Noor (Part 52)
އެކަމާމެދު ޝަރަފަށް އިތުރަށް ނުވިސްނެނީސް ކޮންމެވެސް އަންހެނަކު ނުހަނު ކައިރިން ޗޮއްކަނޑަން ފެށި އަޑު އޭނައަށް އިވުނެވެ. އޭނައަށް ހުރެވުނު ތަން ނަގައިގަނެވުމުން ޝަރަފަށް ކޮޅަށް ތެދުވެ ފަސްއެނބުރި ބަލާލެވުނީ ލިބުނު ޝޮކެއްގެ ސަބަބުންނެވެ. އެއާއެކު އޭނަގެ ދެލޯ ބޮޑުވެ އޭނަގެ ދެބުމަ ކައިރިވިއެވެ. ހަދާފައިވި ބުމައާއި މޭކަޕް ކުރެވިފައިވި ދިގު މޫނުގެ ވެރި އެ އަންހެން ކުއްޖަކީ ކާކުކަން ނަގައިގަންނަން ޝަރަފަށް ހިނދުކޮޅެއް ނެގިއެވެ. އެއީ ކާކުކަން އެނގުމާއެކު އޭނަގެ ދަތްކުނޑި ވިކުނެވެ.
“ހަނާ.” ޝަރަފަށް އެ ނަން ކިޔާލެވުނީ ރުޅިވެރި އަޑަކުންނެވެ. އެއާއެކު ހަނާ ހީގަންނަމުން ޝަރަފާއި ދިމާލަށް އަންނަން ފެށިއެވެ. ހަނާ ކައިރި ވީވީހެން އޭނަ ލައިގެން ހުރި ބާރު އަދި ކުރު ހެދުން ފާހަގަވުމުން ޝަރަފްގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ.
“ކާކު ކަލޭ މިގެއަށް ވެއްދީ؟! ނިކުންނަން އުޅޭ!!!” ޝަރަފް ގޭގެ ދޮރާއި ދިމާލަށް ޢިޝާރާތް ކޮށްލަމުން ރުޅިވެރި އަޑަކުން އެންގިއެވެ.
“ވޯހް! ޗިލް އައުޓް! މަ ނުއުޅެމޭ ހުންނާކަށް. ކުޑަކުޑަ ހަދިޔާއެއް ދޭންވެގެން މިގެއަށް އައީ. ދެން ދަނީ އިނގޭ ލޯބި!” ހަނާ ވައިގެ ތެރެއިން ދޮނެއް ފޮނުވާލަމުން ތުއި ހީލުމަކާއެކީ ޝަރަފް ފަހަނަޅައި ދާން ހިނގައިގަތެވެ. ޝަރަފަށް ފަސްއެނބުރި ބަލާލެވުނީ ލިބުނު ޙައިރާންކަމެއްގެ ސަބަބުންނެވެ. ހަނާއަށް އެގެއަށް ވަދެވުނީ ކިހިނަކުންތޯ ހިތަށްއެރިއެވެ. އަދި އޭނަ އައީ ކާކަށް ކޮން ހަދިޔާއެއް ދޭންތޯ ހިތަށްއެރިއެވެ. ހަނާ އޭނަގެ ލޯމައްޗަށް ގެއްލުނުއިރު ވެސް ޝަރަފަށް އެ ސުވާލުތަކުގެ ޖަވާބެއް ނުލިބުނެވެ. ހަނާއަކީ ޠޮލާލްމެންނާއި ގުޅުމެއް އޮތް ބައެއްތޯ ހިތަށްއެރިއެއްކަމަކު އެކަން ޔަޤީނެއް ނުކުރެވުނެވެ. ނަބީހް ކައިރިން ސުވާލުކުރަން ބޭނުންވިއެއްކަމަކު ވަގުތުގެ ގޮތުން އެކަން މާދަމައަށް ފަސްކޮށްލަން ޝަރަފް ނިންމިއެވެ. އެއަށްފަހު އޭނަ އާދައިގެ ހިނގުމެއްގައި އެންމެ ފުރަތަމަ ބަދިގެއާއި ދިމާލަށް މިޞްރާބުޖެހީ ކަރު ހިއްކާފައިވި މިންވަރުންނެވެ. ބަދިގެއަށް ގޮސް އައިސްއަލަމާރި ހުޅުވާލަމުން އޭނަ ނެގީ އޭގެ ތެރޭގައި އޮތް އޮރެންޖު ޖޫސް ހުރި ބިއްލޫރި ފުޅިއެކެވެ. ނަބީހަށް އޮރެންޖު ޖޫސް މީރުވުމުން އޭނަ އަބަދުވެސް އެގޮތަށް ފުޅިއަށް އަޅައި އަލަމާރިއަށް ލާފައި ހުންނާތީ ޝަރަފަށް އެއީ އާ ކަމަކަށް ނުވިއެވެ. އޭނަ އެ ފުޅި ނެގިއިރު އޭތި އާއްމުގޮތެއްގައި އެގޭގައި ހުންނަ ފުޅިތަކާއި ތަފާތުވުމުން ޙައިރާންވިޔަސް އެއީ އާ ފުޅިއަކަށް ވެދާނެއޭ ހިތައި ޝަރަފް އޭތި ހިފައިގެން ގޮސް ކެބިނެޓްގެ މަތީގައި ހުރި ތަށްޓަކަށް އެޅިއެވެ. އެއަށްފަހު އެ ތަށި ހިފައިގެން ގޮސް ކާމޭޒު ދޮށުގައި އިށީނދެ ބިސްމި ކިޔައި ބޯންފެށިއެވެ. ޖޫހުގައި ދިން ރަހައިން ޝަރަފަށް ދެލޯ މަރާލަމުން ބޯހޫރުވާލެވުނެވެ. އޭނައަށް އެ ތަށްޓައް ބަލާލެވުނީ މާ ގަދަ ހިތި ރަހައެއް ލުމުންނެވެ. އެ ދިން ރަހައިން ނުބޯނަމޭ ހިތަށްއެރިއެއްކަމަކު އޭނަ ޖޫސް ބޭކާރު ކުރަން ވެސް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނަ ގަދަކަމުން ދެލޯ މަރައިގެން ހުރެ އެ ޖޫސްތަށި އެއްފަހަރުން ހުސްކޮށްލިއެވެ. އެއަށްފަހު އޭނައަށް އެ ތަށި މޭޒުމަތީގައި ބަހައްޓާލެވުނީ މާޒީގެ ހަނދާނެއް އޭނަގެ ސިކުނޑިއަށް ވެރިވާ ފަދަ ގޮތަކަށެވެ. ދުލުގައި ލި ރަހައިންނާއި