Noor (Part 56)
ޒޯ އަފާފަށް ޖަވާބެއްނުދީ ހުރިގޮތަށް ހުއްޓާ ކުއްލިއަކަށް އެ ރޫމުގެ ދޮރު ހުޅުވިގެން ދިޔައީ ސާޖަރީއަށްޓަކައި އަފާފް ގެންދިޔުމަށް އައި ނަރުހުންގެ ސަބަބުންނެވެ. ހަމަ އެއާއެކު ޒޯގެ ހިތް އަވަސްވިއެވެ. އޭނައަށް ވަގުތުން ވާހަކަ ދެކެވުނެވެ.
“ނޫން! މަޑުކޮށްލާ!!!” ޒޯ ނުހަނު ހަރު އަޑުން އިއްވާލުމުން އެ ނަރުހުންގެ ޙަރަކާތްތައް މަޑުވި ވަގުތު އަފާފަށް ވެސް އޭނަގެ ހުރިހާ ސަމާލުކަމެއް އެ އަޑަށް ދެވުނެވެ.
“އޭނަ ސާޖަރީއެއް ނެހެދޭނެ. އޭނަ ބަނޑުބޮޑު!” ޒޯ ނުހަނު ސީރިއަސްކަމާއެކަމާއެކީ އިއްވާލި ވާހަކައިން އަފާފް ގަނޑުވެގެން ދިޔައެވެ. ފުރަތަމަ ފަޅި ސިކުންތުގައި އޭނަގެ ހިތަށް އުފާވެރިކަމެއް ވެރިވާން އުޅުނެއްކަމަކު މާ ގިނައިރެއްނުވެ އޭނަ މިއަދުވީ ޙާލަތު އޭނަގެ ސިކުނޑި އޭނައަށް ހަނދާން ކޮށްދިނެވެ. އޭނައަށް އެކަމާމެދު ވެސް ރަނގަޅަށް ނުވިސްނެނީސް އެތާތިބި ނަރުހުން ވާހަކަ ދެއްކި އަޑު އިވުނެވެ.
“ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ ޒޯ؟ ޒޯއަށް އެނގޭނެއެއްނު ޓެސްޓްތައް ހަދާފަކަން ބަލި މީހަކު މިހާ ހިސާބަށް ގެނެވޭނީ؟” އޭގެ ތެރެއިން ނަރުހަކު ސުވާލުކުރިއެވެ. އެވަގުތު އެތަނުން އަޑުގަދަވެގެން ދިޔަ އަޑު އިވުނު ހުސެއިން ވެސް ބުމަގޮށްޖެހިފައި ހުރެ ހުޅުވިފައިވި ދޮރުން އެތެރެއަށްވަނެވެ.
“އެނގޭ. އެކަމަކު ދެންމެ އަހަރެން އަމިއްލައަށް މި ކިޓްއިން ޓެސްޓް ހެދީމަ ދެއްކީ އެހެން ނަތީޖާއެއް. އޭނަ އެ އިނީ ބަލިވެ!” ޒޯ އޭނަގެ އަޑަށް ބާރު ލާފައި އެންގި ވާހަކައިން އަފާފްގެ ހިތުތެރޭގައި މަސްހުނި ވެފައިވި ޖަޒުބާތުތަކެއްގެ ރާޅުބާންޏެއް ނެގިއެވެ. އެވަގުތު އޭނައަށް ނޭނގުނު ކަމަކީ އޭނަގެ މޫނުމައްޗަށް ވެރިވަމުން ދިޔަ ކުލަވަރުތައް ފެނިފައި އޭނަގެ ބައްޕަގެ މޫނު ރުޅިން ރަތްވެގެން ދިޔަކަމެވެ. އެ ރުޅީގައި އޭނަ ވާހަކަ ދައްކަން ފެށީ ކުއްލިއަކަށެވެ.
“ކަލޭމެން ތި ދައްކަނީ ކޮން ވާހަކައެއްތަ؟! ތި ބުނާ ކިޓްއަކުން ނުބައި ނަތީޖާއެއް ވެސް ލިބިދާނެކަން ނޭނގޭ މީހުން ނަރުހުންނަށްވަނީ ކީއްވެބާއޭ ހިތަށްއަރަނީ! މަގޭ ދަރިފުޅަކީ ވަރިވެފަ ހުރި އަންހެން ކުއްޖެއް! އޭނަ ކިހިނެއް ބަލިވެ އިންނާނީ؟” ހުސެއިން އިނގިރޭސި ބަހުން ވާހަކަ ދައްކަމުން، ޙަޔާތުގައި ވެސް ފުރަތަމަ ފަހަރަށް އޭނަގެ ދަރިފުޅަށް އޮޅުވާލިއެވެ. އެ ބަސްތައް ބުނި ހިނދު އަފާފްގެ މާޔޫސްވަމުން ދިޔަ މޫނުމަތި ފެނިފައި ހުސެއިނަށް އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. އެހެނަސް އޭނަ މި ކުރާ ކޮންމެ ކަމެއް ކުރަނީ ހަމައެކަނި އަފާފަށް ރަނގަޅަށްކަމަށް ބުނެ ހުސެއިން އެ ނަފްސަށް ބަހަނާ ދެއްކިއެވެ. އަފާފްގެ ފެންކަޅިވެގެން ދިޔަ ލޯ ފެނިފައި ޖަޒުބާތުގައި ނުޖެހުމަށްޓަކައި ހުސެއިން އިތުރަށް ވާހަކަ ދެއްކިއެވެ.
“ދެންވެސް މަގޭ ދަރިފުޅު ގޮވައިގެން ސާޖަރީ ހަދަން ގެންދޭ. އޭނަގެ އިޙްޞާޞްތަކާ ކުޅެން އިތުރަށް ނަހަދާތި!” ހުސެއިން އޭނަގެ ރުޅިވެރިކަން ގަދަކުރަމުން އަޑު ހަރުކޮށް ބުނެލިއެވެ. އެ ހިނދު ޒޯއަށް ހުރި ގޮތަށް ހުސެއިނަށް ބަލަހައްޓައިގެން ހުރެވުނީ އޭނައަށް ދެންމެ ފެނުނު ކަންތައްތަކަށް ޚުދު އޭނައަށް ވެސް ޝައްކު ކުރެވެން ފެށުމުންނެވެ. އޭނައަކީ ދުވަހަކުވެސް އޭނަގެ ވަޒީފާގައި އޭނައަށް ހީވާ ހީވުމެއްގެ މައްޗަށް ބަލި މީހަކަށް ވެސް އަދި ބަލި މީހެއްގެ ޢާއިލާއަށް ވެސް ނުބައި ޚަބަރެއް ދީފައިވި މީހެއްނޫނެވެ. އޭނަ މި ދާއިރާގައި އުޅޭތާ އަހަރުތަކެއް ވޭތުވެފައިވާތީ ޓެސްޓްތަކެއް ހެދުމުގެ ކުރިން ވެސް ބަލި މީހަކަށް ކުރިމަތިވާ ޢަލާމާތްތަކާއި ޙާލަތުގެ ގޮތުން އެމީހަކަށް ދިމާވެގެން އުޅެނީ ކޮންކަމެއްކަން، ވެގެން އުޅޭ ގޮތާއި އެއްގޮތަށް އޭނައަށް ގިނަފަހަރު އަންދާޒާ ކުރެވެއެވެ. ވީއިރު މިއަދު މިވީ ކިހިނެއްތޯ އޭނަގެ ހިތަށްއެރިއެވެ. ޒޯ އެންމެ އަޅައިގަތީ އޭނައަށް އެ ފެންނަމުންދާ އަންހެން ކުއްޖާ ވަރިވެފައިވި ވާހަކަ އިވުމުންނެވެ.
