Noor (Part 36)
“ހާދަ ދެރައޭ…..އަހަރުމެންގެ އަފާފްވެސް އުޅެނީ މީހަކާ އިނދެގެން. އެ ނޫންނަމަ އަހަރުމެން އަފޫ ތިކަހަލަ ތަނަވަސް، ރަނގަޅު ކުއްޖަކާ ދެވީމުސް.” ހުސެއިން އެހެން ބުނެލި ވަގުތު ވިޔާމްގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވީ ހިނދު އަފާފް އައި ރުޅިން މުޅި މީހާ ރޫރޫ އަޅައިގެން ދިޔައެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނަ ޝަރަފް ދޫކޮށް އެހެން މީހަކާއި އިންނަން ނޭދޭނެކަމަށް ބުނެ އޭނަގެ ހިތް ހަޅޭއްލެވިއެވެ. އެއާއެކު އޭނައަށް އަނެއްކާވެސް ކޮޅަށް ތެދުވެލެވުނެވެ. މި ފަހަރު އޭނަ މަންމައަށް ވެސް ފުރުޞަތެއް ދިނުމެއްނެތި އެތަނުން ދާން ހިނގައިގަތީ އޭނަގެ އަނދިރިކަމުގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. އަފާފް ޢާއްމުގޮތެއްގައި އެހެން ދާއިރު އެއްޗެއްގައި ޖެހުނަސް މިފަހަރު އޭނައަށް އެއްވެސް ތަނެއްގައި ނުޖެހި ދިގު ފިޔަވަޅުތަކެއްގައި އޭނަގެ ކޮޓަރިއާއި ހަމައަށް ދެވުނެވެ. ނުފެނޭ ދުނިޔޭގައި ތިއުޅެނީ އިތުރު އަނިޔާއެއް ލިބިގަންނަންކަމަށް ޝާދިޔާ ބުނި ތަނާހެން ކޮޓަރީގެ ހުޅުވާލެވިފައިވި ދޮރާއި ގޮސް ހަމަވީ އަފާފްގެ ކޮނޑު، ދޮރު ކަނީގައި ނުހަނު ބާރަށް ގޮސް ޖެހުނެވެ. ވީ ތަދެއްގެ ސަބަބުން އަފާފްގެ އަނގައިން ވޭނީ އަޑެއް ނިކުތެވެ. އެއާއެކު ސިޓިންގް ރޫމުގައި ތިބި ހުސެއިނާއި ޝާދިޔާ އަފާފްގެ ނަމުން ގޮވަމުން އެދިމާލަށް ހިނގައިގަތް ހިނދު ވިޔާމް ވެސް ކަންބޮޑުވުން އެކުލެވިފައިވި މޫނަކާއެކީ އެދިމާލަށް ހިނގައިގަތެވެ. އަދި ބާރު ފިޔަވަޅުތަކެއްގެ އެހީގައި ހުސެއިނާއި ޝާދިޔާއަށްވުރެ ކުރިން ގޮސް އަފާފާއި ހަމަކުރިއެވެ. އަދި އަފާފް ތަދުވީ ކޮނޑުގައި އެއްއަތް އަޅައިގެން ހުރިތަނަށް ބަލަންހުރެ އޭނަގެ އަތް ހިއްލަމުން ވާހަކަ ދެއްކިއެވެ.
“ވަރަށް ބޮޑަށް ތަދުވިތަ؟” ކަންބޮޑުވުން އެކުލެވިފައިވި އަޑަކާއެކީ ވިޔާމް އެހެން ބުނެ އޭނަގެ އަތް އަފާފްގެ ކޮނޑުމަތީގައި އޮތް އަފާފްގެ އަތްމަތީގައި ބޭއްވިއެވެ. ނުހަނު ކައިރިން އިވުނު ވިޔާމްގެ އަޑާއެކީ އެ އިޙްޞާޞް ކުރެވުމުން އަފާފަށް ތެޅިގަންނަމުން އަނެއްފަރާތަށް އެނބުރި ފަހަތަށް ޖެހިލެވުނެވެ. އެ ހިނދު އޭނަގެ ހިތުގައި ވިޔާމަށްޓަކައި ރޯވެގެން ދިޔަ އަލިފާންގަނޑު ބޮޑުވެ އޭނަގެ މޫނު ރަތްވިއެވެ. އެއްޗެކޭ ބުނަން އުޅުނެއްކަމަކު އައިސްފައިވި ރުޅިއެއްގެ ސަބަބުން ބުނަންވީ އެއްޗެއް ވެސް އޭނަގެ ސިކުނޑި އޭނައަށް ސާފުކޮށްދިނުމުގައި ނާކާމިޔާބުވިއެވެ. އޭނައަށް އެނގުނުކަމަކީ އޭނަ ވިޔާމްގެ ކުރިމަތީގައި އެންމެ ސިކުންތަކަށް ވެސް ހުންނަން ބޭނުން ނުވިކަމެވެ. އެހެންކަމުން އޭނަ އަންދާޒާކުރަމުން އެއްފަރާތަކަށްޖެހި، އަތްދިއްކޮށް ކޮޓަރީގެ ދޮރުގައި އަތްޖެއްސިއެވެ. އެއާއެކު އޭނަ ހުސެއިނާއި ޝާދިޔާ ވާހަކަ ދައްކަން ތިއްބާ އަތުގައި ހުރި ބާރުމިނަކާއެކީ އެ ދޮރު ކޮއްޕާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ބާރު އަޑަކާއެކީ އެ ދޮރު ލެއްޕި، އަފާފް އެ ތިން މީހުންނަށް ވެސް ފޮރުވިގެން ދިޔައެވެ. މާ ގިނައިރެއްނުވެ އަފާފަށް އިވިގެން ދިޔައީ ބައްޕަ ޗޮއްކަނޑާލި އަޑެވެ.
