Hiyaa (Part 54)
ޕާޓީ އޮތް ދުވަހުގެ ހަވީރު ޒިހާން ޑިއުޓީގައި ހުއްޓާ ނޭނގޭ ނަންބަރަކުން އޭނައަށް ގުޅިއެވެ. ރާއްޖޭގެ އެ ނަންބަރަށް ބަލަން ހުރެހުރެފައި ޒިހާން ފޯނު ނެގިއެވެ. ފޯނު ނަގައި އިތުރު އެއްޗެކޭ ނުބުނެވެނީސް އެކޮޅުން ވާހަކަ ދެއްކިއެވެ.
“ކޮބާ ސްޕެޝަލް ފޯސެސްގެ ރޭވުންތައް ދަނީ ކިހިނެއް؟” އެކޮޅުން ކޮށްލީ އެ ސުވާލެވެ. ސުވާލު ކޮށްލި ރާގުން އެއީ ކޮމާންޑަރަކު ކޮށްލި ސުވާލެއްހެން ހީވެދާނެއެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި ޒިހާނަށް އެ އަޑު ނަގައިގަނެވުނެވެ. އެއީ އެމްސްޓާޑަމްގެ ނަންބަރުން އެރޭ އޭނައަށް ގުޅި ޒުވާނާއެވެ. ޔަޒްދާންބެ ޤަތުލުކުރި ޒުވާނާއެވެ.
ޒިހާން އެއްޗެކޭ ނުބުނެ ހުއްޓާ އެކޮޅުން މަލާމާތުގެ ރާގަކަށް ހީލި އަޑު އިވުނެވެ.
“އުއްމީދަކީ ތިކޮޅުން ވަރަށް ވަރުގަދަ ރޭވުންތައް ރާވާފައި ހުރުން. އިންފެކްޓް މިރޭ ޙަމަލާތައް ފަށަންކަމަށް އަހަރުމެން މިއުޅެނީ. އެހެންވީމަ ޔުނާ ބޭރަށް ތަނަކަށް ނުގެންދިޔައިއްޔާ ކަންނޭނގެ ރަނގަޅުވާނީދޯ؟ މިރޭ ދާން ތިއުޅޭ ޕާޓީ ތެރެއިން ވެސް ޔުނާ އެހެން މީހެއްގެ އަތްދަށުވުން ގާތްވިއްޔާ….” ޒުވާނާ ދެންވެސް ވާހަކަ ދެއްކީ މަލާމާތުގެ ރާގަކަށެވެ.
ޒުވާނާ އެ ދެއްކި ވާހަކައާއިމެދު ވިސްނަން ޒިހާނަށް ހުރެވުނީ ސީރިއަސް ނަޒަރެއްގައެވެ. އެ ޒުވާނާ އޭނަ ގާތު އެހެން ބުނި ބުނުމުގެ ފަހަތުގައިވާނެ ސަބަބު ނަގައިގަންނަން ޒިހާނަށް މާ ގިނައިރެއް ނުނެގިއެވެ. ފުރަތަމަ ސިކުންތުގައި ޒިހާން ބޭނުންވީ ޔުނާ އެ ޕާޓީއަށް ނުގެންދިޔުމަށެވެ. އެހެނަސް އެ ޒުވާނާ ވެސް އެ ޚިޔާލު ދިނުމުން އޭނަގެ ބޭނުމަކީ ޔުނާ އެކަނި ކުރުވުންކަން ޒިހާނަށް އެނގުންވިއެވެ.
