Hiyaa (Part 39)
ޒިހާނަށް ހޭލެވުނީ ޔުނާ ކޮޓަރިން ނިކުތްތާ ބައި ގަޑިއެއްހާއިރު ފަހުންނެވެ. ހޭލިއިރު ޔުނާ ފެންނަން ނެތުމުން ޒިހާން އެނދުން ތެދުވެލީ ވަގުތުން ޔުނާ ހޯދަން ދިޔުމަށެވެ. އެހެނަސް ހަމަ އެވަގުތު އެނދުގައި ޔުނާ އޮންނަ ފަރާތުގައި ހުރި އަރިމަތީ މޭޒުމަތީގައި އޮތް ފޯނަށް މީހަކު ގުޅަން ފެށި އަޑު އިވުނެވެ. ޒިހާން ވަގުތުން މިޞްރާބު ބަދަލުކުރަމުން ގޮސް އެ ފޯނު ނެގިއެވެ. ސްކްރީނުން ސޭވް ކުރެވިފައި ނެތް ނަންބަރެއް ފެނިފައި ޒިހާން އޭތި ނުނަގަން ހިތަށްއެރިއެވެ. އެހެނަސް މުހިއްމު ކޯލަކަށް ވެދާނެއޭ ހިތައި ޒިހާން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ؟” ޒިހާން ވާހަކަ ދެއްކިއެވެ. އޭނަ ބުނި ބަހުގެ ޖަވާބެއްގެ ގޮތުން ޒިހާނަށް އެ ފަރާތުން އިވުނީ ހިމޭންކަމެވެ.
“ހެލޯ….” ސިކުންތުކޮޅެއްވީއިރު ވެސް އެކޮޅުން ޖަވާބެއް ނުލިބުމުން ޒިހާނަށް ދިގުކޮށް ކިޔައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ފޯނު ކުއްލިއަކަށް ކެނޑިގެން ދިޔުމުން ޒިހާންގެ ދެބުމަ ކައިރިވިއެވެ. ފޯނު ކަންފަތުން ނަގާލަމުން ފޯނުގެ ސްކްރީނަށް ނަޒަރެއް ދެވުނީ ޙައިރާންކަމާއި އެކީގައެވެ. އޭނަ ބަލަން ހުއްޓާ ދެންމެ ގުޅި ނަންބަރުން މެސެޖެއްއައެވެ.
އެއާއިއެކު ޔުނާގެ އަތަށް ފޯނު ދޭން ނިންމަމުން ފޯނާއި އެކީ ކޮޓަރިން ނިކުންނަން ޒިހާން ދިމާކުރިއެވެ. ޔުނާއަށް ގޮވައިލަން އުޅުމުގެ ތެރޭގައި ފޯނުގެ ސްކްރީން ސްލައިޑް ކޮށްލެވުނީ އިޚްތިޔާރަކާއި ނުލައެވެ. ޕާސްކޯޑެއް ޖެހިފައި ނެތް އެ ފޯނު އިސާހިތަކު ހުޅުވިގެން ދިޔައެވެ. އެވަގުތު ވޯލްޕޭޕާރގައި ހުރި ފޮޓޯ ފެނުމުން ޒިހާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ފޮޓޯގައި ހުރީ އޭނަ ކަމާއި، އެ ފޮޓޯ ނެގިފައިވާނީ ކޮން ދުވަހެއްގައިކަން އެނގުންވީ ހިނދު ޒިހާންގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. ޔުނާ އޭނައާއި ދުރުދުރުން އުޅުނު ދުވަސްވަރު ވެސް އޭނަ ކޮންމެވެސް ވަރަކަށް ޚާއްޞަވެފައިވިކަން އެނގުންވުމުން ހިތް އުފާވިއެވެ. ޒިހާން ކޮޓަރިން ނިކުމެގެން ދިޔައީ އެ އުފާވެރިކަމާއި އެކީގައެވެ.
