Hiyaa (Part 36)
“އަހަންނާ އެކީގަ މަސައްކަތް ކުރަން ޖިނާހަށް އިތުރު ސަބަބެއްދޯ މި ލިބުނީ؟” ޙަމީދު ބުނެލިއެވެ. ޖިނާހު ޙަމީދަށް ބަލައިލިއެވެ. ޖިނާހަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޙަމީދު ވާހަކަ ދެއްކިއެވެ.
“އެ މަންޖެއާއި ވާހަކަ ދެއްކީމަ އަހަރެންވެސް އުއްމީދު ކުރި ގޮތަކަށް ނޫން ދިޔައީ…..ހިނގާ ދެމީހުން ކުރެ އެކަކު މަރާލަން….އޭރުން ދެން އަހަރުމެންގެ ރޭވުން ކުރިއަށް ގެންދެވޭނީ…” ޙަމީދު ނުހަނު ހަމަޖެހިގެން އިނދެ އޭނަގެ ތަށިން ކޯވަރެއް ދަމާލަމުން ބުނެލިއެވެ.
“އޭގެ ކުރިން އަހަރެން ކުރަން ބޭނުން ކަމެއް އެބައޮތް….” ޖިނާހު އެހެން ބުނެލަމުން ގޮނޑިން ތެދުވެގެން ދާން ހިނގައިގަތެވެ.
“ތި ކުރަން އުޅޭ ކަމެއް އަވަހަށް ކުރޭ. މަ ވަކި ތިކަމަކާހެދި މަގޭ ރޭވުން ހުއްޓާކަށް ގަސްތެއް ނުކުރަން….” ޙަމީދު އެ އިންގޮތަށް އިނދެ ބުނެލިއެވެ.
އެވާހަކަ އަޑު އިވުނު ޖިނާހު ޙަމީދަށް ބަލައިލުމެއްނެތި ގޮއްމުއްކަވާލިއެވެ. އަދި ވަކި އެއްޗެކޭ ނުބުނެ އެތަނުން ދާން ހިނގައިގަތެވެ.
ޖިނާހު ލޯމައްޗަށް ގެއްލުމާއި އެކުހެން ޙަމީދު ސޯފާ މަތީގައި އޮތް އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ކަންފަތުގައި ޖައްސާލިއެވެ. އަދި ސިކުންތުކޮޅެއްގެ ތެރޭގައި އެކޮޅުން ފޯނު ނެގުމުން ވާހަކަ ދެއްކިއެވެ.
“ހެލޯ ޔޫސުފް…ކިހިނެއް ހުރިހާ ކަމެއް ދަނީ؟” ޙަމީދު ވާހަކަ ދެއްކިއެވެ.
“އާނ ޙަމީދުބެ! ހުރިހާ ކަމެއް އޮމާންކޮށް ދަނީ…ގާތްގަނޑަކަށް 2 މަސް ތެރޭގަ ޙަމީދުބެއަށް މިކޮޅަށް އާދެވޭވަރު ވާނެ. ނޫނީ އެއަށްވުރެ އަވަހަށް ވެސް އައިސް އެ ހަތިޔާރުތަކުގެ ބޭނުން ހިފެން ފަށާނެ. ލަބީބްބެ ވެސް ހުރީ އަހަރުމެންގެ ރޭވުންތަކާއިމެދު ވަރަށް ހަމަޖެހިފަ. ބުނީ ލަބީބްބެ ބޭނުންވާ ގޮނޑި ހޯދައިދެވިއްޖެއްޔާ އަހަރުމެންނަށް ވެސް ވަރަށް ފައިދާ ކުރާނެއޭ…ހެހެ….” ޔޫސުފް އެކޮޅުން ވާހަކަ ދެއްކީ އޮފީސް މޭޒުދޮށުގައި އިނދެއެވެ.