ޔުނާގެ އަތުގައި ހިފައިގެން އަނެއްކާވެސް ލިފްޓާއި ދިމާލަށް ހިނގާފައި ދިޔައިރު ޒިހާނަށް ވިސްނެމުން ދިޔައީ އެ ފޯނު ކޯލާއި މެދުގައެވެ. އެ ވާހަކަ ބުނުމަށްފަހު އެ ޒުވާނާ ވަނީ އަލްވަދާޢު ކިޔައި ފޯނު ކަނޑާލާފައެވެ. ފޯނު ކެނޑުމާއެކު ޒިހާން ވަގުތުން އެ ޚަބަރު އިސް ފަރާތްތަކަށް އެންގިއެވެ. އަދި ވަގުތުން އެ ނަންބަރުގެ ވެރި ފަރާތް ހޯދޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް މި ފަހަރުވެސް އެ ގުޅި ޒުވާނާއާއި ހަމައަށް ދެވޭ ގޮތެއް ނުވިއެވެ. އެ ނަންބަރުގެ ވެރި ފަރާތަށް ވެގެން ދިޔައީ ކުޑަ ފިހާރައެއްގެ ސޭޓަކަށެވެ. ސޭޓު ބުނި ގޮތުގައި އޭގެ އިރުކޮޅެއްކުރިން މާސްކަކުން މޫނު ނިވާކޮށްގެން ހުރި ޒުވާނަކު އެ ފިހާރައަށް އައިސް އެ ފޯނު ބޭނުންކުރިއެވެ. ޒުވާނާ ހުރީ އަންގީ ވެސް ލައްވައިގެން ކަމަށްވުމުން އެ ފޯނުން ޒުވާނާގެ އިނގިލީގެ ނިޝާން ލިބޭގޮތެއް ނުވިއެވެ. އަދި އަމުދުން ސޭޓު މީހާ ބުނި ގަޑީގައި އެ ޞަރަޙައްދުގައި ހިނގި ކަންތައް އެ ހިސާބުގައި ހުރި ޢިމާރާތްތަކުގެ ސީސީޓީވީ ކެމެރާތަކުން ހޯދަން މަސައްކަތް ކުރުމުން ވެސް ކާމިޔާބު ވާ ގޮތެއްނުވިއެވެ. އެ ޒުވާނާ ގޯޅިއެއްގެ ތެރެއަށް ވަދެ ގެއްލުނު ގޮތަށް ދެން އެފަދަ ޖެކެޓަކާއި ޖިންސެއްގައި ހުރި ޒުވާނަކު ފެންނަ ގޮތެއް ނުވިއެވެ.
ޒިހާންގެ ކަންބޮޑުވުން ދެގުނަ ވީ އެހާ ހިސާބުންނެވެ. ޒިހާން ހުރީ ގެއާއި ހަމައަށް ދެވުމުގެ ކުރިން ވެސް ޔުނާއަށް ޙަމަލާއެއް ދޭން މަސައްކަތް ކުރާ އެ ޒުވާނަކު އަތުލައި އޭނަގެ ޙަރަކާތްތަކަށް ނިމުމެއް ގެންނާށެވެ. އެހެނަސް އެ ޒުވާނާ އޭނައަށް އިންޒާރު ދިން ވަގުތު ޖެހުނުއިރު ވެސް އެގޮތަށް ކަންތައް ނުވުމުން ޒިހާންގެ ހިތް ނުތަނަވަސްވެފައިވިއެވެ. ޔުނާއަށް ނުރައްކަލެއް ވެދާނެ ފަދަ ތަނަކަށް ޔުނާ ގެންދަން ނަފްރަތު ކުރެވުނެއްކަމަކު އޭނަ ޔުނާއާއި ދުރުވެއްޖެނަމަ އެ ޒުވާނާ އެކަމުގެ ބޭނުން ހިފާނެކަން ޒިހާނަށް ޔަޤީންވިއެވެ. ޔުނާ ގާތު ކޮންމެހެން ވެސް އޭނަގެ އަތުން ދޫކޮށްނުލުމަށް ޒިހާން އެދުނީ އެހެންވެއެވެ. ޔުނާގާތު މި ހުރިހާ ވާހަކައެއް ވެސް ބުނަން ބޭނުންވިއެއްކަމަކު ޔުނާ ނުތަނަވަސްކުރުވަން ވެސް ޒިހާން ބޭނުމެއްނުވިއެވެ. ޒިހާންގެ އުއްމީދަކަށްވީ އެ ޒުވާނާގެ ރޭވުން ފޭލްކޮށްލުމަށް އޭނަ މި އެޅި ފިޔަވަޅުން ޔުނާއަށް މިއިން ކަމެއްގެ ހިލަމެއް ވެސް ނުވެ މި ހުރިހާ ކަމެއް ނިމި ދިޔުމެވެ.