ކޮޓަރިން ނިކުމެވުމާއެކު ހެނދުނުގައި ސައި ތައްޔާރު ކުރެވިފައިވި ވަސް ނޭފަތުގައި ޖެހުމުން ޒިހާން ކާގެއާއި ދިމާލަށް ދިޔައެވެ. ކާގޭގެ މޭޒުމަތީގައި ސައި ތައްޔާރު ކުރެވިފައި ވިޔަސް އެތަނުން ޔުނާ ނުފެނުމުން ޒިހާން ޔުނާއަށް ގޮވަން ފެށީ ހިސާބަކަށް އަވަސްވެފައިވި ހިތަކާއި އެކީގައެވެ. އެކި ތަންތަން ހޯދަމުން ގޮސް ޒިހާނަށް އެންމެ ފަހުން ޔުނާ ފެނިގެން ދިޔައީ އެތެރެ ފަރާތުގައި ހުރި ކޮޓަރީގެ ބެލްކަނީއިންނެވެ. އެ ކޮޓަރިއަށް ވަދެވުމާއެކުހެން ކަނާތް ފަރާތުން ފެންނަމުން ދިޔަ ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިގެން ހުރި ޔުނާ ފެނިފައި ޒިހާންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ހިފައިގެން ޔުނާގެ ގާތަށް ދާން ޚިޔާލުކޮށްގެން ހުއްޓެއްކަމަކު ވަކި ހިސާބަކަށް ގޮސް ޚިޔާލު ބަދަލުކޮށްލަމުން ޒިހާން އެ ފޯނު އެނދުމައްޗަށް ދޫކޮށްލަމުން ކުރިއަށް ދިޔައެވެ. ޒިހާން ބެލްކަންޏަށް ނިކުތުމުން ވެސް ޔުނާ ފަހަތް ބަލައެއް ނުލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކަށް ޔުނާ ގެއްލިފައިވި ފަދައެވެ. ހެނދުނުގެ އެވަގުތު އުޑުމަތި ބަނަކޮށް ދައްކަމުން ދިޔައިރު ބާރު ވައިރޯޅިތައް ޖެހެމުން ދިޔައެވެ. އެވަގުތު ޔުނާ ބުރުގާ އަޅައިގެން ނެތްނަމަ އެ އިސްތަށިގަނޑު ވިހުރިގެން ދާނެ ގޮތް ޒިހާނަށް ސިފަކުރެވިފައިވެސް އާޝޯޚުވިއެވެ. ޒިހާން ބަލަބަލާ ހުއްޓާ ޖެހިލި ވައިރޯޅިއާއެކީ ޔުނާ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލިތަން ފެނުނެވެ. ޔުނާ ފިނިވީކަން ދަނެގެން ޒިހާން ލަސް ފިޔަވަޅުތަކެއްގައި ޔުނާގެ ފަހަތުން ގޮސް ލޯތްބާއެކީ ޔުނާގެ ގައިގައި ބައްދާލިއެވެ. ޒިހާންގެ އެ ބައްދާލުމުގެ ހޫނުކަން އިޙްސާސްވި ޔުނާއަށް ލިބުނު އަރާމާއިއެކީ ދެލޯ މަރާލެވުނެވެ. އެ އިޙްސާސުން އަރަނުގަނެވެނީސް ޒިހާން ލަސްލަހުން ޔުނާގެ ކޯތާފަތުގައި ބޮސްދިނުމުން ޔުނާއަށް ހިނިތުންވެލެވުނީ އިޚްތިޔާރަކާއި ނުލައެވެ.
“އަލްޙަމްދުލި ﷲ….” ޔުނާ އެ ބަސްތައް ބުނެލި ޒިހާނަށް ޙައިރާންކަމާއެކީ ޔުނާގެ މޫނަށް ބަލައިލެވުނެވެ. ޢާއްމު ގޮތެއްގައި ޔުނާގެ ދުލުން އެފަދަ ބަސްތަކެއް ނުއިވޭތީވެއެވެ. ޒިހާން ވަކި އެއްޗެކޭ ނުބުނެ ހުރިގޮތަށް ހުއްޓާ ޔުނާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އަހަރުމެން ކައިވެނި ކުރި ރޭ ޒިހާން ބުނީ ހަމަ ރަނގަޅަށް. ﷲ މެދުވެރިކުރައްވާ ކޮންމެ ކަމެއްގަވެސް ހެވެއްވޭ. ތެދުތެދަށް ބުނަންޏާ އަހަރެން ޒިހާނާއި އިނީ ވަރަށް ބޮޑު ޖެހިލުންވުމަކާއެކީ. އިސްލާމް ދީނާއި އެއްގޮތަށް އުޅޭ ފިރިންނާއިމެދު ދިރާސާ ކުރިން. އެ ހޯދި ހޯދުމުން ފިރިހެނުންނަށް ޤުރުއާނުގައި ދެއްވާފައިވާ ނަމަކީ ޤައްވާމްކަން އެނގުނު. ޤައްވާމުންނާއި ގުޅޭ ގޮތުން އަހަރެން ކިޔާލި އެކި ލިޔުންތަކުން އަހަންނަށް އެމީހުން ސިފަވީ އަނބިންގެ މައްޗަށް އަތްގަދަ ކުރާ، އަނބިންގެ އިޙްސާސްތަކާމެދު އަޅާނުލާ، ހިތްހަރު އަދި ހަރުކަށި ބައެއްގެ ގޮތުގަ. ޒިހާންގެ ދީންވެރިކަން ފެނިފަ ހީކުރެވުނީ ޒިހާންވެސް ވާނީ އެފަދަ ފިރިއަކަށް ކަމަށް. ފަހުން ފަހުން އައިސް ޒިހާންގެ ރަނގަޅުކަން ފެނިފަ ހިތަށްއެރީ މި ފެންނަނީ ހަމައެކަނި ޒިހާންގެ ރީތި ސިފަތަކޭ. މިއީ ވަކި ދީނާއި