Hiyaa (Part 42)
“އައި ލަވް ޔޫ، ޔުނާ…” ޒިހާން އެހެން ބުނެލީ އޭނަގެ ކައިރީގައި ހުއްޓިގެން ހުރި ޔުނާއަށް ބަލައިލަމުންނެވެ. ޒިހާންގެ ވާހަކަ އިވިފައި ޔުނާވެސް އޭނައަށް ބަލައިލިއެވެ. އެހިނދު މުޅި ހިސާބުން އިވެމުން ދިޔައީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑެވެ. ވަށައިގެން ދުރުދުރަށް ފެހިކުލަ ގަދަ ވިނަތައް ފެންނަމުން ދިޔައިރު ޔުނާއާއި ޒިހާން ތިބީ އެތާ މެދަށް ވާ ގޮތަށް ފަނުން ހަދާފައިވި ގެއެއްގެ ތެރޭގައެވެ.
ޔުނާ ޒިހާނަށް ބަލަން ހުރެފައި ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އެއަށްފަހު ލަސްލަހުން ޒިހާނާއި ދިމާލަށް އެއްފިޔަވަޅު އަޅާލުމަށްފަހު ޒިހާންގެ މޭގައި ބޯއަޅާލުމަށްފަހު ޒިހާންގެ ގައިގައި ބައްދާލިއެވެ.
“ލޯބިވީ ދުވަހަކުން ޒިހާންގާތު ބުނާނަން ލޯބިވެއޭ، އިން ޝާ ﷲ!” ޔުނާ އޭނަގެ އަތުތެރޭގައި ލޯ މަރައިގެން އޮވެ ބުނެލި ބަސްތަކުން ޒިހާންގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބި އޭނައަށް ހިނިތުންވެލެވުނެވެ.
މިއީ އެތައް އަހަރެއް ވަންދެން ޒިހާނަށް ތަކުރާރުކޮށް ހުވަފެންތަކުގައި ފެނިފައިވާ މަންޒަރެކެވެ. ހުވަފެން ފެންނަން ފެށީ ޔުނާއާއި އިންނަން ބޭނުންވާ ވާހަކަ ޔުނާގެ ދޮންބެ ގާތު ބުނުމަށް އިސްތިޚާރާ ކުރަން ފެށި ފަހުންނެވެ. އެއީ ޒިހާން ސިފައިންގެއަށް ވަދެ ޔަޒްދާނާއި ދިމާވެސް ވީ ފަހުންނެވެ. ޒިހާނާއި ޔަޒްދާނާއި ދެމެދު ގުޅުން ބަދަހިވެގެން ދިޔައީ ވެސް އެ އިސްތިޚާރާ ނަމާދަށް ފަހުގައެވެ. އެހެންކަމުން ޔަޒްދާން ގާތު އޭނަގެ އެދުން ހުށަހަޅަން ޒިހާނަށް ހިތްވަރެއް ލިބުނެވެ. ޔަޒްދާން އެއްދުވަހު އޭނަގެ އެޕާޓްމެންޓަށް އައިސްގެން އުޅެނިކޮށް ޒިހާން ކުޑައިރު ގެންގުޅުނު ފޮތެއްގައި ހުރި ލިޔުންތައް ފެނިގެން ދިޔައީ ޒިހާން އެ ވާހަކަ ބުނަން ނިންމައިގެން ހުއްޓައެވެ.
“އައްދޭ މިއީ ހާދަ ކުޑައިރުއްސުރެ މެރީ ކުރުމުގެ ހުވަފެން ދެކުނު ކުއްޖެކޭ….” ޔަޒްދާން ސޯފާގައި އިނދެ އެހެން ބުނެލި ހިނދު ލަދުން ހަލާކުވަމުން ދިޔަ ޒިހާން ގޮސް އެ ފޮތް ޖަހައިގަތެވެ. އެއަށްފަހު ވެސް ޔަޒްދާން އިރުކޮޅަކަށް ހީލުމަށްފަހު ވާހަކަ ދެއްކިއެވެ.
“އޭ އެކަމަކު ސީރިއަސްކޮށް ބުނެބަލަ…ޒިހާނަށް އަހަރުމެންގެ ޔުނޫ ކަމުދަނީތަ؟” ޔަޒްދާން އެ ސުވާލުކޮށްލީ ޒިހާން އޭނައަށް ފުރަގަސް ދީގެން ހުރެ އެތާހުރި ހަރުގަނޑެއްގައި އެފޮތް ޖަހާލި ވަގުތެވެ. ޒިހާން ލަސްލަހުން ޔަޒްދާނާއި ވީ ފަރާތަށް އެނބުރިލިއެވެ.
“ލައްބަ ސާރ…..ސް…ސޮރީ އެ ފޮތުގަ އެކަހަލަ ވާހަކަތައް އެ ފޮތުގަ ހުރީތީ. ދެން އެކަން ތަކުރާރު ނުވާނެ ސާރ…” ޒިހާން ޔަޒްދާނާއި ހަތަރުކަޅި ހަމަކުރަން ވެސް ނުކެރިފައި ހުރެ ބުނެލިއެވެ.
“ބަލާބަލަ މިހިރަ ސޮރަކަށް. މަގޭ ޅިޔަނަށް ވާންއުޅޭއިރު ވެސް ސާރ ސާރއޭ އެބަ ކިޔާ….” ޔަޒްދާން ޒިހާނަށް އިވޭވަރަށް އަމިއްލަ އަމިއްލައަށް ބުނެލިއެވެ. އެހިނދު އިވުނު ވާހަކައިން ހިތަށް ލިބުނު ޙައިރާންކަމާއެކީ އިސްއުފުލާލެވުނެވެ. އެހިނދު ޔަޒްދާން ކޮޅަށް ތެދުވުމަށްފަހު ލަސް ހިނގުމެއްގައި ގޮސް ޒިހާންގެ ކުރިމަތީގައި މަޑުކޮށްލިއެވެ.
“ތެދުތެދަށް ބުނައްޗޭ ޒިހާން. ޒިހާން ބޭނުންތަ ޔުނާއާއި އިންނަން؟” ޔަޒްދާން ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ.
“ސާރ….ޔުނާ ބޭނުން ނުވަންޏާ އަޅުގަނޑު….”
“މި އެހީ ޒިހާން ބޭނުންވޭހޭ…” ޔަޒްދާން ސާބިތު އަޑަކުން އެހިއެވެ. އެއާއެކު ޒިހާން ޔަޒްދާނަށް ބަލަން ހުރެފައި ލަސްލަހުން ބޯޖަހާލިއެވެ. ޒިހާންގެ އެ ޙަރަކާތާއެކީ ޔަޒްދާން ހިނިތުންވެލިއެވެ.
