Hiyaa (Part 55)
ބާރު ސްޕީޑެއްގައި ކާރު ދުއްވާފައި ގޮސް ޒުބީން އޭނަގެ ކާރު ވައްދައިލީ ޖެޓީ ސަރަޙައްދާއި ކައިރި ހިސާބެއްގައި ހުރި ގަރާޖަކަށެވެ. އެ ގަރާޖު އޭނަގެ ކާރަށްޓަކައި އެވަގުތު ހުޅުވިފައިވީ މިއަދު އޭނަ މޫނު ނިވާކޮށްގެން ދިޔަ ތަންތަނުގެ ތެރޭގައި އެތަން ވެސް ހިމެނޭތީވެއެވެ. އެ ގަރާޖުގެ ވެރިމީހާ އޭނައާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނާނެހާ ވަރަށް އެމީހަކަށް ވަނީ ލާރި ދީފައެވެ.
ޒުބީން ކާރުން ފޭބުމުގެ ކުރިން ކާރުގެ ކުރީ ބައިގައި ހުރި ވަތްގަނޑު ހުޅުވިއެވެ. އެއަށްފަހު އޭގެ ތެރޭގައި އޮތް ފިސްތޯލު ނަގައި ބާރު އަޑަކާއެކީ ވަތްގަނޑު ލައްޕާލަމުން، ލައިގެން ހުރި ޖެކެޓްގެ އެތެރޭގެ ޖީބު ތެރެއަށް ފިސްތޯލު ލިއެވެ.
ކާރުން ފޭބުމަށްފަހު ވެސް އައިސްފައިވި ރުޅީގައި ޒުބީން ޖެޓީ ހުންނަ މަގަށް ދިޔުމަށްޓަކައި ފައިމަގުގައި ދިޔައީ ދިގު ފިޔަވަޅުތަކެއްގައި އޭނަގެ ވަށައިގެންވި މާޙައުލަށް ސަމާލުކަމެއް ދިނުމެއް ނެތިއެވެ. އެހެންޏާ އަބަދުވެސް އޭނަގެ ކޮންމެ ފިޔަވަޅަކާއެކީ ވެސް އޭނައަށް ޖާސޫސްކުރާ މީހަކު ހުރިތޯ ބެލުމަކީ އޭނަ ސަމާލުކަން ދޭ ކަމަކަށް ވިޔަސް، މި ހުރިހާއިރު އޭނަގެ ކާރުގެ ފަހަތުން އެހެން ކާރެއް އަންނަމުން ދިޔަކަން ވެސް ފާހަގަ ނުވީ އެ ރުޅީގެ ސަބަބުން ކަންނޭނގެއެވެ. އަދި އަމުދުން އެ ވަގުތުވެސް އެހެން މީހަކު އޭނަގެ ފަހަތުން އަންނަމުން ދިޔަކަން ވެސްމެއެވެ. ވާނީވެސް އެހެންތާއެވެ. ޒިހާންގެ ސަބަބުން މިރޭ އޭނަގެ ‘މޮޅު’ ރޭވުމެއް މި ވަނީ ފުރަތަމަ ފަހަރަށް ފޭލްވެފައެވެ.
ޖެޓީ ހުންނަ މަގާއި ހަމައަށް ދެވުމާއެކު ޒުބީން ވަކި މަޑުކުރުމެއްނެތި މަގު ހުރަސްކުރަން އުޅުނެވެ. އެހެނަސް އޭނަގެ ޙަރަކާތްތަކަށް ހުއްޓުމެއް އައީ މަގުގެ އަނެއް ފަރާތުން ފެނުނު މަންޒަރަކުންނެވެ. ފުރަން ތައްޔާރަށް އޮތް ލޯންޗަކަށް އަރަމުން ދިޔަ މީހުންގެ ދަޢުވަތު ކާޑުތައް ބަލަން މީހަކު ހުއްޓެވެ. އެމީހެއްގެ ހައިބަތު ހުރި ހަށިގަނޑާއި އިސްތަށިގަނޑު ތުނިކޮށް ކޮށާފައިވި ގޮތުން އެއީ ސިފައިންގެ މީހެއްކަން ޒުބީނަށް ޔަޤީނާއި ގާތް ކުރެވުނެވެ. މިއަދު އޭނައަށް ޒިހާން ގާތު ޕާޓީގެ ނަންގަނެވުނު ކަމުގެ މޮޔަ ހީވި ވަގުތު އަނެއްކާވެސް ދަތްކުނޑި ވިކުނެވެ. ކޮންމެ ގޮތެއްވިޔަސް ޒުބީން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ހިނގާފައި ގޮސް އެތާ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަނީ ރަނގަޅު ވަގުތަކަށް އިންތިޒާރު ކުރުމަށެވެ. އެ ވަގުތުވެސް އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް އެހެން މީހަކުވެސް އެ ރެސްޓޯރެންޓަށް ވަންކަން އޭނައަށް ރޭކާނުލީ ހައިޖާނެއް އުފެދިފައިވި ސިކުނޑީގެ ސަބަބުންނެވެ.
ރެސްޓޯރެންޓުގައި އިން ޒުބީން ދޭތެރެދޭތެރެއިން ބޭރު ބަލަމުން ދިޔައީ އޭނައަށް ފުރުޞަތެއް ލިބޭތޯއެވެ. ޒިހާނާއި ޔުނާ ލޯންޗަށް އަރަން ދިޔަ މަންޒަރު އޭނައަށް ފެނުނީ އެފަދައިން ބެލި ފަހަރެއްގައެވެ. ލޯންޗަށް އަރަން ގޮސް ހުރެވެސް ޒިހާން ވަށައި ނަޒަރު ދެމުން ދިޔަ ވަގުތު ޒިހާންގެ ނަޒަރު އޭނައަށް އަމާޒުވުމުން ވީ ޖެހިލުންވުމުގައި ޒުބީނަށް ފަސްއެނބުރިލެވުނެވެ. އޭނަ އެ ފިރިހެނާއަށް ބިރުގަތީތޯ އަމިއްލަ ޒަމީރާއި ސުވާލުކުރެވުނު ވަގުތު ޒިހާނާއި އެކީ އަމިއްލަ ނަފްސަށް ވެސް ޒުބީން ރުޅި އައެވެ. އެހިނދު ކޮންމެހެން ވެސް އެރެއިން އެ ރެއަށް އޭނަގެ މަޤްޞަދު ޙާޞިލުކުރަން ޒުބީންގެ ހިތުގައި އޮތް އެދުން އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. އެހާ ހިސާބުން ޔުނާއަށް ނިމުމެއް ގެންނަން ބޭނުންވީ ހަމައެކަނި މާޒީގައި އޭނައަށް ދިމާވި ހިތާމަވެރިކަމުގެ ބަދަލު ހިފުމުގެ ގޮތުންނެއް ނޫނެވެ. ހަމަ މިއާއިއެކު އޭނަގެ ރޭވުންތެރިކަމަށް ގޮންޖަހާލި ޒިހާނަށް ވެސް ފިލާވަޅެއް ދިނުމުގެ ވެސް ގޮތުންނެވެ.
