Noor (Part 20)
އެދުވަހާއި ޖެހެންދެން ވެސް މަންމަ ދިޔައީ އޮސްޓްރޭލިޔާއަށް ދިޔުމަށްޓަކައި ދަތުރު ހަދަމުންނެވެ. އެހާ ކުއްލި ގޮތަކަށް މަންމަ ޚިޔާލު ބަދަލުކޮށްލީ ކީއްވެ ހެއްޔެވެ؟ މަންމަ މި ހުރިހާ އަހަރު ވީއިރު އޭނައާއި ޝިނާޒްގެ ޚަބަރެއް ނުބެލީ ކީއްވެ ހެއްޔެވެ؟ ދޮންބައްޕަގެ ފަރާތުން ފަހުން މަންމަގެ އެއްވެސް ޚަބަރެއް ނުލިބުނީ ކީއްވެ ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުން އަނެއްކާވެސް ޝަރަފްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އޭނަ އަދިވެސް އެއްފަހަރު އެ ގަނޑަށް ބަލާފައި އޭތި ފަތްޖަހައި ޖިންސުގެ ޖީބަށް ކޮއްޕާލަމުން އެ ވޯޑުން ނިކުންނަން ދިޔައެވެ.
ދޮންތައާއި އެކީ ޓެކްސީއެއްގައި ގެއަށް ދިޔަ މަގުމަތީގައި ވެސް ޝަރަފަށް ވިސްނެމުން ދިޔައީ މަންމައާއި މެދުގައެވެ. ހަމަ އެދުވަހުން އެދުވަހަށް މަންމަގެ ޙާލު ބަލާލަން ދާންވީ ކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އެހެނަސް މަންމައާއި ބައްޕަ ވަރިވީ ސަބަބާމެދު މީގެ އަހަރުތަކެއް ކުރިން ދޮންތަ ދެއްކި ވާހަކަތައް ހަނދާންވެފައި އޭގެ ކުރިން އެ ވާހަކަތައް ތަފްޞީލުކޮށް ދެނެގަންނަން ޝަރަފް ބޭނުންވިއެވެ. އެހެންކަމުން ގެއަށް ގޮސް ޝަރަފް ވަގުތުން ދޮންތައާއި އެ ސުވާލު ކުރަން އުޅުނެވެ. އެހެނަސް ބައްޕައާއި އާހިލްގެ ހާޒިރީގައި އެ ވާހަކަ ދެއްކުން ރަނގަޅު ނުވާނެކަން އެނގި އޭނައަށް އެކަން ފަސްކުރެވުނީ ކޮންމެ ގޮތެއްވިޔަސް މަންމަ އުޅެމުން ދާނީ އަރާމު ދިރިއުޅުމެއްގައިހެން އޭނައަށް ހީވީތީވެއެވެ. އަދި އެހެންނޫނަސް މަންމައާއި ދޮންބައްޕަގެ ކުދިންނާއި ދެމެދު އޮތް ގާތްގުޅުމެއްގެ ސަބަބުންނާއި މަންމަ އެގޭގައި އުޅުނުލެއް އުފާވެރިކަން ހަނދާންވެފައި މަންމަ އޭނައާއި ޝިނާޒްގެ ޚަބަރެއް ނުބަލައި ވެސް ހުރެދާނެކަމަށް ޝަރަފްގެ ހިތް ބުންޏެވެ. ނޫނީ ދޮންބައްޕަގެ ފަރާތުން ލިބޭ އެމީހުންގެ ޚަބަރުން ފުއްދައިގެން މަންމަ ހުރީއޭ ވެސް ޝަރަފްގެ ހިތަށްއެރިއެވެ. އެ ޚިޔާލުތަކެއްގެ ސަބަބުން ޝަރަފަށް މަންމައާއިމެދު ފިކުރުކުރުން މާ މުހިއްމު ކަމަކަށް ނުވިއެވެ. ގެއަށް ގޮސް ދޮންތަ ދައްކަން ފެށި ވާހަކަތަކުން އޭނައަށް ހޮސްޕިޓަލުން ފެނުނު ގަނޑުކޮޅުގެ މަތިން މުޅިންހެން ހަނދާންނެތޭ ގޮތްވެސް ވިއެވެ.
“އެއްކަލަ އާހިލް ހަމަ ޗުއްޓީވީމަ ޓީވީ ބެލުން ނޫންކަމެއްނެތޭ ދޯ؟ އަންނަ ހަފްތާގަ މިއުޅެނީ މިޑްޓާރމް ބްރޭކަށް ފަހު އަނެއްކާ ސްކޫލް ފެށެން. ދީފަ ހުރި ހޯމްވޯކާއި އެސައިންމެންޓްތަކުގެ ތެރެއިން އަދި ނިންމުނީ އެންމެ އެސައިންމެންޓެއް! ތި އުޅެވޭ ގޮތާއިމެދު އަމިއްލައަށް ވެސް ވިސްނަން އުޅެބަލަ އާހިލް!” ގެއަށް ވަދެވުމާއެކު ޓީވީ ބަލަން އިން އާހިލް ފެނިފައި ޝަބާ ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ ވާހަކަ ދެއްކިއެވެ. އޭރު ޝަރަފް އޭނަގެ ތަދުވަމުން ދިޔަ ބަނޑުގައި އެއްއަތް ޖައްސައިގެން ހުރެ ބަދިގެ ފަރާތަށް ދިޔައީ ފެންތަށްޓެއް ބޯލުމަށެވެ.
“ދެން މަންމާ އެއެއްޗެހި ނިންމިދާނެއޭ މާދަމައާ އަނެއްދުވަހުވެސް!” އާހިލް ޗޮއްކަނޑާލަމުން އެހެން ބުނެލުމުން ޝަރަފް ވެސް އޭނަގެ ދޮންތަ އިތުރަށް ރުޅިއަރުވާލުމަށްޓަކައި ވާހަކަ ދެއްކިއެވެ.