“ވަރަށް އުފާވެއްޖެ! ޙަޤީޤަތުގަ އަހަރެން ޔުނާއަށްޓަކައި ހޯދަން ބޭނުންވީ ވެސް ތިކަހަލަ ރަނގަޅު ކުއްޖަކު. ޒިހާން ކަހަލަ ކުއްޖަކާ ޔުނާ ގުޅުނިއްޔާ އަހަރެން ދެން ޔުނާއާއިމެދު ފިކުރު ކުރާކަށް ނުޖެހޭނެ އިން ޝާ ﷲ. އަލްޙަމްދުލި ﷲ!” ޔަޒްދާން ފުރިހަމަ ހިނިތުންވުމަކާއެކީ އުފާ ފާޅުކުރިއެވެ.
“ސާރ އެކަމަކު ޔުނާ……”
“ރަނގަޅު ވަގުތެއްގަ އަހަރެން ޔުނާއާއި މި ވާހަކަ ދައްކާލާނަން އިނގޭ. ހީވަނީ މި ދުވަސްކޮޅު ޔުނޫ ގާތު ކައިވެނީގެ ވާހަކަ ދައްކައިފިއްޔާ ފޫހިކޮށްލާނެހެން. ކިޔެވުމަށް ގޮސް ހުސްވެފަ ހުރި ކުއްޖެއްވިއްޔާ އެއީ. ކައިވެނީގެ ވާހަކަ ދައްކާފަ އަހާލާނަން ކޮން ދުވަހަކުންތޯ އެކަމާ އުޅޭނީ. އަހާލާފަ ޒިހާނަށް އަންގާލަދޭނަން. އެންޑް ޓްރަސްޓް މީ…..ޔުނާއަށް ކަމުދާނެ ޒިހާން. މަށާއި ޔުނާއާއި ދެމެދު އުމުރުގެ ބޮޑު ފަރަގެއް ހުއްޓަސް ޔުނާއަށް ކަމުދާ ކަންތަކާ ކަމުނުދާ ކަންތަކާއިމެދު އަހަންނަށް ދުވަހަކުވެސް ގޯސްކޮށް ހީކުރެވިފައެއްނެތް. ފަހަރެއްގަ ޔުނާ ނުރުހުންވެދާނެ ޒިހާންގެ ދީންވެރިކަން ފެނިފަ. އެކަމަކު ޒިހާންގެ އުޅުން ޔުނާއަށް ކަމުދާނެކަން އަހަންނަށް ޔަޤީން. އެ ކަމުދިޔުމުގެ ތެރޭގަ ޔުނާއަށް ދީނުގެ ރީތިކަން ވެސް ފަހުމްވެގެން ދިޔުން އަހަރެންގެ އުއްމީދަކީ…އެހެންވީމަ އެކަމާމެދު ކަންބޮޑު ނުވައްޗޭ! އޭގެ ބަދަލުގަ އުފާވެރި މުސްތަޤްބަލަކަށް ތައްޔާރުވޭ. ޔުނާ ޒިހާންގެ ޙަޔާތަށް ދާ ދުވަހަކުން ޔުނާ ރަނގަޅަށް ބަލައި ރައްކާތެރިކޮށްދެއްޗޭ!” ޔަޒްދާން ޒިހާންގެ ކޮނޑުގައި ހިފަމުން ސީރިއަސްކަމާއެކީ އެދުނެވެ. ޒިހާން ބޯޖަހާލުމަށްފަހު ‘އިން ޝާ ﷲ’ އޭ ބުނެލީ ސާބިތުކަމާއި އެކީގައެވެ.
ކޮންމެ ގޮތެއްވިޔަސް އެދުވަހަށްފަހު ވެސް އޭނައާއި ޔުނާގެ ގުޅުން ލަސްވެގެން ދިޔުމުން އޭނައަށް ފެންނަމުން ދިޔައީ ގޯސް ހުވަފެނެއްހެން ހީވާން ފެށިއެވެ. އަދި އަމުދުން ޔުނާގެ ލޯބިވެރިއެއް ހުންނަކަން އެނގުނު ދުވަހު އެ ހީވުން ޔަޤީނާއި ގާތްވިއެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ޔުނާ ލޯބިވެރިޔާއާއި ވަކިވުމަށްފަހު މާލެ އައިސްގެން އުޅެނިކޮށް އެރޭ ޖެޓީގެ ކައިރީގައި ޔުނާ ކަރުނުން ފުރިގެންވި ދެލޮލާއިއެކީ ހުރިތަން ފެނިފައި ޔުނާ އޭނައަށް ބޭނުންވާކަމަށް ހިތް ބުނަން ފެށިއެވެ. ހަމަ އެރޭ އޭނަގެ ލޯ ކުރިމަތިން ޔުނާ ފުން ކަނޑުގެ ތެރޭގައި އުއްމީދު ކަނޑާލައިގެން އޮތް މަންޒަރު ފެނި ހިތުގެ އެ ގޮވުންތަކުގެ އަޑު ހަރުވިއެވެ. ޔުނާ އޭނައަށް ބޭނުންވި ހުރިހާ ވަގުތަކު އޭނަ ޔުނާގެ ކައިރީގައި ހުރެވޭތޯ ޔަޤީންކުރީ ދެ ސަބަބަކަށްޓަކައެވެ. ޔަޒްދާނަށް ވީ ވަޢުދު ފުއްދުމުގެ އިތުރުން އޭނަގެ ހުވަފެނުގައި ޔުނާ އޭނައަށް ވީ ވަޢުދު ފުއްދާނެ ދުވަހެއްގެ އުއްމީދުގައެވެ.
އެ ހުވަފެނުގައި ވެސް ޔުނާގެ ފަރާތުން ފެންނަމުން އެ ދަނީ އަޖާއިބު ކުރުވަނިވި ޙަރަކާތެއްތާއޭ ޒިހާންގެ ހިތަށްއަރަމުން ދިޔައެވެ. ޔުނާއަށް އޭނަދެކެ އަދި ލޯބިނުވެވޭ ވާހަކަ އެ ބުނަނީ ވެސް ލޯތްބާއެކީ އޭނަގެ ގައިގައި ބައްދާލަމުންނެވެ. ޙަޤީޤީ ދިރިއުޅުމުގައި ވެސް ޒިހާނަށް ޔުނާގެ ފަރާތުން ފެނިގެން ދިޔައީ އެފަދަ ޙަރަކާތްތަކެވެ. އޭނަ ޔުނާއާއި އިންނަން އެދުމުން ޔުނާ އިންކާރު ކުރިއެވެ. އޭނައާއި އެކީ އޭނަގެ ރަށަށް އައުމަށް އެދުމުން އެކަމަށް ނޫނެކޭ ބުނީ ވެސް ޔުނާއެވެ. ކައިވެންޏަށްފަހު ޒިހާން ޔުނާދެކެ ލޯބިވާ ވާހަކަ ބުނުމުން ޒިހާންދެކެ ދުވަހަކުވެސް ލޯބި ނުވެވޭނެ ކަމަށް ބުނީ ޔުނާއެވެ. އޭގެ ފަހުން ވެސް އޭނަ ޒިހާނާއި ކައިރިވާން ތައްޔާރެއް ނޫންކަމަށް ވެސް ބުނީ ޔުނާއެވެ. އެހެނަސް ޔުނާގެ ޢަމަލުތަކުން ފެނިގެން ދިޔައީ އެ ހުރިހާ ބަސްތަކެއްގެ އިދިކޮޅެވެ.
