Hiyaa (Part 35)
ހަމީދުގެ ގޭގެ ތެރޭގައި ޕާކްކުރެވިފައި އޮތް ކާރު ސްޓާޓް ކުރި ޔުނާ ކާރު އެ ގޭގެ ގޭޓުން ނެރެމުން މަގާއި ދިމާލަށް އަނބުރައިލީ ބާރުވަމުން ދިޔަ ސްޕީޑަކާއި އެކީގައެވެ. ބޯވާރޭތެރެއިން ކާރު ދުއްވަމުން ދިޔައިރު ޔުނާގެ ހިތުގެ ތެޅުން އަވަސްވެފައިވީއިރު ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ.
އެ ވާރޭ ޔުނާއަށް ހަނދާންކޮށްދެމުން ދިޔައީ ޚާއްޞަ ދުވަހެއްގެ މަތިންނެވެ. ފުވައްމުލަކުގެ ނޭޗާރ ޕާކުގައި ހުރި ކުޑަ ގޭގެ ތެރޭގައި ހުރެ ޒިހާން އޭނަދެކެ ލޯބިވާ ވާހަކަ ބުނެލި ފުރަތަމަ ދުވަހެވެ. އޭގެ ޖަވާބަކަށް ބަދަލުގައި ޔުނާ ބުނެލި ބަސްތައް ޔުނާގެ ހަނދާނަށް އައުމުން އޭނަގެ ހިނިތުންވުން ފަނޑުވިއެވެ. އަދި އަމުދުން އެދުވަހު ގެސްޓް ހައުސްއަކަށް ގޮސްފައި އޭނައަށް ޒިހާންގެ ގައިގައި ބައްދާލެވުނު ގޮތްވެސް ހަނދާންވިއެވެ. އެވަގުތުވެސް ޒިހާން އޭނައާއި ގާތްވާން އުޅުމުން އޭނަ ޒިހާން ދުރަށް ކޮއްޕާލި ގޮތް ސިކުނޑިއަށް ވެރިވުމުން ޔުނާ އަމިއްލަ ނަފްސަށް ނުރުހުންވިއެވެ.
ހަމަ އެވަގުތު ކާރުގެ ތެރެއިން އޭނަގެ ފޯނުގެ ރިންގް ޓޯން އިވެން ފެށުމުން ޔުނާ ޑޭޝްބޯޑަށް ނަޒަރެއް ދިނެވެ. ޑޭޝްބޯޑުގެ ސްކްރީނުން ‘ހަޒްބެންޑް’ ނަމަކަށް އަރާފައި އޮތް މަންޒަރު ފެނި ޔުނާގެ ނޭވާ މެދުކެނޑުނު ވަގުތު އަތްވެސް ފިނިވިއެވެ. އެކަމާއިމެދު އަޖާއިބުވެފައި ހުރެ ޔުނާ އެ ސްކްރީނުގައި އަތް ޖައްސާލަމުން ކޯލް ރިސީވްކުރިއެވެ.
“ހެލޯ….” ޔުނާއަށް އުއްމީދު ކުރިވަރަށްވުރެ އުފާވެރި އަޑަކުންނެވެ. އޭނަގެ ނަސީބު ރަނގަޅު ކަމުން ކަންނޭނގެއެވެ. ޒިހާނަށް އެވަގުތު އެކަން ފާހަގައެއް ނުވިއެވެ.
“ސަލާމް….ޔުނާ ގެއަށް އަންނާނީ ގާތްގަނޑަކަށް ކިހާއިރަކު؟ މެންދުރު ފަހުން އަންނަންޏާ ޔުނާ އަންނަންވާއިރަށް ލަންޗްވެސް ރެޑީ ކޮށްލަންވީދޯ؟” ޒިހާން ސުވާލުކުރި އަޑު އިވުނެވެ.
“ނޫނޭ ޒިހާން އަހަރެން މި އަންނަނީ ގެއަށް. 5 މިނެޓް ތެރޭގަ. ދެން ބޭއްވީ އިނގޭ؟ މިހާރު ދުއްވަނީ….” ޔުނާއަށް އަވަސްއަވަހަށް އެހެން ބުނެލަމުން ފޯނު ކަނޑާލެވުނެވެ. އޭނަ މާ އަވަހަށް ގެއަށް އަންނަނީ ކީއްވެތޯ އެހުމުގެ ފުރުޞަތު ޒިހާނަށް ދޭން ބޭނުމެއް ނުވުމުންނެވެ. އެއީ އޭނައަށް ޒިހާނާއި ދުރުގައި ހުރެ ޖަވާބު ދެވިދާނެ ސުވާލެއްހެން ހީނުވުމުންނެވެ. އޭނަ އެ ސުވާލަށް ދޭން ބޭނުންވަނީ ޒިހާނަށް ޔަޤީންކަމެއް ލިއްބައިދޭނެފަދަ ޖަވާބެކެވެ. މި ހުރިހާ ދުވަސް ވަންދެން ޒިހާން އޭނަދެކެ ވާ ލޯބީގެ ޔަޤީންކަން ދިން ފަދައިންނެވެ.