އޭނައަށް ހީވީ ނުބައި ހީވުމެއް ކަމަށް ނިންމަން އުޅުނު ވަގުތު ހުރިހާ ނަރުހުންނާއި ސާޖަރީގައި ބައިވެރިވާ އެހެން ޑޮކްޓަރަކުވެސް ވަދެގެން އައިސް، އަފާފް ދުވާ އެނދަކަށް ބަދަލު ކުރިއެވެ. ނަރުހުން ބުނުމުން އަފާފް ދިރުމެއްނެތް ބުދެއްހެން އޮށޯވެ ދެލޯ މަރާލީ މުޅި ދުނިޔެއަށް ވެސް ދެލޯ މަރާލަން އެވަގުތު ބޭނުންވި ފަދައަކުންނެވެ. އޭނަ އެވަގުތު އުފާވާންވީ ކަމެއް ދެރަވާންވީ ކަމެއް އޭނައަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އޭނަގެ ހިތަށް ވެރިވަމުން ދިޔަ ނޭދެވޭ އިޙްޞާޞްތަކެއްގެ މައްޗަށާއި، އޭނަގެ ޙަޔާތުގައި ހިނގަމުން މިދާ ކަންތައްތަކުގެ މައްޗަށް އޭނައަށް އެއްވެސް ބާރެއް ނުހިންގޭނެހެން ހީވިއެވެ. އެހިނދު ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ފަރާތުގެ މަތިން އޭނަގެ ހިތް އޭނައަށް ހަނދާންކޮށްދިނެވެ. ހަމަ އެއާއެކު އޭނަގެ އެނދު ދުއްވާލެވުނު ވަގުތު އޭނަގެ ދުލުން ބޭރުވީ އޭނަ ﷲ އަށް ވަކީލުކޮށްފިކަމަށް ވައި އަޑުން ބުނެލި ބަސްތަކެވެ. އެ ބަސްތަކުން ނޭނގޭ ސަބަބަކާހުރެ އަފާފްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ﷲ އޭނައަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން އޭނައަށް ޔަޤީން ކުރެވުނެވެ. ރޫމުން އަފާފްގެ އެނދު ނެރެވުނު ވަގުތު އޭނަގެ ހިތުގައި ސާބިތުކަމެއްވީ އެހެންވެއެވެ.
އަފާފް އޭނަގެ ޙާލަތާމެދު ހިތްހަމަޖެހުނެއްކަމަކު މަންޒަރު ބަލަން ހުރި ޒޯއަށް ދެންވެސް ހުރެވުނީ ހިތްހަމަ ނުޖެހިފައެވެ. އެންމެން ލޯމަތިން ގެއްލުމުން ވެސް އޭނައަށް ދެންމެ ދެކެވުނު ވާހަކަތަކުގެ މަތިން ވިސްނެމުން ދިޔައެވެ. އެ އަންހެން ކުއްޖާ ބަނޑުބޮޑުނުވާނެހެން ޒޯއަށް ދެންވެސް ޤަބޫލުކުރަން ދަތިވިއެވެ. އެ އަންހެން ކުއްޖާއަކީ ވަރަށް ފަހަކަށް ވަރިވެފައިވި ކުއްޖަކަށް ވެސް ވެދާނެ ނޫންތޯ ޒޯގެ ހިތަށްއެރިއެވެ. އަދި އަމުދުން އެ އަންހެން ކުއްޖާވެސް އެ ޓެސްޓުގެ ނަތީޖާއަށް އެދިއެދި ހުންނާނީ އެ ޚަބަރުގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް ވާތީވެ ނޫންތޯ ޒޯގެ ހިތް ބުންޏެވެ. އެއީ ތެދަކަށް ވެއްޖެނަމަ އެ އަންހެން ކުއްޖާއަށް ލިބޭނީ ހާދަ ބޮޑު ގެއްލުމެކެވެ. ހާދަ ބޮޑު ހިތާމައެކެވެ. އެ ހިތާމަ ތަޞައްވުރު ކުރެވުނު ތަނާހެން ޒޯއަށް އެތަނުން ނިކުންނަން ހިނގައިގަނެވުނެވެ.
ޒޯ އެ ދިޔަ ގޮތަށް ދިޔައީ ރިސެޕްޝަނާއި ދިމާލަށެވެ. ރިސެޕްޝަނަށް ގޮސް އޭނަ ވަގުތުން އެ ޕްރައިވޭޓް ރޫމުގައި އޮތް ބަލި މީހަކީ ކާކުތޯ އޭނައަށް ބަލައި ދިނުމަށް އެދުނެވެ. ރިސެޕްޝަންގައި ހުރި ކުއްޖާއަށް އެއީ އަފާފް ހުސެއިން ކަން އެނގުނުތަނާހެން އެތާހުރި ކޮމްޕިއުޓަރުން ނުލިބޭނެ މަޢުލޫމާތުތައް ވެސް އެކުއްޖާ ދޭންފެށިއެވެ.
“އެކުއްޖާގެ މީހަކާ ނޫނަސް އެކުއްޖާގެ މީހުންނާ ކޮންޓެކްޓް ކުރެވޭނެ މީހުންގެ ނަންބަރުތައް ހޯދިދާނެ. އަފާފަކީ ގެތައް ޢިމާރާތް ކުރާ ކުންފުންޏެއްގެ ވެރިއެއް. އެ އޮފީހަށް ގުޅާލީމަ ކޮންޓެކްޓް ކުރެވިދާނެ. އޭނަ ބަލާނެ މީހަކު ނެތީތަ؟” ރިސެޕްޝަންގައި ހުރި ކުއްޖާ ވާހަކަތައް ކިޔައިދެމުން އަހާލިއެވެ. ޒޯ އެއީ އިވުނު ސުވާލަކަށް ނެހެދިއެވެ.