ޒިހާނާއި އިންނަން އިންކާރު ކުރުމަށްފަހު ޒިހާނާއި އިންނަން ވެސް އެދުނީ ޔުނާއެވެ. ޒިހާނާއި އެކީ ފުރުމުގެ ޚިޔާލަށް ނޫނެކޭ ބުނުމަށްފަހު އެންމެ ފަހުން ޒިހާނާއެކީ ދާން ނިންމީވެސް ޔުނާއެވެ. ޒިހާންދެކެ ލޯބި ނުވެވޭނެ ވާހަކަ ބުނުމަށްފަހު ހަމަ އެވަގުތު ޒިހާނަށްޓަކައި ކަންބޮޑުވުން ފާޅުކުރީވެސް ޔުނާއެވެ. މި ހުރިހާ ދުވަސް ވަންދެން އޭނައަށްޓަކައި އިންތިޒާރު ކުރީ ކީއްވެތޯ ބުނެ ޔުނާ ޝަކުވާ ކުރި ހިނދު އެލޮލުން ޒިހާނަށް ފެނިގެން ދިޔައީ ޒިހާނަށްޓަކައިވި އަޅާލުމެކެވެ. ހަމަ އެދުވަހު ޔުނާ އޭނައާއި ކައިރިވާން ތައްޔާރެއް ނޫންކަމަށް ބުންޏެއްކަމަކު އެންމެ ފަހުން އޭނައާއި ކައިރިވާން އިސްނެގީ ވެސް ޔުނާއެވެ.
އެ ހުރިހާ ކަމެއް ހަނދާންވެގެން ދިޔަދިޔަހެން ޒިހާނަށް ޓެކްސީގެ ފަހަތު ސީޓުގައި އިނދެގެން ލުއިގޮތަކަށް ހީލެވުނެވެ. އަމިއްލަ އިޙްސާސްތައް ދުލާއި ހަމައަށް ގެންނަން ނޭނގޭ ކުއްޖެއްތާއޭ ހިތަށްއެރިއެވެ. މިއަދު އަދި އަމުދުން ޔުނާގެ އެ އިޙްސާސްތަކާއިމެދު ޒިހާނަށް ޔަޤީންކުރެވުނެވެ. އޭނަ ކޮށްލި ކުޑަ ސުވާލަކުން ވެސް ޔުނާއަށް ކުރި އަސަރުންނެވެ. ކަރުނުން ފުރިގެންވި ދެލޮލާއެކީ އޭނައަށް އިތުބާރުކުރަން ޒިހާންގާތު އެދުނު ހިނދު ޒިހާން ގެއްލިދާނެކަމުގެ ބިރު ޔުނާގެ ހިތުގައި އޮތްކަން ޒިހާނަށް ފަހުމްވެގެން ދިޔައެވެ. އެހާ ސީރިއަސްކަމަކާމެދު ކަންބޮޑުވެފައި ވަނިކޮށް ވެސް ޒިހާންގެ ހިތް މަޑު ކަފަ ކޮޅަކަށް ބަދަލުވެގެން ދިޔައީ އެހެންވެއެވެ. އޭނަގެ ހުވަފެނުގައި ޔުނާ ބުނާ ފަދައިން ޔުނާ އޭނަދެކެ ލޯބިވާ ވާހަކަ ބުނަން ދެން މާ ގިނަ ދުވަހެއް ނެތްހެން އޭނައަށް ހީވީ އެވަގުތެވެ.
އެ ޚިޔާލު ޒިހާންގެ ސިކުނޑިއަށް ވެރިވި ވަގުތު އޭނަގެ ޑްރައިވަރު އޭނައަށް ގޮވާލިއެވެ. އަދި އެމީހުން އޭގެ ފަހަތުން ދުއްވަމުން ދިޔަ ކާރު ކުއްލި ގޮތަކަށް ގޯޅިއަކަށް އެޅި ވާހަކަ އިވިފައި ޒިހާންގެ ހިނިތުންވުން ފިލައިދިޔައެވެ. ޒިހާން ވަގުތުން އެމީހާގާތު އެ ގޯޅިން އެޅުމަށް އެންގީ ލިބުނު ހާސްކަމާއި އެކީގައެވެ. އެހެނަސް އޭގެ ނަތީޖާއެއްގެ ގޮތުން އަނެއް ކާރު ސްޕީޑް މަތިކޮށް ކިރިޔަ ކިރިޔާ އެހެން ވެހިކަލްތަކުގައި ނުޖެހި ދާން ފެށުމުން ޒިހާން ޑްރައިވަރު ގާތު މަޑުކޮށްލަން އެންގިއެވެ. ނޭނގުމެއްގެ ތެރެއިން ވެސް ޔުނާ ބިރުވެރިކަމެއްގެ ތެރެއަށް ދޫކޮށްނުލުމަށެވެ. ޒިހާން ދެން ޑްރައިވަރު ގާތު ދުއްވަން ބުނީ އޭނަގެ ފޯނާއި ކުޅެލުމަށްފަހު ޑްރައިވަރަށް ފޯނުގެ ސްކްރީނުން ފެންނަމުން ދިޔަ މަގު ދައްކާލަމުންނެވެ.
“މިއިން މި ދައްކަނީ އެ ކާރު ދާ މަގު. މިއާއި އެއްގޮތަށް ދުއްވާ….” ޒިހާން އެންގިއެވެ. މިރޭ ކޮންމެވެސް ގޯހެއް ވާނެކަން ދަނެގެން އޭނަ ވަނީ އެކަމަށްޓަކައި ފިޔަވަޅެއް އަޅާފައެވެ. ޔުނާ ކާރަށް އެރުމަށް ހޮޓެލުން ނިކުންނަން ދިޔައީ އޭނައާއި އެކީގައި ކަމަށްވިޔަސް ވަކި ހިސާބަކުން ޔުނާ އަނެއްކާ ކޮޓަރިއަށް ދާން ޖެހުނީ އެތަނަކަށް ދާ މަގުމަތީގައި ކޭޓްއާއި އެއްޗެއް ޙަވާލުކުރަން ޚިޔާލުކޮށްފައިވާ ކަމަށް ބުނަމުން އޭތި ނެގުމަށެވެ. ޔުނާ ދިޔައީ ޒިހާން ގާތު ކާރު މަޑުކުރުވުމަށް އެދިފައެވެ.