“އާނ ދޯ އާހިލް؟ އެ އެއްޗެހި ނިންމިދާނެ ފަހުން ވެސް. އެއަށްޓަކައި ތިހާ އޯސަމް ފިލްމެއް ދޫކޮށްނުލެވޭނެ!” ޝަރަފް ލާނެތް ހިނިތުންވުމަކާއެކީ އޭނަގެ ތަށްޓަށް ފެންފުޅިއަކުން ފެން އަޅަމުން ބުނެލިއެވެ. އާހިލް ޝަރަފަށް ތާޢީދުކޮށް ބަހެއް ބުނެލުމުން ހޮސްޕިޓަލަށް ގެންދިޔަ ތަށިތައް ދޮންނަން ސިންކު ކައިރީގައި ހުރި ޝަބާ ވާހަކަ ދެއްކިއެވެ.
“ހޫމް! އަފޫ ދައްތި މި 3 ދުވަހު ނާންނާތީ އާހިލް ތިއުޅެނީ އަނެއްކާވެސް ދިރިއުޅުމުގެ މަޤްޞަދު މަތިން ހަނދާންނެތިގެން ދޯ؟” ޝަބާ ކޮށްލި ސުވާލުން ފެންތަށި ބޮމުން ދިޔަ ޝަރަފް ކޮށި އަރާގޮތްވިއެވެ. އޭނަ ކެއްސަން ފެށުމުން ޝަބާއަށް ކަންބޮޑުވުމަކާއެކީ ޝަރަފްގެ ގާތަށް ދެވުނީ އަނެއްކާވެސް އޭނަގެ ޙާލަތު ގޯސްވަނީ ކަމަށް ހީކޮށެވެ.
“އެއީ ކިހިނެއް އެވީ؟ އަނެއްކާވެސް ސަކަރާތްވަނީތަ؟” ޝަބާ ގޮސް ޝަރަފްގެ ބުރިކަށީގައި ފިރުމަމުން އަހާލިއެވެ. ޝަރަފް ހަމައަކަށް އެޅެމުން ޖަވާބު ދިނުމުގެ ގޮތުން ބޯހޫރުވާލިއެވެ.
“ފެން ބޮއިގެން އަވަހަށްދޭ އަރާމުކޮށްލަން.” ޝަބާ އެހެން ބުނެ އަނެއްކާވެސް އޭނަގެ މަސައްކަތަށް އަނބުރާ ދިޔައެވެ. ދޮންތަ އަދިވެސް ދެންމެ ދައްކަދައްކާހުރި ވާހަކައަށް އަނބުރާދާނެކަމަށް އޭނައަށް އުއްމީދުކުރެވުނެވެ. އެހެނަސް އެ މެދުކެނޑުމަށްފަހު ދޮންތަ ދެން އެ ވާހަކަ ދައްކަން ނުއުޅުމުން ޝަރަފް ހިސާބަކަށް މާޔޫސްވިއެވެ. ފެންތަށި ހުސްކޮށްލުމަށްފަހު ދޮންތަގެ ބަސްއަހައިގެން އޭނަ ބައްޕަގެ ކޮޓަރިއަށް ދިޔައީ އެއްވެފައިވި އިޙްޞާޞްތަކާއި އެކީގައެވެ. އަފާފާއިމެދު އިތުރަށް އަޑު އިވުމުގެ ފުރުޞަތު ނުލިބުނީތީ ދެރަވީ ހިނދު އަފާފް އޭނައާއި ނުހަނު ގާތަށް އަންނަން އުޅޭކަން އެނގުންވުމުން ވެސް ޝަރަފްގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ކޮޓަރިއަށް ދިޔައިރު ބައްޕައަށް އެ ހެނދުނުގެ ވަގުތުގައި އޭރުވެސް ބައްޕަ ނިދިފައި އޮތީތީ ޝަރަފަށް އޭނަގެ ގޮދަޑި މަތީގައި އަފާފްގެ ޚިޔާލުތަކުގައި އޮވެވުނެވެ. މީގެ މަސްތަކެއް ކުރިން އަފާފް ހަނދާނަށް އައުމުން ވެސް އޭނަގެ ހިތުގައި ރިހުމެއް އުފެދުނެއްކަމަކު ނޭނގޭ ސަބަބަކާހުރެ މިއަދު އެ ހަނދާންތަކުން އޭނަގެ ހިތަށް އުފާވެރިކަމެއް ނޫނީ ނުލިބެއެވެ. އެއީ އެންމެ ފަހުން އޭނައަށް އަފާފް ފެނުނު ދުވަހު އެ މޫނުމަތިން ފެނިގެންދިޔަ އުޖާލާ ހިނިތުންވުމުގެ ސަބަބުން ކަންނޭނގެއެވެ. އޭނަގެ ފަރާތުން އަފާފަށް ލިބުނު އަނިޔާގެ އަސަރު މިއަދާއި ހަމައަށް ދެމިގެން އައިސްފައިވިޔަސް އަފާފް މިއަދުވަނީ އެއީ އޭނަގެ ތަޤްދީރުކަން ޤަބޫލުކޮށްފައިކަން ޝަރަފަށް އަންގައިދިނީ އެ ހިނިތުންވުމެވެ. އެކަމަށްޓަކައި ވެސް އޭނައަށް އަފާފަށް ހިތާހިތުން ތަޢުރީފު ކުރެވުނެވެ. އޭނައަށް އެފަދަ ކަމެއް ދިމާވި ނަމަ އޭނަ މުޅި ޢުމުރަށް ހިތާމައިގައި އުޅުނީހެވެ. އެހެނަސް އަފާފްގެ ހިތަށް އެހާ ބޮޑު ސާބިތުކަމެއް ލިބިފައިވަނީ ކިހިނެއް ހެއްޔެވެ؟ އެއީ ވެސް އިންސާނެއް ނޫން ހެއްޔެވެ؟ އޭނަ އަނދިރިވީ ދުވަހު ރޮއިގެންފައި ހަޅޭއްލެވި ވަގުތުކޮޅު އިއްޔެވީ ކަމެއްހެން ޝަރަފްގެ ހަނދާނުގައި އެބަހުއްޓެވެ. އެ ޙާލަތުން މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަފާފް އޭނަގެ މޫނުމަތި އުޖާލާކޮށްލީ ކިހިނެއްބާއޭ ޝަރަފްގެ ހިތަށްއެރިއެވެ.
ފުން ވިސްނުމެއްގެ ތެރެއަށް ޝަރަފް ގެއްލެން އުޅުނު ވަގުތު އެ ކޮޓަރީގެ ކުޑަކޮށް ހުޅުވިފައިވާ ދޮރުގެ ދޭތެރެއިން ބޭރުން ދޮންތަ ދެއްކި ވާހަކަތައް އޭނައަށް އިވުނެވެ.