“މި އަފާފްގެ އުޅުން ވެސް މިހާރު ހާދަ ބަދަލުވެއްޖެޔޭ….އެއީ ކުރިން އެހާ ނުބައިކޮށް މެހުމާނުންނާ ދޭތެރޭ ހިތާ ކުއްޖެއްނޫން. އަދިވެސް އެއްފަހަރު މިކަމަށްޓަކައި ވިޔާމްގެ ފަރާތުން މަޢާފަށް އެދެން. ހިނގާ ދޯ ކާން؟” ބޭރުން ބައްޕަ ދެންވެސް ވިޔާމާއި ވާހަކަ ދެއްކި ރާގުން އަފާފަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ވިޔާމް އޭނަގެ ގަޔަށް އަތްލީތަން ބައްޕައަށް ހަމަ ނުފެނުނީތޯ ހިތަށްއެރިއެވެ.
“ނޫން ހުސެއިނުބެ. ދެން ކޮންމެވެސް އެހެން ރެއަކު ދޯ؟ މިރޭ ދެން އިތުރު އެންމެ ސިކުންތަކަށްވެސް އަހަރެން މިގޭގަ ހުންނަން ޤަޞްދެއްނުކުރަން. މިގޭގެ މީހުން އަހަންނަށް އެހާ ނުރުހުންވާއިރު.” ވިޔާމް އޭނައަށް ޙަމްދަރުދީ ޙައްޤުވާހެން ހީވާ ރާގަކަށް ބުނެލިއެވެ.
“ނޫނޭ ދަރިފުޅާ ތިހެން ހީނުކުރައްޗޭ. އެއީ ދެން މިރޭ އަފާފްގެ މޫޑު ހުރިގޮތް.” ހުސެއިން ދެންވެސް ވިޔާމްގެ ‘ހިތްހަމަޖައްސައި’ދެވޭތޯ ބަލަމުން ދިޔަ އަޑު އިވިފައި އަފާފްގެ މޭނުބައި ކުރިއެވެ. އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެހެނަސް އޭނަގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ހުސެއިން ދެއްކިހާ ވާހަކަތަކަށްފަހު ވެސް ވިޔާމް އަދި އެހެން ރެއަކުން އަންނާނަމޭ ބުނެ ދާން ހިނގައިގަތް އަޑު އިވުނެވެ. ވިޔާމް ގޭގެ މައިދޮރުން ނިކުތްކަން ޔަޤީންވީ ވަގުތު އަފާފް ހުރީ ދެންމެ ކަން ހިނގި ގޮތުގެ ވާހަކަ ބައްޕައަށް ކިޔައިދީ ވިޔާމްގެ ޙަޤީޤަތް ފާޅުކުރަން ކެތްމަދުވެފައެވެ. އެހެނަސް އޭނަ ހީކުރި ގޮތާއި ޚިލާފަށް ބައްޕަ ބާރު ފިޔަވަޅުތަކެއްގައި އައިސް އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލީ ހަރުކަށި ގޮތަކަށެވެ. އިވުނު ބާރު އަޑުން އަފާފް ސިހުންވާގޮތް ވެސްވިއެވެ.
“ކިހިނެއްވެގެންތަ އަފާފް ތިއުޅެނީ؟ އަފާފަށް އެނގޭތަ ދެންމެ މިގެއިން އެ ނިކުމެގެން ދިޔައީ އަހަރުމެންގެ ވިޔަފާރިތަކަށް ވެސް ކިހާ މުހިއްމު މީހެއްކަން؟ އެހެންނޫނަސް އެއީތަ އަފާފްގެ ދީނުގަ މެހުމާނުންނާމެދު ކަންތައްކުރަން އޮންނަ ގޮތަކީ؟” ބައްޕަގެ ރުޅިވެރި އަޑު އިވިގެން ދިޔުމުން މިފަހަރު އަފާފްގެ ހިތް ތުރުތުރު އެޅީ ހިސާބެއްގެ ބިރުވެރިކަމާއި ހިތާމަވެރިކަމެއްގެ ސަބަބުންނެވެ. ބިރުގަތީ ބައްޕަ އޭނައަށް ކޮށްފާނެ ކަމެއްގެ ސަބަބުންނެވެ. ދެރަވީ އޭނައަށް އޭނަގެ ބައްޕަ ނުރުހުންވާފަދަ ގޮތަކަށް ކަންތައް ކުރެވުމުންނެވެ. އޭނަ ވަގުތުން މަޢާފަށް އެދެން ބޭނުންވިއެވެ. އެހެނަސް ދެންމެ ވިޔާމް ކަންތައް ކުރި ގޮތް ހާމަކުރަންޖެހޭކަން ޔަޤީންވުމުން އަފާފް ސާބިތު އަޑަކުން ވާހަކަ ދެއްކިއެވެ.