ޒިހާން ގޮސް ހޮޓެލުން ނިކުތް ވަގުތު އެ ކާރު ހޮޓެލްގެ ކުރިމަތީގައި އޮތްއިރު އޭތި ދުއްވާފައި އައި މީހާ ކާރަށް ލެނގިލައިގެން ސިނގިރޭޓެއް ބޯންހުއްޓެވެ. އެ މަންޒަރުންނާއި އެމީހަކު ލައިގެން ހުރި ހެދުމުން ވެސް އެއީ އާދައިގެ ޑްރައިވަރެއް ނޫންކަން ޒިހާނަށް ޔަޤީންކުރެވުނެވެ. އެހެނަސް ޒިހާން ނޭނގޭ ކަމަށް ހެދެމުން ފުރިހަމަ ހިނިތުންވުމަކާއެކީ އެމީހާއާއި ވާހަކަ ދައްކަން ފެށީ އެމީހާގެ ބަހުރުވައިންނެވެ. އެ ބަހުރުވައިން ވާހަކަ ދެއްކުމުން އެމީހާއަށްވެސް ލިބުނު ޙައިރާންކަމާއެކީ އޭނަ ޒިހާނަށް ބަލައިލަމުން ވާހަކަ ފެށިއެވެ. ތިއި ކޮން ޤައުމެއްގެ މީހެއްތޯ އެ ޒުވާނާ އެހިއެއްކަމަކު ޒިހާން އެއަށް ޖަވާބު ދިނުމެއްނެތި އެމީހާގެ ކާރާއި ބެހޭގޮތުން ސުވާލުކުރަން ފެށިއެވެ. މިއީ ކޮން ބްރޭންޑެއްގެ ކޮން މޮޑެލްއެއްތޯ އަހައި ކާރުގެ ވަށައިގެން ބަލަމުން ސުވާލުކުރީ ތިމަންނަ މިކަހަލަ އަގުހެޔޮ ކާރެއް ގަންނަން އުޅޭތާ ވަރަށް ދުވަސްވެފައިވާ ކަމަށް ބުނަމުންނެވެ. އެއަށްފަހު އޭނައަށް ކާރުގެ އެތެރެ ބެލިދާނެތޯ ސުވާލުކުރުމުން އެމީހާ ސީރިއަސް ނަޒަރެއްގައި ހުރެވެސް ކާރުގެ ދޮރު ޒިހާނަށްޓަކައި ހުޅުވާލަދިނެވެ. ޒިހާން ވަގުތުން އެކާރަށް ތަޢުރީފު ކުރަމުން އޭގެ ކުރީ ބަޔާއި ފަހަތު ބައި ވެސް ބަލަމުން ނޫންކަމަށް ހަދާފައި ފަހަތު ބައިގެ ސީޓް ކައިރީގައި ކުޑަކުޑަ ޓްރެކަރެއް ބޭއްވިއެވެ. އެއަށްފަހު ކާރުގެ ދޮރުތައް ލައްޕާލަމުން އެމީހާއަށް ހިނިތުންވެލީ ވެސް ކާރަށް ތަޢުރީފު ކުރުމުންނެވެ. އެއަށްފަހު ޔުނާއަށް ހޮޓެލުން ނިކުމެވުމުގެ ކުރިން ހޮޓެލަށް ވަދެގެން ދިޔައެވެ. އެ ދިޔަ މަގުމަތީގައި ޔުނާއާއި ދިމާވިއެއްކަމަކު ޒިހާން ދެން ޔުނާއާއެކީ ބޭރަށް ދާން ޚިޔާލެއް ނުކުރިއެވެ. އެމީހާއަށް ކުޑަވެސް ޝައްކެއްވާން ބޭނުމެއް ނުވީތީވެއެވެ. އޭނަ ޔުނާއާއެކީ ދޮރާއި ހަމައަށް ނުދިޔުމުން ޔުނާ ދެރަވާކަން އެނގުނެއްކަމަކު ޒިހާން މަޑުކޮށްލީ ޔުނާގެ ރައްކާތެރިކަމަށްޓަކައެވެ.
ޔުނާ ދިޔަތާ އިރުކޮޅެއްގެ ތެރޭގައި ޒިހާން ހޮޓެލްގައި ހުރެގެން އެ ޓްރެކަރު އޭނަގެ ފޯނާއި ގުޅިފައިވޭތޯ ޔަޤީންކުރިއެވެ. އެއަށްފަހު ޓެކްސީއަކަށް ގުޅާލަމުން އެ ޓެކްސީއަށް އަރައި އެ ވަގުތުން އެ ވަގުތަށް ވެސް ޔުނާ އެރި ކާރުގެ ފަހަތުން ދާން އެންގީ ޔުނާ އޭނަގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށެވެ.
އާނއެކެވެ. އޭނަ ޔުނާ ރައްކާތެރިކުރާނެއެވެ. އިހުނަށްވުރެ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. ޔުނާގެ ދުލުން އޭނަގެ ދެކެ ލޯބިވާ ވާހަކަ ބުނާ އަޑު ނުއިވެނީސް އޭނަ ޔުނާއަށް ގޮތެއް ވިޔައެއް ނުދޭނެއެވެ. އަދި އެ ވާހަކަ ތަކުރާރުކޮށް އަޑުއަހަމުން ދިޔުމަށްޓަކައި އެ ރައްކާތެރިކުރުމުގައި ދެމިހުންނާނެއެވެ.
ޒިހާން އިން ޓެކްސީ ފަޅު ހިސާބަކަށް ގޮސް މަޑުކޮށްލުމާއެކު ޒިހާނަށް ކާރުން ފޭބުނީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. އެ ހިސާބުގައި މަޑުކޮށްފައި އޮތް އެއްކަލަ ޑްރައިވަރުގެ ކާރު ހުހަށް އޮތް މަންޒަރު ފެނިފައި އޭނައަށް މި އާދެވުނީ ލަހުންތޯ ހިތް ސުވާލުކުރި ހިނދު ސިކުންތުކޮޅަކަށް ނޭވާވެސް ހުއްޓުނެވެ. އެހެނަސް ހަމަ އެވަގުތު ވާތް ފަރާތުން ފެންނަމުން ދިޔަ ގެ ޒިހާނަށް ފާހަގަވިއެވެ. އެ ގޭގެ ކުޑަދޮރުން ގޭގެ ތެރެ ދިއްލާލެވިފައިވި މަންޒަރު ފެނިފައި ޒިހާން ދުވެފައި ގޮސް އެގެއާއި ހަމަ ކުރިއެވެ. ގޭގެ ދޮރާއި ހަމަވުމާއެކު ޓަކި ޖަހާލަން އުޅުނު ވަގުތު ވާހަކަ ދައްކާ އަޑު އިވުނުހެން ހީވުމުން ޒިހާނަށް މަޑު ކޮށްލެވުނެވެ.