“ލަބީބް ނުބުންޏަސް މި ކަންތައް ނިމޭއިރު ތި ހޮޓެލްވެސް އެއްކޮށް ލިބޭނީ އަހަރުމެންނަށޭ. އެ ޔަޒްދާނަކު އަހަރެން ހިފެހެއްޓިކަމުގެ ބަދަލަކަށް އޭނަ ހަމައެކަނި މަރާލައިގެން އަހަރެން ހިތްހަމައެއްނުޖެހުނު. ބޭނުންވަނީ އޭނަ އެ ބުނާ ޙަލާލު ލާރިން ބިނާކުރި ތި ހޮޓެލް ޖަހައިގަނެ އޭނަގެ ކޮއްކޮ ވެސް ބަދުނާމުކުރަން. ޔަޒްދާންގެ މަރުގެ އިންސާފު ނުހޯދޭނެ ޙާލަކަށް އެ މަންޖެ ފޮނުވަން ބޭނުން. އޭނަގެ ދުވަސް ދުއްވާލަން ފެންނަނީ…” ޙަމީދު ބުންޏެވެ.
“އަސްލުވެސްދޯ؟ އޭރުން މި ހޮޓެލް އަހަރެންގެ މިލްކަކަށް ހެދުމަކީ އުދަގޫކަމަކަށް ވެސް ނުވާނެ. އެކަމަކު ދުރުމިނަށް ވިސްނަންޏާ ތި ޚިޔާލު އެހާ ރަނގަޅެއް ނޫންހެން ހީވަނީ. ޔުނާ މޭމްއަށް ގޮތެއް ހަދައިފިއްޔާ ޒިހާން ކޮންމެހެން ހަދާފަވެސް ބަދަލު ހިފާނެ. ނޫނީ ޔުނާ މޭމް ރައްކާތެރި ކުރާނެ. އަހަރުމެން ކިތައް ފަހަރުތޯ ތިކަން ކުރަން މަސައްކަތް ކުރީ މާލޭގަ. ކޮންމެ ފަހަރަކު ޒިހާން ޔުނާ ސަލާމަތް ކުރި. ޒިހާންގެ ދުވަސް ދުއްވާލަން އަހަންނަށް ފެންނަ….”
“އުނހު!” ޙަމީދަށް ކުއްލި ގޮތަކަށް ބުނެލެވުނެވެ.
“ސް….ސޮރީ ޙަމީދުބެ. އަޅުގަނޑު ހީކުރީ ޙަމީދުބެ ޒިހާން އަމިއްލަ ދަރިއެއްގެ ގޮތުގަ ނުދެކޭކަމަށް…” ޔޫސުފް ހިސާބަކަށް ޖެހިލުންވެހުރެ ބުނެލިއެވެ.
“ނޫނޭ…މައްސަލައެއްނެތް ޒިހާނަށް ގޮތެއް ހެދިޔަސް. އެކަމަކު ހީވަނީ މި ޙާލަތަށް ބޮޑަށް ރަނގަޅުވާނީ އެ މަންޖެއަށް ގޮތެއް ހެދުންހެން…” ޙަމީދަށް ހަދާލެވުނީ ދޮގެކެވެ. ޚުދު އޭނަގެ ނަޒަރުންވެސް އެންމެ ރަނގަޅު ގޮތަކީ ޔޫސުފް ދެންމެ އެ ބުނެލި ގޮތެވެ. އެހެނަސް އެ ވާހަކައާއި އެއްބަސްވާން އޭނަގެ ދޫނުކުޅެދުނެވެ. ދެންމެ ޖިނާހު ގާތު ދެމީހުންކުރެ އެކަކު މަރާލާ ވާހަކަ ބުނިއިރު ވެސް އޭނަގެ ސިކުނޑިއަށް ވެރިވެފައިވީ ޔުނާއަށް ގޮތެއް ހެދުމުގެ ޚިޔާލެވެ.
“އެންމެ ރަނގަޅު ޙަމީދުބެ….އަހަރެން ތިކަން މިއަދުން މިއަދަށް ވެސް ޝައްކެއް ނުވާނެހެން ނިންމޭތޯ ބަލާނަން. ދެމީހުން ތިކޮޅުގަ ތިބީމަ ފަސޭހަވެސް ވާނެ ތިކަހަލަ ކަމެއް ހިންގާލަން.” ޔޫސުފް ބުނެލިއެވެ.
“ހުމް….ދެން ބޭއްވީ…” ޙަމީދު އެހެން ބުނެލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އެ ހިނދު އޭނަގެ ލޮލަށް ސިފަވާން ފެށީ މީގެ ހަތަރު އަހަރު ކުރީގެ މަންޒަރެކެވެ.
