Noor (Part 26)
މީހަކާއެކީ ދިރިއުޅުމެއް ފަށަނީ ލޯބިދީ، އަޅާލައި، ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކަމެވެ. ޝަރަފްގެ އެ އެންމެ ބީހުމުން ވެސް ޝަރަފް އެ ހުރިހާ ކަމެއް އޭނައަށްޓަކައި ކޮށްދޭނެކަން އަފާފަށް ޔަޤީންކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. މިސްކިތުން ނިކުންނަން ދިޔައިރު ސިޑިތަކާއި ހަމަވުމުން ޝަރަފް އޭނަ އިތުރަށް ގާތްކޮށްލަމުން މަޑުމަޑުންނޭ ނުހަނު ގާތުން ބުނެލި އަޑަށް އަފާފްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޝަރަފް ނުހަނު ފަރުވާތެރިކަމާއެކީ ބައްޕަ އޭނަ ގެންދާ ވަރަށްވުރެ ވެސް ލަހުން އޭނަ ގެންދިޔަ ގޮތުން އަފާފަށް ހިނިތުންވެލެވުނެވެ. ސިޑީގެ އެންމެ ފަހު ހަރުފަތާއި ހަމަވުމުން ޝަރަފް އޭނަގެ ބޫޓަށް އަރަން ވެސް އޭނައަށް އެހީވުމުން އަފާފް ލަދުގަންނަ ގޮތްވިއެވެ. ޝަރަފް އެފަދަ މަޤާމެއްގައި ވާކަށް އޭނަގެ ހިތްނޭދުނެވެ. ކައިވެނީގެ ކުރިން ކޮންމެ އެއްޗެކޭ ބުނެފައިވިޔަސް ޝަރަފަށް އެވަގުތު ބުރަވާނެކަމަށް އަފާފްގެ ހިތް ބުނަން ފެށިއެވެ. އެއާއެކު އޭނަގެ އެ ހިތަށް މާޔޫސްކަމެއް ވެރިވިއެވެ.
އަފާފަށް ނޭނގުނުކަމަކީ އޭނަގެ ހުރިހާ އިޙްޞާޞްތަކުގެ އަސަރުތައް އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ ގޮތުން ޝަރަފްވެސް ކަންބޮޑުވެ، ދެރަވަމުން ދިޔަކަމެވެ. ބޫޓު ލައްވައިދެމުން ދިޔަ ވަގުތު އަފާފްގެ މޫނުމަތިން ފެނުނު މާޔޫސްކަމުން، އޭނަ އަފާފްދެކެ ލޯބިވާކަން އަންގައިދޭންޖެހޭ މިންވަރު އޭނައަށް ތަޞައްވުރު ކުރެވުނެވެ. އޭނަ ލޯބިންދޭ ނަޒަރުތަކާއި، ހިނިތުންވުންތަކާއި، ބަހެއް ބުނުމެއްނެތި ދައްކާ ޢިޝާރާތްތަކެއް އަފާފަށް ނުއެއް ފެންނާނެއެވެ. ވީއިރު އޭނަ އެ ލޯބި ފާޅުކުރުމަށްޓަކައި ހުރި ހަމައެކަނި ވަޞީލަތްތަކަކީ އޭނަގެ ބަސްތަކާއި އޭނަގެ ޢަމަލުތަކެވެ. އެޅޭ އެންމެ ކަތި ފިޔަވަޅަކުން ވެސް އަފާފް އޭނައާއިމެދު ދެކޭ ގޮތް ބަދަލުވެދާނެކަން އޭނައަށް ވިސްނިފައިވެއެވެ. މި ދުވަހުގެ ކުރިން ވެސް އޭނަ އަފާފްގެ ނަޒަރިއްޔާތުން ހުރިހާ ކަމެއް ސިފަކުރަން ކޮށްފައިވި މަސައްކަތުންނެވެ. ހެދޭ އެންމެ ގޯހަކުން ވެސް އޭނައާއި އަފާފްގެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެކަން އެނގުންވި ހިނދު ޝަރަފް ހިސާބަކަށް ޖެހިލުންވިއެވެ. އެހެނަސް އޭނަ ﷲ ގެ ޙަޟްރަތުން ވާގި ހޯދިއެވެ. އަދި އޭނައަށްޓަކައި ﷲ ލެއްވި ޙަޔާތުގެ ބައިވެރިޔާއަށް އޭނަގެ ހިތުގައިވި ލޯބި އިޙްޞާޞްކޮށް ދިނުމުގެ ޤާބިލުކަން އޭނައަށް ދެއްވުމަށް އެދި ދުޢާކުރެވުނެވެ. އެއަށްފަހު އޭނަ އެކިއެކި ލިޔުންތައް ކިޔައި އޭނައަށް ދިމާވެފައިވާ ޙާލަތުގައި އެކަން ކުރެވިދާނެ ގޮތްތަކާމެދު ހޯދާ ބަލާފައިވެއެވެ. އެރޭ އެދެމީހުންގެ ކައިވެނި ޕާޓީ އޮތް ހޮޓެލަށް ދިޔަ މަގުމަތީގައި ވެސް ޝަރަފަށް ވިސްނެމުން ދިޔައީ މި ފުރަތަމަ ރެއާއިމެދު އަފާފް ނުތަނަވަސްވެފައިވާނެ މިންވަރާއި މެދުގައެވެ. ފިރިހެނުންނާއި އަންހެނުންނަށް ވަކިން ބޭއްވި އެ ޕާޓީގެ ތެރޭގައި އެކަނިވާ ކޮންމެ ފަހަރަކު ޝަރަފަށް ވިސްނެމުން ދިޔައީ، އަފާފްގެ އެ ނުތަނަވަސްކަން ފިލުވައިލުމަށް އޭނައަށް ކުރެވިދާނެ ކަމަކާ މެދުގައެވެ. އޭނަ އެފަދަ ކަންތައްތައް މިހާރުއްސުރެ ރާވާފައިވިއެއްކަމަކު އެކަންތައް އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތަކާމެދު އޭނައަށް ވިސްނެމުންދިޔައެވެ.
