Hiyaa (Part 41)
ދުއްވަމުން ދިޔަ ކާރުގެ ފަހަތު ސީޓުގައި އިން ޔުނާއަށް ކުޑަދޮރުން ބޭރު ބަލަން އިނދެފައި ލަސްލަހުން އެ ދޮރުގައި ބޯ ޖައްސާލެވުނީ މާޔޫސީ ގޮތަކަށެވެ. ދަތުރު ފެށިތާ މިނެޓްތަކެއް ހިނގާފައިވިއެއްކަމަކު އޭރުވެސް އޭނަގެ ޚިޔާލުތަކުގައި ދައުރުވަމުން ދިޔައީ ޒިހާނެވެ. ޒިހާން އޭނައަށްދޭ ފުރިހަމަ ހިނިތުންވުންތަކެވެ. ޒިހާން އޭނައަށް ގޮވާލާ ގޮތެވެ. ޒިހާން ލޯތްބާއެކީ އޭނައަށް ބޮސްދީ އޭނަ ގައިގައި ބައްދާލާ ގޮތެވެ.
އެ ހުރިހާ ކަންތައް ހަނދާން ކުރުމަށްފަހު އެންމެ ފަހުން އެދެމެދުގައި ދެކެވުނު ވާހަކަ ހަނދާންވުމުން ޔުނާގެ ދެބުމަ ކައިރިވިއެވެ. އޭނަ ބައްދަލުކުރަން މި ދަނީ ކާކާއިކަން ޒިހާނަށް ހާމަކޮށްނުދެވުނު ގޮތުން އެވަގުތު ވެސް އޭނަގެ ހިތް ދެރަވެފައިވިއެވެ. ޒިހާން އޭނައަށް މިއަދު އިތުބާރުކޮށް އެދެމެދުގައި މައްސަލަ ނުޖެހުނަސް މިފަދަ ކަންތައްތަކަކީ ކައިވެނީގެ ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަންތައްކަން ޔުނާއަށް އެނގެއެވެ. އެކަން އެނގުންވީ ވަގުތު ޖިނާހަށްޓަކައި އިތުރު ނަފްރަތެއް ހިތުގައި އުފެދުނެވެ. އޭނައާއި ޒިހާންގެ ގުޅުމަށް އެފަދަ އަސަރެއް ކުރިއްޔާ ކުރީ ޖިނާހުގެ ސަބަބުން ކަމަށްވުމުންނެވެ. މިރެއަށްފަހު އެ ނަން އޮޅުމަކުން ވިޔަސް އޭނައަށް ނުއިވޭނެ ގޮތެއްވުމަށް އުއްމީދު ކުރެވުނެވެ.
ޔުނާއަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކުން ފުދޭވަރަކަށް ދަތުރު ކުރެވިއްޖެކަން އެނގުމުންނެވެ. އެކަން އެނގުންވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.
“އަމް….ކިހާ ހިސާބަކުންތޯ އަޅުގަނޑާއި ކާރު ޙަވާލުކުރެވޭނީ؟ ޢާއްމު ގޮތެއްގައި ބްލޮކް 23 އާ ހިސާބުން މި ކާރު ދުއްވާ ޑްރައިވަރުން ފައިބައެއްނޫންތޯ؟” ޔުނާ ޑްރައިވާރސް ސީޓުގައި އިން މީހާއަށް ބަލަން އިނދެ އިނގިރޭސިން ސުވާލުކުރިއެވެ. ޔުނާ އެ ސުވާލުކޮށްލީ މިއީ އޭނަ ކުރީ ދުވަހު ގޮތަށް ކުއްޔަށް ހިފި ކާރަކަށްވީތީވެއެވެ. މި ކާރުތަކުގެ ވެރި އޭޖެންސީއަށް އިތުބާރު ކުރެވެނީ މިއީ އޭނަގެ އެކުވެރި އެމާ އޭނައަށް ތަޢާރަފު ކޮށްދިން އޭޖެންސީއަކަށް ވާތީވެއެވެ.
“ގެންގޮސްދޭނަން ދާން ބޭނުންވާ ތަނަކަށް. އެޑްރެސް ދައްކާ!” ޑްރައިވަރު ޔުނާއަށް ބެލުމެއްނެތި ސީރިއަސް އަޑަކުން އަދަބެއް ނެތް ގޮތަކަށް އިނގިރޭސިން އަމުރުކުރިއެވެ. އެކަމާމެދު ޔުނާ ހުއްޓުން އެރި ވަގުތު އެ ޑްރައިވަރަށް ރަނގަޅު ނަޒަރެއް ދެވުނެވެ. އެއްފަރާތުން އެ ޑްރައިވަރު ފެންނަމުން ދިޔައިރު އޭނަ ލައިގެން ހުރި ލެދާރ ޖެކެޓާއި ބޮލުގައި އަޅައިގެން ހުރި ތޮފި ފާހަގަވިއެވެ. ބަލާބެލުމަށް ނުރައްކާތެރި ގޮތެއް ހުރި ގޮތުން ޔުނާގެ ހިތް ބިރުގަންނަ ގޮތްވިއެވެ. އެހެނަސް އެ އިޙްސާސުގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ޔުނާ އޭނަގެ ފޯނު ނަގައި ޖިނާހުގެ މެސެޖު ހުޅުވާލަމުން އެޑްރެސް ކިޔައިދިނެވެ. ޑްރައިވަރު ވަކި އެއްޗެކޭ ނުބުނެ ހަމަ އެ އެޑްރެސް ޖީޕީއެސްއަށް އެޅީ ޔުނާ ބަލަން އިންދައެވެ. އެއަށްފަހު މިނެޓްތަކެއް ވަންދެން އެމީހާ ވަކި އެއްޗެކޭ ނުބުނެ ޖީޕީއެސްއާ އެއްގޮތަށް ދަތުރު ކުރަމުން ދިޔަ ގޮތުން ޔުނާ ހިސާބަކަށް ހިތްހަމަޖެހުނެވެ. އެ ހިނދު ދެންވެސް އެ ޑްރައިވަރާއި ސުވާލުކޮށްލަން ބޭނުންވިއެވެ. އޭނަ ކުއްޔަށް ހިފި ކާރު އޭނަ އެދޭ ގޮތަށް ނުދެވެންވީ ކީއްވެތޯ އަހަން ބޭނުންވިއެވެ. އެހެނަސް އޭގެ ނަތީޖާ ނިކުމެދާނެ ގޮތަކާއިމެދު ޖެހިލުންވުމުން ޔުނާ ހިމޭންކަން ޚިޔާރުކުރިއެވެ.