ހެއަށްވި ގޮތަކުން ޝަރަފަށް ދެލޯ މަރައި ތަގުޅިކޮށްގެން އިރުކޮޅެއް ވަންދެން އިނދެވުނެވެ. އޭނަ ލޯ ހުޅުވާލިއިރު އޭނައަށް މަންޒަރުތައް ފެންނަމުން ދިޔައީ ނުސާފުކޮށެވެ. ހިސާބެއްގެ ހަމަޖެހުމެއް ހިނދުކޮޅަކަށް އެ ސިކުނޑިއަށް ވެރިވިއެއްކަމަކު މާ ގިނައިރެއް ނުވެ އެ ސިކުނޑި ހާސްވާން ފެށިއެވެ. ވާނުވާއެއް އެއްގޮތަކަށް ވެސް ސާފު ނުވީ ތާނގައި އެކި މީހުންގެ ސޫރަތައް ނުހަނު ބާރު މިނެއްގައި އޭނަގެ ލޮލަށް ސިފަވެ އެކިއެކި އަޑުތައް އޭނަގެ ކަންފަތަށް އިވެން ފެށިއެވެ. އެންމެ ގިނައިން އޭނަގެ ސިކުނޑިއަށް ވެރިވަމުން ދިޔައީ އަފާފްގެ ޚިޔާލުތަކެވެ. އަފާފް އެންމެ ފުރަތަމަ ފެނުނީއްސުރެ މިއަދާއި ޖެހެންދެން ހިނގިހާ ކަންތައް ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ލޮލަށް ސިފަވެގެން ދިޔަދިޔަހެން އޭނަގެ ލޮލުން ދިލަ ނަގަން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ ނުހަނު ގާތުން އޭނައަށް އަފާފް އޭނަގެ ނަމުން ގޮވާލިހެން އޭނައަށް ހީވިއެވެ. އޭނައަށް އަޑު އައި ދިމާލަށް ބަލާލެވުނީ އެވަގުތު އެތާނގައި އަފާފް ހުންނަންވީ ސަބަބަކާމެދު ވެސް ވިސްނުމެއްނެތިއެވެ. އޭނައަށް މަންޒަރު ސާފު ނުވިއެއްކަމަކު ދެންވެސް އަފާފްގެ އަޑު އޭނައަށް އިވިގެން ދިޔުމުން ޝަރަފަށް އޭނަގެ ހުރިހާ ސަމާލުކަމެއް އެ އަޑަށް ދެވުނެވެ.
“ޝަރަފް…..އަހަރެން ބޭނުން އަހަންނާ ޝަރަފްގެ އުފާވެރި މާޒީއަށް އަނެއްކާ އަނބުރާ ދާން. އެ މާޒީގަ ދިރިއުޅެލަން އަހަރެން އަނެއްކާވެސް ބޭނުން. އައި ލަވް ޔޫ ސޯ މަޗް!” އެ އަޑު އެހެން ބުނެލިއިރު އޭނައާއި ގާތްވަމުން ދިޔަކަން ޝަރަފަށް އިޙްޞާޞް ކުރެވުނެވެ. އެއީ އަފާފް ނޫންހެން ހީވިއެއްކަމަކު އެއީ އަފާފް ނޫންކަމަށް ޤަބޫލުކުރަން އެވަގުތު ބަލިކަށިވެފައިވި އޭނަގެ ސިކުނޑި ބޭނުމެއްނުވިއެވެ. އެ އަޑުގެ ވެރިޔާގެ މޫނު އޭނަގެ މޫނުގައި ޖެހުމާއެކު ޝަރަފްގެ މުޅި ވުޖޫދު ހުއްޓުމަކަށް އައީ އެއީ އަފާފްކަން އޭނަގެ ނަފްސު އޭނައަށްޓަކައި ޔަޤީންކޮށްދީފައި ވީތީވެއެވެ. އެއަށްފަހު އޭނައަށް ރޮއިގަންނަމުން ‘އަފާފް’ގެ ގައިގައި އޮޅުލައިގަނެވުނީ ތިމަންނައަށް މަޢާފުކޮށްދޭށޭ ބުނަމުންނެވެ. ޝަރަފަށް ތަކުރާރުކޮށް އެ ބަސްތައް ބުނެވެން ފެށިއިރު އަފާފް އޭނަގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. އެހިނދު ޝަރަފަށް ދެލޯ މަރާލެވުމުން އޭނައަށް ދެން ވީ ނުވީއެއް ނޭނގުނެވެ.
**
އޭގެ އަނެއްދުވަހު ޝަރަފަށް ހޭލެވުނީ 7 ޖަހަން ގާތްވެފައިވަނިކޮށެވެ. ހޭލެވުނުއިރު އޭނައަށް އޮވެވުނީ އާދައިގެ މަތިން އޭނަގެ ކޮޓަރި ތެރޭގައެވެ. ކޮޓަރީގެ ފެންލައިޓަށް ބަލާލިއިރު އިރު އަރައިފިކަން އެނގުންވުމުން ވީ ފޫއްސާއެކީ އޭނަ ތެދުވެލަން އުޅުނެވެ. އެ ހިނދު ބޮލުގައި ގަދަ ރިހުމެއް އުފެދިފައިވުމުން ތެދުވަން އުނދަގޫވިއެއްކަމަކު އޭނަ ގަދަކަމުން ތެދުވެލިއެވެ. އޭނައަށް ރޭ ނިދަން އޮވެވުނީ ޓީޝާޓަކާއި ނުލާކަން އެނގުންވީ އެވަގުތެވެ. އެކަމާމެދު ޙައިރާންވީ އޭނަ އެގޮތަށް ނިދަން އެރި ހަނދާނެއް އެއްގޮތަކަށް ވެސް ނުވުމުންނެވެ. ޙައިރާންކަމާއެކީ ހިނދުކޮޅަކަށް އިންގޮތަށް އިނުމަށްފަހު ޝަރަފް އެނދުން ފައިބަން އަވަސްވެގަތީ ފަތިސްނަމާދު ކުރުމަށެވެ. އެ ހިނދު ރަޖާ ހިއްލާލި ވަގުތު ރަޖާގެ މަތީގައި ބޭއްވިފައި އޮތް ގަނޑުކޮޅެއް އޭނައަށް ފެނުނެވެ. އޭނަ ދެބުމަ ކައިރިކޮށްގެން ހުރެ އެ ގަނޑުކޮޅު ނަގައި ކިޔާލިއެވެ.