“ލިވާރ ޑޯނާރއެއް ލިބިއްޖެ ސާރ….” ހޮސްޕިޓަލްގެ އެނދުގައި ވަރު ދެރަވެފައި އޮތް ޙަމީދަށް ވާތް ފަރާތަށް ނަޒަރެއް ދެވުނީ އޭނަގެ ހަށިފާރަވެރިޔާ އެ ޕްރައިވޭޓް ރޫމުގެ ދޮރު ހުޅުވާފައި އަންނަމުން އިނގިރޭސިން ވާހަކަ ދެއްކުމުންނެވެ. ޙަމީދުގެ ފުރަމޭގައި ކެންސަރު ޖެހިގެން އުޅޭތާ އޭރު ވަނީ 3 މަހެވެ. ޑޮކްޓަރުން ފުރަމޭގެ ޓްރާންސްޕްލާންޓެއް ހަދަން ޖެހޭ ވާހަކަ ބުނިތާ މިހާރު ހަފްތާތަކެއް ވެފައިވިއެއްކަމަކު ފުރަމޭ ހަދިޔާ ކުރަން އެދޭ ފަރާތްތަކުގެ ތެރޭގައި ޙަމީދުގެ ލެއާއި ގުޅޭ މީހަކާއި ދިމަލެއް ނުވެއެވެ. ފުރަމޭއެއް ލިބޭނެ ގޮތެއް ފަހި ނުވުމާއި ދުވަހުން ދުވަހަށް އޭނަގެ ގައިގެ ވަރުދެރަވެ ހަންގަނޑުވެސް ރީނދޫވާން ފަށާފައިވުމުން ޙަމީދު އޭނަ ދެން ދުނިޔޭގައި އޮންނާނެ ކަމާއިމެދު ވެސް އުއްމީދު ކަނޑާލާފައިވިއެވެ.
“ކާކު ޑޯނާރއަކީ؟” ޙަމީދު އިނގިރޭސި ބަހުން ސުވާލުކުރިއެވެ.
“ނޭނގެ….ކޮންމެވެސް ދިވެއްސެއް އެއީ. ހީވަނީ ހަމަ ސާރއަށް ޑޮނޭޓް ކުރަންވެގެންހެން ހޮސްޕިޓަލަށް އައީވެސް. ބައްދަލުކޮށްލަން ބޭނުންތޯ؟ އެމީހާ އެބަހުރި ހޮސްޕިޓަލްގެ ރިސެޕްޝަން ކައިރީގަ.” ހަށިފާރަވެރިޔާ އެހިއެވެ. އެހެނަސް ޙަމީދަށް ކުއްލި ގޮތަކަށް އިންކާރު ކުރެވުނެވެ. އެއީ ކާކުކަން އޭނަގެ ހިތަށް އެނގުންވީ ހިނދު މޭ ރޫރޫއަޅައިގެން ދިޔަ ގޮތުންނެވެ.
ޙަމީދު އިންކާރު ކުރުމުން އެ ހަށިފާރަވެރިޔާ އެންމެ ރަނގަޅޭ ބުނެ ވޯޑުން ނިކުމެގެން ދިޔައީ އެއީ ޙަމީދު އަންގާފައިވާ ގޮތަށްވުމުންނެވެ. ހަށިފާރަވެރިޔާ ދިޔުމުން ވެސް ދެންމެ އިވުނު ވާހަކައިން ޙަމީދުގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. އެއީ ހަމަ އޭނަ ހިތް ބުނާ މީހެއްތޯ ސިކުނޑި ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން އެންމެ ފަހުން ޙަމީދަށް އެނދުން ތެދުވެލެވުނެވެ. ވިއްސާރަ އެ ރޭގައި އޭސީ ޖެއްސިފައިވި އެ ވޯޑުގައި އިންއިރު ވެސް އޭނަގެ ދާހިއްލަން ފަށައިފިއެވެ.
ޙަމީދަށް އެންމެފަހުން އެނދުން ވެސް ފޭބުނީ ހަމަ ނުހުރެވިގެންނެވެ. އައިވީ އެޅުވިފައި ހުރި ސްޓޭންޑުގައި ހަރުކުރެވިފައިވި ތަށިގަނޑުގައި ހިފައި ދަމަމުން ވޯޑުން ނިކުންނަން ދިޔައީ އޭނައަށް މި ހީވާ ހީވުމަކީ ޙަޤީޤަތެއްތޯ ބަލަން ބޭނުންވި މިންވަރުންނެވެ.