މި ޢަޒުމުގައި ޒުބީން ރެސްޓޯރެންޓުން ނިކުމެގެން އަންނަން ފެށީ އޭނަ އެތަނަށް ވަންތާ ދޮޅު ގަޑިއިރަށްވުރެ ވެސް ގިނައިރު ވީ ފަހުންނެވެ. މަގު ހުރަސްކޮށް ޖެޓީއަށް ގޮސް އޭނަ ހުހަށް އޮތް އެއް ލޯންޗު ހިފިއެވެ. އެ ލޯންޗު ނެއްޓިތާ މާ ގިނައިރެއް ނުވެ އޭގެ ފަހަތުން އެހެން ލޯންޗެއް ވެސް ނެއްޓިކަން ޒުބީނަށް ފާހަގައެއް ނުވިއެވެ.
އޭގެ މިނެޓްތަކެއް ފަހުން ޒުބީން ހުރީ ވިލިނގިލީގައެވެ. ކައިވެނި ޕާޓީ އޮތް ތަނެއް ވަކި މީހެއް ކައިރިން އަހަން ނުޖެހުނީ މަގުމަތިން ދަނިކޮށް ބައެއްގެ ތުންތުން މަތިން އެ ވާހަކަ އިވިގެން ދިޔުމުންނެވެ. އޭގެ މާ ގިނައިރެއް ނުވެ ޒުބީން އެ ރެސްޓޯރެންޓާއި ހަމަވިއެވެ. އެ ހިސާބާއި ގާތްވަމުން ދިޔަދިޔަހެން އޭނަގެ ފިޔަވަޅުތައް ލަސްވެގެން ދިޔައީ އަނެއްކާވެސް ސިފައިންހެން ހީވާ ދެ ތިން ޒުވާނުން ރެސްޓޯރެންޓުގެ ފުރަގަހުގައި ވެސް ވަށައި ހޯދަމުން ހިނގަމުން ދިޔަ މަންޒަރު ފެނުމުންނެވެ.
ޒުބީން ޚުޝިޔާރުކަމާއެކީ ރެސްޓޯރެންޓުގެ އެހެން ދިމާލަކަށް ގޮސް އެތާ ހުރި ގަސްތަކުގެ ތެރޭގައި ހުރެފައި ދުވެލިއެވެ. އެއާއިއެކު އޭނައަށް އޭރު ފެނުނު ތިން ޒުވާނުން އެ އަޑު އިވިފައި އެ ދިމާލަށް ދިޔައެވެ. ޒުބީން އެ ފުރުޞަތުގެ ބޭނުން ހިފައިގެން އޭނަ އެންމެ ފުރަތަމަ ވެސް ދާން ދިމާކުރި ދިމާލަށް ދިޔައެވެ. އެ ދިމާލުން ތަންކޮޅެއް ދުރަށް ނަޒަރެއް ދިނުމުން ޔުނާއާއި ޒިހާން ފެނުނުހެން ހީވުމުންނެވެ. އެހާ ހިސާބަށް ދެވުނުތާ މާ ގިނައިރެއް ނުވެ އެމީހުން އިށީނދެގެން ތިބި މޭޒު ޒުބީންގެ ލޮލުގައި އެޅިއެވެ. އެއާއެކު އޭނަ އެތާ ހެދިފައި ހުރި ތިރި ގަސްތަކުގެ ތެރޭގައި ނިވާވެލަމުން އޭނަގެ ޖެކެޓުގެ ތެރެއިން ފިސްތޯލު ނެގިއެވެ. އެއަށްފަހު އެ ފިސްތޯލު ޒިހާންމެނާއި ދިމާލަށް އަމާޒު ކުރަމުން އޭގެ ޓްރިގަރަށް ދަމައިލަން ތައްޔާރުވިއެވެ. އޭނަ ޓްރިގަރަށް ދަމައިލަން އުޅުނު ވަގުތު އޭނަގެ ކައިރިއަށް ދިގު ފިޔަވަޅުތަކެއްގައި އައި މީހަކު ކުއްލި ގޮތަކަށް އަތުގައި ޖަހައިލި ވަގުތު، ޓްރިގަރަށް ދަމައިލެވުނީ ބޭއިޚްތިޔާރުގައެވެ. މުޅި ތަނުގައި ގުގުމައިގެން ދިޔަ ބާރު އަޑާއެކީ މީހުންގެ ހަޅޭކުގެ އަޑުވެސް އިވިގެން ދިޔަ ވަގުތު ޒުބީންގެ އަތުގައި ޖެހި ޒުވާނާ އޭނަގެ ކޮނޑުގައި ވެސް ޖަހައި ބިމަށް ވައްޓައިލިއެވެ. ޒުބީން އައި ރުޅީގައި އެމީހަކަށް ބަލައިލަމުން ނުބައި ބަހެއް ކިޔައިލަން އުޅުނެވެ. އެހެނަސް އެމީހެއްގެ ސޫރަ ފެނުނު ވަގުތު ލިބުނު ޝޮކުގައި ޒުބީންގެ ދެލޯ ބޮޑުވެ މީހާ ހުއްޓުން އެރިއެވެ.
“ޖިނާހު!” ޒުބީނަށް އެ ނަމުން ގޮވައިލެވުނީ ވެސް އިންތިހާ ދަރަޖައިގެ ޙައިރާންކަމެއްގައި އޮވެއެވެ.
“އިތުރު އެއްޗެކޭ ނުކިޔާ މަށާއެކީ އާދޭ!” ޖިނާހު ދެ ދަތްޕިލަ ޖައްސައިގެން ހުރެ އެހެން ބުނެލިއެވެ. އައިސްފައިވި ރުޅީގައި ޖިނާހަށް ޒުބީން ތެދުކުރުވަން ހިފައިލެވުނީ ވެސް އޭނަގެ ގިރުވޯނުގައެވެ. ދެމީހުންނަށް ހިންދެމިލެވުނު ވަގުތު އެކަމާއިމެދު ނުރުހުންވި ޒުބީން ރުޅިވެރިކަމާއެކީ ޖިނާހުގެ އަތް ފޮޅުވާލިއެވެ. އެހެނަސް ޖިނާހު އަންނާށޭ ބުނެ ސިފައިން ނުފެންނަ ދިމާލަކަށް ދާން ފެށުމުން ޖިނާހުގެ ފަހަތުން ދެވުނީ ޖިނާހު އަމިއްލަ ސަލާމަތާއިމެދު ވިސްނާވަރަށް އޭނަގެ ސަލާމަތާއިމެދު ވިސްނާނެ ކަމަށް ނިންމަމުންނެވެ. ޒުބީން ސިފައިންގެ އަތްދަށަށް ގޮސްފިނަމަ ޖިނާހާއި ޖިނާހުގެ ބައްޕަގެ ވާހަކަ ވެސް ސިފައިންނާއި ހަމައަށް ފޯރާނެކަން ޖިނާހަށް އެނގޭނެތީވެއެވެ.