“ޔޫ އާރ ވެލްކަމް! – ހަނާ އެންޑް ވަފާ-” އެ ބަސްތައް ކިޔާލުމުން ޝަރަފްގެ ނިތަށް ރޫގިނަވިއެވެ. ހަނާއާއި ވަފާ އޭނައަށް މިފަދަ ބަސްކޮޅެއް ދޭންވީ ކީއްވެތޯ ހިތަށްއެރިތާ މާ ގިނައިރެއްނުވެ ރޭ ކަންތައް ވީ ގޮތް އޭނަގެ ހަނދާނަށް އަންނަން ފެށިއެވެ. އޭނަ ގެއަށް އައިއިރު ހަނާ އެގޭގަ ހުރިގޮތެވެ. ހަނާ ކޮންމެވެސް ހަދިޔާއެއް ގެނައި ވާހަކަ ބުނި ގޮތެވެ. އެއަށްފަހު އޭނަ ބަދިގެއަށް ގޮސް ޖޫސްތަށްޓެއް އެޅި ގޮތެވެ. އެ ތަށި ބުއިމުން އޭގައި ދިން ރަހައެވެ. އޭގެ މާ ގިނައިރެއްނުވެ ކޮންމެވެސް އަންހެން ކުއްޖަކު އޭނައާއި ވާހަކަ ދެއްކި ގޮތެވެ. އެއަށްފަހު ކޮންމެވެސް މޫނެއް އޭނަގެ މޫނުގައި ޖެހި އޭނަގެ ހަށިގަނޑުގެ ބީހެން ފެށި އަތުގެ އިޙްޞާޞްތަކުގެ މަތިން ހަނދާން އާވުމުން ޝަރަފަށް އެ ގަނޑުކޮޅާއި ދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. އެއާއެކު ސިކުންތުކޮޅެއްގެ ތެރޭގައި ކަންވީގޮތް ނަގައިގަނެވުމުން ޝަރަފްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ ގޯސް ހަނދާންތަކުގެ ތެރެއިން އަފާފް މަތިން ހަނދާންވެގެން ދިޔުމުން ޝަރަފްގެ މެއަށް ނުބައި ގޮތެއްވިއެވެ. މާޒީގައި އޭނައަށް މިފަދަ ގޮތެއް ދިމާވިއިރު އިޙްޞާޞް ނުކުރެވޭ ފަދަ ލަދުވެތިކަމެއް އޭނައަށް އެވަގުތު އިޙްޞާޞް ކުރެވުނެވެ. ދުވަހަކުވެސް ހިތަށް ވެރިނުވާފަދަ ނުތަނަވަސްކަމެއް ހިތަށްވެރިވި ވަގުތު އޭނަގެ ނޭވާ ކުރުވެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެން ފެށިއެވެ. މި ހުރިހާ އިޙްޞާޞްތަކަކާއެކީ އޭނަ އެނދުން ފައިބަން އުޅުނު ވަގުތު ސައިޑް ޓޭބަލް މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު ފޯނު ރިންގުވީތީވެސް ހިސާބަކަށް ނުރުހުންވެ ހުރެ ޝަރަފް ފޯނު ނަގައި ބަލާލިއެވެ. ފޯނުގެ ސްކްރީނުން ދޮންތަގެ ނަން ފެނިފައި އޭނަގެ ނޭދެވޭ އިޙްޞާޞްތައް އިތުރުވެގެން ދިޔައެއްކަމަކު ޝަރަފް ދެވަނަ ވިސްނުމެއްނެތި ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް.” ޝަރަފަށް އަވަސް ރާގަކަށް ކުރު ގޮތަކަށް އެހެން ބުނެލެވުނުތަނާހެން ފޯނުގެ އަނެއްކޮޅުން ދޮންތަ އެއަށްވުރެ އަވަހަށް ވާހަކަ ދެއްކިއެވެ.
“ޝަރަފް! ޝަރަފް ނިކަން އަވަހަށް މިކޮޅަށް އައިސްދީބަލަ. މިއުޅެނީ އަފާފް ސިޑި ބަރިން ވެއްޓިގެން.” ޝަބާ ހާސްވެފައިވި އަޑަކުން ބުނެލިއެވެ.
“ވަޓް؟!” ޝަރަފަށް އެހެން އަހާލެވުނީ އޭނަ ހީކުރިވަރަށްވުރެ ބާރަށެވެ.