“ސަލާމް އަފޫ. މިހާރު ކޮއްކޮ ހޮސްޕިޓަލުން ދޫކޮށްލައިފި. އެހެންވީމަ އަހަރެން އުޅޭނަން ގޭގަ. އަންނަ ހޮނިހިރު ދުވަހު އަންނަންވީއެއްނު ދޯ މިގެއަށް؟” ދޮންތަ ފޯނުން ދެއްކި ވާހަކަތައް އިވިފައި އަނެއްކާވެސް އަފާފް އޭނަގެ ގާތަށް އަންނަ އަންނަން އުޅޭކަމުގެ ޚިޔާލު އޭނަގެ ސިކުނޑިއަށް ސަވާރުވިއެވެ. އަދި އަފާފް އައުމުން ކަންތައް ވާނެގޮތުގެ ޚިޔާލީ ފޮލާ އޭނައަށް ކެއްކެން ފެށިއެވެ. އަފާފް އައުމުން އޭނައާއި އަފާފްގެ ގުޅުން ބަދަހިވެ އެންމެ ފަހުން އަފާފަށް ވެސް އޭނަދެކެ ލޯބިވެވިދާނެކަމަށް އޭނައަށް ނިންމުނެވެ. އަދި އެއަށްފަހު އޭނައާއި އަފާފް އިނދެގެން އޭނަގެ މަސައްކަތުން ކޮންމެވެސް އެއްގޮތަކަށް އަފާފްގެ ލޮލުގެ ފެނުން ވެސް އަނބުރާ އައިސް އޭނައަށް ކުރެވުނު ކުށަށް އަފާފް އޭނައަށް މަޢާފުދޭ މަންޒަރު އޭނައަށް ސިފަވެގެން ދިޔައެވެ. ފޮނި ޚިޔާލުތަކުން ހިތް ފުރާލި ޝަރަފް އެ ޚިޔާލުތަކެއް ކުރިއިރު ހަނދާން ނައްތާލީ އަފާފްގެ މިޒާޖެވެ. ލޮލަށް ނުފެނުނަސް އޭނައަކީ ހިލޭ ފިރިހެނަކާއެކީ ވަކިން ބައްދަލުކުރާނެ ޒާތުގެ ކުއްޖެއްނޫންކަން އޭނައަކަށް ނޭނގެއެވެ. މީގެ އިތުރުން އޭނަ ފިކުރުކުރަންޖެހޭ އެހެނިހެން ކަންތައްތަކާއެކީ ޝަރަފް ހަނދާން ނައްތާލި ކަމަކީ އަފާފަށް ގެއްލުމެއްދޭން ބަޔަކު އުޅޭކަމެވެ. ޙަޤީޤަތުގައި ނޭނގުމެއްގެ ތެރޭގައި ވެސް އޭނައަށް ނިންމިފައި އޮތީ އެދުވަހު އޭނަ ‘ބިންތު ޢައްމާރު’ ހޯދަން އުޅުނު މީހާ ބޭނުންވާ މަޢުލޫމާތު ނުދިނުމުން އެމީހުންގެ މުޅި ރޭވުން ފޭލްވާނެ ކަމަށެވެ. އެހެނަސް އެމީހުންނަކީ އެއްފަހަރު ފޭލްވުމުން ޢަޒުމް ގުޑައިގެންދާނެ ފަދަ ބައެއް ނޫންކަން ޝަރަފަށް ނޭނގެއެވެ. އަދި އެމީހުންގެ ސަބަބުން އޭނައާއި އަފާފްގެ ގުޅުމަށް ވެސް އަސަރެއް ކޮށްފާނެކަމަށް އޭނައަށް ރޭކާ ނުލައެވެ.
ޝަރަފް ނުވިސްނިއެއްކަމަކު އޭނައަށް އިންޒާރުތައް ދެމުން ދިޔަ މީހުންނާމެދު އަފާފަށް ވިސްނެމުން ދިޔައެވެ. އެއީ ވަކި އެމީހުންނަށް ގަންނަ ބިރެއްގެ ސަބަބުންނެއް ނޫނެވެ. ވޭތުވެދިޔަ 3 ދުވަހުގައި ވެސް ފައިހާ ނާންނާތީ އޭނައަށް އޭނަގެ ޕޭޖުގައި އެއްވެސް އާ އެއްޗެއް ނުލިޔެވޭ ކަމަށްޓަކައެވެ. އޭގެ ސަބަބުން އޭނަ އުޅެނީ އެމީހުންނަށް ޖެހިލުންވެގެންހެން ހީވެދާނެތީ އަފާފް ކަންބޮޑުވަމުން ދިޔައެވެ. އެމީހުން ބައެއްފަހަރު އޭނަގެ ޕޭޖުގައި އެންމެންނަށް ފެންނާނެހެން ވެސް އޭނައާއި ދިމާލަށް ބަދުބަސްބުނެ އެހެން މީހުންގެ ސިކުނޑީގައި ޝައްކު އުފެދޭފަދަ ޕޯސްޓްތައް ލިޔެ ހަދައެވެ. ފައިހާ އެފަދަ ޕޯސްޓެއް ހުރި ވާހަކަ ބުނިތަނާހެން އަފާފް ވަގުތުން އެންމެންނަށް ފެންނާނެހެން އެ ޕޯސްޓަށް ޖަވާބުދިނެވެ. އެހެނަސް މިއަދު އޭނައަށް ނޭނގި އެފަދަ ކިތައް ޕޯސްޓެއް ޕޭޖުގައި ހުންނާނެތޯ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އޭނަ އެންމެ ބޮޑަށް ކަންބޮޑުވަމުން ދިޔައީ އެކަމާމެދުގައެވެ. އޭނަގެ ލޮލަށް ނުފެންނަ ކަމަށްޓަކައި އަނެއްކާވެސް ހިތުގައި ޝަކުވާތަކެއް އުފެދެން ފެށީ އެކަމާމެދުގައެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނައަށް އެއްވެސް ޕޯސްޓެއް ލިޔުމުގެ ފުރުޞަތު ނުލިބުމަކީ ވެސް އޭނައަށް ލެއްވި ރަޙްމަތެއްކަމެވެ. އޭނަގެ ދުޝްމިނުން ކިރިޔާވެސް މައިތިރިވެފައިވީ ފަހަކަށް އައިސް އޭނަގެ އާ ޕޯސްޓެއް ނުފެންނާތީވެކަމެވެ. މެންދުރުގެ ވަގުތު މަންމަ ކޮޓަރިއަށް އައުމުން މަންމަ ލައްވާ ޕޭޖު ބަލައި އެފަދަ ބައެއްގެ ޕޯސްޓެއް އެ ޕޭޖުން ފެންނަން ނެތް ވާހަކަ ބުނުމުން އަފާފަށް ޙައިރާންކަމެއް ލިބުނީ އެކަން ނޭނގުމުންނެވެ.