“ނޫން ބައްޕާ. ދީނުގަ އޮންނަނީ އެހެންނެއްނޫން. އެކަމަކު އެ ވިޔާމް އެއީ އެއްގޮތަކަށް ވެސް ރަނގަޅު މީހެއްނޫން ބައްޕާ. ބައްޕަ ނުދެކެންތަ އޭނަ އެއްވެސް ޖެހިލުމެއްނެތި އަހަރެންގެ ކައިރިއަށް އައިތަނެއް؟ އޭނަ އަހަރެންގެ ގަޔަށް ވެސް އަތްލި!” އަފާފް ހަރުއަޑުން އެންމެ ފަހު ޖުމްލަ ބުނެލިއިރު އޭނަގެ އަޑު ތުރުތުރު އެޅިއެވެ.
“ގަޔަށް އަތްލިއޭ؟ ތިކަން ހިނގީ ކޮން އިރަކު؟” ޝާދިޔާ އެ ބަސްތައް ޤަބޫލުނުކުރާ ފަދަ ރާގަކަށް އެހިއެވެ.
“އޭނަ އަހަރެންގެ ކޮނޑުމަތީގަ އަތް އެޅިކަން މަންމަ ނުދެނެހުރިންތަ؟” އަފާފް ދެންވެސް ހަމަނުޖެހޭ އަޑަކުން އެހިއެވެ. އެއާއެކު ޝާދިޔާ ޗޮއްކަނޑާލިއެވެ.
“އެއީ ދެން އަތްލުންތަ؟ އޭނަ އަފާފް ރަނގަޅުތޯ ބަލަންވެގެން ކޮނޑުގަ އަތްއެޅީއެއްނު؟ އޭނައަކީ ފަސްޓް އެއިޑް ކިޔަވައިގެން ހުރި މީހެއް. އޭގަ މައްސަލައަކީ ކޮބާ؟” މަންމަ ދެއްކި ވާހަކަތަކުން އަފާފަށް އަނެއްކާވެސް ހުރެވުނީ ޤަބޫލުކުރަންވެސް ދަތިވެފައެވެ. އޭނައަށް އެއްޗެކޭ ނުބުނެ މަޑުކުރެވުނީ ބައްޕަ، މަންމަ އެ ދެއްކި ވާހަކައާއި ދެކޮޅަށް އެއްޗެކޭ ބުނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް……
“އެއީ ހަމަ ތެދެއް! ވިޔާމަކީ އެއްގޮތަކަށް ވެސް އެކަހަލަ ކުއްޖެއްނޫން! ތިއީ ހަމަ އަފާފްގެ ހިތް. ވަކިން ޚާއްޞަކޮށް އެ ޝަރަފް އެކި ޝައްކުތަކުން ފުރާފައިވާ ހިތް. މަގޭ ހިތަށް އަރާ އަފާފް އެ ޝަރަފާއި ނުދެވުނުނަމައޭ. އެއްވެސް ފައިދާއެއް ވާނެ ވިޔަފާރިއެއްނޫން އޭނަ އެ ހުރިހާ ފައިސާއެއް އެއްކޮށްގެން ހިތުން ފަށައިގަންނަން އެއުޅެނީ. އޭތި ދުވަހަކުވެސް ފެށޭނެކަމެއްވެސް އެނގެނީއެއްނޫން. އަފާފް ބަލަން އޭނަ ހުންނަނީކީއެއްނޫން. އަފާފަށް އެއްވެސް އެއްޗެއް ހޯދައިދެވެނީއެއްނޫން. އަދިވެސް އަފާފް އުޅެންޖެހިފަ މިވަނީ އޭނަގެ ބައްޕަ އަޅައިދިން ގޭގަ. ބޯ ހަލާކު!” ހުސެއިން ވާހަކަ ދެއްކިއެވެ. އެތައް ދުވަހެއްފަހުން އޭނަގެ ވިޔަފާރި ފަށައިގަތުމަށް އެހީވެދިން އެކުވެރިޔާގެ އަތުގައި ހުރި ފައިސާ ތަޞައްވުރު ކުރެވުމުން އެ ފައިސާގެ އިތުރު ބައެއް ހުސެއިނަށް މާ ބޮޑަށް އެދެވެނީއެވެ. ވިޔަފާރިން ގެއްލުންތަކެއް ވާކަމަށް އޭނަ އަފާފްމެން ގާތު ބުނި ވާހަކައަކީ ދޮގު ވާހަކަތަކެއް ނޫނެވެ. އާދައިގެ މީހަކަށް އެހީނުވެ މިވަގުތުވެސް އަތުގައި ފައިސާ ހުރި މީހަކާއިއެކީ ބައިވެރިވުމެއް އެކުލަވާލަން ބޭނުންވީ އެހެންވެއެވެ. މިހުރިހާ ކަމެއް ނޭނގުނު އަފާފަށް އިވެމުން ދިޔައީ ހަމައެކަނި އޭނަގެ ބައްޕަގެ ރުޅިވެރި ބަސްތަކެވެ. ޝަރަފާއި އޭނަ ނުދެވުނޭ ބުނި ވާހަކައަށް ދޭނެ ވަރުގަދަ ރައްދެއް އަފާފްގެ ހިތުތެރޭގައި އުފެދުނެވެ. ދެވުނަ ނުދިނަސް އޭނަ އިނީހޭ ބުނެ އޭނަގެ ހިތް ހަޅޭއްލަވައި ޖަދަލުކުރަން އަމުރުކުރިއެވެ. އެހެނަސް އެ ބަސްތައް އަފާފްގެ ދުލާއި ހަމައަށް