“އެހެންވީމަ އެ އޮފީހަށް ގުޅާލަބަލަ.” ޒޯ އެދުނެވެ.
“އޮފީސް މި ގަޑީގަ ހުޅުވާފަ ހުންނާނެކަމެއް ނޭނގޭ. ބަލަމާ!” ރިސެޕްޝަންގައި ހުރި ކުއްޖާ އެހެން ބުނެ އެތާހުރި ފޯނު ނެގިއެވެ. އެއަށްފަހު ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
**
އޭގެ އަނެއްދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ގިނަވުމުން އެލެގެންޓް ހޯމްސްގެ ބައެއް މުވައްޒަފުން ހަވީރު އޮފީހަށް ގޮސް ރޭގަނޑު ވަންދެން ވެސް އޯވާރޓައިމަށް މަސައްކަތް ކުރަން ތިއްބެވެ. ރޭގަނޑުވަމުން ދިޔަ ވަރަކަށް އެކި މުވައްޒަފުން ސައިން އައުޓް ވަމުން ގޮސް އެންމެ ފަހުން ބާކީ ހުރީ ޝަބާއެވެ. ރޭގަނޑު 9:30 ވާން ގާތްވެފައި ވަނިކޮށް ޝަބާ ވެސް ސައިން އައުޓްވުމަށްޓަކައި އެންމެ ތިރީ ފްލޯއަށް ދިޔައެވެ. އަންހެނުންގެ ބައިގައި ހުންނަ ރިސެޕްޝަނާއި އޭނަ އަރައި ހަމަވީ ވަގުތަކީ އެތާނގައި ހުރި ފޯނު ރިންގުވާން ފެށި ވަގުތެވެ. ފޯނާއި ދިމާލަށް ޝަބާއަށް ބަލާލެވުނީ ޙައިރާންވެފައި ހުރެއެވެ. އެންމެ ފަހަކަށް މިފަދަ ވަގުތެއްގައި އެ ފޯނު ރިންގުވީ ހަނދާނެއް އޭނަ ނުވުމުންނެވެ. އެންމެ ފުރަތަމަ ނުނަގަން ހިތަށްއެރިއެވެ. އެހެނަސް މިއީ ބޮޑު ކަމަކަށް ވެދާނެކަމަށް އޭނަ ހިތް ބުނީތީ އޭނަ ގޮސް ފޯނު ނެގީއެވެ.
“އައްސަލާމްޢަލައިކުމް، އެލެގެންޓް ހޯމްސް.” ޝަބާ ޖަވާބުދާރީވިއެވެ. އެއާއެކު އެކޮޅުން އިވެން ފެށީ ބޭރު މީހަކު އިނގިރޭސިން ވާހަކަ ދައްކާ އަޑެވެ.
“ހެލޯ! އަފާފްގެ ޢާއިލާ މީހަކާ ވާހަކަ ދެއްކިދާނެތޯ؟” އެކޮޅުން ރިސެޕްޝަނުގައި ހުރެ ވާހަކަ ދެއްކީ ޒޯ ނޫން ދެވަނަ މީހެއްނޫނެވެ. އެވަގުތު އޭނައަށް ނޭނގުނުކަމަކީ މިފަހަރުވެސް އެންމެ މުހިއްމު ވަގުތުގައި އޭނަގެ ފުރަގަހުގައި ހުރި ހުސެއިނަށް އޭނަގެ ވާހަކަ އިވުނު ކަމެވެ.
“އަމް…..އަޅުގަނޑު މީ އަފާފްގެ ޢާއިލާ މީހެއް. ކިހިނެއްތަވީ އަފާފްއަށް؟” ޝަބާ ނުހަނު ވިސްނުންތެރިކަމާއެކީ ބުނެލިއެވެ. މިއަދު އަފާފް އޭނައާއި ދުރުވެފައިވިޔަސް އޭނަ އަފާފް އޭނަގެ ޢާއިލާއެއްގެ ގޮތުގައި ނޫނީ ނުދެކެއެވެ. އެހެންނޫނަސް އޭނަ އެކޮޅުން އިވޭނެ ވާހަކައެއް އަޑުއަހަން ކެތްމަދުވިއެވެ. އަފާފަށް ދެރަގޮތެއް ދިމާވީއޭ ހިތަށްއެރި ވަގުތު އެ ހިތް ބިރުވެސް ގަތެވެ.
“މި ވާހަކަ ދައްކަނީ ހޮސްޕިޓަލުން އަފާފް ބަލަމުން ދިޔަ ނަރުހެއް. އަފާފް ބަނޑުބޮޑުވުމުގެ ބޮޑު ފުރުޞަތެއް އޮތްއިރު ވެސް އޭނަ ވަނީ ލޮލުގެ ސާޖަރީއަކަށް ވައްދާލެވިފަ. ސާޖަރީ ހެދީމަ ދަރިފުޅަށް ވަރަށް ބޮޑަށް ގެއްލުންވާނެ. އަދި ލޮލަށް ވެސް މާ ބޮޑު ފައިދާއެއް ނުކުރުން އެކަށީގެންވޭ. އައިއްސަ އޭނަ ސަލާމަތް ކޮށްދީ. މިތާނގަ ހުރީ އަފާފަށް ހެޔޮއެދޭ މީހެއް ނޫންހެން އަހަންނަށް ހީވަނީ.” ޒޯ ބުނެލި ވާހަކަތަކުން ފޯނުގެ އަނެއްކޮޅުގައި ހުރި ޝަބާގެ ސިކުނޑި ހާސްވިއެވެ. އޭނައަށް އިވުނު ވާހަކަތައް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެ ވާހަކަތައް ދޭހަކުރެވުނުތަނާހެން އޭނައަށް ވާހަކަ ދެކެވުނެވެ.
“ކީއްވެ ހޮސްޕިޓަލުން އޭނަގެ ސާޖަރީއެއް ހަދަންވީ؟ ޑޮކްޓަރަށް ނުފެންނަނީތަ އޭނަގެ ރިޕޯޓް؟!” ޝަބާއަށް ހަރުއަޑުން ސުވާލު ކުރެވުނެވެ. ޝަބާ ކުރި ސުވާލުން ޒޯގެ ހީ ޔަޤީނަކަށް ބަދަލުވިއެވެ. ހަމަ އެ ހިނދު ޙައިރާންވެސްވިއެވެ.
“ހޮސްޕިޓަލްގެ ރިޕޯޓުން ނުދައްކާ އެކަމެއް. އޭނަ…..” ޒޯއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން އޭނަގެ ފުރަގަހުން އައި މީހަކު އައި އޭނަގެ އަތުން ކޯޑްލެސް ފޯނުގެ އަތްގަނޑު ޖަހައިގަނެ ބިންމައްޗަށް ވައްޓާލިއެވެ. ލިބުނު ސިހުމާއެކީ ޒޯއަށް ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު އެތާނގައި ހުރީ ރުޅީގައި ގޮތް ހުސްވެފައިހުރި ހުސެއިން ނޫން ދެވަނަ މީހެއްނޫނެވެ.