**
5 މިނެޓް ތެރޭގައި ޔުނާ އެމީހުން އުޅޭ ޢިމާރާތާއި ހަމައަށް ފޯރިއެވެ. ޢިމާރާތުގެ ތެރެއަށް ވަދެގެން ގޮސް ލިފްޓަށް އެރިއިރު ޔުނާގެ ހިތުގައި އުފާވެރިކަމުގެ ވިންދު ޖަހަމުން ދިޔައެވެ. އެމީހުންގެ އެޕާޓްމެންޓުގެ ދޮރާއި ހަމައަށް ގޮސް ޔުނާއަށް ހިނިތުންވުމެއްގައި ހުރެ ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު ދޮރުގައި ހަރުކުރެވިފައިވި ޑައިލާގައި އެޕާޓްމެންޓްގެ ޕާސްކޯޑު ޖަހާލިއެވެ.
ދޮރު ހުޅުވާލަމުން އެޕާޓްމެންޓްގެ ތެރެއަށް ވަދެގެން ދިޔުމާއިއެކު ޒިހާން ސިޓިންގް ރޫމުން ފެންނާނެ ކަމަށް ޔުނާ ހީކުރިއެވެ. އެހެނަސް އެތަނުން ޒިހާން ނުފެނުމުން ޒިހާނަށް ގޮވައިލަން އުޅުނު ވަގުތު ފިނިފެންމަލުގެ ވަސް ނޭފަތުގައި ޖެހުމުން ވަށައިގެން ނަޒަރެއް ދެވުނެވެ. އެހިނދު އެއްލި ކަޅިއަކުން ފެނުނު ކޮޓަރީގެ ދޮރުގެ ތިރިން ފަނޑު އޮރެންޖު ކުލައިގެ އައްޔެއް ފެނުމުން އެއީ ކޮން ވަހެއްކަން ވެސް ޔުނާއަށް ނަގައިގަނެވުނެވެ. ހަމަ އެއާއިއެކު ޔުނާއަށް ލުއި ގޮތަކަށް ހީލެވުނެވެ. މާ ގަނެދޭ ވާހަކަ ބުނެވުމުން ޒިހާން މިފަހަރު އޭނައަށް ހަދިޔާ ކުރަނީ މަލުގެ ވަސްދޭ އުއްބައްތިތަކެއްތޯ ހިތަށްއެރިއެވެ.
އެކަމާއިމެދު ވިސްނަމުން ޔުނާ ލަސްލަހުން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލަމުން ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަނުމާއެކުހެން މުޅި އެތަނަށް ވެރިވެފައިވި އުއްބައްތީގެ އައްޔާއި މަސްތުކުރުވަނިވި ވަހުގެ އިތުރުން ކަބަޑުގެ މަތީގައި އުއްބައްތިއެއް ބަހައްޓަމުން ދިޔަ ޒިހާން ފެނިފައި ޔުނާގެ ނޭވާ ކުރުވާ ގޮތްވިއެވެ. ހަމަ އެވަގުތު ޒިހާން އޭނައަށް ބަލައިލުމުން ޔުނާ އަވަސްއަވަހަށް ނަޒަރު ބަދަލުކޮށްލަމުން ދޮރު ލައްޕައިލިއެވެ.
“ހޭއި! ވާރޭގަ ޖެހުނީތަ؟ ކާރުގަ ނޫންތަ ތި އައީ؟” ޒިހާން އެ ސުވާލުތައް ކުރަމުން އޭނަގެ ކައިރިއަށް އަންނަން ފެށުމުން ޔުނާގެ ހިތް ނެގިނެގިފައި ތެޅެން ފެށިއެވެ. އޭނަ ކުރަން ނިންމައިގެން ހުރި ކަންތައް ސިކުނޑިއަށް ވެރިވެފައިވީތީ ޒިހާންގެ ސުވާލަށް ޖަވާބުދޭން ވެސް އޭނަ ނުކުޅެދުނެވެ. ހަމަ އެހިނދު ޒިހާން އޭނަގެ ކޯތާފަތުގައި ހިފާލުމުން ޒިހާންގެ އަތުގެ ހޫނުކަމުން މުޅި މީހާ ވިރިގެން ދާން އުޅުނުހެން ޔުނާއަށް ހީވިއެވެ. ވާރޭގެ ލުއި އަޑާއެކީ އެ މާހއުލަށް ވެރިވެފައި ޖާދޫގައި ޖެހެން އެވަގުތު ޒިހާންވެސް އުޅުނުހެން ހިނދުކޮޅަކަށް ނަމަވެސް ޔުނާއަށް ހީވިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ ވަގުތު ޒިހާން ހިންދިރުވާލި މަންޒަރު ޔުނާއަށް ފެނުނެވެ. އެދުވަހު ގެސްޓް ހައުސްގައިވީ ފަދައިން ޒިހާން އޭނަ ގެނެސް ބައްދާލާނެކަމަށް ޔުނާ ހީކުރިއެވެ. އެހެނަސް….