ގުޅުން ހުރި ކަމެއް ނޫނޭ. އެކަމަކު ރޭ ޒިހާން ކިޔައިދިން ވާހަކަތަކުން މިހާރު ޔަޤީންވޭ އެއީ ޤައްވާމެއްގެ ސިފަތަކެއްކަން. ކުރިން އަހަންނަށް މަޢުލޫމާތު ހޯދުނީ އިސްލާމްދީނާއި ޢަދާވާތްތެރި މީހުން ލިޔެފަ ހުރި ލިޔުންތަކުން. މިއަދު އަހަންނަށް ޙަޤީޤަތް ސާފުކޮށް އެބަފެނޭ. ހަމަ ޔަޤީނުންވެސް މި ދުނިޔޭގަ އުޅެންވީ އެންމެ ރީތި ގޮތް ދެއްކެވީ ﷲ. ދޮންބެ ބުނާހެން ﷲ އެންގެވި ގޮތަށް އުޅުމުން ދެ ދުނިޔޭގެވެސް ބާއްޖަވެރިކަން ލިބެން އޮތީ….” ޔުނާ ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ ޒިހާންގެ ހިތުގައިވި އުފާވެރިކަން ދެގުނަވިއެވެ. ޔުނާ އިން ދުވަހުއްސުރެ ވެސް ޔުނާ ދީނާއި ގާތްވުން ވެފައިވީ ޒިހާންގެ ވަރަށް ބޮޑު އެދުމަކަށެވެ. މިއަދު ޚުދު އޭނަގެ އުޅުން ފެނިފައި ޔުނާއަށް އެފަދަ ބަދަލެއް އައިކަން އެނގުންވުމުން ހިތާހިތުން ޝުކުރު ކުރެވުނެވެ. ޒިހާން އެ އުފަލާއެކީ އެއްޗެކޭ ބުނުމުގެ ކުރިން ޔުނާގެ ކޮނޑުގައި ހިފަހައްޓައި އަނބުރާލަމުން އޭނައާއި ލަސްލަހުން ކުރިމަތި ކުރުވިއެވެ.
“އެއީ ވަރަށް ބޮޑު ތެދެއް ޔުނާ. އަހަރުމެން ހެއްދެވީ ﷲ ސުބުޙާނަހޫ ވަތަޢާލާ. ވީއިރު އަހަރުމެންގެ ޙާލަތްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނެ ފަރާތަކީ އެއީ. އަހަރުމެންގެ ކިބައިގަ ހުރި ބަލިކަށިކަން ދެނެވޮޑިގެންވާ ޙާލު އެކަލާނގެ އަހަރުމެންނަށް ވަކި ގޮތަކަށް އުޅެން އަމުރުކުރެއްވީ. އެ އަމުރުފުޅުތަކާއި ހިލާފަށް ކަންތައް ކުރީމަ އޭގެ ގެއްލުން ލިބޭނީ ހަމަ އަހަރުމެންނަށް. އަދި އެ އަމުރުފުޅުތަކާއި އެއްގޮތަށް އުޅުނީމަ އޭގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެން އޮތީ އަހަރުމެންނަށް….ޔުނާގެ ހިތުގައި ދީނާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތިއްޔާ އަހަންނާއި ކުރައްޗޭ. އަހަންނަށް އެނގޭ މިންވަރަކުން އޭގެ ރަނގަޅު ޖަވާބު ހޯދައިދެވޭތޯ ބަލާނަން އިން ޝާ ﷲ! ޤައްވާމުންނާއި ގުޅޭ ގޮތުން ވެސް ކިޔައިދީފާނަން. ޤައްވާމުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވާ ބައެއް. ބޮޑީގާޑެއް ގޮތަށް ހަމަ ގާތްގަނޑަކަށް. ހެހެ…..އެ ބަހުގެ މާނައިގެ ތެރޭގަ ކޮޅަށް ހުރުން ވެސް ހިމެނޭ ވިއްޔާ. ހަމައެކަނި ލިބިދާނެ ޖިސްމާނީ ގެއްލުމަކުން ރައްކާތެރި ކުރުމެއްނޫން. ނަފްސާނީ ގޮތުން ވެސް އަނބިމީހާއަށް ލިބިދާނެ ހިތާމައަކާއި ހިތްހަމަނުޖެހުމަކުން ރައްކާތެރިކުރުން ހިމެނޭ. އަދި އާޚިރަތުގައި ލިބިދާނެ ޢަޒާބަކުން ވެސް ރައްކާތެރިވުމަށް ޢާއިލާއަށް ނަސޭހަތްތެރިވުމަކީ މުސްލިމް ފިރިއެއްގެ ޒިންމާއެއް. މި ހުރިހާ ކަމަކަށްޓަކައި އަހަރެން ޖެހޭނެދޯ ޔުނާގެ އިޙްސާސްތަކާމެދު ވެސް އަޅާލާން؟ ޔުނާގެ ހިތުގައި ދީނާއިމެދު ލޯތްބެއް ޖައްސަން ލޯތްބާއެކީ ނަސޭހަތްދޭން؟ ބޭރުފުށުން ދީންވެރިކޮށް ފެނިފަ އަޚްލާޤެއްނެތް ހަރުކަށި ގޮތެއް ގެންގުޅެނީ ދީން ރަނގަޅަށް ފަހުމްނުވާ މީހުން. އެ މަދު މީހުންނާހެދި ޔުނާ ދީނަށް ނަފްރަތު ނުކުރައްޗޭ. މި ދީނަކީ އެއްވެސް ޝައްކެއްނެތް ގޮތުގަ އެންމެ ފުރިހަމަ ދީން.” ޒިހާން ވާހަކަ ދައްކަމުން ގޮސް ސާބިތުކަމާއެކީ އެ ބަސްތައް ބުނެލި ގޮތުން ޔުނާގެ ހިތަށް ލޮޅުމެއް އައެވެ. އެ ބަސްތައް ޤަބޫލުކުރަން އޭނަގެ ހިތް ލެނބުނެވެ.