“ކަލޭ ތިއުޅެނީ މޮޔަވެގެންތަ؟ އެމެރިކާއިން އަޔަސް މާ މޮޅުކަމަށް ހެދެން އުޅޭނެ ކަމެއްނެތް. ޢާއިލާ މީހުން އެ ޢާއިލާގެ މަޞްލަޙަތަށްޓަކައި ދޮގު ރިޕޯޓެއް ހަދާފަ ޑޮކްޓަރުންނަށް ދެއްކިޔަސް އެއީ އަދި މައްސަލައެއްނޫން. އެއީ އެހެން ނޫނަސް ކަލެއާ ބެހޭ ކަންތައްތަކެއްނޫން!” ހުސެއިން ރުޅި އައިސްފައިވި މިންވަރުން ހިނދުކޮޅަކަށް ވިޔަސް އޭނަގެ ހޭ ބަލިވިފަދައެވެ. އޭނައަށް އަމިއްލަ ދުލުން އަމިއްލަ ނަފްސު ބޭޒާރުކޮށްލެވުނެވެ. އެހެނަސް ދެންވެސް އެވަގުތު ހުސެއިނަށް މޭފުއްޕާލާފައި ހުރެވުނީ އޭނަ އެ ދެއްކީ މޮޅު ވާހަކައެއްކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެވުނީތީވެއެވެ.
ހުސެއިން ވާހަކަ ދެއްކުން ހުއްޓުމުން މުޅި ތަނަށް ހިމޭންކަމެއް ވެރިވި ފަދައެވެ. އެ ހިމޭންކަމުގެ ތެރެއިން އޭނަ ޒޯއަށް އަމާޒުކޮށް ބުނެލި ބަސްތައް، އެ ވެއްޓުނު ފޯނުގެ އަނެއްކޮޅުގައި ހުރި ޝަބާއަށް ވެސް އިވުނެވެ. އޭނަ ބުނީ ކޮންމެ ގޮތެއްވިޔަސް އެ ސާޖަރީ ހެދޭނެ ކަމަށެވެ.
**
ހުސެއިންގެ ބަސްތައް އިވިފައި ޝަބާގެ ސިކުނޑި ސުމަކަށްދާ ހިސާބަށް ދިޔައެވެ. އޭނައަށް ހުއްޓުން އަރާފައި ސިކުންތުކޮޅެއް ވަންދެން ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ޝަބާ ހަމަ އެ ރިސެޕްޝަނުގައި ހުރި ފޯނުން ނަންބަރުތަކަށް ފިތާލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. އޭނަ ގުޅީ ޝަރަފް ނޫން ދެވަނަ މީހަކަށް ނޫނެވެ. އެހެންމީހަކަށް ނުވިޔަސް ޝަރަފް ވަރުގަދަ ޢަޒުމަކާއެކީ އަފާފް ސަލާމަތް ކުރާނެކަން ޔަޤީންވީތީވެއެވެ.
ރޭގަނޑުގެ އެވަގުތު ޝަރަފް އިނީ އާދައިގެ މަތިން އޭނަގެ ކޮޓަރީގައި އެރޭ ކެއުމަށްފަހު އޭނަގެ ފޯނުން ލެކްޗަރެއް އަޑުއަހާށެވެ. ފަހަކަށް އައިސް އޭނައަށް ގިނައިން އަޑުއެހެނީ ރަނގަޅު ބައްޕައިންނާއި މަންމައިންނަށް ވެވޭނެ ގޮތްތައް ކިޔައިދީފައި ހުންނަ ލެކްޗަރުތަކެވެ. ބައްޕައަކު ދަރިއަކަށްޓަކައި ކުރާ ދުޢާ އިޖާބަވާނެ ވާހަކައާއި، ދުނިޔެ ދޫކޮށްދާއިރު ޞާލިޙު ދަރިއަކު ހުރިނަމަ ސުވަރުގޭގައި ދަރަޖަ މަތިވެގެން ދާނެ ވާހަކަ ފަދަ ހަނދުމަކޮށްދިނުންތައް އިވެމުން ދިޔަދިޔަހެން އޭނަ އެފަދަ ޒިންމާއެއް ނަގަން ކެތްމަދުވަމުން ދިޔައެވެ. އޭނަ އިތުރަށް ކެތްމަދުވަމުން ދިޔައީ ޚުދު އޭނަ ކުޑައިރު އޭނަ ވަކި ހިސާބަކުން މަޙްރޫމްވެގެން ދިޔަ ލޯބި އޭނަގެ ދަރިފުޅަށް ފުރިހަމައަށް ދިނުމަށެވެ. އޭނަގެ ދަރިފުޅު ލޯބިން މަޙްރޫމްވުމުގެ ސަބަބުން ގޯސްމަގެއް ޚިޔާރުކުރާކަށް އޭނަ އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ. އޭނަ މިއަދުވެސް ރިސޯޓަށް އަނބުރާ ނުގޮސް ހުރީ އެކަމުގެ ބިރަށްޓަކައެވެ. އޭނަ އަދިވެސް އަފާފާއި އެއްފަސްގަނޑެއްގައި ހުރީ މިއަދު ނޫނަސް އަވަސް މުސްތަޤްބަލެއްގައި އޭނައާއި އަފާފް ގުޅިގެން ދާނެ ކަމުގެ އުއްމީދުގައެވެ. އަދި އިހަކަށް ދުވަހު އާހިލް ގެއަށް އައިސް ހުސެއިން ދެއްކި ވާހަކައެކޭ ކިޔާފައި ބުނެލި ވާހަކައެއްގެ ސަބަބުންވެސްމެއެވެ. އާހިލް ބުނި ގޮތުގައި ހުސެއިން އެ ދަރިފުޅަށް ގެއްލުންވާނެއޭ ކިޔާފައި ފޯނުން ދައްކަމުން ދިޔަ ވާހަކަ އޭނައަށް ސާފެއްނުވިއެވެ. އޭނަ ދުވަހެއްގެ ކޮޅުން ވެސް އެއްވެސް މީހެއްގެ އަތުން އެ ދަރިފުޅަށް ގެއްލުމެއް ލިބިދިޔަ ނުދޭނެއެވެ.