ވޯޑުން ނިކުމެގެން ދިޔައިރު އެ ދޮރު ކައިރީގައި ތިބި ދެ ހަށިފާރަވެރިންނަށް ޙަމީދު ފެނިފައި ގޮވާލިއެއްކަމަކު ޙަމީދު އެމީހުންނަށް ވެސް ބެލުމެއްނެތި ގޮސް ލިފްޓަށް އެރިއެވެ. އެހިނދު މުޅި މީހާގެ ހަށިގަނޑުގައިވި ވަރުބަލިކަމުގެ މަތިން ވެސް ހިސާބަކަށް ހަނދާންނެތިފައިވިއެވެ. ހިތަށް ވެރިވެފައިވި ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ތެރެއިން ވެސް އުފާވެރިކަމުގެ ވިންދެއްވެސް އޭނަގެ ހިތުގައި ޖަހަމުން ދިޔައެވެ. އެހެނަސް އެ އުފާވެރިކަން އޭނަގެ މޫނުމަތިން ފާޅުވާ ގޮތެއްނުވީ އޭނަ ދަހިވެތިކަމުގެ ތެރޭގައި ކޮށްފައިވާ ޢަމަލުތަކުން އޮޅުން އަރާފައިވި ޖަޒުބާތުތަކުގެ ސަބަބުންނެވެ.
މިނެޓްތަކެއްގެ ތެރޭގައި ޙަމީދަށް ހުރެވުނީ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގައެވެ. ވަށައި ހޯދަމުން ހިނގަމުން ދަނިކޮށް ކުރިމަތިން ރިސެޕްޝަންގައި ހުރި ޒުވާނަކު ފެނިފައި ޙަމީދު ހުއްޓުން އެރިއެވެ. އެ އިސްކޮޅުން ދިގު ޒުވާނާ ފުރަގަހުން ފެނުނު އިރު އޭނަ ހުރީ ދިގު މުށިކުލައިގެ ޖެކެޓެއްގައެވެ. ޒުވާނާގެ ކަޅުކުލައިގެ ކުރުކޮށް ކޮށާލެވިފައިވި އިސްތަށިގަނޑުންނާއި އެ ޖެކެޓުން ވެސް ފެންތިކިތައް ފައިބަމުން ދިޔަ ގޮތުން ޒުވާނާ އައީ ވާރޭގެ ތެރެއިން ކަން އެނގެއެވެ.
ފަހަތުން ފެނުނު ކަމުގައި ވިޔަސް އެއީ ކާކުކަން ޙަމީދަށް ޔަޤީންވިއެވެ. އޭނައަށް އެހީވަނީ އޭނައާއި އެހާ ގާތް މީހެއްކަން އެނގުންވި ހިނދު ނޭނގުމެއްގެ ތެރެއިން ވެސް އެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. އެ ޒުވާނާއާއި ދިމާލަށް ލަސް ފިޔަވަޅުތަކެއް އެޅެން ފެށީ އެއްވެސް އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މާ ގިނައިރެއްނުވެ ޙަމީދަށް ހުރެވުނީ އެ ޒުވާނާއާއި ދެ ތިން ފިޔަވަޅެއްހާ ދުރުގައެވެ. އޭނަ އެ ޒުވާނާއަށް ގޮވާލައިފިނަމަ އިވޭނެހާ ކައިރީގައެވެ. އެ ޚިޔާލާއިމެދު ވެސް ހިތް އުފާވީ ގޮތުން އޭނަ ޙައިރާންވާ ގޮތްވިއެވެ. އެ ހިތުގައި ދަހިވެތިކަމުގެ އިޙްސާސް ނޫން އިޙްސާސެއް އެންމެ ފަހުން ދައުރުވީ ހަނދާނެއް އެއްގޮތަކަށް ވެސް ނެތުމުންނެވެ. ކޮންމެ ގޮތެއްވިޔަސް ޙަމީދު އެންމެ ފަހުން އެ ނަމުން ގޮވާލަން ނިންމިއެވެ.
