Hiyaa (Part 49)
“ހެލޯ؟” ޒިހާން އިނގިރޭސިން ޖަވާބު ދިނީ އެކޮޅުގައި ހުންނާނީ އިނގިރޭސިއެއް ކަމަށް ނިންމަމުންނެވެ.
“ހައި…..ހާދަ ވަރަކަށް މަސައްކަތް ކޮށްފީމޭ ޒިހާނަށް ގުޅޭތޯ….ގުޅި ދުވަހު ޒިހާންގެ ފޯނު ތަޅައިގެން ދިޔަ ވާހަކަ އަހަންނަށް އިވުނީ މާ ފަހުން…” އެކޮޅުން އިވުނީ ބަރު އަޑެކެވެ. އިވުނު ވާހަކަތައް ދޭހަކުރެވުނު ވަގުތު އެމީހާއަށް އޭނަގެ މަޢުލޫމާތު އެނގޭކަން ޒިހާނަށް އެނގުންވިއެވެ.
“ތިއީ ކާކު؟” ޒިހާނަށް އަހައިލެވުނެވެ.
“ވެލް…..އަހަރެން މިއީ ޒިހާނާއި ބެހޭ މީހެއްވެސް ނޫން އެކަމަކު……މިއަދު ޒިހާނަށް އަހަރެންގެ ކާރު ފެނިފަ ގޮތެއްވި ދޯ؟” އެމީހާ ކޮށްލި ސުވާލު ސިކުނޑިއަށް ނެގިގެން ދިޔަ ވަގުތު ޒިހާންގެ މެއަށް ފިނިވެގެން ދިޔައެވެ.
ބުނާނެ ވަކި އެއްޗެއް ނޭނގިފައި ޒިހާން ވަނިކޮށް އެމީހާ އެކޮޅުން ހީލި އަޑު އިވުނެވެ.
“ބިރުވެރި ވާހަކައެއްދޯ މި އަހާލެވުނީވެސް؟ އަހަރެން މުޅިން އެހެން ޤައުމެއްގަ ހުރެ ގުޅާއިރު ކިހިނެއް އަހަރެންގެ ކާރު ދުވާތަން ފެންނާނީ؟ ހެހެހެ…….ތެދުތެދަށް ބުނަންޏާ މިއަދު އެ ކާރު ޒިހާންގެ ކައިރިން ދުއްވާލެވުނީ އަދިވެސް ޒިހާން އޭގެ މަތިން ހަނދާން ހުރިތޯ ބަލަން. އަނެއްކާވެސް ޒިހާން އެ ތަޙުޤީޤު ފަށާނެކަން އެނގޭ. އެކަމަކު ކީއްކުރާނީ؟ ޙަޤީޤީ މުޖުރިމެއް ނޫން މިއަދު ވެސް އެ ކާރު ދުއްވާފަ ދިޔައީ….” އެ މީހާ މަލާމާތުގެ ރާގަކަށް ބުންޏެވެ.
“ތިއީ ކާކު؟! ކީއްވެ ޔަޒްދާންބެއަށް އެފަދަ ބޮޑު އަނިޔާއެއް ދިނީ؟” ޒިހާނަށް ރުޅިވެރިކަމާއެކީ ސުވާލު ކުރެވުނެވެ.
“އަނިޔާ ދިނީ އޭނަވެސް އަހަންނަށް އަނިޔާ ދީފަ ހުންނާތީ….ކަލޭގެ އަންހެނުން ވެސް މީގެ ދުވަސްކޮޅެއް ކުރިން ތި ސުވާލުކުރީމަ އަހަރެން ދިން ޖަވާބު މިއީ…” އެމީހާ މިފަހަރު ބުނެލި ބަސްތަކުން ޒިހާންގެ ގޮށްމުއްކެވިގެން ދިޔައެވެ.
“ކިހިނެއް ކަލެއަށް ޔުނާ އެނގެނީ؟” ޒިހާން އެ ސުވާލު ކޮށްލިއިރު އޭނަ ރުޅިން ތުރުތުރު އެޅިއެވެ.