އެހެނަސް އެއީ ނުވާނެ ކަމެއްކަން ޒިހާނަށް މާ ރަނގަޅަށް އެނގެއެވެ. ޒާތީކަމެއްގެ ސަބަބުން ޔުނާއަށް ޙަމަލާ ދޭން މިއުޅޭ ޒުވާނާގެ ވާހަކަ ބަޔަކަށް ނޭނގުނަސް، މިރޭ އަންނަން އުޅޭ ޙަމަލާތަކުން މުޅި ޤައުމަށް އަސަރުކުރުން އެކަށީގެންވެއެވެ. އެ އަސަރު ކުޑަ ކުރުމަށްޓަކައި ސިފައިން މިހާރުވެސް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. ޙަމަލާ ދޭން އުޅޭ ބައެއްގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ކަމަށްވުމުން ރައީސް އޮފީހާއި މުލީއާގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވެއެވެ. މީގެ އިތުރުން ދުޝްމިނުންގެ ޙަރަކާތްތައް ހުރި ގޮތުން އުތުރާއި ދެކުނުން ވެސް ކަނޑުމަތީގެ ޙަމަލާތައް އަމާޒުވާނެކަމަށް ލަފާކުރެވޭތީ އެ ހިސާބުގައި ވެސް އެ ފަދަ ޙަމަލާއަކަށް ސިފައިންގެ ލަޝްކަރު ތައްޔާރުވެފައިވެއެވެ. މިރޭ އޮތް ކައިވެނި ޕާޓީގައި ވެސް ސްޕެޝަލް ފޯސެސްގެ ބައެއް ސިފައިން ބައިވެރިވާ އެއް ސަބަބަކީ މިއަދު ޒިހާނަށް ގުޅި ޒުވާނާގެ ޙަޤީޤަތް ހޯދުމެވެ. އެ ޒުވާނާ ވެސް ހަތިޔާރުތައް އެއްކުރި ބައިގަނޑާއި ގުޅުމެއް އޮތް ކަމަށް ބެލެވޭތީވެއެވެ.
“ކޮން ކަމަކާ ތި ވިސްނަނީ؟” ލިފްޓުގެ ބަޓަނަކަށް ފިތާލުމަށްފަހު ދޮރު ހުޅުވެންދެން މަޑުކޮށްގެން ތިބި ވަގުތު ޔުނާއަށް ހިމޭނުންހުރި ޒިހާން ގާތު އަހައިލެވުނެވެ.
“ކަމެއްނުވޭ އަނެއްހެން……މިހާރު ވޯކް މާ ބިޒީވީމަ ހަމަ ހުސް އެކަންތަކާ ވިސްނެނީ….” ޒިހާން ބުންޏެވެ.
“އަބަދު ވޯކްއާމެދު ވިސްނާކަށް ނުވާނެ. މިހާ ރީތި އަންހެން ކުއްޖެއް ކައިރީގަ ހުންނައިރު ވަކިން ޚާއްޞަކޮށް!” ޔުނާ ޝަކުވާގެ ރާގަކަށް އެހެން ބުނެލީ ޒިހާން ހެއްވާލުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވެސްވިއެވެ. ހާސްކަމުގެ ތެރޭގައި ހުރެވެސް ޒިހާނަށް ހީލެވުނީ އިޚްތިޔާރަކާއި ނުލައެވެ.