“ހަމަ އަސްލުވެސް. ވަރަށް އުފާވޭ ޒިހާން އަހަރެންގެ ޕްރިންސް ޗާރމިންގްގެ ބަދަލުގަ އަހަރެންގެ ޤައްވާމްއަކަށްވީތީ. އޭގެ ބަދަލުގައި އަހަރެން ވެސް ބޭނުން ޒިހާނަށްޓަކައި ރަނގަޅު މުސްލިމް އަންބެއްގެ ސިފަތަކާއި އެއްގޮތަށް އުޅެން. ޒިހާންވެސް ކައިވެނި ކުރިއިރު އުއްމީދު ކުރާނެދޯ ޒިހާންގެ އަނބިމީހާގެ ކިބައިގަ އެ ސިފަތައް ހުރުމަށް. ދެރަވެސްވޭ ކުރިން ޒިހާނާއިމެދު ކަންތައް ކުރެވުނު ގޮތުން. އިން ޝާ ﷲ އަހަރެން ރަނގަޅުކުރެވޭތޯ ބަލާނަން. ކިޔައިދެއްޗޭ މުސްލިމް އަންބެއްގެ ހުންނާނެ ސިފަތައް….” ޔުނާ ހިތާމަވެރިކަން ވެރިވެފައިވި މޫނަކާއެކީ ވާހަކަ ދެއްކުމުން ޒިހާން އޯގާތެރިކަމާއެކީ އެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.
“ޔުނޫ ލޯބިކޮޅު މިހާރު ވެސް ތިއުޅެނީ އެފަދަ އަންބަކާއި އެއްގޮތަށޭ. ކުރީކޮޅު އެގޮތަށްވީ ޔުނާ ވޭނެއްގެ ތެރޭގަ އުޅެމުން ދިޔައިމަކަން އަހަންނަށް ރަނގަޅަށް އެނގެއޭ. އެ ހުރިހާ ކަމަކާ އެކީވެސް ޔުނާ މިއަދު އަހަންނާއި ގާތްވާން މަސައްކަތް ކުރާތީ އަހަރެން ޔުނާއާއިމެދު ފަޚުރުވެރިވާވަރު އެބަ އިނގޭތަ؟ ޔޫ އާރ ވަން ސްޓްރޯންގް ވުމެން! ލޯބީގަ ކެހިވެރިކަމެއް ލިބިފަހުރެ އަނެއްކާވެސް ލޯތްބަށް ފުރުޞަތެއް ދެވޭނީ ވަރަށް ހިތްވަރު ކޮށްގެން. އައި އޭމް ވެރީ ޕްރައުޑް އޮފް ޔޫ!” ޒިހާން ނުހަނު ޖޯޝާއެކީ އެހެން ބުނެލި ހިނދު ޔުނާގެ ލޮލުން ކަރުނަތައް ނިރާލިއެވެ. އެ މަންޒަރު ފެނިފައި ޒިހާން ލަސްލަހުން ޔުނާގެ ނިތަށް ބޮސްދިނެވެ. އެއަށްފަހު ޔުނާއަށް ރޮވުމުގެ ކުރިން ވާހަކައިގެ ރާގު ބަދަލުކުރިއެވެ.
“އިނގޭތަ ޔުނޫ؟ މިއަދު ވަރަށް ފޮނިވެފަ މިހިރީ…” ޒިހާން ޒާތެއްގެ ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ކިހިނެއްވީ؟” ޔުނާ ޙައިރާންކަމާއެކީ ސުވާލުކުރި ހިނދު ކަރުނަތައް ހިންދާލެވުނެވެ.
“ކޮންމެވެސް ކުއްޖަކު އަހަރެންގެ ފޮޓޯއެއް ފޯނުގެ ވޯލްޕޭޕާރއަށް ލައިގެން އުޅޭތީ….” ޒިހާން ނޫންކަމަށް ހަދާފައި ރާގަކަށް ބުނެލި ވާހަކައިން ޔުނާގެ ދެލޯ ބޮޑުވެ ކޯތާފަތް ރަތްވެގެން ދިޔައެވެ.
“ޔޫ ޑިޑްންޓް! ކީއްކުރަން މީހުންގެ ފޯނު ބަލަނީ؟” ޔުނާ ގަތް ލަދާއެކީ ހިސާބެއްގެ ނުރުހުންތެރިކަމެއް އެކުލެވިފައިވި އަޑުން ބުނެލި ވާހަކައިން ޒިހާނަށް ހެވުނެވެ.