“ދެޓްސް ރައިޓް! ޔުނާއަށް އޮތީ މި ދެގޮތް. އެއްގޮތަކީ އަހަންނާ އެކީގަ އެ ކޮޓަރިއަށް ދިޔުން. އަނެއް ގޮތަކީ މި ހުރި ތަނަށް މަރުވުން. ގޮތެއް ޚިޔާރުކުރަން އަހަރެން ދޭނަން ވަގުތުކޮޅެއް….މާ އުދަގޫ ނިންމުމެއް ނޫން ކަންނޭނގެދޯ؟ އަޅެ ތެދުތެދަށް ބުނެބަލަ. ޔުނާ ބޭނުމެއްނުވޭތަ އަހަރެން ކަހަލަ މީހަކާއެކީ އެއްކޮޓަރިއެއްގަ….އެއް އެނދެއްގަ….އަހަރެންގެ އަތުތެރޭ…..” އެ ވާހަކަ އިވެން ފެށި ހިނދުވެސް އެއީ ކާކުގެ އަޑެއްކަން ޒިހާނަށް ޔަޤީންކުރެވުނެވެ. ޖިނާހު ޔުނާއަށް އެ ދިން އިންޒާރާއެކީ އެންމެ ފަހުން ބުނަން ފެށި ބަސްތައް އިވި ޒިހާންގެ ދަތްކުނޑި ވިކުނެވެ. އެ ވަގުތުން އެ ވަގުތަށް ވެސް ދޮރަށް ގޮތެއް ހަދާލަން ހިތަށްއެރި ހިނދު ޔުނާގެ ހަރު އަޑު އިވިގެން ދިޔައެވެ.
“މަރާލާ!” ޔުނާ އެ ބުނެލި ބަހާއިއެކީ ޒިހާން ހުއްޓުން އަރާ ގޮތްވިއެވެ. ޔުނާ ހަމަ އެ ދަރަޖައަށް ވެސް ޖިނާހަށާއި ޖިނާހު އެ ދަޢުވަތު ދިން ފާޙިޝް ޢަމަލަށް ނަފްރަތު ކުރަނީތާއޭ ޒިހާންގެ ހިތަށްއެރިއެވެ. ދެން އިވިގެން ދާނީ ޔުނާ އެ ކުރާ ނަފްރަތުގެ ވާހަކަ ކަމަށް ޒިހާން ހީކުރިއެވެ. ޔުނާގެ ދޮންބެވެސް ޔުނާ އެފަދަ ކަމެއް ކުރުމަށް ނޭދޭނެ ކަމަށް ބުނާނެކަމަށް ހީކުރެވުނެވެ. އެހެނަސް……
“ބޭނުމެއްނޫން……ޒިހާންގެ މަޤާމު އެހެން އެއްވެސް މީހަކަށް ދޭކަށް ބޭނުމެއްނޫން. ޒިހާން ދެރަ ކުރާކަށް ބޭނުމެއްނޫން. އަހަރެން ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގަ ވަނިކޮށް އެ ހިތާމައިން އަރައިގަންނަން އަހަންނަށް އެހީވެދިނީ ޒިހާން. އަހަރެން ޒިހާންދެކެ ލޯބިނުވާއިރު ވެސް އަހަންނަށް ލޯބިދިނީ ޒިހާން. ޒިހާން އަމިއްލައަށް ދެރަވި ދުވަސްތަކުގަވެސް އަހަރެން ހިނިތުންވެހުރޭތޯ ޔަޤީންކުރީ ޒިހާން. ވީއިރު އަހަންނަށް ޒިހާނަށް އެހާބޮޑު ހިތާމައެއް ނުދެވޭނެ. ދިރި ނުއުޅެވޭނެ އޮޅުމަކުން ވިޔަސް ޒިހާނަށް އެފަދަ ހިތާމައެއް ދެވިއްޖެއްޔާ. އަހަންނަށް ކެތެއް ނުކުރެވޭނެ ޒިހާން ވޭނުގަ އުޅޭތަން ދެކެން.” ޔުނާ ރޮވިފައިވާ އަޑަކުން ދެއްކި އެ ވާހަކަތައް އިވި ޒިހާނަށް އެ ދޮރުގައި ޖައްސައިގެން ހުރި އަތުގެ އިނގިލިތަކަށް ބާރުކޮށްލެވުނީ އެ އަތުން ވާގި ދޫވާން އުޅުނުހެން ހީވުމުންނެވެ. އެހިނދު އޭނަގެ ހިތް ޖަޒުބާތުން ފުރިގެން ދިޔަ ހިނދު ލޮލުން ކަރުނަވެސް ނީރާލިއެވެ. އެހެނަސް އެ ޖަޒުބާތުތަކަށް ނުގެއްލެނީސް އަނެއްކާވެސް ޖިނާހުގެ އަޑުއިވުނެވެ.
“މިއީ ޔުނާ އަމިއްލައަށް ނިންމި ނިންމުމެއް.” ޖިނާހުގެ އެ ބަސްތަކަށް ފަހު ފިސްތޯލެއް ތައްޔާރުކުރެވުނު އަޑު އިވުނުހެން ހީވުމާއެކު ޒިހާނަށް ދޮރުގެ ތަޅުގައި ހިފާލެވުނީ އިޚްތިޔާރަކާއި ނުލައެވެ. ދޮރު ތަޅުލާފައި ވުމުން ރުޅިވެރިކަމާއެކީ ގޮށްމުއްކަވައި ދޮރުގައި ތެޅެން ފެށީ ހިތުގައި އުފަންވި ރުޅިވެރިކަމާއި އެކީގައެވެ. ހަމަ އެވަގުތު ޖިނާހުގެ ހުތުރު ބަސްތައް އިވިފައި އޭނަ މި ދޮރު ނުހުޅުވާނެކަން ޔަޤީންވިއެވެ. އެހެންކަމުން އެހެން ގޮތެއް ހޯދުމަށްޓަކައި ޒިހާން އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ދަނިކޮށް ފުރާޅުގައި ހުރި ކުޑަދޮރުތައް ފެނުނެވެ. އިސާހިތަކު ޒިހާން ދުވެފައި ގޮސް އެ ގެ ކައިރިން އެތާހުރި ބާ ޢިމާރާތުގެ ތެރެއަށް ވަދެ އެ އިމާރާތުގެ ސިޑިން ދެވަނަ ފަންގިފިލާއަށް ދިޔައެވެ. އެއަށްފަހު އެ ފަންގިފިލާގައި ހުރެ ތިރިން ފެނުނު ގޭގެ ފުރާޅު މައްޗަށް ފުއްމާލިއެވެ.