ފޯރުމުގެ ކުރިން އޭނަ އާލު އިމްރާން ސޫރަތުގެ އާޔަތެއްގެ މަތިން ހަނދާންވިއެވެ. އެއާއެކު އެ ވަގުތުގައި ހިމޭންވުމަށް އޭނައަށް ހިތްވަރެއް ލިބުނެވެ. މަންމަ އިތުރަށް ވެސް މި ކައިވެނިން އަފާފަށް އެއްވެސް އުފަލެއް ނުލިބޭނެކަމަށް ތިމަންނަ ބުނީމެއްނޫންހޭ ކިޔައި ހަޅޭއްލަވަމުން ދިޔައިރު ބުނަންވީ އެތައް ބައިވަރު ވާހަކައެއް އަފާފްގެ ސިކުނޑިއަށް ވެސް ވެރިވިއެވެ. ޝަރަފަކީ ދަށް މީހެއްގެ ގޮތުގައި ސިފަކުރެވެމުން ދިޔައިރު ވެސް ބުނަންވީ ވާހަކަތައް އޭނަގެ ޚިޔާލުތަކުގެ ތެރޭގައި ގުގުމަމުން ދިޔައެވެ. އެހެނަސް އޭނަ އެއްވެސް އެއްޗެކޭ ނުބުނީ މުޙުސިނުންގެ ތެރެއިން މީހަކަށްވުމަށެވެ. އަދި ރުޅިވެރި ދެމީހެއްގެ ކުރިމަތީގައި އަޑުހަރު ކޮށްގެން ވަކި އޭނައަށް އޭނައާއި ޝަރަފްގެ ގުޅުމުގައިވި އުފާވެރިކަން ސާބިތުކޮށެއް ނުދެވޭނެކަން އެނގުންވުމުންނެވެ. އަދި އޭނަގެ ފިރިމީހާގެ ޤަދަރުވެސް އެފަދަ ގޮތަކަށް ނުއެއް އުފުލޭނެކަން އެނގުންވުމުންނެވެ. މިފަދަ ޙާލަތެއް އެންމެ ރީތިވާނީ ކެތްތެރިވެގެންކަން ޔަޤީންވީތީވެއެވެ. އަދި ވަގުތާއެކީ އޭނަގެ ކުރިމަތީގައި ރުޅިވެރިކަމާއެކީ ތިބި ދެމީހުންނަށް ވެސް އޭނަ ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް ސާބިތުވެގެން ދާނެކަން ޤަބޫލުކުރެވުނީތީވެސްމެއެވެ.
އަފާފްގެ ފަރާތުން ކުޑަވެސް ޖަވާބެއް ނުލިބުމުން އެންމެ ފަހުން ހުސެއިނާއި ޝާދިޔާ ޖެހުނީ ހުއްޓާލާށެވެ. ހުސެއިން ދެން ކާން އަންނާށޭ ބުނެ ދާން ހިނގައިގަތުމުން އަފާފް މަޑުމައިތިރ އަޑަކުން ތިމަންނަ ކައިފީމޭ ބުނެލިއެވެ. އެއަށްވެސް ހުސެއިން ‘ހުނ’ ކިޔާލަމުން ޝާދިޔާއާއެކީ ކާމޭޒުދޮށަށް ދިޔައެވެ.
އެރޭވެސް 11 ޖަހަން ގާތްވެފައިވަނިކޮށް އާދައިގެ މަތިން ޝަރަފް އަފާފަށް ގުޅުމުން އަފާފް އެރޭ ދައްކަން ހުރި ވާހަކަތައް ގިނަވިއެވެ. އޭނަ އެރޭ ހިނގިހާ ކަންތައްތަކުގެ ވާހަކަ އެއްވެސް ތަންކޮޅެއް ދޫނުކޮށް ޝަރަފަށް ކިޔައިދިނެވެ. ވިޔާމް އޭނަގެ ކޮނޑުގައި އަތްއެޅި ވާހަކަ އަފާފަށް ކިޔައިދެވުނީ ހިސާބެއްގެ ޖެހިލުންވުމަކާއެކީގައެވެ. އެ ވާހަކައިން ޝަރަފް ރުޅި އަންނާނެ މިންވަރު ތަޞައްވުރު ކުރެވުމުންނެވެ. ޝަރަފް އައީ އަފާފް ހީކުރިވަރަށްވުރެ ވެސް ގަދަ ރުޅިއެކެވެ. އެންމެ ފުރަތަމަ ވެސް އެކޮޅުން އިވިގެން ދިޔައީ އަފާފަށް ދުވަހަކުވެސް ޝަރަފްގެ އަނގައިން އިވިފައި ނުވާ ނުބައި ބަހެކެވެ.
“މަގޭ އަތުގަ އޭނަ ޖެހުނު ދުވަހަކުން މަގޭ އަމިއްލަ ދެއަތުން އޭނަ ދެއަތް ބިންދައި ކުދިކުދި ނުކުރިއްޔާ މަށަށް ޝަރަފޭ ނުކިޔާނެ. އޭނަ ހީކުރަނީތަ އަފާފަކީ ރައްކާތެރިކުރާނެ މީހެއްނެތް އަންހެނެއްހެން؟؟!! މަ ދައްކާލާނަން އޭނައަށް…..އަފާފްގެ ބައްޕަ ހުރިތަ ތިކަން ހިނގިއިރު؟ ބައްޕަ ކީއްކުރީ؟” ޝަރަފް ރުޅިވެރިކަމުން ފުރިފައިވި އަޑަކުން ވާހަކަ ދެއްކިއެވެ.