ލެކްޗަރުގެ ތެރެއިން އެ ޝުޢޫރު ޝަރަފްގެ ހިތަށް ވެރިވީތަނާހެން އޭނަގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ދޮންތަގެ ނަން ފެނިފައި ޝަރަފްގެ ދެބުމަ ކައިރިވިއެވެ. އޭނަ ލަސްތަކެއްނުކޮށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އެއާއެކު އޭނައަށް ސަލާންވެސް ނުގޮވެނީސް އެކޮޅުން ދޮންތަ ވާހަކަ ދެއްކިއެވެ. ހާސްވެފައިވި އަޑަކުން ދޮންތަ ދައްކަން ފެށި ވާހަކަތަކުން ޝަރަފްގެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ދެފައި މައްޗަށް ކޮޅަށް ތެދުވެވުނެވެ. އެއަށްފަހު ދޮންތަ ރޮވެން ކައިރިވެފައިހުރެ އެކޮޅުން ދެއްކި ވާހަކަ ފުރިހަމަ ވެސް ނުވަނީސް ޝަރަފް ކޮޓަރިން ނިކުންނަން ހިނގައިގަންނަމުން ފޯނު ކަނޑާލިއެވެ.
ޢިމާރާތުން ނިކުމެ ޝަރަފް ކާރެއް ހޯދާ ކަހަލަ ޚިޔާލެއްވެސް ނުކުރިއެވެ. އެ ހިސާބުގައި އޮތް ޕާޓީއެއްގެ ސަބަބުން ކާރޫބާރޫ ބޮޑުވުމުން ވަގުތު ފާއިތުވާއިރުވެސް ކާރެއްގައި އޭނައަށް އޭނަގެ މަންޒިލާއި ހަމައަށް ދެވޭނެހެން ހީނުވުމުންނެވެ. ޢިމާރާތުން ނިކުތްއިރު ވެސް ޝަރަފް ދިޔައީ ހުސެއިނަށް ގުޅަމުންނެވެ. އޭނަ ފޯނު ނަގައިފިނަމަ އޭނައާއި ދިމާލަށް ކިޔާނެ އެތަކެއްޗެއް އޭނަގެ ހިތުތެރޭގައި އުތުރި އަރަމުން ދިޔައެވެ. އެހެނަސް ކޮޓަރިން ނިކުތީއްސުރެ އެހާ ހިސާބަށް އައިއިރު އޭނައަށް ހުސެއިނަށް 10 ފަހަރު ގުޅުނުއިރު ވެސް އޭނަ ފޯނެއް ނުނަގައެވެ. 10 ވަނަ ފަހަރަށް ވެސް ފޯނު ކެނޑިގެން ދިޔުމުން ޝަރަފްގެ ދަތްކުނޑި ވިކުނެވެ. ރުޅި އައި ވަގުތު އޭނަގެ ހިތް ބިރުވެރިކަމުން ވެސް ވަށާލެވިގެން ދިޔައެވެ. މިއަދު އޭނަގެ ހިތާމައިން ފުރިފައިވި ޙަޔާތަށް އަންނަން އުޅޭ އެންމެ އުފަލެއްވެސް އޭނައަށް ގެއްލެން އުޅޭހެން ހީވުމުންނެވެ. އެހެން ހީވި ތަނާހެން ޝަރަފަށް ފައިގައި ހުރި ބާރުމިނަށް ދުއްވައިގަނެވުނެވެ.
**
**
ހުސެއިނަށް ޝަރަފްގެ ކޯލްތައް ލިބެމުން ދިޔައީ އަފާފް ސާޖަރީއަށްޓަކައި ވައްދާލެވެން އުޅުނު ވަގުތު އޭނަގެ ނަފްރަތު އަމާޒުވެފައިވި ނަރުސްކުއްޖާ ދެންވެސް އަފާފްގެ ޑޮކްޓަރާއި ވެސް އޭނަ ބަލިވެ އިނދެދާނެކަމަށްބުނެ ވާހަކަ ދައްކަމުން ދިޔަ ވަގުތެވެ. އެ ނަރުސްކުއްޖާ ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް ހުސެއިން އޭނަގެ އަމިއްލަ ރައްދެއް ދެމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް މޮޅުވާނީ އޭނަގެ ކޮޅުކަން ހުސެއިނަށް ޔަޤީންވެފައިވި ފަދައެވެ. ޝަރަފްގެ ކޯލްތައް ގިނަވުމުން އެ ޒުވާބުގެ ތެރެއިން ވެސް އެ ކޯލްތަކުގެ ފަހަތުގައިވި ސަބަބާއިމެދު އޭނައަށް ވިސްނާލެވުނީ އެހެންވެއެވެ. ޝަރަފް އެ ގުޅަނީ މި ޚަބަރު އޭނައަށް ލިބުމުންކަން ޔަޤީންވި ވަގުތު ހުސެއިންގެ ހިތް ނުތަނަވަސްވިއެވެ. އޭނަ ވަގުތުން ދުރަށް ޖެހިލަމުން އެވަގުތު ގޭގައި ހުރި ޝާދިޔާއަށް ގުޅާލީ އޭނަގެ ޚިޔާލު ހޯދުމަށެވެ.
“ތިވާނީ އޭނައަށް އެނގުނީކަމަށް. އޭނަ ތިތަނަށް އަންނާނެ މިހާރު ރަނގަޅަށްވިއްޔާ. އޭނަ ހޮސްޕިޓަލަށް ވަނަނުދީ ހުއްޓުވާނެ ބަޔަކު ހޯދާ.” ޝާދިޔާ ޖެހިލުންކުޑަ ކަމާއެކީ އެފަދަ ނަޞޭޙަތެއްދިނެވެ. އޭނަގެ ހިތުން ރަޙުމާއި ކުލުނުގެ ހުރިހާ އަސަރެއް ފިލާފައިވި ފަދައެވެ. އެކަމާމެދު ހުސެއިން ޙައިރާންވި މިންވަރުން އޭނައަށް ވާހަކަ ދެކެވުނެވެ.
“ޝާދިޔާއަށް ހިއެއްނުވޭތަ އެއީ މާ ބޮޑުވަރުހެން؟” ހުސެއިނަށް އަހާލެވުނެވެ.
“ބޮޑުވަރޭ؟ ކީކޭ ތި ކިޔަނީ؟ ބޮޑުވަރުވާނީ އަހަރުމެންގެ ދަރިފުޅަށް ދަރިއަކު ލިބިގެން އިންނާނެ މީހަކު ނުލިބިގެން އުޅޭ ދުވަހަކުން!” ޝާދިޔާ ވިސްނުންތެރިކަމާއެކީ އެހެން ބުނެލީ ހުސެއިންގެ ބަލި ފަޔަށް ވިސްނާފައެވެ. އޭނަ އެހެން ބުނުމާއެކު ހުސެއިނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އޭނަ އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލިއެވެ. އެއަށްފަހު ސިކުންތުކޮޅެއް ވަންދެން ފޯނަށް ބަލަހައްޓައިގެން ހުރެފައި އޭނަ ޝާދިޔާ އެ ބުނި ގޮތަށް ކަންތައް ކުރިއެވެ.