ޕާޓީއަށްޓަކައި ހޮޓެލަށް އަންނަމުން ދިޔަ މެހުމާނުން މަދުވަމުން ގޮސް މެހުމާނުން ހުސްވެގެން ދިޔައީ އެރޭ 11 ޖަހަން ގާތްވެފައިވަނިކޮށެވެ. އެވަގުތުވީއިރު އަފާފަށް އިނދެވުނީ ވަރުބަލިވެފައެވެ. ނުކެއުމުގެ ސަބަބުން ބަނޑުހައިވެފައިވިއެއްކަމަކު އޭނަ ބޭނުންވީ ވަގުތުން ގެއަށް ގޮސް ނިދާލާށެވެ. އެހެނަސް އޭނަ މިރޭ ގެއަށް ދާންޖެހެނީ ކާކާއެކީކަން އެނގުންވާ ކޮންމެ ފަހަރަކު އޭނަގެ މެއަށް ފިނިވެ އޭނަގެ ނިދިފިލައިދެއެވެ. ފުރަތަމަ ރެއާއިބެހޭ ގޮތުން މިހާތަނަށް އައިއިރު އޭނަވަނީ އެކި ޒާތްޒާތުގެ ވާހަކަތައް އަޑުއަހާފައެވެ. އޭގެއިން އެއްވެސް ވާހަކައަކުން އެއީ އޭނައަށް ކަމުދާނެފަދަ ތަޖުރިބާއެއްހެން އަފާފަށް ހިއެއްނުވެއެވެ. ވަކިން ޚާއްޞަކޮށް އޭނަ ފުރަތަމަ ފަހަރަށް އެއްކޮޓަރިއެއްގެ ތެރޭގައި ހޭދަކުރަންޖެހެނީ އޭނައަށް ފެނިފައިވެސް ނުވާ ފިރިހެނަކާއެކީ ކަމަށްވުމުންނެވެ. މިރޭ ކަންތައްވާނެ ގޮތް ޚިޔާލަށް ގެނައުމުން ވެސް އަފާފްގެ މޭނުބައި ކުރަމުން ދިޔައެވެ. އޭނަ އެކަމަށްޓަކައި އެއްގޮތަކަށްވެސް ތައްޔާރުހެނެއް ހިއެއްނުވެއެވެ. އެހެނަސް އޭނަ ނިންމައިގެން ހުރީ ޝަރަފް ބޭނުންގޮތަކަށް ކަންތައް ކުރާށެވެ. އަފާފްގެ ޖެހިލުންވުމުގެ ސަބަބުން ޝަރަފް އޭނަގެ އެދުމެއް ޤުރުބާން ކުރާކަށް އަފާފް ބޭނުމެއްނުވީތީވެއެވެ.
އެހެނަސް ކަންތައްވެގެން ދިޔައީ އަފާފް ހިވެސް ނުކުރާ ފަދައަކުންނެވެ. ޕާޓީ ނިމިގެން ދިޔުމުން އަފާފް، އަންހެނުންނަށްޓަކައި ޚާއްޞަކުރެވުނު ފަންގިފިލާގައި އޭނައަށް ޚާއްޞަ ކުރެވިފައިވި ގޮނޑީގައި އިންދާ މަންމައާއި ބައްޕަ އައިސް ދެން ކާން އަންނާށޭ އޭނަގާތު ބުނެލިއެވެ. އެވަގުތު މޫޑު ޚަރާބުވެފައި ހުރިވަރުން އަފާފަށް ވަގުތުން ކުރެވުނީ އިންކާރެވެ. އޭނަ ތަކުރާރުކޮށް އިންކާރުކުރަމުން ދަނިކޮށް ކުއްލިއަކަށް އިވިގެން ދިޔައީ ޝަރަފްގެ އަޑެވެ.
“އޯ މައި ގޯޑް އަފާފް ޔޫ ނީޑް ޓު ކަމް ވިތް މީ!” އެހެން ބުނެލި ޝަރަފްގެ އަޑުގައި ޖޯޝެއްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް ޝަރަފް އޭނަގެ އަތުގައި ހިފާލި އިޙްޞާޞް ކުރެވުމުން އަފާފްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނަގެ އެއަތަށް ޝަރަފް ދަމައި ތެދުކުރުވުމުން އަފާފަށް ލިބުނު ސިހުމާއެކީ އޭނަގެ ދެލޯ ބޮޑުވެ ވާހަކަ ދެކެވުނެވެ.
“ކިހިނެއްތަވީ؟” އަފާފަށް ޝަރަފާއެކީ ހިނގައިގަނެވުމުން އަހާލެވުނެވެ.
“މަތީގަ އެބަހުރި ވަރަށް ސަޅި އެއްޗެއް.” ޝަރަފް އެހެން ބުނެލީ ހުސެއިންމެނަށް ބަލައި ކުޑަކޮށް ބޯޖަހައި ޢިޝާރާތެއް ދެމުންނެވެ. އޭނަވަނީ ޕާޓީ ނިމުމުން އޭނަ އަފާފާއެކީ ވަގުތު ހޭދަކުރަން ރޭވި ގޮތް އެމީހުންގާތު ބުނެފައެވެ. އަދި އޭނަ އަނބުރާ އަފާފާއެކީ ގެއަށް އަންނަން ބޭނުންވަނީ އެކަނިކަމަށް އަންގާފައެވެ. ހުސެއިންމެން ޝަރަފްގެ ޢިޝާރާތް ދަނެގެން އިތުރު ސުވާލުތަކެއްނުކޮށް ތިބިތާ ތިބީ އެހެންވެއެވެ.
