ މަންޒަރު އޭނައަށް ސިފަވަމުން ދިޔައެވެ. ސްކޫލް ދައުރުގައި އޭނައަށް ދުރުދުރުން ބޭ އިޚްތިޔާރުގައި ވެސް ޔުނާއާއި އަޅާލެވެމުން ދިޔައީ އެހެންވެ ކަންނޭނގެއެވެ. ޔުނާ ލައިބްރަރީގައި އުޅެމުން ފޮތެއް ނުފެނިގެން އުޅޭކަން އެނގިއްޖެނަމަ އޭނަ އެ ފޮތް ހޯދައިގެން ގޮސް ޔުނާގެ މޭޒުމަތީގައި ބާއްވަދޭނެއެވެ. ޔުނާ ކުލާހަކަށް ބޭނުންވާ އެއްޗެއް ނުގެނެސް އައިކަން އެނގިއްޖެނަމަ އިންޓަވަލް ގަޑީގައި ސްކޫލް ކައިރީގައި ހުންނަ އޭނަ އުޅޭ ޢިމާރާތަށް ގޮސް އެ އެއްޗެއް ހިފައިގެން އައިސް ޔުނާގެ ކުލާހުގައި ބާއްވަދޭނެއެވެ. ޔުނާ ދެރަވެފައި ހުންނަ ދުވަހެއްނަމަ ދުރުގައި ހުރެގެން ވެސް އެ ހިތާމައިގައި ބައިވެރިވެ ޔުނާއަށްޓަކައި ދުޢާކޮށްދޭނެއެވެ. އޭނަ މި ކަންތައް ކޮށްދޭކަން ޔުނާއަށް ނޭނގުނަސް އޭނަގެ ހިތުގައި ޝަކުވާއެއްނެތެވެ. ސިއްރުގައި ވެސް ޔުނާއާއި އަޅާލުމަށްޓަކައި އޭނަ ކުރަމުން ދިޔަ އެ ކުދިކުދި ކަންތަކުން އޭނައަށް އުފަލެއް ލިބެމުން ދިޔައެވެ.
ސްކޫލް ދައުރު ނިމުމުން ޔުނާ އާއި ވަކިވާން ޖެހުމުން ޒިހާންގެ ހިތްދަތިވިއެވެ. ޔުނާ ކިޔަވަން ބޭރަށް ފުރައިގެން ދިޔުމުން އޭނަގެ ހުރިހާ ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައެވެ. އޭނަ ވޭތުވި އަހަރުތަކުގައި ޚިޔާލުކުރި މުސްތަޤްބަލު އޭނައަށް ނުލިބިދާނެހެން ހީވި ހީވުމާއެކު އޭނަ އެ ހަނދާންތަކާއި ދުރުވާން މަސައްކަތް ކުރިއެވެ. ސިފައިންގެއަށް ވަނުމުގެ ޓްރެއިނިންގްގައި ބުރަކޮށް އުޅެން ފެށުމުން އެކަން ފަސޭހަވިއެއްކަމަކު ދެންވެސް މުޅިން އެކީ އޭނަ ޔުނާ މަތިން ހަނދާންނެތޭ ގޮތެއްނުވިއެވެ.
އޭނަގެ ޚިޔާލުތައް އެހާ ހިސާބަށް ދިޔަތަނާހެން ޒިހާނަށް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ އަދި އަދަށްދާންދެން ވެސްވީ ހަމަ އެފަދަ ޙާލެއްގައި ކަން އެނގުންވުމުންނެވެ. އޭނަގެ މި ޙާލަތާއިމެދު ބައެއްފަހަރު ޒިހާނަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވެއެވެ. އޭނަ ޔުނާއާއިމެދު މިހާވަރަށް ވިސްނާއިރު ޔުނާއަށް އޭނައަކީ ކާކުކަން ވެސް ނޭނގޭ ކަމަށްޓަކައެވެ.