“އާނ ޝަރަފް. ދޮންތައަކަށްވެސް ނޭނގެ އަސްލު ވީ ގޮތެއް. އެގޭގެ ކައިރީގަ އުޅޭ ސަމީރާ ދައްތަ ބުނީ އަފާފް ސިޑި ބަރިން މައްޗަށް އަރަމުން ދަނިކޮށް އޭނަ ހަތަރުވަނަ ހަރުފަތް މަތީގައި ހުއްޓާ ހުސެއިނުބޭ ދިން ޚަބަރަކުން އަފާފް ހޭނެތިގެން ވެއްޓުނީއޭ. ނޭނގޭ ކޮންކަހަލަ ޚަބަރެއް ކަމެއް އެއީ. ފަހަކަށް އައިސް ހުސެއިނުބެމެން ތަނެއް ދޮރެއްނުބަލާ ޝަރަފާއި ބެހޭގޮތުން ޚަބަރުތައް ފަތުރަނީ. ދޮންތަ އެއީ ކޮން ޚަބަރެއްކަން ހޯދޭތޯ އެބަ މަސައްކަތް ކުރަން. ހޯދޭއިރަށް ޝަރަފް އާދެބަލަ ވަރަށް އަވަހަށް. އަފާފް ނީޑްސް ޔޫ.” ޝަބާ އެންމެ ފަހު ޖުމްލަ ލަސްލަހުން ބުނެލުމުން ޝަރަފަށް އޭނަގެ ދެލޯ މަރާލެވުނެވެ. ދޮންތަ އެކޮޅުން ފޯނު ކެނޑުމުން ޝަރަފަށް އޭނަގެ ފޯނު ކަންފަތުން ވަކިކޮށްލެވުނެވެ. އެތައް ސަބަބަކާހުރެ އެވަގުތު އޭނަގެ ދެލޯ ރަތްވެ އެ ލޯ ކަރުނަތަކެއްގެ ސަބަބުން ވިދާލިއެވެ. އެހެނަސް ޝަރަފަށް އެނދުން ތެދުވެލެވުނީ ދޮންތަ އެންމެ ފަހުން އެ ބުނެލި ބަސްތަކުންނެވެ. މި ނާޒުކު ވަގުތުގައި އަފާފް އޭނައަށް ބޭނުންވާހެން ހީވުމުންނެވެ.
ޝަރަފް ތާޒާވެލައިގެން އަނެއްކާވެސް ތައްޔާރުވީ ފުރާށެވެ. ކިތަންމެ އަވަސްއަރުވާފައިވިއެއްކަމަކު ޝަރަފް އެންމެ ފުރަތަމަ ކަމަކަށް ބެލީ ނަމާދު ކުރެވޭތޯއެވެ. ހިތް އަވަސްވެފައިވި މިންވަރުން އޭނައަށް ނަމާދުވެސް ކުރެވުނީ އޭނަ ޢާއްމުގޮތެއްގައި ކުރާވަރަށްވުރެ އަވަހަށެވެ. އެހެނަސް އޭނައަށް މުޅި ނަމާދުގެ ތެރޭގައި ﷲ ގެ ރަޙްމަތަށް އެދި އޭނަގެ ފާފަތައް ފުއްސެވުމަށް އެދި ދުޢާ ކުރެވުނެވެ. އަދި ހަމަ އެވަގުތު އަފާފްގެ ޙާލަތުވެސް ރަނގަޅު ކޮށްދެއްވުމަށް އެދި ދުޢާ ކުރެވުނެވެ. އޭނަ ނަމާދުކޮށް ނިމުނުއިރު އެ ހިތްދަތި ވަގުތުގައިވެސް އޭނަގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ވާނީ އެންމެ ރަނގަޅަށޭ ހިތް ބުނީ، އެންމެ މޮޅު ރޭވުންތެރިއަކީ ﷲ ކަން އެ ހިތަށް ޔަޤީންވެފައިވީތީވެއެވެ.
ކޮންމެ ގޮތެއްވިޔަސް ނަމާދުން ބޭރުވިތާ މާ ގިނައިރެއްނުވެ އަނެއްކާވެސް ޝަރަފްގެ ހިތް ނުތަނަވަސްކަމާއި، ބިރުވެރިކަމާއި، ލަދުވެތިކަމުން ފުރިގެން ދިޔައެވެ. މީގެ އިތުރުން އެ ހިތަށް ރުޅިވެރިކަމެއް ވެސް ވެރިވަމުން ދިޔައީ އޭނަ ލައްވާ އެ ފާފަ ކުރުވި މީހުންގެ މަތިން ހަނދާންވުމުންނެވެ. ފުރުމަށްޓަކައި ހުރިހާ އިންތިޒާމެއް ކުރުމަށްފަހު ޝަރަފް ހަމައެކަނި ކޮނޑުގައި އެޅުވިފައިވި ދަބަހަކާއެކީ ކޮޓަރިން ނިކުތެވެ. އެ ހިނދު ސިޓިންގް ރޫމުގެ ސޯފާގައި ތިބި ނަބީހާއި ޠޮލާލް އޭނައަށް ފެނުނެވެ. ނަބީހް އޭނަ ފެނުމާއެކު ވާހަކަ ދެއްކިއެވެ.
“ޝަރަފް؟ ތަނަކަށް ދާންތަ؟” ނަބީހަށް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ އަހާލެވުނެވެ.
“މިއުޅެނީ ރަށަށްދާން. އަފާފް ސިޑިބަރިން ވެއްޓިއްޖެ!” ޝަރަފް އެއްފަހަރު ނަބީހަށް އަނެއްފަހަރު އެއްވެސް އަސަރެއްނެތް މޫނަކާއެކީ އޭނައަށް ނަޒަރު ހުއްޓައިގެން އިން ޠޮލާލަށް ބަލަމުން ދިގު ފިޔަވަޅުތަކެއްގައި ކުރިއަށް ދިޔައެވެ.
“ސުބްޙާނަ ﷲ! އެއީ ކިހިނެއް؟” ނަބީހް އިންތިހާ ދަރަޖައިގެ ކަންބޮޑުވުމަކާއެކީ އަހާލިއެވެ.
“ފަހުން ކިޔައިދޭނަން. މިހާރު ވަގުތެއްނެތް.” ޝަރަފް ނަބީހްމެންނަށް ފަސްދެމުން ދޮރާއި ދިމާލަށް ދިޔައެވެ. އެހިނދު ޠޮލާލް ޗޮއްކަނޑާލި އަޑުއިވުނެވެ.