“ޔުނާއެއްނު މަށަށް އެނގޭނީ؟ ކުރިންވެސް ބުނިހެން ޒިހާނަކީ އަހަންނާ ބެހޭ މީހެއްނޫން. ބަދަލު ހިފަން ބޭނުންވަނީ އެ ޔަޒްދާނަކާ އޭނަގެ ކޮއްކޮގެ ކިބައިން. އެކަމަކު މަޖާ ތަންކޮޅަކީ ޒިހާންގެ ބައްޕަވެސް އަހަރެންގެ މި ރޭވުމުގަ ބައިވެގެން އުޅޭތީ. ޔަޒްދާންގެ ސަބަބުން ޒިހާންގެ ބައްޕަ ހިނގި އޮޕަރޭޝަނެއް ފޭލްވީމަ އަހަރެން ދިޔައީ ޒިހާންގެ ބައްޕަ ކައިރިއަށް. އެހާ ހިސާބުން އަހަރުމެން މިއުޅެނީ އަތު ގުޅާލައިގެން. މަށަށް ވުރެ ވެސް ބޮޑަށް ޒިހާންގެ ބައްޕަ މަ ދިފާޢުކުރަން މަސައްކަތް ކުރާހެން ބައެއްފަހަރު ހީވޭ. އަހަންނަށް އެހީވީމަ ލިބޭނެ އާރާއި ބާރާއި ފައިސާގެ ދަހިވެތިކަމުގަ ކަންނޭނގެ އެހެން އެވަނީ….” އެ މީހާ އެ ވާހަކަތައް ކިޔައިދިނުމަށްފަހު އަނެއްކާވެސް މަލާމާތުގެ ޒާތަކަށް ހީލިއެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން ޒިހާން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އެ ވިސްނުމުގެ ތެރެއިން ހަމީދުގެ ސޫރަ ލޮލަށް ސިފަވުމުން ވެސް ޒިހާންގެ ދަތްކުނޑި ވިކުނެވެ.
“ކޮބައިތަ ކަލޭގެ ބޭނުމަކީ؟ މީހަކަށް އަނިޔާއެއް ދީގެން ކަލެއަށް ލިބޭނީ ކޮންކަހަލަ އުފަލެއް؟!” ޒިހާން ހަރުވެގެން ދިޔަ އަޑަކުން އަހައިލިއެވެ.
“ނޭނގެ ބުނެދޭންވެސް ލިބޭ އުފާ….ޔަޒްދާން މަރުވި ދުވަހު ހަމަ އަސްލުވެސް ވަރަށް އުފާވި. މަގޭ ޢާއިލާ މީހުންގެ ކަރުނަތަކަށް އިންސާފެއް ލިބުނު ކަހަލަ އިޙްސާސެއް ކުރެވުނު. އަދިވެސް އަހަންނަށް ހަމަޖެހުމެއް ލިބޭނީ އެ ޔުނާ ނިކަމެތިކަމުގަ ރޮއިރޮއިފަ މަރުވާތަން ފެންނަ ދުވަހަކު!!!” އެމީހާގެ އަޑުގައި ރުޅިވެރިކަން އެކުލެވިގެން ދިޔަ ވަގުތު އިވުނު ބަސްތައް ޚިޔާލުކުރެވުމުން ވެސް ޒިހާންގެ ފައިދަށުން ބިންގަނޑު ދާން އުޅުނުހެން އޭނައަށް ހީވިއެވެ. އޭނައަށް ނޭނގި ހިނދުކޮޅަކަށް ނޭވާ ވެސް ހުއްޓޭ ގޮތްވިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ ވާހަކަ ދެކެވުނީ ވެސް އިޚްތިޔާރަކާއި ނުލައެވެ.