އޭނަ އެރޭ ޔުނާއާއި އެހާ ގާތުން ޕިކަޕް ދުއްވާފައި ދިޔައިރު ވެސް ޔުނާއަށް އޭނަ ފާހަގައެއްނުވިއެވެ. ޔުނާއަށް ނޭނގުނަސް އެ ހިތާމަވެރި މޫނު ފެނި އޭނަގެ މޭގައި ރިއްސިއެވެ. އެ ވަގުތުކޮޅުން ފެށިގެން އޭނައަށް ވިސްނެމުން ދިޔައީ ޔުނާ އެހާ ދެރަވާންވީ ކީއްވެކަމާއި މެދުގައެވެ. އަދިވެސް ދޮންބެގެ ހަނދާންތަކުން ދުރުނުވެވެނީބާއޭ ހިތަށްއެރިއެވެ. އެހެންނޫނީ އެ ކަރުނަތަކުގެ ފަހަތުގައިވީ ޔުނާގެ އެކުވެރިންގެ ފަރާތުން އޭނައަށް އިވިފައި ލޯބިވެރިޔާތޯ ހިތް ސުވާލުކުރި ހިނދު އެ ހިތުގައި ރުޅިވެރިކަމުގެ އަލިފާނެއް ރޯވިއެވެ. އޭނަ މާލޭގައި އުޅޭ ޢިމާރާތުގެ ކައިރީގައި ޔުނާގެ ބައެއް އެކުވެރިން އުޅޭތީ ތުންތުންމަތިން އޭނައަށް ވަނީ ޔުނާގެ ލޯބިވެރިޔާ ހެދި ގޮތުގެ ވާހަކަ އިވިފައެވެ. އެ ވާހަކަތައް އިވުނީއްސުރެ ޒިހާނަށް އެތައް ފަހަރު މަތިން އޭނަގެ ޚިޔާލުތަކުން އެ ލޯބިވެރިޔާގެ މޫނުމައްޗަށް އެތިފަހަރުތައް ވިއްލާލެވިފައިވެއެވެ. ލޯބިވާން ނޭނގޭނަމަ ލޯބިނުވީމަ ނިމުނީ ނޫންތޯ ހިތާހިތުން ގޮވަމުންނެވެ. ކޮންމެ ގޮތެއްވިޔަސް ޒިހާނަށް ޔުނާގެ ދޮންބެގެ އެ އެދުމަށް އެއްޗެކޭ ނުބުނެވުމުގެ ފަހަތުގައިވެސް ވީ ޔުނާގެ އެ ލޯބިވެރިޔާއެވެ. އޭނަ ޔުނާގެ އިޙްސާސްތަކަށް ޤަދަރުކުރަން ބޭނުންވިއެވެ. ޔުނާގެ ޒަޚަމްވެފައިވާ އެ ހިތަށް ވަގުތު ދޭން ބޭނުންވިއެވެ. އޮޅުމަކުން ވިޔަސް ގަދަކަމުން ޔުނާ އޭނަގެ ޙަޔާތަށް ގެންނާކަށް ބޭނުމެއްނުވިއެވެ.
ޒިހާނަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ލޯންޗުގައި އޭނަގެ ކައިރީގައި އިން އެކުވެރިއަކު ވާހަކައެއްގެ ތެރެއިން ދޯ ދެމުން އޭނަގެ ކޮނޑުގައި ޖަހާލުމުންނެވެ. އެމީހުން ދައްކަމުން ދިޔައީ ކޮން ވާހަކައެއްކަން ނޭނގުނު ޒިހާން ހަމައެކަނި އެ އެކުވެރިޔާއަށް ބަލާލަމުން ހިނިތުންވުމެއް ދައްކާލީއެވެ. އެއަށްފަހު އޭނަ ކުރިމައްޗަށް ނަޒަރު ހުއްޓާލީ ބޭރަށް ނަޒަރެއް ހިންގާލުމަށެވެ. އެހިނދު ލޯންޗުގެ ކުޑަދޮރުން ބޭރުން ދާދި ގާތް ހިސާބަކުން ޔޮޓެއް ފެނިގެން ދިޔައެވެ. ޔޮޓުގެ ތިރީގައި ބޮޑު އަކުރުން ‘ޕެރެމައުންޓް ވިލާ’ އޭ ލިޔެފައި އޮތް މަންޒަރު ފެނިފައި ޒިހާންގެ ހަނދާނަށް އައީ ޔުނާ ޖެޓީ ހިސާބުން ފެނިގެން ދިޔަ މަންޒަރެވެ. ޔުނާ އެތާނގައި ހުރީ މި ޔޮޓަށް އަންނަންތޯ ހިތަށްއެރި ވަގުތު އެ ޔޮޓުގެ ރެއިލިންގްއާއި ދިމާލަށް ނަޒަރު ހިންގާލެވުނީ އެތާ މީހަކު ހުރިހެން ހީވުމުންނެވެ. އެއީ ފެހިކުލައިގެ ހެދުމަކާއެކީ މުށިކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އަންހެން ކުއްޖެއް ފާހަގަވުމުން އެއީ ޔުނާކަން ޒިހާނަށް ޔަޤީންކުރެވުނީ އެންމެ ފަހުން ޔުނާ ފެނުނުއިރު ޔުނާ ލައިގެން ހުރި ހެދުން މަތިން ހަނދާންވުމުންނެވެ.