އެހެނަސް އެ ހިމޭންކަމަށް ނިމުމެއް އައީ އެ ޑްރައިވަރު ކުއްލި ގޮތަކަށް ގޯޅިއަކަށް އަޅައިލި ގޮތުންނެވެ. އެ ގޯޅިއަށް އެޅުމާއެކު އެ ދަނީ ނުބައި މަގަކުން ކަމަށް ޖީޕީއެސްއިން ބުނަން ފެށިއެވެ. ޔުނާ ހީކުރީ އެމީހާ ރަނގަޅު މަގަށް އަޅާނެ ކަމަށެވެ. އެހެނަސް އިރުކޮޅެއްވީއިރު ވެސް ބާރުވަމުން ދިޔަ ސްޕީޑަކާއެކީ ނުބައި މަގުން ދާން ފެށުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.
“މި ދެވެނީ ނުބައި މަގަކުންނޭ!” ޔުނާއަށް ބުނެލެވުނެވެ. އެހެނަސް އެ މީހާ ޔުނާއަށް ބަލާވެސް ނުލާ ކުރިއަށް ދިޔަގޮތުން ޔުނާގެ ހިތުގެ ތެޅުން އަވަސްވިއެވެ.
ޔުނާއަށް ނޭނގުނު ކަމަކީ އެމީހާއަށް އެވަގުތު އެކާރުގެ ފަހަތުން ޓެކްސީއެއް އަންނަމުން ދިޔަކަން ފާހަގަވީކަމެވެ. ރަނގަޅު ދެތިން ގޯޅިން އެޅި ވަގުތު އެ ޓެކްސީވެސް އެ ގޯޅިތަކުން އެޅިކަން ފާހަގަވީކަމެވެ. ކުއްލި ގޮތަކަށް އެހެން ގޯޅިއަކަށް އަޅައި ސްޕީޑް ބާރުކޮށްލީ އެ ޓެކްސީއިން ރެކެން ކަމަށެވެ. އެ ޓެކްސީގައި ހުރީ ކޮންމެ މީހަކަށް ވިޔަސް އޭނަ ކުރަން އުޅޭ ކަމެއް އެމީހަކަށް ދައްކަން އެ ޑްރައިވަރު ބޭނުން ނުވިފަދައެވެ. އެންމެ ފަހުން ޓެކްސީ ލޯމަތިން ގެއްލުމުން އެ ޑްރައިވަރު އަނެއްކާވެސް ޖީޕީއެސް ދައްކަމުން ދިޔަ މަގަށް އެޅިއެވެ. ހަމަ އެވަގުތު ފަހަތު ސީޓުގައި އިން ޔުނާގެ ޝަކުވާތަކަށް ވެސް ނިމުމެއް އައެވެ.
**
ރީތި ގަމީހަކާއި ފަޓުލޫނެއްގައި ތަނަކަށް ދާން ތައްޔާރުވެގެން ހަމީދު ގެއިން ނިކުންނަން ދިމާކުރި ވަގުތު އާދައިގެ މަތިން ދެ ހަށިފާރަވެރިން އޭނައާއި އެކީގައި ދާން އުޅުނެވެ. އެހެނަސް ހަމީދު އެމީހުން ގާތު ނައުމަށް އެދެމުން ގެއިން ނިކުތެވެ. އަދި ގޭގެ ގޯތި ތެރޭގައި ޕާކްކުރެވިފައިވި ކާރުތަކާއި ދިމާލަށް ދާން ފެށީ ފޯނުން މީހަކަށް ގުޅައި ކަންފަތުގައި ފޯނު ޖައްސަމުންނެވެ.
“ހެލޯ…..ޖިނާހު ކޮންތާކު؟” ހަމީދު ސުވާލުކުރިއެވެ.
“މި ދެން ހަމަ ހުރީ….ކުއްޖެއްގެ އިންތިޒާރުގަ ތަނެއްގަ މަޑުކޮށްލައިގެން.” ޖިނާހު އެހެން ބުނެލީ ފުދޭވަރަކަށް އަނދިރި ތަނެއްގައި މަޑުކޮށްގެން ހުރެއެވެ.
“ތި ތަނަކުން މަ މި ފޮނުވާ އެޑްރެހަށް އާދޭ! މިރޭ އެ އަންހެނާގެ ނިމުން ގެންނަން މިއުޅެނީ. އެހާ ހިސާބުން ޔަޒްދާންގެ މަރާއިމެދު ވެސް އިތުރަށް ވާހަކަ ދައްކާނެ މީހެއް ނުހުންނާނެ. އެ ތަޙުޤީޤުގެ ކަންތައް އެއީ އާދައިގެ އެކްސިޑެންޓެއްގެ ގޮތުގަ ނިންމުވުގެ މަސައްކަތް ވެސް އެބަކުރަން….މި ވަގުތު އޭނަ އިނީ އަހަރެންގެ މީހެއްގެ ކާރުގަ. އޭނަގެ އެކުވެރިންގެ ތެރެއިން އަހަރެން ދަންނަ އަންހެނަކަށް ލާރި ދީގެން އެކަންކުރީ. ކާރުގަ ހުރި ޑްރައިވަރު މަންޖެ އެބަ ގެންދޭ އެ މަންޖެ ބޭނުންވާ ތަނަކަށް. އެ ތަނަކީ އެކަހަލަ ކަމެއް ހިންގަން ރަނގަޅު ތަނެއްކަމަށް ޑްރައިވަރު ބުނީ. އެ މަންޖެ އެ ކަހަލަ ފަޅު ތަނަކަށް ދާނީ ކީއްވެބާ؟” ހަމީދު ކާރާއި ދިމާލަށް ދަމުން އަމިއްލަ އަމިއްލައަށް ކަހަލަ ގޮތަކަށް ސުވާލުކުރިއެވެ.
“މީހަކު ދަޢުވަތު ދިނީމަ ކަމަށްވެސް ވެދާނެދޯ؟” ޖިނާހު ރާގަކަށް އެހެން ބުނެލީ އެއްމިޔަކަނުގެ ހިނިތުންވުމަކާއި އެކީގައެވެ.
“ޖިނާހު ބުނެގެންތަ އޭނަ އެ ދަނީ؟ ޖިނާހު ކައިރިއަށް އަންނަން އޭނަ އެއްބަސްވީތަ؟” ހަމީދު ފިޔަވަޅުތައް މަޑުޖައްސާލަމުން އަހާލިއެވެ. މިހާތަނަށް އައިއިރު އޭނަ ޔުނާއާއިމެދު ކަމެއް ކުރަން ޖެހިލުންވެފައިވީ އެއީ ޒިހާންގެ އަނބިމީހާއަށްވީތީވެއެވެ. ޒިހާން ޔުނާދެކެ ލޯބިވާނެކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ. އެހެނަސް މި އިވުނު ވާހަކައިން ޔުނާއަކީ ޒިހާނަށް އެންމެ އެކަށީގެންވާ އަންހެން ކުއްޖާ ނޫންހެން ހީވާން ފެށިއެވެ.