“މަގޭ ހަށިގަނޑުގަ ނޭވާ ހިނގާހާ ހިނދަކު ކަލޭވިޔަސް އަދި އެހެން މީހެއްގެ އަތްދަށުން ވިޔަސް ޔުނާއަށް ކުޑަވެސް އަނިޔާއެއް ލިބިދިޔަ ނުދޭނަން އިން ޝާ ﷲ!” ޒިހާން އެހެން ބުނެލީ ރަތްވެފައިވާ ދެލޮލާއި އެކީއެވެ.
“އާނ އާނ….ދެން ބަލަމާ އެންމެ ބާރު ގަދައީ ކޯޗެއްތޯ؟ އަހަރެންގެ ރޭވުންތޯ އެހެންނޫނީ ކަލޭގެ ތި ބަސްތައްތޯ. މަ އެބަ އަންނަން ތިކޮޅަށް ވަރަށް އަވަހަށް. ހިތަށްއެރި އެހެން މީހަކު ލައްވާއޭ އެ އަންހެނާގެ ކަންތައް ނިންމުވާނީ. އެކަމަކު އަހަރެން ބޭނުންވަނީ އަހަރެން އަމިއްލަ އަތުން އެކަން ކުރަން. ޔަޒްދާންއަށް ހެދިގޮތަށް!” އެކޮޅުން އެހެން ބުނުމަށްފަހު ޒިހާނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ފޯނު ކަނޑާލެވުނެވެ. ފޯނު ކެނޑިގެން ދިޔުމުން ޒިހާނަށް ހާސްކަން ވެރިވެފައިވި ސިކުނޑިއަކާއެކީ ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލެވުނެވެ. އޭނައަށް ހުރެވުނީ ނޭވާ ހިފަހައްޓައިގެންކަން އެނގެންވެސް ހިނދުކޮޅެއް ނެގިއެވެ. އެއަށްފަހު ފުން ނޭވާތަކެއް ލަމުން ޒިހާނަށް ފޯނު ތިރިކޮށްލެވުނެވެ. ކުއްލި ގޮތަކަށް ކޮޓަރިއަށް އަނބުރާ ދާން ހިނގައިގަނެވުނީ ޔުނާއާއި މެދު އިންތިހާއަށް ކަންބޮޑުވެފައިވާ ހިތަކާއި އެކީގައެވެ.
ކޮޓަރިއަށް ވަދެވުނުތަނާހެން އެނދުގައި އޮތް ޔުނާ ފެނިފައި ޒިހާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޔުނާ ނިދިފައި އޮތްއިރު އެ މޫނުމަތިން ފެނުނު ހިމޭންކަމުން ޒިހާންގެ ހިތަށް ހިމޭންކަމެއް ގެނުވިއެވެ. ޒިހާން ޔުނާއަށް ބަލަން ހުރެފައި ލަސްލަހުން ގޮސް އެނދަށް އަރައި ޔުނާއާއިވީ ފަރާތަށް އޮށޯތެވެ. އެ މޫނަށް ބަލަން އޮތްވާ ޔުނާގެ ސަބަބުން އޭނައަށް ލިބުނުހާ އުފާތައް އެއްފަހަރާ ހަނދާންވެގެން ދިޔަދިޔަހެން ޒިހާންގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ޔުނާ ނެތް ދުނިޔެއެއްގައި އޭނަ ދެރަވާނެ މިންވަރު ހިތަށް ގެނެވުމުންނެވެ. އެ ޚިޔާލު ހިތަށް ވެރިވުމާއެކު އަވަސްއަވަހަށް އެއާއި ދުރުވަމުން ޒިހާން ޔުނާގެ ނިތަށް ބޮސްދިނެވެ. އެއަށްފަހު ޔުނާ ކައިރިއަށް ގެނެސް ބައްދާލީ ޔުނާ މުޅި ދުނިޔެއިން ވެސް ރައްކާތެރި ކުރަން އުޅޭ ފަދައަކުންނެވެ. ޒިހާނަށް ނިދުނީ ޔުނާގެ ރައްކާތެރިކަމަށްޓަކައި ދުޢާކުރާ ޙާލުގައެވެ. އޭނަ ކިތަންމެ ބާރުގަދަ ވިޔަސް އެންމެ މޮޅު ރައްކާތެރިއަކީ ހަމައެކަނި ﷲ ކަން އެނގޭތީވެއެވެ.