ޒިހާން އެދިމާލަށް ނަޒަރު ހުއްޓައިގެން އިންދާ ވާރޭ ބޯކޮށް އޮއްސިގަތުމުން އިސާހިތަކު ކުޑަ ދޮރުގެ ބިއްލޫރިގަނޑު ފުސްވެ އޭނައަށް އެ މަންޒަރު ނުސާފުވެގެން ދިޔައެވެ. އެއާއެކު ޒިހާނަށް ވަގުތުން ތެދުވެލަމުން ލޯންޗުގެ ކުރީ ބަޔާއި ދިމާލަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ލޯންޗު ދުއްވަން އިން މާއިޒްގެ ކައިރިއަށް ކުޑަކޮށް ގުދުވެލަމުން ވައިޕަރުން ވާރޭ ކެހެމުން ދިޔަ ބިއްލޫރިގަނޑުން އެ ޔޮޓު ފެނޭތޯ ޒިހާން ބެލިއެވެ. މާއިޒް އޭނަ ގާތު ވަރަށް ވިއްސާރަ ރެއެއްދޯއޭ ބުންޏެއްކަމަކު ޒިހާނަށް އެ ވާހަކައަށް ސަމާލުކަމެއް ނުދެވުނެވެ. އޭރުވެސް ޔުނާ އެ ބޯ ވާރޭ ތެރޭގައި ހުރި މަންޒަރު ފެނިފައި ޒިހާން ކަންބޮޑުވިއެވެ. އެ ކަންބޮޑުވުން ދެގުނަވެގެން ދިޔައީ ޔޮޓުގެ ޑެކް މަތިން ޔުނާއާއި ދިމާލަށް މީހަކު އަންނަމުން ދިޔަހެން ހީވި ހީވުމުންނެވެ. އެ ހީ ޔަޤީނަކަށް ބަދަލުވެގެން ދިޔައީ އެމީހަކު ގޮސް ޔުނާ އުފުލާލުމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާ ކަނޑަށް ވެއްޓެން ދިޔަ މަންޒަރު ފެނި ޒިހާންގެ ދެލޯ ބޮޑުވެ ހިތް ހުއްޓުނެވެ.
“ޔުނާ!” ޒިހާނަށް ވައި އަޑުން ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ.
“އޭ އެތަނަށް އެ ވެއްޓުނީ މީހެއްދޯ؟” ޒިހާނަށްވުރެ ސިކުންތުކޮޅެއްފަހުން އެ މަންޒަރު ފާހަގަވި މާއިޒް އެހިއެވެ.
“އެކޮޅަށް އަނބުރާ…ވަރަށް އަވަސް!” ޒިހާނަށް އަޑަށް ބާރުލާފައި ބުނެލެވުނެވެ. އެއަށްފަހު އޭނަ ލޯންޗުގެ ފަހަތު ބަޔާއި ދިމާލަށް މިޞްރާބުޖެހީ މާއިޒް ލޯންޗުގައި ދެން ތިބި މީހުންނަށް ކަންވެގެން އުޅޭ ގޮތް އަންގައި ހަދަންވީ ގޮތް އަންގަން ފެށި ވަގުތެވެ. ލޯންޗު ޔޮޓާއި ދިމާލަށް އަނބުރައި އޭތި ރަނގަޅަށް މަޑުވެސް ނުވަނީސް ޒިހާނަށް އެންމެ ކުރިން ލޯންޗުން ފުންމާލެވުނީ ހާސްކަން ވެރިވެފައިވި ހިތެއްގެ ސަބަބުންނެވެ. ކަނޑު އަޑީގައިވި މަދު ސިކުންތުކޮޅުގެ ތެރޭގައި ޒިހާން ޔުނާ އޮތް ދިމާލެއް ހޯދާލަމުން އެ ދިމާލަށް ފަތަން ފެށިއެވެ. ޔޮޓުގެ އަލިކަމުން އެ ދިމާލަށް އަލި އެޅިފައިވުމުން ޔުނާއާއި ގާތްވަމުން ދިޔަދިޔަހެން އެ ސޫރަ އޭނައަށް ސާފުކޮށް ފެންނަމުން ދިޔައެވެ. އެވަގުތުގައިވެސް އެ މޫނުމަތިން ހިތާމަވެރިކަން ފެންނަމުން ދިޔަގޮތުން ޒިހާންގެ ހިތަށް އުދަގޫވިއެވެ. އަދި އަމުދުން ޔުނާގެ ޙަރަކާތްތައް މުޅިންހެން