“ބައްޕަ އެއީ މާ ބޮޑު ކަމެއްގެ ގޮތުގަ ނުނަގާ. ބައިވަރު އެއްޗެހި ކިޔުނު އަހަންނާ ދިމާލަށް އަހަރެން ވިޔާމް ހުއްޓާ ކޮޓަރިއަށްވަދެ ދޮރު ލެއްޕީމަ.” އަފާފް ދެރަވެފައިހުރެ އެހެން ބުނުމާއެކު ޝަރަފް ދެންވެސް ރުޅިވެރިކަމާއެކީ ޗޮއްކަނޑާލި އަޑު އިވުނެވެ.
“ތިއީ އަޖާއިބެއްނު؟! އެއީ އަންހެން ކުއްޖެއްގެ ބައްޕައެއްތަ؟ މަށަށް ހީވަނީ މަ އަނބުރާ ނައިއްސިއްޔާ މީހަކު އަފާފް ނަގައިގެން ދިޔަޔަސް އެއީ މާ ބޮޑު މައްސަލައަކަށް ނުވާނެހެން!!!” ޝަރަފް ހަރު އަޑުން ވާހަކަ ދެއްކިއެވެ. ޝަރަފް ރުޅިއައިސްފައިވި މިންވަރު އިޙްޞާޞް ކުރެވުމުން އަފާފަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ ހިތުން ޝަރަފަށް ގުޅާލީ އެ ވާހަކަތައް ޙިއްޞާކޮށް ހިތްހަމަޖައްސާލުމަށްޓަކައެވެ. އެހެނަސް ވާހަކައިގެ ޒާތުން މިރޭ ޝަރަފަށް ވެސް އެކަން ކޮށްނުދެވޭނެހެން ހީވުމުން އަފާފް ވާހަކަ ކުރުކޮށްލަމުން ފޯނު ބާއްވަން ބޭނުންވިއެވެ. އެހެނަސް ޝަރަފް ދުރުގައިވީއިރު އެންމެ ރެއަކުވެސް ވާހަކަ މަދުކޮށްފިނަމަ ދެމީހުންގެ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމުގެ އިންޒާރު އަފާފްގެ ސިކުނޑި ދިނެވެ. އަދި އެއީ ވެސް ޝަރަފް ކަމަކާމެދު ހިތްހަމަނުޖެހިފައިވި ޙާލަތެއްގައެވެ. އެއީ ނުވާނެކަމެއްހެން ހީވިޔަސް އަފާފް ޝަރަފްގެ ހިތްހަމަޖައްސައިދޭން ބޭނުންވިއެވެ. އެކަމަށްޓަކައި އަނގަ ހުޅުވާލި ވަގުތު ޝަރަފް ދެންވެސް ހަރު އަޑުން ވާހަކަ ދެއްކިއެވެ.
“ކީކޭ ކިޔާފަތަ އޭނަ އަފާފްގެ ކޮނޑަށް އަތްލީ؟ އަދި އެއްފަހަރު ބުނެބަލަ!” ޝަރަފް އަހާލިއެވެ.
“ދެން ޑާރލިންގް ތިހާ ބާރަށް ވާހަކަ ދެއްކީމަ އަހަރެން ކަންފަތަށް ތަދުވަނީއޭ. ތަންކޮޅެއް ލޯބިން ވާހަކަ ދައްކަބަލަ….އެއްކަލަ ރީތި އަޑުން.” އަފާފް އަނގަ ވަށްކޮށްގެން އިނދެ ކުޑަކުއްޖެއް ފަދައިން ވާހަކަ ދެއްކުމުން ފޯނުގެ އަނެއްކޮޅުގައި ހުރި ޝަރަފް ވެސް އެއްޗެކޭ ބުނަން އުޅެފައި ހުއްޓުނެވެ. އަފާފް ވާހަކަ ދެއްކި ރާގުން ދެން އެ މަޢުޟޫއަށް ވާހަކަ ދައްކަން އަފާފް ބޭނުންނުވާކަން ޝަރަފަށް އެނގުންވިއެވެ. އޭނަ ދެންވެސް ކަންތައް ސާފުކުރަން ބޭނުންވިއެއްކަމަކު އަފާފަށްޓަކައި އޭނަ އަފާފް ފެށީ އެ ސަމާސާގައި ބައިވެރިވާން ނިންމިއެވެ.
“ރީތި އަޑު ގެއްލިގެން މިހާރު ފުލުހުން ތަޙުޤީޤުކޮށް އެ އަޑު ހޯދުމުގެ މަސައްކަތުގަ.” ޝަރަފް އެހެން ބުނެލީ އާދައިގެ މަތިން ސަމާސާކުރާ ގޮތާއި ޚިލާފަށް ލުއި ހިނިތުންވުމެއްގައި ހުރެއެވެ. އެހެނަސް އޭނަ ސަމާސާއާއެކީ ކުރިއަށް ދިޔުމުން ފޯނުގެ އަނެއްކޮޅުގައި ހުރި އަފާފްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. ގުޅުމެއް ދަމަހައްޓަން މަސައްކަތް ކޮށްފިނަމަ ﷲ ގެ އިރާދަފުޅުން އެކަން ވާކަން އެވަގުތު އޭނައަށް އެނގުންވިއެވެ. އޭނައަށް ޙަމްދުކޮށްލަމުން އަނެއްކާވެސް ވާހަކަ ދެކެވުނެވެ.