މަގުގެ ޕޭވްމެންޓުން ދުވެފައި ދިޔަ ޝަރަފްގެ މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް ރަނގަޅު ވަގުތަށް އަފާފްގެ ކައިރިއަށް ނުދެވިދާނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވަމުން ދިޔަދިޔަހެން އޭނަގެ ހަށިގަނޑަށް ވަރުބަލިކަމެއް އިޙްޞާޞްވެ އޭނަގެ ލޮލުން ދިލަ ނަގަން ފެށިއެވެ. އޭނަގެ ދަރިފުޅު އޭނައަށް ސަލާމަތް ނުކުރެވޭނެކަމަށް ހިތް ބުނަން ފެށި ވަގުތު އޭނަގެ ހިތަށް އުނދަގޫވިއެވެ. އެ ދަރިފުޅާ އޭނަ އެއްފަހަރުވެސް ބައްދަލުނުވެ އޭނައާއި ވަކިވެދާނެކަމަށް ހިތް ބުނި ވަގުތު އޭނަގެ ލޯ ކަރުނުން ފުސްވިއެވެ. އެ ކަރުނަތަކެއްގެ ސަބަބުން އޭރު އޭނަ 2 ގޯޅިއެއްހާ ދުރުން ފެންނަމުން ދިޔަ ހޮސްޕިޓަލް ވެސް އޭނައަށް ފެންނަމުން ދިޔައީ ފުސްކޮށެވެ. މާގިނައިރެއްނުވެ އޭނަގެ ފައިން ވާގި ދޫވާން އުޅުނުހެން ހީވި ވަގުތު ޝަރަފަށް ސިހުމެއް ލިބިގެން ދިޔައީ ދުރުން އެއްލާލެވުނު ބިއްލޫރި ފުޅިއެއް އޭނަގެ ބޮލުގެ ފުއްކިބައިގައި ޖެހި، ތަޅައިގެން ދިޔުމުންނެވެ.
**
ހުސެއިންގެ އެތައް ޒުވާބުތަކާއި، ޝާދިޔާ ފަހުން އައިސްގެން ސިއްރުސިއްރުން ޑޮކްޓަރަށް ދިއްކޮލި ލާރިކޮޅެއްގެ ސަބަބުން ތިއޭޓަރަށް ވެއްދި، ސާޖަރީއަށްޓަކައި ތައްޔާރު ކުރެވިފައި އޮތް އަފާފަށް އެ އެނދުމަތީގައި އޮވެ ދެލޯ ހުޅުވާލެވުނީ ކުއްލިއަކަށެވެ. ކޮންމެވެސް ބޮޑު ނުބައެއް ވެއްޖެހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ހިތަށް އެވަގުތު ވެރިވެފައިވީ ޝަރަފްގެ ނަމެވެ. އޭނަ ޝަރަފްވީ ތަނެއް އެވަގުތު އިންތިހާއަށް އެނގެން ބޭނުންވިއެވެ. އެހެނަސް ތިއޭޓަރުގެ ތެރެއިން އިވެމުން ދިޔަ އެކި އާލާތްތަކެއްގެ އަޑުތަކާއި ފިޔަވަޅުތަކެއްގެ އަޑު އިވިފައި މިތަނުން ދެން އޭނައަށް ބޭރުވެވޭނެ އެއްވެސް ގޮތެއްނެތްކަން އޭނައަށް ޔަޤީންވިއެވެ. އެހެންކަމުން ހިތާހިތުން އޭނައަށް ޝަރަފަށްޓަކައި ދުޢާކުރެވުނެވެ. އަދި ހަމަ އެހިނދު އޭނަ ބަލިވެ އިންނަމަ އޭނަގެ ދަރިފުޅުވެސް ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާކުރެވުނެވެ. އެ ދުޢާކުރެވުނު އިރު އެންމެ މޮޅު ރައްކާތެރިއަކީ ﷲ ކަން ހަނދާންވުމުން އަފާފްގެ ހިތަށް އަނެއްކާވެސް ހަމަޖެހުމެއް ވެރިވާން ފެށިއެވެ. އޭގެ މާގިނައިރެއް ނުވެ އޭނަގެ އަނގަމަތީގައި މާސްކެއް އެޅުނުތަނާހެން ލަސްލަހުން އޭނަގެ ދެލޯ މެރި، އޭނަގެ ހޭ ނެތުނެވެ.
**
ފުޅި ގޮސް ޖެހުމާއެކު ޝަރަފްގެ ހެއަށް ގޮތެއްވިއެވެ. އެހެނަސް އޭނަ ގަދަކަމުން ދެލޯ މަރައި ތަގުޅި ކޮށް ބޮލުގައި ހިފަހައްޓާލަމުން ބޯހޫރުވާލިއެވެ. އެއަށްފަހު އޭނަ ފަހަތް ބަލަން އުޅުނުތަނާހެން އަނެއްކާވެސް އެތާހުރި އޭނަ ނުދަންނަ މީހެއްގެ އެތިފަހަރެއް އޭނަގެ ގަޔަށް އެރިއެވެ. އޭނައާއި އެއްވަރަކަށް ހަށިގަނޑު ހުރި އެ ފިރިހެން މީހާއާއެކީ 6 ވަރަކަށް މީހުން އެތާނގައި ތިބިތަން ފެނިފައި ޖެހިލުންވިއެއްކަމަކު ޝަރަފް ފަހަތަކަށް ނުޖެހުނެވެ. އޭނަގެ ގައިގައި ދެން ޖަހަން އައި މީހާގެ އަތް ޝަރަފް ފަރިތަކަމާއެކީ ހުއްޓުވިއެވެ. އެހެނަސް މާގިނައިރެއްނުވެ އެހެން މީހަކު އައިސް އޭނަގެ ބުރަކަށީގައި ވަޅި އެޅިއެވެ. އެކަހަލަ ކަމަކަށް އުއްމީދުކޮށްގެން ނެތް ޝަރަފަށް ވީ ތަދާއެކީ ހުރި ގޮތަށް ހުރެވުނެވެ. އެހެނަސް އޭނަ ދެންވެސް އޭނަގެ ދިފާޢުގައި އަތް އުފުލޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެމީހުން ޚުށިޔާރުކަމާއެކީ ޝަރަފް އުއްމީދު ނުކުރާ އެކި ގޮތްގޮތަށް އޭނައަށް އަނިޔާ ކުރަން ފެށުމުން ޝަރަފް ވަރުބަލިވާން ފެށިއެވެ. އެންމެފަހުން އެމީހުންގެ ތެރެއިން އެކަކަށްފަހު އަނެކަކު ޝަރަފްގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލަން ފެށުމުން ވެސް ޝަރަފަށް އެއްކަމެއްވެސް ނުކުރެވޭވަރުވިއެވެ. މާ ގިނައިރެއްނުވެ ޝަރަފްގެ ކަޅި މައްޗަށް އަރައިގެން ގޮސް ދެލޯ މެރި އޭނަ ބަންޑުން ގޮސް ބިންމަތީގައި ޖެހުނެވެ. އެވަގުތު އޭނަގެ ދެލޯ މެރިފައިވިޔަސް އޭނަގެ ހޭ ހުއްޓެވެ. އެހެންކަމުން އޭނައަށް ވަށައިގެންވި އަޑުތައް އިވެމުން ދިޔައެވެ. އޭނަ ވެއްޓުނުތަނާހެން އޭނައަށް ކުރިން އިވިފައިވި ހުނުމެއްގެ އަޑު އިވެން ފެށުމުން ޝަރަފަށް އޭނަގެ ދެލޯ ހަނިގޮތަކަށް ހުޅުވާލެވުނެވެ. އެއީ ކާކުގެ ހުނުމެއްކަން އެނގުނު ވަގުތު ޝަރަފަށް ހީވީ އޭނައަށް އޮވެވުނީ އޭނަގެ މާޒީގައި ހިނގި މަންޒަރެއްގެ ތެރޭގައި ހެންނެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އެ ހުނުމަކީ ވިޔާމް ނޫން ދެވަނަ މީހެއްގެ ހުނުމެއް ނޫނެވެ.