“އާނ މަ ބުނެގެން އޭނަ އަންނަނީ. ފުރަތަމަ ލޯބިވެރިޔާ ހަނދާން ނައްތާލުމަކީ އެއްވެސް އަންހެން ކުއްޖަކަށް ފަސޭހަކަމެއް ނޫންދޯ؟” ޖިނާހުގެ ނުލަފާ ރާގަކަށް އެހެން ބުނެލީ ދެ ސަބަބަކާއި ހެދިއެވެ. އޭނަ ޒިހާނަށް ގޮތެއް ހަދާނެކަމަށް ބުނެ ބިރުދެއްކި ވާހަކަ ހަމީދުބެ ގާތު ބުނެފިނަމަ އޭނައަށް ފަހުމްނުވާ ސަބަބަކާހުރެ ހަމީދުބެ ނުރުހުންވާނެކަން އެނގޭތީވެއެވެ. އަދި އަމުދުން ޔުނާ އޭނައާއިހެދި އަދިވެސް އުޅޭކަމަށް ޚުދު އަމިއްލަ ނަފްސަށް ވިސްނައިދިނުމަށް ވެސްމެއެވެ.
“ފިރިމީހާއަށް ޤަދަރުކުރުމެއްވެސް ނެތް އަންހެނެއްތާދޯ؟ އެނގިދާނެތާ! ޖިނާހުވެސް ތިތާ މަންޒަރު ބަލަން ހުރޭ. ތި ކުރަން އުޅޭ ކަމެއް ވީހާވެސް އަވަހަކަށް ކޮށް ނިންމާފަ އަންގާ. އޭރުން މަ އޭނަގެ ދުވަސް ދުއްވާލާނަން.” ހަމީދު އަނެއްކާވެސް ހިނގައިގަންނަމުން އެހެން ބުނެލީ ޔުނާއަށްޓަކައި ހިތުގައި އިތުރު ރުޅިވެރިކަމެއް އުފެދިފައިވާ ހާލުގައެވެ. އެކޮޅުން ޖިނާހު އެންމެ ރަނގަޅޭ ބުނެލުމުން ހަމީދު ފޯނު ކަނޑާލުމަށްފަހު ކާރަށް އަރައި ދޮރު ލައްޕާލީވެސް ރުޅިވެރިކަމާއި އެކީގައެވެ.
**
20 ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ޔުނާ ދަތުރުކުރަމުން ދިޔަ ކާރު މަޑުކޮށްލީ ފަޅު ހިސާބެއްގައެވެ. ކުޑަދޮރުން ބޭރުން ފެނިގެން ދިޔައީ އުސްކޮށް ނަގާފައިވި ސިމެންތި ފާރުތަކެވެ. އެ ފާރުތަކުގައި ކުލަ ނުލެވި ބައެއް ތަންތަނުން ކަނޑަކަނޑައިގެން ގޮސްފައިވުމުން އެއީ ނިމިފައިނުވާ ޢިމާރާތެއްކަން ޔުނާއަށް ނަގައިގަނެވުނެވެ. މުޅި އެ ޞަރަޙައްދުގައިވެސް އަލިކަމެއްވީ އެ އިމާރާތުގެ ކުރިމަތީގައި ހަރުކުރެވިފައިވި އެންމެ ބޮކި ދަނޑިއެއްގެ އަލިންނެވެ.
މި އާދެވުނީ ނުބައި މަންޒިލަކަށްހެން ފުރަތަމަ ސިކުންތުކޮޅުގައި ޔުނާއަށް ހީވިއެވެ. އެހެނަސް ޖީޕީއެސްއިން ވެސް ފެންނަމުން ދިޔަ ގޮތުގައި މި އާދެވުނީ ޔުނާ ބުނި މަންޒިލަށެވެ. ޖިނާހު އޭނަ މިފަދަ ތަނަކަށް ގެންނާނީ ކީއްކުރަންތޯ ހިތް ސުވާލުކުރި ވަގުތު ވެސް ނުތަނަވަސްކަމުން އެ ހިތް ވަށާލެވިގެން ދިޔައެވެ.
“ނުފައިބަނީތަ؟” އެ ޑްރައިވަރު ސުވާލުކުރިއެވެ. އެއާއެކު ހަމަ ހޭވެރިކަމެއް ލިބުނު ޔުނާ ޖެހިލުންވުމަކާއެކީ އާނއެކޭ ބުނަމުން އެ ޑްރައިވަރާއި ފައިސާ ހަވާލުކުރުމަށްފަހު ކާރުން ފޭބިއެވެ. ޔުނާ ހީކުރީ އޭނަ ފޭބުމާއެކު އެ ކާރު އެތަނުން ދާން ދުއްވާލާނެ ކަމަށެވެ. އެހެނަސް ޔުނާ ފޭބުމަށްފަހު ޖެހިލުންވުމަކާއެކީ ހިނގަން ފެށުމުން ވެސް އެ ކާރު އެތާ އޮތީއެވެ. އެކަމާމެދު ޔުނާ ހިސާބަކަށް ހިތްހަމަޖެހުނެވެ. އެއްވެސް ގޯސްކަމެއް ހިނގަން ފަށައިފިނަމަ އޭނައަށް އެ ކާރަށް އަރައިގެން ފިލޭނެކަމަށް ނިންމުނެވެ. އެ ކާރު ތެރޭގައި އިނީ ކޮން ނިޔަތެއްގައި ހުރި މީހެއްކަން ޔުނާއަށް ރޭކާވެސް ނުލައެވެ.
“އަނހަ! ޔުނޫ ތި އައީދޯ؟” އެއްފަރާތަކުން އައި ޖިނާހުގެ އަޑު އިވިފައި ޔުނާއަށް އެދިމާލަށް ބަލައިލެވުނެވެ. އެ ހިނދު ޖިނާހު ފުރިހަމަ ހިނިތުންވުމަކާއެކީ އޭނައާއި ދިމާލަށް އަންނަމުން ދިޔައެވެ. ޖިނާހު އޭނައަށް ގޮވާލި ނަމުން މާޒީގެ ހަނދާންތައް އާވެގެން ދިޔަދިޔަހެން ޔުނާގެ މޭ ނުބައި ކުރިއެވެ. ހަމަ އެވަގުތު ޖިނާހު އައިސް އޭނަގެ ކުރިމަތީގައި މަޑުކޮށްލިއެވެ.
“ލޯންގް ޓައިމް ނޯ ސީ، ލަވް!” ޖިނާހު އެހެން ބުނެ ޔުނާގެ ގައިގައި ބައްދާލަން އުޅުނެވެ. އެހެނަސް ޔުނާ އޭގެ ކުރިން ފަހަތަށް ފިޔަވަޅެއް އަޅާލުމުން ޖިނާހުގެ ހަރަކާތްތައް މަޑުޖެހުނެވެ.
“ކީއްކުރަން ޖިނާހު ބައްދަލުކުރަން ބޭނުންވީ؟ ވީހާވެސް ކުރުކޮށް ތި ދައްކާ ވާހަކައެއް ދައްކާލިއްޔާ ރަނގަޅު. އަހަރެން ގެއަށްދާން ބޭނުން ވީހާވެސް އަވަހަކަށް.” ޔުނާ ސީރިއަސްކަމާއެކީ ބުނެލިއެވެ.