“އަލްޙަމްދުލި ﷲ! އަހަރެން ހީކުރީ މިހާރު ހުންނާނީ ޕޭޖު ފުރާލާފަކަމަށް.” އަފާފް ލެޕްޓޮޕް ދޮށުގައި އިން އޭނަގެ މަންމަގެ ކައިރީގައި އިން ގޮނޑީގައި އިނދެ އަފާފަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
“އެމީހުންވެސް ކުރަން އެއަށްވުރެ މުހިއްމު ކަންތައް ހުންނާނެއޭ އަފާފަށް ހީވިޔަސް.” ޝާދިޔާ ވާހަކަ ދެއްކި ގޮތުން އަފާފްގެ ހިތް ދެރަވާ ގޮތްވިއެވެ. އޭނަ ﷲ އަށްޓަކައި ފެށި ކަމަކާ ދެކޮޅު މީހުންނާއިމެދު މަންމަ ވާހަކަ ދެއްކި ގޮތުންނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް ހިނިތުންވެ ވާހަކަ ދެއްކޭތޯ ބެލީ އަނެއްކާވެސް އޭނައާއި މަންމަގެ ގުޅުމަށް ނޭދެވޭ އަސަރެއް ކުރަން ނޭދުނީތީވެއެވެ.
“ހޫމް ހަމަ ވެދާނެ ކޮންމެވެސް ގޮތަކަށް އެމީހުންގެ ހިތަށް އަސަރެއް ކޮށްގެން އަމިއްލައަށް ވެސް ދީނާއިމެދު އިތުރަށް އުނގެނެން މަސައްކަތް ކުރަނީ ކަމަށްވެސް….ހެހެ…..މަންމާ ދެން އަހަންނަށް ޕޯސްޓްތަކެއް ލިޔެދޭންވީ މަންމައޭ. ފައިހާ ދެން ނާންނަންޏާ ދެން އެކަން ކުރަން ހުރީ މަންމައެއްނު؟ ބައްޕަ އުޅެނީ ބިޒީކޮށް. ސޯ ދެން ހުރީ މަންމަ.” އަފާފް އޭނަގެ ހިނިތުންވުމުގައި އިނދެ ބުނެލިއެވެ. އެއާއެކު ޝާދިޔާ ލެޕްޓޮޕް ލައްޕާލި އަޑު އަފާފަށް އިވުނެވެ.
“މަންމައަކަށް ނޭނގޭނެ ލިޔާކަށް! އަފާފް ކިޔައިދޭ އެއްޗެހި ލިޔަން އެނގޭނީ އަފާފް ކަހަލަ ޒުވާން ކުއްޖަކަށްނު؟ އެ އެއްޗެހި ލިޔެދެވޭނެ ކަހަލަ ފިރިހެން ކުއްޖަކު ހޯދޭތޯ މަންމައާއި ބައްޕަ މިހާރު މިއުޅެނީ. އަފާފަށް އަދިވެސް ނުފެނޭތަ އެކަހަލަ ކުއްޖެއް؟” ޝާދިޔާ ސުވާލުކޮށްލިއެވެ. އެއާއެކު އަފާފްގެ އަތްފައި ފިނިވެ އޭނަގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނަގެ ހަނދާނަށް ވަގުތުން އައީ ޝަރަފްގެ ނަމެވެ. އަދި ޝަރަފާއި އޭނަ ފުރަތަމަ ދިމާވި ދުވަހު ދުވި މީރު ވަހާއި އިވުނު އަޑުތަކެވެ. އެއީ ކީއްވެކަމެއް ޚުދު އޭނައަކަށް ވެސް ނޭނގެއެވެ. ޝަރަފަކީ އޭނަ ފޭސްބުކްގައި ހިންގާ އެ ޕޭޖު ހިންގުމަށް އޭނައަށް ހިތްވަރު ދޭނެ މީހެއްކަމެއް އޭނައަށް ނޭނގެއެވެ. އަދި އޭނައަކީ ކޮންކަހަލަ އަޚްލާޤެއްގެ ވެރިއެއްކަމެއްވެސް އޭނައަކަށް ނޭނގެއެވެ. އެހެނަސް މިހާތަނަށް އައިއިރު ޝަރަފަކީ ހަރުދަނާ ޒުވާނެއްކަން ބައްޕަގެ ފަރާތުން އޭނައަށްވަނީ އެނގިފައެވެ. އޭނަ މައްޗަށް ކިޔަވައިގެން ހުރި ގޮތުންނާއި އޭނަގެ ލިޔެ ކިޔުންތަކުން ބައްޕައަށް އޭނަ ވަރަށް ކަމުގޮސްފިކަން އެނގުނު ދުވަހު އޭނަގެ އެއްވެސް އައިބެއް ނުހުންނާނެހެން އަފާފަށް ހީވާންފެށީ ކީއްވެކަމެއް ނޭނގެއެވެ. އެދުވަހު ޝަބާގެ ގޭގެ ދޮރު މަތިން އޭނަ ފެނުމުން އޭނައާއި ވާހަކަ ނުދައްކާ ޝަރަފް ދުރުގައި ހުރިހުރުމުން ވެސް ޝަރަފާއިމެދު ރަނގަޅަށް ވިސްނަން އަފާފަށް މަޖުބޫރު ކުރުވިއެވެ. ނޭނގޭ ސަބަބަކާހުރެ ޝަރަފަކީ ވަރަށް ގިނަ ދުވަސްވަންދެން އޭނައަށް އެނގިފައި ހުރި މީހެއްހެން އޭނައަށް ހީވަމުން ދިޔައެވެ.