**
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށް ހޭލިއިރު ވެސް ޔުނާ ބަލިވެ އުޅޭތީ ޒިހާން ދެރަވާ ގޮތްވިއެވެ. ނަމާދަށްފަހު ވެސް ޔުނާ މޫނަށް އަނދިރިވާތީ އުޅެން ފެށުމުން ޒިހާން ގަދަކަމުން ވެސް ޔުނާއަށް ކުޑަ ގޮތަކަށް ސައިދިނެވެ. އަދި ބޭސް ގުޅައެއް ދިނުމަށްފަހު ނިދާލުމަށް ބުންޏެވެ. ޒިހާން ޑިއުޓީއަށް ދިޔުމަށްޓަކައި ހޭލިއިރު ވެސް ޔުނާ އޮތީ ނިދިފައެވެ. އިއްޔެއާއި ޚިލާފަށް ޒިހާން ތައްޔާރުވަމުން ދިޔަ ވަގުތު ވެސް ޔުނާއަށް ހޭނުލެވެއެވެ. އެހެންކަމުން ޒިހާން ޑިއުޓީއަށް ދިޔައީ އެ ކޮޓަރީގެ އެއްފަރާތުގައި ހުރި މޭޒުމަތީގައި ސައި ހެދުމަށް ބޭނުންކުރާ އެއްޗެހި ރީއްޗަށް އަތުރާފައެވެ. އަދި ރަނގަޅަށް ކައި އަރާމުކުރުމަށް ބުނެ ބަލިއްޔާ އޮފީހަށް ނުދިޔުމަށް ބުނާ ނޯޓުކޮޅެއް ވެސް މޭޒުމަތީގައި ތަތްކުރުމަށްފަހުއެވެ.
ޑިއުޓީއަށް ދިޔުމަށްފަހު ލިބުނު ބްރޭކް ގަޑީގައި ވެސް އިއްޔެއާއި ޚިލާފަށް ޒިހާން ގެއަށް ދިޔައެވެ. ޔުނާ އާދައިގެ މަތިން ގަދަ ދައްކަމުން ހިނިތުންވެ މިހާރު ރަނގަޅުކަމަށް ބުންޏެއްކަމަކު އެ ލޯމަތިން ވަރުބަލިކަން ޒިހާނަށް ފާހަގަވިއެވެ. ޒިހާން އެ ވަގުތުން ވަގުތަށް ވެސް ޔުނާ ޑޮކްޓަރަށް ގެންދަން އުޅުނެވެ. އެހެނަސް ޔުނާ ތަކުރާރުކޮށް އިންކާރު ކުރުމާއެކު ޒިހާނަށް މާ ބޮޑު ވަގުތެއްވެސް އެހިނދު ނެތުމުން ޒިހާން ހަތިޔާރު ބެހެއްޓިއެވެ. އެންމެ ފަހުން ޒިހާނަށް ޔުނާ ޑޮކްޓަރަށް ދައްކަން ގެންދެވޭ ގޮތްވީ ޑިއުޓީއިން ހޮޓެލަށް އަނބުރާ އައިހެވެ. ކޮޓަރިއަށް ވަން ވަގުތު ފާޚާނާ ތެރެއިން އިވެމުން ދިޔައީ ޔުނާ ހޮޑުލާ އަޑެވެ. ޒިހާން ވަގުތުން ގޮސް ޔުނާއަށް އެހީވެ އިތުރު އެއްޗެކޭ ވެސް ޑޮކްޓަރަށް ދާން ތައްޔާރުވުމަށް ބުންޏެވެ. ޔުނާ ވެސް އެ ފަހަރު ދެކޮޅު ހެދުމެއްނެތި ތައްޔާރުވިއެވެ. އަދި ޒިހާން އޭނަގެ އަތުގައި ހިފައިގެން ގޮސް ކާރާއި ހަމައަށް ގެންދަން ދެން ވެސް ޒިހާނަށް އޭނަގެ ހުރިހާ ޙަރަކާތްތައް ދޫކޮށްގެން ހުއްޓެވެ.
ހޮޓެލްގެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު އެންގީ އެންމެ ފުރަތަމަ ކަމަކަށް ޔުނާ އެނދުމަތިވުމަށެވެ. އެވަގުތު ޔުނާގެ ގައިގައި މާ ބޮޑު ވަރެއް ނެތުމުންނެވެ. ޓެސްޓްތައް ހެއްދުމަށްފަހު ޕްރައިވޭޓް ރޫމަކަށް ވެއްދި އައިވީ ގުޅިތާ އިރުކޮޅެއްފަހުން ޔުނާގެ ޙާލު ރަނގަޅުވަމުން ދިޔަހެން ޔުނާއަށް ވެސް ހީވިއެވެ. އެ ވާހަކަ ބުނުމަށްފަހު އެދުވަހު ބޯ އަނބުރާތީ މާ ރަނގަޅަށް ނުކެވޭ ވާހަކަ ވެސް ޔުނާ ބުންޏެވެ. ޔުނާ އެހެން ބުނުމުން ޒިހާން ޔުނާއަށް ދޭން އެއްޗެއް ހޯދަން ދާން އުޅުނު ވަގުތު ޑޮކްޓަރު ވަދެގެން އައެވެ. އެހެންކަމުން ޒިހާން ޚިޔާލު ބަދަލުކޮށްލަމުން ޔުނާ ކައިރީގައި މަޑުކުރިއެވެ.
އެ އަންހެން ޑޮކްޓަރު ޔުނާއާއި ސުވާލުތަކެއް ކުރިއެވެ. އެ ސުވާލުތަކުގެ ޒާތުންނާއި ޔުނާއަށް ދެވެމުން ދިޔަ ޖަވާބުތަކުން ޔުނާއާއި ޒިހާނަށް ކަމެއް އެނގުންވަމުން ދިޔަ ފަދައަކުން އެކަކު އަނެކަކަށް ބެލެމުން ދިޔައެވެ. ޑޮކްޓަރުވެސް އެންމެ ފަހު ސުވާލު ކުރުމަށްފަހު މިއީ އުފާވެރި ޚަބަރަކަށް ވެސް ވެދާނެ ކަމަށް ހިނިތުންވުމަކާއެކީ ބުނެލީ ދެމީހުންނަށް ވަކިވަކިން ބަލަމުންނެވެ. އެއަށްފަހު އެ ރޫމުން ނިކުމެގެން ދިޔައީ ޔުނާއާއި ޒިހާން ޒާތެއްގެ ޝޮކެއްގައި ބުނާނެ އެއްޗެއް ނޭނގިފައި ތިއްބައެވެ. ޑޮކްޓަރު ނިކުމެ ދޮރު ލައްޕާލި ތަނާހެން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އޭގެ ސިކުންތުކޮޅެއްފަހުން ދެމީހުންނަށް އެކުއެކީގައި ހެވުނީ ލިބުނު ކުއްލި އުފަލެއްގެ ސަބަބުންނެވެ. ޒިހާން ހެމުން ގޮސް އެނދު ކައިރީގައި ހުރި ގޮނޑި އެނދާއި އިތުރަށް ކައިރިކުރަމުން އިށީނެވެ.
“އަޅެ އަހަރުމެންނަށް މިކަން ޕްރޮސެސް މިވީ ހާދަ ލަހުންނޭ!” ޒިހާން ހެވިފައި އިނދެ އެނދުމަތީގައި އޮތް ޔުނާގެ އަތުގައި ހިފާލަމުން ބުންޏެވެ.
“ހެހެ…..އަދި ޔަޤީނެއް ނޫނެއްނު؟ މާ ބޮޑަށް އެކްސްޕެކްޓް ނުކުރައްޗޭ! ފަހުން ދެރަވާން ޖެހިދާނެ…” ޔުނާ ބުނެލިއެވެ.