“އޫ…..ހަރުކަށި ފިރިއެއްގެ އަތްދަށު ވީމަ ވާގޮތްދޯ؟ މިހާރުވެސް މަށާއި އިންނަމަ ތިހެން ނުވީހޭ. ރޭގަނޑު ލަހުން ގެއަށް އަޔަސް އޯކޭކޮށްފަ އަހަރެން ބާއްވާނީ. އަދި ފިރިހެނެއް ގައިގަ ބައްދާލިޔަސް އެއީ މައްސަލައެއް ނޫނެއްނު؟” ޖިނާހު ޔުނާ އިތުރަށް ފޫހި ކުރުވި ރާގަކަށް ވާހަކަ ދެއްކިއެވެ.
“ނޫނޭ…އެއީ މައްސަލައެއް. ޚުދު އަހަރެން ވެސް ހިތްހަމައެއްނުޖެހޭނެ އަހަރެންގެ ފިރިމީހާ އެހެން އަންހެނެއް ގައިގަ ބައްދާލާކަށް. ވީއިރު އަހަރެންވެސް ހިލޭ ފިރިހެނަކާއި ގައިގޯޅިވާން ގަޞްދެއް ނުކުރާނަން. އަހަރެންގެ ފިރިމީހާ އަހަންނަށް އެފަދަ ގޮތަކަށް ބޭވަފާތެރި ނުވެސް ވާނެ. ވީއިރު އަހަރެން ވެސް އޭނައަށް ބޭވަފާތެރިއެއް ނުވާނަން އިން ޝާ ﷲ!” ޔުނާ ސާބިތުކަމާއެކީ ބުނެލި ވާހަކައިން ޖިނާހު ކިތަންމެ ބޭނުމެއް ނުވިޔަސް އެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވެގެން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އެ އިޙްސާސުގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ޖިނާހު ހިނިތުންވުމެއް ފަތުރާލިއެވެ.
“އެންމެ ރަނގަޅު…ޔުނޫ ޖެހޭނީ އަހަންނާއެކީގަ އެހެރަ ގެއަށް ދާން. ހަމަ ކުޑައިރުކޮޅަކަށް ވާހަކަ ދައްކާފަ ޔުނޫ ދިޔަ ދޭނަން. އެންމެ ރަނގަޅު؟” ޖިނާހު އެހިއެވެ. ޔުނާ ޖިނާހު ޢިޝާރާތް ކުރި ދިމާލަށް ބަލައިލިއެވެ. ހެދިފައިވި އުސް ފާރުތަކުގެ ވާތް ފަރާތުގައި ރީއްޗަށް ހެދިފައިވި މެދުމިނުގެ ގެއެއްވިއެވެ. ޔުނާ އެއްފަހަރު އެ ގެއަށް އަނެއްފަހަރު ޖިނާހަށް ބަލައިލަމުން ވިސްނާލިއެވެ. ފުރަތަމަ ސިކުންތުގައި އިންކާރު ކުރަން ބޭނުންވިއެވެ. އެހެނަސް އެއިން އޭނައާއި ޖިނާހުގެ ވާހަކަ ދިގުވުން ނޫންކަމެއް ނުވާނެކަން ދަނެގެން ޔުނާ އެގެއާއި ދިމާލަށް ދާން ފެށީ އެހެން ގޮތެއް ޚިޔާލު ކުރަމުންނެވެ. އަތުގައި އެޅުވިފައިވި އަތް ދަބަސް ތެރެއިން ޔުނާ ފޯނު ނެގީ ވަގުތުން ޒިހާނަށް މެސެޖެއްވިޔަސް ކޮށްލުމަށް ނިންމަމުންނެވެ. އެހެނަސް އެހާ ހިސާބަށް ފޯނުގެ ނެޓްވޯކް ނުލިބޭކަން އެނގުންވީ ހިނދު ޔުނާގެ އަތް ފިނިވެގެން ދިޔައެވެ. ހިތް ބިރުގަތެއް ކަމަކު ޔުނާ އެކަން ފޮރުވަން މަސައްކަތް ކުރަމުން ފޯނު އަތް ދަބަހަށް އަޅައިލިއެވެ. އޭނަ ފޮރުވަން އުޅުނެއްކަމަކު އޭނަގެ ފަހަތުން އަންނަމުން ދިޔަ ޖިނާހަށް ދެންމެ ކަންތައްވީ ގޮތް ޔަޤީންވުމުން އޭނަގެ ތުންފަތްމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
ޔުނާއާއި ޖިނާހު އެކުއެކީގައި ގޮސް އެތާހުރި ގެއަށް ވަން މަންޒަރު ބަލަން އިނދެފައި އެތާއޮތް ކާރުގައި އިން ޑްރައިވަރު ޑިކީ ހުޅުވާ ބަޓަނަށް ފިތާލުމަށްފަހު ކާރުން ފޭބިއެވެ. ކާރުގެ ދޮރު ލައްޕާލުމަށްފަހު އެމީހާ ކާރުގެ ފަހަތަށް ގޮސް ޑިކީ ހުޅުވާލިއެވެ. އެއަށްފަހު ޑިކީގެ ތެރޭގައި އޮތް ދިގު ބަޑިއެއް ނަގައި ޑިކީ ލައްޕައިލިއެވެ.
ޖިނާހާއިއެކީ ޔުނާ ގޮސް ވަން ގެ ވެގެން ދިޔައީ ޔުނާ ހީކުރި ވަރަށްވުރެ ތަނަވަސް އަދި ރީތި ގޮތަކަށް ހެދިފައިވި ގެއަކަށެވެ. ގޭގެ ތެރެއަށް ވަންތަނާހެން ފެނިގެން ދިޔައީ މާބްލް ޓައިލްސް ޖެހިފައިވި ކުޑަ ހޯލެކެވެ. މުޅި އެ ހޯލަށް ފަނޑު އޮރެންޖު ކުލައިގެ އައްޔެއް ވެރިކުރުވިފައިވީއިރު ހޯލުގެ މެދުގައި ދެމީހުންނަށް އިށީނދެވޭ ގޮތަށް މޭޒެއްވިއެވެ. އެ މޭޒުގައި މަތިޖެހިފައިވި ތަށިތައް ހުރިގޮތުން އެއީ ކެއުމެއްކަން އެނގުނެވެ. އެތާގެ މަތިން ފުރާޅު ފެންނަމުން ދިޔައިރު ފުރާޅުގެ ދެ ފަރާތުގައި ވެސް ފުޅާ ދެ ކުޑަދޮރު ހުރި ގޮތުން އުޑުގައިވި ތަރިތައް އެތެރޭގައި ތިބިއިރު ވެސް ފެންނަމުން ދިޔައެވެ.