ހިތުގައި ހިނގަމުން ދިޔަ ޖަޒުބާތުތައް ޤަބޫލުކުރަން ވެސް ބޭނުން ނުވެފައި އަފާފް އިންދާ ޝާދިޔާ އަފާފްގެ އުނގުމަތީގައި އޮތް އެއްއަތުގެ މަތީގައި އޭނަގެ އަތް އަޅާލިއެވެ. އޭރު ޝާދިޔާގެ މޫނުމަތީގައި ހިނިތުންވުމެއްވީ އެހެން ފަހަރުތަކާއި ޚިލާފަށް މި މަޢުޟޫއަށް އަފާފްގެ ފަރާތުން ސާބިތު ޖަވާބެއް ނުލިބި އެ މޫނުމަތިން ނުތަނަވަސްކަމެއް ފެނުމުގެ ސަބަބުންނެވެ. އޭނަ އަފާފަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.
“އަފާފް…..މަންމައަށްވުރެ ބޮޑަށް އަފާފަށް އެނގޭނީ ހެވާއި ނުބައިގެ ތަފާތު. އެކަން މަންމަވެސް ޤަބޫލުކުރަން. އެކަމަކު ބުނެލަން ބޭނުންވަނީ މީހަކު ކަމުދިޔުމަކީ ގޯހެއްނޫނޭ. އެ އިޙްޞާޞަކީ އަފާފްގެ ބާރުގެ ދަށުގަ އޮތްކަމެއް ނޫން. ހިތުތެރޭގަ ވާ އިޙްޞާޞަކާމެދު އަހަރުމެންނާ ސުވާލެއް ނުކުރެވޭނެއެއްނު؟ އަސްލު މަންމަ ކިތަންމެ ވަރަކަށް ދަރިފުޅު ކައިރި މީހަކާ ރައްޓެހިވާށޭ ބުންޏަސް މަންމައަށް ވެސް އެނގޭ އެއީ ކިހާ ގޯސްކަމެއްކަން. އަސްލު މަންމަމެން ވަރަށް ފަޚުރުވެރިވޭ ދަރިފުޅު މިއުޅޭ އެހެނިހެން ކުދިންހެން އެއްމީހަކަށްފަހު އަނެއް މީހަކާ ރައްޓެހިނުވެ ޤަދަރުވެރި ގޮތަކަށް އުޅޭތީ. އެހެންވީމަ މިފަހަރު މަންމަ ބުނާކަށް ނެތިން ރައްޓެހިވާށޭ ވެސް. މިފަހަރު މި ބުނަނީ އަފާފަށް މީހަކު ކަމުގޮސްފައިވާނަމަ ޖެހިލުމެއްނެތި މަންމަމެން ކައިރި ބުނާށޭ. އޭރުން މަންމަމެން ދަރިފުޅު އަބަދުވެސް ބޭނުންވިހެން ޙަލާލު ގޮތުގަ ދަރިފުޅު އެމީހަކާ ގުޅުވަދޭނަން.” ޝާދިޔާ މަޑުމައިތިރި އަޑަކުން ދެއްކި ވާހަކަތަކުން އަފާފަށް ދެލޯ މަރާލެވުނެވެ. މަންމަގެ ފަހު ޖުމްލައިން އޭނަގެ ހިތް އުއްމީދުން ފުރިގެން ދިޔައެއްކަމަކު އޭގެ ދެވަނަ ސިކުންތުގައި އެ ހިތް ޝައްކުތަކުން ފުރިގެން ދިޔައެވެ. ޝަރަފް އޭނައަށް ކަމުދާހެން އޭނައަށް ހީވިއެއްކަމަކު އޭނައަށް އެކަން ޔަޤީނެއްނުވިއެވެ. ހަމައެކަނި މީހެއްގެ ހަރުދަނާކަމާއި ރީތިކަމުގެ ވާހަކަ އޭނައަށް އަޑުއިވިގެން އޭނައަށް މީހެއްދެކެ ލޯބިވެވިދާނެކަން ޤަބޫލުކުރަން އޭނައަށް ދަތިވީތީވެއެވެ. އަދި އަމުދުން އެމީހަކީ ޞާލިޙު މީހެއްކަން ޔަޤީން ނުވާ ޙާލުގައެވެ. މީގެ އިތުރުން ޝަރަފަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް އަރަޝް ބުނިހެން އޭނަ ކަހަލަ ‘ނުކުޅެދުންތެރިއަކާ’ އިންނަން ޝަރަފް ބޭނުންވާނެ ހެއްޔެވެ؟ އަފާފްގެ ހިތަށް ވެރިވި އެ ސުވާލުން އޭނަގެ ހިތަށް އުނދަގޫވީ އޭނަ ހީކުރިވަރަށްވުރެ ބޮޑަށެވެ. އެކަމާމެދު އަމިއްލަ ނަފްސު ކުށްވެރި ކުރެވެން އުޅުނު ވަގުތު އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑު އަފާފަށް އިވުނެވެ.
“އެއީ ކާކުބާ؟” ޝާދިޔާ އެހެން ބުނެ ތެދުވެލީ އަޑު އަފާފަށް އިވުނެވެ. އޭނަވެސް އެއީ ކާކުކަން ދެނެގަންނަން ބޭނުންވެފައިވަނިކޮށް މަންމަ ދޮރު ހުޅުވާލަމުން ކިޔާލި ނަމަކުން އަފާފްގެ މެއަށް ފިނިވިއެވެ.
“އަނހަ ޝަބާ! ހާދަ ނުގަޑިއެއްގަ؟” މަންމަ އެހެން ބުނިތާ މާ ގިނައިރެއްނުވެ ޝަބާ ކޮޓަރިއަށް ވަދެގެން އައިކަން އަފާފަށް އެނގުނެވެ. ޝަބާވަނީ މިއަދު އޭނައަށް ގުޅާފައި އާހިލްއަށް ކިޔަވައިދޭން އެގެއަށް ދެވިދާނެތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދޭން އަފާފަށް ދަތިކުރުވީ ވަކި ފައިހާވެސް ނެތް ކަމުގެ ޚިޔާލުންނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ޖެހިލުންވީ ޝަރަފާއި އެއްފުރާޅެއްގެ ދަށަށް ދާން ވުމުންނެވެ. އެހެންކަމުން އޭރު އޭނަ ފޯނު ބޭއްވީ ފަހުން ޖަވާބެއްދޭނެކަމަށް ޝަބާގާތު ބުނެފައެވެ. ޝަބާ އެއައީ ކޮންމެ ކަމަކު ވިޔަސް އެ ސުވާލު އޭނައާއި ކުރިމަތިވާނެކަން އެނގި އަފާފް އެ ވަގުތުކޮޅުން ފިލަން ބޭނުންވިއެވެ. އެހެނަސް ޝަބާ އޭނަގެ މަންމައާއެކީ އައިސް ކޮޓަރީގައި ހުރި އެނދުގައި އިށީންއިރު ވެސް އަފާފަށް އިންގޮތަށް އިނދެވުނެވެ.