ޒުބީން ހީކުރި ފަދައިން ޖިނާހު އޭނަ ގެންދިޔައީ ސިފައިންނަށް ނުފެންނާނެ ހިސާބަކަށެވެ. ޖިނާހު އޭނަ ގެންދިޔައީ ރެސްޓޯރެންޓާއި ދުރު ހިސާބެއްގައި ޕާކް ކުރެވިފައި އޮތް އާދައިގެ ހުދުކުލައިގެ ކާރަކާއި ހަމައަށެވެ. އެއީ ޖިނާހު އެ ރަށަށް ގޮސް ޒުބީންގެ ފަހަތުން ދިޔަ މަގުމަތީގައި އޭނަ ދަންނަ މީހެއްގެ އަތުން ވަކި ވަގުތު ކޮޅަކަށް ހޯދި ކާރެކެވެ. އޭނަ ކާރު ހޯދީވެސް ޒުބީންގެ ގޮތް ދަނެގެން މިފަދަ ޙާލަތަކަށްޓަކައެވެ.
ކާރާއި ހަމައަށް ދަމުން ޖިނާހު އަރާށޭ ބުނުމުން ޖިނާހާއި އެކުގައި ޒުބީން ކާރަށް އެރިއެވެ. އެ ވަގުތު ވެސް ރެސްޓޯރެންޓާއި ދިމާލުން މީހުން ތެޅެމުން ދިޔަ އަޑާއި ކުޑަކުދިންގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. ޖިނާހު އެއަކަށް ފަރުވާލެއް ދިނުމެއްނެތި ކާރަށް އަރައި ޒުބީނަށް ދޮރު ލައްޕައިލެވުމާއެކުހެން ކާރު ސްޓާޓްކޮށްލަމުން ދުއްވައިލިއެވެ.
“ކަލޭ މޮޔަވެގެންތަ ތިއުޅެނީ؟ މަގޭ ރޭވުމަށް ހުރަސް އަޅަން ކަލޭ ތިއީ ކާކު؟” ޒުބީން ހަރު އަޑުން އެހިއެވެ.
“ތި ރޭވުމަށްޓަކައި ތި ބޭނުންކުރާ ހަތިޔާރު ރާއްޖެއަށް އެތެރެ ކުރަން އެހީވި މީހާގެ ދަރި….” ޖިނާހު ބާރުވަމުން ދިޔަ ސްޕީޑަކާއެކީ ދުއްވަމުން ބުންޏެވެ.
“މި ހަތިޔާރުތައް އެތެރެ ކުރެވުނީ ހަމައެކަނި ލަބީބްގެ ލާރިންނެއް ނޫން. މަގޭ ވެސް ލާރިން…” ޒުބީން ބުންޏެވެ.
“ކޮންމެ މީހެއްގެ ލާރިން ވިޔަސް މައުސޫމް ބަޔަކަށް ޙަމަލާ ދިނުމަކީ ރަނގަޅުކަމެއް ނޫން ކަންނޭނގެދޯ؟” ޖިނާހު ބުންޏެވެ.
“މައުސޫމް ބައެކޭ؟! އެއީ…..” ޒުބީން ހަރުއަޑުން ޔުނާއަށާއި ޒިހާނަށް ވެސް އަމާޒުވާނެހެން ހުތުރު ބަސްތަކެއް ކިޔައިލިއެވެ. އެއާއެކު ޖިނާހު ކުއްލި ގޮތަކަށް ކާރުގެ ބުރަކި ޖައްސައި ކާރު ހުއްޓުމަކަށް ގެނައެވެ.
“ބައެއްގެ އަސްލު ނޭނގި އެމީހުންނަށް ބަދު ބަސް ބުނުމަކީ ފަހުން ހިތާމަކުރަން ޖެހިދާނެ ކަމެއް. ޒުބީން އަމިއްލައަކަށް ނޫންތަ ބުނީ ޔަޒްދާން އަމިއްލައަށް އެދިގެން ބުންޏޭ އޭނަގެ މުދަލުން ޒުބީނަށް ހައްގުވާ ބައި ދޭން ބޭނުމޭ؟ އެ ބައި ނުހޯދާ ބަދަލު ހިފަން އުޅުމަކީ ކޮށި ވިސްނުމެއްގެ ނަތީޖާއެއް ނޫންތަ؟” ޖިނާހު ނުރުހުންތެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
“ކޮށި ވިސްނުމޭ؟! ކަލެއަށް ނޭނގޭ ވާހަކަ ކަލޭ ނުދެއްކިއްޔާ ރަނގަޅުވާނީ! މަ ބައްޕަ ކިޔަން ޖެހޭ އިންސާނާ މަށަށް އެންމެ 5 އަހަރުގަ މަށާއި މަންމައާއި ކޮއްކޮ ގޮވައިގެން ރާއްޖެތެރޭގެ ރަށަކަށް ގެންދިޔައީ. ބައްޕައާ ހެދި މަންމަގެ ޤައުމުގަ މަންމަ ދަރަނިވެރިވެގެން ދިޔައީ. މަންމަގެ ނަމުގަ ހުރި ޢިމާރާތް ވިޔަފާރިއަށް ބޭނުންކޮށްގެން ބަނގުރޫޓުވީ. އަދި އެހާ ވަރުން ނުފުދިގެން އަހަރުމެން އެ ބީރައްޓެހި ރަށަށް ގެންގޮސް ވަކި ހިސާބަކުން ދޫކޮށްލީ! ދޫކޮށްލާފަ އެހެން މީހަކާ އިނދެގެން ބޭރު ޤައުމެއްގަ އުޅެމުން ދަނިކޮށް އޭނަ މަރުވީ…..މަށާއި މަގޭ ޢާއިލާ އުޅެމުން ދިޔައީ ހެޔޮ އެދޭ މީހުންގެ އެކި އެކި ގޭގޭގަ މަސައްކަތް ކޮށްދީގެން. ވަންނާނެ ތަނެއް ނެތި ވާރޭ ތެރޭގަ ހޭދަ ކުރި ދުވަސްތައް ވެސް ހަނދާން އެބަހުރި! ބީރައްޓެހި ޤައުމެއްގެ ބަސް ނޭނގޭތީ މީހުންކުރި މަލާމާތްތައްވެސް ހަނދާނެއް ނުނެތޭ! މިހެން އުޅެމުން ދަނިކޮށް އަހަރެން ކޮއްކޮވެސް ބަލިވެގެން ނިޔާވި ފަހުން މި އިވެނީ ޔަޒްދާން ޚަލީލަކު އޭނަގެ ބައްޕަ ފަރާތުން ލިބުނު ޢިމާރާތްތައް ބޭނުންކޮށްގެން ވިޔަފާރިއެއް ފަށައިގެން މުއްސަނދިވެގެން އުޅޭ ވާހަކަ! ބައްޕަގެ ހުރިހާ މުދަލެއް ލިބުނީ ކުރީގެ އަންހެނުންނަށާއި އޭނަގެ ދަރިންނަށް….އެ ޔަޒްދާންމެން އަހަރުމެން ތިބިތޯ ބަލާވެސް ނުލި….އަހަރެންގެ މަންމަވެސް އަހަންނަށް ގެއްލި ދިޔައީ ވަންނާނެ ހިޔަލެއް ނެތިގެން އުޅެނިކޮންނޭ! ދެންވެސް ބުނާނީ އަހަރެން މި ގެންގުޅެނީ ކޮށި ވިސްނުމެކޭތަ؟!” ޖަޒުބާތުގައި ޖެހިގެން ދިޔަ ޒުބީނަށް ހަރުއަޑުން އެ ހުރިހާ ވާހަކައެއް ކިޔައިދެވުނެވެ. ވާހަކަ ނިމެންދެން ވެސް އެ އަޑުގައި ރުޅިވެރިކަން ވިއެއްކަމަކު އެ ވާހަކަ ނިމުނުއިރު ފުރަތަމަ ފަހަރަށް ޒުބީންގެ ލޮލުން ކަރުނަތައް ނިރާލި މަންޒަރު ޖިނާހަށް ފެނުނެވެ. ޖިނާހު ބުނާނެ ވަކި އެއްޗެއް ނޭނގިފައި ވަނިކޮށް ޒުބީން އިތުރަށް ވާހަކަ ދެއްކިއެވެ.