“ޝަރަފް އަބަދު ޖެހެނީ ދެކޮޅުން ދެކޮޅަށް ދަތުރުކުރަން ދޯ؟ މިހާވަރުން ދަންޏާ ރިސޯޓު އެޅޭނެތަ؟” ޠޮލާލް އެ ސުވާލުކޮށްލިއިރު އެ ވާހަކައިގައި އެކުލެވިފައިވި މަލާމާތުގެ ރާގު ޝަރަފަށް ނުހަނު ފަސޭހައިން ނަގައިގަނެވުނެވެ. އެ ހިނދު އޭނައަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އެއަށްފަހު އޭނަ ފަސްއެނބުރި ޠޮލާލަށް ބަލާލީ ކޮންމެހެން ވެސް އޭނައަށް ޖަވާބުދޭން ބޭނުންވި މިންވަރުންނެވެ.
“އެޅޭނެ އިން ޝާ ﷲ! ކިތަންމެ ބަޔަކު ވެގެން ގޮންޖެހުންތައް ކުރިމަތި ކުރުވިޔަސް ރިސޯޓު އެޅޭނެ. މިވަގުތު އަހަރެން އަހަރެންގެ ޢާއިލާ ކައިރިއަށް ދިޔުން މުހިއްމުވީމަ މިދަނީ. މިއީ އެއްގޮތަކަށް ވެސް އަހަރެން ބަލި ޤަބޫލުކުރި ކަމުގެ ނިޝާނެއްނޫން!” ޝަރަފް ސީދާ ޠޮލާލަށް ބަލަން ހުރެ އެ ވާހަކަތައް އިއްވާލީ ރޭ ހިނގިހާ ކަންތައްތަކުގެ ފަހަތުގައި ޠޮލާލްގެ ވެސް އަތެއްވާކަން ޔަޤީނާއި ގާތްވުމުންނެވެ. އޭނަ އެ ވާހަކަތައް ދެއްކުމުން ޠޮލާލްގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން އެއްވެސް ޝައްކެއްނެތި ޝަރަފަށް އެކަން ޔަޤީން ކޮށްދިނެވެ. ހަމަ އެ ހިނދު ޝަރަފް ޠޮލާލަށް ފަސްދީފައި ގެއިން ނިކުމެގެން ދިޔައީ ވީހާވެސް އަވަހަކަށް އެނބުރި އައިސް އޭނަގެ ގޮތަކީ ކޮބައިކަން ޠޮލާލަށް އަންގާލުމުގެ ނިޔަތުގައެވެ.
“އެއީ ކީއްވެބާ ޝަރަފް ދެންމެ އެހާ ރުޅި އައިސްގެން ވާހަކަ ދެއްކީ؟” ވީނުވީއެއް ނޭނގުނު ނަބީހަށް އަހާލެވުނެވެ.
“ނޭނގެ. ވައިފްއަށް އެހެންވީމަ އެހާ ސްޓްރެސްވީމަ ކަންނޭނގެދޯ؟” ޠޮލާލް އޭނަގެ މޫނުމަތީގެ ކުލަވަރު ބަދަލުކުރަމުން ދޯދިނެވެ.
“އާނދޯ؟ ހާދަ ގިނަ ކަންތައް ޝަރަފްގެ ޙަޔާތުގަ ގޯސްކޮށް އެބަ ހިނގައޭ. މާތް ﷲ ޝަރަފަށް އުފާވެރިކަން މިންވަރުކޮށްދެއްވާށި! އާމީން!” ނަބީހް އެ ދުޢާކޮށްލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އެތަނުން ތެދުވެ ދާން ހިނގައިގަތެވެ. ނަބީހް ގޮސް އޭނަގެ ކޮޓަރިއަށް ވަނުމުން ޠޮލާލް އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލިއެވެ. އެއަށްފަހު ފޯނު ކަންފަތުގައި ޖެއްސިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ޠޮލާލް ވާހަކަ ދެއްކިއެވެ.
“ހެލޯ ވިޔާމް. މަށަށް ހީވަނީ އޭނައަށް އެނގިއްޖެހެން އަހަރުމެން ގޯސްކަން. ދެން މާ ގިނަ ދުވަހެއް ވަންދެން ކަމެއްނުކޮށް އަހަރުމެންނަކަށް ނުތިބެވޭނެހެން މަށަށް ހީވަނީ.” ޠޮލާލް ބުންޏެވެ.
“ދެން ނުޖެހޭނެއޭ ކަމެއްނުކޮށް ތިބޭކަށް. ވަރަށް އަވަހަށް މުޅި ތި ބިންވާނީ އަހަރުމެންގެ މިލްކަކަށް. އެދުވަހު ބުނީމެއްނު ދޯ އޮސްޓްރޭލިޔާގަ އުޅޭ އަހަރުމެންގެ ބޮސްއަކު ތައުބާވާން އުޅުނޭ؟ އެއީ ހުސް ފޭކު. ބޮސްއަށް މިއަދު އަހަރެން ގުޅިން. މަޑުކުރޭ މިހާރު ވެސް އެބަ ގުޅާ. ކޮންފަރެންސަށް އެބަލަން.” ވިޔާމް ބުންޏެވެ. އެއަށްފަހު މާ ގިނައިރެއްނުވެ އެ ދެމީހުންނަށް ވެސް އިވިގެން ދިޔައީ ބަރު އަޑެކެވެ.
“ހެލޯ!” އެ ‘ބޮސް’ ބުނެލި އަޑު އިވުނެވެ. އެ އަޑުން އެއީ ހަރުދަނާ ޒުވާނެއްގެ އަޑުހެން ހީވިއެވެ.
“ހެލޯ ބޮސް….އަޅުގަނޑުމެން މިހާރު އެއްކަލަ ރިސޯޓުގެ ބިމުން އޭގެ ވެރިމީހާ ދުރުކޮށްލައިފިން. އޭނަގެ އަންހެނުންނަށްޓަކައި ދެކޮޅަށް ދަތުރުކޮށްކޮށް މިހާރު އޭނަ އަތުގަ މާ ގިނަ ލާރިއެއް ހުންނާނެ ހެނެއް ހިއެއްނުވޭ. އެހެންވީމަ މި ބިން މިލްކުކުރަން މިއީ ރަނގަޅު ވަގުތެއް. މި ރިސޯޓު އެޅިއްޖެނަމަ އަހަރުމެންނަށް ވަރަށް ގެއްލުންވާނެ.” ވިޔާމް ވާހަކަ ދެއްކީ އަދަބުވެރިކަމާއި އެކީގައެވެ.