“ރީތި ތަނެއްދޯ؟ އަހަރުމެން ޑޭޓް ކުރިއިރު ވެސް ޔުނޫ މިތަނަށް ގެންނަން އުޅުނީމޭ. އެކަމަކު ޔުނޫ ބިޒީ ބިޒީއޭ ކިޔާތީ ހަމަ ނުގެނެވުނީ. ޓޫ ބޭޑް ދޯ؟” ޔުނާ ވަށައިގެން ނަޒަރުތަކެއް ދެމުން ދަނިކޮށް ޖިނާހު ވާހަކަތައް ދައްކަމުން ކުރިއަށް ދިޔައެވެ. ޖިނާހު ހިނގަމުން ދިޔަ ވަރަކަށް ޔުނާއަށް ވެސް ފަހަތުން ހިނގެމުން ދިޔައީ ބޭއިޚްތިޔާރުގައެވެ. އެހެނަސް ޖިނާހު ދެއްކި ވާހަކަތަކުން ވީ ފޫއްސާއެކީ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އެހިނދު ޔުނާއަށް ހުރެވުނީ މޭޒުގެ ކައިރީގައެވެ. އޭރު ޖިނާހު މޭޒުގެ މެދުގައި ބެހެއްޓިފައި ހުރި ފުޅިއެއް ނަގައި ބަންޑުން މޭޒުމަތީގައި ބެހެއްޓިފައި ހުރި ބިއްލޫރި ތަށި ސީދާ ކުރިއެވެ. އެއަށްފަހު އަތުގައި ހުރި ފުޅިން އެ ތަށްޓަށް ބުއިމެއް އަޅަން ފެށިއެވެ.
“ލެޓްސް ހޭވް އަ ޑްރިންކް ދޯ؟ ފޯ ދި އޯލްޑް ޓައިމްސް….” ޖިނާހު ފުޅި ބަހައްޓަމުން ބުއިން ހުރި ތަށި ނަގައި ޔުނާއަށް ދިއްކޮށްލިއެވެ. ޔުނާ އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ޖިނާހު ދޭހާ އެއްޗެއް ހޯދާހާ ގަމާރެއް ނޫން އަހަރެން. ތި ދޭ ބުއިމެއް ބޯކަށް ނެތިން އަހަރެން. ޖިނާހާއެކީ އެއްމޭޒެއްގެ ދޮށުގަ އިށީންނާކަށް ވެސް ނެތިން. ޖިނާހު އަހަންނާ އެކީގަ ކުރަން އުޅުނީ މި ކަންތައް ވިއްޔާ އަހަރެން ހުންނާކަށް ބޭނުމެއްނޫން. އަހަރެންގެ ފިރިމީހާ ހުންނާނީ މިހާރު އަހަރެންގެ އިންތިޒާރުގަ. އެހެންވީމަ ވަރަށް ސަލާމް!” ޔުނާ އެހެން ބުނެފައި ކުއްލި ގޮތަކަށް ފަސްއެނބުރިލަމުން ދާން އުޅުނެވެ. އެހިނދު ޖިނާހު އަތުގައި ހުރި ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ލައިގެން ހުރި ކޯޓުގެ ތެރެއިން ފިސްތޯލެއް ނެގިއެވެ. އަދި ދިގު ދެތިން ފިޔަވަޅު އެޅުމަށްފަހު އެ ފިސްތޯލު ޔުނާގެ ބުރަކަށީގައި ޖެއްސިއެވެ. ކުރެވުނު އިޙްސާސާއެކީ އިސާހިތަކު ޔުނާއަށް ފިޔަވަޅުތައް މަޑު ޖައްސާލެވުނެވެ. އެއީ ކޯޗެއްގެ އިޙްސާސްކަން ނަގައިގަނެވުނު ވަގުތު ހިތް ބާރަށް ތެޅެން ފެށިއެވެ.
“އިތުރަށް އެންމެ ފިޔަވަޅެއް އަޅައިފިއްޔާ ވެސް މިއީ ޔުނާގެ އެންމެ ފަހު ދުވަހަށް ވެދާނެ. ޓު ބީ އޮނެސްޓް މި ތަނުން ބޭރަށް ގޮއްސިއްޔާ ވެސް ޔުނާގެ ދުވަސް ދިޔުން ވަރަށް ގާތް. އަހަރެން އެކަނި ނޫންވިއްޔާ ޔުނާގެ ނިމުން ގެންނަން މަސައްކަތް ކުރަނީ މިރޭ…..އެކަމަކު ބުނަން، އަހަރެން ނެތިން ޔުނޫ ވަގުތުން މަރާލާކަށް. ޔުނޫ އަހަރެންގެ އެދޭ އެދުމެއް ފުރިހަމަ ކޮށްދިނިއްޔާ ފަހަރެއްގަ އަދި ދުވަސްކޮޅެއް ވަންދެން ދެން ހުރި މީހެއްގެ ކިބައިން ވެސް ޔުނޫ ރައްކާތެރިކޮށްދޭނަން….” ޖިނާހު ޔުނާއާއި ކައިރިވަމުން ދެންވެސް ފިސްތޯލު ޖައްސައިގެން ހުރެ ވާހަކަ ދެއްކިއެވެ.
“ކް….ކޮން އެދުމެއް؟” ޔުނާ ދުވަހަކުވެސް ބިރުނުގަންނަހާ ވަރަށް ބިރުގެންފައި ހުރެ އެހިއެވެ. އެހިނދު މުޅި މީހާ ތުރުތުރ އަޅަމުން ދިޔައިރު ލޮލަށް ކަރުނަތައް ވެސް ޖަމާވެފައިވިއެވެ. ޔުނާ ބަލަން ހުރެހުރެފައި ޖިނާހު ޔުނާގެ ކުރިމައްޗަށް އަންނަމުން ފިސްތޯލު ޔުނާއާއި ދިމާލަށް ދިއްކޮށްލިއެވެ.
“އެހެރަ ކޮޓަރިއަށް ގޮއްސަ އަހަންނާ އެކީގަ ރެއެއް ހޭދަކުރަންވީ….” ޖިނާހު އެއްފަރާތަކުން ފެންނަމުން ދިޔަ ދޮރަށް ބޮލުން ޢިޝާރާތްކުރަމުން ބުނެލިއެވެ. އެހިނދު ލިބުނު ޝޮކާއި އައި ރުޅީގައި ޔުނާއަށް ޖިނާހާއި ދިމާލަށް ބަލައިލެވުނީ ބުމަގޮށްޖެހި ދެއަތް މުއްކެވިފައިވާ ޙާލުގައެވެ. ރުޅި ގަދަވެގެން ދިޔުމުގެ ސަބަބުން އެތަކެއްޗެއް އެއްފަހަރާ ބުނަން ބޭނުންވި ހިނދު ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޔުނާއަށް ހިމޭނުން ހުރެވުނެވެ. އެ ހިމޭންކަން ފެނިފައި އޭނަ ކާމިޔާބުވީއޭ ހިތައި ޖިނާހަށް ހިނިތުންވެލެވުނެވެ.