“ކަލޭ ދެންވެސް މަ މި ދެއްކި ވާހަކަތައް ހަޖޫ ޖަހަން ޚިޔާލުކޮށްފަ އޮތިއްޔާ ކާރުން ފައިބާ! މަ އަމިއްލައަށް މަގޭ ސަލާމަތްތެރިކަން ހޯދާނަން. އެހެންނޫނީ މަ މި ފައިބަނީ…”
“ނޫނޭ….އަހަރެން ނެތިން ތި ދެއްކި ވާހަކަތަކާއި ދެކޮޅު ހަދާކަށް. ޒުބީން ނޫނީ އަހަރެން މި ކާރުން ފައިބައިފިއްޔާ ސިފައިންނަށް އިތުރު ޝައްކުތަކެއްވުން ނޫންކަމެއް ނުވާނެ. އައިމް ރިއަލީ ސޮރީ އެބައުޓް ވަޓް ހެޕެންޑް ޓު ޔޫ……” ޖިނާހު ތެދުތެދަށް ބުންޏެވެ. އެއާއެކު ޒުބީން އޭނައަށް ބަލައިލަމުން އަނެއްކާވެސް މޫނުމައްޗަށް ހަރުކަށިކަން ވެރިކުރުވިއެވެ. އެއަށްފަހު ކުރިމައްޗަށް ނަޒަރު ހުއްޓައިލަމުން ހިނގާށޭ ބުންޏެވެ.
ޖިނާހު އަނެއްކާވެސް ކާރު ސްޓާޓްކޮށްލަމުން ދުއްވައިލީ އަމިއްލަ ވިސްނުމެއްގެ ތެރެއަށް ގެއްލެމުންނެވެ. ޒުބީންގެ ވާހަކައިގެ ތެރެއިން ޔަޒްދާން އެމީހުންނާއި މެދު އަޅާނުލިއޭ ބުނުމުން ޖިނާހަށް ޤަބޫލުކުރަން ދަތިވިއެވެ. އެހެނީ މި ހުރިހާ ދުވަހު އޭނަ ވެސް ހީކޮށްގެން ހުރީ އެހެނެއްކަމަކު ޙަޤީޤަތުގައި ޔަޒްދާން ވެގެން ދިޔައީ ހިތްހެޔޮ މީހަކަށްވީތީވެއެވެ. ޔަޒްދާން ފަދަ މީހަކު އެހެން މީހެއްގެ ޙައްޤެއް އަމިއްލަ މުދަލުގެ ތެރެއަށް ލައިގެން އުޅޭނެކަމަށް ޖިނާހުގެ ޒަމީރު އެއްބަހެއް ނުވިއެވެ.
އެއާއެކު ޖިނާހު ވަގުތުން ދެންމެ އިވުނު ވާހަކަތައް ޒިހާނާއި ޙިއްސާކޮށްލަން ބޭނުންވިއެވެ. ޒިހާނަށް މިކަމުގެ ޙަޤީޤަތް އެނގޭނެ ކަމަށް ޤަބޫލު ކުރެވުމުންނެވެ. ހަމަ އެއާއިއެކު ޒިހާނާއި ޔުނާއާއިމެދު ކަންބޮޑުވެސް ވިއެވެ. އޭނަ މިރޭ މި އެޅި ފިޔަވަޅުން އެ ދެމީހުންނަށް އަމާޒުވި ޙަމަލާއިން ސަލާމަތް ވެފައވާނެކަމަށް އުއްމީދު ކުރެވުނެވެ.
**
ޖިނާހުގެ އެ އުއްމީދު ފުރިހަމަވިއެވެ. ޓްރިގަރަށް ދަމާލެވުމުގެ ކުރިން ޒުބީންގެ އަތުގައި ޖަހާލެވުނު ގޮތުން އެ އަތް މައްޗަށް ހިއްލިގެން ދިޔައީތީ ޕާޓީގައި ތިބި އެއްވެސް ބައެއްގެ ގަޔަށް ވަޒަނެއް ނާރައެވެ. ބަޑީގެ އަޑު އިވިގެން ދިޔުމާއެކު އެންމެން ހާސްކަމެއްގެ ތެރެއަށް ދިޔައެއްކަމަކު މޭޒުތަކުގެ ކައިރީގައި ހުއްޓި ތިބި ސިފައިން ވަގުތުން މީހުންގާތު މަޑުމަޑުން ތެދުވެގެން ދިޔުމަށް މަގު ދައްކަމުން ދިޔައެވެ. ހަމަ އެއާއެކު ގަސްތަކުގެ ތެރެ ބަލަމުން ދިޔަ ސިފައިން ވަގުތުން ފިސްތޯލުގެ އަޑު އައި ދިމާލަށް ގޮސް ބެލިއިރު ދެމީހުން ފިޔަވަޅުތަކުގެ ނިޝާންތައް އެއްވެފައި ހުރިތަން ދޮންވެލިގަނޑުމަތިން ފެނުނެވެ. އެ ފިޔަވަޅުތައް ދިޔަ ދިމާލެއް ހޯދަން އެ ސިފައިން މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބު ނުވީ ވަކި ހިސާބަކުން އެ ފިޔަވަޅުތައް އެހެނިހެން ދުއްވާ އެއްޗެހީގެ ނިޝާންތަކާއެކީ އެއްވެ ގެއްލިފައިވުމުންނެވެ.
ޒިހާނަށް ސިފައިންގެ އެއްވެސް ޙަރަކާތެއްގައި ބައިވެރި ނުވެވުނީ ބަޑީގެ އަޑު އިވިގެން ދިޔުމާއެކު ޔުނާއަށް ވީ ގޮތުންނެވެ. އެ އަޑު އިވިގެން ދިޔަ ވަގުތު ޒިހާނަށް އޭނަގެ ކައިރީގައި އިން ޔުނާ އަތު ތެރެއަށް ގެނެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެ ހިނދުކޮޅުގައި ޔުނާއަށް ހަޅޭއްލެވުނެއްކަމަކު އެންމެން ތެޅިގަތް ވަގުތު ޔުނާ ހިމޭންވުމުން ޒިހާން ވަގުތުން ހާސްވިއެވެ. ޒިހާން ޔުނާގެ ނަމުން ގޮވަމުން ޔުނާ އޭނައާއި ދުރުކޮށްލީ ވަގުތު ޔުނާގެ ދެލޯ މެރިފައިވިތަން ފެނިފައި ޒިހާނަށް ބިރުވެރިކަމާއެކީ ބެލުނީ ޔުނާގެ ގަޔަށް ވަޒަނެއް އަރާފައިވޭތޯއެވެ. އެހެނަސް އެފަދަ ކަމެއް ނުފެނުމުން ޒިހާނަށް ހަމަޖެހުމެއް ލިބުނެއްކަމަކު ޒިހާން ވަގުތުން އަވަސްވެގަތީ ޔުނާ މާލެއަށް ގެންދިޔުމަށެވެ.