އޭގެ ފަހުން ޒިހާން ޖިނާހާއި ކުރިމަތިލީ އޭނަގެ ކިބައިގައި ކުރިން ނެތް ހިތްވަރަކާއި އެކީގައެވެ. އެވަގުތުކޮޅު ނިމި އޭނައާއި ޔުނާ އެކަނިވާނެ އިރަކަށް އެވަގުތު ވެސް ޒިހާންގެ ހިތް ކެތްމަދުވެފައިވިއެވެ. ޔުނާ ދެންމެ އެ ދެއްކި ވާހަކަތަކާއިމެދު ޒިހާން ވާހަކަ ދައްކަން ބޭނުންވިއެވެ. ޔުނާ އޭނަގެ އަތުތެރެއަށް ގެނެސް ޔުނާ ހިތްހަމަޖައްސާލަދޭން ބޭނުންވިއެވެ. ޖިނާހު ބަލިކޮށްލެވުމާއެކުހެން ޒިހާން ޔުނާއާއެކީ އެ ގެއިން ނިކުމެގެން ދިޔައީ މިފަދަ އުއްމީދުތަކާއި އެކީގައެވެ. އެހެނަސް ވަކި ހިސާބަކުން އޭނަ ބަލިވެ ބިމަށް ތިރިވެގެން ދިޔައީއެވެ. އެ ޙާލުގައި ވެސް ޔުނާ ނުރައްކަލުން ރައްކާތެރިކުރުމަށް އޭނައަށް ޙަރަކާތެއް ގެނެވުނު ގޮތުން ޚުދު ޒިހާން ވެސް ޙައިރާންވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ބުރަކަށްޓަށް ވަޒަން އެރި ދިމާލުން ތަދެއް ހިފައި މުޅި މީހާ ހުއްޓުން އެރީ ޔުނާގެ ހަޅޭކުގެ އަޑު ކަންފަތަށް އިވުނު ވަގުތެވެ. ޔުނާ އޭނަގެ ނަމުން ގޮވާލި އަޑާއެކީ ޔުނާ އޭނަގެ މޫނަށް ބަލައިލި ވަގުތު ޒިހާނަށް ޔުނާގެ މޫނު ފެނުނީ ފުސްކޮށެވެ. އެކަމާމެދު ހިތުގައި ޝަކުވާ އުފެދުނީ މިއީ އޭނައަށް ޔުނާ ފެންނާނެ އެންމެ ފަހު ފަހަރުތޯ އެ ހިތް ސުވާލުކުރި ހިނދެވެ. ހަމަ އެހިނދު ދުލުގެ ޙަރަކާތުން ޝަހާދަތުގެ ދެކަލިމަ ކިޔާލެވުނީ ﷲ މަތިން ހަނދުމަކުރަމުންނެވެ. މި ދުނިޔޭގައި އޭނަ ޔުނާއާއި ގުޅުވައިދިން ފަރާތް އާޚިރަތުގައިވެސް އޭނަ ޔުނާއާއި ގުޅުވައިދޭނެކަމުގެ އުއްމީދުގައެވެ.
**
ޖެހިގެން އައި ދެ ދުވަސް ވޭތުވެ ދިޔައީ ކިހިނެއްކަމެއް ވެސް ޔުނާއަށް ސާފެއް ނުވިއެވެ. ޒިހާން ހޭނެތިގެން އޭނަގެ އަތުތެރެއަށް ވެއްޓުނު ވަގުތު ކޮޅުން ފަށައިގެން ޔުނާއަށް ބާރަށް ރޮއިގަނެވުނެވެ. އެ ރޮއިގަނެވުނު ވަގުތު ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމާއެކީ ޔުނާއަށް ރަނގަޅަށް ވިސްނޭ ގޮތެއްވެސް ނުވިއެވެ. އެނގުނުހާ ވެސް ކަމަކީ އޭގެ އިރުކޮޅެއްފަހުން އެމްބިއުލާންސްގެ އަޑު އިވުނުކަމެވެ. އެއާއެކު ޔުނާއަށް ލިބުނު އާ ހިތްވަރަކާއެކީ ޒިހާން ސްޓްރެޗާރއަށް އަރުވަން އައި ދެމީހުންނަށް އެހީވެވުނީ ހަމަހޭ ގެއްލިފައިވާ ޙާލުގައެވެ. އެމީހުން ފަހަތުން ދުވެފައި ގޮސް އެމްބިއުލާންސަށް އެރުނީ އެތާ ދެން ތިބި ދެމީހުންނަށް ވެސް ވިސްނުމެއް ނެތިއެވެ.
އެމްބިއުލާންސްއިން ހޮސްޕިޓަލަށް ދެވެންދެން ވެސް ޔުނާއަށް ހުރެވުނީ ޒިހާންގެ އަތުގައި ހިފަހައްޓައިގެންނެވެ. އެ އަތުން ދޫކޮށްލެވުނީ ހޮސްޕިޓަލަށް ދެވި ޒިހާން އޮތް އެނދު ތިއޭޓަރާއި ހަމައަށް ދިޔަ ވަގުތެވެ. އެ އެނދު ތިއޭޓަރަށް ވެއްދުމުން ވެސް ޔުނާއަށް އެ ހުރި ގޮތަށް އެ ދޮރު ކުރިމަތީގައި އެތައް އިރެއް ވަންދެން ހުރެވުނީ ކަރުނައިން ފުރި ބަންޑުން ވަމުން ދިޔަ ލޮލާއި އެކީގައެވެ. ތިއޭޓަރުގެ ކުޑަ ދޮރުން ޑޮކްޓަރުންތައް ޒިހާންގެ އެނދުގެ ވަށައިގެން ތިބި މަންޒަރު ފެނި ޔުނާގެ މޭ ވަރުބަލިވިއެވެ. ހަމަ އެވަގުތު ޔުނާގެ ހަނދާނަށް އައީ ދޮންބެ ނިޔާވި ވާހަކަ އިވުނު ދުވަހެވެ. އެދުވަހު އޭނައަށް ނުފެނުނު ކަމުގައި ވިޔަސް ދޮންބެވެސް ވީހީ މިފަދަ ތިއޭޓަރެއްގައިތާއޭ ހިތަށްއެރިއެވެ. ދޮންބެއަށް އެ ޙާދިސާ ދިމާވީ އޭނަ ދޮންބެގެ ހިތްދަތިކޮށްފައި ވަނިކޮށެވެ. ދޮންބެ ނިމިދިޔައީ ވެސް އެ ހިތްދަތިކަމުގައެވެ.