މަޑުވެފައިވި ގޮތުން ބިރުވެރިކަމެއްވެސް އެ ހިތުގައި ވަށާލެވިގެން ދިޔައެވެ. ޔުނާގެ ނޭވާ ހުސްވާނެހާ ގިނައިރެއް އަދި ނުވެއެވެ. ވީއިރު ޔުނާ ސަލާމަތްވާން މަސައްކަތްނުކޮށް އެ އޮތީ ކީއްވެބާއޭ ޒިހާންގެ ހިތަށްއެރިއެވެ. ޔުނާ މި ޙާލަތުގެ ކުރިމަތީގައި ބަލި ޤަބޫލުކުރީތޯ ހިތް ސުވާލުކުރިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ އެފަދަ ނާއުއްމީދީ އަސަރެކެވެ. މި ދުނިޔެއަށް އަލްވަދާޢު ކިޔަން އުޅޭ ފަދަ އަސަރެކެވެ.
އެހެނަސް އެހެންވާންވީ ކީއްވެ ހެއްޔެވެ؟ ޔުނާ އަދި ބަލި ޤަބޫލުކޮށްގެން ނުވާނެއެވެ. ޔުނާ އަދި ނާއުއްމީދުވެގެން ވެސް ނުވާނެއެވެ. އޭނަ ޔުނާއާއެކީ ހޭދަކުރަން ރާވައިފައިވީ ހާދަ ރީތި މުސްތަޤްބަލެކެވެ. ޔުނާއަށް އިޙްސާސްކޮށްދޭން ބޭނުންވަނީ ހާދަ ފުން ލޯތްބެކެވެ. އެ ލޯބި ޔުނާއަށް އިޙްސާސް ނުކުރެވެނީސް ޔުނާ އޭނަ ދޫކޮށް ގޮސްގެން ނުވާނެއެވެ. އެ ލޯތްބާއި ހަމައަށް ދިޔުމަށްޓަކައި ޔުނާ އަދި ހިތްވަރެއް ކޮށްލަންވާނެއެވެ.
ހިތާހިތުން ޔުނާގާތު ބުނެވުނު އެ ބަސްތަކާއެކީ ޒިހާން ގޮސް ޔުނާގެ އުނަގަނޑުގައި އޭނަގެ ބާރުގަދަ އަތުން ވަށާލީ ޖަޒުބާތުތަކުން ފުރިގެން ދިޔަ ހިތަކާއި އެކީގައެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާއާއެކީ ލޮނުގަނޑުން މައްޗަށް އަރައި ޔުނާގެ މޫނަށް ނަޒަރެއްދިނެވެ. އޭރުވެސް ޔުނާ ހޭނެތި އޭނަގެ ކޮނޑުގައި ބޯއެޅިފައި އޮތް ގޮތުން ޒިހާން ކަންބޮޑުވާ ގޮތްވިއެވެ. ހަމަ އެހިނދު ޔޮޓުގެ ޑެކްމަތިން ‘ޔުނާ މޭމް’ އޭ ކިޔައި ގޮވާލި އަޑަށް ޒިހާނަށް އެ ދިމާލަށް ބަލާލެވުނެވެ. ހޮޓެލްގެ އަންހެން މުވައްޒަފަކު އެތާ ހުރިތަން ފެނިފައި ޒިހާންގެ ދެބުމަ ކައިރިވިއެވެ. ލޯންޗުގައި ހުއްޓާ ޔުނާއާއި ދިމާލަށް އޭރު ދިޔަތަން ފެނުނީ ފިރިހެނެއްކަން އޭނައަށް ޔަޤީނާއި ގާތްވީތީވެއެވެ. ޒިހާން އެ މުޅި ޑެކަށް ނަޒަރެއް ހިންގާލީ އެމީހަކު ފެނޭތޯއެވެ. އެހެނަސް އެ އަންހެން މުވައްޒަފު ފިޔަވައި އެހެން މީހަކު ފެންނަ ގޮތެއްނުވިއެވެ. ހަމަ އެހިނދު ވެހެމުން ދިޔަ ވާރޭގެ ތެރެއިން އެހެން ލޯންޗެއް އެ ހިސާބަށް އައިސް މަޑުކޮށްލި އަޑަށް ޒިހާނަށް ބަލާލެވުނެވެ. އިސާހިތަކު އެއީ ހަސަންބެގެ ލޯންޗުކަން އެނގުންވުމުން ޒިހާނަށް ޔުނާއާއެކީ އެއާއި ދިމާލަށް ފަތައިގަނެވުނީ ޔުނާ އަނބުރާ ޔޮޓަށް ފޮނުވަން އެއްގޮތަކަށް ވެސް ހިތްހަމަނުޖެހުމުންނެވެ.