“ހެހެ…..ހަނދާންތައް އާ ކޮށްލުމަކީ ހާދަ ސަޅިކަމެކޭ ދޯ ޝަރަފް؟ ޓު ބީ އޮނެސްޓް އަހަރެން ހިއެއްނުކުރަން އަހަންނަށް މިފަހަރު ޝަރަފްގެ މައްޗަށް ބާރު ހޯދޭނެ ކަމަށް. އެކަމަކު ބަލިކަށިމީހުން ވާނީ ބަލިކަށި މީހުންނަށްތާ ދޯ؟ ކިތަންމެ ވަރުގަދަ ހަށިގަނޑެއް ހުއްޓަސް؟ އަދި ކީކޭ ބުނީ؟ މަށަށްވުރެ ކަލެއަށް މުއްސަނދި ވެވޭނެއޭތަ؟ ކަލެއަށް ފައިސާ ނުލިބޭތީ ކަލެއާ ކަލޭގެ އަންހެނުންވެސް ޙަޤީޤަތުގަ އެ ވަކިވީ. ކާކު އެމީހެއްގެ އަންހެން ދަރި ފަޤީރު މީހަކާ ދެވައިގެން އުޅެން ބޭނުންވާނީ؟” ވިޔާމް ގޮސް އޭނަ އެންމެ ކުރީގައިވެސް ހެދިފަދައިން ގޮސް ޝަރަފްގެ ބުރިކަށި މަތީގައި އޭނަ އެއްފައި އެޅިއެވެ. ޒަޚަމްގެ މަތީގައި އެ ބަރު ފިޔަވަޅު އެޅުމުން ވީ ތަދާއެކީ ޝަރަފަށް ބޯ ވަތަށް ޖަހާލެވުނެވެ. އެހެނަސް އޭނަގެ ހިތަށް ވެރިވެފައިވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“ތިބުނާ ރިސޯޓެއްވެސް ނޭޅޭނެ. ބަލާތި! އެޅޭނީ މީހަކު ދުނިޔޭގަ ހުރެގެނެއްނު؟” ވިޔާމް އެހެން ބުނެ ޝަރަފާއި ދުރުވެލަމުން އެތާ ބިންމަތީގައި ތެޅިފައި އޮތް ފުޅީގެ ބައެއް ނެގިއެވެ. އެއަށްފަހު އަތުގައި ހުރި ބާރަކާއެކީ އޭތި ޝަރަފްގެ ބޮލާއި ދިމާލަށް އަމާޒުކުރިއެވެ. އެހެނަސް އެ އަމާޒު ފުރިހަމަ ނުވަނީސް ބާރުގަދަ އަތަކުން އޭނަގެ އެ އަތުގެ ކުޑަ ހުޅުގައި ހިފަހައްޓާލެވުނެވެ. ވީ ނުރުހުމުގައި ވިޔާމް ނުބައި އެއްޗެކޭ ކިޔާލަމުން ފަސްއެނބުރި ބަލާލުމާއެކު މުޅި އެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ މޫނުމަތިން މުޅިންހެން ފެންނަން ފެށީ ނުތަނަވަސްކަމެވެ. އިސާހިތަކު އޭނަގެ އަތުގައި އޮތް ފުޅީގެ ބައި އޭނަގެ އަތުން ދޫވެ ބިންމަތީގައި ޖެހި، ތަޅައިގެން ދިޔައެވެ. އެ އަޑަށް ޝަރަފަށް އޭނަގެ މޫނު އެއްފަރާތަކަށް އަނބުރާލެވުނީ މަންޒަރު ފެނޭތޯއެވެ. އެހެނަސް ވިޔާމްގެ އަތުގައި ހިފަހައްޓައިގެން ހުރި ބިޔަ ހަށިގަނޑެއްގެ ވެރިޔާ އޭނައަށް ފެންނަމުން ދިޔައީ ފުސްކޮށެވެ. އޭނަ ބަލަބަލާ ހުއްޓާ އެ މީހަކު ވިޔާމްގެ އަތް ގަދަކަމުން ވައްޓާލަމުން ދޫކޮށްލިއެވެ. ވިޔާމް ދެންވެސް އެ ހުރިގޮތަށް ހުރީއެވެ. ޝަރަފް އިތުރަށް ސާފުކޮށް ބަލަން ލޮލަށް ބާރުލީހެން އޭނަގެ ބޮލުގައި ރިއްސަން ފެށިއެވެ. އެ ރިހުމުގައި އޭނަ ހޭނެތެން އުޅުނު ވަގުތު އެ ބިޔަ ހަށިގަނޑުގެ ވެރިޔާ ޝަރަފްގެ އެއްއަތް އޭނަގެ ކޮނޑަށް އެރުވިކަން ޝަރަފަށް އެނގުންވިއެވެ. އެއަށްފަހު ދެންވީނުވީއެއް ނޭނގުނެވެ.
**
ދުޅަ ގަޑިއިރުގެ ސާޖަރީއަކަށްފަހު އަފާފް ތިއޭޓަރުން ނެރުނުއިރު ޝާދިޔާއާއި ހުސެއިން ތިއޭޓަރުގެ ކައިރީގައި ހުރި ބެންޗުގައި ތިއްބެވެ. ޑޮކްޓަރު ނިކުތުމާއެކު އެމީހުން އަފާފާއި ބެހޭގޮތުން ސުވާލުކުރިއެވެ.