“އަނެއްކާ އަވަހަށް ހޯދައްޗޭ. އެހެންނޫނީ އަހަރެން އެހެން އަޑެއްގެ ފަހަތުން ހިނގައިދާނަން.” އަފާފް ލާނެތް ރާގަކަށް ބުނެލީ އަނެއްކާވެސް ޝަރަފް ރުޅި ނާންނާނެކަމުގެ އުއްމީދުގައެވެ. އޭނަގެ އެ އުއްމީދު ފުރިހަމަވިއެވެ. ޝަރަފް އެ ބަސްތައް ނެގީ ސަމާސާއެއްގެ ގޮތުގައެވެ.
“މިކަހަލަ ރީތި އަޑެއް ދޫކޮށްފިނަމަ މުޅި ޢުމުރު ދުވަހު ހިތާމަކުރަންޖެހިދާނެ.” ޝަރަފް އެހެން ބުނެލީ އަފާފް އެ އުއްމީދުކުރާ ފަދަ އަޑުންނެވެ. އެ އަޑު ކަންފަތުގައި ޖެހުމުން ވެސް އަފާފްގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. އޭނައަށް އަސްލުވެސްއޭ ބުނެލެވުނީ ސުވާލަކަށްވުރެ ބޮޑަށް އަމިއްލަ ނަފްސުގާތު ބުނެލި ބަސްތަކެއްގެ ގޮތުގައެވެ. އަފާފަށްވާނެ ގޮތް ސިފަކުރެވުމުން ޝަރަފަށް ލުއި ގޮތަކަށް ހީލެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ދެންމެ އިވުނު ވާހަކަތައް ހަނދާންވެފައި އޭނަގެ ހިނިތުންވުން ފިލައިދިޔައެވެ. އަދި އޭނައަށް ވާހަކަ ދެކެވުނެވެ.
“އަފޫ އަހަރެން އަނބުރާ އަންނަންވީހެން އަހަންނަށް ހީވަނީ. އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އަފޫއަށް. އަދި ބައްޕަވެސް އޭނަ އެހާ ކައިރިކޮށްގެން އުޅޭއިރު…….އަހަންނަށް ނުފެނޭ އަހަރެން އަފާފްއާ ދުރުގަ ހުންނާކަށް މި ޙާލަތުގަ. ވަރަށް ކަންބޮޑު އެބަވޭ.” ޝަރަފް މިފަހަރު މަޑުމައިތިރކަމާއެކީ އޭނަގެ އިޙްޞާޞްތައް ޙިއްޞާ ކުރިއެވެ. އަފާފް ސިކުންތުކޮޅެއްގެ ވިސްނުމަށްފަހު ވާހަކަ ދެއްކިއެވެ.
“ތިއީ ކަންނޭނގެ ވިޔާމް ބޭނުންވާގޮތް. ޝަރަފް ތި ފަށަން އުޅޭ ވިޔަފާރި ހުއްޓުވާލުން. އޭނައަށް އެނގޭނެ ޝަރަފް އަނބުރާ އަންނަން ބޭނުންވާނެކަން އޭނަ އަހަންނަށް ކަމެއް ކޮށްފިއްޔާ. އަދި ބަލި ޤަބޫލުކުރަން މާ އަވަސް، ޝަރަފް. އަދި ޝަރަފަށް ދެވޭނެ މިއަށްވުރެ ކުރިއަށް. އިން ޝާ ﷲ ދެން ތި މަސައްކަތް އެއްކޮށް ނިމުނީމަ ނޫނީ ޝަރަފް ނުހުއްޓާނެ. އެހެންނޫނަސް ޝަރަފް ދޭތެރެދޭތެރެއިން އެބަ ގުޅަމެއްނު؟ އަދި އަންނަންވެސް އަންނާނަމެއްނު؟ އެހެންވީމަ މައްސަލައެއްނެތޭ ލޯބި. ޝަރަފް ދާންވީ ހަމަ ކުރިއަށް.” އަފާފް އާދައިގެ މަތިން ހިތްވަރު ލިބިދޭ ފަދަ ބަސްތަކެއް ޙިއްޞާކުރިއެވެ.
“އަފޫވެސް ދާންވީ ކުރިއަށް. ވެދާނެ އަފޫގެ ސަބަބުން ތައުބާވާ މީހުން ހުއްޓުވުމަށްހެން އޭނަ އަފޫގެ ސިކުނޑިއާ ކުޅެން މަސައްކަތް ކުރަނީ. އޭނައަށް ދައްކާލާ އަފޫއަށް ކުރެވޭނެ ކަންތައް. ކުރިއަށްވުރެ ބޮޑަށް ޕޯސްޓްތައް ރަނގަޅަށް ލިޔެ ޕޯސްޓު ކުރަމުންދޭ. އިން ޝާ ﷲ ކާމިޔާބު ލިބޭނީ ﷲ ރުހިވޮޑިގެންވާފަދަ ކަމެއް ކުރާ ބަޔަކަށް.” ޝަރަފް ވެސް ބުނެލީ އުއްމީދީ ބަސްތަކެވެ. އަފާފް ހިނިތުންވުމަކާއެކީ ހޫންލައްވާލަމުން އަނެއްކާވެސް ޝަރަފާއި ލޯބީގެ ސަމާސާއެއްކުރަން ފެށިއެވެ. އާދައިގެ މަތިން އެރޭ ވެސް ނިމިގެން ދިޔައީ އަފާފް ނިދެން ކައިރިވުމުންނެވެ.