“ހޫމް…ތިއީ އެއްކަލަ ޙަލާލް ރިސޯޓުގެ ވާހަކަ ދޯ ތިދައްކަނީ؟ އެއީ ސަޅި ޚިޔާލެއް. އެކަމަކު އަހަރުމެންނަށް ކުޑަ މިންވަރަކުންވެސް ގެއްލުންވަންޏާ ހުރެގެން ނުވާނެތާ ދޯ؟” އެ ބަރު އަޑުގެ ވެރިޔާ ބުންޏެވެ.
“އާނ….މިހާރު އަހަރުމެން އެ ރިސޯޓު އަޅަން އުޅޭ މީހާ ކޮންމެވެސް އެހެން ކަމަކާ މަޝްޣޫލުކޮށްފިން. އޭނައާއި އޭނަގެ އަންހެނުންނާ ދެމެދު މައްސަލަ ޖައްސައިގެން އޭނަ ރިސޯޓާއި ދުރު މިކުރީ. ހިއެއްނުވޭ ދެން ވާނެގޮތަކުން އޭނައަށް މި މަސައްކަތް ކުރާނެ ހިތްވަރެއް ލިބޭނެކަމެއް އެކަމަކު އޭނަ ފަހަރެއްގަ އަނބުރާ އައުން ވެސް އެކަށީގެންވޭ. އެހެންވީމަ އޭނަގެ ދުވަސް ދުއްވާލަންވީ ދެއްތޯ؟” ވިޔާމް އެހިއެވެ. އެ ހިނދު އޭނަގެ އެ ބޮޑު މީހާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. އެ އަޑު އިވިފައި ވިޔާމަށާއި ޠޮލާލަށް ވެސް ޙައިރާންކަމެއް ލިބުނީ އެމީހުންގެ ‘ބޮސް’ އަކީ އެއަށްވުރެ ހަރު މީހެއްހެން ހީވެފައި އޮތުމުންނެވެ. މީގެ މަސްތަކެއް ކުރިން ހަމަ އެ ‘ބޮސް’އާއި ވާހަކަ ދައްކާއިރު މީހަކު މެރުމަކީ އެއީ މާ ބޮޑު ކަމަކަށް ނުވެއެވެ. އެހެނަސް މިއަދު މިވީ ކިހިނެއްތޯ ވިޔާމްގެ ހިތަށްއެރިއެވެ.
“އެއީ ކާކުތަ؟” އެ ޒުވާނާ އަހާލި އަޑު އިވުނެވެ. އެ ސުވާލުން އޭތި އިވުނު މީހުންނަށް އިތުރު ޙައިރާންކަމެއް ލިބުނެވެ
“އެއީ…ޝަރަފް. ޝަރަފް ޢައްބާސް.” ވިޔާމް ޖަވާބު ދިނެވެ. އެއަށްފަހު އެ ކޯލުގެ ބައިވެރިންގެ މެދަށް އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަން މެދުކެނޑުނީ އެ ‘ބޮސް’ ފޯނު ކަނޑާލި އަޑަށެވެ. އެހިނދު ވިޔާމާއި ޠޮލާލްގެ ނިތަށް ވެސް ރޫގިނަވިއެވެ.
“އެއީ ކިހިނެއް އެވީ؟” ޠޮލާލް އެހިއެވެ.
“އައި ޑޯންޓް ނޯ.” ވިޔާމް ތެދުތެދަށް ޖަވާބުދިނެވެ.
**
ހޮސްޕިޓަލްގެ ތެރެއިން ދިގު ފިޔަވަޅުތަކެއްގައި ހިނގާފައި ދިޔަ ޝަބާގެ ހިތް ބާރަށް ތެޅެމުން ދިޔައީ އަފާފް ދެކިލާ ހިތުން ކެތްމަދުވެފައިވި މިންވަރުންނެވެ. ގޭގައި ހުއްޓާ މީހެއްގެ ފަރާތުން އަފާފްގެ ޚަބަރު ލިބުމުން ޝަބާ ވީހާވެސް އަވަހަކަށް ދާން ބޭނުންވިއެއްކަމަކު ނުދެވުނީ ބައްޕަވެސް ބަލިވެ އުޅުނީތީވެއެވެ. އޭނައަށް އެންމެ ފަހުން ހޮސްޕިޓަލަށް އަންނާނެ ފުރުޞަތެއް މި ލިބުނީ ބައްޕައަށް ބޭސްދީފައި ބައްޕައަށް ނިދުމުން އާހިލް ބައްޕަ ބަލަން ބައިންދާފައެވެ.
ރިސެޕްޝަނުން މަޢުލޫމާތު ހޯދައިގެން ޝަބާއަށް އަފާފް އޮތް ޕްރައިވޭޓް ކޮޓަރިއާއި ދިމާލަށް ދެވުނީ ދުވުމެއްގައެވެ. އޭނަ ގޮސް އެކޮޓަރިއާއި ގާތްވީ ވަގުތު ވެސް އެތެރެއިން ހުސެއިނާއި ޝާދިޔާ ރުޅިވެރިކަމާއެކީ ވާހަކަ ދައްކަމުން ދިޔަ އަޑުއިވުނެވެ. ޝަބާ ލަސްލަހުން ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް ވަގުތު ހުސެއިނާއި ޝާދިޔާ އަފާފްގެ އެނދުގެ ކައިރީގައި ތިއްބެވެ. އޭނަ ވަތް އަޑަށް އެދެމީހުންނާއި އެނދުގައި އިން އަފާފްގެ ނަޒަރު ވެސް އޭނަ ހުރި ދިމާލަށް އަމާޒުވިއެވެ.