“ކޯޗެއްތަ ޝަރަފް؟” ޝަރަފް އޭނަ ގޮވައިގެން ގޮސް ލިފްޓަކަށް އެރުމުން އަފާފަށް އަހާލެވުނެވެ. ކިތަންމެ ސަޅި އެއްޗަކަށް ވިޔަސް އޭނައަށް ފެންނާނީއެއްނޫނޭ ބުނަން ބޭނުންވިއެވެ. އެހެނަސް އެހެން ނުބުނެވެނީސް ނުހަނު ފޯރީގައި ހުރި ޝަރަފް ވާހަކަ ދެއްކިއެވެ.
“އުނހޫ ދެން ދިޔައިމައެއްނު އެނގޭނީ؟” ޝަރަފް ބުނެލިއެވެ. އެއާއެކު އޭނަ ދައްކަން އުޅޭ އެއްޗަކަށް އަފާފް ކެތްމަދުވިއެވެ.
ޕާޓީއަށްޓަކައި ފިރިހެނުންނަށް ޚާއްޞަ ކުރެވުނު އެ ހޮޓެލްގެ އެންމެ މަތީ ފަންގި ފިލާއަށް ދެވުމުން ވެސް ޝަރަފް ހިނގައިގަތީ އަފާފްގެ އަތުގައި ހިފައިގެންނެވެ. އޭނަ ވަކި ހިސާބަކަށް ގޮސް ހުއްޓިލަމުން ވާހަކަ ދެއްކިއެވެ.
“މިއީ ކޮންމެ ގޮތަކަށް ވިޔަސް ވަރަށް ޢަދުލުވެރި ނޫންގޮތަކަށް ބޭއްވުނު ޕާޓީއެއް. މި ފަންގިފިލާގަ އެބަހުރި ޕޫލްއާ ޑާރޓްސްވެސް ކުޅެވޭގޮތަށް.” ޝަރަފް ވާހަކަ ދައްކަމުން އަފާފްގެ އަތުން ދޫކޮށްލުމަށްފަހު ވާހަކަ ނުނިމެނީސް އަފާފްގެ އަތަށް އެއްޗަށް ލައިދިންކަން އަފާފަށް އިޙްޞާޞްކުރެވުނެވެ. އޭގައި ރަނގަޅަށް އަތްލިޔުމުން އެއީ ޑާރޓް ކުޅެން ބޭނުން ކުރާ ކުޑަ ތީރެއްކަން އަފާފަށް އެނގުނެވެ. ފުރާވަރުގެ ހަނދާނެއް އަނބުރާ އަންނަން އުޅުނު ވަގުތު ޝަރަފް ވާހަކަ ދެއްކިއެވެ.
“ތިއީ ބުލްސްއައިގެ ޕްރިންސެސްއެއްނު؟ އެހެން ބުނާއަޑު އަހަރެން ހުސް އެހީ. އެކަމަކު ދުވަހަކުވެސް ނުދެކެން އަފާފް ކުޅުނުތަނެއް. މިރޭ ދައްކާލަންވީއެއްނު؟” ޝަރަފް އެހެން ބުނެލިއިރު އޭނަ ހުރީ ހިނިތުންވުމެއްގައިކަން އަފާފަށް އެނގުނެވެ. އެކަން އެނގުންވުމުން އޭނައަށް ވެސް ހިނިތުންވެލެވުނެއްކަމަކު ހިނދުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ފަނޑުވިއެވެ.
“އަހަންނަށް އޭތި ނުވެސް ފެންނައިރު ކިހިނެއް ކުޅެވޭނީ؟” އަފާފް މާޔޫސްކަމާއެކީ އިސްޖަހާލަމުން އަހާލިއެވެ. އެހެންޏާ އޭނަވެސް އޭނަގެ އެ ހުނަރު ދައްކާލަމުން ޝަރަފްގެ ހިތް އަތުލަން ބޭނުންވިއެވެ. އަފާފަށް ވީގޮތް ފެނިފައި ޝަރަފް ދެރަވިއެއްކަމަކު އޭނަ ހިތްވަރުކުރިއެވެ. މިރޭގެ އެއް މަޤްޞަދަކީ އަފާފްގެ އެއްވެސް ނުކުޅެދުންތެރިއެއް ހުންނަކަން އޭނަ ހަނދާންނެތޭ ވަރަށް އޭނަ އުފާކޮށްދިނުންކަން ޝަރަފްގެ ހަނދާނަށް އައުމުން އޭނަ ވާހަކަ ދެއްކިއެވެ.
“ކަމޯން އަފާފް އެހެރީ އޭތި! ހަމަ އެއަށް އަމާޒުކޮށްފަ ތީތި ދޫކޮށްލަންވީ.” ޝަރަފް އަފާފްގެ ދެކޮނޑުގައި ހިފައި އޭނަ އެތާހުރި ޑާޓް ބޯޑާއި ދިމާކުރަމުން ބުނެލިއެވެ. އަފާފް ދެންވެސް ތަކުރާރުކޮށް ނޫނެކޭ ބުނުމުން ޝަރަފް ދޫނުކުރިއެވެ. އެންމެ ފަހުން އަފާފް ހިސާބަކަށް ނުރުހުންވެފައި އޭނަގެ އަތުގައި އޮތް ތީރު އެއްލާލީ އޭތި ބޯޑުގައި ޖެހޭނެ ކަމުގެ ވެސް އުއްމީދުގައެއް ނޫނެވެ. އެހެނަސް އިވުނު އަޑުން އޭތި ބޯޑުގައި ޖެހުނުކަން އެނގުމުން އަފާފް ހުއްޓުން އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭތި ޖެހުނީ މެދުގައި ކަމަށް ޝަރަފް ފޯރިއާއެކީ ބުނެލުމުން އަފާފްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. އެއާއެކު ޝަރަފް އަނެއްކާވެސް އެހެން ތީރެއް އަފާފްގެ އަތަށް ލައިދިނުމުން އަފާފް އަނެއްކާވެސް އޭތި އެއްލިއެވެ. މިފަހަރު އޭތި މެދުގައި ނުޖެހޭ ކަމަށް ބުނުމުން އަފާފް ޖޯޝާއެކީ ތީރުތައް ހޯދަން ފެށިއެވެ. އެ ކުޅިވަރުގެ ތެރެއިން އަފާފްގެ މުޅި މޫޑު ބަދަލުވެގެން ދިޔައެވެ. އޭނަގެ އަތަށް ތީރުތައް ލައިދީ އޭނައަށް ހިތްވަރު ދެމުން ދިޔައީ ‘ހިލޭ’ ފިރިހެނެއްހެން ހީނުވާވަރަށް އޭނަ ޝަރަފާއި އެކުވެރިވެގެން ދިޔައެވެ. ޝަރަފް ދެންވެސް އޭނައާއި ގާތްވާން މަސައްކަތް ނުކުރުމުން އޭނައަށްޓަކައި ހިތުގައި އޮތް ޖެހިލުންވުން ވެސް ނެތެމުން ދިޔައެވެ.