“މުޅިން ސަކަރާތެއްނު؟ ޔުނާއަށް ސަރޕްރައިޒެއް ދޭންވެގެން އުޅުނީ ޔުނާ އެންމެ ލައިކްވާ ކަހަލަ ކޭންޑްލް ގެނެސްގެން….ހެހެ….އެކަމަކު މިހާރު ޔުނާގެ ވެސް މޫޑެއް ނުހުންނާނެދޯ މިހެންވީމަ؟ ތުވާއްޔެއް އެބަ ގެންނަން އިނގޭ؟ އަވަހަށް ހެދުން ބަދަލުކޮށްލާ…” ޒިހާން ގަދަކަމުން ކަހަލަ ގޮތަކަށް ހީލަމުން ވާހަކަ ދެއްކިއެވެ. އެއަށްފަހު ޔުނާގެ ކޯތާފަތުން އަތް ނަގާލަމުން ދާން އުޅުނެވެ. އެހިނދު ޔުނާގެ ހިތަށް އުދަގޫވިއެވެ. ޒިހާން އޭނައާއި ދުރުގައި ހުންނަނީ އަމިއްލަ ޖަޒުބާތުތަކުގެ މައްޗަށް ވެސް ބާރުފޯރުވައިގެން ވެސް އޭނަގެ އިހސާސްތަކަށް އިހތިރާމްކުރަންކަން އެވަގުތު އެނގުންވިއެވެ. ޔުނާ ޒިހާންގާތު އޭނަ އަދި ތައްޔާރު ނޫން ވާހަކަ ބުނި ދުވަހު ޒިހާން އޭނައަށްޓަކައި އިންތިޒާރު ކުރި ވާހަކަ ޔުނާގެ ހަނދާނަށް އައެވެ.
ހަމަ އެއާއިއެކު ޔުނާއަށް ޒިހާންގެ އަތުގައި ހިފާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ޒިހާން މަޑުކޮށްލުމުން ޔުނާ ޒިހާނަށް ބަލައިލި ހިނދު ޒިހާންވެސް އޭނައަށް ބަލައިލިއެވެ. ޒިހާން ހއިރާންކަމާއެކީ އެއްފަހަރު އޭނައަށް އަނެއްފަހަރު އޭނަގެ އަތަށް ބަލައިލަމުން އޭނަގެ ނަމުން ގޮވައިލިއެވެ. ޔުނާ ޒިހާނަށް ބަލަން ހުރެފައި ފަޅި ސިކުންތެއްގެ ތެރޭގައި ޒިހާންގެ ގާތަށް ޖެހިލަމުން ޒިހާންގެ ކޯތާފަތުގައި ބޮސްދިނީ އޭނަގެ އިހސާސްތައް ޒިހާނަށް އަންގާލަދިނުމަށެވެ. ބޮސްދިނުމަށްފަހު ޒިހާނާއި ދުރުވެލީ ޒިހާންގެ މޫނުމައްޗަށް ވެރިވި ކުލަވަރު ދެކިލުމަށެވެ. ހއިރާންކަން އެކުލެވިފައިވި ހިނިތުންވުމެއް ޒިހާންގެ ތުންފަތްމަތިން ފެނުމުން ޔުނާއަށް ވެސް ހިނިތުންވެލެވުނެވެ. އޭނަ ބޭނުންވާ ގޮތް ޒިހާނަށް އިތުރަށް ކިޔައިދޭން ނުޖެހޭކަން އެނގުންވުމުން ޔުނާއަށް ދެވަނަ ފަހަރަށް ވެސް ޒިހާންގެ އަނެއް ކޯތާފަތުގައި ބޮސްދެމުން އިތުރަށް ގާތްވެވުނީ އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
އިސާހިތަކު އެދެމީހުންގެ ދެމެދުގައި މިހުރިހާ ދުވަސްވަންދެން ވިހާ ފަރުދާއެއް ނެގެން ފެށިއެވެ. ޒިހާން ލޯތްބާއި އޯގާތެރިކަން ޔުނާއަށް އިހސާސް ކުރެވެމުން ދިޔަދިޔަހެން ޔުނާގެ ހިތްވެސް ވިރިގެންދާން އުޅުނުހެން ޔުނާއަށް ހީވިއެވެ. ޢުމުރު ދުވަހަށް ވެސް އެ ބާރުގަދަ އަތުތެރޭގައި ވުމަށް ޔުނާގެ ހިތް އެދެމުން ދިޔައިރު، ޒިހާނަށް ހުރެވުނީ ދެންވެސް ޝައްކެއްގެ ތެރޭގައެވެ. ޔުނާގެ ގާތްކަން އިހސާސް ކުރެވެމުން މިދަނީ ހަމަ ހޤީޤަތަށްތޯ އޭނަގެ ހިތް ހާސްފަހަރު ސުވާލުކުރިއެވެ. އޭނައަށް މި ‘ހުވަފެނުން’ ހޭލެވިދާނެތީ ހިތުގައި ބިރުވެރިކަމެއް ވެސް އުފެދުނެވެ. އެ ބިރުވެރިކަމުގެ ސަބަބުން ޒިހާން ޔުނާއަށް ލޯބިދެމުން ދިޔައީ އެއީ އެކަން ކުރެވޭނެ އެންމެ ފަހު ފަހަރުހެން ހީވާ ފަދައަކުންނެވެ.