ޝިއުސްމެންނަށް ޚަބަރު ދިނުމަށްފަހު ޒިހާން ޔުނާ އަތްމައްޗަށް އުފުލައިގެން ބަނދަރާއި ހަމައަށް ގޮސް އެމީހުން އެކޮޅަށް އަންނަން އެރި ލޯންޗަށް އެރިއެވެ. އެއީ ޔުނާމެންގެ އަމިއްލަ ލޯންޗުކަމަށް ވުމުން ޒިހާން ޔުނާއާއެކީ އެރުމާއެކު ލޯންޗު ދުއްވައިލެވުނީ ޕާޓީއަށް އައި މީހުން އެހެން ލޯންޗުތަކަށް އަރަމުން ދިޔަ ވަގުތެވެ. ލޯންޗުގެ ތެރެއިން ވެސް ޔުނާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުނު ޢަދަދެއް ޚުދު ޒިހާނަކަށް ވެސް ނޭނގެއެވެ. މިއަދު ޔުނާގެ ޙާލަތު ގޯސްވެއްޖެނަމަ އަސަރުކުރާނީ ހަމައެކަނި ޔުނާއަށް ނޫންކަން ސިކުނޑި ބުނަމުން ދިޔަދިޔަހެން ކަންބޮޑުވެސް ވަމުން ދިޔައެވެ.
ޒިހާނަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭ ގޮތްވީ ޔުނާ ހޮސްޕިޓަލަކަށް ގެންދެވި ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރު އެއްޗެކޭ ބުނުމުންނެވެ. ޑޮކްޓަރު ބުނި ގޮތުގައި އެ ޙާލަތުގައި ޔުނާއަށް ލިބިގެން ދިޔަ ޝޮކާއިއެކީ ކުއްލި ގޮތަކަށް ލޭ މަތިވެގެން ދިޔުމުން ހޭނެތުނީ ކަމަށެވެ. އެއިން އަދި ދަރިފުޅަށް އަސަރެއް ކުރިހެން ހީނުވާކަމަށާއި، ބޭސް ދިނުމަށްފަހު ޙާލަތު ބަދަލުވެގެންދާ ގޮތް ބެލުމަށްޓަކައި 24 ގަޑިއިރު ވަންދެން ހޮސްޕިޓަލުގައި ބާއްވަންޖެހޭ ވާހަކަ ޑޮކްޓަރު ބުންޏެވެ. އެ ވާހަކަތައް އަޑު އެހުމަށްފަހު ޒިހާން ޑޮކްޓަރަށް ޝުކުރު އަދާ ކުރިއެވެ. އަދި ޑޮކްޓަރު ދިޔުމުން ޕްރައިވޭޓް ވޯޑުގެ އެނދުގައި ބޭއްވިފައި އޮތް ޔުނާއަށް ހުރިހާ ސަމާލުކަމެއް ދިނެވެ.
ޔުނާ އޭރުވެސް ދެލޯ މެރިފައިވީއިރު އެނދުގެ ކައިރީގައި ހުރި މޭޒުގައި ބެހެއްޓިފައިވި މޮނީޓަރުން ޔުނާގެ ލޭގެ ޕްރެޝަރު ދައްކަމުން ދިޔައެވެ. އެވަގުތު ވެސް ޕްރެޝަރު ފުދޭވަރަކަށް މަތިކޮށް ފެންނަމުން ދިޔަ ގޮތުން ޒިހާނަށް ޔުނާއާއި ދިމާލަށް ބަލައިލެވުނެވެ. އަދި ލަސް ހިނގުމެއްގައި ޔުނާގެ ގާތަށް ގޮސް ޔުނާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމައިލެވުނެވެ.
ހަމަ އެވަގުތު ޒިހާންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ޒިހާން އަވަސްއަވަހަށް ފޯނު ނަގައި ރިންގު ކަނޑައިލިއެވެ. ފޯނުގެ ސްކްރީނުން ނޭނގޭ ނަންބަރެއް ފެނިފައި މިފަހަރު ޒިހާންގެ ހިތް ތެޅިލިއެވެ. އެ ވާނީ ކާކަށްކަން ހިތާހިތުން ނިންމަމުން ޒިހާނަށް އަވަސް ފިޔަވަޅުތަކެއްގައި އެ ރޫމުން ނިކުމެލެވުނެވެ. އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސައިލީ އެއަށްފަހުއެވެ.
“ސަލާމް….” ޒިހާން ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ހެލޯ ޒިހާން. މިއީ ޖިނާހޭ….ކޮންތާކު ތިހިރީ؟” އެކޮޅުން ވާހަކަ ދެއްކީ ލަބީބްގެ ސިޓިންގް ރޫމުގައި އިން ޖިނާހެވެ. ޖިނާހުގެ އަޑު އިވިގެން ދިޔުމާއެކު ޒިހާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“އާނ ޖިނާހު….މިހިރީ ޔުނޫ ގޮވައިގެން އައިސް ހޮސްޕިޓަލުގަ. ޚަބަރުން އިވިފަ ކަންނޭނގެ ދޯ ހުންނާނީ. ބަޑީގެ އަޑު އިވުނު ޕާޓީގަ އަހަރުމެން ތިބިން. އެ އަޑު އިވިފަ ޔުނޫއަށް ލިބުނު ޝޮކުގަ ހޭނެތުނީ…..” ޒިހާން ކިޔައިދިނެވެ.
“އޮހް…..ނަސީބެއްނު ތި ދެމީހުން ގަޔަށް ވަޒަން ނޭރިކަން….އެމީހަކު ފިސްތޯލު އަމާޒުކުރީ ތި ދެމީހުންނާއި ދިމާލަށޭ….” ޖިނާހު ބުންޏެވެ. އެއާއިއެކު ޒިހާންގެ ދެބުމަ ކައިރިވިއެވެ.
“ޖިނާހަށް އެނގެނީތަ އެއީ ކާކުކަން؟” ޒިހާނަށް އަހައިލެވުނެވެ.
“އާނ ޒިހާން…..މި ވާހަކަތައް ކިޔައިދޭން ބައްދަލުކުރެވޭތޯ ބަލަން މި ގުޅައިލީ. އެކަމަކު ޙާލަތުގެ ގޮތުން ޒިހާނަށް ނާދެވޭނެތާދޯ؟ އެހެންވީމަ މި ވަގުތުން ވަގުތަށް ވެސް ޒިހާނަށް އެ ވާހަކަތައް ކިޔައިދޭނަން. ވީހާވެސް އަވަހަކަށް ޒިހާނަށް މި ކަންތައް އެނގުން މުހިއްމުހެން ހީވަނީ….” ޖިނާހު ބުންޏެވެ.