“ތެދުފުޅެއް!” ޒިހާން ހެވިފައިހުރެ އެހެން ބުނުމުން ޔުނާއަށް ވެސް ހީލެވުނެވެ. ހަމަ އެ ވަގުތު އެ މީހުންގެ ކުރިމަތީގައި ހުރި ލިފްޓުގެ ދޮރު ހުޅުވިގެން ދިޔުމުން ދެމީހުންނަށް އެކުއެކީގައި އެ ދިމާލަށް ބަލައިލެވުނެވެ. ލިފްޓުގައި ހުރީ ޖޫސް ތަށްޓެއް ތަބަކަށް ލައިގެން ހުރި ރެސްޓޯރެންޓުގެ ވެއިޓަރެކެވެ. ވެއިޓަރު މީހާ ލިފްޓުން ފެނިފައި ޔުނާއާއި ޒިހާނަށް ވެސް ޙައިރާންކަމެއް ލިބުނެވެ. އެ ޙައިރާންކަމުގެ ތެރެއިން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޔުނާއެވެ.
“މިތާ ކީއްތޯ ތި ކުރައްވަނީ؟ ރެސްޓޯރެންޓް ހުރީ އެކޮޅުގައެއް ނޫންތޯ؟” ޔުނާ ސީރިއަސްކަމާއެކީ އެއްފަރާތަކަށް ޢިޝާރާތް ކުރަމުން ސުވާލުކުރިއެވެ. ޔުނާމެން އެތަނުން ފެނުނީއްސުރެ ލިބުނު ޝޮކުގައި އެ ދިވެހި ވެއިޓަރު ކުއްޖާ ހުރިގޮތަށް ހުރީއެވެ. އެކުއްޖާ ޖަވާބެއް ދޭން ނުކެރިފައި ހުއްޓާ ލިފްޓުގެ ދޮރުވެސް ލެއްޕެން އުޅުމުން ޔުނާ އެ ދޮރުގައި ހިފެހެއްޓިއެވެ. އެއާއެކު އެ ކުއްޖާ ލިފްޓުން ފައިބަމުން ވާހަކަ ދެއްކިއެވެ.
“އަ….އަޅުގަނޑު މިއައީ މޭމްއަށް ދޭންވެގެން ޑްރިންކެއް ހިފައިގެން…” އެކުއްޖާ ނުތަނަވަސްކަމާއެކީ ބުންޏެވެ. އެއާއެކު ޒިހާނަށް ވެސް އެ ވާހަކައަށް އިތުރު ސަމާލުކަމެއް ދެވުނެވެ.
“މޭމް އެއްވެސް ޑްރިންކަކަށް އޯޑާރއެއް ނުދެން…” ޔުނާ ސީރިއަސްކަމާއެކީ ބުންޏެވެ.
“އެއީ….އެއީ އަސްލު ތިރީގަ ހުރި ރޫމަކަށް އެހެން ޑްރިންކެއް ޑެލިވާރ ކޮށްފަ އަޅުގަނޑު މިއައީ….” ވެއިޓަރަށް ނުތަނަވަސްކަމުގައި ނުގުޅޭ ޖަވާބެއް ދެވުނެވެ.
“ޑްރިންކްތައް ރޫމްތަކަށް ގެންދަން ރޫމް ބޯއިސް އުޅޭނެ. އެހެންނޫނަސް މަތީގަ ހުރެފަ ޑްރިންކްތައް ހިފައިގެން ދާއިރު މޭމްއަށް ދޭންވާ އެތި ދީފަ ދިޔައިމަ ކަންނޭނގެ ފަސޭހަވާނީ ދެއްތޯ؟” ޔުނާ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން ސުވާލުކުރިއެވެ.
“ތި ޑްރިންކް މޭމްއަށް ގެނެސްދޭން ބުނީ ކާކު؟”
އެ ފަހު ސުވާލު ކޮށްލީ އެ ހުރިހާ ވާހަކައެއް އަޑުއަހަން ހުރި ޒިހާނެވެ. ޒިހާން ކޮށްލި ސުވާލުން ޒުވާނާގެ ލޯ ބޮޑުވީ އިތުރު ބިރުވެރިކަމެއް ކުރިމަތިވި ފަދައަކުންނެވެ. ޒިހާނާއެކީ ޔުނާއަށް ވެސް އެކަން ފާހަގަވިއެވެ. ޒިހާން ކުރިއަށް ޖެހިލަމުން އިތުރު އެއްޗެކޭ ބުނަން އުޅުނު ތަނާހެން ވެއިޓަރު އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.