**
ނިދިފައި އޮތް ޒިހާނަށް ހޭލެވުނީ މެންދުރު ނަމާދު ވަގުތަށް އޭނަގެ ފޯނު އެލާމްވާން ފެށުމުންނެވެ. އުދަގޫ ގޮތަކަށް ލޯ ހުޅުވައިލަމުން ޒިހާން އަރިމަތީ މޭޒުމަތީގައި އޮތް ފޯނަށް އަތް ދިއްކުރަމުން ފޯނު ނިވައިލިއެވެ. އެލާމް ނިއްވާލެވުނު އެވަގުތުގައި އެއީ ފަތިސް ނަމާދުގެ އެލާމް ކަމަށް ހިނދުކޮޅަކަށް ނަމަވެސް ހީވިއެވެ. އެހެނަސް ކުޑަ ދޮރުން ފެންނަމުން ދިޔަ އައްޔާއި އެކީ އެއީ ކޮން ވަގުތެއްކަން ނަގައިގަނެވި އޭނައަށް ނިދުނު ގޮތް ހަނދާންވުމުން ޒިހާނަށް އޭނަގެ ކަނާތް ފަރާތަށް ނަޒަރެއް ދެވުނެވެ. އެހިނދު އޭރުވެސް އޭނަގެ ކައިރީގައި ނިދިފައި އޮތް ޔުނާ ފެނުމުން ޒިހާނަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. މި މަންޒަރު ފެންނާނެ ދުވަހަކަށްޓަކައި އޭނަ ދުޢާކުރަމުން އިންތިޒާރު ކުރި ދުވަސްތައް ހަނދާންވެގެން ދިޔަދިޔަހެން އޭނަގެ ހިތް ޝުކުރުވެރިކަމުން ފުރިގެން ދިޔައެވެ. ޔުނާއާއި ދިމާލަށް އޮވެފައި ޒިހާން ޔުނާގެ މޫނަށް އެޅިފައިވި އިސްތަށިކޮޅުތައް ލުއި ބީހުމަކާއެކީ ލަސްލަހުން އެއްފަރާތްކޮށްލިއެވެ. ހަމަ އެހިނދު ޔުނާގެ ދެލޯ ތަގުޅިވެ ލަސްލަހުން އެ ދެލޯ ހުޅުވިގެން ދިޔައެވެ. ޔުނާއަށް ޒިހާން ފެނިގެން ދިޔުމާއެކު ޔުނާގެ ކޯތާފަތް ރަތްވެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާ ރަޖާ ނަގައި މޫނުމަތީގައި އަޅައިލި ގޮތުން ޒިހާނަށް ހީލެވުނެވެ.
އެވަގުތުކޮޅުން ފެށިގެން ޔުނާ ޒިހާނާއި ހަތަރުކަޅި ހަމަކުރަން ނުކެރިފައިވިއެވެ. ދެމީހުން ފެންވަރައިގެން އެކީގައި ނަމާދުކުރުމަށްފަހު ވެސް ޒިހާން ވާހަކަ ދެއްކުމުން ޔުނާއަށް ކުރު ޖަވާބުތައް ދެވެމުން ދިޔައީ ލަދުރަކި ހިނިތުންވުންތަކާއި އެކީގައެވެ. ޔުނާ އޭނައާއި ގާތްވި ވަގުތުކޮޅާއިމެދު ސުވާލުކުރުމުން ޔުނާ ވަގުތުން ތިމަންނަ މިދަނީ ބަދިގެ ފަރާތަށް ކަމަށް ބުނެ ދިޔައީއެވެ.
މެންދުރުގެ ކެއުން ތައްޔާރުކުރުމަށް ތަރުކާރީ ކޮށަމުން ދިޔަ ޔުނާގެ ސިކުނޑި ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. އޭނައާއި ޒިހާން ގާތްވެގެން ދިޔަ ގޮތް ތަކުރާރުކޮށް ހަނދާންވަމުން ދިޔަ ގޮތުން އޭނައަށް އެއްވެސް ކަމަކަށް ރަނގަޅަށް ސަމާލުކަމެއް ދެވޭ ގޮތެއްނުވެއެވެ. ޔުނާ ބޮޑަށް ޒިހާންގެ ކުރިމަތީގައި ލަދުގަންނަމުން ދިޔައީ އޭނަ އަމިއްލައަށް އިސްނަގައިގެން ޒިހާނާއި ގާތްވެވުނީތީވެއެވެ. ޒިހާން އޭނައާއި މެދު ދެކޭނީ ކިހިނެއްތޯ ހިތަށް އަރަމުން ދިޔަދިޔަހެން އެހެން ޚިޔާލެއްވެސް ޔުނާގެ ހިތަށް އުދަގޫކުރަމުން ދިޔައެވެ. ޒިހާނަށް އޭނައާއި ޖިނާހުގެ ގުޅުމާއިމެދު އިވިފައިވާނެކަމުގެ ޚިޔާލެވެ. ޖިނާހާއި ޔުނާ އެކީގައި ކްލަބްތަކުގެ ތެރޭގައި އުޅުނު ފޮޓޯތައް ޚަބަރުތަކުގައި ޖެހިގެން ދިޔައީ ޒިހާން އޭނަ ކައިރިން ކައިވެންޏަށް ވެސް އެދުނު ފަހުންނެވެ. އޭނަގެ އެޕާޓްމެންޓުގައި ރޯވި ވާހަކައާއިއެކީ އެ ޚަބަރުތަކުގެ އަޑު ހިނދިގެން ގޮސްފައިވިއެއްކަމަކު ޒިހާން އެކަމާއިމެދު ވިސްނާނެތާއޭ ޔުނާގެ ހިތަށް އަރަމުން ދިޔައެވެ.