ޒިހާން ކިޔައިދޭށޭ ބުނުމުން ޖިނާހު ކިޔައިދޭން ފެށީ ޒުބީންގެ ވާހަކައެވެ. ޒުބީނަކީ ކާކުކަން ބުނެދިނުމަށްފަހު އެރޭ ކާރުގެ ތެރެއިން ޒުބީންގެ ފަރާތުން އިވުނު ވާހަކަތައް ޖިނާހު ތަފްޞީލުކޮށް ކިޔައިދިނެވެ. އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ޒިހާންގެ ހަނދާނަށް އަންނަމުން ދިޔައ ޔަޒްދާންބެއެވެ. ޖިނާހު ނޭނގިގެން އުޅުނު ކަންތައް ޒިހާންގެ އެ ހަނދާންތަކުން ނިއުޅެމުން ދިޔަދިޔަހެން ޒިހާން އަމިއްލަ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.
“އަސްލު އަހަރެން ވަރަށް ބޮޑަށް ބޭނުން ޙަޤީޤަތް އެނގެން. ޔަޒްދާން އެނގިހުރެ އެއްވެސް މީހަކަށް އަނިޔާއެއް ދީފާނެހެން ހިއެއްނުވޭ. އަޅެ ޒިހާނަށް ޔަޒްދާންގެ ވާރުތަ މުދަލާއި ގުޅޭ ގޮތުން އެއްވެސް ކަމެއް އެނގެންޏާ އަހަންނަށް ކިޔާލަދީބަލަ. ޒިހާނަށް ނޭނގެންޏާ ޔުނާ ކައިރިން އަހައިގެން ވެސް ސާފުކޮށްލަ ދިނުން އެދެން. އޭރުން އެ ވާހަކަތައް ޒުބީނަށް ކިޔައިދީފިއްޔާ ޒުބީން ބަދަލު ހިފަން އެ ކުރާ މަސައްކަތް ހުއްޓައިލާނެހެން ހީވަނީ. އަހަރެން ދާދި ދެންމެއަކު އޭނައާއި ވާހަކަ ދެއްކިން. ބުނިން ޔަޒްދާންއާއިމެދު ތި ދެކޭ ގޮތް އަހަރެން ބަދަލުކޮށްފިއްޔާ ޔުނާއަށް އަނިޔާ ކުރާނަންހޭ. ބުނީމަ ބުނީ ތިމަންނަ ދެކޭ ގޮތް ބަދަލެއް ނުކުރެވޭނެއޭ….” ޖިނާހު ކިޔައިދިނެވެ. އެ ވަގުތު އޭނައަށް ނޭނގުނު ކަމަކީ އޭނަގެ ފަހަތުގައި އެ ވާހަކަތައް އަޑުއަހަން މީހަކު ހުރި ކަމެވެ.
“ޖިނާހު…..އަހަންނަށް ހީވަނީ ޔަޒްދާންބެގެ ޙަޔާތުގެ އެންމެ ފަހު ދުވަސްތަކުގަ ވެސް އެންމެ ބޮޑަށް ވިސްނީ ތި ޒުބީންއަކާއި މެދުގަހެން. އަހަރެން ޔަޒްދާންބެއާއި ދިމާވީއްސުރެ ޔަޒްދާންބެ ބުނަމުން ދިޔަ ތިމަންނައަށް ހީވެއޭ ތިމަންނައަށާއި ބައްޕަ ފަރާތު ބޮޑުބޭބެމެންނަށް ލިބުނު މުދަލުގަ އެހެން މީހެއްގެ ޙައްޤެއް ވާހެން. ވާރުތަ މުދާ ޙަވާލުކުރި ފަނޑިޔާރު ކައިރީގަ ތިމަންނަ ބުނަން ވެސް ބުނީމޭ އަދި ބޭރު ޤައުމެއްގަ ބައްޕަގެ އެހެން ޢާއިލާއެއް އޮންނަ ވާހަކަ. އެކަމަކު ބޮޑުބޭބެމެން އެ ވާހަކައަށް ފަސްއަޅާލީއޭ. އެ ޢާއިލާއަށް ދިނީމަ ބޮޑުބޭބެމެންނަށް ވެސް ލިބޭނެ ބައި މަދުވާނެތީ މައްސަލަ އެގޮތަށް ނިމާލީއޭ. އެކަން އެގޮތަށްވީ ބޮޑުބޭބެމެން ފަނޑިޔާރަށް ލާރި ދީގެންހެން ހީވާ ވާހަކަވެސް ޔަޒްދާންބެ ބުނެ އުޅުނު. ދެން ޔަޒްދާންބެ ދޭތެރެދޭތެރެއިން މެލޭޝިޔާއަށް ވެސް ގޮސް އުޅުނު. އެ ޢާއިލާ މީހުން ފެނޭތޯ ބަލަން. ފަހުންފަހުން އައިސް ބުނަން ފެށީ ތިމަންނައަށް ހިއެއްނުވެއޭ ތިމަންނަ އެ މުދާ ދިނަސް އެމީހުން ޤަބޫލު ކުރާނެހެންނެއް. ކިޔާފަ ޔުނާއަށްދޭން ވަކިން އެޕާޓްމެންޓެއް ގަނެ ކަންތައް ކުރަން ފެށީ އޭނަގެ ފަރާތުން މަރުގެ އިންޒާރުތައް ލިބެން ފެށީމަހެން އަހަންނަށް ހީވަނީ. މިހާރު އަހަންނަށް މި ހުރިހާ ކަމެއް ސާފު މިވަނީ. ރަނގަޅަށް ވިއްޔާ އޭނަ ޔަޒްދާންބެ ގެ އެކްސިޑެންޓް ކުރުވި ރޭ ވެސް ޔަޒްދާންބެ އެ ވެހިކަލް ދުއްވަމުން ދިޔައީ ހަމަ އޭނައަށް ހިޔާވައްސެއް ހޯދައިދެވޭތޯ ބަލަން. އެރޭ ވެހިކަލަށް އަރަމުން އަހަރެން ކައިރިން ބުނި ހުޅުމާލޭގަ ކުރަން އޮތް ކަން ނިންމާލާފަ އާދެވޭނީ ފަހަރެއްގަ ލަހުންނޭ. ފްލެޓެއް ގަންނަން ވިސްނައިގެން ކޮންމެވެސް އިމާރާތެއްގެ ވެރި ފަރާތާއި ބައްދަލުކުރަން އެބަޖެހެއޭ. އަހަރެން އެހިން އަނެއްކާވެސް ޔުނާއަށް ދޭން ފްލެޓެއް ގަންނަނީތޯ. އެހީމަ ބުނީ ޔުނާއެއް ނޫނޭ. ތިމަންނަގެ ހަދިޔާތައް ޤަބޫލު ނުކުރާނެ އަޚަކަށްޓަކައޭ….” ޒިހާން އެތާހުރި ބެންޗެއްގައި އިށީނދެގެން އިނދެ ކިޔައިދިނެވެ.