“ދެޓްސް ރައިޓް! ޔުނާއަށް އޮތީ މި ދެގޮތް. އެއްގޮތަކީ އަހަންނާ އެކީގަ އެ ކޮޓަރިއަށް ދިޔުން. އަނެއް ގޮތަކީ މި ހުރި ތަނަށް މަރުވުން. ގޮތެއް ޚިޔާރުކުރަން އަހަރެން ދޭނަން ވަގުތުކޮޅެއް….މާ އުދަގޫ ނިންމުމެއް ނޫން ކަންނޭނގެދޯ؟ އަޅެ ތެދުތެދަށް ބުނެބަލަ. ޔުނާ ބޭނުމެއްނުވޭތަ އަހަރެން ކަހަލަ މީހަކާއެކީ އެއްކޮޓަރިއެއްގަ….އެއް އެނދެއްގަ….އަހަރެންގެ އަތުތެރޭ…..” ޖިނާހު ޔުނާއާއި ދިމާލަށް ފިޔަވަޅުތައް އަޅަމުން ބުނަމުން ދިޔަ ބަސްތައް މެދުކެނޑުނެވެ.
“މަރާލާ!” ޔުނާ ތުރުތުރު އަޅާ ހަރު އަޑަކުން އެހެން ބުނެލިއިރު މެރިފައިވި ދެލޮލުގެ ދޭތެރެއިން ކަރުނަތައް ފައިބައިގެން އައެވެ. ޔުނާ ބުނި އެއްޗަކުން ލިބުނު ޝޮކުގައި އިސާހިތަކު ޖިނާހުގެ ހިނިތުންވުން ފިލައިދިޔައެވެ. ޖިނާހު ބަލަބަލާ ހުއްޓާ ޔުނާ ލޯ ހުޅުވާލަމުން ވާހަކަ ދެއްކިއެވެ.
“ބޭނުމެއްނޫން……ޒިހާންގެ މަޤާމު އެހެން އެއްވެސް މީހަކަށް ދޭކަށް ބޭނުމެއްނޫން. ޒިހާން ދެރަ ކުރާކަށް ބޭނުމެއްނޫން. އަހަރެން ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގަ ވަނިކޮށް އެ ހިތާމައިން އަރައިގަންނަން އަހަންނަށް އެހީވެދިނީ ޒިހާން. އަހަރެން ޒިހާންދެކެ ލޯބިނުވާއިރު ވެސް އަހަންނަށް ލޯބިދިނީ ޒިހާން. ޒިހާން އަމިއްލައަށް ދެރަވި ދުވަސްތަކުގަވެސް އަހަރެން ހިނިތުންވެހުރޭތޯ ޔަޤީންކުރީ ޒިހާން. ވީއިރު އަހަންނަށް ޒިހާނަށް އެހާބޮޑު ހިތާމައެއް ނުދެވޭނެ. ދިރި ނުއުޅެވޭނެ އޮޅުމަކުން ވިޔަސް ޒިހާނަށް އެފަދަ ހިތާމައެއް ދެވިއްޖެއްޔާ. އަހަންނަށް ކެތެއް ނުކުރެވޭނެ ޒިހާން ވޭނުގަ އުޅޭތަން ދެކެން.” ޔުނާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުއިރު ރަނގަޅަށް ރޮވިފައިވިއެވެ. ޒިހާނަށްޓަކައި އޭނަގެ ހިތުގައިވި އިޙްސާސްތަކުގެ ވަރުގަދަކަން ޔުނާއަށް އެނގުންވީ އެ ވަގުތެވެ. ނޭނގި ނަމަވެސް އެ އިޙްސާސްތައް އޭނަގެ ހިތުތެރޭގައި ހެދިފޯދިގެން ގޮއްސިތާއޭ ހިތަށްއެރިއެވެ. އެހެނަސް އެ އިޙްސާސްތައް ޒިހާނަށް ހާމަކޮށްދިނުމުގެ ފުރުޞަތެއް އޭނައަށް ލިބޭނެބާއޭ ޔުނާގެ ހިތަށްއެރީ ކުރިމަތިން ފެންނަމުން ދިޔަ ފިސްތޯލު އޭނަގެ މޫނާއި ދިމާލަށް އަމާޒުވެވުނު ވަގުތެވެ.
“މިއީ ޔުނާ އަމިއްލައަށް ނިންމި ނިންމުމެއް.” ޖިނާހު އެހެން ބުނެލީ ފިސްތޯލުގެ މަތީ ބަޔަށް ދަމާލަމުން ވަޒަނެއް ފޮނުވަން ތައްޔާރުވަމުންނެވެ. ޖިނާހު ޓްރިގަރަށް ދަމާލަން އުޅުނު ވަގުތު ކުއްލިއަކަށް އެ ގޭގެ މައިދޮރުގެ ތަޅުގައި މީހަކު ބާރަށް ހިފައި ހުޅުވަން އުޅުނު އަޑު އިވުނެވެ. އެއާއެކު ޖިނާހާއި ޔުނާގެ ނަޒަރުވެސް އެދިމާލަށް ދަތުރުކުރިއެވެ. އެ ދޮރު ތަޅުލާފައި ވުމުން ދޮރު ނުހުޅުވުމުން އެމީހަކު ބާރުބާރަށް އެ ދޮރުގައި ތަޅަން ފެށިއެވެ. އެ ތެޅުމުގައި އެމީހެއްގެ ހުރި ރުޅިވެރިކަން ޖިނާހާއެކީ ޔުނާއަށް ވެސް ފާހަގަވިއެވެ.
“ކާކު މޮޔަވެގެން އުޅެނީ؟! ބޮޑު…..” ޖިނާހު ހަރުއަޑުން ނުބައި އެއްޗެހި ގޮވަމުން ދޮރު ކައިރިއަށް ދިޔައެވެ. އެއަށްފަހު ދޮރުގައި ހުރި ލޯވަޅުން ބޭރުގައި ހުރި މީހަކު ފެނޭތޯ ބެލިއެވެ. އެހެނަސް ޖިނާހަށް ހައިރާންކަމެއް ލިބުނީ ބޭރު ބަލައިލުމުން ވެސް ބޭރުން މީހަކު ނުފެނުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް ދޮރު ހުޅުވާލަން ޖިނާހު ޚިޔާލުކުރިއެއްކަމަކު އެ ވާނީ ކާކަށްކަމުގެ ކުޑަ ހިލަމެއް އޭނައަށްވިއެވެ. އެއާއެކު އެމީހަކަށް ދައްކާލަން ވިޔަސް އޭނަ ކޮންމެހެން ޔުނާއާއި ކައިރިވާން ބޭނުންވިއެވެ. ސިކުނޑިއަށް ވެރިވި ނުލަފާ ޚިޔާލުތަކާއެކީ އެތެރެއަށް ވަންނަން ދިޔަ ވަގުތު ޖިނާހު އަތުގައި އޮތް ފިސްތޯލު އެއްފަރާތަކަށް އުކަމުން ދިގު ފިޔަވަޅުތަކެއްގައި ޔުނާގެ ކައިރިއަށް ދާންފެށިއެވެ.