ޔުނާ އަމިއްލަ ވިސްނުމުގައި ވަނިކޮށް، ޔުނާއަށް އެކަނިވާން ވަގުތު ދިން ޒިހާން ބަދިގޭގެ ދޮރުމައްޗަށް އަރައި ދޮރުކަންޏަށް ލެނގިލިއެވެ. އިރުކޮޅެއް ވަންދެން ޔުނާއަށް ބަލަން ހުރެފައި ޒިހާން ލަސް ފިޔަވަޅުތަކެއްގެ ޔުނާގެ ގާތަށް ދާން ފެށިއެވެ. ޒިހާންގެ ފިޔަވަޅުތަކުގެ އަޑު އިވިފައި ހިތުގެ ތެޅުން އަވަސްވުމުން ޔުނާއަށް ލުއި ގޮތަކަށް އެދިމާލަށް ބެލުނެއްކަމަކު މުޅިން ޒިހާނާއި ދިމާލަށް ބަލަން ނުކެރުނެވެ. އޭގެ ފަހަތުގައި އޭނަގެ ލަދުވެތިކަމުގެ އިތުރުން އޭނަގެ ހިތަށް އުދަގޫކުރަމުން ދިޔަ ޚިޔާލުވެސްވއެވެ. އަދި އަމުދުން މި ހުރިހާ ދުވަސްވަންދެން ވެސް އިތުރު ލޯބިގެ ގުޅުމަކަށް ދިޔުމަށް އޭނަގެ ހިތުގެ އަޑީގައިވި ނުތަނަވަސްކަން ވެސްވިއެވެ.
ޒިހާން އޭނަގެ ފަހަތުން އައިސް އޭނަގެ އުނަގަނޑުގައި އެ ބާރުގަދަ އަތުން ވަށައިލަމުން ޒިހާންގެ ދަތްދޮޅި ޔުނާގެ ކޮނޑުގައި ޖައްސައިލިއެވެ.
“އަދިވެސް ލަދުގެންފަތަ؟” ޒިހާން އޭނަގެ ކަންފަތް ދޮށުގައި ލަސްލަހުން އެ ސުވާލުކޮށްލި ގޮތުން ގައިން ހީބިހި ނެގި ވަގުތު ޔުނާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ޒިހާންވެސް އޭނައާއި އެކީ ހީލި އަޑު އިވުމުން އިސާހިތަކު ޔުނާއަށް އޭނަގެ ހުރިހާ ނޭދެވޭ ޚިޔާލުތަކުން ދުރުވެވުނެވެ.
“ދެން ޢުމުރު ދުވަހު އަހަންނަށް ނުބަލާ ވާހަކަ ނުދައްކާތަ ޔުނާ އުޅޭނީ އެކަމަކު؟” ޒިހާން ދެންވެސް އެ ހުރިގޮތަށް ހުރެ ސުވާލުކުރިއެވެ.
“ހުމް….” ޔުނާއަށް އެހެން ބުނެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އޭގެ ދެވަނަ ސިކުންތުގައި ބުނެވުނީ ކީކޭކަން އެނގުންވުމުން ހުއްޓުންއެރިއެވެ.
“ކީކޭ؟ ދައްކަބަލަ ނުބަލާ ހުރެވޭތޯ!” ޒިހާން އެހެން ބުނެލަމުން ޔުނާގެ އުނަގަނޑުގައި ހިފައި އޭނައާއިވީ ފަރާތަށް އަނބުރައިލިއެވެ. ޔުނާއަށް އަތުގައި އޮތް ވަޅި ދޫކޮށްލަމުން ޒިހާން މަޑުކުރާށޭ ބުނެވުނީ ވަކި ހިސާބަކަށެވެ. އޭގެ ކުރިން ޒިހާން ކުއްލި ގޮތަކަށް އޭނަ އުފުއްލާލި ގޮތުން ޔުނާއަށް ލުއި ހަޅޭކެއް ލައްވާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ޒިހާން އޭނަ ގެންގޮސް ކައުންޓަރު މަތީގައި ބޭންދިއެވެ. އަދި އޭނަގެ ކުރިމަތީގައި މަޑުކޮށްލީ އޭނައާއި ހަތަރުކަޅި ހަމަކުރަމުންނެވެ.
“ދެން އަހަންނަށް ނުބަލާ ހުރެވޭތޯ ބަލާ…..ސީރިއަސްލީ ޔުނާ! ޔުނާ އަމިއްލައަށް ކުރި ކަމަކުން ލަދުން ތިއުޅެނީ. ހެހެ……ޔޫ އާރ ސޯ ކިއުޓް!” ޒިހާން އެހެން ބުނަމުން ޔުނާގެ ނޭފަތުގައި މަޑުމަޑުން ހިފައިލިއެވެ. އެއާއިއެކު ޔުނާއަށް އަނެއްކާވެސް ހީލެވުނެވެ.