ކުޅެން ފެށިތާ މިނެޓްތަކެއްފަހުން ޝަރަފް ބަނޑުހައި ނުވޭތޯ ސުވާލުކުރިއެވެ. އޭނަ ބަނޑުހައިވެފައިވާ މިންވަރު އަފާފަށް އިޙްޞާޞް ކުރެވުނީ އެވަގުތެވެ. އޭނައަށް އާނއެކޭ ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު ޝަރަފް އޭނަގެ އަތުގައި ހިފައިގެން ބުފޭއަށް ރޭވިފައި ހުރި ކާއެއްޗެއްސާއި ދިމާލަށް ގޮސް އެތާނގައި ހުރި އެއްޗެހި ކިޔައިދިނެވެ. ޝަރަފް އެ އެއްޗެހީގެ ނަން ކިޔުނުއިރު ވެސް އޭނަގެ އަޑުގައި ހުރި ސަމާސާވެރި ރާގުން އަފާފަށް ހެވެމުން ދިޔައެވެ.
“ސާ….ބަސް! މީހަކަށް ބަހެއް ބުނެވޭކަށްވެސް ނެތެއްނު މި ކުއްޖާއަށް ހެވޭވަރުން؟ ސްޕެގެޓީ ދޯ އަޅާނީ؟ އަފާފަށް ސްޕެގެޓީ ވަރަށް މީރު ވާހަކަ ރަފާ ބުނި އަޑު އެހިން.” ޝަރަފް އަނެއްކާވެސް ސްކޫލް ދައުރުގެ ހަނދާނެއް އާ ކޮށްލަމުން އޭނަގެ އަތުގައި ހުރި ތަށްޓަށް ކާ އެއްޗެހި އަޅަމުން ބުންޏެވެ.
“އަހަންނާ ރަފާ މިހާރު ފްރެންޑެއްވެސް ނޫން.” އަފާފް އޭނަގެ ދުރުވެފައިވާ އެ އެކުވެރިޔާ މަތިން ހަނދާންވުމުން ބުނެލިއެވެ.
“ދެން އެކަމާހެދި ސްޕެގެޓީއަށް ވެސް ރުޅިވީ؟ ސްޕެގެޓީގެ ކޮން ކުށެއް އޭގަ އޮތީ؟” ޝަރަފް ސީރިއަސްކަމާއެކީ އެހެން އަހާލުމުން އަފާފަށް އަނެއްކާވެސް ހެވުނެވެ.
އެރޭވެގެން ދިޔައީ އެތައް ދުވަހެއްފަހުން އަފާފް އެހާވަރަށް ހެވުނު ފުރަތަމަ ރެއަށެވެ. އެންމެ މަތީ ފަންގިފިލާގެ އޮޕެން އޭރިއާގައި ޝަރަފާއެކީ އަފާފް ކާންދިޔައިރު ވެސް އޭނަގެ ހިނިތުންވުން ފިލައިނުދެއެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ ވެފައިވި ވަރުބަލިކަމުގެ މަތިން ވެސް އޭނަ ހަނދާން ނެތިފައިވިއެވެ. ޝަރަފާއެކީ މޭޒެއްގެ ދޮށުގައި އިނދެ ކަމުން ދިޔައިރު ވެސް ޝަރަފްގެ ސަމާސާތަކަށް ނިމުމެއް ނާދެއެވެ. އޭނަގެ ލޮލަށް ނުފެންނަކަން ވެސް އޭނަ ހިސާބަކަށް ހަނދާން ނެތިފައިވީ ޝަރަފްގެ އަޑު ހުއްޓުމެއްނެތި އިވެމުން ދިޔުމުން އޭނަގެ ކުރިމަތީގައި ޝަރަފް ހުރިކަން އަފާފަށް އަބަދުހެން ސިފަކުރެވެމުން ދިޔައީތީވެއެވެ. ޝަރަފަކީ އޭނައާއި ގާތް ގުޅުމެއް އޮންނަންޖެހޭ މީހެއްކަން އޭނައަށް ރޭކާވެސްލީ ކައި ނިމިގެން އަފާފް އޯޑަރު ކުރި ކޮފީ މިލްކް ޝޭކުގެ ބައެއް ބޮއިފައި އޭތި ވަރަށް މީރުކަމަށް ބުނި ވަގުތެވެ. ޝަރަފް އަސްލުވެސްހޭ ކިޔައި އަފާފްގެ އަތުން އެ ތަށި ހޯދައި އެތަށިން ބޮއިފައި މީތި ތިމަންނައަށޭ ބުނުމުން އަފާފް ކިތަންމެ ބޭނުމެއްނުވިޔަސް އޭނަގެ މޫނުމައްޗަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ. ޝަރަފްގެ އެ ޙަރަކާތުން އޭނަގެ ހަނދާނަށް އައީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެކެވެ. ޝަރަފް އެގޮތަށް ކަންތައް ކުރުމުގެ ފަހަތުގައިވީ އެ ސުންނަތަށްވުން ވަރަށް ގާތްކަން އެނގުންވީ ވަގުތު އޭނައަށް ޝަރަފް އިތުރަށް ކަމުދިޔައެވެ.