އެދުވަހަށްފަހު ދުވަސްތައް ފާއިތުވަމުން ދިޔައީ ފުދޭވަރަކަށް އޮމާންކޮށެވެ. އެރެއަށްފަހު ކުޑަ ދުވަސްކޮޅެއް ވަންދެން ވިޔާމް އަފާފްމެންގެ ގެއަށް ޒިޔާރަތްކޮށްފައެއް ނުވެއެވެ. އެހެންކަމުން އަފާފަށް އޭނަގެ ޕޯސްޓްތަކަށް އޭނަގެ ފުރިހަމަ ސަމާލުކަން ދެވުނެވެ. ޕޯސްޓްތައް ލިޔަމުން ދިޔައިރު އޭނަގެ ނިޔަތް އިޚްލާޞްތެރިކުރެވޭތޯ އިހުނަށްވުރެ ބޮޑަށް ބެލިއެވެ. އޭނަ އެ ޕޯސްޓް ލިޔަނީ ވަކި މީހަކު ދެރަކުރަން ނޫންކަމަށާއި އަދި އެ ކިޔާ ކޮންމެ މީހަކަށްވެސް ހިދާޔަތް ލިބޭނެކަމުގެ އުއްމީދުގައިތޯ އޭނަ ޔަޤީންކުރިއެވެ. ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް އޭނަގެ ޕޯސްޓްތަކުގެ ސަބަބުން ﷲ ގެ އިރާދަފުޅުން މީހުންނަށް ހިދާޔަތް ލިބޭކަމަށް ބުނާ މެސެޖުތައް އޭނައަށް ލިބެން ފެށިއެވެ. އެ މެސެޖުތައް އޭނައަށް ކިޔައިދެމުން ދިޔައީ އެކޮޅުގައި ހުރެ ބިންތު ޢައްމާރުގެ ޕޭޖަށް ވަންނަމުން ދިޔަ ޝަރަފެވެ.
މި ހުރިހާ ކަމެއްގެ ސަބަބުން އަފާފް ދުވަސްތައް ގުނަމުން ދިޔައީ އުފާވެރިކަމާއެކީގައެވެ. އެހެނަސް އޭނައަށް ހިތާމަކުރެވެމުން ދިޔައީ ޝަރަފަށް ގުޅާ ކޮންމެ ފަހަރަކު އޭނަ އުޅޭ ޙާލު ތަޞައްވުރު ކުރެވުމުންނެވެ. އަފާފަށް ރަނގަޅު ދިރިއުޅުމެއްވެސް ހޯދައި ނުދެވޭނެކަމަށް ބައްޕަ ބުނި ބަސްތަކަށްފަހު ޝަރަފް ރިސޯޓުގެ މަސައްކަތާއެކީ އޭނަ އަދާކުރާ ވަޒީފާގައި ހޭދަކުރާ އިތުރު ވަގުތު ވެސް ގިނަކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޭގަނޑު އޭނައަށް ގުޅާއިރު ޝަރަފް ހުންނަނީ ކިހާ ވަރުބަލިވެފައިކަން އޭނަގެ އަޑުން ވެސް އަފާފަށް ނަގައިގަނެވެއެވެ. އަދި ބައެއް ރޭރޭ އޭނަ ބޮލުގައި ނޫނީ ބުރަކަށީގައި ރިއްސާ ވާހަކަ ބުނުމުން ވެސް އަފާފްގެ ހިތަށް އުނދަގޫވެއެވެ. އެފަދަ ވާހަކައެއް އިވޭ ކޮންމެ ފަހަރަކު ވީހާވެސް އަވަހަކަށް ގެއަށް އައުމަށް އަފާފަށް އެދެވެއެވެ. އެހެނަސް ޝަރަފްގެ މަސައްކަތް ދިޔަ ގޮތަކުން އޭނަ ދިޔަފަހުން ޖެހުނު ފުރަތަމަ ހުކުރު ދުވަހުގައި ޝަރަފަށް މާލެއަށް ދެވޭ ގޮތެއްނުވިއެވެ. ޝަރަފް އެ ވާހަކަ ބުނުމުން އަފާފް މާޔޫސްވިއެވެ. އެހެނަސް އޭގެ ބަދަލުގައި އެ ހަފްތާ ނިންމުމަށްފަހު 4 ދުވަހަށް އޭނަ އަނބުރާ މާލެއަށް އަންނާނެ ވާހަކަ އިވުމުން އަފާފް އުފާކުރިއެވެ.
އަނެއްކާވެސް ދެން އެއްވެސް ގޯހެއް ނުވާނެހެން އަފާފަށް ހީވި އެ ދުވަސްވަރަކީ އޭނައާއި ދެކޮޅަށް ރޭވެމުން ދިޔަ ރޭވުންތައް އިތުރަށް ވަރުގަދަވަމުން ދިޔަ ދުވަސްވަރެވެ. ކުރިމަތިވާން އުޅޭ ޠޫފާނަކާމެދު ރޭކާވެސްލުމެއްނެތި އަފާފް އޭނަގެ ދުވަސްތައް ގުނަމުން ދިޔައެވެ.