“އެއްކަލަ ކުއްޖާ މޫޑު ޚަރާބު ކުރަން އެބައުޅޭ. ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ވެސް އަހަރެން ހުންނާނީ އުއްމީދުގަ. ވަރަށް ހީވޭ މިއީ އަހަރެން ކުރި ދުޢާތަކުގެ ޖަވާބުހެން….” ޒިހާން ދެންވެސް ހިނިތުންވުމެއްގައި އިނދެ ބުންޏެވެ.
“ޒިހާން ދުޢާކުރިންތަ މިކަމަށް؟” ޔުނާ ޙައިރާންކަމާއެކީ ސުވާލުކުރިއެވެ. އެއާއިއެކު ޒިހާން ހޫންލައްވާލިއެވެ. އެއަށްފަހު ޢަރަބިން ދުޢާއެއް ކިޔުނެވެ.
“އަޅަމެންގެ ވެރިރަސްކަލާނގެއޭ….އަޅަމެންގެ ސްޕައުސެސްއާ އަޅަމެންގެ ކުދިންގެ ކިބައިން ލޮލުގެ ފިނިކަން އަޅަމެންނަށް ދެއްވާށިއޭ. ކުރިން ވެސް ކިޔައިދެވުނު ކަންނޭނގެދޯ ފުރްޤާން ސޫރަތުގެ މި އާޔަތް؟ ޔުނާއާއި މެރީ ކުރުމުގެ ކުރިން ވެސް ވަރަށް ގިނައިން މި ދުޢާކުރިން. އަބަދުވެސް ޔުނާއާ އެކީގަ ލޯބިލޯބި ޢާއިލާއެއް އޮތުމުގެ ހުވަފެންތައް ދެކުނިން….” ޒިހާން ކިޔައިދިނެވެ. އެ ވާހަކަތަކުން ޔުނާ އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވިއެވެ.
“ޒިހާން….އަހަންނަށް ހީވަނީ އަހަރެންގެ ހޯދުންތަކުގެ ނަތީޖާ އެހާ ރަނގަޅެއް ނޫންހެން. ބައެއް ފިރިހެނުންނަށް އެނގޭ ކަންނޭނގެ ކޮމިޓްކުރަން….” ޔުނާ ބުންޏެވެ. އެއާއެކު ޒިހާން ހީލަމުން ބޯޖަހާލިއެވެ.
“ޔެސް….އަދި އަހަރެންގެ އުއްމީދަކީ އަހަރުމެންގެ ޢާއިލާ ފުރިހަމަ ވީމަ ދެމީހުން އެކީގަ ދުނިޔެއާއި އާޚިރަތުގެ ވެސް ބާއްޖަވެރިކަން ލިބޭނެ ކުއްޖަކު ތަރުބިއްޔަތުކުރުން. ޔުނޫ އެކްސައިޓެޑްތަ؟” ޒިހާން އުޖާލާވި ހިނިތުންވުމަކާއެކީ އެހިއެވެ. ޔުނާއަށް ވެސް ހިނިތުންވެލެވުނު ވަގުތު ޒިހާން ދެންމެ ބުނެލި ބަސްތަކުން ޔުނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނައަށް މިހާ ރީތި ނަޒަރިއްޔާތެއްގެ ވެރިއަކު ފިރިއެއްގެ ގޮތުގައި ލިބިދާނެ ކަމަށް ޔުނާ ހިއެއްނުކުރެއެވެ. ޒިހާންގެ ވާހަކައާއި އެއްބަސްވުމަށް ބޯޖަހާލުމުން ޒިހާން ކުޑަކޮށް ތެދުވެލަމުން ޔުނާގެ ނިތަށް ބޮސްދިނެވެ. އެހިނދު ދުނިޔެ މަތީގައިވި ހުރިހާ އުފަލެއް އޭނަގެ ފަސްބަޔަށް އެޅުނުހެން ޔުނާއަށް ހީވިއެވެ.