“ޔުނޫ އެ މަތިން ހަނދާން ނައްތާލާފަ އަހަރެން ކައިރިއަށް އާދޭ….ނިކަން އަވަސްކޮށްލަން ހިނގާ ދެމީހުން…” ޖިނާހު ހިތުން އޭނަގެ ވާހަކައިގެ ރާގުވެސް ބަދަލުކޮށްލީ ބޭރުގައި ހުރި މީހަކަށް އިއްވުމަށެވެ.
“ޖިނާހު…..ކް….ކައިރި ނުވާތި އަހަންނާ….” ޔުނާ ޖިނާހު ކައިރިވަމުން ދިޔަ ވަރަކަށް އަވަސްއަވަހަށް ފަހަތަށް ޖެހެމުން ބުނެލިއެވެ. އެންމެ ފަހުން ޔުނާ ގޮސް ފާރުގައި ޖެހުމުން އިތުރަށް ފަހަތަކަށް ނުދެވުނެވެ. އެވަގުތު ޖިނާހު ލަސްލަހުން ޔުނާއާއި ކައިރިވާން ފެށި ހިނދު ޔުނާއަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. ޖިނާހު ހަމަހޭ ގެއްލިފައިވި ފަދައަކުން ޔުނާގެ މޫނުގައި ހިފަހައްޓާލަން އުޅުނު ވަގުތު މިފަހަރު ފުރާޅުމަތީގައި ބޮޑު އެއްޗެއް އައިސް ޖެހުނު އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ފުރާޅުގައި ހުރި ކުޑަދޮރު ހުޅުވި އެ ކުޑަދޮރުގެ ދޭތެރެއިން މީހަކު ގޭގެ ތެރެއަށް ފުއްމާލިއެވެ. އެމީހަކު ފަރިތަކަމާއެކީ ފައިމައްޗަށް ތެދުވެ އިސްއުފުލާލަމުން އޭނައަށް ބަލަން ތިބި ދެމީހުންނަށް ބަލައިލިއެވެ. އެއީ ޒިހާން ނޫން ދެވަނަ މީހެއް ނޫނެވެ.
“އަންހެން ކުއްޖަކު ސާފު ބަހުން އިންކާރުކުރީމަވެސް އެކަން ދޭހަކުރަން ނޭނގޭނީ ގަމާރަކަށް ކަންނޭނގެ ދޯ؟” ޒިހާންގެ ރުޅިވެރި ނަޒަރު ޖިނާހަށް އަމާޒުވިއެވެ. އެހިނދު ޔުނާއަށް ކަރުނަތަކުގެ ތެރެއިން ހިނިތުންވެލެވުނު ވަގުތު ޒިހާންގެ ނަން ކިޔާލެވުނެވެ. އެ މަންޒަރާއެކީ ދެންމެ ޒިހާން ބުނެލި ބަސްތަކަކުން އައި ރުޅީގައި ޖިނާހު ދަތްކުނޑި ވިކަމުން ގޮސް ޒިހާންގެ ގިރުވޯނުގައި ހިފަހައްޓާލިއެވެ. ބަދަލުގައި ޒިހާން ކުރީ ދުވަހުހެން ޖިނާހުގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލިއެވެ. މިފަހަރު ޖިނާހު ބިންމައްޗަށް ނުވެއްޓުނީ އެކަމަށް ތައްޔާރުވެގެން ހުރީތީވެއެވެ. އޭގެ ބަދަލެއްގެ ގޮތުން ޖިނާހުވެސް ޒިހާންގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލަން އުޅުނެވެ. އެހެނަސް ޒިހާން ޚުޝިޔާރުކަމާއެކީ އެ ޙަމަލާއިން ރެކުނެވެ. އަދި އޭނަގެ ފައިން ޖިނާހުގެ ފަޔަށް ޙަމަލާ ދިނުމުން އެ ފަހަރު ވެސް ޖިނާހު ބަލިކަށި ވާ ގޮތްވިއެވެ.
މިފަދައިން މިނެޓްތަކެއް ހިނގިއެވެ. މަންޒަރު ބަލަން ހުރި ޔުނާއަށް ދޭތެރެދޭތެރެއިން ޒިހާނަށް ގޮވެމުން ދިޔައީ ޒިހާނާއިމެދު ކަންބޮޑުވުމުންނެވެ. އެކަމާއިމެދު ވެސް ޖިނާހު އިތުރަށް ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ. އެންމެ ފަހުން ދެމީހުން ތަޅަމުން ގޮސް އެ ހޯލުގެ ކަނާއި ހަމައަށް ދިޔައިރު ޒިހާންގެ ވެސް ތުންފަތާއި ދިމާލުން ނޫފަން ގަނެފައިވީއިރު ޖިނާހުގެ ނޭފަތުން ލޭ އަންނަން ފަށައިފިއެވެ. އެހާ ހިސާބަށް ދިޔަ ހިނދު އެތާނގައި އޮތް ފިސްތޯލު ދެމީހުންނަށް ވެސް ފެނިގެން ދިޔައީ އެކުއެކީގައެވެ. އޭތި ނަގަން ތިރިވީ ވެސް ދެމީހުން އެކުއެކީގައެވެ. އެހެނަސް ފިސްތޯލު ނެގޭ ގޮތްވީ ޒިހާނަށެވެ. އެއާއެކު ޖިނާހު ހިމޭންވެ އޭނަގެ އަތް މައްޗަށް ނެގިގެން ދިޔައެވެ.
“ދެންވެސް އަހަންނާ އަހަރެންގެ އަންހެނުންނާ ބެހެން ޚިޔާލުވެސް ނުކުރާތި!” ޒިހާން އިންޒާރެއް ދިނެވެ. އެއާއިއެކު ޖިނާހު އަނެއްކާވެސް ނުބައި ބަހެއް ކިޔާލިއެވެ. ޒިހާން ވަކި އަޅާލުމެއް ނެތި ދުރުގައި ހުރި ޔުނާ ގާތު އަންނާށޭ ބުނެލީ ދެންވެސް ޖިނާހަށް ފިސްތޯލު ދިއްކޮށްގެން ހުރެއެވެ. ޔުނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޒިހާންގެ ކައިރިއަށް ދިޔައެވެ. އަދި ޒިހާންގެ މޫނުގައިވި ޒަޚަމްތަކުގައި ފިރުމައި ތަދުވޭތޯ އަހަން ފެށިއެވެ. ޒިހާން ގެއަށް ހިނގާށޭ ބުނަމުން ޔުނާގެ ކޮނޑުގައި ހިފަހައްޓާލަމުން އެގެއިން ނިކުތީ ޖިނާހަށް ފަހު ނަޒަރެއް ދެމުންނެވެ. ޔުނާއާއި ޒިހާން އެކުއެކީގައި އެ އަނދިރި މާޙައުލަށް ނިކުތް ވަގުތު އެތަނަށް އިތުރު އެހެން ކާރެއް މަޑުކޮށް އެ ކާރުގެ ކައިރީގައި އެހެން މީހަކު ހުރިކަން އެދެމީހުންނަށް ވެސް ފުރަތަމަ ނޭނގުނެވެ. އެހެނަސް ހަމަ އެހިނދު ޖިނާހު އެ ގޭގެ ދޮރުމައްޗަށް އެރި ހިނދު އެއީ ކާކުކަން އެނގި ވާހަކަ ދެއްކިއެވެ.