ރޭގަނޑުގެ ކެއުމަށްފަހު ޝަރަފް އަފާފާއެކީ ގެއަށްދާން ދަތުރު ފެށީ ޓެކްސީއެއްގައެވެ. ޓެކްސީއަށް އެރި ވަގުތު އޭނަ ދުވަހަކުވެސް ޓެކްސީއަކަށް ނާރާ ވާހަކަވެސް އަފާފަށް ޝަރަފްގާތު ބުނެވުނެވެ. ޝަރަފް އެ ވާހަކައިން ވެސް ސަމާސާއެއް ހަދާލަމުން އަފާފް ހެއްވާލިއެވެ. ޓެކްސީ ތެރޭގައި ދެމީހުން ވެސް ވަރުބަލިވެފައިވުމުގެ ސަބަބުން އެދެމެދަށް ވެރިވެފައިވީ ހިމޭންކަމެކެވެ. ދައްކާނެ ވާހަކަތައް ހުސްވުމުން ވެސް ޝަރަފް އޭނަ އަފާފާއި ދުރުވީއެއްނޫންކަން އެންގީ އަފާފާއި ގާތްވެ އޭނައާއި އަފާފްގެ އަތް ގުޅުވާލަމުންނެވެ. މިފަހަރު ޝަރަފްގެ އެ ޙަރަކާތުން އަފާފަށް ލިބުނީ ސިހުމެއްގެ ބަދަލުގައި އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އޭނައަށް ޝަރަފާއި ގާތްވެ ޝަރަފްގެ ކޮނޑުގައި ބޯ އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ.
ޓެކްސީގައި ޝަރަފާއި އަފާފް ދިޔައީ އަފާފްމެންގެ ގެއަށެވެ. ކައިވެނީގެ ކުރީކޮޅު ދެމީހުން އުޅޭނީ އެގޭގައިކަމަށް ދެމީހުން ވެސް އެއްބަސްވެފައިވާތީވެއެވެ. ޙަޤީޤަތުގައި އެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރީ ވެސް ޝަރަފެވެ. އެ ހުރިހާ ނުތަނަވަސްކަމަކާއެކީ އަފާފް މުޅިން އާ، އަދި އޭނައަށް ދަތިވާނެ ފަދަ މާޙައުލަކަށް ގެންނަން ބޭނުން ނުވީތީވެއެވެ.
ޝަރަފް އަފާފާއެކީ އެގެއަށް ވަން ވަގުތު މުޅި ގޭގެ ތެރޭގައި ދިއްލާލެވިފައިވީ އޮރެންޖު ކުލައިގެ ބޮކިތަކުންނެވެ. އެވާހަކަ އަފާފް ގާތު ބުނެލަމުން އެންމެން ނިދީދޯއޭ ބުނެ ޝަރަފް އަފާފްގެ އަތުގައި ހިފައިގެން ސިޑި ބަރިއާއި ހަމައަށް ދިޔައީ އަފާފްގެ އަސްލު ކޮޓަރިއަށް ދިޔުމަށެވެ. އަފާފް އަނދިރިވީފަހުން އޭނަވަނީ ތިރީބައިގެ ކޮޓަރިއަކަށް ބަދަލުވެފައެވެ. ސިޑިން އަރައި ފޭބުމަކީ ފަސޭހަ ކަމަކަށް ނުވާތީވެއެވެ. އަފާފްގެ ކޮޓަރި ހުންނަނީ މަތީގަދޯއޭ ޝަރަފް ބުނުމުން އަފާފް އެ ވާހަކަ ކިޔައިދިނެވެ.
“ނުކުޅެދުންތެރިއަކަށް އެހާ މައްޗަކަށް ނޭރޭނެދޯ؟” އަފާފް ދެރަވެފައިހުރެ ބުންޏެވެ. އޭނަ ކުޑައިރުއްސުރެ އެހާ ގިނަ ވަގުތު ހޭދަކުރި ކޮޓަރީގެ މަތިން އޭނަ ހަނދާންވާތީވެއެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަގެ މަންމަ ދެއްކި ވާހަކައެއްގެ ތެރެއިން އެކަން އެނގިގެން ޝަރަފްވަނީ ހުސެއިނަށް އެދި، އެކޮޓަރި އެރެއަށްޓަކައި ތައްޔާރުކޮށްފައިކަމެވެ. އަދި އެ ވަގުތު އޭނަ ހުއްޓިހުރީ އެ ކޮޓަރިއަށް ދެވޭ ސިޑި ބަރީގެ ކައިރީގައި ކަމެވެ.