“ހީވަނީ ރަނގަޅުވާނެހެން. އެކަމަކު އަޅުގަނޑަށް ދެއްކި ރިޕޯޓަކީ ގޯސް އެއްޗަކަށް ވާނަމަ ފަހަރެއްގަ އަނެއްކާވެސް ދޭތެރެ ދޭތެރެއިން އަނދިރިވާގޮތް ވެދާނެ.” ޑޮކްޓަރު ޚަބަރު ދިނެވެ. އެ ޚަބަރާއިމެދު ހިސާބަކަށް ހިތް ހަމަ ނުޖެހިފައިތިބެ އާދައިގެ މަތިން ހުސެއިނާއި ޝާދިޔާ އަފާފަށްޓަކައި އެންމެ އަގުބޮޑު ޕްރައިވޭޓް ރޫމެއް ހޯދައި އެ ރޫމަށް ވެއްދިއެވެ. އަފާފް ހޭއެރުމުގެ އިންތިޒާރުގައި އެ ދެމަފިރިން ތިބީ އެ ރޫމުގައި ހުރި ސޯފާއެއްގައެވެ. ހިމޭންކަމާއެކީ ތިބޭތާ އިރުކޮޅެއް ވީފަހުން ޝާދިޔާ ވާހަކަ ދެއްކިއެވެ.
“އަސްލު އޭނަގެ ލޮލުގެ ފެނުން ވެސް އަނބުރާ ނައިއްޔާ ރަނގަޅީ މި ވަގުތަށް. އެހެންނޫނީ އަފާފަށް މިހުރިހާ ޙަޤީޤަތެއް އެނގުން ވަރަށް ގާތް.” ޝާދިޔާއަށް ބުނެލެވުނެވެ. އެ ވާހަކައާމެދު އަންތަރީސްވީވަރުން ހުސެއިނަށް ރުޅިވެރިކަމާއެކީ ޝާދިޔާއޭ ކިޔައި ގޮވާލެވުނެވެ. ބަދަލުގައި ޝާދިޔާ ވެސް ރުޅި އިސްކުރިއެވެ.
“މަށަށް ރުޅި އަންނާނެ ކަމެއް. މިއަދު ހުސެއިން ވެސް ތިހިރީ މަ ދައްކާ ގިނަ ވާހަކަތަކާ ޤަބޫލުވެގެން. މަ ކޮންމެ ވާހަކައެއްވެސް ދައްކަނީ އަފާފަށް ވިސްނާފައޭ! އޭނައަށް ދެވަނަ ދިރިއުޅުމެއް ފެށިގެން އޭނަގެ ފެނުން އަނބުރާ އައިއްޔާ އޭނަ ކުރީގެ ދިރިއުޅުމުގެ މަތިން ހަނދާން ނައްތާލަން ފަސޭހަވާނެއެއްނޫންތަ؟” ޝާދިޔާ ބުންޏެވެ. ހުސެއިނަށް އެ ވާހަކައަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެންކަމުން އޭނަ ފުން ނޭވައެއް ދޫކޮށްލަމުން މޫނު އަނބުރާލިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ހުރި އެނދުގައި އޮތް އަފާފް ލޯމަތީގައި އެޅިފައިވި ބެންޑޭޖާއެކީ ދެފަރާތަށް ދެފަރާތަށް މޫނު އަނބުރަން ފެށިއެވެ. އެއާއެކު ހުސެއިން ވަގުތުން ޑޮކްޓަރަކަށް ގޮވަން ދިޔައިރު ޝާދިޔާ އަފާފްގެ ކައިރިއަށް އައެވެ. މިނެޓްތަކެއްގެ ތެރޭގައި ޑޮކްޓަރަކާއި ނަރުހަކު އައިސް އަފާފްގެ ކައިރީގައި މަޑުކޮށްލަމުން އަފާފް ތެދުކުރުވިއެވެ. އެ ހިނދު އަފާފްގެ ހަނދާނަށް އަންނަމުން ދިޔައީ އޭގެ އަހަރެއްހާ ކުރީގެ ހަނދާނެވެ. ހަމަ މިފަދަ ގޮތަކަށް އޭނަގެ ލޮލުގައި ބެންޑޭޖް އެޅިފައިވި ގޮތެވެ. އެދުވަހު އެ ހިތަށް ވެރިވެފައިވި ނުތަނަވަސްކަމެވެ. އެދުވަހު ޑޮކްޓަރު ކުރި ސުވާލު އެވަގުތު އެތާނގައި ހުރި ޑޮކްޓަރު ވެސް ކުރިއެވެ. މީގެ އަހަރެއްހާ ކުރިއާއި ޚިލާފަށް އަފާފް ތަދުނުވާ ވާހަކަ ބުނެލީ ސާބިތުކަމާއެކީގައެވެ. އެވަގުތު ޝާދިޔާ ރޯ ކަމަށް ހެދެމުން ދިޔައެވެ.
“ލޮލުގެ ފެނުން އަނބުރާ އައިސްގެން އަފާފަށް ފެންނަން ހުރީ އެހާ އުފާވެރި ޙަޔާތެއްނޫން. މިއަދު ނުފެނުނަސް އިން ޝާ ﷲ އަފާފަށް އުފާވެރި ޙަޔާތެއް ލިބޭ ދުވަހަކުން ލޮލުގެ ފެނުން އަނބުރާ ލިބޭނެ. ދަރިފުޅު ދެރަނުވައްޗޭ!” ޝާދިޔާ ރޮވިފައިވި އަޑަކުން ބުންޏެވެ. އެވަގުތު ހުސެއިން ވެސް އެތާނގެ ކައިރިއަށް އައިސް މަޑުކޮށްލިއެވެ. އެ ދެމީހުންނަށް ވެސް ނޭނގުނު ކަމަކީ އަފާފް އެއްގޮތަކަށް ވެސް ދެރަނުވާކަމެވެ. އޭނަގެ ހިތުގައި ދުވަހަކުވެސް ނުވާފަދަ އުއްމީދެއް ވާކަމެވެ. އެ އުއްމީދު ފުރިހަމަވުމުން އޭނަ ޙަޤީޤަތް ހޯދައި ބަލަން ކެތްމަދުވެފައިވި މިންވަރެވެ. އަފާފްގެ އެ ކެތްތެރިކަން ކޮޅުންލާން އުޅުނު ވަގުތު ޑޮކްޓަރު އޭނަގެ ލޯމަތީގައި ހުރި ބެންޑޭޖް ނަގަން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ ބެންޑޭޖް އަފާފްގެ ލޯމަތިން ނެގުނެވެ. އަފާފް ލަސްލަހުން އޭނަގެ ލޯ ހުޅުވައި ބަލާލިއެވެ. އެއާއެކު އޭނަގެ އަނގައިން ނިކުތް ކުރު ނޭވައެއްގެ އަޑު އިވުނެވެ.
ނުނިމޭ