“އޯ މައި ގޯޑް! އެހެންވީމަ އަހަންނަށް މި ހީކުރެވުނީ ރަނގަޅަށްތާ…..ޔަޒްދާން ޒުބީން ފެނޭތޯ މަސައްކަތް ކުރި. އެކަމަކު ކަން ދިމާކުރި ގޮތުން ދިމާވީއިރު މާ ލަސްވީ. އަދި ހާދަ ހެޔޮކޮންނޭ ޔަޒްދާން ޒުބީނަށް ކަންތައް ކޮށްދޭން އެއުޅުނީ. ޒުބީން ބިރުދެއްކި ފަހުންވެސް….” ޖިނާހު އެ ބުނި ވާހަކަ އަޑު އަހަން ފަހަތުގައި ހުރި މީހެއްގެ ދެބުމަ ކައިރިވިއެވެ.
“އާނއެކޭ ޖިނާހު….ޔަޒްދާންބެއަކީ މީހަކަށް އަނިޔާއެއް ދޭވަރަށްވުރެ ހިތްހެޔޮ އިންސާނެއް. ބައެއް މީހުންނަށް އެކަން ދޭހަ ނުކުރެވުނަސް. ރުޅި އެބަ އާދޭ އެއްވެސް ޙައްޤަކާ ނުލާ ޔަޒްދާންބެއަށް އަނިޔާ ދިން މީހަކަށް. އޭނައަށް އަދަބު ހައްޤު!” ޒިހާން އެހެން ބުނިއިރު އަޑުގައި ރުޅިވެރިކަން އެކުލެވިގެން ދިޔައެވެ.
“ހަމަ އަސްލުވެސް ޒިހާން…..އަހަރެން ތިކަން ކުރެވޭތޯ ބަލާނަން. އަދި މި ވާހަކަތައް ކިޔައިދޭނަން ޒުބީންއަށް. މި ވާހަކަތައް އިވިފަ އޭނަގެ ހިތް ބަދަލުވެއްޖެއްޔާ ރަނގަޅު….އަދި އެހެން ވާހަކައެއް ވެސް ޒިހާން ގާތު އަހަރެން ބުނަން ބޭނުންވެފަ އެބައޮތް. އެކަމަކު ޓެކްސްޓެއް ކޮށްލާނަން އިނގޭ….” ޖިނާހު އެ ފަހު ބަސްތައް ބުނެލީ ހިސާބެއްގެ ޖެހިލުންވުމަކާއެކީ ދެ ފަރާތަށް ނަޒަރެއް ދެމުންނެވެ. އޭނަ މެސެޖުކޮށްފައި ޒިހާންގާތު ބުނަން އުޅޭ ވާހަކައެއްގެ ޒާތުންނެވެ.
“އެންމެ ރަނގަޅު ޖިނާހު….ތެންކިއު އަހަންނާއި މި ވާހަކަތައް ޙިއްސާކޮށްލަދިން ކަމަށްޓަކައި. ޔަޒްދާންބެ ގޯސްކަމެއް ކުރިއޭ އެ މީހަކު ބުނި ދުވަހުއްސުރެ ހިތްހަމަނުޖެހިފަ އަހަރެން ހުރީ. ހުރިހާ ކަމެއް ސާފުވީމަ މިހާރު އަސްލު ވަރަށް އުފާވެއްޖެ….” ޒިހާން ބުންޏެވެ.
“ޔޫ އާރ މޯސްޓް ވެލްކަމް ޒިހާން….ކޮންމެވެސް ސަބަބަކާހުރެ އަހަރެންވެސް ބޭނުންވީ ޔަޒްދާންއާއި މެދު ހެޔޮކޮށް ވިސްނަން….އަހަންނަށް ވެސް އެހާ ބޮޑު އެހީއެއްވެފަ ހުރީމަ ކަންނޭނގެ.” ޖިނާހު އެހެން ބުނެލީ ލުއި ހިނިތުންވުމަކާއި އެކީގައެވެ.
“ހެހެ…ތިހެން ބުނީމައޭ މި ހަނދާންވީ. ލޫލޫއަށް ގުޅައިފިންތަ؟” ޒިހާން އެހިއެވެ.
“ނޫން އަދި ނުގުޅަން. އެކަން ކުރަން ހިތްވަރެއް ނުލިބިގެން މިއުޅެނީ….” ޖިނާހު މާޔޫސީ ގޮތަކަށް ބުންޏެވެ.
“ޓްރަސްޓް މީ ޖިނާހު….ހުރިހާ ކަމެއް ރަނގަޅުވާނެ އިން ޝާ ﷲ….ޖިނާހު އަމިއްލައަށް ލޫލޫއަށް ކިޔައިދީ ކަންތައް ވީގޮތް.” ޒިހާން ބުނެލިއެވެ.
“ހުމް….ގޮތެއް ރާވައިގެން މިހިރީ….ޔޫ ޓޫ ޓޭކް ކެއާރ އިނގޭ. ބޯތް އޮފް ޔޫ…ޔުނާ…ގެ ޙާލުވެސް ރަނގަޅުދޯ؟” ޖިނާހަށް އެ ފަހު ސުވާލުކޮށްލެވުނީ ޖެހިލުންވުމަކާއި އެކީގައެވެ. ޒިހާނަށް ނުބައި މާނައެއް ނެގިދާނެތީވެއެވެ.
“އާނ ރަނގަޅު…..އެއީ އަސްލު ކުއްލި ގޮތަކަށް ބްލަޑް ޕްރެޝާރ ހައިވީމަ ފެއިންޓްވީ. ބޮޑަށް ޙާލު ދެރަވީ ޕްރެގްވެގެން ހުރެ އެހެންވީމަ ކަންނޭނގެ….” ޒިހާނަށް އެހެން ބުނެލެވުނީ ވަކި ވިސްނުމެއްނެތިއެވެ. އޭނައަށް މި ވާހަކަ ދެކެވެނީ ކާކާއިކަން އެނގުންވީ އެހެން ބުނެވުނު ފަހުންނެވެ.
“ޔުނާ ޕްރެގްތަ؟” ޖިނާހު އެ ސުވާލުކޮށްލި ހިނދު ޙައިރާންކަން އެކުލެވިގެންވި ލުއި ހިނިތުންވުމެއް އެ މޫނުމަތީގައިވިއެވެ.
“ހުމް…..އަލްޙަމްދުލި ﷲ…” ޒިހާން އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި އިނދެ ބުންޏެވެ. އެއާއެކު އެކޮޅުން ލުއި ހީލުމެއްގެ އަޑު އިވުނެވެ.
“ކޮންގްރެޖުލޭޝަންސް! ވަރަށް ހެޕީ ތި ދެމީހުންނަށްޓަކައި….ތަންކޮޅެއް ލަސް ކަންނޭނގެ މިހެން ބުނަން އެކަމަކު އައި ވިޝް ޔޫ ބޯތް އަ ހެޕީ މެރީޑް ލައިފް.” ޖިނާހު އެހެން ބުނި ހިނދު ހިތަށް ހިސާބެއްގެ އުނދަގުލެއް ވިއެއްކަމަކު އެ އިޙްސާސުގެ މައްޗަށް ބާރު ހޯދަމުން ޖިނާހު ހިނިތުންވެލިއެވެ.