“އެއީ ހަމަ އާ ޑްރިންކެއްވީމަ އަޅުގަނޑު މޭމްއަށް ރަހަ ދައްކާލަންވެގެން ގެނެސްދިނީ. ދެން އަޅުގަނޑު ދިޔައީ. ވަރަށް ގިނަ އޯޑަރުތައް ގެންގޮސްދޭން އެބަހުރި….” ވެއިޓަރު ނުހަނު އަވަސްއަވަހަށް އެހެން ބުނަމުން ޒިހާންމެންނަށް ފަސްދީފައި ރެސްޓޯރެންޓާއި ދިމާލަށް ދާން ހިނގައިގަތެވެ. ޒިހާނާއި ޔުނާ އޭނައަށް ބަލަން ތިބެފައި ލިފްޓަށް އެރިއެވެ.
“ޔޫސުފްގެ ކަމަކަށް ވެދާނެބާ….” ޔުނާ ސީރިއަސް ނަޒަރެއްގައި ހުރެ ބުންޏެވެ.
“ހިއެއްނުވޭ….” ޒިހާން އެހެން ބުނެލީ އޭނަ ހިފަހައްޓައިގެން ހުރި ޔުނާގެ އަތަށް ބާރުކޮށްލަމުންނެވެ.
ޔުނާއާއި ޒިހާން ލިފްޓަށް އެރި ވަގުތު އެއްކަލަ ވެއިޓަރު ރެސްޓޯރެންޓަށް ވަންނަން އުޅެފައިވެސް އެމީހުން ދިޔަ މަންޒަރު ބަލަން ހުރެފައި އޭނަގެ ފޯނު ޖީބުން ނެގިއެވެ. އެއަށްފަހު ނަންބަރަކަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ ސާރ…..އަޅުގަނޑު ލިފްޓުން އައި މަންޒަރު އެ ދެމީހުންނަށް ފެނިގެން އެމީހުން އަޅުގަނޑަށް ޝައްކުކޮށްފި…ދެން ކިހިނެއްތޯ ވާނީ؟” ވެއިޓަރު ނުތަނަވަސްކަމާއެކީ އެހިއެވެ.
އޭނަގެ އެ ވާހަކަ އަޑުއަހަން ފޯނުގެ އަނެއްކޮޅުގައި ހުރީ ހޮޓެލްގެ ރިސެޕްޝަން އޭރިއާގެ ސޯފާއެއްގައި އިން ޒުވާނެކެވެ. ހުޑީއަކުން މޫނުގެ ބޮޑުބައި ނިވާވާ ޒާތުގެ ގަދަ ނޫކުލައިގެ ޖެކެޓެއް ލައިގެން ހުރުމުން އޭނަގެ މޫނު ފެންނަ ގޮތެއްނުވެއެވެ. އެ ކޮޅުން އެ ޚަބަރު ލިބުމާއެކު ޒުވާނާގެ ދަތްކުނޑި ވިކި ފޯނުގައި ހިފަހައްޓައިގެން ހުރި އަތަށް ބާރުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޒުވާނާ ފޯނު ކަންފަތުން ނަގައިލީ ހަމަ އެ ސިކުންތުގައި ފޯނު ކަނޑައިލަމުންނެވެ. ޒުވާނާ ފޯނު ހުޅުވައިލަމުން ވައިބާރ ގްރޫޕަކަށް ވަދެ މެސެޖެއް ލިޔަން ފެށިއެވެ. މެސެޖުގައި އޭނަ ލިޔުނީ ‘ޗޭންޖް އޮފް ޕްލޭންސް…..’ މިހެން އެކަންޏެވެ. އައިސްފައިވި ރުޅީގައި އޭނަ ދެން ރާވައިގެން ހުރި ކަންތައް އަމިއްލަ ބައިގަނޑަށް ވެސް އަންގަން ބޭނުން ނުވި ފަދައެވެ. ވަގުތުން އޮފްލައިންވެ އެ ޒުވާނާ ކޮޅަށް ތެދުވެލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް ހޮޓެލުން ނިކުތެވެ.
ހޮޓެލުން ނިކުމެގެން ގޮސް ޒުވާނާ އެރީ އެތާ ޕާކް ކުރެވިފައި އޮތް ކަޅުކުލައިގެ އައުޑީ ކާރަކަށެވެ. އެ ޒުވާނާ އެ ކާރަށް އަރައި ބާރަށް ދުއްވާލި މަންޒަރު ކާރުގައި އިން ޖިނާހަށް ފެނުނެވެ. ޖިނާހު ބުމަގޮށްޖަހައިލަމުން އަމިއްލަ ކާރު ސްޓާޓްކޮށް ދެންމެ ފެނުނު މެސެޖާއެކީ އެ ކާރު ދުއްވައިލި މަންޒަރު ފެނި ބޮޑު ކަމެއް ވާން އުޅޭކަން ދަނެގެންނެވެ.
ޒިހާނާއި ޔުނާ ހޮޓެލުން ނިކުމެ އެ މީހުންގެ ކާރަށް އެރީ ޖިނާހުގެ ކާރުވެސް ދިޔަތާ އިރުކޮޅެއް ފަހުންނެވެ. ކާރަށް އެރި ވަގުތު ވެސް ޔުނާއަށް ވިސްނެމުން ދިޔައީ ދެންމެ އޭނައަށް ބުއިމެއް ދޭން އުޅުނު ޒުވާނާއި މެދުގައެވެ.
“އަހަންނަށް ހީވަނީ އެއީ ހަމަ ޔޫސުފްގެ ކަމެއްހެން ޒިހާން….ކުރީ ދުވަހު ޒިހާން ބުނެގެން އަހަރެން ޔޫސުފްއާއި ސުވާލުތައް ކުރި ރެކޯޑިންގް އިން ވެސް އެނގެއެއްނު އޭނަ ކޮންމެވެސް ގޯހެއް އެބަ ހަދާކަން؟” ޔުނާ އެހެން ބުނެލިއިރު ޒިހާން ކާރު ސްޓާޓް ކޮށްލަމުން ކާރު ދުއްވާލަނީއެވެ.
“ހުމް….އަހަރެން ހީކުރި ގޮތަށް އެ ބޮޑު ޓްރާންސެކްޝަންތަކާމެދު ސުވާލުކުރީމަ އޭނައަށް ފުރިހަމަ ޖަވާބެއް ނުދެވުނުދޯ؟ އެކަމަކު އެއަށްވުރެ ވަރުގަދަ ހެކިތައް ބޭނުންވާނެ އޭނަގެ ޙަޤީޤީ ކުށް ސާބިތުކުރަން. އޭނަ އެ ފައިސާއިން ކުރީ ކީއްކަން ވެސް ސާބިތުކުރުވަން އަހަރެން ބޭނުން. އަހަރެން އެބަ މަސައްކަތް ކުރަން އެ ހެކިތައް ހޯދޭތޯ….” ޒިހާން ސީރިއަސް ނަޒަރެއްގައި އިނދެ އެހެން ބުނެލުމުން ޔުނާ ބޯޖަހައިލިއެވެ.
“އަހަރެން ވެސް މަސައްކަތް ކުރާނަން އިން ޝާ ﷲ….” ޔުނާ ބުންޏެވެ.