“މިއޮތް އައީ އޭނަގެ ސަފީރު އޭނަގެ ދިފާޢުގަ. މިފަހަރު ކަލެއަކަށް ވެސް އޭނަ ދިފާޢެއް ނުކުރެވޭނެ. މިއޮތީ ރޭ އޭނަ ކުޅުނު ފިލްމުން ނިކުތް ތަންކޮޅު!” ހުސެއިން އޭނަގެ ފޯނުގައި އިނގިލި ކާއްތަމުން ދެއްކި ވާހަކައިން ޝަބާގެ ގާތަށް ކުއްލި ރުޅިއެއްއައެވެ. މިއީ ހުސެއިނުމެން އެފަދަ ވާހަކައެއް ދައްކާ ކޮންމެ ފަހަރަކުވެސް އޭނައަށް ވާގޮތެވެ. އޭނަގެ ތައުބާވެފައިވާ ކޮއްކޮއާއި ބެހޭގޮތުން މީހުން އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ އޭނައަށް ކެތްވާވަރުގެ ކަމެއްނޫނެވެ. މި ހުރިހާ ދުވަހު އޭނަ ވަނީ ސާބިތުކަމާއެކީ އަފާފްގެ ކުރިމަތީގައިވެސް ޝަރަފް ދިފާޢުކޮށްފައެވެ. އޭގެ ސަބަބުން އަފާފާއި ޝަރަފްގެ ގުޅުން ރަނގަޅު ނުވިޔަސްމެއެވެ. މިފަހަރުވެސް އެފަދަ ވާހަކައެއް އިވުމުން އެ މަގުން ކަންތައް ކުރަން ޝަބާ ނިންމިއެވެ.
“ބޭބޭ ޕްލީޒް! މީހަކު ހަދާފަ ހުންނަ އެއްޗެއް ބަލާފަ އެހާ ބޮޑު އިލްޒާމްތައް މައުސޫމް ކުއްޖެއްގެ ބޮލުގަ އެޅުމަކީ ކިހާ ބޮޑު ގޯހެއްތަ؟ ބޭބެ ތި ދިން ޚަބަރުގެ ސަބަބުން އަފާފްވެސް މިއަދު ވެއްޓުނީ.” ޝަބާ އެހެން ބުނެލަމުން އަފާފަށް ބަލާލިއެވެ. އަފާފް ހުރީ އާދަޔާ ޚިލާފަށް ގަދައަށް ރޮވިފައިކަން އޭނަގެ ދުޅަވެފައިވި ދެލޮލުން ޝަބާއަށް އެނގުނެވެ.
“މިއީ؟ މިއީ ހަދާފަ ހުރި އެއްޗެކޭ ކަލޭ އަހަރެން ކައިރި ބުނާނީ؟ މަގޭ ދެލޯ ކަނުވާނެ މިއީ ހަދާފަ ހުރި އެއްޗެއްވިއްޔާ! ހުނ! ކިހާ ލަދުވެތިކަމެއް ޕަބްލިކް ގްރޫޕްތަކަށާއި އެކީގަ އަހަރުމެންގެ ދަނބިދަރިއޭ ކިޔާ މީހެއްގެ ތިކަހަލަ ވީޑިޔޯތައް ލީކުވުމަކީ؟” ހުސެއިން ޝަބާގެ އަތަށް ފޯނު ލައިދެމުން އެހިއެވެ. އެ ހިނދު ފެންނަން ފެށި މަންޒަރުތަކުން ޝަބާއަށް ދެލޯ މަރާލަމުން ދުރަށް މޫނު އަނބުރާލެވުނެވެ. އޭނަ ދެވަނަ ފަހަރަށް އެއަށް ބަލާލީ އޭގައި ހުރީ ޝަރަފްތޯ ޔަޤީން ކުރުމަށެވެ. އެއީ ޝަރަފްކަން ޔަޤީންވުމުން ޝަބާގެ ނިތަށް ރޫގިނަވިއެވެ. މިއީ އަނެއްކާވެސް ޝަރަފްގެ މާޒީގެ މަންޒަރެއްތޯ ހިތަށްއެރިއެއްކަމަކު އެއީ ކޮން ކޮޓަރިއެއްކަން ނަގައިގަނެވުމުން ޝަބާގެ މެއަށް ނުބައި ގޮތެއްވިއެވެ. ޝަރަފް ވައިބާރއިން ފޮނުވާފައި ހުންނަ ފޮޓޯތަކުން އޭނަ ރިސޯޓު ހުންނަ ރަށުގައި ހުންނަ ގޭގެ ފޮޓޯތައް ވެސް ފޮނުވާފައިވާތީ އެއީ އެގޭގެ ކޮޓަރިއެއްކަން ޝަބާއަށް ޔަޤީން ކުރެވުނެވެ. އެ ކޮޓަރީގައި ޝަރަފަށް ހުރެވޭނީ މި ދުވަސްވަރު ނޫން ކޮން ދުވަސްވަރެއްގައިތޯ ހިތަށްއެރި ވަގުތު ޝަބާއަށް ބޯހޫރުވާލެވުނެވެ.
“މިފަހަރު ޝަބާއަށް ވެސް ބުނެވޭނެ އެއްޗެއް ނެތް، ދޯ؟” ޝާދިޔާ ނުރުހުންތެރިކަމާއެކީ ރާގަކަށް އަހާލިއެވެ. އެހިނދު ޝަބާއަށް ހިތްހަމަނުޖެހިފައި ހުރެ އެއްފަހަރު ޝާދިޔާއަށް އަނެއްފަހަރު އަފާފަށް ބަލާލެވުނެވެ. އަފާފް ހުއްޓުން އަރާފައި އިންއިރު ޝަބާއަށް ނޭނގުނުކަމަކީ އޭނަގެ ޖަވާބަކަށް އަފާފް ކެތްމަދުވެފައިވި ކަމެވެ. އެހެނީ މިހުރިހާ ދުވަހު އޭނަ ޝަރަފާއެކީ ހުރީ ޝަބާގެ ބަސްތަކެއްގެ ސަބަބުންނެވެ. ޝަބާވެސް އަމިއްލަ ނިޔަތެއްގައި ޝަރަފް ދިފާޢުކޮށްފާނެއޭ ހިތަށްއެރިއެއްކަމަކު އޭނަ ޝަބާއަށް އިތުބާރުކުރީ ޝަބާއާއި އޭނައާއި ދެމެދު އޮންނަ އިޚްލާޞްތެރި އެކުވެރި ކަމެއްގެ ސަބަބުންނެވެ. އޭނައަށް ނޭވާ ހިފަހައްޓައިގެން އިނދެ ޝަބާގެ ޖަވާބަކަށް އިންތިޒާރު ކުރެވުނީ އޭނަގެ މުސްތަޤްބަލު ބަރޯސާވަނީ އެ ޖަވާބަށްކަން އެނގުންވުމުންނެވެ.