“ތޭންކްސް….ދެން ބޭއްވީ އިނގޭ.” ޒިހާން ބުންޏެވެ. ޒިހާންގެ އެ ވާހަކައަށް ޖިނާހު އޯކޭ ދިނުމުން ޒިހާން ފޯނު ކަނޑައިލިއެވެ.
ފޯނު ކެނޑުމަށްފަހު ވެސް އިރުކޮޅެއް ވަންދެން ފޯނުގެ ސްކްރީނަށް ބަލަން ޖިނާހަށް އިނދެވުނެވެ. ޔުނާއާއި ޒިހާންގެ ގުޅުމާއިމެދު ވިސްނިވިސްނިހެން ހިތުގެ ކަނެއްގައި ހަސަދަވެރިކަން އުފެދުނެއްކަމަކު ޖިނާހު ހިނިތުންވެލިއެވެ. އޭނައަށް ހަސަދަވެރިވުމުގެ ހައްޤެއް ނެތްކަން އެނގުންވުމުންނެވެ. ޔުނާ އޭނަގެ ގާތުގައި ހުރި ދުވަހު ޔުނާއާއި މެދު ދެރަކޮށް ކަންތައް ކުރީ އޭނައެވެ. ވީއިރު މިއަދު ޔުނާ އެހެން މީހަކާއެކީ އުފަލުގައި އުޅޭތަން ފެނި ޔުނާ ވާންޖެހޭނީ އޭނައާއި އެކީ ކަމަށް ބުނެ ޚިޔާލުތަކުގެ ތެރެއިން ވެސް ދަޢުވާކުރުމުގެ ބޭނުމެއް ނެތެވެ. އަދި އަމުދުން މި ހުރިހާ ދުވަހު އޭނަ ޔުނާއާއި ޒިހާން ވަކިކުރަން އުޅުނު ޙަޤީޤީ ސަބަބަކީ އޭނަގެ ޢާއިލާއަށްޓަކައި ބަދަލު ހިފުމެވެ. މިއަދު އެ ސަބަބުވެސް ނެތި ގޮސްފައިވުމުން އެ ދެމީހުންނަށްޓަކައި ހިތުގައި ނޭދެވޭ އިޙްސާސްތައް ބޭއްވުމުން ލިބޭނެ ފައިދާއެއް ނެތެވެ.
އަމިއްލަ ވިސްނުމުގައި އިނދެފައި ޖިނާހު ކޮޅަށް ތެދުވެ ފަސްއެނބުރިލީ ހިނދު ފެނުނު ސޫރައިން ޖިނާހު ހުއްޓުން އަރާ ގޮތްވިއެވެ. އެތާހުރި ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިހުރީ ޒުބީން ނޫން ދެވަނަ މީހެއް ނޫނެވެ. ޒުބީން ފެނި ފުރަތަމަ ސިކުންތުގައި ޖިނާހު ޖެހިލުންވިއެއްކަމަކު އޭގެ ދެވަނަ ސިކުންތުގައި ވާހަކަ ދެކެވުނެވެ.
“އަޑު އިވުނުތަ ދެންމެ ދެކެވުނު ވާހަކަތައް؟ ޔަޒްދާން އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ޒުބީނަށް ހެޔޮ އެދުނު. އެކަހަލަ މީހަކަށް އެއްވެސް ޙައްޤަކާ ނުލާ އެފަދަ ބޮޑު އަނިޔާއެއް ދެވުނީމަ ދެރައެއް ނުވޭތަ؟” ޖިނާހު ނުރުހުންތެރިކަމާއެކީ ސުވާލުކުރިއެވެ.
ޖިނާހު އެ ސުވާލުކުރުމުން ވެސް ޒުބީން ބުމަގޮށްޖެހިފައި ހުރި ގޮތަށް ހުރީއެވެ. ޒުބީން ތަންކޮޅެއް ދުރުގައި ހުރުމުން ޖިނާހަށް ފާހަގަ ނުވިއެއްކަމަކު އެވަގުތު ޒުބީންގެ ގޮށްމުއްކެވިގެން ވެސް ދިޔައެވެ.
“އެއްފަހަރުވެސް ވިސްނާލަބަލަ ޔަޒްދާންގެ ހިތްހެޔޮކަމާމެދު ޒުބީން….ޒުބީން ވަންނާނެ ތަނެއް ނެތިގެން އުޅޭ ވާހަކަ ބުނީމަ ހަމަ ޒުބީންއަށް ދޭން ތަނެއް ހޯދަން ދިޔަ މަގުމަތީގަ ޔަޒްދާން އެކްސިޑެންޓް ތި ކުރުވީ….ހިތެއް އޮތިއްޔާ މިކަމާއިމެދު ވިސްނާލީމަ ވެސް ތި ރުޅި ފިނިވާނެ….” ޖިނާހު ބުނެލިއެވެ. އެހެން ބުނުމަށްފަހު ޖިނާހު އިރުކޮޅަކަށް މަޑުކުރީ ޒުބީންގެ ރައްދެއް އަޑު އެހުމަށެވެ. އެހެނަސް އިރުކޮޅެއް ވީއިރު ވެސް ޒުބީން ހުރިގޮތަށް ހުރުމުން އޭނައަށް މިރޭ ވީ ފަދައިން ޒުބީންގެ ހިތަށް ވެސް ލޮޅުމެއް އައީ ކަމަށް ހީކުރެވުނެވެ.
އެހެނަސް ޒުބީނަށް ފަސްދީފައި އޭނަގެ ކޮޓަރިއަށް ގޮސް ވަން ޖިނާހަށް ނޭނގުނު ކަމަކީ އޭނަ ދެއްކި ވާހަކަތަކުން ޒުބީންގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިކަމެވެ. ޝުކުރުވެރިކަމުން މަޙްރޫމްވެފައިވާ އޭނަގެ ހިތް ދެންވެސް އޭނައަށްޓަކައި އަލި އަޅުވަމުން ދިޔައީ ޔަޒްދާންގެ ނުބައިކަމެވެ. ޔަޒްދާން އެކި މީހުންނަށް އެފަދަ ވާހަކަތައް އިއްވާފައިވާނީ އޭނަ ބިރުދެއްކި ފަހުން ކަމަށް ނިންމުނެވެ. އެކަން ޔަޒްދާން ކޮށްފައިވާނީ އެންމެންގެ ޙަމްދަރުދީ ޔަޒްދާނަށް އަމާޒު ކުރުވުމުގެ ނިޔަތުގައި ކަމަށް ޒުބީންގެ ހިތް ޔަޤީންކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔަޒްދާނާއި ބަދަލު ހިފުމުގެ ގޮތުން ޔުނާއަށް އެންމެ ބޮޑު އަނިޔާއެއް ދެވޭނެ ގޮތަކާއިމެދު ޒުބީން ވިސްނަން ފެށީ އިހުނަށްވުރެ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. އިރުކޮޅަކަށް ހުރުމަށްފަހު އެ ވަގުތުން ވަގުތަށް ވެސް ގެއިން ނިކުންނަން ދާން ހިނގައިގަތީ އޭނަގެ މޮޅު ސިކުނޑި ރޭވި އަވަސް ރޭވުމުގައި ކުލަ ޖެއްސުމަށް ފިޔަވަޅުތަކެއް އެޅުމަށެވެ.
ނުނިމޭ