“ބެލީއެއް ނޫނޭ. ފެނުނީ. ކޮއިންސިޑެންސް…ކޮން ތަނަކަށް ތި ދަނީ؟” ޒިހާން ވާހަކަ ދައްކަމުން ދަނިކޮށް ޔުނާ ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ.
“ކޮއިންސިޑެންސްއިން ވިޔަސް ފެނިގެން ނުވާނެއޭ!” ޔުނާ ދިގު ފިޔަވަޅުތަކެއްގައި ދަމުން ބުނެލިއެވެ. އެހިނދު ޒިހާންވެސް ޔުނާގެ ފަހަތުން ދާން ފެށިއެވެ.
“ކޮއިންސިޑެންސްއިން ނޫނަސް ވާންއޮތް ކަމެއްވާނެއޭ. ތި ހުރިހާ ވާހަކައެއް ނުދައްކާ ބުނެލަބަލަ ޔުނޫ އަހަރެން ހަމަ ރީތީއޭ…” ޒިހާން ބުނެލިއެވެ. އެހިނދު ކޮޓަރިއާއި ގާތްވަމުން ދިޔަ ޔުނާ ފަހަތް ބަލައިލަމުން މޫނު ހަދާލިއެވެ. އެއާއިއެކު ޒިހާން ހީލަމުން ދިގު ދެ ފިޔަވަޅު އަޅާލަމުން ގޮސް ކުއްލިއަކަށް ޔުނާ އޭނަގެ އަތްދަނޑިމައްޗަށް އުފުއްލައިލިއެވެ. ޔުނާއަށް ތޫލި އަޑެއް ލައްވާލެވުނު ވަގުތު ޒިހާން އޭނައާއިއެކީ ކޮޓަރިއަށް ވަދެފިއެވެ.
ކޮޓަރިއަށް ވަދެ ޔުނާ ބިންމަތީގައި ބެހެއްޓުމަށްފަހު ވެސް ޒިހާން ޔުނާއާއި އެކިއެކި ސަމާސާތަކެއް ކުރިއެވެ. ޒިހާންގެ ބޮސްދިނުންތަކަށް ނިމުމެއް ނައުމުން ޔުނާ ހެނދުނުގެ ސައިމަތިން ޒިހާނަށް ހަނދާންކޮށްދިނެވެ. ޒިހާން އެވާހަކަ ނުއިވޭ ކަމަށް ހެދީ ޔުނާ އިތުރަށް ހެއްވާލުމަށާއި ޔުނާއާއިއެކީ އޭނަ ހުންނަން ބޭނުންވާކަން އެންގުމަށެވެ. އެންމެ ފަހުން ޒިހާން ބުނެލި ބަސްތަކާއިވެސް އެކީ ޔުނާއަށް ރަނގަޅަށް ހީލެވުމުން ޒިހާން ވެސް ހީލުމަކާއެކީ ޔުނާއާއި ދުރުވެލިއެވެ. އެއަށްފަހު އެތާހުރި އެނދަށް ޢިޝާރާތް ކުރަމުން އެ އޮތީ ފޯނު ކަމަށް ބުނެލަމުން ދާން ހިނގައިގަތެވެ.
“މީތި މިތާ އޮތީ ކީއްވެ؟” ޔުނާ އެ ފޯނު ނަގަމުން ސުވާލުކުރިއެވެ.
“ތިއީ….އަސްލު ޔުނޫއަށް ދޭންވެގެންނޭ އަހަރެން ތީތި ގެނައީ. ދެންމެ ކޮންމެވެސް މީހަކު ގުޅި. އަހަރެން ފޯނު ނެގީމަ އެއްޗެކޭ ނުބުނެ މެސެޖެއް ކުރީ. މެސެޖު ނުބަލާ އަހަރެން ތީތި ޔުނޫއަށް ދޭން ގެނައީ….ފްރެންޑެއް ކަންނޭނގެދޯ؟ ކޯލް ކޮށްލާފަ އަންނައްޗޭ. ދެމީހުން އެކީގަ ސައިބޯން ބޭނުމީ….” ޒިހާން ހިނިތުންވުމަކާއެކީ އެހެން ބުނެލީ ކޮޓަރީގެ ދޮރު ކައިރީގައި ހުރެއެވެ. ޔުނާވެސް އެންމެ ފަހު ވާހަކައަށް ހިނިތުންވުމަކާއެކީ ބޯޖަހާލުމުން ޒިހާން ކޮޓަރިން ނިކުތެވެ.
ޒިހާން ދިޔުމުން ޔުނާ ފޯނު ހުޅުވާލުމާއެކު ފެނުނު ނަންބަރުން ޔުނާގެ ހިނިތުންވުން ފިލައިދިޔައެވެ. އެ ނަންބަރުގެ ވެރިފަރާތުގެ ނަން ޑިލީޓް ކުރެވިފައި ވިޔަސް ނަންބަރު ފެނުމާއެކު އެއީ ކާކުކަން ޔުނާއަށް އެނގިގެން ދިޔައެވެ. ނަންބަރަށް ބަލަން ހުރެފައި ޔުނާ އެ ނަންބަރުން އައި މެސެޖަށް ބަލައިލިއެވެ.