“ޔުނޫ…..ޔުނޫ ކިޔަންވީއެއްނު ޒިހާން އަހަންނަށް؟” ޔުނާއަށް ބުނެލެވުނެވެ. ދޮންބެ އޭނައަށް ދިން އެ ނަމުން ގޮވަން މިހާތަނަށް އޭނަ އިޒުނަ ދިނީ ޖިނާހަށެވެ. އެކަން ހަނދާންވެފައިވެސް ޔުނާގެ ހިތަށް އިތުރަށް އުދަގޫވުމުން އޭނަގެ ހިނިތުންވުން ފަނޑުވާ ގޮތްވިއެވެ.
“ޔުނޫ…..އެއީ ޔަޒްދާންބެ ޔުނާއަށް ލޯބިން ކިޔާ ނަންދޯ؟ އެންމެ ރަނގަޅު….މިއަށްފަހު އަހަރެންވެސް ގޮވާނީ އެހެން. ޔުނޫ….” ޒިހާން ހެވިފައިހުރެ ބުންޏެވެ. އެހިނދު ޔުނާ ވެސް ހިނިތުންވެލިއެއްކަމަކު އެ ހިނިތުންވުން ޔުނާގެ ލޮލާއި ހަމައަށް ނުފޯރިއެވެ. އެކަން ފާހަގަވުމުން ޒިހާންގެ ހިނިތުންވުން ވެސް ފަނޑުވިއެވެ.
“ކިހިނެއްވީ ޔުނާ؟ އަހަންނަށް ޔުނާ ދެރަވާފަދަ ގޮތަކަށް ކަމެއް ކުރެވުނީތަ؟” ޒިހާން ކަންބޮޑުވުމަކާއެކީ ޔުނާގެ އިސްތަށިގަނޑު ކަންފަތުގައި އަޅުވައިދެމުން ސުވާލުކުރިއެވެ. ޒިހާން އެ ސުވާލު ކުރުމާއިއެކު ޔުނާ ބޯހޫރުވާލި ހިނދު އެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ.
“ނޫނޭ ޒިހާން….އެއީ ހަމަ…” ޔުނާއަށް އެހާ ހިސާބަށް ބުނެވުނު ތަނާހެން އަރުތެރެ ބެދިގެން ދިޔައީ ދޮންބެ މަތިން ވެސް އިތުރަށް ހަނދާންވެގެން ދިޔުމުންނެވެ. ޖިނާހުގެ ސަބަބުން ދޮންބެއާއިމެދު ވެސް ކަންތައް ކުރެވުނު ގޮތް ހަނދާންވުމުން އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ގޮތްވިއެވެ. އެކަން ޒިހާނަށް އެނގިއްޖެނަމަ ޒިހާންވެސް އޭނައަށް ނަފްރަތު ކުރާނެކަމަށް ހިތް ބުނި ހިނދު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ އެކަނިވެރިކަމުގައި ހޭދަކުރި ދުވަސްތަކުގައި ސިކުނޑީގެ ހަމަޖެހުން ނެގި ޚިޔާލުތައް ތަކުރާރުކޮށް އޭނަގެ ހިތަށް ވެރިވާން ފެށުމުން އޭނަގެ ބަލިކަށިކަން ޔުނާއަށް އިހސާސްކުރެވުނެވެ.
“ދެން ކިހިނެއްވީ ޔުނާ؟ އަހަންނަށް ކިޔައިދީ….އަހަރެން މިހިރީ ޔުނާ ކައިރީގަ…” ޒިހާން ޔުނާއަށް ޔަޤީންކަން ދެމުން ޔުނާގެ ކޯތާފަތުގައި ހިފަހައްޓާލީ ޔުނާގެ ލޮލުން ކަރުނަތައް ފެންނާތީ ހިތް ދެރަވެފައިވާ ހލުގައެވެ.
“އަހަންނަކީ ވަރަށް ނުބައި މީހެއް ޒިހާން. މި ވާހަކަ ކިޔައިދޭކަށް ނުކެރޭ އެކަމަކު ޒިހާނަށް ކިޔައިދޭން ބޭނުން. ޒިހާނާއި ދިމާވުމުގެ ކުރިން އަހަރެން ލޯބިވެރިއެއް ގެންގުޅުނިން. މީގެ ދުވަސްތަކެއް ކުރިން ފެތުރުނު ޚަބަރަކީ ތެދު ޚަބަރެއް. އަހަރެން އޭނައާއެކީ ކްލަބްތަކަށް ވެސް ގޮސް އުޅުނިން. ބުރުގާ އެޅުމުގެ ކުރިން ކުރު ހެދުންތައް ލައިގެންވެސް އުޅުނިން. އޭނައާއި ގާތްވެގެން ނުއުޅުނަސް އޭނަގެ ލޯބިވެރިޔާގެ ގޮތުގަ 4 އަހަރު ވަންދެން އޭނަ ކައިރީގައި އުޅުނިން. އޭނަ ބުނެގެން ދޮންބެއާއި ދެކޮޅަށް ބުރުގާ ނަގާލަން ވެސް ނިންމިން. އެ ވާހަކަ ދޮންބެގާތު ދެއްކި ރޭ ދޮންބެ….” ޔުނާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ގިސްލެވެން ފެށިއެވެ. ޔުނާގެ ކޯތާފަތް މައްޗަށް ކަރުނަތައް ފައިބަން ފެށުމުން ޒިހާނަށް ބަލަހައްޓައިގެން ހުރެވުނެވެ. ޔުނާ އެ ވާހަކަ ކުރިއަށް ނުގެންދިޔަޔަސް ދޮންބެއަށް ވީ ގޮތް ޒިހާނަށް އެނގެއެވެ. އެރޭ ޔަޒްދާންގެ އެކްސިޑެންޓް ހިނގުމުގެ ކުރިން ޔަޒްދާން ޔުނާއާއި ފޯނުން ވާހަކަ ދެއްކީ ޔަޒްދާން ޒިހާނާއެކީ ސިފައިންގެ ބަންޑާރަކޮށިން ނިކުންނަމުން ދިޔަ ވަގުތެވެ. ޔަޒްދާން އެ ވާހަކަތައް ދެއްކިއިރު ޒިހާނަށް އެ ވާހަކަތައް ރަނގަޅަށް އިވުނެވެ. ޔަޒްދާން ހޮސްޕިޓަލަށް ގެންދެވި އައިސީޔޫގައި އޮވެ ޔުނާ އޭނައަށް ނުރުހުންވެފައިވާ ވާހަކަ ބުނުމުން ޒިހާން އިތުރު ސުވާލެއް ކުރަން ނުޖެހުނީ އެދެމެދުގައި އޭގެ ކުރިން ވެސް އެ ވާހަކަ ދެކެވިފައިވުމުންނެވެ.
“އަހަންނަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެ ޒިހާން. އަބަދުވެސް ހިތަށްއަރަނީ އަހަންނާ ހެދިއޭ އެރޭ ދޮންބެ އެ އެކްސިޑެންޓާއި ކުރިމަތިވީ. ދޮންބެއަށް މަގަށް ސަމާލުކަން ނުދެވުނީ އަހަރެން ދޮންބެގެ ބަސް އަޑު ނާހާނެކަމާމެދު ވިސްނާފަހެން އަހަންނަށް ހީވަނީ. އަހަރެންދެކެ އެހާ ލޯބިވެސް ނުވާ ލޯބިވެރިޔަކަށްޓަކައި އަހަރެން ދޮންބެއާއި ވެސް ދެކޮޅުވީ…އަހަރެން ގޯސް ދޯ ޒިހާން؟ މި ވާހަކަތައް އިވިފަ ޒިހާން ވެސް އަހަންނަށް ނުރުހުންވާނެކަން އަހަންނަށް އެނގޭ…..އެ ނުރުހުންތެރިކަން އަހަންނަށް ހއްޤު….” ޔުނާ ރުއިމުގެ ތެރެއިން ބުނެލި ވާހަކައި ޒިހާން ބޯހޫރުވައިލިއެވެ. އަދި ލަސްލަހުން ޔުނާގެ ކަރުނަތައް ފޮހެމުން ވާހަކަ ދެއްކިއެވެ.
“ތިހެން ނުބުނޭ ޔުނާ. ޔުނާއަކީ ގޯސް މީހެއް ނޫން. ގޯސް މީހެއްނަމަ ޔުނާއަށް އަމިއްލަ ކުށް ނުފެނުނީސް. އަދި ބުނަން….ޔުނާގެ ދޮންބެ ނިޔާވީ ޔުނާގެ ސަބަބުންނެއް ނޫން. ޔުނާގެ ދޮންބެއަކީ ކިތަންމެ ބޮޑު ހާސްކަމެއްގެ ތެރޭގަ ހުރެވެސް ކުރާ ކޮންމެ ކަމެއް ރަނގަޅަށް ކުރާ މީހެއް. އެ އެކްސިޑެންޓުގެ ތަހޤީޤުތައް އަދިވެސް ކުރިއަށް ދަނީ. މަންޒަރު ދުށް މީހުންވެސް ބުނިގޮތުން ޔަޒްދާންބެ ދުއްވަމުން ދިޔަ ވެހިކަލް ދިޔައީ ހަމަ ރަނގަޅު ސްޕީޑެއްގަ މަގުގެ ރަނގަޅު ފަޅިން. އެހެންވީމަ ޔުނާއަށް ތި ހީކުރެވެނީ ކުށްހީއެއް…..ދެން ޔުނާ މާޒީގަ ގެންގުޅުނު ލޯބިވެރިޔަކާއިމެދު އަހަރެން އިތުރު ސުވާލެއް ކުރާކަށް ނެތިން. ޔުނާ ނުބުންޏަސް އަހަންނަށް އެނގޭ ޔުނާ ކައިވެނިން ބޭރުގައި ފިރިހެނަކާއި ގާތްނުވާނެކަން. ދެން އޭނަގެ ލޯބިވެރިއެއްގެ ގޮތުގައި އުޅެވުނީތީ އަމިއްލަ ނަފްސު އިތުރަށް ކުށްވެރިކުރުމުގެ ބޭނުމެއްނެތް. އަހަރުމެން އެންމެންނަށް ވެސް ކުށްތަކެއް ކުރެވޭނެ. ކުށްކުރާ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހުންނަކީ ތައުބާވެ ރަނގަޅު ޢަމަލުތައް ކުރަން މަސައްކަތް ކުރާ މީހުން. މިއަދު އެ ލޯބިވެރިޔާގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ޔުނާގެ ހލާލު ފިރިމީހާއަށް ފުރުޞަތެއް ދީގެން ވެސް ޔުނާއަށް ތި އެޅުނީ ރަނގަޅު ފިޔަވަޅެއް. ޔުނާއަށް ހިތްދަތިކަން ދިން އެ މާޒީގެ މަތިން ހަނދާން ނައްތާލާފައި ކުރިއަށްދާން ޔުނާ ބޭނުމިއްޔާ ޔުނާ އެދިމާލަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު ވެސް އަހަރެން