“ޗުއްޓީ ދުވަހެއްގަ ދޯ ދެންމިހެން ޖައްސާލެވޭނީ ވެސް…..އަފާފްއާ ކުޑަ ވާހަކައެއް ދައްކާލަން އަސްލު މިއައީ.” ޝަބާ ސީދާ މަޢުޟޫއަށް ދިޔުމުން އަފާފްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ޝާދިޔާ ކޮން ވާހަކައެއްތޯ އަހާލުމުން ޝަބާ ވަގުތުން ޖަވާބުދިނެވެ.
“އާހިލްއަށް ކިޔަވަދޭން އަދިވެސް އަފާފަށް އެގެއަށް ގޮސްދެވިދާނެތޯ ބަލަންވެގެން. ހުސެއިނުބެ ދެންމެ ބުނި މިހާރު ފައިހާ ނާދެއޯ. ދެން އެހެންވީމަ އަހަރުމެން ދޯ މިގެއަށް އަންނަންވީ؟ އަސްލު ވަރަށް ދަތިވާނެ ކޮންމެ ދުވަހަކު ޓެކްސީއެއްގަ މިހާ ހިސާބަށް އަންނަންވެސް. އެކަމަކު ބޭނުން އަފާފް އާހިލްގެ މުދައްރިސަކަށްވާން.” ޝަބާ ބުނެލިއެވެ. އޭނަ ދެއްކި ވާހަކަތަކުން އަފާފް ހިތްހަމަޖެހުނެއްކަމަކު އެ ހިތަށް އުނދަގުލެއްވެސްވިއެވެ. އުނދަގޫވީ ސަބަބާމެދު އޭނަ ވިސްނާކަށް ވެސް ބޭނުމެއްނުވިއެވެ.
“އަޅޭ ޝަބާ! މިހާރުވެސް ތިއުޅެނީ ދެކޮޅު ނުޖެހިގެން. ދެން ތިފަދަ ޚަރަދެއް ކުރަންވީމަ ކިހާ ތާށިވާނެ؟ ޝަބާ އަންނާނެކަމެއްނެތް. ފައިހާ ނެތަސް އަހަރުމެން އަފާފް ތިގެއަށް ގެންގޮސްދޭނަން.” ޝާދިޔާ ލިބުނު ފުރުޞަތުގެ ބޭނުން ހިފޭތޯ ބެލިއެވެ. އެހެނަސް އޭނަގެ ޖުމްލަ ނިމުނުތަނާހެން އަފާފް ކުއްލިއަކަށް ނޫނޭ ބުނެލި އަޑަށް އޭނައާއި ޝަބާ ވެސް ދިޔައީ ސިހިގެންނެވެ. އެވަގުތު އަފާފަށް ކުރެވެމުން ދިޔަ އިޙްޞާޞާއި އެ އިޙްޞާޞްގެ ފަހަތުގައިވި ކަންބޮޑުވުން އެދެމީހުންނަށް ވެސް ނޭނގޭނެކަމަށް އަފާފަށް ހީކުރެވުނެވެ. އެހެނަސް އަފާފަށް ނޭނގުނު ކަމަކީ ޝަބާ އެދުވަހުގެ އެވަގުތު އޭނަ ކައިރިއަށް އަންނަން ޖެހުނު ސަބަބަކީ އެ ކަންބޮޑުވުން ކަމެވެ. ޝާދިޔާ މިހާރު އަފާފް ކިޔަވައިދޭހިތް ވެސް ނުވަނީތޯ އަހާލި ވަގުތު ޝަބާ މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.
“ނޫން ދައްތާ. އަފާފް ކިޔަވައިދޭހިތްވޭ. އޭނަ ޖެހިލުންވަނީ އެގޭގަ މިހާރު އެހެން ފިރިހެނަކު އުޅޭތީ…..އަފާފްއަށް އެނގޭތަ؟ އަފާފްއަށް ގުޅުމުގެ ކުރިން އަހަރެން އެކަމާމެދު ވަރަށް ވިސްނިން. ހިތަށްއެރި ޝަރަފް ކައިރީގަ ބުނާނީއޭ އަފާފް އަންނަ ގަޑީގައި ގެއިން ބޭރަށް ތަނަކަށް ދާށޭ. އެކަމަކު އޭނަ އަދިވެސް އުޅެނީ ބަލިކޮށް. މުޅިން ރަނގަޅުވާން މަސްތަކެއް ނަގާނެހެން ހީވަނީ. ވީހާވެސް ގިނައިން އަރާމުކުރުމަށް ޑޮކްޓަރުން އެންގީ…..އެހެންވެ ހިތަށްއެރީ އަފާފް އަންނަ ގަޑީގަ ޝަރަފް ކައިރި ކޮޓަރިތެރޭގަ ހުންނަން ބުނާނީއޭ. އަސްލު ބޭނުން އަފާފް އާހިލްއަށް ބުނެދޭ އާޔަތްތައް ޝަރަފަށް ވެސް އިވެން. ވަރަށް ގިނަ ދުވަސްވަންދެން ފާފަތަކެއްގެ ތެރޭގަ އުޅެފަ އޭނަ އިޞްލާޙުވާން މަސައްކަތް ކުރަނީހެން އަހަންނަށް ހީވަނީ. އެހެންވެ ކަންނޭނގެ އޭނަ 8 އަހަރު ފަހުން އަނބުރާ އައީވެސް. ވަރަށް ހީވޭ ޝަރަފަށް އަފާފްގެ ނަޞޭޙަތްތައް އިވުނިއްޔާ އޭނައަށް ވެސް ހިދާޔަތް ލިބިގެންދާނެހެން އިން ޝާ ﷲ.” ޝަބާ އުއްމީދީ ގޮތަކަށް ވާހަކަ ދެއްކިއިރު އޭނަ އިނީ ހިނިތުންވުމެއްގައިކަން އަފާފަށް އެނގުނެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން ޝަރަފަށްޓަކައި އަފާފްގެ ހިތުގައި ވި އިޙްޞާޞްތަކަށް އިންޤިލާބެއްއައެވެ. އޭނައަށް ކަމުދިޔަ އެ ޒުވާނާއަކީ ﷲ ވެސް ރުހިވޮޑިގެންވާ އަޅަކަށް ވެދާނެކަމަށް އޮތް ފުރުޞަތުގެ ސަބަބުން އޭނަގެ ހިތަށް ވެސް އުއްމީދެއް ލިބިގެން ދިޔައެވެ. އެހެނަސް އޭނަ ދެންވެސް ޖެހިލުންވީ ޝަރަފް ހުންނަ ގެއެއްގެ ތެރެއަށް ވަނުމުން އޭނައަށްވެދާނެ ގޮތަކާއިމެދުގައެވެ. އޭނައަށް ރަނގަޅަށް ވާހަކަ ދެއްކޭނެތޯވެސް ހިތަށްއެރިއެވެ. އޭނައަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ޝަބާ އިތުރަށް ދެއްކި ވާހަކައިންނެވެ.