“ނޫން ޔުނާ……ޔުނާ އޭނައާއި ވީހާވެސް ދުރުގަ ހުރުން ރަނގަޅީ މިހާ ހިސާބުން. އެހެން އެއްވެސް ކަމަކަށް ވުރެ ޔުނާގެ ރައްކާތެރިކަން އަހަންނަށް މުހިއްމު. ވީމަ މިރޭ ވެސް އަހަރެން ބުނާ ގޮތަށް އަހަރެން ކައިރީގަ ހުރެދެއްޗޭ. އެއްވެސް ނޭނގޭ މީހަކާއި ވާހަކަ ނުދައްކައްޗޭ. ނޭނގޭ ނަންބަރަކުން ގުޅިއަސް ފޯނު ނުނަގާތި. އަދި އެތަނުން ލިބޭ އެއްޗެއްގަ ވެސް އަތްނުލައްޗޭ އަހަރެން ކައިރީގަ ނުބުނެ.” ޒިހާން އެ ވާހަކަތައް ދެއްކިއިރު އެ މޫނުމަތިންނާއި އަޑުން ފާޅުވަމުން ދިޔަ ކަންބޮޑުވުން ޔުނާއަށް ފާހަގަވިއެވެ. ޒިހާން އެހެން ބުނުމަށްފަހު ވެސް އެއްއަތް ދިއްކޮށްލަމުން ޔުނާގެ އެއްއަތުގައި އަތް އަޅައި ހިފައިލި ގޮތުން ޒިހާން ނުތަނަވަސްވެފައިވާ މިންވަރު ޔުނާއަށް އިޙްސާސް ކުރެވުނެވެ. ހަމަ އެއާއެކު މިރޭ ވާންއުޅެނީ ކިހާ ބޮޑު ކަމެއްކަން ވެސް ޔުނާއަށް އެނގުންވިއެވެ. އެކަމާއިމެދު ހިތުގައި ބިރުވެރިކަމެއް އުފެދުނެއްކަމަކު އޭނަގެ ކައިރީގައި ހުރީ ޒިހާންކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޔުނާގެ ހަނދާނަށް އައީ ޒިހާން އަމިއްލަ ފުރާނައާއިމެދު ވެސް ވިސްނާލުމެއް ނެތި އޭނަ ރައްކާތެރިކޮށްދިން ގޮތެވެ. ޔުނާގެ އުއްމީދަކަށްވީ މިރޭ ކޮންމެހެން ވެސް ޒިހާނަށް ގޮތެއްނުވުމެވެ. އެކަމަށްޓަކައި ހިތާހިތުން ދުޢާކުރި ހިނދު ޔުނާ އޭނަގެ އަނެއް އަތް ޒިހާންގެ އަތްމަތީގައި ބާއްވަމުން މަޑުމަޑުން ފިރުމައިލިއެވެ.
ޕާޓީ އޮތީ ވިލިނގިލީގައި ކަމަށްވުމުން ޒިހާނާއި ޔުނާ ކާރުން ދިޔައީ ޖެޓީއާއި ހަމައަށެވެ. އެހާ ހިސާބުން ލޯންޗަކަށް އަރައި މިނެޓްތަކެއްގެ ދަތުރަކަށްފަހު އެމީހުންނަށް އެމީހުންގެ މަންޒިލާއި ހަމައަށް ދެވުނެވެ. ޕާޓީ ބާއްވަން ހަމަޖެހިފައި އޮތީ އެ ރަށުގެ އަތިރި ހިސާބެއްގައި ހެދިފައި ހުންނަ ރެސްޓޯރެންޓެއްގައި ކަމަށްވުމުން ޒިހާނާއި ޔުނާ އެ ރެސްޓޯރެންޓަށް ދިޔައެވެ. ރެސްޓޯރެންޓަށް ގޮސް އެރޭ ކައިވެނި ކުރި ދެމަފިރިންނަށް މަރުޙަބާ ކިޔުމަށްފަހު ދެމީހުން ގޮސް އަތިރީގައި ހުރި މޭޒެއްގެ ދޮށުގައި އިށީނެވެ. އިށީނުމާއެކު