“ތިކަން އެނގިދާނެތާ.” ޝަރަފް އެހެން ބުނެ ކުއްލިއަކަށް އަފާފް އޭނަގެ އަތްދަނޑިމައްޗަށް އުފުލާލުމުން އަފާފްގެ ހިތް ތަފާތު ގޮތަކަށް ތެޅިލިއެވެ. ބިންމަތިން ހެލުނު ތަނާހެން އޭނައަށް ޝަރަފްގެ ކަރުގައި ދެއަތް އަޅުވާލެވުނީ ބޭއިޚްތިޔާރުގައެވެ. ޝަރަފްގެ ދެއަތުގައިވި ބާރުގަދަކަން އޭނައަށް ތަޞައްވުރުކުރެވުނީ އޭނަ އުފުއްލައިގެން ޝަރަފް ސިޑީގެ ހަރުފަތްތައް ގިރާކުރަން ފެށުމުންނެވެ. ޝަރަފްގެ މޫނާއި ދިމާވާގޮތަށް ނަޒަރު ހުއްޓައިގެން އަފާފަށް އެ އަތުތެރޭގައި އޮވެވުނީ އޭނައަށް އެ ސޫރަ ފެންނަހެން ހީވާ ފަދައަކުންނެވެ. އޭނަ އެގޮތުގައި އެތައް އިރެއްވަންދެން އޮންނަން ބޭނުންވިއެވެ. އެހެނަސް ސިޑި ބަރިތައް ގިރާ ކުރެވުމުން ޝަރަފް އަނެއްކާވެސް އަފާފް ބިންމަތީގައި ބެހެއްޓިއެވެ. އެއަށްފަހު އޭނަގެ އަތުގައި ހިފައިގެން ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވައި ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އެ ހިނދު އަނެއްކާވެސް ނުތަނަވަސްކަމެއް އަފާފްގެ ހިތަށް ވެރިވާން އުޅުނެވެ. އެހެނަސް އެ ނުތަނަވަސްކަން އޭނަގެ މައްޗަށް ބާރު ނުހޯދަނީސް އޭނައަށް އަނެއްކާވެސް ޝަރަފްގެ އަޑު އިވުނެވެ.
“ހިނގާދޯ ދެމީހުން ނަމާދެއްކުރަން؟ ވަރަށް ނިދި އައިއްސަތަ ތިހިރީ؟” ޝަރަފް ކޮށްލި ސުވާލުތަކުން އަނެއްކާވެސް އަފާފްގެ ވިސްނުން އެހެން ދިމާލަކަށް ދަތުރުކުރިއެވެ.
“ނޫން.” އަފާފް ތެދުތެދަށް ޖަވާބުދިނެވެ.
“ގްރޭޓް! އެކަމަކު އޭގެ ކުރިން އަހަރެން ދުޢާއެއް ކިޔަންޖެހޭދޯ؟ މަޑުކުރޭ!” ޝަރަފް އެހެން ބުނެ އޭނަގެ ކޯޓުގެ ތެރެއިން ފަށްޖެހިފައި އޮތް ގަނޑެއް ނަގައި އޭތި ނިއުޅަން ފެށިއެވެ. ޙަޤީޤަތުގައި އޭނަ ޢަރަބި ކިޔަން އެހާ ފަރިތަ ނޫނަސް އޭނަވަނީ އެ ދުޢާ އެރެއަށްޓަކައި ހިތުދަސްކޮށްފައެވެ. އެހެނަސް އޭނަ ގަނޑެއްގައި އެގޮތަށް ލިޔެގެން އައީ އަފާފް ހެއްވާލުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވެސްވިއެވެ.
“ޑޯންޓް ގެޓް އެނީ އައިޑިއާސް. ސިހުރެއް ހަދާކަށް ނޫން މިއުޅެނީ. މިއުޅެނީ ދުޢާއެއް ކިޔަން.” ޝަރަފް އެހެން ބުނެލީ އަފާފަށް އެކަން އެނގޭނެކަން ދެނެހުރެއެވެ. އަފާފް ހީލުމަކާއެކީ ތިމަންނައަށް އެނގެޔޭ ބުނެލުމުން ޝަރަފް އިތުރު އެއްޗެކޭ ނުބުނެ އޭނަގެ އެއްއަތް އަފާފްގެ ނިތުގައި ޖައްސާލިއެވެ. އެއަށްފަހު މަޑުމައިތިރި އަޑަކުން އެދުޢާ ކިޔާލުމުން އަފާފަށް ވެސް އަނގައިގެ ޙަރަކާތުން އާމީންއޭ ކިޔާލެވުނީ ޝަރަފަށްޓަކައި އޭނަގެ ފަރާތުން ހުރިހާ ހެވެއް އެދޭ ޙާލުގައެވެ.
“ދެން ހިނގާދޯ ނަމާދުކުރަން؟ އަފާފް…….ވުޟޫކުރް….އަހަރެން ހެލްޕްވިޔަސް އޯކޭތަ؟” ޝަރަފް ދެންވެސް ހިސާބެއްގެ ޖެހިލުންވުމަކާއެކީ އެފަދަ އެދުމެއް އެދުނީ އަދިވެސް އެފަދަ ކަމަކަށްޓަކައި އަފާފަށް މާ އަވަސްވާނެހެން ހީވުމުންނެވެ. އޭނައަށް ހީވި ހީވުން މުޅިން ނުބައެއްނޫނެވެ. ޝަރަފް އޭނައާއި ކިތަންމެ އެކުވެރިވިޔަސް ޝަރަފް އޭނަގެ ބުރުގާ ނަގައި ހެދުން ބަދަލުކޮށްދޭން އެހީވެދިނުމުގެ އިޒުނަދޭން އަފާފް ޖެހިލުންވިއެވެ. އެހެނަސް އޭނަ އިޒުނަ ނުދިނަސް ޝަރަފަށް އެކަން ކުރުމުގެ ޙައްޤު ލިބިގެންވާކަން އެވަގުތު އޭނައަށް އެނގުންވިއެވެ. އޭނަ މިފަހަރު އިސްޖެހިފައި ހުރެ އޯކޭއޭ ބުނެލީ ދެލޯ މަރާލަމުންނެވެ. އޭނަ އެހެން ބުނީ އަމިއްލަ އެދުމާއި ދެކޮޅަށްކަން އެނގުންވި ޝަރަފް، ވަގުތުން އަފާފަށް އެހީވެވިދާނެ އެހެން ގޮތަކާމެދު ވިސްނާލިއެވެ. އަދި އަފާފް ގޮވައިގެން އެ ބޮޑު ކޮޓަރީގައި ހެދުން ބަދަލުކުރުމަށް ޚާއްޞަ ކުރެވިފައިވާ ގޮޅިއަށްދިޔައެވެ. އަފާފް އެ ގޮޅީގެ ތެރޭގައި ބަހައްޓާފައި އަފާފް އަމިއްލައަށް ހެދުން ބަދަލުކުރުމަށް އެންގީ އޭނަ ބޭނުންވާ ހެދުމެއް އަލަމާރިން ނަގައިދޭނެކަމަށް ބުނަމުންނެވެ. މިގޮތުން އަފާފް ލޯ އަނދިރިވީ ފަހުން އޭނަ ފުރަތަމަ ފަހަރަށް އެރޭ އަމިއްލައަށް ހެދުން ބަދަލުކުރިއެވެ. އާދައިގެ އަތްދިގު ކުރުތާއަކާއި ހަރުވާޅަކަށް އަމިއްލައަށް ހެދުން ބަދަލުކުރެވުމުން ވީ އުފަލާއެކީ އަފާފަށް އެ ގޮޅީގެ ތެރެއިން ނިކުމެވުނީ ބުރުގާވެސް ނާޅައެވެ. ތިމަންނައަށް މިކަން ޤަބޫލެއްވެސް ނުކުރެވެއޭ އޭނައަށް ބުނެލެވުނީ ނުހަނު އުފާވެރިކަމާއެކީގައެވެ. ފުރަތަމަ ފަހަރަށް އަފާފް ބުރުގާ ނާޅާ ހުރި މަންޒަރު ފެނިފައި ޝަރަފަށް އަފާފްގެ ވާހަކައަށް ލުއި ގޮތަކަށް ހީލުން ނޫންކަމެއް ނުކުރެވުނެވެ. ކޮނޑާއި ހަމައަށް އޮތް އަފާފްގެ ނިއުޅާލެވިފައިވާ ފަން އިސްތަށިގަނޑުގެ ބައެއް އޭނަގެ މޫނަށް ވެއްޓިފައިވި ގޮތުންނާއި، ކުރު ހެދުމެއްގައި އަފާފް ފެންނަމުން ދިޔަ ތަފާތު ގޮތުން ޝަރަފްގެ ނޭވާ ކުރުވާ ގޮތްވިއެވެ. އެވަގުތު އޭނަ ހުރީ ބުރުގާ ނާޅާކަން އެނގުންވީ އަފާފަށް ވަގުތުން އޭނަގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ތިރީ ތުންފަތުގައި ދަތް އަޅައި އިސްޖަހާލެވުނެވެ. އަފާފަށް ވީ ގޮތް ފެނިފައި ޝަރަފް އިހުނަށްވުރެ ކެތްމަދުވިއެއްކަމަކު އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އަފާފް ގޮވައިގެން ފާޚާނާއަށް ދިޔައީ އަފާފް ވުޟޫކުރުވައި އޭނަ ވެސް ވުޟޫކުރުމަށެވެ.
ޝަރަފް އިމާމްވެ އަފާފާއެކީ ދެ ރަކުޢަތުގެ ނަމާދެއްކުރަން ފެށިއިރު އެރޭ 12:30 ވާން ގާތްވެ ދަންވެއްޖެއެވެ. އެ ހިމޭންވަގުތުގައި ޝަރަފްގެ ރީތި ކިޔެވުމުން އަޑު އިވެން ފެށުމުން އޭނައާއި އިތުރު ގާތްކަމެއް އަފާފަށް އިޙްޞާޞްކުރެވުނެވެ. ޢަރަބި ކިޔަން ނުފަރިތަ ވިޔަސް އެރޭ ކިޔަވަން ރޭވި އާޔަތްތައް ޝަރަފްވަނީ އަޑުއަހަމުން ގޮސް ފަރިތަކޮށްފައެވެ. ފާތިޙާ ސޫރަތަށްފަހު އޭނަ ކިޔަވަން ފެށީ ފުރުޤާން ސޫރަތުގެ ފަހު އާޔަތްތަކެވެ. އޭނަ އެ އާޔަތްތައް ޚިޔާރުކުރީ އެއީ އޭނަ ވަރަށް ފަހަކަށް އަމިއްލައަށް އަޑުއެހި ދަރުހަކުން ދަސްކޮށްފައިވާ އާޔަތްތަކަށްވެފައި އެ އާޔަތްތަކުގެ ތެރޭގައި ކައިވެންޏާއި ގުޅޭ ދުޢާއެއް އައިސްފައިވުމުންނެވެ. އޭނަ ނިންމައިގެން ހުރީ ނަމާދުކޮށް ނިމުމުން އަފާފަށް އެ އާޔަތްތަކުގެ މާނަ ކިޔައިދޭށެވެ. އަފާފް މިހާތަނަށް އައިއިރު އޭނައަށް ބުނެދީފައިވި އާޔަތްތަކެއްގެ ބަދަލެއްގެ ގޮތުންނެވެ. ޝަރަފަށް ނޭނގުނުކަމަކީ އަފާފަށް އެ އާޔަތްތަކުގެ މާނަތައް މާ ރަނގަޅަށް ވެސް އެނގޭކަމެވެ. އެހެނަސް ނަމާދަށްފަހު ޝަރަފް ކިޔައިދޭން ފެށުމުން މީތި ތިމަންނައަށް އެނގެއޭ ބުނެ އަފާފް ޝަރަފް ހުއްޓުވައެއް ނުލިއެވެ. އޭގެ ބަދަލުގައި އަފާފް ޝައުޤުވެރިކަމާއެކީ ސަމާލުކަން ދީގެން އަޑުއަހަން އިނީ ޝަރަފަށްޓަކައި ހިތުގައިވި ލޯބި ފުންވަމުންދާ ޙާލުގައެވެ.