“އަފާފް ހާސްވާންވީ ސަބަބެއްނެތް. އަހަރެން ޔަޤީންކުރާނަން އަފާފްގެ ނަޞޭޙަތްތައް ޝަރަފް އަޑުއެހިޔަސް އޭނަ އަފާފްގެ ކުރިމައްޗަށް ނާރާތޯ. އަފާފް ހުސެއިނުބެއާއެކީ އަޔަސް މައްސަލައެއްނެތް. ކޮންމެހެން ވެސް ބޭނުން މާނަހުރި ގޮތަކަށް ޝަރަފަށް ޤުރުއާނުގެ އާޔަތްތަކެއް އަޑުއިވިގެންދާން. ތިބާގެ ސަބަބުން އެންމެ މީހަކަށް ހިދާޔަތް ލިބިއްޖެނަމަ އެއީ މުޅި ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ވެސް ބޮޑު ކަމެއްނު؟ އަފާފް ބޭނުމެއްނުވޭތަ އަފާފްގެ ސަބަބުން ﷲ ގެ އިރާދަފުޅުން އިތުރު މީހަކަށް ހިދާޔަތް ލިބެން؟” ޝަބާ އެ ސުވާލުކޮށްލި ހިނދުކޮޅުގައި ކުއްލިއަކަށް އަފާފަށް ވަރުގަދަ ހިތްވަރެއް ލިބިގެން ދިޔައެވެ. އޭނައަކީ ހިދާޔަތް ލިބެން ގާތްވެފައިވާ މީހެއް ފެނިއްޖެނަމަ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނަގާ މީހެކެވެ. އެއީ ޝަބާ ދެންމެ އެ ބުނި ސަބަބަށްޓަކައެވެ. ލިބުނު ހިތްވަރާއެކީ ދެންމެއަކު އޭނައަށް އިޙްޞާޞް ކުރެވުނު ހުރިހާ ޖެހިލުންކަމެއް ވެސް ހިނގައިދިޔައެވެ. އަދި އަމުދުން ޝަބާ ބުނިހެން އޭނަ ބައްޕަގެ ހާޒިރީގައި ހިލޭ ފިރިހެނަކަށް އޭނަ ނުވެސް ފެންނަ ޙާލު އޭނައަށް ނަޞޭޙަތް ދިނުމުގައި ގޯހެއް އަފާފަކަށް ނުފެނުނެވެ.
ޝަބާ ދިޔުމާއެކު އަފާފް އޭނަގެ މަންމަގެ އެހީގައި އަންނަން އޮތް ހޮނިހިރު ދުވަހަށް ތައްޔާރުވާން ފެށިއެވެ. ޝަބާ ބުނި ގޮތުގައި އޭނަގެ ކޮއްކޮއަކީ ވަރަށް ގިނަ ދުވަސްވަންދެން ފާފަތަކެއްގެ ތެރޭގައި ދީނާއި ދުރުގައި އުޅުނު މީހަކަށްވުމުން އެފަދަ މީހަކާއި އެންމެ ގުޅޭނެ ފަދަ އާޔަތްތައް އޭނަ ޚިޔާރު ކުރިއެވެ. އަދި އެ އާޔަތްތައް ބުނެދެވޭނެ އެންމެ ރަނގަޅު ގޮތަކާއިމެދު ވިސްނަން ފެށިއެވެ. ޢާއްމު ގޮތެއްގައި އޭނަ އާޔަތްތައް ބުނެދެނީ އެކުވެރި ގޮތަކަށް ވިޔަސް އޭނަ މިފަހަރު އެކަން ބަދަލުކޮށްލަން ބޭނުންވިއެވެ. ނޭނގިނަމަވެސް އޭނަ އެހެން މީހަކަށްޓަކައި ފިތުނައަކަށް ވެދާނެތީވެއެވެ. އަދި އޭގެ ސަބަބުން އޭނައާހެދި އެހެން މީހަކު ހިދާޔަތުން މަޙްރޫމް ވެދާނެކަމަށްޓަކައެވެ. އެހެންކަމުން އޭނަ ވީހާވެސް ވަރަކުން އޭނަ ބުނެދޭ ބުނެދިނުމުގައި ސީރިއަސްކަމެއް އެކުލެވޭތޯ ބެލިއެވެ.