ފުރަތަމަ އައިވީ ހުސްވުމުން ޔުނާގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވުމުން ޔުނާ ގެއަށް ފޮނުވާލެވުނެވެ. ޔުނާގެ ޓެސްޓްތަކުގެ ނަތީޖާ ލިބެނީ އޭގެ އަނެއްދުވަހު ހެނދުނު ކަމަށްވުމުން ދެމީހުން ވެސް ކެތްމަދުވެފައިވިއެވެ. ޒިހާން ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް މާދަމާ ޑިއުޓީގެ ބްރޭކްގެ ތެރެއިން ގޮސް ޓެސްޓްތަކުގެ ނަތީޖާ ނަގާނެ ވާހަކަ ތިން ފަހަރަށް ވުރެ ގިނަ ފަހަރު ބުނެވުނެވެ. އެކަން ވެގެން ދިޔައީ ދެމީހުން ވެސް ހެއްވާލި ކަމަކަށެވެ.
ޒިހާން އޭނަ ވަޢުދުވީ ފަދައިން ޑިއުޓީގެ ތެރެއިން ބްރޭކް ލިބުމާއެކު ހޮސްޕިޓަލަށް ދިޔައެވެ. އެހެނަސް ހޮސްޕިޓަލުން ބުނި ގޮތުގައި އޭގެ އިރުކޮޅެއްކުރިން ޔުނާ ވަނީ އެ ޓެސްޓްތަކުގެ ނަތީޖާ ހޯދައިގެން ގޮސްފައެވެ. އެ ވާހަކަ އިވުމުން ޒިހާން ޙައިރާންވާ ގޮތްވިއެވެ. ޔުނާ އޭނައަށް ނާންގާ އޭތި ނެގުމުންނެވެ. އަދި އަމުދުން އެ ނަތީޖާގެ ވާހަކަ ފޯނުން ގުޅާފައި ވެސް އޭނަ ގާތު ބުނެފައި ނުވާތީވެއެވެ.
މި ސަބަބުތަކާހުރެ ޒިހާން ހޮސްޕިޓަލުން ނިކުމެގެން ދިޔައީ ހާސްވެފައިވި ހިތަކާއި އެކީގައެވެ. ބާރު ސްޕީޑެއްގައި ސައިކަލުން ގޮސް ހޮޓެލަށްވަދެ ކޮޓަރިއާއި ހަމައަށް ދެވެންދެން ވެސް އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. ކޮޓަރިއަށް ވަނުމާއެކު ޒިހާނަށް ޔުނާގެ ނަމުން ގޮވާލެވުނީ އެ ނަތީޖާގެ އަސްލު އެނގެން ބޭނުންވި މިންވަރުންނެވެ. އެހެނަސް ކޮޓަރިއަށް ވަދެވުމާއެކު ޒިހާންގެ ޙަރަކާތްތައް ލަސްވެގެން ދިޔައީ ފެނުނު މަންޒަރަކުންނެވެ. އެނދުމަތީގައި ބޭއްވިފައިވީ މަޑު ދަނބު ކުލައިގެ ޅަ ކުއްޖެއްގެ ހެދުމަކާއި ހަމަ އެކުލައިގެ އިސްޓާކީނެކެވެ. އޭގެ ކައިރީގައި ބޭއްވިފައި އޮތް ގަނޑުގައި އެއްޗެއް ލިޔެވިފައިވުމުން ޒިހާނަށް އޭތި ނަގައި ކިޔާލެވުނެވެ.