“ޝަރަފް ކައިރިން އެހީމަ އަޅުގަނޑަށް ޔަޤީން ކުރެވޭނީ ބޭބެ. އޭނަ މިއަދު އެބަ އާދޭ.” ޝަބާ ހިސާބެއްގެ ޖެހިލުންވުމަކާއެކީ އެހެން ބުނެލީ އެއިން އަފާފަށް ލިބޭނެ ހިތްދަތިކަން ތަޞައްވުރު ކުރެވުމުންނެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އޭނަ އެހެން ބުނި ތަނާހެން ހުސެއިން އަނެއްކާވެސް ޝަރަފަށް ބަދުބަސްބުނެ އެއްޗެހި ގޮވަން ފެށިއެވެ.
**
މެންދުރުގެ ވަގުތުގައި ފްލައިޓް ޖެއްސުމާއެކު ހެން ޝަރަފް ބެލްޓު ނައްޓައި މީހުންގެ ތެރެއިން ފުރޭނެމުން ފްލައިޓުން ފޭބިއެވެ. އޭނައަށް އެއާރޕޯޓުގެ ތެރެއިން ހިނގާފައި ގޮސް ފެރީއަށް އެރުނީ ވެސް އަވަސްވެފައި ހިތަކާއެކީގައެވެ. މާލޭގައި ފިޔަވަޅު އެޅުމާއެކު ޓެކްސީއަށް އެރުމުން އެ ޓެކްސީ ދުއްވާލެއް ވެސް އޭނައަށް ލަސްކަމަށްވިއެވެ. ނުތަނަވަސް ޚިޔާލުތަކުން އަވަދިވަމުން އޭނަގެ ހިތާއެކީ ޝަރަފަށް އެންމެ ފަހުން އޭނަގެ މަންޒިލާއި ހަމައަށް ދެއްވުނެވެ. އޭނަ މީގެ މަސްތަކެއް ކުރިން އޭނަ އެންމެ ލޯބިވާ ފަރާތާއިއެކީ ޙަޔާތެއް ފަށައިގެން އެންމެ ފުރަތަމަ އެކީގަ ފިޔަވަޅު އެޅި ގޭގެ ތެރެއަށް ދިޔުމަށްޓަކައި ޝަރަފަށް ފިޔަވަޅުތައް އެޅުނީ ލަސްލަހުންނެވެ. ގޭގެ މައިދޮރާއި ހަމައަށް ގޮސް އޭނައަށް ބެލް އަޅުވާލެވުނީ ތުރުތުރު އަޅަމުން ދިޔަ އަތަކުންނެވެ. ދޮރު ހުޅުވިގެން ދިޔުމާއެކު އެންމެން ސިޓިންގް ރޫމުގެ ސޯފާގައި ތިބިތަން ޝަރަފަށް ފެނިގެން ދިޔައެވެ. އަފާފާއި، މަންމައާއި ބައްޕަގެ އިތުރުން ވަކިން ހުރި ސޯފާއެއްގައި ދޮންތަ ވެސް ހުރިތަން ޝަރަފަށް ފެނުނެވެ. އެންމެންގެ މޫނުމަތީގައިވި ސީރިއަސްކަމަށް ބަލަން ހުރެ ޝަރަފް މަޑުމަޑުން އައިސް ގޭގެ ތެރެއަށްވަނެވެ. އެހިނދު އަފާފްގެ ބޮލުގައި އެޅިފައިވި ބެންޑޭޖާއި އޭނަގެ ތުންފަތުގެ ކައިރިން ނޫފަންގަނެފައިވި ތަން ޝަރަފަށް ފާހަގަކުރެވުމުން އޭނައަށް ވާހަކަ ދެކެވެން އުޅުނެވެ. އެހެނަސް އެ ވަގުތު އޭނަގެ ދޮންތަ އަތުގައި އޮތް ފޯނާއެކީ އަވަސް ހިނގުމެއްގައި އޭނަގެ ކައިރިއަށް އައުމުން ޝަރަފަށް އެއްޗެކޭ ނުބުނެވުނެވެ. ދޮންތަ އެ ފޯނު ހުޅުވައި އޭގެ ސްކްރީނު ޝަރަފާއި ދިމާލަށް ދިއްކޮށްލިއެވެ. އެއާއެކު ފެންނަން ފެށި މަންޒަރުތަކުން ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ މޭތެރެއިން ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ބޮޑު ރާޅުބާންޏެއް ނެގިއެވެ. އެ މަންޒަރުން ފެންނަމުން ދިޔައީ އޭނަ ނޫންކަމަށް އަމިއްލަ ނަފްސު ގާތު ބުންޏެއްކަމަކު އޭނައަށް އަމިއްލަ ނަފްސަށް ޙަޤީޤަތް އޮޅުވައެއްނުލެވުނެވެ. އެއީ ހަމަ އޭނައެވެ. އޭނަ ހުއްޓުން އަރާފައި ހުރިގޮތަށް ހުއްޓާ ދޮންތަ ފޯނު ތިރިކޮށްލަމުން ވާހަކަ ދެއްކިއެވެ.
“މިއީ އަސްލު އެއްޗެއްތަ؟” ޝަބާ ރަތްވެފައިވާ ދެލޮލާއެކީ އަހާލިއެވެ. އެ ސުވާލު އިވުމުން ޝަރަފްގެ އަޑު ކަރުގައި ތާށިވީހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނައަށް އެންމެ ފަހުން ޖަވާބުދެވުނެވެ.
“އާނ.” ޝަރަފް އެހެން ބުނެލުމާއެކުހެން އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ.
ނުނިމޭ