“ލެޓްސް މީޓް، ލަވް! ލައިކް ވީ އޯލްވޭސް ޑޫ. ކުރީ ދުވަހު ދިޔަ ތަނަށް ހިނގާދޯ؟ މިއަދުގެ އިންޓަވިއުތައް ނިންމާލާފަ…” މެސެޖުގައި އޮތީ އެހެންނެވެ. އެންމެ ފުރަތަމަ އެ މެސެޖު ފެނިފައި ޔުނާ އޮޅުންއެރިއެވެ. އެހެނަސް ދެންމެ ޒިހާން ކިޔައިދިން ވާހަކަތައް ހަނދާންވުމުން ޖިނާހު އެ މެސެޖު ފޮނުވުމުގެ މަޤްޞަދަކީ ކޮބައިކަން ޔަޤީންވިއެވެ. ޖިނާހު އުއްމީދު ކޮށްގެން ހުންނާނީ ޒިހާން އޭނަގެ ފޯނު ނެގުމުން ޒިހާނަށް އެ މެސެޖުތައް ވެސް ފެނުމަށެވެ. އެކަން އެނގުންވީ ހިނދު އައި ރުޅީގައި ޔުނާގެ ދަތްކުނޑި ވިކުނެވެ. ވަގުތުން އެ ނަންބަރު ބްލޮކްކުރަން ހިތަށްއެރިއެއްކަމަކު އޭގެ ކުރިން ޖިނާހަށް ރަނގަޅު ރައްދެއް ދިނުމަށް ހިތް އެދުނު ވަރުން އެ ނަންބަރަށް ގުޅާލެވުނެވެ. ޔުނާ ފޯނު ކަންފަތުގައި ޖެއްސިތާ މާ ގިނައިރެއްނުވެ އެކޮޅުން ފޯނު ނެގިއެވެ.
“ހަމަ ނުހުރެވުނުދޯ ނުގުޅާ؟ ފިރިސޮރާއި މައްސަލަ ޖެހުނީމަ ހަމަ މަ މަތިންދޯ ހަނދާންވަނީ؟” ޖިނާހު ވާހަކަ ދެއްކި ރާގުން ޔުނާގެ ރުޅިވެރިކަން ދެގުނަވިއެވެ.
“ނޫނޭ….އިރާދަކުރެއްވީތީ އަހަންނާއި ޒިހާނާއިމެދު މައްސަލަތައް ނުޖެހޭ. މި ގުޅާލީ ދެން މި ފޯނަށް އެންމެ މެސެޖެއް ވެސް ނުކުރުމަށް އަންގަން. އަހަރެން ޖިނާހު މަތިން ހަނދާން ނައްތާލައިފިން. އެ ގުޅުމުގެ މަތިން ޖިނާހު ވެސް ހަނދާންކުރުމުން ލިބޭނެ ފައިދާއެއްނެތް. އެ ވާހަކަ ބުނެލަން މި ގުޅާލީ….ދެން ބޭއްވީ.” ޔުނާ އެހެން ބުނެލަމުން ފޯނު ކަނޑާލަން އުޅުނެވެ. އެހެނަސް ހަމަ އެ ވަގުތު ޖިނާހު ދެއްކި ވާހަކައިން ޙަރަކާތްތައް މަޑުކޮށްލެވުނެވެ.
“އެންޒައިޓީ ޑިއު ޓު ޗައިލްޑްހުޑް ޓްރޯމާ….މިއީ ކަންނޭނގެދޯ ތި ޒިހާނެއްގެ ބައްޔަކީ؟ އަޑުއެހިން ޒިހާން ކުޑައިރު ޒިހާންގެ ބައްޕަ ވަރަށް އަނިޔާކުރި ވާހަކަ. އަދަށްދާން ދެންވެސް ޒިހާން އެ ބައްޕަ ފެނުނިއްޔާ ޒިހާނަށް މަރުފަދަ ޙާލަތެއް ދިމާވާ ވާހަކަ. ޢަބްދުﷲ ހަމީދަކީ އަހަރެން ދަންނަ އަހަންނާއި ވަރަށް ގާތް ބޭބެއެއް. މިކޮޅުގަ އުޅެނީވެސް….އަހަރެން ޖެހޭނީ ހަމީދުބެ ޒިހާންގެ ކުރިމައްޗަށް ގެންނަންދޯ؟ އިޓްސް ޓޫ އީޒީ!” ޖިނާހު އެހެން ބުނެ ޗޮއްކަނޑަން ފެށި ހިނދު ޔުނާގެ ގޮއްމުއްކެވުނެވެ.
“ކޮންކަމެއް ޖިނާހު ބޭނުންވެގެން ތިއުޅެނީ؟!” ޔުނާއަށް ރުޅިވެރިކަމާއެކީ އަހާލެވުނެވެ.