މިއަދު އޭނައަށް ޒިހާނަށް ވެސް މި ދެވުނީ އެފަދަ އަނިޔާއެއްތާއޭ ހިތަށްއެރިއެވެ. ޒިހާނަށް އެ ނުރައްކާތެރި އަނިޔާ އެ ލިބުނީ އޭނަ ޒިހާނަށް އެންގުމެއްނެތި އޭނަގެ ކުރީގެ ލޯބިވެރިޔާއާއި ބައްދަލުކުރަން ގޮސްފައިވާކަން އެނގުމަށް ފަހުގައެވެ. ޖިނާހު ގޯސްކަން ޒިހާނަށް އެނގުނަސް އޭނަ ޖިނާހާއި ބައްދަލުކުރަން ދިޔައީތީ ޒިހާން ދެރަވާނެކަމަށް ޔުނާގެ ހިތް ތަކުރާރުކޮށް ބުންޏެވެ. އެހާވަރުންވެސް ޒިހާން އަމިއްލަ ރައްކަލަށްވުރެ ވެސް އެ އިސްކުރީ އޭނަގެ ރައްކަލެވެ.
މިފަދަ ޚިޔާލުތައް ހުއްޓުމެއްނެތި ޔުނާގެ ސިކުނޑީގައި އެނބުރެމުން ދިޔަދިޔަހެން އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. އަދި އަމުދުން އޮޕަރޭޝަންގެ ތެރެއިން ބައެއް ޑޮކްޓަރުން ތިއޭޓަރުން ނިކުމެ މާ ބޮޑު އުއްމީދެއް ނެތްކަމަށް ބުނަމުން ދިޔަ ގޮތުން އެ އިޙްސާސް ދެގުނަވިއެވެ. އޭނައަށް ވަނީ އެފަދަ ހިތްދަތި ގޮތަކަށް އޭނަގެ ދޮންބެ ގެއްލިފައެވެ. ހަމަ އެފަދައިން ޒިހާން ގެއްލިގެން ގޮސްފިނަމަ ޔުނާއަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެއެވެ.
ޔުނާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ ގަޑިއިރުތަކެއްގެ އޮޕަރޭޝަނަކަށްފަހު ޑޮކްޓަރުން ޒިހާން ތިއޭޓަރުން ނެރެމުން އޮޕަރޭޝަން ކާމިޔާބު ކަމަށް ބުނުމުންނެވެ. އެހެނަސް އަދިވެސް ޒިހާން ހޭއެރުމުން ނޫނީ ހުރިހާ ކަމެއް ޔަޤީން ނުވާނެ ކަމަށް ބުންޏެވެ. ފުރަތަމަ 24 ގަޑީއިރުގެ ތެރޭގައި ވެސް ޒިހާން ހޭނޭރުމުން ޔުނާއަށް ޒިހާންގެ އެނދު ކައިރީގައި އިނދެގެން ވާހަކަ ދެކެވުނެވެ. ޒިހާން ރަނގަޅުވެލާށޭ ބުނަމުންނެވެ. ތިމަންނަ އަދި ދައްކަންޖެހޭ ވާހަކަތައް އެބަހުރި ކަމަށް ބުނަމުންނެވެ. ސިކުނޑިއަށް ވެރިވެފައިވި ކަންބޮޑުވުމާއި ހާސްކަމުގެ ސަބަބުން ޔުނާ ކާންވެސް އަދި ނިދަން ވެސް ހަނދާނެއް ނެތެވެ. އަބަދުހެން އިނދެވެނީ ޒިހާންގެ އެނދު ކައިރީގައި ޒިހާންގެ އަތުގައި ހިފަހައްޓައިގެންނެވެ.
ޔުނާ ނުނިދާތާ 24 ގަޑިއިރަށްވުރެ ގިނަވުމުން އެންމެ ފަހުން ނިދާލެވުނީ ޒިހާން އޮޕަރޭޝަން ކުރިތާ ދެވަނައަށް ވީ ދުވަހުގެ ހަވީރު ވަގުތެވެ. އެހިނދު މެދުމިނަކަށް އޮހެމުން ދިޔަ ވާރޭގެ އަޑު އިވެމުން ދިޔައިރު އެނދުގެ އެއްފަރާތަކުން ފެންނަމުން ދިޔަ ކުޑަ ދޮރުގައި ވާރޭ ތިކިތައް ޖެހި ފައިބަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ.
ޖެހިލި ވައިރޯޅިއާއެކީ ވާރޭ ނުހަނު ބާރު މިނެއްގައި އައިސް ކުޑަދޮރުގައި ޖެހުނު އަޑު އިވުނު ޒިހާންގެ މެރިފައިވި ދެލޯ ތަގުޅިވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ލަސްލަހުން ޒިހާންގެ ލޯ ހުޅުވިގެން ދިޔައެވެ. ވަށައިގެން ފެނުނު މަންޒަރުތަކުން އޮތް ތަން ނަގައިގަންނަން ޒިހާނަށް އިރުކޮޅެއް ނެގިއެވެ. މި ޕްރައިވޭޓް ވޯޑުގައި އޭނަ އޮންނަން ޖެހުނީ ކޮން ސަބަބަކާއި ހެދިކަން ހަނދާންވި ވަގުތު ލައިގެން ހުރި ބަލިމީހާގެ ހެދުމުގެ ދަށުން ބުރަކަށްޓާއި މޭމައްޗަށް ވާގޮތަށް އެޅިފައިހުރި ބޭސްގަނޑުގެ އިހްސާސްވެސް ކުރެވުނެވެ. އޭނަ އޮތް އެނދު ބޮލާއި ކޮޅުން ކުޑަކޮށް މަތި ކުރެވިފައިވުމުން އިށީނދެގެން އިން ޔުނާ ވެސް ފާހަގަކުރަން އޭނައަށް ގިނައިރެއް ނުނެގިއެވެ. ޔުނާގެ އަތް އޭނަގެ އަތް މަތީގައި އެޅިފައިވީއިރު ޔުނާ އެނދުމަތީގައި އޮށޯވެ އޮތީ އޭނައާއިވީ ފަރާތަށް މޫނު ލައިގެންނެވެ. އެހިނދު އެމޫނުމަތިން ފެނުނު އަސަރުން އިސާހިތަކު ޒިހާންގެ ހިތް ދެރަވިއެވެ. ޔުނާގެ މެރިފައިވި ދެލޯ ދުޅަވެފައިވީއިރު ނޭފަތް ރަތްވެފައިވިއެވެ. ތުންފަތް ވެސް ހިކިފައިވި ގޮތުން ފެންފޮދެއް ނުބޯތާ ވެސް ގިނައިރު ވެފައިވާކަން އެނގެއެވެ.