ޝަރަފް ދިޔަތާ 2 ހަފްތާ ފަހުން ވިޔާމް އަނެއްކާވެސް އަފާފާއި ބައްދަލުކުރުމަށްޓަކައި އެގެއަށް ދިޔައެވެ. މިފަހަރު އަފާފަށް އޭނަގެ އަޑު އިވިގެން ދިޔައީ ސީދާ އޭނަގެ ކޮޓަރި ތެރެއިންނެވެ.
“ހެލޯ ސްވީޓްހާޓް!” އެނދުގައި ހުރި ބާލީސްތަކަށް ބާލީސް އުރަތައް ލައްވަމުން ދިޔަ އަފާފަށް އެ އަޑު އިވުމާއެކު ކުރީ ދުވަހެކޭވެސް އެއްފަދައިން އޭނައަށް ތެޅިގަންނަމުން ތެދުވެލެވުނެވެ.
“ކް….ކީއްކުރަން މިތަނަށް ތިއައީ؟” އަފާފް ފެށީ ޖެހިލުންވުމަކާއެކީ ކަމަށްވިޔަސް އޭނަ ބުމަގޮށްޖަހާލަމުން ސާބިތު އަޑަކާއެކީ ސުވާލުކޮށްލިއެވެ.
“ވޮހް! ރޭޕްކުރާކަށް ނޫނޭ މިއައީ. ޓްރަސްޓް މީ. އެ ދޮރުވެސް އެހެރީ ހުޅުވާފަ. ހަމަ އެކަނިވެރި އަންހެން ކުއްޖެއްގެ ޙާލު ބަލާލަންވެގެން މިއައީ.” ވިޔާމް އެހެން ބުނެ ޙަމްދަރުދީ ވާ ފަދައަކުން ފުން ނޭވައެއް ދޫކޮށްލިއެވެ. ދޮރު ހުޅުވިފަކަމަށް އޭނަ ބުނީ ތެދު ވާހަކައެއްކަން އަފާފަށް އެނގުނީ ދޮރު ލެއްޕި އަޑު އިވިފައި ނުވާތީވެއެވެ. އެއިން އޭނައަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނެއްކަމަކު ދެންވެސް ނުރުހުންވިއެވެ.
“ނިކުމެގެންދޭ މިތަނުން.” އަފާފް އެންގިއެވެ.
“ހާދަ އަވަހަކަށް؟ އަދި ޙާލުވެސް ނުބެލެއެއްނު؟ ކީއްތިކޮށްލަނީ؟ އެނދު ރީތިކުރަނީ ދޯ؟ ޕިސް ޕިސް. އެކަނިމާއެކަނި މިރޭވެސް ނިދަން ޖެހޭނީ. ސޯ ސޭޑް!” ވިޔާމް އަފާފްގެ ކުރިމައްޗަށް ގޮސް ހުއްޓި އެ ބަސްތައް ބުނެލީ ހިނދު އަފާފް މޭނުބައި ކުރިވަރުން އޭނައަށް މޫނު އަނބުރާލެވުނެވެ.
“އަޅެ ކީއްވެތަ ލޯބި އަބަދުވެސް ލޯބިގެ ހުސްކަން ފުރައިދޭން މަސައްކަތް ކުރާ މީހެއްދެކެ ނުރުހުންވަނީ؟” ވިޔާމް އަހާލިއެވެ. އެއާއެކު އަފާފް އައި ރުޅީގައި ވިޔާމްގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއެވެ. އަފާފް ހީކުރިގޮތާއި ޚިލާފަށް އިރުކޮޅެއްގެ ތެރޭގައި އިވިގެން ދިޔައީ ވިޔާމްގެ ހުނުމުގެ އަޑެވެ. އެއަށްފަހު އޭނަ ވާހަކަ ދެއްކިއެވެ.
“ދޫނިގެ އަމާޒު ރަނގަޅު ދޫނިގެ ފިރިމީހާ ދޫނި އަނދިރިކޮށްލިޔަސް.” ވިޔާމް ވާހަކަ ދެއްކި ރާގުން ވީ ފޫއްސާއެކީ އަފާފަށް ވާހަކަ ދެކެވުނެވެ.
“އަހަރެން އަނދިރިކޮށްލީ އަހަރެންގެ ފިރިމީހާއެއް ނޫން. އަހަރެން އަނދިރިވީ އަހަންނަށް އަނިޔާއެއް ދޭން ބަޔަކު މީހުން ރޭވި ރޭވުމެއްގެ ތެރެއިން!” އަފާފް، ޝަރަފް އޭނައަށް ކިޔައިދިން ވާހަކައެއް ހަނދާންކޮށްލަމުން ކިޔައިދިނެވެ. ޝަރަފް އޭނައާއި ދިމާލަށް އެއްޗެއް އުކަން ޖެހުނީ ކީއްވެކަން މިހާތަނަށް އައިއިރު އޭނައަށް އެނގިފައިވެއެވެ.
“އަސްލުވެސްތަ؟ އަފާފްއަށް ހިއެއްނުވޭތަ އޭނައަކީ ވެސް މި ރޭވުމުގެ ބައިވެރިއެއްހެން؟” ވިޔާމް ކޮށްލި ސުވާލުން އަފާފް ހުއްޓުން އެރިއެވެ.
ނުނިމޭ