“ސިމްޕްލް! ޔުނާއާއި ބައްދަލުކޮށްލަން ބޭނުންވަނީ. މިރޭ 8 ޖަހާއިރު އަހަރެން މި ފޮނުވާ އެޑްރެހަށް އާދޭ. އެހެންނޫނީ ޔުނާގެ ލޯ ކުރިމަތިން ޒިހާން ނެތި ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް. އޭނަ ގޮވައިގެން އަންނަން ޚިޔާލުވެސް ނުކުރާތި! ސީ ޔޫ ދެއާރ.” ޖިނާހު އެހެން ބުނެ ޔުނާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ ފޯނު ކަނޑާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޖިނާހު ދެންމެ އެ ބުނި އެޑްރެހެއް އޭނަ ޔުނާއަށް ފޮނުވިއެވެ. އެއީ ޔުނާ ނުވެސް ދަންނަ އެޑްރެހަކަށްވުމުން ޔުނާގެ ހިތުގައި އިތުރު ނުތަނަވަސްކަމެއް އުފެދުނެވެ. އިސާހިތަކު އޭނަ ނާންނާނެ ކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް ދެންމެ ޒިހާނާއި ބެހޭގޮތުން ޖިނާހު ބުނެލި ވާހަކައިން ޖެހިލުންވިއެވެ.
ހައިޖާނެއް އުފެދިގެން ދިޔަ ހިތަކާއެކީ ޔުނާ ހުރިގޮތަށް ހުއްޓާ ބޭރުން ޒިހާން ‘ޔުނޫ’އޭ ކިޔައި ގޮވާލި އަޑު އިވުނެވެ. އަދިވެސް ނުނިމެނީތޯ އެހި އަޑު އިވުނެވެ. ޔުނާ އޭނަގެ ޚިޔާލުތައް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން މި އަންނަނީއޭ ބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ޔުނާ ކާގެއަށް ވަނުމާއެކު ޒިހާން ފުރިހަމަ ހިނިތުންވުމެއް އޭނައަށް ހަދިޔާކުރިއެވެ. އޭގެ ބަދަލުގައި މިފަހަރު ޔުނާއަށް ހިނިތުންވެލެވުނީ ވަކި ވަރަކަށެވެ.
“އެއީ ކާކު ގުޅީ؟ މީޓް ކޮށްލަން ބޭނުންވާ ފްރެންޑެއްދޯ؟ މެސެޖް ނޮޓިފިކޭޝަންއިން ފެނުނު މެސެޖުގެ ކުރީ ބައި. އެތަންކޮޅުން ފެނުނީ މީޓް ކުރާ ވާހަކަ.” ޒިހާން ކާމޭޒުމަތީގައި ހުރި ކޮފީ ހަދާ ޖަގުން ޔުނާގެ މަގްއަށް ކޮފީ އަޅަމުން ދެންވެސް ހަމަ އެ ހިނިތުންވުމާއެކީ ވާހަކަ ދެއްކިއެވެ. ޒިހާން އެ މެސެޖު ފެނިފައިވެސް އޭނައާއިމެދު ރަނގަޅަށް ވިސްނި ގޮތުން ޔުނާގެ ހިތް މަޑު ކަފަކޮޅަކަށް ވިއެވެ. މިރޭ އޭނަ ޖިނާހާއި ބައްދަލުކުރަން ގޮސްފިނަމަ ޒިހާނަށް ބޭވަފާތެރި ވެވޭނީތޯ ހިތާހިތުން ސުވާލުކުރެވުނެވެ. ޔުނާ އަނެއްކާވެސް ހުއްޓުން އެރުމުން ޒިހާން ވަކި އެކަމާމެދު ސުވާލު ކުރުމެއްނެތި އަވަހަށް އަންނާށޭ ބުނެލިއެވެ. ޔުނާ ލަސް ފިޔަވަޅުތަކެއްގައި މޭޒު ކައިރިއަށް އަންނަން ފެށި ވަގުތު ޔުނާއަށް ނޭނގުނަސް ޒިހާން ފަރުވާތެރިކަމާއެކީ އޭނައަށް ބަލަމުން ދިޔައެވެ. އެކަން ނޭނގި ހުރެ ޔުނާ ގޮސް މޭޒުދޮށުގައި އިށީނުމަށްފަހު ކޮފީ ތަށިން ކޯވަރެއް ދަމާލިއެވެ. އެއަށްފަހު ވިސްނުމެއްގައި އިނދެފައި ވާހަކަ ދެއްކިއެވެ.
“ޒިހާން…..އަހަރެން މިރޭ ދެންމެ އެ ގުޅި މީހަކާ ބައްދަލުކޮށްލަން ދާން އެބަޖެހޭ. އެންމެ ރަނގަޅުތަ؟” ޔުނާއަށް އަހާލެވުނެވެ.