ހިތަށް ވެރިވި ޖަޒުބާތުތަކާއެކީ ޒިހާން އޭނަގެ އަތް ޔުނާގެ އަތްދަށުން ނަގައި ޔުނާގެ އަތުގައި ހިފާލަމުން ބޮޑުވާ އިނގިލިން އެ އަތުގައި ފިރުމާލިއެވެ. ހަމަ އެހިނދު ޔުނާގެ ލޯ ލަސްލަހުން ހުޅުވިގެން ދިޔައެވެ. ޒިހާން ހޭލާ ހުރި މަންޒަރު ފެނިފައި ޔުނާ ސީދާވެލީ ކުއްލި ގޮތަކަށެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާގެ އަނގައިން ނިކުތް ލުއި އާހުގެ އަޑާއެކީ ޔުނާ ހިނިތުންވެލީ މަންޒަރު ޒިހާނަށް ފެނުނެވެ.
“ޒިހާން….ޒިހާން ހޭލާދޯ ތިހިރީ؟ މިއީ ހުވަފެނެއްތަ؟” ޔުނާ އޭނަގެ އަނެއް އަތް ޒިހާންގެ އަތް މަތީގައި އަޅަމުން އެހެން ބުނެލި ހިނދު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެ މަންޒަރު ފެނިފައި ވެސް ޒިހާންގެ ހިތަށް ތަދުވިއެވެ.
“ނޫނޭ ޔުނާ….މިއީ ހުވަފެނެއް ނޫން. އަހަރެން މިހިރީ ޔުނާގެ ކައިރީގަ.” ޒިހާން ޔުނާގެ އަތަށް ފިތާލަމުން ޔަޤީންކަން ދިނެވެ. ޔުނާ ދެވަނަ ފަހަރަށް ވެސް ލުއިގޮތަކަށް ހީލިއެވެ.
“ޒިހާން ރަނގަޅުތަ؟ ތަދު އެބަވޭތަ؟ ނޭވާ އެބަ ލެވޭތަ ރަނގަޅަށް؟ ޑޮކްޓަރުން ބުނި އަދި ދުވަސްކޮޅެއް ވަންދެން ނޭވާ ލާން ދަތިވެދާނެއޭ. އަންނާނަން އިނގޭ ޑޮކްޓަރަކު ގޮވައިގެން…..” ޔުނާ އެ ވާހަކަ ދައްކަމުން ކޮޅަށް ތެދުވިއިރު ވެސް އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ޔުނާ ދާން އުޅުމުން ވެސް ޒިހާން ޔުނާގެ އަތުގައި ހފަހައްޓައިގެން ހުރުމުން ޔުނާއަށް ދެވޭ ގޮތެއްނުވިއެވެ.
“އަހަރެން ރަނގަޅޭ ޔުނާ. ޔުނޫ އިރުކޮޅެއް ވަންދެން އަހަރެން ކައިރި ހުންނަންވީއެއްނު؟ އަހަރެންގެ ހިތަށް ތަދުއެބަވޭ ޔުނޫ ދެރަވެފަ ހުރިތަން ފެނުނީމަ…” ޒިހާން ކުރެހިފައިވާ އަޑަކުން ބުންޏެވެ. ޒިހާންގެ އެ ބަސްތައް އިވިފައި ޔުނާ ފަސްއެނބުރި ބަލާލުމެއްނެތި ހުރިގޮތަށް ހުރީއެވެ. ސިކުންތުކޮޅެއް ފަހުން ޔުނާގެ ރޮވިފައިވާ އަޑު އިވުނެވެ.
“ދެން ކީއްވެ؟ އަހަރެން ދެރަވާނެކަން އެނގިހުރެ ކީއްވެ އެކަހަލަ ކަމެއް ކުރީ؟ ކޮންމެހެން ޖެހޭތަ އަހަރެން ހުރިހާ ޙާލަތަކުން ސަލާމަތް ކުރަން؟” ޔުނާ އެ ފަހު ސުވާލުކޮށްލީ ޒިހާނަށް ބަލައިލަމުންނެވެ. ޒިހާން ހިތާމަވެރި ލޮލާއިއެކީ ލުއި ގޮތަކަށް ހީލިއެވެ.
“އަހަރެން މިއީ ޔުނޫގެ ބޮޑީގާޑެއްނޫންތަ؟ ޔުނޫގެ ޤައްވާމްއެއްނު؟ ހަނދާން އެބަހުރި؟” ޒިހާން އުފާވެރި ގޮތެއް ގެންނަން މަސައްކަތް ކުރަމުން ޔުނާގެ އަތަށް ދަމާލިއެވެ. އެއާއިއެކު ޔުނާ އަނެއްކާވެސް ގޮނޑީގައި އިށީނެވެ.
“ހުމް….ހަނދާން އެބަހުރި. އެހެންވެއްޖެއްޔާ ޒިހާން ޖެހޭނެދޯ އަހަރެންގެ އިޙްސާސްތަކާމެދު އަޅާލާން؟ ކިހިނެއް އަހަރެންގެ ޤައްވާމްއަށް ވެހުރެ އަހަންނަށް މިހާ ބޮޑު ދެރައެއް ތި ދިނީ؟” ޔުނާ އިސްޖެހިފައި އިނދެ ދެންވެސް ހުއްޓުމެއްނެތް ކަރުނަތަކާއެކީ ސުވާލުކުރިއެވެ. ޒިހާން ލަސްލަހުން ޔުނާގެ މޫނުގައި އެއްއަތުން ހިފަހައްޓާލިއެވެ.
“އަސްލު ހިއެއް ނުކުރަން ޔުނޫ ތިހާ ދެރަވާނެކަމެއް….” ޒިހާން ތެދުތެދަށް ބުނެލީ ޔުނާގެ ކަރުނަތައް ފޮހެދެމުންނެވެ.
“ކީއްވެ އެހެން ހީކުރަންވީ؟! އަހަރެން ބޭނުމީ ޒިހާން ޞައްޙަ ސަލާމަތުން އުފަލުން ހުރިތަން ދެކެން!” ޔުނާ ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އަޑުހަރު ކުރި ވަގުތު އޭނައަށް އިތުރަށް ރޮވެން ފެށިއެވެ. ޔުނާއަށް ގިސްލެވެން ފެށުމުން ޒިހާން އުދަގުލާއެކީ ވެސް ސީދާވެލަމުން ޔުނާގެ ގާތަށް ޖެހި ޔުނާ އޭނަގެ އަތުތެރެއަށް ގެނައެވެ. ޔުނާގެ ބޮލުގައި ފިރުމަން ފެށި ވަގުތު ޔުނާގެ ގިސްލުން ކުޑަކޮށް މަދުވެގެން ދިޔުމުން ޒިހާނަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެހިނދު އިވިގެން ދިޔަ ބަސްތަކުން ޒިހާންގެ ނޭވާ މެދުކެނޑުނެވެ.
“އައި ލަވް ޔޫ، ޒިހާން….” އޭނަގެ މޭމަތީގައި ބޯއަޅައިގެން އޮވެ ޔުނާ ބުނެލީ އެ ބަސްތަކެވެ.
ނުނިމޭ