“އަނހަ ހަމީދުބެ!!” ޖިނާހު ހަރު އަޑުން އެ ނަމުން ގޮވާލީ ވަކި މަޤްޞަދެއްގައެވެ. އޭނަގެ އެ މަޤްޞަދު ޙާސިލުވިއެވެ. ޔުނާއާއި ޒިހާންގެ ފިޔަވަޅުތައް މަޑުޖެހި އެދެމީހުންނަށް ވެސް ކަނާތްފަރާތަށް ބަލައިލެވުނެވެ. އެ ހިނދު އެތާ ހުއްޓި ހުރި ހަމީދު ފެނިފައި ޔުނާގެ ދެލޯ ބޮޑުވީ ހިނދު އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ޒިހާނާއި ދިމާލަށް ބަލައިލެވުނެވެ. އެހިނދު ޒިހާނަށް ހުރެވުނީ ނޭވާލާން ހަނދާންނެތި ގަނޑުވެފައެވެ. މޭ ތެރޭގައި އެއްކަލަ ރިހުން އުފެދެން ފެށިހެން ހީވި ވަގުތު މިހާރުގެ އާދައިގެ މަތިން ޒިހާން ވަގުތުން އޭނަގެ ކަނާތު އަތް މުއްކަވާލިއެވެ. އެހެނަސް އޭނައަށް ރަނގަޅު ޚިޔާލުތައް ކުރެވުނީ ވަކި ވަރަކަށެވެ. އިސާހިތަކު ނޭވާ ލެވެން ފެށި ވަގުތު ނޭވާ ކުރުކަން އެނގުންވީ ހިނދު މޭގައިވި ރިހުން ތޫނު ވާން ފެށިއެވެ.
“ޒިހާން….ޒިހާން! ޒިހާން އާދެބަލަ އެތާ އިށީންނަން…” ޒިހާންގެ ގައިން ވަރުދޫވާން ފެށިހެން ހީވި ވަގުތު ޔުނާ އެހެން ބުނެލަމުން އޭނަގެ ކޮނޑުމަތީގައި އޮތް ޒިހާންގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އަދި އުދަގުލާއެކީ ހިނގާފައި ގޮސް ކައިރިން ފެނުނު ފާރު ކައިރިއަށް ޒިހާނާއި އެކީ ތިރިވެލީ ޒިހާނަށް ލެނގިލައިގެން އިށީނުމުގެ ފުރުޞަތު ދިނުމަށެވެ.
“ޒިހާން އެއްވެސް ކަމެއް ނުވާނެ. ފުންކޮށް ނޭވާ ލާ. އަހަންނަށް ބަލާ!” ޔުނާއަށް ހާސްކަމާއެކީ އެހެން ބުނެލެވުނީ ޒިހާންގެ މޫނުގައި ދެއަތުން ހިފަހައްޓަމުންނެވެ. އެހިނދު އޭނައަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ޒިހާން ޔުނާ ބުނިގޮތަށް ޔުނާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ޔުނާގާތު ކަންބޮޑުވާންވީކަމެއް ނެތް ކަމަށް ބުނަން ބޭނުންވިއެވެ. އެންމެ ފަހުން މިހެން ވީ ދުވަހަށްވުރެ އެތައް ގުނައަށް އޭނަގެ ޙާލަތު ރަނގަޅީ ޔުނާ ކައިރީގައި ހުރީމަ ކަންނޭނގެއޭ ބުނަން ބޭނުންވިއެވެ. އެހެނަސް އެ ބަސްތައް ބުނަން ދުލަށް ނުކުޅެދުނެވެ. އަދި ހަމަ އެހެންމެ އެއްލި ކަޅިއަކުން ފެނުނު މަންޒަރުން ޒިހާން ހުއްޓުން އަރާ ގޮތްވިއެވެ. ޔުނާގެ ފުރަގަހުން ފެންނަމުން ދިޔަ އުސްފާރުގެ މަތިން ފެންނަމުން ދިޔަ ގޮޅިއެއްގައި ހުރީ އެދެމީހުންނާއި ދިމާލަށް ދިގު ބަޑިއެއް ދިއްކޮށްގެން ހުރި ފިރިހެނެކެވެ. އެ ފިރިހެން މީހާ އެ ބަޑި އަމާޒުކުރަނީ ކާކަށްކަން ޔަޤީން ނުވިއެއްކަމަކު ބަޑި ޖަހައިފިނަމަ ޔުނާގެ ގަޔަށް ވަޒަން އެރުމުގެ ފުރުޞަތު ބޮޑުކަން ޒިހާނަށް އެނގުނެވެ. އެކަން އެނގުންވިތާ ސިކުންތެއްގެ ތެރޭގައި ޒިހާން ކުއްލި ގޮތަކަށް ޔުނާގެ އުނަގަނޑުގައި ހިފައި ދެމީހުން އެކީގައި އެދިމާލުން ދުރުކުރުވަން އުޅުނެވެ. އެހެނަސް ޔުނާއަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރާއެކީ ޒިހާނަށް ގެނެވުނު ޙަރަކާތުން ޔުނާއާއި އޭނައަށް ތިބެވުނު ތަން ބަދަލުވުން ނޫންކަމެއް ނުވިއެވެ. ޒިހާންގެ ބިޔަ ހަށިގަނޑުން ޔުނާގެ ހަށިގަނޑު ފޮރުވިގެން ދިޔަ ވަގުތު ބަޑި ޖަހާލެވުނު އަޑު މުޅި ޞަރަހައްދުގައި ގުގުމާލިއެވެ. އެ އަޑާއެކީ ޔުނާއަށް ހަޅޭއްލަވާލެވުނު ވަގުތު އޭނަގެ ގައިގައި ހިފަހައްޓައިގެން ހުރި ޒިހާނަށް ލޮޅުމެއް އައެވެ. ޒިހާންގެ މޭތެރޭގައި މޫނު ފޮރުވައިގެން އޮތް ޔުނާއަށް އެ ވީ ކީއްކަން އެނގުންވީ ހިނދު މޭ ރޫރޫ އެޅިއެވެ. އިސާހިތަކު ޒިހާނާއި ދުރުވެލަމުން ޒިހާނަށް ގޮވައިލެވުނީ އެ މޫނަށް ބަލައިލަމުންނެވެ. އެހިނދު ޒިހާންގެ އަނގަ ކުޑަކޮށް ހުޅުވި ހުއްޓުން އަރާފައިވިއެވެ. އިސާހިތަކު ޒިހާންގެ ދެލޯ މެރިގެން ގޮސް ޔުނާގެ ކޮނޑު މަތީގައި ޒިހާންގެ ބޯއެޅުނެވެ.
ނުނިމޭ