ޒިހާން ފަތަމުން ގޮސް ލޯންޗާއި ހަމަވުމުން ހަސަންބެ ވެސް ޔުނާ އޮތް ޙާލު ފެނުމާއެކު ކަންބޮޑުވިއެވެ. ހަސަންބެ ބުނިގޮތުގައި ހަސަންބެ ދިޔައީ ޔޮޓުގެ ކައިރީގައި އޮތް އެހެން އުޅަނދެއްގައި ހުރި އަންހެނަކު ބުނެގެން އެ އަންހެން މީހާއަށް ދަތުރެއް ކޮށްދިނުމަށެވެ. އެހެނަސް އަނބުރާ ޔޮޓާއި ދިމާލަށް އައީ ސިފައިންގެ ލޯންޗެއް ފެނި ގޯހެއްވެގެން އުޅޭހެން ހީވުމުންނެވެ. ޒިހާން އެ ވާހަކަތައް އަޑުއަހަމުން ވީހާވެސް އަވަހަކަށް ޔުނާ ހަސަންބެގެ ލޯންޗަށް އަރުވައި ހަސަންބެ ގާތު ޔުނާ ހޮސްޕިޓަލަށް ގެންދިޔުމަށް އެދުނީ ޔޮޓުން މީހަކަށް އެތަނަށް ނާދެވެނީސް ޔުނާ ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށެވެ. ޔުނާ ލޯންޗުގައި ބޭއްވުމަށްފަހު އެކަނި ދޫކޮށްލަންވުމުންވެސް ޒިހާންގެ ހިތްދަތިވިއެވެ. އެހެނަސް އޭނަ ޔުނާއަށް ފަސްދީފައި ދިޔައީ ޔުނާއަށްޓަކައި ހެޔޮ ދުޢާކުރާ ޙާލުގައެވެ. އަދި ޔުނާއަށް މި ޙާލު ޖެއްސި މީހަކު ކޮންމެހެން ވެސް ހޯދައި ޙައްޤު އަދަބު ދިނުމުގެ ވަރުގަދަ ޢަޒުމުގައެވެ.
**
ދެލޯ ތަގުޅި ކޮށްލަމުން ނުހަނު އުދަގުލާއެކީ ލޯހުޅުވާލި ޔުނާއަށް ފެނިގެން ދިޔައީ ހުދުކުލައިގެ ސީލިންގްއެކެވެ. އެހެނަސް އެ ސީލިންގުގައި ހަރުކުރެވިފައިވި ފަންކާ އޭނަގެ އެޕާޓްމެންޓްގެ ފަންކާއާއި ތަފާތުވުމުން ޔުނާއަށް ވަށައިގެން ނަޒަރެއް ދެވުނެވެ. އެއާއެކު އޭނައަށް އޮވެވުނީ ހޮސްޕިޓަލެއްގެ ޕްރައިވޭޓް ރޫމެއްގައިކަން އޭނައަށް ފަހުމްވިއެވެ. ހަމަ އެއާއެކު ރޭގަ ކަންތައްވީ ގޮތްވެސް ހަނދާންވެގެން ދިޔުމާއެކު ޔުނާއަށް ލުއްކެއްޖަހައި ތެދުވެލެވުނެވެ. އެވަގުތު ގަޑިން ވީއިރެއް ބެލުމަށްޓަކައި ކުރިމަތިން ފެނުނު ފާރުން ފެނުނު ގަޑިއަށް ނަޒަރެއްދިނެވެ. ގަޑިން 1 ޖަހާފައިވީއިރު މިއީ މެންދުރުގެ ވަގުތުކަން އޭނައަށް އެނގުންވީ ކުޑަދޮރުން ލިބެމުން ދިޔަ އަލީގެ ސަބަބުންނެވެ. ހަމަ އެހިނދު ރޫމުގެ ދޮރު ހުޅުވި ރޫމަށް ވަދެގެން އައީ ހިތްހެޔޮ ހިނިތުންވުމެއްގައި ހުރި ނަރުހެކެވެ. ނަރުސްކުއްޖާ އޭނަ ގާތު ކިހިނެއްތޯ ސުވާލުކުރަމުން އައިވީ ފުޅިއަކާއި ތަބަކާއެކީ އައިސް ޔުނާގެ ހުސްވެފައިވާ އައިވީ ބަދަލުކުރުމުގެ މަސައްކަތް ފެށިއެވެ.