“ހުމް….ފްރެންޑުންނާ ވެސް ބައްދަލުކުރަންވާނެދޯ؟ ކިހިނެއްތަވީ ޔުނާ މާ ޑިސްޓާބްވެފަ ތިހިރީ؟ ކަމެއް ދިމާވިއްޔާ އަހަންނާ ހިއްސާކޮށްލަދެއްޗޭ!” ޒިހާން ބުނެލިއެވެ. އެ ހިނދު ޔުނާއަށް ބޮޑު ފިކުރެއްގައި އިނދެ ޒިހާނަށް ބަލައިލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ޒިހާނަށް ކިޔައިދޭން ހިތަށްއެރިއެވެ. އެހެނަސް ޖިނާހުގެ ފަހު ބަސްތައް ހަނދާންވެގެން ދިޔުމުން އެ ޚިޔާލާއި އެއްގޮތަށް ޢަމަލެއް ނުކުރެވުނެވެ. ބޮލުގައި ރިހުމެއް އުފެދެން އުޅުނުހެން ހީވި ވަގުތު ޔުނާއަށް ވާހަކަ ދެކެވުނެވެ.
“އެބަ އަންނަން އިނގޭ ޒިހާން؟” ޔުނާ ހިނިތުންވުމެއް ދައްކަން މަސައްކަތް ކުރަމުން ބުނެލިއެވެ. އެއާއިއެކު ޒިހާން ‘އޮފްކޯސް’ އޭ ބުނެލުމުން ޔުނާ އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. ޔުނާ ދިޔަ ދިމާލަށް ބަލަން ޒިހާނަށް އިނދެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ކޮންމެވެސް ގޯހެއް ހިނގައިފިކަން ޔަޤީނާއި ގާތްވި ހިނދު މޭޒުމަތީގައި އޮތް ޒިހާންގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ފެނިގެން ދިޔައީ ޝިއުސްގެ ނަމެވެ. އެމްސްޓާޑަމްއަށް އައިފަހުން ވެސް ޝިއުސް އޭނައަށް އެއްކަލަ މައްސަލައާއި ގުޅިގެން ގުޅަމުން ދިޔައީ، އެމްސްޓާޑަމްގައި ވެސް އެ ޖަރީމާގައި ބައިވެރިވާ މީހުން އުޅޭކަމަށް ލަފާކުރެވެން ފެށި ހިސާބުންނެވެ. ޝިއުސް ގުޅާނީ އެއާއި ގުޅޭ ކަމަކުކަން ދަނެގެން ޒިހާން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް ޝިއުސް. ކީކޭ؟” ޒިހާން އަހާލިއެވެ.
“ސަލާމް ޒިހާން….އެމީހުންނާ ގުޅޭ ގޮތުން އަހަރުމެންނަށް އިތުރު މަޢުލޫމާތު ލިބިއްޖެ. އެ މެއިން މީހާގެ ބައެއް ކޯލްތަކުން އަހަރުމެންނަށް އެނގިއްޖެ އެމީހުންގެ ޓާގެޓަކީ ކާކުކަން…” ޝިއުސް ބުންޏެވެ.
“އެއީ ކާކުކަމާއި ކޮންތާކު އުޅޭ މީހެއްކަމުގެ މަޢުލޫމާތު އަހަންނަށްދީ. އޭރަށް މިކޮޅުގެ ފުލުހުންގެ ވެސް އެހީއާއެކީގަ އަހަންނަށް އެމީހުން އެ އެޓޭކްކުރާ ތަނަކުން ހިފެހެއްޓޭނެ. އެމީހުންގެ ޓާރގެޓަކީ އަނެއްކާ އަހަރެންތަ؟ އަހަރެން މިކޮޅަށް އައި ފުރަތަމަ ދުވަހު އަހަރެންގެ ދަބަހުގަ ހުރި ބަގިންގް ޑިވައިސްއެއް. އެއާރޕޯޓުން މީހަކު ހަރުކުރި އެއްޗެއްހެން ހީވަނީ. ތި މީހަކު އަހަރެންގެ ލޮކޭޝަން ހޯދަން ބޭނުންވާނީ ކީއްކުރަން؟ އަހަންނަށް ޓާރގެޓް ނުކުރަންޏާ…..” ޒިހާން ވާހަކަ ދައްކަމުން ގޮސް އެހާ ހިސާބަށް މަޑުކޮށްލެވުނީ ކަމެއް އެނގުންވުމާއެކު މެއަށް ނުބައި ގޮތެއްވުމުންނެވެ. އޭނައަށް މި ހީވާ ހީވުމަކީ ޙަޤީޤަތަކަށް ނުވުމަށް ހިތް އެދުނު ވަގުތު ޝިއުސްގެ އަޑުއިވުނެވެ.
“އިޓްސް ޔުއާރ ވައިފް، ޒިހާން. ހަމަ މިރޭ އެމީހުން މޫވްއެއް ކުރަން އުޅޭހެން ހީވަނީ….” ޝިއުސް ބުނެލި ވާހަކައިން ޒިހާންގެ ހިތް އަވަސްވީ ހިނދު މޭޒުމަތީގައި އޮތް އަތް މުއްކަވާލެވުނެވެ.
ނުނިމޭ