“ޒިހާން….” ޙަމީދު ގޮވާލީ މަޑުމަޑުންނެވެ. އެހިނދު ރިސެޕްޝަންގައި އެއްޗެއްގައި ސޮއިކުރަން ހުރި ޒުވާނާގެ ޙަރަކާތްތަކަށް ހުއްޓުމެއް އައިކަން ފަހަތުން ވެސް ޙަމީދަށް ނަގައިގަނެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ޒުވާނާ ލަސްލަހުން ފަސްއެނބުރި ބަލައިލިއެވެ. އެ ހިނދު އެތައް އަހަރެއް ފަހުން އަނެއްކާވެސް ޙަމީދަށް އޭނަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ސޫރަ ފެނުނެވެ. 11 އަހަރު ފަހުން އެ ސޫރަ ފެނުމުން ވެސް ޙަމީދަށް ވަގުތުން އެއީ ޒިހާންކަން ނަގައިގަނެވުނެވެ. ވޭތުވެގެން ގޮސްފައިވި އަހަރުތަކާއި އެކީ އެ މޫނަށް އިތުރު ފިރިހެންވަންތަކަމެއް ވެރިވެ އެ ހަށިގަނޑުގައި ހައިބަތު އެކުލެވިފައިވި ގޮތުން މިއީ އޭނަގެ ފިރިހެން ދަރިފުޅޭ ހިތަށްއެރިއިރު ޙަމީދުގެ ހިތުގައި ފަޚުރުވެރިކަމެއް އެކުލެވިގެން ދިޔައެވެ.
ޙަމީދު އެ އިޙްސާސްތަކާއެކީ ކުރިއަށް ފިޔަވަޅެއް އަޅައިލި ވަގުތަކީ ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ޒިހާނަށް ސާރއޭ ކިޔައި ގޮވައިލި ވަގުތެވެ. ޙަމީދު އެ ދިމާލަށް ބަލައިލި ވަގުތު ރިސެޕްޝަންގެ މޭޒުމަތީގައި ބޭއްވިފައި އޮތް ޒިހާން އަތުން ގަލަން ދޫވެގެން ގޮސް އެ ފަރާތަށް ވެއްޓުނީއެވެ. ޙަމީދު ރަނގަޅަށް ބަލައިލި ހިނދު ޒިހާންގެ އެ އަތް ވެސް ތުރުތުރު އަޅަން ފަށާފައިވިކަން ޙަމީދަށް ފާހަގަވިއެވެ. އެ ދެލޯ ވެސް ބޮޑުވެ ރަތްވާން ފަށާފައިވިއިރު މުޅި މީހާ ގަނޑުވެފައިވިއެވެ. ޙަމީދު އިތުރަށް ޒިހާނަށް ގޮވާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލުމުން ޒިހާން ފަހަތަށް ޖެހިލި ވަގުތު ދެފައިން ވަރުދޫވި ފަދައަކުން ނުވެއްޓުނީވެސް ކިރިޔާއެވެ. ރިސެޕްޝަންގެ މޭޒުގައި އެއްއަތުން ހިފަހައްޓާލެވުނީ ޒިހާންގެ ނަސީބު ރަނގަޅު ކަމުންނެވެ. ޒިހާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެއްކަމަކު އޭނަގެ ނޭވާ ކުރުވެފައިވިކަން އެންމެންނަށް އެނގުން ނޫންކަމެއް ނުވިއެވެ. ހަމަ އެހިނދު ޒިހާންގެ ދެލޯ މެރެން އުޅުނުހެން ހީވި ހިނދު އޭނަ މޭގައި ވެސް އެއްއަތް އަޅާލި ގޮތުން ޙަމީދަށް ހާސްކަމާއެކީ ޒިހާނަށް ބާރަށް ގޮވާލެވުނެވެ. އެއާއިއެކު ޒިހާން އޯކަތް ދަމައިގަނުމާއެކު ކަކޫމައްޗަށް ތިރިވެ އެ ހުރި ތަނަށް ހޮޑުލެވެން ފެށިއެވެ. ޙަމީދު ވެސް އިޚްތިޔާރަކާއި ނުލާ ޒިހާނާއި ކައިރިވާން އުޅުނެއްކަމަކު ހަމަ އެވަގުތު އޭނަގެ ހަށިފާރަވެރިން އޭނަގެ ކައިރިއަށް އައިސް އޭނަ ގެންދަން ފެށިއެވެ. އެމީހުން އެކަން ކުރީ އޭނައަށް އެންމެ ރަނގަޅަކަށެވެ. ޒިހާން ކައިރީގައި ހުރުމުން އޭނަގެ ރައްކާތެރިކަމަށް އަސަރުކުރާނެއެވެ. އެހެނަސް ދިޔައިރުވެސް ޙަމީދަށް ފަސްއެނބުރި ޒިހާނަށް ބެލުނެވެ. ޒިހާން އެރޭ އޭނަގެ ލޯމައްޗަށް ގެއްލުނީ ޑޮކްޓަރަކާއި ނަރުހުން އައިސް ޒިހާން އެތަނުން ވަށާލުމުންނެވެ.