ނަމާދަށްފަހު އެދެމީހުން ވެސް ތިބީ ދެލޯ މެރެން ކައިރިވެފައެވެ. ޝަރަފް އަފާފްގެ އަތުގައި ހިފައިގެން ގޮސް އެނދަށް އަރަން އެހީވެދީފައި އޭނަ އެނދުގެ އަނެއްފަރާތުން ގޮސް އެނދަށް އަރަން މިޞްރާބު ޖެހިއެވެ. އެހެނަސް ދެލޯ މަރައިގެން ހުރެ ހިނގާފައި ދަނިކޮށް މާ ދުރަށް ނުދެވެނީސް އެނދުގެ ކަނުގައި އޭނަގެ ފައިގެ އިނގިލިތައް ޖެހުމުން ވީ ތަދާއެކީ އޭނަގެ އަނގައިން ހަޅޭކެއްގެ އަޑު ނިކުތެވެ.
“ކިހިނެއްތަވީ؟” އޮށޯވެފައި އޮވެ ތެދުވެވުނު އަފާފަށް އަހާލެވުނެވެ. ޝަރަފް ފައި ޖެހުނީއޭ ބުނެ ވާހަކަ ނިންމާލަން އުޅުނެއްކަމަކު އަފާފަށް ބޭއިޚްތިޔާރުގައި އެނދުން ފޭބުނެވެ. ޝަރަފަށް އެހާ ކުޑަ އަނިޔާއެއް ލިބުމުން ވެސް އޭނަގެ ހިތުގައި އުފެދުނު ކަންބޮޑުވުމާމެދު ޚުދު އަފާފްވެސް ޙައިރާންވިއެވެ. އަފާފް ފާރުގައި އަތް ޖައްސައި އޭނައާއި ދިމާލަށް އަންނަމުން ދިޔަ މަންޒަރު ފެނިފައި އަފާފް މަޑުކޮށްލާށޭ ބުނެ ޝަރަފަށް އޭނަގެ ގާތަށް ދެވުނެވެ. ޝަރަފަށް އަފާފްގެ ގާތަށް އާދެވުމާއެކުހެން އަފާފް ޝަރަފްގެ ގައިގައި ބައްދާލި ގޮތުން ޝަރަފަށް ސިހުމެއް ލިބުނެވެ. އަފާފްގެ ގައިގައި ބައްދާލަން ނޭނގިފައި ޝަރަފަށް ހިނދުކޮޅެއް ވަންދެން ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަވެސް ދެލޯ މަރާލަމުން އަފާފްގެ ގައިގައި އޭނަގެ ބާރުގަދަ ދެއަތް ވަށާލިއެވެ. އެއަށްފަހު ވެސް އަފާފް އޭނައާއި ދުރުވާން ނުއުޅުމުން ޝަރަފް އަފާފްގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އޭނަގެ އެ ޙަރަކާތުން އަފާފް އޭނަގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދާލުމުން ޝަރަފަށް އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރެއް ނުހޯދުނެވެ. އޭނަ އެއަށްފަހު ވެސް ކުރި ކޮންމެ ޙަރަކާތަކުން އިތުރަށް ގާތްވުމަށް އަފާފްގެ ފަރާތުން ހިތްވަރު ލިބެމުން ދިޔައީ ޚުދު އަފާފް ވެސް ޝަރަފާއި ގާތްވާން ބޭނުންވެފައިވި މިންވަރުންނެވެ. އަދި ޝަރަފް އުފާކޮށްދޭން ބޭނުންވެފައިވި މިންވަރުންނެވެ.
އެރެއަށްފަހު ފެށިގެން ދިޔައީ ޝަރަފާއި އަފާފްގެ ޙަޔާތުގެ މުޅިން އާ ބާބެކެވެ. އެއީ އެމީހުންގެ ލޯބީގެ ވާހަކައިގެ އުފާވެރި ނިމުންހެން ބަލާ ކޮންމެ މީހަކަށް ވެސް ހީވެދާނެއެވެ. އެރެއަށްފަހު އެމީހުން އަބަދުހެން އެކުއެކީގައި އުޅެމުން ދިޔަގޮތުން އެފަދަ ވާހަކަތައް ބައެއް މީހުން ދައްކަން ވެސް ދެއްކިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން ޝަރަފްގެ އެހީގައި އަފާފް ގިނަ ކަންތައްތައް އަމިއްލައަށް ކުރަން ފެށިއެވެ. ފަހަކަށް އައިސް އޭނަ ވަނީ ފިޔަވަޅުތައް ގުނައިގެން އޭނަގެ ކޮޓަރިތެރޭގައި އަމިއްލައަށް ހިނގަން ދަސްކޮށް، ހެދުން ދޮވެ އިސްތިރިކޮށް އޭނަ އަމިއްލައަށް ހެދުން ލައި ރީތިވާން ދަސްކޮށްފައެވެ. މީގެ އިތުރުން އެންމެ މުހިއްމުކަމެއްގެ ގޮތުން އޭނަ އަނެއްކާވެސް “ބިންތު ޢައްމާރު” ގެ ޕޭޖް ހިންގަން ފެށިއެވެ. އެއަށްޓަކައިވެސް އޭނަ ޕޯސްޓްތައް ޓައިޕްކުރަނީ އަމިއްލައަށެވެ. ޝަރަފްގެ މަސައްކަތަކީ ހަމައެކަނި ޓައިޕްކުރުމުގައި ހުރި ކުށްތައް ފިލުވުމެވެ. ފަހަކަށް އައިސް އެ ކުށްތައް ވެސް ވަނީ މަދުވަމުން ގޮސް ސުމަކަށް ބަދަލުވެފައެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އޭނައަށް ރުޅިވެރި ނަޒަރުތައް އަމާޒުކުރާ މީހުންގެ ހިތުގައިވި ރުޅިވެރިކަން އިންތިހާއަށް ދިޔަކަން އަފާފަށް ރޭކާވެސް ނުލައެވެ. އަދި މިފަހަރު އެމީހުންގެ ރޭވުންތައް އަންނާނީ އޭނަ އެންމެ ހިތްދަތިވާ ފަދައަކުންކަން އޭނައަކަށް ނޭނގެއެވެ.
ނުނިމޭ