“އަމް…..އަޅުގަނޑު މިތަނަށް ގެނައީ ކާކުތޯ؟” ޔުނާ ޖެހިލުންވުމަކާއެކީ ސުވާލުކޮށްލިއެވެ.
“މިކޮޅަށް ގެނެވުނީ އެމްބިއުލާންސްއިން އިނގޭތޯ….ރޭގަ ހިނގި ޙާދިސާއަށްފަހު ސިފައިންގެ މީހަކު މެޑަމް ސަލާމަތްކުރީ. މެޑަމް މިކޮޅަށް ގެނެވުނީ ފަހިމަގު ލޯންޗުގަ.” ނަރުސްކުއްޖާ އޭނަގެ މަސައްކަތާއިގެން ކުރިއަށް ދަމުން ކިޔައިދިނެވެ. ‘ސިފައިންގެ މީހެކޭ’ ބުނުމުން ޔުނާގެ މެއަށް ފިނިވިއެވެ. ދޮންބެ ނެތް ދުނިޔޭގައި ވެސް އޭނަގެ ސަލާމަތަށް އަންނަނީ ހަމަ ދޮންބެ ނިސްބަތްވި ބައިގަނޑުންތާއޭ ހިތަށްއެރި ވަގުތު ޔުނާގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. އެއަށްފަހު ފުން ނޭވައެއް އެތެރެއަށް ލީހިނދު ނުހަނު ތާޒާ ކެއުމެއްގެ ވަސް ދުވުމުން ޔުނާއަށް އަރިމަތީ މޭޒުމައްޗަށް ނަޒަރެއް ދެވުނެވެ. އެހިނދު އެތާހުރި ޕްލާސްޓިކް ތަށިބަރިއެއް ފެނިފައި ޔުނާއަށް ވާހަކަ ދެކެވުނެވެ.
“މިއީ ކާކު ގެނައި އެއްޗެއް؟” އޭނައަށް އަހާލެވުނެވެ.
“ތިއީ މެޑަމްގެ ފިރިމީހާ މީގެ އިރުކޮޅެއްކުރިން ގެނައި އެއްޗެއް…” ނަރުސްކުއްޖާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއެކު އިވުނު ބަހަކުން ޔުނާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ.
“ފިރިމީހާއޭ؟ އެހެން ކިޔާ މީހެއް ނުހުންނާނެ އަހަރެންގެ ޙަޔާތުގަ.” ޔުނާ އެހެން ބުނެލީ ހެވިފައި އިނދެ ކަމަށްވިޔަސް އެ ލޮލުން ރިހުމެއް ފާޅުވީ ޖިނާހާއި ވަކިވެގެން ދިޔަގޮތުގެ މަތިން ހަނދާންވުމުންނެވެ.
“އޮހް ސޮރީ…..އަޅުގަނޑަށް ހަމަ އަސްލުވެސް ހީވީ އެއީ މެޑަމްގެ ފިރިމީހާކަމަށް. އެ ތަށިބަރި ދީފަ ބުނީ ރޫމް 24 ގަ އޮތް ޢައިޝަތު ޔުނާ ޚަލީލްއަށް މީތި ގެންގޮސްދޭށޭ. ރަނގަޅަށް ކާތޯ ޔަޤީންކޮށްދޭށޭ. އަދި ފަހުން އަންނާނެ ވާހަކަ ބުނެފަ ދިޔައީ ކޮންމެވެސް އެހެން ކަމަކަށް ލަސްވެގެން އުޅޭހެން ހީވާ ގޮތަކަށް. ވަރަށް ބޮޑަށް މަޢާފަށް އެދެން ނުބައި ހީވުމެއް ހީކުރެވުނީތީ….” ނަރުސް ކުއްޖާ ބުނެލިއެވެ. އެހިނދު ޔުނާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ. މިއީ ނުބައި ރޫމަކަށް ގެނެވުނު ތަށިބަރިއެކޭ ބުނަން އުޅުނެއްކަމަކު ދެންމެ އިވުނު ވާހަކަތަކުން އެހެން ބުނެވޭކަށް ނެތެވެ.