އެދުވަހުގެ މަންޒަރުތައް އިއްޔެވީ ކަމެއްހެން ހަނދާންވެގެން ދިޔަދިޔަހެން ޙަމީދަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ކިތަންމެ ބޭނުމެއްނުވި ކަމުގައި ވިޔަސް އެދުވަހުގެ ހަނދާންތަކުން އަދަށްދާންދެން ވެސް އޭނަގެ ހިތަށް ލޮޅުމެއް ގެނުވައެވެ. ޒިހާނަށް އެ ދިމާވި ޙާލަތަށް ފަހުވެސް އެންމެ ފަހުން އޭނައަށް އެހީވި މީހަކީވެސް ޒިހާނެވެ. އެހެންކަމުން ކިތަންމެ ޤަބޫލުކުރަން ދަތިވިޔަސް ޒިހާންވަނީ އޭނަގެ ބަލި ފަޔަކަށްވެފައެވެ.
**
އެރޭގެ ޢިޝާ ނަމާދަށްފަހު ޔުނާއާއި ޒިހާން އެމްސްޓާޑަމްގެ މަގުތަކުގައި ހިނގާލަން ނިންމީ ޒިހާންގެ އެދެމުގެ މަތިން ދެމީހުންގެ ފުރަތަމަ ‘ޑޭޓް’ އަށް ދިޔުމަށެވެ. ‘ޑޭޓް’ އަކަށް ޒިހާން އެ ދިން ސީދާސާދާ ޚިޔާލު ޔުނާއަށް ކަމުދިޔައެވެ. ޢާއްމުގޮތެއްގައި އޭނަ މިހާތަނަށް އައިއިރު ޑޭޓްތަކަށް ގޮސްފައިވަނީ އަގުބޮޑެތި ރެސްޓޯރެންޓްތަކަށާއި ސިނަމާތަކަށެވެ. އޭގެ ބަދަލުގައި ޒިހާން އެބުނިހެން ދެމީހުން ހިނގާލަން ދިޔައިއްޔާ ދެމީހުންނަށް ވެސް އެކި މަންޒަރުތައް ފެނި އެކި ޝުޢޫރުތައް ފާޅުވާނެތީ ޔުނާ ހުރީ އުފަލުންނެވެ. އެދުވަހު ހަވީރު ޔުނާ އިންޓަވިއުކުރަން ޖެހޭ މީހުންގެ ތެރެއިން ތިން ބައެއްގެ އިންޓަވިއު ނިމިފައިވުމުން ވެސް ޔުނާ ހިތްހަމަޖެހިފައިވިއެވެ. އެއަށްވުރެ ބޮޑަށް ހަމަޖެހުނީ އޭނަ މިއަދު އިންޓަވިއު ކުރަން ދިޔަ ފަރާތް ކޭޓްއާއި ޙަވާލުކޮށްލެވުމުންނެވެ.
ޔުނާ ޒިހާނާއެކީ ވަގުތު ހޭދަކުރަމުން ދިޔައީ އޭނަ ބައްދަލުވީ މީހާގެ މަތިން ހަނދާން ނައްތާލަމުންނެވެ. ހަމަ އެހެންމެ ޒިހާން ވެސް ޔުނާއާއި ޖިނާހުގެ ވާހަކަ ޙިއްސާކުރާކަށް ބޭނުމެއް ނުވިއެވެ. ދެމީހުންވެސް ބޭނުންވީ ދެމީހުން ގުޅުނު އެ ފުރަތަމަ ދުވަސް އުފާވެރި ދުވަހަކަށް ހަދާލާށެވެ. މިގޮތުން ދެމީހުން އެކީގައި އެކިއެކި މަގުމަތީ ބާޒާރުތަކަށް ޒިޔާރާތްކޮށް ފިހާރަތަކަށް ގޮސް ހެދިއެވެ. އެހުރިހާ ކަމެއްގެ ތެރެއިން ވެސް ޒިހާން އޭނަ ދެކެ ލޯބިވާ މިންވަރާއި އަބަދުވެސް އޭނަ ހެއްވާލަން އެދޭ މިންވަރު ޔުނާއަށް ދޭހަވިއެވެ. ބަދަލުގައި ޔުނާވެސް ޒިހާން އުފާވާނެ ފަދަ ކަންތައް ކޮށްދީ ހެދިއެވެ. މިގޮތުން ޒިހާނަށްޓަކައި ގަމީސްތައް ޚިޔާރުކޮށް ޗޭންޖިންގް ރޫމުން ނިކުމެގެން އައުމުން ފޮޓޯ ނަގަމުން ދިޔައީ ތިމަންނައަށް އިނދެވިގެން މިއުޅެނީ މޮޑެލަކާއި ކަމަށް ބުނަމުންނެވެ. އެފަދަ ކޮންމެ ވާހަކައަކާއެކީ ދެމީހުންނަށް އެކީގައި ހެވެމުން ދިޔައެވެ.