ޝަރަފަށްޓަކައި ދޭނެ ނަޞޭޙަތެއް ތައްޔާރުކުރަން އަފާފް ފެށީ ކިތަންމެ އިޚްލާޞްތެރިކަމާއެކީގައި ވިޔަސް ވަކި ހިސާބަކުން ޝައިޠާނާގެ ވަސްވާސްތަކުން އޭނަގެ ސިކުނޑި ފުރެން ފެށިއެވެ. ނޭނގި ނަމަވެސް އެގޭގެ ތެރެއިން އޭނައާއި ޝަރަފް ދިމާވެއްޖެނަމަ ވެދާނެ ގޮތަކާއިމެދު އޭނައަށް ލަދުރަކި ހިނިތުންވުންތަކާއެކީ ވިސްނެން ފެށިއެވެ. އޭނަ ނަޞޭޙަތްތައް ދިނުމުން ޝަރަފަށް އޭނަދެކެ ލޯބިވެވިދާނެބާއޭ ހިތަށްއަރަން ފެށިއެވެ. ފިލާވަޅު ނަގައި ދިނުމުގެ ކުރިން އޭނަ އާޔަތްތައް ކިޔަވާލާ ގޮތް ޝަރަފަށް ރީތި ވާނެބާއޭ ބުނެ ހިތް ސުވާލުކުރަން ފެށިއެވެ. އެހެނަސް ވަގުތު ފާއިތުވުމުގެ ކުރިން އަފާފަށް އަމިއްލަ ނަފްސު ހަމައަކަށް އެޅުވުނެވެ. އޭނަގެ ނިޔަތް ފާސިދުވާން ފަށައިފިކަން އެނގި އޭނަ ގިނަގިނައިން ނަމާދުކުރަން ފެށިއެވެ. އެފަދަ ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރިގެންދާ ކޮންމެ ފަހަރަކުހެން އޭނަ ވުޟޫކޮށް ސުންނަތް ދެ ރަކުޢަތުގެ ނަމާދެއް ކޮށްލައެވެ. ނަމާދުން އޭނައަށް އެހީއެއް ލިބިގެން ދިޔައީ ބަޔާންކުރަންވެސް ދަތިވާ ފަދައަކުންނެވެ. ނަމާދުކުރާ ކޮންމެ ފަހަރަކު އޭނަ މި ދުނިޔެއަށް އައިސްފައިހުރީ ކީއްވެކަން ހަނދާނަށް އައުމުން، ﷲ ގެ ރުހިވޮޑިގަތުން ހޯދުން ނޫންކަމެއް ކުރުމަށް އޭނަގެ ހިތުގައި އޮންނަ ހުރިހާ އެދުމެއް ނެތިދެއެވެ. ހަމަ އެއާއެކު އަފާފް ޝަރަފްގެ ކުރިމަތީގައި ނުވެސް ކިޔަވަން ނިންމީ ވަކި އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ކިޔެވުމަކީ ކޮން ކަހަލަ ކަމެއްތޯ އަހައި ފަތުވާއެއް ހޯދައިގެނެއްވެސް ނޫނެވެ. އޭނަގެ އަމިއްލަ ހިތް އޭނަ އެފަދަ ގޮތަކަށް ކަންތައް ކުރުމުގެ ފަހަތުގައި ވީ ނުބައި ނިޔަތެއްކަން އެނގުމުން އޭނަ ފަތުވާއަކަށް ބޭނުމެއްވެސް ނުވީއެވެ. އޭނަގެ ރީތި ކިޔެވުން އޭނައަށް ކަމުދާ ފިރިހެނަކަށް އިއްވުމުގެ އެދުން ހިތުގައި އޮތެއްކަމަކު އެކަން ޤުރުބާންކޮށް އޭގެ ބަދަލުގައި އެ އާޔަތްތައް އޭނަގެ ފޯނުން ޕްލޭއި ކޮށްލަން ނިންމީ، އެހެން ހުރިހާ ކަމަކަށްވުރެ ވެސް އޭނަގެ އީމާންކަން އޭނައަށް މުހިއްމުވުމުންނެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ ފަތިސް ނަމާދަށް ބަންގި ގޮވިއިރު އަފާފްގެ އީމާންތެރިކަން ވަނީ އެތައް ދުވަހެއްފަހުން ވަރުގަދަ ނުވާ ވަރަށް ވަރުގަދަވެފައެވެ. ޝައްކެތްނެތް ގޮތުގައި އީމާންތެރިކަން ވަރުގަދަވެގެން ދަނީ ހަމައެކަނި ﷲ އަށްޓަކައި ވެވޭ ޤުރުބާނީތަކެއްގެ ސަބަބުންކަން އަފާފަށް އެދުވަހު ޔަޤީންވިއެވެ. އަދި އޭގެ ސަބަބުން އޭނަގެ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވަނީވެސް ހަމައެކަނި އެކަލާނގެކަން އޭނައަށް އަނެއްކާވެސް އެނގުންވިއެވެ.
އަފާފް އޭނަގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ‘ލޯބީގެ’ ޚިޔާލުތަކުން ދުރުވާން މަސައްކަތް ކުރިއެއްކަމަކު ޝަރަފް އެކަމަށްޓަކައި އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަފާފް އަންނައިރު އޭނަ ހުންނަން ޖެހޭނީ ކޮޓަރި ތެރޭގައިކަމަށް ބުނެލި ދުވަހު ޝަރަފަށް ހުރެވުނީ ފޫހިވެފައެވެ. އެހެނަސް އާދައިގެ މަތިން އަފާފަށްޓަކައި އޭނަގެ ހިތުގައިވި ޤަދަރެއްގެ ސަބަބުން އޭނަ އެގޮތަށް ކަންތައްކުރަން ނިންމިއެވެ. އެކަމާމެދު އެއްބަސްވިއެއްކަމަކު އަފާފް އެހާ ދުރުން ދަތުރުކޮށްފައި އައިސް އޭނައާއި އާހިލްއަށް ޤުރުއާނުގެ އާޔަތެއް ބުނެދޭން ނިންމި ނިންމުން އޭނައަށް މޮޔަކަމެއްގެ ގޮތުގައި ފެނުނެވެ. ނަސީބު ދެރަކަމުން އަފާފް ކަހަލަ މޮޅު ކުއްޖަކު ވެސް އެވަނީ ސިކުނޑި ދޮވިފައިތާއޭ އޭނަގެ ހިތަށްއަރަން ފެށިއެވެ. އޭނައަށް ނޭނގުނު ކަމަކީ ސިކުނޑި ދޮވިފައިވަނީ ކާކުކަން އޭނައަށް ވަރަށް އަވަހަށް އެނގެން އުޅޭކަމެވެ. އަދި އޭގެ ސަބަބުން އޭނަގެ ދިރިއުޅުން ދުވަހަކުވެސް ބާއްޖަވެރި ނުވާ ފަދައަކުން ބާއްޖަވެރިވާން އުޅޭކަމެވެ.
ނުނިމޭ