އޭނަ އިންގޮތަށް އިންދާ ނަރުސްކުއްޖާ އޭނައަށްޓަކައި އޭނަގެ ކުރިމައްޗަށްވާގޮތަށް ފިލަ ކައިރި ކޮށްދިނީ ކޮންމެ ގޮތެއްވިޔަސް މެޑަމް ވީހާވެސް އަވަހަކަށް ކާންވާނެއޭ ބުނަމުންނެވެ. އަދި އެ ތަށިބަރީގެ ބައިތައް ވަކިކުރަމުން ޔުނާގެ ކުރިމަތީގައި އަތުރާލިއެވެ. ހުރިހާ އެއްޗަކުން ވެސް އެރި މީރުވަހުން ޔުނާގެ ކުޅު ދިޔާވެގެން ދިޔަ ގޮތުން ޚުދު އޭނަވެސް ޙައިރާންވިއެވެ. އޭނަ އެންމެ ފަހުން މިފަދައިން ކާހިތްވި ދުވަހެއް އޭނަގެ ހަނދާނުގައި ނެތެވެ. ކިތަންމެ މީރު އެއްޗެއް ހުއްޓަސްމެއެވެ. މިއަދު މިވަނީ ކިހިނެއްތޯ ހިތަށްއެރިއެވެ. މިއީ އެތައް ދުވަހެއްފަހުން އެހެން މީހަކު އޭނައާއި އަޅާލިކަމުގެ އިޙްސާސެއް ކުރެވުމުން އައި ބަދަލެއް ހެއްޔެވެ؟ އެހެނަސް އެއީ ކާކު ހެއްޔެވެ؟
ޔުނާ ދެ ޚިޔާލެއްގެ މަތީގައި އިނދެއިނދެފައި އެންމެ ފަހުން އެ ތަރުކާރީ ބަތް ހުރި ތަށީގެ ކައިރީގައި އޮތް ސަމުސާ ނެގީ ނަރުސްކުއްޖާ ވެސް ރޫމުން ބޭރަށް ދިޔަފަހުންނެވެ. ބީރައްޓެއްސެއްގެ ފަރާތުން ލިބުނު އެއްޗެއް ކާން ޖެހިލުންވެސްވިއެއްކަމަކު ކީއްވެކަމެއް ނޭނގެއެވެ. އެހުރިހާ އެއްޗެއް އެތުރިފައިހުރި ގޮތް ރީތިކަމުންނާއި އެއީ ހުސްވެސް އޭނައަށް މީރު އެއްޗެއްސަށްވުމުން މިއީ ހަމަ އޭނައަށްޓަކައި ތައްޔާރުކުރެވުނު ތަށިބަރިއެއްކަން އޭނައަށް ޔަޤީނާއި ގާތްކުރެވުނެވެ. އޭނަ ހައިވެފައިވި ވަރުވެސް އެވަގުތު އިޙްސާސްކުރެވުމުން އެންމެ ފަހުން ޔުނާ އޭނަގެ އަތުގައި އޮތް ސަމުސާ ބަތްތަށީގެ ތެރެއަށްލިއެވެ.
“ވެލް ތެންކިއު…..ނޮން-އެގްޒިސްޓެންޓް ފިރިމީހާ!” ޔުނާ އަމިއްލަ އަމިއްލައަށް އެހެން ބުނެލަމުން ބަތް ސުވާއެއްލިއެވެ. އެހިނދު އެ ރޫމުގެ ކުޑަކޮށް ހުޅުވިފައިވި ދޮރު ކައިރި ފާރަށް ލެނގިލައިގެން ހުރި ޒިހާނަށް އެ ބަސްތައް އިވިފައި ލުއިގޮތަކަށް ހީލެވުނެވެ.
ނުނިމޭ
ISHY
October 30, 2021 @ 10:02 pm
💜💜