“އޭ ބަލާބަލަ ޔުނޫ….އެތަނުން ކެނަލްއަށް އެރޭނެހެން އަހަންނަށް ހީވަނީ. ހިނގާބަލަ ކެނަލް ރައިޑްއަކަށް ދާން….” ޔުނާއާއެކީ މަގެއްގެ އެއްފަރާތުން ހިނގާފައި ދަމުން ޒިހާން ބުންޏެވެ.
“ނައިސްވާނެދޯ؟ އެކަމަކު އަހަރެން ބިރުގަނޭ ރޭގަނޑު އެހާ ކައިރިން ފެންގަނޑެއް އަނދިރިކޮށް ފެނުނީމަ. ހެހެ….” ޔުނާ ހެވިފައިހުރެ ބުންޏެވެ.
“ބިރުނުގަންނާނެ ޔުނާ. ބިރުގަތިއްޔާ ހަދާނީ މިހެން. މިގޮތަށް އަތް މުއްކަވާލާފަ ހިތަށް ގެންނާނީ ހިތްވަރު ލިބޭފަދަ ކޮންމެވެސް ވާހަކަތަކެއް. އަހަރެން ޢާއްމުކޮށް ހަނދާންކުރަނީ ﷲ އަހަރެން ރައްކާތެރިކުރައްވާނެއޭ. މިގޮތަށް ހަދައިގެން ހުރެ ވިހި ވަރަކަށް ސިކުންތު ވަންދެން އެކަހަލަ ޚިޔާލުތައް ކުރަންވީ….” ޒިހާން އޭނަގެ މުއްކަވައިގެން ޔުނާއަށް ދައްކަން ހުރެ ނުހަނު ގަޔާވެފައި ކިޔައިދިނެވެ.
“ހުމް…..ތިއީ އެންކަރިންގް ޓެކްނިކްއޭ. ސައިކޮލޮޖީގަ އޮންނަ ޓެކްނިކްއެއްތީ ޕެނިކް އެޓޭކްތައް އެވޮއިޑްކުރަން. ކާކު ދަސްކޮށްދިނީ؟” ޔުނާ ސުވާލުކުރިއެވެ.
“ނޭނގެ ކާކުކަމެއް….އަހަރެން ވަރަށް ބަލިވެގެން ހޮސްޕިޓަލެއްގަ ބާއްވާފަ އޮތްވާ ކޮންމެވެސް ކުއްޖަކު ކިޔައިދިނީ…ހިނގާބަލަދޯ އަވަހަށްދާން އޭތި ނުފުރެނީސް!” ޒިހާން ވާހަކަ ދައްކަމުން ގޮސް ޔުނާގެ އަތުގައި ހިފައި ދަމައިގަންނަމުން މަގު ހުރަސްކުރަން ފެށިއެވެ. ޒިހާންގެ އެ ކުއްލި ޙަރަކާތުން ޔުނާއަށް ހެވުނެވެ. ހަމަ އެއާއިއެކު އެދުވަހުގެ އާދައިގެ މަތިން ޒިހާނަށް ވެސް ހެވުނެވެ. އެ ހިނދު އެދެމީހުންނަށް ވެސް ނޭނގުނު ކަމަކީ އެދެމީހުންނަށް ޙަސަދަވެރިކަމުގެ ލޮލެއް އަމާޒުވެފައިވިކަމެވެ.
ނުނިމޭ