އެ މޭޒުގެ ކުރިމައްޗަށް ވާ ގޮތަށް ހުރި މޭޒު ކައިރީގައި ކޮޅަށް ހުރި ޝިއުސް ޒިހާނަށް ފެނުނެވެ. ދެމީހުންނަށް އެކަކު އަނެކަކު ފެނުމާއެކު ބޯޖަހައިލީ ހުރިހާ ކަމެއް ރަނގަޅުކަމަށް އެންގުމަށެވެ. ޒިހާން އެތާ ވަށައިގެން ނަޒަރެއް ދިންއިރު ޝިއުސް ފަދައިން އެހެނިހެން ސްޕެޝަލް ފޯސެސްގެ މެންބަރުން ވެސް އާދައިގެ ހެދުމުގައި އާއްމު މީހުން އިށީނދެގެން ތިބި މޭޒުތަކުގެ ކައިރީގައި ހުއްޓިގެން ތިއްބެވެ. ޙަމަލާއެއް އަތުވެއްޖެ ޙާލަތެއްގައި އެންމެންނަށް އެތަނުން ދާންވީ މަގު ސާފުކޮށް ބުނެދިނުމަށެވެ. ލޯންޗަށް އެރުމުގެ ކުރިން ޒިހާން ޝިއުސްއަށް ގުޅުމުން ޕާޓީގައި ޝައްކު އުފެދޭ މީހަކު އޭރު ހުރިކަމަށް ނުބެލެވޭކަމަށް ބުންޏެވެ. އަދި ހަތިޔާރެއް ގެންގުޅޭ މީހަކު ހުރިކަމަށް ނުބެލޭ ކަމަށް އެންގިއެވެ. އެހެނަސް އެ ފިޔަވަޅުތައް އަޅަން ޖެހުނީ ޒިހާނަށް މިއަދު ގުޅި ޒުވާނާ ޕާޓީއަށް އަންނާނެތީވެއެވެ. އެ ޒުވާނާއާއި ހަތިޔާރުތައް ގެންގުޅޭ ކަމަށް ބެލެވޭ މީހުންނާއި ގުޅުމެއް އޮތްކަން ޔަޤީންވާތީވެއެވެ.
ޕާޓީގައި ގަޑިއިރެއްހާއިރު ހޭދަވެގެން ދިޔައިރު ވެސް އެފަދަ ޒުވާނެއްގެ ހިލަމެއް ނުވެއެވެ. ޕާޓީއަށް އައި އެންމެންވެސް ނުހަނު އުފަލާއެކީ މީރު ކާއެއްޗެހި ކައި ބުއިންތައް ބޮމުން ދިޔައެވެ. ޒިހާނާއި ޔުނާ ވެސް ލުއި ހީލުންތައް ހިއްސާކުރަމުން ކަމުން ދިޔަ ވަގުތު އެމީހުންނަށް ނޭނގުނުކަމަކީ އެމީހުންގެ ފަހަތުން ފެންނަމުން ދިޔަ ތިރި ގަސްތަކުގެ ތެރޭގައި އެމީހުންނާއި ދިމާލަށް ފިސްތޯލެއް ދިއްކޮށްގެން މީހަކު އިންކަމެވެ. އެމީހަކު އެތަނަށް އައީ ޝިއުސްމެން ދާދި ދެންމެއަކު އެތަނުން ރައުންޑެއް ޖަހައި ނިންމި ތަނުންނެވެ. އެމީހަކު ޔުނާމެންނަށް ރުޅިވެރި ނަޒަރެއް ދީގެން ހުރެފައި ޓްރިގަރަށް ދަމައިލަން އުޅުނު ވަގުތު ކޮންމެވެސް މީހަކު އައިސް އޭނަގެ އަތުގައި ޖަހައި ވައްޓާލިއެވެ. ހަމަ އެހިނދު ބާރު އަޑެއް މުޅި ތަނުގައި ގުގުމައިލުމުން ޕާޓީގައި ތިބި މީހުންގެ ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ.
ނުނިމޭ