“ވިލް ސީ ޔޫ ސޫން، ބައްޕި! އިން ޝާ ﷲ!” އެ ބަސްތައް ކިޔާލެވުނު ހިނދު ޒިހާނަށް ހީލެވުމާއެކު އޭނަގެ ލޮލުން ކަރުނަތައް ފާއްދާލިއެވެ. ހަމަ އެ ހިނދު ފަހަތުން ޔުނާ ސިއްރުވެރި އަޑަކުން ‘ސަޕްރައިޒް’އޭ ބުނެލި އަޑު އިވުނެވެ. އެއާއިއެކު ޒިހާނަށް ފަސްއެނބުރި ބަލައިލެވުނެވެ. އެ ހިނދު ހިނިތުންވުމެއްގައި ހުރި ޔުނާ ފެނުމުން ޒިހާނަށް ލުއި ހީލުމަކާއެކީ އަތުގައި އޮތް ގަނޑު އެނދަށް ދޫކޮށްލަމުން ވީ އުފަލުގައި ޔުނާ ނަގައި އުރާލިއެވެ. އެ ހިނދު ދެމީހުންގެ ވެސް ހުނުމުގެ އަޑު ކޮޓަރީގައި ގުގުމާލިއެވެ. އެ ހިނދު އެ ދެމީހުންގެ ލޮލުން ވެސް ފާޅުވަމުން ދިޔަ އުފާވެރިކަން ނިގުޅައިގަންނަން އުޅޭ މީހެއް އެބަ އުޅޭކަން އެވަގުތު ޒިހާން ވެސް ހަނދާނެއް ނެތެވެ.
**
އެމްސްޓާޑަމްއަށް އެރޭ 9 ޖެހި ވަގުތު ޝިޕޯލް އެއާރޕޯޓުގެ ޑިޕާރޗާރގައި ގޮސް އިށީނީ ދިގު ކަޅުކުލައިގެ ކޯޓަކާއި ކަޅުކުލައިގެ ޖިންސެއްގައި ހުރި މީހެކެވެ. ޖެކެޓްގެ ހުޑީ ބޮލުގައި އެޅުވިފައިވުމުން އޭނަގެ ސިފައެއް މާ ބޮޑަށް ސާފުވާ ގޮތެއް ނުވިއެވެ. ކުރިމަތިން ވެސް ފެންނަމުން ދިޔައީ އެ މޫނުގެ އެއްބައެވެ. އެނގޭހާވެސް ކަމަކީ އެއީ އަލި މޫނެއްކަމެވެ. ޑިޕާރޗާރގައި އޭނަ ގޮސް އިށީނުމާއެކު އޭނަގެ ފޯނު ރިންގުވިއެވެ. ފޯނު ނަގައި ސްކްރީނަށް ބަލައިލުމަށްފަހު އޭނަ ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެއަށްފަހު އެއްޗެކޭ ނުބުނެ އެކޮޅުން ވާހަކަ ދައްކަންދެން މަޑުކުރިއެވެ.
“ހަމީދު ފުރަން އުޅެނީ މާދަމާ. އަހަރެން މިހިރީ މިރޭ ފުރަންވެގެން އެއާރޕޯޓަށް އައިއްސަ. ކުޑައިރުކޮޅެއްގެ ތެރޭގަ ފްލައިޓަށް އަރާނަން.” އެ މީހާ އެހެން ބުނުމުން ވެސް އެކޮޅުން ވާހަކަ ދެއްކި އަޑު އިވުނެއްކަމަކު އޭނަ ފަރުވާލެއްނެތި ފޯނު ކަނޑާލަމުން ޖެކެޓްގެ ޖީބު ތެރެއަށްލިއެވެ. ހަމަ އެ ހިނދު އެމްސްޓާޑަމްއިން ރާއްޖެއަށް ފުރާ މީހުން ކުރިއަށް އައުމަށް އެންގެން ފެށުމުން އޭނަ ތެދުވެލިއެވެ. އަދި ދިގު ފިޔަވަޅުތަކެއްގައި އެންމެ ކުރިން ގޮސް ބޯޑިންގް ޕާސް ދައްކާ މޭޒު ކައިރިއަށް މަޑުކޮށްލިއެވެ. ބޯޑިންގް ޕާސް ކަނޑައި އޭގެ ކުޑަ ބައި އޭނައާއި ޙަވާލުކުރެވުނު ވަގުތު އެމީހެއްގެ ނަން އޭގައި އޮތެވެ. ނަމަކަށް ލިޔެވިފައިވީ ‘ޒުބީން ޚަލީލް’ އެވެ.
ނުނިމޭ