ޔުނާއާއި އެކީގަ ވާނަން. އައި ޕްރޯމިސް…..” ޒިހާން ޔުނާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. ޒިހާންގެ ވާހަކަތައް އަޑު އަހަމުން ދިޔައިރު ޔުނާގެ ކަރުނަތައް މަޑުޖެހިފައިވިއެއްކަމަކު، އެ ވާހަކަތަކުން އޭނަގެ އެކަނިވެރިކަމަށް ނިމުމެއް އައިއްސިހެން ހީވި ޔުނާއަށް އަނެއްކާވެސް ތާޒާ ކަރުނަތަކާއެކީ ގިސްލެވެން ފެށިއެވެ. އެ މަންޒަރު ފެނިފައި ޒިހާން ޔުނާ އޭނަގެ ގާތަށް ގެނެސް ޔުނާގެ ގައިގައި ބައްދާލީ، އެރޭ ޔުނާ ވެސް އޭނައަށް ހިތްވަރު ދިނުމަށް ބައްދާލި ގޮތް ހަނދާންކުރަމުންނެވެ. އެދެމީހުންނަކީ ވެސް އެކަކު އަނެކެއްގެ ހިޔާވައްސެއް ފަދައެވެ. އެކަކު އަނެކެއްގެ ހިތާމަތަކާއި ބިރުވެރިކަމުން ރައްކާތެރިކޮށްދޭ ހިޔާވައްސެކެވެ.
**
“ޒިހާނަކީ ފިނޑިއެއް ނޫން. ފިނޑި މީހަކީ ޖިނާހު. ކައިވެންޏެއްގެ ގުޅުމަކަށް ދާން އިސްނަގަން ނުކެރުނީ ޖިނާހަށް. އަމިއްލަ ލޯބިވެރިޔާ ދެކެ ލޯބިވާކަން އަންގައިދޭން ނުޖެހޭހެން ހީވީ އަމިއްލަ އެދުން ބޮޑުވެ ކިބުރުވެރިވީ ޖިނާ…..” ޓީވީއިން ފެންނަމުން ދިޔަ ސީސީޓީވީ ރެކޯޑިންގްއިން އިވެމުން ދިޔަ އަޑު މެދުކެނޑިގެން ދިޔައީ ކުއްލިއަކަށް އުކާލެވުނު ބިއްލޫރި ތަށްޓެއް ޓައިލްސް މަތީގައިޖެހި ތަޅައިގެން ދިޔަ އަޑަށެވެ. އެ ތަށި އުކާލީ ހމީދުގެ ސިޓިންގް ރޫމުގެ ވަކިން ހުރި ސޯފާގައި ރުޅިން ރަތްވެފައި އިން ޖިނާހެވެ. ޖިނާހު ޓީވީއަށް ނަޒަރު ހުއްޓައިގެން އިންގޮތުން އިތުރު ގޯހެއް ހަދާފާނެހެން ހީވީތީ އޭނައަށް ބަލަން އިން ހމީދު މޭޒުމަތީގައި އޮތް ޓީވީ ރިމޯޓު ނަގައި ޓީވީ ނިވާލިއެވެ.
“މަ މީ ފިނޑިއެއް ނޫން! ތި ދެމީހުންނަކީ ފިނޑިން. ތިއީ…..” ޖިނާހު ހަރުއަޑުން އަނގައަށް އައިހާ ނުބައި އެއްޗެއް ކިޔުނެވެ. ޖިނާހުގެ ނޭވާ ހަމައަކަށް އަޅުވަން ފުރުޞަތެއް ދިނުމަށްފަހު ހމީދު ވާހަކަ ދެއްކިއެވެ.
“އަހަންނާ އެކީގަ މަސައްކަތް ކުރަން ޖިނާހަށް އިތުރު ސަބަބެއްދޯ މި ލިބުނީ؟” ހމީދު ބުނެލިއެވެ. ޖިނާހު ހަމީދަށް ބަލައިލިއެވެ. ޖިނާހަށް އެއްޗެކޭ ބުނެވުމުގެ ކުރިން ހަމީދު ވާހަކަ ދެއްކިއެވެ.
“އެ މަންޖެއާއި ވާހަކަ ދެއްކީމަ އަހަރެންވެސް އުއްމީދު ކުރި ގޮތަކަށް ނޫން ދިޔައީ…..ހިނގާ ދެމީހުން ކުރެ އެކަކު މަރާލަން….އޭރުން ދެން އަހަރުމެންގެ ރޭވުން ކުރިއަށް ގެންދެވޭނީ…” ހަމީދު ނުހަނު ހަމަޖެހިގެން އިނދެ އޭނަގެ ތަށިން ކޯވަރެއް ދަމާލަމުން ބުނެލިއެވެ.
ނުނިމޭ